Hijra (Part 31)
“އައްދެ! މި ސޮރު ކޮން ދުވަހަކުތަ ޝެއިޚަކަށްވީ؟” އަމީން އެހިއެވެ. އަމީނަށް ބަލަހައްޓައިގެން ހުރި މިސްބާޙްގެ ހިތް ދެރަވިއެވެ. އޭނަގެ މަންމައާއި ބައްޕަ އޭނަ ދިން ނަޞޭޙަތަކަށް މަލާމާތްކުރިހެން ހީވުމުންނެވެ.
“އަމީން…….އަހަންނަށް ހީވަނީ އަމީން ބުނާހެން މިސްބާ ހަމަ އަސްލުވެސް މުސްތަޤްބަލުގަ ޕޯޑިއަމްތަކަށް އަރާފަ ހުންނަތަން ފެންނާނެހެން. އެކަމަކު ޕާޓީއެއްގެ ރައީސެއްގެ ގޮތުގައެއްނޫން. ދީނީ ދަރުސްދޭ މީހެއްގެ ގޮތުގަ.” ޒާހިޔާ ހެވިފައި އިނދެ ބުނެލިއެވެ. އަމީން ލުއި ހީލުމަކާއެކީ ހޫންލައްވާލަމުން އެތާ ވަކިން ހުރި ސޯފާއަށް ވެއްޓިގަތެވެ. މަންމައާއި ބައްޕަ ވާހަކަ ދެއްކި ގޮތުން މިސްބާޙްގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. އޭނަ އެކަން ފޮރުވުމަށްޓަކައި އިސްޖަހާލިއެވެ. ނަމަވެސް އޭނައަށް އިވުނު ވާހަކަތަކާއިމެދު ވިސްނުނެވެ. މަންމައާއި ބައްޕަ ވާހަކަ ދައްކާ ގޮތުން ހީވަނީ އޭނަ ޕާޓީއެއްގެ ރައީސަކަށްވުމަށް އެމީހުން އުއްމީދު ކުރާހެންނެވެ. އެހެނަސް އޭނަ އެ ވަޒީފާ އަދާ ކުރާކަށް ބޭނުމެއްނުވެއެވެ. ބައްޕަ ނިސްބަތްވާ ޕާޓީގެ މީހުން ކުރާ ބައެއް ކަންތައްތައް އޭނަވަނީ ލޮލުންދެކެ އަތުން ހިފާފައެވެ. އޭނަ އެފަދަ ބައެއްގެ ތެރެއަށް ދާކަށް ހުވަފެނަކުން ވެސް ނޭދެއެވެ. ބައްޕައަކީ ވެސް ކިހާ ނުލަފާ މީހެއްކަން މިސްބާޙަށް ކުއްލިއަކަށް އެނގުންވިއެވެ. ސިޔާސީ އެއްވުންތަކުގައި ބައްޕަގެ ފަރާތުން ފެނުނު ހުރިހާ ނޭދެވޭ ޢަމަލުތައް އެއްފަހަރާ އޭނަގެ ސިކުނޑިއަށްއައެވެ. ހަމަ އެވަގުތު މިސްބާޙަށް ރުޅިވެރިކަމާއެކީ އޭނަގެ ބައްޕައާއި ދިމާލަށް ބަލާލެވުނެވެ. ހިނިތުންވުމަކާއެކީ ޒާހިޔާގާތު ކޮންމެވެސް އެއްޗެކޭ ކިޔަކިޔާ ހުރި އަމީން ފެނިފައި މިސްބާޙް ރުޅިން ތުރުތުރު އެޅިއެވެ. އޭނަގެ އަނގައިން އެއްޗެކޭ ބުނެވިދާނެހެން ހީވި ވަގުތު މިސްބާޙް ކޮޅަށް ތެދުވިއެވެ. އެއާއެކު ޒާހިޔާއާއި އަމީންގެ ނަޒަރު އޭނައަށް ހުއްޓުނެވެ. މިސްބާޙް އޭނަގެ ރުޅިވެރިކަން ހިންދަން މަސައްކަތް ކުރަމުން އޭނަގެ ކޮޓަރިއަށްދާން ހިނގައިގަތެވެ.
“މިސްބާޙް!” އަމީން ގޮވާލި އަޑަށް އޭނައަށް ފަސްދެމުން ދިޔަ މިސްބާޙްގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
“ކައިފިންތަ މިރޭ؟” އަމީން ސުވާލުކުރިއެވެ.
“ނުކަން.” މިސްބާޙް ގަދަކަމުން ކަހަލަ ގޮތަކަށް އަމީނާއި ދިމާލަށް އެއްކޮށް އެނބުރިލަމުން ޖަވާބު ދިނެވެ.
“އެހެންވިއްޔާ ހިނގާ ކާން.” އަމީން ތެދުވެލަމުން ބުނެލިއެވެ. ޒާހިޔާވެސް ތެދުވުނެވެ. މިސްބާޙް ވަގުތުން ނޫނެކޭ ކިޔައި ހަޅޭއްލަވަން ބޭނުންވިއެވެ. ތިކަހަލަ މީހުންނާއެކީ އިށީންނާކަށްވެސް ބޭނުމެއްނޫނޭ ހިތާހިތުން ބުނެލެވިއްޖެއެވެ. ނަމަވެސް އެއީ އޭނަގެ މަންމައާއި ބައްޕަކަން ހަނދާންވި ވަގުތު މިސްބާޙްގެ ހިތް މައިތިރިވިއެވެ. އެ މީހުންނަކީ ކިތަންމެ ގޯސް ބަޔަކަށް ވިޔަސް އެމީހުންނާއެކީ ރީއްޗަށް އުޅެންޖެހޭކަން އޭނަ އަމިއްލަ ނަފްސަށް ހަނދާން ކޮށްދިނެވެ. އެހެންނޫނަސް އޭނަ ރުޅި އިސްކުރަން ފަށައިފިނަމަ މަންމައާއި ބައްޕަ ދީނާއި ދުރުވުން ނޫންކަމެއް ނުވާނެއެވެ. ދީނާއި ކައިރިވާ ކޮންމެ މީހަކީ ރުޅިގަދަ މީހެއްހެން އެމީހުންނަށް ހީވެދާނެތީވެއެވެ.
އެދުވަސްފަހުން ވެސް މިސްބާޙް އެކި ގޮތްގޮތުން އޭނަގެ މަންމައާއި ބައްޕައަށް ނަޞޭޙަތްތެރިވެވޭތޯ ބެލިއެވެ. އެ މީހުން އޭގެއިން ކޮންމެ ފަހަރަކު އޭނައަށް ނުސީދާ ގޮތަކަށް “މަލާމާތް” ކޮށްލައެވެ. މިސްބާޙް އެ ވަގުތުތަކުގައި ރުޅިއައެއްކަމަކު އޭނަ ލުއި ހީލުމަކާއެކީ އެ މީހުން ކުރާ ސަމާސާތަކުގައި ބައިވެރިވެއެވެ. އޭނަ އެހެން ކަންތައް ކުރުމުގެ ނިޔަތަކީ މަންމަމެންގެ ހިތުގައި ދީނަށްޓަކައި ލޯބި ޖެއްސުމެވެ. އޭނަ އެ މީހުންނާއިމެދު ދުވަހަކުވެސް ކަންތައް ނުކުރާވަރަށްވުރެ ރަނގަޅަށް ކަންތައް ކުރަމުން ދިޔައީ މި ދީނަކީ ކިހާ ފުރިހަމަ ދީނެއްކަން އެމީހުންނަށް އެންގުމަށްޓަކައެވެ. އޭގެ ސަބަބުން އެއްދުވަހު އެ މީހުން އަމިއްލައަށް ދީނާއިމެދު އިތުރަށް އެނގެން ބޭނުންވާނެ ކަމުގެ އުއްމީދުގައެވެ. މިސްބާޙްގެ ރޭވުން ކޮންމެވެސް ވަރަކަށް ކާމިޔާބުވެސް ވަމުން ދިޔައެވެ. އޭނައަށް އައިސްފައިވާ ބަދަލުތަކާމެދު ޒާހިޔާއާއި އަމީން ވެސް ތިބެނީ ޙައިރާންވެފައެވެ. އެ މީހުން ކަމެއްކުރަން ބުނާއިރަށް މިސްބާޙް އެއްވެސް ޝަކުވާއެއް ކުރުމެއްނެތި އެކަމެއް ކުރާ ގޮތުން އެމީހުން ތިބެނީ އަޖާއިބުވެފައެވެ. މި ބަދަލު އިތުރަށް “ތަޙުޤީޤު” ކުރުމަށްޓަކައި ޒާހިޔާއާއި އަމީން މިސްބާޙް ލައްވާ ދުވަހަކުވެސް ނުކުރުވާ ކަންތައް ކުރުވަމުން ދިޔައެވެ. ކެއުމަށްފަހު އެންމެން ކެއި ތަށި ދޮވުމާއި ބަދިގެ ތެރެ ސާފު ކުރުމާއި އަމީންގެ ކާރާއި މިސްބާޙްގެ ސައިކަލު ދޮވުން ފަދަ ކަންތައް ކުރުވިއެވެ. މީގެ ކުރިން މިސްބާޙްގާތު އެފަދަ ކަމެއް ކުރާށޭ ބުނިނަމަ ގޭގަ ނޯކަރުން އެބަ ތިއްބޭ ބުނެ އޭނަ ހަޅޭއްލެވީހެވެ. ނަމަވެސް މިސްބާޙް އުނދަގުލާއެކީ ވެސް އެ ހުރިހާ ކަމެއް ކުރާތަން އަމީނާއި ޒާހިޔާ ބަލަން ތިބީ އަންތަރީސްވެފައެވެ.
މަންމަމެން އޭނަ ލައްވާ މަސައްކަތް ކުރުވަމުން ދިޔައީތީ މިސްބާޙް އުފާވިއެވެ. އޭނަ އުޅެންވާ ގޮތަކީވެސް މިއީއޭ ހިތަށް އަރަމުން ދިޔައެވެ. އޭނަ ކަންނެތްވެގެން އުޅޭކަށް މިހާރު އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ. މަންމަމެންނަށްޓަކައި ޚިދުމަތް ކުރެވެމުން ދިޔައީ އޭނައަށް ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް އެ ހިތްހަމަޖެހުން ނެތެމުން ދިޔައީ އޭނަގެ ބުރަ މަސައްކަތުން ވެސް މަންމަމެން ދީނާއި ކައިރި ނުވާހެން އިޙްޞާސް ކުރެވުމުންނެވެ. އޭނަ އެތައް ފަހަރަކު ލޯބިން އާދޭސް ކުރީމަ ވެސް ބައްޕަ ނަމާދަށް އައުމަށް ޚިޔާލު ނުކުރިއެވެ. މަންމަ އަދިވެސް އޭނަ ދޭ ކޮންމެ ނަޞޭޙަތަކަށް ގަދަކަމުން ވެސް ހީލުމަކުން ނިންމާލަނީއެވެ. އެއްދުވަހު މަޣުރިބު ނަމާދަށް ބަންގި ގޮވަމުން ދިޔަ ވަގުތު ވެސް ބައްޕަ ނިކަން ބާރަށް ކެމްޕެއިން ލަވައެއް ޖަހައިގެން ސިޓިންގް ރޫމުގައި އިންތަން ފެނިފައި މިސްބާޙްގެ ހިތްދަތިވިއެވެ. އޭނަ މަޑުމަޑުން ލަވަޖަހާ ސެޓް ކައިރިއަށް ގޮސް އޭތި މުޅިން އަޑު މަޑުކޮށްލިއެވެ. ހަމަ އެވަގުތު އަމީން ޗޮއްކަނޑާލަމުން އޭތި އަޑު ބާރުކޮށްލުމަށް އެންގިއެވެ. މިސްބާޙް އަމީންގާތު އޭނައާއެކީ ނަމާދަށް އައުމަށް އެދުނެވެ. އަމީން އައި ރުޅީގައި އޭނައާއި ދިމާލަށް އައިސް އޭނަ ދުރަށް ކޮއްޕާލަމުން އަނެއްކާވެސް ލަވައިގެ އަޑުގަދަ ކޮށްލިއެވެ.
ބައްޕައާއި މަންމަގެ ފަރާތުން ފެންނަމުން ދިޔަ ޢަމަލުތަކުން މިސްބާޙްގެ ހިތްވަރު އެލެމުން ދިޔައެވެ. އެހެނަސް އޭނަ ޤުރުއާން އިތުރަށް އުނގެނެން ކުރާ މަސައްކަތުން އޭނަގެ ޢަޒުމް ވަރުގަދަވެގެންދެއެވެ. އޭނަ ހުސް ވަގުތުގައި ކުރާހާވެސް ކަމަކީ ދީނާއިމެދު އުނގެނުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޤުރުއާނުގެ އާޔަތްތަކަކުން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ތަބާވުމަކީ ކިހާ މުހިއްމު ކަމެއްކަން އެނގުނުއްސުރެ އޭނަ އެކަލޭގެފާނުގެ ސީރަތާއިމެދުވެސް އުނގެނެން ފެށިއެވެ.
އޭނަ އަމިއްލައަށް ކުރަމުން ދިޔަ މަސައްކަތުގެ އިތުރުން އަފްރީން އެސަމްބްލީގައި ދެމުން ދިޔަ ސްޕީޗްތަކަކުން ވެސް މިސްބާޙްގެ ހިތަށް ސާބިތުކަން ލިބެމުން ދިޔައެވެ. އޭނަ އިންތިޒާރު ކުރަމުން ދިޔައީ އޭނަ އެންމެ ފުރަތަމަ އުނގެނުނު އާޔަތާއިބެހޭ ސްޕީޗެއް އަފްރީން އެސަމްބްލީގައިދޭނެ ދުވަހަކަށެވެ. ނޫރާއިބެހޭ އަޔާތަކީ މިސްބާޙަށް މިހާތަނަށް އެންމެ ރީތިވި އާޔަތެވެ. އެ އާޔަތް ވީހާވެސް ގިނަ ބަޔަކަށް އެނގިގެން ދިޔުމަކީ އޭނަގެ ވަރަށް ބޮޑު އެދުމެކެވެ. އޭގެ ސަބަބުން އޭނަ ފަދައިން އެހެން މީހުންގެ ހިތްތަކުގައި ވެސް ޤުރުއާނަށްޓަކައި ޝައުޤުވެރިކަމެއް އުފެދިދާނެހެން އޭނައަށް ހީވާތީވެއެވެ. ކޮންމެއަކަސް އަފްރީނަށް ބަރޯސާވެގެން ހުރެހުރެ އަފްރީން އެ އާޔަތާއިބެހޭ ސްޕީޗެއް ކިޔާ ދުވަހެއް މިސްބާޙަށް ފެންނަ ގޮތެއްނުވިއެވެ. އޭނަގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔުމުން އޭނަ އަފްރީންގާތު އެ އާޔަތާއިބެހޭ ސްޕީޗެއް ތައްޔާރުކުރުމަށް އެދެން ނިންމިއެވެ. ނަމަވެސް އޭނަ ވަކި އެކަމަށްޓަކައި އަފްރީންގެ އެހީއަށް އެދެންވީ ކީއްވެބާއޭ ފަހުން މިސްބާޙްގެ ހިތް ބުންޏެވެ. އެހެންކަމުން އޭނަ އަމިއްލައަށް ސްޕީޗެއް ތައްޔާރު ކުރިއެވެ.
އޭގެ ހަފްތާހެއްހާ ދުވަސްފަހުން މިސްބާޙް ފުރަތަމަ ފަހަރަށް އެސަމްބްލީގައި މައިކްގެ ކުރިމައްޗަށް ހުއްޓުނެވެ. ބައެއް އަންހެން ކުދިން މިސްބާޙް ކިޔާނެ އެއްޗަކަށް އިންތިޒާރުކޮށްގެން ތިބީ ނޭވާ ހިފަހައްޓައިގެންނެވެ. އަފްރީން ވެސް އިސްޖަހައިގެން ހުރީ މިސްބާޙް ކިޔާނެ އެއްޗެއް އެނގެން ބޭނުންވެފައެވެ. އޭނަ ދައްކާނީ ކޮންމެވެސް އެއް ފިލްމީ ތަރިއެއްގެ ވާހަކައޭ އަފްރީންގެ ހިތް ބުންޏެވެ. އެހެންނޫނީ އޭނަގެ އަތުގައި އޮތް ގަނޑުގައި ވާނީ އަންހެން ކުދިން ހެއްވާލުމަށްޓަކައި އޭނަ ތައްޔާރުކުރި ސަމާސާއެކޭ އަފްރީންގެ ހިތަށްއެރިއެވެ. އެއާއެކު އޭނައަށް ފޫހިކަމާއެކީ ފުން ނޭވައެއް ދޫކޮށްލެވެން އުޅުނެވެ. އެހެނަސް މިސްބާޙް “އެއްކަލަ ޢަރަބި ބަސްކޮޅު” ކިޔަން ފެށުމުން އަފްރީންގެ ނޭވާ ހުއްޓުނެވެ. އޭނައަށް ބޭ އިޚްތިޔާރުގައި މައްޗަށް ބަލާލެވުނީ އޭނައަށް އެ އިވެނީ މިސްބާޙްގެ އަޑުކަން ޤަބޫލު ނުކުރެވުމުންނެވެ.
މިސްބާޙް އޭނަގެ ވާހަކަ ފެށީ ޖެހިލުންވުމަކާއެކީގައެވެ. އޭނަ އެ އުޅެނީ އަފްރީން ރުއްސަންހެން މިވަގުތު އަފްރީނަށް ހީވަމުންދާނެއޭ މިސްބާޙްގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް އޭނަގެ ނިޔަތަކީ ކޮބައިކަން ﷲ މޮޅަށް ދެނެވޮޑިގެންވާނެކަން ހަނދާންކޮށް މިސްބާޙް ވާހަކަ ފެށިއެވެ. އޭނަ އިނގިރޭސި ބަހުން ވާހަކަ ފެށީ ދުރުދުރުންނެވެ. ތިބާއަށް ރީތި އެއްޗެއް ފެނުނިއްޔާ އެ ރީތި އެއްޗެއް އެހެން މީހުންނާއި ޙިއްޞާކުރަން ބޭނުންވާނެއޭ ބުނަމުންނެވެ. އެހެންކަމުން ތިމަންނަވެސް މިއުޅެނީ ތިމަންނައަށް އަޖާއިބުވާވަރަށް ރީތިވި އެއްޗެއް ޙިއްޞާކުރަން ކަމުގައި މިސްބާޙް ބުންޏެވެ. އެވާހަކަ އަޑުއަހައިގެން ހުރި އަފްރީން އިތުރަށް ޝައުޤުވެރިވިއެވެ. އޭނަގެ ފުރަގަހުން ނައުފާމެން އެމީހުން އަޖާއިބުވާވަރަށް ރީތިވި މީހަކީ މިސްބާޙޭ ބުނެ ސިއްރުސިއްރުން ހެމުން ދިޔައެވެ. އަފްރީން އެމީހުންނަށް ފަރުވާލެއްނުދީ މިސްބާޙް ބުނާ އެއްޗަކަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. މިސްބާޙް ނޫރު ސޫރަތުގެ ވާހަކަ ދައްކަން ފެށުމުން އަފްރީންގެ ނިތަށް ރޫގިނަވިއެވެ. އޭނަ އެ އުޅެނީ އާޔަތެއްގެ ތަފްސީރު ބުނެދޭންކަން އެނގުންވީ ހިނދު އަފްރީން އިތުރަށް ޙައިރާންވިއެވެ. މިއީ އަނެއްކާ މިސްބާޙް ހެއްޔޭ ހިތަށްއެރިއެވެ.
މިސްބާޙް އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައީ އޮމާންކަމާއެކީގައެވެ. އެހެނަސް ވާހަކަ ދައްކަމުން ދިޔައިރު އޭނައަށް މި ދެވޭ ނަޞޭޙަތް އެންމެނަށް ސާފުވާނެގޮތް ހައްދަވައި ދެއްވުމަށް އެދި ހިތާހިތުން ތަކުރާރުކޮށް ދުޢާ ކުރެވެމުން ދިޔައެވެ. އޭނައަށް ވާހަކަ ދެއްކުމުގެ ތެރެއިން އަންހެން ކުދިންގެ ރޮނގުތައް ހުރި ދިމާލަށް އެއްލި ކަޅިއަކުން ބަލާލެވުނެވެ. ކުރީގައި ތިބި ބައެއް އަންހެން ކުދިން އޭނައާއި ދިމާލަށް ހިނިތުންވެގެން ތިބިތަން ފެނުނެވެ. އެ ފަޅި ސިކުންތުގައި އަފްރީން ނުފެނުނީތީ މިސްބާޙްގެ ހިތް ހިތާމަކުރީ ކީއްވެކަމެއް ޚުދު މިސްބާޙަކަށްވެސް ނޭނގެއެވެ. އެއީ އަފްރީން އޭނައާއިމެދު މިވަގުތު ދެކޭގޮތް ދެނެގަތުމަށްޓަކައި ކަންނޭނގެއެވެ. ނަމަވެސް އޭނަ ﷲ ފިޔަވައި އެހެން މީހަކު އޭނައާމެދު ދެކޭގޮތާމެދު ވިސްނާކަށް ނުޖެހޭކަން ހަނދާންކޮށް މިސްބާޙް ކުރިއަށް ދިޔައެވެ.
ދުޢާއަކުން ވާހަކަ ނިންމައި ހިނިތުންވުމަކާއެކީ މައިކާއި ދުރުވެލީ މިސްބާޙަށް ނޭނގުނު ކަމަކީ އޭނައަށް ފުރަތަމަ ފަހަރަށް އަފްރީންގެ ހިތް ދަމައިގަންނަފަދަ ކަމެއް ކުރެވިއްޖެ ކަމެވެ. މިސްބާޙް ލަސް ހިނގުމެއްގައި ގޮސް ފާރު ކައިރީގައި މަޑުކޮށްލީ ވަގުތު އިސްޖަހައިގެން ހުރި އަފްރީންގެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ. މިސްބާޙްގެ ވާހަކައިގެ މެދުތެރެއިން އޭނަގެ ނިޔަތާއިމެދު އަފްރީނަށް ޝައްކު ކުރެވުނެވެ. މިސްބާޙް އެ އުޅެނީ އޭނަ ލައްވާ މިސްބާޙަށް ތަޢުރީފު ކުރުވަން ކަމުގައި އަފްރީނަށް ނިންމުނެވެ. ނަމަވެސް ހަމައެކަނި އޭނަ ރުއްސުމަށްޓަކައި އެތައް ގަޑިއިރުތަކެއްގެ ލެކްޗަރެއް ބެލޭނެކަމާމެދު އަފްރީނަށް ޔަޤީނެއް ނުކުރެވުނެވެ. އެފަދަ ނިޔަތެއްގައި ޤުރުއާން ކިޔަވަން ފެށިއަސް ޤުރުއާނުގެ ހިދާޔަތް މީހަކަށް ލިބދާނެކަމަށް އަފްރީންގެ ހިތް ބުންޏެވެ. އެއާއެކު އަފްރީންގެ ހިނިތުންވުން ފުންވިއެވެ.
އެދުވަސްފަހުން އަފްރީނަށް މިސްބާޙް ފެންނަމުން ދިޔައީ ތަފާތު ނަޒަރިއްޔާތަކުންނެވެ. އަފްރީން ގިނަ ފަހަރު ދުރުބަލަން ހުއްޓަސް އޭނައަށް މިސްބާޙް ބަދަލުވެއްޖެކަން އޭނައަށް އެނގުންވަމުން ދިޔައެވެ. މިސްބާޙް ކުލާހަށް ވަންނައިރު ސަލާން ގޮވަނީ ވަކި އޭނަގެ ސަމާލުކަން ހޯދުމަށްޓަކައި ނޫންކަމަށް އަފްރީނަށް ޤަބޫލުކުރެވުނެވެ. އެކަން ޤަބޫލުކުރުމަށް އޭނައަށް ބާރު އަޅަނީ މިސްބާޙް ބެލުން ތިރިކޮށްގެން ކުލާހަށް ވަދެގެން ދާ ގޮތެވެ. ފަހަކަށް އައިސް މިސްބާޙް ކުލާހުގެ އަންހެން ކުދިންނާއި ދުރުދުރުން އުޅޭ ގޮތުންނެވެ. ނައުފާމެން ފަރި ގޮތަކަށް ގޮސް މިސްބާޙާއި ވާހަކަ ދައްކަން އުޅުމުން އޭނަ ވާހަކަ އޮޅުވާލާ އަޑު އިވިފައި އަފްރީނަށް ހިނިތުންވެލެވެއެވެ. އޭނައަށް މާ ބޮޑަށް މިސްބާޙަށް ސަމާލުކަން ދެވެން ފަށައިފިކަން އެނގުންވުމުން އަފްރީންގެ ހިތް ބިރުގަތެވެ. އޭނައަށް ނޭނގުމެއްގެ ތެރެއިން ވެސް މިސްބާޙަށް ނުބައި ކަމެއް ކުރުމަށް ދަޢުވަތު ދެވިދާނެތީ އޭނަ މިސްބާޙާއި ވީހާވެސް ދުރުދުރުން އުޅެވޭތޯ މަސައްކަތް ކުރިއެވެ. އިންޓަވަލް ގަޑީގައި މިސްބާޙް ކުލާހުގައި ހުރިއްޔާ އޭނަ ކުލާހުގައި ނުހުރެއެވެ. ކުލާހުގައި މިސްބާޙް ޖަވާބެއް ދޭއިރު އެންމެން އެކީގައި އޭނައަށް ބަލާއިރު ވެސް އަފްރީން ނުބަލައެވެ. އެއްދުވަހު ގްރޫޕް ވޯކެއް ހެދުމަށްޓަކައި އޭނަ މިސްބާޙާއި އެއް ގްރޫޕެއްގައި ޖެހުމުން އަފްރީން މުދައްރިސާއި ވަކިން ވާހަކަ ދައްކައިގެން ގުރޫޕް ބަދަލު ކުރުވިއެވެ. އަފްރީނަށް ވެވޭނެނަމަ އޭނަ އޭނަގެ ކުލާސްވެސް ބަދަލު ކުރީހެވެ. މިސްބާޙާއި ކިތަންމެ ދުރުން އުޅުނަސް އަފްރީނަށް ގެއަށް ގޮސްފައިވެސް ނޭނގުމެއްގެ ތެރެއިން މިސްބާޙްގެ ޚިޔާލުތަކުގައި ހުރެވެން ފެށިއެވެ. އޭނަ އެ ޚިޔާލުތަކުން ވެސް ދުރުގައިވުމަށް އޭނަ ދުވަހަކުވެސް ނުކިޔަވާ ވަރަށް ކިޔަވަން ފެށިއެވެ. ދޮންތަ ކައިރިން ބަދިގޭގެ މަސައްކަތްތައް ރަނގަޅަށް ދަސްކޮށް ބަދިގޭގެ ކަންތައްތައް ވެސް ކުރަން ފެށިއެވެ. ނަސްރާ ކިހިނެއްވީތޯ ސުވާލުކުރުމުން އަފްރީން ހިނިތުންވުމަކާއެކީ ވާހަކަ ނިންމާލިއެވެ.
އަނެކެއްގެ ޚިޔާލުތަކުގައި ހުރެވެނީ ހަމައެކަނި އަފްރީނަށް ނޫނެވެ. މިސްބާޙަށް ވެސް ބައެއްފަހަރު ކިޔެވުމަށް ސަމާލުކަން ދެވުމުގެ ބަދަލުގައި އެހެން ޚިޔާލުތަކެއްގައި ހުރެވެމުން ދިޔައެވެ. އަފްރީންގެ ޚިޔާލުތަކުގައެވެ. އަފްރީނާއިއެކީ ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އޭނަ ކިހާ ތަފާތުކަން މިސްބާޙަށް އެނގެމުން ދިޔައެވެ. އަފްރީން ކަހަލަ ލަދުވެތި ކުއްޖަކު އޭނަ ދުވަހަކުވެސް ނުދެކެއެވެ. އަފްރީނާއި ވާހަކަ ދެއްކި ފުރަތަމަ ދުވަހު އަފްރީން ވާހަކަ ދެއްކިގޮތް މިސްބާޙަށް އޭރު ކަމަކު ނުދިޔައެވެ. ނަމަވެސް މިހާރު އެދުވަސް ހަނދާންވެފައި މިސްބާޙަށް ހެވެއެވެ. އަފްރީން އެގޮތަށް ކަންތައްކުރީ އޭނައަށް ވެސް ރަނގަޅަށޭ ހިތަށްއަރައެވެ. އަފްރީން އެދުވަހު ފޮނި އަޑަކުން ވާހަކަ ދައްކަން ފެށިނަމަ އޭނައަށް އެދެމީހުން ވެސް ފަނާކުރުވަނިވި “ކުޅިގަނޑެއްގެ” ތެރެއަށް ވައްދާލެވުނީހެވެ. މުޅި ޢުމުރަށް ހިތާމަކުރަން ޖެހޭ ފަދަ ފާފަތަކެއް ކުރެވުނީހެވެ. ސިނާން ރާވާފައިވާ ރޭވުމުގެ މަތިން ހަނދާންވެފައި ވެސް މިސްބާޙްގެ މޭ ރޫރޫއަޅައެވެ. އޭނަ އެ ރޭވުމާއި އެއްގޮތަށް ކަންތައް ކުރުމަށް އެއްބަސްވީ ވެސް ކީކޭ ހިތަށްއަރައިގެންބާވައޭ ހިތް ބުނެއެވެ. އެހެނަސް ވަގުތު ފާއިތުވުމުގެ ކުރިން އޭނައަށް ހޭލެވުނީތީ މިސްބާޙަށް ޙަމްދުކުރެވުނެވެ. އޭނަ ދެން އަފްރީނަކަށް އެއްވެސް ކަމެއް ނުކުރާނެއެވެ. ސިނާނަށް ވެސް އެކަން ވިސްނައިދޭނީއެވެ. މިފަހަކަށް އައިސް ސިނާން އަފްރީންގެ ވާހަކައެއް ދައްކާއިރަށް މިސްބާޙް މަޢުޟޫއު ބަދަލުކޮށްލައެވެ. ނުވަތަ އަޑު ނުއިވޭ ކަމަށްހަދައި ފޯނު ކަނޑާލައެވެ. މިއަދު އެގޮތަށް ކަންތައް ކުރެވުނަސް މާދަމާ ސިނާނަށް އޭގެ ޖަވާބުދޭން ޖެހޭނެކަން މިސްބާޙަށް އެނގެއެވެ. ސިނާން އެ އެދޭ ކަންތައް އޭނަ ނުކޮށްފިނަމަ ސިނާން އެކަން ކުރުމަށް އެހެން މީހަކާ ޙަވާލު ކޮށްފާނެތީ މިސްބާޙްގެ ހިތް ބިރުގަތެވެ. އަފްރީން ރައްކާތެރި ކޮށްދެއްވުމަށް އެދި އެތައްފަހަރަކު ދުޢާ ކުރެވެމުން ދިޔައީ އެހެންވެއެވެ.
ސްކޫލް ފެށުނުތާ ދެވަނަ މަހުގެ މެދުތެރޭގައި އަފްރީން ޝަރީފާއެކީ އޯ ލެވެލް ޓޮޕް ޓެން ޖަލްސާއަށްޓަކައި މާލެއަށް ފުރަންޖެހުނެވެ. ރިހާސަލް އޮތް ފުރަތަމަ ދުވަހު އަފްރީން ދަރުބާރުގެއަށް ވަދެގެން ދިޔައިރު ކުދިންގެ ލިސްޓްތައް ހަރުކޮށްފައި ހުރި ބޯޑު ކައިރީގައި ބައިވަރު ކުދިން ތިއްބެވެ. އަފްރީން އެ ކުދިންތަކުގެ ތެރެއިން ކުޑަކޮށް ފުރޭނުމަށްފަހު އެ އެންމެންގެ މެދުގައި މަޑުކޮށްލަމުން އޭނަގެ ސްކޫލްގެ ލިސްޓް ފެނޭތޯ ބެލިއެވެ. ދުރުގައި ހުރެގެން ވެސް އަފްރީނަށް އޭނަގެ ނަން ފެނުނެވެ. ނަމުގެ ކައިރީގައި އޮތް ސީޓް ނަންބަރު ބަލާލަމުން ދާން އުޅުނު ވަގުތު އެ ލިސްޓްގައި އޮތް ސިނާންގެ ނަން ފެނިފައި އަފްރީނަށް އަނެއްކާވެސް ލިސްޓާއި ދިމާލަށް ބަލާލެވުނެވެ. ސިނާނަށްވެސް ލިބުނީ އެއްވަނައެވެ. ސިނާންގެ ނަމުގެ ކައިރީގައި އޮތް ނަންބަރަކީ އޭނަގެ ނަންބަރާއި ކައިރި ނަންބަރެއްކަން އެނގުން ވީހިނދު އަފްރީންގެ ގައިން ހީބިހި ނެގިއެވެ. އޭނަ ސިނާން ދެކޭކަށް ބޭނުމެއްނުވެއެވެ. ސިނާން ފެނުމުން އޭނައަށް ވާނެ ގޮތެއްވެސް ނޭނގެއެވެ. ސިނާން މާލޭގައި ނުހުންނާނެ ކަމަށްބުނެ އަފްރީން އޭނަގެ ހަމަޖެހުން ގެއްލިފައިވާ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އޭނަ މިހާރު ހުންނާނީ ބޭރު ޤައުމެއްގައި ކަމަށް ހިތް ބުނި ހިނދު އަފްރީން އޭނަގެ ހިތާއި އެއްބަސްވަމުން މީހުންތަކުގެ ތެރެއިން ނިކުންނަން އުޅުނެވެ.
އަފްރީނާއިއެކީ އެހެން ހުރިހާ ކުދިން ވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި ޖަލްސާ ހަމަޖެހިފައިވާ ހޯލު ފުރާލައިފިއެވެ. އަފްރީން ހުންނަން ޖެހުނީ އެންމެ ފުރަތަމަ ބަރީގައެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން އޭނަގެ ދެފަރާތުގައި ވެސް ތިބީ ދެ އަންހެން ކުދިންނެވެ. ސިނާން ކޮބައިތޯ އޭނަގެ ހިތް ސުވާލު ކުރި ވަގުތު ޖަލްސާ ހަމަޖައްސާ މީހުންތަކުގެ ތެރެއިން އަންހެނަކު އެމީހުންގެ ކައިރިއަށްޖެހި ހާޒިރީ ބަލަން ފެށިއެވެ. އާދަމް ސިނާން ވަޙީދު އޭ ބުނެލި އަޑަށް އެކަކު ވެސް ޖަވާބެއްނުދިނެވެ. ސިނާން ނާންނަކަމަށް ވަގުތުން މާކު ކުރެވިގެން ދިޔައެވެ. އަފްރީންގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އަފްރީން ފުރަގަހަށް ނުބެލިއެއްކަމަކު ސިނާން ގެ ގޮނޑިއަކީ ސީދާ އޭނަގެ ފުރަގަހުގައި ހުރި ގޮނޑިކަން އަފްރީނަށް އަންދާޒާ ކުރެވުނެވެ. ސިނާނާއި އެހާ ކައިރިވާތަން އަފްރީނަށް ޚިޔާލު ކުރަން ވެސް ދައްޗެވެ. ސިނާން ފަހުން ވެސް ނާންނާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ދުޢާކުރެވުނީ އެހެންވެއެވެ.
ރިހާސަލް ފެށި މާ ގިނައިރެއް ނުވަނީސް ހޯލުން މަޑުމަޑުން ކުދިން މަދުވާން ފެށިއެވެ. އެ މީހުން ސްޓޭޖަށް އަރާގަޑި ނުޖެހިގެން އެއްވަނަ، ދެވަނަ އަދި ތިންވަނަ ލިބޭ ގިނަ ކުދިން ފޫހި ފިލުވާލުމަށްޓަކައި ހޯލުން ބޭރަށް ދިޔައެވެ. އެހެން ކުދިން އެކުވެރިންނާއެކީ ދާތަން ފެނިފައި އަފްރީން ވެސް ދާން ބޭނުންވިއެވެ. ނަމަވެސް އޭނަ ދަންޏާ ދާންޖެހޭނީ އެކަންޏެވެ. ނައުފާމެން އޭނައާއެކީ ތަންތަނަށް ދާކަށް ނޭދޭނެއެވެ. އަފްރީނަށް ލިބުނު އާ އެކުވެރިންގެ ތެރެއިން މި ޖަލްސާއަށް އަންނަން އޮތީ އެންމެ ކުއްޖެކެވެ. އެކުއްޖާ މިއަދު ރިހާސަލަކަށް ނާދެއެވެ. އަފްރީން އެކަނި ބޭރަށް ދާކަށް ބޭނުމެއް ނުވިއެވެ. އޭނައަށް ފޫހިކަމާއެކީ ފުން ނޭވައެއް ދޫކޮށްލަމުން ހޯލުގެ ހުޅުވާލެވިފައިވާ ދޮރާއި ދިމާލަށް ބަލާލެވުނެވެ. އެކި ކުދިން ވަދެ ނިކުމެ އުޅޭތަން ބަލަން އިނދެފައި އަފްރީން ދުރު ބަލާލަން އުޅުމުން އޭނައަށް އެކަމެއް ނުކުރެވުނެވެ. އެ ދޮރު މައްޗަށް އެރީ ކާކުކަން އޭނައަށް ޤަބޫލުކުރަން ދަތިވީތީވެއެވެ. އޮރެންޖް ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްލައި ބޮލުގެ އިސްތަށިގަނޑުގައި ސްޕައިކެއް ޖައްސައިގެން އެތެރެއަށް މިވަންނަނީ ކާކުބާވައޭ އަފްރީނަށް އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ. އޭނަގެ ސިކުނޑި ސިނާންގެ ނަން ކިޔާލި ވަގުތު އަފްރީންގެ ހިތަށް އުނދަގޫވިއެއްކަމަކު އޭނައަށް ދުރުބަލާލާކަށް ނޭނގުނެވެ. އޭނަ ސިނާނަށް ބަލަހައްޓައިގެން ހުއްޓާ ސިނާން އޭނަގެ އަތުގައި އޮތް ފޯނުން ނަޒަރު ވަކިކޮށް އިސްއުފުލާލިއެވެ. ސިނާނާއި ހަތަރުކަޅި ހަމަވީތަނާ އަފްރީނަށް ދުރުބެލެން ފެށިއެވެ. އޭނަގެ ސިކުނޑި ސިނާނާއެކީ އޭނަ ވޭތުކުރި ހުރިހާ ވަގުތެއް އެއްފަހަރާ އޭނަގެ ހަނދާނަށް ގެނައެވެ. ހިނިތުންވުންތަކުން ފުރިގެންވި އެ ހުރިހާ ހަނދާނަކަށްފަހު ދެން ސިފަވެގެން ދިޔައީ ދެމީހުން ވަކިވި ރެއެވެ. އޭނަ ވަކިވާން ބޭނުންވާ ވާހަކަ ބުނުމުން ސިނާން ހަޅޭއްލެވި ގޮތެވެ. އޭނަ ދާން ހިނގައިގަތުމުން ސިނާން އޭނަގެ ފަހަތުން އައި ގޮތެވެ. އެންމެ ފަހު ވަގުތު ސިނާން ވައި އަޑުން އަފޫއޭ ކިޔާލި އަޑު ކަންފަތަށް އިވުނުހެން ހީވި ވަގުތު އަފްރީނަށް ދެލޯ މަރާލެވުނެވެ. އެ ދުވަސް ހަނދާންވެފައި ވެސް އަފްރީންގެ ހިތްދަތިވިއެވެ. އޭނަ އެދުވަހު ރުއި ފަދައިން ސިނާން ވެސް ރޯނެބާވައޭ އޭނަގެ ހިތަށްއެރިއެވެ. އެދުވަހު ކިތަންމެ ރުޔަސް މިއަދު ހުންނާނީ އެ ދުވަސްމަތިން ހަނދާންނެތިފައެއްނޫން ހެއްޔެވެ؟ ޚުދު އޭނަ ވެސް މި ހުރިހާ ދުވަހު އުޅުނީ އެ ދުވަސްމަތިން ހަނދާން ނައްތާލާފައެއްނޫން ހެއްޔެވެ؟ އޭނަ މާޒީ ދޫކޮށްލީ އޭނައަށް ހެޔޮ ވިސްނުމެއް ލިބުނީތީވެއެވެ. ސިނާނަށް ވެސް މިހާތަނަށް އައިއިރު އެފަދަ ވިސްނުމެއް ލިބިދާނެބާވައެވެ.
އަފްރީން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިންދާ ނުހަނު ކައިރިން ފުރަގަހުން ސިނާންގެ ހުނުމުގެ އަޑު އިވުމުން އޭނަ ސިހުންވިއެވެ. އަފްރީން ވަގުތުން އެތަނުން ތެދުވެގެން ދާން ބޭނުންވިއެވެ. ނަމަވެސް އޭނަ ދާނީ ކޮންތަނަކަށްބާވައޭ ހިތަށްއެރިއެވެ. ދެ ޚިޔާލެއްގެ މަތީގައި އަފްރީން ގޮނޑީގައި އިނދެ ހަމަޖެހޭތޯ ބެލިއެވެ. އޭނަގެ ފުރަގަހުގައި ހުރި ހުސް ބަރީގައި އިށީންނަނީ ސިނާން އެކަންޏެއް ނޫންކަން އަފްރީނަށް އެނގުނީ އަންހެން ކުއްޖަކު ވާހަކަ ދެއްކުމުންނެވެ.
“އޯ ސިނާން އައި މިސްޑް ޔޫ ސޯ މަޗް. މިތާ އެކަނި ހުންނަތާ ކިހާއިރެއް؟” އެ އަންހެން ކުއްޖާ ސިނާންގެ ކައިރީގައި އިނދެ ސިނާންގެ އަތުގައި ދެއަތުން ހިފަހައްޓައި އަނގަވަށްކޮށްގެން ހުރެ ވާހަކަ ދެއްކިއެވެ.
“އޯންވް….ސޮރީ އާލިޔާ ސްވީޓްހާޓް. މިއަދު ތަންކޮޅެއް ލަހުން ހޭލެވުނީ. ސްވީޓްހާޓްގެ ހުވަފެނެއް ބަލަން އޮވެވުނީ.” ސިނާން ހެވިފައި އިނދެ އާލިޔާ ގާތު އެހެން ބުނެލަމުން އެއްމިޔަކަނުން ހިނިތުންވެހުރެ ކުރީމަތީގައި އިން އަފްރީނަށް ނުލަފާ ގޮތަކަށް ބަލާލިއެވެ. އޭނަ ހިތުން އޭނަ އެހެން ބުނީ އަފްރީން ޙަސަދަވެރި ކުރުވުމުގެ ނިޔަތުގައެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އޭނަގެ އެ ވާހަކަ އިވިފައި އަފްރީންގެ މޭ ނުބައި ކުރިކަމެވެ. އަފްރީންގެ މޫނުމަތީގައި ވީ ނުރުހުންތެރިކަމެވެ. އެއީވެސް ދެން މީހުން ދައްކާ ވާހަކަހެއްޔޭ ހިތަށްއެރިއެވެ. އެފަދަ ވާހަކަތައް ބުނެގެން އެހެން އަންހެން ކުއްޖަކު ރުހުނަސް އޭނަ ދުވަހަކުވެސް ނުރުހޭނެއެވެ.
“އޯ ޑާލިންގް! ކިހިނެއްތަވީ ހުވަފެނުގަ؟” އަފްރީން އިތުރަށް ފޫހިވާ ރާގަކަށް އާލިޔާ ބުނެލި އަޑު އިވުނެވެ. އާލިޔާ އިނީ ސިނާނަށް ބަލަހައްޓައިގެން ކަމަށްވިޔަސް ސިނާންގެ ނަޒަރު ހުއްޓިފައިވީ އޭނަގެ ކުރިމަތީގައި އޭނައަށް ފުރަގަސްދީގެން އިން އަފްރީނަށެވެ.
“ހުވަފެނުގަ ފެނުނީ އަހަރެން އާލިޔާ ނޫން ކޮންމެވެސް ކުއްޖަކާ ރައްޓެހިވެގެން އުޅޭތަން. ކުރީކޮޅު ދެމީހުން އުޅުނީ ވަރަށް އުފަލުގަ. އެކަމަކު ފަހުން ރިއަލައިޒްވީ މި ޑޭޓް ކުރެވެނީ ސައިކޯ ކުއްޖަކާކަން. އެ ކުއްޖާ ކޮންމެވެސް ދަރުހެއް އިވުނޭ ކިޔާފަ އަހަންނާ ދުރުވާން ފެށީ. ހަމަ އެ ބަހަނާ ދައްކާފަ އަހަންނާ ބްރޭކް އަޕް ކުރީ. އޭގެ މަދު ދުވަސްތަކަށްފަހު އަހަރެން އާލް އާ ބައްދަލުވެ ހެޕީ އެންޑިންއެއް އައިތަން ފެނުނީ.” ސިނާން ސީރިއަސް ނަޒަރަކުން އަފްރީނަށް ބަލަން އިނދެ ކިޔައިދިނުމުން އާލިޔާ އޯވް އޭ ކިޔައި ސިނާނާއި އިތުރަށް ކައިރިވިއެވެ. ވާހަކަ އަޑުއިވެމުން ދިޔަ އަފްރީން އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ސިނާން ދެންމެ އެ ވާހަކަ ދެއްކީ އޭނައަށް އިއްވަންކަން އަފްރީނަށް ޔަޤީން ކުރެވުނެވެ. ދެން ސިނާން އުއްމީދުކުރަނީ އޭނަ ކިހިނެއް ހަދަން ހެއްޔެވެ؟ ރުޅި އައިސްގެން އޭނައާއި ދިމާލަށް އެއްޗެހި ގޮވަން ހެއްޔެވެ؟ ނުވަތަ ޙަސަދަވެރިވެގެން އޭނަގެ ލޯބިވެރިޔާއަށް ލޯއަޅަން ހެއްޔެވެ؟ ސިނާން ހީކުރަނީ އޭނަ ވަނީ އަދިވެސް އޭނަގެ ވަށައިގެންވި މީހުންނަށް އަޅުވެތިފައި ކަމަށް ހެއްޔެވެ؟ އަފްރީންގެ ހިތަށް އެތައް ހާސް ޝުޢޫރެއް ވެރިވެގެން ދިޔަ ވަގުތު އާލިޔާ އަނެއްކާވެސް ވާހަކަ ދެއްކި އަޑު އިވުނެވެ.
“އެކަމަކު ޑާލްސް ސުވާލެއް ކޮށްލަންތަ؟ އެ ސައިކޯ ކުއްޖާ އާލްއަށްވުރެ ރީތިތަ؟” އާލިޔާ ތަޢުރީފަކަށް އުއްމީދު ކުރަމުން ދެރަ ގޮތަކަށް އަހާލިއެވެ.
“އާލްއަށްވުރެ އެހެން އަންހެން ކުއްޖަކު ކިހިނެއް ރީތިވާނީ؟ އެހެން ނޫނަސް އެ ސައިކޯ ކުއްޖާއަކީ އަހަރެން ދުށް އެންމެ ހުތުރު ކުއްޖާ. އެކަހަލަ ހުތުރު ކުއްޖަކު އެއްވެސް ތަނަކުން ނުދެކެން. އޭނައާ އިންނާނެ މީހަކު ދުވަހަކުވެސް ނުވާނެ.” ސިނާން ބުނެލިއެވެ. އާލިޔާ ހީގަތް އަޑަށް އަފްރީނަށް ދެބުމަ ކައިރިކޮށްގެން އިނދެވުނެވެ. ސިނާންގެ ވާހަކަ އިވިފައި އޭނަ ދެރަވީ އަމިއްލަ ނަފްސަށްޓަކައެއްނޫނެވެ. ސިނާނަށްޓަކައެވެ. އޭނައާއިމެދު މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އޭނައަކަށް މައްސަލައެއްނެތެވެ. ﷲ ހުރިހާ އިންސާނުން ވެސް އެންމެ ރީތި ގޮތުގައި ހައްދަވާފައިވީއިރު އޭނަ ހުތުރުކޮށް ހުރުމަކީ ވާނެކަމެއް ނޫންކަން އޭނައަށް އެނގެއެވެ. އޭނަގެ ރީތިކަން ބަރޯސާވަނީ ފިރިހެން ކުއްޖަކު ދޭ ތަޢުރީފަކަށް އަދި އެހެން މީހަކު ބުނެލާ ހުތުރު ބަސްތަކަކަށްނޫނެވެ. އޭނައަކީ ސިކުނޑި ރަނގަޅު މީހެއްކަން އެހެން މީހަކަށް ނޭނގުނަސް ﷲ މޮޅަށް ދެނެވޮޑިގެންވާކަމުގެ ހަނދުމައިން އަފްރީންގެ ހިތަށް ހަމަޖެހުން ލިބިފައިވިއެވެ. ސިނާނަށް މިފަދަ ހަމަޖެހުމެއް ނުލިބޭނެކަން އެނގުންވުމުން އަފްރީން އޭނައަށް ޙަމްދަރުދީވިއެވެ. ސިނާން މިވަގުތު ވެސް ވިސްނަމުން އެދަނީ އެހެން މީހަކު ދެރަ ކޮށްލެވޭނެ ގޮތަކާއިމެދުގައެވެ. އެހެން މީހަކު ދެރަ ކުރުމުން ކިތަންމެ އުފާވެރި އިޙްޞާސްތަކެއް ކުރެވުނަސް އެއިން ދުވަހަކުވެސް ހިތަށް ހަމަޖެހުމެއް ނުލިބޭނެކަން ސިނާނަށް އެނގޭނެނަމައެވެ. އަފްރީނަށް ހިތާހިތުން ސިނާނަށް ހިދާޔަތް އިތުރުކޮށްދެއްވުމަށް އެދި ދުޢާކުރެވުނެވެ.
އެދުވަހުގެ ރިހާސަލް ނިންމާލުމަށްފަހު ސިނާން އޭނަގެ ބައްޕަ ޑްރައިވަރާއިއެކީ ފޮނުވި ކާރަށްއަރައި ވަގުތުން ގުޅީ މިސްބާޙަށެވެ. ފޯނު ކަންފަތުގައި ޖެއްސިއިރު ވެސް އޭނަގެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ.
“ސަލާމް.” އެކޮޅުން ޖަވާބު ދިނީ ކިޔަވާ މޭޒު ދޮށުގައި އިން މިސްބާޙެވެ.
“ވޯހް……ހާދަ ދީނީ ވެއްޖެއޭ ބްރޯ. ޕްރެކްޓިސްދޯ މިޝަން އަފްރީންއަށް؟” ސިނާން ހެވިފައި އިނދެ ވާހަކަ ދެއްކިއެވެ.
“ނޫން ސިނާން. ވީހާވެސް ގިނަގިނައިން އެކަކު އަނެކަކާ ސަލާމް ކުރަންވާނެ.” މިސްބާޙް ސީރިއަސްކަމާއެކީ ބުނެލިއެވެ. ސިނާން ބާރަށް ހޭންފެށިއެވެ.
“ހެހެހެހެ….މިސްބާ ތިހިރީ ހަމަ ކެރެކްޓާރއަށް ރަނގަޅަށް ވަދެވިފަ. ދެން އެ އަފްރީން މަޅީގަ ޖެއްސުމަކީ އުނދަގޫ ކަމަކަށް ނުވާނެ. އޭ އެނގޭތަ މިއަދު ވީ ގޮތެއް؟ ރިހާސަލްގަ އޭނަ އިނީ އަހަރެން ކުރިމަތީގަ. އަހަރެން އާލިޔާ ގޮވައިގެން އޭނަގެ ފުރަގަހުގައި އިނދެ އޭނައާއި ދިމާލަށް އެތަކެއްޗެއް ގޮވިން ނުސީދާ ގޮތަށް. އޭނަ މިއަދު ވަރަކަށް އެއްޗެހި ތަޅާނެ ގެއަށް ގޮސް.” ސިނާން މަޖާވެފައި އިނދެ ބުނެލިއެވެ. މިސްބާޙް އެއްވެސް އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
“ނޫން ސިނާން. އަފްރީން އެހާ ކުޑަކުޑަ ކަންކަމާ އެހާ އަވަހަށް ރުޅި ނާންނާނެ.” މިސްބާޙް ބުނެލިއެވެ.
“ވާވް! ހާދަ ރަނގަޅަށޭ ލޯބިވެރިޔާ ތި އެނގެނީ. ބުނެބަލަ. ކިހާ ހިސާބަކަށް ގޮއްސިތަ؟ އޭނައާއި ރައްޓެހިވެއްޖައިމުތަ؟” ސިނާން އަހާލިއެވެ. މިސްބާޙް ފުން ނޭވައެއް ދޫކޮށްލިއެވެ.
“ނޫން ސިނާން. އަހަރެން ވާކަށްވެސް ބޭނުމެއްނޫން. ހިނގާ މިކަން ހުއްޓާލަމާ.” މިސްބާޙް ބުނެލިއެވެ.
“ވަޓް؟!” ލިބުނު ޝޮކާއިއެކީ ސިނާން އަހާލިއެވެ.
ނުނިމޭ