Hijra (Part 44)
“އެދަނީ އޭނަ. ދޭ ފަހަތުން. އަނ……އެއްކަލަ ފަޅު މަގަށް އެޅުނީމަ މީތި ނަގާނީ.” އެ ފިރިހެން މީހާ އެހެން ބުނެލި އަޑަށް މިސްބާޙަށް ވަގުތުން ފަސްއެނބުރި ބަލާލެވެން އުޅުނެވެ. ނަމަވެސް އޭނަ ނޭނގޭ ކަމަށް ހެދިގެން ހުރެފައި އިރުކޮޅެއްފަހުން ޔޫނުސް ދަމުން ދިޔަ ދިމާލަށް ބަލާލިއެވެ. އެވަގުތު ޔޫނުސްއާއި ދިހަ ވަރަކަށް ފިޔަވަޅު ފަހަތުން ހިނގަމުން ދިޔަ ބޮޑު ކޯޓެއް ލައިގެން ހުރި ބިޔަ ފިރިހެނަކު ފެނިފައި މިސްބާޙްގެ ބުމަގޮށްޖެހުނެވެ. އޭނަ ލަސްތަކެއްނުކޮށް ކާރަށް އަރައި ދޮރު ލައްޕާލަމުން ކާރު ސްޓާޓްކޮށްލިއެވެ.
މިސްބާޙް އެ ބީރައްޓެހި މީހާގެ ފަހަތުން ކާރު ދުއްވަމުން ދިޔައީ އެމީހާއާއި ނުހަނު ދުރުންނެވެ. އޭނަ ދުއްވަމުން ދިޔަލެއް ދުރުކަމުން ކާރުގެ ހެޑްލައިޓްގެ އަލި އެމީހާއާއި ހަމައަށް ފޯރަނީ ކިރިޔަ ކިރިޔާއެވެ. ދުވަހަކުވެސް ނުދުއްވާހާ ދަށް ސްޕީޑެއްގައި ކާރު ދުއްވަމުން ދިޔައިރު ކޮންމެ ގޯޅިއަކަށް އެޅުމުގެ ކުރިން މިސްބާޙް ކެތްތެރިކަމާއެކީ ހިނދުކޮޅަކަށް މަޑުކުރަމުން ދިޔައީ އެ މީހަކަށް ޝައްކުނުވާނެ ގޮތަކަށް ކަންތައް ކުރުމަށެވެ. އެމީހާ އެންމެ ފަހަކަށް އެޅީ ފުދޭވަރަކަށް އަނދިރިކޮށް އޮތް ފަޅު މަގަކަށެވެ. އެ މަގުގައި ދެތިން ގެ ފިޔަވައި އެހެން ގެއެއްގައި ބަޔަކުވެސް އުޅޭހެނެއް ހިއެއްނުވެއެވެ. މަގުގެ މެދުގައި ކަހަލަ ގޮތަކަށް އެއްފަރާތުގައި ހުރި އަލި ބޮކިން ފެތުރިފައިވާ އަލި ފިޔަވައި އެހެން އައްޔެއް ނެތް ފަދައެވެ. އެ އައްޔާއި ހަމައަށް ދެވުނު ތަނާހެން އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ މީހާ ދެފަރާތަށް ދެފަރާތަށް ނަޒަރު ހިންގާލިތަން މިސްބާޙަށް ފެނުނެވެ. އެއާއެކު އޭނައަށް އިހުނަށްވުރެ ބޮޑަށް ސަމާލުވެލިއެވެ. އޭނަ ބަލަބަލާ ހުއްޓާ އެ މީހާ އޭނަގެ ކޯޓުގެ ތެރެއިން ބޮޑު ވަޅިއެއް ނަގައި އެ އަތް ވައްޓާލިއެވެ. އޭނަ ނެގީ ވަޅިއެއްކަން ސާފުވީ ވަގުތު މިސްބާޙްގެ ދެލޯ ބޮޑުވިއެވެ. އެ ވަޅީގެ ކައިރިން އެމީހާއަށްވުރެ ކުރިން ހިނގާފައި ދިޔަ ޔޫނުސް ފެނިފައި މިސްބާޙްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. ކުއްލިއަކަށް ވަޅި ހިފައިގެން ދިޔަ މީހާގެ ހިނގުން އަވަސްވިހެން ހީވި ވަގުތު މިސްބާޙަށް ކާރު ބާރަށް ދުއްވާލެވުނެވެ. ކާރުގެ އަޑަށް މަގުން ހިނގާފައި ދިޔަ ޔޫނުސްއަށާއި އޭނަގެ ފަހަތުން އައި މީހާއަށް ވެސް ފަސްއެނބުރި ބަލާލެވުނެވެ. އޭގެ ސިކުންތުކޮޅެއްފަހުން މިސްބާޙްގެ ކާރު އައިސް އަނބުރާލަމުން ޔޫނުސްއާއި އެމީހާގެ މެދުގައި މަޑުކޮށްލައިފިއެވެ. އެވަގުތު ކާރުގެ ދެކޮޅުގައި ތިބި ދެމީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ޙައިރާންކަމެވެ. މިސްބާޙް އެއްފަހަރު އޭނަގެ ކަނާތްފަރާތުން ފެނުނު މީހާއަށް އަނެއްފަހަރު ވާތްފަރާތުގައި ހުރި ޔޫނުސްއަށް ބަލާލިއެވެ. އެއަށްފަހު ކާރުގެ ކުރީ ސީޓަށް އެރޭ ދޮރު އެތެރެއިން ހުޅުވާލަމުން ޔޫނުސްއަށް ފެނިލިއެވެ.
“ބޭބެ އަރާ އަވަހަށް.” ކާރު ތެރޭގައި ޔޫނުސްއަށް ބަލަން އިނދެ މިސްބާޙް ގޮވާލިއެވެ.
“މިސްބާޙް؟” ޔޫނުސް ނިތަށް ރޫއަރުވައިގެން ހުރެ ކާރުގެ ކައިރިއަށް ގޮސް ދޮރު ރަނގަޅަށް ހުޅުވާލިއިރު މިސްބާޙަށް އަނެއްފަރާތަށް ބަލާލެވުނެވެ. އެވަގުތު އެތާހުރި މީހާ ރުޅި މޫނަކާއެކީ ކާރަށް ފަސްދީފައި ދާން ހިނގައިގަތްތަން ފެނިފައި އޭނައަށް ހަމަޖެހުމެއް ލިބުނެވެ. އެހެން މީހަކު ހުއްޓާ ބޭބެއަށް ކަމެއްކުރަން އޭނައަށް ނުކެރުނީތާއޭ ހިތަށްއެރިއެވެ. މިސްބާޙް ފުން ވިސްނުމެއްގެ ތެރޭގައި ދުރަށް ހިނގަމުން ދިޔަ މީހާއަށް ބަލަން އިންދާ ޔޫނުސް ކާރަށް އަރައި ދޮރު ލައްޕާލިއެވެ.
“ކިހިނެއްތަވީ މިސްބާޙް މިހާ ކުއްލިއަކަށް؟” ޔޫނުސް ސުވާލުކުރި އަޑަށް މިސްބާޙަށް ސިހިފައި އޭނައާއި ދިމާލަށް ބަލާލެވުނެވެ. ޔޫނުސް ދެބުމަ އަރުވާލިއެވެ.
“ބޭބޭ…..ކޮންމެވެސް މީހަކު ވަޅިއެއް ހިފައިގެން ބޭބެ ފަހަތުން އައިސްއައިސް ހުރީ. އެ ދަނީ.” މިސްބާޙް ކާރުގެ ކުޑަ ދޮރުން ބޭރަށް ޢިޝާރާތް ކުރުމުން ޔޫނުސްއަށް ވެސް އެ ދިމާލަށް ބަލާލެވުނެވެ.
“ބޭބޭ…..އެއީ ކީއްވެތަ މީހަކު ވަކި ބޭބެއަށް ޙަމަލާދޭން އުޅޭނީ؟ އެ މީހާ ހަމަ ގައިމުވެސް ފޭރިގަންނާކަށް ނޫން އައީ. އަހަރެން އަޑުހެން އެހެން މީހަކު އެދަނީ ޔޫނުސްއޭ ކިޔާފަ ފަހަތުން ދާށޭ ބުނި އަޑު.” މިސްބާޙް ކިޔައިދިނެވެ. ޔޫނުސްއަށް މިސްބާޙް ދެއްކި ވާހަކައާއިމެދު ވިސްނާލެވުނެވެ. އޭނައަށް ޙަމަލަދޭން އުޅޭނީ ކާކުތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އެއާއެކު އޭނަގެ ހަނދާނަށް އައީ މި ދުވަސްކޮޅު އޭނައަށް ލިޔެވެމުންދާ ޚަބަރުތަކެވެ. މޯލްޑިވިއަން ރީފޯމް ޕާޓީއާއި ބެހޭ ގޯސް ޚަބަރުތައް މާ ގިނަވީތާއޭ ހިތަށްއެރިއެވެ. އޭގެ މާގިނައިރެއްނުވެ ޔޫނުސްގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން ނަވާޒް އޭނަގެ ގެއަށް އައިސް އޭނައަށް ފައިސާދޭން އުޅުނު ގޮތެވެ. ހަމަ އެއާއެކު މިއީ ކާކުގެ ކަމެއްކަން ޔޫނުސްއަށް ހިތާހިތުން ނިންމާލެވުނެވެ.
“ބޭބެއަށް އެނގޭ އެއީ ކާކު ފޮނުވި މީހެއްކަން. ބޭބެގެ ވަޒީފާގެ ގޮތުން ކަންތައްވާގޮތް މިއީ. އެއީ މާ ބޮޑަށް ހާސްވާ ކަންތައްތަކެއްނޫން. އިތުރު ހިތްވަރެއް ލިބެނީ މިކަހަލަ ކަންތައް ދިމާވީމަ.” ޔޫނުސް ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެހެނަސް މިސްބާޙްގެ މޫނުމަތިން ކަންބޮޑުވުން ފިލައި ނުދެއެވެ.
“ވަޒީފާގެ ގޮތުންނޭ؟ މާނައަކީ ޚަބަރު ލިޔުނީމަ؟ މިއީ ޑޭޑްގެ ކަމެއްތަ އަނެއްކާ؟” މިސްބާޙް އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. މިސްބާޙްގެ ސުވާލުތަކަކުން ޔޫނުސްގެ ހިނިތުންވުން ފަނޑުވިއެވެ. ޑޭޑްއޭ ބުނުމުން ޔޫނުސްގެ ސިކުނޑިއަށް ވަގުތުން ވެރިވެގެން ދިޔައީ ނަވާޒްގެ ނަމެވެ. އޭނައާއި ނަވާޒާއި ދެމެދު އޮތް ގުޅުން ހަނދާންވުމުން އޭނަގެ ހިތަށް އުނދަގޫވިއެވެ. އެކަން އެހެން ނުވާނެނަމައޭ ހިތަށްއެރިއެވެ. މީގެ ދުވަސްކޮޅެއްކުރިން ބައްޕައަށްޓަކައި ހިތުގައި އުފެދުނު ހުރިހާ އިޙްޞާޞެއް ހަނދާން ނެތި އަނެއްކާވެސް ބައްޕައަށް ނަފްރަތު ކުރެވެން ފެށިއެވެ.
“މިސްބާޙްގެ ޑޭޑްއަށްވުރެ ބޮޑަށް ޕާޓީގެ ވެރިފަރާތުންނެއްނު ކަންތައް ކުރާނީ؟” ޔޫނުސް ހިސާބެއްގެ ނުރުހުންތެރިކަމަކާއެކީ ބުނެލިއެވެ.
“ނޫން ބޭބެ. ނަވާޒްބެ އެހެން ދޭތެރެއަކުން ގޯސްކަމެއް ކުރިޔަސް ނަވާޒްބެ ވަރަށް މީހުންނަށް އަނިޔާއެއް ނުކުރާނެ.” މިސްބާޙް އެހެން ބުނެލިތަނާހެން ޔޫނުސް އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.
“ސީރިއަސްލީ މިސްބާޙް؟” ޔޫނުސް ރާގަކަށް ސުވާލުކުރިއެވެ.
“ބޭބެއަށް ފަހަރެއްގަ ޤަބޫލުކުރަން ދަތިވެދާނެ. އެކަމަކު ނަވާޒްބެ ހަމަ އަސްލުވެސް ވަރަށް ކަމެއްނުކުރޭ. ކަމެއް ކުރިޔަސް ކުރަނީ ޑޭޑްގެ އެދުމަށް. ޑޭޑް ފަހަކަށް އައިސް ރުޅިގަދަވާ އެއްސަބަބަކީ ވެސް ނަވާޒްބެ އިންތިޚާބުގެ ކަންކަމަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭތީވެހެން އަހަންނަށް ހިވަނީ. އެކަހަލަ ވާހަކައެއް ޑޭޑް ދައްކާ އަޑު އަހަރެން އެހިން. އަސްލު ވަރަށް ދެރަކޮށް ނަވާޒްބެއާއި ދޭތެރޭ ކަންތައްވެފަ ހުރީ. ވަރަށް އެކަނިވެރިކޮށް ނަވާޒްބެ އުޅެމުން ދަނީ.” މިސްބާޙް ދެއްކި ވާހަކައިން ޔޫނުސްގެ ނިތަށް ރޫގިނަވިއެވެ.
“އޭނަގެ އަންހެނުންނާއި ކުދިން ނުތިބޭތަ؟” ޔޫނުސް އަހާލިއެވެ.
“ކުއްޖަކު ވިހެއުމުގެ ތެރޭގަ ނަވާޒްބެގެ ވައިފް މަރުވީ. އޭގެ ދުވަސްކޮޅެއްފަހުން އެ ކުއްޖާގެ ޙާލުވެސް ދެރަވެގެން މި ދުނިޔެ ދޫކޮށް ދިޔައީ. އެދުވަސްފަހުން މިއަދާއި ހަމައަށް ވެސް ނަވާޒްބެ އުޅެނީ އެކަނި. މީހުން ބުނެއުޅޭ ނަވާޒްބެގެ އެހެން ކުއްޖަކު ހުރެއޭ. ނަވާޒްބެ މިހާތަނަށް މީޑިޔާގަ އެކަހަލަ ވާހަކައެއް ދައްކާފައެއްނުވޭ. އެކަމަކު މަންމަ ބުނި އެއްދުވަހު ނަވާޒްބެގެ ފޯނުން އެހެން ކުޑަ ކުއްޖެއްގެ ފޮޓޯ ދުށީމޭ. އަހަރެންވެސް އެއްދުވަހު ނަވާޒްބެގެ ލެޕްޓޮޕުން ދުށިން އެކަހަލަ ފޮޓޯއެއް.” މިސްބާޙް ވިސްނުމެއްގެ ތެރޭގައި އިނދެ ބުނެލިއެވެ. އޭނަގެ ވާހަކަ އަޑު އަހަމުން ދިޔަ ޔޫނުސްގެ ހިތުތެރޭގައި އެތަކެއް ޝުޢޫރެއް އަރާ ފައިބަމުން ދިޔައެވެ. ނަވާޒްގެ އަންހެނުންނާއި ދަރިފުޅު މަރުވީ ވާހަކަ އިވިފައި ޔޫނުސް އަނެއްކާވެސް ހަނދާންވީ ނަވާޒް އޭނަގެ ގެއަށް އައި ދުވަހެވެ. އޭނަ އަންހެނުންނާއި ކުދިންނޭ ބުނުމުން ނަވާޒްގެ މޫނުމަތިން ފެނިގެން ދިޔަ ހިތާމަވެރިކަން ލޮލަށް ސިފަވުމުން ޔޫނުސްއަށް ޙަމްދަރުދީވެވުނެވެ. އެހެނަސް މިސްބާޙް އެހެން ކުޑަކުއްޖެއްގެ ވާހަކަ ދެއްކުމުން އެ ޙަމްދަރުދީ ގެއްލި ދިޔައެވެ. އެ ކުއްޖާވާނީ ނަވާޒް ކައިވެނި ނުކޮށް ލިބުނު ކުއްޖެއްކަމަށް ޔޫނުސްގެ ހިތް ބުންޏެވެ. އެއާއެކު އެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ.
މިސްބާޙާއި ޔޫނުސް ހިމޭންކަމާއެކީ ކާރު ތެރޭގައި ތިއްބާ ކުއްލިއަކަށް ބޭރުން ސައިކަލެއްގެ ބަރުގޮނުގެ އަޑު އިވުނެވެ. އެއާއެކު ދެމީހުންނަށް އެކީގައި އެ ދިމާލަށް ބަލާލެވުނެވެ. މަގުގެ މެދަށްވާ ގޮތަށް މަޑުކުރެވިފައި އޮތް މިސްބާޙްގެ ކާރުގެ ސަބަބުން ކުރިއަށް ނުދެވިގެން އުޅުނު ސައިކަލެއް އެ މީހުންނަށް ފެނުނެވެ.
“އޮހް……ތިބި ތަން ވެސް ހަނދާން ނައްތާލާފަ މިތިބެނީ.” މިސްބާޙް ކާރު ދުއްވަން ތައްޔާރުވެލަމުން ހެވިފައި އިނދެ ބުނެލިއެވެ.
“ބޭބެ މިދަނީ ގެއަށް.” ޔޫނުސް ސީރިއަސް ނަޒަރެއްގައި ހުރެ ކާރުގެ ދޮރު ހުޅުވާލަން އުޅުނެވެ.
“ނޫން ބޭބެ. އަހަރެން ގެއަށް ގެންގޮސްދީފާނަން.” މިސްބާޙް ބުނެލިއެވެ. ޔޫނުސް އެންމެ ރަނގަޅޭ ބުނެލުމުން މިސްބާޙް ކާރު ދުއްވާލިއެވެ.
މިނެޓްތަކެއްގެ ދަތުރަކަށްފަހު މިސްބާޙްގެ ކާރު ޔޫނުސްގެ ގޭގެ ކުރިމަތީގައި މަޑުކޮށްލައިފިއެވެ. ޔޫނުސް ގަދަކަމުން ހިނިތުންވެލަމުން މިސްބާޙަށް ޝުކުރު އަދާކޮށް ކާރުން ފޭބިއެވެ. ޔޫނުސް ގެއަށް ވަންނަން ދިޔަ ވަގުތު މިސްބާޙް ކާރު ކުރިއަށް ދުއްވާލައިފިއެވެ. މާ ދުރަކަށް ނުދެވެނީސް އޭނައަށް ބޭއިޚްތިޔާރުގައި ކަނާތް ފަރާތަށް ނަޒަރު ހިންގާލެވުނެވެ. އެ ފަރާތުން ގޭޓެއްލާފައި ހުރި ގެ ފެނިފައި މިސްބާޙްގެ މެއަށް ފިނިވިއެވެ. އޭނައަށް ކާރު މަޑުކޮށްލެވުނީ ޚުދު އޭނައަށް ވެސް ނޭނގިއެވެ. އޭނަ ކިތަންމެ ބޭނުމެއް ނުވިޔަސް އޭނަގެ ދެލޯ އަފްރީން ދެކެން އިންތިހާއަށް ބޭނުންވިއެވެ. އޭނައަށް ދެން ދުވަހަކުވެސް އަފްރީން ނުފެންނާނެކަމުގެ ޚިޔާލުން ވެސް މިސްބާޙްގެ ހިތަށް އުނދަގޫވެއެވެ. އޭނަ އަފްރީންގާތު ދައްކަން ބޭނުންވާ ހާދަ ގިނަ ވާހަކައެއް އެބަހުއްޓެވެ. އަފްރީން ވެސް އޭނައާއި ވާހަކަ ދައްކަން ބޭނުންވާނެކަން އޭނައަށް ޔަޤީން ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. މިސްބާޙަށް އޭނަގެ ސިކުނޑީގައި ކާރުން ފައިބައިގެން އެގެއަށް ގޮސް އަފްރީނާއި ހަމައަށް ދެވިއްޖެއެވެ. އޭގެ އިތުރަށް ވެސް އެހެނިހެން ޚިޔާލުތަކެއް ކުރެވެން ފެށުމުން މިސްބާޙަށް ދެލޯ މަރާލަމުން އިސްޖަހާލެވުނެވެ. އޭނަ އިރުކޮޅެއް ވަންދެން އެހެން އިނދެފައި ހިތާއި ދެކޮޅަށް ކާރު ދުއްވާލިއެވެ.
ޔޫނުސް އެރޭ ހިނގި އެއްވެސް ކަމެއްގެ ވާހަކަ ގެއަށް ގޮސް ނަސްރާއަކަށް ކިޔައެއްނުދެއެވެ. ނަވާޒްގެ ކަންތައްތަކުގެ ވާހަކަ އޭނަ ދައްކާ ހިތެއްނުވީއެވެ. ކޮންމެއަކަސް ނަސްރާ ދޭތެރެދޭތެރެއިން އޭނަ ގާތު ބައްޕައާއި ބައްދަލުކުރަން ދާންވީ ނޫންހޭ ބުނެ ހަދައެވެ. އޭގެއިން ކޮންމެ ފަހަރަކު ޔޫނުސް ރުޅިން ފަޅައިގެން ދާން އުޅުނެއްކަމަކު އޭނަ އެ ރުޅި ނަސްރާއަށް ފޮރުވައެވެ. އޭނަ ނަސްރާއަށް ރުޅި އިސްކުރާ ކޮންމެ ފަހަރަކު އެދެމެދަށް ވެރިވެގެންދާ ހިމޭންކަމަށް އޭނަ ނަފްރަތުކުރާތީވެއެވެ. ނަސްރާ ހިނިތުންވުމަކާނުލާ ދޭ ކުރު ޖަވާބުތައް އިވިފައި އޭނަގެ ހިތުގެ ހަމަޖެހުން ގެއްލޭތީވެއެވެ. އޭނަގެ ވަށައިގެން ފެންނަމުންދާ ޒަވާޖީ ޙަޔާތްތައް ފަދައިން އޭނައާއި ނަސްރާގެ ޒަވާޖީ ޙަޔާތަކީ ވަކި ހިސާބަކުން އަބަދުވެސް އަރައިރުންވާ ޙަޔާތަކަށް ހަދަން ބޭނުމެއް ނުވާތީވެއެވެ. އޭނަ ނަސްރާއަށް ވީހާވެސް ހެޔޮކޮށް ކަންތައް ކޮށްދޭން މަސައްކަތް ކުރާ ވަރަކަށް ނަސްރާވެސް އޭނައަށް ކަންތައް ކޮށްދޭން އުޅޭހެން ހީވާ ކޮންމެ ފަހަރަކު ޔޫނުސްއަށް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބެއެވެ.
އެއްރެއަކު ޔޫނުސް އޭނަގެ ސައިޓް އިތުރަށް ޕްރޮމޯޓްކުރާނެ ގޮތަކާއިމެދު ވިސްނަމުން ދަނިކޮށް ނަސްރާ މޮޅު ޚިޔާލެއްދިނެވެ.
“ވެބިނާރތަކެއް ބާއްވަންވީއެއްނު؟ ކޮންމެ ސިޔާސީ ލީޑަރަކު އިންޓަވިއުކޮށްފަ އެ އިންޓަވިއު ސައިޓްއިން ލައިވްކުރާނީ.” ނަސްރާ އެނދުމަތީގައި އިށީނދެގެން އިނދެ އޭނަގެ ކައިރީގައި އިން ޔޫނުސްގާތު ފޯރިއާއެކީ ބުނެލިއެވެ.
“ވާވް! ކޫލް އައިޑިއާއެއް. ވެބިނާރއެއް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެނގޭނެ ކުދިން ވެސް އުޅޭނެހެން ހީވަނީ އަހަރުމެންގެ ޓީމުގަ.” ޔޫނުސް ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“އަލްޙަމްދުލި ﷲ.” ނަސްރާ ހެވިފައި އިނދެ ބުންޏެވެ.
“ވެބިނާރއެއް ބޭއްވޭނެ ވަރަށް ލާރިވެސް ލިބިދާނެ. އެކަމަކު ނޭނގެނީ ސިޔާސީ ލީޑަރުން ގެނައުމަށްޓަކައި ދޭންޖެހޭނެ ވަރަށް ލާރި ހުންނާނެކަން.” ޔޫނުސް ހިސާބަކަށް މާޔޫސްވެފައި އިނދެ ބުނެލިއެވެ.
“އެމީހުން ގެންނާނީއެއްނޫން. އެމީހުން ކައިރިއަށްދާނީ އެމީހުން ތިބި ތަނަކަށް. ބައެއް މީހުން މި ދުވަސްކޮޅު މިރަށަށް ވެސް އެބައާދެއެއްނު؟ ދެން އަދި މި ވެބިނާރތައްވެގެން ދާނީ ވެސް އެމީހުންނާއިމެދު މިހާތަނަށް ދެކެވުނުހާ ގޯސް ވާހަކަތައް ސާފުކޮށްދިނުމުގެ ފުރުޞަތަކަށް. އެ މީހުން ހިލޭވެސް މި ފުރުޞަތުގެ ބޭނުން ހިފާފާނެއެއްނު؟” ނަސްރާ އަހާލިއެވެ. ޔޫނުސް އިރުކޮޅަކު ވިސްނަން އިނދެފައި ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ.
“ހާދަ މޮޅު ކުއްޖަކާއޭ އަހަންނަށް އިނދެވިގެން މިއުޅެނީ. އަހަންނާ މިހާވަރަށް ގުޅެނީވެސް އެހެންވެ ކަންނޭނގެ.” ޔޫނުސް ރާގަކަށް ބުނެލިއެވެ. ނަސްރާ ދުރުބަލަން އިނދެ ތުން ފިއްތާލިއެވެ.
“ހުމް…..މޮޔަ މީހަކު މޮޅު ކުއްޖަކާ އިނީމަތާ ދިރިއުޅެވޭނީ.” ނަސްރާ ހިނިތުންނުވާން މަސައްކަތް ކުރަމުން އެހެން ބުނެލިއިރު އޭނަގެ މޫނު ރަތްވިއެވެ. ޔޫނުސް ރުޅިވާކަމަށް ހެދެމުން އޭނަގެ ކަރުން އަޑެއް ލައްވައި ނަސްރާގެ ކަރުގެ ވަށައިގެން އޭނަގެ އެއްއަތް ގެންގޮސް ނަސްރާ އޭނަގެ ގާތަށް ގެނައެވެ. ނަސްރާއަށް ނުހޭން ހުއްޓާވެސް ހެވުނެވެ.
އޭގެ އަނެއްދުވަހު ވަޙީދު ޒާހިޔާއަށް ގުޅާފައި އޭނަ މިސްބާޙްގެ ޙާލު ބަލަން ރަށަށް އަންނަ ވާހަކަ ބުންޏެވެ. މިސްބާޙްގެ ޙާލު ރަނގަޅުވީފަހުން ވަޙީދު އޭނަ ބަލަން އަންނަން އުޅޭތީ ޒާހިޔާ އެކަމާމެދު ސުވާލުކުރިއެވެ. ދެވޭނީ ވަގުތުވީ އިރަކުން ނޫންތޯ ވަޙީދު ބުނެލީ ބަހަނާއެއް ދެއްކުމުގެ ގޮތުންނެވެ. ޒާހިޔާ އިތުރު ސުވާލުތަކެއް ނުކޮށް މިސްބާޙް އެދުވަހުގެ މެންދުރު ވަގުތު ވަޙީދު ބަލައި އެއާރޕޯޓަށް ފޮނުވިއެވެ. އެއާރޕޯޓުން މިސްބާޙް ފެނުނުތަނާހެން މިސްބާޙް ހިނިތުންވެލީގޮތުން ވަޙީދަށް ޙައިރާންކަމެއް ލިބުނެވެ. އެއަށްވުރެ ވެސް ބޮޑަށް ވަޙީދު ޙައިރާންވެގެން މިސްބާޙް އަމިއްލައަށް އޭނަގެ ފޮށިތައް ނަގައިގެން ގޮސް ކާރުގެ ޑިކީއަށްލަމުން ދިޔަތަން ފެނުމުންނެވެ. އޭނައަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިއެވެ. އޭނަ ނަގަން އަންނާނީ މިސްބާޙްކަމަށް ޒާހިޔާ ބުނީއްސުރެ އޭނައަށް ޚިޔާލުކުރެވެމުން ދިޔައީ މިސްބާޙް އޭނައާއި ދިމާލަށް ހުތުރު ބަހުން އެއްޗެހި ގޮވާ މަންޒަރެވެ. އަދި އޭނައަށް އަމުރުކޮށްގެން އޭނަ ލައްވާ ހުރިހާ ފޮށިތައް އުފުއްލުވާ މަންޒަރެވެ. ނަމަވެސް ކަންތައްވެގެން މި ދިޔައީ އޭނަ ހީކުރި ގޮތަކަށްނޫނެވެ.
މިސްބާޙާއެކީ އޭނަގެ ގެއަށް ގޮސްފައިވެސް ފެންނަމުން ދިޔަ ކަންތައްތަކުން ވަޙީދު ސިހުންވަމުން ދިޔައެވެ. މިސްބާޙް އޭނަގެ މަންމައާއި ހިނިތުންވުންތަކާއެކީ އަދަބުވެރިކަމާއެކު ވާހަކަ ދައްކަމުން ދިޔަ ގޮތުން މިސްބާޙް އުޅެނީ މަންމަ ކައިރިން ކަމަކަށް އެދެންބާވައޭ ހިތަށްއެރިއެވެ. އެހެނަސް ވަޙީދު އިންތިޒާރު ކޮށްކޮށް މިސްބާޙް ކަމަކަށް އެދޭތަނެއް ނުފެނުނެވެ. މިސްބާޙް ހެދެނީއެއް ނޫންކަން ވަޙީދަށް ޔަޤީންވީ މިސްބާޙް އޭނަވެސް ގޮވައިގެން އަސްރު ނަމާދަށް ދިޔަ ގޮތުންނެވެ. އަސްރު ނަމާދަށްފަހު އޭނަ މިސްކިތުން ފައިބަން އުޅުނު ވަގުތު މިސްބާޙް ޚަތިމް ނަގައިގެން އިށީންތަން ފެނުމުންނެވެ. ގެއަށް ދިޔަ މަގުމަތީގައި މިސްބާޙް އޭނަގާތު ޤުރުއާނުގެ އާޔަތްތަކުގެ ފުންކަމުގެ ވާހަކަ ދެއްކި ގޮތުންނެވެ. ތިމަންނައަށް ވެސް އެކަން އެނގުނީ ވަރަށް ފަހުން ކަމުގައި ބުނިބުނުމުންނެވެ. ވަޙީދަށް އެންމެ ފަހުން ކެތްނުވެގެން ޒާހިޔާގާތު މި ވާހަކަ ދެކެވުނެވެ.
“މިސްބާޙް ވަރަށް ބަދަލުވެއްޖެދޯ؟” ވަޙީދު ސިޓިންގް ރޫމުގައި ވަކިން ހުރި ސޯފާއެއްގައި އިނދެ ދިގު ސޯފާގައި ޓީވީ ބަލަން އިން ޒާހިޔާއަށް ދޯދިނެވެ.
“ހޫމް. އޭނަ މިހާރު ވަރަށް ބަސްއަހާ.” ޒާހިޔާ ހިސާބަކަށް ފަޚުރުވެރިވެފައި އިނދެ ބުންޏެވެ. ވަޙީދު ބޯޖަހާލަމުން އިރުކޮޅަކު އެއްޗެކޭ ނުބުނެ ޓީވީ ބަލަން އިނެވެ. ޓީވީއިން ދައްކަމުން ދިޔަ ހެޑްލައިން ނިއުސްތަކުގެ ތެރެއިން އަމީން ފެނިގެން ދިޔުމުން ޒާހިޔާ ވަގުތުން ޗެނަލް ބަދަލުކުރިއެވެ. ވަޙީދަށް ޒާހިޔާއާއި ދިމާލަށް ބަލާލެވުނެވެ.
“ސުވާލެއް ކޮށްލަންތަ ޒާހިޔާ؟” ވަޙީދު އަހާލިއެވެ. ޒާހިޔާ ދެންވެސް ފޫހިވެފައި އިނދެ ހޫންލައްވާލިއެވެ.
“އަމީން މިސްބާޙަށް އަނިޔާކުރާނީ މިސްބާޙް ނުބައިކަމެއް ކުރިކަން ޔަޤީންވާތީވެއެއްނޫންތަ؟” ވަޙީދު އެހިއެވެ. އެއާއެކު ޒާހިޔާގެ މޫނު ރުޅިން ރަތްވިއެވެ.
“ވަޙީދަށް ވެސް އުނދަގޫދޯ އަމިއްލަ ބޭބެ ނާއިންސާފުން ކަމެއް ކުރިކަން ޤަބޫލުކުރަން؟ ޤަބޫލު ކުރިޔަސް ނުކުރިޔަސް ޙަޤީޤަތަކީ މިސްބާޙް އެއްވެސް ކަމެއް ނުކުރާކަން. އަދި……އަދި އެނގޭތަ މިސްބާޙް އެ ކޮޓަރިއަކަށް ގެންދިޔައީ ކާކުކަން ވެސް؟ ސިން…….” ޒާހިޔާއަށް އެހާ ހިސާބަށް ބުނެލެވުނުތަނާހެން އެއްފަރާތަކުން މިސްބާޙް މަންމާއޭ ކިޔައި ގޮވާލި އަޑު އިވުނެވެ. އެއާއެކު ޒާހިޔާއާއި ވަޙީދަށް އެކުއެކީގައި އެދިމާލަށް ބަލާލެވުނެވެ. އެމީހުން ބަލާލިއިރު މިސްބާޙް ހުރީ ދެބުމަ ކައިރި ކޮށްގެން ވިޔަސް އިރުކޮޅެއް ފަހުން އޭނަ ދެބުމަ އަރުވާލިއެވެ.
“އަމް….މަންމާ. އަހަރެންގެ އެއްކަލަ ނޫކުލައިގެ ގަމީސް ކޮބާ؟” މިސްބާޙް އަހާލިއެވެ.
“އެތާ އަލަމާރީގަ ނެތްތަ؟” ޒާހިޔާ ކޮޅަށް ތެދުވެލަމުން މިސްބާޙްގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. މިސްބާޙް ވެސް ވަޙީދަށް ބަލާފައި މަންމަގެ ފަހަތުން ދާން ހިނގައިގަތެވެ. ވަޙީދު އެ މަންޒަރު ފެނިފައި ކޮޅަށް ތެދުވިއެވެ
“އަހަރެން މިދަނީ ބޭރަށް.” ވަޙީދު އެހެން ބުނެލަމުން ގެއިން ނިކުންނަން ދިޔައެވެ. ޒާހިޔާ އެންމެ ރަނގަޅޭ ބުނެލަމުން މިސްބާޙްގެ ކޮޓަރިއަށްވަނެވެ.
ކޮޓަރިއަށް ގޮސް އަލަމާރި ހުޅުވާލުމާއެކު ނޫކުލައިގެ ގަމީސް ފެނިފައި ޒާހިޔާ އޭތި ނަގައި މިސްބާޙަށް ދައްކާލިއެވެ.
“މިއޮތީއެއްނު؟” ޒާހިޔާ ޙައިރާންވެހުރެ ބުނެލިއެވެ.
“ހުމް…..” މިސްބާޙް ތުންފިއްތައި އެހެން ބުނެލި ގޮތުން ޒާހިޔާއަށް ޝައްކުގެ ނަޒަރަކުން މިސްބާޙަށް ބަލާލެވުނެވެ.
“މިސްބާޙް…….ގަމީސް ނުފެނިގެނެއްނޫންދޯ އައީ؟” ޒާހިޔާ ސުވާލުކުރުމުން މިސްބާޙަށް މަންމައާއި ދިމާލަށް ބަލާލެވުނެވެ. ޒާހިޔާ ބަލަހައްޓައިގެން ހުންނަން ފެށުމުން މިސްބާޙް ބޯޖަހާލިއެވެ. އެއާއެކު ޒާހިޔާގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ.
“މިސްބާޙް! ކީއްވެތަ މަންމަ ހުއްޓުވީ؟ ޚަބަރުގަ ވެސް އެ ސިނާންގެ ވާހަކަ ނުލިޔުއްވާ، އޭނަގެ ބައްޕަ ކައިރިވެސް އެ ވާހަކަ ނުބުނުވާ……..މިސްބާޙް ތި އުޅެނީ ކީއްކުރަންތަ؟” ޒާހިޔާ އޭނަގެ މުލައްދަނޑިމަތީގައި ގަމީސް ބާއްވަމުން ވާހަކަ ދެއްކިއިރު އޭނަގެ އަޑު ހަރުވެއްޖެއެވެ.
“މަންމާ، ސިނާން އަހަންނަށް އިއްޔެގަ ގުޅި. ބުނީ ވަޙީދުބެ މިރަށަށް އަންނަނީ އަސްލު އެރޭގަ ކަންތައްވީގޮތް ރަނގަޅަށް ދެނެގަންނަންވެގެންނޭ. ވަރަށް ބިރުގެންފަ ސިނާން ހުރީ. އަހަރެން ކައިރީގަ ބުނީ ވަޙީދުބެއަށް ހުރިހާ ވާހަކައެއް ފޮރުވަދޭށޭ. އަހަރެން ބުނިން އާނއެކޭ…..” މިސްބާޙްގެ ވާހަކަ މެދުކެނޑުނެވެ.
“އެކަމަކު މިސްބާ…….” ޒާހިޔާ ދެރަ ގޮތަކަށް ދައްކަން އުޅުނު ވާހަކަވެސް ފުރިހަމައެއް ނުވިއެވެ.
“މަންމާ ޕްލީޒް. މި ޙާލަތުގަ އަހަރެން ސިނާނާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ބަދަލުގަ އޭނައާއެކީގަ ހުރިއްޔާ އޭނަ އިސްލާޙުވުމުގެ ފުރުޞަތު މާ ބޮޑު. އަހަރެން ބޭނުމެއްނޫން އަހަރުމެންގެ ދެމެދުގަ ބަދަލު ހިފުމުގެ މުބާރާތެއް ފެށެން. އެއަށްވުރެ މާ ރަނގަޅުވާނެ އަހަރެން މަޢާފުކޮށްފިއްޔާ.” މިސްބާޙް ބޯހޫރުވަމުން އިސްޖަހާލިއެވެ. ޒާހިޔާ ކަރުނުން ފުރެމުން ދިޔަ ދެލޮލާއެކީ އޭނަގެ ދަރިފުޅުގެ ގައިގައި ބައްދާލިއެވެ. އެވަގުތު އެދެމައިންނަށް ނޭނގުނު ކަމަކީ އެ ކޮޓަރީގެ ބޭރުގައި ދޮރުކައިރީގައި އެ ހުރިހާ ވާހަކައެއް އަޑުއަހަން ވަޙީދު ހުރިކަމެވެ.
ނުނިމޭ