ނަފްސީ (ހަތްދިހަ އެއްވަނަ ބައި)
“ދެޓްސް ސޯ އުސްތާޒާ. ހެހެ…..މޭއި ﷲ ބްލެސް ހާރ.” ހިލްޔާއަށް ބުނެވުނެވެ.
“އާމީން….އުސްތާޒާއެއް ނޫނޭ މިހާރު. މަންމަ.” ދާނިޝް ހިލްޔާއާއި ހިނިތުންވެލަމުން ބުންޏެވެ. ދާނިޝް އެ ބުނި އެއްޗެއް މާނަ ނަގައިގަންނަން ހިލްޔާއަށް އިރުކޮޅެއް ނެގިއެވެ.
“މަންމަ…” ހިލްޔާއަށް އެއްދިމާލަކަށް ނަޒަރު ހުއްޓާލަމުން އެހެން ބުނެވުނެވެ. އެހިނދު އުސްތާޒާގެ މޫނު ލޮލަށް ސިފަވުމުން މޭގައި ރިހުމެއް ހިނގާލިއެވެ. އުސްތާޒާއަކީ އޭނަގެ މަންމަ ނެތް ދުނިޔޭގައި އޭނައަށް ހެޔޮގޮތް ކިޔައިދިން ‘މަންމަ’ އެވެ. މިއަދު އެ ‘މަންމަ’ ގެ ލޯބިން ވެސް އޭނަ މަޙްރޫމްވެފައިވާކަން އެނގުމުން ހިތް ދެރަވިއެވެ.
އެވަގުތު ހިލްޔާއަށް ލުއި ނަޒަރެއް ދެވުނު ދާނިޝްއަށް ހިލްޔާގެ މޫނުމައްޗަށް ވެރިވި މާޔޫސްކަން ފާހަގަވިއެވެ. އެހިނދު އެ ހިތަށް އެއްވެފައިވާ ޖަޒުބާތުތައް ވެރިވިއެވެ. މަންމަ ވަކިވެ ދިޔުމުގެ ހިތާމަ ޙިއްސާ ކުރާނެ މީހަކު ހުރީތީ އުފަލެއް ލިބުނު ހިނދު، މަންމަ މިއަދު ހުރި ނަމައޭ ވެސް ހިތަށްއެރީ މާ ބޮޑަށެވެ. މިއަދު އޭނައާއި ހިލްޔާގެ ކައިވެނިން މިވަނީ މަންމަގެ ވަރަށް ބޮޑު އެދުމެއް ފުރިހަމަވެފައެވެ. އޭނަ ހިލްޔާއާއިއެކީ ހުއްޓާ މަންމައަށް ފެންނާނެނަމަ މަންމަ ގެ މޫނުމައްޗަށް ވެރިވާނެ ކުލަވަރު ސިފަކުރަން މަސައްކަތް ކުރެވުނު ޢަދަދެއް ވެސް ދާނިޝްއަށް ނޭނގެއެވެ.
ދާނިޝް މި ހުރިހާ ވާހަކައެއް ހިލްޔާ ގާތު ދައްކަން ނުހަނު ބޭނުންވެއެވެ. ވަކިން ޚާއްސަކޮށް މަންމަ އޭނަ ގާތު ހިލްޔާގެ ވާހަކަ ދައްކާފައިވާ ގޮތެވެ. މިހާތަނަށް އައިއިރު ހިލްޔާ ގާތު އެ ވާހަކަ ދެކެވިފައި ނުވަނީ، މަންމަ ނިޔާވި އެ ރޭގެ ހަނދާންތައް އާ ކުރަން ބޭނުން ނުވާތީވެއެވެ. އެ ހަނދާން އާވެއްޖެނަމަ ވާހަކައިގެ ތެރެއިން އޭނައަށް ހިލްޔާގެ ކުރިމަތީގައި ރޮވިދާނެކަމުގެ ބިރު ހީވިއެވެ. ހިލްޔާގެ ކުރިމަތީގައި ރޮވެން ދާނިޝް ބޭނުމެއް ނުވިއެވެ. އޭނަ ވާންޖެހޭނީ ހިލްޔާގެ ރައްކާތެރިކަމާއި ހިތްވަރަށް ނޫންހެއްޔެވެ؟ ކަން މިހެން އޮތްއިރު ހިލްޔާއަށް ޙައްލު ވެސް ކޮށްނުވޭނެ ކަމަކާއިމެދު އޭނަ ހިތާމަ ފާޅު ކުރަން ފަށައިފިނަމަ ޚުދު ހިލްޔާ ވެސް ކިހާ ދެރަވާނެ ހެއްޔެވެ؟
ހިތަށް ވެރިވި އެ ޚިޔާލުތަކުގެ ސަބަބުން ދާނިޝް އަނެއްކާވެސް ހިލްޔާއާއި މަންމަގެ ވާހަކަތައް ޙިއްސާކުރުން މަދު ކުރުމަށް ނިންމިއެވެ. އަދި އެ ޚިޔާލާއިމެދު ހިތްހަމަޖައްސަމުން ހިލްޔާ ކުރެން މެންދުރު ކާނީ ކޯޗެއްކަމާއި މެދު ސުވާލު ކުރިއެވެ.
ގަޑިއިރަކަށްވުރެ ވެސް ދިގުވެގެން ދިޔަ އެ ދަތުރުމަތީގައި ހިލްޔާއަށް ނިދާލެވުނެވެ. ނިދުނު ވަގުތު ދާނިޝް އޭނަ ލެނގިގެން އޮތް ސީޓް ތިރިކޮށް ދިނުމުން އިތުރަށް އަރާމުވެލެވުނެވެ. ހިލްޔާއަށް ނިދިން ހޭލެވުނުއިރު ބޭރުތެރެއިން ފެންނަމުން ދިޔައީ ދިގު ޢިމާރާތްތަކުގެ ބަދަލުގައި ފެހި ވިނަތަކާއި ފަރުބަދަތަކެވެ. އެއާއިއެކު ސީދާ ވެލަމުން އެއްފަހަރު އެ މަންޒަރުތަކަށް އަނެއްފަހަރު ޑޭޝްބޯޑުގައިވާ ގަޑިއަށް ނަޒަރެއް ދެވުނެވެ. އޭނައަށް ނިދިފައި އޮވެވުނީ ބައިގަޑިއިރަށްކަން އެނގުނު ވަގުތު ދާނިޝްގެ އަޑު އިވުނެވެ.
“ވަރަށް ވަރުބަލިދޯ؟ މި ދެވުނީ އިނގޭ. ހިއާރ.” ދާނިޝް އެހެން ބުނެލިއިރު ކާރުގެ ވާތް ފަރާތުން ފެނިގެން ދިޔައީ ތިން ފަންގިފިލާއަށް ހެދިފައިވާ ހުދުކުލައިގެ ބޮޑު ގަނޑުވަރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ފުޅާ، ބިޔަ ގޭގެ ވަށައިގެން ހުދުކުލައިގެ ފާރެއް ރޭނިފައިވީއިރު، ކުރިމަތީގައި ހުރި ފާރުގެ މަތީގައި ކަޅުކުލައިގެ ޑިޒައިން ކުރެވިފައިވާ ފެންސެއް ހަރުކުރެވިފައިވިއެވެ. ހަމަ އެ ޑިޒައިނަށް ހުރި ބޮޑު ގޭޓުގެ އަނެއް ފަރާތުން މެދުމިނުގެ ފެން އަރުވާ ވަޑާމެއް ފެންނަމުން ދިޔައިރު، ދުރުދުރަށް ވެސް ފެހި ވިނަތަކާއި، އެކި ޒާތްޒާތުގެ ގަސްތަކުގެ ފެހިކަމުން ގޭގެ ފެންޑާ ރީތި ކުރެވިފައިވިއެވެ.
ދާނިޝް އެ ގެއަށް ދެވޭ މަގަށް އަޅަމުން ސީދާ އެ ގޭޓު ކުރިމަތީގައި ގޮސް ކާރު މަޑު ކޮށްލުމާއިއެކު ގޭޓު ހުޅުވެން ފެށިއެވެ.
“އަނެއްކާ ދެވަނަ ހަނީމޫނަކަށްތަ މިއައީ؟ ގެސްޓް ހައުސްއެއް؟” ޒާތެއްގެ ހިނިތުންވުމަކާއެކީ ހިލްޔާއަށް އަހާލެވުނެވެ. ދާނިޝްގެ ގޭގައި މަސައްކަތް ކުރާ މީހުން އުޅޭކަން ހަނދާންވީ އެ ސުވާލުތައް ކޮށްލެވުނު ފަހުންނެވެ.
“ނޯ، ވީ އާރ ހޯމް. ގެސްޓް ހައުސްއެއް ނޫނަސް ހަނީމޫން ހެދިދާނެއެއްނު؟” ދާނިޝް ލާނެތް ހިނިތުންވުމަކާއިއެކީ އެހެން ބުނެ ހިލްޔާއަށް ބަލާލަމުން އެއްލޯ މަރާލިއެވެ. އެ ހިނދު ހިލްޔާއަށް ހިނިތުންވެލެވުނީ ވަކި ވަރަކަށެވެ. ހުޅުވިގެން ދިޔަ ގޭޓް ތެރެއަށް ދާނިޝް ކާރު ވައްދަން ފެށުމުން ފެންނަމުން ދިޔަ މަންޒަރުތަކަށް ބަލަން އާގަމަވެފައި އިނދެވުނެވެ.
އެ މަންޒަރުތަކަށްވުރެ ބޮޑަށް ހިލްޔާ އާގަމަވެފައިވީ، ދާނިޝްއަށް މިހާ ބޮޑު ތަނަވަސްކަމެއް ދެއްވާފައިވިޔަސް، ވޭތުވެ ދިޔަ މަސްތަކުގައި ދާނިޝް އުޅެފައިވާ ގޮތުންނެވެ. ދާނިޝްގެ އެ ސީދާ ސާދާ މިޒާޖެވެ. އެހެން މީހުންނަށް އެހީވުމުގައި ކުރި އަރައިދާން މަސައްކަތް ކުރާ މަތިވެރި ސިފައެވެ. ދުވަހެއްގެ ކޮޅުން ވެސް މީހެއްގެ ކުރިމަތީގައި ދާނިޝްއަށް ލިބިފައިވާ މުދަލުގެ ވާހަކަ ދުލާއި ހަމައަށް ނުގެނައި ގޮތެވެ. މިވަގުތާއި ޖެހެންދެން ވެސް ދާނިޝް ގެ ކިބައިން ކިބުރުވެރިކަމުގެ ލިސާނެއް ވެސް ހިލްޔާއަށް ފާހަގަ ނުކުރެވުނު ގޮތެވެ.
އެވަގުތު އެއީ ކީއްވެތޯ ހިލްޔާގެ ހިތަށްއެރިއެވެ. އޭނަގެ އީމާންތެރިކަމެއް ހުއްޓަސް އޭނައަށް ﷲ މިފަދަ ނިޢުމަތެއް ދެއްވައިފިނަމަ އޭނަގެ މިޒާޖަށް ބަދަލެއް އައިސްދާނެ ކަމުގެ ބިރު ހިލްޔާގެ ހިތުގައި އޮތެވެ. ޚުދު އެވަގުތު ވެސް އެފަދަ އިޙްސާސެއް ކުރެވުމުން އެއިން އޭނަ ރައްކާތެރިކޮށްދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ހިތާހިތުން ދެންނެވުނެވެ.
މިފަދަ އިޙްސާސްތަކެއްގައި ހިލްޔާ ވަނިކޮށް، ދާނިޝް ފެން އަރުވާ ވަޑާމުގެ ވަށައިގެން އޮތް މަގުން ގޮސް ގޭގެ މައިދޮރު ގެ ކުރިމައްޗަށް ވާ ގޮތަށް ތަނަވަސް ޕޯރޓިކޯގައި ކާރު މަޑުކޮށްލިއެވެ.
“އަލްޙަމްދުލި ﷲ. ދިގު ދަތުރަށް ނިމުމެއް އައިއްސި. ފްލައިޓް ވާހަކަ އެކަންޏެއް ނޫން. އަހަރެން ގެއަށް މިއައީ ގާތްގަނޑަކަށް 8 މަސް ފަހުން. އެއްކޮހެހެ….ހިނގާ ދާން.” ދާނިޝް އެހެން ބުނެ ސީޓް ބެލްޓް ނައްޓަމުން ހިލްޔާއަށް ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. ހިލްޔާ ވެސް ލުއި ގޮތަކަށް ހީލަމުން ދާނިޝްގެ އެދުމުގެ މަތިން އޭނަ އެޅި ބެލްޓް ނައްޓަމުން ކާރުގެ ދޮރު ހުޅުވިއެވެ.
ހިލްޔާ ކާރުން ފޭބުމަށްފަހު އެ ގޭގެ ހުދުކުލައިގެ ދެ ފަރާތަށް ހުޅުވޭ ދޮރަށް ބަލަހައްޓައިގެން ހުއްޓެވެ. ރިހި ކުލައިގެ ދިގު އަތްގަނޑެއް ލެވިފައިވީއިރު އަތްގަނޑާއި ގުޅިފައި ސެކިއުރިޓީ ކޯޑު ޖަހާ ކީޕެޑް ހުއްޓެވެ. އެއަށްވުރެ މައްޗަށް ނަޒަރު ހިންގާލެވުނީ ވަކަރުން ފްރޭމް ކުރެވިފައިވާ ދެ ދުޢާއެއް ދޮރުގައި ހަރު ކުރެވިފައިވި ތަން ފެނުމުންނެވެ. އެއީ ގެއަށް ވަންނަމުން ކިޔާ ދުޢާއާއި ސަލާމުގެ ބަސްތަކެވެ.
“އުސްތާޒާ….މް..މަންމަ.” ހިލްޔާއަށް އެ ދުޢާތަކަށް ބަލަން ހުރެ ހިތާހިތުން ކިޔާލެވުނެވެ. މީހަކު ނުބުންޏަސް އެ ދޮރުގައި އެހާ ރީތި ގޮތަކަށް ދުޢާތައް ހަރުކުރެވިފައިވާނީ އޭނަގެ އާ މަންމަގެ އެދުމުގެ މަތިން ކަން ހިލްޔާއަށް ޔަޤީންވިއެވެ.
“ދުޢާ ކިޔާފަ ސަލާމް ގޮވާނީ ވަންނަމުންނެއް ނޫންތަ؟ ހިނގާ ދޮރު ހުޅުވަމާ.” ކާރުގެ ވަށައިގެން އައި ދާނިޝް ހިލްޔާގެ ކައިރިއަށް އައިސް ހުއްޓިލަމުން ކީޕެޑްގައި ނަންބަރުތަކެއް ޖެހިއެވެ. ހަމަ އެވަގުތު ފަހަތުން ކާރު ދުއްވަން ފެށި އަޑު އިވުނުހެން ހީވުމުން ހިލްޔާއަށް ފަހަތް ބަލާލެވުނެވެ. އެހިނދު ޑްރައިވަރެއް ނެތް އެ ކާރު އަމިއްލައަށް ދުވަމުން ދިޔަ ގޮތުން ހިލްޔާގެ ދެލޯ ބޮޑުވިއެވެ.
“ދާނިޝް! ބަލާބަލަ ކާރު! ބުރަކި ނުޖައްސާތަ ފައިބައިގެން ތި އައީ؟” ހިލްޔާ އެހެން ބުނެލީ ދާނިޝްގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ދެންވެސް ދުވަމުން ދިޔަ ކާރަށް ބަލަން ހުރެއެވެ.
“ނޫނޭ ބުރަކި ޖައްސާފަ އަހަރެން އައީ. އަނެއްކާ….ރޫޙާނީ ކަމެއްތަ؟” ދާނިޝް އޭނަގެ ހިނިތުންވުން ފޮރުވަން މަސައްކަތް ކުރަމުން އެހެން ބުނި ވަގުތު ކާރު އަނބުރާލަމުން ގޭގެ އަނެއް ފަރާތަށް ދަނީއެވެ.
“ވަޓް؟! އައިމް ސްކެއާރޑް!” ހިލްޔާ ބިރުން ގޮސް ދާނިޝްގެ މުލަތްދަނޑީގައި ދެ އަތުން ހިފަހައްޓާލަމުން ދާނިޝްއާއި ގާތްވެލިއެވެ. އެހިނދު ދާނިޝްއަށް ހެވެން ފެށިއެވެ. ދާނިޝްގެ ހުނުމުގެ އަޑު އިވިފަ އާއި އެ ހިނިތުންވުން ފެނިފައި ހިލްޔާ އޮޅުން އެރިއެވެ.
“އޯހް މައި ލަވް. އިޓްސް އޮޓޯ ޕާކިންގް! ޗައިނާގަ ވަރަށް ޢާއްމު ކަމެއް.” ދާނިޝް ހިލްޔާގެ މޫނުގައި ދެއަތުން ލޯތްބާއިއެކީ ހިފަހައްޓާލަމުން ބުންޏެވެ. އެއާއިއެކު އަނެއްކާވެސް ކާރު ދިޔަ މަންޒަރު ސިފަވެގެން ދިޔަ ހިލްޔާގެ ބުމަ ތިރިވެ، ނޭވާ ހަމައަކަށް އެޅުނެވެ.
“އޮހް…ހެހެހެ…ނޭނގޭނެއެއްނު؟” ހިލްޔާއަށް އަމިއްލަ ނަފްސާއިމެދު ހީލަމުން ބުނެވުނެވެ. އެ ހިނދު ޗައިނާ ކުރިއަރާފައިވާ މިންވަރާއިމެދު ޙައިރާންވާހާވިއެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ހިލްޔާއަށް މުޅިން ވެސް ލިބެމުން ދަނީ މި ފިލާވަޅެވެ. އޭނަ ދަށްކޮށް ދެކޭ މީހަކު ވެސް އަދި ތަނެއް ވެސް އޭނަ ޙައިރާން ކުރާހާ ރަނގަޅުވެދާނެ ކަމެވެ.
“ހިނގާދޯ ދެން ވަދެލަން.” ދާނިޝް ނުފިލާ ހިނިތުންވުމަކާއެކޭ އެހެން ބުނެ މިފަހަރު ކީޕެޑް ގެ ދަށުގައި ހުރި ތަޅުގައި ހިފައި ދޮރު ހުޅުވާލިއެވެ.
“بِسْـمِ اللهِ وَلَجْنـا وَبِسْـمِ اللهِ خَـرَجْنـا وَعَلـى رَبِّنـا تَوَكّلْـنَا….السَّلَامُ عَلَيْكُمْ وَرَحْمَةُ ٱللَّهِ وَبَرَكاتُهُ.” ދާނިޝް އަޑު ހަރުކޮށް އެ ބަސްތައް ކިޔަމުން ގެއަށް ވަނުމުން ހިލްޔާއަށް ވެސް ވައި އަޑުން ދުޢާތައް ކިޔަމުން ދާނިޝްގެ ފަސްފަހަތުން ވަދެވުނެވެ. މީހަކު ނެތަސް ގެއަށް ވަންނަ ހިނދު ސަލާމް ގޮވަންވާނެ ވާހަކަ އުސްތާޒާ ބުނި ހަނދާން އެވަގުތު ހިލްޔާގެ ސިކުނޑީގައި އާވިއެވެ. އުސްތާޒާ އެ ބަސްތައް ބުނި އަޑު ކަންފަތަށް އިވެމުން ދާ ޙާލު އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ ދާނިޝްއަށް ބަލާލި ހިނދު ހިނިތުންވެލެވުނެވެ. މިއީ ހަމަ އުސްތާޒާގެ ދަރިފުޅުތާއޭ ހިތަށްއެރިއެވެ.
“ވެލްކަމް ހޯމް….ހެހެ…މިތާ އިށީނދެ ކުޑަކޮށް ކޮފީއެއް ބޯލަން ބޭނުންތަ؟ ނޫނީ ރޫމަށް ދާންތަ ބޭނުންވަނީ؟” ދާނިޝް އެ ގޭގެ ތަނަވަސް ސިޓިންގް ރޫމުގެ މެދުގައި ހުއްޓިލަމުން އެހިއެވެ. ހިލްޔާއަށް އެގޭގެ ވަށައިގެން ނަޒަރެއް ދެވުނެވެ. ހިލްޔާމެންގެ ގެއަށް ވުރެ ދެގުނަ އުސްކޮށް ސީލިންގް ފެންނަމުން ދިޔައިރު، ސީލިންގް ގެ މެދުގައި ބިއްލޫރި ޗާންދަލިޔާއެއް އެޅުވިފައިވިއެވެ. ހުދުކުލައިގެ މާބަލް ޓައިލްސް ޖެހިފައިވާ އެ ސިޓިންގް ރޫމުގައި ބެހެއްޓިފައިވީ ގަދަ ނޫކުލައިގެ ސްޕޮންގް ސޯފާތަކެވެ. ސޯފާތަކުގެ ކުރިމައްޗަށް ވާގޮތަށް ޢާއްމުކޮށް ނުފެންނަ ޒާތުގެ ބޮޑު ޓީވީއެއް ފާރުގައި ހަރުކުރެވިފައިވިއެވެ. މައިދޮރު ހުރި ފާރުގެ ހުރި ފުޅާ ކުޑަދޮރުތަކުގެ ސަބަބުން ގޭގެ ތެރެއަށް ދުވާލުގެ އަލިކަން ވަދެފައިވިއެވެ. ސިޓިންގް ރޫމުގައެ އެކި ހިސާބުގައި ގަސްގަހުގެ ޕޮޓްސް ބެހެއްޓިފައިވީއިރު، ސިޓިންގް ރޫމުގެ ދެ ފަރާތުން މައްޗަށް އެރޭނެހެން ވަށް ބައްޓަމަކަށް ދެ ސިޑިބަރި ފެންނަމުން ދިޔައެވެ.
“ހެލޯޯޯޯ….ބަލިވެފަ ހުރި ވަރުން ނުއިވުނީތަ ބުނި އެއްޗެއް؟ ހެހެ….” ދާނިޝް ހިލްޔާގެ ލޯ ކުރިމަތިން އެއްއަތް ހިންގާލަމުން ބުންޏެވެ. އެއާއިއެކު ހިލްޔާއަށް ހީލެވުނެވެ.
“ވެދާނެ. ހިނގާ ކޮޓަރިއަށް. ނިދާލަން ބޭނުމީ.” ހިލްޔާއަށް ބުނެވުނެވެ. ޙަޤީޤަތުގައި ވެސް ދެންމެ ދާނިޝް ކުރި ސުވާލު ހަނދާން ނެތިފައިވިއެވެ. ވަރުބަލިވެފައި ހުރި މިންވަރު އިޙްސާސް ކުރެވުނީ އެ ވަގުތެވެ.
“އޯންވް…އަވަހަށް ހިނގާ.” ދާނިޝް އެހެން ބުނެ ހިލްޔާގެ އަތުގައި ހިފައިގެން ކަނާތް ފަރާތުގައި ހުރި ސިޑި ބަރިއާއި ދިމާލަށް ދިޔައެވެ.
“އަހަރުމެންގެ ދަބަސްތައް ކޮބައިތަ؟ ކާރުގަ ދޯ؟” ހިލްޔާ ހިނގާފައި ދަމުން އަހާލެވުނެވެ.
“ސާރވެންޓުން ގެނެސްދޭނެ ރޫމާއި ހަމައަށް އިރުކޮޅަކުން. ޗުއްޓީއޭ ބުންޏަސް ރަސްމީ ދުވަހެއް ވީމަ އެމީހުން އުޅޭނެ މި ގެ ކައިރީގަ ހުންނަ ގެއެއްގަ. އަހަރުމެން ބޭނުންވީމަ އަންނާނީ. އޯލްސޯ ހައުސް ކީޕިންގްއަށް އަންނާނެ އަހަރެން އަންގާފަ އޮންނަ ގަޑިތަކުގަ.” ދާނިޝް ބުންޏެވެ.
“އޮހް…އޯކޭ.” ހިލްޔާއަށް ބުނެވުނެވެ. އެހާ ހިސާބަށް އައިއިރު ހިލްޔާއަށް ދާނިޝް ފެންނަމުން ދިޔަ ނަޒަރިއްޔާތު މުޅިން ބަދަލުވެފައިވިއެވެ. ދާނިޝްއަށް މިހާ މުއްސަނދިވީއިރު ވެސް އެހާ ހިތްތިރި ސަބަބާއިމެދު އެވަގުތު ވިސްނެން ފަށާފައިވިއެވެ. އެ ސުވާލު ކޮށްލަން ބޭނުންވެފައިވިއެވެ. އެހެނަސް ވަރުބަލި ފިލުވައި ހަމަޖެހިގެން އެ ސުވާލު ކޮށްލާނީއޭ ހިތާ ފަސްކޮށްލެވުނެވެ.
15 ފިޔަވަޅުގެ ހުދުކުލައިގެ ސިޑިބަރިން އެރުމަށްފަހު ދާނިޝް ހިލްޔާ ގޮވައިގެން ގޮސް މަޑުކޮށްލީ ދެ ފަރާތަށް ހުޅުވޭ ހުދުކުލައިގެ ފުޅާ ދޮރެއްގެ ކައިރީގައެވެ. އަދި ވަކި އިތުރު އެއްޗެކޭ ނުބުނެ ދޮރު ހުޅުވާލަމުން ހިލްޔާ ގާތު އަންނާށޭ ބުންޏެވެ. ހިލްޔާ އެ ދޮރުން ވަނީ ފެނިގެން ދާނީ ނުހަނު އާދައިގެ ކޮޓަރިއެއް ކަމަށް ހީކޮށެވެ. އެފަދަ ހީކުރުމެއް ހީކުރެވުނީ ދާނިޝް އެއީ މާ ބޮޑު ތަނަކަށް ނެހެދީތީވެއެވެ.
އެހެނަސް ދާނިޝްގެ ފަހަތުން ކޮޓަރިއަށް ވަދެވުނު ވަގުތު އަނެއްކާވެސް ހިލްޔާ ހުއްޓުން އަރާ ގޮތްވިއެވެ. އެ ކޮޓަރި ވެގެން ދިޔައީ ހިލްޔާ ޙަޔާތުގައި ވެސް ދުށް އެންމެ ތަނަވަސް ކޮޓަރިއަށެވެ. މިހާތަނަށް ހިލްޔާ ވަދެފައިވާ 5 ތަރީގެ ހޮޓެލްތަކުން ފެނިފައިވާ ކޮޓަރިތަކާއި ނުބައްދަލު ކޮޓަރިއެކެވެ. ހުދުކުލައިގެ މާބްލް ޓައިލްސް ޖެހިފައިވާ އެ ކޮޓަރިން ފެންނަމުން ދިޔައީ އޮފް ހުދުކުލައިގެ އެނދަކާއި، ރީތިވާ މޭޒާއި ވަކިން ހުރި ދެ ސޯފާއެވެ. އެއްފަރާތަކުން އެ ކުލައިގެ އަލަމާރި ދޮރެއް ފެނިގެން ދިޔަ ގޮތުން އެއީ އެތެރެއަށް ވަދެގެން ދެވޭ ފަދަ އަލަމާރިއެއްކަން ހިލްޔާއަށް އެނގުނެވެ. އެއާއިއެކު އޭނައަށް މި ހުރެވުނީ މާސްޓާރ ބެޑްރޫމެއްގައި ކަން އެނގުނެވެ.
ކޮޓަރީގެ ވަށައިގެން ފެންނަމުން ދިޔަ މަންޒަރުތަކަށް ބަލަން ހުރެ ހިލްޔާ ކުރިމައްޗަށް ނަޒަރު ހުއްޓާލި ވަގުތު، ކުރިއަށް ހިނގާފައި ގޮސް ކުރިމަތިން ފެންނަމުން ދިޔަ ފަރުދާއެއް ކަހާލި ދާނިޝް ހިލްޔާއަށް ފެނުނެވެ. އެއާއިއެކު ފަރުދާގެ އަނެއްފަރާތުން ފެނިގެން ދިޔައީ ތަނަވަސް ބެލްކަންޏަކެވެ. ހައިބަތު ހުރި އެ ބެލްކަނީގެ ރެއިލިންގްގައި މަޑު ފެހިކުލައިގެ ކުދި ފަތްތައް ހުރި ވެވެއް އޮޅިފައިވެއެވެ. އަދި ބެލްކަނީގެ ތެރެއިން ވެސް އެކި ގަސްތަކުގެ ގުޅިތައް ފެންނަމުން ދިޔައެވެ. އެއާއިއެކު މިއީ ހަމަ ދާނިޝްގެ ބެލްކަންޏޭ ހިލްޔާގެ ހިތަށް އެރިއެއްކަމަކު، އެވަގުތު ހިނިތުންވާން ނޭނގިފައި ހުރެވުނީ، ހަމަ އެހިނދު ކަމެއް އެނގުންވުމުންނެވެ.
އެ ވަގުތު ހިލްޔާގެ ހަނދާނަށް އައީ، މީގެ މަސްތަކެއް ކުރިން އޭނަ ރާފިލްއަށް ފަސްދިން ދުވަހެވެ. ރާފިލްއަށް ފަސްދޭން އޭނަ ފަސްޖެހުނު އެއް ސަބަބަކީ ރާފިލް އޭނައަށް ހޯދައިދިން ފަދަ ދިރިއުޅުމެއް އެހެން ބައިވެރިޔަކަށް ހޯދައި ނުދެވޭނެހެން ހީވުމެވެ. އެފަދަ ތަނަވަސްކަމެއް އޭނައަށް ދެން ތަޖުރިބާ ނުކުރެވޭނެހެން ހީވުމެވެ.
އެ ދުވަހު އޭނަގެ ވިސްނުން ހާދަ ހަންޏޭ އެވަގުތު ހިލްޔާގެ ހިތަށްއެރިއެވެ. އޭނަގެ ނަޒަރު އަމާޒުވެފައިވީ ރާފިލް އޭނައަށް ހޯދައިދިން ތަނަވަސްކަމަށެވެ. އެ ތަނަވަސްކަމަށްޓަކައި ހިތުގައި އޮތް ލޯބި ބޮޑުވެގެން ދިޔަދިޔަހެން، އެއަށްވުރެ ފުރިހަމަ ނިޢުމަތެއް އޭނައަށް ދެއްވުމަށް ﷲ ކުޅަދުންވަންތަވެ ވޮޑިގެންވާކަން އެދުވަހު މުޅިން ހަނދާން ނެތިފައިވިއެވެ.
އެހެނަސް މިއަދު އަނެއްކާވެސް އިތުރު ފަރުދާއެއް ހިލްޔާގެ ލޯމަތިން ނެގިގެން ދިޔަހެން ހިލްޔާއަށް ހީވިއެވެ. ތަނަވަސްކަމާއި ފަޤީރުކަން އޭނައަށް މިންވަރު ކުރައްވަނީ އޭނައަށް ލިބޭ ބައިވެރިއެއް ނޫންކަން އެވަގުތު ޔަޤީންވިއެވެ. މޮޅީ ކޮންމެހެން ރާފިލްއެއް ނޫނެވެ. އަދި ދާނިޝްއެއް ވެސް ނޫނެވެ. މޮޅީ އެ ދެމީހުންނަށް ވެސް އެ ލިބިފައިވާ ތަނަވަސްކަން ދެއްވި ﷲ އެވެ. އެކަލާނގެ ގެ މިލްކުވެރިކަމަށް ނިމުމެއް ނުވާ ރަސްކަލާނގެއެވެ. އެކަލާނގެ ގެ އަޅުން އެންމެ ރަނގަޅަށް ދެނެވޮޑިގެންވާ ޙާލު، އެ އަޅުންގެ ދުނިޔެއާއި އާޚިރަތަށް އެންމެ ރަނގަޅުވާނެ މިންވަރަށް ޙިކްމަތްތެރިކަމާއިއެކީ އެ އަޅުންނަށް ނިޢުމަތްތައް ބައްސަވާ ރަސްކަލާނގެއެވެ. ކޮންމެ އަޅަކަށް ވެސް ނިޢުމަތްތައް ދެއްވަނީ އެ ނިޢުމަތުގެ އިމްތިޙާނުން އެ އަޅަކު ކާމިޔާބުވާނެ މިންވަރަކަށެވެ. އެ އިމްތިޙާނުން ފޭލްވަނީ ތަކުރާރުކޮށް ﷲ ގެ ހަނދުމައަށް ފަސްދިނުމުންނެވެ. އަދި ނިޢުމަތުގެ ބޭނުން ހިފައި އެހެން މީހުންނަށް އަނިޔާވެރިވެ، އަމިއްލަ ފިޠުރަތާއި ވެސް ދެކޮޅުވުމުންނެވެ. މީގެ ނަތީޖާއަކީ ކިބުރުވެރިކަމެވެ. ޚުދު ހިލްޔާ ވެސް މީގެ މަސްތަކެއް ކުރިން ވީ ފަދައިންނެވެ.
އެ ކިބުރުވެރިކަމުން ހިލްޔާ ވަނީ ތައުބާވެފައެވެ. އޮޅުމަކުން ވިޔަސް އެފަދަ އުޅުމަކަށް ހިލްޔާ އެނބުރި ދާން ބޭނުމެއް ނުވެއެވެ. މިއަދު އޭނައަށް ހިތްތިރި ބައިވެރިޔަކު ލިބިފައި މިވަނީ އެ ސަބަބާއި ހެދިތޯ ހިލްޔާގެ ހިތަށްއެރި ވަގުތު، ހިލްޔާގެ ލޮލުން ކަރުނަ ހިލުނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނަގެ ހިތުގެ ޙާލަތު ދެނެވޮޑިގެންވާ މިންވަރު އެނގުންވުމުންނެވެ. އެ ހިތުގެ ޙާލަތާއި އެއްގޮތަށް ވަށައިގެންވި މަންޒަރުތައް ވެސް ބަދަލުވަމުންދާ ފަދައެވެ.
ހިލްޔާ މި ވިސްނުމުގައި ވަނިކޮށް ދާނިޝް ފަސްއެނބުރި އޭނައަށް ބަލައި ހިނިތުންވެލުމުން ހިލްޔާ ވެސް ލޯތްބާއިއެކީ ހިނިތުންވެލިއެވެ. އަދި އެސްފިޔަތައް ޖަހާލީ ކަރުނަތައް ހިންދާލުމަށެވެ.
“އާދެބަލަ ބެލްކަންޏަށް ނިކުމެލަން. ބުރުގާ ނަގާލިޔަސް އޯކޭ. މި ޞަރަޙައްދުގަ މީހުން ނުއުޅޭ.” ދާނިޝް ބެލްކަންޏަށް ނިކުމެވޭ ދޮރު ކަހާލަމުން ބުންޏެވެ.
“ނުކެރޭނެ ބުރުގާ ނަގާލާފަ ނިކުންނަން…” ހިލްޔާ ހުރި ގޮތަށް ހުރެ ބެލްކަންޏާއި ދިމާލަށް ދާންފެށިއެވެ.
“ހެހެ….ކޮންޑިޝަންވެފަ ދޯ ހުރީ ބުރުގާ އަޅައިގެން ބެލްކަންޏަށް ނިކުމެ ފިރިހެން ކުއްޖަކު ހުރިތޯ ބަލަން؟” ހިލްޔާ ދާނިޝް އާއި އަރާ ހަމަވި ވަގުތު ދާނިޝް ބުނެލި ވާހަކައިން ހިލްޔާގެ ކޯތާފަތް ރަތްވެ، ގަތް ލަދާއިއެކީ މޫނުގައި ދެއަތް އަޅާލެވުނެވެ. ހިލްޔާގެ އެ ޙަރަކާތުން ދާނިޝްއަށް ހީލެވުނު ހިނދު ހިލްޔާއަށް ވެސް ހެވުނެވެ. މިހާތަނަށް އައިއިރު ހިލްޔާ ވަނީ ދާނިޝްއާއި ދިމާވުމުގެ ކުރިން ވެސް ބެލްކަނީއަށް ނިކުމެ ދާނިޝްއަށް ބެލުމަކީ އޭނަގެ އާދައެއް ކަމަށް ބުނެފައެވެ. ލަދުގަތީ ދާނިޝް އެ ޢިޝާރާތް ކުރީ އެ ވާހަކައަށް ކަން އެނގުންވުމުންނެވެ.
ދެމަފިރިން ހިނިތުންވުންތަކެއްގައި ތިބެ ބެލްކަންޏަށް ނިކުތީ މާޒީގެ އެ ދުވަސްތައް ހަނދާން ކުރަމުންނެވެ. އެދުވަހު އެ ދެމީހުންގެ ދެމެދުގައިވާ ހުރަސްތައް ހަނދާންވެ، މިއަދު އެ ހުރަސްތައް ގިރާ ކުރެވިފައިވާ ކަމަށްޓަކައި ހިތުގެ އަޑިން ޙަމްދު ކުރެވޭ ޙާލުގައެވެ.
ދެމީހުން އެކީގައި ގޮސް ބެލްކަންޏަށް ނިކުމެ ރެއިލިންގްގައި އަތް އަޅުވާލިއެވެ. ދާނިޝް ދެންމެ ބުނީ ތެދެއްކަން ހިލްޔާއަށް އެނގުންވީ އެވަގުތެވެ. ގޭގެ އެ ދިމާލުން ކުޑަ ތަންކޮޅަކަށް އޮތް ވިނަގަނޑަށްފަހު ދެން ދުރުދުރަށް ފެންނަމުން ދިޔައީ ބޮޑެތި ބިޔަ ގަސްތަކެވެ. އެ ގަސްތައް ފަހަނަޅާފައި ތަންކޮޅެއް ދުރުން ފަރުބަދަތަކުގެ ކޮޅުވެސް ފެންނަމުން ދިޔައެވެ.
“ސޯ ބިއުޓިފުލް. ސުބްޙާނަ ﷲ…” ހިލްޔާއަށް ބުނެވުނެވެ. މިހާރުގެ އާދައިގެ މަތިން ޤުދުރަތީ ރީތި މަންޒަރެއް ފެނުމާއިއެކު ހަނދާންވީ ﷲ މަތިންނެވެ. މިއީ ހައްތަހާ ވެސް ﷲ އިންސާނުންނަށްޓަކައި ލެއްވި ރީތިކަމެއް ކަން ހަނދާންވާ ކޮންމެ ފަހަރަކު ﷲ ގެ ރަޙްމަތުގެ މަތިން ހަނދާންވެއެވެ. އެ ރަޙްމަތް ހިތުގެ އަޑިން އިޙްސާސް ކުރެވެއެވެ.
“އަސްލުވެސް…މާ ޝާ ﷲ. ކުރީގަ މި މަންޒަރު ފެނިފަ މާ ބޮޑު އެއްޗެއް ހިތަކަށް ނާރާ. އެކަމަކު މިހާރު ހިތަށް އަރަނީ މި ދުނިޔެ މިހާ ރީތިއްޔާ ސުވަރުގެ އަދި ކިހާ ރީތިވާނެ ބާއޭ.” ދާނިޝް ބުންޏެވެ.
“ދޯ؟” ހިލްޔާއަށް އެހެން ބުނެލެވުނީ ދާނިޝްއަށް ބަލާލަމުންނެވެ. އެހިނދު ދާނިޝް އެ ބުނި ބުނުމާއި ހެދި ދާނިޝްއަށްޓަކައި ހިތުގައި އިތުރު ލޯތްބެއް އުފެދުނެވެ.
“ހުމް…” ދާނިޝް ވެސް ހިނިތުންވުމަކާއެކީ އެހެން ބުނެ އަނެއްކާވެސް ހިލްޔާއާއިއެކީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ނަޒަރު ހުއްޓާލިއެވެ. ވޭތުވި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ހިލްޔާ ވާހަކަ ދެއްކިއެވެ.
“ސުވާލެއް ކޮށްލަންތަ ދާން؟” ހިލްޔާއަށް އަހާލެވުނެވެ.
“ހުމް ކުރޭ.” ދާނިޝް ހިލްޔާއަށް ބަލާލަމުން ބުންޏެވެ.
“އަހަންނަށް….އެނގޭ ދާން އަކީ ވަރަށް މަތީ މަޤާމެއްގަ މަސައްކަތް ކުރާ މީހެއްކަން. އަމިއްލައަށް ހޯދި ހޯދުމުން އެނގުނީ ތިއީ ސީއެފްއޯއެއްކަން. މިއަދު މި އެނގުނީ ދާން ގެ އަމިއްލަ ސާރވެންޓުންނާއި މިހާ ބޮޑު، ރީތި ގެއެއް ދާން ގެ ހުންނަކަން. ކީއްވެ މި ހުރިހާ ވާހަކައެއް ކުރިން އަހަރެން ގާތު ނުބުނީ؟” ހިލްޔާ އެހިއެވެ. ޝަކުވާއެއްގެ ގޮތުންނެއް ނޫނެވެ. ދާނިޝް ގެ ދުލަށް އެ ވާހަކަ ނުގެންނަ ސަބަބުތައް ދެނެގަތުމަށެވެ. އެ ސަބަބުތައް އެނގިއްޖެނަމަ ދާނިޝް ހިތްތިރި ވާ ސަބަބު އެނގިގެން ދާނެކަމުގެ އުއްމީދުގައެވެ.
ހިލްޔާގެ ސުވާލު އަޑުއެހުމަށްފަހު ދާނިޝް ލުއި ގޮތަކަށް ހީލިއެވެ.
“ވަރަށް ކްރީޕީ ދޯ އަހަރެން ނުބުނެ ހުރެ އަމިއްލައަށް މި ކަންތައް އެނގުނީމަ؟ ހެހެ…” ދާނިޝް ބުންޏެވެ.
“ނޮޓް ރިއަލީ. ހަމަ އެނގެން ބޭނުންވަނީ ދާނިޝް އެ ވާހަކަތައް ނުދެއްކީ ކީއްވެކަން.” ހިލްޔާ ބުނެލިއެވެ. އެއާއިއެކު ދާނިޝް ހިމޭންވެލިއެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.
“އެއީ މަންމަ އަހަންނަށް ދަސްކޮށްދީފަ ހުރި ގޮތް ވީމަ ކަންނޭނގެ. ކުޑައިރު އަހަރެން އަތުގަ ހުންނަ އަގުބޮޑު އެއްޗެއްގެ ވާހަކަ އެހެން ކުދިންނަށް ކިޔައިދޭއިރަށް މަންމަ ބުނާނެ އެ އެއްޗެއް އެ ކުއްޖާއަށް ދޭށޭ. އަހަރެން އޭތި ނުދެނީސް މަންމަ ދުލެއް ނުކުރާނެ. ދޭން ބޭނުން ނުވާނަމަ އެކުއްޖާ ގާތު އެ ވާހަކަ ދައްކައި އެ ކުއްޖާ ދެރަކޮށްނުލީހޭ ބުނާނީ. މި ކަން ބޮޑުވެގެން ގޮއްސަ އެންމެ ފަހުން އެ ކަހަލަ ވާހަކަ ދެއްކުން ހުއްޓާލީ. މަންމަ ވަރަށް އަހަންނަށް އަގުބޮޑު އެއްޗެއް ގަނެވެސް ނުދޭނެ. ކުޑައިރު އަހަރެން ހީކުރީ މަންމަ އަތުގަ ލާރި ނުހުންނާތީކަމަށް. ބައްޕަ ވެސް ނެތީމަ އަހަރެންގެ މަންމަ ފަޤީރުވާނެއޭ ހިތަށްއެރީ. ފަހުން އެނގުނީ މަންމައަކީ ވެސް ލޯޔަރަކަށްވެފަ ވަރަށް ލާރި ލިބޭ މީހެއްކަން. އެކަން އެނގުނީމަ ވަރަށް ޖަދަލުކޮށް ހެދިން މަންމައާ. ލާރި ހުއްޓާ ވެސް އަހަރެން ބޭނުންވާ އަގުބޮޑު އެއްޗެހި ގަނެ ނުދޭތީ. މަންމަ އަހަންނަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީފަ ހުންނަނީ. މިހާރު މި އެނގެނީ މަންމަ ގަނެނުދީ ހުރީ އަހަރެން އެ އެއްޗެއްގެ ބޭނުން ހިފައި އެހެން މީހުންނަށް ކަން ދައްކަން އުޅުނު އެއްޗެހި ކަން. އެއްދުވަހު ޖަދަލެއްގެ ތެރެއިން މަންމަ ބުނީ އެ އެއްޗެހި ބޭނުންވަންޏާ އަމިއްލައަށް ލާރި ހޯދައިގެން ގަންނާށޭ. ބުނެގެން އަސްލު މަންމައާއި ބަދަލު ހިފަން ވެގެން އެހާ ކުޑައިރު މަސައްކަތް ކުރަން ފެށީ. ސުބްޙާނަ ﷲ. މިހާރު މި އެނގެނީ މަންމަ އެ ހުރިހާ ކަމެއް ކުރީ އަހަންނަށް ރަނގަޅަކަށް ކަން.” ދާނިޝް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ކިޔައިދިނެވެ.
ވާހަކަ އަޑު އަހައިގެން ހުރި ހިލްޔާއަށް ދާނިޝްގެ މޫނުމައްޗަށް ވެރިވި މާޔޫސްކަން ފާހަގަ ކުރެވުނެވެ. މަންމަގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ދާނިޝްގެ މޫނުމަތިން އެ އަސަރު ހިލްޔާއަށް ފެނެއެވެ. އެ އިޙްސާސްތަކާއިމެދު ދާނިޝްއާއި ވާހަކަ ދައްކަން ހިލްޔާ އުޅޭ ކޮންމެ ފަހަރަކު އެކަމަށް ހުރަސް އެޅިގެން ދެއެވެ. އެވަގުތު ވެސް ހިލްޔާ އެއްޗެކޭ ބުނަން އުޅުނުތަނާހެން ދާނިޝް ވާހަކަ ދެއްކިއެވެ.
“ސޯ….އައި ތިންކް ދެޓްސް އިޓް. މަންމަ ގެ ތަރުބިއްޔަތު އެއީ. ކޮންމެ ގޮތެއްވިޔަސް ހިލޫއަށް ހުރިހާ ވާހަކައެއް ސާފުކޮށް ކިޔާލަ ދޭން ބޭނުންވެއްޖެ މިހާރު. ތިއީ އަހަރެންގެ ވައިފް ވީމަ. ޖަސްޓް ސޯ ޔޫ ނޯ މިއީ އަހަރެންގެ ގެއެއް ނޫން. މިއީ ބައްޕަގެ ގެއެއް. ބައްޕަ އެންމެ ފުރަތަމަ މިކޮޅަށް އައިސް ހޮޓެލް މެނޭޖަރަކަށް އުޅުނުއިރު ގަތް ގެއެއް. ބައްޕަ ނިޔާވިއިރު އަހަރެންގެ ނަން މައްޗަށް މި ގެ ދޫކޮށްފަ ދިޔައީ. ކުރިން ވެސް ބުނިހެން އަހަރެންގެ ފިކްސްޑް ހޯމްއެއް ނުހުރޭ. ޝަންހައި ގަ އަހަރެންގެ އެޕާޓްމެންޓެއް ހުރޭ. މެލޭޝިޔާ އަދި ޖަޕާން ގަ ވެސް. އެއީ އަހަރެން ލޯންގްޓާމްކޮށް ވޯކް ކުރި ތަންތަނަށްވީމަ ފަސޭހައަކަށް އެޕާޓްމެންޓް ހޯދީ…” ދާނިޝް ކިޔައިދިނެވެ.
“އައި ސީ…” ހިލްޔާ ލުއި ހިނިތުންވުމަކާއެކީ ބުންޏެވެ. ދާނިޝް އެންމެފަހުން އަތުގައި ހުރި މުދަލުގެ ވާހަކަ ދެއްކިއިރު ވެސް ހިތްތިރިކަމެއް ވީ ގޮތުން ދާނިޝްއަށްޓަކައި އިތުރު ޤަދަރެއް ހިތުގައި އުފެދުނެވެ.
“މިހާރު މި ވާހަކަތައް ދެއްކީމަ މުޅިން އެހެން އިޙްސާސެއް ކުރެވެނީ. މިއީ އެހެން ނޫނަސް ހައްތަހާވެސް ފަނާވަނިވި ކަންތަކެއް ދޯ؟ ދެމިހުންނަ ކަންތައްތަކީ ހަމައެކަނި ﷲ އަށްޓަކައި ކުރެވޭ ކަންތައް. كُلُّ مَنْ عَلَيْهَا فَانٍ ، وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ.” ދާނިޝްގެ ވާހަކައިގެ ތެރެއިން ރަޙްމާން ސޫރަތުގެ ދެ އާޔަތް، ދައްކާލި ވާހަކައެއް ފަދައިން ކިޔާލި ގޮތުން ހިލްޔާގެ ގައިން ހީބިހި ނެގިއެވެ. އެހިނދު އެ އާޔަތްތަކުގެ މާނަ ހިތަށް ގެނެވުނެވެ.
“އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ވަޖުހުފުޅު ދެމިވޮޑިގެންވެއެވެ.”
ނުނިމޭ

May 8, 2026 @ 7:21 am
When next??