Hijra (Part 46)
ޔޫނުސްއަށްޓަކައި ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔަ ވާހަކަ އެ ވެބިނާރއަށްޓަކައި މަސައްކަތް ކުރި ފައިޒާން ގެއަށް ދިޔަ މަގުމަތީގައި ބުންޏެވެ. ޔޫނުސް ކާރުގެ ކުރީ ސީޓުގައި އިނދެ ފަހަތް ބެލިއިރު ފައިޒާން އުނގުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕުން އޭނަގެ ދެފަރާތުގައި ތިބި ދެ އެކުވެރިންނަށް ކޮމެންޓްތައް ދައްކާފައި ހެމުން ދިޔައެވެ. މި ވެބިނާރ މިހާ ކާމިޔާބުވީ ވެސް އަންހެން ކުދިން ޔޫނުސް ބަލަން ބޭނުންވާތީވެކަމަށް ފައިޒާން ބުންޏެވެ. ޔޫނުސް ކަޅިމައްޗަށް ހިންގާލަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. އޭނަ އެ ކޮމެންޓްތައް ބަލާހިތެއް ނުވެއެވެ. އެއީ އޭނައަށް އާ ކަމެއް ނޫނެވެ. އޭނަދެކެ ޙަޤީޤަތުގައި ލޯބިވާ މީހުންނަކީ އެއީއެއްނޫންކަން އޭނައަށް މިހާރު ސާފުކޮށް އެނގެއެވެ. އެހެންކަމުން އެ މީހުންގެ ޚިޔާލުތައް ދެނެގަތުން އޭނައަށް މާ މުހިއްމެއްނޫނެވެ. އޭނަ ބޭނުންވަނީ ނަސްރާ އޭނަ ހުށަހެޅިގޮތާއިމެދު ދެކޭ ގޮތް ދެނެގަންނާށެވެ.
އޭނަގެ ގެ ކައިރިއަށް ކާރު މަޑުކުރުމާއެކު ޔޫނުސްގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އޭނަ އަވަސްއަވަހަށް ކާރުން ފައިބައިގެން ގޮސް ގޭގެ ދޮރުމައްޗަށް އަރައި ދޮރު ހުޅުވާލިއެވެ. ސިޓިންގް ރޫމުގެ ސޯފާގައި އިން ނަސްރާ ފެނުމާއެކު ޔޫނުސްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“ކޮބާ ކިހިނެއްތަ؟” ޔޫނުސް ގެއަށް ވަދެ ދޮރު ލައްޕާލަމުން އަހާލިއެވެ.
“އަހަރެން؟ އަހަރެން ރަނގަޅު އަލްޙަމްދުލި ﷲ.” ނަސްރާ މާ ބޮޑުކަމެއް ނުވާކަމަށް ހެދިގެން ފޮތަކަށް ބަލަން އިނދެ ބުނެލިއެވެ.
“އެއްކަލަ އެކްޓްރެސް. ދެން ބުނެބަލަ، އިންޓަވިއު ކިހިނެއް؟” ޔޫނުސް ގޮސް އެތާ ވަކިން ހުރި ސްޕޮންޖް ސޯފާގެ އަތްގަނޑުމަތީގައި އިށީންނަމުން އަހާލިއެވެ.
“ކޮން އިންޓަވިއުއެއްތަ؟ ނުބަލަން އެއްވެސް އިންޓަވިއުއެއް.” ނަސްރާ ޔޫނުސްއަށް ބެލުމެއްނެތި ހިނިތުންނުވާން މަސައްކަތް ކުރަމުން ބުނެލިއެވެ. އެކަން ޔޫނުސްއަށް ފާހަގަ ކުރެވުމުން ޔޫނުސްއަށް ހިނިތުންވެލެވުނެވެ. ހިނދުކޮޅަކަށްފަހު އޭނަ އެ ހިނިތުންވުން ފޮރުވާލިއެވެ.
“ނަސްރާ ނުބަލަންތަ އަޅެ؟ މިރޭ ވެބިނާރއެއް ބޭއްވީ. ވެބިނާރ ނިމުނުތަނާހެން އެތައް ކޮމެންޓެއް ލިބުނު. ގިނައީ ވެސް އަންހެން ކުދިންގެ ކޮމެންޓްތައް. އަހަރެން ހީކުރީ އަހަރެން މާ މުސްކުޅިވެއްޖެކަމަށް އަންހެން ކުދިންގެ ކޮމެންޓްތައް ލިބެން. އެކަމަކު…….މިރޭ އެނގިއްޖެ އަހަރެން އަދިވެސް ޒުވާންކަން.” ޔޫނުސް ހެވިފައި އިނދެ ބުނެލިއެވެ. އެވަގުތު ނަސްރާ އޭނަ އަތުގައި އޮތް ފޮތް ތިރިކޮށްލަމުން ދެލޯ ހަނިކޮށްފައި ޔޫނުސްއަށް ބަލާލިއެވެ.
“ކީކޭތަ ކޮމެންޓްތަކުގަ އަންހެން ކުދިން ލިޔެފަ ހުރީ؟” ނަސްރާ ނުރުހުމުގެ ރާގަކަށް އަހާލިއެވެ.
“ދެން އެނގެއެއްނޫންތަ ހުންނާނެ ވާހަކަތައް؟ އަހަރެންގެ ސްޓައިލް ވަރަށް ކަމުދާ ވާހަކައާ އަހަރެން ވާހަކަ ދައްކާގޮތް ރީތި ވާހަކައާ……” ޔޫނުސް ހަދަހަދައިގެން ކިޔައިދިނެވެ. އެއާއެކު ނަސްރާ ރުޅިވެރިކަމާއެކީ ފޮތް ލައްޕައި މޭޒުމަތީގައި ބޭއްވިގޮތުން ޔޫނުސްއަށް ހެވެން އުޅުނެވެ. އޭނަ ތުންފިއްތާލިއިރު އޭނައަށް ހުރެވުނީ ހިނިތުންވުމެއްގައެވެ.
“އެއްވެސް ރީއްޗެއްނޫން.” ނަސްރާ ރުޅިނުވާ ކަމަށްހެދި ޔޫނުސްއަށް ބަލައި ދެބުމަ އަރުވާލަމުން ބުންޏެވެ.
“ކުއްޖަކު ބުނި ތިމަންނަ އިންޓަވިއު ނުބަލަމޭ.” ޔޫނުސް ލާނެތް ރާގަކަށް ބުނެލިއެވެ.
“އެއީ އޮޅުމަކުން ފެނުނީ.” ނަސްރާ އޭނައަށް މާ ބޮޑު އަސަރެއް ނުކުރާކަމަށް ހެދި ކޮޅަށް ތެދުވެލަމުން އެތަނުން ދާން ހިނގައިގަތެވެ. ނަސްރާ ލޯމައްޗަށް ގެއްލުމުން ޔޫނުސް ވެސް ލުއި ހީލުމަކާއެކީ ތެދުވުނެވެ.
“އޮޅުމަކުން ފެނުނީމަ އެއްކޮށް ބެލުނުދޯ؟” ޔޫނުސް ނަސްރާގެ ފަހަތުން ކޮޓަރިއާއި ދިމާލަށް ދަމުން ދޯދިނެވެ.
“ހުނ! ކީއްކުރަން އަހަރެން އެއްކޮށް ބަލަންވީ؟ އެއަށްވުރެ މާ މުހިއްމު ކަންތައް އަހަރެން ކުރަން ހުރޭ.” ނަސްރާ ފަހަތް ބެލުމެއްނެތި ކޮޓަރިއަށް ވަދެގެން ދިޔައެވެ. ޔޫނުސްއަށް އަނެއްކާވެސް ހެވުނެވެ. ނަސްރާގެ ވާހަކަ ދެއްކުމުގައި ހުރި ރާގުން އޭނަ ހަދަނީ ދޮގުތަކެއްކަން ޔޫނުސްއަށް ޔަޤީންވިއެވެ. ޔޫނުސް ކޮޓަރިއަށް ވަތްއިރު ނަސްރާ ފާޚާނާއަށްވަދެ ދޮރު ލައްޕާލި އަޑަށް އޭނަ ސިހުންވާ ގޮތްވިއެވެ. އޭނައަށް އެދިމާލަށް ބަލަން ހުރެ ހިނިތުންވުމަކާއެކީ ބޯހޫރުވާލެވުނީ ނަސްރާ ރަނގަޅަށްވެސް ޙަސަދަވެރިވީކަން އެނގުންވުމުންނެވެ. އޭނަ ކޮޓަރިއަށް ވަދެގެން ގޮސް އެނދުގައި އިށީންނަން އުޅުނު ވަގުތު އެނދުމަތީގައި ހުޅުވިފައި އޮތް ޑައިރީއެއް ކަހަލަ ފޮތެއް އޭނައަށް ފެނުނެވެ. އެ ފޮތުގައި ދަނބު ކުލައިގެ ދެލިން ދިވެހި ބަހުން ލިޔެވިފައިވީއިރު ފޮތުގެ ކައިރީގައި ގަލަމެއްވެސް އޮތެވެ. ޔޫނުސް ހިސާބަކަށް ޙައިރާންވެހުރެ އެ ފޮތް ނަގައި އެނދުގައި އިށީންނަމުން އެ ހުޅުވިފައިހުރި ޞަފްޙާ ކިޔަން ފެށިއެވެ. އޭގައި ނަސްރާ ކިޔައިދީފައިވަނީ މިރޭ ޔޫނުސް އިންޓަވިއުއަށްޓަކައި ދިޔަ ވާހަކައެވެ. އިންޓަވިއު ފެށުމުގެ ވެސް އެތައް އިރެއްކުރިން އޭނައަށް ލެޕްޓޮޕް ދޮށުގައި އިށީނދެވުނު ވާހަކައެވެ. އިންޓަވިއު ފެށުމުން އޭނައަށް އެސްފިޔަ ޖެހުމެއްނެތި ޔޫނުސްއަށް ބަލަން އިނދެވުނު ވާހަކައެވެ. އެއަށްފަހު ނަސްރާ އޭނައަށް ތަޢުރީފުކޮށްފައި ހުރި ގޮތުން ޔޫނުސް ހިނިތުންވެލީ ވަގުތު އޭނަގެ މޫނުވެސް ރަތްވިއެވެ. އޭނަ ހުޅުވައިގެން ހުރި ދެ ޞަފްޙާ ކިޔައި ނިމުމުން ޔޫނުސް ފޮތުގައި މީގެ ކުރިން ލިޔެވިފައި ހުރި ވާހަކަތައް ވެސް ކިޔަން ބޭނުންވިއެވެ. އެ ވާހަކަތައް ކިޔަން ފެށުމުން ޔޫނުސްއަށް ހީވީ އޭނައާއި ނަސްރާގެ ޒަވާޖީ ޙަޔާތުގައި މިހާތަނަށް ހިނގިހާ ކަންތައްތައް އޭނަގެ ލޯކުރިމަތިން ސިފަވަމުން ދިޔައީ ހެންނެވެ. ނަސްރާ އޭނަގެ ހިތުގައި ޔޫނުސްއަށްޓަކައި އިޙްޞާސްތައް އުފެދެމުން ދިޔަ ގޮތް ކިޔައިދީފައިވި ގޮތުން ޔޫނުސްއަށް ހިނިތުންވުމެއްގައި އިނދެވުނެވެ. އޭނަ ފޮތް ކިޔަން އިންދާ ފާޚާނާގެ ދޮރު ހުޅުވުނު އަޑަށް ޔޫނުސް ފަހަތް ބަލާލިއެވެ. އެވަގުތު ނަސްރާ ފާޚާނާއިން ނިކުމެ އެތާ ހުރި ހަރުގަނޑުގައި އަޅުވާފައި އޮތް ތުވާލިން އޭނަގެ ތެތް މޫނު ފޮހެނީއެވެ. ޔޫނުސް ނަސްރާއަށް ބަލަން އިނދެފައި އަނެއްކާވެސް އޭނަގެ އަތުގައި އޮތް ފޮތަށް ބަލާލިއެވެ. އެވަގުތު އޭނަ ހުޅުވައިގެން ހުރި ޞަފްޙާގައި ލިޔެވިފައިވި ވާހަކަތަކަކުން އޭނަގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އެ ހިނިތުންވުން ފިލުވާލަމުން ކަރުކެހިލިއެވެ. ދުރުގައި ހުރި ނަސްރާ އެއަޑަށް ޔޫނުސްއަށް ބަލާލިއެވެ.
“ޤަބޫލުކުރަން ދަތިވިޔަސް މިއަދު އަހަރެން އިނދެގެން މިހިރީ އަހަރެން ހުވަފެންތަކުން ދެކެމުން އައިފަދަ މީހަކާއެވެ. ޔޫނުސްގެ ކިބައިގައި އަހަންނަށް ކަމުދާ ހުރިހާ ސިފައެއްވާކަން މިއަދު އަހަންނަށް ޔަޤީން ކުރެވެއެވެ. ޔޫނުސް……” ޔޫނުސް ހެވިފައި އިނދެ ފޮތް ކިޔަމުން ދަނިކޮށް ނަސްރާ އަވަސް ހިނގުމެއްގައި އައިސް ފޮތް ޖަހައިގަންނަން އުޅުނެވެ. އެއާއެކު ޔޫނުސް އެ ފޮތް ނަސްރާގެ އަތާއި ދުރުކުރިއެވެ. ނަސްރާ އަނެއްކާވެސް ހޯދަން މަސައްކަތް ކުރުމުން ޔޫނުސް ހުނުމަކާއެކީ ކޮޅަށް ތެދުވެ ދެން ވެސް ފޮތް ކިޔަން މަސައްކަތް ކުރަމުން ނަސްރާއާއި ދުރަށް ދެވޭތޯ ބެލިއެވެ.
“ޔޫނުސް ޕްލީޒް……..” ނަސްރާ ޅަ އަޑަކުން އެހެން ބުނެލި އަޑަށް ޔޫނުސް ފަހަތް ބަލާލިއެވެ. އެވަގުތު ނަސްރާ މޫނުގައި ދެއަތް އަޅައިގެން ހުރިތަން ފެނިފައި ޔޫނުސްގެ ފުރިހަމަ ހިނިތުންވުން ފަނޑުވިއެވެ. އޭނަ ލަސްލަހުން ނަސްރާއާއި ދިމާލަށް އެނބުރި އޭނަގެ އަތުގައި އޮތް ފޮތް ކައިރީގައި ހުރި ކިޔަވާ މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު ލަސް ހިނގުމެއްގައި ނަސްރާގެ ކުރިމައްޗަށް ގޮސް ހުއްޓި އޭނަގެ އުނަގަނޑުގައި ދެއަތުން ވަށާލިއެވެ. އެވަގުތު ނަސްރާ އޭނަގެ ރަތްވެފައިވާ މޫނުން ދެއަތް ނަގައި އިސްއުފުލާލިއެވެ.
“ހުސް ދޮގު އެ ފޮތުގަ ހުރީ. ވެދާނެ ތިއީ ތަންކޮޅެއް ކުރިން ލިޔެފަ ހުރި އެއްޗެއް ކަމަށް. މިހާރު……” ނަސްރާ ޔޫނުސްގެ ދެއަތް ނައްޓުވަން މަސައްކަތް ކުރަމުން ދައްކަން ފެށި ވާހަކަ މެދުކެނޑުނެވެ.
“ތަންކޮޅެއް ކުރިންނެއްނޫން އަހަރެން ލައިވް ވެބިނާރއެއް ބޭއްވީ. އޭގެ ވާހަކަވެސް އެބަހުރި. ދެމީހުންގެ ގުޅުމަށް މާ ގިނަ ދުވަސްވީތީވެ ކަންނޭނގެ ތަޢުރީފުކުރަން އެލާޖިކްވެގެން ތިއުޅެނީ. އެކަމަކު އެއީ ގޯހެއްނޫނެއްނު ނަސްތު؟” ޔޫނުސް ނަސްރާއަށް ފުންކޮށް ބަލަންހުރެ ބުނެލިއެވެ. ޔޫނުސް އޭނައަށް ގޮވާލި ނަމަކުން ނަސްރާއަށް ހިނިތުންވެލެވުނެވެ. އެއީ ވަރަށް މަދު ބަޔަކު މަދު ފަހަރަކު ނޫނީ ނަސްރާއާއި މުޚާތަބު ކުރާ ނަމެއްނޫނެވެ. ޔޫނުސް އޭނައަށް އެ ނަމުން ގޮވާނީ ޢާއްމު ގޮތެއްގައި އޭނަދެކެ ލޯބިވާ ވާހަކަ ބުނުމަށެވެ. އުފާވެރިކަމުން ނަސްރާގެ ހިތް ފުރެން އުޅެނިކޮށް މިރޭ ގެއަށް އައިސް ޔޫނުސް ދެއްކި ވާހަކައަކުން އޭނަ މޫނުމަތީގެ އުޖާލާކަން ގެއްލުނެވެ.
“އަހަރެންގެ ތަޢުރީފު އެހެންނޫނަސް މިހާރު އެހާ މުހިއްމެއްނޫނެއްނު؟” ނަސްރާ ހިސާބަކަށް ދެރަވެފައިހުރެ ބުނެލިއެވެ. ޔޫނުސްވެސް ހިތާމަވެރިކަން ވެރިވެގެން ދިޔަ މޫނަކާއެކީ އިހުނަށްވުރެ ވެސް ބޮޑަށް ނަސްރާ އޭނައާއި ގާތްކޮށްލިއެވެ.
“އަހަރެން ނުވެސް ބަލަން އެހެން މީހަކު ބުނި އެއްޗެއް. ކީއްވެކަން އެނގޭތަ؟ އަހަރެންގެ މާޒީގައި ކުރި ކަންތައް އެނގިހުރެ ވެސް އަހަންނަށް އިޙްތިރާމްކުރީ އެމީހުންނެއްނޫން. އަހަންނަށް ދީން އިތުރަށް އުނގަންނައިދޭން މަސައްކަތްކުރީ އެމީހުންނެއްނޫން. އަހަރެން ނުބައި ކަމެއްކުރީމަ އަހަރެން ރުޅި އަންނާނެކަން އެނގުނަސް އެއީ ނުބައިކަމެކޭ ބުނަމުން ދިޔައީ އެމީހުންނެއްނޫން. އަހަރެން އަހަރެންގެ ވަޒީފާއިން ވަކިވެގެން އައި ދުވަހު އަހަންނަށް ހިތްވަރުދިނީ އެމީހުންނެއްނޫން. އަހަރެން މިހާ ހިސާބަށް އައީ އެމީހުންގެ ސަބަބުންނެއްނޫން.” ޔޫނުސް ބުނެލިއެވެ. އެވަގުތު ނަސްރާ ފެންކަޅިވެގެން ދިޔަ ދެލޮލާއެކީ ހިނިތުންވެލިއެވެ. ޔޫނުސް ދެލޯ މަރާލަމުން ނަސްރާގެ ނިތުގައި އޭނަގެ ނިތް ޖައްސާލިއެވެ.
**
ޔޫނުސްގެ ފުރަތަމަ ވެބިނާރއަށް ލިބުނު ތަރުޙީބުން ހުރިހާ ސިޔާސީ ލީޑަރުން ވެސް އަމިއްލައަށް އިސްނަގައިގެން އެމީހުން އެފަދަ ގޮތަކަށް އިންޓަވިއު ކުރުމަށް ރާއްޖެ ޕްރެސްއަށް އެދުނެވެ. ނަވާޒް ފިޔަވައެވެ. އޭނަ ހުރީ ޔޫނުސްއާއި ބައްދަލުކުރަން އެންމެ ފަހުން ދިޔަ ދުވަހު އޭނަ ޔޫނުސްއާއި ކުރި ވަޢުދުގެ މަތިން ހަނދާން ކޮށްގެނެވެ. ކޮންމެ ދުވަހަކު އެ ވަޢުދާއި ޚިލާފުވުމަށް އޭނަގެ ހިތް އެދެމުން ދިޔައެއްކަމަކު އޭނަ ހުރީ އޭނަ އަމިއްލައަށް ޔޫނުސް ކައިރިއަށް ނުދާން ނިންމައިގެންނެވެ. ނަވާޒަށް ބަޔާން ކުރަން ދަތި އުފަލެއް ލިބިގެން ދިޔައީ ރާއްޖެ ޕްރެސްއިން އޭނަ އިންޓަވިއުކުރަން ބޭނުންވާ ވާހަކަ އިވުމުންނެވެ. އޭނަ އެއަށް އާނބަސް ދިނީ ކަރުނުން ފުރިގެންވި ދެލޮލުންނެވެ. އެއަށްވުރެ ބޮޑަށް އުފާވީ އެ ވެބިނާރތަކާއި ބެހޭ ފޭސްބުކް ޕޯސްޓްގައި ހުރިހާ އިންޓަވިއުއެއްވެސް ކުރާނީ ޔޫނުސްކަމުގައި އޮތްތަން ފެނިފައެވެ. އޭނަ އެ އިންޓަވިއުއަށް ދިޔުމަށް ކެތްމަދުވިއެވެ.
ނަވާޒް ފިޔަވައި އެހެން ހުރިހާ ސިޔާސީ ލީޑަރުން ވެސް ޔޫނުސްއަށް ރަށުގައި ހުރެގެން އިންޓަވިއު ކުރެވުނެވެ. އެހާ ހިސާބަށް އައިއިރު ޔޫނުސްގެ ވެބިނާރތައް ބަލަމުން އައި މީހުންގެ ޢަދަދު އެތައް ގުނައެއް އިތުރުވެ އެންމެން ވެސް އޭގެ ވާހަކަތައް ދައްކަން ފަށައިފިއެވެ. އެ އިންޓަވިއުތަކުގައި ސިޔާސީ ލީޑަރުންގެ ފަރާތުން ދުވަހަކުވެސް އިވިފައި ނުވާ ވާހަކަތައް އިވުނީތީ އެހެން ނޫސްތަކާއި ޗެނަލްތަކުން ވެސް އެ އިންޓަވިއުތަކުގެ ވާހަކަ ޚަބަރުގައި ގެންނަން މަޖުބޫރުވިއެވެ. ޔޫނުސްއާއި ރާއްޖެ ޕްރެސްގެ ނަން ދުވަހަކުވެސް މަޝްހޫރުނުވާ ވަރަށް މަޝްހޫރުވެގެން ދިޔުމުން ޝޯއަކަށް އައުމަށް ޔޫނުސްއަށް ދަޢުވަތު ލިބުނެވެ. ޔޫނުސް ހެވިފައިހުރެ އެ ޚަބަރު ނަސްރާއާއި ޙިއްޞާކުރިއެވެ.
“އެހެންވީމަ ބައްޕަގެ އިންޓަވިއުއަށް ބައްޕަ މިކޮޅަށް ގެންނާކަށް ނުޖެހޭނެދޯ؟ ޝޯ އޮތީ އިންޓަވިއު އޮންނަ ތާރީޚުގެ 4 ދުވަސްފަހުން.” ކިޔަވާ މޭޒުދޮށުގައި އިން ނަސްރާ އޭނަގެ ކައިރީގައި ކޮޅަށް ހުރި ޔޫނުސްގާތު ބުނެލިއެވެ. އެއާއެކު ޔޫނުސްގެ މޫނުމަތީގެ އުޖާލާކަން ގެއްލި އޭނަގެ އިސްޖެހުނެވެ. ނަސްރާ އެ މަންޒަރު ފެނިފައި ކޮޅަށް ތެދުވެލިއެވެ.
“ޔޫނުސް……މިފަހަރު ގޮއްސަ ބައްޕައަށް މަޢާފަށް އެދެންވާނެ އިނގޭ؟ މިއީ ރަނގަޅު ފުރުޞަތެއްނު؟” ނަސްރާ ކުޑަ ކުއްޖަކާ ވާހަކަ ދައްކާ ފަދައަކުން ޔޫނުސްގެ މޫނު ފެނޭތޯ ބަލަމުން ބުނެލިއެވެ. ޔޫނުސް ޗޮއްކަނޑާލަމުން އިސްއުފުލާލިއެވެ.
“ނަސްރާ. އަހަރެންގެ ޚިޔާލު އަނެއްކާވެސް ބަދަލުވެއްޖެ. އޭނައަކީ އަހަރެން ހީކުރި ވަރަށްވުރެ ވެސް ގޯސް މީހެއް. ކުރީ ދުވަހު………” ޔޫނުސްގެ ވާހަކަ މެދުކެނޑުނެވެ.
“ކިތަންމެ ގޯސްވިޔަސް އެއީ ޔޫނުސްގެ ބައްޕަ. ބައްޕައަށް ވީހާވެސް ރަނގަޅަށް ކަންތައް ކޮށްދިނުމަކީ ޔޫނުސްގެ ވާޖިބެއް. ޔޫނުސްއަށްވެސް އެނގެއެއްނޫންތަ އެކަން؟ ބައްޕަ ގޯހޭ ކިޔާފަ ބައްޕައާއި ދޭތެރޭ ދެރަކޮށް ކަންތައް ކުރީމަ ޔޫނުސް ގޯސް މީހަކަށްވާނީ. ޔޫނުސް އެފަދަ މީހަކަށްވާން ބޭނުންތަ؟” ނަސްރާ އަހާލިއެވެ. ޔޫނުސް ނަސްރާއަށް ބަލަން ހުރެފައި ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ބޯހޫރުވާލިއެވެ.
“އެހެންވިއްޔާ ބައްޕައަށް މަޢާފަށް އެދޭނަންދޯ؟” ނަސްރާ ހިނިތުންވުމަކާއެކީ ދޯދިނެވެ. ޔޫނުސް ބޯޖަހާލުމުން ނަސްރާ ޔޫނުސްގެ ކޯތާފަތަށް ބޮސްދިނެވެ.
ޔޫނުސް މާލެއަށް ފުރަން އޮތް ދުވަހު ނަސްރާވެސް ޔޫނުސްއާއެކީ ޝަރީފްގެ ޖިޕްގައި އެއާރޕޯޓަށް ދިޔައެވެ. އެއާރޕޯޓަށް ގޮސް ޔޫނުސް ނަސްރާގާތު އެދުނީ އޭނަ އަންނަންދެން ޝަރީފްގެ ގެއަށް ދިޔުމަށެވެ. ޝަރީފް ވެސް އެގޮތަށް ކަންތައް ކުރުމަށް އެދުނެވެ. ނަސްރާ އެ ވާހަކައާއި އެއްބަސްވީ ވަކި ވަރަކަށެވެ. ދުވާލު ގަޑީގެ ގިނަ ވަގުތު އޭނަ ހޭދަކުރާނީ ބައްޕަގެ ގޭގައި ކަމަށް އޭނަ ބުންޏެވެ. އެހެނަސް ހަފްތާއެއްހާ ދުވަސްވަންދެން ޔޫނުސްގެ ގެ ފަޅަށް ބަހައްޓާކަށް އޭނަ އެއްބަހެއް ނުވިއެވެ. ނަސްރާ އެކަން ފާހަގަކުރުމުން ޝަރީފް އެ ވާހަކަ ޤަބޫލު ކުރިއެއްކަމަކު ޔޫނުސް ދެންވެސް ނަސްރާގެ ޚިޔާލު ބަދަލު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަސްރާ ދެންވެސް ގެއަށް ލިބިދާނެ ގެއްލުމަކާމެދު ވާހަކަ ދެއްކުމުން ޔޫނުސް އެންމެ ފަހުންޖެހުނީ ނަސްރާއާއި އެއްބަސްވާށެވެ. އޭރުވެސް އޭނަގެ ހިތުގައި ނޭނގޭ ނުތަނަވަސްކަމެއްވިއެވެ. މިގޮތަށް އިޙްޞާސް ކުރެވެނީ ނަސްރާ އެކަނި ދޫކޮށްފައި ފުރަތަމަ ފަހަރަށް އެހާ ދުރަށް ދާން އުޅޭތީވެ ކަމުގައި އޭނަގެ ހިތް ބުންޏެވެ. ޗެކް އިން ކުރުމަށްފަހު ޔޫނުސް އެއާރޕޯޓުން ނިކުމެގެން އައިސް ނަސްރާގެ އަތުގައި ހިފައިގެން އެއާރޕޯޓުގެ ވަށައި އޮތް ޞަރަޙައްދުގައި ހިނގިއެވެ. ނަސްރާ ދައްކަމުން ދިޔަ ވާހަކަތައް ޔޫނުސް އަހާ ހިތުން އަޑު އަހަމުން ދިޔައެވެ. އޭނަ އަނެއްކާވެސް އެއާރޕޯޓަށް ވަންނަންޖެހޭ ވަގުތުޖެހުމުން ޔޫނުސްގެ ހިތް ދެރަވިއެވެ. އޭނަ އޭނަގެ އެއްކޮނޑުގައި އޮތް ދަބަހުގައި ހިފަހައްޓައިގެން ހުރެ ނަސްރާގެ އަތުން ދޫކޮށްލީ ހިތާއި ދެކޮޅަށް ލަސްލަހުންނެވެ. އެއާރޕޯޓަށްވަދެ އޭނައާއި ނަސްރާގެ ދެމެދުން ބިއްލޫރި ދޮރު ލެއްޕިގެން ދިޔުމުން ވެސް ޔޫނުސްއަށް ފަހަތް ބަލާލެވުނެވެ. ނަސްރާގެ މޫނު ނުފެނުނެއްކަމަކު އޭނަ ހުރީ ހިނިތުންވެގެންކަމަށް އޭނަގެ ލޯ ޢިޝާރާތް ކުރިއެވެ. އެހެންކަމުން ޔޫނުސް ވެސް ނަސްރާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އަނެއްކާވެސް ނަސްރާއަށް ފަސްދީފައި ދާން ހިނގައިގަތެވެ.
ޔޫނުސް މާލެއަށް ގޮސް ނަވާޒްގެ ގެއަށް ދާން ހިތަށްއެރިއެވެ. އެހެނަސް އޭނައަށް ނަވާޒާއި ރީތިކޮށް ވާހަކަ ދެއްކޭނެހެން ހީނުވީތީ ޚިޔާލު ބަދަލުކޮށްލަމުން ހޮޓަލަކަށް ދިޔައެވެ. ކުއްޔަށް ހިފި ކޮޓަރިއަށް ވަދެ އޭނަ މާދަމާގެ އިންޓަވިއުއަށްޓަކައި ތައްޔާރުކުރި ސުވާލުތައް ނަގައި ފަރިތަކުރަން ފެށިއެވެ. އޭނަ ނަވާޒާއި ހިނިތުންވުމަކާއެކީ ވާހަކަ ދައްކާ މަންޒަރު ސިފަކުރަން ވެސް ޔޫނުސްގެ ސިކުނޑި ނުކުޅެދެއެވެ. އޭނަ ނަވާޒާއި ހިނިތުންވާންވީ ކީއްވެހެއްޔެވެ؟ އޭނަގެ މުޅި ޒުވާން ޢުމުރު ބަރުބާދުވެގެން ދިޔައީ ނަވާޒާއި ހެދިއެވެ. އޭނައާއި އޭނަގެ މަންމަ ނިކަމެތިވެގެން ދިޔައީ ހަމަ އެ ނަވާޒާއި ހެދިއެވެ. އޭނައާއި އޭނަގެ މަންމަ އެ ޙާލަށް ދޫކޮށްފައި ނަވާޒް އުޅެމުން ދިޔައީ ޝާހީ ދިރިއުޅުމެކެވެ. ނަވާޒް އެހެން މީހަކާއި އިނދެގެން ހިތުން އުޅުނީ މާޒީގައިވީ ހުރިހާ ކަމެއް ހަނދާން ނައްތާލަން ހެއްޔެވެ؟ އޭނަގެ އަންހެނުންނާއި ދަރިފުޅު މަރުވެގެން ދިޔައީ ހަމަ ރަނގަޅަށެވެ. އޭނައަށް ޙައްޤުވަނީ އެގޮތެވެ.
ނަފްރަތުން ފުރިގެންވި ޚިޔާލުތަކުން ޔޫނުސްގެ ސިކުނޑި ފުރިގެން ދިޔައެވެ. އޭގެ ސަބަބުން އޭނަގެ ހިތުގައި މީގެ އަހަރުތަކެއް ކުރިން އުފެދުނުފަދަ ޝުޢޫރެއް އުފެދުނެވެ. އޭނަގެ ބައްޕައަށްވުރެ އޭނަ މޮޅުކަން ބައްޕައަށް ދެއްކުމެވެ. މިއަދު އެހެންނޫނަސް އޭނަ ވަނީ މަޝްހޫރު، މޮޅު މީހަކަށްވެފައޭ ޔޫނުސްގެ ހިތް ބުންޏެވެ. ދެންވީ އެ ނަވާޒް ދަށަށް ޖައްސާލާށެވެ. އެ ޖުމްލަ ހިތަށް އެރުމާއެކު ޔޫނުސް އޭނަ ހިފަހައްޓައިގެން ހުރި ކްލިޕް ބޯޑުގައި ހައްޔަރު ކުރެވިފައިހުރި ގަނޑަށް ސުވާލުތައް އިތުރު ކުރަން ފެށިއެވެ. އަދި އެ ސުވާލުތަކުގެ ޖަވާބުގައި ނަވާޒް އަމިއްލަ ދިފާޢުގައި ބުނެލާނެ އެއްޗަކާމެދު ވެސް ވިސްނުމަށްފަހު އިތުރު ސުވާލުތައް ލިޔުނެވެ.
އޭގެ އަނެއްދުވަހުގެ ރޭ ނަވާޒް އޭނަގެ ކޮޓަރީގައި ހުރި ދިގު ލޯގަނޑު ކުރިމަތީގައި ހުރީ ފުރިހަމަ ހިނިތުންވުމެއްގައެވެ. ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި އޭނަ ތައްޔާރުވެގެން ހުންނަތާ މިހާރު ބައިގަޑިއިރު ވެދާނެއެވެ. ޔޫނުސް ހަމަ ދެންމެ ދެންމެ އައިސް ދާނެއޭ ބުނެ އޭނަގެ ހިތް ތެޅެމުން ދިޔައެވެ. އެންމެ ފަހުން މީހަކު ކޮޓަރީގެ ދޮރު ހުޅުވައި އެމީހުން އައިއްސިއޭ ބުނެލި އަޑަށް ނަވާޒަށް އުފާވެގެން ދިޔަ ހިތަކާއެކީ އެދިމާލަށް ބަލާލެވުނެވެ. އޭނަ އަވަސް ހިނގުމެއްގައި ކޮޓަރިން ނިކުމެގެން ދިޔައެވެ.
ގޭގެ ބޮޑު ސިޓިންގް ރޫމަށް ނަވާޒް ދިޔައިރު ޔޫނުސްއާއެކީ އެހެނިހެން 5 މުވައްޒަފަކު ވެބިނާރއަށްޓަކައި ތައްޔާރު ކުރަމުން ދިޔައެވެ. ކަޅު ކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި ޔޫނުސް ފުރަގަހުން ފެނިފައި ވެސް އެއީ އޭނަގެ ދަރިފުޅުކަން ނަވާޒަށް އެނގުނެވެ. ޔޫނުސް ކޮންމެވެސް މީހެއްގާތު އެއްޗެކޭ ބުނެފައި ފަހަތް ބެލިއިރު އޭނައާއި ނަވާޒްގެ ހަތަރުކަޅި ހަމަވިއެވެ. ނަވާޒްގެ މޫނުމައްޗަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި ޔޫނުސް ނުރުހުންތެރިކަމާއެކީ މޫނު އަނބުރާލި ގޮތުން ނަވާޒްގެ ހިނިތުންވުން ފޭދުނެވެ.
އިންޓަވިއު ފެށެން 30 ސިކުންތައްވެފައި ވަނިކޮށް ޔޫނުސްއާއި ނަވާޒް ސިޓިންގް ރޫމުގެ މެދުގައި ހުރި މޭޒުގެ ދެފަރާތުގައި ވަކިން ހުރި ދެ ސޯފާގައި އިށީނެވެ. ނަވާޒް ޔޫނުސްއަށް ބަލަން އިންއިރު ޔޫނުސް ދެއަތްދެއަތާއި ހާކަމުން ދެއަތް ޖޯޑުކޮށް ދުރުހޯދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. 30 ސިކުންތު ހަމަވުމާއެކު ޔޫނުސް ހިނިތުންވުމަކާއެކީ ކެމެރާއަށް ނަޒަރު ހުއްޓާލަމުން އޭނަ ޢާއްމު ގޮތެއްގައި ވެސް ވެބިނާރ ތަޢާރަފު ކުރާ ގޮތަށް ތަޢާރަފުކޮށްލިއެވެ. އެއަށްފަހު މިރޭ އޭނައާއިއެކީ ހުރީ ހުސެއިން ނަވާޒް ކަމަށް ބުނެ އޭނަ ނަވާޒަށް މަރުޙަބާ ކިޔުނެވެ. ނަވާޒް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. ނަވާޒް ކުރިމަތީގައި އިންތަން ބަލަންވުމުން ވެސް ޔޫނުސްގެ މޫޑު ޚަރާބުވިއެވެ. އިންޓަވިއު ހުއްޓާފައި މިތަނުން ފިލަންވީއޭ ހިތަށްއެރިއެވެ. އެހެނަސް މިވަގުތު އެތައް ހާސް ބަޔަކު މި މަންޒަރު ބަލަން ތިބޭނެކަން ހަނދާންކޮށް ޔޫނުސް މަނިކުފާނު ކިހިނެއްތޯ ސުވާލުކޮށްލިއެވެ. ނަވާޒްވެސް އޭނަގެ ހިތަށް މާ ބޮޑު އަސަރެއް ނުކުރާކަމަށް ހެދެމުން ރަނގަޅޭ ބުނެލިއެވެ.
ޔޫނުސް މި އިންޓަވިއު ވެސް ފެށީ އެހެން އިންޓަވިއުތައް ފަށާ ސުވާލުތަކަކުންނެވެ. ޕާޓީގެ މަޤްޞަދުތަކަކީ ކޮބައިކަމާއި، އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ޤައުމަށްޓަކައި ޙާޞިލްކޮށްދޭން ބޭނުންވާ ލަނޑުދަނޑިތަކަކީ ކޮބައިކަމާއި އަދި އިންތިޚާބުން ކާމިޔާބުވުމުގެ ކިހާ ބޮޑު ޔަޤީންކަމެއް އޮތްކަމާއި ބެހޭ ސުވާލުތަކެވެ. މި ހުރިހާ ސުވާލުތަކަކަށް ވެސް ނަވާޒް ދިނީ ހަމަ އެހެނިހެން ސިޔާސީ ލީޑަރުން ވެސް ދިންފަދަ ޖަވާބުތަކެވެ. އޭނަ އާދަޔާ ޚިލާފު ޖަވާބެއް ދިނީ ޔޫނުސް އޭނަގެ ކޮރަޕްޝަންގެ ޢަމަލުތަކުގެ ވާހަކަ އިވޭ ވާހަކަ ބުނެފައި މިއީ ކިހާ ވަރެއްގެ ޙަޤީޤަތެއްތޯ ސުވާލުކުރުމުންނެވެ. ނަވާޒް އިރުކޮޅެއް ވަންދެން އިނދެފައި ވާހަކަ ދެއްކިއެވެ.
“ބައިވަރު ދުވަސްވަންދެން ދޮގު ހެދިއްޖެ. އެކަމަކު މިއަދު ދޮގު ހަދާ ހިތެއްނުވޭ. އެ ހުރިހާ ޚަބަރުތަކަކީ ވެސް ތެދު ޚަބަރުތައް. އެކަމަކު………ދެން ބޭނުމެއްނުވޭ އެކަހަލަ އެއްވެސް ކަމެއްކުރާކަށް. ކިތަންމެ ގިނައިން ފައިސާ ލިބުނަސް ހިތް ނުފުރޭނެކަން ދަސްވެއްޖެ. ފައިސާއެއްނޫން ހުރިހާ ކަމަކީ.” ނަވާޒް ބުނެލި ވާހަކައިން މުޅި ތަނަށް ހިމޭންކަން ވެރިވިއެވެ. އެކި ކަންކޮޅުތަކުން އިންޓަވިއު ބަލަމުން ދިޔަ މީހުންވެސް ތިބީ އިވުނު އެއްޗެއް ޤަބޫލުކުރަން ދަތިވެފައެވެ. އަމިއްލަ އެޕާޓްމެންޓްގެ ސޯފާގައި ލެޕްޓޮޕުން އިންޓަވިއު ބަލަން އިން އަމީނަށް ވެސް ބިރެއް ފެނިގެން އުޅޭ ފަދައަކުން ސީދާވެލެވުނެވެ.
ބުނާނެ އެއްޗެއް ނޭނގިފައި އޭނަގެ ކުރިމަތީގައި އިން ޔޫނުސްއަށް ބަލަން އިންދާ ނަވާޒަށް ނޭނގި އޭނައަށް ހިނިތުންވެލެވުނެވެ. އޭނަ ޙަޤީޤަތުގައި ވެސް މިރޭ ދޮގެއް ހަދާކަށް ބޭނުމެއްނުވީއެވެ. އޭނަގެ ދަރިފުޅު އެތައް އަހަރުތަކެއް ފަހުން އޭނައާއި ލޯބިން ވާހަކަ ދައްކަމުން ދާއިރު އޭނަ ދޮގެއް ހަދާނީ ކިހިނެއް ހެއްޔެވެ؟ ދޮގެއް ހެދިއްޔާ އަނެއްކާވެސް ޔޫނުސް އޭނައާއި ދުރަށް ގޮސްދާނެ ނޫންހެއްޔެވެ؟
ޔޫނުސް އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން ކެމެރާގެ ފަހަތުގައި ހުރި މީހަކު ވައިއަޑުން ޔޫނުސްއަށް ގޮވާލައިފިއެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބިގެން ދިޔަ ޔޫނުސްއަށް ވާހަކަ ދެއްކުނެވެ.
“އަމް……..އެހެންވީމަ މާނައަކީ މަނިކުފާނު އިންތިޚާބު ކާމިޔާބުކޮށްފިނަމަ މަނިކުފާނާބެހޭ އެފަދަ ޚަބަރެއް ނުފެންނާނެއޭ ދެއްތޮ؟” ޔޫނުސްއަށް މާ ބޮޑު ވިސްނުމެއްނެތި ކޮށްލެވުނީ އެ ސުވާލެވެ. އެއާއެކު އޭނައަށް އެކަމާމެދު ހިތާމަކުރެވުނެވެ. ނޭނގުމެއްގެ ތެރެއިން ވެސް އޭނައަށް ޢިޝާރާތް ކުރެވުނީ ނަވާޒަކީ ރަނގަޅު މީހަކަށް ވެދާނެކަމަށެވެ. ނަވާޒް ތުންފިއްތާލަމުން ބޯޖަހާލިތަން ފެނިފައި ޔޫނުސްގެ ހިތުގައި ރުޅީގެ އަލިފާނެއް ރޯވިއެވެ. އަމިއްލަ ކުށާއި އެއްބަސްވީ ވެސް މީހުންގެ ސަމާލުކަން ހޯދައި އޭނައަކީ ގޯސް މީހަކަށް ނުވާނެކަން ދެއްކުމަށްޓަކައިތާއޭ ހިތަށްއެރިއެވެ. ޔޫނުސް ވަގުތުން ނަވާޒްގެ ރޭވުން ފޭލްކޮށްލަން ބޭނުންވިއެވެ.
“ދެން އޮތީ އަޅުގަނޑު އަމިއްލައަށް އަޑުއަހާފައިވާ ވާހަކައަކާ ގުޅޭ ސުވާލެއް. އަޅުގަނޑަށް އިވިފައިވާ ގޮތުގަ މަނިކުފާނު މާލެއަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ކައިވެންޏެއް ބައްލަވާފަވަނީ. އެ ކައިވެނިން ކުއްޖަކު ވެސް ލިބިވަޑައިގެންނެވި. ދެން އެ ކައިވެނި ރޫޅުމުން މަނިކުފާނު އަނބިމީހާއާއި އެކުއްޖާއާއި ދޭތެރޭ ވަރަށް ދެރަކޮށް ކަންތައް ކުރެއްވި ވާހަކަ އަޅުގަނޑު އަޑުއެހިން. މިއީ ތެދެއްތޯ؟” ޔޫނުސް އޭނަގެ ރުޅިވެރިކަން މޫނުމަތިން ފާޅުނުކޮށްވެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނަ ކޮންމެވެސް ވަރަކަށް ނުރުހިފައި ހުރިކަން ރަނގަޅަށް އަޑުއަހަން ހުރި މީހަކަށް އެނގޭނެއެވެ. އެންމެ ރަނގަޅަށް އެކަން އެނގުނީ ޔޫނުސްގެ ތޫނު ނަޒަރު އަމާޒުވެފައިވި ނަވާޒަށެވެ. ނަވާޒް އެ ސުވާލު ކުރިތާ އިރުކޮޅެއްފަހުން އިސްޖަހާލިއެވެ.
“އެއީ ތެދެއް.” ނަވާޒް އިސްއުފުލައި ޔޫނުސްއަށް ބަލާލަމުން ބުނެލީ ހަމައެކަނި އެހާވަރަށެވެ.
ނުނިމޭ