ނަފްސީ (ދިހަވަނަ ބައި)
“އަހަރެން އެއްކަލަ ކުއްޖާއާއި އިނދެފިން. އެ ކުއްޖާ ނުރުހޭ އަހަރެން ހަމްރާއާއިއެކީ އުޅޭކަށް. އެހެންވީމަ ހަމްރާ ތިހިރީ ވަރިކޮށްފަ.”
އަސްލަމްގެ ބަސްތައް ހަމްރާއަށް ހޮނު ގުގުރީގެ ސިފައިގައި އިވުނު ހިނދު، ހިލްޔާ އައި ރުޅިއެއްގައި ހުރެވުނު ތަނެއްވެސް ނޭނގުނެވެ.
އެއްފަހަރު ގަނޑުވެފައި އޮތް ދޮންތައަށް އަނެއްފަހަރު ފޯނަށް ބަލާލަމުން ހިލްޔާއަށް ތެދުވެލެވުނީ ނުހުރެވިގެންނެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ ތި ނިންމި ނިންމުމަށްޓަކައި. ދޮންތަ ތީނައަކަށް ބޭނުމެއްވެސް ނުވޭ. މިއަދުން ފެށިގެން އަހަރުމެންގެ ތެރެއިން އެއްވެސް މީހަކަށް ގުޅަން ވެސް ޚިޔާލު ވެސް ނުކުރާތި!”
ރުޅިވެރިކަމާއިއެކީ ހިލްޔާ ފޯނަށް ބަލަން ހުރެ އެކޮޅުން ޖަވާބެއް އިވުމުގެ ކުރިން ފޯނު ކަނޑާލައިފިއެވެ. ހިލްޔާގެ އަޑަށް ހަމްރާގެ ގާތުގައި އޮތް ދަރިފުޅު ހޭލެވި، ރޯން ފެށިއެވެ. އެހިނދު އެ ދިމާލަށް ބަލާލެވުނު ހިނދު، އެކުއްޖާއާއިމެދު ވިސްނާނުލާ އަޑު އިސް ކުރެވުނީތީ ދެރަވިއެވެ. އެއަށްވުރެ ބޮޑަށް ދެރަވީ، އެވަގުތު އެނދުގައި އޮތް ދޮންތަގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެ، އިސާހިތަކު ދޮންތައަށް ގިސްލެވެން ފެށި މަންޒަރު ފެނުމުންނެވެ. އެ ހިނދު ވައި އަޑުން ދޮންތަގެ ނަމުން ގޮވާލަމުން ގޮސް ދޮންތަގެ ގައިގައި ބައްދާލެވުނެވެ. އެހިނދު ދޮންތަގެ ޙާލާއިމެދު ވިސްނާފައި ހިލްޔާގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. އަލަތު ދަރިފުޅު ލިބުނު ދުވަހު ކައިވެނި ރޫޅިގެން ދިޔުމުން ދޮންތަގެ ހިތަށް ކުރާނެ އަސަރެއް ހިލްޔާއަށް އަންދާޒާ ވެސް ނުކުރެވެއެވެ.
އޭގެ އިރުކޮޅެއްފަހުން ނަހީދު އައިއިރު ނަރުހެއްގެ އެހީގައި ދަރިފުޅުގެ ރުއިން ހުއްޓިފައި ވިޔަސް، ހަމްރާގެ ލޮލުން ކަރުނަތައް ހުއްޓުމެއްނެތި ފައިބަމުން ދިޔައެވެ. ނަހީދު އެކަމާއިމެދު ހިލްޔާއާއި ސުވާލު ކުރިއެވެ. އެހިނދު ހިލްޔާ ވެސް ހުރީ ރޮއިރޮއި ވަރުބަލިވެފައެވެ.
“އަސްލަމް ދޮންތަ ވަރިކޮށްފި. ފޯނުން ގުޅާފަ.” ހިލްޔާ އޭރުވެސް އައިސްފައިވި ރުޅީގައި އެތައް ވާހަކައެއް އެއްފަހަރާ ދައްކަން ބޭނުން ވިޔަސް، ހިމޭންކަން ޚިޔާރު ކުރީ ނިދިފައި އޮތް ތުއްތު ދަރިފުޅާއި މެދު ވިސްނާފައެވެ.
“ކް…ކީކޭ؟!” ނަހީދަށް ވެސް ލިބުނު ޝޮކުގައި އަހާލެވުނެވެ.
“މާ ރަނގަޅަށް އެ ވީ ބައްޕާ. އެއީ ދޮންތައަށް ރަނގަޅު މީހެއް ނޫން. ހަމައެކަނި މިއަދެއް ނޫން އޭނަ ދޮންތައާއިމެދު އިޙުމާލުވީ.” ހިލްޔާގެ ޖަޒުބާތުން ފުރިފައިވި ހިތުގެ ސަބަބުން ނުހުރެވިގެން ތުރުތުރު އަޅާ އަޑަކުން ވާހަކަ ދެކެވުނެވެ.
“އާނ އެކަމަކު….މިކަހަލަ ދުވަހެއްގް….ހަމްރާ ދަރިފުޅު…” ނަހީދު ވެސް ވީ ދެރައިގައި ހަމްރާގެ ގާތަށް ގޮސް ހަމްރާގެ ބޮލުގައި ފިރުމައިލިއެވެ. އަދި ނުރުއިމަށް ބުނެ އެ ހުއްޓުމެއްނެތް ކަރުނަތައް ފޮހެދޭން ފެށިއެވެ.
އޭގެ ދެތިން ދުވަސްވީއިރު ވެސް ހަމްރާގެ ރުއިން ނުހުއްޓެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހިލްޔާ އާއި ހާފިޒާ އާއި ނަހީދު ވެގެން ހިތްވަރު ގެ އެކި ބަސްތައް ބުންޏެއްކަމަކު އެ ޙާލަތަށް ބަދަލެއް ނާދެއެވެ. ރަނގަޅަށް ނުކެވޭ ޙާލުގައި ނިދޭ ގޮތެއްވެސް ނުވެއެވެ. ކިރިޔާ ވެސް އެ ރުއިން މަޑުވަނީ ދަރިފުޅުގެ ކަމެއް ކުރާ ހިނދެވެ. އަދި އަމިއްލަ ޞިއްޙަތާއި މެދު ކުރަންޖެހޭ ކަމެއް ކުރަނީ، ދަރިފުޅަށް އޭގެއިން އަސަރު ކުރާނެ ކަމަށް ބުނުމުންނެވެ. ހަމްރާ ދިރިއުޅެންޏާ އުޅެނީ އެ ދަރިފުޅަށްޓަކައި ފަދައެވެ.
ޙަޤީޤަތަކީ އެއީއެވެ. އެ ދަރިފުޅަށް ނުވިނަމަ ހަމްރާގެ ހަމަ ހޭ ގެއްލި، ކަތި ފިޔަވަޅެއް އެޅުނީހެވެ. މޭގައި އަޅަމުން ދިޔަ ވޭނާއި ސިކުނޑީގައި އުފެދިފައިވި ހައިޖާން އެހާވެސް ބޮޑެވެ. އެއްވަގުތުގައި އަސްލަމަކީ ރަނގަޅު މީހެއްކަމަށް ސިކުނޑި ބުނަމުން ދިޔައިރު، އަނެއް ހިނދުކޮޅުގައި އަސްލަމް އޭނައާއި މެދު ގޯސްކޮށް ކުރި ކަންތައް ހަނދާންވެގެންދެއެވެ. އަދި އޭނަގެ ދަރިފުޅު ބައްޕައަކާއި ނުލާ އުޅެން ޖެހިދާނެ ކަމުގެ ބިރުވެސް ހީވެ ދެރަވަމުން ދިޔައެވެ.
ހަމްރާ އުޅެމުން ދިޔަ ޙާލު ފެނިފައި ނަހީދާއި ހާފިޒާގެ އިތުރުން އެލީ ވެސް ދެރަވިއެއްކަމަކު، ހިލްޔާ އެހެން އެއްވެސް ކަމަކަށް ވުރެ ބޮޑަށް އައީ ރުޅިއެވެ. އެއީ އަސްލަމަށް އަމާޒުވި ރުޅިއެވެ. އަދި އެ ރުޅި އޭނަ މަޑު ކުރަން ޖެހޭކަމަށް ވެސް ޤަބޫލު ނުކުރެވުނީ، ދޮންތަގެ ދިފާޢުގައި ތެދުވަން ހުރީ ހަމައެކަނި އޭނަހެން ހީކުރެވުމުންނެވެ. އެންމެ ބޮޑަށް އެކަން އިޙްސާސް ކުރެވުނީ، ބައްޕައާއި މާމަ، ދޮންތަގެ ވަރީގެ މައްސަލަ ކޯޓަށް ގެންދާ ވާހަކަ ދެއްކުމުންނެވެ. ނިފާސްކަމުގެ ޙާލަތުގައި އަނބިމީހާ ވަނިކޮށް ކުރާ ވަރިއަކީ ބާޠިލް ވަރިއަކަށް ވާނެތީވެއެވެ. އެހެނަސް އަސްލަމް ހަމްރާ ވަރި ކުރީ، ހަމްރާ ވިހެއިކަން ނޭނގޭ ޙާލުގައެވެ.
“ބައްޕާ ޕްލީޒް! މި މައްސަލަ ކޯޓަށް ގެންދަންޏާ ގެންގޮސް ދޮންތައާ އޭނަ ވަކި ކުރުވާ….އޭނަ އަނބުރާ ދޮންތަގެ ޙަޔާތަށް އައުމުގެ ފުރުސަތެއް ނުދީ. އޭނައަށް ހަމަ ރަނގަޅަށް އެނގޭނެ ދޮންތަ ވިހަން ކައިރިވެފަ ކަން ހުރީ. އެކަމަކު އޭނަ އެކަމާމެދު ފަރުވާލެއް ބެހެއްޓިތަ؟ ކުޑަ މިނުން އަމިއްލަ ދަރިފުޅު ދެކިލަން ވެސް ނާދޭ!!!”
އެއްރޭ ނުހަނު ދަންވެފައި ވަނިކޮށް ނަހީދާއި ހާފިޒާއާއި އެކީ ސިޓިންގް ރޫމުގައި އިނދެ ހިލްޔާއަށް އިންތިހާއަށް ނުރުހުންވެފައި އިނދެ ވާހަކަ ދެކެވުނެވެ.
“ހިލްޔާ ކާމް ޑައުން….މާމަ އެ ބުނަނީ ރަނގަޅަށް. ކައިވެންޏާއި ވަރިއަކީ ސަމާސާއެއް ނޫން. ކަންވެފަ ހުރި ގޮތާއިމެދު ބައްޕައާއި މާމަ ވެސް މިތިބީ ވަރަށް ދެރަވެފަ. އެކަމަކު މިއީ ދޮންތަގެ މުޅި ޙަޔާތް. ވަކިވަންޏާ ވެސް ވަކިވާން ވާނީ ރަނގަޅު ގޮތުގަ.” ނަހީދު މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.
“ބައްޕަ އެ ބުނަނީ ރަނގަޅަށް. ދީނުގަ އޮންނަ ގޮތަށް ކަންކޮށްގެން ނޫނީ ދެންވެސް ދޮންތަގެ ޙަޔާތް ބާއްޖަވެރިއެއް ނުވާނެ. ހުރިހާ ހެވެއް ވަނީ ދީނުގެ އަމުރުފުޅުތަކަށް ބޯލެނބުމުގަ. ހިލްޔާ މިކަން ޤަބޫލު ކުރަމެއް ނޫންތަ؟” ހާފިޒާ އެހިއެވެ.
ހާފިޒާގެ އެ ސުވާލުން ނޭނގޭ ސަބަބަކާ ހުރެ އެވަގުތު ހިލްޔާގެ ހިތަށް އުދަގުލެއްވިއެވެ. އާނއެކޭ ބުނަން ބޭނުންވިއެއްކަމަކު ނުބުނެވުނެވެ. މާޒީއިން އޭނައަށް ދަސްވެފައިވީ އެ ޙަޤީޤަތް ކަމަށް ވިޔަސް މިހާރު އެކަމާއިމެދު އެހާ ޔަޤީނެއް ނޫނެވެ. ދޮންތަ ދީންވެރި މީހަކު ޚިޔާރު ކުރީ ދީނުގެ އަމުރުފުޅަށް ބޯލެނބުމަށެވެ. އެހެނަސް ދޮންތައަށް މިއަދު މި ދިމާވެފައިވަނީ ހާދަ ހިތާމަވެރި ޙާލަތެކެވެ.
ހިލްޔާ އެއްޗެކޭ ނުބުނެ އިންދާ ހާފިޒާ ހިލްޔާގެ ނަމުން ގޮވިއެވެ. ހިލްޔާ އިސްޖެހިފައި އިނދެ މާމައަށް ބަލާލަމުން އިންތަނުން ތެދުވެ ހިނގައިގަތީ، ދެންވެސް ޖަވާބެއް ދިނުމެއް ނެތިއެވެ. އެއީ އެޅުނު ކިހާ ކަތި ފިޔަވަޅެއްކަން ހިލްޔާއަށް ރޭކާ ނުލައެވެ.
ﷲ ގެ އަމުރުފުޅުތަކަކީ އެންމެ ފުރިހަމަ އަމުރުފުޅުތަކެވެ. އިންސާނުންނަށް އެކަން ފަހުމް ވިޔަސް ނުވިޔަސްމެއެވެ. އެ އަމުރުފުޅުތަކަށް ބޯލެނބުމުން އިންސާނުންނަށް ދެ ދުނިޔެއިން ވެސް ފައިދާ ލިބެއެވެ. އެކަން ފަހުމްވާނީ އީމާންތެރިކަމުގެ ނަޒަރަކުން ޙާލަތްތަކަށް ބެލުމުންނެވެ. އެ އަމުރުފުޅުތަކަށް ބޯ ލެނބުމުން ހަމައެކަނި ދުނިޔެ ލިބުމަށް އުއްމީދު ކުރުމަކީ، އީމާންތެރިކަން ބަލިކަށިވުމުގެ ނިޝާނެކެވެ. އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ މުއުމިނުންނާއި ކާފިރުންނަށް ވެސް ދުނިޔެ ދެއްވައެވެ. އެހެނަސް އެކަލާނގެ އީމާންތެރިކަމުގެ ފޮނިކަން ދެއްވަނީ ހަމައެކަނި މުއުމިނުންނަށެވެ. މި ފަނާވަނިވި އަދި އައިބުތަކުން ފުރިގެންވާ ދުނިޔޭގެ ބަދަލުގައި، ދާއިމީ އަދި ފުރިހަމަވެގެންވާ ސުވަރުގެ ދެއްވަނީ ހަމައެކަނި މުއުމިނުންނަށެވެ. އަދި ޤިޔާމަތް ދުވަހުން އެކަލާނގެއާއި ބައްދަލު ކުރުމުގެ ފުރުސަތު ދެއްވަނީ ވެސް ހަމައެކަނި މުއުމިނުންނަށެވެ.
ހިލްޔާއަށް އެކަން ފަހުމް ނުވިޔަސް، ހަމްރާއަށް ކުރިމަތިވި މި ބޮޑު އިމްތިޙާނުގެ ތެރެއިން، ހަމްރާއަށް އެކަން ފަހުމްވާން ފަށާފައިވެއެވެ. ހަމްރާގެ ހިތަށް އެންމެ ބޮޑު އިންޤިލާބެއް ގެނައީ، އޭނަ ހޮސްޕިޓަލުގައި އޮތްވާ އޭނައާއި މާމަ އެކަނި ވީ ވަގުތެއްގައި މާމަ ދިން ނަސޭޙަތަކުންނެވެ.
“ހަމްރާ މާމަ މި ބުނާ ވާހަކަ އަޑުއަހާ. މި ޙާލަތަކީ، އަދި މި ދަރިފުޅަކީ ހަމްރާއަށް ލިބިފައިވާ ވަރަށް ބޮޑު ފުރުސަތެއް. ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް ލިބުނު ފުރުސަތެއް. ސުވަރުގެ ހޯދުމަށް ލިބުނު ފުރުސަތެއް. މާޒީއާއި މެދު ނުވިސްނާ މި ދަރިފުޅު ރަނގަޅު ގޮތުގަ ތަރުބިއްޔަތު ކުރަންވީ. މި ދަރިފުޅަކީ ޞާލިޙު ކުއްޖެއް ކަމުގައި ލެއްވުމަށް އެދި ދުޢާކޮށް އެކަމަށްޓަކައި މަސައްކަތް ކުރަންވީ. އޭރުން ހާދަ ގިނަ ޘަވާބެއް ހަމްރާއަށް ލިބޭނެއޭ….”
އެދުވަހުން ފަށައިގެން ހޮސްޕިޓަލުން ގެއަށް ދެވެންދެން ވެސް ހަމްރާއަށް އެ ވާހަކައާއި މެދު ވިސްނުނެވެ. އަހަރުތަކެއް ވަންދެން ހިތުތެރޭގައި ވަޅުލެވިފައި އޮތް އީމާންތެރިކަމުގެ އިޙްސާސް އެވަގުތު ކުރެވުނެވެ. ދަރިއަކު ދެއްވުމަށް އެދި އޭނަ ދުޢާ ކުރީ ކައިވެނި ކުރާނެ މީހަކު ވެސް ފެނުމުގެ ކުރިންނެވެ. އަސްލަމާއި އިނުމުގެ ކުރިން ހަމްރާ ދިޔައީ ކުޑަކުދިންނަށް އިސްލާމް ކިޔަވައިދޭ މުދައްރިސަކަށްވުމަށް ކޯސް ހަދަމުންނެވެ. ކޯހުގެ ތެރެއިން ޓީޗިންގް ޕްރެކްޓިކަމް ހެދުމަށް ހަމްރާ ވަނީ ސްކޫލަކަށް ގޮސް ކިޔަވައިވެސް ދީފައެވެ. ގްރޭޑް 1 ގެ ދަރިވަރުންނަށް ކިޔަވައިދިން އެ ދުވަސްކޮޅު ހަމްރާއަށް އިޙްސާސް ކުރެވުނީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. އޭނަގެ އެހީގައި އެ ދަރިވަރުން ޝަހާދަތުގެ ދެ ކަލިމަ ދަސްކޮށް، އީމާންތެރިކަމުގެ އެކި ރުކުންތައް ޝައުޤުވެރިކަމާއިއެކު ދަސް ކުރި މަންޒަރު ފެނި، ހިތް ވިރިގެން ދިޔައެވެ. އޭނައަކީ މި ދަރިވަރުންގެ އީމާންތެރިކަމުގެ ސަބަބު ކަމުގައި ލައްވަވާ، އޭނަގެ އަމިއްލަ ދަރިންނަށް ވެސް އެފަދައިން ދީން ދަސްކޮށްދިނުމުގެ ތައުފީޤު ދެއްވުމަށް އެދި ދުޢާ ކުރެވުނީ އެ ދުވަސްކޮޅުގައެވެ.
އެހެނަސް އަސްލަމާއި އިން ފަހުން ހަމްރާ އެ ހުވަފެނަށް އަލްވަދާޢު ކިޔަން ޖެހުނެވެ. ހަމްރާ އެ ވަޒީފާއަށް ދިޔައީ އެހާ ރަނގަޅު ނިޔަތެއްގައި ކަމަށް ވިޔަސް އެއީ އަސްލަމް ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. ވަޒީފާގެ ސަބަބުން ހަމްރާ ގޭގައި އަދާ ކުރާ ޒިންމާތަކަށް އިހުމާލު ނުވިޔަސްމެއެވެ. ކޮންމެ ގޮތެއްވިޔަސް ހަމްރާ އެކަމާއިމެދު އަސްލަމަށް ނުރުހުމެއް ނުވެއެވެ. ދެންވެސް ދުޢާ ކުރެވުނީ އަމިއްލަ ދަރިއަކު ލިބި، އެ ދަރިފުޅު ތަރުބިއްޔަތު ކުރުމުގެ ފުރުސަތު ލިބުމަށެވެ.
މިއަދު އަމިއްލަ އަތުތެރޭގައި އޮތް ދަރިފުޅު ފެނިފައި ހަމްރާގެ ހަނދާނަށް އައީ އެ ދުޢާގެ މަތިންނެވެ. ހަމަ އެއާއިއެކު ހިތަށް ވެރިވެފައިވި ހިތާމަވެރިކަމަށް ލުޔެއް ލިބުނެވެ. އޭނަގެ ދުޢާ އަޑުއައްސަވާ، އިޖާބަ ދެއްވި ރަސްކަލާނގެ އޭނައާއި އެ ދަރިފުޅާއިމެދު ދެރަ ގޮތެއް މެދުވެރި ނުކުރައްވާނެކަން ޔަޤީން ކުރެވުނެވެ. އަސްލަމް އޭނައާއި އެ ދަރިފުޅާއި ވަކިވެއްޖެނަމަ ވަކިވާނީ ވެސް އެންމެ ރަނގަޅު ސަބަބަށްޓަކައި ކަން ޔަޤީން ކުރެވުނެވެ.
އެހެންކަމުން ގެއަށް އައުމަށްފަހު ހޭދަވި 2 ހަފްތާ ތެރޭގައި ހަމްރާގެ ކޮޓަރިން މުޅިންހެން އިވެމުން ދިޔައީ ޤުރުއާނުގެ އަޑެވެ. ހަމްރާ އަމިއްލައަށް ޤުރުއާން ކިޔަވާ އަޑު ނޫނިއްޔާ ހަމްރާގެ ފޯނުން ޤުރުއާން ޖަހާފައިވާ އަޑެވެ. ހަމްރާ ޤުރުއާން ކިޔަވައި އަޑުއަހަން ފެށީ ދަރިފުޅަށްޓަކައި ކަމަށްވިޔަސް އެއިން ޚުދު އޭނަގެ ހިތަށް ވެސް ހަމަޖެހުން ލިބެމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން އަސްލަމް މަތިން ހަނދާންވެ، ދެރަވަމުން ދިޔަޔަސް މެއެވެ. މި ޙާލަތާއިމެދު އުއްމީދު ގެއްލޭ ވަގުތު ކޮޅުތައް އަޔަސްމެއެވެ. އެ އިޙްސާސްތަކުން ހިތް ފުރޭ ވަގުތު ރޮވުނަސް މެއެވެ. ޤުރުއާނާއި އެކީ ގިނަ ވަގުތު ހޭދަ ކުރަން ފެށުމުން އޭނަގެ ހިތުގެ ޙާލަތު އެތައް ގުނައެއް ރަނގަޅުވެފައިވިކަން ހަމްރާއަށް އިޙްސާސް ކުރެވުނެވެ. އޭގެ ސަބަބުން އެ ޤުރުއާނަށް އިތުރު ސަމާލުކަމެއް ދޭން ހިތުގައި ޝައުޤުވެރިކަމެއް އުފެދުނެވެ.
އެހެނަސް ބޭރުފުށުން ހަމްރާ ފެންނަމުން ދިޔަ މީހުންނަށް ހަމްރާ ސިފަކުރެވެމުން ދިޔައީ ހިތާމައިގެ ތެރޭ ބެހެމުން ދިޔަ އެކަނިވެރި މައެއްގެ ގޮތުގައެވެ. ވަކިން ޚާއްސަކޮށް ހަމްރާގެ ދެ ކޮއްކޮއިންނަށެވެ.
“ދޮންތަ ހާދަ ބޭރަށް ވެސް ނާދެއޭދޯ މިހާރު؟ އައިމް ސޯ ވޮރީޑް އެބައުޓް ހާރ….”
އެލީ އެއްދުވަހު ހަވީރު ހިލްޔާގެ ކޮޓަރިއަށް ގޮސް ހިލްޔާގެ އެނދުމަތީގައި އިނދެ ބުންޏެވެ.
“ޔާ….އިޓްސް ޕޯސްޓް ޕާރޓަމް ޑިޕްރެޝަން. އަދި ކޮންމެވެސް މީހަކު ވެއްޖެ މަޑުން ނުހުރެވިގެން ކައިވެންޏެއް ކޮށްގެން މި ޙާލަތުގަ ދޮންތަ ހުއްޓާ ދޮންތަގެ ހިތް ހަލާކު ކޮށްލަން. ޑޭމް އިޓް! އައި ޑޯންޓް އިވެން ވޯންޓު ޓޯކް އެބައުޓް ހިމް! އަދި އެންމެ ރުޅި އަންނަނީ އަމިއްލަ ދަރިއާއި އެ ދަރިފުޅުގެ މަންމަ ނިކަމެތި ކޮށްލާފަ ގޮއްސަ މިންބަރުތަކަށް އަރާ ޚުތުބާ ކިޔާތީ. އެކަހަލަ މީހުން ޚުތުބާ ނުކިއްޔާ ރަނގަޅުވާނީ!!!”
އެނދުގެ ހެޑްބޯޑަށް ލެނގިގެން ލެޕްޓޮޕުން ޑޮކްޓަރީ ދިރާސާއެއް ކިޔަން އިނދެފައި ހިލްޔާ ވާހަކަ ދެއްކިއެވެ. ވާހަކަ ނިމުނުއިރު ރުޅިވެރިކަމުން ފުރިފައިވި ހިތެއްގެ ސަބަބުން ބުމަގޮށްޖެހުނެވެ. އެ ރުޅިވެރިކަމުގެ މައްޗަށް ބާރު ހޯދަން ވެސް ހިލްޔާ މަސައްކަތެއް ނުކުރެއެވެ. މިއީ ޖާއިޒު ރުޅިވެރިކަމެއް ކަމަށް ޤަބޫލު ކުރެވުމުންނެވެ. ހިލްޔާއަށް ނޭނގުނު ކަމަކީ، ރުޅިވެރިކަން ހިތުގައި ޒީނަތްތެރިކުރަނީ ޝައިޠާނާ ކަމެވެ. އަދި ގަދަ ރުޅިވެރިކަމުގެ ޙާލުގައި އިންސާނާ ވާހިނދު، ޝައިޠާނާ އޭނަ ބޭނުންވާހާ ގޮތަކަށް އިންސާނާ ލައްވާ ކަންތައް ކުރުވައެވެ.
“އައި ނޯ ރައިޓް! ހައު ޑެއާރ ހީ!!! ޔޫ ނޯ ވަޓް ތުއްތާ؟ އައި ތިންކް އަހަރުމެން ދޮންތަ އެކަނި ފިލުވަން ވީހެން. އެމީހަކާއި ބައްދަލުވި ފަހުން ދޮންތަ ދިރިއުޅުން ވެސް ހުއްޓާލައިފި. ހިނގާބަލަ ކުޑައިރު ހަދާ ގޮތަށް ތިން މީހުން އެކީ ރައިޑްތަކަށް ގޮސް، ޝޮޕިންގްއަށް ގޮސް ފިލްމު ބަލައި އެންޖޯއި ކުރަން. އޭރުން ތުއްތަ ހެޕީވާނެ. މިހާރު ވެސް އަބަދު ޤުރުއާން އަޑު އަހައިގެން ކޮޓަރީގަ އެ އޮންނަނީ އެ މީހެއްގެ ހަނދާނުގަ ހެން އަހަންނަށް ހީވަނީ. ވީ ޝުޑް ސޭވް ހާރ ފްރޮމް ދެޓް…” އެލީ ބުންޏެވެ.
އެލީ އެ ބުނެލި ފަހު ޖުމްލައިން ހިލްޔާގެ ހިތަށް އުދަގުލެއް ވިއެވެ. އެލީ އެ ވާހަކަ ބުނި ގޮތުން، ދޮންތަ ސަލާމަތް ކުރަން ޖެހެނީ ޤުރުއާނުން ކަމަށް ބުނިހެން ހީވުމުންނެވެ. އެހެނަސް މާ ގިނައިރެއް ނުވެ އެލީ އެ މާނަ ކުރީ ކިހިނެއްކަން އެނގުންވިއެވެ. ދޮންތަ އެ ވަކިވީ ދީންވެރި މީހަކާއި އެވެ. ދީނުގެ ކަންތަކުން އެ ނޭދެވޭ ހަނދާންތައް ދޮންތަގެ ހިތަށް އަނބުރާ އަންނާނެތާއެވެ. ދީނާއި މުޅިން ދުރު ނުވިޔަސް، އެ މާޒީ މަތިން ހަނދާން ނެތެންދެން އެލީ އެ ބުނި ފަދައިން، ދޮންތައާއި އެކީ ވަގުތު ހޭދަ ކުރަންވީ ކަމަށް ހިލްޔާއަށް ވެސް އެ ވަގުތު ޤަބޫލު ކުރެވުނެވެ.
“ލެޓްސް ޑޫ ދެޓް އެލީ. ހަމަ އަސްލުވެސް ވީ ޝުޑް ހޭންގް އައުޓް. ދޮންތަ މެރީ ކުރުމުގެ ކުރިން އުޅުނު އުފާވެރި ދިރިއުޅުން ހޯދައިދޭންވީ. އެ ހަނދާންތައް އާ ކޮށްދޭންވީ. އޭރުން ދޮންތަގެ ޙާލު ރަނގަޅުވާނެ.” ހިލްޔާ އެ ވާހަކަ ދެއްކިއިރު ހިތުތެރޭގައި ޒީނަތްތެރިވަމުން ދިޔައީ ދުނިޔަވީ ޚިޔާލުތަކެވެ. އެލީ އެ ބުނާހެން ދޮންތަ ގޮވައިގެން ކާރު ދުއްވަން ގޮސް ފިހާރަތަކަށް ގޮސް ފިލްމު ބެލުމުން ދޮންތަ އުފާވާނެ ގޮތް ސިފަ ކުރެވެމުން ދިޔައެވެ. އެ ވާހަކައިގެ ތެރެއިން ‘އިން ޝާ ﷲ’ ކިޔަން ހަނދާން ނެތުނީ މި ދެވެނީ ރަނގަޅު މިޞްރާބަކަށް ނޫންކަން އެހިތަށް އެނގޭތީ ކަންނޭނގެއެވެ.
އާނއެކެވެ. ދޮންތަ އުފާ ކޮށްދިނުމަކީ ރަނގަޅު ނިޔަތެކެވެ. އެކަމަށްޓަކައި ތިން ބެއިން ހެޔޮގޮތުގައި އެކުގައި ވަގުތު ވެސް ހޭދަ ކުރުމަކީ ހެޔޮ ޢަމަލެކެވެ. އެހެނަސް ހިލްޔާމެންގެ ޚިޔާލުތަކުގައިވި މައްސަލައަކީ، ޤުރުއާނުން ނުލިބުނު އުފަލެއް، ދުނިޔަވީ ކަމަކުން ދޮންތައަށް ހޯދައިދެވިދާނެ ކަމަށް ހީކުރުމެވެ. ދުނިޔަވީ ޙަޔާތަކީ ވަގުތީ ހިނދުކޮޅެކެވެ. މި ޙަޔާތުގައިވާ އުފާތަކުގެ ޒާތަކީ ވެސް އެއީއެވެ. މިއަދު ފިހާރައަކަށް ގޮސް އަގު ބޮޑު އެއްޗެއް ގަނެގެން އުފާވިޔަސް މާދަމާ ހަމަ އެ އެއްޗެއް މަތިން ފޫހިވެދެއެވެ. އަދި އަނެއްކާވެސް އެ ގެއްލެނިވި އުފާ ހޯދަން އެހެން އާ އެއްޗެއް ގަންނަން ޖެހެއެވެ. ދުނިޔޭގެ ކޮންމެ އުފަލަކީ ހަމަ މިފަދައިން ކެހިވެރި އެއްޗެކެވެ. ދުނިޔެ މަތިން ކެއްސެއް ނުލިބޭނެ ހަމަޖެހުމެއް ލިބުން ވަނީ ހަމައެކަނި ﷲ އަށް ތަބާވެ އެކަލާނގެ ހަނދުމަ ކުރުމުންނެވެ.
ހިލްޔާ އާއި އެލީ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑިގެން ދިޔައީ، ވަކި ހިސާބަކުން ހިލްޔާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނުގެ ސްކްރީނުން ގުޅަނީ އޭނައާއި އެކީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނިހާ ކަން އެނގުމުން ހިލްޔާ ވަގުތުން ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ ނިހާ….ވަޓްސް އަޕް؟” ހިލްޔާ ލެޕްޓޮޕް ހުޅުވައިގެން އިނދެ ފޯނުން ވާހަކަ ދައްކަން ފެށުމުން އެލީ އެނދުން ފައިބައިގެން ކޮޓަރިން ނިކުންނަން ދިޔައެވެ.
“މައި ގޯޑް ހިލްޔާ ޔޫ ވޯންޓް ބިލީވް ވަޓް ހެޕެންޑް ޓުޑޭ!” ނިހާ ކުއްލިއަކަށް ވާހަކަ ދައްކަން ފެށުމުން ހިލްޔާއަށް ލެޕްޓޮޕް ލައްޕާލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ހޮސްޕިޓަލުގެ ހުރިހާ ޑޮކްޓަރުންގެ ތެރެއިން އޭނައާއި އެންމެ ގާތްކޮށް އުޅެނީ ނިހާއެވެ. ޑިއުޓީގެ ތެރެއިން ނިހާ އާއި ގިނައިން ދިމާވާތީވެއެވެ. ނަތީޖާއެއްގެ ގޮތުން މިހާތަނަށް އައިއިރު އޭނަ ވަނީ ބާސިމް ގެ ވާހަކަ ނިހާއާއި ހިއްސާ ކުރެވިފައިވެއެވެ. އެ ވާހަކައިގައި ނިހާ އޭނަގެ ކޮޅު ދިފާޢު ކުރިގޮތުން ނިހާއަށްޓަކައި ހިތުގައި އިތުރު ލޯތްބެއް އުފެދުނެވެ. އެފަހުން އެ ދެމެދުގައި ހުސް ދެކެވެނީ ބާސިމް ގެ ނޭދެވޭ ވާހަކަތަކެވެ. އެއިން ހިލްޔާ އުފާ ވަމުން ދިޔައީ، އެއީ ޣީބަ ބުނުން ކަން ވެސް ހަނދާން ނެތިފައިވާ ޙާލުގައެވެ.
“ކިހިނެއްވީ؟ ސްޓޯރީ ޖައްސާބަލަ.” ހިލްޔާ ހިނިތުންވުމަކާއެކީ އޭނަގެ ލެޕްޓޮޕް އަރިމަތީ މެޒުމަތީގައި ބަހައްޓަމުން އެނދުން ފައިބައި ތެދުވެލިއެވެ. ޝައުޤުވެރި ވާހަކައަކަށް ގެއްލޭ ވަގުތު ހިނގުމަކީ ހިލްޔާގެ އާދައަކަށް ވާތީވެއެވެ. އެހެނަސް ދެން އިވިގެން ދިޔައީ ހިލްޔާ އުއްމީދު ކޮށްގެން ހުރި ޒާތުގެ ވާހަކައެއް ނޫނެވެ.
“ބާސިމް އުޅެނީ ހިލްޔާ ޓާމިނޭޓް ކޮށްލަން.” ނިހާ ކުއްލިއަކަށް ބުނެލި ވާހަކައިން އިސާހިތަކު ހިލްޔާގެ ހިނިތުންވުން ގެއްލި، ފިޔަވަޅުތައް މަޑުޖެހުނެވެ.
“ވަޓް؟!!!” ހިލްޔާއަށް ހަރުއަޑުން ބުނެވުނެވެ. އެހިނދު އެ އަޑުގައި ޙައިރާންކަމާއެކީ ރުޅިވެރިކަން އެކުލެވިގެން ވިއެވެ.
“ޔެސް….މިއަދު ކޮރިޑޯ ތެރެއިން ހިނގާފަ ދަނިކޮށް ބާސިމް އެއްކަލަ އިޖިޕްޓް ސީނިއާރ ޑޮކްޓަރާއި ވާހަކަ ދެއްކި އަޑު އަހަރެން އެހީ. ބުނީ ތިމަންނަ މިއުޅެނީ ހޮސްޕިޓަލްގެ އެކްސްޕެންސެސް މަދު ކުރަން ޑޮކްޓަރުން ކަނޑަންވެގެންނޭ. އެންމެ ފުރަތަމަ ކަނޑާނީ އެއްކަލަ ހޯރމޯނަލް ވެގެން ތިމަންނަގެ އޮފީހަށް އައިސް ތިމަންނައާ ވާހަކަ ދެއްކި މެޑިކަލް އޮފިސާރ އޭ.” ނިހާ އެ ދެއްކި ވާހަކައިން ހިލްޔާގެ ރުޅިވެރިކަން ދެގުނަވިއެވެ.
“ވަޓް ދަ ހެލް!” ރުޅިވެރިކަމުގައި އެކުވެރި ނިހާ ގެންގުޅޭ އެ ބަހުރުވަ ބޭނުން ކުރެވުނެވެ. އެހެން ބުނެވުނުއިރު ވެސް ހިލްޔާއަށް އަމިއްލަ ނަފްސާއި މެދު ޙައިރާންވެވުނެވެ. އޭނައަކީ މިހެން ވާހަކަ ދައްކާ މީހަކަށް ނުވާތީވެއެވެ. އެހެނަސް މާ ގިނައިރެއް ނުވެ ބާސިމަށްޓަކައި ހިތުގައިވި ރުޅިވެރިކަން އެ ވިސްނުމަށްވުރެ ބޮޑުވިއެވެ.
“އައި ނޯ ރައިޓް! ދެންވެސް ހުއްޓާލީއެއް ނޫނޭ. ބުނީ މައްސަލައެއް ހުރި ކަމަށް އެ ބުނާ އެޕްލް ތިމަންނަ ވެސް ކަމުންދާތާ އެތައް ދުވަހެއް ވެއްޖެޔޭ. އެއްވެސް ކަމެއް ނުވެއޭ. މާ މޮޅުވެ ބޮޑާވާން އުޅޭ ކުޑަކުދިން ޖެހޭނީ ކަނޑާލާށޭ….” ނިހާ އެ ވާހަކަ ކިޔައި ދިންދިންހެން ހިލްޔާގެ މޫނު ރަތްވިއެވެ.
“މޮޅުވެ ބޮޑާވާން އުޅެނީ ތި މީހަކުހެން މަށަށް ހީވަނީ. މީހަކު އެއްޗެއް ބުނެދިނީމަ ޤަބޫލު ނުކުރާނީ ބޮޑާ މީހުން. އެހެން މީހުން ދަށްކޮށްލާނީ ބޮޑާ މީހުން!!” ހިލްޔާ ދެންވެސް ހުއްޓުމެއްނެތި ބާސިމްގެ ގޯސް ސިފަތަކަށް އަލި އެޅުވިއެވެ. މި ކުރެވެނީ ﷲ ރުހިވޮޑިގެންނުވާނެ ފަދަ ކަމެއް ކަން އެވަގުތު ހިތަކަށް ނާރައެވެ. ރުޅިވެރިކަން އެ ދަރަޖައަށް ދިޔުމުންނެވެ.
“އަސްލުވެސް….އަދި އެންމެ ފަހަކަށް ބުނި އެއްޗެއް އެނގޭތަ؟ އެކަހަލަ ކުދިން މަގުމަތިވީމައޭ އެއްޗެއް ދަސްވާނީ. އެ ވާހަކަ ބުނެފަ ދެން ހުރި ޑޮކްޓަރާއި އެކީ ހީލައިފި….ދިސް އިޒް ރިސްކީ އިނގޭ ހިލްޔާ. އޭނަ ހިލްޔާ ޓާރމިނޭޓް ކޮށްފިއްޔާ ހިލްޔާގެ ކެރިއާރއަށް ވަރަށް ނޭދެވޭ އަސަރު ކުރާނެ. އޭނަ އެ ބުނާހެން ހިލްޔާއަށް ޖޮބެއް ނުލިބުން ވެސް ގާތް. އެހެންވީމަ އަހަންނަށް ފެންނަނީ ހިލްޔާ އޭނައަށް މަޢާފަށް އެދި މިކަން ޙައްލު ކުރަން….” ނިހާ މިފަހަރު ދެއްކި ވާހަކަތަކުން ހިލްޔާގެ ހިތުގައި އުތުރި އަރައިގަތީ ތަފާތު އިޙްސާސްތަކެކެވެ.
“ނުއުޅެން އެކަހަލަ މީހަކަށް މަޢާފަށް އެދޭކަށް. އަހަރެން މަޢާފަށް އެދެންވީ ސަބަބެއް އޮތްކަމަށް ޤަބޫލެއް ނުކުރަން. އެންޑް ނޯ….ތިއީ ބާސިމަށް ހީވާ ގޮތް. ބާސިމް ހީކުރަނީ އަހަރެން އުޅެނީ އޭނަގެ ތައްޕާހުން ކަމަށްތަ؟ އޭނަ އަހަރެން ކަނޑާލިޔަސް އަހަރެން މަގުމައްޗެއް ނުވާނެ. ނިކަން ކަނޑާލަބަލަ ވާގޮތް ބަލަން!”
ހިލްޔާ ވާހަކައިގެ ތެރެއިން މުސްތަޤްބަލުގެ ވާހަކަ ދެއްކިއިރު ‘އިން ޝާ ﷲ’ ކިޔަން ހިތަށްއެރިއެވެ. އެހެނަސް ނޭނގޭ ސަބަބަކާއިހުރެ އެވަގުތު ދުލަށް އެ ބަސްތައް ނައެވެ. އެކަމާއިމެދު ހިސާބަކަށް ހިތް ދެރަވެސްވިއެވެ.
“ދޯ؟ ޔުއާރ ފާދާރ އިޒް ސޯ ރިޗް. އެހެންވީމަ ހިލްޔާ ކިހިނެއް މަގުމަތިވާނީ ވެސް؟” ނިހާ އެ ބުންޏެވެ.
“އެހެންޏާ ނޫން!” ބަސްތަކާއި އެކީ ހިލްޔާގެ ހިތުގައި އުފެދެން ފަށާފައިވި ކިބުރުވެރިކަން ދެގުނަވިއެވެ. އެއީ އަމިއްލަ ނަފްސުގެ ކުށަށް ފަސްއަޅައި އެ ނަފްސު ދިފާޢު ކުރަން އުޅުމުގެ ނަތީޖާއެވެ.
ހިލްޔާއަށް ނޭނގުނަސް ދެންމެ ﷲ ގެ ނަން ނުގަނެވުނީ އެ ކިބުރުވެރިކަމުގެ ސަބަބުންނެވެ. އެހެނީ އަޅަކު ﷲ ގެ ނަން ގަންނާނީ އެ އަޅާ ﷲ އަށް ބޭނުންވާކަން ހަނދާން ހުންނާތީވެއެވެ. ދުނިޔޭގެ ކޮންމެ ކަމެއް އަމިއްލައަށް ޙާޞިލު ކުރެވިދާނެ ކަމަށް ކިބުރުވެރިވެއްޖެ މީހަކަށް ހީވެއެވެ. ނޭނގުމެއްގެ ތެރެއިން ވެސް އެމީހަކު އެއްވެސް މީހަކަށް ބަރޯސާ ނުވާ ފަދައިން ﷲ އަށް ވެސް ބަރޯސާ ވާން ނުޖެހޭ ކަމަށް ހީކުރެވެއެވެ. އެހެނަސް ޙަޤީޤަތަކީ ކިތަންމެ މުއްސަނދިވެ، ބާރުގަދަވެ، މޮޅުވިޔަސް ﷲ ގެ އެހީފުޅާއި ނުލާއި އެއްވެސް ކަމެއް އިންސާނަކަށް ނުކުރެވޭ ކަމެވެ. ހިލްޔާ އެކަމުގެ މަތިން އެވަގުތު ހަނދާން ނެތިފައިވިއެވެ. ސިކުނޑިން އެ ޢިލްމު އުނގެނިފައިވިޔަސް ހިތަށް އެ ޙަޤީޤަތް އިޙްސާސް ކުރެވިފައި ނުވާތީވެއެވެ. އެހެންކަމުން އެވަގުތު ކާމިޔާބު ހޯދީ ހިތަށް އެވަގުތު ވެރިވެފައިވި ރުޅިވެރިކަމެވެ.
ނިހާގެ ކޯލު އޭގެ މާ ގިނައިރެއްނުވެ ނިމިގެން ދިޔުމުން ހިލްޔާ ފޯނު ކަންފަތުން ނަގައި ތިރިކޮށްލިއެވެ. އެހިނދު ވެސް ހިތުގައި ބާސިމަށްޓަކައި ރުޅިވެރިކަމެއް ވިއެއްކަމަކު ނުތަނަވަސްކަމެއް ވެސް ވެރިވިއެވެ. ކިތަންމެ މޮޅުވާން އުޅުނަސް ނިހާ އޭނައަށް ދިން އިންޒާރަކީ ޙަޤީޤަތެއްކަން ހިލްޔާއަށް އެނގެއެވެ. ބާސިމް އޭނަ ކަނޑާލައިފިނަމަ އެއީ ވަޒީފާގެ މާޙައުލުގައި އޭނައަށް ދަތިވެގެން ދާނެ ކަމެކެވެ. ބައްޕަ ކިތަންމެ މުއްސަނދި ވިޔަސް ބައްޕައަކީ ވެސް ޤަވާޢިދުތަކަކަށް އުޅޭ މީހެކެވެ. އޭނަ ކަނޑާލިކަން އެނގިއްޖެނަމަ ބައްޕަ ވެސް އެކަމާއި ސުވާލު އުފައްދައި ސަބަބު އެނގުމުން ނުރުހުންވާނެކަން ޔަޤީނެވެ. އެހެންކަމުން ހިލްޔާ މި ޙާލަތުގައި އަވަސް ފިޔަވަޅެއް އެޅުން މުހިއްމެވެ.
ސިކުނޑިއަށް ވެރިވި އެ ޚިޔާލާއިއެކު ހިލްޔާއަށް ފޯނު ހިއްލައިލެވުނީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ވަގުތުން ވަގުތަށް ގުޅާލެވުނީ ބައްޕައަށެވެ. ހިލްޔާއަށް ޗުއްޓީވި އެ ހޮނިހިރު ދުވަހުގެ ހަވީރު ބައްޕަ ވީ ކްލިނިކްގެ މަސައްކަތްތައް ބެލުމަށް ގޮސްފައިކަން ހިލްޔާއަށް އެނގެއެވެ.
ދެ ތިން ރިންގަކަށްފަހު އެކޮޅުން ބައްޕަގެ އަޑު ހިލްޔާއަށް އިވުނެވެ.
“ހެލޯ ކަނބުލޮ. ކިހިނެއްވީ؟” ބައްޕަ ވާހަކަ ދެއްކިއެވެ.
“ބައްޕާ އަހަރެން ބޭނުން އޯސިސް ކްލިނިކް ގަ ވޯކް ކުރަން.” ހިލްޔާ އެހެން ބުނެލީ އަވަސްއަވަހަށެވެ. އެވަގުތު އެ ނިންމުމަށްޓަކައި އިސްތިޚާރާ ނުކުރެވޭތީ ވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
“އޯސިސް؟ ބަޓް ވާއި؟ ހިލްޔާ ބުނީމެއްނު މި ވަގުތު ތި ވޯކް ކުރާ ހޮސްޕިޓަލަށޭ ކޮމިޓްވާން ބޭނުމީ؟”
“އެ ޚިޔާލު ބަދަލުވެއްޖެ ބައްޕާ. އަހަންނަށް އެހާ ކަމުނުދޭ މެޑްލިންކް ގެ ވޯކިންގް އެންވަރަންމެންޓް. އެހެންވީމަ އޯސިސް އަށް ބަދަލުވާން މި ޚިޔާލު ކުރީ.” ހިލްޔާއަށް އެ ވާހަކަ އަމުނާލެވުނު ގޮތުން ޚުދު ހިލްޔާ ވެސް ޙައިރާންވިއެވެ. އޭނައަށް އެ ހެދުނީ ދޮގެއްކަން ސާފުކޮށް އެނގުނެވެ. ބަދަލުވާން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އެ ހޮސްޕިޓަލުން އޭނަ ކަނޑާލާނެ ކަމުގެ ބިރެވެ. އެހެނަސް ބައްޕަ ގާތު އެހެން ބުނެވޭކަށް ނެތެވެ.
“ހަމަ ޔަޤީންތަ ހިލްޔާ؟”
“އާނ ބައްޕާ. އިތުރު ޑޮކްޓަރަކަށް ޖާގައެއް ހުންނާނެތަ؟”
“އާނ ދެން ހުންނާނެ. ފުރަތަމަ ޕްލޭން ކުރިވަރަށް ވުރެ ކުޑަ ސްކޭލްއެއްގަ ފުރަތަމަ ޖައްސަން މިއުޅެނީ. އެހެންވީމަ އިތުރު ޑޮކްޓަރުންނަށް ޖާގަ ހުންނާނެ.”
“ގްރޭޓް ބައްޕާ! ކޮން ދުވަހަކުތަ އަހަރެން ޖޮއިން ކުރަންވީ؟”
“ފުރަތަމަ ރިޒައިން ކޮށްފަ މެޑްލިންކްގަ ތިން މަސް ވަންދެން ހުންނަން ޖެހޭނެއެއްނު ދަރިފުޅު؟”
“ނޫން ބޭނުމެއްނޫން ބައްޕާ! އައި ޑޯންޓް ވޯންޓް ޓު ގޯ ދެއާރ. ސެލެރީއިން ކަނޑާލިޔަސް މާ ހިތަށް ފަސޭހަވާނެ އެތަނަށް ދިޔުމަށްވުރެ…”
“އެހެންތަ؟ ހަމަ އެހާވެސް ގޯހީތަ ތި ތަން؟ އެހެންވީމަ ދެން ދަރިފުޅު ހަމަ މިކޮޅަށް ޖޮއިން ކުރަންވީ ހަމަ މާދަމާއިން ފަށައިގެން. ހުޅުވުމަށް ތައްޔާރުވަމުން މިދަނީ މިހާރު. ދާނިޝް ވެސް ގާތް ކުއްޖަކަށް ވީމަ ބައްޕަ އެދިގެން އިއްޔެއްސުރެ އެބަ އާދޭ ހެލްޕް ވެދޭން.”
“ދާނިޝް…ހޮވުނީތަ އެޑްމިންއަކަށް؟”
“އާނ….ބައްޕަ ޙަޔާތުގަ ވެސް ކުރި އެންމެ ސަޅި އިންޓަވިއު އެއީ. ހީ އިޒް އޯވާރކޮލިފައިޑް އޭ ބުނެވޭނީ. ވަރަށް ފައްކާ ބިޒްނަސް މައިންޑްސެޓެއް ހުރި ކުއްޖެއް ދާނިޝް އަކީ.”
“އޮހް…”
އެހިނދު ހިލްޔާގެ ހިތް އަނެއްކާވެސް ދާނިޝްއަށް ލެނބެން ފެށިއެވެ. އެ އިޙްސާސްތަކަކީ ދާނިޝްއަށް ދުނިޔެ ލިބޭ މިންވަރަކަށް ބަރޯސާވާ އިޙްސާސްތަކެއް ފަދައެވެ. ދުނިޔެއަށް ބިނާވާ އިޙްސާސްތަކަކީ ހާދަ ބަލިކަށި އިޙްސާސްތަކެކެވެ.
ނުނިމޭ