Hijra (Part 32)
“ވަޓް؟!” ލިބުނު ޝޮކާއިއެކީ ސިނާން އަހާލިއެވެ. މިސްބާޙް ދެލޯ މަރާލިއެވެ. އަދި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.
“ސިނާން، އެހެން މީހަކަށް ދެރައެއްދީގެން އަހަރުމެންނަށް ކޯޗެއްތަ ލިބޭނީ؟” މިސްބާޙް ކޮށްލީ ސުވާލެކެވެ.
“އައިމް ސޮރީ ވަޓް؟” ސިނާނަކަށް ސާފެއްނުވިއެވެ.
“ސިނާން…….ސިނާންގެ ވެސް އަންހެން ކޮއްކޮއެއް ހުރޭ. ސިނާން ދުވަހަކުވެސް އެދޭނަންތަ އެ ކޮއްކޮއަށް މީހަކު އެފަދަ އަނިޔާއެއްދޭން؟” މިސްބާޙް އަހާލިއެވެ.
“ކޮންކަހަލަ ވާހަކަތަކެއްތަ ތި ދައްކަނީ މިސްބާ؟ އަހަރެން ބޭނުމެއްނުވާނެއެއްނު ރާޔާއަކަށް ކަމެއްވާކަށް؟” ސިނާންގެ ނިތަށް ރޫގިނަވިއެވެ.
“ދެން ކީއްވެ އަފްރީން އެހާ ބޮޑު އަނދަވަޅަކަށް ވައްޓާލަން ތި އުޅެނީ؟ ދީނީ ނަޒަރަކުން ބަލާއިރު އެއީ ވެސް ސިނާންގެ ކޮއްކޮއެއް ނޫންތަ؟” މިސްބާޙްގެ ވާހަކަ ނިމުނުތަނާހެން ސިނާން ވާހަކަ ދެއްކިއެވެ.
“ވަޓް ރަބިޝް މިސްބާ؟! މިސްބާއަށް އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް؟ އެ އަފްރީނަށް މި ދޭން އުޅެނީ އޭނައަށް ޙައްޤުވާ ބަދަލު. އޭނަ އެންމެން ކުރިމަތީގަ އަހަރެން ދޫކޮށްފަ ދިޔައީ. އެއްވެސް އަންހެން ކުއްޖަކު އޭގެ ކުރިން އަހަރެން ދޫކޮށްފަ ނުދޭ. ދޫކުރާ މީހަކީ އަބަދުވެސް އަހަރެން. އޭނަ އަހަރެން ދޫކުރީ އެހެން މީހަކާ ރައްޓެހިވާންކަން އަހަންނަށް ހަމަ ޔަޤީން. އޭނަ މިހާރުވެސް މަޖާކުރާނެ ކޮންމެވެސް އެއް ފިރިހެން ކުއްޖަކާއެކީ. އޭނަ……” ސިނާންގެ ވާހަކަ މެދުކެނޑުނެވެ.
“ސިނާން ޕްލީޒް! އެހެން މީހުންނާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރިން އެއްފަހަރު ވިސްނާލަބަލަ. ސިނާނަކަށް ނޭނގޭ އަފްރީނަކީ ކޮންކަހަލަ ކުއްޖެއްކަން.” މިސްބާޙަށް އެހެން ބުނެލެވުނީ ނުރުހުމުގެ ރާގަކަށެވެ. މިސްބާޙްގެ ވާހަކަ އިވިފައި ސިނާންގެ ނިތުން ރޫފިލިއެވެ. އޭނަ ދެބުމަ އަރުވާލަމުން ސީޓަށް ލެނގިލީ އޭނައަށް ކަމެއް އެނގިއްޖެހެން ހީވާ ފަދައަކުންނެވެ.
“ވާވް! ހާދަ ވަރަކަށޭ އޭނަގެ ދިފާޢުގަ ތި ވާހަކަ ދައްކަނީ؟ އަނެއްކާ……ކުއްޖަކަށް ކުއްޖަކު ކަމުދާން ފެށީތަ؟” ސިނާން ރާގަކަށް އަހާލިއެވެ. މިސްބާޙް އޭގެ ޖަވާބަކަށް ވަގުތުން އެއްޗެކޭ ބުނަން އުޅެފައިވެސް އޭނައަށް އަނގަ ލައްޕާލެވުނެވެ. އޭނަ ބުނަން އުޅުނީ އޭނަ އެހެން މީހުންނަށް ޤަދަރުކުރާ ފަދައިން އަފްރީނަށް ވެސް ޤަދަރު ކުރާ ކަމަށެވެ. އެހެނަސް އޭނަގެ ހިތުގައި އަފްރީނަށްޓަކައި ޚާއްޞަ ޖާގައެއްވާކަން ހަމަ އެވަގުތު އޭނަގެ ސިކުނޑި އޭނައަށް ހަނދާންކޮށްދިނެވެ. އޭނައަށް އަފްރީނާއިމެދު ވިސްނެނީ އެހެން އަންހެން ކުދިންނާއިމެދު ވިސްނާ ވަރަކަށް ނޫންކަން އޭނައަށް އެނގުންވިއެވެ.
“މްމްމް…..އިންޓްރެސްޓިންގް!” މިސްބާޙްގެ ޖަވާބެއް ނުލިބި އިރުކޮޅެއްވުމުން ސިނާން ބުނެލިއެވެ. އޭނަ އެއްމިޔަކަނުން ހިނިތުންވެގެން އިނީ އޭނައަށް މިސްބާޙްގެ ޖަވާބު އެނގޭ ފަދައަކުންނެވެ. މިސްބާޙް ދެންވެސް އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ.
“ބަޓް ސީރިއަސްލީ މިސްބާ. އޭނަ ނޫން ކުއްޖަކު ނުފެނުނީތަ؟ މިސްބާއާ ވަރަށް ނުގުޅޭ އޭނައާ.” ސިނާން ބުނެލިއެވެ. އޭނަގެ މަޑުމައިތިރި އަޑު މިސްބާޙް ޙައިރާންކުރުވިއެވެ. މިސްބާޙް ހީކުރީ ސިނާން އިތުރަށް ރުޅި އަންނާނެ ކަމަށެވެ. އޭނައަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ސިނާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ބްރޯ ދެން ކީއްތަ ކުރާނީ؟ ބްރޯއަށް އަހަރުމެންގެ ޓާގެޓްދެކެ ލޯބިވާން ފަށައިފިއްޔާ ދެން އޭނައަށް އެއްވެސް ކަމެއް ކުރެވޭކަށް ނެތެއްނު؟ ބްރޯއަށްޓަކައި ދެން މި މިޝަން ކެންސަލް.” ސިނާން ލުއި ހިނިތުންވުމަކާއެކީ ބުންޏެވެ. ސިނާންގެ އެންމެ ފަހު ބަސްތައް އިވިފައި މިސްބާޙްގެ އަނގަ ކުޑަކޮށް ހުޅުވުނެވެ. ކަންތައް ޙައްލުވެ ނިމިގެން މި ދިޔައީ އޭނަ ހީކުރި ވަރަށްވުރެ ވެސް ފަސޭހައިންނެވެ.
“ސީރިއަސް؟” މިސްބާޙަށް ޤަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށް އަހާލެވުނެވެ. ސިނާން ހޫންލައްވާލި އަޑު އިވިފައި މިސްބާޙަށް ބަޔާންކުރަން ދަތި ހަމަޖެހުމެއް ލިބުނެވެ. އޭނައަށް ދެންވެސް ޤަބޫލުކުރަން ދަތިވިއެވެ. އެހެނަސް ސިނާނަކީ އޭނަގެ ގާތް ކޮއްކޮއެއްކަން ހަނދާންވި ވަގުތު މިއީ ހަމަ ވެދާނެ ގޮތެކޭ ހިތް ބުންޏެވެ. ސިނާން ދުވަހަކުވެސް އޭނަ ހިތްދަތިވާ ގޮތަކަށް ކަންތައް ކޮށްފައެއްނުވެއެވެ. މިސްބާޙްގެ މޫނުމައްޗަށް ހިނިތުންވުމެއް ފެތުރުނެވެ.
“އެނީވޭސް ބްރޯ. ދެން އަންނަ ހަފްތާގަ އަހަރުމެންނަށް މިޑް ޓާމް ބްރޭކް ފެށޭ. މިފަހަރު އަހަރެން އަންނާނަން ތިކޮޅަށް. ދެމީހުން އެކީގަ ކުރާނެ ކަންތައް ޕްލޭން ކުރަން އަހަރެން ފަށައިފިން މިހާރުވެސް. ބްރޯވެސް ޕްލޭން ކުރޭ. އެބަ އަންނަން ވަރަށް އަވަހަށް.” ސިނާން އެންމެ ފަހު ބަސްތައް ބުނެލިއިރު އޭނަގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ.
“އިން ޝާ ﷲ. އަހަރެން ހުންނާނަން ރެޑީއަށް. އޭ މަންމަ އެބަގޮވާ އިނގޭ. ބާއި.” މިސްބާޙް އަވަސްއަވަހަށް އެހެން ބުނެ ފޯނު ކަނޑާލަމުން ލައްބައޭ ކިޔައި ކޮޓަރިން ނިކުންނަން ދިޔައެވެ. ދުއްވަމުން ދިޔަ ކާރުތެރޭގައި އިން ސިނާން ފޯނު ކަންފަތުން ނެގިއިރު އޭނަ ހުރީ ބުމަގޮށްޖެހިފައެވެ. މިސްބާޙަށް ކިހިނެއްވީބާއޭ އޭނަގެ ހިތަށްއެރިއެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނަ އަންނަން އޮތް ޗުއްޓީގައި އެކޮޅަށްދާން ނިންމައިގެން ހުރީ މިސްބާޙް އެމީހުންގެ ރޭވުމުގެ އެންމެ ފަހު ފައްތަރާއި ގާތްވާނެ ކަމަށް އުއްމީދު ކޮށްގެންނެވެ. އެ ރޭވުން ކާމިޔާބުވުމުން އަފްރީން ރޯތަން ހަމަ ލޮލުން ދެކެން ބޭނުންވެގެންނެވެ. މުޅި ރަށުތެރޭގައި އަފްރީންގެ ނުލަފާކަމުގެ ވާހަކަ ދެކެވޭ އަޑު އެހުމަށްޓަކައެވެ. ނަމަވެސް ކަންތައްވެގެން މި ދިޔައީ އޭނަ ހިވެސް ނުކުރާފަދަ ގޮތަކަށެވެ. މިސްބާޙް އޭނަގެ އަތުން ދޫކޮށްލިހެން ހީވުމުން ސިނާންގެ ހިތް ހިސާބަކަށް ދެރަވިއެވެ. އޭނަ ރޭވި ރޭވުން ކާމިޔާބު ކުރުމަށްޓަކައި ސިނާންގެ ނަޒަރު އެންމެ ޤާބިލިއްޔަތުކަން ލިބިގެންވަނީ މިސްބާޙަށެވެ. އެހެނީ މިސްބާޙަކީ އަންހެން ކުދިންގެ ގޮތްތައް މޮޅަށް ދަންނަ، އެމީހުން އޮޅުވާލުމަށްޓަކައި އެންމެ އޮމާންކޮށް ވާހަކަ ދައްކާ ފިރިހެން ކުދިންގެ ތެރެއިން އެކެކެވެ. ނަމަވެސް އެކަހަލަ މީހަކަށް ސިނާން ދަންނަ ހަމައެކަނި މީހަކީ މިސްބާޙެއް ނޫނެވެ. މި “ވަޒީފާ”އަށްޓަކައި އޭނައަށް އެހެން މީހަކުވެސް ލިބިދާނެއެވެ. އޭނަ ބިރުގަންނަނީ މިސްބާޙް އޭނަގެ ރޭވުމަށް ހުރަސް އަޅާފާނެހެން ހީވާތީވެއެވެ. އެކޮޅަށް ދިޔުން މިހާރު މުހިއްމުވަނީ މިހެންވެއެވެ. މިސްބާޙާއި ވާހަކަ ދައްކައިގެން އޭނަގެ ވިސްނުން ބަދަލު ކުރެވޭތޯ ބެލުމަށެވެ. އެކަން ނުހަނު ފަސޭހައިން ކުރެވިދާނެ ގޮތްތައް ސިނާންގެ މޮޅު ސިކުނޑި އޭނައަށް ކިޔައިދޭން ފެށިއެވެ.
އެ ހަފްތާ ތެރޭގައި ރާއްޖެ ޕްރެސްގައި ސިޔާސީ ގިނަ ޚަބަރުތަކެއް ލިޔެވިގެން ދިޔައެވެ. އޭގެ ތެރޭގައި ކޯޓުގައި އޮތް ނަވާޒްގެ މައްސަލައެއްގެ ވާހަކައާއި، މޯލްޑިވިއަން ރީފޯމް ޕާޓީ (އެމް.އާރް.ޕީ) ގެ މަޝްހޫރު މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވީ ވާހަކައާއި، އެމް.އާރް.ޕީ ގެ އެއްވުމެއްގައި ހިނގި ހަމަނުޖެހުމެއްގެ ވާހަކަ ހިމެނެއެވެ. މި ހުރިހާ ޚަބަރުތައް ކިޔަމުން ދިޔަ އަމީނަށް ހުރެވެނީ ދަތްކުނޑި ވިކަވިކައެވެ. މީގެ ކުރިން ދުވަހަކުވެސް އެއްދުވަސްވަރެއްގައި އެމް.އާރް.ޕީ ގެ މިހާ ގިނަ “ނޭދެވޭ” ވާހަކަތަކެއް މީހުންނަކަށް އިވިފައެއް ނުވާނެއެވެ. އަމީންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބެނީ އެ ހުރިހާ ޚަބަރެއްގެ ދަށުގައި ވެސް އެމް.އާރް.ޕީއަށް މަރުދޭ މީހުންގެ ކޮމެންޓްތައް ފެނިފައެވެ. އެހެނަސް އެ ކުޑަ ހަމަޖެހުން ވެސް ނެތި ދިޔައީ ހުކުރު ދުވަހު ޔޫނުސް ލިޔެ ނެރުނު ރިޕޯޓަކުންނެވެ. “އެންމެ ޚިދުމަތްތެރި ޕާޓީ؟” ނަމަކަށް ކިޔާ އެ ރިޕޯޓުގައި ވަނީ ރާއްޖޭގެ ހުރިހާ ޕާޓީއެއްގެ ފަރާތުން މިހާތަނަށް ފެނިފައިވާ ރަނގަޅު ކަންތައްތަކުގެ ވާހަކަތައް ލިސްޓުކޮށްފައެވެ. އެކިއެކި ޕާޓީތަކުގެ ފަރާތުން މުޖުތަމަޢަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް އަލި އަޅުވާލެވިފައިވީއިރު އެންމެ މަދު ޚިދުމަތްތައް ފޯރުކޮށްދީފައިވަނީ އެމް.އާރް.ޕީ އިންނެވެ. ރިޕޯޓު ނިންމަމުން ޔޫނުސް އެކަން ފާހަގަކޮށްފައި ނުވިޔަސް ކޮމެންޓްތަކުގައި ހުރިހާ ކިޔުންތެރިންހެން އެކަން ފާހަގަ ކުރިއެވެ. މިފަހަރު އެމް.އާރް.ޕީ ގެ ދިފާޢުގައި ނިކުންނަ ކިޔުންތެރިންނަށް ވެސް ބުނާނެ ވަކި އެއްޗެއް ނޭނގުނު ފަދައެވެ. ކިޔަވާ މޭޒުދޮށުގައި އިނދެ ކޮމެންޓްތައް ކިޔަމުން ދިޔަ އަމީން އައި ރުޅީގައި އޭނަގެ އަގު ބޮޑު ލެޕްޓޮޕް ނަގައި އަތުގެ ކޮޅަށް ހޫރާލިއެވެ. ލެޕްޓޮޕް ގޮސް ޓައިލްސް މަތީގައިޖެހި ވިސްވިސްވެގެން ދިޔައެވެ. އަމީން އެއަކަށް ފަރުވާލެއްނެތި ކޮޅަށް ތެދުވެ އޭނަގެ ފޯނު ނަގައި ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖެއްސިއެވެ. އެކޮޅުން ރިންގުވާން ފެށުމުން އަމީން ކޮޓަރީގައި ދެކޮޅުން ދެކޮޅަށް ހިނގަން ފެށިއެވެ.
“ހެލޯ؟” އެކޮޅުން ޖަވާބު ދިނީ ލުއި ހިނިތުންވުމަކާއެކީ އޭނަގެ ކިޔަވާ މޭޒުދޮށުގައި ލެޕްޓޮޕަށް ނަޒަރު ހުއްޓައިގެން އިން ނަވާޒްއެވެ.
“އެބަ ފެނޭތަ އެ ޔޫނުސް ކުރާ ކަންތައް؟” އަމީން އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލަމުން ހަރުއަޑުން އަހާލިއެވެ.
“އާނ އެބަ ފެނޭ. ވަރަށް ރީތި ރިޕޯޓެއްދޯ އެއީ؟ ވަރަށް މަޝްހޫރުވެސްވެއްޖެ އޭތި. 100 ޝެއާރސް.” ނަވާޒް ހެވިފައި އިނދެ ބުނެލިއެވެ.
“ރީތި ރިޕޯޓެކޭ؟ ނަވާޒްއަށް އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް؟ އެބަ އިނގޭތަ އެ ރިޕޯޓު މަޝްހޫރުވީމަ ވާނެ ގޮތެއް؟ ނަވާ……..” އަމީންގެ ވާހަކަ މެދުކެނޑުނީ ނަވާޒް ޗޮއްކަނޑާލުމުންނެވެ.
“އަމީން މާ ބޮޑަށް ތި ހާސްވަނީ. އަދިވެސް އެންމެ ގިނަ މެންބަރުން ތިބީ އަހަރުމެން ޕާޓީގަ. އިންތިޚާބު ކާމިޔާބު ކުރާނީ ހަމަ އަހަރުމެން.” ނަވާޒް އުއްމީދީ ގޮތަކަށް ބުންޏެވެ.
“ނަވާޒް ކޮން ދުނިޔެއެއްގަތަ ތި އުޅެނީ؟ އެ ޔޫނުސް ލިޔާ ރިޕޯޓުތަކަކުން އޭނަ ދަނީ އަހަރުމެންގެ މެންބަރުން އަތުލަމުން. އިންތިޚާބާއި ޖެހޭއިރު ޔޫނުސްގެ ޕާޓީއެއްވެސް އޮންނާނެހެން މަށަށް ހީވަނީ.” އަމީން އެހެން ބުނެލިތަނާހެން ނަވާޒް ހޭންފެށިއެވެ. އަމީންގެ ނިތަށް ރޫގިނަވިއެވެ.
“އެހެންނެއް ނުވާނެ އަމީން. ޔޫނުސްއަކީ ހަމައެކަނި މަޝްހޫރު ނޫސްވެރިއެއް. ހުރިހާ މަޝްހޫރު ނޫސްވެރިންނަކީ ޕާޓީތަކުގެ ވެރިންނެއް ނޫނެއްނު؟” ނަވާޒް އޭނަ އިން ގޮނޑިއަށް ލެނގިލަމުން ދެންވެސް ވާހަކަ ދެއްކީ ސަމާސާ ރާގަކަށެވެ. އޭގެ ސަބަބުން އަމީންގެ ރުޅި އިތުރަށް ގަދަވިއެވެ.
“ނަވާޒް! ކިހިނެއްވެގެންތަ ތިއުޅެނީ؟ މަށަށް ހީވަނީ އިންތިޚާބު ކާމިޔާބު ކުރުން އެހާ މުހިއްމެއްނޫންހެން ނަވާޒްއަކަށް. މިއީ ދޮގެއްތަ؟ ނަވާޒް ބޭނުމެއް ނުވިޔަސް އަހަރެން ބޭނުން ކާމިޔާބުވާން. ނަވާޒް ކަމެއް ނުކުރިއްޔާ އަހަރެން އެ ޔޫނުސްއަކު މަރައިގެން ވެސް އިންތިޚާބު ކާމިޔާބު ކުރެވޭތޯ ބަލާނަން.” އަމީން ދެލޯ ބޮޑުކޮށްގެން ހުރެ އެހެން ބުނެލި ވަގުތު ނަވާޒް ކުއްލިއަކަށް ނޫނެކޭ ކިޔައި ހިންދެމިލިއެވެ. އެއަށްފަހު އެ ދެމީހުންގެ ދެމެދަށް ހިމޭންކަން ވެރިވިއެވެ. ދެލޯ ރަތްވެފައި ހުރި އަމީން ފުން ނޭވާތަކެއް ލަމުން ދިޔައިރު ނަވާޒް ހުއްޓުން އަރާފައި އިނެވެ. އިރުކޮޅެއްފަހުން އެ ހިމޭންކަން ނަގާލީ ދެލޯ މަރައި ފުން ނޭވައެއް ދޫކޮށްލި ނަވާޒްއެވެ.
“އަހަރެންގެ އެބައޮތް ރޭވުމެއް. އަމީން އެއްވެސް ކަމެއް ނުކުރާތި.” ނަވާޒް ބުންޏެވެ.
“ކޮން ރޭވުމެއް؟” އަމީން އެހިއެވެ.
“މިވަގުތަކު ކިޔައިދޭކަށް ނެތިން. ފަހުން ކިޔައިދޭނަން.” ނަވާޒް ބުނެލިއެވެ.
“ކޮންމެ ކަމެއްކުރިޔަސް އަވަހަށް ކުރާތި!” އަމީން އަމުރުކުރިއެވެ. ނަވާޒް ހޫންލައްވާލުމުން އަމީން ފޯނު ކަނޑާލިއެވެ. ނަވާޒް އޭނަގެ ފޯނު ކަންފަތުން ނަގައި އޭތި ކިޔަވާ މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު ލެޕްޓޮޕުން އޭނަ ކިޔަކިޔާ ހުރި ރިޕޯޓު މައްޗަށް ސްކްރޯލް ކޮށްލިއެވެ. ރިޕޯޓުގެ ޞުރުޙީގެ މަތީގައި ހުރި ޕާސްޕޯޓް ސައިޒް ފޮޓޯއާއި އަރައި ހަމަވުމުން ނަވާޒް މަޑުކޮށްލިއެވެ. އެ ކުލަ ފޮޓޯގައި ހުރީ އެއްފަރާތަކަށް އެނބުރި ލުއި ހިނިތުންވުމަކާއެކީ ކުރިމައްޗަށް ބަލަހައްޓައިގެން ހުރި ޔޫނުސްއެވެ. ޔޫނުސްގެ ހިނިތުންވުން ފެނިފައި ނަވާޒްގެ މޫނުމައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. ޔޫނުސްގެ ލިޔުންތައް ކިޔާފައި ޔޫނުސް އަދިވެސް އޭނައަށް އިޙްތިރާމް ކުރާހެން ނަވާޒްއަށް ހީވެއެވެ. ޔޫނުސް އޭނައާއިމެދު ލިޔެފައި ހުންނަނީ އަދަބުވެރި ގޮތަކަށެވެ. ޔޫނުސް ބޭނުންވިނަމަ މިއަދު ޔޫނުސްއަށް ނަވާޒް މާޒީގައި ކޮށްފައިވާ ހުރިހާ ކަމެއް މުޅި ޤައުމަށް އަންގައި އޭނަ ފަޟީޙަތް ކޮށްލެވުނީހެވެ. ނަމަވެސް ޔޫނުސް އެހެން ނަހަދައެވެ. އެއީ ޔޫނުސް އޭނަދެކެ ލޯބިވާތީވެއޭ ނަވާޒްގެ ހިތް ބުނެއެވެ. ޔޫނުސްއާއި ބައްދަލުވާ ދުވަހަކުން ޔޫނުސް ހިނިތުންވުމަކާއެކީ އޭނަގެ ގައިގައި ބައްދާލާތަން މިހާރު ނަވާޒްއަށް ޚިޔާލު ކުރެވެއެވެ. ދާދި ދެންމެއަކު އޭނަ ރޭވި ރޭވުމަކީ އޭނަ އަމިއްލައަށް ޔޫނުސްއާއި ބައްދަލުކުރަންޖެހޭ ރޭވުމެކެވެ. އެކަމަށްޓަކައި ކެތްމަދުވުމުން ނަވާޒްއަށް ވަގުތުން ފޯނު ނަގައި ޓިކެޓް ނަގާ ތަނަކަށް ގުޅުނެވެ.
ބުރާސްފަތި ދުވަހެއްގެ މެންދުރު ވަގުތު ގެއަށް އައިސް ނަސްރާ ހެދުން ވެސް ބަދަލު ނުކޮށް ސިޓިންގް ރޫމުގެ ސޯފާގައި އިން ޔޫނުސްގެ ކައިރީގައި އިށީނެވެ. ޔޫނުސް އިނީ މޭޒުމަތީގައި ހުރި ލެޕްޓޮޕުން ލިޔުމެއް ލިޔާށެވެ. ނަސްރާ ޔޫނުސް ލިޔަމުން ދިޔައިރު އޭނަގެ ޢިބާރާތްތަކަށް ފާޑު ކިޔަމުން ސަމާސާ ކުރަމުން ދިޔައެވެ. ނަސްރާގެ ސަމާސާތަކުން ވެސް ޔޫނުސްއަށް އޭނަގެ ޢިބާރާތްތައް އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތައް އެނގެއެވެ. ޔޫނުސް ލިޔާ ބައެއް ލިޔުންތަކުގެ ޞުރުޚީތަކަކީ ވެސް ނަސްރާ އޭނައަށް ދޭ ޚިޔާލުތަކުގެ މައްޗަށް އޭނަ ދޭ ޞުރުޚީތަކެވެ. އެންމެ ފަހަކަށް ލިޔުނު ޕާޓީތަކާއިބެހޭ ރިޕޯޓަކީ ވެސް ނަސްރާގެ ޚިޔާލުގެ މައްޗަށް ލިޔެވުނު ރިޕޯޓެކެވެ. ނަސްރާ ބުނި ގޮތުގައި މާ ގިނަ ދުވަސްވަންދެން އެންމެންގެ ނުބައި ވާހަކަތައް ދެކެވިއްޖެއެވެ. ދެން ދައްކަންވީ މީހުންގެ ރަނގަޅު ވާހަކަތަކެވެ. ޔޫނުސް އެ ރިޕޯޓް ލިޔުނީ ދެ ޚިޔާލެއްގެ މަތީގައި އިނދެއެވެ. މިއީ ރިޕޯޓަކަށްވާނެބާވައޭ ވެސް އޭނަގެ ހިތް ބުނަމުން ދިޔައެވެ. އެހެނަސް އޭނަ ހީކުރި ގޮތާއި ޚިލާފަށް އެ ރިޕޯޓް މަޝްހޫރުވެގެން ދިޔައެވެ. އެދުވަހު ނިއުސް ފީޑުން ގިނައިން ފެންނަމުން ދިޔައީ އެ ރިޕޯޓް ޝެއާރކޮށްފައި ހުރިތަނެވެ.
ނަސްރާ ޔޫނުސްގެ ކޮނޑުގައި ބޯ އަޅައިގެން އޮތްވާ މީހަކު ގޭގެ ދޮރުގައި ޓަކި ދިން އަޑަށް ދެމީހުންގެ ނަޒަރުވެސް އެދިމާލަށް ދަތުރު ކުރިއެވެ. ޔޫނުސް އަމިއްލަ ނަފްސާ ކަހަލަ ގޮތަކަށް ކާކުހޭ ބުނެލަމުން ތެދުވެލީ ވަގުތު ނަސްރާ އޭނަގެ މޫނު ނިވާކޮށްލިއެވެ. ޔޫނުސް އާދައިގެ ހިނގުމެއްގައި ގޮސް އެ ދޮރު ހުޅުވާލުމާއެކު އޭނަ ހުއްޓުން އެރިއެވެ. ދޮރުމަތީގައި ބްރީފްކޭހެއް ހިފަހައްޓައިގެން ހުރި މީހަކު ފެނިފައި ސޯފާގައި އިން ނަސްރާއަށް ވެސް ލަސްލަހުން ކޮޅަށް ތެދުވެވުނެވެ. ނަސްރާގެ މޫނުމަތީގައިވި ޙައިރާންކަން ނުފެނުނެއްކަމަކު ޔޫނުސްގެ މޫނުމައްޗަށް ވެރިވި ޙައިރާންކަމާއި ރުޅިވެރިކަން އެކުލެވިގެންވި އަސަރު ސާފުކޮށް ފެންނަމުން ދިޔައެވެ.
ކުރިމަތީގައި ހުރި ޔޫނުސް ފެނިފައި ނަވާޒްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. މި ހުރިހާ ދުވަހު އޭނަ ޖެހުނީ ކޮންމެވެސް އެއް ބަހަނާއެއް ދައްކައިގެން ޔޫނުސް ދެކިލުމަށްޓަކައި އޮފީހަށްދާށެވެ. މިއަދުވެސް އައީ އެހެން ކަމަކު ކަމަށްވިޔަސް މިއީ އޭނަ ޔޫނުސްގެ ގެއަށް އައި ފުރަތަމަ ފަހަރެވެ. އޭނައަށް މިއަދު ޔޫނުސް ގޭގެ ތެރޭގައި އުޅޭގޮތް ފެންނާނެއެވެ. ގޭގެ ތެރޭގައި ޔޫނުސް އޭނައާއިމެދު ކަންތައް ކުރާނެ ގޮތް ދެކިލުމަށްޓަކައި ނަވާޒް ކެތްމަދުވިއެވެ.
“އެތެރެއަށް ވަންނާށޭ ނުބުނާނަންތަ؟” ނަވާޒް ހެވިފައިހުރެ ލޯބިން ފުރިގެންވި އަޑަކުން ސުވާލުކުރިއެވެ. ޔޫނުސް އަވަހަށް ވަންނާށޭ ބުނާނެ އިރަކަށް ނަވާޒް އިންތިޒާރު ކުރިއެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަގެ ސިކުނޑިއަށް ވެރިވަމުން ދިޔައީ ހުރިހާ ފޮނި ހަނދާންތަކެއް ކަމަށްވިޔަސް ޔޫނުސްގެ ލޮލަށް ސިފަވަމުން ދިޔައީ ހުރިހާ ހިތި ހަނދާންތަކެއް ކަމެވެ. ނަވާޒް އޭނަގެ ކުރިމަތީގައި ހުއްޓާ ފާއިތުވާ ކޮންމެ ސިކުންތަކާއެކީ ޔޫނުސްގެ ރުޅިގަދަ ވަމުން ދިޔައެވެ. އޭނަގެ މަންމަ ގާތު މީހަކު އައިސް ނަވާޒް ކޮންމެވެސް އެހެން އަންހެނަކާ ރައްޓެހިވެއްޖެއޭ ބުނި އަޑު ކަންފަތަށް އިވުނުހެން ހީވި ވަގުތު ޔޫނުސްގެ މުއްކެވިގެން ދިޔައެވެ. ނަވާޒް އޭނަގެ މަންމައާއި ދިމާލަށް އެއްޗެހި ގޮވައި އެކި އަނިޔާތައް ދޭ މަންޒަރު ލޮލަށް ސިފަވިހެން ހީވުމުން ޔޫނުސްގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ނަވާޒް އޭނަގެ އަތުގައި ހިފައިގެން ގޮސް ގެއިން ނެރެ އޭނަގެ މަންމަވެސް ގެއިން ނެރެލީ ހަނދާންވުމުން މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. އޭނައާއި އޭނަގެ މަންމަ އުޅެންޖެހުނު ޙާލު ހަނދާންވެފައި އޭނަ ކާރުގައި ބުރަކި ޖައްސާލި އަޑު ކަންފަތަށް އިވުނުހެން ހީވި ވަގުތު ޔޫނުސް ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. ނަމަވެސް ހަމަ އެވަގުތު އޭނަގެ ފުރަގަހުން ނަސްރާ ވާހަކަ ދެއްކިއެވެ.
“އަވަހަށް ވަދޭ.” ނަސްރާ ކުރިއަށް ފިޔަވަޅެއް އަޅާލަމުން ނަވާޒްއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އެއާއެކު ޔޫނުސް މައިތިރިވިއެވެ. އޭނަ ފުން ނޭވާތަކެއްލަމުން ފަސްއެނބުރި ނަސްރާއަށް ބަލާލިއެވެ. ނަސްރާ އެއްފަހަރު ޔޫނުސްއަށް އަނެއްފަހަރު ނަވާޒްއަށް ބަލާލިއެވެ.
“ޔޫނުސްގެ އަންހެނުން، ދޯ؟” ނަވާޒް ނަސްރާއަށް ޢިޝާރާތް ކޮށްލަމުން ޔޫނުސްއަށް ދޯދިނެވެ. ޔޫނުސް މަޑުމަޑުން ބޯޖަހާލަމުން ނަވާޒް ވަނުމަށް ތަންދެއްކިއެވެ. ނަވާޒްއަށް އޭނައަކީ ކާކުކަން އެނގުނު ގޮތުން ނަސްރާ ހިސާބަކަށް ޙައިރާންވިއެވެ. ނަމަވެސް އެއީ ނަވާޒްއަށް ހީވި ހީވުމެކޭ ފަހުން ނަސްރާގެ ހިތް ބުންޏެވެ. ނަސްރާ ބަލަބަލާ ހުއްޓާ ނަވާޒް އޭނައާއި ހިނިތުންވެލަމުން ގޭތެރެއަށް ވަދެގެން އައިސް އެތާ ވަކި ހުރި ސޯފާގައި އިށީނދެ އަތުގައި އޮތް ބްރީފްކޭސް ބިންމަތީގައި ބެހެއްޓިއެވެ. އެވަގުތު ޔޫނުސް ދެންވެސް ނުރުހުންވެފައިވާ މޫނަކާއެކީ ދޮރު ލައްޕާލަމުން ސިޓިންގް ރޫމުގެ ސޯފާތަކާއި ދިމާލަށް އަންނަން ފެށިއެވެ. އެ އައި މަގުމަތީގައި އޭނައާއި ނަސްރާގެ ލޯ ބައްދަލުވީ ވަގުތު ނަސްރާ މަޑުމަޑުން ބޯހޫރުވާލީ ރުޅި ނާންނާށޭ ބުނާ ފަދައަކުންނެވެ. އެހެނަސް އެއިން ޔޫނުސްގެ މޫނުމަތީގައިވި ކުލަވަރަކަށް ބަދަލެއް ނުގެނައެވެ. އޭނަ ބުމަގޮށްޖެހިފައި ހުރެ ގޮސް އޭނަ ކުރީގައިވެސް އިށީނދެގެން އިން ސޯފާގައި އިށީނދެ އޭނަގެ ހުޅުވާލެވިފައިވާ ލެޕްޓޮޕް ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ. އެއަށްފަހު ޓައިޕްކުރަން ފެށިއެވެ. ކޮޅަށްހުރި ނަސްރާ އެއްފަހަރު ޔޫނުސްއަށް އަނެއްފަހަރު ނަވާޒްއަށް ބަލާލިއެވެ. ޔޫނުސްއަށް ބަލަހައްޓައިގެން އިން ނަވާޒްގެ މޫނުމައްޗަށް މާޔޫސްކަން ވެރިވަމުން ދިޔަތަން ނަސްރާއަށް ފެނުނެވެ. އެކަން ޙައްލު ކުރުމަށްޓަކައި ނަސްރާ ވާހަކަ ދެއްކިއެވެ.
“އަމް……ސައި ހަދައިދެންތޯ؟” ނަސްރާ ޖެހިލުންވުމަކާއެކީ އެމީހުންގެ މެދަށް ވެރިވެފައިވި ހިމޭންކަން ނަގާލިއެވެ. ޔޫނުސްއާއި ނަވާޒްގެ ނަޒަރުވެސް އޭނައަށް ހުއްޓިގެން ދިޔައެވެ.
“އުނހު…..މައްސަލައެއްނެތް. ކަނބުލޮ ތިތާ އިށީނދެބަލަ.” ނަވާޒް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރަމުން ނަސްރާއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. އެއްވެސް މީހަކަށް ނުފެނުނެއްކަމަކު ނަވާޒް ކަނބުލޮއޭ ކިޔައި ގޮވާލުމުން ނަސްރާގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. އޭނަގެ ހިތުގައި ނަވާޒްއަށްޓަކައި އިޙްތިރާމެއް އުފެދުނެވެ. ނަސްރާ ނަވާޒްގެ ބަސްއަހައިގެން ޔޫނުސްގެ ކައިރީގައި އިށީނެވެ. އެވަގުތު ޔޫނުސް އަނެއްކާވެސް ލެޕްޓޮޕަށް ނަޒަރު ހުއްޓައި ޓައިޕްކުރަން ފެށިއެވެ. ނަސްރާ ޔޫނުސްގާތު ސިއްރުސިއްރުން ވާހަކަ ދައްކާށޭ ބުނަން އުޅުނު ވަގުތު ނަވާޒް ފުން ނޭވައެއް ދޫކޮށްލިއެވެ.
“މި ވާހަކަ ފަހަރެއްގަ ޤަބޫލުކުރަން ދަތިވެދާނެ އެކަމަކު………އަހަރެން މިއީ ޔޫނުސްގެ ބައްޕަ. ޔޫނުސްގެ އަންހެނުންނަށް މިކަން އެނގެންޖެހޭނެހެން ހީވާތީ މި ބުނެލީ.” ނަވާޒް ބުންޏެވެ.
“އެނގޭ. ޔޫނުސް ކިޔައިދިން.” ނަސްރާ ޖޯޝެއް އެކުލެވިފައިވި އަޑަކުން ބުނެލިއެވެ. ނަވާޒް އަނެއްކާވެސް ހިނިތުންވެލީތަން ފެނުނެވެ. ޔޫނުސްއަށްޓަކައި އޭނައަކީ މުހިއްމު މީހެއްކަން އިޙްޞާސް ކުރެވުމުން ނަވާޒް އުފާވީއެވެ.
“ޔޫނުސް……ކިހިނެއްތަ ދަރިފުޅާ؟ ދަރިފުޅު މިހާރު ހާދަ މޮޅުވެއްޖެއޭ. މިހާރު އަބަދު އިވެނީ ރާއްޖެ ޕްރެސްގެ ވާހަކަ. އެޗް.އެން ނިއުސް ވެސް ވައްޓާލާނެ އަދި ރާއްޖެ ޕްރެސް.” ނަވާޒް ހެވިފައި އިނދެ ދައްކަމުން ދިޔަ ވާހަކަ ނިމުނުތަނާ ޔޫނުސް ވާހަކަ ދެއްކިއެވެ.
“ދެން ވީ ރާއްޖެ ޕްރެސް ވެސް އަންދާލަން ދޯ؟ އަހަރެން އޮޅުވާލަން ނުއުޅޭތި. ތިއައީ ކޮންމެވެސް ކަމަކު. ކީއްކުރަންތަ ތިއައީ؟” ޔޫނުސް ރުޅި މޫނަކާއެކީ ނަވާޒްއަށް ބަލާލި ވަގުތު ނަވާޒްއަކީ އޭނަގެ ބައްޕަކަން ހަނދާން ނެތިއްޖެއެވެ. ޔޫނުސްއަށް ބަލަން އިން ނަސްރާ ނުރުހުންވިއެވެ. ޔޫނުސް ދެންމެ އެ ވާހަކަ ދެއްކީ އޭނަ ބީރައްޓެއްސަކާއިވެސް ވާހަކަ ދައްކާ ފަދައަކުން ނޫނެވެ. ޔޫނުސްއަށް އޭނަގެ ބައްޕައާއި އެގޮތަށް މުޚާތަބުކުރަން ކެރުނީ ކިހިނެއްބާވައޭ ނަސްރާގެ ހިތަށްއެރިއެވެ. ނަސްރާ ނަވާޒްއަށް ބަލާލި ވަގުތު ނަވާޒް ދެރަ ގޮތަކަށް އިސްޖަހާލިތަން ފެނިފައި އޭނަގެ ހިތް ހިތާމަ ކުރިއެވެ. ނަސްރާ ބަލަން ހުއްޓާ ނަވާޒް އޭނަ ބިންމަތީގައި ބެހެއްޓި ބްރީފްކޭސް ނަގައި މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު އޭތި ހުޅުވާލިއެވެ. އޭގެ ތެރޭގައި ހުރި ފަސް ސަތޭކައިގެ ނޫޓުގެ ބޮނޑި ފެނިފައި ނަސްރާގެ ދެލޯ ބޮޑުވިއެވެ. ޔޫނުސް އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.
“ނަސްރާ ޙައިރާންވޭތަ؟ އަހަރެން ނުވޭ. މީނަ ކުއްލިއަކަށް ދަރިފުޅާއޭ ކިޔައި ވާހަކަ މި ދައްކަނީ އަހަރެންގެ ރިޕޯޓުތަކުގެ ސަބަބުން މީނައަށް ވޯޓު ގެއްލޭހެން ހީވާތީ.” ޔޫނުސް އިންތިހާ ދަރަޖައަށް ނުރުހުންވެފައިހުރެ ވާހަކަ ދެއްކިއެވެ. ޔޫނުސްގެ ބަސްތައް ތޫނު ތީރުތަކެއް ފަދައިން ގޮސް ނަވާޒްގެ ހިތަށް ހެރުނެވެ.
ނުނިމޭ