Hijra (Part 5)
އެކުއްޖާ މީހަކާ ނުއިނދޭ. އަހަރެން އަޑުއެހިން ޝަރީފް އެކުއްޖާގެ ކައިވެނި ކުރާނެ ކުއްޖަކު ހޯދާ ވާހަކަ. އެކުއްޖާއޭ އެކުއްޖާއޭ މި ކިޔަނީ ކީކޭތަ އޭނައަށް ކިޔަނީ. ނަސް….ނަސް…..ނަސްރާ. އާނ ނަސްރާ!” ސުހާ އެންމެ ފަހަކަށް އެހެން ބުނެލީ ޖޯޝާއި އެކީގައެވެ. ސުހާ އެންމެ ފަހުން ބުނެލި ނަމާއިއެކީ ޔޫނުސް ހުއްޓުން އެރިއެވެ. އޭނަގެ ނޭވާ މެދުކެނޑިފައިވިކަން އޭނައަށް ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ޔޫނުސްއަށް އައި ބަދަލުތައް ފާހަގަކުރެވުމުން ސުހާއާއި ޒަޔާންއަށް އެކަކު އަނެކަކަށް ބަލާލަމުން އަނެއްކާވެސް ޔޫނުސްއަށް ބަލާލެވުނެވެ. އޭގެ އިރުކޮޅެއްފަހުން ޔޫނުސްގެ އަގައިން ނިކުތް ލުއި އާހެއްގެ އަޑާއިއެކު އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“ނަސްރާ…..އަހަރެންގެ ހިތަށްއެރި އެއީ ހަމަ ނަސްރާއޭ.” ޔޫނުސް އެހެން ބުނެލީ އަދިވެސް ޖޯއްޔާއި ދިމާލަށް ނަޒަރު ހުއްޓައިގެން ހުރެއެވެ. އެވަގުތު އެ މޫނުމަތީގައި އުފާވެރިކަމެއްވިއެވެ. އޭނަ އެހެން ހުރެފައި ޒަޔާންއާއި ސުހާއަށް ބަލާލިއިރު ދެމީހުން ވެސް ތިބީ މި ވާ އެއްޗެއް ނޭނގިފައެވެ.
“ކިޔައިދީފާނަންތަ ޔޫނުސްގެ ލައިފްއިން އަހަންނަށް މިސްވި އެޕިސޯޑެއް؟” ޒަޔާން ބުނެލިއެވެ. އެއާއެކު ޔޫނުސް ހީލުމަކާއެކީ ދުރު ބަލަންފެށިއެވެ. ހުނުން ހުއްޓުމަށްފަހު ވެސް ޔޫނުސް އެއްވެސް އެއްޗެކޭ ނުބުނެ ހިނިތުންވުމެއްގައި އިނީއެވެ.
“ކަމޯން!” ޒަޔާން ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ދެންވެސް ޔޫނުސް އިރުކޮޅަކު ހުރެފައި ވާހަކަ ދެއްކިއެވެ.
“އެއީ ތަންކޮޅެއް މޮޔަ ވާހަކައެއް. ނުދެއްކިއްޔާ ކަންނޭނގެ ރަނގަޅުވާނީ.” ޔޫނުސް ޒަޔާންއަށް ބަލާލަމުން އެހެން ބުނެލިއިރު ވެސް އޭނަގެ ހިނިތުންވުމަކަށް ބަދަލެއް ނާދެއެވެ.
“ޔޫނުސްއަށް ދެން މި ގެއަކަށް ނުވަދެވޭނެ ތި ވާހަކަ ކިޔައިނުދެނީސް.” ޒަޔާން އަންގާލިއެވެ. ސުހާވެސް އެއްބަސްވުމުގެ ގޮތުން އާނއެކޭ ފަހަތުން ބުނެލައިފިއެވެ.
“އަހަންނަށް އެނގޭ ޒަޔާން އަހަރެން ވައްދާނެކަން.” ޔޫނުސް ޒަޔާންއަށް ބަލާލަމުން ބުންޏެވެ.
“ނޫން….މި ބުނީ ހަމަ ނުވައްދާނަން. އަދި ހިތުން ކިޔައި ނުދޭންވެގެންތަ ތިހެން ތިބުނީ؟ އަހަންނަށް އެނގޭ ޔޫނުސް ލައްވާ ވާހަކަތައް ކިޔައިދެވޭނެ ގޮތްތައް.” ޒަޔާން އިންޒާރެއްދޭ ފަދައަކުން ވާހަކަ ދެއްކިއެވެ.
“ޗިލް، ޒަޔާން. އަހަރެން މިވަގުތަކު ކިޔައިދޭ ހިތެއްނުވޭ. ކިޔައިދޭ ހިތްވީ ދުވަހަކުން ފަހަރެއްގަ ކިޔައިދީފާނަން. ދެން މިވަގުތަށްޓަކައި ކެތްކޮއްލާ.” ޔޫނުސް އެހެން ބުނެލަމުން އުޖާލާވި މޫނަކާއެކީ އޭނަގެ މަސައްކަތް އަނެއްކާވެސް ފެށިއެވެ.
“ކޮންމެ ގޮތެއްވިޔަސް އަހަންނަށް ހީވަނީ ކުއްޖަކަށް ކުއްޖަކު ކަމުގޮއްސިހެން.” ސުހާ އެހެން ބުނެލީ ރާގަކަށެވެ.
“ގައިމެއްނު؟” ޒަޔާންވެސް ޔޫނުސްއަށް ބަލަން އިނދެފައި ބުންޏެވެ. ޔޫނުސް އެމީހުންނަށް ނުބެލިއެއްކަމަކު އޭނަގެ ހިނިތުންވުން ފުންވިއެވެ.
އެދުވަހަށްފަހު ޔޫނުސް ހެއްވާލާނެ އާ ގޮތެއް ޒަޔާންމެނަށް ދަސްވިއެވެ. ޔޫނުސް ރުޅިއައި ކަމަށް ހެދިގެން ހުންނަ ވަގުތުތަކުގައި ވެސް ނަސްރާގެ ނަން ކިޔާލުމުން އޭނަ ހުއްޓުން އަރާފައި ލަދުން ކަހަލަ ގޮތަކަށް ހީލައެވެ. ޒަޔާން ޔޫނުސްއާއި އެކީ މަގުން ހިނގަމުން ގޮސް ނަސްރާގެ ގެއާއި ހަމަވާއިރަށް ޔޫނުސްގެ ކޮނޑުގައި އޭނަގެ ކޮނޑު ޖައްސައި ޔޫނުސް އެގެއާއި ދިމާލަށް ކޮއްޕާލައެވެ. ޔޫނުސް އޭގެ ބަދަލުގައި އޭނަގެ ދެއަތުން އެއަށްވުރެ ބާރަށް ޒަޔާން ދުރަށް ކޮއްޕާލައެވެ. އަބާންއަށް ވެސް މި ކަންތައް ފާހަގަވާން ފެށުމުން އޭނަ ޔޫންބެ ހުންނަ ވަގުތުތަކުގައި ނަސްރާ މިސްގެ ވާހަކަ ދައްކާލެއް ގިނަވިއެވެ. ޒަޔާންމެނަށް ޔޫނުސް އާއި ނަސްރާގެ ދެމެދުގައި އޮތީ ކޮން ގުޅުމެއްކަން ނޭނގުނެއްކަމަކު އެމީހުންނަށް މިކަން ސަމާސާއަކަށް ފުދުނެވެ.
އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. ނަސްރާ އެދުވަހަށްވީ ސްކޫލްގެ މަސައްކަތްތައް ނިންމުމަށްފަހު ސްކޫލްގެ ގޭޓުން ނިކުމެ މަގަށް ނިކުތެވެ. އިޙުސާސް ކުރެވުނު ހޫނެއްގެ ސަބަބުން ނަސްރާއަށް ދެލޯ ހަނިކޮށްފައި މައްޗަށް ބަލާލެވުނެވެ. އެވަގުތު އެންމެ ކޮޅިއެއްވެސް ނެތް އުޑުގެ މެދުގައި ހުރި އަލިގަދަ އިރު އޭނައަށް ފެނުނެވެ. ނަސްރާ ފުން ނޭވައެއް ދޫކޮއްލިއެވެ. ގެ ހުރީ ކިހައި ދުރުގަކަން ހަނދާންވުމުން ވެސް އޭނަ ވަރުބަލިވިއެވެ. ބައްޕަގާތު ބަލާ އައިސް ދިނުމަށް ހިތަށްއެރިއެއްކަމަކު މި ވަގުތު ބައްޕަ ހުންނާނީ އޮފީހުގައި ވަރަށް އަވަދިނެތިކޮށްކަން ނަސްރާ ހަނދާންވިއެވެ. ނަސްރާ ހިތްވަރުކުރަމުން ކަހަލަ ގޮތަކަށް ކޮނޑުގައި އޮތް އަތް ދަބަހުގައި ބާރަށް ހިފަހައްޓާލިއެވެ. އަދި ކަނާތް ފަރާތަށް އެނބުރިލަމުން ބިމަށް ބަލަހައްޓައިގެން ބާރަކަށް ހިނގަން ފެށިއެވެ. އޭނަ ހިނގަމުން ގޮސް މާ ދުރަށް ނުދެވެނީސް އޭނަ މީހެއްގެ ގައިގައި ޖެހި ފަހަތަށް ޖެހުނެވެ.
“ސޮރީ.” ނަސްރާއަށް އެހެން ބުނެލެވުނީ އޭނަގެ ކުރިމަތީގައި ހުރި ޒުވާނާއާއި އެކީގައެވެ. އެވަގުތު ނަސްރާއަށް އިސްއުފުލައި އެޒުވާނާއާއި ދިމާލަށް ބަލާލެވުނެވެ. އޭނަގެ ކުރިމަތީގައި ހުރީ ޔޫނުސް ނޫން ދެވަނަ މީހެއް ނޫނެވެ. ޔޫނުސްގެ އެއްއަތުގައި އޭނަގެ ފޯނު އޮތްއިރު އަވީގެ ސަބަބުން ހަނިވެފައިވާ އޭނަގެ ދެލޯ ހުއްޓިފައިވީ ނަސްރާއަށެވެ. ނަސްރާ ބޭނުންވީ ބިންފަޅައި އަޑިއަށްދާށެވެ. އޭނައަށް މިދުވަހުގެ މިވަގުތު މިތާ ހުރެވުނީ ކީއްވެބާއޭ އޭނަގެ ހިތަށްއެރިއެވެ. ހިތަށްއެރިއެއްކަމަކު ނަސްރާގެ ދެފައި މަސައްކަތް ނުކުރިއެވެ. ނަސްރާ އެހެން ހުއްޓާ އޭނައަށް ފެނުނީ ޔޫނުސް ހިނިތުންވެލީތަނެވެ. އަދި ލުއި ހީލުމަކާއެކީ އިސްޖަހައި ފޯނަށް ބަލާލަމުން އޭނައާއި ދުރަށް ހިނގަން ފެށިތަނެވެ. ޔޫނުސް އޭނަ ފަހަނަޅައި ދިޔުމުން ވެސް ލިބުނު ޙައިރާންކަމެއްގެ ސަބަބުން ނަސްރާއަށް ފަސްއެނބުރި ބަލާލެވުނެވެ. ޔޫނުސް ހިނިތުންވާން ޖެހުނީ ކީއްވެހެއްޔެވެ؟ ނަސްރާއަށް އިރުކޮޅެއް ވަންދެން އޭނައަށް ފަސްދީފައި ހިނގަމުން ދިޔަ ޔޫނުސްއަށް ބަލަން ހުރެވުނެވެ. ކޮންމެ ގޮތެއްވިޔަސް އޭނައަށް ކޮންކަންހެއްޔޭ ނަސްރާގެ ހިތަށްއެރިއެވެ. ނަމަވެސް ގެއަށް ދިޔަ މަގުމަތީގައި އޭނައަށް ހަމަ ވިސްނެމުން ދިޔައީ އެ ހިނިތުންވުމާއި މެދުގައެވެ.
“ސަދަފް!” ތެތް އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔަ ނަސްރާ ރީތިވާ މޭޒުމަތީގައި އޮތް އޭނަގެ ފޯނާއި ދިމާލަށް ގޮވާލިއެވެ.
“ކިހިނެއްވީތަ ރަންކޮޅާ؟” ބަދިގެ ތެރޭގައި ފިޔާ ކޮށަން ހުރި ސަދަފް ކަޓިންގް ބޯޑު ކައިރީގައި އޮތް އޭނަގެ ފޯނާއި ވާހަކަ ދެއްކިއެވެ.
“ދޮންބެ ކައިރި ބުނެބަލަ ސަދަފް ގޮވައިގެން ތަންކޮޅެއް އަވަހަށް އައިސްދީބަލާށޭ.” ނަސްރާ ޅަ ކުއްޖަކު ޝަކުވާ ކުރާ ފަދައަކުން ވާހަކަ ދެއްކިއެވެ..
“ކިހިނެއްވީބާ އަނެއްކާ؟” ސަދަފް އަހާލިއެވެ.
“ސަދަފްގާތު ދައްކަން ބޭނުންވާ ވާހަކައެއް އެބައޮތް. ފޯނުން ނުދެއްކޭނެ އެވާހަކަ.” ނަސްރާ ފުނާ މޭޒުމަތީގައި ބާއްވައި އިސްތަށިގަނޑު އެއްފަރާތަށްލަމުން ބުނެލިއެވެ.
“ގޮސްލެވޭނެނަމަ ދިޔައީމުސް. އެކަމަކު ދޮންބެ މިދުވަސްކޮޅު އުޅެނީ ވަރަށް ބިޒީކޮށް އޮފީހުގަ. ބުނީ ޢީދަށޯ ތިކޮޅަށް ދެވޭވަރުވާނީ. ނަސްރާ ބޭނުންވާ ވާހަކައެއް ބުނެލަބަލަ މިހާރު.” ސަދަފް ބުނެލިއެވެ. ސަދަފްގެ އެވާހަކައަށް ނަސްރާ އެއްވެސް އެއްޗެކޭ ނުބުނެ ފުން ނޭވައެއް ދޫކޮއްލިއެވެ. އެއަޑަށް ސަދަފްގެ ނިތަށް ރޫގިނަވެ އޭނަގެ އަތް މަޑުޖެހުނެވެ.
“އޯކޭ ދެން އެހެންވިއްޔާ ރަށަށް އައިމަ ކިޔައިދޭނަން. އިން ޝާ ﷲ” ނަސްރާ ބުނެލިއެވެ.
“އޯކޭ….” ސަދަފް އެހެން ބުނެލީ އޭނަ ކިތަންމެ ވަރަކަށް އުޅުނަސް ނަސްރާ ނުބުނަން އުޅޭ ވާހަކައެއް އޭނަ ނުބުނާނެކަން އެނގޭތީވެއެވެ. ފޯނު ބޭއްވުމަށްފަހު ވެސް ސަދަފްއަށް ހުރެވުނީ ވިސްނުމެއްގެ ތެރޭގައެވެ. ކައިވެނީގެ ވާހަކަ ދެއްކުމުން ނަސްރާއަށް ވީގޮތް އަފްރާޒްވަނީ އޭނައަށް ކިޔައި ދީފައެވެ. އަދި އަފްރާޒްވަނީ ސަދަފްގާތު ނަސްރާއަށް އެހެންވާންވީ ސަބަބެއް އޭނައާއި ވާހަކަ ދައްކައިގެން ހޯދުމަށް ވެސް އެދިފައެވެ. ނަސްރާއާއި ވާހަކަ ނުދައްކާވެސް ނަސްރާގެ އެ ފަނޑު ހިނިތުންވުމުގެ ފަހަތުގައިވާނެ ސަބަބެއް އަފްރާޒްއާއި ސަދަފްއަށް އަންދާޒާކުރެވެއެވެ. އަފްރާޒްއާއި ސަދަފް ވެސް ބޭނުންވަނީ އެއީ އެ ސަބަބުތޯ ބަލައި ނަސްރާގެ ހިތަށް ހަމަޖެހުމެއް ގެނެސްދޭށެވެ. އެކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސަދަފް އަފްރާޒްއަށް ދިނެވެ.
ނަސްރާއަށް އެކި ފަހަރު މަތިން އުދަގޫކުރަމުން ދިޔަ ޔޫނުސްގެ ޚިޔާލުތަކާއެކީވެސް އޭނަ ރަމަޟާން މަހު އަފްރީންއަށް އެކި ގޮތްގޮތުން ޤުރުއާނާއި ބެހޭ ވާހަކަތައް ކިޔައިދެވޭތޯ ބެލިއެވެ. ކިޔައިދޭއިރު އަފްރީން ވަރަށް ޝައުޤުވެރިކަމާއެކީ އަޑުއަހައެވެ. އެކަން އެނގުމުން ނަސްރާ ވަރަށް ވެސް އުފާވިއެވެ. އަދި އެއަށްވުރެ ވެސް ބޮޑަށް އުފާވީ އަފްރީން އަވަސްއަރުވާލައިގެން ވިޔަސް ފޯރިއާއެކީ ޚަތިމްކުރަން މަސައްކަތް ކުރަމުން ދިޔައީތީވެއެވެ. ނަސްރާ މި ނޫނީ އަފްރީން މިހާވަރަށް ޤުރުއާން ކިޔެވިތަނެއް ނުދެކެއެވެ. ރަމަޟާން މަސް އައުމުގެ ކުރިން މަޣުރިބް ނަމާދާއި ޢިޝާ ނަމާދުގެ ދެމެދުގައި އަފްރީން ކިޔެވިޔަސް ކިޔަވާލަނީ އެންމެ ޞަފްޙާއެކެވެ. ނުވާނެ ކަމެއްކަން ޔަޤީނާއި ކައިރިވިއެއްކަމަކު މި މަސް ނިމުމަށްފަހު ވެސް އަފްރީންގެ ކިބައިގައި ގިނަގިނައިން ޤުރުއާން ކިޔެވުމުގެ އާދަ ހުންނާނެ ގޮތެއް ހެއްދެވުމަށް އެދި ނަސްރާއަށް ﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވުނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ނަސްރާއާއި ސަދަފްގެ ވެސް އިންތިޒާރު ނިމުމަކަށް އައެވެ. ޝައްވާލުމަހުގެ ހަނދު ފެނި ޢީދުގެ ތަހުނިޔާތަކުން މުޅި ރަށުތެރެ ފުރުނެވެ. ސަދަފްމެނަށް ރަށަށް އާދެވެން އޮތީ ޢީދު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައިކަން އެނގުމުން ނަސްރާ މާޔޫސްވިއެވެ. ނަސްރާ ވީހާވެސް އަވަހަކަށް އޭނަގެ އިޙްޞާސްތައް ސަދަފްއާއި ޙިއްސާކުރަން ބޭނުންވިއެވެ. އޭނައަށް ދިރިއުޅުމުގެ ކޮންމެ ވާހަކައެއް ވެސް އެއްވެސް ޖެހިލުމެއްނެތި ދެއްކޭނެ އެކަކީ ސަދަފްއެވެ. އެއީ އޭނަގެ ދިރިއުޅުމުގައި ހިނގާފައިވާ ގިނަ ކަންތައް ލޮލުން ދެކެ އަތުން ހިފާފައިވާ މީހަކީ ސަދަފް ކަމުގައި ވާތީ ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް އެދެމެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ.
ޢީދު ދުވަހުގެ ރޭގެ 8 ޖެހި ވަގުތު ނަސްރާމެން އަފްރާޒްގެ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅު އާޒް ބަލައި އެއާރޕޯޓަށް ދިޔައެވެ. ޓާމިނަލްއިން އަފްރާޒްމެން ނިކުތްތަނާ އަފްރާޒްގެ އުރުގައި އިން އާޒް ފެނުމާއެކު އަފްރީން ދުވެފައި ގޮސް އާޒް އުރާލައިފިއެވެ. އަފްރީން އެހެން ހެދުމުން ޝަރީފާއި ނަސްރާގެ އިތުރުން ސަދަފްއާއި އަފްރާޒްއަށް ވެސް ހެވުނެވެ. ނަސްރާހެން މޫނުބުރުގާ އަޅައިގެން ހުރި ސަދަފްއަށް ހުނުމުގެ ތެރެއިން ނަސްރާ ފެނުނުތަނާހެން އޭނަ ނަސްރާއޭ ކިޔައި ގޮވާލަމުން ގޮސް ނަސްރާގެ ގައިގައި ބައްދާލައިފިއެވެ. ބަދަލުގައި ނަސްރާވެސް ސަދަފްގެ ގައިގައި ބާރަށް ބައްދާލި ވަގުތު ނަސްރާގެ ލޮލުން ކަރުނަ ހިލުނެވެ. ސަދަފް އޭނައަށްޓަކައި ކޮއްދިންހާ ކަންތަކާ ލޯބިން ދިންހާ ނަޞޭޙަތްތައް އެއްފަހަރާ ހަނދާންވުމުން ހިތަށްކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ސަދަފް ނަސްރާގެ ކޮނޑުގައި ހިފައި ދުރުކޮށްލަމުން ވަގުތުން އަހާލީ ކޮން ވާހަކައެއްތޯއެވެ. ނަސްރާ ހިނގާށޭ ބުނެ ސަދަފްގެ އަތުގައި ހިފައިގެން ޖިޕަށް އަރަން ދިޔައެވެ. ގެއަށް ދިޔަ ދަތުރުމަތީގައި ވެސް ނަސްރާ ސަދަފްއަށް އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. އޭނަ ބޭނުންވީ ސަދަފްއާއި އެކީ އެކަނިހުރެ ހަމަޖެހިގެން ވާހަކަ ދައްކާށެވެ. އެހެންކަމުން ގެއަށް ގޮއްސަވެސް ބައްޕަމެންނާއެކީ އިރުކޮޅެއް ހޭދަކުރުމަށްފަހު ނަސްރާ ސަދަފްގާތު އޭނައާއެކީ އައުމަށް އެދުނެވެ. ސަދަފް ވަގުތުން ބޯޖަހައި އޭނައާއެކީ ދިޔައެވެ.
ޔޫނުސް އޮތީ ސިޓިންގް ރޫމުގެ ދިގު ސޯފާގައި އޮށޯވެގެންނެވެ. ސޯފާގެ ކުރިމައްޗަށްވާ ގޮތަށް ފާރުގައި ހުރި ޓީވީއިން ޚަބަރު ކިޔަމުން ދިޔައެވެ. ނަމަވެސް ޔޫނުސް އެއަކަށް ނުބަލައެވެ. އޭނަގެ ނަޒަރު ހުއްޓިފައިވީ ސީލިންގަށެވެ. ނޭނގޭ ސަބަބަކާހުރެ އޭނައަށް މިރޭ އާދަޔާ ޚިލާފު އެކަނިވެރިކަމެއް އިޙްސާސް ކުރެވެމުން ދިޔައެވެ. އެ އެކަނިވެރިކަމާމެދު ހިތާހިތުން ޝަކުވާ ކުރެވެމުން ދިޔައެވެ. ދިރިއުޅުމުގައި އޭނަ އެކަނި އުޅެން ފެށިތާ ފުދޭ ވަރަކަށް އަހަރު ވެދާނެއެވެ. އެއްވެސް މަސައްކަތެއްނެތި މިހެން އޮންނަން ޖެހުނު ދުވަސްތައް ވެސް ދިޔައެވެ. އޭރު ވަކި މިކަހަލަ އެއްޗެކޭ ހިތަކަށް ނާރައެވެ. މިހާރު މިވަނީ ކިހިނެއްބާވައެވެ؟ ޔޫނުސްގެ ހިތަށްއެރި އެ ސުވާލަށް ޖަވާބު ލިބެން އުޅުނުތަނާ މީހަކު ގޭގެ ދޮރުގައި ޓަކިދިން އަޑު އިވުނެވެ.
“ހުޅުވާފަ ހުރީ.” ޔޫނުސް ސޯފާގައި އިށީންނަމުން ގޮވާލިއެވެ. އެއާއެކު ދޮރު ހުޅުވާފައި ގެއަށް ވަނީ ޒަޔާންއެވެ.
“ކީއްކުރަނީތަ ބުރޯ؟” ޒަޔާން ދޮރު ލައްޕަމުން ސަމާސާވެރި ރާގަކަށް އަހާލިއެވެ.
“އަބާން ކައިރި ބުނާނަން އަބާންގެ ބައްޕި ސަލާން ނުގޮވާ ވާހަކަ.” ޔޫނުސް ސޯފާގައި ހަމަޖެހިލަމުން ބުނެލިއެވެ.
“އައްސަލާމުޢަލައިކުމް. ޕްލީޒް ޔޫނުސް، އެއީ ކުޑަ ކުއްޖެއް.” ޒަޔާން ގޭތެރެއަށް ވަންނަމުން ބުންޏެވެ.
“ވަޢަލައިކުމުއްސަލާމް. ކުޑަ ކުއްޖަކު ބުންޏަސް ރަނގަޅުކަމެއްވާނީ ރަނގަޅު ކަމަކަށްދޯ؟” ޔޫނުސް އެހެން ބުނެލިތަނާ ހުޅުވާލެވިފައިވާ ޓީވީ ފެނިފައި ޒަޔާން ޗޮއްކަނޑާލިއެވެ.
“އަބަދު މި ޕާޓީ ޕާޓީ ޚަބަރު ބަލަން ޔޫނުސް ހުންނާނީ.” ޒަޔާން ރުޅި އައިސްފައި ކަހަލަ ގޮތަކަށް ޓީވީގެ ކައިރިއަށް ގޮސް ޓީވީގެ ބަޓަނަކުން އޭތި ނިވާލިއެވެ.
“ކީއްކުރާނީ؟ ނޫސްވެރިއެއްވިއްޔާ ޚަބަރުތާ ބެލޭނީދޯ؟” ޔޫނުސް ހިނިތުންވުމަކާއެކީ އެހެން ބުނެލިއެއްކަމަކު އެ ހިނިތުންވުން އޭނަގެ ލޮލާއި ހަމައަށް ނުފޯރިއެވެ. ފަސްއެނބުރި އޭނައަށް ބަލާލި ޒަޔާންއަށް އެކަން ފާހަގަވިއެވެ.
“ހޭއި، ކިހިނެއްތަވީ؟” ޒަޔާން އަހާލިއެވެ. ޔޫނުސް އެއްވެސް ޖަވާބެއްނުދީ އޭނަގެ ދެއަތް ޖޯޑުކޮއްލަމުން އިސްޖަހާލިއެވެ. ޒަޔާން ވީގޮތެއް ބަލަން ބޭނުންވެފައި ލަސް ހިނގުމެއްގައި ގޮސް ޔޫނުސް އިށީނދެގެން ހުރި ސޯފާގެ ކައިރީގައި ޖެހިގެން ވަކިން ހުރި ސޯފާގައި އިށީނެވެ.
“ކީއްވެ އަހަރުމެން ގެއަށް ނައީ މިރޭ ކާން؟ ބުނީމެއްނު އަންނާށޭ؟” ޒަޔާން މަޑުމައިތިރި އަޑަކުން އަހާލިއެވެ.
“ޒަޔާން……އަހަންނަކަށް ވެސް އަބަދަކު ތިގޭގައެއް ނުއުޅެވޭނެއެއްނުދޯ؟ ޒަޔާން ވެސް ޖެހޭނެއެއްނު ޒަޔާންގެ ޢާއިލާއާއެކީ ވަކިން ވަގުތު ހޭދަކުރަން؟” ޔޫނުސް އެހެން ބުނެލަމުން ޒަޔާންއަށް ބަލާލިއެވެ.
“ހާދަ އެހެން ކަހަލަ ވާހަކައެކޭ މިރޭ ތި ދެއްކީ. އެއްއަހަރު ވަންދެން އަހަރުމެންގެ ގެއަށް އައިސް ގޮސް އުޅުނު މީހަކަށް އަހަންނަށް ހީވަނީ ތިހެން ތަންކޮޅެއް ކުރިން ވެސް ބުނެވެން ވާނެހެން. އަހަރެން ޝަކުވާއެއްނޫން މި ކުރަނީކީ. ޔޫނުސްއަށް މާ ރަނގަޅަށް ވެސް އެނގޭނެ އަހަރެންގެ ޝަކުވާއެއްނުވާނެކަން. ޝަކުވާ ކުރެވޭ ވަރަށްވުރެ ބޮޑަށް ޔޫނުސްވަނީ އަހަރުމެންނަށް އެހީވެފަ. ޔޫނުސްއަށް ތިހެން ބުނެވެން ޖެހޭ އެހެން ސަބަބެއް އެބައޮތްހެން އަހަންނަށް ހީވަނީ. ސުހާ އެއްޗެކޭ ބުނީތަ އަނެއްކާ؟” ޒަޔާން ވާހަކަ ދައްކަމުން ގޮސް ސުވާލެއްކޮށްލިއެވެ. އެއާއެކު ޔޫނުސް ބޯހޫރުވަން ފެށިއެވެ.
“ނޫން….އަހަރެން ހަމަ…” ޔޫނުސް އެހާ ހިސާބަށް ބުނެ ކުރިމައްޗަށް ނަޒަރު ހިންގަމުން ފުން ނޭވައެއް ދޫކޮށް ސޯފާއަށް ލެނގިލިއެވެ. ޒަޔާންއަށް ބަލަހައްޓައިގެން ހުރެވުނީ ޔޫނުސް އޭނަގެ ވާހަކަ ކުރިއަށް ގެންދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ޔޫނުސް ސޯފާއަށް ލެނގިގެން އޮވެ ދެލޯ މަރާލިއެވެ. އޭނަ ދެން ވާހަކަ ދައްކަން އުޅުނިއްޔާ ޔޫނުސް އޭނަ ފޮނުވާލާނެކަން ޒަޔާންއަށް އެނގުނެވެ. ނަމަވެސް އޭނަ ދާކަށް ބޭނުމެއްނުވިއެވެ. ކޮންމެވެސް އެއްގޮތަކަށް ޔޫނުސްގެ ހިތުގައިވާ އެއްޗެއް ދެނެގަންނަން ބޭނުންވިއެވެ. އިރުކޮޅެއް ވަންދެން ވިސްނުމަށްފަހު ޒަޔާންއަށް ކުރަންވީ ކަމެއް އެނގުނެވެ.
“މި ސިޗުއޭޝަން މާ ސީރިއަސްވެއްޖެ. އެއްގޮތަކަށްވެސް ކަމަކުނުދޭ.” ޒަޔާން ފޫހިވެގެން އުޅޭ ފަދަ ގޮތަކަށް ބުނެލިއެވެ. އެ އަޑު އިވިފައި ޔޫނުސް ދެލޯ ހުޅުވައި ހިންދެމިލަމުން ޒަޔާންއަށް ބަލާލީ ހިސާބަކަށް ޙައިރާންވެ ހުރެއެވެ. ޒަޔާން އެ ބުނެލީ އޭނަ ހީކޮއްގެން ހުރި ކަހަލަ ވާހަކައެއްނޫނެވެ.
“މިތަނަށް…..ނަސްރާ ގެނެއްސިއްޔާ ކިހިނެއްބާވާނީ؟” ޒަޔާން އެހެން ބުނެ ނިންމާލިއިރު އޭނަގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ކޮންމެ ފަހަރެކޭ ވެސް އެއްގޮތަށް ނަސްރާގެ ނަން އިވުމުން ޔޫނުސް ހިނިތުންވެލަމުން އިސްޖަހާލިއެވެ. ޒަޔާން އަޖާއިބުވާވަރުވިއެވެ. އެންމެ ފަހަރަކު ވެސް ނަސްރާގެ ނަން ކިޔުމުން ޔޫނުސް ހިނިތުންނުވާތަނެއް ޒަޔާން ނުދެކެވެ. މީގެ ސިއްރަކީ ކޮބައިކަން ޒަޔާން ކޮންމެހެން ވެސް އެނގެން ބޭނުންވިއެވެ.
“ޔޫނުސް، ދެން އަހަންނަށް ކިޔައިދީފާނަންތަ ނަސްރާގެ ވާހަކަ؟ އަސްލުވެސް ނަސްރާ ލައިކްވަނީތަ ޔޫނުސް؟” ޒަޔާން އަހާލިއެވެ. ޔޫނުސް ޒަޔާންއަށް ބަލާލިއެވެ. އަދި އިރުކޮޅަކު ހުރެފައި ތުންފިއްތާލަމުން ބޯޖަހާލިއެވެ. ޒަޔާން ފޯރިއާއެކީ އެއްޗެކޭ ބުނަން އުޅުނުތަނާ ޔޫނުސް ވާހަކަ ދެއްކިއެވެ.
“ޒަޔާން ކައިރި އަހަރެން ބުނީމެއްނު އަހަރެން އެންމެ ފުރަތަމަ މިރަށަށް އައީ 17 އަހަރުގައޭ؟” ޔޫނުސް ޒަޔާންއަށް ބެލުމެއްނެތި އަހާލިއެވެ. ޒަޔާން ހޫނލައްވާލަމުން ބޯޖަހާލިއެވެ.
“އަހަރެން ނަސްރާއާ ދިމާވީ އޭގެ ކުރިން.” ޔޫނުސް ބުނެލިއެވެ.
**
“އަހަންނަށް އޭނަ އެންމެ ފުރަތަމަ ފެނުނީ އަހަރެން ރަށަށް އައި ދުވަހު. މިގޭގަ އޮންނަ ބުޅާ ގެއިން ނިކުމެގެން ދިޔައިމަ އޭތި ބަލާ ދާން އުޅުމުން އޭނަ އޭތި އަނބުރާ ގެނެސްދިނީ. އެރޭ އަހަރެން ހުރީ ގޭގަ އެކަނި. އަހަރެން ހުރިން ގޭޓު ކައިރި އޭނަ ބުޅާ ގޭގެތެރެއަށް ދޫކޮއްލިއިރު ވެސް. އަހަރެން ހީކުރީ އޭނަ އަހަރެން އެކަނި ހުރީމަ އަހަންނާ ވާހަކަ ދައްކާނެ ކަމަށް. ނަމަވެސް އޭނަ އަހަންނަށް ބަލާވެސް ނުލާ ދިޔައީ.” ނަސްރާ އެވާހަކަ ކިޔައިދެމުން ދިޔައީ އޭނައާއެކީ އޭނަގެ ކޮޓަރީގެ އެނދުގައި އިށީނދެގެން އިން ސަދަފްއަށެވެ. ނަސްރާ ބިމަށް ބަލަހައްޓައިގެން އިންއިރު ސަދަފް ޝައުޤުވެރިކަމާއެކީ ވާހަކަ އަޑުއަހަމުން ދިޔައީ ނަސްރާއަށް ބަލަހައްޓައިގެން ހުރެއެވެ.
**
“އަހަރެން ކިޔަވަމުން ދަނިކޮށް އަހަރުމެން ސްކޫލަށް މިރަށު ސްކޫލެއްގެ ކުދިބަޔަކު އައީ ފީލްޑް ޓްރިޕަކަށް. އެކުދިންގެ ތެރޭގައި ނަސްރާވެސްވި. އަހަންނަށް އޭނަ ފުރަތަމަ ފެނުނު ދުވަހުއްސުރެ ވެސް އަހަރެންގެ ހިތުގައި އޭނައަށް ޖާގައެއް ދެވުނު. އެއީ ކިހާ މޮޅު ކުއްޖެއްކަން އެނގުމުން އަދި އިތުރަށް ކަމުދިޔަ.” ޔޫނުސް ކިޔައިދިނެވެ.
**
“އޭނަ ވަރަށް ރަނގަޅު. މިގޭގެ ކައިރީގަ އުޅޭނެ އަބާންއޭ ކިޔާ ކުޑަ ކުއްޖެއް. އެކުއްޖާއާ ވެސް ވާހަކަ ދައްކާ ގޮތުން ހީވާނީ އެއީ އޭނަގެ އަމިއްލަ ޢާއިލާގެ ކުއްޖެއްހެން. އަބާންގެ މަންމައާއި ބައްޕައާ ވެސް ވަރަށް އެކުވެރިވާނެ. އެމީހުންނަށް ވަރަށް އެހީވެދޭނެ. އެމީހުންނަށް އެކަންޏެއްނޫން. މަގުމަތިން ހިނގަމުން ދަނިކޮށް ވެސް މީހަކަށް އެހީއެއްވެދެވެން އޮތިއްޔާ އެހީވާތަން އަހަރެން ދެކެން.” ނަސްރާ އެއްދިމާލަކަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ.
**
“އަހަރެން އޭނައާއި ކައިރިވެވޭތޯ ބެލިން އެކި ގޮތްގޮތުން. ހެވެނީ ކުރެވުނު މޮޔަ ކަންތައް ހަނދާންވެފަ. އެއްފަހަރު ނަސްރާގެ ސަމާލުކަން ހޯދަންވެގެން އޭނަ މަގުން ހިނގާފަ ދަނިކޮށް އޭނަ ކައިރިން ނިކަން ބާރަށް ބައިސްކަލް ދުއްވާފަ ދިޔައިން. ނަސްރާ ބެލިތޯ ބަލަންވެގެން ފަހަތް ބަލާފައި ކުރިމައްޗަށް ބަލާލިއިރު ކިރިޔާ ސައިކަލެއްގަ ނުޖެހި ސަލާމަތްވީ. އޭގެ އަނެއްދުވަހު ސްކޫލްގެ ފަރާތުން ބޭއްވި ކޭމްޕެއްގެ ތެރެއިން އަހަރެން ސިޓީއެއް ލިޔެފަ އޭތި ގާކޮޅަކާއި އެކީ ގުޅައަކަށް ލާފަ ނަސްރާއާއި ދިމާލަށް އެއްލާލީމަ އޭތި ގޮސްޖެހުނީ ނަސްރާގެ އެކުވެރިއެއްގެ ބޮލުގަ. އެމީހުން ރުޅި އައިސްގެން އޭތި އައި ދިމާލެއް ބެލި. އަހަރެން ހަމަ ވަގުތުން ފިލީ.” ޔޫނުސް ހެވިފައިހުރެ ކިޔައިދިނެވެ. އެވާހަކަ އަޑުއަހަމުން ދިޔަ ޒަޔާންއަށް ވެސް ހެވެމުން ދިޔައެވެ.
**
“މަގުމަތިން ފެންނައިރު އޭނަ އަހަންނާ ދިމާލަށް ވަރަށް ބަލާހެން އަހަންނަށް ހީވޭ. ނޭނގޭ ކީއްވެކަމެއް. އަހަންނަށް ވެސް ބައެއްފަހަރު ބެލޭ. އަހަރެން އޭނައާ ބެހޭގޮތުން ބޮޑަށް އެނގެން ބޭނުންވި. ދެން އެއްދުވަހު އަހަންނަށް އޮންލައިން ނޫހެއްގެ ރިޕޯޓަކުން އޭނަގެ ނަން ފެނުނީ. އެއީ ނޫސްވެރިޔެއް. އޭނަ ލިޔެފަ އޮތީ ސިޔާސީ ލިޔުމެއް. ވަގުތުން ހިތަށްއެރީ މިއީ ރަނގަޅު މީހަކަށް ނުވާނެއޭ. އެކަމަކު…..އަހަންނަށް ފެންނަ އޭނަގެ ރަނގަޅު ކަންތައް މާ ގިނަ. އަދި އޭނަ ލިޔުނު ރިޕޯޓުގައި ވެސް ވަކި ގޯސް ވާހަކައެއްނެތް.” ނަސްރާ އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ނަސްރާ ހުރީ ސަދަފްއަށް ބަލަހައްޓައިގެން ނޫން ކަމުގައި ވިޔަސް ސަދަފްގެ މޫނުމަތީގައި ލުއި ހިނިތުންވުމެއްވިއެވެ.
**
“ގާތްގަނޑަކަށް 10 ދުވަސްފަހުން ނަސްރާމެން އަނބުރާ ރަށަށްދިޔަ. ދެން…..” ޔޫނުސްއަށް އެހާ ހިސާބަށް ބުނެލެވުނުތަނާ ޒަޔާން އެވާހަކަ މެދުކަނޑާލިއެވެ.
“މަޑުކޮއްބަލަ…..10 ދުވަސްވީއިރު ޔޫނުސްއަށް ހަމަ އެއްވެސް ކަމެއް ނުކުރެވުނުތަ؟ އޭނައާއި އެއްދުވަހު ވެސް ވާހަކަ ނުދައްކަންތަ؟” ޒަޔާން ކެތްތެރިކަން ކުޑަ ގޮތަކަށް އަހާލިއެވެ.
“ވަގުތެއްވެސް ނުލިބުނީ ޙަޤީޤަތުގަ. މުޅި 10 ދުވަހުގެ ތެރޭގައި ނަސްރާމެން އުޅުނީ އެކިއެކި ޙަރަކާތްތަކުގައި ވަރަށް ބިޒީކޮށް. އަދި އަމުދުން ނަސްރާއަކީ ވަރަށް އެކްޓިވްކޮށް އުޅުނު ކުއްޖެއް. އޭނަ އެއްފަހަރުވެސް އެއްތަނެއްގައި މަޑުޖެހިގެން ހުރިތަނެއް އަހަރެން ނުދެކެން. އެއްދުވަހުވެސް ވަރަށް ބާރަށް ސްކޫލްގެ ކޮރިޑޯ ތެރެއިން ހިނގާފަ ދަނިކޮށް އަހަރެންގެ ގައިގަ އައިސްޖެހުނީ. ވަގުތުން ސޮރީއޭ ކިޔާފައި ދުރަށް ހިނގައިގަތް. އަހަންނަކަށް ހިއެއްނުވޭ އޭނައަށް އަހަރެން ރަނގަޅަށް ފެނިފަ ހުންނާނެހެނެއްވެސް.” ޔޫނުސް ކިޔައިދިނެވެ.
**
“ދެން އޭނަ ހަމަ އެހެން ހުރެފަ ހިނިތުންވެލީ. ދެން ފޯނާ ކުޅެން ކުޅެމުން ދުރަށް ހިނގައިގަތް. ހިނިތުންވި ގޮތުން ހީވީ އަހަންނަކީ ކާކުކަން އެނގިގެން ހިނިތުންވީހެން. އެކަމަކު އޭނަ ނުޖެހޭނެދޯ ވަކި އެހެން ބަލާފަ ހިނިތުންވާކަށް؟ އޭނަ ނުޖެހޭނެދޯ އަހަރެން ހިނގާހާ މަގަކުން ހިނގާކަށް؟ އޭނަ ނުޖެހޭނެ…..” ނަސްރާއަށް ރުޅިގޮތަކަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާ ސަދަފް އެނދުމަތީގައި އޮތް ނަސްރާގެ އަތްމަތީގައި އޭނަގެ އަތް އަޅައި ނަސްރާއަށް ގޮވާލިއެވެ. ނަސްރާ ސަދަފްއަށް ބަލާލިއެވެ.
“ނަސްރާއަށް އޭނަ ކަމުދޭދޯ؟” ސަދަފް ކޮއްލި ސުވާލުން ނަސްރާ ސިހުންވިއެވެ. އޭނަ އިރުކޮޅަކަށް ހުއްޓުން އަރާފައި ސަދަފްއަށް ބަލަންއިނެވެ. ސަދަފް ދެބުމަ އަރުވާލުމުން ނަސްރާ ފުން ނޭވައެއް ދޫކޮއްލަމުން އިސްޖަހާލިއެވެ.
**
“އަހަރެން ހީކުރީ އޭނައާ މުޅިން ވަކިވީ ކަމަށް އޭނަ އަނބުރާ ރަށަށް ދިޔަ ދުވަހު. އެކަމަކު އޭގެ މަސްތަކެއް ފަހުން އަހަރެން މިރަށަށް ބަދަލުވީ. އަހަރެންގެ ގެ ކައިރިން ނަސްރާ ފެނުނީމަ އުފަލުން ގޮސް މޮޔަ ނުވީ ކިރިޔާ. ނަމަވެސް އެ އުފާވެރިކަން ދެމިގެން ދިޔައީ އެންމެ ތިން ދުވަހަށް. އަހަރެން މިރަށަށް އައިތާ ތިން ދުވަސްފަހުން ނަސްރާ ފުރައިގެން ދިޔައީ. އަހަރެން ހީކުރީ ޗުއްޓީއަށް މާލެއަށް ދިޔައީ ކަމަށް. ވަރަށް ފަހުން އެނގުނީ ކިޔަވަން ބޭރަށް ދިޔައީކަން.” ޔޫނުސް ވާހަކަ ނިންމާލަމުން ޒަޔާންއަށް ބަލާލިއެވެ.
“އޯންވް….ސޯ ސޭޑް.” ޒަޔާން ދެރަގޮތަކަށް ބުނެލިއެވެ.
“ހެހެހެ…..އެހާ ސޭޑްއެއް ނޫން. އަހަރުތަކެއްފަހުން އެ ދުވަސްތައް ހަނދާންކޮށްފަ އަހަރެންގެ މޮޔަކަމޭ ހިތަށްއަރަމުން ދިޔައީ. ފަހުން ނަސްރާއަށްޓަކައި ވެސް މާ ބޮޑު އިޙްޞާސްތަކެއްނެތް. ހިތަށްއެރީ މިހާރު އޭނަ ބޮޑުވެގެން ވަރަށް ލަދުނުގަންނަ ކުއްޖަކަށްވެފައޭ ހުންނާނީ. އެކަހަލަ ގޮތަކަށް އޭނަ އަހަންނާ ދިމާވިއިރު އުޅުނީ. އެކަމަކު މިހާރު……” ޔޫނުސް ޒަޔާންއަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް ހުއްޓާލިއެވެ. އޭނަގެ ދުލުގައި ތަޅުއެޅުނެވެ. އޭނަ އެއްވެސް އެއްޗެކޭ ނުބުނެ ޒަޔާންއަށް ބަލަން އިންދާ ޒަޔާން ވާހަކަ ދެއްކިއެވެ.
“މިހާރު؟” ޒަޔާން ބުނެލީ ހަމައެކަނި އެހާ ވަރަށެވެ. އެހެން އަހާލިއިރު އޭނަގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. ޔޫނުސް ލުއި ހީލުމަކާއެކީ އިސްޖަހާލިއެވެ.
**
“މިއީ މިކަން ވާންޖެހޭ ގޮތެއްނޫންދޯ؟” އަނގަމަތީގައި ދެއަތް އަޅައިގެން ދުރުބަލަންހުރެ ނަސްރާ އަހާލިއެވެ.
“ނަސްރާ…..މީހަކު ކަމުދިޔުމަކީ ގޯހެއްނޫނޭ. ނަސްރާ ބޭނުމިއްޔާ އަހަރެން ނަސްރާގެ ދޮންބެގާތު ތި ވާހަކަ ދައްކަފާނަން. އޭރުން ތި މީހަކާ ނަސްރާ މެރީކުރެވޭނެ ގޮތް ހަމަޖެއްސިދާނެ. ނަސްރާ ބޭނުން މީހަކާއެއްނޫންތަ ނަސްރާ މެރީކުރަންޖެހޭނީ؟ ބުނެބަލަ. ކީކޭތަ އޭނައަށް ކިޔަނީ؟” ސަދަފް ނަސްރާގެ ކޮނޑުގައި އެއްއަތް އަޅައިގެންހުރެ ވާހަކަ ދެއްކިއެވެ.
“ޔޫނުސް.” ނަސްރާ ޖަވާބުދިނެވެ.
“ހުމް…..ހާދަ ލޯބިވެވިގެންނޭ ނަންވެސް ހޯދާލެވޭނީ.” ސަދަފް އެހެން ބުނެލީ ސީރިއަސްވާކަމަށް ހެދިގެންނެވެ. ސަދަފް ބުނި އެއްޗެއް ނަގައިގަނެވުމާއެކު ނަސްރާގެ މޫނު ރަތްވެގެން ދިޔައެވެ. އޭނަ ހިނިތުންނުވާން މަސައްކަތް ކުރަމުން ނޫނެކޭ ކިޔައި ކައިރީގައި އޮތް ބާލީހަކުން ސަދަފްގެ ގައިގައި ޖަހައިފިއެވެ. ސަދަފްއަށް ބާރަށް ހީގަނެވުނެވެ.
“ހޯދީއެއްނޫން! ބުނީމެއްނު ރިޕޯޓަކުން ފެނުނިއްޔޭ؟” ނަސްރާ ތަންކޮޅެއް އަޑު ހަރުކޮށް ބުނެލިއެވެ. ރުޅިއަންނަ ކަމަށް ހެދުނަސް އޭނަގެ މޫނުމަތިން ހިނިތުންވުމެއް ނުފިލައެވެ.
“އޮފްކޯސް އޮފްކޯސް……..ދެން މައްސަލައެއްނެތޭ ކޮންމެ ގޮތެއްވިޔަސް. އަވަހަށް ބައްޕަގާތު ބުނަމާ ހިނގާދޯ މިވާހަކަ؟” ސަދަފް ބުނެލިއެވެ. އެއާއެކު ނަސްރާގެ މޫނުމަތީގެ ކުލަވަރު އޮއްސިގެން ދިޔައެވެ. ސަދަފްއަށް އެކަން ފާހަގަވުމުން އޭނަގެ މޫނުމަތީގެ ވެސް އުޖާލާކަން ގެއްލުނެވެ.
“ކިހިނެއްވީ؟” ސަދަފް ނަސްރާގެ އަތުގައި ހިފާލަމުން އަހާލިއެވެ.
“އަހަންނަށް ނޭނގޭ ކީއްވެކަމެއް ސަދަފް. ބައްޕަ ޔޫނުސްއަށް ރުޅި އާދޭ.” ނަސްރާ ބުނެލިއެވެ.
**
“ދެން ކީއްވެގެންތަ މިތާ މަޑުކޮށްގެން ތި ހުންނަނީ؟ ދެންވެސް ނިކަން ދޭބަލަ ނަސްރާ ގޮވައިގެން މިގެއަށް އަންނަން.” ޒަޔާން ގޮށްމުއްކަވައި ޔޫނުސްގެ ކޮނޑުގައި ލުއިގޮތަކަށް ޖަހާލަމުން ބުނެލިއެވެ. ޔޫނުސް ދެންވެސް ލުއިގޮތަކަށް ހީލިއެވެ. އެއަށްފަހު ސީރިއަސްވެލިއެވެ.
“އަދިއެއްނޫން ޒަޔާން. އޭގެ ކުރިން އަދި އަހަރެން ކުރަންޖެހޭ ކަމެއް އެބައޮތް. ނަސްރާ އަހަރެންގެ މީހަކަށް ހެދުމަކީ އަދި އެހާ ފަސޭހަކަމެއްނޫން.” ޔޫނުސް ބުނެލިއެވެ.
“އެއީ ކީއްވެ؟” ޒަޔާންއަށް އެހެން އަހާލެވުނީ ނިތަށް ރޫއަރުވަމުންނެވެ. ޔޫނުސް ހިނދުކޮޅަކަށް ވާހަކަ ނުދައްކައި ހުރެފައި ޖަވާބުދިނެވެ.
“ޒަޔާން ހަނދާންވޭތަ އަހަރެން ކިޔައިދިނީމެއްނު އަހަރެން އެންމެ ފުރަތަމަ މިރަށަށް އައިސްގެން އުޅުނު ގޮތުގެ ވާހަކަ؟” ޔޫނުސް އަހާލިއެވެ. ޒަޔާން ބޯޖަހާލިއެވެ.
“މަސްތުވާތަކެތި ގަނެވިއްކުމުގެ އެ ވިޔަފާރީގައި އަހަރެން ވައްކަން ކުރި ތަންތަނުގެ ތެރޭގައި ހިމެނޭ ނަސްރާގެ ބައްޕަ ހިންގާ ފިހާރަވެސް.” ޔޫނުސް ސީރިއަސް ނަޒަރެއްގައި ހުރެ ބުނެލިއެވެ.
**
“އަހަންނަށް ހީވޭ ބައްޕައާ ޔޫނުސްއާ ދެމެދު ކޮންމެވެސް އެއްކަމެއް ހިނގާފައިވީހެން. އެކަމެއް ހިނގާފަވާނީ ހަމަ ގައިމުވެސް އަހަރެން ބޭރަށް ފުރިފަހުން. އަހަރެން ހަނދާނެއްނުވޭ އަހަރެން ރަށުގަ ހުއްޓާ ޔޫނުސް މިހާރު ހުންނަ ގޭގައި ބަޔަކު އުޅުނު ހަނދާނެއް. ޔޫނުސް މި ރަށަށް އައިސްފަވާނީ އަހަރެން ދިޔަފަހުން.” ނަސްރާ އޭނައަށް ހީވާގޮތް ކިޔައިދިނެވެ.
“ތިހެންވިއްޔާ އަފްރާޒްއަށް ވެސް ނޭނގޭނެ ކަންނޭނގެ ތި މީހަކު އެހާ ބޮޑަށް. ކޮންމެއަކަސް ނަސްރާ ތި ބުނީއެއްނު އެއީ ރަނގަޅު މީހެކޭ. ކުރީގަ އޭނަ ކޮންމެ ގޮތަކަށް އުޅުނަސް ހަމަ މީހަކު ބަދަލުވެދާނެއެއްނުދޯ؟ ނަސްރާ ގޮތަށް؟” ސަދަފް އެންމެ ފަހު ދެ ބަސް އެއްލޯމަރާލަމުންނެވެ. ސަދަފްއަށް ބަލަހައްޓައިގެން ހުރި ނަސްރާގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތްއިރު މިފަހަރު އެ މޫނުމައްޗަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. އޭނަ ދުރަށް ނަޒަރު ހިންގާލި ވަގުތު އެ ހިނިތުންވުން ފިލައިފިއެވެ. ނަސްރާއަށް ވީގޮތް ފެނިފައި ސަދަފް ކަންބޮޑުވިއެވެ. އޭނައަށް ބުނެވުނު އެއްޗަކާމެދު ހިތާމަކުރެވުނެވެ.
**
“އެއީ ޔޫނުސްގެ ޕާސްޓެއްނޫންތަ؟ ޔޫނުސް މިހާރުވެސް ތި ދަނީ ޔޫނުސް އޭރު ގެއްލުންދިން އެންމެނަށް އޭގެ ބަދަލުދެމުންނޫންތަ؟ ޝަރީފަށް ދީފިންތަ އަނެއްކާ؟” ޒަޔާން އަހާލިއެވެ. ޔޫނުސް ބޯހޫރުވާލިއެވެ.
“މި މަހު ސެލެރީ ލިބުނީމަ އެއްކޮށް ހަމަވާނީ. ވީހާވެސް އަވަހަކަށް އެ ދީފަ މަޢާފަށްއެދެން ނިންމައިގެން މިހިރީ” ޔޫނުސް ބުނެލިއެވެ.
“އެހެންވީމަ ތިއޮތީވެފައެއްނު؟ ދެން ކޮން ފަސޭހައެއްނޫނެކޭތަ ތި ކިޔަނީ؟” ޒަޔާން އަހާލިއެވެ. ޔޫނުސް ފުން ނޭވައެއް ދޫކޮއްލަމުން ކޮޅަށް ތެދުވިއެވެ.
“ބައެއް ކުށްތަކަކީ ހަނދާން ނައްތާލެވޭނެ ފަދަ ކުށްތައް. އެކަމަކު އަނެއްބައި ކުށްތަކަކީ އެ ކުށްތަކުގެ ސަބަބުން މުޅި ޢުމުރު ދުވަހަށް މީހުންގެ ހިތްތަކުގައި ތިމާއަށްޓަކައި ނަފްރަތު އުފެދޭނެފަދަ ކުށްތައް.” ޔޫނުސް ކުރިއަށް ފިޔަވަޅުތަކެއް އަޅަމުން ބުނެލީ އެހެންނެވެ.
**
“ތެދެއް. މީހަކު ބަދަލުވެދާނެ. އެކަމަކު ބައެއްމީހުންގެ މާޒީގައި ވެފައިވާ ކަންތައްތަކަކީ އޭގެ ސަބަބުން އެމީހުންގެ މިއަދަށް ވެސް އަސަރުކުރާނެ ފަދަ ކަންތައް.” ނަސްރާ ކުރިމައްޗަށް ނަޒަރު ހުއްޓައިގެން ހުރެ އެހެން ބުނެލިއިރު އޭނަގެ ދެލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. ސަދަފް ނަސްރާއަށް ވައިއަޑުން ގޮވާލިއެވެ. އަދި ނަސްރާ ކައިރިއަށް ޖެހިލަމުން ނަސްރާގެ ދެކޮނޑުގައި ހިފައި އޭނައާއިވީ ފަރާތަށް އަނބުރާލިއެވެ.
“ނަސްރާ ތިއީ ގޯސް ވިސްނުމެއް. ނަސްރާ ތިއީ މިހާރު މުޅިން އެހެން މީހެއް. ނަސްރާއަށް ވެސް އެނގެއެއްނޫންތަ އެކަން؟ އަދި ﷲ އެއަށްވުރެވެސް މޮޅަށް ދެނެވޮޑިގެންވާނެ.” ސަދަފް ނަސްރާއަށް ވިސްނައިދޭން އުޅޭ ފަދައަކުން ބުނެލިއެވެ.
“އެނގޭ ތިކަން. ﷲ ފާފަތައް ފުއްސަވާނެކަން ވެސް އެނގޭ. އެކަމަކު މީހުންގެ ރުހުން ހޯދުމަކީ އެހާ ފަސޭހަކަމެއްނޫން. އަ….އަހަރެން ކިހިނެއްތަ މިކަން ހަނދާން ނައްތާލައިގެން މިހާ އުފަލުގަ ކައިވެނީގެ ވާހަކަ މި ދައްކަނީވެސް؟ ޝުކުރިއްޔާ އިނގޭ ހަނދާންކޮއްދިން ކަމަށްޓަކައި. އެނޫންނަމަ އަހަންނަށް މާ ގިނައިރު ވަންދެން ޙަޤީޤަތަކަށް ނުވާނެ ހުވަފެންތައް ބަލަބަލާ ހުރެވުނީސް.” ނަސްރާ އޭނަގެ ކަރުނަތައް ފޮހެމުން ބުނެލިއެވެ. ސަދަފް އަނެއްކާވެސް ދިގުކޮށް ނަސްރާއަށް ގޮވާލިއެވެ.
**
“އަހަންނާ ނަސްރާގެ ކައިވެންޏަކީ ވުމަށްވުރެ ނުވުން ގާތްކަމެއް. ކޮން ބައްޕައެއްތަ ޤާތިލަކާ އޭނަގެ ދަރިފުޅު ޙަވާލުކުރާނީ؟” ޔޫނުސް ދުރުގައިހުރެ އެހެން ބުނެލިއިރު އޭނަގެ ދެލޯ ރަތްވެފައިވިއެވެ. އޭނަ އެހެން ބުނިތަނާހެން ޒަޔާން ކޮޅަށްތެދުވެ ބާރަށް ޔޫނުސްގެ ނަމުން ގޮވާލިއެވެ.
**
“އަހަރެން ކިހިނެއްތަ އަހަރެންގެ ވާންއުޅެ ފިރިމީހާއަށް ތަޢާރަފުވާނީ؟ އެންމެ ފުރަތަމަ ވެސް ފަށަންޖެހޭނީ އަހަރެން ގެންގުޅުނު ލޯބިވެރިންގެ ވާހަކައިން، ދޯ؟” ނަސްރާއަށް ނުރޮވުނެއްކަމަކު އޭނަ ސަދަފްއަށް ބަލާލީ ކަރުނައިން ފުރިގެންވި ދެލޮލުންނެވެ.
ނުނިމޭ