Hiyaa (Part 53)
“ކަލޭ ތިހިރީ އަދި އަހަންނަށް ރިޕޯޓްކުރެވިދާނެ މާ ބޮޑު ކަމެއްކޮށްފަ. މައުސޫމް އަންހެނަކާއި އޭނަގެ ދަރިފުޅު މަރާލުމުގަ ބަޔަކު މީހުންނަށް އެހީވެފަ…..ކަލެއަށް މިކަމުން ރެކިދާނެކަމަށް ހީނުކުރާތި!” ޖިނާހު ހަރު އަޑުން ބުންޏެވެ. އެއާއެކު ޒިހާނާއެކީ ޔުނާގެ ފިޔަވަޅުތައް ވެސް މަޑުޖެހުނެވެ. އެވަގުތަކީ ޖިނާހު މޫނު އަނބުރައިލަމުން އަނެއްކާވެސް ލިފްޓަށް އަރަން ބަޓަނަކަށް ފިތާލި ވަގުތެވެ. ހަމަ އެހިނދު ޒިހާން ބުނެލި ވާހަކައިން ޖިނާހު ހުއްޓުން އަރާ ގޮތްވިއެވެ.
“އަހަންނަށް ހީވަނީ ލޫލޫ މިކޮޅަށް ނުގެނެވުނީ ހަމަ ރަނގަޅަށްހެން. ލޫލޫގެ ބޭބެ އުޅޭގޮތް ފެނިފަ ލޫލޫވެސް ދެރަވުން ނޫންކަމެއް ނުވާނެވިއްޔާ…” ޒިހާން ޖިނާހަށް އިވޭވަރަށް ބުނެލި ވާހަކައިން ޖިނާހަށް އެމީހުންނާއި ދިމާލަށް ބަލައިލެވުނީ ކުއްލި ގޮތަކަށެވެ.
“ލޫލޫ….” ޖިނާހަށް އެ ނަން ކިޔައިލެވުނީ ވައި އަޑުންނެވެ. ފަނޑު ގޮތަކަށް ނަމަވެސް އެ އަޑު އިވުނު ޒިހާނާއި ޔުނާ ފަސްއެނބުރި ޖިނާހަށް ބަލައިލިއެވެ. ޖިނާހު ދެންވެސް ހުއްޓުން އަރައިގެން ހުރެފައި ވާހަކަ ދެއްކިއެވެ.
“ލް….ލޫލޫ ދުނިޔޭގަ އެބަހުރިތަ؟ ލޫލޫ ހުރިތަނެއް އެނގޭތަ؟” ޖިނާހު އެ ސުވާލުތައް ކޮށްލިއިރު އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ.
“ލޫލޫ ހުރީ މުލަކުގަ. އެދުވަހުއްސުރެ ލޫލޫ އުޅެމުންދަނީ އަހަރުމެންނާއެކީ….” ޒިހާން މަޑުމައިތިރި އަޑަކުން ކިޔައިދިނެވެ. ލޫލޫއާއި ޖިނާހުގެ ގުޅުން އެނގުނީއްސުރެ ޒިހާން ހުރީ ޖިނާހާއި ބައްދަލުކޮށް މި ޙަޤީޤަތް ޖިނާހަށް ހާމަކޮށްދޭށެވެ. އެކަން ކުރުމުގެ ފުރުޞަތެއް މި ލިބުނީ އަދި ކިރިޔާއެވެ.
ޒިހާން އެ ވާހަކަ ބުނުމުން ވެސް ޖިނާހު ޝޮކެއްގައި ހުރެފައި ކުއްލިއަކަށް ރުޅި އިސްކުރިއެވެ.
“ކަލޭ އުޅުނީ މަގޭ ކޮއްކޮ ރަހީނު ކޮށްގެންދޯ މި ހުރިހާ ދުވަހު؟! ކޮބާ އަހަރެންގެ މަންމަ؟ އެ ދެމީހުން މަރުވީއޭ ކިޔާފަ ޚަބަރު ފަތުރަން ކަލެއަށް ކެރުނީވެސް ކިހިނެއް؟ މަ ކަލޭ…..” ޖިނާހު ދިގު ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް ރުޅިވެރިކަމާއެކީ ޒިހާންގެ ގިރުވޯނުގައި ހިފަމުން ހުތުރު ބަސްތައް ކިޔަން ފެށިއެވެ. އެ މަންޒަރު ފެނުނު ޔުނާއަށް ޒިހާންގެ އަތަށް ބާރުކޮށްލެވުމުން ޒިހާން ލަސްލަހުން ޔުނާ އޭނަގެ ފަހަތަށް ލިއެވެ. އެއަށްފަހު ވެސް ޖިނާހާއި ވާހަކަ ދެއްކީ ހިމޭންކަމާއި އެކީގައެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން މިހެން ބުނަން ޖެހޭތީ އެކަމަކު ޖިނާހުގެ މަންމަ ވަނީ އެރޭ ހިނގި ހާދިސާއެއްގެ ތެރެއިން ނިޔާވެފަ. ލިއަމް ނަމަކަށް ކިޔާ ޒުވާނަކު ޖިނާހުގެ މަންމަ ގެންގޮސް ކަނޑަށް ވައްޓާލީ. އޭނަ ބުނި ގޮތުގަ އޭނަ އެކަން ކުރީ……ޖިނާހުގެ ބައްޕަގެ އެދުމަށް…..” ޒިހާން ކިޔައިދިނެވެ. ޒިހާންގެ މުޅި އެ ވާހަކައިގެން ތެރެއިން ވެސް ޖިނާހު ޒިހާންގެ ގިރުވޯނުގައި ބާރަށް ހިފަހައްޓައިގެން ހުއްޓެއްކަމަކު ޒިހާންގެ އެ ފަހު ބަސްތަކާއެކީ، ޖިނާހުގެ އަތަށް ދޫވެގެން ދިޔައެވެ. ބައްޕަގެ ސޫރަށް ލޮލަށް ސިފަވެގެން ދިޔަދިޔަހެން އެ މޫނުމަތިން ރުޅިވެރިކަން އޮއްސިގެން ދިޔައެވެ.
“އެރޭ އަހަރުމެންނަށް އެ ބޯޓާއި ހަމައަށް ދެވުނީ ޖިނާހުގެ މަންމަ ކަނޑަށް ވައްޓާލެވުނު ފަހުން. ސިފައިން އެރޭ އެ ބޯޓު ކައިރިއަށް ދިޔައީ އެހެން ބަޔަކު ވަށާލަން. އެމީހުން އަހަރުމެންގެ ބާރުގެ ދަށަށް އައިމަ އަހަރުމެންގެ ތެރެއިން ބަޔަކު އެ ބޯޓަށް އެރީ އެންމެން ސަލާމަތުން ތިބިތޯ ބަލަން. އަހަރެން އެންމެ ކުރީގަ ހުރެގެން ގޮސް ބޯޓަށް އެރިތަނާހެން ލޫލޫ އަހަރެން ކައިރިއަށް ރޮމުން އައީ މަންމަގެ ވާހަކަ ކިޔައިދޭން. އެ ޚަބަރު ލިބުނު އިރަށް އަހަރުމެން ކަނޑަށް ފީނައިގެން އެ މަންމަ ހޯދިން. އެކަމަކު އެ ހަށިގަނޑު ފެނުނުއިރު ވެސް ލޫލޫގެ މަންމަ ވަނީ ނިޔާވެފަ….” ޒިހާން ކިޔައިދިނެވެ. އެހިނދު މުޅިންހެން އަތްތިރި ކޮށްލި ޖިނާހު ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. މި ހުރިހާ ދުވަހު އޭނަ ޒިހާނަށް ނަފްރަތު ކުރީ އެ ބޯޓު މަތީގައި ޒިހާން ލޫލޫގެ ކައިރީގައި ހުރި ފޮޓޯއެއް ބައްޕަ އޭނައަށް ދައްކާފައިވާތީވެއެވެ. އަދި ލޫލޫގެ މަރުގެ ފަހަތުގައި ވަނީ އެ ސިފައިންގެ މީހާ ކަމަށް ބުނެފައިވާތީވެއެވެ. އެހެނަސް ޙަޤީޤަތް މުޅިން ތަފާތުކަން އެ ވަގުތު އޭނައަށް އެނގުންވިއެވެ.
“ލޫލޫގެ ވާހަކައާއި އެ މަންމަގެ ވާހަކަ ވެސް ވަގުތުން ޢާއިލާއަށް އަންގަން އަހަރުމެން އުޅުނިން. އެކަމަކު މަތީ ފަރާތަކުން އަހަރުމެންނަށް އެންގީ އެ ވާހަކަ ސިއްރުކުރަން….ޔަޒްދާންބެ ބުނި އަހަރެން ކައިރިވެސް އެރޭ ލޫލޫގެ ތިމާގެ މީހަކާ ދިމާވި ވާހަކަ. އެކަމަކު އެ އެންގުމުގެ ސަބަބުން ޔަޒްދާންބެއަށް ވެސް ޖިނާހު ކައިރި އެ ވާހަކަ ނުބުނެވުނީ. ޖިނާހު ގުޅީމަ ފޯނުވެސް ނުނެގުނީ. އެކަމާހެދި ދެރަވީ ވަރުން ޔަޒްދާންބެ ވަރަށް މަސައްކަތުން އެ އެންގުމުގެ ފަހަތުގައިވި ސަބަބު ހޯދި. އެ ހޯދި ހޯދުމުން އެނގުނީ ލަބީބް ބޭނުމެއް ނުވާކަން ލޫލޫއާއި ލޫލޫގެ މަންމައަށް ވީ ގޮތް ދުނިޔެއަށް އަންގަން. އެދެމީހުން އަމިއްލައަށް މަރުވާން އުޅުނު ވާހަކަ ޚަބަރުތަކުގައި ލިޔެވިގެން ދިޔައީ ވެސް ލަބީބްގެ ނުފޫޒުން. އެހާ ހިސާބުން ވެސް ޔަޒްދާންބެ ދުލެއްނުކުރި. ޔަޒްދާންބެ އަމިއްލައަށް ލޫލޫ ގޮވައިގެން ލަބީބްގެ ގެއަށް ދިޔަ. ޔަޒްދާންބެ ވަރަށް އުފަލުން ބުނަން ވެސް ބުނި ލޫލޫ އެކަނި އެގެއަށް ވައްދާލެވުނު ވާހަކަ. ލޫލޫވެސް ހުރީ ލޫލޫގެ ބޭބެއާއި ދިމާވާނެތީ ވަރަށް އުފަލުން. އެކަމަކު އެދުވަހުގެ ރޭ އަހަންނަށް ލޫލޫ ފެނުނީ މަގުމަތިން ރޮމުން ހިނގާފަ ދިޔަ މަންޒަރު. ލޫލޫ ބުނީ ބޭބެ ވަރަށް ގޯހޭ. ތިމަންނައާއި މަންމައާމެދު އަޅާނުލާ ޗުއްޓީއަށް ބޭރަށް ފުރައިގެން ގޮއްސިއޭ. ބައްޕަވެސް ތިމަންނަ ގެއިން ނެރެލައިފިއޭ…..އެހާ ހިސާބުން އަހަރެން ލޫލޫ ގެންދިޔައީ އަހަރެންގެ ގެއަށް…..” ޒިހާން ތަފްޞީލުކޮށް ކިޔައި ދިންދިންހެން އެ ހުރިހާ މަންޒަރެއް ލޮލަށް ސިފަވިހެން ޖިނާހަށް ހީވިއެވެ. އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެވުނުއިރު އެތައް ހާސް ޖަޒުބާތެއް އެއްފަހަރާ އޭނަގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. އެންމެ ބޮޑަށް ވިސްނެމުން ދިޔައީ މި ހުރިހާ ދުވަހު އޭނަ ޔަޒްދާނަށް ކުރި ނަފްރަތެވެ. އެ ނަފްރަތު ޔުނާއަށް ވެސް އަމާޒު ކުރެވުނު ގޮތެވެ. ޒިހާން ފަދައިން ޔަޒްދާން ވެސް ވެގެން މި ދިޔައީ އޭނަގެ ދުޝްމިނެއްގެ ބަދަލުގައި އޭނަގެ ޢާއިލާ ރައްކާތެރި ކުރަން މަސައްކަތް ކުރި ފަރާތަކަށްތާއޭ ހިތަށްއެރިއެވެ.
ޖިނާހު ދެންވެސް ބުނާނެ އެއްޗެއް ނޭނގިފައި ވަނިކޮށް ޒިހާން އިތުރަށް ވާހަކަ ދެއްކިއެވެ.
“ރަހީނުކޮށްގެނެއް ނޫން އުޅުނީ….އަމިއްލަ ކޮއްކޮއެއްގެ ގޮތުގަ ލޯތްބާއެކީ ބަލަމުން ދިޔައީ. މިހާ ދުވަސްވީއިރު ނޭނގޭ ލޫލޫގެ ބޭބެއަކީ ކާކުކަމެއް. ވަރަށް ފަހުން އެނގުނީ އެއީ ޖިނާހުކަން. ކުރިން ހީވެފަ އޮތް ގޮތާއި ޚިލާފަށް ޖިނާހު ލޫލޫއަށް ހެޔޮ އެދިފާނެހެން ހީވީމަ ލޫލޫ މިކޮޅަށް ގެންނަން އުޅުނިން. އެކަމަކު ލޫލޫ ބޭނުމެއް ނުވި ލޫލޫގެ ބޭބެއާ ކުރިމަތިލާކަށް. ލޫލޫއަށް އަދިވެސް ހީވާ ކަހަލަ ލޫލޫގެ ބޭބެ ވެސް އެ ބައްޕަ ގޮތަށް…..”
“ބައްޕަ ގޮތަށް ނޫނޭ ބޭބެ! ބޭބެ ވަރަށް ހަނދާންވޭ ލޫލޫ މަތިން……އެ ނުލަފާ ފިރިހެނާ އަހަރުމެން ދުރުކުރުވީ! އަހަރުމެންގެ މެދުގަ ނަފްރަތު އުފެއްދީ!!!” ޖިނާހުގެ އަޑު ހަރުވެގެން ދިޔަ ވަގުތު އެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެ އެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނައަށް ވާހަކަ ދެކެވުނީ ޚުދު ލޫލޫއާއި މުޚާތަބު ކުރާ ފަދައަކުންނެވެ. އެ ކޮއްކޮއާއި ބައްދަލުކޮށް ކޮއްކޮއާއި ވާހަކަ ދައްކަން ކެތްމަދުވެފައިވި ހިތެއްގެ ސަބަބުންނެވެ.
ޒިހާނާއި ޔުނާ އިތުރު އެއްޗެކޭ ނުބުނެ ބަލަބަލާ ތިއްބާ ޖިނާހުގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޖިނާހަށް ގިސްލެވެން ފެށުމުން އެ ދެމީހުންނަށް ވެސް ޖިނާހަށްޓަކައި ޙަމްދަރުދީ ވެވުނެވެ. އަމިއްލަ ބައްޕަގެ އޮޅުވާލުމެއްގެ ސަބަބުން އަމިއްލަ މަންމައާއި ކޮއްކޮއާއި ވަކިވެފައިވުމުން ޖިނާހަށް އިޙްސާސް ކުރެވޭނެ ހިތްދަތިކަން ތަސައްވުރުކުރާ ޙާލުގައެވެ.
ޖިނާހު އޭނަގެ ކަރުނަތައް ފޮހެމުން ހަމައަކަށް އެޅެން މަސައްކަތް ކުރިއެއްކަމަކު އެކަންވީ ދަތިކަމަކަށެވެ. މަންޒަރު ބަލަން ހުރެފައި ޒިހާން ޖިނާހުގެ އެއްކޮނޑުގައި އަތް އެޅިއެވެ.
“ޖިނާހަށް އަހަރެން ފޮނުވާނަން ލޫލޫއާއި ގުޅޭނެ ނަންބަރެއް. ގުޅާލައިގެން ވާހަކަ ދައްކާލައްޗޭ. އަހަންނަށް ޔަޤީން ލޫލޫއަށް ޖިނާހުގެ ލޯބި އިޙްސާސް ކުރެވޭނެކަން…އޮޅުމެއްގެ ތެރެއިން ރުޅި އަޔަސް އަހަންނަށް ޔަޤީން ލޫލޫވެސް ބޭބެ މަތިން ހަނދާން ހުންނާނެކަން…..އިން ޝާ ﷲ!” ޒިހާން ބުންޏެވެ. އެއަށްފަހު ޖިނާހުގެ ކޮނޑުގައި ހިފައިލަމުން ދޫކޮށްލިއެވެ. އަދި ޔުނާގާތު ހިނގާށޭ ބުނަމުން ޔުނާއާއެކީ އެމީހުންގެ ކޮޓަރިއާއި ދިމާލަށް ދާން ފެށީ ޕާޓީއަށް ދިޔުމުގެ ކުރިން ޒިހާން ކުރަން ބޭނުންވި ކަމެއް އޮތުމުންނެވެ. އެހެނަސް އެ ދެމީހުންނަށް ކޮޓަރިއާއި ހަމައަށް ނުދެވެނީސް ޖިނާހުގެ އަޑު އިވުނެވެ.
“ތެންކިއު…..” އެ ދެމީހުންނަށް އިވޭނެ ވަރަށް ޖިނާހު ބުނެލީ އެހެންނެވެ. އެއާއެކު ޒިހާނާއި ޔުނާއަށް އެކީގައި ފަސްއެނބުރި ބަލައިލެވުނެވެ. އެހިނދު ޖިނާހު އެމީހުންނަށް ބަލަން ނުކުޅެދިފައި އިސްޖަހައިގެން ހުއްޓެވެ.
“އަހަރެންގެ ޢާއިލާ ރައްކާތެރިކޮށްދިނުމަށް ކުރި ހުރިހާ މަސައްކަތަށްޓަކައި ޝުކުރު އަދާކުރަން. ޔުނާއަށް ވެސް މި ޝުކުރު އަދާކުރަނީ ޔުނާގެ ދޮންބެއަށް އަދާކުރާ ޝުކުރެއްގެ ގޮތުގަ….” ޖިނާހު ބުންޏެވެ. އެހިނދު ޔުނާއާއި ޒިހާނަށް އެކަކު އަނެކަކަށް ބަލައިލަމުން ޖިނާހަށް ބަލައިލެވުނެވެ.
“ހަމަ މިއާއިއެކު މަޢާފަށް ވެސް…..މި ހުރިހާ ދުވަހު ތި ދެމީހުންނަށް އަހަރެން ނަފްރަތު އަމާޒުކުރީ ހަމައެކަނި އެ ސަބަބާ ހުރެއޭ ބުންޏަސް ދޮގަކަށް ނުވާނެ. އެއީ އަހަންނަށް ޙަޤީޤަތް ނޭނގުނީތީ. ވަރަށް ބޮޑަށް މަޢާފަށް އެދެން….” ޖިނާހު އިސްއުފުލައިލަމުން ބުންޏެވެ. އެ ވާހަކަ އިވުނު ޔުނާއަށް ވެސް ޖިނާހަށް މަޢާފު ކުރެވުނެއްކަމަކު ޔުނާ ހިމޭންކަން ޚިޔާރުކުރިއެވެ. ޔުނާ ހުރިގޮތަށް ހުއްޓާ ޒިހާން ވާހަކަ ދެއްކިއެވެ.
“އިޓްސް އޯކޭ ޖިނާހު…..އުއްމީދަކީ މިއަދަށްފަހު ޖިނާހު އަހަރުމެންނަށް ހެޔޮއެދޭނެކަމަށް…..” ޒިހާން އެހެން ބުނެލީ އޭނައާއި ޔުނާގެ ވެސް މަތިންނެވެ. ޒިހާންގެ އެ ވާހަކައަށް ޖިނާހު ލުއި ގޮތަކަށް ބޯޖަހައިލިއެވެ. އެއާއިއެކު ޒިހާނާއި ޔުނާ އަނެއްކާވެސް އެ ދެމީހުންގެ ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު މިފަހަރު ޖިނާހު ވެސް އެ މީހުންނަށް ފަސްދީފައި ދާން ހިނގައިގަތެވެ.
ކޮޓަރިއަށް ގޮސް ވަދެވުމާއެކު ޔުނާއަށް ވާހަކަ ދެކެވުނެވެ.
“ޒިހާން ކީއްވެ މިތަނަށް މިއައީ؟ އަހަރެން ވެސް މިހިރީ ޕާޓީއަށް ދާން ތައްޔާރުވެގެންނޭ….” ޔުނާ އޭނަގެ ރީތި ދިގު ހެދުން ދައްކާލަމުން ޒިހާނަށް ހަނދާން ކޮށްދިނެވެ.
“އެއީ އަހަރެން ކުޑަ ވާހަކައެއް ބުނަން އޮތީމަ….އެކަމަކު ފުރަތަމަ ކަމަކަށް ޖިނާހަށް ލޫލޫގެ ނަންބަރު ފޮނުވާލަމާ. ޔުނޫ އަތުގަ އޮންނާނެދޯ ޖިނާހުގެ ނަންބަރު؟” ޒިހާން އެހިއެވެ.
“އާނ އެކަމަކު އެމްސްޓާޑަމްގެ ވައިބާރ ނަންބަރުން ކޮންޓެކްޓް ކުރެވޭނީ….މި ފޮނުވަނީ އިނގޭ ޒިހާނަށް އެ ނަންބަރު.” ޔުނާ އެ ވާހަކަ ބުނެލީ އޭނަގެ އަތްދަބަހުން ފޯނު ނަގަމުންނެވެ. އެހިނދު ޒިހާން ވެސް އޭނަގެ ފޯނު ނަގައި ޔުނާ ފޮނުވި ނަންބަރަށް ލޫލޫ ގެންގުޅޭ ކުޑަ ފޯނުގެ ނަންބަރު ފޮނުވައިލިއެވެ.
ނަންބަރު ފޮނުވައިލަމުން ޒިހާން އިސްއުފުލައިލި ވަގުތު ވެސް އޭނަގެ ކުރިމަތީގައި ހުއްޓި ހުރި ޔުނާ ފޯނަށް ބަލަން ހުރި މަންޒަރު ޒިހާނަށް ފެނުނެވެ. ފޯނުގެ ސްކްރީން ވެސް ފެންނަމުން ދިޔައީތީ ޔުނާ ކުރަމުން ދިޔަ ކަންތައް ޒިހާނަށް ފެނުނެވެ. އިރުކޮޅެއް ވަންދެން ޖިނާހާއި އޭނަގެ ޗެޓް ލޮގަށް ބަލަން ހުރެހުރެފައި އެ ޗެޓް ލޮގް އެއްކޮށް ޑިލީޓް ކޮށްލިއިރު އެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ހިނިތުންވުމަކާއެކީ އެ މަންޒަރު ބަލަން ހުރެހުރެފައި ޒިހާން ކަރުކެހިލުމުން ޔުނާއަށް އިސްއުފުލައިލެވުނެވެ. އެއާއިއެކު ޒިހާން ސީރިއަސްވާ ކަމަށް ހެދުނެވެ.
“މިހާރު ދެން ޖިނާހު ވެސް ޗޭންޖްވީ ދޯ؟ ޔުނޫއާއި ބްރޭކް އަޕް ކުރުމުގެ ކުރިން ޗޭންޖްވިނަމަ ދޯ؟ އޭރުން ޔުނޫއަށް ޔުނޫގެ ފަސްޓް ލަވް ލިބޭނެތާ….” ޒިހާން ރާގަކަށް އެހެން ބުނެ ޗޮއްކަނޑާލީ ޔުނާ ބުނާނެ އެއްޗެއް ބެލުމަށެވެ. ޒިހާންގެ ވާހަކަ ނިމުމާއެކު ޔުނާ ލުއި ގޮތަކަށް ހީލިއެވެ.
“ތިހެން ހިތަކަށް ނާރާ…..އޭގެ ބަދަލުގަ ހިތަށް އަރަނީ އަލްޙަމްދުލި ﷲ އޭ އޭރު ޖިނާހު ޗޭންޖް ނުވިކަމަށްޓަކައި. އެ ނޫންނަމަ އަހަރެންގެ ޙަޤީޤީ ފަސްޓް ލަވްއާ އަހަރެން ދުވަހަކުވެސް ދިމާނުވީސް. ޤަބޫލުކުރައްޗޭ މިހެން ބުނާއިރު ޒިހާން…..އަހަރެން ޒިހާންދެކެ ލޯބިވާ ވަރަށް އެހެން އެއްވެސް މީހެއްދެކެ ލޯބިނުވޭ. އަހަންނަށް ލޯބިވާން ދަސްކޮށްދިނީ ވެސް ޒިހާނަށްވީތީ. އަދި ދޮންބެ ބުނާހެން އަހަންނާއި ބޮޑަށް ގުޅެނީ ވެސް ޒިހާނަށްވީތީ. ހެހެ….އަހަރުމެންގެ ގުޅުމާއިމެދު ވިސްނާފަ ބައެއްފަހަރު ހިތަށްއަރާ އަހަންނަށް މާޒީގަ ވެވުނީ ލޯތްބެއް ބާވައޭ ވެސް….ވީއިރު އަހަރެންގެ ހިތުން އެންމެ ޚާއްޞަ ޖާގައެއް ދެވިފައިވަނީ ކާކަށް ކަމާއިމެދު ޝައްކު ނުކުރައްޗޭ…” ޔުނާ ވާހަކަ ދައްކަމުން ގޮސް ޒިހާނާއި ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކުރުމަށްފަހު ޒިހާނާއި ހަތަރުކަޅި ހަމަކުރިއެވެ. ޔުނާގެ ފަރާތުން އޭނަ އުއްމީދު ވެސް ނުކުރާ ފަދަ ޖަވާބެއް ލިބުމުން ޒިހާންގެ ހިތަށް ބަޔާން ކުރަން ދަތި ހަމަޖެހުމެއް ލިބުނެވެ. ޒިހާނަށް ޔުނާގެ ގައިގައި ބައްދާލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.
“ތެންކިއު ޔުނާ….އަހަންނަށް ފުރުޞަތެއް ދިން ކަމަށްޓަކައި، އަހަރެންގެ ޙަޔާތަށް އައި ކަމަށްޓަކައި، އަހަންނަށްޓަކައި ހިތް ހުޅުވާލަ ދިން ކަމަށްޓަކައި….އޭގެ ބަދަލެއްގެ ގޮތުން އަހަރެން އަބަދުވެސް ޔުނޫދެކެ ލޯބިވާނަން. އަބަދުވެސް ޔުނޫ ރައްކާތެރިކޮށްދޭނަން އިން ޝާ ﷲ.” ޒިހާން ޔުނާގެ ގައިގައި ބާރަށް ބައްދައިގެން ހުރެ އެ ވާހަކަތައް ބުނެލީ ހިތުގެ އަޑިން ވާ ވަޢުދެއްގެ ގޮތުގައެވެ. އެ ފަހު ބަސްތައް ނުހަނު އަސަރާއެކީ ބުނެވުނީ މިއަދު އޭނައަށް ލިބުނު ފޯނު ކޯލެއްގެ ސަބަބުންނެވެ.
ކުރިމަތިވާން އުޅޭ ނުރައްކަލެއްގެ ހިލަމެއްވެސް ނެތި ޔުނާ ޒިހާންގެ މޭމަތީގައި ބޯއަޅައިގެން އޮވެ ހިނިތުންވެލިއެވެ. ހިނދުކޮޅެއް ވަންދެން ދެމީހުން އެހެން ތިބެފައި އެކަކު އަނެކަކާއި ދުރުވެލިއެވެ. އޭގެ ފަހުން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ޒިހާނެވެ.
“ޔުނޫ….މިރޭ ބޭރަށް ދާން އުޅޭއިރު އަހަރެން މި ބުނާ ގޮތަށް ކަންތައް ކޮށްދެއްޗޭ. ކޮންމެ ގޮތެއްވިޔަސް އަހަރެން ބުނަންދެން އަހަރެންގެ އަތުން ދޫކޮށްނުލާތި….” ޒިހާން އެހެން ބުނެލިއިރު އެ މޫނުމަތިން ފާޅުވި ކަންބޮޑުވުން ޔުނާއަށް ފާހަގަވިއެވެ. ކިހިނެއްވީތޯ އަހަން ބޭނުންވިއެއްކަމަކު ޔުނާ ހިނިތުންވެލަމުން ޒިހާންގެ އަތަށް ބާރުކޮށްލީ އެއީ ޒިހާން ހަމައެކަނި އޭނައާއި އަޅާލުމުގެ ގޮތުން ބުނެލި ވާހަކައެއް ކަމަށް ހީކުރަމުންނެވެ.
**
ޖިނާހު ގޮސް ހޮޓެލްގެ ބޭރުގައި އޮތް އޭނަގެ ކާރަށް އެރުމަށްފަހު ވެސް އިރުކޮޅެއް ވަންދެން ކާރުގެ ތެރޭގައި އިނެވެ. އިރުކޮޅެއްފަހުން ހަމައަކަށް އެޅެމުން ޖިނާހު އޭނަގެ ފޯނު ނަގައި ޑޭޓާ އޮންކޮށްލީ އޭނަގެ ޚިޔާލުތަކާއި ދުރުވުމަށެވެ. ޑޭޓާ އޮން ކުރުމާއެކު އެންމެ ފުރަތަމަ ވެސް ޒިހާންގެ ފަރާތުން އައިސްފައި އޮތް މެސެޖު ފެނިފައި އޭތި ޖިނާހަށް ހުޅުވައިލެވުނެވެ. މެސެޖުގައި ނަންބަރެއް ލިޔެވި އޭގެ ކައިރީގައި ލޫލޫއޭ ލިޔެވިފައި ވިއެވެ. ޖިނާހު އެ ނަންބަރަށް ފިތާލަން އުޅުނު ވަގުތު އެހެން މެސެޖެއް އޭނައަށް އައެވެ. މެސެޖު ފެނުމާއެކު އެއީ މިރެއިން ފެށެން އުޅޭ ބޮޑު ރޭވުމާއި ގުޅޭ މެސެޖެއްކަން ޖިނާހަށް އެނގުނެވެ. ބުމަގޮށްޖަހައިގެން އެ މެސެޖަށް ބަލަން ހުރެހުރެފައި ޖިނާހު ކުއްލި ގޮތަކަށް ކާރު ސްޓާޓްކޮށްލަމުން ދުއްވާލީ ވަރުގަދަ ޢަޒުމެއްގައިކަން އޭނަގެ މޫނުމަތިން ހާމަވިއެވެ.
ނުނިމޭ