Hijra (Part 8)
އޭގެ އަނެއްދުވަހުގެ ރޭގަނޑަށް އަނދިރިވަމުން ދިޔައީ ކެތްމަދުވެފައިވާ ދެހިތެއްގެ އިންތިޒާރަށް ނިމުމެއް ގެންނަމުންނެވެ. އެރޭގެ 8 ޖެހި ވަގުތު ރީތިވާ މޭޒުގެ ލޯގަނޑުން އޭނަގެ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރި ޔޫނުސްގެ ދެއަތް ފިނިވެފައިވިއެވެ. އޭނަ ދެއަތް ވަކި ހިސާބަކަށް އުފުލައި ބަލާލިއިރު އެ ދެއަތުންވަނީ ފެން ހެލިފައެވެ. ޔޫނުސް އަވަސްއަވަހަށް އޭނަގެ ދެއަތް ޖިންސްގައި ފޮހެލިއެވެ. އެއަށްފަހު ލޯގަނޑަށް ބަލާލަމުން ފުން ނޭވައެއް ދޫކޮށް އޭނަގެ ކުރުވެފައިވާ ނޭވާ ހަމައަކަށް އެޅޭތޯ ބެލިއެވެ. އޭނަ ބޮލުގަ ފުނާ އެޅީ ދެންމެ ކަމުގައިވީ ނަމަވެސް އޭނަ އަނެއްކާވެސް ދެއަތުން އިސްތަށިގަނޑު މައްޗަށް ކަހާލިއެވެ. އެއަށްފަހު ލުއި ހިނިތުންވުމަކާއެކީ އަމިއްލަ ނަފްސަށް ބަލާލީ ހިނިތުންވުމުގެ ފަރިތަކުރުމެއްގެ ގޮތުންނެވެ. އެއަށްފަހު އޭނަ ކޮޓަރިން ނިކުންނަން ދިޔައެވެ.
ގޭގެ ދޮރުވަނީ ތަޅުލެވިފައި ކަމަށްވިޔަސް ސިޓިންގް ރޫމުގައި ވަކިން ހުރި ސޯފާއެއްގައި އިން ނަސްރާ އިނީ މޫނު ނިވާކޮށްގެންނެވެ. އޭނަ އިރުއިރުކޮޅާ ގޭގެ ދޮރާއި ދިމާލަށް ބަލަމުން ދިޔައީ ހަމަ ދެންމެ ދެންމެ ޔޫނުސް އައިސްދާނެއޭ ހިތް ބުނަމުން ދިޔައީތީވެއެވެ. އޭނަގެ އެ ހިތް މޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ.
“ކުދިން ކުދިން ކެތްމަދުވާހެން ހާދަހީވޭ.” ކޮޓަރިން ނިކުމެގެން އައި ސަދަފް ހިނިތުންވުމެއްގައި ހުރެ ރާގަކަށް ބުނެލިއެވެ. ނަސްރާ ބަދަލުގައި ސަދަފްއަށް ބަލާލަމުން ދެލޯ ހަނިކޮށްލައިފިއެވެ. ސަދަފްއަށް ހެވިއްޖެއެވެ.
“އޭނަ ނުވެސް އަންނަނީސް މޫނު އަޅައިގެންތަ ތި ހުންނަނީ؟ އޯންވް……” ސަދަފް ނަސްރާއާއި ހަމަކޮށް އެހެން ބުނެލަމުން ފޮތިކޮޅު މަތިން ނަސްރާގެ ދެކޮލުގައި ހިފައި ދެފަރާތަށް ހަލުވަން ފެށިއެވެ. އޭނަ ހިނިތުންވާކަން ސަދަފްއަށް ނޭނގޭނެކަން އެނގިހުރެވެސް ނަސްރާއަށް އޭނަގެ ހިނިތުންވުން ކޮންޓްރޯލްކުރަން މަސައްކަތް ކުރެވުނެވެ.
“އާޒް ކޮބައިތަ؟ ނިދައިފި؟” މަޢުޟޫއު ބަދަލުކޮށްލުމުގެ ގޮތުން ނަސްރާ އަހާލިއެވެ.
“ހޫމް….މިއީ ކުޑަކުދިންގެ ޖަލްސާއެއްނޫން. އަފޫވެސް ހުރީ ޓިއުޝަނަށް ގޮއްސަ. ރަނގަޅެއްނުދޯ؟” ސަދަފް ނަސްރާގެ ކޮލުން ދޫކޮއްލަމުން ބުނެލިއެވެ. ނަސްރާއަށް ބޯޖަހާލެވުނެވެ. އޭނަ މިރޭ ޔޫނުސްއާ ދައްކަން ބޭނުންވާ ވާހަކަތައް އޭނަ އަފްރީން ހުއްޓާ ދައްކާކަށް ބޭނުމެއްނޫނެވެ. އެއީ އެ ވާހަކަތަކަކީ އަދި އަދަށްދާން ދެންވެސް އަފްރީންއަށް ފޮރުވިފައިވާ ވާހަކަތަކެވެ. ކަންމިހެން އޮތްވާ އަފްރީންއަށް އެ ވާހަކަތައް އިވޭ ފުރަތަމަ ފަހަރަކީ އޭނަ ހިލޭ މީހަކަށް ކިޔައި ދޭއިރު ކަމުގައި ވާކަށް ނަސްރާ ބޭނުމެއްނުވެއެވެ. ނަސްރާ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ ގޭގެ ދޮރުގައި ޓަކިދިން އަޑުއިވުނެވެ.
“އައްސަލާމުޢަލައިކުމް.” ބޭރުން އިވުނީ ޔޫނުސްގެ އަޑެވެ. އެ އަޑު އިވިފައި ނަސްރާގެ ނަޒަރު ދޮރަށް ހުއްޓުނެވެ. އޭނަގެ ހިތް މިފަހަރު ތެޅެން ފެށީ މޭފަޅާފަ ނިކުމެދާނެހެން ހީވާ ވަރަށެވެ. ނަސްރާ ހުރިގޮތަށް ހުއްޓާ އަފްރާޒްއާއި ޝަރީފްވެސް ތައްޔާރުވެގެން އެމީހުންގެ ކޮޓަރިތަކުން ނިކުމެފިއެވެ. ސަދަފް އޭނަގެ މޫނު ނިވާކުރަމުން އަފްރާޒްއަށް ގޮވައި ދޮރާއި ދިމާލަށް ބޮލުން ޢިޝާރާތް ކުރިއެވެ. އެވަގުތު ޔޫނުސް އަނެއްކާވެސް ސަލާން ގޮވާލި އަޑު އިވުނެވެ. އަފްރާޒްއާއި ޝަރީފްގެ މޫނުމައްޗަށް ވެސް ހިނިތުންވުންތަކެއް ވެރިވިއެވެ.
“ވަޢަލައިކުމުއްސަލާމް.” ޖަވާބު ދެމުން އަފްރާޒް ދިގު ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ޔޫނުސް އަފްރާޒް ފެނިފައި ހިނިތުންވެލިއެވެ. އަފްރާޒް ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ ޔޫނުސްގެ ގައިގައި ބައްދާލިއެވެ. ޔޫނުސްވެސް އަފްރާޒްގެ ގައިގައި ބާރަށް ހިފަހައްޓާލިއެވެ.
“އަވަހަށް ވަދޭ.” އަފްރާޒް ޔޫނުސްއާ ދުރުވެލަމުން ޔޫނުސް އޭނައަށް ދިން ފަދަ މަރުޙަބާއެއްދިނެވެ. ޔޫނުސްއަށް އެކަން ފާހަގަވުމުން އޭނައަށް ލުއި ގޮތަކަށް ހީލެވުނެވެ. އެ ހީލުމުގެ ތެރެއިން އޭނައަށް ގޭތެރޭގައި ތިބި މޫނުބުރުގާ އަޅައިގެން ތިބި ދެ އަންހެނުން ފެނުނެވެ. އެކަކު ސޯފާގެ ކައިރީގައި ކޮޅަށް ހުރިއިރު އަނެކަކު ގޭގެތެރެއަށް ދާން ހިނގައިގެންފިއެވެ. ނަސްރާއަކީ އޭނަ ބަލާލުމުން އިސްޖަހާލި، ސޯފާގެ ކައިރީގައި ހުރި އަންހެން ކުއްޖާކަން ޔަޤީންވުމުން ޚުދު ޔޫނުސްއަށް ވެސް ޙައިރާންކަމެއް ލިބުނެވެ. ޔޫނުސް ގަދަކަމުން ކަހަލަ ގޮތަކަށް ޝަރީފްއާއި ދިމާލަށް އޭނަގެ ނަޒަރު ބަދަލުކޮށްލިއެވެ.
“ޔޫނުސް އާދޭ އަވަހަށް މިތާ އިށީންނަން.” ޝަރީފް އެތާނގައި ހުރި ސޯފާގައި ދެފަހަރަކު ޖަހާލަމުން ބުނެލިއެވެ. އެ ވަކިން ހުރި ސޯފާހުރީ ނަސްރާއާއި ސީދާ ކުރިމަތީގައެވެ. ޔޫނުސް ވަކި އެއްޗެކޭ ނުބުނެ ނަސްރާއަށް ނުބަލަން މަސައްކަތް ކުރަމުން އެ ސޯފާގައި އިށީނެވެ. ޝަރީފްއާއި އަފްރާޒް މެދުގައި ހުރި ދިގު ސޯފާގައި ގޮސް އިށީނެވެ. އެވަގުތު ސަދަފް ތަބަކެއްގައި ކޮފީއާއި ކޭކު ހިފައިގެން އައިސް ދިގު ސޯފާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ.
“ޔޫނުސްއަށް އަނެއްކާ އެބަ އިނގޭތަ ނަސްރާއަކީ ކާކުކަން؟” ޝަރީފް ސަމާސާ ރާގަކަށް ސުވާލުކުރިއެވެ.
“ހްމް..” ޔޫނުސް އެހެން ބުނެލީ ސީދާ ނަސްރާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެއެވެ. ނަސްރާގެ ދެލޯ ކުއްލިއަކަށް އޭނައަށް އަމާޒުވިގޮތުން ނަސްރާ ޙައިރާންވެއްޖެކަން ޔޫނުސްއަށް ނަގައިގަނެވުނެވެ. އޭނަ ލުއި ހިނިތުންވުމަކާއެކީ އިސްޖަހާލިއެވެ.
“ދެން އިންނަންވާ ކުއްޖާ އެނގިގެންތާދޯ އަންނާނީ ވެސް؟” އަފްރާޒް ހެވިފައިހުރެ ބުނެލިއެވެ. ޔޫނުސްއާއި ޝަރީފް ލުއިގޮތަކަށް ހީލިއެވެ. އެވަގުތު ސަދަފް އަފްރާޒްގެ ކައިރީގައި ސޯފާގެ ފުރަގަހުގައި މަޑުކޮށްލިއެވެ. އަދި އަތުގެ ޢިޝާރާތުން ނަސްރާގެ ސަމާލުކަން ހޯދޭތޯ ބެލިއެވެ. އެއްލި ކަޅިއަކުން އެ މަންޒަރު ފެނުނު ނަސްރާ ސަދަފްއަށް ބަލާލިއެވެ. ސަދަފް ދެން ޢިޝާރާތް ކުރީ މޫނު ފޮތިކޮޅު ނަގާލުމަށެވެ. ނަސްރާ ދެލޯ ބޮޑުކޮށްލަމުން ކުޑަކޮށް ބޯހޫރުވާލިއެވެ. ސަދަފް ވެސް ބޯހޫރުވާލަމުން އަނެއްކާވެސް އޭނަގެ އެ ޢިޝާރާތް ތަންކޮޅެއް ހަރުކަށިކޮށް ދެއްކިއެވެ. ނަސްރާއަށް ވެސް މިފަހަރު ބޯހޫރުވާލެވުނީ ތަންކޮޅެއް ބޮޑަށެވެ. ހުނުން ކޮންޓްރޯލް ކޮއްލި ޔޫނުސްއަށް އެ މަންޒަރު ފެނުނެވެ. އޭނަ ފަނޑުވަމުން ދިޔަ ހިނިތުންވުމަކާއެކީ އެއްފަހަރު ނަސްރާ އަނެއްފަހަރު އޭނަ ބަލަހައްޓައިގެން ހުރި ސަދަފްއަށް ބަލާލިއެވެ. އެއާއެކު ޔޫނުސްއަށް މިވާ އެއްޗެއް ނަގައިގަނެވުނެވެ.
“މައްސަލައެއްނެތް މޫނު ނުދެއްކިއަސް.” ޔޫނުސް ކުއްލިއަކަށް ބުނެލި ވާހަކައިން އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. ޔޫނުސް ބުނި އެއްޗެއް ނަގައިގަނެވުނު ނަސްރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނަ ފުން ނޭވައެއް އެތެރެއަށް ދަމައި މަޑުމަޑުން ދޫކޮއްލައިފިއެވެ. އަދި ސަދަފްއަށް ބަލާލީ ކާމިޔާބުގެ ހިނިތުންވުމަކާއެކީގައެވެ. އެ ހިނިތުންވުން ނުފެނުނަސް ނަސްރާ ހުންނާނީ އެ ފަދަ ހިނިތުންވުމެއްގައިކަން ސަދަފްއަށް އެނގުނެވެ. ސަދަފްއަށް ހިތާހިތުން ނަސްރާއަށްޓަކައި އުފާކުރެވުނެވެ.
“އެއީ ކީއްވެތަ ޔޫނުސް؟” އަފްރާޒް ދެބުމަ ކައިރިކޮށްފައި ސުވާލުކުރިއެވެ. ޝަރީފްވެސް ފަހަތުން ތެދެއްހޭ އަހާލިއެވެ. ޔޫނުސް ނަސްރާއަށް ބަލާލިއެވެ. ނަސްރާއަށް އިސްޖަހާލެވުނެވެ.
“އެއީ ދެން….އަހަންނަށް ހަމަ މައްސަލައެއްނެތީ. މިރޭ މިއައީ ހަމައެކަނި ވާހަކަ ދައްކާކަށެއްނު؟” ޔޫނުސް އަފްރާޒްއަށް ބަލަންހުރެ ބުނެލިއެވެ. ނަސްރާއަށް އަނެއްކާވެސް ޔޫނުސްއާއި ދިމާލަށް ބަލާލެވުނެވެ. އޭނަ ހީކުރީ ޔޫނުސް ނުސީދާކޮށް ވިޔަސް އެއީ އޭނައަށް ނުކެރޭތީވެކަން ބައްޕަމެންނަށް އަންގާނެ ކަމަށެވެ. ޔޫނުސް އެ ވާހަކަ ނުބުނުމުން ނަސްރާގެ ހިތުގައި ޔޫނުސްއަށްޓަކައި އިޙްތިރާމެއް އުފެދުނެވެ. އޭނައަށް ޔޫނުސްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަގެ މޫނު ފޮރުވިފައިވިކަން ނަސީބެކޭ ނަސްރާގެ ހިތް ބުންޏެވެ. އެ ނޫންނަމަ މިރޭ އެންމެންނަށް އޭނަގެ އިޙްޞާސްތައް ދެނެގަންނަން އެނގުނީހެވެ.
“އާނ އެކަމަކު….” އަފްރާޒް ދެންވެސް ދައްކަން އުޅުނު ވާހަކަ ޝަރީފް މެދުކަނޑާލިއެވެ.
“ދެން ޔޫނުސް އެ ބުނީއެއްނު އޯކޭވާނެއޭ. ދެންވެސް ދެކުދިން ވާހަކަ ދައްކަން ފަށާބަލަ ލަސްނުކޮށް.” ޝަރީފް ބުނެލިއެވެ. ޝަރީފްގެ ވާހަކަ އިވިފައި ނަސްރާ އޭނަގެ އުނގުމަތީގައި އޮތް ދެއަތް ޖޯޑުކޮށްލަމުން ދެލޯ މަރާލިއެވެ. އޭނަ ދައްކަންޖެހޭ ވާހަކަތައް ހަނދާންވެފައި މުޅި މީހާ ފިނިވެގެން ދިޔައީ ތުރުތުރު އަޅަން ކައިރިވާ މިންވަރަށެވެ.
ޔޫނުސްއަށް އޭނަގެ ކުރިމަތީގައި ހުރި ނަސްރާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ނަސްރާ އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އޭނަ ހަމަ ވާހަކަ ފަށަންވީހޭ ހިތަށްއެރިއެވެ. ނަމަވެސް އޭނައަކަށް ދައްކަންވީ ވާހަކައެއް ނޭނގުނެވެ. އޭނައަށް ނަސްރާ ކުރީގައި ފެނިފައި ވާ ވާހަކަ ދައްކަން ވީ ހެއްޔެވެ؟ ނަމަވެސް އެއީ މިކަހަލަ ވަގުތެއްގައި ދައްކަންޖެހޭ ވާހަކައެއްނޫނެއް ނޫންހެއްޔެވެ؟ އެ ވާހަކަ ދައްކާނީ ކައިވެންޏަށްފަހު ދެމީހުންނަށް ވެސް ލޯބިވެގެން އެއަށްފަހުގައި ނޫންހެއްޔެވެ؟ ޔޫނުސްގެ ސިކުނޑި ސުމަކަށް ދިޔައެވެ.
އެކަކުވެސް ވާހަކަ ނުދައްކާ ހުންނަން ފެށުމުން ޝަރީފް އެއްޗެކޭ ބުނަން އުޅުނުތަނާ ނަސްރާ ވާހަކަ ދެއްކިއެވެ.
“އަހަރެން ދައްކަންޖެހޭ ވާހަކައެއް އެބައޮތް.” ނަސްރާ ހިތްވަރުކޮށްފައި ކަހަލަ ގޮތަކަށް ޔޫނުސްއަށް އޭނަގެ ނަޒަރު އަމާޒުކޮށްލަމުން ބުނެލިއެވެ. ޔޫނުސްއަށް މަޑުމަޑުން ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެއަށްފަހު ނަސްރާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ބޯޖަހާލިއެވެ. ނަސްރާ އަނެއްކާވެސް އޭނަގެ ބެލުން ތިރިކޮށްލައިފިއެވެ.
“އަ….ހަރެން…..އަހަރެން ކް….ކުރީގަ….” ނަސްރާ ޖެހިލުންވުމާއެކީ ފެށި ވާހަކަ ދިޔައީ ހަމައެކަނި އެހާ ހިސާބަށެވެ. އޭނައަށް ވާހަކަ ހުއްޓާލަމުން ދުރުބެލެން ފެށުނީ ލޯކުރިމަތިން މަންޒަރުތަކެއް ފެންނަން ފެށިހެން ހީވުމުންނެވެ. މީގެ އަހަރުތަކެއް ކުރިން ވި ކަންތައް އިއްޔެ ވީކަންތަކެއް ފަދައިން ހަނދާނަށް އައުމުން ނަސްރާގެ މެއަށް ނުބައިގޮތެއްވިއެވެ.
ނަސްރާއަށް ވީގޮތް ފެނިފައި އެންމެން ތިބީ ކަންބޮޑުވުމާއެކީ އޭނައަށް ބަލަހައްޓައިގެންނެވެ. އަފްރާޒްއާއި ސަދަފްއާއި ޝަރީފަށް ވެސް ނަސްރާ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ނަގައިގަނެވުނެއްކަމަކު ޔޫނުސް ހުރީ ވާނުވާއެއް ނޭނގިފައެވެ. އަފްރާޒް ނަސްރާއަށް ބަލަން ހުރެފައި ޔޫނުސްގާތު އެއްޗެކޭ ބުނަން އަނގަހުޅުވާލިއެއްކަމަކު އެ ވާހަކަ ފަށާނެ ހިސާބެއް ޚުދު އަފްރާޒްއަކަށް ވެސް ނޭނގުނެވެ. އިރުކޮޅެއް ވަންދެން މުޅި ތަނަށް ހިމޭންކަމެއް ވެރިވެފައިވިއެވެ. އެ ހިމޭންކަން އަނެއްކާވެސް ނަގާލީ ފުން ނޭވައެއް އެތެރެއަށް ދަމާލަމުން ޔޫނުސްއަށް ބަލާލި ނަސްރާއެވެ.
“އަ…ހަރެން އެންމެ ފުރަތަމަ ކިޔަވަން ދިޔައީ ޔޫކޭއަށް. އެތަނަށް….ގް…ގޮއްސަ އަހަ…ރެން…..” ނަސްރާގެ ވާހަކަ އަނެއްކާވެސް މެދުކެނޑުނެވެ. އޭނަ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭނަގެ އަމިއްލަ އަބުރު އަމިއްލަ އަތުން ވެއްޔާއި މޮޑެލި ވާހަކަ ހެއްޔެވެ؟ ކިތަންމެ ރީތި ބަހުރުވައަކުން ދެއްކިއަސް ހުތުރު ވާހަކައެއް ރީއްޗެއް ނުކުރެވޭނެއޭ ބުނެ ނަސްރާގެ އަމިއްލަ ނަފްސު އޭނައަށް މަލާމާތް ކުރިއެވެ.
ނަސްރާއަށް ބަލަހައްޓައިގެން ހުރި ޔޫނުސް ހުރީ ނަސްރާ ވާހަކަ ކުރިއަށް ގެންދާނެ އިރެއްގެ އިންތިޒާރުގައެވެ. އޭނަ ހީކުރީ ނަސްރާ ދައްކަން އުޅެނީ ޔޫކޭއަށް ގޮއްސަ އޭނަގެ ކިޔެވުމުގެ ކަންތައް ދިޔަ ގޮތުގެ ވާހަކަ ކަމަށެވެ. ނަމަވެސް މިއީ އެއަށްވުރެ މާ ބޮޑު ވާހަކައެއްކަން ޔޫނުސްއަށް އެނގުނީ ނަސްރާގެ ލޮލަށް ޖަމާވި ކަރުނަ ތިކިތަކުގެ ސަބަބުން އެ ދެލޯ ވިދަން ފެށުމުންނެވެ. ޔޫނުސްގެ މޫނުމައްޗަށް ވެރިވީ ޙައިރާންކަމާއި ހިތާމަވެރިކަން އެކުލެވޭފަދަ އަސަރެކެވެ. އިސްޖަހާލި ނަސްރާއަށް ބަލަން ހުރެފައި ޔޫނުސް އެއްފަހަރު ޝަރީފަށް އަދި އަނެއްފަހަރު އަފްރާޒްއަށް ބަލާލިއެވެ. އަފްރާޒް ދުރުބަލަން ފެށުމުން ޔޫނުސް އަނެއްކާވެސް ޝަރީފަށް ބަލާލިއެވެ. ޝަރީފް ފުން ނޭވައެއް ދޫކޮއްލިއެވެ.
“ޔޫނުސް…..ނަސްރާއަށް ކުރީގަ އުޅެވުނީ އެހާ ރަނގަޅަކަށްނޫން.” ޝަރީފް ބުނެލިއެވެ. ޝަރީފް އެހެން ބުނެލިތަނާ ނަސްރާ ކޮޅަށް ތެދުވެ އެތަނުން ދާން ހިނގައިގެންފިއެވެ.
“ނަސްރާ!” ސަދަފްއަށް ގޮވާލެވުނު ވަގުތު ނަސްރާ އޭނަގެ ކޮޓަރިއަށްވަދެ ދޮރު ލައްޕައިފިއެވެ. ސަދަފް ނަސްރާ ބަލައި ދާން ހިނގައިގެންފިއެވެ. އަދި ނަސްރާ ވަތް ކޮޓަރީގެ ދޮރު ހުޅުވައި ކުޑަކޮށް ބަލާލުމަށްފަހު އެތަނަށްވަދެ ދޮރު ލައްޕާލިއެވެ. މަންޒަރު ބަލަން ހުރި ޔޫނުސްގެ ލޮލުގައިވީ ކަންބޮޑުވުމެކެވެ. ނަސްރާވަނީ ވަރަށް ބޮޑު ހިތާމައެއްގައިކަން އިޙްޞާސް ކުރެވުނު ވަގުތު އޭނަގެ ހިތަށް އުނދަގޫވިއެވެ.
“ޔޫނުސް…..އެހެން ދުވަހަކު އައިސްދެވިދާނެތަ؟ މިރޭ ނަސްރާ ދެން ނުނިކުންނާނެ ކަންނޭނގެ.” އަފްރާޒް މަޑުމައިތިރި އަޑަކުން ބުނެލިއެވެ. ޔޫނުސް އަފްރާޒްއަށް ސީރިއަސްކަމާއެކީ ބަލަންހުރެ މަޑުމަޑުން ބޯޖަހާލިއެވެ. ޝަރީފް ވެސް އިތުރު އެއްޗެކޭ ނުބުނުމުން ޔޫނުސް ކޮޅަށް ތެދުވީ ގެއަށްދާން ކަމަށެވެ.
ކޮޓަރީގެ އެނދުމަތީގައި އިށީނދެގެން އިން ޔޫނުސް އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. މިރޭ ކަންތައް ހިނގިގޮތް އަދިވެސް އެއްފަހަރު ޔޫނުސް އޭނަގެ ހަނދާނަށް ގެންނަމުން ދިޔައެވެ. ނަސްރާ ޖެހިލުންވުމާއެކީ އޭނައާ ވާހަކަ ދައްކަން ފެށި ގޮތެވެ. އޭނަގެ ލޮލަށް ކަރުނަ ގިނަވެގަތް އިރެވެ. ޝަރީފް އެންމެ ފަހަކަށް ބުނެލި ޖުމްލައާއެކު ނަސްރާއަށް ވީގޮތެވެ. ނަސްރާ ދައްކަން އުޅުނީ ކޮން ވާހަކައެއްބާއޭ ޔޫނުސްގެ ހިތަށްއެރިއެވެ. ޝަރީފް ބުނި ޖުމްލައިން ނަސްރާގެ ވެސް ކަޅު މާޒީއެއް އޮތްހެން ހީވެއެވެ. ނަމަވެސް ނަސްރާ ކޮށްފަ ހުންނާނީ އެފަދަ ކޮން ކުށެއް ހެއްޔެވެ؟ ހަމަ ގައިމުވެސް އޭނަގެ ކުށަށްވުރެ ބޮޑު ކުށަކަށް ނުވާނެއޭ ޔޫނުސްގެ ހިތް ބުންޏެވެ. ނަސްރާ ކުރީގަ އުޅެފައިވަނީ ރަނގަޅަކަށް ނޫނޭ ބުނެފައިވަނީ އެއީ ހަމައެކަނި ޔޫކޭއަށް ގޮއްސަ ވާހަކަ ހެއްޔެވެ؟ އެތަނަށް ދިޔުމުގެ ކުރިން ނަސްރާ އުޅުނީ ރަނގަޅަށް ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމާއެކު ނަސްރާ ކިޔަވަން ދިޔުމަށްޓަކައި ފުރުމުގެ ކުރިންވެސް އޭނަ ނަސްރާއާއި ދިމާވެފައިވިކަން ޔޫނުސްގެ ހަނދާނަށް އައެވެ. އޭނަ ނަސްރާގެ އުޅުން އޭރު ހުރިގޮތް ހަނދާން ކުރެވޭތޯ ބެލިއެވެ. އޭރު ނަސްރާ ކިތަންމެ ކިޔެވުމަށް މޮޅު ވިޔަސް ނަސްރާގެ އަޚްލާޤް ހުރީ ރަނގަޅަކަށް ނޫނެވެ. އޭނަގެ އެކުވެރިންގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނެވެ. ޔޫނުސްއަށް ނަސްރާ ފެންނަ ކޮންމެ ފަހަރަކުވެސް އޭނަ ހުންނަނީ ކޮންމެވެސް އެއް ފިރިހެން ކުއްޖަކާ އެކީގައެވެ. ނަސްރާ އޭނަގެ އަންހެން އެކުވެރިންނާއި ވާހަކަ ދައްކާއިރު ތިމަންނަ އެހެން މީހަކާ ރައްޓެހިވެގެން ހުއްޓާވެސް މިވެނި މީހަކު ތިމަންނަ ގާތު ރައްޓެހިވާން އެދުނޭ ކިޔާފައި ވާހަކަ ދައްކައި އުޅުނީ ފަޚުރުވެރިކަމާއެކީގައެވެ. ނަސްރާއަކީ އޭރު ބުރުގާވެސް އަޅައިގެން ހުރި ކުއްޖެއްނޫނެވެ. އޭނަ ލައި އުޅުނީ އަތްކުރު ޓީޝާޓާއި ބާރު ޖިންސެވެ. މި ހުރިހާ ސިފަތަކަކީ ޔޫނުސްގެ ހިތުގައި އޭރު ޒީނަތްތެރިވެގެން ދިޔަ ސިފަތަކެވެ. ނަމަވެސް މިހާރު އެ ހުރިހާ ކަމެއް ހަނދާންވެފައި ފޫހިވެއެވެ. އޭނައަށް ކަމުދަނީ އެ ނަސްރާއެއް ނޫނެވެ. އޭނައަށް ކަމުދަނީ މިއަދު ޤަދަރުވެރި ދިރިއުޅުމެއް އުޅެމުންދާ ނަސްރާއެވެ. ޔޫނުސްއަށް އޭނަގެ ދެއަތް ޖޯޑުކޮށް ދަތްދޮޅީގައި ވިއްދާލަމުން ދެލޯ މަރާލެވުނެވެ. ނަސްރާއަށް އަނެއްކާ އެހެން އުޅުމުގެ ތެރޭގައި ބޮޑު ކުށެއް ކުރެވުނީބާއޭ ޔޫނުސްގެ ހިތަށްއެރިއެވެ. ހަމަ އެއާއެކު އޭނަގެ ދެލޯ ހުޅުވުނެވެ. އޭނަގެ ހުރިހާ ސުވާލެއްގެ ޖަވާބު އެއްފަހަރާ ލިބުނު ފަދައެވެ. ޔޫނުސްގެ ހަނދާނަށް އަނެއްކާވެސް އައީ ނަސްރާ މިރޭ ވާހަކަ ދައްކަން ޖެހިލުންވި ގޮތެވެ. ނަސްރާ ޔޫކޭއަށް ދިޔަ ވާހަކައެވެ. ޢާއިލާއާ ދުރަށް ދިޔުމުން އެ ލިބުނީ ކުރަން ބޭނުން ކަމެއް ކުރުމުގެ މިނިވަންކަމެވެ. އެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަސްރާ ނެގީ ހެއްޔެވެ؟ ޔޫނުސްގެ ސިކުނޑި އެ ސުވާލު ކުރުމާއެކު ނުބައި ޚިޔާލުތައް އެ ސިކުނޑިއަށް ވެރިވާން ފެށިއެވެ. ޔޫނުސްއަށް ބޯހޫރުވެން ފެށީ އޭނަ އޭނަގެ ނަސްރާއާމެދު އެފަދަ ޚިޔާލުތައް ކުރަން ބޭނުމެއް ނުވީތީވެއެވެ. ނަމަވެސް ޙަޤީޤަތަކީ އެއަށްވުން ވަރަށް ގާތްކަން އޭނަގެ ހިތްބުންޏެވެ. ޔޫނުސް ކޮޅަށް ތެދުވެ އޭނަގެ ކޮޓަރީގެ ކުޑަދޮރު ބަރިއާއި ދިމާލަށް ލަސް ހިނގުމެއްގައި ދިޔައެވެ. އަދި ދަމާލެވިފައިވާ ފަރުދާގެ އެއްބައި ކުޑަކޮށް ކަހާލަމުން ބޭރުބަލާލިއެވެ. އޭނަގެ ގެއާއި ސީދާ ކުރިމަތީގައި ހުރި ޒަޔާންގެ ގޭގެ ކައިރީގައި ހުރި ނަސްރާމެންގެ ގެއަށް ބަލާލިއެވެ. އެގޭގެ ގޭޓު ބަންދުކޮށްފައި ވީއިރު ފެންޑާގައި އަލި ބޮތްކެއް ދިއްލާލެވިފައިވިއެވެ. ނަސްރާގެ ލޮލަށް ޖަމާވި ކަރުނަތައް ހަނދާންވެފައި ނަސްރާގެ ހިތަށް މިހާރު ހަމަޖެހުމެއް ލިބިދާނެހޭ ޔޫނުސްގެ ހިތަށްއެރިއެވެ. ނަސްރާއަށް ކުރެވިފައިވަނީ އޭނަ މި ހީކުރާފަދަ ކުށަކަށްވާނަމަ ނަސްރާއަށް މުޅި މިރޭ ހަމަޖެހުމެއް ލިބޭނެހެނެއް ޔޫނުސްއަކަށް ހިއެއްނުވެއެވެ. ޔޫނުސް ހިސާބަކަށް މާޔޫސްވިއެވެ. ނަސްރާއަކީ އޭނަ ހީކުރިވަރަށްވުރެ ގޯސްކޮށް އުޅުނު ކުއްޖެއްހެން ހީވަމުން ދިޔައީތީވެއެވެ. ނަމަވެސް އޭނަ އަމިއްލައަށް ވެސް އުޅުނީ ކިހިނެއް ހެއްޔެވެ؟ ޔޫނުސްއަށް ވިސްނާލެވުނެވެ. އޭނައަށް ކުރެވުނީ ވަކި ކުޑަ ކުށެއް ހެއްޔެވެ؟ ޔޫނުސްއަށް އޭނަ ލުއި ގޮތަކަށް ހިފަހައްޓައިގެން ހުރި ފަރުދާގައި ބާރަށް ހިފަހައްޓާލަމުން ދެބުމަ ކައިރިކޮށްލެވުނެވެ. ނަސްރާ އުޅުނީ އޭނަ މި ހީކުރާ ގޮތަށް ކަމަށްވިޔަސް ނަސްރާއަށް މަޢާފު ޙައްޤެވެ. ނަސްރާ މިހާރު އުޅެނީ އެހެންނެއްނޫނެވެ. ނަސްރާވަނީ ރަނގަޅަށް ތައުބާވެފައެވެ. ކަން މިހެން އޮތްވާ އޭނަ ނަސްރާ ދުރުކޮށްނުލާނެއެވެ. ތައުބާވުމަށްފަހު ވެސް މީހުންގެ އިތުބާރު ނުލިބުމުން އިޙްޞާސް ކުރެވޭ ގޮތް ޔޫނުސްއަށް އެނގެއެވެ. އެ އިޙްޞާސްއާއެކު ނަސްރާ މުޅި އުމުރަށް އުޅޭތަން ދެކޭކަށް ޔޫނުސް ބޭނުމެއް ނުވެއެވެ. ޔޫނުސް ބާރަށް ފަރުދާ ކަހާލިއެވެ. އަދި އެތާ ކައިރީގައި ހުރި ކިޔަވާ މޭޒުދޮށުގައި އިށީނދެ މޭޒުގެ ވަތްގަނޑުން ސިޓީ ލިޔާ ކަހަލަ ފޮތެއް ނެގިއެވެ. އަދި މޭޒުމަތީގައި ހުރި ޖޯޑުން ގަލަމެއް ނަގައި ދިވެހި ބަހުން ފޮތުގައި އެއްޗެއް ލިޔަން ފެށިއެވެ.
ސިޓިންގް ރޫމުގެ ސޯފާގައި އިނީ ފިކުރު ބޮޑުވެފައި ހުރި އަފްރާޒް އެކަންޏެވެ. ޝަރީފް ވެސް އެތާ ހުރެހުރެފައި ކޮޓަރިއަށް ވަނީ ދެންމެއެވެ. ނަސްރާ އޭރު ކޮޓަރިއަށް ވަތްގޮތަށް ނުނިކުމެވެ. ސަދަފްގެ ޚަބަރެއްވެސް ނުވެއެވެ. އަފްރާޒް ހުރިގޮތަށް ހުއްޓާ ގޭގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ.
“އައްސަލާމުޢަލައިކުމް.” ބޭރުން ޔޫނުސްގެ އަޑު އައުމުން ހިސާބަކަށް ޙައިރާންވެހުރެ އަފްރާޒް ކޮޅަށް ތެދުވިއެވެ. އަދި ސަލާމުގެ ޖަވާބުދެމުން ގޮސް ގޭގެ ދޮރު ހުޅުވާލިއެވެ.
“މީތި…….ނަސްރާއަށް.” ޔޫނުސް އޭނަގެ އަތުގައި ލަންބާފަ އޮތް ކަރުދާސްކޮޅެއް ދިއްކޮއްލަމުން ބުނެލީ ހަމައެކަނި އެހާ ވަރަށެވެ. އަފްރާޒް އޭގައި ހިފައި އެއްފަހަރު އެއަށް އަނެއްފަހަރު ޔޫނުސްއަށް ބަލާލަމުން އެ ގަނޑު ނިއުޅާލިއެވެ. އެއަށްފަހު ސީރިއަސްކަމާއެކީ އޭގައިވި އެއްޗެއް އަވަސްއަވަހަށް ކިޔައި ނިންމައިފިއެވެ. އޭތި މަޑުމަޑުން ތިރިކޮށްލަމުން އަފްރާޒް ޔޫނުސްއަށް ބަލާލިއިރު އޭނަގެ މޫނުމަތީގައި ލުއި ހިނިތުންވުމެއްވިއެވެ. އޭނަ އެ ގަނޑު އަނެއްކާވެސް ލަންބާލަމުން ބޯޖަހާލީ ޔޫނުސްއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
އެނދުމަތީގައި އިށީނދެގެން އިން ނަސްރާގެ މޫނުމަތިވަނީ މިލާފައެވެ. އޭނަގެ ދެލޯ ދުޅަވެފައި ވިޔަސް ކޯތާފަތް ހިކިފައިވިގޮތުން ހީވަނީ ރޮއިރޮއި އޭނަގެ ކަރުނަތައް ހުސްވީހެންނެވެ. އެއްވެސް އެހެން ދިމާލަކަށް ބެލުމެއްނެތި ނަސްރާ ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އިންއިރު ސަދަފް އެނދުމަތީގައި އޮތް އޭނަގެ އަތުގައި ހިފައިގެން އޭނަގެ ކައިރީގައި އިނެވެ. ސަދަފްވެސް ނަސްރާ ހަމަޖައްސައިދޭން އުޅެއުޅެ ވަރުބަލިވެފައި ވިފަދައެވެ. އޭނަވެސް އެންމެ ބަހެއްވެސް ބުނެލުމެއްނެތި އިނީއެވެ. ކޮޓަރިއަށް ވެރިވެފައިވި ހިމޭންކަން ނަގާލީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭން ފެށިއަޑެވެ.
“ސަދަފް!” ބޭރުން އަފްރާޒް ގޮވާލި އަޑަށް ސަދަފް ބަލާލިއެއްކަމަކު ނަސްރާ ދެންވެސް ހުރީ ހުރި ގޮތަށެވެ. ސަދަފް އެއްފަހަރު ނަސްރާއަށް ބަލާފައި ކޮޅަށް ތެދުވެ ދޮރާއި ހަމައަށް ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވުމާއެކު އަފްރާޒް ވަގުތުން ބަލާލީ އެނދުގައި އިން ނަސްރާއާއި ދިމާލަށެވެ. އޭނަ ކޮޓަރިއަށް ވަދެގެން ގޮސް ނަސްރާގެ ކުރިމަތީގައި ހުއްޓިލިއެވެ.
“ނަސްރާ….މިއޮތީ ނަސްރާއަށް ޔޫނުސް ދިން އެއްޗެއް.” އަފްރާޒް އޭނަގެ އަތުގައި އޮތް ސިޓީ ދިއްކޮއްލަމުން ބުނެލިއެވެ. ނަސްރާ މަޑުމަޑުން އަފްރާޒްއަށް ބަލާލިއެވެ. އަފްރާޒް އެއްފަހަރު ބޯޖަހާލަމުން އެ ސިޓީ ނަސްރާއާއި އިތުރަށް ކައިރިކޮއްލިއެވެ. ނަސްރާ އޭގައި ހިފައި އޭތި ނިއުޅާލިއެވެ. އަދި އެއަށްފަހު ހިތުން ކިޔަންފެށިއެވެ.
“ނަސްރާއަށް
އަހަންނަށް ނަސްރާގެ މާޒީގައި ވެފައިވަނީ ކޮންކަހަލަ ކަންތައްތަކެއްކަމެއް ނޭނގެއެވެ. ހަމަ އެގޮތަށް ނަސްރާއަށް ވެސް އަހަރެންގެ މާޒީގައި ވެފައިވާ ބައެއް ކަންތައް ނޭނގި ހުރެދާނެއެވެ. އެކަމަކު މިއަދު މާޒީގެ ވާހަކަ ދެއްކުން ހަމަ މުހިއްމު ހެއްޔެވެ؟ ބިރުގަންނަންވީ ކޮންކަމަކާ ހެއްޔެވެ؟ ކައިވެންޏަށްފަހު އަހަންނަށް ނޭނގި އޮތް ނަސްރާގެ ޙަޤީޤަތެއް އެނގިދާނެތީވެ ހެއްޔެވެ؟ މާދަމާ މީހަކު އައިސް އަހަރެން ގާތު ނަސްރާ މިވެނި ގޮތަކަށް އުޅުނޭ ބުނުން ހެއްޔެވެ؟ ނޫނީ އެހެން މީހަކު ނަސްރާ ކައިރިއަށް އައިސް އަހަރެން މީގެ އަހަރުތަކެއް ކުރިން ކުރި ކަމެއްގެ ވާހަކަ ބުނުން ހެއްޔެވެ؟ އެދުވަހަކުން ނަސްރާ ހަދާނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. ކައިވެންޏަށްފަހު ނަސްރާގެ މާޒީއާއި ބެހޭގޮތުން ވާހަކައެއް އަހަންނަށް އަޑުއިވުނު ދުވަހަކުން އަހަރެން ފަހަރެއްގަ ކުޑައިރުކޮޅަކަށް ހިތާމަ ކޮށްފާނަމެވެ. ނަމަވެސް ހަމައެކަނި ނަސްރާގެ މާޒީގައި ވެފައިވާ ކަމަކީ އަހަރެން ނަސްރާ ވަރިކޮށްލުމުގެ ސަބަބަކަށް ވާނެހެން އަހަންނަށް ހިއެއްނުވެއެވެ. އެހެނީ ނަސްރާއަކީ މިއަދު ގޯސް ކުއްޖެއްނޫނެވެ. ވަރަށް ރަނގަޅު ކުއްޖެކެވެ. އިންސާނުންނަށް ކުށްތައް ކުރެވޭނެއެވެ. ނަމަވެސް އެންމެ ރަނގަޅު މީހުންނަކީ އެ މީހުންގެ ކުށްތައް އިސްލާޙުކުރަން އުޅޭ މީހުން ކަމުގައި އަހަރެން އަޑުއެހީމެވެ. ނަސްރާއަކީ އެމީހުންގެ ތެރެއިން އެކެކެވެ. ވީއިރު އަހަރެން ނަސްރާ ދޫކޮއްލުމަކީ ހަމަހޭގައިހުރެ ކުރުން ރަނގަޅު ކަމެއްކަމުގައި ނުދެކެމެވެ.
ޔޫނުސް”
ސިޓީ ކިޔައި ނިމުނުތަނާ ނަސްރާގެ ލޮލުން ވެއްޓިގެން އައި ކަރުނަ ތިތްކެއް ގޮސް ސިޓީގައި ޖެހި އެ ހިސާބުން ދެލި ފޭދިގެން ދިޔައެވެ. ނަސްރާއަށް ރޮއިގަންނަމުން އެ ސިޓީ މެއާއިލައި ބޮނޑިކޮއްލެވުނެވެ. އޭނަގެ ކައިރީގައި އެނދުގައި ސިޓީ ކިޔަން އިން ސަދަފްގެ ވެސް ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. ސަދަފް ހިނިތުންވުމަކާއެކީ އެއްފަރާތަކުން ނަސްރާގެ ގައިގައި ބާރަށް ބައްދާލިއެވެ.
“ދެން ރޯކަށެއް ނޫނޭ ވީކީ. ކައިވެންޏަށް ތައްޔާރުވާންވީ.” އަފްރާޒް ހެވިފައިހުރެ ބުނެލިއެވެ. އެއާއެކު ސަދަފްއާއި ނަސްރާވެސް ކަރުނައިގައި ތިބެ ހީލިއެވެ.
އޭގެ އަނެއްދުވަހުން ފެށިގެން އަފްރާޒް ބުނިހެން އެންމެން ކައިވެނީގެ ކަންތައްތަކަށް ތައްޔާރުވާން ފެށިއެވެ. ނަސްރާ ބޭނުންވީ ވީހާވެސް އާދައިގެ ގޮތަކަށް މިސްކިތުގައި ކައިވެނިކޮށް ގޭގައި މެހުމާނުންނަށް ކާންދޭށެވެ. ޔޫނުސް އެކަމަކާ ދެކޮޅެއް ނެހެދިއެވެ. ނަސްރާ ރަނެއްގެ ގޮތުގައި ހުށަހެޅީ ރަޙުމާން ސޫރަތް ހިތުން ދަސްކުރުމަށެވެ. ޔޫނުސް އެއަށްވެސް އެއްބަސްވީ ހިނިތުންވުމަކާއެކީގައެވެ. އެހެނީ އޭނަ މިހާރު ދަނީ ޚަތިމްގެ ފަހަތުން ކުރިއަށް ހިތުދަސްކުރަމުންނެވެ. ރަޙުމާން ސޫރަތަކީ އޭނަ އެހެންނޫނަސް ދެން ދަސްކުރަންޖެހޭ ސޫރަތެވެ.
ކައިވެންޏަށްޓަކައި ނަސްރާ ޗުއްޓީ ނެގޭ ގޮތެއްނުވިއެވެ. މިކަމާ ސަދަފް ހުރީ ނަސްރާއަށް ރުޅިވާކަމަށް ހެދިގެންނެވެ. ދެން ދެމީހުން ދެނެގަންނާނީ ކިހިނެއްތޯ އަހައި ސުވާލުކުރިއެވެ. ނަމަވެސް ޙަޤީޤަތުގައި ނަސްރާ އެންމެ ބޭނުންވާ ގޮތަކީ މިއީއެވެ. ކުރީކޮޅު ދެމީހުން ދައްކާނެ ވާހަކައެއް ނޯންނާނެއޭ ހިތަށްއެރިއެވެ. ފަހުން ދެމީހުން އެކުވެރިވުމުން ޗުއްޓީ ނަގަން ނަސްރާ ނިންމިއެވެ. ނަމަވެސް އޭނަ ކަންބޮޑުވީ އޭނަ ޗުއްޓީ ނުނަގާ ހުއްޓާ ޔޫނުސް ޗުއްޓީ ނަގާފައި ހުރެދާނެތީވެއެވެ. އޭނައަށް އެ ސުވާލު ޔޫނުސްއާ ކުރާކަށް ވެސް ނުކެރުނެވެ. ކީއްކުރާ ޗުއްޓީއެއްތޯ އަހައިފިއްޔާ ބުނާނީ ކީކޭ ހެއްޔެވެ؟
ހަފްތާއެއްހާ ދުވަސް ފަހުން އެންމެން ތައްޔާރުވަމުން އައި ދުވަސްޖެހުނެވެ. ޔޫނުސް ނަސްރާއަށް އޭނަގެ ރަން އަދާކޮށްދިނީ ހުކުރު ދުވަހެއްގެ ރެއަކު މިސްކިތުގައި އޮތް ކައިވެނި މަޖިލިސް ތެރެއިންނެވެ. ޔޫނުސް އެ ސޫރަތް ކިޔަވަމުން ދިޔައިރު ނަސްރާގެ ލޮލަށް ކަރުނައައެވެ. ޔޫނުސް ކިޔެވީ އެހާވެސް އަސަރުގަދަ ރާގަކަށެވެ. ޔޫނުސްއަށް އެ ކިޔެވޭ އެއްޗެއްގެ މާނައިގެ ފުންކަން އެނގޭނެބާވައޭ ނަސްރާގެ ހިތަށްއެރިއެވެ. ނޭނގެންޏާ އޭނަ ކިޔައިދޭނެއެވެ. އޭރުން ޔޫނުސްގެ ކިޔެވުމުން ޚުދު ޔޫނުސްއަށް ވެސް މާ ބޮޑު އަސަރެއްކުރާނެއޭ ނަސްރާގެ ހިތްބުންޏެވެ.
ޔޫނުސް ނަސްރާ އަނތްބެއްގެ ގޮތުގައި ޤަބޫލުކުރުމަށްފަހު ދެމަފިރިން މިސްކިތުން ފައިބައިގެން ދިޔައީ އެކުއެކީގައެވެ. ދެ މީހުން އެއްހަމައެއްގައި ތިބެ މަގުން ހިނގާފައި ދިޔައީ އެހެން އެންމެންގެ ފަހަތުންނެވެ. ދެމީހުން ވެސް ތިބީ ދެންމެވެގެން ދިޔައީ ކޮންކަމެއްކަން ޤަބޫލުކުރަން ދަތިވެފައެވެ. ޔޫނުސް ކުރިމައްޗަށް ބަލަމުން އިސްޖަހަމުން ހިނގަމުން ދިޔައިރު އޭނައަށް ވިސްނަމުން ދިޔައީ އޭނަ މިރޭ ނަސްރާއާއި ވާހަކަ ދައްކަން ފަށާނެ ގޮތަކާމެދުގައެވެ. ނަސްރާ ހުރީ ޔޫނުސް މިހާރުވެސް ވާހަކަ ދައްކަން ފަށާފާނެތީ ޖެހިލުންވެފައެވެ. ޔޫނުސް ދައްކާ ވާހަކައަކަށް އޭނައަށް ބޯހަމަނުޖެހޭ އެއްޗެކޭ ބުނެވިދާނެތީވެއެވެ. އޭނަގެ ސިކުނޑި މިރޭ ރަނގަޅަށް މަސައްކަތް ކުރާހެނެއް ހިއެއްނުވެއެވެ. ދެމީހުންވެސް ފިކުރު ބޮޑުވެފައި ތިބެ ހިނގަމުން ދަނިކޮށް ބާރު ސްޕީޑެއްގައި އެ މަގުން ކާރެއް ދިޔަ ވަގުތު ޔޫނުސްއަށް މަގާއިވީ ފަރާތަށް ހުރި ނަސްރާގެ އަތުގައި ހިފައި އޭނައާއި ދިމާލަށް ދަމާލެވުނެވެ. ނަސްރާ ސިހިގެން ދިޔަ ގޮތަށްގޮސް ޔޫނުސްގެ ގައިގައި ޖެހުނެވެ. ދެ މީހުންގެ ވެސް ހިނގުން ހުއްޓުނެވެ. ނަސްރާ ޔޫނުސްއާއި ދިމާލަށް ބަލާލިއިރު ޔޫނުސް ހުރީ ސީރިއަސް ނަޒަރަކާއެކީ އޭނައަށް ބަލަހައްޓައިގެންނެވެ. ހިނދުކޮޅަކަށް ޔޫނުސްއާ ނުހަނު ކައިރީގައި ހުރުމަށްފަހު ނަސްރާ އިސްޖަހާލަމުން ދުރުވެލިއެވެ. އަދި ޔޫނުސްގެ އަތުން ދޫކޮއްލަން އުޅުނެވެ. ނަމަވެސް އެވަގުތު ޔޫނުސް އޭނަގެ އަތުގައި އިހުނަށްވުރެ ވެސް ބާރަށް ހިފަހައްޓާލިއެވެ. ނަސްރާއަށް އަނެއްކާވެސް ޔޫނުސްއާއި ދިމާލަށް ބަލާލެވުނެވެ. ޔޫނުސް ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން ހިނގަން ފެށިއެވެ. ނަސްރާ ވެސް ހިނގައިގަތް ވަގުތު އޭނައަށް ހިނިތުންވެލެވުނެވެ. ހަމައެކަނި ޔޫނުސްގެ އެ ހިފާލުމުން ވެސް ނަސްރާއަށް ފުން ލޯތްބަކާއި ރައްކާތެރިކަމެއް އިޙްޞާސް ކުރެވެމުން ދިޔައެވެ. އޭނައަށް ހިތާހިތުން ޙަމްދުކުރެވުނެވެ.
ޔޫނުސް ނަސްރާގެ އަތުން ދޫކޮއްލީ ނަސްރާގެ ގެއާއި ހަމައަށް ދެވުމުންނެވެ. ޕާޓީ ހަމަޖެހިފައިވާ ގޮތުން ފިރިހެނުންނަށް ކާން ލިބެނީ ގޭގައި ޒީނަތްތެރި ކުރެވި ގޮނޑި ޖަހާފައިހުރި ފެންޑާ ތެރެއިންނެވެ. އަންހެނުން ތިބެން ހަމަޖެހިފައި އޮތީ ގޭގެ ތެރޭގައެވެ. ޔޫނުސް ފެންޑާގެ ވަކި ހިސާބަކުން ޝަރީފްމެންނާއި ވާހަކަ ދައްކަން މަޑުކޮއްލީ ވަގުތު ނަސްރާ ހިތާއި ދެކޮޅަށް ގޭގެ ތެރެއަށް ދާން ހިނގައިގަތެވެ. ނަސްރާ ބޭނުންވީ ޔޫނުސްއާ އެކީ ހުންނާށެވެ. އެއްވެސް ވާހަކައެއް ނުދެއްކިޔަސްމެއެވެ. ގޭގެ ދޮރު ކައިރިއަށް ގޮސް މަޑުކޮއްލަމުން ނަސްރާއަށް އަދިވެސް އެއްފަހަރު ޔޫނުސްއަށް ބަލާލެވުނެވެ. އަފްރާޒްއާއި ވާހަކަ ދައްކަމުން ދިޔަ ޔޫނުސް ކޮންމެވެސް ކަމަކާ ހެމުން ގޮސް އެއްލިކަޅިއަކުން ދުރުގައި ހުރި ނަސްރާ ފެނުނެވެ. ދުރުބަލަން އުޅެފަވެސް ޔޫނުސް އަނެއްކާވެސް ނަސްރާއަށް ބަލާލިއެވެ. ނަސްރާއަށް ވެސް ބަލަހައްޓައިގެން ހުރެވުނެވެ. އިރުކޮޅަކު ހުރެފައި ޔޫނުސް އޭނައަށް ހަދިޔާކޮށްލީ އޭނަގެ ހިތް ވިރިގެންދާފަދަ ލުއި ހިނިތުންވުމެކެވެ
ނުނިމޭ