Hijra (Part 10)
ނަވާޒް. މަނިކުފާނު ދުރުވެފަ އެބަ ހުންނެވި. މިރޭ ޕާޓީ ފެށުނު ފަހުން މި ކޮޅަށް ދުރުވީވެސް.” ޝިފާޒް ބުނެލިއެވެ. ޝިފާޒް ވާހަކަ ދައްކަމުން ދިޔައިރު ޔޫނުސްގެ ނިތުން ރޫ ފިލަމުން ދިޔައެވެ. ނަމަވެސް އޭނަގެ ވައްޓާލެވިފައިވާ އަތް މުއްކެވިގެން ދިޔަ ވަގުތު އަނެއްކާވެސް އޭނަގެ ބުމަ ގޮށްޖެހުނެވެ. އޭނަ އެއްޗެކޭ ނުބުނެ ހުއްޓާ ޝިފާޒް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އަހަންނަކަށް ނޭނގޭ ނަވާޒް ކީއްވެކަމެއް ކޮންމެ ފަހަރަކު އަހަރީ ދުވަހަށް މިކޮޅަށް ދުރުވަނީ. އަހަންނަށް ހަމަ ޔަޤީން މާލޭގެ އޮފީހުގަ ބާއްވާ ޕާޓީ މާ ބޮޑުވާނެކަން.” ޝިފާޒް ބުނެލިއެވެ.
“އޭނަ އެހީތަ ޕާޓީއަށް އައިހޭ އެންމެން؟” ޔޫނުސް ހިސާބެއްގެ ރުޅިވެރިކަމަކާއެކީ އަހާލިއެވެ.
“އާނ…..ހަމަ ކޮންމެ ފަހަރަކު ގޮތަށް. އެނގެއެއްނު ނަވާޒް ކިހާ ޤަވާޢިދު ބޮޑުކަން؟ އެންމެން ހަމަނުވަންޏާ މަނިކުފާނު ނުރުހުންވެވަޑައިގަންނަވާނެ. ޔޫނުސް ޕްލީޒް އައިސްދީބަލަ. ކުޑަ އިރުކޮޅަކަށް ވިޔަސް ހެޔޮ. ނަވާޒްއަށް ފެނިފަ ދާނީ. ޔޫނުސް ގެންނަން އަހަންނާ ހަވާލުކުރެވިފަ އޮތްވާ ޔޫނުސް ނައިއްސިއްޔާ ނޭނގޭ އަހަރެން ކުރިމަތިލާންޖެހޭނީ ކޮންފަދަ ކަމަކާ ކަމެއްވެސް. ޕްލީޒް ޔޫނުސް….” ޝިފާޒްގެ ވާހަކައަށް އާދޭހުގެ ރާގެއް އެޅުނެވެ. ޔޫނުސް އާނއެކޭ ބުނަން އުޅުނު ވަގުތު ކަމެއް ހަނދާންވީ ފަދައަކުން އޭނަ އަނގަ ލައްޕައިފިއެވެ. އަދި ފަހަތަށް ފިޔަވަޅުތަކެއް އަޅާލަމުން އޭނަގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. ހުޅުވާލެވިފައިވާ ކޮޓަރީގެ ދޮރު ފެނިފައި އޭނަ މިހާރު މިއުޅެނީ އެކަންޏެއް ނޫންކަން ޔޫނުސްގެ ސިކުނޑި އޭނައަށް ހަނދާންކޮށްދިނެވެ. ބޭނުންހާ އިރަކު ބޭނުންހާ ތަނަކަށް ގޮސް ހެދުމަކީ ރަނގަޅު ކަމަކަށް ނުވާނެއެވެ. ނަމަވެސް ޝިފާޒް ބުނިހެން ކުޑައިރުކޮޅަކަށް ގޮސްފައި އާދެވިދާނެއެއްނޫންހޭ ޔޫނުސްގެ ހިތް ބުންޏެވެ. ޔޫނުސް އޭނަގެ ސަބަބުން ޝިފާޒްއަށް ގެއްލުމެއް ލިބޭކަށް ބޭނުމެއްނުވިއެވެ. ޝިފާޒްއަކީ ވަކި އޭނަގެ ގާތް އެކުވެރިއަކަށް ނުވިޔަސްމެއެވެ ޔޫނުސް ކުރިމައްޗަށް ނަޒަރު ހިނގާލަމުން ވާހަކަ ދެއްކިއެވެ.
“ޝިފާޒް…..އަހަރެން އެބަ އަންނަން އިރުކޮޅަކުން.” ޔޫނުސް ބުނެލިއެވެ.
“އޮހް ތޭންކް ގޯޑް! އަވަހަށް އާދޭ އިނގޭ؟” ޝިފާޒްއަށް ހިތްހަމަޖެހުމެއް ލިބުނުކަން ޔޫނުސްއަށް އެނގުނެވެ. އޭނަ ހޫންލައްވާލަމުން ފޯނު ކަނޑާލިއެވެ. އެއަށްފަހު ކޮޓަރިއަށް ދާން އުޅުނެވެ. އެއްލި ކަޅިއަކުން ފާރު ކައިރީގައި ހުރި ނަސްރާގެ ފޮށި ފެނިފައި އެއާއި ހަމައަށް ގޮސް އޭތި އުފުއްލާލަމުން އަނެއްކާވެސް ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ.
ކޮޓަރީގެ އެނދުގައި އިށީނދެގެން އިން ނަސްރާއަށް ދޮރުމައްޗަށް އެރި ޔޫނުސް ފެނުމާއެކު ވަގުތުން ކޮޅަށް ތެދުވެވުނެވެ. ކޮޓަރިތެރޭ ދޮރު ކައިރީގައި ފޮށި ބަހައްޓާލި ޔޫނުސް އިސްއުފުލާލިތަނާ ނަސްރާ ފެނިފައި އޭނަ ހުއްޓުން އެރިއެވެ. ނަސްރާ ބޮޑު ދެލޮލުން އޭނައަށް ބަލަން ހުރެފައި އިސްޖަހާލި ގޮތުން ޔޫނުސް ހިނދުކޮޅަކަށް ހުރިހާ ކަމެއް ހަނދާން ނެތުނެވެ. ދެންމެ ޝިފާޒްއާއި އޭނައާ ދެމެދު ދެކެވުނު ވާހަކަ ހަނދާނަށް އައުމުން ވެސް އެއީ ނުވާކަމަކަށް ހަދައި ކޮޓަރިއަށް ވަންނަން ޔޫނުސްގެ ހިތް އެންގިއެވެ. ނަމަވެސް އޭނައަށް ޝިފާޒަށް ވަޢުދެއްވެވިއްޖެއެވެ.
“އަމް…..ނަސްރާ، އަހަރެން މިދަނީ ކުޑަ ކަމަކު އޮފީހަށް. ވަރަށް އަވަހަށް އައިސްދާނަން.” ޔޫނުސް ޖެހިލުންވެހުރެ ނަސްރާއަށް ބަލަމުން ނުބަލަމުން ބުނެލިއެވެ. އޭނައަށް ބަލަހައްޓައިގެން ހުރި ނަސްރާގެ މޫނުމައްޗަށް މާޔޫސްކަން ވެރިވިތަން ޔޫނުސްއަށް މިފަހަރު ވަރަށް ސާފުކޮށް ފެނުނެވެ. ޔޫނުސް ދެރަވި ވަގުތު އޭނަގެ ދެފައި ހުރިތަނުގައި ތަތްލީހެން އޭނައަށް ހީވިއެވެ. އޭނަ އެއްގޮތަކަށް ވެސް ދާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް……
“ހެދުން އަލަމާރީގެ މި ފަރާތުގައި ހުރި ބަޔަކީ ނަސްރާގެ ބައި. ނަސްރާގެ ހެދުންތައް އެބައިގައި އެޅުވިޔަސް މައްސަލައެއްނެތް.” ޔޫނުސް ދެންވެސް ދޮރުމަތީގައި ހުރެ ބުނެލިއެވެ. ނަސްރާ އަލަމާރިއަށް ބަލަހައްޓައިގެން ހުރެފައި ޔޫނުސްއަށް ބަލާލިއެވެ. ޔޫނުސް ހީކުރި ގޮތާއި ޚިލާފަށް ނަސްރާ ބޯވެސް ޖަހާނުލިއެވެ. ނަސްރާ ހަމަ އެހާވެސް ދެރަވީބާއޭ ޔޫނުސްގެ ހިތަށްއެރި ވަގުތު އޭނައަށް އަމިއްލަ ނަފްސު ކުށްވުރި ކުރެވުނެވެ.
“އަހަރެން…..” ޔޫނުސް ހަމައެކަނި އެހާވަރަށް ބުނެލަމުން ބޭރަށް ޢިޝާރާތް ކުރީ އޭނަ ދެން އިތުރަށް ހުރެއްޖެއްޔާ އޭނަގެ ޚިޔާލު ބަދަލުވުމުގެ ބިރުހީވީތީވެއެވެ. ނަސްރާ ޔޫނުސްގެ އެވާހަކައަށް އެއްފަހަރު ބޯޖަހާލަމުން އިސްޖަހައި އޭނަގެ ފޮށްޓާއި ދިމާލަށް ދާން ހިނގައިގަތެވެ. އެވަގުތު ޔޫނުސް ގަދަކަމުން ކޮޓަރިން ދުރަށް ދާން ހިނގައިގަތެވެ. ޔޫނުސް އޭނަގެ ލޯމައްޗަށް ގެއްލުނު ވަގުތު ގެނބެމުން ދިޔަ ހިތަކާއެކީ ނަސްރާއަށް ހުޅުވާލެވިފައިވާ ކޮޓަރީގެ ދޮރަށް ބަލާލެވުނެވެ. ޔޫނުސް ފެންނަން ނެތުމުން ނަސްރާއަށް ފުން ނޭވައެއް ދޫކޮއްލެވުނެވެ. ރޭގަނޑެއްގެ މިވަގުތު އޮފީހުގައި އޮންނާނީ ކޮން މަސައްކަތެއްބާއޭ ނަސްރާގެ ހިތަށްއެރިއެވެ. ޔޫނުސް އޭނައަށް ދޮގު ހަދަނީ ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމާއެކު ނަސްރާއަށް ބޯހޫރުވާލެވުނެވެ. ޔޫނުސްއަކީ ނޫސްވެރިއެކެވެ. ކޮންމެވެސް ތަނެއްގައި ކަމެއް ދިމާވުމުން ކުއްލިއަކަށް ވެސް ދާންޖެހިދާނެ ކަމަށް ނަސްރާ އޭނަގެ ހިތަށް ވިސްނައިދިނެވެ. ނަސްރާ އޭނަގެ ކުރިމަތީގައި ހުރި ފޮށީގެ ޒިބު ކަހާލަން އުޅުނު ވަގުތު ޔޫނުސް އަނެއްކާވެސް ކޮޓަރީގެ ދޮރުމައްޗަށް އެރިއެވެ.
“ނަސްރާ، އަހަރެން މި ދަނީ ގޭގެ ދޮރު އެތެރެއިން ތަޅުލާފަ އިނގޭ. އެއްވެސް ނުދަންނަ މީހަކު އަޔަސް ދޮރު ނުހުޅުވާތި.” ޔޫނުސް ކަންބޮޑުވުން އެކުލެވިފައިވި ގޮތަކަށް ބުނެލިއެވެ. ޔޫނުސް އެ ބުނި އެއްޗެއް ނަގައިގަނެވުނު ނަސްރާއަށް ހިނިތުންވެވެން އުޅުނެވެ. ނަމަވެސް އޭނަ ހިނިތުންނުވާން މަސައްކަތް ކުރަމުން ބޯޖަހާލިއެވެ. ޔޫނުސް ދެންވެސް ނަސްރާއަށް ބަލަން ހުރެފައި އަނެއްކާވެސް ދާން ހިނގައިގަތެވެ. މިފަހަރު ޔޫނުސް ލޯމައްޗަށް ގެއްލުމުން ނަސްރާގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. ޔޫނުސް އޭނައާމެދު އަޅާލާކަން އިޙްޞާސް ކުރެވުމުން ޔޫނުސް އޭނައަށް ދޮގެއް ނަހަދާނެއެއްނޫންހޭ ނަސްރާގެ ހިތް ބުންޏެވެ.
ޔޫނުސްގެ ސައިކަލު ގޮސް މަޑުކޮށްލީ ދެ ބުރީގެ ޢިމާރާތެއްގެ ކުރިމައްޗަށެވެ. އެ ޢިމާރާތުގެ އެންމެ މަތީގައި ބޮޑު އިނގިރޭސި އަކުރުން ލިޔެވިފައިވީ “އެޗް.އެން ނިއުސް”އެވެ. އެކި ކުލަކުލައިގެ ކުލަބޮކިތަކުން އެ ޢިމާރާތް ޒީނަތްތެރިކުރެވިފައިވީއިރު އިވެމުން ދިޔަ ބާރު މިއުޒިކްގެ އަޑާއި އެއްވަރަށް އެ ބޮކިތަކުގެ ކުލަ ބަދަލުވަމުން ދިޔަހެން ހީވިއެވެ. ޔޫނުސް އޭނަގެ ސައިކަލުން ފައިބައިގެން ގޮސް އެ ޢިމާރާތުގެ ހުޅުވާލެވިފައިވާ ގޭޓުން ވަދެގެން ދިޔައިރު އޭނަގެ ބުމަ ގޮށްޖެހިފައިވިއެވެ. ދިގު ފިޔަވަޅުތަކެއްގައި ގޮސް އޮފީސްތެރެއަށް ވަންއިރު އެތަން ވަނީ ހުރިހާ މޭޒެއް އެއްފަރާތްކޮށް “ޑާންސް ފްލޯ” އަކަށް ބަދަލުކުރެވިފައެވެ. ބައެއް މީހުން އެތާ މެދުގައި ތިބެ ނަށަމުން ދިޔައިރު އަނެއްބައި މީހުން ބުއިންތައް ހިފައިގެން އެކިއެކި ވާހަކައިގައި މަންޒަރު ބަލަން ތިއްބެވެ. ޔޫނުސް މަންޒަރު ނުބަލަންވެގެން ދުރު ހޯދަންފެށީ ޝިފާޒް ފެނޭތޯއެވެ. މުޅި ތަނުގެ އަލި އެކި ކުލައަށް ބަދަލުވަމުން ދިޔަ ގޮތުން ޔޫނުސްގެ ލޮލަށް އުދަގޫވާވަރު ވިއެވެ. އޭނަ އައިތާ މާ ގިނައިރެއްނުވެ ކުއްލިއަކަށް މިއުޒިކު ހުއްޓި މުޅިތަން އަނދިރިވެގެން ދިޔައެވެ. މީހުންގެ ޙަރަކާތްތައް މަޑުވެ އެމީހުން ޙައިރާންވެގެން އުޅޭފަދަ ވާހަކަތައް އިވެން ފަށައިފިއެވެ. ޔޫނުސް ވެސް ވީނުވީއެއް ނޭނގިފައި ހުރިތާ ހުރެ ވަށައި ބަލަމުން ދަނިކޮށް އަލި ބޮކިތަކުން މުޅިތަން ދިއްލާލެވުނެވެ.
“ޔޫނުސް!” ކަނާތް ފަރާތުން މީހަކު އެންމެނަށް އިވޭވަރަށް ގޮވާލި އަޑަށް ޔޫނުސް އެ ދިމާލަށް ބަލާލިއެވެ. އެވަގުތު ދުރުގައި އޭނައާއި ދިމާލަށް ދެއަތް ދިއްކޮށްގެން ހުރީ ނަވާޒްއެވެ. ނަވާޒްއަކީ ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. އޭނައަކީ ދެބައި އުމުރަށް ގޮސްފައިވާ މީހެއްކަން އޭނަގެ ކަޅުކުލައިގެ ތުނި އިސްތަށިގަނޑުގައި ފަޅަން ފަށާފައިވާ ނުރަތަކަކުން އެނގެއެވެ. އެހެން އެންމެންނާ ޚިލާފަށް ނަވާޒް ކަޅުކުލައިގެ ކޯޓު ފަޓުލޫނު ލައިގެން ހުރުމުން އޭނަގެ ހައިބަތު ހުރިކަން އެނގެއެވެ.
ނަވާޒް އުފަލުން ފުރިގެންވި ހިނިތުންވުމެއްގައި ޔޫނުސްއަށް ބަލަހައްޓައިގެން ހުރި ވަގުތު ޔޫނުސްގެ މޫނުވަނީ ބަނަވެފައެވެ. ޔޫނުސް އެއްވެސް ޙަރަކާތެއް ނުކުރުމުން ނަވާޒް ހަމަ އޭނަގެ ދެއަތް ދިއްކޮށްގެން ހުރެ ޔޫނުސްއާ ދިމާލަށް އަންނަން ފެށިއެވެ. އަދި ޔޫނުސްއާ ހަމައަށް ގޮސް ޔޫނުސްގެ ގައިގައި ބައްދާލިއެވެ. ނަވާޒް ބައްދާލި ވަގުތުވެސް ޔޫނުސްގެ ދެއަތްވަނީ ވައްޓާލެވިފައެވެ. އޭނަގެ މޫނުމަތީގައި ރުޅިވެރިކަން ވީހިނދު ވަށައިގެންވި އެންމެންގެ މޫނުމަތިން އެމީހުންގެ ހިތްތަކުގައި ވި ޙަސަދަވެރިކަން ފެންނަމުން ދިޔައެވެ. އެމީހުންނަށް ނޭނގޭ ސަބަބަކާހުރެ ޔޫނުސްއަކީ، އެމީހުން މި މަސައްކަތް ކުރާ ނޫހުގެ ވެރިފަރާތް ކަމަށްވާ ނަވާޒްއަށް ވަރަށް ޚާއްސަ މީހެކެވެ. ނަވާޒް އޮންނަނީ އޮފީހުގެ ހުރިހާ މުވައްޒަފުން ގާތުވެސް އޭނައާ މާތް ބަހުން މުޚާތަބު ކުރުމަށް އަންގާފައެވެ. މުވައްޒަފަކު އެ ނޫންގޮތަކަށް އޭނައާ މުޚާތަބުކޮށްފިނަމަ އެ މުވައްޒަފަކު ވަޒީފާއިން ވެސް ވަކި ކުރެވެއެވެ. ނަމަވެސް ޔޫނުސް ޚުދު ނަވާޒްގެ ކުރިމަތީގައި ވެސް އާދައިގެ ގޮތަކަށް ވާހަކަ ދެއްކުމުން އެއީ މައްސަލައަކަށް ނުވެއެވެ. ނަވާޒް މި ކަހަލަ ޕާޓީއަކަށް އައިސްފައިވެސް ޔޫނުސް ނެތިއްޔާ އޭނައަށް ވަގުތުން ފާހަގަ ކުރެވޭނެއެވެ. އޮފީސް ހުރިހާ މުވައްޒަފުންނާއެކު ފޮޓޯއެއް ނަގަން ވެއްޖެއްޔާ ނަވާޒް ކައިރީގައި ޔޫނުސް ހުރުމަކީ ލާޒިމް ކަމެކެވެ. ބައެއް މީހުން ބުނާ ގޮތުގައި މި ހުރިހާ ކަމެއްގެ ސިއްރަކީ ޔޫނުސް މުޅި ޤައުމުން ވެސް ހޮވާލެވޭފަދަ ނޫސްވެރިއަކަށް ވުމެވެ. ޔޫނުސް ނުރުހޭނެ ގޮތަކަށް ކަންތައް ކޮށްގެން ނަވާޒް ޔޫނުސް ގެއްލެން ބޭނުން ނުވަނީކަމަށް މީހުން ބުނެ އުޅެއެވެ. އެއީ އެގޮތަށް ކަންތައް ކޮށްފިނަމަ ޔޫނުސް އެހެން ނޫހަކަށްޓަކައި މަސައްކަތް ކުރަން ފަށައި ނަވާޒްއާބެހޭ ނުބައި ވާހަކަތައް ލިޔަން ފަށާފާނެތީވެއެވެ. އަދި މީހުން އެއަށް އިތުބާރުކުރަން ފަށާފާނެތީވެއެވެ. ނަވާޒް ޔޫނުސްއަށް މިހާ “ލޯބި” ދޭއިރުވެސް އެކަކަށްވެސް ނޭނގޭ ކަމަކީ ޔޫނުސް ނަވާޒްއަށް ރުޅި އަންނަންވީ ސަބަބެވެ. ނަވާޒް ޔޫނުސްއާ ވާހަކަ ދައްކާއިރު އަބަދުވެސް ހިނިތުންވުމެއްގައި ހުންނައިރު ޔޫނުސް އަބަދުވެސް ހުންނަނީ ނުރުހުންވެފައެވެ. ޔޫނުސް ނަވާޒްއާއި ރީތި ބަހުން ވާހަކަ ދައްކާނަމަ ޔޫނުސް މިއަދު ވީހީ ނަވާޒްގެ ޕާޓީގެ ނައިބު ރައީސަކަށޭވެސް މީހުން ބުނެއުޅެވެ. ނަވާޒް ޔޫނުސް ގެންގުޅެނީ އެހާވެސް ކައިރިންނެވެ.
“ޔޫނުސް، ކިހިނެއް؟ ކީއްވެ މާ ލަހުން ޕާޓީއަށް އާދެވުނީ؟” ނަވާޒް ޔޫނުސްއާ ދުރުވެ ޔޫނުސްގެ ދެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ބުނެލިއެވެ. އޭރުވެސް އޭނަ ހުރީ ހެވިފައެވެ.
“އަހަރެން ރަނގަޅު. މިކަހަލަ ޕާޓީތަކަށް އަންނަން ބޭނުންނުވާތީ ނާންނަނީ. ޝިފާޒް ގުޅާފަ ބުނީ ނަވާޒް ބުންޏޭ އަހަރެން އަންނާށޭ. އެހެންވެ މިއައީ.” ޔޫނުސް ސީރިއަސް ކަމާއެކީ ބުނެލިއެވެ. އަދި ދުރުގައި ހުރި ޝިފާޒްއަށް ބަލާލިއެވެ. ޝިފާޒް ލުއިގޮތަކަށް ހިނިތުންވެލިއެވެ.
“ހްމް….ޔޫނުސްއަށް މި ގޮވީ ކުޑަ މީޓިންގްއެއް ބާއްވަންވެގެންނޭ. އެންމެން ހިނގާ މަތީ ބަޔަށް.” ނަވާޒް ޔޫނުސްއާ ވާހަކަ ދައްކަމުން ގޮސް އެންމެނަށްވާ ގޮތަށް ބުނެލިއެވެ. އެއާއެކު އެތާ ތިބި ގިނަ ބަޔަކު ފޫހިވެފައި ކަހަލަ ގޮތަކަށް ސިޑިބަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ. ނަވާޒްވެސް އެތަނަށް ދިޔުމަށް ޔޫނުސްއަށް ޢިޝާރާތް ކުރުމުން ޔޫނުސް ދެންވެސް ރުޅި މޫނެއްގައި ހުރެ ހިނގައިގަތެވެ. ނަވާޒް ޔޫނުސްގެ ފަހަތުން ދިޔައެވެ.
ނަސްރާ އޭނަގެ ހެދުންފޮށި ބިންމަތީގައި ބާއްވަމުން ޒިބު ކަހައި ހުޅުވާލިއެވެ. އެވަގުތު އޭނައަށް އަންނައުނުތަކުގެ މެދުގައި އޮތް ކުޑަކުޑަ ޕާރުސަލެއް ފެނުނެވެ. އެއާއެކު ދޮންބެ ބުނި ހަދިޔާގެ ވާހަކަ ނަސްރާގެ ހަނދާނަށް އައެވެ. ނަސްރާ ކެތްމަދުވެފައިހުރެ އެ ޕާރުސަލް ނަގައި އޭގެ ބޭރުގައި ހުރި ނޫކުލައިގެ ގަނޑު ނިއުޅާލިއެވެ. އެ ގަނޑު އެއްކޮއް ނުނެގެނީސް މިއީ އެންމެ ފަހުގެ މޯބައިލް ފޯނެއްކަން ނަސްރާއަށް ފޮށީގެ ބޭރު ބަލާފައި އެނގުނެވެ. މިއީ ނަސްރާ ހީކޮށްގެން ހުރި ކަހަލަ ހަދިޔާއަކަށް ނުވިޔަސް ނަސްރާ އުފާކުރިއެވެ. އޭނަގެ އަތުގައި މިހާރު އޮތް ފޯނުގައި ދަނީ ކުދިކުދި މައްސަލަތައް ޖެހެމުން ކަމަށްވާތީވެއެވެ. ފޯނު އޮތް ފޮށީގައި ފެހި ކުލައިގެ ނޯޓެއް ހަރުކޮށްފައި ހުއްޓެވެ. އޭގައި އޮތީ އުފާވެރި ޒަވާޖީ ޙަޔާތަކަށްޓަކައި ވީހާވެސް ގިނައިން ޔޫނުސްއަށް ގުޅުމަށެވެ. ނަސްރާއަށް އެއަށް ބަލަހައްޓައިގެން ހުރެ ހީލެވުނެވެ. އޭނަ އެ ނޯޓުކޮޅު ނަގާލަމުން ފޮށި ހުޅުވައި ފޯނު ނެގިއެވެ. އަދި އޭނަގެ އަތްދަބަހުގައި މިހާރު އޮތް ފޯނު ނަގައި އޭގައި އޮތް ސިމް އާ ފޯނަށް ބަދަލުކުރިއެވެ.
އެނދުގެ ހެޑްބޯޑް މަތީގައި ފޯނު ބާއްވަމުން ނަސްރާ އޭނަގެ އަންނައުނު ހަމައަކަށް އެޅޭތޯ ބެލިއެވެ. އަލަމާރީގައި ހެދުން އަޅުވާލުމަށްޓަކައި ނަސްރާއަށް އެންމެ ފުރަތަމަ އޮޅުމަކުން ހުޅުވާލެވުނީ ޔޫނުސްގެ ހެދުންތައް އަޅުވާފައި ހުންނަ ބައެވެ. ޔޫނުސްގެ ގަމީސްތައް ފެނިފައި ނަސްރާ ހުއްޓުން އެރިއެވެ. އޭނައަށް ބޭ އިޚްތިޔާރުގައި އެކިއެކި ގަމީސްތަކަށް ވަކިން ބެލެން ފެށިއެވެ. އެންމެ ކޮޅުގައި އޮތް ހުދުކުލައިގެ ގަމީސް ފެނިފައި މިއީ އެންމެ ފުރަތަމަ އޭނައަށް ޔޫނުސް ފެނުނު ދުވަހު ލައިގެން ހުރި ގަމީހޭ ހިތަށްއެރިއެވެ. އެއާއި ޖެހިގެން އޮތް ގަމީސް ފެނިފައި ވެސް ނަސްރާގެ ހަނދާނަށް އައީ ޔޫނުސް ފެނުނު އެހެން ދުވަހެކެވެ. ބައެއް ގަމީސްތައް ނަގައި އެއަށް ރަނގަޅަށް ބަލަން ބޭނުންވިއެއްކަމަކު އެއިން އެއްވެސް އެއްޗެއްގައި އަތްލާކަށް ވެސް ނަސްރާއަކަށް ނުކެރުނެވެ. ނަސްރާ ލަދުރަކި ހިނިތުންވުމަކާއެކީ ތަންކޮޅެއް ދުރަށް ޖެހިލަމުން އަލަމާރީގެ ދޮރު ލައްޕާލަން އުޅެފަވެސް އަދިވެސް އެއްފަހަރު އޭގެ އެތެރެ ބަލާލިއެވެ. އަލަމާރީގެ އެބައިގައި ގަމީސްތަކާއި ޓީޝާޓުތައް ވަކިން އެޅުވިފައި ވިގޮތުން ޔޫނުސްއަކީ ހާދަ ތަރުތީބު މީހެކޭ ނަސްރާގެ ހިތަށްއެރިއެވެ. ނަސްރާއަށް ނޭނގޭ ކަމަކީ ޔޫނުސް ކައިވެނީގެ ތިން ދުވަސް ކުރިން ކޮޓަރީގެ އެތަން މިތަނުން ޓީޝާޓާއި ޖިންސްތައް ހޮވައި އެ ހުރިހާ އެއްޗެއް ދޮވެ އިސްތިރިކޮށް އަލަމާރިއަށް ލިކަމެވެ.
ނަސްރާ އޭނަގެ ހެދުންތައް އަލަމާރިއަށް ލައި ނިންމާލަމުން ފުން ނޭވައެއް ދޫކޮށް އެނދުގައި އިށީނެވެ. އޭނަ ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު ގަޑިން ދަންވަރު 12:15 ވީއެވެ. ނަސްރާ ކޮޓަރީގެ ހުޅުވާލެވިފައިވާ ދޮރާއި ދިމާލަށް ބަލާލީ ނިދިބަރުވެފައިވާ ދެލޮލުންނެވެ. އޭނަ ބޭނުންވީ މޫނުދޮވެ ވުޟޫކޮށްލައިގެން ނިދަން އޮށޯންނާށެވެ. ނަމަވެސް ޔޫނުސް އަންނައިރު އޭނަ ނިދަން އޮތިއްޔާ ކަމަކު ނުދާނެއޭ ހިތް ބުންޏެވެ. އެހެންކަމުން ނަސްރާ ނިދި ފިލުވާލުމަށްޓަކައި ތެދުވެ ގޮސް އޭނަގެ އާ ފޯނު ނަގައި ފޯނުން ގޭމެއް ކުޅެން ފެށިއެވެ.
**
“މި އަންނަ އަހަރުގެ ފަހުކޮޅު އިންތިޚާބު ފެށޭނެ. އިންތިޚާބުގެ ކުރިން އަހަރުމެން މިތިބީ ބައިވަރު ޙަރަކާތްތައް ކުރިއަށް ގެންދަން ރާވައިގެން. އެންމެ ގިނަ ޙަރަކާތްތައް ކުރިއަށް ގެންދެވޭނީ މާލޭގަ. އެހެންވީމަ މި ކޮޅުން ބައެއް ނޫސްވެރިން މާލެއަށް ގެންނަން އަހަރުމެންނަށް ފެންނާތީ އެ ޚިޔާލު ފާޅުކުރަން މި މީޓިންގް މި ބޭއްވީ. މި ކޮޅުން އެކޮޅަށްދާން ހޮވޭ ނޫސްވެރިންގެ ދަތުރާއި އުޅެންވީ ތަނާއި ހުރިހާ ކަމެއް ހަމަޖައްސައިދެވޭނެ ކުންފުނީގެ ފަރާތުން. އެއީ އެ ނޫސްވެރިއަކު ޢާއިލާއާއެކީ ދާން ބޭނުންވިޔަސް ހަމަ އެމީހުންނަށްޓަކައި ވެސް ޚަރަދުކުރެވޭނެ.” ނަވާޒް ދިގު މޭޒެއްގެ ކޮޅުގައި އިށީނދެ އިނދެ ބުނެލިއެވެ. އެ ވާހަކަ އަޑު އަހާފައި މޭޒުގެ ވަށައިގެން ތިބި އެންމެންގެ މޫނުތައް އުޖާލާވެގެން ދިޔައެވެ. ޔޫނުސް ފިޔަވައެވެ. އޭނަ އިސްޖެހިފައި ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނީއެވެ. އެކި މީހުންނަށް ވަކި ވަކިން ބަލަމުން ދިޔަ ނަވާޒްއަށް އެތަން ފެނިފައި އޭނަ ޔޫނުސްއަށް ގޮވާލިއެވެ. ޔޫނުސް ނަވާޒްއަށް ބަލާލިއެވެ.
“ރަނގަޅު ޚިޔާލެއްދޯ ޔޫނުސް؟ ޔޫނުސް ދާކަށް ބޭނުމެއްނޫންތަ މާލެއަށް؟” ނަވާޒް އަހާލިއެވެ.
“ހިއެއްނުވޭ މިއީ ރަނގަޅު ޚިޔާލެއްހެން. ކީއްކުރަންތަ މި ކޮޅުން ވަކި ނޫސްވެރިން ގެންދަންވީ؟ އެކޮޅުގަ މުވައްޒަފުން މަދީތަ؟ އަދި މަދުވިޔަސް އެކޮޅުން ހަމަ ކުދިން އިންޓަވިއުކޮށްފަ ނެގިދާނެއެއްނޫންތަ؟” ޔޫނުސް ބުނެލިއެވެ. އެއާއެކު އެހެން އެންމެންގެ ރުޅިވެރި ނަޒަރުތައް ޔޫނުސްއަށް އަމާޒުވިއެވެ. މީޓިންގްއެއްގައި ނަވާޒްގެ ކުރިމަތީގައި ޚިޔާލު ފާޅުކުރަން ކެރޭ ހަމައެކަނި މީހަކީ ޔޫނުސްއެވެ. ކަން މިހެން އޮތްވާވެސް ޔޫނުސް ދޭނީ މިކަހަލަ ޚިޔާލުތަކެވެ. ނަވާޒް އިރުކޮޅަކު ހުރެފައި ވާހަކަ ދެއްކިއެވެ.
“އާނ އެކަމަކު ޔޫނުސް ކަހަލަ ނޫސްވެރިން ލިބުމަކީ އެހާ ފަސޭހަކަމެއްނޫނެއްނުދޯ؟” ނަވާޒް ބުނެލިއެވެ. ޔޫނުސް ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.
“އަހަރެން ނެތިން ދާކަށް.” ޔޫނުސް ބުނެލީ ހަމައެކަނި އެހާވަރަށެވެ.
އެނދުމަތީގައި އިނދެ ނަސްރާ ގޭމު ކުޅެމުން ދިޔައިރު ވެސް އޭނަގެ ލޯ މެރެމުން ދިޔައެވެ. ނަސްރާގެ ދެލޯ މެރިގެން ގޮސް ބޯޖެހުނު ވަގުތު އޭނަ ސިހިފައި ދެލޯ ހުޅުވާލަމުން ދެފަރާތަށް ދެފަރާތަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު އަނެއްކާވެސް ކުރިމަތީގައި ހުރި ގަޑިއަށް ބަލާލިއިރު 12:45 ވެއްޖެއެވެ. ނަސްރާއަށް އަނެއްކާވެސް ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. ޔޫނުސް އަދިވެސް ނާންނަނީ ހެއްޔެވެ؟ އޭނައަށް ގޮތެއްވީބާވައެވެ؟ ނަސްރާގެ ހިތަށް އެ ސުވާލު ވެރިވި ވަގުތު އޭނަގެ ލޮލުން ކޮންމެވެސް ވަރަކަށް ނިދި ފިލައި ދިޔައެވެ. އޭނަ އަތުގައި އޮތް ފޯނަށް ބަލާލަމުން ޔޫނުސްއަށް ގުޅަން ހިތަށްއެރިއެވެ. ނަމަވެސް އޭނައަށް ޔޫނުސްގެ ނަންބަރު ނޭނގޭކަން ހަނދާންވި ވަގުތު އޭނައަށް ޗޮއްކަނޑާލެވުނެވެ. ދޮންބެއަށް ގުޅަން ހިތް ބުންޏެއްކަމަކު މި ވަގުތު ދޮންބެއަށް އުދަގޫކުރާކަށް ބޭނުމެއްނުވިއެވެ.
ނަވާޒްގެ މީޓިންގް ނިމުނުއިރު 1:00 ޖަހައިފިއެވެ. ޔޫނުސް ނާންނަ ވާހަކައަށްފަހު އޭނަ މި ކޮޅުން ނޫސްވެރިން މާލެ ނުގެންދާ ގޮތަށް ހަމަޖައްސައިފިއެވެ. އެ ނިންމުމާހެދި އޮފީހުގެ އެހެން މުވައްޒަފުންގެ ހިތުގައި ޔޫނުސްއަށްޓަކައި ވި ނަފްރަތު އިތުރުވިއެވެ. ނަމަވެސް އެމީހުންނަށް ޔޫނުސްއާ ދިމާލަށް އެއްޗެކޭ ނުބުނެވުނީ ޔޫނުސްގެ “ހަށިފާރަވެރިއަކަށް” ނަވާޒް ހުރީތީވެއެވެ. މީޓިންގް އިން ނިކުމެ ނަވާޒްއާއެކީ ހުރިހާ މުވައްޒަފުން އެކީގައި ފޮޓޯއެއް ނެގިއެވެ. އާދައިގެ މަތިން ނަވާޒްގެ ކައިރީގައި ހުރީ ޔޫނުސްއެވެ. ނަވާޒްގެ އެދުމަށް އެންމެން ޕާޓީ ނިންމާލާފައި ނިކުންނަން ދިޔަ ވަގުތު އެ މަގުން ދެ ސައިކަލުޖެހި އެކްސިޑެންޓެއް ހިނގިއެވެ. އެއަޑަށް އެންމެން ސިހިފައި އެދިމާލަށް ބަލާލަމުން އެ ތަނަށް ދިޔައެވެ. ޔޫނުސް އާއި އެހެނިހެން މުވައްޒަފުން އެކްސިޑެންޓްވީ ސަރަޙައްދަށް ގޮސް އަނިޔާ ލިބުނު މީހުންނަށް އެހީވާން އަވަސްވެގަތްއިރު އަނެއްބައި މުވައްޒަފުން ކެމެރާ ނަގަން ތެޅިގެންފިއެވެ. ނަވާޒް ވެސް އޮފީހުގެ ގޭޓުގެ ކައިރީގައި އެ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު އެ ތަންގަނޑުގެ ގޭގޭތައް ދިއްލި މީހުން ނިކުންނަން ފަށައިފިއެވެ. އިރުކޮޅެއްފަހުން އެމްބިއުލާންސް އައިސް ބޮޑަށް އަނިޔާވި މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ނަސްރާ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ އޭނައަށް ދެލޯ މަރާލެވުނެވެ. ނިދި ގަދަވެފައި ހުރިވަރުން އޭނަ ދެލޯ ހުޅުވާކަށް ބޭނުމެއްނުވިއެވެ. ޔޫނުސް ދެން ހަމަ އައިސްދާނެއެއްނޫންހޭ އޭނަގެ ސިކުނޑި ބުންޏެވެ. އެ ވާނީ މިރޭ މުޒާހަރާއެއް އޮތީ ކަމަށެވެ. މީގެ ދެ ދުވަހެއް ކުރިން ކޮންމެވެސް އެއްޕާޓީއަކުން މުޒާހަރާ ކުރާނެ ވާހަކަވެސް ނަސްރާގެ ސިކުނޑި އޭނައަށް ހަނދާންކޮށްދިނެވެ. އެއާއެކު ނަސްރާ ރަނގަޅަށް ނިދާލަން ބޭނުންވިއެވެ. އޭނަ ދެލޯ ހުޅުވައި ފުރަގަހަށް ބަލާލިއިރު ހެޑްބޯޑް ކައިރީގައި ހުރި ބާލީސްތައް ފެނިފައި ނަސްރާއަށް އުފަލެއް ލިބުނެވެ. އޭނަ އެނދުގެ ވަށަލައިގެން ގޮސް އެނދުގެ ކަނާތް ފަރާތުގައި އިށީނދެ އެ ކޮޅުގައި އޮތް ބާލީހުގައި އޮށޯންނަން އުޅުނެވެ. ހެދުން ބަދަލުކުރަން ހިތަށްއެރިއެއްކަމަކު އެ ވަރެއް ނަސްރާގެ ގައަކު ނެތެވެ. އަދި ޔޫނުސް އަންނަންދެން އަދިވެސް މަޑުކުރާނީއޭ ހިތަށްއަރާފަވެސް ޔޫނުސް އަންނައިރަށް އޭނަ މިހާރު ކުޑަކޮށް ނިދާފައި ހޭލާނީއޭ ހިތައި ނަސްރާ ބާލީސް މަތީގައި އޮށޯވެ ދެލޯ މަރާލިއެވެ. ނަސްރާއަށް ނިދުނުއިރުވެސް އޭނަގެ ދެފައި އެނދަށް ނާރުވައި އޮތް ގޮތުން އޭނަ އޭރުވެސް އޮތީ ދެ ޚިޔާލެއްގެ މަތީގައިކަން އެނގެއެވެ.
ޔޫނުސް އޭނަގެ ސައިކަލު ދުއްވާފައި ގޮސް ގޭގެ ފެންޑާއަށް ވެއްދިއިރު މުޅި ރަށަށް ވެރިވެފައިވި އަނދިރިކަމުގެ ތެރެއިން ވެސް އޭނަގެ ގެ ދިއްލާލެވިފައިވިއެވެ. ޔޫނުސް ސައިކަލުމަތީގައި ހުރެ އެއްފަހަރު ސިޓިންގް ރޫމުގެ ކުޑަދޮރާއި ދިމާލަށް ބަލާފައި އޭނަގެ ކޮޓަރީގެ ކުޑަދޮރާއި ދިމާލަށް ބަލާލިއެވެ. ސިޓިންގް ރޫމުގެ ކުޑަދޮރު ފަދައިން އެ ކުޑަދޮރުވެސް ފަރުދާ އެޅިފައިވިއިރު ކޮޓަރީގައި އަލިބޮތްކެއް ދިއްލާލެވިފައިވިކަން އެނގެއެވެ. ނަސްރާ އަދިވެސް ހުރީ އޭނަގެ އިންތިޒާރުގަހޭ ހިތަށްއެރި ވަގުތު ޔޫނުސް ފުން ނޭވައެއް ދޫކޮއްލަމުން ސައިކަލުން ފޭބިއެވެ. އަދި ޖީބުގައި އޮތް ތަޅުދަނޑި ނަގައި ސިޓިންގް ރޫމުގެ ދޮރު ހުޅުވާލަމުން އެތާނގެ އަލި ބޮކި ނިއްވާލިއެވެ. މިހާރު އޭނައަށް ހަމައެކަނި ފެންނަމުން ދިޔައީ ހުޅުވާލެވިފައިވާ ކޮޓަރީގެ އައްޔެވެ. ޔޫނުސް އާދައިގެ ހިނގުމެއްގައި ގޮސް އެ ދޮރާއި ހަމަކޮށްފިއެވެ. ދޮރުމައްޗަށް އަރައި ނަސްރާއަށް ގޮވާލަން އަނގަ ހުޅުވާލި ވަގުތު އެނދުގައި އޮށޯވެ އޮތް ނަސްރާ ފެނިފައި ޔޫނުސްއަށް އަނގަ ލައްޕާލެވުނެވެ. ނަސްރާ އޮތީ ނިދިފަކަން ނަގައިގަނެވުނު ވަގުތު ޔޫނުސްއަށް ފާރުގައި ހުރި ގަޑިއަށް ބަލާލެވުނެވެ. އޭރު ގަޑިންވަނީ 2:05 ވެފައެވެ. ޔޫނުސްއަށް އަދިވެސް އެއްފަހަރު ފުން ނޭވައެއް ދޫކޮށްލެވުނެވެ. ކޮޓަރީގެ ބޮކި ދިއްލާލެވިފައިވުމުންނާއި ނަސްރާ މިރޭ ލައިގެން ހުރި ހެދުމުގައި ނިދަން އޮތުމުން ނަސްރާ ނިދުނީ އޭނަގެ އިންތިޒާރުގައި އޮވެކަން ޔޫނުސްއަށް ޔަޤީންކުރެވުނެވެ. ޔޫނުސްއަށް ތުންފިއްތާލަމުން ގޮށްމުއްކަވައި ދޮރުކަނީގައި މަޑުމަޑުން ޖަހާލެވުނެވެ. އޭނަ މިރޭ އޮފީހަށް ދިޔައީ ވެސް ވަކި އެހާ ބޭނުންތެރި ކަމެއްގައެއްނޫނެވެ. ނަވާޒް ދޭން އައި “ބޮޑު ޚިޔާލު” އޭނަ އަމިއްލައަށް ބަދަލުކޮށްލައިފިއެވެ. އެއަށްފަހު އޭނަ ދެއްކީ އޭނަ އިންތިޚާބަށްޓަކައި ރާވާފައިވާ ޙަރަކާތްތަކުގެ ވާހަކަތަކެވެ. އެއީވެސް ވަކި ނޫސްވެރިން އަޑުއަހަންޖެހޭ ވާހަކަތަކެއްނޫނެވެ. އެއީ ދަންވަރު 12 ޖަހާއިރު އެންމެން އެއްކޮށްފައި ދައްކަންޖެހޭ ކަހަލަ ވާހަކަތަކެއްވެސް ނޫނެވެ. ނަވާޒް އުޅެނީ މޮޔަވެގެންނޭ ޔޫނުސްގެ ހިތަށްއެރިއެވެ. އޭނައާހެދި ނޫންނަމަ މިރޭ ޔޫނުސްއަށް ނަސްރާގެ ކައިރީގައި ހުރެވުނީހެވެ. ނަސްރާ އޭނައާމެދު މިހާރު ދެކޭނީ ކިހިނެއް ހެއްޔެވެ؟ އޭނަ ރަނގަޅު ފިރިއަކަށް ނުވާނެކަމަށް ނަސްރާ ނިންމާނެކަން ގައިމެވެ. އެއީ ޙަޤީޤަތެވެ. ފުރަތަމަ ރޭ ވެސް އެކަނި ދޫކޮށްފައި ދާނީ ރަނގަޅު ފިރިއެކޭ ބުނާނީ ކާކު ހެއްޔެވެ؟ ޔޫނުސް އެނދުގައި އޮތް ނަސްރާއަށް ބަލަހައްޓައިގެން ހުރެ ކޮޓަރި ތެރެއަށް ލަސް ފިޔަވަޅުތަކެއްގައި ދާން ފެށިއެވެ. އަދި ނަސްރާއާއި ހަމަވުމުން ޖިންސްގެ ޖީބަށް އަތްޖަހައިގެން ހުރެ ނިދަން އޮތް ނަސްރާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު އެނދުން ވައްޓާލެވިފައިވި ނަސްރާގެ ދެފައި ފެނިފައި އެ ދެފައިގައި ދެއަތުން ހިފައި އެނދަށް އެރުވިއެވެ. އަދި ހިންދެމިލަމުން އަދިވެސް އެއްފަހަރު ނަސްރާގެ މޫނަށް ބަލާލިއެވެ. އޭނަ ކުރިއަށް ފިޔަވަޅުތަކެއް އަޅާލަމުން ކުރުފައި މައްޗަށް ތިރިވިއެވެ. އެއަށްފަހު ނަސްރާގެ ކޯތާފަތުގައި އަތުގެ ނުފުށުން ބީހިލާފައި ނަސްރާއާއި ކައިރިވެލަމުން އޭނަގެ ނިތުގައި ބޮސްދިނެވެ. ޔޫނުސް ލަސްލަހުން ނަސްރާއާއި ދުރުވެލަމުން ނަސްރާއަށް ބަލާލިއިރުވެސް ނަސްރާ އޮތީ ދެލޯ މެރިފައެވެ. ޔޫނުސް ލަދުން ކަހަލަ ގޮތަކަށް ހީލަމުން އިސްޖަހާލިއެވެ. އަދި ކޮޅަށް ތެދުވެ އަލަމާރި ކައިރިއަށް ގޮސް ޓީޝާޓެއް ނަގައިގެން ގޮސް ފާޚާނާއަށްވަނެވެ. ފާޚާނާގެ ދޮރު ލެއްޕުނު ވަގުތު އެނދުގައި އޮތް ނަސްރާގެ ދެލޯ ހުޅުވުނެވެ. އޭނަގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވި ވަގުތު މުޅި މޫނު އެއްކޮއް ރަތްވިއެވެ.
އެރޭ ވަރަށް ދަންވެފައިވީތީ ޔޫނުސް ނުނިދަން ނިންމިއެވެ. ފަތިސް ނަމާދަށް ހޭނުލެވިދާނެތީވެއެވެ. އޭނަ އެކަމަށްޓަކައި ނަސްރާއަށް ބަރޯސާވާކަށް ބޭނުމެއްނުވިއެވެ. ފާޚާނާއިން ނިކުމެ ޔޫނުސް ނަސްރާގެ ގައިގައި ރަޖާ އަޅާލަދިނެވެ. އަދި ކޮޓަރީގެ ހުރިހާ ބޮތްކެއް ނިއްވާލަމުން އޭނަގެ ކިޔަވާ މޭޒުދޮށަށް ގޮސް ލެޕްޓޮޕް ހުޅުވާލިއެވެ. ލެޕްޓޮޕުން ކުރާނެ ވަކި ކަމެއް ނުވިސްނުމުން ޔޫނުސް ފޭސްބުކަށް ވަދެލައިފިއެވެ. އޭނަގެ ނިއުސް ފީޑުން ގިނައިން ފެންނަމުން ދިޔައީ އެކިއެކި ނޫސްތަކުގެ ޚަބަރުތަކެވެ. ޔޫނުސް ހުންނަނީ އެ އެއްޗެހި ފެނިފެނި ފޫހިވެފައެވެ. އޭނަ ސިކުނޑި ހަމަޖެއްސުމަށްޓަކައި ޖެހޭނީ އެހުރިހާ އެއްޗަކުން ދުރަށްދާށެވެ. ޔޫނުސް ފޭސްބުކް ކްލޯސްކޮށްލަން އުޅުނު ވަގުތު އިސްލާމިކް ޕޭޖެއްގެ ޕޯސްޓެއް އޭނަގެ ލޮލުގައި އެޅިއެވެ. އޭގައި އިނގިރޭސިން އޮތީ އަނބިމީހާއާއި އެކީ އުޅެންވީ ގޮތްތަކުގެ ސުންނަތްތަކެވެ. ޔޫނުސް ވަގުތުން އިތުރަށް ތިރިއަށް ސްކްރޯލް ކޮށްލިއެވެ. އަދި އޭގައި ލިޔެފައިވި ލިސްޓެއް ކިޔަންފެށިއެވެ. އެ އެއްޗެހި ކިޔަމުން ދިޔައިރު ޔޫނުސްއަށް ހުރެވުނީ ހިނިތުންވުމެއްގައެވެ. ކުރާ ކޮންމެ ކަމެއްވެސް ސުންނަތާއި އެއްގޮތަށް ކުރުމަކީ ޔޫނުސް ވަރަށް ކުރާ ހިތްވާ ކަމެކެވެ. އެއީ ސުންނަތްތަކަކީ އެންމެ ރީތި ގޮތްތަކެއްކަން އޭނައަށް ޤަބޫލުކުރެވޭތީވެއެވެ. މިހާރު ވެސް އޭނައަށް މި ފެނުނު ސުންނަތްތަކަކީ އޭނައަށް ދުވަހަކުވެސް އަމިއްލައަށް ވިސްނައި ނުގަނެވޭނެފަދަ ގޮތްތަކެވެ. އެ ލިސްޓް ކަމުދިޔަ ވަރުން ޔޫނުސްއަށް އޭތި ލައިކްކޮށް ޝެއާރކޮށްލެވުނެވެ.
ފަތިސް ނަމާދަށް ބަންގި ގޮވީ ޔޫނުސް ހަމަ މޭޒުދޮށުގައި އިންދައެވެ. އޭނަ އިނީ އިތުރު ސުންނަތްތައް ގޫގްލްއިން ސާޗްކުރާށެވެ. ބަންގި ގޮވުމުން އޭނަ އަނެއްކާވެސް ކޮޓަރީގެ ބޮކިތައް ދިއްލާލިއެވެ. ނަސްރާއަށް ބަލާލިއިރު އޭނަ އަދިވެސް އޮތީ ނިދިފައެވެ. ޔޫނުސް މިފަހަރުވެސް ފާޚާނާއަށްވަދެ ދޮރު ލައްޕާލި ވަގުތު ނަސްރާގެ ލޯ ހުޅުވުނެވެ. ނަސްރާ ފާޚާނާގެ ދޮރާއި ދިމާލަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. މިރޭގެ ކުރީކޮޅު އޭނަ އުޅުނީ ގަދައަށް ނިދިއައިސްގެން ކަމަށްވިޔަސް ޔޫނުސް ގެއަށް އައިސް ކުރިކަމަކުން ނިދި އޭނަގެ ލޮލަށް ރުޅިވެއްޖެއެވެ. ފަހުން އަދި ޔޫނުސް ކިޔަވާ މޭޒުދޮށުގައި އިންތަން ފެނިފައި ޔޫނުސްއޭ ކިޔައި ގޮވާލަން ހިތަށްއެރީ ކިތައްފަހަރު ކަމެއްވެސް ނަސްރާއަކަށް ނޭނގެއެވެ. ނަމަވެސް އޭނައަށް ގޮވާލާކަށް ނުކެރުނެވެ.
ނަސްރާ އެނދުން ތެދުވެލީ ވަގުތު ޔޫނުސް ފާޚާނާއިން ނިކުތެވެ. ދެމީހުންގެ ލޯ ބައްދަލުވީ ވަގުތު ނަސްރާގެ ހިތް ބާރަށް ތެޅިގެންފިއެވެ. ޔޫނުސް އެއްޗެކޭ ބުނާނެ އިރަކަށް ނަސްރާއަށް އިންތިޒާރު ކުރެވުނެވެ. ޔޫނުސް ހުއްޓުން އަރާފައި ނަސްރާއަށް ބަލަހައްޓައިގެން ހުރީ އެއްޗެކޭ ނުބުނަން އަމިއްލަ ނަފްސާ ވަޢުދުވެގެންނެވެ. ރޭ ނަސްރާ އެންމެ ފުރަތަމަ މި ގެއަށް ގެނެސް އޭނައަށް ވާހަކަ ދެއްކުނު ގޮތުން އޭނަގެ ހުރިހާ ހިތްވަރެއް އެލިއްޖެއެވެ. ޔޫނުސް ވަކި އެއްޗެކޭ ނުބުނެ ދާން ހިނގައިގަތުމުން ނަސްރާގެ ނަޒަރު އޭނައާއެކީ ދަތުރުކުރިއެވެ. ނަސްރާގެ ހިތް ގެނބެން ފެށިއެވެ. ކައިވެންޏަށް އަދި އެއްދުވަސް ވެސް ފުރިހަމަ ނުވަނީސް ޔޫނުސް އޭނަ މަތިން ފޫހިވީބާއޭ ހިތަށްއެރިއެވެ. އޭނަގެ ދިރިއުޅުން ބަރުބާދުވެއްޖެއޭ ހިތަށްއެރި ވަގުތު ޔޫނުސް ކޮޓަރީގެ ދޮރުކައިރީގައި މަޑުކޮށްލައިފިއެވެ.
“ނަމާދަށް…” ނަސްރާއާއި ދިމާލަށް ފަސްއެނބުރި ކޮޓަރިން ބޭރަށް ޢިޝާރާތް ކޮށްލަމުން ޔޫނުސްއަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. ޔޫނުސް ހިތްވަރުކޮށްފައި އެއްޗެކޭ ބުނެލީ ނަސްރާ ހިތަށްއަރާނީ ކީކޭބާއޭ ހިތް ބުނީތީވެއެވެ. ނަސްރާ ލުއި ހިނިތުންވުމަކާއެކީ ބޯޖަހާލުމުން ޔޫނުސްއަށް ހިތްވަރެއް ލިބުނެވެ. އޭނައަށް ދެންމެ ބުނެވުނީ ވަކި ހަމަނުޖެހޭ ވާހަކައެއްނޫންތާއެވެ. ޔޫނުސްއަށް ވެސް ހިނިތުންވެލެވުނެވެ. އެއަށްފަހު އޭނަ ކޮޓަރިން ނިކުމެގެން ދިޔައެވެ. ނަސްރާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.
ނަސްރާ ފަތިސް ނަމާދުކޮށްލައިގެން އިރުކޮޅަކަށް ޤުރުއާން ކިޔަވަން އިނެވެ. އެއަށްފަހު އޭނަ ބައެއްފަހަރު ގޭގައި ލައިއުޅޭ ކަހަލަ ކަކުލާއި ހަމައަށް ހުންނަ އަތްދިގު ހަރުވާޅު ހެދުމެއް ލިއެވެ. މޫނުބަލާ ލޯގަނޑުން އޭނަ ހުރިގޮތް ފެނުނު ވަގުތު ޔޫނުސް ހަނދާންވުމުން ނަސްރާ ލަދުގަތެވެ. ޔޫނުސް އަންނައިރު އޭނައަށް މިހެންނެއް ނުހުރެވޭނެއެވެ. ނަސްރާ އަނެއްކާވެސް އޭނަ އާއްމު ގޮތެއްގައި ލައިއުޅޭ ކަހަލަ ކަޅު ހެދުމެއްލިއެވެ. އަދި މޫނު އެޅުމެއް ނެތި އޭނަ ރޭ ސައިޑް ޓޭބްލް މަތީގައި ބޭއްވި އޭނަގެ ލެޕްޓޮޕް ނަގައި އެނދުމަތީގައި އިނދެ ސްކޫލްގެ މަސައްކަތެއް ފެށިއެވެ. މަސައްކަތުގެ ތެރެއިން އޭނައަށް ގަޑި ބަލާލެވުނެވެ. އެވަގުތު ހެނދުނު 6:05 ހިނގީއެވެ. ޔޫނުސް ވެސް މިސްކިތުގައި ހުރެ ޤުރުއާން ކިޔަވަނީތާއޭ ހިތަށްއެރި ވަގުތު ޔޫނުސްއަށްޓަކައި ނަސްރާގެ ހިތުގައި ލޯތްބެއް އުފެދުނެވެ.
އަފްރީން ހޭލެވުނީ އޭނަގެ ބާލީސް ކައިރީގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. އޭނަ ގަދަކަމުން ކަހަލަ ގޮތަކަށް ދެލޯ ހުޅުވާލިއެވެ. ފޯނު ނެގުމުގެ ކުރިން ކުރިމަތީގައި ހުރި ފާރުގައި ހުރި ގަޑި އަފްރީންއަށް ފެނުނެވެ. ގަޑިން 6:15 ވެފައިވިތަން ފެނިފައި އަފްރީންއަށް ކުއްލިއަކަށް އޭނަގެ ވާތްފަރާތުގައިވި ކުޑަދޮރު ބަރިއާއި ދިމާލަށް ބަލާލެވުނެވެ. ފަރުދާ ދަމާލެވިފައިވިޔަސް އަލިވެއްޖެކަން ފެންލައިޓުން އަފްރީންއަށް ނަގައިގަނެވުނެވެ. އެއާއެކު އޭނައަށް ފަތިސް ނަމާދަށް ނޭރޭކަން ހަނދާންވުމުން އަފްރީން ފޫހިވިއެވެ. ދެންޖެހޭނީ އޭނަގެ މެންދުރުގެ ވަގުތުން ފަތިސް ނަމާދަށް ވަގުތުކޮޅެއް ޚާއްޞާކުރާށޭ އަފްރީންގެ ހިތަށްއެރިއެވެ. ވީ ފޫއްސާއެކީ އަފްރީން ދެން ބެލީ އޭނައަށް އުދަގޫކުރަމުން ދިޔަ ފޯނާއި ދިމާލަށެވެ. ފޯނަށް ސިނާންގެ ނަން އަރާފައި އޮތްތަން ފެނިފައި އަފްރީންގެ ލޮލުން ނިދިފިލައިފިއެވެ. އޭނަ އޭނަގެ ހުރިހާ ދަތްތައް ފެންނާނެ ވަރަށް ހިނިތުންވެލައިގެން ހުރެ އެނދުން ތެދުވެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއިރު އޭނަ ފަތިސް ނަމާދު މަތިން ހަނދާން ނެތިއްޖެއެވެ
ނުނިމޭ