Hijra (Part 17)
އަފްރީންއަކަށް އެ އަޑެއްވެސް ނުއިވުނު ފަދައެވެ. އޭނައަށް ހަމަހޭވެރިކަމެއް ލިބުނީ ވަރަށް ބާރު ސްޕީޑެއްގައި އަންނަމުން ދިޔަ ކާރެއްގެ އަޑަށެވެ. އަފްރީން ކުރިމައްޗަށް ނަޒަރު ހުއްޓާލި ވަގުތު އޭނައާއި ދިމާލަށް އަންނަމުން ދިޔަ ކާރުގެ ހެޑްލައިޓްތައް ފެނުނެވެ. އަފްރީން އޭނަގެ މޫނާއި ދިމާލުން ދެއަތް ހުރަސްކޮއްލިއިރު ބުރަކި ޖައްސަމުން އައި ކާރު އަފްރީންގެ ގައިގައި ޖެހި އޭނަ މަގުގެ އެއްފަރާތަށް އެއްލިގެން ދިޔައެވެ. އަފްރީން ބިމުގައި ޖެހި އެނބުރެމުން އެނބުރެމުން ގޮސް މަޑުވި ވަގުތު އޭނަގެ ހެއެއްނެތެވެ. އެވަގުތު އެތާ ތަންކޮޅެއް ދުރުގައި އަފްރީންގެ ގައިގައި ޖެހުނު ކާރު މަޑުވެއްޖެއެވެ. އަފްރީންގެ ވަށައިގެން މީހުން އެއްވެގަތް ހިނދު އެ ކާރުގެ ދޮރު ހުޅުވުނެވެ. އެ ހުޅުވުނު ދޮރުން ނިކުމެ ބިމުގައި ދެ ފައި ޖައްސާލަމުން ކާރުގެ ދޮރު ލައްޕާލީ ނަވާޒްއެވެ.
އަފްރީން ކުރިމައްޗަށް ނަޒަރު ހުއްޓާލި ވަގުތު އޭނައާއި ދިމާލަށް އަންނަމުން ދިޔަ ކާރުގެ ހެޑްލައިޓްތައް ފެނުނެވެ. އަފްރީން އޭނަގެ މޫނާއި ދިމާލުން ދެއަތް ހުރަސްކޮއްލިއިރު ބުރަކި ޖައްސަމުން އައި ކާރު އަފްރީންގެ ގައިގައި ޖެހި އޭނަ މަގުގެ އެއްފަރާތަށް އެއްލިގެން ދިޔައެވެ. އަފްރީން ބިމުގައި ޖެހި އެނބުރެމުން އެނބުރެމުން ގޮސް މަޑުވި ވަގުތު އޭނަގެ ހެއެއްނެތެވެ. އެވަގުތު އެތާ ތަންކޮޅެއް ދުރުގައި އަފްރީންގެ ގައިގައި ޖެހުނު ކާރު މަޑުވެއްޖެއެވެ. އަފްރީންގެ ވަށައިގެން މީހުން އެއްވެގަތް ހިނދު އެ ކާރުގެ ދޮރު ހުޅުވުނެވެ. އެ ހުޅުވުނު ދޮރުން ނިކުމެ ބިމުގައި ދެ ފައި ޖައްސާލަމުން ކާރުގެ ދޮރު ލައްޕާލީ ނަވާޒްއެވެ.
އަފްރީންގެ ވަށައިގެން ތިބި ބައެއް މީހުންގެ ނަޒަރުތައް ނަވާޒްއަށް އަމާޒުވިއެވެ. ނަވާޒްގެ ބުމަގޮށްޖެހިފައި ވީއިރު އޭނަގެ ނިތުން ދާ ތިކިތައް ހިއްލަން ފަށާފައިވިއެވެ.
“މިއީ އެއްކަލަ ޓީވީއިން ފެންނަ ބޭފުޅުންގެ ޢަމަލުފުޅުތައް ހުންނަ ގޮތް.” އަފްރީންގެ ކައިރީގައި ހުރި އަންހެނަކު ނަވާޒްއަށް ބަލަހައްޓައިގެން ހުރެ ގޮވާލައިފިއެވެ.
“ކަލޭމެން ވާހަކަ ނުދައްކާ. މި ކުއްޖާ މަނިކުފާނުގެ ކާރު ކުރިމައްޗަށް އެރީ. މަ ހުރީމޭ ބަލައިގެން.” ކައިރީގައި ހުރި ގެއެއްގެ ތެރެއިން ފިރިހެނަކު ނިކުންނަމުން ހަޅޭއްލެވިއެވެ. މާ ގިނައިރެއްނުވެ މުޅި އެ ޞަރަޙައްދު އަޑުގަދަވިއެވެ. ބައެއް މީހުން އެމީހުންގެ ފޯނުންނާއި ޓެބްލެޓްތަކުން ބިންމަތީގައި އޮތް އަފްރީންއާއި ދުރުގައި ހުރި ނަވާޒްގެ ފޮޓޯތައް ނަގަން ފަށައިފިއެވެ. އެ ޞަރަޙައްދުގައި މީހުން ގިނަވުމުން ކާރުތަކާއި ސައިކަލުތަކަށް ކުރިއަށް ނުދެވުމުގެ ސަބަބުން ބަރުގޮނުގެ އަޑު އިވެން ފެށިއެވެ. ނަވާޒް އޭނަގެ ނިތުގައި އެއްއަތް ހިންގާލަމުން މީހުން ގިނަވެފައި އޮތް ދިމާލަށް ދިޔައެވެ. އަދި އޭނައަށް އެއްޗެހި ކިޔަމުން ދިޔަ މީހުންނާއި ސަނާ ކިޔަމުން ދިޔަ މީހުން ވެސް ދުރުކުރަމުން އަފްރީންއާ ހިސާބަށް ނަވާޒްއަށް އާދެވުނެވެ. އޭރު އަފްރީންގެ ބޯ ފެޅި ބޮލާއި ދިމާލުން ބިންމައްޗަށް ލޭ ފެތުރިފައިވިއެވެ. ނަވާޒް އޭނަގެ ފަޓުލޫނުގެ ޖީބުން ފޯނު ނެގިއެވެ. އަދި ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ…….އެމްބިއުލާންސްއެއް ފޮނުވާލަދީބަލަ ހައިވޭ ރެސްޓޯރެންޓް ކައިރިއަށް.” ނަވާޒް އޭނަގެ ހުއްސަށްހުރި ކަންފަތުގައި އަތް އަޅައިގެން ހުރެ ވަށައިގެންވި މީހުންގެ އަޑުތަކުގެ މައްޗަށް ކާމިޔާބު ހޯދަން މަސައްކަތް ކުރަމުން ބުނެލިއެވެ.
“ކޮބާ މިހާރުވެސް މަނިކުފާނު އެއުޅުއްވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަވަން.” ނަވާޒްގެ ކައިރީގައި ހުރި މީހަކު ގޮވާލައިފިއެވެ. އެއާއެކު މުޅި ތަން އިތުރަށް އަޑުގަދަވެގެން ދިޔައެވެ. ނަވާޒް އެއްފަހަރު އެ މީހުންނަށް އަނެއްފަހަރު އަފްރީންއަށް ބަލާފައި މީހުންތަކުގެ ތެރެއިން ނިކުތެވެ. އަދި އޭނަގެ ކާރާއި ދިމާލަށް ދިޔައެވެ. އެވަގުތު ވެސް ބައެއްމީހުން ނަވާޒްގެ ފަހަތުން އެއްޗެހި ގޮވަމުން ދިޔައެވެ. ނަވާޒް އެއަށް ފަރުވާލެއްނުދީ އޭނަގެ ކާރަށް އަރައި ސްޓާޓްކޮށްލަމުން ކާރު ދުއްވާލިއެވެ. އޭގެ އިރުކޮޅެއްފަހުން ނުވެ ސައިރަން އަޅަމުން އައި އެމްބިއުލާންސްއެއް އެތަނަށްއައެވެ.
**
“ކީކޭ؟! އަފްރީންގެ އެކްސިޑެންޓެކޭ؟” ސިޓިންގް ރޫމުގެ ސޯފާގައި ފޯނު ކަންފަތުގައި ޖައްސައިގެން އިން ނަސްރާގެ މޭގަނޑު އަތަށްއައެވެ.
“އާނ ނަސްރާ. ދެންމެ މިތަނަށް އައި އެމްބިއުލާންސްއެއް އޭނަ ގެންގޮސްފި ހޮސްޕިޓަލަށް. މިހާރު ދެވިދާނެހެން އަހަންނަށް ހީވަނީ.” ފޯނުގެ އަނެއްކޮޅުގައި ހުރި ނަސްރާއާއެކީ މަސައްކަތްކުރާ ޝިއުނާ ބުނެލިއެވެ.
“އާނ…..އަހަރެން މިދަނީ.” ނަސްރާ އޭނަގެ ކަންފަތުން ފޯނު ނަގާލިއިރު އޭނަގެ ލޮލުން ކަރުނަ ތިތްކެއް ފައިބައިގެން އައެވެ.
“ޔޫނުސް!” ނަސްރާ ސޯފާއިން ތެދުވަމުން އަޑަށް ބާރު ލާފައި ގޮވާލިއެވެ.
“ކިހިނެއްވީ؟” ކޮޓަރިން ބޯދިއްކޮއްލި ޔޫނުސް ކަންބޮޑުވުމަކާއެކީ އަހާލިއެވެ.
“އަފޫގެ އެކްސިޑެންޓެއްވެއްޖެ.” ނަސްރާ ޔޫނުސް ފެންނާނެ ހިސާބަށް ގޮސް ރޮވިފައިހުރެ ބުނެލިއެވެ. ޔޫނުސް އެއްޗެކޭ ބުނަން އުޅުނު ވަގުތު ނަސްރާގެ ފޯނު ރިންގުވިއެވެ. ނަސްރާ ފޯނުގެ ސްކްރީނަށް ލުއި ގޮތަކަށް ބަލާލަމުން ފޯނު ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ ދަރިފުޅާ އަފޫ އެކްސިޑެންޓެއްވެއްޖެ. ބައްޕަ މިދަނީ ހޮސްޕިޓަލަށް. ދަރިފުޅު ޔޫނުސްއާއެކީ އާދޭ.” ނަސްރާއަށް އެއްޗެކޭ ނުބުނެވެނީސް ފޯނުގެ އަނެއްކޮޅުގައި ހުރި ޝަރީފް ހާސްކަމާއެކީ ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލިއެވެ. ނަސްރާއަށް އާނއެކޭ ބުނެވުނުތަނާ ޝަރީފް ފޯނު ކަނޑާލިއެވެ. ނަސްރާ ދެންވެސް ރޮވިފައިހުރެ ޔޫނުސްގާތު ހިނގާށޭ ބުނެލިއެވެ.
ޔޫނުސް އާއި ނަސްރާ އަވަސް ހިނގުމެއްގައި ހޮސްޕިޓަލްގެ ހުޅުވިގެން ދިޔަ ދޮރުން ވަދެގެން ދިޔައެވެ. ސީދަލަށް ހިނގަމުން ގޮސް ޔޫނުސް ރިސެޕްޝަނާއި ދިމާލަށް ހިނގައިގަތުމުން ނަސްރާ ވެސް އޭނަގެ ފަހަތުން ދާން އުޅުނެވެ. ނަމަވެސް ދެމީހުންގެ ވެސް ފިޔަވަޅުތައް މަޑުޖެހުނީ ވަރަށް ދުރުން ފިރިހެނަކު ހަޅޭއްލަވާ އަޑަށެވެ. އެ މީހުން އެ އަޑު ރަނގަޅަށް އަހާލުމުން އެއީ ޝަރީފްގެ އަޑުކަން ދެމީހުންނަށް ވެސް ނަގައިގަނެވުނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލަމުން ބައްޕައޭ ކިޔައި އަޑު އަންނަމުން ދިޔަ ދިމާލަށް ހިނގައިގެންފިއެވެ.
ޔޫނުސްއާއި ނަސްރާއަށް ޝަރީފް ފެނުނީ އެމަޖެންސީ ރޫމުގެ ކުރިމަތިންނެވެ. ރުޅިން ރަތްވެފައި ހުރި ޝަރީފް ހުރީ ނަސްރާމެންނަށް ފުރަގަހުން ފެންނަމުން ދިޔަ މީހެއްގެ ގިރުވޯނުގައި ހިފަހައްޓައިގެންނެވެ. އޭރު އެތަނަށް ނަރުސް ކުދިންނާއި އެހެނިހެން އާއްމު މީހުންވެސް އެއްވެފައި ތިއްބެވެ.
“ކަލެއަށް ބަލައިގެން ނުދުއްވެނީތަ؟ ކޮންތަނަކަށްދާންތަ މާ އަވަސްއަރުވާލާފަ ދިޔައީ؟” ޝަރީފް އަޑުން އަޑުނަގާފައި އެ މީހާއާއި ދިމާލަށް އެހެން ބުނެލި ވަގުތު ނަސްރާއާއި ޔޫނުސްއަށް އެހާ ހިސާބަށް އާދެވިއްޖެއެވެ.
“ބަލަ އެތާނގަ އަހަންނަށް ކުރެވޭނެ ކަމެއް ނެތީސް. އެކުއްޖާ ދިޔައީ ސީދާ މަގުގެ މެދުން. އަމިއްލަ ދަރި ރަނގަޅަށް ބެލޭނަމަ މިހެން ނުވީހެއްނު؟” އެމީހަކު އޭނަގެ ގިރުވޯނުން ޝަރީފްގެ އަތް ފޮޅުވާލަމުން ރުޅިވެރިކަމާއެކީ ބުނެލިއެވެ. އޭރު ޔޫނުސްއާއި ނަސްރާގެ ނަޒަރު ވެސް ޝަރީފްއާ ވަކިވެ އޭނަގެ ކުރިމަތީގައި ހުރި މީހަކަށް އަމާޒުވިއެވެ.
“ނަވާޒް.” ޔޫނުސް އެހެން ބުނެލިއިރު އެ މޫނުމަތި ބަނަވިއެވެ. ޔޫނުސް ފެނިފައި ނަވާޒްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވެފައިވިއެވެ. ޔޫނުސްއާއި ނަވާޒް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިތަން ފެނިފައި ނަސްރާގެ ހަނދާނަށް އައީ އެއްކަލަ ފޮޓޯއެވެ. ނަސްރާއަށް އެ ފޮޓޯއާއި މިހާރު މި ފެންނަމުން ދިޔަ މަންޒަރާއި އަޅާ ކިޔެން އުޅުނު ވަގުތު ޝަރީފް ވާހަކަ ދެއްކިއެވެ.
“ޔޫނުސް، މިއީ ޔޫނުސް މަސައްކަތްކުރާ ތަނުގެ ބޮޑުން ކަންތައްކުރާ ގޮތް. އަފޫ އެކްސިޑެންޓްވީ ނަވާޒްގެ ކާރުގަ ޖެހިފަ.” ޝަރީފް ދެންވެސް ރުޅިއައިސްފައި ހުރެ ވާހަކަ ދެއްކުމުން ހަމަހޭވެރިކަމެއް ލިބުނު ނަސްރާ މަޑު އަޑަކުން ބައްޕާއޭ ކިޔައި ގޮވާލިއެވެ. ނަމަވެސް ޝަރީފްއަށް އެ އަޑެއް އިވުނުހެން ހިއެއްނުވެއެވެ.
“ތި ކިޔައިދެނީ އެއްބައި. އެކުއްޖާއާހެދި އެކުއްޖާގެ އެކްސިޑެންޓްވީ. އެކްސިޑެންޓްވީމަ އަހަރެން އެކުއްޖާ ހޮސްޕިޓަލަށް ގެނައީވެސް. އެންމެ ކުރިން ހޮސްޕިޓަލަށް އައީވެސް އަހަރެން.” ނަވާޒް އޭނަގެ މޭމަތީގައި ޝަހާދަތް އިނގިލި ޖައްސައިގެން ހުރެ އެހެން ބުނެލަމުން އެއްފަހަރު ޝަރީފަށް އަނެއްފަހަރު ޔޫނުސްއަށް ބަލާލިއެވެ.
“ދެން އެގޮތަށް ކަންތައްކުރަން ޖެހޭނެތާދޯ މީހުންގެ ވޯޓު ބޭނުންވަންޏާވެސް…..” ޝަރީފްގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ނަވާޒް ރައްދެއްދޭން އުޅުނު ވަގުތު ނަސްރާ ވާހަކަ ދެއްކިއެވެ.
“ބައްޕާ! އިހަށް ވާހަކަ ހުއްޓާލާފަ ހިނގާބަލަ މިތަނުން. އަފޫ ހޭލެވުނީމަ އަފޫ ކައިރިން އަހާނީ ކަންތައްވީ ގޮތް.” ނަސްރާ ޝަރީފްގެ އެއްއަތުގައި ދެއަތުން ހިފަހައްޓާލަމުން ބުނެލިއެވެ. ނަސްރާ ޝަރީފްގެ އަތަށް ދެމުމުން ޝަރީފް ދެންވެސް ނަވާޒްއަށް އެއްޗެހި ގޮވަމުން ނަސްރާއާއެކީ ދިޔައެވެ. ނަސްރާ ޝަރީފްއާއެކީ ގޮސް ވޯޑުތައް ހުރި ކޮރިޑޯއިން ނިކުމެގެން ދިޔުމުން އެތަނަށް އެއްވެފައި ތިބި މީހުން އެކި ދިމަދިމާލަށްދާން ފެށިއެވެ. ޔޫނުސް ވެސް ނަވާޒްއަށް ލުއި ނަޒަރެއްދެމުން އޭނައަށް ފަސްދީފައިދާން އުޅުނެވެ.
“ޔޫނުސް.” ނަވާޒް ގޮވާލުމުން ޔޫނުސްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނަ ފަސްއެނބުރި ނަވާޒްއަށް ބަލާލިއެވެ.
“އެއީ ކޮންބައެއްތަ؟” ނަވާޒް ހުރިތާހުރެ އަހާލިއެވެ.
“އަހަރެންގެ އަންހެނުންނާއި އަންހެނުންގެ ބައްޕަ. އެކްސިޑެންޓްވީ އަންހެނުންގެ ކޮއްކޮ.” ޔޫނުސް ކިޔައިދީފިއެވެ. އެ ވާހަކަ އަޑު އިވުނުތާ އިރުކޮޅެއްފަހުން ނަވާޒްގެ އަނގައިން ނިކުތް ލުއި އާހަކާއެކީ އެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
“ޔޫނުސް މީހަކާ އިނީތަ؟ ނުވެސް ބުނަމެއްނު؟” ނަވާޒް ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“ބުނުން މުހިއްމު ކަމެއްކަމުގައި ނުދެކުނީތީ ނުބުނީ.” ޔޫނުސް ނަވާޒްއަށް ބަލަހައްޓައިގެންހުރެ ސީރިއަސްކަމާއެކީ އަންގާލިއެވެ. އެއާއެކު ނަވާޒްގެ ހިނިތުންވުން ފަނޑުވިއެވެ. ޔޫނުސް އެއަކަށް ފަރުވާލެއްނެތި ބުމަގޮށްޖެހިފައިހުރެ އަނެއްކާވެސް ނަވާޒްއަށް ފަސްދިނެވެ. އަދި ނަސްރާ ދިޔަ ދިމާލަށްދާން ހިނގައިގަތެވެ. ޔޫނުސް ލޯ މައްޗަށް ގެއްލެންދެން އޭނައަށް ބަލަންހުރި ނަވާޒްގެ މޫނުން ފެންނަމުން ދިޔައީ ހިތްދަތިކަމެވެ. އޭނަ ހުރިތާ ހުރެފައި ދާން ހިނގައިގަތީ ކޮރިޑޯގެ އަނެއް ފަރާތަށެވެ. އެއީ ހޮސްޕިޓަލުން ނިކުންނަ ގޭޓު ހުންނަ ފަރާތެވެ.
**
ދެލޯ މެރިފައި އޮތް އަފްރީންއަށް ދޮންތައާއި ބައްޕަ ވާހަކަ ދައްކަމުން ދިޔަ އަޑު އިވެމުން ދިޔައެވެ. ނަމަވެސް ދެމީހުން ދައްކަމުން ދިޔައީ ކޮން ވާހަކައެއްކަމެއް ނަގައިގަންނާކަށް ނޭނގުނެވެ. އަފްރީން ދެލޯ ހުޅުވާލަން ބޭނުންވިއެއްކަމަކު ލޯވަނީ އެއަށްވުރެ ކަންނެތްވެފައެވެ. އެއްފަރާތަށް އެނބުރިލަން އުޅުނެއްކަމަކު އޭނަގެ އެއްއަތާއި އެއްފައި ވަރަށް ބަރު ކަހަލަ އިޙްޞާޞެއް ކުރެވުނެވެ. ގަޑިންވީ ކިހާ އިރެއްބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އޭނަ ބޭނުންވީ އިތުރަށް ނިދާށެވެ. ނަމަވެސް މުޅި ދުވަހު ނިދާކަށް ނޯވެވޭނެއެއްނޫންހޭ ހިތައި އަފްރީން ލޯ ހުޅުވަން ނިންމިއެވެ. އޭނަ ދެލޯ ތަގުޅިކޮއްލި ވަގުތު ދޮންތަ އަފޫއޭ ވައި އަޑުން ކިޔާލި އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އަފްރީން ދެލޯ ހުޅުވާލިއިރު އަފްރީންއަށް އޭނަ އޮތް އެނދުގެ ދެފަރާތުގައި ހުއްޓި ތިބި ނަސްރާއާއި ޝަރީފް ފެނުނެވެ. ދުރުގައި ފާރަށް ލެނގިގެން ހުރި ޔޫނުސް ތިމަންނަ ޑޮކްޓަރަކު ގޮވައިގެން އެބަ އަންނަމޭ ކިޔައި ކޮޓަރިން ނިކުމެގެން ދިޔައެވެ. އަފްރީންއަށް ޙައިރާންކަމާއެކީ އެތަނުން ނިކުމެގެން ދިޔަ ޔޫނުސްއަށް ބަލަން އޮވެވުނެވެ. ނަސްރާ މިހާރު ކިހިނެއްތޯ ސުވާލުކުރުމުން އަފްރީން ދެބުމަ ކައިރިކޮށްލަން އުޅުނެވެ. އެވަގުތު އޭނަގެ ބޮލުގައި ބެންޑޭޖެއް އޮޅާލެވިފައިވިކަން އަފްރީންއަށް އެނގުންވިއެވެ. އޭނަ ބޮލުގައި އެއްއަތް އަޅައިގެން ތެދުވަން އުޅުމުން ނަސްރާ އޭނަގެ ދެ ކޮނޑުގައި ހިފަހައްޓާލިއެވެ. އެނދުގައި އިށީނދެވުނުތަނާ އަފްރީންގެ ބޮލުގެ އެއްފަރާތުގައި ތޫނު ރިހުމެއް އުފެދުމުން އަފްރީންއަށް ބޮލުގައި ބާރަށް ހިފަހައްޓާލެވުނެވެ. ޝަރީފް ބަލައިގެންނޭ ބުނެލުމުން އަފްރީން ޝަރީފަށް ބަލާލިއެވެ. އެއަށްފަހު އޭނަގެ ބަރުވެފައިވާ އަތަށާއި ފަޔަށް ބެލިއެވެ. ޕްލާސްޓަރު އެޅިފައިވާ އޭނަގެ ވާތް އަތާއި ކަނާތު ފައި ފެނިފައި އޭނައަށް މި އޮވެވުނީ ހޮސްޕިޓަލެއްގައިކަން އަފްރީންއަށް އެނގުނެވެ. އޭނަ ހޮސްޕިޓަލެއްގައި އޮންނަންވީ ކީއްވެތޯ އަފްރީން އޭނަގެ އަމިއްލަ ނަފްސާއި ސުވާލުކޮށްލިއެވެ. ހަމަ އެއާއެކު އޭނައާއި ދިމާލަށް އަންނަމުން ދިޔަ ކާރުގެ ހެޑްލައިޓްގެ އަލި އަފްރީންގެ ލޮލަށް ސިފަވެގެން ދިޔައެވެ. ކާރުގެ ބުރަކީގެ އަޑު ކަންފަތުގައި ގުގުމައިގެން ދިޔައެވެ. މާ ގިނައިރެއްނުވެ އޭގެ ކުރިން ހިނގި ކަންތައް ވެސް އަފްރީންގެ ސިކުނޑި އޭނައަށް ހަނދާން ކޮށްދީފިއެވެ. އޭނަ ސިނާންއާ ވަކިވުމަށްޓަކައި ބުނެލި ބަސްތަކެވެ. ސިނާން އޭނަގެ ފަހަތުން އައި ގޮތެވެ. އެއަށްފަހު ވެސް އޭނަ ދޫކޮއްލުމަށް އޭނަ ސިނާންއަށް އެދުނު ގޮތެވެ. ސިނާންގެ މޫނުމަތިން ފެނުނު ހިތާމަވެރިކަމެވެ. އެންމެ ފަހަކަށް އަފްރީންގެ ކަންފަތުގައި ގުގުމައިގެން ދިޔައީ ސިނާން ހަރުއަޑުން އޭނަ ސިނާންދެކެ ލޯބިވާކަން އެނގޭކަމަށް ބުނެލި ބަސްތަކެވެ. އަފްރީންގެ މޭމައްޗަށް ތަދުވާން ފެށިއެވެ. އޭނަ ސިނާންއާއެކީ ހޭދަކުރި އުފާވެރި ވަގުތުކޮޅުތައް ހަނދާންވެފައި އެ ތަދު އޭނަގެ ބޮލުގެ ރިހުމުގެ މައްޗަށް ވެސް ކާމިޔާބު ހޯދައިފިއެވެ. ސިނާންއާ ދެން ދުވަހަކުވެސް ދިމާނުވާނެހެން ހީވުމުން އަފްރީންގެ ލޮލަށް ކަރުނަ ޖަމާވެ އޭނަގެ ލޯ ފުސްވިއެވެ. ބައްޕައާއި ދޮންތަ އޭނައަށް ގޮވަމުން ދިޔައެއްކަމަކު އޭނައަށް އެ އަޑު ނުއިވޭ ފަދައެވެ. އޭނަގެ ދިރިއުޅުން ނިމުމަކަށް އައިއްސިހެން އަފްރީންއަށް ހީވިއެވެ. މިހާ ދުވަހު އޭނަގެ ދިރިއުޅުމުގެ މަޤްޞަދަކަށްވީ ސިނާން ކަހަލަ މީހަކާއެކީ އޭނަގެ ދިރިއުޅުން ހޭދަކުރުމެވެ. ސިނާން ގެއްލުމުން އޭނަގެ މަޤްޞަދުވެސް ގެއްލިއްޖެއެވެ. މަޤްޞަދެއްނެތް ދިރިއުޅުމަކީ ދިރިއުޅުމެއް ހެއްޔެވެ؟ އޭނަ ހާދަ މޮޔައެވެ. އަމިއްލަ އުފާވެރި ޙަޔާތުގައި ހުޅުރޯކޮށްލީ އަމިއްލައަށެވެ. އޭނަ އެހެން ހެދީވެސް ވަކި ކީއްކުރަން ހެއްޔެވެ؟ ހިތުން ޞާލިޙު މީހަކަށްވާން ހެއްޔެވެ؟ އޭނައަށް ޞާލިޙު މީހަކަށްވެވޭނެ ހެއްޔެވެ؟ އެހާ އަވަހަށް އޭނަ ކަހަލަ ނުބައި މީހެއްގެ ފާފަތައް ފޮހެވޭނެ ހެއްޔެވެ؟ ނުފޮހެވޭނެއޭ އަފްރީންގެ ހިތަށްއެރިއެވެ. އަދި ރަނގަޅަށްވިއްޔާ މި އެކްސިޑެންޓަކީ ވެސް އޭނައަށް ލިބުނު ޢަޛާބެކޭ އަފްރީންގެ ހިތް ބުންޏެވެ. އޭނަ ކޮށްފައި ހުރި ކަންތަކުގެ ސަބަބުން އޭނައަށް ދެން ދުނިޔޭގައިވެސް އަދި އާޚިރަތުގައި ވެސް އެއްވެސް ހެވެއް ނުލިބޭނެކަމަށް އޭނަގެ ހިތުގެ ކަނަކުން ގޮވާލި ވަގުތު އަފްރީންއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އެވަގުތު އޭނަގެ ކޯތާފަތް ތެމުނެވެ. އޭނަ ސިނާން ދޫކުރިއަސް ވަކި ސުވަރުގެއަކަށް ނުވަދެވޭނެކަމަށް ހިތް ބުނި ވަގުތު އަފްރީން އަޑުން އަޑު ނަގާފައި ހަޅޭއްލަވައިގަތެވެ. އެނދު ކައިރީގައި ތިބި ނަސްރާއާއި ޝަރީފް ސިހުންވިއެވެ. ސިކުންތުކޮޅެއް ވަންދެން އަފްރީންގެ އަޑު ދެމިގެން ދިޔުމަށްފަހު އެ އަޑު ފޭދިގެން ދިޔައީ ވޭނީ ގިސްލުމަކަށެވެ. އޭނަގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަން ފެށިއެވެ. ނަސްރާ ރޮވިފައިވާ އަޑަކުން އަފޫއޭ ކިޔައި ގޮވާލަމުން އަފްރީންގެ ގައިގައި ބައްދާލިއެވެ. އެ ވަގުތު ޔޫނުސް ޑޮކްޓަރަކާއެކީ އެ ރޫމަށްވަނެވެ. ޝަރީފް ކަންބޮޑުވުމަކާއެކީ ޑޮކްޓަރޭ ކިޔައި ގޮވާލިއެވެ. އެންމެން އެކީގައި އަފްރީން ގާތަށް އައިސް ކިހިނެއްވީތޯ އަހަން ފެށިއެވެ. ނަސްރާ މެދުކެނޑުމެއްނެތި އަފްރީންގެ ކަރުނަ ފޮހެމުން ދިޔައިރު ޝަރީފް އަފްރީންގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ނަމަވެސް އެއިން އަފްރީންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުގެނައެވެ. އޭނަ އޭނަގެ އިޙްޞާސްތައް ކިޔައިދޭން ބޭނުންވިއެވެ. އެހެނަސް އެކަމަށް އޭނަގެ ދޫ ނުކުޅެދުނެވެ. އޭނަގެ ބެދެމުން ދިޔަ އަރުން އަޑެއް ނިކުންނާނެހެނެއްވެސް ހިއެއްނުވެއެވެ. އޭނަގެ އިޙްޞާސްތައް ކިޔައި ނުދީވެސް އެ އިޙްޞާސްތައް ދެނެގަންނާނެ މީހަކު ހުރިނަމައޭ ހިތަށްއެރިއެވެ. އެފަދަ ފަރާތެއްވާކަން އޭރު އަފްރީންގެ ހަނދާނަށް ނައުމުން އޭނައަށް އިތުރަށް ރޮވުނެވެ. އަފްރީންގެ ރުއިން ނުހުއްޓުމުން ޑޮކްޓަރު އެންމެ ފަހަކަށް ޖެހުނީ ނިދާ އިންޖެކްޝަނެއް ޖަހާށެވެ. އޭގެ މާ ގިނައިރެއްނުވެ އަފްރީންއަށް ނިދުނެވެ.
އަފްރީން ނިދުމުން ވެސް ޝަރީފްއާއި ނަސްރާ ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ޝަރީފް ހީކުރީ އަފްރީންގެ ސިކުނޑިއަށް ގެއްލުމެއް ލިބުނީ ކަމަށެވެ. ނަމަވެސް ނަސްރާ އެގޮތް ޤަބޫލުކުރާ ހިތެއްނުވިއެވެ. އަފްރީން ދެރަވަނީ އެހެން ކަމަކާމެދުހެން ނަސްރާއަށް ހީވިއެވެ. އަފްރީން އެކްސިޑެންޓްގެ ކުރިން ގޮއްސަހުރީ ކޮން ގެއަކަށްތޯ ނަސްރާ ޝަރީފްއާ ސުވާލުކުރިއެވެ. ސިނާންގެ ގެ ކަމަށް ޝަރީފް ބުނުމުން ނަސްރާ ހިސާބަކަށް ނުރުހުންވިއެވެ. ބައްޕަ އަފްރީން ފިރިހެން ކުއްޖެއްގެ ގެއަށް ދިޔަދިނީ ވެސް ކިހިނެއްހެއްޔޭ ނަސްރާގެ ހިތަށްއެރިއެވެ. ނަސްރާ ދުލުން އެ ވާހަކަ ނުބުނީ ބައްޕައާ ރުޅިން ވާހަކަ ދައްކަން ޖެހިދާނެތީވެއެވެ. ނަސްރާއަށް ޝަރީފް އެ ބުނި ނަމާއިމެދު ވިސްނާލެވުނެވެ. ސިނާންއަކީ އޭނައަށް ވަރަށް ފެންނަ ނަމެއްހެން ނަސްރާއަށް ހީވިއެވެ. އެ ނަން ފެނުނީ ކޮންތަނަކުން ކަން ނަގައިގަންނަން ނަސްރާއަށް މާ ގިނައިރެއް ނުނެގިއެވެ. ފޭސްބުކްގައި ހުންނަ އަފްރީންގެ ހުރިހާ ސްޓޭޓަސްއެއްގެ ދަށުން ސިނާންގެ ކޮމެންޓުތައް ވަރަށް ފެންނާނެއެވެ. އެ ކޮމެންޓްތަކާމެދު ވިސްނާލުމުން ސިނާންއަކީ އަފްރީން ރައްޓެހިވެގެން އުޅޭ ކުއްޖާކަން ނަސްރާއަށް ޔަޤީނާއި ގާތްކުރެވުނެވެ. އަދި އަފްރީން މި ރޮނީ އެ ކުއްޖާ އަފްރީންއާ ދޭތެރޭ ދެރަ ގޮތަކަށް ކަންތައް ކުރީމަކަމާމެދު ނަސްރާ ޝައްކު ކުރާކަށް ވެސް ބޭނުމެއް ނުވިއެވެ. އެ ކުއްޖާ އަފްރީންއަށް ކޮށްފާނެ ނުބައި ކަމެއް ޚިޔާލެއް ގެނައުމުން ނަސްރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނައަށް ބޯހޫރުވާލެވުނީ އޭނަ އެ ގޮތަށް ވިސްނަން ވެސް ބޭނުން ނުވީތީވެއެވެ. އޭނައަށް ކުރިން ސިނާންއާއި އަފްރީންއާ ދެމެދު އޮންނާނެ ގުޅުމަކާމެދު ނުވިސްނުނީތީ ނަސްރާ ދެރަވިއެވެ. ކޮންމެއަކަސް އޭނަ ދެން އެއްވެސް ކަމެއް އިތުރަށް ގޯސްވިޔަކަ ނުދޭން ޢަޒުމްކަނޑައެޅިއެވެ. ސިނާން އަފްރީން ދެރަކުރަން ކުރީ ކޮންކަމެއްކަން ނަސްރާ ރަނގަޅަށް އެނގެން ބޭނުންވިއެވެ. އެހެންކަމުން އޭނަ ޝަރީފް ގާތުން ސިނާންގެ އެޑްރެސް އެހިއެވެ.
ޝަރީފްގެ އެތައް އާދޭހަކަށްފަހު ޔޫނުސްއާއި ނަސްރާ ސައިކަލުގައި ގެއަށް ދިޔައެވެ. ސައިކަލުމަތިން ވެސް ނަސްރާ މާދަމާ ހޮސްޕިޓަލަށް ދިޔުމުގެ ސިނާންގެ ގެއަށް ދިޔުމަށް ނިންމައިފިއެވެ. އޭނަ މި ވާހަކަ ޔޫނުސްއާއި ވެސް ޙިއްސާއެއް ނުކުރެއެވެ. ޔޫނުސް މިރޭ ހުރީ އެހެން ކަމަކާމެދު ނުރުހުންވެފައިހެން ނަސްރާއަށް ހީވަމުން ދިޔައެވެ. ހޮސްޕިޓަލުގައި ވެސް ޔޫނުސް ހުރީ އާދަޔާ ޚިލާފަށް ހިމޭންކޮށެވެ. މިއީ ބޮޑުކަމެއް ދިމާވުމުން ޔޫނުސްއަށް ވާގޮތެއްބާވައޭ ނަސްރާގެ ހިތަށްއެރިއެވެ. ނުވަތަ އޭނައަށް މި ބަދަލު އައީ ނަވާޒްގެ ސަބަބުން ހެއްޔެވެ؟ ނަސްރާއަކަށް ނޭނގުނެވެ.
ފެންޑާއަށް ސައިކަލު ވެއްދުމަށްފަހު ޔޫނުސް ސައިކަލު މަޑުކޮށްލިއެވެ. ދެމީހުން ސައިކަލުން ފައިބައި ގޭގެ ދޮރާއި ދިމާލަށް ދިޔައެވެ. ޔޫނުސް ކުރިއަރައިގެން ގޮސް ގޭގެ ދޮރު ހުޅުވައި ގެއަށްވަދެ ބޮކިތައް ދިއްލާލިއެވެ. އެއަށްފަހު ނަސްރާއަކަށް ބެލުމެއްނެތި ގެއަށް ވަދެގެން ދިޔައެވެ. ޔޫނުސް އޭނައަށް ބަލާވެސް ނުލާ ދިޔަގޮތުން ނަސްރާ ދެރަވިއެވެ. އޭނައަށް ފުން ނޭވައެއް ދޫކޮށް ގޭގެ ތެރެއަށްވަދެ ތިރި ބަލައިގެން ހުރެ ދޮރު ލައްޕާލެވުނެވެ. ނަސްރާގެ އިސްއުފުލެން އުޅުނު ވަގުތު އޭނައަށް ބިންމަތިން ނޫކުލައިގެ ފަށްޖަހާފައި އޮތް ގަނޑެއް ފެނުނެވެ. މިއީ ކުނިކޮޅެއްބާއޭ ނަސްރާގެ ހިތަށްއެރިއެވެ. ނަމަވެސް އޭނަ ގޭގެ ތެރޭގައި ނޫކުލައިގެ ގަނޑުތައް ނުގެންގުޅޭތާ ފުދޭ ވަރަކަށް ދުވަސްވެއްޖެއެވެ. ޔޫނުސްއަކީ ކުލަ ގަނޑުތައް ގެންގުޅޭ މީހެއްވެސް ނޫނެވެ. ނަސްރާ ވިސްނުމެއްގެ ތެރޭގައި ހުރެ ގުދުވެލަމުން އޭތި ނަގައި ހިންދެމިލިއެވެ. އަދި އެ ގަނޑު ނިއުޅާލިއެވެ. އޭފޯ ސައިޒް ގަނޑެއްގެ އެއްބައި ވަރުވާ އެ ގަނޑުގައި ދިވެހިން އެއްޗެކޭ ލިޔެވިފައިވިއެވެ. ނަސްރާ އޭތި ހިތުން ކިޔާލިއެވެ.
“ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް އެދެން.
ބައްޕަ”
ދަށުގައި އޮތް ބަސް ފެނިފައި ނަސްރާގެ ދެއަތުން ވާގިދޫވާން އުޅުނުހެން ހީވިއެވެ. މިއީ ޔޫނުސްގެ ބައްޕަގެ ފަރާތުން ލިބުނު ނޯޓުކޮޅެއް ހެއްޔެވެ؟ ޔޫނުސްގެ ބައްޕަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟ ހުރިނަމަ ޔޫނުސްގެ ކައިވެންޏަށް ނައީ ކީއްވެ ހެއްޔެވެ؟ ޔޫނުސް އޭނަގެ ބައްޕައާއި އެހާވެސް ދުރީ ހެއްޔެވެ؟ ނަސްރާގެ ސިކުނޑިއަށް އެތައްހާސް ސުވާލެއް އެއްފަހަރާ ވެރިވިއެވެ. އޭނަ ޔޫނުސްއަށް ނޯޓުކޮޅު ދައްކަން ބޭނުންވިއެއްކަމަކު ޖެހިލުންވިއެވެ. ޔޫނުސް މިހާރު ވެސް ހުރީ އެހާ ރަނގަޅު މޫޑެއްގައެއްނޫނެވެ. ކަން މިހެން އޮތްވާ އޭނަ މީތި ދައްކައިފިއްޔާ ޙާލަތް އިތުރަށް ގޯސްވެދާނެކަމަށް ހިތް ބުންޏެވެ. ނަމަވެސް ޙާލަތް ގޯސްވާންވީ ކީއްވެ ހެއްޔެވެ؟ މިއީ ޔޫނުސްގެ ބައްޕަ ޔޫނުސްއަށް ފޮނުވި ސިޓީއެކެވެ. ބައްޕައަކީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް ބައްޕައަށް އިޙްތިރާމް ކުރަން ވާނެއެވެ. ޔޫނުސް ވެސް އެކަން ޤަބޫލުކުރާނެކަން ޔަޤީނެވެ. އެހެންނޫނަސް ޔޫނުސްއާއި ޔޫނުސްގެ ބައްޕައާއި ދެމެދު އޮތް ހުރަހަކަށް އޭނަ ވެގެން ނުވާނެއެވެ. ނަސްރާ އޭނަގެ ޚިޔާލު ބަދަލުކޮށްލިއެވެ. އަދި އޭނަގެ މޫނު ފޮތިކޮޅު ނަގާލަމުން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
“ޔޫނުސް ބަލާބަލަ ގޭގެ ދޮރުކައިރީގަ އޮތް ނޯޓުކޮޅެއް.” ނަސްރާ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އޭރު ޔޫނުސް އުޅެނީ އަލަމާރިން ޓީޝާޓެއް ނަގައިގެން ފާޚާނާއަށް ދާށެވެ. ޔޫނުސް ފަސްއެނބުރި ނަސްރާއަށް ބަލާލިއެވެ. އަދި ދެބުމަ ކައިރިކޮށް އޭނަގެ އަތުގެ މުލައްދަނޑި މަތީގައި ޓީޝާޓު ބާއްވަމުން ނަސްރާގެ ގާތަށްއައެވެ. އެއަށްފަހު ނަސްރާ އޭނައަށް ދިއްކޮއްލި ނިއުޅާލެވިފައިވާ ގަނޑުގައި ހިފައި އެއަށް ބަލާލިއެވެ. އެއާއެކު ޔޫނުސްގެ ނިތުން ރޫ ފިލިއެވެ. އޭގެ މާގިނައިރެއްނުވެ އޭނަ ތުންފިއްތާލީ ރުޅިވެރިކަމާއެކީގައެވެ. އޭނަ ގަނޑުގައި ހިފަހައްޓައިގެން ހުރި އަތް ތުރުތުރު އަޅަމުން ދިޔަގޮތުން ނަސްރާގެ ހިތް ނުތަނަވަސްވިއެވެ. ޔޫނުސް އެ ގަނޑަށް ބަލަން ހުރެފައި ކުއްލިއަކަށް އޭތި ވީދަން ފެށިއެވެ. އެ މަންޒަރު ފެނިފައި ނަސްރާގެ ދެލޯ ބޮޑުވިއެވެ. އޭނަ ބަލަބަލާ ހުއްޓާ ޔޫނުސް އެ ގަނޑު ކުދިކުދި ކޮށް އެތާހުރި ޑަސްބިނަށް ގޮސް އޭތި އަޅާލިއެވެ. އެއަށްފަހު ނަސްރާއަކަށް ވެސް ބެލުމެއްނެތި ގޮސް ފާޚާނާއަށްވަދެ ބާރަށް ދޮރު ލައްޕާލިއެވެ. ނަސްރާ ސިހުންވިއެވެ. އޭނައަށް ހުރެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ. މިއީ ހަމަ އޭނަގެ ޔޫނުސް ހެއްޔެވެ؟ އޭނަ ދަންނަ ޔޫނުސްއަކީ އެންމެނަށް ވެސް އިޙްތިރާމްކުރާ މީހެކެވެ. ވީއިރު އޭނަގެ އަމިއްލަ ބައްޕައަށްޓަކައި އިޙްތިރާމެއްނެތީ ކީއްވެ ހެއްޔެވެ؟ ނަސްރާ ހީކުރީ އެދުވަހު މަންމައާއި ބައްޕަގެ ވާހަކަ ފޮތަކުން ކިޔާފައި ޔޫނުސްއަށް ރޮވުނީ އެދެމީހުން މަތިން ހަނދާންވާތީވެ ކަމަށެވެ. ނަމަވެސް މިހާރު މަންޒަރު މި ފެންނަނީ އެހެން ގޮތަކަށެވެ. ނަސްރާ ޔޫނުސް ވަދެގެން ދިޔަ ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ހުރެވުނެވެ.
އޭގެ އަނެއްދުވަހަކީ ހޮނިހިރު ދުވަހަށްވުމުން ނަސްރާ ސްކޫލަކަށް ދާކަށް ނުޖެހެއެވެ. ނަމަވެސް ޔޫނުސް އޮފީހަށްދާން ޖެހުނެވެ. ޔޫނުސް އޮފީހަށް ދިޔުމުން ނަސްރާ ސިނާންގެ ގެއަށްދާން ނިކުތެވެ. އެ ގެއަށް ދިޔަ މަގުމަތީގައި ނަސްރާއަށް އަފްރީންއާއެކު ޔޫނުސްއާއިމެދު ވެސް ވިސްނެމުން ދިޔައެވެ. އެރޭ ސިޓީ ކިޔުމަށްފަހު ދެމީހުންގެ މެދުގައި ވާހަކައެއް ނުދެކެވެއެވެ. ނަސްރާ ވާހަކަ ދައްކަން ބޭނުންވިއެއްކަމަކު ދެމީހުން ޖަދަލުކުރަން ޖެހިދާނެތީ ނަސްރާ އެއްޗެކޭ ނުބުނަން ނިންމިއެވެ. ނަސްރާ ރޭ ފެނުނު ކަންތަކާމެދު ފިކުރު ބޮޑުވެފައި ހުރިވަރުން އޭނަގެ ބޮލުގައި ވެސް ރިހުމެއް އުފެދިފައިވިއެވެ. ކޮންމެއަކަސް އޭނައަށް ސިނާންގެ ގޭގެ ގޭޓާއި ހަމަވުމުން ނަސްރާ އޭނަގެ ހުރިހާ ފިކުރުތައް އެއްފަރާތް ކޮއްލަމުން އޭނަ ކުރަން ރާވައިގެން ހުރި ކަމަށް ތައްޔާރުވިއެވެ. ނަސްރާ އެގޭގެ ފެންޑާއަށް ވަދެގެން ގޮސް އެ ގޭގެ ދޮރުގައި ޓަކިދެމުން ސަލާން ގޮވާލިއެވެ. އިރުކޮޅެއްފަހުން އެ ދޮރު ހުޅުވާލީ ދެބައި ޢުމުރަށް ގޮއްސަހުރި ފިރިހެނެކެވެ. އެ މީހާ ލައިގެން ހުރި ގަމީހަކުންނާއި ކޮނޑުމަތީގައި އޮތް ފޮތިކޮޅުން އެއީ ނޯކަރެއްކަން ނަސްރާއަށް ނަގައިގަނެވުނެވެ. ނަސްރާ އޭނަ ސިނާންއާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނުމުން އޭނަ އެގެއަށް ވެއްދިއެވެ. އޭރު ސިނާން ކޮންމެވެސް ކޮޓަރިއަކުން ސިޓިންގް ރޫމަށް ނިކުމެ ނަސްރާއަށް ބަލާލިއެވެ. އެއާއެކު އޭނަގެ ނިތަށް ރޫއެރިއެވެ.
“މިއީ އަފްރީންގެ ދޮންތަ، ނަސްރާ. ކުޑަ ވާހަކައެއް ދައްކަން މިއައީ.” ސިނާންއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ނަސްރާ ބުނެލިއެވެ. ސިނާން ފުން ނޭވައެއް ދޫކޮށް އޭނަގެ ޖީބަށް ދެއަތް ޖަހައިގެން ހުރެ ގޮސް އެތާހުރި ދިގު ސޯފާއަށް ވެއްޓިގަތެވެ. އަދި އެތާ ވަކިން ހުރި ސޯފާއަށް ޢިޝާރާތްކޮއްލީ ބޮޑު މީހަކު ފަދައިންނެވެ. ނަސްރާ ހިސާބަކަށް ހިތްހަމަ ނުޖެހިފައި ހުރެ ގޮސް އެ ސޯފާގައި އިށީނެވެ.
“ރޭގަ….” ނަސްރާ ވާހަކަ ދައްކަން އުޅުނުތަނާ ސިނާން ވާހަކަ ދެއްކިއެވެ.
“އަފްރީންގެ އެކްސިޑެންޓެއްވެއްޖެ. ޚަބަރުން ދުށީން. އޭނަ މިހާރު ހޭލާފަ އަނެއްކާވެސް އަހަރެން ބޭނުންވާން ފެށީތަ؟ އެހެންވެދޯ ތި އައީ؟ އޭނަ ކައިރީގަ ބުނޭ މަށެއް ނާންނާނަމޭ. ބޭނުން ފަހަރަކު ފޯނު ނަގާފަ ބޭނުން ފަހަރަކު…..” ސިނާން ރުޅިން ކަހަލަ ގޮތަކަށް ވާހަކަ ދައްކަން ފެށުމުން ނަސްރާ އެ ވާހަކަ މެދުކަނޑާލިއެވެ.
“މަޑުކޮށްބަލަ. އެކްސިޑެންޓްގެ ކުރިން އަފްރީން ހުރީ ސިނާންގެ ގޭގަ. އަފޫ……ސިނާން އަފޫއަށް ރުޅި އަންނަނީ ކީއްވެ؟” ނަސްރާގެ ސުވާލުތައް ގިނަކަމުން އޭނަގެ އަނގައޮޅޭ ގޮތްވިއެވެ. ނަމަވެސް އެންމެ ފަހަކަށް ކުރެވުނީ ރަނގަޅު ސުވާލެއްކަން ނަސްރާއަށް އެނގުނީ ސިނާން މޫނު އަނބުރާލުމުންނެވެ. އެ މޫނުމައްޗަށް ހިތާމަވެރިކަމެއް ވެރިވިއެވެ.
“އަހަރެން ލޯބިވިން އޭނަ ދެކެ. އެކަމަކު އޭނަ އަމިއްލައަށް އަހަންނާ ދުރުވާން ފެށީ. އަހަންނަށް ހަމަ ޔަޤީން އޭނަ އަހަރެން ދޫކޮއްލީ އެހެން މީހަކާ ރައްޓެހިވާންކަން. އަދި ހިތުން އަހަންނަށް އޮޅުވާލަންވެގެން ނައުފާ ގާތު ވެސް ބުނެފަ އޮތީ ކޮންމެވެސް ދަރުހަކާހެދިއޭ މި ދުރުވެވެނީ.” ސިނާން އިނީ ރުޅިން ރަތްވެފައި ކަމަށްވިޔަސް އެ އަޑުގައި ތުރުތުރެއްވިއެވެ. އޭނަ އެންމެ ފަހަކަށް ބުނެލި ޖުމްލައިން ނަސްރާ ހުއްޓުން އެރިއެވެ.
“ކީކޭ؟ ނައުފާ ބުނީ ކީކޭތަ؟” ނަސްރާއަށް އަވަސްއަވަހަށް އަހާލެވުނެވެ.
“އެއްކަލަ އަހަރުމެން ސްކޫލަށް އައި މީހަކު ދިން ދަރުހަކުން ބުންޏޯ ރައްޓެހިވާކަށް ނުވާނެއޭ. އެހެންވެގެންނޯ އޭނައަށް އަހަންނާ ދުރުވެވެނީ. ޗި! ވަކިވުމުގެ ސަބަބަކަށް އެހެން ސަބަބެއްދިން ނަމަވެސް އެހާ ހުތުރުނުވީސް.” ސިނާން ދެންވެސް ނުރުހުމުގެ ރާގަކަށް ވާހަކަ ދެއްކިއެވެ. ސިނާންގެ ވާހަކަ އަޑުއަހަން އިން ނަސްރާއަށް ހިނިތުންވެލެވުނެވެ. އޭނަގެ ހިތް އުފަލުން ފުރުނެވެ. އަފްރީން ހަމަ އަސްލުވެސް ދަރުހުން ބުނި އެއްޗެއް އަޑު އެހީތާއެވެ. ނަސްރާގެ ހަނދާނަށް އައީ އެ ދަރުހަށްފަހު އަފްރީން ފިކުރު ބޮޑުވެފައި ހުރި ގޮތެވެ. އެރެއަށްފަހު ވެސް އަފްރީންއަށް އެއްވެސް މީހަކު ދައްކާ ވާހަކައަކަށް ރަނގަޅު ޖަވާބެއް ނުދެވުނު ގޮތެވެ. އެއަށްފަހު ރޭ އަފްރީން ރޮމުން ދިޔަ ގޮތެވެ. އެ މަންޒަރު ލޮލަށް ސިފަވުމުން ނަސްރާގެ ލޯ ތެމުނެވެ. އަފްރީން އެ ކުރީ ކިހާ ބޮޑު ޤުރުބާނީއެއްކަން ނަސްރާއަށް އިޙްޞާސް ކުރެވުނެވެ. ނަސްރާއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އޭނައަށް އޭނަގެ ކޮއްކޮއާމެދު ފަޚުރުވެރިވެވުނެވެ. އޭނައާއި ޚިލާފަށް އޭނަގެ ކޮއްކޮ ދިރިއުޅުން ބޮއްސުންލައިގެން ނުދަނީސް ހޭލައިފިއޭ ހިތަށްއެރިއެވެ. ނަސްރާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. އޭނަ ވަގުތުން އަފްރީންގެ ގާތަށްދާން ބޭނުންވިއެވެ. ނަމަވެސް އޭގެ ކުރިން ސިނާންއަށް ބަލާލިއެވެ.
“ޖަޒާކަﷲ ޚައިރަން ސިނާން.” ނަސްރާއަށް އެހެން ބުނެލެވުނީ ހިނިތުންވުމެއްގައި ހުރެ ކަން އޭނަގެ އަޑުން އެނގެއެވެ. އެއަށްފަހު އޭނަ އެގެއިން ނިކުންނަން ދިޔައެވެ. ސިނާން ވާނުވާއެއް ނޭނގިފައި ނަސްރާއަށް ބަލަން އިނެވެ.
ނަސްރާ ގެއަށް ދިޔައިރު ނަސީބަކުން ޔޫނުސް ގޭގައި ހުއްޓެވެ. ނަސްރާ ވަގުތުން ޔޫނުސްގާތު އޭނަ އަފްރީންގެ ގާތަށް ގެންދިޔުމަށް އެދުނެވެ. އޭނަ އެހާ އުފާވެފައިހުރި ސަބަބާއިމެދު ޔޫނުސް ސުވާލުކުރުމުން ނަސްރާއަށް ކިޔައިދޭކަށް ވެސް ނޭނގުނެވެ. ސަބަބު ކިޔައި ނުދިނެއްކަމަކު ޔޫނުސް ނަސްރާ ގޮވައިގެން ދިޔައެވެ.
އެނދުގައި އިށީނދެ އިން އަފްރީން ފެނުމާއެކު ނަސްރާއަށް އުފަލުން ގޮސް އަފްރީންގެ ގައިގައި ބައްދާލެވުނެވެ. ދެލޯ ދުޅަވެފައިހުރި އަފްރީންގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ. ނަސްރާގެ މޫނު ނިވާވެފައިވުމުން އޭނަގެ މޫނުމަތީގެ އުޖާލާކަން ޝަރީފަކަށް ނުފެނުނެވެ. އޭނަ ހީކުރީ ނަސްރާ އަފްރީންއާމެދު ކަންބޮޑުވަނީ ކަމަށެވެ. އެހެންކަމުން އޭނަ ވާހަކަ ދެއްކިއެވެ.
“ނަސްރާ މިހާރު ހުރިހާ ކަމެއް ރަނގަޅޭ އިރާދަކުރެއްވީތީ. އަދި ދެ ތިން ހަފްތާ ފަހުންނޯ ދޫކޮއްލާނީ.” ޝަރީފް ހިނިތުންވުމަކާއެކީ ބުނެލިއެވެ. ނަސްރާ އަފްރީންގެ ގައިން ދޫކޮއްލަމުން ފަސްއެނބުރި ޝަރީފަށް ބަލާލިއެވެ.
“އަލްޙަމްދުލި ﷲ. ބައްޕާ އަވަހަށް ގެއަށްދޭ ދެން. ޔޫނުސްއަށް ވެސް އިރުކޮޅަކަށް ބޭރަށް ދެވިދާނެތަ؟ އަހަރެން އަފްރީންއާއެކީ އެކަނި ވަގުތުކޮޅެއް ބޭނުން.” ނަސްރާ އެއްފަހަރު ޝަރީފަށް އަނެއްފަހަރު ޔޫނުސްއަށް ބަލާލަމުން ބުނެލިއެވެ. ޔޫނުސްއާއި ޝަރީފް އެކަކު އަނެކަކަށް ބަލާލިއެވެ. ޝަރީފްގެ މޫނުމަތީގައި ހިނިތުންވުމެއްވީ ހިނދު ޔޫނުސްގެ މޫނުން މާ ބޮޑު އަސަރެއް ނުފެނެއެވެ.
“ދެން ކީއްކުރާނީ ޔޫނުސް؟ ހިނގާ.” ޝަރީފް އެހެން ބުނެ ޔޫނުސްގެ ކޮނޑުން އަތް ވައްޓާލިއެވެ. އަދި އޭނައާއެކީ ނިކުންނަން ހިނގައިގަތެވެ. އަދި އެތަނުން ނިކުމެ ދޮރު ލައްޕާލިއެވެ.
“ކިހިނެއްތަވީ ދޮންތާ؟” އަފްރީންގެ ކުރެހިފައިވާ އަޑަށް ނަސްރާއަށް ފަސްއެނބުރި ބަލާލެވުނެވެ. އަފްރީންގެ މޫނުމަތިން ވަރުބަލިކަން ފެނިފައި ނަސްރާ މަޑުމަޑުން އޭނަގެ މޫނުފޮތިކޮޅު ނަގާލިއެވެ. އެވަގުތު އޭނަގެ ހިނިތުންވުން ފަނޑުވެފައިވިއެވެ. އޭނަގެ ލޯ ކަރުނުން ފުރެން އުޅުނެވެ. ނަމަވެސް އޭނަ ރޯކަށް ބޭނުމެއް ނުވިއެވެ. އަފްރީންގެ ހިނިތުންވުމެއް ނެތް މޫނު ފެނިފައި އޭނަ ހެއްވާލަން ނަސްރާ ބޭނުންވިއެވެ. އޭނަ ރޭ ކުރީ ކިހާ “މޮޅު” ކަމެއްކަން އަންގައި ނަސްރާ އަފްރީންއަށް މަރުޙަބާ ކިޔަން ބޭނުންވިއެވެ. އެހެނަސް އޭރުން އޭނައަށް އެކަން އެނގެނީ ކިހިނެއްކަމުގެ ސުވާލު އަންނާނެކަމަށް ނަސްރާގެ ހިތް ބުންޏެވެ. އޭނަ ސިނާންގެ ވާހަކަ ދެއްކުމުން އަފްރީންއަށް އަނެއްކާވެސް ރޮވިދާނެކަމުގެ ބިރު ނަސްރާއަށް ހީވިއެވެ. ނަސްރާ އަފްރީން ރޯތަން ދެކޭކަށް ދެން ބޭނުމެއް ނުވިއެވެ. އެހެންކަމުން ނަސްރާ އެހެން ގޮތަކަށް ވާހަކަ ފަށަން ޚިޔާލުކޮށްލަމުން އަފްރީންގެ ކައިރީގައި އެނދުގައި އިށީނެވެ.
“ހާދަ ޑިޕްރެސްވެފަ ތިއިނީ؟” ނަސްރާ ބުނެލިއެވެ.
“މިހާ ގިނަ ޕްލާސްޓަރު އަޅައިގެން މީހަކަށް ހެވިފަ ހުރެވޭތަ؟ ދެން އަފޫއަށް ތަނަކަށްވެސް ނުދެވޭނެ މިއޮތް ބޮޑު ޗުއްޓީ އަންނައިރު.” އަފްރީން ތުން ދިގު ކޮށްލަމުން ބުނެލިއެވެ. އަފްރީން ވާހަކަ ދެއްކީ އޭނަ ޢާއްމުގޮތެއްގައި ވާހަކަ ދައްކާ ރާގަށް ކަމަށްވިޔަސް މާ ބޮޑު ޖޯޝެއް އެ އަޑުގައި ނެތެވެ. އެކަން ފާހަގަވެފައި ނަސްރާއަށް ހީލެވުނީ ވަކި ވަރަކަށެވެ. ނަސްރާ އިރުކޮޅަކު ވިސްނުމަށްފަހު ވާހަކަ ދެއްކިއެވެ.
“އަފޫ ދާން ބޭނުންވަނީ ކޮންކޮން ތަނަކަށްކަން ބުނޭ. ދޮންތަ މިހާރުވެސް ގެންގޮސްފާނަން. މިއީ ޓެކްނޮލޮޖީ ޒަމާނޭ.” ނަސްރާ އޭނަގެ ކުޑަ އަތް ދަބަހުގައި އޮތް ފޯނު ނަގައި ދައްކާލަމުން ބުނެލިއެވެ. ނަސްރާ ކުރަން އެއުޅެނީ ކޮންކަމެއްކަން އަފްރީންއަކަށް ފުރަތަމަ ނަގައިގަންނާކަށް ނޭނގުނެވެ. ނަމަވެސް ނަސްރާ ޔޫޓިއުބް ހުޅުވައި އަނެއްކާވެސް ދާން ބޭނުންވާ ތަނަކާމެދު ސުވާލުކުރުމުން އަފްރީންއަށް ހީލެވުނެވެ. އޭނަ ފޮނިވާ ކަމަށް ހެދެމުން ދުބައިއޭ ބުނެލިއެވެ. ނަސްރާ ޔޫޓިއުބްއިން ދުބައި ސާޗްކޮށް ދުބައިގެ އެކިއެކި ވީޑިޔޯތައް އަފްރީންއާއެކީ ބަލަން ފެށިއެވެ. ދެ މީހުން ނިކަން ބަލާހިތުން އެ ވީޑީޔޯތައް ބަލަން ތިއްބެވެ. ނަސްރާ އެއްވީޑިޔޯއިން އަނެއް ވީޑިޔޯއަށްދަމުން ދިޔައިރު ރެކޮމެންޑެޑް ވީޑިޔޯސްތަކުގެ ތެރޭގައި ހުރި ލެކްޗަރުތައް އަފްރީންގެ ލޮލުގައި އެޅިއެވެ. އޭނަ އެކަމާމެދު އެންމެ ފުރަތަމަ މާ ބޮޑު އަޅައެއްނުލައެވެ. ނަމަވެސް ނަސްރާ ސްކްރޯލް ކުރަމުން ދިޔަ ވަގުތު ވީޑިޔޯއަކަށް ދެވިފައި އޮތް ނަމަކުން އަފްރީންއަށް ތެޅިގަނެވުނެވެ.
ދޮންތަ ދޮންތާ މަޑުކޮށްބަލަ. އެއީ ކޯޗެއް؟” އަފްރީން ނަސްރާގެ އަތް ދުރުކޮށް ފޯނު ތިރިއަށް ސްކްރޯލްކޮށްލަމުން އަނެއްކާވެސް އެއްކަލަ ވީޑިޔޯގެ ނަމަށް ބަލާލިއެވެ. އެއީ ލެކްޗަރެއްގެ ވީޑިޔޯއެއްކަން އޭގައި ހުރި ފޮޓޯއިން އަފްރީންއަށް އެނގުނެވެ. ނަމަވެސް އެއީ ކުރު ވީޑިޔޯއެކެވެ. އެއަށް ދެވިފައި އޮތީވެސް އާދަޔާ ޚިލާފު ނަމެކެވެ. އެ ނަމުގައި އޭތި ވަރަށް މަޖާވާނެ ވާހަކަވެސް އޮތެވެ. އަފްރީން އެ ވީޑިޔޯގެ ނަމުގައި އިނގިލި ޖައްސައި އޭތި ހުޅުވާލިއެވެ. އެ ވީޑިޔޯ ފެށިގެން ދިޔައީ ލެކްޗަރެއްގެ މެދުތެރެއިންނެވެ. އަފްރީންއާއި ނަސްރާ އެ ބަލައިގެން ތިބެ އިރުކޮޅެއްފަހުން ހޭންފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭގެ ވަކި ހިސާބަކަށް ދިޔުމުން ދެމީހުންނަށް ވެސް ހީލެވުނީ އެއަށްވުރެ ބާރަށެވެ. ވީޑިޔޯ ނިމުމުން ވެސް ދެމީހުންނަށް ތިބެވުނީ ހޭށެވެ.
ނުނިމޭ