Hijra (Part 38)
“ބައްޕާ….ބައްޕާ. ބައްޕާ!” އަފްރީން ބާރުވަމުން ދިޔަ އަޑަކުން ބައްޕައަށް ގޮވަމުން ކޮޓަރީގެ ދޮރާއި ހަމައަށް ގޮސް ދޮރުގައި އެއްއަތުން ތަޅަން ފެށިއެވެ. ބޭރުގައި ހުރި ޝަރީފަށް އެ އަޑު އިވުމުން އޭނަ ވަގުތުން އެ ދިމާލަށް ދިޔައެވެ. ދޮރާއި ހަމަވެ ތަޅު އަނބުރާލަން އުޅުނު ވަގުތު ތަޅުގައި އެޅުވިފައި އޮތް “ޑޫ ނޮޓް ޑިސްޓާބް” ގެ ނިޝާން ފެނިފައި ޝަރީފްގެ ނިތަށް ރޫގިނަވިއެވެ. ސިކުނޑިއަށް ގޯސް ޚިޔާލުތަކެއް ވެރިވިއެއްކަމަކު ފަހުން ހިތަށް އެރީ މިއީ އަފްރީންމެންގެ މަސައްކަތަށް ހުރަސް އެޅިދާނެތީ އަޅުވާފައި އޮތް ނިޝާނެއް ކަމަށެވެ. ޝަރީފް ތަޅު އަނބުރާލަމުން ދޮރު ހުޅުވާލިތަނާހެން އަފްރީން ވައިއަޑުން ބައްޕާއޭ ކިޔައި ޝަރީފްގެ ގައިގައި އޮޅުލައިގަތެވެ. އަފްރީންގެ ދެއަތް ފިނިވެފައިވި ގޮތުން އޭނަ ބިރުގެންފައިވިކަން ޝަރީފަށް އެނގުނެވެ. މިތާނގައި ބަންދުވީ ކިހިނެއްތޯ ޝަރީފް ސުވާލުކުރަން އުޅުނު ވަގުތު ބިންމަތިން ތެދުވެލީ މިސްބާޙް ޝަރީފަށް ފެނުނެވެ. މިސްބާޙް ކޮޓަރީގެ ދޮރާއި ދިމާލަށް އެނބުރިލީ ވަގުތު ޝަރީފްގެ މޫނުމައްޗަށް އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަން ވެރިވިއެވެ. ޝަރީފްގެ ސިކުނޑި ވަގުތުން ކަންތައްވީ ގޮތް އަމިއްލަ އަމިއްލައަށް ނިންމައިފިއެވެ. އޭނަ އަފްރީން ގަޔާއި ދުރުކޮށްލަމުން ދިގު ފިޔަވަޅުތަކެއްގައި ގޮސް މިސްބާޙްގެ ކުރިމަތީގައި މަޑުކޮށްލިއެވެ. މިސްބާޙް ޝަރީފަށް ބަލާލީތަނާހެން އޭނަގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ. ލިބުނު ޝޮކާއެކީ މިސްބާޙް އޭނަގެ ކޯތާފަތްމަތީ އެއްއަތް އަޅައި ދެލޯ ބޮޑުކޮށްގެން ހުރެ ޝަރީފަށް ބަލާލިއެވެ.
“ކަލޭދޯ މަގޭ ދަރިފުޅު މިތަނަށް ގެނެސް ތަޅުލީ؟” ޝަރީފް ރުޅިވެރިކަމާއެކީ ހަރުއަޑުން ސުވާލު ކުރިއެވެ. ޝަރީފްގެ އަޑުގަދަ ކަމުން ޖެހިގެން ހުރި ކޮޓަރީގައި ތިބި ފަލަކްމެނަށް ވެސް އެ އަޑު އިވުނެވެ. ކަންތައް ވަރަށް ގޯސްވެއްޖެކަން އެނގި އެމީހުން ރަނގަޅަށް އަޑު އެހުމަށްޓަކައި ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލަމުން އެކޮޅުން ދެކެވޭ ވާހަކައެއް އަޑު އިވޭތޯ މަސައްކަތް ކުރިއެވެ.
“އަޅުގަނޑު ނޫން ތަޅުލީ. އަޅުގަނޑުވެސް ކޮޓަރިއަށް ވަތްފަހުން ތަޅުލެވުނީ.” މިސްބާޙް އާދައިގެ އަޑަކުން ސާބިތުކަމާއެކީ ޝަރީފަށް ބަލަންހުރެ ބުނެލިއެވެ.
“އެއީ ތެދެއްތަ އަފޫ؟” ޝަރީފް އަފްރީނާއި ދިމާލަށް އެނބުރިލަމުން ސުވާލު ކުރިއެވެ. އެވަގުތު މިސްބާޙަށް ވެސް އޭގެ ޖަވާބަކަށް އިންތިޒާރު ކުރެވުނެވެ.
“ލައްބަ ބައްޕާ. އެކަމަކު މީނައަކީ އެ ދޮރު ތަޅުލި މީހުންގެ ބައިވެރިއެއް.” އަފްރީން ނުރުހުންތެރިކަމުން ފުރިފައިވާ ހިތަކާއެކީ މާ ބޮޑު ވިސްނުމެއްނެތި ބުނެލިއެވެ. އޭނަ ދުވަހަކުވެސް މީހަކާމެދު މިގޮތަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ވާހަކަ ދެކެވުނު ގޮތާއިމެދު ފުރަތަމަ ސިކުންތުގައި ހިތާމަ ކުރެވުނެއްކަމަކު ދެވަނަ ސިކުންތުގައި މިއީ މިސްބާޙަށް ޙައްޤުވާ ގޮތް ކަމުގައި ހިތް ބުނެލައިފިއެވެ.
“އަހަންނަކީ އެމީހުންގެ ބައިވެރިއެއްނޫން އަފްރީން!” މިސްބާޙް މޭމަތީގައި ޝަހާދަތް އިނގިލި ޖައްސަމުން އަފްރީނަށް ބަލަހައްޓައިގެން ހުރެ އަންގާލިއެވެ. އެއިން އަފްރީނަށް އަސަރެއް ކުރިކަމުގައި ނުވެއެވެ.
“ރައިޓް! ތި ބުނަނީ ތިމަންނައަކީ އަމިއްލަ ކޮއްކޮގެ ބައިވެރިއެއްނޫނޭތަ؟” އަފްރީންގެ އަޑު ހަރުވިއެވެ. އެހެނަސް ޝަރީފް އެއާއިމެދު ވަކި އެއްޗެކޭ ނުބުންޏެވެ. އެއްޗެކޭ ބުނުމަށްވުރެ ބޮޑަށް އޭނަ ހުރީ އަފްރީނާއި މިސްބާޙްގެ ވާހަކަތަކަކުން ކަންތައް ވީ ގޮތް އެނގެން ބޭނުންވެފައެވެ.
“ސިނާން އަހަންނަށް އޮޅުވާލީ. އަހަރެން އޮޅުވާލައިގެން އޭނަ އަހަރެން މިތަނަށް ގެނައީ. ސިނާން ބުނީ އަހަރެންގެ އައި ޕެޑް އޮތީ މިގޭގައޭ. އޭތި ނަގަންވެގެން އަހަރެން މިގެއަށް އައީ.” މިސްބާޙްގެ ވާހަކަ ނިމުނުތަނާހެން އަފްރީން ވާހަކަ ފެށިއެވެ.
“ވާވް! މިސްބާޙް ވަރަށް މޮޅު އެކްޓުކުރަން. ފިލްމެއް ކުޅެންވީއެއްނު؟ އަހަރެން އޮޅުވާލަން ނުއުޅޭތި! އަހަރެން އަޑުއެހިން މިސްބާޙާއި ސިނާން އެއްތަނެއްގައި ތިބެގެން ދެއްކި ވާހަކަތައް. އަދި ކުރީކޮޅު އުޅުނީމެއްނު އަހަރެންގެ ސަމާލުކަން ހޯދަން؟ ހީކުރީތަ ކޮންމެކޮންމެ އަންހެން ކުއްޖަކު ހައްލާލާ ގޮތަށް އަހަރެން ހައްލާލެވޭނެ ކަމަށް؟ ޗި! ނުއުޅެން ތިކަހަލަ މީހަކު ނުލިބިގެން.” އަފްރީން ވާހަކަ ދެއްކި ގޮތުން މިސްބާޙްގެ ހިތް ދެރަވިއެވެ. އަފްރީން ނަފްރަތުން ފުރިގެންވި ދެލޮލުން އޭނައަށް ބަލަހައްޓައިގެން ހުރިތަން ފެނިފައި އޭނަގެ އަރުތެރެ ބެދެން ފެށިހެން މިސްބާޙަށް ހީވިއެވެ.
“އަފްރީން…….އަ…ހަރެން ބަދަލުވެއްޖެ.” އަފްރީން ޤަބޫލުކުރާނެ ކަމުގެ އުއްމީދެއްނެތި މިސްބާޙް މަޑުމައިތިރި އަޑަކުން ބުންޏެވެ.
“ދޮގު!” އަފްރީން ދެދަތްޕިލަ ޖައްސައިގެން ހުރެ އެހެން ބުނެލީ ޔަޤީންކަމާއެކީގައެވެ. އަފްރީންގެ ހިތުގައި އޭނައަށްޓަކައި ކުޑަވެސް އިތުބާރެއް ނެތްކަން އެނގުންވި މިސްބާޙްގެ ލޮލަށް ކަރުނަތައް ގިނަވެގަތެވެ. އޭނަ އެކަން ފޮރުވުމަށްޓަކައި ޖިންސްގެ ޖީބަށް އަތްޖަހާލަމުން އިސްޖަހާލިއެވެ.
“އެ ނޫންކަމެއް މީނަގެ ފަރާތުން އުއްމީދު ކުރާނެކަމެއްވެސް ނެތް. މިއީ އެ މަކަރުވެރި އަމީންގެ ދަރިފުޅުވިއްޔަ!” ޝަރީފް މިސްބާޙަށް ބަލަންހުރެ ބުނެލިއެވެ. އެ ވާހަކައިން މިސްބާޙްގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާނެއް ރޯވާން އުޅުނެވެ. އެހެނަސް އޭނަ އަވަސްއަވަހަށް އެ އަލިފާން ނިވާލީ ރުޅި އިސްކުރުމުން ޙާލަތް އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެކަން ހަނދާން ކުރަމުންނެވެ.
“މީނަ ދަރިފުޅުގެ ގަޔަށް އަތްލިތަ؟” ޝަރީފް އަފްރީނަށް ބަލާލިއެވެ.
“އަތް ނުލެވެނީސް ބައްޕަ ތިއައީ. ހުރީ ދުރުގަ އަހަރެން އަންނާނެ އިރެއްގެ އިންތިޒާރުގަ. އަހަރެން ނުގޮސް ހުއްޓާ މާ ގިނައިރުވިނަމަ އޭނަ އައީސް.” އަފްރީން މިސްބާޙަށް ބަލަންހުރެ އެ ނޫން ގޮތަކަށް ކަންތައް ވެފައިވާނެކަމަށް ހިތަށްވެސް ގެނައުމެއްނެތި ބުނެލިއެވެ. މިސްބާޙް ޤަބޫލުކުރަން ވެސް ދަތިވެފައި ކުއްލިއަކަށް އިސްއުފުލާލަމުން އަފްރީނާއި ދިމާލަށް ބަލާލިއެވެ. އެވަގުތު މިސްބާޙްގެ މޫނުމަތީގައިވި ޙައިރާންކަމާއި ހިތާމަވެރިކަން އެކުލެވޭ އަސަރެއް ފެނިފައި އަފްރީންގެ މެއަށް ގޮތެއްވިއެވެ. އޭނައަށް ދެންމެ ވާހަކަ ދެކެވުނީ ރަނގަޅަކަށް ނޫންހެން ހިނދުކޮޅަކަށް ހީވިއެވެ. އެހެނަސް މިސްބާޙަކީ ދަޅަ ދައްކަން މޮޅު މީހެއްކަން ހަނދާންވުމުން އެ ޚިޔާލު ބަދަލުވިއެވެ.
“ހިނގާ ދަރިފުޅާ.” ޝަރީފް އެހެން ބުނެލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. އަފްރީން ވެސް މާ ގިނައިރު އެތާ ހުރުމެއްނެތި އެތަނުން ނިކުމެގެން ދިޔައެވެ. ޝަރީފާއި އަފްރީން ގެއިން ނިކުންނަން ދިޔަ ވަގުތު ބޭރުގައި ތިބި އަމާނީ އާއި ފަލަކް ކޮޓަރިތެރެއަށް ދެމިގެންފިއެވެ.
ޝަރީފްގެ ފަހަތުން ގެއިން ނިކުމެގެން އަފްރީން ޖިޕާއި ހަމައަށް ދިޔައިރު ވައިބާރުވެފައިވިއެވެ. އުޑުމަތިން އެންމެ ތަރިއެއްވެސް ނުފެންނަ ގޮތުން ދެންމެ ދެންމެ ވާރޭވެހެން ފަށާފާނެހެން ހީވެއެވެ. ޖެހެމުން ދިޔަ ވައިން ސަލާމަތް ވަމުން އަފްރީނަށް ޖިޕަށް އެރުނީ ޝަރީފާއި އެކުއެކީގައެވެ. ޖިޕްގެ ދޮރު ލައްޕާލަމުން އަފްރީން ބައްޕަގެ މޫނަށް ބަލާލިއިރު ބައްޕަގެ މޫނުން އޭރުވެސް ފެންނަމުން ދިޔައީ ނުރުހުންތެރިކަމެވެ. ބައްޕަ ވަކި އެއްޗެކޭ ނުބުނެ ޖިޕް ދުއްވާލުމުން އަފްރީން ފުން ނޭވައެއް ދޫކޮށް ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. މަގުގެ ދެފަރާތުން ގެތަކަށް ފަސްދެވެމުން ދިޔަ މަންޒަރަށް ބަލަން އިންދާ އަފްރީނަށް މިރޭ ވެގެން ދިޔަ ހުރިހާ ކަމަކާމެދު ވިސްނެން ފެށިއެވެ. ފަލަކް އޭނަގެ ގެއަށް އައުމަށް އެދި އަފްރީނަށް ގުޅި ވަގުތެވެ. އޭނަ އެގެއަށް ދިޔުމުން އޭނަ ކޮޓަރިއަކަށް ގެންދެވުނު ގޮތެވެ. ފަލަކްމެން ސައި ހަދާށޭ ކިޔާފައި ދިޔަ މަންޒަރެވެ. އޭގެ އިރުކޮޅެއްފަހުން މިސްބާޙް އޭނަގެ ކުރިމައްޗަށް އެރި ހިނދުކޮޅެވެ. އޭގެ ދެވަނަ ސިކުންތުގައި ދޮރު ލެއްޕިގެން ދިޔައިރު އޭނަހެން މިސްބާޙް ވެސް ސިހިގެން ދިޔަ ގޮތެވެ. ކޮޓަރީގެ ބޭރުން ސިނާން ދެއްކި ވާހަކަތަކެވެ. މިސްބާޙް ކޮޓަރިން ނިކުންނަން ކުރި މަސައްކަތެވެ. އެކަން ކާމިޔާބު ނުވުމުން މިސްބާޙް އޭނައާއި ދިމާލަށް އަންނަން ފެށިހެން ހީވި ހީވުމެވެ. އޭގެ އިރުކޮޅެއްފަހުން އިވުނު މިސްބާޙްގެ ގިސްލުމުގެ އަޑެވެ. މިސްބާޙް ތިމަންނަ ބަދަލުވެއްޖެއޭ ބުނިއިރު އޭނަގެ މޫނުމަތީގައިވި ހިތާމައިގެ އަސަރެވެ. އެ ދެރަ މޫނު އަފްރީންގެ ލޯމައްޗަށް ސިފަވެގެން ދިޔަ ވަގުތު އޭނަގެ ޚިޔާލު ހުއްޓުމަކަށްއައެވެ. މިސްބާޙް ހަމަ ޙަޤީޤަތުގައި ވެސް ބަދަލުވެފައި ވެދާނެބާވައެވެ؟ އަފްރީންގެ ސިކުނޑި ވަގުތުން ނޫނެކޭ ބުނީ ނަޝާ ބުނި އެއްޗެއް ހަނދާން ވުމުންނެވެ. ނަޝާ ބުނި ގޮތުގައި މިސްބާޙް އޭނައަށް ޤަބޫލުކޮށްދޭން އުޅޭ ކަމަކީ އޭނަ ބަދަލުވެއްޖެކަމެވެ. ނަޝާއަށް އިތުބާރު ކުރެވިދާނެބާވައެވެ؟ އަފްރީނަށް ވިސްނާލެވުނެވެ. ނަޝާ ބުނި ގޮތުގައި ނައުފާވަނީ ސިނާންގެ ރޭވުމުގައި ބައިވެރިވުމަށް އިންކާރު ކޮށްފައެވެ. އެހެނަސް މިރޭ އެގެއަށް އައުމަށް އޭނައަށް ދަޢުވަތު ދިން ފަލަކަކީ ނައުފާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެދެމީހުންގެ ދެމެދުގައި އެއްވެސް ސިއްރެއް އޮންނާނެހެނެއް އަފްރީނަކަށް ހިއެއްނުވެއެވެ. ނަޝާ އެރޭ އޭނަ ގާތު ދެއްކީ ދޮގު ވާހަކަތަކެއް ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން އަފްރީންގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. އޭނައަށް އިތުބާރު ކުރަންވީ ކާކަށްކަމެއް ނޭނގުނެވެ. އޭނަ ފުން ނޭވައެއް ދޫކޮށްލަމުން ސީޓަށް ލެނގިލިއެވެ. ދެލޯ މަރާލުމާއެކު އެސްފިޔަތަކުގެ ދޭތެރެއިން އޭނައަށް ސިފަވީ މިސްބާޙްގެ ސޫރައެވެ. މިސްބާޙްގެ ފަރާތުން ފެނުނުހާ ރަނގަޅު ސިފަތައް ހަނދާންވެފައި އޭނަ ގޯސްވާނީ ކިހިނެއްތޯ އަފްރީންގެ ހިތް ސުވާލުކުރިއެވެ. އޭނަ ގޯސްވިނަމަ އޭނަ މިރޭ އެއްވެސް ކަމެއްނުކުރީ ކީއްވެ ހެއްޔެވެ؟ އެ ޢަމަލު ހިންގާކަށް އޭނަ ވަކި އަފްރީން ރުއްސާކަށް ނުޖެހެއޭ ފުރަތަމަ ފަހަރަށް އަފްރީންގެ ހިތް ބުންޏެވެ. ސިނާން ބޭނުންވަނީ މިސްބާޙް ލައްވާ އޭނަ ބަދުނާމު ކުރަން ކަމުގައިވާނަމަ މިރޭ މިސްބާޙަށް މާ ރަނގަޅަށް ވެސް އެކަން ކުރެވުނީހެވެ. ނަމަވެސް މިސްބާޙް އެއްވެސް ކަމެއް ނުކުރެއެވެ. އެ ޚިޔާލު ސިކުނޑިއަށް ވަނުމުން އަފްރީންގެ ހަނދާނަށް އައީ މިސްބާޙް އޭނަ ވެސް އޮޅުވާލެވުނު ގޮތް ކިޔައިދިން މަންޒަރެވެ. އެއީ ތެދަކަށްވާނަމަ މިރޭ އޭނައަށް މިސްބާޙަށް ވަރަށް ބޮޑު އަނިޔާއެއް ދެވުނު ކަހަލަ އިޙްޞާޞެއް އަފްރީނަށް ކުރެވުނެވެ. އޭނަ ކުއްލިއަކަށް އޭނައަށް ބުނެވުނުހާ ވާހަކައެއް އަނބުރާ ގެންނަން ބޭނުންވިއެވެ. މިސްބާޙްގެ ނުބައި ނިޔަތެއް ވިނަމަވެސް އޭނައަށް އެއްވެސް އެއްޗެކޭ ނުބުނެވުނުނަމައޭ ހިތަށްއެރިއެވެ. މިސްބާޙް ދެރަވާނެ މިންވަރު ތަޞައްވުރު ކުރެވުމުން އަފްރީންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެ ކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިގެން އައީ ޙަޤީޤަތަކީ ކޮންމެ އެއްޗަކަށް ވިޔަސް ދެން އޭނައާއި މިސްބާޙާއި ދެމެދު އޮތް ގުޅުން ރަނގަޅެއް ނުވާނެކަމަށް ސިކުނޑި ބުނުމުންނެވެ. މިސްބާޙަކީ ޞާލިޙު މީހަކަށް ވިޔަސް ދެން މިސްބާޙް އޭނައަށް މަޢާފުކުރާނެކަމެއް ނޭނގެއެވެ. އަފްރީނަށް އޭނަގެ ކޯތާފަތް އެއްއަތުން ފޮހެމުން ނޭވައެއް އެތެރެއަށް ދަމާލެވުނެވެ. ހަމަ އެވަގުތު ޝަރީފް ކުއްލިއަކަށް ބުރަކި ޖައްސާލިއެވެ. އަފްރީނަށް ހީވީ އޭނަގެ މޭގަނޑު އަތަށް އައީ ހެންނެވެ.
“އަފޫ……އޭނަ ޙަޤީޤަތުގަ އަތްލިދޯ؟ ބައްޕައަކަށް ހިއެއްނުވޭ އެކަހަލަ މީހަކާއެކީ އެކަނި ކޮޓަރިއެއްގަ ސަލާމަތުން ހުރެވޭނެހެނެއް.” ޝަރީފް ބުމަގޮށްޖެހިފައި އިނދެ ބުނެލިއެވެ.
“ނޫން ބައްޕާ. އޭނަ ހަމަ އެއްވެސް ކަމެއް ނުކުރޭ.” އަފްރީން ކިތަންމެ ބޭނުމެއް ނުވިޔަސް އޭނައަށް ވާހަކަ ދެކެވުނީ ރޮވިފައިވާ އަޑަކުންނެވެ.
“އަފޫ ބިރުނުގަންނައްޗޭ. ބައްޕައަށް ހީވަނީ ވަރަށް ކުރީއްސުރެހެން އެ މިސްބާޙަކު ދަރިފުޅާއި އަޅައިގަނެގެން އުޅެނީ. ބައްޕަ ދުށީމޭ އޮރިއެންޓޭޝަން އޮތް ރޭ އޭނަ ސައިކަލުމަތީގައި އިނދެ އަފޫއާ ވާހަކަ ދެއްކިތަން. އޭނަ އުޅެނީ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކުރަންހެން ބައްޕައަށް ހީވަނީ. އެކަމަކު އޭނަ ކިތަންމެ ބިރެއް ދެއްކިޔަސް ދަރިފުޅު ބައްޕަ ގާތު ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދީ.” ޝަރީފް ކަންބޮޑުވުމަކާއެކީ އަފްރީން ހިތްހަމަޖައްސައިދޭން އުޅޭ ފަދައަކުން ވާހަކަ ދެއްކިއެވެ.
“ނޫން ބައްޕާ. އޭނައަކީ އެކަހަލަ މީހެއްނޫން.” އަފްރީނަށް އެހެން ބުނެލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާނުލައެވެ. ޚުދު އޭނަ އަމިއްލައަށް އޭނައަށް ބުނެވުނު އެއްޗަކާމެދު ޙައިރާންވިއެވެ. ޝަރީފް މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލިއެވެ.
“އެންމެ ރަނގަޅު. ދަރިފުޅު ދޭ ގެއަށް. ބައްޕަ އެބަ އަންނަން އިރުކޮޅަކުން.” ޝަރީފް އަފްރީނަށް ބަލަން އިނދެ ބުނެލިއެވެ. ގެއަށް އާދެވުނުކަން އަފްރީނަށް އެނގުނީވެސް ޖިޕުގެ ކުޑަދޮރުން ބޭރު ބަލާލުމުންނެވެ. އޭނަ ކުޑަކޮށް ހޫންލައްވާލަމުން ޖިޕުން ފައިބައިގެން ގެއާއި ދިމާލަށް ހިނގައިގަތެވެ. އަފްރީން ހިނގަމުން ދިޔަތަން ޝަރީފަށް ބަލަން އިނދެވުނީ ހާސްވެފައިވާ ހިތަކާއެކީގައެވެ. ނޭނގޭ ސަބަބަކާހުރެ ބަޔަކު މީހުން އޭނަގެ ދަރިފުޅު ވަރަށް ބޮޑު ކުޅިގަނޑެއްގެ ތެރެއަށް ވައްދައިގެން އުޅޭހެން ޝަރީފަށް ހީވިއެވެ. އަންހެން ކުދިންނަށް ބިރު ދައްކައިގެން ކަންތައް ކުރުވާ ވާހަކަ މި ދުވަސްކޮޅު އިވެމުން ދަނީ މަދުންނެއްނޫނެވެ. އޭނަ އަފްރީން އެފަދަ ކަމެއްގެ ޝިކާރައަކަށްވާކަށް ނޭދުނެވެ. އެ އަމީންގެ ދަރިފުޅު އަފްރީނަށް އަނިޔާކުރާހެން އަނެއްކާވެސް ހީވި ވަގުތު ޝަރީފްގެ ބުމަގޮށްޖެހުނެވެ. އޭނަ ނަވާޒާއި ނަވާޒްގެ ބައިވެރިންނަށް އިންތިހާއަށް ރުޅިއާދެއެވެ. ޝަރީފްގެ ނަޒަރުން އެމީހުންނާއި ގުޅޭ އެންމެނަކީ ވެސް ނުލަފާ މީހުންނެވެ. އޭނަ އޭނަގެ ދަރިފުޅު ނުލަފާ މީހެއްގެ ވާރިސެއްގެ އަތްދަށުން ސަލާމަތް ކޮށްދޭނެއެވެ. އެ ޚިޔާލު ހިތަށް ވަނުމުން ޝަރީފް ދެވަނަ ވިސްނުމެއްނެތި ވަރުގަދަ ޢަޒުމަކާއެކީ ޖިޕް ދުއްވާލިއެވެ.
**
“އިންތިޚާބަށް މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް، ތި ބޭފުޅުން ވަރަށް ވިސްނަވަންޖެހޭ. ވަށައިގެން އިވެމުންދާ އަޑުތައް ރަނގަޅަށް އައްސަވަންޖެހޭ. އެ ހުރިހާ އަޑުތަކަށް ބަލާއިރު އެންމެ ސާބިތުކަން ހުރީ ކޮން ޕާޓީއަކުން އިވޭ އަޑުތަކެއްގަތޯ؟” ހޯލެއްގެ ސްޓޭޖެއްގެ މަތީގައި ހުރި މުށި ކުލައިގެ ޕޯޑިއަމަށް އަރައި ހުރި އަމީން ވާހަކަ ނިންމާލީ އަޑު ހަރުކޮށެވެ. އެހާ ހިސާބަށް އޭނަގެ ވާހަކަ ދިޔަތަނާ ހޯލުގައި ތިބި އެންމެން އަތްތިލަ ބަޑިޖަހަން ފެށިއެވެ. ހޯލުގެ މެދުގައި ހަނި މަގެއް ވާގޮތަށް ދެ ފަރާތުގައި ގޮނޑިތައް ރޭވިފައި ހުރިއިރު ހުސް އެންމެ ގޮނޑިއެއްވެސް ނެތެވެ. އެންމެ ކުރީ ސަފުގައި ޢިއްޒަތްތެރިންނާއެކު އޮރެންޖް ކުލައިގެ ދިގު ހެދުމެއްގައި ހަމަ އެކުލައިގެ ބުރުގާއެއް އަޅައިގެން ހެވިފައި އިން ޒާހިޔާވެސް އިނެވެ. މި ޖަލްސާއަކީ ނުހަނު ބޮޑު ޖަލްސާއަކަށް ވުމުން ހޯލުގެ އެކި ދިމަދިމާލުގައި ނޫސްވެރިން ކެމެރާ ހިފައިގެން އުޅޭތަން ފެނެއެވެ. ހޯލުގެ ސީދާ މެދުގައި އެޗް.އެން ޓީވީގެ ބޮޑު ކެމެރާއަށް މައްޗަށް ނަގާލެވިފައިވީއިރު ޔޫނުސް ފުރަތަމަ ދެ ސަފުގެ މެދުގައި އޭނައާއި އެއް އިސްކޮޅެއްގެ ސްޓޭންޑެއްގައި ކެމެރާ ހަރުކޮށްގެން ހުއްޓެވެ. ހުރިހާ ނޫސްވެރިންނާއި ޕާޓީގެ މެންބަރުން ވެސް އެންމެ ޙައިރާންވީ މިހާ ބޮޑު ޖަލްސާއަކަށް ނަވާޒް ހާޒިރު ނުވީތީވެއެވެ. އަމީންގާތު އެ ސުވާލުކުރެވުމުން ނަވާޒް އުޅެނީ ބަލިވެ ކަމުގައި އޭނަ ބުނެފައިވެއެވެ.
ޔޫނުސް ސީރިއަސް މޫނެއްގައި ހުރެ ކެމެރާގެ ބަޓަންތަކަށް ފިތަމުން ދަނިކޮށް އޭނަގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވިއެވެ. ކެމެރާއިން އަމީން ވީޑިޔޯ ކުރެވެމުން ދާ ގޮތާއިމެދު ހިތްހަމަޖެހުމުން ޔޫނުސް އޭނަގެ ޖީބުން ފޯނު ނަގައި ބަލާލިއެވެ.
“ޓީވީއިން އެބަފެނޭ. ތަންކޮޅެއް ތިއްތިކޮށް ހުރެބަލަ.” ނަސްރާގެ މެސެޖު ކިޔާފައި ޔޫނުސްގެ މޫނުމައްޗަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ. ނަސްރާ އޭނައާއި ސަމާސާއެއް ނުކުރާތާ ފުދޭވަރަކަށް ދުވަސްވެއްޖެއެވެ. ނަވާޒް އެމީހުންގެ ގެއަށް އައި ދުވަސްފަހުން އެދެމެދަށް ވަނީ ދުރުކަމެއް ވެރިވެފައެވެ. ޔޫނުސް މި ދިޔަ ދުވަސްކޮޅުގެ ތެރޭގައި ނަސްރާއާއި އަލުން އެކުވެރިވެވޭތޯ އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވެއެވެ. އެހެނަސް ފަހަކަށް އައިސް ސިޔާސީ ޖަލްސާތައް ގިނަވެ އޭނައަށް ލިބޭ ވަގުތު މަދުވުމުން އޭނައަށް އޮންނަނީ މާ ބޮޑު ކަމެއް ނުކުރެވިފައެވެ. ނަސްރާގެ ފަރާތުން ވެސް އޭނައާއި އެކުވެރިވާން މަސައްކަތް ކުރާ ކަމުގެ ނިޝާނެއް ނުފެންނާތީ ޔޫނުސްގެ ހިތްވަރު އެލޭ ގޮތްވެއެވެ. އެހެނަސް މިރޭ ނަސްރާ އިނީ އޭނަ ދެކޭހިތުން ޢާއްމު ގޮތެއްގައި ނުވެސް ބަލާ ކަހަލަ ޖަލްސާއެއް ބަލަންކަން އެނގުންވުމުން ޔޫނުސްއަށް އާ ހިތްވަރެއް ލިބިއްޖެއެވެ. އޭނަ ހެވިފައިހުރެ ނަސްރާއަށް ރިޕްލައި ކުރަން އުޅުނެވެ.
“ހުއްޓާލާ!” ހޯލުގެ ދޮރުމަތީގައި ހުރި ފިރިހެނަކު ހަރުއަޑުން ގޮވާލި އަޑަށް އެންމެނަށް އެކުއެކީގައި ފުރަގަހަށް ބަލާލެވުނެވެ. މުޅި ތަނަށް ހިމޭންކަން ވެރިވި ވަގުތު ޔޫނުސް ވެސް ހޯލުގެ މެދުގައި ހުރި ބޮޑު ކެމެރާގެ އެއްފަރާތުން އެތާނގައި ހުރި މީހަކު ފެނޭތޯ ބެލިއެވެ. އެ ދޮރުމަތިން ރުޅިން ރަތްވެފައިހުރި ޝަރީފް ފެނިފައި ޔޫނުސްއަށް ލިބުނު ޙައިރާންކަމާއެކީ އޭނައަށް ދެލޯ ބޮޑުކޮށްލެވުނެވެ.
“ޤައުމު ކުރިއަރުވާ ވާހަކަ ދެއްކުމުގެ ކުރިން އަމިއްލަ ދަރި އުޅޭ ގޮތް ބެލޭތޯ މަސައްކަތް ކޮށްބަލަ!” ޝަރީފް ތަނުގެ ހިމޭންކަން ނަގަމުން އަމީނާއި ދިމާލަށް ހަޅޭއްލެވިއެވެ. ޔޫނުސްގެ ނިތަށް ރޫގިނަވިއެވެ.
“ތިބޭފުޅާ ތި ދައްކަވާ ވާހަކައެއް އަޅުގަނޑަކަށް ސާފެއްނުވޭ.” އެތެރެއިން ރުޅިން އަނދައަނދާ ހުއްޓެއްކަމަކު މޫނުން އެކަން ދެއްކުމެއްނެތި އަމީން ޕޯޑިއަމްގައި ހުރެ ބުނެލިއެވެ.
“ސާފެއްނުވާނެ ދުވަހަކުވެސް. އަމިއްލަ ދަރިފުޅު ހިތް އެދޭހާ ތަނަކަށް ފޮނުވާފަ ތި ހުންނަވަނީ ޖަލްސާތަކަށް ވަޑައިގެންފަ ވިއްޔާ. ގެއަށް ގޮސް ހޯދަބަލަ ދަރިފުޅު ހުރިތަނެއް. ދެންމެ ވެސް އޭނަ ކޮންމެވެސް އަންހެން ކުއްޖަކު ގަދަކަމުން ކޮޓަރިއަކަށް ގެނެސް ތަޅުލައިގެން ހުއްޓާ އަހަރެން މިއައީ އެކުއްޖާ ސަލާމަތް ކޮށްފަ!” ޝަރީފް އަޑަށް ބާރުލާފައި ވާހަކަ ދެއްކީ އަފްރީންގެ ނަން އޮޅުމަކުން ވެސް ނުގެންނަން ހުވާކޮށްގެން ފަދައެވެ. އޭނަގެ ވާހަކަ ނިމުނުތަނާހެން މުޅި ހޯލު ތެރޭގައި ސިއްރު ވާހަކަތަކެއް ދެކެވެން ފެށިއެވެ. ޕޯޑިއަމްގައި ހުރި އަމީނާއި ގޮނޑީގައި ހުރި ޒާހިޔާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ދެމީހުން ވެސް ތިބީ ވާނުވާއެއް ނޭނގިފައެވެ. އެމީހުންނާއި އެއްވަރަށް ޝަރީފަށް ބަލަހައްޓައިގެން ހުރި ޔޫނުސް ވެސް ހުރީ ވީ ގޮތެއް އެނގެން ބޭނުންވެފައެވެ. ޝަރީފް މިފަދަ ވާހަކައެއް ދައްކާނީ ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހިގެން ކަން ޔޫނުސްއަށް ޤަބޫލުކުރެވުނެވެ.
ޒާހިޔާ އޭނަގެ ވަށައިގެން އިވެމުން ދިޔަ ވާހަކަތަކަށް ކެތްނުކުރެވިގެން އެންމެ ފަހަކަށް ގޮނޑިން ތެދުވިއެވެ.
“އަހަރުމެންގެ މިސްބާޙަކީ އެކަހަލަ ކުއްޖެއްނޫން. ކުރީގަ އޭނަ ގޯސްކޮށް އުޅުނު. އެކަމަކު ފަހަކަށް އައިސް އޭނަ ވަރަށް އަދަބުވެރި. ވަރަށް ބަސްއަހާ. ހިއެއްނުވޭ މިސްބާޙް ތިކަހަލަ ކަމެއް ކުރާނެހެންނެއް.” ޒާހިޔާ އެންމެނަށް ކުރިމަތިލަމުން އޭނަގެ ދަރިފުޅަށްޓަކައި ވާހަކަ ދެއްކިއެވެ. އެވަގުތު މުޅި ހޯލަށް އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ.
“އާނ……އަހަރުމެންގެ ދަރިފުޅު ވަރަށް ރަނގަޅު.” އަމީން އެހެން ބުނެލީ އޭނަގެ އަމިއްލަ ޤަދަރާއި ޢިއްޒަތަށްޓަކައެވެ.
“މިއޮތް ފެންނަނީ ތިމާގެ ދަރި ތިމާއަށް ދޮންފުތުވާ ގޮތް. ކިތަންމެ ތަޢުރީފެއް ކުރިޔަސް ޙަޤީޤަތް ބަދަލެއްނުވާނެ.” ޝަރީފްގެ ވާހަކަ ނިމުނުތަނާ ހޯލު ތެރެއިން ފިރިހެނަކު ކޮޅަށް ތެދުވިއެވެ.
“ބަލަ މީނަ މިއުޅެނީ މަނިކުފާނުގެ ޖަލްސާ ޚަރާބުކޮށްލަންވެގެން. މިއީ އެއްކަލަ ޕާޓީގެ މީހެކޭ.” އެ މެދު ޢުމުރުގެ ފިރިހެން މީހާ ހޯލުގައި ތިބި އެންމެނަށްވާ ގޮތަށް ގޮވާލިއެވެ. އެއާއެކު ގިނަ ޢަދަދެއްގެ ބަޔަކު އާނއެކޭ ކިޔައި ގޮވަން ފެށިއެވެ. މާ ގިނައިރެއްނުވެ މުޅި ތަން އަޑުގަދަވެ ޝަރީފާއި ދިމާލަށް މީހުން އަންނަން ފެށިއެވެ. ޝަރީފް ދިގު ފިޔަވަޅުތަކެއްގައި އެތަނުން ދާން ހިނގައިގަތީ ކުރެވުނު ކަމާމެދު ފަޚުރުވެރިވެ ހުރެއެވެ. އޭނައަށް ވާހަކަ ދެކެވުނީ ނުބައިކޮށް ކަމަށްވިޔަސް މި ވާހަކަތައް މިގޮތަށް ޖަލްސާއެއްގައި ދެކެވުމުން އަމީން މިސްބާޙާއިމެދު ކަމެއް ކުރާނެތީ ޝަރީފް ހިތާހިތުން އުފާކުރިއެވެ. މިއަދަށްފަހު އަފްރީނާއި ބެހޭނެ މީހަކު ނުހުންނާނެކަން ޔަޤީންކުރަމުން ޝަރީފް އެއްވެސް މީހެއްގެ އަތުގައި ނުޖެހި ޖިޕަށް އަރައި ދުއްވާލިއެވެ.
**
“ކޮބައިތަ އޭނަ؟! ފޯނެއްވެސް ނުނަގާ. ރަނގަޅަށްވިއްޔާ މިހާރު ވެސް ހުންނާނީ އެ މީހާ ބުނި ގޮތަށް އަންހެން ކުއްޖަކާއެކީ ކޮޓަރިއެއްގަ.” އަމީން އޭނަގެ އަތުން ފޯނު ހިފައިގެން ސިޓިންގް ރޫމުގައި ދެކޮޅުން ދެކޮޅަށް ހިނގަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ގޭގެ ހުޅުވާލެވިފައިވާ ދޮރުގެ ސަބަބުން ބޭރުން ވެހެމުން ދިޔަ ބޯ ވާރޭގެ އަޑު ގަދަޔަށް އިވެމުން ދިޔައެވެ.
“ނޫން އަމީން ތިހެން ނުބުނޭ. މިސްބާ އެހެންނެއް ނަހަދާނެ. އޭނަ އެއަށްވުރެ ރަނގަޅު.” ޒާހިޔާ ޖަލްސާއިން އައި ގޮތަށް ސޯފާގެ ކައިރީގައި ކޮޅަށްހުރެ ދެރަ ގޮތަކަށް ބުނެލިއެވެ. އަމީން ޗޮއްކަނޑާލަމުން ގޭގެ ދޮރާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ވާރެއާއި ތެމި ފޯވަމުން ގޭގެ ފެންޑާ ތެރެއިން ހިނގާފައި އަންނަމުން ދިޔަ މިސްބާޙް އަމީނަށް ފެނުނެވެ.
“މިއޮތް އައީ ރައީސުލްޖުމްހޫރިއްޔާ! މުޅި ރަށުތެރޭގަ މަނިކުފާނުގެ ވާހަކަ.” މިސްބާޙް ދޮރުމައްޗަށް އައިސް ހުއްޓުނު ވަގުތު އަމީން ބުނެލިއެވެ. މިސްބާޙް އިސްއުފުލާލި ވަގުތު އޭނަގެ ހިތާމަވެރި މޫނުމައްޗަށް ހިސާބެއްގެ ޙައިރާންކަމެއް ވެރިވެފައިވިއެވެ.
“މިސްބް……” ޒާހިޔާ މިސްބާޙްގެ ދުޅަވެފައިވާ ދެލޯ ފެނިފައި އޭނަގެ ގާތަށް ދާން އުޅުނު ވަގުތު އަމީން އެއްއަތް ދިއްކޮށްލަމުން އެކަން މަނާކުރިއެވެ.
“ކޮންތާކުތަ ހުރީ މިހާއިރު؟” އަމީން ހަރު އަޑުން ސުވާލުކުރުމުން މިސްބާޙްގެ ހިތަށް ލިބިފައިވާ ޒަޚަމްތަކުން ދިލަ ނެގި ކަހަލަ އިޙްޞާޞެއް އޭނައަށް ކުރެވުނެވެ.
“އެކުވެރިއެއްގެ ގެއަކަށް ދިޔައީ. އައި ޕެޑް ނަގަންވެގެން.” މިސްބާޙް ތެދުތެދަށް ޖަވާބު ދިނެވެ.
“ކޮބައިތަ ތިބުނާ އައި ޕެޑް؟” އަމީން މިސްބާޙްގެ ވައްޓާލެވިފައިވާ ދެއަތަށް ވަކިވަކިން ބަލަމުން ހަރުކަށިކޮށް ސުވާލު ކުރިއެވެ. އެއާއެކު މިސްބާޙްގެ ލޮލަށް އަނެއްކާވެސް ތާޒާ ކަރުނަތައް ޖަމާވާން ފެށިއެވެ. އޭނަގެ އަމިއްލަ ކޮއްކޮ އޭނަ އޮޅުވާލި ވާހަކަ ދެން ކިޔައިދޭނެ ހިތްވަރެއް އޭނަގެ ނެތެވެ. އެއްފަހަރު ކިޔައިދިނުމުން ވެސް ބައެއްމީހުން އިތުބާރެއް ނުކުރިއެވެ. ބައްޕަވެސް އޭނައަށް އިތުބާރު ނުކުރާނެއޭ ހިތް ބުނި ވަގުތު މިސްބާޙަށް އިސްޖަހާލެވުނެވެ. އޭނަ ރޮވެން ކައިރިވިއެވެ. މި ދިގު ރޭ އަވަހަށް ނިމިދާނެނަމައޭ ހިތަށްއެރިއެވެ.
“ޖަވާބެއްދީ!” އަމީން ހަރު އަޑުން ގޮވާލިއެވެ. މިސްބާޙް ދެންވެސް އިސްޖެހިފައި ހުރީއެވެ. އޭނަ ހުރިގޮތުން ދުރުގައި ހުރި އޭނަގެ މަންމަގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ
ނުނިމޭ