Hijra (Part 7)
އޭގެ އަނެއްދުވަހުގެ ހެނދުނު ޝަރީފް ބޮލުގަ ރިއްސައިގެން އުޅޭތީ އޮފީހަކަށް ނުދެއެވެ. އަފްރާޒް މި ވާހަކަ ގޮސް އޮފީހަށްދާން ސައިކަލަށް އެރި ޔޫނުސްގާތު ބުންޏެވެ. އަދި އެއަށްފަހު ޔޫނުސްގެ ނަންބަރު ހޯދީ ޝަރީފް ރަނގަޅު މޫޑެއްގައި ހުރި ވަގުތެއް ބަލައި ޔޫނުސްއަށް އެންގުމަށްޓަކައެވެ. ޔޫނުސް މެންދުރުގެ ވަގުތެއްގައި ގެއަށް އައިއިރު އަފްރާޒްގެ މެސެޖެއް އައިސްފައި އޮތެވެ. އޭގައި އޮތީ ޢަސްރު ނަމާދަށްފަހު އެގެއަށް އައިމަ ރަނގަޅުވާނެ ކަމަށެވެ. އެއާއެކު ޔޫނުސްއަށް އަނެއްކާވެސް ޝަރީފްއާއި ވާހަކަ ދައްކާނެ ގޮތާއިމެދު ވިސްނެން ފެށިއެވެ. ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް އޭނަ ނުތަނަވަސްވަމުން ދިޔައެވެ. އޭނަ ޢަސްރު ނަމާދަށް ދިޔަ މަގުމަތީގައި އަފްރާޒްގާތު މި ވާހަކަ ބުނަން އުޅުނެއްކަމަކު ނުބުނެވުނީ ޝަރީފްވެސް އަފްރާޒްއާއި އެއްހަމައެއްގައި ހިނގަމުން ދިޔައީތީވެއެވެ. ޔޫނުސްއަށް ހަމަޖެހުމެއް ލިބުނީ ޢަސްރު ނަމާދު ކުރި ވަގުތުގައެވެ. ނަމާދުގެ ތެރެއިން އޭނަގެ ހިތަށް ސާބިތުކަމެއް ލިބުނެވެ. އޭނަ ކުރަން އުޅެނީ ނުބައި ކަމަކަށް ނުވާނަމަ އޭނަ ޖެހިލުންވާކަށް ނުޖެހޭނެކަން ބުނެދިނީ ޚުދު އޭނަގެ ހިތެވެ. ޝަރީފްއާއި އަފްރާޒްގެ ފަހަތުން މިސްކިތުން ނިކުމެގެން އައިއިރު ޔޫނުސްއަށް ބިރުގަންނަންވީ އެއްވެސް ސަބަބެއް ނުފެނެއެވެ.
ޝަރީފް ގެއަށް ވަދެގެން އައިސް ސިޓިންގް ރޫމުގެ ސޯފާގައި ޖައްސާލީ ފުން ނޭވައެއް ދޫކޮއްލަމުންނެވެ. އަފްރާޒް ވެސް ގޭގެ ދޮރު ލައްޕާލަމުން ވަދެގެން އައެވެ.
“އަނެއްކާވެސް ބޮލުގަ ރިއްސަން ފެށީތަ ބައްޕާ؟” އަފްރާޒް އައިސް ކައިރީގައި ހުރި ސޯފާގައި އިށީންނަމުން ކަންބޮޑުވުން އެކުލެވިގެންވާ ގޮތަކަށް އަހާލިއެވެ.
“ނޫން. ކުޑަކޮށް ވަރުބަލިވީ.” ޝަރީފް އަފްރާޒްއަށް ބަލާލަމުން ބުނެލިއެވެ. އެއަށްފަހު ހިންދެމިލަމުން ކުރިމަތީގައި ހުރި މޭޒުމަތީގައި އޮތް ނޫހެއް ނަގައި ސޯފާއަށް ލެނގިލަމުން އެ ކިޔަން ފެށިއެވެ. އަފްރާޒް އިނީ ޔޫނުސްގެ އިންތިޒާރުގައެވެ. އޭނަ އިށީނދެގެން އިންއިރު އެއްފައިން ބިމުގައި މަޑުމަޑުން ޖަހަމުން ދިޔަގޮތުން އޭނަ ކެތްމަދުވެފައިހުރި ވަރު އެނގެއެވެ. މާ ގިނައިރެއްނުވެ ގޭގެ ދޮރުގައި ޓަކިޖަހާލި އަޑުއިވުނެވެ. އެއާއެކު އަފްރާޒްއާއި ޝަރީފްއަށް އެކުއެކީގައި އެދިމާލަށް ބަލާލެވުނެވެ.
“އައްސަލާމްޢަލައިކުމް.” ބޭރުން އިވުނީ ޔޫނުސްގެ އަޑުކަން އެނގި އަފްރާޒްއަށް ކޮޅަށް ތެދުވެވުނެވެ. ނަމަވެސް ޝަރީފަށް އެއީ ކާކުކަން އެނގުނުހެނެއް ހިއެއްނުވެއެވެ. އަފްރާޒް ސަލާމުގެ ޖަވާބުދެމުން ދޮރާއި ދިމާލަށް ދިޔައިރުވެސް ޝަރީފްގެ ނިތުން ރޫނުފިލައެވެ. އަފްރާޒް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ ސީރިއަސް މޫނަކާއެކީ ހުރި ޔޫނުސްއެވެ. ޝަރީފް ޔޫނުސްއަށް ނަފްރަތުކުރާ މިންވަރު އެއްގޮތަކަށްވެސް ނޭނގޭ އަފްރާޒް ހިނިތުންވުމަކާއެކީ ޔޫނުސް އެތެރެއަށް އައުމަށް ތަންދެއްކިއެވެ. ޔޫނުސް ގޭގެ ތެރެއަށް ފިޔަވަޅެއް އަޅާލި ވަގުތު ޝަރީފްއަށް އޭނަ ފެނުނެވެ. އެއީ ކާކުކަން ނަގައިގަނެވުމުން ޝަރީފްގެ މޫނު ރުޅިން ރަތްވިއެވެ.
“ހަމަ ތި ހުރިތާ މަޑުކޮއްލާ!” ޝަރީފް ކޮޅަށް ތެދުވެ އޭނަގެ އަތުގައި އޮތް ނޫސް ހޫރާލަމުން އަޑު ހަރުކޮށް ގޮވާލިއެވެ. ޔޫނުސްއާއި އަފްރާޒްގެ ޙަރަކާތްތައް މަޑުވެ އެމީހުންގެ ނަޒަރު ޝަރީފަށް އަމާޒުވިއެވެ. އެވަގުތު އަފްރާޒްގެ ހިނިތުންވުން ފޭދިގެން ގޮއްސިއެވެ. މާ ގިނައިރެއްނުވެ އާޒް ރޮއިގަތް އަޑުއިވުނެވެ. ކާގޭގައި އާޒްއަށް ކާންދޭން އިން ސަދަފް އޭނަ މަސަލަސް ކުރެވޭތޯ ބެލިއެވެ. އަފްރީންގެ ކޮޓަރީގައި ތިބި އަފްރީންއާއި ނަސްރާއަށް އެކަކު އަނެކަކަށް ބަލާލަމުން ކޮޓަރީގެ ދޮރާއި ދިމާލަށް ހިނގައިގަނެވުނެވެ. އަފްރީންގެ ފަހަތުން ނަސްރާ ކޮޓަރިން ނިކުތީ މޫނު ނިވާކުރަމުންނެވެ. ކޮޓަރިން ނިކުތް ވަގުތު ގޭގެ ދޮރު ކައިރީގައި ހުރި ޔޫނުސް ފެނިފައި ނަސްރާގެ ނޭވާ މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ޝަރީފްއާއި ދިމާލަށް ބަލާލެވުނެވެ. ޝަރީފްގެ ރުޅިވެރި މޫނު ފެނިފައި ނަސްރާ ހަނދާންވީ އޭނައަށް އެންމެ ފުރަތަމަ ޔޫނުސްއާއި ބައްޕަ އެއްތަނެއްގައި ތިބިތަން ފެނުނު ދުވަހެވެ. އެއާއެކު ނަސްރާގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ.
“އަޅުގަނޑު މިއައީ ވާހަކައެއް ދައްކަންވެގެން.” ޔޫނުސް ހިތްވަރުކޮށްފައި ރުޅިން ކެކިކެކި ހުރި ޝަރީފަށް ބަލަހައްޓައިގެން ހުރެ މަޑުމައިތިރި ބުނެލިއެވެ.
“ކަލޭ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ. ވާހަކައެއް ދެއްކިއަސް ދޮގެއްނޫނީ ނުބުނެވޭނެވިއްޔާ!” ޝަރީފް ކުރިއަށް ފިޔަވަޅުތަކެއް އަޅާލަމުން ހަރުކަށިކޮށް ބުނެލިއެވެ. ޔޫނުސްގެ ދިފާޢުގައި ވާހަކަ ދައްކަން ރާވައިގެން ހުރި އަފްރާޒްއަށް ވެސް ލިބިފައި ހުރި ޙައިރާންކަމެއްގެ ބޮޑުކަމުން އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ބައްޕަ މިހާ ރުޅި އައިސްފައި ހުރިތަނެއް އޭނަ ދުވަހަކުވެސް ނުދެކެއެވެ. ޝަރީފްގެ ނުރުހުންތެރިކަމުން އެންމެންގެ ހިތްތަކަށް ލޮޅުމެއް ގެނެސްފައިވި ފަދައެވެ.
“އަޅުގަނޑަށް އެނގޭ މާ ކުރިންވެސް މިހެންކަން ކަންތައްވާނީ. އެކަމަކު އަޅުގަނޑު ޝަކުވާއެއް ނުކުރާނަން ބޭބެ އަޅުގަނޑާއި ދިމާލަށް ކޮންމެ އެއްޗެކޭ ބުންޏަސް. އަޅުގަނޑު އަމިއްލައަށް ބޭބެއަށް އެ ޙައްޤުދެން.” ޔޫނުސް ދެންވެސް ވާހަކަ ދެއްކީ މަޑުމައިތިރި އަޑަކުންނެވެ.
“ބަރާބަރު! އެ ޙައްޤުގެ ބޭނުންކޮށްގެން އަހަރެން މި ބުނަނީ ކަލޭ މިގެއިން ނިކުމެގެންދާށޭ.” ޝަރީފް ގޭގެ ދޮރާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ. އެ މަންޒަރު ބަލަންހުރި ނަސްރާ ހިސާބަކަށް ނުރުހުންވިއެވެ. ޔޫނުސްއަށް ވާހަކަ ދައްކާނެ ފުރުޞަތެއް ލިބެންވާނެއޭ ހިތަށްއެރިއެވެ.
“އޭގެ ކުރިން އަޅުގަނޑު ބޭބެއަށް އެއްޗެއްދޭން ބޭނުން.” ޔޫނުސް އެހެން ބުނެ އޭނަގެ އަތުގައި އޮތް ސިޓީއުރަ ޝަރީފަށް ދިއްކޮއްލިއެވެ. ޝަރީފް ކުރިއަށް ފިޔަވަޅެއް އަޅައި ޔޫނުސް އަތުން އެ ސިޓީއުރަ ޖަހައިގަތެވެ. އެއަށްފަހު އޭގެ އެތެރެ ބަލާލިއެވެ.
“މީ ކޯޗެއް؟ އަހަރެން ކަމެއްގަ ބައްދަންތަ ތި އުޅެނީ އަނެއްކާ؟” ޝަރީފް ސިޓީއުރައިގެ ތެރޭގައި އޮތް ފައިސާ ބޮނޑި ނަގައި ދައްކާލަމުން އަހާލިއެވެ. ދުރުގައި ބަލަން ތިބި ނަސްރާ އާއި އަފްރީންގެ ދެލޯ ބޮޑުވިއެވެ.
“ތިއީ މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ބޭބެގެ ފިހާރައިން ވަގަށްނެގި ފައިސާގެ ބަދަލު. ބޭބެއަށް ކިތަންމެ ޤަބޫލުކުރަން އުނދަގޫވިޔަސް އަޅުގަނޑު ބަދަލުވެއްޖެ. އަޅުގަނޑު ތައުބާވަމުން އަދިވެސް މިދަނީ. އަޅުގަނޑުގެ ތައުބާ ފުރިހަމައެއް ނުވާނެ ކަންނޭނގެ ބޭބެގެ މަޢާފު ނުލިބި. އެހެންވީމަ މިއަދު އަޅުގަނޑު މިއައީ ބޭބެގާތުން މަޢާފަށްއެދެން.” ޔޫނުސް ބުނެލިއެވެ. އޭނަގެ ވާހަކަ އަޑުއަހާފައި އަފްރީންއަށް މާ ބޮޑު އަސަރެއްނުކުރިއެއްކަމަކު އަފްރާޒްއާއި ނަސްރާގެ ހިތް ފުރިގެން އައެވެ. މާޒީއެއްވަނީ އޭނަގެ އެކަނި ނޫންތާއޭ ނަސްރާގެ ހިތަށްއެރިއެވެ. ޔޫނުސްއަށް މިވަގުތު އިޙްޞާސް ކުރެވެމުންދާނެ ގޮތް ނަސްރާއަށް ކޮންމެވެސް ވަރަކަށް ތަޞައްވުރު ކުރެވުނެވެ. ޔޫނުސްގެ ހިތް މިވަގުތު މަޑުވެފައިވާނެ ވަރާއިމެދު ވިސްނުމުން ނަސްރާގެ ހަނދާނަށް އައީ އޭނަ އެންމެ ފުރަތަމަ ތައުބާވެ ކަރުނަ އެޅި ދުވަހެވެ. އެދުވަސް ހަނދާންވުމުން ނަސްރާގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ނަމަވެސް އެވަގުތު ޔޫނުސްއަށް ބަލަހައްޓައިގެން ހުރި ޝަރީފްގެ ހިތް މަޑުވީހެނެއް ހިއެއްނުވެއެވެ.
“މަޢާފޭ؟ ކަލޭ ތީ މަޢާފުކުރެވޭވަރުގެ މީހެއްތަ؟ ކަލޭ ކުރި ކަންތައް ކަލޭ ހަނދާން ނައްތާލީތަ؟ އަމިއްލަ މަންމައާމެދު އިހާނެތިކޮށް ކަންތައް ކުރާނީ ހާދަ ނުބައި މީހެކޭ.” ޝަރީފްގެ ބަސްތައް ވިހަ ކަށިތަކެއް ފަދައިން ގޮސް ޔޫނުސްގެ ހިތަށްހެރުނެވެ.
މަޢާފޭ؟ ކަލޭ ތީ މަޢާފުކުރެވޭވަރުގެ މީހެއްތަ؟ ކަލޭ ކުރި ކަންތައް ކަލޭ ހަނދާން ނައްތާލީތަ؟ އަމިއްލަ މަންމައާމެދު އިހާނެތިކޮށް ކަންތައް ކުރާނީ ހާދަ ނުބައި މީހެކޭ.” ޝަރީފްގެ ބަސްތައް ވިހަ ކަށިތަކެއް ފަދައިން ގޮސް ޔޫނުސްގެ ހިތަށްހެރުނެވެ. ޝަރީފްއާއި އަފްރާޒް ބަލަހައްޓައިގެން ތިއްބާ ޔޫނުސްގެ ލޮލަށް ކަރުނަތައް ގިނަވެގަތެވެ. ދުރުގައި ހުރި ނަސްރާއަށް އެކަން ނޭނގުނެއްކަމަކު ޔޫނުސްގެ މޫނުމައްޗަށް ވެރިވި ހިތާމަވެރިކަން ފާހަގަކުރެވުނެވެ. އެއާއެކު އޭނަގެ ހިތަށް ތަދުވިއެވެ. ބައްޕަ ދެންމެ އެބުނީ ތައުބާވާން ބޭނުންވާ މީހަކު ނާއުންމީދު ކޮއްލާފަދަ ބަސްތަކެވެ. ތައުބާވާން ޤަސްދުކުރާ މީހެއްގެ ސިކުނޑީގައި އެހެންނޫނަސް އެންމެ ގިނައިން ވާނެ ޚިޔާލަކީ ތިމަންނަ ދުވަހަކުވެސް ރަނގަޅު މީހަކަށް ނުވާނެކަމުގެ ޚިޔާލެވެ. ބައްޕަ ދެންމެ ޔޫނުސްއަށް އެކަން ސާބިތުކޮށްދީފިއެވެ. ޔޫނުސްގެ ހިތަށް މިފަހަރު ކޮއްފައިވާނެ އަސަރު ވިސްނައިގަންނަން ވެސް ނަސްރާއަށް ދަތިވިއެވެ. ނަސްރާ ބަލަބަލާ ހުއްޓާ ޔޫނުސް އިސްޖަހާލިއެވެ. އެއަށްފަހު ވަކި އެއްޗެކޭ ނުބުނެ ޝަރީފްމެނަށް ފަސްދީފައި ސިޓިންގް ރޫމުން ފެންޑާއަށް ނިކުމެފިއެވެ.
“ޔޫނުސް!” ހޭވެރިކަމެއް ލިބުނު އަފްރާޒް ކުރިއަށް ފިޔަވަޅެއް އަޅާލަމުން ގޮވާލިއެވެ. އަފްރާޒްގެ އަޑު ޔޫނުސްއަށް ނުއިވުނު ފަދައެވެ. އޭނަ ފަސްއެނބުރި ބަލައެއްވެސް ނުލާ އަވަސް ހިނގުމެއްގައި ގޮސް އެގޭގެ ގޭޓުން ނިކުމެގެން ދިޔައެވެ. އަފްރާޒް އެނބުރި އޭނަގެ ބައްޕައަށް ބަލާލިއެވެ. އަދި ވައިއަޑުން ބައްޕާއޭ ކިޔައި ގޮވާލަމުން މަޑުމަޑުން ބޯހޫރުވާލީ ދެންމެ ކަންތައްވީ ރަނގަޅަކަށް ނޫނޭ ބުނާ ފަދައަކުންނެވެ. އެވަރުންވެސް ޝަރީފްގެ މޫނުމަތިން ރުޅިވެރިކަން އެއްކޮއް ފިލައިނުދެއެވެ. އޭނަ ފައިސާ ބޮނޑިއާއެކީ ބާރު ހިނގުމެއްގައި ގޭގެ ތެރެއަށް ދަމުން އެތާ ހުރި މޭޒުމައްޗަށް އެ ބޮނޑި ޖަހާލާފައި ގޮސް ކޮޓަރިއަށްވަނެވެ.
ޔޫނުސް ނަސްރާމެން ގެއިން ނިކުމެގެން އައިތަން އަމިއްލަ ގޭގެ ދޮރުކައިރީގައި ހުރި ޒަޔާންއަށް ފެނުނެވެ. އޭނައަށް ވަގުތުން ހީލަމުން ޔޫނުސްއަށް ގޮވާލެވުނެވެ. ނަމަވެސް ޔޫނުސް އޭނައަށް ބަލާލުމެއްނެތި ގޮސް ގެއަށްވަދެ ބާރަށް ދޮރު ލައްޕާލި ގޮތުން ކަމެއް ގޯސްވެއްޖެކަން ޒަޔާންއަށް އެނގުނެވެ.
ޔޫނުސްއަށް ކޮޓަރިއަށް ވަދެވެސް ދޮރު ލައްޕާލެވުނީ ބާރަށެވެ. އޭނަ ދިގު ފިޔަވަޅުތަކެއްގައި ގޮސް އެނދުގައި އިށީނދެ ދެއަތުން މޫނުގައި އަތްއެޅިއެވެ. އޭގެ އިރުކޮޅެއްފަހުން ޔޫނުސްގެ ގިސްލުމުގެ އަޑު ކޮޓަރީގެ ހިމޭންކަން ނަގާލައިފިއެވެ. އެ ހިތަށް ތަދުކުރުވަނިވި ގިސްލުމުގެ އަޑު އަހާކަށް އެކަކުވެސް ނެތެވެ. ޔޫނުސްގެ ޒަޚަމްވެފައިވާ ހިތާއިއެކީ މުޅި މީހާވެސް ރޫރޫއަޅަމުން ދިޔައިރު އޭނަ ހިފަހައްޓާލަދޭނެ މީހެއްނެތެވެ. ނަމަވެސް މިއަދު ޔޫނުސްގެ މޭގައި ރިހުމެއްވީ އޭނަގެ އެކަނިވެރިކަމުގެ ސަބަބުންނެއްނޫނެވެ. ޝަރީފް އެންމެ ފަހަކަށް ބުނެލި ބަސްތައް ކަންފަތުގައި ގުގުމަމުން ދިޔައިރު އޭނަގެ ލޮލަށް ސިފަވަމުން ދިޔަ މަންޒަރުތަކެއްގެ ސަބަބުންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ އުމުރުގެ ފުރަތަމަ 19 އަހަރު ވޭތުވި ގޮތް އޭނަގެ ސިކުނޑި އޭނައަށް ހަނދާންކޮށްދިން ފަދައެވެ. އޭނަގެ ލޮލަށް މަންޒަރުތައް ފެނި ގެއްލެމުން ގޮސް އެންމެ ފަހަކަށް ކަންފަތަށް އިވުނީ ކާރެއް ބުރަކި ޖައްސާލި އަޑެވެ.
“މަންމާ!” ޔޫނުސް މޫނުން ދެއަތް ނަގައި ވޭނީ އަޑަކުން ބާރަށް ގޮވާލިއެވެ.
**
އެރޭގެ 8 ޖެހި ވަގުތު ޝަރީފް ކޮޓަރިން ނިކުމެގެން އައިސް ޓީވީ ޖައްސާލީ ޚަބަރު ބެލުމަށްޓަކައެވެ. ޚަބަރު ފެށެން އުޅެނިކޮށް އޭނަ ސިޓިންގް ރޫމުގެ ވަށައި ހޯދާލިއެވެ. އެކަކުވެސް ފެންނާކަށްނެތެވެ. އެންމެން ތިބީ އެމީހުންގެ ކޮޓަރިތަކުގައި ކަން ޝަރީފަށް ނަގައިގަނެވުނެވެ. ހަވީރު އޭނަވެސް ކޮޓަރިއަށް ވަތްގޮތަށް މި ނިކުތީއެވެ. ނަމާދުވެސް ކުރީ ގޭގައެވެ. އެވަގުތުއްސުރެ ގޭގެ އެކަކުވެސް ނުފެނުނެއްކަމަކު އެ އެންމެން ތިބޭނީ އޭނައަށް ނުރުހިފަކަން ޝަރީފަށް ޔަޤީންކުރެވުނެވެ. އެންމެނަށްވެސް ފެންނާނީ އޭނަގެ ނުބައިކަމެވެ. އެއީ އެމީހުންނަށް ޔޫނުސްގެ ނުބައިކަން ފެނިފައި ނުވާތީވެއޭ ޝަރީފަށް ހިތާހިތުން ކިޔާލެވުނެވެ. ހަމަ އެއާއެކު ޝަރީފްގެ ހިތް ޔޫނުސްއަށްޓަކައި ނަފްރަތުން ފުރުނެވެ. އޭނަގެ މޫނުމަތިން ވެސް އެ ނުރުހުންތެރިކަން ފާޅުވިއެވެ. އޭނަ ޔޫނުސްގެ ކަންތައް ސިކުނޑިން ފޮޅާލުމަށްޓަކައި ޓީވީގެ އަޑު ބާރުކުރިއެވެ. އެވަގުތު ނަސްރާގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޝަރީފް ކަނާތް ފަރާތަށް ބަލާލިއެވެ. އޭރު ނަސްރާ ކޮޓަރިން ނިކުމެ ކޮޓަރީގެ ދޮރު ލައްޕާލަނީއެވެ. އެއަށްފަހު އޭނަ ޝަރީފަށް ބަލާލިއިރު އެ މޫނުމަތީގައި އެއްވެސް އަސަރެއްނެތެވެ. ޝަރީފް ބަލަބަލާ ހުއްޓާ ނަސްރާ ފުން ނޭވައެއް ދޫކޮށް އިސްޖަހާލަމުން އޭނައާއި ދިމާލަށް އަންނަން ފެށިއެވެ. ޝަރީފް އޭނަ އިށީނދެގެން އިން ދިގު ސޯފާގެ އެއްފަރާތަކަށް ޖެހިލީ ނަސްރާ އަންނަނީ އެތާނގައި އިށީންނާށޭ ހިތާއެވެ. ޝަރީފް ހީކުރިގޮތަށް ނަސްރާ އޭނައަށް ބަލާލުމެއްވެސް ނެތި އައިސް އޭނަ ކައިރީގައި އިށީނެވެ. ޝަރީފަށް ޙައިރާންކަމާއެކީ ނަސްރާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ނަސްރާ ދެއަތް ޖޯޑުކޮށް ތުންފަތުގައި ޖައްސައިގެން ޓީވީއަށް ބަލަން އިރުކޮޅަކުން އިނދެފައި ވާހަކަ ދެއްކިއެވެ.
“ބައްޕާ….އަޅުގަނޑު ވާހަކައެއް ދައްކަން ބޭނުން.” ނަސްރާ ތުންފަތުން ދެއަތް ނަގާލަމުން އެހެން ބުނެލީ ޓީވީއަށް ނަޒަރު ހުއްޓައިގެން ހުރެއެވެ.
“އާނ އަވަހަށް ބުނޭ ދަރިފުޅާ.” ޝަރީފް އެހެން ބުނެލިތަނާހެން ނަސްރާ ވާހަކަ ދެއްކިއެވެ.
“އަނހަ ނޫން. ކީއްވެދޯ ބައްޕަ އަޅުގަނޑު ބުނާ އެއްޗެއް އަޑުއަހަންވީ؟ އަޅުގަނޑު ވާހަކަ ދެއްކިއްޔާ ހެދޭނީ ދޮގުވިއްޔަ.” ނަސްރާ ދެމާނައެއް އެކުލެވޭ ހިނިތުންވުމަކާއެކީ ޝަރީފަށް ބަލާލަމުން ބުނެލިއެވެ. ޝަރީފަކަށް ވީނުވީއެއް ނޭނގުނެވެ.
“ކޮންކަހަލަ ވާހަކައެއްތަ ދަރިފުޅު ތި ދެއްކީ؟ ދަރިފުޅު ބައްޕައަކަށް ދޮގު ނަހަދާނެއެއްނު؟” ޝަރީފް ޓީވީގެ އަޑު މަޑުކޮށް މޭމަތީގައި އެއްއަތް އަޅާލަމުން އަހާލިއެވެ.
“ކިހިނެއް އެނގެނީ ބައްޕާ؟ އަޅުގަނޑު އެންމެ ފުރަތަމަ ބޭރަށް ކިޔަވަން ގޮސްގެން އުޅުނުއިރު ބައްޕަ ގުޅާފަ ކޮންތާކުހޭ އަހާލީމަ އަޅުގަނޑު އަބަދުވެސް ހެދީ ދޮގު.” ނަސްރާ އެހެން ބުނެލިއިރު އޭނަގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވާން ފެށިއެވެ.
“ދަރިފުޅާ! އެއީ ދަރިފުޅު ކުރީގަ އުޅުނު ގޮތެއްނު؟ ތިއީ މިހާރު އެ ނަސްރާއެއްނޫން.” ޝަރީފް ނަސްރާއަށް ޔަޤީންކަންދޭން އުޅޭ ފަދަ ގޮތަކަށް ބުނެލިއެވެ.
“އަޅުގަނޑު…..ކުޑައިރު މަންމައާމެދު ވެސް ކަންތައްކުރީ ރަނގަޅަކަށްނޫން. ބައްޕައަށް ވެސް އެނގޭނެ އޭރު އަޅުގަނޑުގެ އުޅުންހުރި ގޮތް. އަޅުގަނޑު އަމިއްލަ މަންމައާމެދުވެސް އެގޮތަށް ޢަމަލުކޮށްފަ ހުއްޓާ ބައްޕަ ކިހިނެއް އަޅުގަނޑަށް ތިހާ ފަސޭހައިން މަޢާފުކޮއްލީ؟” ނަސްރާ ނިތަށް ރޫއަރުވައިގެން ހުރެ ޝަރީފަށް ބަލާލަމުން އަހާލިއެވެ. އެއާއެކު ނަސްރާ ޙަޤީޤަތުގަ މި ދައްކަނީ އެހެން ވާހަކައެއްކަން ޝަރީފަށް ނަގައިގަނެވުނެވެ. ޝަރީފް މޫނު އަނބުރާލަމުން ފުން ނޭވައެއް ދޫކޮއްލިއެވެ.
“ނަސްރާ ވެސް ތި ވާހަކަ ދައްކަން އުޅެނީ ޔޫނުސްއާ އެއްކޮޅަށްދޯ؟” ޝަރީފް ދުރުބަލަން ހުރެ އަހާލިއެވެ. ޝަރީފަށް އޭނަ ދައްކާ ވާހަކަ ނަގައިގަނެވިއްޖެކަން އެނގުމުން ނަސްރާ އިސްޖަހާލިއެވެ.
“ބައްޕާ…..އަޅުގަނޑު ބޭނުމެއްނޫން އެއްވެސް މީހެއްގެ ކޮޅަކަށް ޖެހޭކަށް. ތެދެއް، އަޅުގަނޑަށް ޔޫނުސް ކަމުދޭ. އެއީ އަޅުގަނޑަށް އޭނަގެ ފަރާތުން ފެނުނު ރަނގަޅު ސިފަތަކެއްގެ ސަބަބުން. އެކަމަކު ޔޫނުސްއާ ނުއިނދެވިއްޖެއްޔާ އަޅުގަނޑު ނުއުޅެން ބައްޕަދެކެ ވެސް ރުޅިވެގެން އަތުގަ ވަޅި އަޅާކަށް. ﷲ ގެ ރަޙުމަތުން މިއަދު އަޅުގަނޑު އެހާ މޮޔައެއްނޫން. އަޅުގަނޑު ބައްޕަ ރުހޭ މީހަކާ އިނދެގެން ވެސް ރީއްޗަށް އުޅެން މަސައްކަތް ކޮށްފިއްޔާ އުޅެވިދާނެ އިން ޝާ ﷲ. އެކަމަކު…..މިއަދު އަޅުގަނޑު ވަރަށް ދެރަވި. މިއަދު ޔޫނުސް ބައްޕަ ގާތުން މަޢާފަށް އެދުނުއިރު ހުރި މަޤާމަކީ އަޅުގަނޑުވެސް މީގެ އަހަރުތަކެއްކުރިން ހުރި ކަހަލަ މަޤާމެއް. އަޅުގަނޑުވެސް ހުރިން ބައްޕަމެންގެ ފަރާތުން މަޢާފަށް ބޭނުންވެފަ. އަޅުގަނޑު ދުވަހަކުވެސް ރަނގަޅު މީހަކަށް ނުވާނެއޭ ހިތަށްއަރަމުން ދިޔައީ. އަޅުގަނޑު ކިތަންމެ މަސައްކަތް ކުރިއަސް އަޅުގަނޑު ދާނީ ނަރަކައަށޭ ހިތަށް އަރަމުން ދިޔައީ. ރަނގަޅު ވަގުތުގައި ބައްޕަމެން އަޅުގަނޑަށް ލޯބިނުދިން ނަމަ އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑު މިއަދު ވީހީ ކޮންތާކު ކަމެއްވެސް.” ނަސްރާއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުއިރު އޭނަގެ އަރުތެރެ ބެދިއްޖެއެވެ. އޭނަގެ ލޮލަށް ޖަމާވެފައިވި ކަރުނަތަކަކުން ކަރުނައެއް އޭނަގެ ކޯތާފަތް މައްޗަށް ފޭބިއިރު އޭނަގެ ނޭވާ ވަނީ ރަތްވެފައެވެ. ނަސްރާގެ ވާހަކަތައް އަޑުއަހަން އިން ޝަރީފްގެ ހިތަށް ކޮންމެވެސް ވަރެއްގެ އަސަރެއްކުރިކަން އޭނަގެ މޫނުމަތިން އެނގުނެވެ. ނަމަވެސް އޭނަ ދެންވެސް ނަސްރާއަށް ބަލާލުމެއްނެތި އިނީއެވެ. ނަސްރާ އޭނަގެ ނޭވާ އެތެރެއަށް ދަމާލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
“މިއަދު ޔޫނުސްވެސް ބޭނުންވެގެން ހުރީ އެފަދަ ލޯތްބަކަށް. ބައްޕަ އޭނައަށް ލޯބިން މަޢާފުކޮއްދިން ނަމަ މާ ރަނގަޅުވީސް. އޭނަ….” ނަސްރާގެ ވާހަކަ މެދުކެނޑުނެވެ.
“އޭނަ އެއުޅެނީ ހެދިގެން ކަމުގައި ވެއްޖެއްޔާޔޯ؟ ކުރީގަ ވެސް އޭނަ ރަނގަޅުވާކަމަށް ހެދިގެން އުޅުމުގެ ތެރޭގައޭ ބައްޕައަށް ވެސް ލަނޑު ދިނީ. ނަސްރާއަށް އެނގޭތަ އޭނަ ފެތުރި މަސްތުވާތަކެތީގެ ސަބަބުން ރޫޅުނީ މި ތަންގަނޑުގެ ކިތައް ޢާއިލާކަން؟ ބައްޕަ ބިރުގަނޭ ނަސްރާ އޭނައާ އިނުމަށްފަހު އޭނަ އަނެއްކާވެސް އެކަމުގެ ތެރެއަށް ގޮސްދާނެތީ.” ޝަރީފް ނަސްރާއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ނަސްރާ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.
“ބައްޕަ ބިރެއްނުގަނޭތަ އަޅުގަނޑު ކުރީގަ އުޅުނު ގޮތަށް އަނބުރާ ގޮސްދާނެތީ؟” ނަސްރާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ އަހާލިއެވެ. ޝަރީފް ޗޮއްކަނޑާލިއެވެ.
“ނަސްރާ ތިއީ ރަނގަޅު ކުއްޖެކޭ. ނަސްރާ ތިއީ މިހާރު އިތުބާރު ކުރެވޭފަދަ ކުއްޖެއް. ބައްޕައަށް ހަމަ އެހާ ރަނގަޅަށް ނަސްރާ އެނގޭ. އޭނަ…..” ޝަރީފްގެ ވާހަކަ ފުރިހަމައެއްނުވިއެވެ.
“ބައްޕައަށް އަޅުގަނޑު އެނގޭ ފަދައިން އޭނަ ނޭނގެނީ ކަމަށްވެސް ވެދާނެއެއްނު؟ ބައްޕަ ދުވަހަކު ވެސް އޭނަ ތައުބާވިފަހުން އޭނައާ ރަނގަޅަށް ވާހަކަ ދެއްކިންތަ؟ އޭނަގެ އުޅުން ހުންނަ ގޮތް ބެލިންތަ؟ ނުބަލަންޏާ ކިހިނެއް އެނގެނީ އޭނައަށް އިތުބާރު ނުކުރެވޭނެކަން؟” ނަސްރާ އަހާލިއެވެ. ނަސްރާގެ އެ ސުވާލުތަކަށް ބުނާނެ އެއްޗެއް ޝަރީފަކަށް ނުވިސްނުނެވެ. އޭނަ އިރުކޮޅަކު ނަސްރާއަށް ބަލަން އިނދެފައި އިސްޖަހާލަމުން ދުރުބަލަން ފެށިއެވެ. ބައްޕަގެ ފަރާތުން ދެން ޖަވާބެއް ނުލިބޭނެކަން ޔަޤީންވުމުން ނަސްރާ ސޯފާއިން ތެދުވެގެން ދިޔައެވެ. ޝަރީފަށް ވިސްނަން އިނދެވުނެވެ. އޭނައަށް ހަމަ އަސްލުވެސް ޔޫނުސް ނޭނގޭނީބާއޭ ހިތަށްއެރިއެވެ.
އޭގެ އަނެއްދުވަހަކީ ހުކުރު ދުވަހެވެ. ޝަރީފް އަފްރާޒްއާއެކީ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިންވެސް މިސްކިތަށް ދިޔައިރު މިސްކިތުގައި ޔޫނުސްއިނެވެ. ކަނެއްގައި އެކަނި ހުރެގެން ޤުރުއާން ކިޔަވަމުން ދިޔައިރު ހީވާގޮތުން ހިތުން ދަސްކުރަނީއެވެ. އާދައިގެ މަތިން ޔޫނުސް ފެނުމާއެކު ޝަރީފްގެ ހިތަށް ފޫހިކަމެއް ވެރިވާން އުޅުނެވެ. ނަމަވެސް ރޭގަ ނަސްރާ ދެއްކި ވާހަކަ ހަނދާންވެފައި އެ އިޙްޞާސް ނެތިގޮސްފިއެވެ. އޭނައަށް މި ފެންނަނީ ދެއްކުންތެރިކަމެއް ކަމުގައި ނުވެވެސް ހިނގައިދާނެއޭ ހިތަށްއެރިއެވެ. ނަމަވެސް ޤަބޫލުކުރަން ދަތިވިއެވެ.
އެދުވަހު އަފްރާޒާއި ޝަރީފް ހުކުރަށް ދިޔައިރު ޔޫނުސް ޒަޔާނާއެކީ އެމީހުންނަށްވުރެ ކުރީގައި ހިނގަމުން ދިޔައެވެ. ޝަރީފާއި އަފްރާޒްއަށް ޖާގަ ލިބުނީ ޔޫނުސްއާއި ޒަޔާން ތިބި ސަފުގެ ފަހަތުގައި އޮތް ސަފުންނެވެ. ޝަރީފް ހުރި ހިސާބުން އޭނަގެ ކަނާތްފަރާތު ކުރިމަތިން އޭނައަށް ޔޫނުސް ފެނެއެވެ. އެދުވަހު ޚުތުބާގެ މަޢުޟޫއުއަކީ މައިންބަފައިންނަށް އިޙުތިރާމް ކުރުމުގެ މުހިންމުކަމެވެ. ޚުތުބާގެ މެދުތެރެއިން ޝަރީފަށް އެއްލިކަޅިއަކުން ޔޫނުސް ފެނުނުއިރު އޭނަ އިނީ ރޮއިރޮއި ދެލޯ ދުޅަވެފައެވެ. އެއާއެކު ޔޫނުސް ކުރީގަ އުޅުނުގޮތް ޝަރީފްގެ ހަނދާނަށް އައެވެ. ޔޫނުސް ރޮނީ ހަމަ އެކަމާމެދު ހިތާމަ ކުރެވޭތީބާއޭ ޝަރީފްގެ ހިތް ސުވާލުކުރިއެވެ.
އެދުވަހުގެ ހަވީރުގެ ވަގުތު ޝަރީފް ގޭގެ އުނދޯލީގައި އޮތްވާ އެގެއަށް އެހިސާބުގަނޑުގައި އުޅޭ މުސްކުޅި ފިރިހެނަކު އައެވެ. އެއީ ގައިގެ ވަރު ދެރަ، ހަށިގަނޑު އަނަރޫފަވެފައިވާ އެކަނި ދިރިއުޅުމެއް އުޅޭ ފަޤީރު މީހެކެވެ. މި މީހާއަކީ އާދަކޮށް އެކި ގޭގެއަށް ސަލާންޖަހަން އަންނަ މީހެކެވެ. އޭނަ އައީ ޝަރީފް ގާތުން ވެސް އެއްޗެއް ހޯދާށެވެ. ޝަރީފް އެންމެ ފުރަތަމަ އުޅުނީ އެއްޗެއް ނުދޭށެވެ. އެއްފަހަރު ދީފިއްޔާ ދެން އަންނާނެކަން އެނގޭތީވެއެވެ. ނަމަވެސް އެމީހާ އާދޭސްކުރުމުން ޝަރީފް ޖީބުގައި އޮތް ވިހި ރުފިޔާ ނަގާފައިދިނެވެ. އެމީހާ އެގެއިން ނިކުމެގެން ގޮސް ޝަރީފްގެ ލޯމައްޗަށް ގެއްލުނުތަނާ ޝަރީފަށް ޔޫނުސްގެ އަޑު އިވުނެވެ.
“އަނހާ ބޭބެ ކޮންތާކުން؟” ޔޫނުސް ސުވާލުކުރި އަޑު އިވުނެވެ. ޝަރީފް ދެބުމަ ކައިރިކޮށްގެން ހުރެ އުނދޯލިން ތެދުވެ ގޭޓާއި ހަމައަށް ގޮސް މަޑުކޮށްލީ މަންޒަރު ބަލަން ބޭނުންވެގެންނެވެ. ޔޫނުސް ހުރީ އެ މުސްކުޅި ބޭބެއަށް ހިނިތުންވުމަކާއެކީ ބަލަހައްޓައިގެންނެވެ.
“ދަރިފުޅާ މިއަދު ބޭބެ ކާނެ އެއްޗެއްވެސް ނެތިގެން މިއުޅެނީ.” އެމީހާ ދެރަގޮތަކަށް އެހެން ބުނެލިތަނާ ޔޫނުސްގެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ.
“ބޭބޭ…..އަހަރެން ބުނީމެއްނު ކާނެ އެއްޗެއް ނެތިއްޔާ އަހަރެންގެ ގެއަށް އަންނާށޭ؟ އަވަހަށް އާދޭ. ބޭބެއަށް ނޫޑޫލްސް މީރުތަ؟” ޔޫނުސް އެމީހާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ހިނިތުންވުމަކާއެކީ އެހިއެވެ. ޝަރީފަށް ޙައިރާންކަމާއެކީ ބަލަން ހުރެވުނެވެ. އެވަގުތު އޭނަގެ އަމިއްލަ ނަފްސު އޭނައަށް މަލާމާތްކުރަން ފެށިއެވެ. ނުބައީ ކާކުތޯ އޭނައަށް އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ.
އެދުވަހަށްފަހު ވެސް ޝަރީފަށް ޔޫނުސްގެ ފަރާތުން ފެންނަ ރަނގަޅު ސިފަތައް މަދެއްނުވެއެވެ. ނަސްރާ ދެއްކި ވާހަކައަށް ފަހު އޭނައަށް މިހާރު ޔޫނުސް ފެންނަނީ ތަފާތު ނަޒަރިއްޔާތަކުންނެވެ. ޔޫނުސް ކުރާ ކޮންމެ ކަމަކީ ދެއްކުންތެރިކަމަކަށް ނުވާނެއޭ އޭނަގެ ސިކުނޑި މަޑުޖެހުމެއްނެތި ބުނަމުން ދިޔައެވެ. އެހެންނޫނަސް ޔޫނުސް ރަނގަޅުވާނީ ކާކަށް ދެއްކުމަށްޓަކައި ހެއްޔެވެ؟ ޝަރީފަށް އޭނަގެ ފަރާތުން ފެނުނު ގިނަ ޢަމަލުތަކަކީ ޚުދު އޭނަވެސް ބަލަހައްޓައިގެން ހުރިކަން ޔޫނުސްއަށް ނޭނގޭ ފަދަ ޙާލަތްތަކުގައި ފެނުނު ކަންތަކެވެ. ހަފްތާއެއްހާ ދުވަސް ވަންދެން އެ މަންޒަރުތައް ފެނި އެތައް ވިސްނުމަކަށްފަހު ޔޫނުސް ހަމަ ބަދަލުވީތާއޭ ޝަރީފްގެ ހިތް ބުންޏެވެ.
އެއްދުވަހު ޢަސްރު ނަމާދަށްފަހު ގެއަށް އައިސް ޔޫނުސްއަށް ކުރާނެ ކަމެއްނޭނގުނެވެ. ސިޓިންގް ރޫމުގެ ސޯފާއަށް ވެއްޓިގަނެ އޭނަ ޓީވީ ޖައްސަން ސޯފާގައި އޮތް ރިމޯޓު ނެގިއެވެ. ނަމަވެސް ޓީވީ އިން އޭނަ ވަކި ބަލާހިތްވާ އެއްޗެއް މިވަގުތު ނުދައްކާނެކަން ހަނދާންވުމުން ޔޫނުސް ރިމޯޓު މޭޒުމަތީގައި ބޭއްވިއެވެ. އޭނަ ފުން ނޭވައެއް ދޫކޮއްލަމުން ސޯފާއަށް ލެނގިލިއެވެ. ޒަޔާން ބުނިހެން މިގޭގައި ދެވަނަ މީހެއް ހުރިނަމައެވެ. އޭނަ މިގޮތަށް ފޫހިވާކަށް ނުޖެހުނީހެވެ. އެ ވާހަކަ ހިތަށް ވަނުމާއެކު އޭނަގެ ސިކުނޑި ނަސްރާގެ ޚިޔާލުތަކުން ފުރިގެން ދިޔައެވެ. ނަމަވެސް މާ ގިނައިރެއްނުވެ މީގެ ދުވަސްތަކެއް ކުރިން ޝަރީފާއި އޭނައާމެދު ކަންތައް ހިނގި ގޮތް ހަނދާނަށް އައުމުން ޔޫނުސްގެ ދެލޯ ހުޅުވުނެވެ. އޭނަ ހިންދެމިލިއެވެ. އަދި ކޮޅަށް ތެދުވީ އޭނަ ކަމެއްނުކޮށް ހުރިއްޔާ އެކަމާމެދު ބޮޑަށް ވިސްނޭނެކަން އެނގޭތީވެއެވެ. ޔޫނުސް ގޭގެ ފޮތްހަރުގަނޑު ހުންނަ ކޮޓަރިއަށް ވަނެވެ. އަދި ރަނގަޅު ފޮތެއް ފެނޭތޯ ބެލިއެވެ. ޔޫނުސްގެ ލޮލުގައި އަޅައިގަތީ ފޮތްހަރުގަނޑުގެ އެންމެ މަތީގައި ހުރި ގޮޅީގައި އޮތް ފޮތެކެވެ. އޭގެ އަރިމަތީގައި އޮތީ “ސްޓޯރީސް ފްރޮމް ދަ ޤުރުއާން” އެވެ. ޔޫނުސް ޝައުޤުވެރިވެ ހުރެ އޭތި ނެގިއެވެ. އަދި އެއަށް ބަލަހައްޓައިގެން ހުރެފައި އޭތި ހުޅުވާލަމުން ފިހުރިސްތު ބަލާލިއެވެ. ޤުރުއާނުގައިވާ އެކިއެކި ވާހަކަތަކުގެ ނަންތައް ބަލަމުން ގޮސް އޭނަގެ ލޯ ހުއްޓުނީ ޔޫނުސް ޢަލައިހިއްސަލާމްގެ ނަންފުޅު ފެނުމުންނެވެ. އެއާއެކު ޔޫނުސްއަށް ލުއިގޮތަކަށް ހީލެވުނެވެ. އޭނަ އެ ވާހަކަ ކިޔަން ބޭނުންވިއެވެ. އޭނައަށް ކުޑައިރު އެ ވާހަކައިގެ ތަންތަންކޮޅު އިވިފައިވެއެވެ. ނަމަވެސް އެ ވާހަކައިގަ ވާގޮތެއް އޭނައަކަށް ނޭނގެއެވެ. ޔޫނުސް ފޮތް ހިފައިގެން އަނެއްކާވެސް ސިޓިންގް ރޫމަށް ދިޔައެވެ. އަދި ސޯފާގައި އިށީނދެ އެ ފޮތް ކިޔަން އުޅުނުތަނާ މީހަކު ދޮރުގައި ޓަކިދިން އަޑު އިވުނެވެ.
“ހުޅުވާފަ ހުރީ.” ޔޫނުސް ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އެހެން ގޮވާލީ ޒަޔާން ކަމަށް ހީކޮށެވެ. ނަމަވެސް ހުޅުވިގެން ދިޔަ ދޮރުމަތީގައި ހުރި މީހަކު ފެނުމުން ޔޫނުސްއަށް ލަސްލަހުން އަތުގައި އޮތް ފޮތް މޭޒުމަތީގައި ބާއްވަމުން ކޮޅަށް ތެދުވެވުނެވެ.
“އައްސަލާމްޢަލައިކުމް.” އެހެން ބުނެލީ ޔޫނުސްގެ ގެއަށް ވަތް ޝަރީފެވެ. ޝަރީފް އެއްވެސް އަސަރެއްނެތް ގޮތަކަށް ޔޫނުސްއަށް ބަލަހައްޓައިގެން ހުރިއިރު ޔޫނުސް ހުރީ ޙައިރާންކަމެއްގެ ތެރޭގައެވެ.
“ވަ…ވަޢަލައިކުމުއްސަލާމް.” ޔޫނުސް ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ބުނެލިއެވެ.
“އެތެރެއަށް ވަދެވިދާނެތަ؟” ޝަރީފް އަދިވެސް ދޮރުކައިރީގައި ހުރެ އަހާލިއެވެ.
“އާނ އަވަހަށްވަދޭ.” ޔޫނުސް އަވަސްއަވަހަށް ބުނެލިއެވެ. ޝަރީފް އެހެން އެހުމުގެ ކުރިން އެ ދަޢުވަތު ނުދެވުނު ކަމާމެދު ޔޫނުސްއަށް ހިތާހިތުން ހިތާމަ ކުރެވުނެވެ. ޝަރީފް ދޮރު ލައްޕާލަމުން އައިސް ކޮޅަށްހުރި ޔޫނުސްގެ ކައިރިއަށް ހުއްޓިލީތަނާ ޔޫނުސް ކައިރީގައި ހުރި ސޯފާއަށް ޢިޝާރާތް ކުރިއެވެ. ޝަރީފް ބޯހޫރުވާލިއެވެ.
“އިށީންނާކަށް ނޫން މިއައީ. ޔޫނުސްގާތު ދެތިން ވާހަކަ ބުނެލަންވެގެން. ވަރަށް އުނދަގޫ މި ވާހަކަތައް ދައްކަން އެކަމަކު…..” ޝަރީފް އެހާ ހިސާބަށް ބުނެލަމުން ފުން ނޭވައެއް ދޫކޮއްލަމުން އިސްޖަހާލިއެވެ. ޔޫނުސްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
“ޔޫނުސް ބޭބެއަށް މަޢާފުކޮއްދީ.” ޝަރީފް ޔޫނުސްއަށް ބަލާލަމުން ބުނެލީ ހަމައެކަނި އެހާ ވަރަށެވެ. އެވާހަކަ އަޑުއަހައިގެން ހުރި ޔޫނުސްގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތެވެ. އޭނައަށް އަމިއްލަ ކަންފަތަށް އިތުބާރުކުރަން ދަތިވިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ.
“ބޭބެ މިހުރިހާ ދުވަހު ޔޫނުސްއަށް ނަފްރަތުކުރީ ޔޫނުސް މާ ކުރީގަ ކޮށްފަހުރި ކަންތައްތަކެއްގެ ސަބަބުން. ބޭބެއާމެދު އޭރު ކަންކުރި ގޮތުން ބޭބެ ޔޫނުސްއާ އެއްކޮއް ގުޅުން ކަނޑާލަން ނިންމައިގެން ހުރީ. އެކަމަކު އެއީ ރަނގަޅު ގޮތެއްނޫން. އަދި އަމުދުން މިއަދު ޔޫނުސްއަކީ ކިހާ ޚުލްޤު ހެޔޮ މީހެއްކަން ބޭބެއަށް ޔަޤީންވެފަ ހުއްޓާ އެއީ މާ ގޯސްކަމެއްހެން ބޭބެއަށް ހީވަނީ. ޔޫނުސް ވަރަށް ދެރަވާ ގޮތްގޮތަށް ބޭބެއަށް ވާހަކަ ދެކެވިފަ އެބަހުރި. އެ ހުރިހާ ކަމަކަށްޓަކައި ބޭބެ މަޢާފަށްއެދެން.” ޝަރީފް ވާހަކަ ނިންމާލީ ދެރަ މޫނަކާއެކީ ޔޫނުސްއަށް ބަލާލަމުންނެވެ. ޝަރީފްގެ ވާހަކަ ނިމުނުތަނާ ޔޫނުސް ބޯހޫރުވާލިއެވެ.
“ބޭބެ މަޢާފަށް އެދޭކަށް ނުޖެހޭ. މީހަކު ރުޅި ނާންނަ ގޮތަކަށްނޫން އަޅުގަނޑު އުޅުނީކީއެއް. ކޮންމެ ގޮތެއްވިޔަސް…..ބޭބެ އަޅުގަނޑަށް މަޢާފު ދިނީތީ ވަރަށް އުފާވެއްޖެ. އަޅުގަނޑު ބޭނުންވަނީ އެ ދުވަސްތައް ހަނދާން ނައްތާލަން. ބޭބެ ބޭނުންވަނީ ކޮން ގޮތެއް؟” ޔޫނުސް ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ. ޝަރީފްގެ މޫނުމައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ.
“ބޭބެވެސް ބޭނުންވަނީ އެގޮތް. އެކަންތައް ހަނދާން ނައްތާލާފަ ބޭބެ ބޭނުންވަނީ އާ ފެށުމެއްފަށަން. ޔޫނުސް ބޭބެގެ ދަރިފުޅު ނަސްރާއާއި އިންނާނަންތަ؟” ޝަރީފް އަހާލިއެވެ. ޔޫނުސް އިރުކޮޅަކަށް ހުއްޓުން އެރިއެވެ. ޝަރީފް ކުރި ސުވާލު ނަގައިގަނެވުނު ހިނދު ވީ އުފަލެއްގެ ބޮޑުކަމުން ޔޫނުސްއަށް ހީލެވުނެވެ.
“ކިހިނެއްވީ؟ ސަމާސާ ވާހަކައެއްތަ މި ދެކެވުނީ؟” ޝަރީފް ހިސާބަކަށް ޙައިރާންވެހުރެ ލުއި ހިނިތުންވުމަކާއެކީ އަހާލިއެވެ.
“މިއީ އަޅުގަނޑަށް ތި އެދުން ލިބުނު ދެވަނަ ފަހަރު.” ޔޫނުސް އޭނަގެ ހިނިތުންވުން ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ.
“ދެވަނަ ފަހަރޭ؟ އަފްރާޒް، ދޯ؟” ޝަރީފް ވާހަކަ ފެށީ ޙައިރާންކަމާއެކީ ކަމަށްވިޔަސް ފަހުން މި ވީގޮތް ޝަރީފަށް ނަގައިގަނެވުނެވެ. ޔޫނުސް ޝަރީފްގެ އެވާހަކައަށް ހެވިފައިހުރެ ބޯޖަހާލިއެވެ. ޝަރީފް ވެސް ހިނިތުންވުމަކާއެކީ ޔޫނުސްގެ އެއްކޮނޑުގައި ހިފާލިއެވެ.
“މާދަމާ ރޭ އަހަރުމެން ގެއަށް އަންނާތި އިނގޭ ނަސްރާއާއި ބައްދަލުކުރަން؟” ޝަރީފް ބުނެލިއެވެ.
“އިރާދަކުރެއްވިއްޔާ.” ޔޫނުސް ބޯޖަހާލަމުން ބުނެލިއެވެ. ޝަރީފް ދަނީއޭ ކިޔައި ދާން އުޅުނު ވަގުތު މޭޒުމަތީގައި އޮތް ފޮތް އޭނަގެ ލޮލުގައި އެޅިއެވެ.
“ޔޫނުސްވެސް މި ވާހަކަތައް ކިޔަންތަ؟ ނަސްރާވެސް ނިކަން ވަރު ހުންނާނެ ޤުރުއާނުގެ ވާހަކަތައް ކިޔައިދޭން. ވަރަށް ރީއްޗަށް ކިޔައިދޭނެ.” ޝަރީފް އެހެން ބުނެލަމުން ޔޫނުސްއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ޔޫނުސް ހީލުމަކާއެކީ އިސްޖަހާލިއެވެ. ޝަރީފް ދެންވެސް އެއްފަހަރު ދަނީއޭ ބުނެލަމުން އެގެއިން ނިކުމެގެން ދިޔައެވެ. ޝަރީފް ލޯމަތިން ގެއްލުމާއެކު ޔޫނުސްއަށް މައްޗަށް ބަލާލަމުން އަލްޙަމްދުލި ﷲ އޭ ކިޔާލިތާ މާ ގިނައިރެއްނުވެ އަނެއްކާވެސް ހެވިއްޖެއެވެ.
ހަވީރު ސްކޫލްގައި އޮތް އިތުރު ޙަރަކާތަށްފަހު ގެއަށް އައި ނަސްރާއަށް ޝަރީފް ދެއްކި ވާހަކައަކުން މުޅި އެރޭ ހުރެވުނީ ހެވިފައެވެ. އާޒްއާއެކީގަވެސް އޭނަ ކުޅެހެދީ އިހުނަށްވުރެ މާ ފޯރިއާއެކީގައެވެ. އަފްރީން މި ވާގޮތެއް ނޭނގިގެން އުޅެނިކޮށް އޭނައަށް ކިޔައިދިނީ ސަދަފްއެވެ. އަފްރީން ހުރީ ޙައިރާންވެފައެވެ. ރައްޓެހިވެސް ނުވާ މީހަކާ ދޮންތަ އިންނަން އުޅޭތީވެއެވެ. ނުވެސް ދަންނަ މީހަކާއެކީ ދޮންތަ އުފަލުގަ އުޅޭނީ ކިހިނެއްބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އަދި އެންމެ އަޖައިބުވީ ދޮންތަ ވެސް މި ކައިވެންޏާމެދު އުފާކުރަމުން ދިޔައީތީވެއެވެ. ދޮންބެއާއި ދޮންތައަކީ ހަމަ އެއްކަހަލަ ދެމީހުންތާއޭ އަފްރީންއަށް ހިތާހިތުން ކިޔާލެވުނެވެ. ނަމަވެސް އޭނަ ތަފާތެވެ. އޭނަ ދެކޭގޮތުގައި ކޮންމެ މީހަކަށް ވެސް ޚާއްޞަ އެހެން މީހެއް ދުނިޔެމަތީގައި ވާނެއެވެ. އޭނަ ޖެހޭނީ އެމީހަކު އަމިއްލައަށް ހޯދާށެވެ. އޭނަ ޖެހޭނީ އޭނަގެ އެ “ސޯލްމޭޓް” ހޯދާށެވެ. މިވެނި މީހަކީ އޭނަގެ ސޯލްމޭޓްކަން އެނގޭނީ އެމީހަކާ ރައްޓެހިވެ އެކިއެކި ބައްދަލުވުންތަކަށް ފަހުގައެވެ. އެއަށްފަހު ކައިވެނި ކުރުމުން އަފްރީން ދެކޭގޮތުގައި ފިލްމުތަކުން އޭނައަށް އެ ފެންނަފަދަ އުފާވެރި ނިމުމެއް އޭނަގެ ޙަޔާތުގެ ވާހަކައަށް އައިސްދާނެއެވެ. އެދުވަހަކަށް އަފްރީން ދަނީ އިންތިޒާރު ކުރަމުންނެވެ. މިފަދަ ވިސްނުމެއް ދޮންތަމެން ނުގެންގުޅޭތީ އަފްރީންއަށް ހިތާހިތުން އެމީހުންނަށް ޙަމްދަރުދީ ވެވުނެވެ. ދޮންތައަށް ވެސް މި ލިބެން އުޅެނީ ދޮންތަގެ “ސޯލްމޭޓް” ކަމުގައި ނުވެ ހިނގައިދާނޭ އަފްރީންގެ ހިތް ބުންޏެވެ.
އެރޭ އެނދުގައި އޮށޯތެއްކަމަކު ނަސްރާއަކަށް ނުނިދެއެވެ. އުފަލުން ގޮސް އޭނަގެ ހިތް ފުރި ބަންޑުންވަމުން ދިޔައެވެ. އޭނަ ކިތަންމެ ބޭނުން ނުވިޔަސް ޔޫނުސްގެ އެ އުޖާލާވި ހިނިތުންވުން އޭނަގެ ލޮލަށް ސިފަވަމުން ދިޔައެވެ. ނަސްރާ ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ ކަނާތް ފަރާތަށް އެނބުރިލަމުން ބާލީސް ކައިރީގައި އޮތް ފޯނު ނަގައި ޖައްސާލިއެވެ. ގަޑިން ދަންވަރު ބާރަ ޖަހައި ފަސް މިނެޓް ހިނގީއެވެ. އަދި މާދަމާ ރޭވާން ކިހާ އިރެއް އެބައޮތްކަން އެނގުމުން ނަސްރާގެ ހިތަށް އުނދަގޫވިއެވެ. އޭނަ ކެތްމަދުވެފައި ހުރި ވަރު އިޙްޞާސްވެފައި ނަސްރާއަށް އޭނަގެ ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. ޔޫނުސްއާ ބައްދަލުވުމުން އޭނައަށް ވާނެ ގޮތެއްވެސް ނަސްރާއަކަށް ނޭނގެއެވެ. ދައްކާނީ ކޮން ވާހަކައެއްބާއޭ ހިތަށްއެރިއެވެ. ހަމަ އެއާއެކު އޭނަ މާދަމާ ރޭ ދައްކަންޖެހޭ މުހިއްމު ވާހަކައެއް އެބައޮތްކަން ނަސްރާގެ ހަނދާނަށް އައެވެ. ނަސްރާގެ ހިނިތުންވުން ފަނޑުވަމުން ގޮސް ގެއްލުނެވެ. އޭނަ ޔޫނުސްއަށް އޭނަގެ މާޒީ ކިޔައިދޭން ޖެހެއެވެ. ފަޅި ސިކުންތަކަށް ކިޔައިނުދޭނީއޭ ނަސްރާގެ ހިތް ބުންޏެވެ. ނަމަވެސް ކިޔައިނުދީ ކައިވެނި ކޮށްފިއްޔާ ކައިވެންޏަށްފަހު މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ސިކުނޑި ބުނުމުން ނަސްރާއަށް ފުން ނޭވައެއް ދޫކޮއްލެވުނެވެ. އެއަށްފަހު ޔޫނުސްއާ ވާހަކަ ދައްކާނީ ކިހިނެއްކަން އޭނަ ރާވަންފެށިއެވެ. އެންމެ ފުރަތަމަ އެކަން ޚިޔާލުކުރަން ވެސް ނަސްރާއަށް ދަތިވިއެވެ. އެ ވާހަކަ ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް ނަސްރާއަކަށް ނޭނގުނެވެ. ނަމަވެސް އެތައް ވިސްނުމަކަށްފަހު ރީތި ގޮތަކަށް އެވާހަކަތައް ކިޔައިދެވޭނެ ގޮތެއް ނަސްރާ ނިންމައިފިއެވެ. އަދި ސިކުނޑީގައި އެތައް ފަހަރަކު ޔޫނުސްއަށް އެވާހަކަތައް ކިޔައިދީފިއެވެ. ނަސްރާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ އެއަށްފަހުއެވެ. އެހެނަސް އޭނަ ނިދަން އުޅެއުޅެ އެރޭ ނިދޭ ގޮތެއްނުވިއެވެ. އެންމެ ފަހުން އޭނަ ފޯނު ނަގައި އޭގައި ހުންނަ ޤުރުއާން އެޕްއެއް ހުޅުވާލިއެވެ. އަދި ސޫރަތްތަކުގެ ލިސްޓް ހުޅުވުމުން ސްކްރޯލް ކުރަމުން ގޮސް ޠާހާ ސޫރަތް ޕްލޭކޮށްލިއެވެ. ސޫރަތުގެ ވަކި ހިސާބަކުން މޫސާ ޢަލައިހިއްސަލާމްގެ ވާހަކައިގެ ބައެއް އައުމުން ނަސްރާއަށް ހިނިތުންވެލެވުނެވެ. ނަސްރާ ދިރިއުޅުމުގައި ކިޔުނު އެއްވެސް ވާހަކައެއް ޤުރުއާނުގައިވާ ވާހަކަތަކާ އަޅައެއް ނުކިޔެއެވެ. އެހެނީ ޤުރުއާނުގައިވާ ވާހަކަތަކުގެ މަންޒަރުތައް ސިފަކުރައްވާފައިވާ ގޮތާއި މަންޒަރުތައް އެތުރިފައިވާ ގޮތް އެހާވެސް ފުރިހަމައެވެ. މިއަދުގެ ފިލްމުތަކުގައި ހުންނަ “އެފެކްޓްސް” ވެސް އެ ވާހަކަތަކުގައި ހުރެއެވެ. ނަމަވެސް ގިނަ މީހުންނަށް މިކަން ނޭނގެއެވެ. ޚުދު ނަސްރާއަށް ވެސް މިކަން އެނގުނީ ސަދަފްއާ ދިމާވިފަހުންނެވެ. ޔޫނުސްއަށް ވެސް އަދި ނޭނގޭނެތާއޭ ހިތަށްއެރިއެވެ. ކައިވެންޏަށްފަހު ޔޫނުސްއަށް ކިޔައިދޭނީއޭ ނަސްރާގެ ހިތަށްއެރި ވަގުތު ނަސްރާގެ ދެލޯ މެރި ހިނިތުންވުން ފުންވިއެވެ.
ނުނިމޭ