ނަފްސީ (އަށްޑިހަ ހަތަރުވަނަ ބައި)
ނަފްސީ (އަށްޑިހަ ހަތަރުވަނަ ބައި)
“މިއީ އެންމެ ފުރަތަމަ މި ކުންފުނި ފެށުމަށް އިންދުނު 3 ގަސް. ބައްޕައާއި މިސްޓަރ ޝިންގްއާއި މިސްޓަރ ވޭޖިއޭ އިންދި 3 ގަސް. ކުންފުނި ކުރި އަރައިގެން ގޮސް މި ޢިމާރާތް ހަދަންވީމަ އެންމެން އެއްބަސްވީ މި ތިން ގަސް ހުރި ގޮތަށް ބަހައްޓަން. ކުންފުނި ފެށުނީ ކިހިނެއްކަމާއި ކީއްވެކަން އެންމެން ހަނދާން ހުންނާނެހެން. މި ގަސްތަކުން ލިބޭ ހުރިހާ އާފަލެއް ހިލޭ މުވައްޒަފުންނަށް ބެހެނީ. މިހިރީ ބައްޕަގެ ގަސް.” ދާނިޝް ވާހަކަ ދައްކަމުން ލަސް ހިނގުމެއްގައި ގޮސް ގަހެއްގެ ކައިރީގައި މަޑުކޮށްލަމުން ހިލްޔާއާއި ހިނިތުންވެލިއެވެ. ބަދަލުގައި ދާނިޝްގެ ގާތަށް އަންނަމުން ދިޔަ ހިލްޔާއަށް ވެސް ހިނިތުންވެލެވުނެވެ.
ހިލްޔާ ގޮސް ދާނިޝްގެ ކައިރިއަށް އައި ވަގުތު ދާނިޝް އެ ގަހުގެ ތިރީ ގޮތްޕެއްގައި އޮތް އާފަލަކަށް އަތް ފޯރުވަމުން އާފަލު ބިނދެ، ހިލްޔާއަށް ދިއްކޮށްލިއެވެ. އެކި ތަންތަންކޮޅު ފިޔާތޮށި ކުލައަށް އަރާ ރީނދޫ ކުލައިގެ އެ އާފަލު ފެނިފައި ހިލްޔާގެ ހިނިތުންވުން ފަނޑުވިއެވެ.
އާދައިގެ މަތިން ހިލްޔާގެ މޫނުމައްޗަށް ވެރިވި އެ ކުޑަ ބަދަލު ދާނިޝްއަށް ފާހަގަވިއެވެ.
“ކިހިނެއްވީ؟ އާފަލުގެ ކުލަ ކަމުނުދަނީތަ ހިލޫއަށް؟” ދާނިޝްއަށް ހިނިތުންވުމަކާއެކީ އަހާލެވުނެވެ. ހިލްޔާ ކަމުނުދެއޭ ބުނެފިނަމަ ހިލްޔާއަށް ކަމުދާނެ އާފަލެއް ގެނެސްދިނުމަށް ޚިޔާލު ކުރަމުންނެވެ.
“ނޫން އާފަލު ރީތި…އެކަމަކު….” ހިލްޔާ ދާނިޝްއަށް ބަލާފައި އަނެއްކާ އާފަލަށް ނަޒަރު ހިންގާލިއިރު އެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ.
“އެކަމަކު؟” ދާނިޝްއަށް ފަނޑުވެގެން ދިޔަ ހިނިތުންވުމަކާއެކީ އަހާލެވުނެވެ.
އެހިނދު ހިލްޔާ އަނެއްކާވެސް ދާނިޝްއަށް ބަލާލިއެވެ. ދާނިޝްގެ ސީރިއަސްކަން ވެރިވެފައިވާ މޫނު ފެނިފައި ހިތުގައި އޮތް ވާހަކަ ދުލާއި ހަމައަށް ގެންނަން ހިލްޔާއަށް އުދަގޫވިއެވެ. އެހެނަސް މި ވާހަކަ ދާނިޝްއަށް ވެސް އެނގުން މުހިއްމުކަން އެވަގުތު އިޙްސާސް ކުރެވުމުން ވާހަކަ ދެކެވުނެވެ.
“ދާން…އަހަރެން ވާހަކައެއް ބުނިއްޔާ ދާން ނުރުހުން ނުވެ އަޑު އަހާނަންތަ؟” ހިލްޔާއަށް ދާނިޝްއާއި ހަތަރުކަޅި ހަމަކޮށްލަމުން އަހާލެވުނެވެ.
“އިން ޝާ ﷲ. ކިހިނެއްވީ ހިލޫ އަހަރެން ރަނގަޅު ކުރަންވީ ކަމެއް އޮތީތަ؟” ހީވި ހީވުމެއްގެ މައްޗަށް ބުރަވެ ދާނިޝް އެހިއެވެ. ދާނިޝްގެ އެ ސުވާލުން، ހިލްޔާއަށް އޭނަގެ ވާހަކަ ޙިއްސާ ކުރަން ފަސޭހަވިއެވެ.
“ދާންއެއް ނޫން. ޗީފް އޯރގެނިކް އިން ބަލާލަން ޖެހޭ ކަމެއް އެބައޮތް.” ހިލްޔާ ބުންޏެވެ.
“ޗީފް އޯރގެނިކް އިން؟ ކޮން ކަމެއް؟” ދާނިޝްއަށް އަހާލެވުނެވެ.
އެއާއިއެކު ހިލްޔާ ދާނިޝްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. މީގެ މަސްތަކެއް ކުރިން އޭނައަށް ފެނުނު ނަހީކް އިން ފަށައިގެން އިހަކަށް ދުވަހު އޭނައަށް ކެވުނު އާފަލާއި ހަމައަށެވެ. އެ ދޭތެރެއިން އޭނައަށް އާފަލާއިމެދު ހީވިހާ ހީވުންތަކެވެ. ހިލްޔާގެ ހުރިހާ ވާހަކައެއް ދާނިޝް ހިމޭންކަމާއިއެކީ އަޑުއެހިއެވެ. ވާހަކަ ފެށުނީއްސުރެ ނިމެންދެން ދާނިޝް ވިސްނުމަކަށް ގެއްލެމުން ދިޔަ ފަދައަކުން ހިލްޔާއަށް ސީރިއަސް ނަޒަރެއް ދީގެން ހުއްޓެވެ.
ހިލްޔާގެ ވާހަކަ ނިމުނުތާ ސިކުންތުކޮޅެއް ވީއިރު ވެސް ދާނިޝް އެއްޗެކޭ ނުބުނެ އެހެން ހުއްޓެވެ. ދާނިޝް ނުރުހުންވީއޭ ހިތައި ހިލްޔާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ދާނިޝް ވާހަކަ ދެއްކިއެވެ.
“ހިލޫއަށް ޔަޤީންތަ ހިލޫ މީގެ 3 ދުވަސް ކުރިން ކެއި އޮރިޖިނަލް ޗީފް އޯރގެނިކް އާފަލެއްކަން؟” ދާނިޝް އެހިއެވެ.
“އާނ….ދާން ތަންކޮޅެއް ކުރިން ބުނީމެއްނު ޗީފް އޯރގެނިކް ގެ ފޭކް އާފަލުތަކުގެ ސިންސް 1998 ޖަހާފަ އޮންނަ ވާހަކަ؟ އެހެން ބުނިފަހުން އަހަންނަށް ނޭނގިވެސް ލޭބަލް ބެލޭ އަބަދުވެސް. އެ އާފަލުގަ އޮތީ ސިންސް 1989. އެހެންވީމަ ކެއި.” ހިލްޔާ ކިޔައިދިނެވެ. އޭރުވެސް ދާނިޝްގެ ނިތަށް ރޫ ގިނަވެފައިވިއެވެ.
“ކޮން ތަނަކުން މެއި ގަތް އާފަލެއްތަ؟ ބެއިޖިންގް؟” ދާނިޝް އެހިއެވެ.
“އުނހު…ޝަންގްހައި. މެއި ބުނީ ތިމަންނަގެ ބޮޑުބޭބެއެއް ޝަންގްހައި އިން އައިއިރު ގެނައި އާފަލޭ.” ހިލްޔާ ކިޔައިދިނެވެ.
“ޝަންގްހައި…” ދާނިޝް އެހެން ބުނިއިރު އެއްދިމާލަކަށް ނަޒަރު ހުއްޓިފައިވިއެވެ. ދާނިޝްގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުންތެރިކަން ކަމެއް ނޫނީ ކަންބޮޑުވުން ކަމެއް ޔަޤީން ނުވި ހިލްޔާއަށް ވާހަކަ ދެކެވުނެވެ.
“ވެދާނެ މިއީ ހަމައެކަނި އަހަންނަށް ހީވާ ހީވުންތައް ކަމަށް ވެސް. އެނގޭ ޗީފް އޯރގެނިކް އިން ގަސް ހައްދަން ކެމިކަލްތައް ބޭނުން ނުކުރާ ކަންވެސް. އަހަރުމެންގެ ހޮސްޕިޓަލްގެ ފުޑް ސަޕްލަޔާރ އަކީ ވެސް ތިއީ ދޯ؟ އަހަންނަށް މި ހީވަނީ ރަނގަޅު ހީވުމެއް ނަމަ ހޮސްޕިޓަލްގެ ވަރަށް ގިނަ މީހުން ވެސް ބަލިވާނެ ކަންނޭނގެ ދޯ މިހާ ދުވަސް ވީއިރު….ދާން؟” ހިލްޔާ ދާނިޝް ގެ ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ. އެހެނަސް އޭނަ އެ ހުރިހާ ވާހަކައެއް ދެއްކިއިރު ވެސް ދާނިޝް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ވިސްނުމަކަށް ގެއްލިފައި ހުރިކަން ހިލްޔާއަށް ފާހަގަވިއެވެ. ވާހަކަ ނިމުމުން ދާނިޝްއަށް ގޮވާލަން ޖެހުނީ އެހެންވެއެވެ.
“އަ….އާނދޯ؟ އެކަމަކު ތިކަން އަހަރެން ބަލާލުން ހަމަ ރަނގަޅު. ތެންކިއު ފޯ ލެޓިންގް މީ ނޯ. ދެން ހިނގާ ގެއަށް ދާން ދޯ؟” ދާނިޝް އެހެން ބުނެ ހިލްޔާއަށް ވުރެ ކުރިން ހިނގައިގަންނަމުން ހިލްޔާ ފަހަނަޅައި ދިޔައެވެ. ދާނިޝްގެ އެ ޙަރަކާތުން ހިލްޔާއަށް ޙައިރާންކަމާއެކީ ފަސްއެނބުރި ބަލާލެވުނެވެ. އެވަގުތު ވެސް ދާނިޝްގެ އަތުގައި އާފަލު އޮތެވެ. އެއާއިއެކު އޭނަ ދެއްކި ވާހަކައިން ދާނިޝް ފިކުރު ބޮޑުވެއްޖެކަން ހިލްޔާއަށް އެނގުންވިއެވެ. ދާނިޝް ރަނގަޅުނަމަ އޭނައަށް އެފަދައިން ފަސްދީފައި ނުދާނެއެވެ. އެ އާފަލު ބޭނުންތޯ އަހާލާނެއެވެ. ދާނިޝްގެ ތަބީޢަތު ގޯސްވީތީ ހިލްޔާ ދެރަވާ ގޮތްވިއެވެ. އެހެންކަމުން ހިތާހިތުން ދާނިޝްއަށްޓަކައި ދުޢާ ކުރަމުން ހިލްޔާ ދާނިޝްގެ ފަސްފަހަތުން ދިޔައެވެ.
ހިލްޔާއަށް ހީވީ ރަނގަޅަށެވެ. ހިލްޔާ ދެއްކި ވާހަކަތަކުން ދާނިޝްގެ ސިކުނޑި ހާސްވެފައިވިއެވެ. އަތުގައި އާފަލު އޮތް ކަމާއި ފަސްފަހަތުން ހިލްޔާ އަންނަކަން ވެސް އެނގުންވީ ކެބިން އިން ނިކުތް ފަހުންނެވެ. ހިލްޔާ ނިކުތުމަށް ކެބިންގެ ދޮރު ހުޅުވައިގެން ނުހުރެވުނީތީ ހިތް ދެރަވިއެވެ. އެހެނަސް ދެންވެސް ފަސްއެނބުރި ބަލާލުމުގެ ބަދަލުގައި އަތުގައި އޮތް އާފަލަށް ނަޒަރެއް ދެވުނެވެ. ދެންމެ ހިލްޔާ ދެއްކި ވާހަކަތަކުން އޭނައަށް މި ހުރިހާ ދުވަހު ހީވަމުން ދިޔަ ބިރު ޙަޤީޤަތަކަށް ވާން ނުހަނު ގާތްވެއްޖެހެން ދާނިޝްއަށް ހީވިއެވެ. ހަނދާނަށް އައީ ރާފިލް އޭނައަށް ދިން އިންޒާރެވެ. އޭނަގެ މަތީ މަޤާމް އޭނައަށް ގެއްލިދާނެ ކަމަށް ބުނެ ދިން އިންޒާރެވެ. ޖަޕާނުގައިވާ ދަނޑަށް ކުރި ކަމެއް ކުރީ ރާފިލްހެން ދާނިޝްއަށް ހީވެފައިވިއެވެ. ރާފިލްގެ އެ ރޭވުން ކާމިޔާބު ކުރުމަށް މިފަހަރު ރާފިލް އެފަދައިން ‘ޙަމަލާ’ ދޭނީ ކުންފުނީގެ ދަނޑަކަށް ހެން ދާނިޝްއަށް ހީވެފައިވިއެވެ. އެހެނަސް އެދުވަހު ދާނިޝް ރާފިލް ގާތު ބުނެފައިވީ ފަދައިން ޗީފް އޯރގެނިކް ގެ މުވައްޒަފުންނަކީ އެހާ ފަސޭހައިން ރިޝްވަތަށް ހެއްލޭ ބައެއް ނޫނެވެ. އެހެންކަމުން ބެއިޖިންގް ގެ ދަނޑުތަކާއިމެދު ދާނިޝްގެ ހިތުގައި ބިރެއް ނެތެވެ. އެހެނަސް ޖެހިލުންވުމެއް އޮތީ ޝަންގްހައިގެ ދަނޑުތަކާއި މެދުގައެވެ. އެ ދަނޑުތަކުގެ ބިންތަކަކީ މިއަދު ހައުރަންގެ ނަމުގައިވާ ބިންތަކަށް ވާތީވެއެވެ. ހައުރަން އޭނަގެ ދުޝްމަނަކާއި އަތު ގުޅާލުން ނުހަނު ގާތްކަން ދާނިޝްއަށް އެނގެއެވެ.
އެ ޚިޔާލުތަކުގައި ހުރެ ދާނިޝް އޮފީހުން ނިކުމެ ހިލްޔާއާއެކީ ލިފްޓަށް އެރިއިރު މޭނުބައި ކޮށްފައިވިއެވެ. މޭނުބައި ކުރީ މި ހުރިހާ ކަމެއްގެ ނަތީޖާ ނިކުމެދާނެ ގޮތްތައް ޚިޔާލު ކުރެވެން ފެށުމުންނެވެ. ޖަޕާނުގައި ޗީފް އޯރގެނިކް އާއި މެދު މީހުންގެ އިތުބާރު އޮތް މިންވަރު އަލުން ރަނގަޅަށް އިއާދަ ނުކުރެވެނީސް، ސީދާ ޗީފް އޯރގެނިކްގެ ދަނޑުތަކުން ގެއްލުން ދެނިވި މޭވާތައް ވިކެން ފެށުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެ ގެއްލުމުން ކުންފުންޏަށް އަރައިގަނެވޭނެ ހެއްޔެވެ؟ އެ ސުވާލު ސިކުނޑިގައަށް ވެރިވީ ވަގުތު ދާނިޝްގެ ބޮލުގައި ރިހުމެއް އުފެދުނެވެ.
ކާރާއި ހަމައަށް ދިޔައިރު ވެސް ދާނިޝް އަނގައިން ނުބުނެ އޭނައަށް ބަލާލުމެއް ވެސް ނެތި ހިނގަމުން ދިޔަ ގޮތުން ހިލްޔާ އިތުރަށް ދެރަވާ ގޮތްވިއެވެ. އެހެނަސް ހިލްޔާ ޝަކުވާއެއް ނުކުރެއެވެ. ދާނިޝްގެ ފަސްފަހަތުން ގޮސް ދާނިޝްއާއި އެކީ ކާރަށް އަރައި، ދާނިޝްގެ ހިތްހަމަޖައްސާލުމަށް ހިލްޔާ އެހެން ވާހަކައެއް ދައްކަން އުޅުނެވެ. އެހެނަސް އެވަގުތު ދާނިޝް ކުއްލިއަކަށް ފޯނު ނަގައި ނަންބަރުތަކަށް ފިތަން ފެށިއެވެ.
ދާނިޝް އެވަގުތު ގުޅާލީ ޖިއެން ގެ ނަންބަރަށެވެ. ވަރުބަލިވެފައިވާ ސިކުނޑިއަށް ބާރުލާފައި އެވަގުތު އޭނައަށް ވިސްނާލެވުނު ޙައްލަކާއި އެއްގޮތަށް ޢަމަލު ކުރުމަށެވެ. ޖިއެން ފޯނު ނެގުމާއިއެކު ދާނިޝް ފޯނު ކަންފަތުގައި ޖެއްސިއެވެ.
“ޖިއެން….ޝަންގްހައިގަ ވޭތުވެ ދިޔަ ހަފްތާގަ އުފެއްދުނު މޭވާތައް މާރކެޓަށް ނުނެރެން އަންގައިދީ. ހަމަ މިވަގުތު!” ދާނިޝް އެންގިއެވެ.
“އާދެ ސާރ….އެކަމަކު، މި ދިޔަ ހަފްތާގަ އުފެއްދުނު މޭވާތައް ވިއްޔާ މިހާރު ބޮޑުބައި މާރކެޓަށް ނެރެވިފަ ނޫންތޯ ހުންނާނީ؟” ޖިއެން އެކޮޅުން ބުންޏެވެ. އެހިނދު ދާނިޝްގެ މެއަށް ފިނިވީ، އެއީ އޭނަ މި ކޯލު ކުރުމުގެ ކުރިން ވެސް އެނގޭ ޙަޤީޤަތަކަށް ވާތީވެއެވެ.
“ގާތްގަނޑަކަށް….ކިހާ ވަރަކަށް ވިކިފަ ހުންނާނީ؟ އެންމެ މަޝްހޫރު އާފަލު ވިކިފަ ހުންނާނީ ކިހާވަރަކަށް.” ދާނިޝްއަށް އަހާލެވުނެވެ.
“އެގްޒެކްޓް ޢަދަދު ބަލާލަން ޖެހޭނީ ސާރ. އެކަމަކު މި ދިޔަ ހަފްތާގަ ގާތްގަނޑަކަށް 30 ޓަނުގެ އާފަލު ޝަންގްހައި ގެ ދަނޑުން ބިނދެ، ޗައިނާގެ އެކި ފިހާރަތަކަށް ވިއްކުނު. އެއީ ގާތްގަނޑަކަށް 3000 އާއި 6000 އާއި ދެމެދުގެ ޢަދަދެއްގެ ކަސްޓަމަރުން. ކިހިނެއްތޯ ވީ؟ އަނެއްކާ….އެއްކަލަ މައްސަލަތޯ؟” ޖިއެން ވާހަކަ ދައްކަމުން ގޮސް އެހިއެވެ.
ޖިއެން އެ ވާހަކަ ކިޔައިދިނުމުން ދާނިޝްއަށް ހުއްޓުން އަރާފައި ދެންވެސް ވިސްނުމެއްގައި އިނދެވުނެވެ. ޗައިނާގެ އާބާދީއަށް ބަލާއިރު 3000 އަކީ މާ ބޮޑު ޢަދަދެއް ނޫންތާއޭ ހިތަށްއެރިއެވެ. އެހެނަސް ޖަޕާނުގެ ހާދިސާއާއި ގުޅިގެން ވަރަށް ގިނަ މީހުން އެމީހުން ޖެހޭ ބަލި ޗީފް އޯރގެނިކްގެ އާފަލާއި ގުޅުވާނެތާއެވެ. އަމިއްލަ ވިޔަފާރިއާއި މެދު ފިކުރު ބޮޑުވި ވަރުން އެވަގުތު މީހުންގެ ބައްޔަށްވުރެ ބޮޑަށް ދާނިޝްއަށް ވިސްނުނީ އޭނަގެ ކުންފުންޏާއިމެދު މީހުން ދެކޭނެ ގޮތާއި މެދުގައެވެ. އެކަން އެނގުންވުމުން އަމިއްލަ ނަފްސު ކުށްވެރި ވެސް ކުރެވުނެވެ.
“ސާރ…” ދާނިޝް އެއްޗެކޭ ނުބުނެ ގިނައިރު ވާން ފެށުމުން ޖިއެން ގޮވާލި އަޑު އިވުނެވެ.
“އާނ ޖިއެން. އެކަމަކު ދެން އިތުރަށް ޝަންގްހައި އިން އިތުރު މޭވާއެއް ބޭރު ނުކުރައްޗޭ. ތި އެއްޗެހި ޓެސްޓު ކޮށްފަ ދެން ވިއްކަންޏާ ވިއްކާނީ.” ދާނިޝް ބުންޏެވެ.
“އެންމެ ރަނގަޅު ސާރ.” ޖިއެން ބުންޏެވެ. އެއާއިއެކު ދާނިޝް ފޯނު ކަނޑައި ފޯނު ކަންފަތުން ނަގާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.
ޑްރައިވާރސް ސީޓުގައި އިން ދާނިޝް ޗައިނާ ބަހުން ފޯނުން ވާހަކަ ދެއްކީ ޖިއެން އާއި ކަން ކުރީ ސީޓުގައި އިން ހިލްޔާއަށް އެނގުނެވެ. އެހެނަސް ދާނިޝް ދެއްކި ވާހަކައެއް ފަހުމެއް ނުވިއެވެ. އެހެންކަމުން ހިލްޔާއަށް އެވަގުތު ވާހަކަ ދެކެވުނެވެ.
“ކިހިނެއްތަވީ ދާން؟” ހިލްޔާއަށް އަހާލެވުނެވެ.
ހިލްޔާގެ އަޑަށް ދާނިޝްއަށް ހިލްޔާއާއި ދިމާލަށް ބަލާލެވުނީ ހިސާބެއްގެ ސިހުމަކާއި އެކީގައެވެ. ހިލްޔާ އެތާ އިންކަން ވެސް މި ހުރިހާއިރު ވީއިރު ދާނިޝްގެ ހަނދާނެއް ނެތެވެ. ސިކުނޑީގައިވި ހައިޖާން އެއަށްވުރެ ބޮޑެވެ. ހިލްޔާއާއި މެދު އިހުމާލުވެވުނީތީ ދެރަވިއެވެ.
“ގެއަށް ދާންވީ ދޯ ލޯބި؟” ހިލްޔާ ކޮށްލި ސުވާލަށް ޖަވާބު ނުދެވުނުކަން ދާނިޝްއަށް އެނގުންވީ، ހިނިތުންވާން މަސައްކަތް ކުރަމުން އެ ސުވާލު ކޮށްލެވުނު ފަހުންނެވެ.
“ގެއަށް ދާންވީ އާނ…އެކަމަކު، އާރ ޔޫ އޯކޭ؟” ހިލްޔާއަށް އަހާލެވުނެވެ.
“ޔާ އައިމް އޯކޭ. ހުރިހާ ކަމެއް ރަނގަޅުވާނެ އިން ޝާ ﷲ…” ދާނިޝް ކާރު ސްޓާޓް ކޮށްލަމުން ދެންވެސް ގަދަކަމުން ހިލްޔާއާއި ހިނިތުންވެލަމުން ބުންޏެވެ. ހިލްޔާއާއި މި ހުރިހާ ވާހަކައެއް ޙިއްސާ ކުރަން ދާނިޝް އެވަގުތު ބޭނުމެއް ނުވިއެވެ. ޙިއްސާ ކުރިއްޔާ ކުރަން ބޭނުންވީ މި މައްސަލަ ޙައްލު ކުރުމަށް ފަހުގައެވެ. އަދިވެސް އެ މައްސަލަ ޙައްލު ކުރެވިދާނެ ކަމުގެ އުއްމީދެއް ދާނިޝްގެ ހިތުގައި އޮތީތީވެއެވެ.
ދާނިޝްގެ ހިނިތުންވުން ފެނިފައި އެއީ ދާނިޝްގެ އުފާވެރި ހިނިތުންވުން ނޫންކަން އެނގުންވުމުން ހިލްޔާއަށް ވެސް ހިނިތުންވެލެވުނީ ގަދަކަމުންނެވެ. ދާނިޝް ވެގެން އުޅޭ ގޮތެއް އޭނައާއި ޙިއްސާ ކުރަން ބޭނުމެއް ނުވާކަން އެނގުންވުމުން ހިލްޔާ ދެރަވާ ގޮތްވިއެވެ. އެހެނަސް ހިލްޔާ އިތުރަށް ސުވާލު ކުރަން ނުއުޅުނެވެ. ބަދަލުގައި އަނެއްކާވެސް ދާނިޝްއަށްޓަކައި ހިތާހިތުން ދުޢާ ކުރެވެން ފެށިއެވެ.
**
އެރޭ ޗައިނާގެ ގަޑިން 9 ޖެހި ވަގުތު ހައުރަން އާއި ރާފިލް ތިބީ 5 ތަރީގެ ހޮޓަލެއްގެ ބާރއެއްގައި ހުރި ސޯފާތަކުގައެވެ. އެކަކު އަނެކެކެއްގެ ކުރިމައްޗަށް ވާ ގޮތަށް ދެ ސޯފާގައި ތިބިއިރު ދެމީހުންގެ ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސި ބަހުންނެވެ. ރާފިލް ހައުރަންއާއި ބައްދަލުކޮށް ހައުރަން އާއި ގުޅުން ބަދަހި ކޮށްފައިވަނީ ނަސީމް ދިން މަޢުލޫމާތު ބޭނުން ކޮށްގެންނެވެ.
“އެހެންވީމަ އަހަރުމެންގެ ރޭވުމާއި އެއްގޮތަށް މިހާރު ހުރިހާ ކަމެއް ދަނީ. ކެމިކަލް އެޅިފައިވާ އާފަލުތަކާއި އެހެނިހެން މޭވާތައް ވެސް މިހާރު ފިހާރަތަކުގެ ވިކެމުން ދާނެ. އެކަމަކު އަހަރުމެން ބޭނުންވާ ގޮތަށް ކަންތައް ވެދާނެކަމާއިމެދު އަދި ޔަޤީނެއްނޫން. މީހުން އަދި ބަލި ވިޔަސް އެ މޭވާއިން ޖެހޭ ބައްޔެއް ކަން މީހުންނަށް އެނގެން ފުދޭވަރަކަށް ވަގުތު ނަގާނެއެއްނު؟” ރާފިލް ބުންޏެވެ.
“ރަނގަޅަށް ތިބުނީ. އެކަމަކު މީހުންނަކީ އަހަރުމެން ބޭނުންވާ ގޮތަކަށް ހަލުވާލެވޭނެ ބައެއް.” ހައުރަން އަތުގައި ހުރި ތަށިން އެތިފޮދެއް ބޮމުން ބުންޏެވެ.
“ތިބުނީ؟” ރާފިލްއަށް އަހާލެވުނެވެ.
“މީހުންގެ ކޮންޓްރޯލް ކުރަން ބޭނުންވާނީ ގޭންގުތަކާއި މީޑިއާ. އެ ދެބައިމީހުންގެ ތެރެއިން ވެސް އަހަންނާ ގުޅުން އޮންނާނެ. އެހެންވީމަ ތިކަން އަހަންނަށް ދޫކޮށްލާ.” ހައުރަން ބުންޏެވެ. ހައުރަން ދެއްކި އެ ވާހަކައިން ރާފިލްއަށް ޒާތަކަށް ހީލެވުނެވެ.
“އަހަރެން ހީކުރި ވަރަށްވުރެ ޗާލާކު މީހެއް ތިއީ. ހަހަހަ…” ރާފިލް ނުލަފާ ގޮތަކަށް ހެމުން ބުންޏެވެ.
“ޗާލާކުވާން ވެސް އެބަޖެހޭ. އެ ދާނިޝް ވެރިވެގަނެގެން އެހެރީ އަހަރެން ދާން ޖެހޭ މަޤާމަކަށް. އަހަރުމެންގެ މި ރޭވުން ކާމިޔާބު ވެއްޖެއްޔާ އޭނަ އަމިއްލައަށް ޖެހޭނީ އެ ގޮނޑިން ފައިބަން.” ހައުރަން ރުޅިވެރިކަމާއެކީ ބުންޏެވެ. އެއާއިއެކު ރާފިލް އަނގައަށް ގޮތެއް ހަދާލަމުން ބޯޖަހާލިއެވެ.
“ޔަޤީނެއްނު؟ ތި ގޮނޑި ހަމަ ލިބެންޖެހޭނީ ހައުރަންއެއް. ޗިއާރސް އޮން ދެޓް!” ރާފިލް އަތުގައި ހުރި ތަށި ހައުރަންއަށް ދިއްކުރަމުން ބުންޏެވެ. އެއާއިއެކު ހައުރަން އަތުގައި ހުރި ތަށި ރާފިލްގެ ތަށީގައި ޖައްސާލަމުން ‘ޗިއާރސް’ އޭ ބުންޏެވެ.
**
ދާނިޝްއަށް ނޭނގި ރޭވުންތައް ރޭވެމުން ދާކަން ވެސް ދާނިޝްއަށް އިޙްސާސް ކުރެވުނެވެ. އެހުރިހާ ދަތި އިޙްސާސްތަކާއި ފިކުރުތަކުގެ ސަބަބުން ދާނިޝްއަށް ނިދޭ ގޮތެއް ވެސް ނުވިއެވެ. ދަންވަރު ވެސް ދޭތެރެދޭތެރެއިން ހޭލެވެމުން ދިޔައެވެ. އެންމެފަހުން މެންދަމުން 2 ޖެހިއިރު ހޭލެވުމުން ތެދުވެލަން ދާނިޝް ނިންމިއެވެ. ކައިރީގައި ނިދިފައި އޮތް ހިލްޔާ ފެނިފައި ހިނދުކޮޅަކަށް ނަމަވެސް އެ ހިތަށް ލުޔެއް ލިބުނެވެ. އެހިނދުކޮޅުގައި އަނެއްކާ ނިދިދާނެއޭ ވެސް ހިތަށްއެރިއެވެ. އެހެނަސް އެނދުން ތެދުވެލެވުނީ، މި ޙާލަތަކީ އޭނަ ޙައްލު ނުކޮށްފިނަމަ ޚުދު ހިލްޔާގެ ދިރިއުޅުމަށް ވެސް އަސަރު ކޮށްފާނެ ޙާލަތެއްކަން އެނގުންވުމުންނެވެ. އޭނަގެ ސަބަބުން ހިލްޔާއަށް ދެރައެއް ލިބޭކަށް ދާނިޝް އެއްގޮތަކަށް ވެސް ބޭނުމެއް ނުވިއެވެ.
އެނދުން ތެދުވެގެން ގޮސް ދާނިޝްއަށް އެންމެ ފުރަތަމަ ޚިޔާލު ކުރެވުނީ ނަމާދު ކުރުމަށެވެ. އެހެނަސް ހަމަ އެވަގުތު ކުންފުންޏަށްޓަކައި ކުރެވިދާނެ އެހެން ކަމެއް ސިކުނޑިއަށް ވެރިވުމުން ނަމާދަށް ފަސްދީފައި ކިޔަވާ ކޮޓަރިއަށް ދިޔުމަށް ދާނިޝްއަށް ވިސްނުނެވެ. އެއް ފިކުރަކާއިމެދު ވިސްނަން މާ ގިނަ ވަގުތު ހޭދަވުމުން އޭނަގެ މައްސަލަތައް ޙައްލު ކޮށްދެއްވާ ފަރާތަކީ ﷲ ކަން ދާނިޝް ހަނދާން ނެތިފައިވިއެވެ. އޭނަ އާއި ހިލްޔާގެ ވެސް ރިޒުޤުގެ މައްޗަށް ބާރު އޮތް ހަމައެކަނި ފަރާތަކީ ﷲ ކަން ދާނިޝް ހަނދާން ނެތިފައިވިއެވެ. ނަމާދަށް ސަމާލުކަން ނުދެވި މަސައްކަތަށް ސަމާލުކަން ދެވުނު ސަބަބަކީ އެއީއެވެ.
ސިކުނޑިއަށް ފިކުރެއް ވެރިވުމާއިއެކު އެ ފިކުރު ﷲ އާއި ޙިއްސާ ކުރުން މުހިއްމުވަނީ މިހެންވެއެވެ. އެހެނީ އިންސާނާއަށް ހުރިހާ ކަމެއް ވެސް މެދުވެރިވަނީ ﷲ ގެ އިރާދަފުޅުންނެވެ. އޭގެއިން ކޮންމެ ކަމެއްގެ ފަހަތުގައި މަތިވެރިވެގެންވާ ޙިކުމަތެއް ވެއެވެ. މި ދިރިއުޅުމުގެ ބޭނުމަކީ ކުރިމަތިވާ އިމްތިޙާންތަކުން ﷲ ރުހިވޮޑިގަތުން ހޯދުމެވެ. ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ ބޭނުމަކީ ކުރިމަތިވާ ފިކުރުތަކާއި މައްސަލަތައް އަމިއްލައަށް އުފުލުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ މައްސަލަތައް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދަންނަވައި އެ މައްސަލަތަކުން އަރައިގަތުމަށް އެކަލާނގެ ގެ ވާގިފުޅަށް އެދުމެވެ.
ކިޔަވާ މޭޒުދޮށުގައި ހުރި ކޮމްޕިއުޓަރު ދޮށުގައި ހުއްޓުމެއްނެތި ފިކުރުކުރަމުން ގަދައަށް މަސައްކަތް ކުރަމުން ދިޔަ ދާނިޝް އެ ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތިފައިވިއެވެ. ދަމުނަމާދު މަތިން ދޭތެރެދޭތެރެއިން ހަނދާންވަމުން ދިޔައެއްކަމަކު ނަމާދު ފަސް ކުރެވެމުން ދިޔައެވެ. އެރޭ 4 ޖެހިހާއިރު ހިލްޔާ އެތަނަށް އައިސް އޭނައަށް ހަނދާން ކޮށް ނުދިންނަމަ އެރޭ ދާނިޝް ދަމުނަމާދު ނުކޮށް އިންދާ ފަތިސް ނަމާދު ވަގުތުވީހެވެ.
ނަމާދަށްވުރެ ބޮޑަށް މަސައްކަތަށް ސަމާލުކަން ދެވުނުކަން އެނގުންވުމުން އޭނައާއި ﷲ އާއި ދެމެދު ވާ ގުޅުމުގެ މަތިން ދާނިޝް ހަނދާންވިއެވެ. އެރޭ ދަމުނަމާދު ކުރުމަށްފަހު ދާނިޝްއަށް ދުޢާ ކުރެވުނީ އެހެންވެއެވެ.
“ޔާ ﷲ…މި އަޅާއަށް އެހީވެދެއްވާ. މި އިމްތިޙާން މި އަޅާއަށްޓަކައި ފަސޭހަ ކޮށްދެއްވާ. މިއަޅާގެ ސަބަބުން ހިލޫއަށް ދެރައެއް ނުލިބޭނެ ގޮތެއް ހައްދަވާ…” މުއްސަލަ މަތީގައި ދެއަތް އުފުލައިގެން އިނދެ ދާނިޝް އެ ދުޢާތައް ކުރީ ސިއްރުންނެވެ.
އެހިނދު ދާނިޝްގެ ކައިރީގައި ދާނިޝްއަށް ބަލަހައްޓައިގެން ލުއި ހިނިތުންވުމެއްގައި ހިލްޔާ އިނެވެ. ދާނިޝް އާއިމެދު ހިތުގައިވި ކަންބޮޑުވުން އެވަގުތު ހިސާބަކަށް ފިލިއެވެ. އެހެނީ އޭނައާއި ދާނިޝް ހުރިހާ ވާހަކައެއް ޙިއްސާ ނުކުރިޔަސް، ދާނިޝް އެވަގުތު އެ ވާހަކަތައް ޙިއްސާ ކުރީ ދާނިޝް ގެ ކަންބޮޑުވުން ފިލުވައިދިނުމަށް އެންމެ ކުޅަދުންވަންތަ ފަރާތާއިކަން އެނގުންވުމުންނެވެ.
އެދުވަހު ކުރި އެ ދުޢާތަކަށް ފަހު ހިލްޔާއާއި އެކީ ފަތިސް ނަމާދުކޮށް ހެނދުނުގެ ޒިކުރުތައް ކިޔައި ނިމުނުއިރު ދާނިޝްގެ ހިތަށް ހަމަޖެހުމެއް ލިބިފައިވިއެވެ. އެއާއިއެކު ދުޢާގެ މުހިއްމުކަން ދާނިޝްއަށް އިޙްސާސް ކުރެވުނެވެ. ރޭ އޮފީހުން ގެއަށް އައިސް އޭނަ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރީ ދުޢާ ކުރަން ޚިޔާލު ކުރުމެއް ވެސް ނެތިއެވެ. ނަމާދުގައި ވެސް ވިސްނެމުން ދިޔައީ އޭނައަށް ކުރިމަތިވާން އުޅޭ ޠޫފާނާއި އޭނަ ކުރިމަތިލާނެ ގޮތަކާއި މެދުގައެވެ. އެހެނަސް މިއަދު އެ ކުރެވުނު ކުޑަ ދުޢާއިން އޭނަގެ މުޅި ވިސްނުމަށް ވެސް އަސަރު ކުރި ފަދައެވެ. އަދިވެސް ދެން ކަންތައް ވާނެ ގޮތާއިމެދު ހިތުގައި ނުތަނަވަސްކަމެއް ވިޔަސް އެ ނުތަނަވަސްކަން އޭނަގެ ހިތާއި ހަމައަށް ނުފޯރައެވެ. ކޮންމެ ގޮތެއް ވިޔަސް ﷲ އެންމެ ރަނގަޅު ގޮތް މިންވަރު ކުރައްވާނެ ކަމަށް ހިތް ބުނަމުން ދިޔައެވެ.
ނަތީޖާއެއްގެ ގޮތުން ދާނިޝްގެ ސަމާލުކަން ހިލްޔާއަށް ވެސް ދެވޭ ގޮތްވިއެވެ. ރޭގެ ކެއުމާއި ޚިލާފަށް ނާސްތާގެ ތެރެއިން އާދައިގެ މަތިން ހިލްޔާއާއި ވާހަކަ ވެސް ދެއްކިއެވެ. ހިލްޔާ އެކަމާއިމެދު އުފާ ކުރިއެވެ. އިއްޔެއްސުރެ ދާނިޝް ގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމުން ޙަޤީޤަތުގައި ހިލްޔާ ވެސް ނުތަނަވަސްވެފައިވިއެވެ. އެހެނަސް އަނެއްކާވެސް ދާނިޝް ގެ ހިނިތުންވުންތައް ފެންނަން ފެށުމުން ހިލްޔާއަށް ވެސް ހިނިތުންވެވެން ފެށިއެވެ. ދާނިޝްއަށްޓަކައި ހިތުގައި އޮތް ލޯބި އިތުރުވީ، ދާނިޝް ގެ ހިނިތުންވުމުގެ ފަހަތުގައި ވާ ސަބަބަކީ ދާނިޝްއާއި ﷲ އާއި ދެމެދު އޮތް ގުޅުންކަން އެނގުންވުމުންނެވެ.
ކޮންމެ ގޮތެއް ވިޔަސް ދާނިޝް ދެންވެސް އޮފީހުގައި ޖެހިގެން އުޅޭ މައްސަލައެއްގެ ވާހަކަ ހިލްޔާއާއި ޙިއްސާ ނުކުރެއެވެ. ޙިއްސާ ނުކުރިޔަސް ހިލްޔާ އަމިއްލައަށް ދާނިޝްއަށް ހިތްވަރު ދޭން ބޭނުންވިއެވެ. ދާނިޝް އެ ކުރި ދުޢާގެ އިޖާބައިގެ ބަޔަކަށް ވާން ހިލްޔާ ވެސް ބޭނުންވިއެވެ.
“ދާން…” އާދައިގެ މަތިން އޮފީހަށް ދާން ދެމީހުން ރީތިވާ މޭޒު ކައިރީގައި ތައްޔާރުވާން ތިބި ވަގުތު ހިލްޔާ ގޮވާލިއެވެ.
“ހުމް؟” ހުދު ކުލައިގެ ގަމީހުގެ އަތުކުރީ ގޮށް އަޅުވަމުން ލޯގަނޑުން ހިލްޔާއަށް ބަލަން ހުރެ ދާނިޝް ބުންޏެވެ.
“އަހަރެން…އިއްޔެ ދެއްކި ވާހަކައިން ދާން ވަރަށް ކަންބޮޑުވެފަ ދޯ ތިހިރީ؟” ހިލްޔާއަށް އަހާލެވުނެވެ. ކޮންމެހެން ޖަވާބެއް ހޯދާކަށް ނޫނެވެ. ދާނިޝްއަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަ ފެށުމަށް ކޮށްލި ސުވާލެކެވެ. ހިލްޔާ ހީކުރީ ދާނިޝް އެއްޗެކޭ ނުބުނާނެ ކަމަށެވެ. އެހެނަސް…
“ޔެސް އެންޑް ނޯ. ހިލޫ ދެއްކި ވާހަކައިގެ ސަބަބުންނެއް ނޫން. އެ ވާހަކައިގެ ސަބަބުން އަހަންނަށް ހީވި ހީވުމަކީ ޙަޤީޤަތަކަށް ވެދާނެކަމަށް ޤަބޫލު ކުރެވެން ފެށީ.” ދާނިޝް ކަޅުކުލައިގެ ޓައި އަޅަމުން ވާހަކަ ދެއްކިއެވެ.
“ކޮން ހީވުމެއް؟” ޝޯލްގައި ޕިން ހަރުކުރަމުން ލޯގަނޑުން ދާނިޝްއަށް ބަލަން ހުރެ ހިލްޔާއަށް އަހާލެވުނެވެ.
“މޭއިބީ…ޖަސްޓް މޭއިބީ ބިޒްނަސް ޑައުން ވެދާނެ. އެލާމިންގް ރޭޓެއްގަ ލޮސް ވެދާނެހެން ހީވަނީ. ހީވުމެއް އަދި. ޔަޤީން ނުވަނީސް ކޮންމެހެން ހިލޫ ކަންބޮޑު ކުރުވާކަށް ބޭނުމެއް ނޫން. ޑޯންޓް ވޮރީ އައި ވިލް ފިކްސް އިޓް އިން ޝާ ﷲ.” ދާނިޝް ހިނިތުންވުމަކާއެކީ ހިލްޔާއަށް ލުއި ނަޒަރެއް ދެމުން އެހެން ބުނިއިރު ދާނިޝް ޓައި އަޅައި ނިމުނީއެވެ.
“އިން ޝާ ﷲ. އެނގޭ ދާން އަކީ ވަރަށް ކެޕެބަލް ބިޒްނަސްމޭންއެއް ކަން. އެކަމަކު ހަނދާން ކުރައްޗޭ. ނަތީޖާތައް ނެރުއްވަނީ ހަމައެކަނި ﷲ. ބިޒްނަސް ޑައުން ވިޔަސް އަހަރުމެންގެ ދިރިއުޅުން އޭގެ ސަބަބުން ބަރުބާދުވީ ކަމަށް ބަލައިގެނެއް ނުވާނެ. އަހަރުމެންނީ ﷲ ރުހިވޮޑިގެންވާ އަޅުން ކަމަށްވާނަމަ އަހަރުމެން އަބާއްޖަވެރިއެއް ނުވާނެ، އިން ޝާ ﷲ. ދުނިޔެއަކީ ވަގުތީ ތަނެއް. އިމްތިޙާނުގެ ގޯއްޗެއް. މިތަނުގައި އަބަދު ފަސޭހައިގަ އުޅުމަކީ ނާދިރު ކަމެއް. މުހިއްމީ ހުރިހާ ޙާލަތެއްގައި ވެސް ސުވަރުގެއަށް ވާޞިލުވެވޭނެ ގޮތަށް ޢަމަލު ބެހެއްޓުން. އަދި….ބުނެލަން ބޭނުންވަނީ، ކޮންމެ ޙާލަތެއްގަ ވެސް އަހަރެން ދާން އާއެކީ ހުރެދޭނަމޭ، އިން ޝާ ﷲ. އަހަރެން ދާން ދެކެ ލޯބިވީ ﷲ އަށްޓަކައި ކަމަށްވާތީ، ޤިޔާމަތް ދުވަހު ދާން ގެ އަތުގައި ހިފައިގެން ﷲ ގެ ޙަޟްރަތަށް ދިޔުމަށް ހިތް އެދެނީ.” ޝޯލް އަޅައި ނިމިގެން ހިލްޔާ އެ ފަހު ބަސްތައް ބުނެލީ ހިނިތުންވުމަކާއެކީ ދާނިޝްއާއި ކުރިމަތިލަމުންނެވެ. ރާފިލް ދާނިޝް ގާތު ބުނި ބަސްތައް ވެސް ހަނދާން ކުރަމުންނެވެ.
މުސްތަޤްބަލުގައި ވެދާނެ ގޮތަކާއިމެދު ހިލްޔާގެ ހިތުގައި ވެސް ނުތަނަވަސްކަމެއް އޮތެވެ. އެހެނަސް އެވަގުތު ޔަޤީންވިހާ ވެސް ކަމަކީ އޭނަ ބޭނުންވީ ދާނިޝްއާއި އެކީ ހުންނަން ކަމެވެ. ދާނިޝްގެ ފަރާތުން ﷲ ރުހިވޮޑިގެންވާ ޢަމަލުތައް ފެންނާތީވެއާއި ދާނިޝްއަކީ އޭނައަށް ﷲ މަތިން ހަނދުމަކޮށްދޭ ބައިވެރިޔަކަށް ވާތީވެއެވެ. އޭނަގެ ހިތުގައި ދާނިޝްއަށްޓަކައިވާ މި ފުން ލޯބި ދާނިޝްއަށް އިޙްސާސް ކުރެވޭނެ ބާއޭ ހިލްޔާގެ ހިތަށްއަރައެވެ.
ހިލްޔާގެ އެ އެދުން އެވަގުތު ކޮންމެވެސް ވަރަކަށް ފުރިހަމަވިއެވެ. ދާނިޝް ލަސްލަހުން ހިލްޔާއާއި ދިމާލަށް އެނބުރިލީއިރު އެ ލޮލުން ކަރުނަތައް ނިރާލީ، ހިލްޔާ އޭނަދެކެ ވާ އިޚްލާޞްތެރި ލޯބި އިޙްސާސް ކުރެވުމުންނެވެ. ހިލްޔާ ދެންމެ އޭނައަށް އެ ދިނީ އޭނަ ބޭނުންވެފައިވި ނަސޭޙަތެވެ. އާޚިރަތް މަތިން ހަނދާންވުމުން އޭނަ ދުނިޔަވީ ކަމަކާއި ފިކުރުބޮޑު މިވަނީ މާ ބޮޑަށް ކަން އެނގުންވެގެން ދިޔައެވެ. ހަމަ އެއާއިއެކު ކުރިމަތީގައި މިހިރީ އޭނަ ﷲ ގެ ރުހިވޮޑިގަތުމާއި ހަމައަށް ވާސިލުވުމަށް އެހީވެދޭނެ ބައިވެރިއެއްކަން އެނގުންވީ ވަގުތު ހިތް ލޯބިން ފުރިގެން އައެވެ. އެހިނދު ލޮލަށް އިތުރު ކަރުނަތައް ޖަމާވާން އުޅުނު ވަގުތު ހިލްޔާ ގާތަށް ގެނެސް ހިލްޔާގެ ގައިގައި ބައްދާލަމުން ލޯ މަރާލެވުނެވެ.
ނުނިމޭ

August 21, 2026 @ 5:46 pm
Does anyone remember how Hilya wanted a love like in the movies? Well, looks like she got a love better than in the movies 😃 And that’s only possible with the love of Allah 🥰
I know I highlighted this before but felt like highlighting again. Its just sad that so many Muslims, get swept away with mainstream media’s idea of love. While our deen teaches us to love so deeply and truly.
I can’t help but think how our entire communities will be different, if we just understood the concept of love in our deen. The way we approach the idea of marriage and family will be very different. It will be intentional and purposeful, rather than it being dependent on just emotions and whims, which change with time and circumstances.
May Allah grant all of us the understanding of our deen and a love for living by it. Aameen!
August 21, 2026 @ 5:52 pm
Maashaa Allah mi part vx varah varah reethi…..
Alhey hauren vx haadha goahey…..
Next part ge inthizaaruga..
When next?