Asr (Part 2)
ބާރު އަޑެއް އިވުމާއެކު ވިސާމަށް ވަގުތުން ބަލާލެވުނީ މިޝްކާއަށެވެ. މިޝްކާ އަދިވެސް ނިދިފައި އޮތުމުން ވިސާމަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނައަށް ދެންވެސް އެއްފަހަރު އެ ދަންފުޅިއަށް ބަލާލެވުނެވެ. އޭތި ހެޑްބޯޑް މަތީގައި އޮށޯވިފައި އޮތްއިރު އޭގެ ތެރޭގައި ހުރި ހުދުކުލައިގެ ހިލަކުނޑި ދެބަޔަށް ބެހިފައިވިއެވެ. ވިސާމް އެއަކަށް ފަރުވާލެއްނެތި ރަނގަޅަށް ރަޖާ އަޅަމުން އޮށޯވެ ދެލޯ މަރާލިއެވެ.
**
“ޔޯ ބްރޯ އައިމް ބެކް!” ރަތްކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި އައިމަން، އަޒާންގެ ތަނަވަސް ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އޭނަގެ އިސްތަށިގަނޑު ތެތްވެފައިވި ގޮތުން އޭނަ ދެންމެ އައީ ފެންވަރައިގެންކަން އެނގެއެވެ.
“ހާއި.” ކިޔަވާ މޭޒުދޮށުގައި ނަންބަރު އައިނެއް އަޅައިގެން ލެޕްޓޮޕަށް ބަލަން އިން އަޒާން ބުނެލިއެވެ. އަޒާނާއި އައިމަނަކީ އެއްމާބަނޑު ދެބެއިން ކަމަށްވިޔަސް އެދެމީހުން އެއްވައްތަރެއްނޫނެވެ. ދެމީހުންގެ ގައިގެ ކުލަ އަލިވެފައި އެއް އިސްކޮޅެއްވިޔަސް ދެމީހުންނަށް ލިބިފައިވަނީ ދެ ސޫރައެވެ. ބަލާބެލުމަށް އެންމެ އަޅައިގަންނަ ގޮތެއް ހުންނަނީ އައިމަންގެއެވެ. އެ ދެބެއިން ދަންނަ މީހުންގެ ނަޒަރުން އައިމަނާއި އަޅާ ބަލާއިރު އަޒާން ހުތުރުކަމަށް ވެސް ބައެއް މީހުން ބުނެއުޅެއެވެ. އެއީ އެދެމީހުންގެ ސޫރަ ފަދައިން އެދެމީހުންގެ އުޅުން ވެސް ތަފާތުވުމުން ކަމަށް ވެދާނެއެވެ. އައިމަން އަބަދުވެސް އާ ޓީޝާޓުތަކާއި ޖިންސްތައް ލައިގެން ހުންނައިރު އަޒާން ލައި އުޅެނީ އާދައިގެ ގަމީސްތަކާއި ފަޓުލޫނެވެ. އައިމަންގެ އިސްތަށިގަނޑު ޒަމާނީ އެކި ގޮތްގޮތަށް ހުންނަތަން އެކި ދުވަސްވަރު ފެންނައިރު އަޒާން މިއަދުވެސް ބޮލުގަ ފުނާ އަޅާފައި ހުންނަނީ ކުޑައިރު މަންމަ ފުނާ އަޅައިދިން ގޮތަށެވެ. އައިމަން ވާހަކަ ދައްކާ ގޮތުގަޔާއި ހިނގާލުމުގައި ފިރިހެންވަންތަ ގޮތެއްވާއިރު އަޒާނަކީ ކޮންމެ ކޮންމެ މީހެއްގެ ކުރިމަތީގައި ރަނގަޅަށް ވާހަކަ ދެއްކޭ ކުއްޖެއްނޫނެވެ. ވަކިން ޚާއްޞަކޮށް ބީރައްޓެހި މީހުންގެ ކުރިމަތީގައި އޭނައަށް ކެނޑިކެނޑިގެން ވާހަކަ ދެއްކޭއިރު އޭނައަށް ހިނގޭނީވެސް ފާޑަކަށެވެ. މީގެ އިތުރުން ވެސް އެދެމެދުގައި ގުނާ ޢަދަދު ނުކުރެވޭހާ ތަފާތުތައް ވިޔަސް އެދެބެއިންގެ ދެމެދުގައި އޮންނަނީ ގާތްގުޅުމެކެވެ.
“މިއަދު ތިއްތިބެއާ ދިމާވި އެއާރޕޯޓުން.” އައިމަން އޭނަގެ ޖީބުން ފޯނު ނަގައި އެއާއި ކުޅެމުން އެތާހުރި އެނދުގައި އިށީނެވެ.
“އަސްލުވެސްތަ؟ ކީކޭތަ ބުނީ؟” އަޒާން ކުއްލިއަކަށް އޭނަ އިން ގޮނޑީގައި އިނދެ ފަސްއެނބުރި އައިމަނަށް ބަލާލިއެވެ.
“އެކިއެކި ވާހަކަތައް ދައްކަމުން ގޮސް އަހަރެން ބުނިން ތިއްތިބެ މަތިން ހަނދާންވާ ވާހަކަ. އަނބުރާ އަންނާށޭ ބުނީމަ ހަމަ ކޮންމެ ފަހަރަކުހެން ތިއްތިގެ މޫޑް އޮފްވެއްޖެ. މިޝްކާ ހުންނާނީ ތިމަންނަގެ އިންތިޒާރުގައޭ ބުނެފަ ކާރަށް އަރައިގެން ދިޔައީ.” އައިމަން އޭނަގެ ފޯނަށް ނަޒަރު ހުއްޓައިގެން ސީރިއަސް ނަޒަރެއްގައި އިނދެ ކިޔައިދިނެވެ. އަޒާން ފުން ނޭވައެއް ދޫކޮށްލިއެވެ.
“ކަންތައްވެފައި އޮތްގޮތުން ތިއްތިއަކަށްވެސް ފަސޭހައެއްނުވާނެދޯ އަނބުރާ އަންނާކަށް؟ އަހަންނަށް އަންޑަސްޓޭންޑްވޭ އަސްލު.” އަޒާން އިސްޖެހިފައި އިނދެ މާޔޫސްވެފައި ކަހަލަ ގޮތަކަށް ބުންޏެވެ. އެނދުގައި އިން އައިމަން ވެސް ހޫންލައްވާލިއެވެ. އެއަށްފަހު އެދެމެދަށް ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. އައިމަން ދެންވެސް އޭނަގެ ފޯނުން ގޭމެއް ކުޅެން އިންއިރު އަޒާން އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އައިމަނަކީ އެހާ ގިނައިރު ވަންދެން ސީރިއަސްވެފައި ހުންނަން ބޭނުންވާ ކުއްޖަކަށް ނުވާތީ އޭނަ ވާހަކަ ދެއްކިއެވެ.
“އެނީވޭސް……ވަޓްސް އަޕް؟” އައިމަން އެނދުމައްޗަށް ވެއްޓިގަންނަމުން އަހާލިއެވެ. އެވަގުތު އޭނަގެ ފޯނަށް އޭނަގެ ލޯބިވެރިޔާގެ މެސެޖެއް އައުމުން އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“މާ ބޮޑު ކަމެއްނޫން. ސައިންޓިސްޓުންނަށް ވަރަށް ފަހަކަށް ނާވަސް ސިސްޓަމާ ބެހޭގޮތުން ޑިސްކަވާވި ކަމެއްގެ ވާހަކަ މި ކިޔަނީ.” އަނެއްކާވެސް އޭނަގެ ލެޕްޓޮޕަށް ބަލާލަމުން އަޒާން ބުނެލިއެވެ. އައިމަން ޗޮއްކަނޑާލިއެވެ.
“ސީރިއަސްލީ ބްރޯ! ސައިންސަށް ތިހާ އިންޓްރެސްޓް ހުންނައިރު ކީއްވެތަ ބިޒްނަސް ނެގީ؟ ސައިންސް ނެގިނަމަ ދޭތެރެ ދޭތެރެއިން ކިއުރިއަސްވީމަ އަހަންނާ އެތައް ސުވާލެއް ކުރާކަށް ނުޖެހުނީހެއްނު؟ މި ވޭތުވެދިޔަ 3 އަހަރު ސައިންސް ކިޔެވީ އަހަރެން. އެކަމަކު އަހަންނަށް ހީވަނީ އަހަންނަށްވުރެ ބޮޑަށް ޒާންއަށް ސައިންސާބެހޭ ގޮތުން އެނގޭނެހެން.” އައިމަން އޭނަގެ ފޯނުން އޭނަގެ ލޯބިވެރިޔާއަށް މެސެޖެއް ކުރަމުން ބުންޏެވެ.
“ދެން ކުރެވޭނެ ކަމެއްނެތްދޯ؟ އަސްލު ދެ ސްޓްރީމްވެސް ނަގަން ބޭނުން. އެކަމަކު އެހެން ނެހެދޭނެތާ.” އަޒާނަށް އެހެން ބުނެލެވުނުތަނާހެން އައިމަން ވާހަކަ ދެއްކިއެވެ.
“އޯ ގޯޑް…..ޒާން ތިއީ ކޮން ޕްލެނެޓަކުން އައިއްސަ ހުރި މީހެއްތަ؟ އަހަރުމެން މިއުޅެނީ އެއް ސްޓްރީމް ނަގައިގެން ވެސް ނުކިޔެވިގެން. ތިހާވަރަށް ފޮތުގެ ތެރެއަށް ވަންނާކަށް ނުވާނެއޭ މަގޭ ލޯބިވާ ބޭބޭ. ސައިކޯވެދާނެ ތިހެން އުޅެނިކޮށް. ތިހެންވެގެންނޭ ގާލްފްރެންޑެއްވެސް ނުލިބިގެން ތިއުޅެނީ.” އައިމަން އެހެން ބުނުމުން އަޒާން އަނެއްކާވެސް ފަސްއެނބުރި ބަލާލިއެވެ. އަޒާން ބަލާނެކަން އެނގި އައިމަން ވެސް އެނދުގައި އޮވެ އޭނައަށް ބަލާލިއެވެ. އެއަށްފަހު ތުންފިއްތާލަމުން ބޯޖަހާލީ ތިމަންނަ މިބުނަނީ ތެދެކޭ ބުނާ ފަދައަކުންނެވެ. އަޒާން ވަކި އެއްޗެކޭ ނުބުނެ އެއްވެސް އަސަރެއްނެތް މޫނަކާއެކީ އަނެއްކާވެސް ލެޕްޓޮޕަށް ނަޒަރު ހުއްޓާލިއެވެ. އަދި އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ އިނގިރޭސި ލިޔުމަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. އެހެނަސް ފުރަގަހުން އައިމަން ހީލި އަޑަށް ބޭއިޚްތިޔާރުގައި އަޒާންގެ ކަޅި އެދިމާލަށް ދަތުރުކުރިއެވެ. އެހެނަސް މިފަހަރު އޭނަ ގަދަކަމުން ކަހަލަ ގޮތަކަށް ފަހަތް ނުބެލިއެވެ. އައިމަން ހީލި ގޮތުން އެ ހުނުމުގެ ފަހަތުގައި ވަނީ އޭނަގެ ލޯބިވެރިޔާގެ މެސެޖެއްކަން އަޒާނަށް ޔަޤީން ކުރެވުނެވެ. އަޒާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ފިކުރެއްގެ ތެރޭގައި އިންދާ އައިމަން އެނދުން ތެދުވިއެވެ.
“އޭ ޒާން ދަނީ އިނގޭ؟ މިލޫ ބުނީ ގުޅާށޭ.” އައިމަން އޭނަގެ ފޯނާއިއެކީ ކޮޓަރިން ނިކުންނަން ދިޔައެވެ. އޭނަ ދޮރުކައިރީގައި މަޑުކޮށް އަޒާނަށް ބަލާލުމުން އަޒާން އޭނައަށް ލުއި ހިނިތުންވުމެއް ދައްކާލިއެވެ. އޭގެ މާ ގިނައިރެއްނުވެ އައިމަން އޭނަގެ ލޯމައްޗަށް ގެއްލުމުން އަޒާންގެ ހިނިތުންވުން ފިލައިދިޔައެވެ. އޭނައަށް ފުން ނޭވައެއް ދޫކޮށް ލޮލުގައި ހުރި އައިނު ނަގަމުން އިސްޖަހާލެވުނެވެ. އައިމަން ކިހާ ނަސީބުގަދަހޭ އޭނަގެ ހިތަށްއަރައެވެ. ރީތި ސޫރައެއް ލިބިފައިވަނީ އައިމަނަށެވެ. ފިރިހެންވަންތަ ސިފަތައް ލިބިފައިވަނީ އައިމަނަށެވެ. އަންހެން ކުދިންގެ މެދުގައި އެންމެ މަޝްހޫރީ އައިމަނެވެ. އެމީހުންގެ ސަމާލުކަން ލިބެނީ އައިމަނަށެވެ. ލޯބިވެރިން ލިބެނީ އައިމަނަށެވެ. ސްކޫލްގައި އުޅުނުއިރު އެންމެ “ކޫލް” ކަމުގައި އެންމެން ދެކުނީ އައިމަނެވެ. އެއްވެސް މީހަކު ކައިރި ނުބުންޏަސް އަޒާން އައިމަނަށް ޙަސަދަވެރިވެއެވެ. އެ ޙަސަދަވެރިކަން ރުޅިވެރިކަމަށް ބަދަލުނުވަނީ އޭނަ އޭނަގެ ކޮއްކޮދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އޭގެ ބަދަލުގައި އޭނަ ބައެއްފަހަރު އެންމެނަށް ސިއްރުން އައިމަން ގޮތަށް އުޅެން މަސައްކަތް ކުރެއެވެ. އައިމަން ލާ ކަހަލަ ހެދުންތައް ލައި އައިމަން ހިނގާ ގޮތަށް ހިނގޭތޯ ބަލައެވެ. އައިމަން ބޮލުގައި ފުނާއަޅާ ގޮތަށް ފުނާ އަޅައިގެން މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުރެ އައިމަން ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރެއެވެ. އެއްދުވަހަކު އަޒާން އޭނަގެ އެ “މަސައްކަތުގައި” ހުއްޓާ އައިމަން އޭނަގެ ކޮޓަރިއަށްވަނެވެ. އެދުވަހު އަޒާން އޭނަ ދުވަހަކުވެސް ނުލާފަދަ ބާރު ޓީޝާޓަކާއި ޖިންސެއް ލައިގެން ހުރިތަން އައިމަނަށް ފެނުނީތީ އަޒާން ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހުނެވެ. އައިމަނަށް ވަގުތުން އަޒާނާއި ދިމާލަށް ހެވުނީއެވެ. އެހެނަސް މާ ގިނައިރެއްނުވެ އަޒާނަށް އެހީވާނެކަމަށް އައިމަން ބުންޏެވެ. އެއަށްފަހު އޭނަ ގޮތަށް އުޅުމުގެ އެކިއެކި އުކުޅުތައް ކިޔައިދިނެވެ. އަޒާން ކުޑަ ދުވަސްކޮޅެއް ވަންދެން އައިމަން ބުނިހާ ގޮތަކަށް ކަންތައް ކުރެވޭތޯ ބެލިއެވެ. އެހެނަސް ދުވަސްކޮޅަކުން އެކަން ހުއްޓާލަން ޖެހުނީ ބާރު ޓީޝާޓާއި ޖިންސްތައްލާން އޭނައަށް އުނދަގޫވުމުންނެވެ. އައިމަން ހިނގާގޮތަށް ހިނގަން އޭނަ ދޭތެރެދޭތެރެއިން ހަނދާން ނެތޭތީވެއެވެ. އައިމަން ބުނާ ގޮތަށް އޭނައަށް އޭނަގެ ފޮތްތަކާއި ދުރުގައި ނުއުޅެވޭތީވެއެވެ. އަޒާނަކީ ފިލްމު ބެލުމާއި ގޭމް ކުޅުމުގައި އެހާ ގިނަ ވަގުތު ބޭކާރުކޮށްލާ ކުއްޖެއްނޫނެވެ. އެއީވެސް އަޒާންގެ ކިބައިގައި ހުންނަ އާދަޔާ ޚިލާފު ސިފައެކެވެ. އޭނަ އެކަންތައް ކުރާ ހިތްނުވަނީ ކީއްވެކަމެއް ޚުދު އަޒާނަކަށްވެސް ބުނެދޭކަށް ނޭނގެއެވެ. އޭނަ ފޫހިފިލުވާލުމަށްޓަކައި ކުރާ ހިތްވާ ކަމަކީ އާ ހޯދުންތައް ހޯދުމެވެ. ފޮތްތައް ކިޔައި އޭނައަށް ނޭނގޭ ކަންތައް ދެނެގަންނަން މަސައްކަތް ކުރުމެވެ. އަޒާނަށް އޭނައަށް އިވޭ ވާހަކަތަކާއި ދަސްކުރާ ކޮންމެ ކަމަކާމެދު ވެސް ވަރަށް ފުންކޮށް ވިސްނެއެވެ. ނަތީޖާއެއްގެ ގޮތުން ކުލާހުގައި އޭނަ ކުރާ ބައެއް ސުވާލުތަކަށް މުދައްރިސުންނަށް ވެސް ޖަވާބުދޭކަށް ނޭނގެއެވެ. ކުލާހުގައި ތިބޭ އެހެން ކުދިން އޭނަ ބާކީކޮށްފައި ހުންނަ އެންމެ ބޮޑު އެއްސަބަބަކީ މިއީއެވެ. އަޒާނަކީ އެމީހުން ކަހަލަ ކުއްޖަކަށް ނުވާތީވެއެވެ. އެމީހުން އަޒާނާއި ވާހަކަ ދައްކަން އުޅުނަސް އަޒާނަށް އަބަދުވެސް ސީރިއަސް ސުވާލުތައް ކުރެވޭތީވެއެވެ. އޭނަ ކިޔާ ފޮތްތަކުން ދަސްވާ ވާހަކަތައް އޭނައަށް ކިތަންމެ ޝައުޤުވެރިވިޔަސް އޭނަގެ ވަށައިގެން ތިބި މީހުން ޝައުޤުވެރިނުވާކަން އަޒާނަށް އެނގުންވީ އެންމެން އޭނައަށް ފަސްދޭން ފެށުމުންނެވެ. އެކަން އެނގުނު ދުވަހުއްސުރެ އަޒާނަކީ ގިނަ ވަގުތު އެންމެނާއި އެކަހެރިކޮށް ހިމޭނުން ހުންނަ ކުއްޖަކަށްވިއެވެ. އޭނަ ދައްކާ ވާހަކައަކުން އެ ވާހަކަ އަޑުއަހާ މީހަކު ފޫހިވެދާނެހެން ހީވާތީ އޭނަ މުޅި ޢުމުރަށް ވާހަކަ ދައްކަން ޖެހިލުންވިއެވެ. އެއްދުވަހަކު ކުލާސް ކުރިމަތީގައި އެއްޗެއް ހުށަހަޅަންވުމުން އޭނަ ނާކާމިޔާބުވި ގޮތުން އެންމެންގެ މަލާމާތް އޭނައަށް އަމާޒުވިއެވެ. އެ މަލާމާތްތައް އެއްދުވަހުން ނިމޭގޮތެއްނުވިއެވެ. އަދަށްދާންދެންވެސް އޭނައާއި އެކީގައި ކިޔެވި ކުއްޖަކު އޭނައާއި ދިމާވެއްޖެނަމަ އެދުވަސްމަތިން ހަނދާންކޮށްދީ އޭނައަށް ވަނަމުން ގޮވައި ބާރުބާރަށް ހޭނެއެވެ. އެމީހުންގެ މަލާމާތްތައް ކުޑަކޮށްވެސް ކޮންޓްރޯލް ކުރެވިފައިވަނީ އައިމަން އެމީހުންނާއި ދިމާލަށް ކިޔާ އެއްޗެހިންނެވެ. އައިމަނަކީ ސްކޫލްގެ އެންމެ މަޝްހޫރު އަދި “ބާރުގަދަ” ކުއްޖާކަމަށްވުމުން އޭނަ އެއްޗެކޭ ބުނެފިނަމަ އެންމެން މައިތިރިވާނެއެވެ. އެހެނަސް ކަންތައް އަބަދުގެ އަބަދަށް މިހެން އޮންނާކަށް އަޒާން ބޭނުމެއްނުވެއެވެ. އައިމަން ގޮތަށްވުމުގެ ރޭވުން ނާކާމިޔާބުވިޔަސް މީހުންގެ މަލާމާތް އަމާޒުވާ މީހަކަށް އޭނަ ވާކަށް ބޭނުމެއް ނުވެއެވެ. އޭނަ ވެސް “ކޫލް”ވާން ބޭނުންވެއެވެ. އޭނަ ވެސް އޭނަގެ ވަށައިގެންވި އެންމެންހެން ލޯބިވެރިޔަކު ބޭނުންވެއެވެ. އޭނައަށް ލޯބިވެރިއެއް ލިބިއްޖެނަމަ އޭނަގެ ޙަޔާތުގައިވާ ބައިވަރު މައްސަލަތައް ޙައްލުވާނެހެން އޭނައަށް ހީވެއެވެ. އައިމަނާއެކީ ބެލި ބައެއް ފިލްމުތަކުން އޭނައަށް ދަސްވި ކަމަކީ އެއީއެވެ. އެހެންކަމުން އޭނަ އޭނައާއި ގުޅޭނެފަދަ ރީތި އަންހެން ކުއްޖަކަށް އިންތިޒާރު ކުރެއެވެ. އޭނަ ކަހަލަ “ސައިކޯ” ކުއްޖަކު އޭނަގެ ޙަޔާތަށް އައިސްފިނަމަ އޭނަ ވަކި އައިމަން ގޮތަށް ވާކަށް ނުޖެހޭނެ ކަމަށް އޭނަގެ ހިތް ބުނެއެވެ. އެކުއްޖަކު އޭނަ ހުރި ގޮތަށް އޭނަ ޤަބޫލުކުރާނެއެވެ. އެ ޚިޔާލު ހިތަށް ވަނުމުން މިފަހަރުވެސް ހިނިތުންވުމެއް އަޒާންގެ ތުންފަތުގައި ކުޅެލިއެވެ. އޭނަ އަނެއްކާވެސް ކުރިމަތީގައި ހުޅުވިފައި ހުރި ލެޕްޓޮޕަށް ބަލާލިއެވެ. އެއަށްފަހު އޭނަ ހުޅުވައިގެން ހުރި ޓެބްގެ ކައިރީގައި ހުރި ޓެބަށް ދިޔައެވެ. އެ ޓެބްގައި ހުޅުވިފައި ހުރި ޕޭޖް ފެނިފައި އަޒާންގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. ޙަޔާތުގައި އޭނަ އެކި މީހުންނާއި ބައިވަރު ސުވާލުތައް ކޮށްފައިވެއެވެ. އެހެނަސް އޭގެ ތެރެއިން އޭނަ އެންމެ ޝައުޤުވެރިވާ ސުވާލުތައް އޭނަ އެކަކާވެސް ނުކުރެއެވެ. އެ ސުވާލުތައް ކުރުމުގެ ނަތީޖާއާމެދު އޭނައަށް ބިރުހީވާތީވެއެވެ. އެއީ ވަކި މީހުން ބުނާނެ އެއްޗަކާ ހެދިއެއްނޫނެވެ. އޭނަ އަމިއްލައަށް އެ ސުވާލުތަކުގެ ޖަވާބު ލިބިގަންނަން އުޅެފިނަމަ ޚުދު އޭނަގެ ޙަޔާތަށް އައިސްދާނެ ބަދަލުތަކާއި ހެދިއެވެ. މި ސަބަބާހެދި އެ ޖަވާބުތައް ހޯދަން އަޒާން ގިނަފަހަރު ޖެހިލުންވެސްވެއެވެ. މިއީ އޭނައަށް އެކަނި އުފުލޭނެ ބުރައެއްހެން ހީނުވާތީވެއެވެ. އޭނަ ހުރިހާ ޖަވާބެއް ހޯދަން ބޭނުންވަނީ އެކުވެރިޔަކާއި އެކީގައެވެ. އޭނައަށް މަލާމާތް ނުކޮށް އޭނަ ދައްކާ ވާހަކަ އަޑުއަހާނެ މީހަކާއި އެކީގައެވެ. ޙަޔާތަށް ގެންނަންޖެހިދާނެ ބަދަލުތައްވުމުގައި އޭނަ އަތުގައި ހިފައިގެން ހުންނާނެ މީހަކާ އެކީގައެވެ. އައިމަނަކީ މިހާތަނަށް އޭނައާއި އެންމެ ގާތްކޮށް އުޅޭ އެކުވެރިޔާ ކަމަށްވިޔަސް އެފަދަ މީހަކަށް އައިމަން ނުވާނެކަން އަޒާނަށް ޔަޤީންކުރެވެއެވެ. އޭނަ މިކަމަށްޓަކައި އޭނަ ކަހަލަ މީހަކު ބޭނުންވަނީ އެހެންވެއެވެ. އެމީހަކީ އޭނަގެ ފުރަތަމަ ލޯބިވެރިޔާ ކަމަށްވެއްޖެނަމަ ވަރަށް ޚާއްޞަވާނެކަމަށްބުނެ އޭނަގެ މޮޔަ ހިތް ގޮވައެވެ.
ޚިޔާލުތަކެއްގެ ފުން ކަނޑަކަށް ގެނބެން އުޅެނިކޮށް ބޭރުން އައިމަން ގޮވާލި އަޑަށް އަޒާން ސިހުންވިއެވެ. އޭނަ ކީކޭތޯ އަހަމުން ކޮޅަށް ތެދުވިއެވެ. އެއަށްފަހު އެވަގުތު އޭނަ ހުޅުވައިގެން ހުރި ޓެބް ކްލޯޒްކޮށްލުމަށްފަހު ލެޕްޓޮޕް ލައްޕާލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ.
**
“ކޮއްކޯ ދެން މިގަޑީގަ ކާންވީ އިނގޭ؟ ސައި ނޫން ބޯނީ. މެންދުރުވެއްޖެއެއްނު؟” ވިސާމް މިޝްކާ އުރާލައިގެން އައިސް ކާކޮޓަރީގެ ދޮރުމައްޗަށް އަރައި މިޝްކާ ބިންމަތީގައި ބެހެއްޓިއެވެ. ދެމީހުން ވެސް ތިބީ ހެދުން ބަދަލުކޮށް ތާޒާވެގެންނެވެ.
“ކޮއްކޮ ކާހިތެއްނުވޭ. ބައްޕި ކާނީ ކޯޗެއް؟” ވިސާމް އެތާހުރި ދިގު ކާމޭޒުދޮށަށް ދިޔުމުން މިޝްކާވެސް އެދިމާލަށް ދިޔައެވެ.
“ޕާސްތާހުރީ. ކޮއްކޮއަށް މީރު އެއްޗެއް ބުނެބަލަ. ބައްޕި ތައްޔާރުކޮށްދީފާނަން.” ވިސާމް ކާމޭޒުމަތީގައި ހުރި ކަހަނބުގެ މަތި ނަގާފައި މޭޒުމަތީގައި ބާއްވަމުން ބުންޏެވެ. އާދައިގެ މަތިން ކާ ގަޑިއަށް މޭޒުމަތީގައި ވިސާމާއި މިޝްކާގެ ތަށި އެ މޭޒުމަތީގައި ބެހެއްޓިފައިވީއިރު ވިސާމްގެ އެދުމުގެ މަތިން އޭނަގެ ތަށީގެ ކައިރީގައި ކޮފީ ތަށްޓެއްވެސް ހުއްޓެވެ. ޢާއްމު ގޮތެއްގައި ގޭގައި ކައްކައި ކާ ގަޑިއަށް މޭޒު ތައްޔާރުކޮށް ހަދަނީ ގޭގަ ބަހައްޓާފައި ހުންނަ ނޯކަރަކު ކަމަށްވިޔަސް ބައެއްފަހަރު ވިސާމް އަމިއްލައަށް ވެސް ކައްކައި ހަދައެވެ.
“ނޫން ބައްޕި ވަކި އެއްޗެއް ބޭނުމެއްނޫން. ކޮއްކޮ ކުޑަކޮށް ކެޔަސް އޯކޭތަ؟” މިޝްކާ ވިސާމްގެ ކުރިމައްޗަށް އައިސް ހުއްޓިލަމުން އުއްމީދީ ގޮތަކަށް ސުވާލުކުރިއެވެ.
“އެންމެ ރަނގަޅު.” ވިސާމް ހިނިތުންވުމަކާއެކީ އެހެން ބުނެލީ އޭނަ މިޝްކާ ދެރަކުރަން ބޭނުމެއްނުވީތީވެއެވެ. އޭނަ މިޝްކާއާއި އެއްބަސްވިޔަސް ކެއުމުގެ ތެރެއިން އޭނަ ދިގު ވާހަކައެއް އަޅުވައިފިނަމަ މިޝްކާއަށް ކެވޭނެކަން ވިސާމަށް އެނގެއެވެ. އޭނަ ބޭނުންވިހެން އޭނަގެ ޖަވާބު އިވިފައި މިޝްކާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. މިޝްކާ ޔެސްއޭ ކިޔާފައި އޭނަގެ ގޮނޑިއާއި ދިމާލަށް ދުވެފައި ދިޔަތަން ބަލަން ހުރި ވިސާމަށް ލުއި ގޮތަކަށް ހީލެވުނެވެ. އޭނަ އެ ދިގު މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިށީން ވަގުތު މިޝްކާ ކުއްލިއަކަށް އެތެރެއަށް ނޭވައެއް ދަމާލިއެވެ.
“އަދި ބައްޕިއަށްވީ ކޭކުކޮޅުވެސް އޮންނާނެއޭ!” މިޝްކާ ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ބުނެލިއެވެ.
“ކޮން ކޭކެއް؟ ކޭކް އެބަހުރިތަ؟” ވިސާމް ދެބުމަ ކައިރިކޮށްލަމުން ސުވާލުކުރިއެވެ. މިޝްކާ އެބަހުއްޓޭ ބުނެ ކާ ކޮޓަރީގެ އެއްފަރާތެއްގައި ހުރި އައިސްއަލަމާރިއާ ދިމާލަށް ދިޔުމުން ވިސާމް ޙައިރާންވިއެވެ. މިޝްކާ ކޭކޭ ބުނުމުން އެންމެ ފުރަތަމަ އޭނަ ހީކުރީ ޕެކެޓްކޮށްފައި ހުންނަ ކޭކުކަމަށެވެ. އެ ކޭކުތައް އައިސްއަލަމާރިއަށް ލާފައެއް ނުހުންނާނެއެވެ. އޭނަ އިންޑިޔާއަށް ފުރުމުގެ ކުރިން “ކޭކުކޮޅެއް” ނެގޭނެވަރުގެ ކޭކެއް މިޝްކާއަށް ގަނެދީފައެއްނުވެއެވެ. ދެން މިއީ ކޮން ކޭކެއްތޯ އޭނަގެ ހިތަށްއެރިއެވެ. އޭނަ ބަލަބަލާ ހުއްޓާ މިޝްކާ އައިސްއަލަމާރީގެ ތެރެއިން މަތި އަޅާފައިހުރި ހުރި ޕްލާސްޓިކް ތަށްޓެއް ނެގިއެވެ. އަދި އެތަށީގައި ދެއަތުން ހިފައިގެން އޭނަ ކައިރިއަށް އަންނަން ފެށިއެވެ. އެ ނޫކުލައިގެ އެތެރެ ފެންނަ ތަށި ފެނިފައި އެއީ މިގޭގެ ތަށްޓެއް ނޫންކަން ވިސާމަށް ޔަޤީންވިއެވެ. މިޝްކާ އޭނަގެ ކައިރިއަށް އައިސް މަޑުކޮށްލަމުން ތަށީގެ މަތި އަނބުރާލަމުން މަތި ނަގާލިއެވެ.
“މިއީ ވަރަށް މީރު ކޭކެއް. ބައްޕިއަށްދޭން ކޮއްކޮ މި ކޭކުކޮޅު ބޭއްވީ.” ވިސާމްގެ ކުރިމަތީގައި މޭޒުމަތީގައި ތަށި ބަހައްޓަމުން މިޝްކާ ބުންޏެވެ. ވިސާމް ބަލާލިއިރު އެ ކުޑަ ތަށީގެ މެދުގައި އޮތީ ހަތަރެސްކަނަށް ކަނޑާފައި އޮތް ޗޮކްލެޓް ކޭކުކޮޅެކެވެ. އޭގެ މައްޗަށް ޗޮކްލެޓް ވިރުވާފައި އަޅާފައި ހުރި ގޮތުން ވިސާމްގެ ކުޅު ދިޔާވިއެވެ. އެހެނަސް އޭނަ އަދިވެސް އޮޅުން ފިލުވަން ބޭނުންވާ ކަންތައް އެބަހުއްޓެވެ.
“މިއީ ކާކު ދިން ކޭކެއް؟ ކައިރި ގެއެއްގަ ޕާޓީއެއް ބޭއްވީތަ؟” ވިސާމް އޭނައަށް ހީވި ގޮތާމެދު ސުވާލުކުރިއެވެ.
“ނޫން. މިއީ އެއްދުވަހު މަގުމަތިން ދިމާވި ދައްތިއަކު ދިން އެއްޗެއް.” މިޝްކާ އެހެން ބުނެލިތަނާހެން ވިސާމްގެ ދެލޯ ބޮޑުވިއެވެ.
“ބައްޕި ނާންނަނީސް ކޮއްކޮ ގެއިން ބޭރަށް ދިޔައީތަ؟!” ހިތަށް ވެރިވި ނުތަނަވަސްކަމާއެކީ ވިސާމަށް އެހެން ބުނެލެވުނީ ހަރު އަޑުންނެވެ. އޭނަ އޮންނާނީ މިޝްކާ ބަލަން އަންނަ މީހުން ކައިރީގައި ވެސް މިޝްކާ ބޭރަށް ނުގެންދަން އަންގާފައެވެ. އޭނަ ނުހުންނަ ދުވަސްދުވަހު މިޝްކާ ސްކޫލްގައި ކިޔަވަންޖެހޭ އެއްޗެއްވެސް ކިޔަވަނީ ގޭގައެވެ. އޭނަ ދުރުގައި ހުއްޓާ މިޝްކާއަށް ކަމެއްވެދާނީ ވިސާމް ގަންނަނީ އަމަށަކު ބިރެއްނޫނެވެ.
“ބް…ބަ….ބައްޕި. ކޮއްކޮ އިއްޔެގަ ފް….ފޫހިވް….ވީމަ ދް…ދް…ދައްތި ކައިރި ބުނީ.” މިޝްކާ ތުރުތުރު އަޅަމުން ދިޔަ އަޑަކުން ބުންޏެވެ. އެއާއެކު ވިސާމަށް ދެންމެ ވާހަކަ ދެކެވުނު ގޮތާއިމެދު ހިތާމަ ކުރެވުނެވެ. މިއީ އޭނައަށް އަބަދުވެސް ވާ ގޮތެވެ. އޮޅުމަކުން ވިޔަސް މިޝްކާއާއި ލޯބިން ނޫން ގޮތަކަށް ވާހަކަ ދެއްކިއްޖެނަމަ އޭނައަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. މިފަހަރުވެސް މިޝްކާގެ ދެލޯ ފެންކަޅިވެފައިވިތަން ފެނިފައި ވީ ދެރައާއެކީ ވިސާމް މިޝްކާ ނަގައިގެން ގެނެސް އޭނަގެ އުނގުގައި ބެހެއްޓިއެވެ.
“ސޮރީ މިޝީ……މިޝީއަށް އެނގެއެއްނު ބައްޕި ވޮރީވާކަން މިޝީއާމެދު. ދެން އެހެން ނުދައްޗޭ ލޯބީ. ބައްޕި ކޮންމެ ފަހަރަކު އައިއްސަ މިޝީ ބޭނުންހާ ތަނަކަށް ގެންދާނަން.” ވިސާމް ބުންޏެވެ. މިޝްކާ ވިސާމްގެ މޫނަށް ބަލާލަމުން ޕްރޯމިސްތޯ އަހާލިއެވެ. ވިސާމް ކޮންމެ ފަހަރަކޭ އެއްފަދައިން މިފަހަރުވެސް މިޝްކާއާއި ވަޢުދުވިއެވެ. އެއަށްފަހު މަޢުޟޫއު ބަދަލުކޮށްލަމުން ކޭކު ކާން ހިނގާށޭ ބުނެ ކުރިމަތީގައި އޮތް ކޭކުކޮޅު ނަގައި މިޝްކާގެ އަނގަޔަށް ލައިދިނެވެ. މިޝްކާ ވިސާމްގެ އަތުގައި ހިފައި އެ ކޭކުކޮޅު ވިސާމްގެ އަނގަޔާއި ދިމާ ކުރުމުން ވިސާމްވެސް ކޭކުގައި ރަހަބެލިއެވެ. އެއާއެކު އޭނަ ހިސާބަކަށް ހުއްޓުން އެރިއެވެ. އޭތި އޭނަ ހީކުރިވަރަށްވުރެ މީރެވެ. އަތުގައި އޮތް ކޭކު ކޮޅުން ނުވާނެހެން ހީވުމުން އަދި ގަންނާނީއޭ ހިތަށްއެރިއެވެ. ހަމަ އެއާއެކު އަދިވެސް މިއީ ކާކު ދިން އެއްޗެއްކަން ނޭނގެއޭ އޭނަގެ ހިތް ބުންޏެވެ.
“ކޮއްކޯ މިއީ ކޮން ދައްތިއަކު ދިން އެއްޗެއް؟ އެ ދައްތި މަގުމަތިން ދަމުން ހަމަ މި ތަށިތަ ދިއްކޮށްލީ؟” ވިސާމް އަދިވެސް އެއްފަހަރު މިޝްކާއަށް ކޭކު ކާންދެމުން ސުވާލުކުރިއެވެ.
“އުނހު……އިއްޔެ އަޒޫ ދައްތިއާ އެއްކޮށް ޕާކަށް ދިޔަ މަގުމަތީގަ ފެނުނީ އެ ދައްތި ކަޕްކޭކް ހުރި ފޮށްޓެއް ހިފައިގެން ފިހާރައަކަށް ދިޔަތަން. ކޮއްކޮގެ ކައިރިން އެ ދައްތި ދިޔައިރު ވަރަށް ވަރަށް މީރު ކޭކް ވަހެއްދުވީ. އެ ވާހަކަ އަޒޫ ދައްތި ކައިރީގައި ކޮއްކޮ ބުނި އަޑު އެ ދައްތިއަށް އިވިގެން ދައްތި އަހަރުމެންނަށް ބެލީ. ދެން ސްމައިލްކޮށްފަ ކޮއްކޮ ކައިރިއަށް އައިއްސަ އެހީ ކޭކް ބޭނުންހޭ. ކޮއްކޮ ބުނިން ލައްބައޭ. ބުނީމަ އެ ދައްތި އެއް ކަޕްކޭކް ކޮއްކޮއަށްދިނީ. އަޒޫ ދައްތި އުޅުނު އެ ދައްތިއަށް ރުފިޔާ ދޭންވެސް. އެކަމަކު އެ ދައްތި ނުހޯދި. ދެން ފަހުން ރޭގަ އެ ދައްތި މިގެއަށް އައިސް މި ކޭކްކޮޅު ވެސް ދީފަ ދިޔައީ. ވަރަށް ނައިސް ދައްތިއެއް އެއީ.” މިޝްކާ އެ ވާހަކަ ކިޔައިދީ ނިމުނުއިރު ވިސްނުމެއްގެ ތެރޭގައި އިން ވިސާމް އަތުގައި އޮތް އެންމެ ފަހު ކޭކުކޮޅު އަނގަޔަށްލިއެވެ.
“ކޮއްކޮއަށް އެނގޭތަ އެ ދައްތިގެ ނަން؟” ވިސާމް އޭނަގެ ކޮފީ ތަށި ނަގަމުން އަހާލިއެވެ. އޭނަ އެ ކުއްޖަކު ދެނެގަންނަން ބޭނުންވިއެވެ. އެއީ ހަމައެކަނި މިކަހަލަ ކޭކެއް ލިބުމުގެ މަގު ފަހިކުރުމަށްޓަކައެއްނޫނެވެ. މިޝްކާއަށް ކަމުދާ އަންހެން ކުއްޖަކު ހުރިއްޔާ އެކުއްޖަކު މިޝްކާގެ މަންމައަކަށްވާން ރަނގަޅުވާނެތޯ ބެލުމަށްޓަކައެވެ.
“އާނ…….ރޭގަ އެ ދައްތި އައިސް ބުނީ ތިމަންނައަށް ޝަފްދައްތި ކިޔާށޭ. އަޒޫ ދައްތި އެ ދައްތިއާ ވާހަކަ ދެއްކިއިރު ވަރަށް އެހެން ކަހަލަ ނަމެއް ކިޔުނު. ޝް….ޝް…ޝަ….ޝަފަޤްދައްތި!” މިޝްކާ ކިޔާލި ނަމަކުން ކޮފީ ތަށިން ކޯވަރެއް ދަމާލި ވިސާމްގެ އަނގައިން ކޮފީ ބުރައިގެން ދިޔައެވެ. މިޝްކާ ތޫލި އަޑަކުން ބައްޕިއޭ ކިޔައި އޭނަގެ އުނގުން ފޭބިއެވެ. އެއަށްފަހު ބައްޕިއަށް ކިހިނެއްވީތޯ އެހިއެވެ. ވިސާމަކަށް އެއަށް ޖަވާބެއް ނުދެވުނީ އޭނަ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. “ޝަފަޤް” އެ ނަމަކީ އޭނަ މީގެ ތިން އަހަރު ކުރިން އޭނަ ކިޔުނު ލަވައަކަށް ކިޔާ ނަމެކެވެ. އެ ލަވައިން އޭނަ ސިފަކޮށްދީފައިވަނީ “ޝަފަޤް” ނަމަކަށް ކިޔާ ޚިޔާލީ ކުއްޖެއްދެކެ އޭނަ ލޯބިވާ ވާހަކައެވެ. އެ ޅެން ލިޔުނުއިރު އޭނަ އެ ނަން ޚިޔާރު ކުރީ އެއީ ވެސް ކުއްޖަކަށް ކިޔާފާނެ ނަމެއްކަމަކަށް އޭނަ ނުދެކުނީތީވެއެވެ. އެއީ ޙަޤީޤަތުގައި އޭނައަށް ވަރަށް ހުތުރު އަދި އޮޅުންއަރާ ނަމެކެވެ. އެ ނަން ކިޔާ ކުއްޖަކު އޭގެ 2 އަހަރު ކުރިން އެ ރަށަށް އައިސް ހުންނަކަން އޭނައަށް އެނގުނީވެސް އެ ލަވަ މަޝްހޫރުވި ފަހުންނެވެ. އެކުވެރިއެއްގެ ފަރާތުން އެ ވާހަކަ އިވިފައި ވިސާމް ހުރީ އެ ކުއްޖަކު އޭނައާއި އަޅައިގަނެފާނެތީ ޖެހިލުންވެފައެވެ. އެ އެކުވެރިޔާ މެދުވެރިކޮށް ވިސާމް ޝަފަޤާއިބެހޭ އިތުރު މަޢުލޫމާތު ހޯދީ އޮޅުމަކުން ވެސް އެ ޝަފަޤްގެ ކުރިމައްޗަށް ނުދިޔުމަށެވެ. ވިސާމަށް އެނގުނު ގޮތުގައި ޝަފަޤަކީ އޭނަގެ ބޮޑުދައިތައާއެކީ އުޅެމުންދާ ޔަތީމު ކުއްޖެކެވެ. އެކުވެރިޔާ ކިޔައިދިން ގޮތުގައި ޝަފަޤްގެ ބޮޑުދައިތަ ޝަފަޤާއި ދޭތެރޭ ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށެވެ. އެންމެން ކުރިމަތީގައި ޝަފަޤަށް އަޑުލައި ހަދައި އޭނައަށް ރަނގަޅަށް ކާން ނުދޭ ވާހަކަ ވެސް ވިސާމަށް އިވުނެވެ. އެހެނަސް އެއަކުން ވިސާމްގެ ހިތަކަށް އަސަރެއް ނުކުރެއެވެ. ވިސާމް ދެކޭ ގޮތުގައި އެފަދަ ޙާލެއްގައި އެތައް ކުދިންނެއް އުޅޭނެއެވެ. އެ ހުރިހާ ކުދިންނާމެދު ވިސްނަންވެއްޖެނަމަ އޭނަގެ ބޯ ގޯސްވެދާނެއެވެ. އެހެންކަމުން އޭނަ އެފަދަ ވާހަކައެއް އިވޭ ކޮންމެ ފަހަރަކުހެން އެ ވާހަކަ ހަނދާން ނައްތާލީ އެހީވުމަށް ހިތަށްވެސް ނާރުވައެވެ. އަދި އަމުދުން އޭނަ “ޝަފަޤަށްޓަކައި” ލޯބީގެ ލަވައެއް ކިޔާފައި އޮތްވާ އޭނަ ޝަފަޤަށް އެހީވެދީފިނަމަ މުޅި ޢުމުރަށް އެކުއްޖަކު އޭނަގެ ފަހަތުން އަންނާނެއޭ ވިސާމްގެ ހިތަށްއެރިއެވެ. ނަމަވެސް މި ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އޭނައަށް ޝަފަޤްގެ ފަރާތުން އެއްވެސް އުނދަގުލެއް ފޯރާފައެއް ނުވެއެވެ. އެކަމާމެދު އުފާކުރި ވަގުތު ވިސާމް ހިސާބަކަށް ޙައިރާންވެސްވިއެވެ. އެއަށްވުރެ ވެސް ބޮޑަށް ޙައިރާންވީ، ޝަފަޤަކީ އޭނައަށް ވަރަށް ގިނައިން ފެނިފައި ހުރި ކުއްޖެއްކަން އެނގުމުންނެވެ. އޭނައަށް ޝަފަޤް ފެނުނު އެއްވެސް ފަހަރަކު ޝަފަޤް އޭނައާއި ވާހަކަ ދައްކަން މަސައްކަތް ކޮށްފައެއް ނުވެއެވެ. ޝަފަޤް އޭނަ ފެނިފައި ދުރުބަލާ ގޮތުން ވިސާމް ހުންނަނީ އަޖާއިބުވެފައެވެ. އެއީ ކޮންކަހަލަ ކުއްޖެއްހޭ ހިތަށްއަރައެވެ. އެހެނަސް މާ ގިނަ ދުވަހެއްނުވެ ޝަފަޤް އެގޮތަށް ކަންތައް ކުރަނީ ކީއްވެކަން ވިސާމް އަމިއްލައަށް ނިންމައިފިއެވެ. އެއީ އޭނަ އަމިއްލައަށް ޝަފަޤްގެ ގާތަށް ދާނެހެން ޝަފަޤް ރާވާ ރޭވުމެއްކަމަށް ވިސާމަށް ހީކުރެވުނެވެ. މިއަދު އެ ހީ ޔަޤީނަކަށް ބަދަލުވެއްޖެއެވެ. 3 އަހަރުވުމުން ވެސް އޭނަގެ ސަމާލުކަން ނުލިބުމުން މިއަދު އެ ޝަފަޤް އެ އުޅެނީ ލިބުނު ފުރުޞަތުގައި މިޝްކާ މެދުވެރިކޮށް އޭނަގެ ހިތް އަތުލަން ކަމަށް ވިސާމްގެ ހިތް ބުންޏެވެ. އެއީ ދުވަހަކުވެސް ވާނެ ކަމެއްނޫނޭ ބުނެ އޭނަގެ އެ ހިތް ހަޅޭއްލެވިއެވެ.
“ބައްޕީ އަޑުއަހާބަލަ! މޭޒު މިހިރީ އައްޗިވެފަ. ބައްޕީ!” މިޝްކާ ވިސާމްގެ އަތް ހަލުވައި އިހުނަށްވުރެ ބާރަށް ގޮވާލުމުން ވިސާމަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނެވެ. އޭނަ އެއްފަހަރު މިޝްކާއަށް އަނެއްފަހަރު ކޮފީ ބުރައިގެން ގޮސްފައި ހުރި މޭޒަށް ބަލާލިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން ގޭގަ އުޅޭ ނޯކަރަށް ގޮވާލިއެވެ.
**
“ކޮބައިތަ މިގޭގަ އުޅޭ ނޯކަރު؟ ރިހަ ބޯތަށީގަ މިއޮތީ މެއްސެއް. ބޯތަށީގަ މަތި ޖަހާލާނެ ވަގުތެއްވެސް ނުވަނީތަ އޭނައަށް؟ ޝަފަޤް! ކޮބައިތަ އެ އަންހެނާ؟!” ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް ކުޑަ ކާ ކޮޓަރިއެއްގެ މޭޒުދޮށުގައި އިން ޒަމީނާގެ އަޑު ހަރުވަމުން ދިޔައެވެ. އެވަގުތު 4 މީހުންނަށް އިށީނދެވޭ އެ މޭޒުދޮށުގައި އޭނަގެ އިތުރުން އޭނަގެ 17 އަހަރާއި 10 އަހަރުގެ ދެ ދަރިން ކަމަށްވާ ހުދާއާއި ޒައިން ވެސް ރުޅި މޫނު ހަދައިގެން ތިއްބެވެ. ޒަމީނާ ގޮވާލިތާ އިރުކޮޅަކުން ޝަފަޤް އެ ކުޑަ ކާ ކޮޓަރީ ދޮރުމައްޗަށް އެރިއެވެ. އެވަގުތު ޝަފަޤްގެ އެހާ އަލިނޫން މޫނުމަތިން ދާހިއްލައި، އޭނަގެ ބުރުގާގައި ގޮށެއްޖެހިފައި ކުރުތާގެ އަތުކުރި އޮޅާލެވިފައިވި ގޮތުން އޭނަ އުޅެނީ އަވަދިނެތިކަން އެނގެއެވެ.
“ކޮންތާކުތަ މިހާއިރު ހުރީ؟ ކިހާއިރެއް ގޮވާތާ؟” ޒަމީނާ ރުޅިން ރަތްވެފައި ހުރި މޫނަކާއެކީ ކޮޅަށް ތެދުވިއެވެ.
“ބަދިގޭގަ. ކައިރީގަ ހުރި ގޭގަ އުޅޭ ކުއްޖަކު އުޅެނީ ވަރަށް ބަލިވެ. އެކުއްޖާއަށްދޭން ކުޑަ ނޫޑޫލްސްކޮޅެއް ކައްކާލަނީ.” ޝަފަޤް ޒަމީނާއަށް ބަލަންހުރެ ޖަވާބުދިނެވެ.
“ކައިރީގަ އުޅޭ ގޭގެ މީހުންނަށް ދީފަ އަހަރުމެން ބަނޑަށް ޖެހުނަސް ހެޔޮ ދޯ؟ ކޮންމެ މަހަކު އަހަންނަށް ލިބޭ އެއްޗަކުން އަހަރުމެން ދުނިޔޭގަ މި އުޅެނީ. ކަލެއަށް ލިބޭ އެއްޗަކަށް ވާ ގޮތެއްވެސް އެނގެނީއެއްނޫން. އެވަރުން ވެސް އެބަޖެހޭ މާ ހެޔޮ މީހަކަށް ހެދެން އެހެން މީހުނަށް އެހީވާން. އެވެސް އަހަންނަށް ލިބޭ ފައިސާއިން.” ޒަމީނާގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު ޝަފަޤް ކިތަންމެ ބޭނުމެއް ނުވިޔަސް އޭނަގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. އެ ނުރުހުންތެރިކަމުގައި އޭނަ އެއްޗެކޭ ބުނަން ބޭނުމެއްނުވީ އޭނަ އޭނަގެ ބޮޑުދައިތަގެ މިފަދަ ދޮގު އިލްޒާމްތަކަށް އާދަވެފައިވާތީވެއެވެ. ޙަޤީޤަތަކީ އޭނަ ބޮޑުދައިތައާއެކީ އުޅެން ފެށީއްސުރެ ވެސް ބޮޑުދައިތައަށް ބުރައަކަށް ނުވުމަށްޓަކައި އަމިއްލައަށް އެކި މަސައްކަތްތައް ކޮށްގެން ފައިސާ ހޯދަން ފެށިކަމެވެ. މިގޮތުން އޭނަ ކުރީކޮޅު ސަރުކާރުގެ އޮފީހަކުން ވަޒީފާއެއް ހޯދައިގެން އުޅުނެވެ. އެހެނަސް ޝަފަޤަށް އެ ވަޒީފާ ދޫކޮށްލަން މަޖުބޫރުވީ ޒަމީނާގެ ޝަކުވާތަކާއި ހެދިއެވެ. ޒަމީނާ ބޭނުންވީ ޝަފަޤް ގޭގައި ހުރެގެން އެގޭގެ މަސައްކަތްތައް ކުރާށެވެ. ޝަފަޤަކީ ބޮޑާހާކަން ބޭނުންވާ މީހަކަށް ނުވާތީ އޭނަ އެއްޗެކޭ ނުބުނެ ޒަމީނާގެ ބަސް އަޑުއެހިއެވެ. އަދި ގޭގައި ހުރެގެން ވެސް ފައިސާ ހޯދަން ޚިޔާލުކުރީ، ޒަމީނާ ރަށު ސްކޫލްގެ މަސައްކަތު މީހެއްގެ ގޮތުގައި ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައިން ގޭގައި އުޅޭ ހަތަރު މީހުންނަށް ނުވާނެހެން ހީވުމުންނެވެ. އެހެންކަމުން އޭނަ އަމިއްލަ ވިޔަފާރިއެއް ފަށަން ނިންމީ ކާމިޔާބުވާނެ ކަމުގެ އުއްމީދެއްނެތިއެވެ. ކޭކު އަޅާ މީހަކަށްވާން ޝަފަޤް ބޭނުންވީ އެއީ އޭނައަށް ކުރެވޭނެ ކަމެއްހެން އޭނައަށް ހީވީތީވެއެވެ. މަންމަ ދުނިޔެ ދޫކުރުމުގެ ކުރިން އޭނަގެ މަންމަ ފަރާތުން އޭނަ އެންމެ ރަނގަޅަށް ދަސްކުރި އެއްކަމަކީ ކޭކު އެޅުމެވެ. ނަތީޖާއެއްގެ ގޮތުން ޝަފަޤް ކޭކުގެ ވިޔަފާރިއެއް ފެށުމުން ހީވެސް ނުކުރާހާ ވަރަށް އޭނައަށް ފައިދާ ލިބެން ފެށިއެވެ. އޭނަގެ ކޭކުތައް ގަންނަ އެންމެން ވެސް އެ ކޭކު މީރު ވާހަކަ އިވޭ ކޮންމެ ފަހަރަކު ޝަފަޤަށް ޙަމްދުކުރެވެއެވެ. އެއަށްވުރެ ވެސް ބޮޑަށް ޝުކުރު ކުރެވުނީ އޭނަ ފިހާރަތަކަށް ލާ ކޭކުތަކުގެ އިތުރުން ވެސް އެކި މީހުންގެ އޯޑަރުތައް އޭނައަށް ލިބެން ފެށުމުންނެވެ. ޝަފަޤްގެ އަތުގައި އައިސިންގް ޖަހާ އާލާތްތައް ނެތުމުން އެކި އެކި ޑިޒައިންތަކަށް އައިސިންގް ނުޖެހުނަސް އެ މީހުންނަށް މައްސަލައަކަށް ނުވެއެވެ. އެ އެއްޗެހި ގަންނަން ޝަފަޤް ބޭނުންވިއެއްކަމަކު އެކަން ނުކުރެވެނީ ޒަމީނާ އޭނައަށް ލިބޭ ގިނަ ފައިސާ ފޭރިގަންނާތީވެއެވެ. އޭނަ އެކަމާމެދު ޝަކުވާނުކޮށް ހުންނަނީ ދިރިއުޅުމަކީ އިމްތިޙާނެއްކަން ހަނދާން ކޮށްގެންނެވެ. އަދި ﷲ އިރާދަކުރައްވައިފިނަމަ އޭނައަށް އިތުރު ކުރައްވާނެކަން ޔަޤީންކޮށްގެނެވެ.
“މަންމާ ދެން މިރޭ މި ރިހަ ނުކެވޭނެ. ނޫޑޫލްސް ކާން ބޭނުމީ.” ހުދާ އޭނަގެ ތުން ދިގުކޮށްގެން އިނދެ ބުންޏެވެ. އެވާހަކަ އިވިފައި ޝަފަޤް ސިހުންވިއެވެ. އޭނައަށް އެއްޗެކޭ ނުބުނެވެނީސް ޒަމީނާ ވާހަކަ ދެއްކިއެވެ.
“އާނ މި ރިހަ ނޫން އަހަރުމެން ކާނީ. ބޭނުމިއްޔާ އަމިއްލައަށް ކާލާ. އަހަރުމެންނަށް ތި ކެއްކި ނޫޑޫލްސް ގެނެސްދީ.” ޒަމީނާ އަނެއްކާވެސް ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.
“އެކަމަކު އެގޭގެ މީހުން އަތުގަ ކާނެ އެއްޗެއް ން…..” ޝަފަޤްގެ ވާހަކަ ފުރިހަމައެއް ނުވިއެވެ.
“މާ މާތްވާން އުޅޭނެކަމެއްނެތް. އަހަރުމެން އަމިއްލައަށް އޭތި ނުނަގަނީސް އަމިއްލައަށް ގެނޭ.” ޒަމީނާ ބުމަގޮށްޖެހިފައި އިނދެ އަންގާލިއެވެ. އެވަގުތު އޭނަގެ ދެ ފަރާތުގައި ތިބި ހުދާއާއި ޒައިންގެ މޫނުމަތީގައިވީ ކާމިޔާބުގެ ހިނިތުންވުންތަކެވެ. އޭނަ ކިތަންމެ ވާހަކަ ދެއްކިޔަސް އޭނަ ބޭނުންވާ ގޮތަށް ކަންތައް ނުވާނެކަން އެނގުމުން ޝަފަޤް އިސްޖަހާލަމުން މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ކާ ކޮޓަރީގައި ތިބި މީހުންނަށް ފަސްދިނީ އެ މީހުން އެދޭ ގޮތަށް ކަންތައް ކޮށްދިނުމަށެވެ.
ޝަފަޤް ނޫޑޫލްސް ކެއްކީ އެންމެ ކުއްޖަކަށް ވާ ވަރަށް ކަމަށްވިޔަސް ޒަމީނާއާއި އޭނަގެ ދެކުދިން އެއިން ފުއްދާލިއެވެ. އެ މީހުން ކައި ނިމުމުން ޝަފަޤް މޭޒުމަތިން ތަށިތައް ނެގީ ދެރަވެފައިވާ ހިތަކާއިއެކީގައެވެ. އޭނައަށް ވިސްނެމުން ދިޔައީ އޭނަގެ އަވަށްޓެރި ގޭގައި ބަލިކޮށް އޮތް ކުޑަ ކުއްޖާއާއި މެދުގައެވެ. އޭނަ ފަދައިން އެކުއްޖާއާއި އެކުއްޖާގެ ޢާއިލާ މީހުންނަކީ ވެސް އެހާ ތަނަވަސް ދިރިއުޅުމެއް އުޅޭ ބައެއްނޫނެވެ. އެ ކުއްޖާގެ ބައްޕައަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހަކަށްވުމުން އެކުއްޖާއާއި އެކުއްޖާގެ މަންމައާއި އަޅާލާނެ މީހެއްނެތެވެ. ޝަފަޤް އެ މީހުންނަށް އިންތިހާއަށް ޙަމްދަރުދީވެއެވެ. އޭނައަކީ އެހީވެވެން އޮތިއްޔާ ކޮންމެ މީހަކަށްވެސް އެހީވާ މީހެއްކަމަށްވުމުން ޝަފަޤް ވީ ވަރަކުން އެމީހުންގެ ޚިދުމަތުގައި ހުރެއެވެ. ވަކިން ޚާއްޞަކޮށް އޭނަ އެގޭގެ ކުޑަ ފިރިހެން ކުއްޖާއާއި ވީހާވެސް ރީތިކޮށް ވާހަކަ ދެއްކޭތޯ ބަލަނީ އޭނަ ކުޑަ ކުދިންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ޝަފަޤް ދެކޭ ގޮތުގައި ކުޑަ ކުދިންނަކީ މުޖުތަމަޢުގެ މާދަމާ ކަމަށްވީއިރު މިއަދު އެކުދިންނަށް ކޮންމެވެސް އެއްގޮތަކަށް ހެޔޮ ވާހަކައެއް ބުނެދިނުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ. އެއީ ތިމާގެ އުޅުމުން ކަމަށްވިޔަސްމެއެވެ.
ޝަފަޤް އެރޭ ބަދިގެއިން އަވަދިވެގެން ވެސް ހިތަށް ކެތް ނުކުރެވިގެން މަސްބަތްކޮޅެއް ކައްކައި ފުޅިއަކަށް ޖޫސް ގިރައިގެން ކައިރީގައި ހުރި ގެއަށް ދިޔައެވެ. އޭނަގެ ނަސީބު ރަނގަޅު ކަމުން އޭނައަށް އެގެއަށް ދެވުނީ އެގޭގަ އުޅޭ ފިރިހެން މީހާ ގެއިން ނިކުމެ ސައިކަލު ދުއްވާލި ވަގުތެވެ. ޝަފަޤް އެމީހާއަށް ފަރުވާލެއްނެތި ގޮސް ގޭގެ ދޮރުމައްޗަށް އަރައި ސަލާމް ގޮވާލިއެވެ. އޭނަ ފެނިފައި އާދައިގެ މަތިން އެގޭގަ އުޅޭ އާތިރާގެ ލޮލުން ކަރުނަ ހިލުނެވެ. ޝަފަޤް އޭނަ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރަމުން ގޮސް އޭނައާއި ވެގެން އޭނަގެ ދަރިފުޅާއި ސަމާސާ ކުރަމުން އެ ދަރިފުޅަށް ކާން ދިނެވެ. ކޮންމެ ރެއެކޭ ވެސް އެއްފަދައިން އާތިރާ ޝަފަޤަށް އަލްވަދާޢު ކިޔުނީ އޭނައަށް ޝުކުރު އަދާ ކުރާނެ ގޮތެއް ނޭނގެއޭ ބުނަމުންނެވެ. ޝަފަޤް ނުބައި މީހެއްކަމަށް ހެދެމުން ބުނިހާވެސް އެއްޗަކީ މިއީ ތިމަންނަ އަމިއްލަ އެދުން ބޮޑުކަމުން ކުރާ ކަމެއްކަމަށެވެ. އޭނަ އެހެން ބުނަނީ ކީއްވެކަން މިހާތަނަށް އައިއިރު އާތިރާއަށް އެނގިފައިވާތީ އޭނަ ހީލުމަކުން ވާހަކަ ނިންމާލިއެވެ. ޝަފަޤް ދެކޭ ގޮތުގައި އޭނަ އަތުގައި ހުރި އެއްޗެއް އެހެން މީހުންނަށް ނުދޭހާ ހިނދަކު އޭނައަށް އާޚިރަތުގައި ވެސް އަދި މި ދުނިޔޭގައި ވެސް އިތުރެއް ނުވާނެއެވެ. އެހެންކަމުން އެރޭ ވެސް ޝަފަޤް ގެއަށް ދިޔައީ ހަމަޖެހިފައިވާ ހިތަކާއިއެކީގައެވެ. އޭނަ ކުރާ ހެޔޮ ކަންތައްތަކަށް މި ދުނިޔޭގައި ބަދަލެއް ނުލިބުނަސް އާޚިރަތުގައި ލިބޭނެކަން ހަނދާން ކުރަމުންނެވެ.
ޝަފަޤް އެރޭ ގޭގައި ކައްކާފައި ހުރި ކާއެއްޗެހިން ކައިގެން ނިދަން ދިޔައީ ވަރުބަލިވެފައި ހުރެއެވެ. ގޭގެ ކޮޓަރިތަކާއި ވަކިން ހުރި ފާޚާނާއިން ފެންވަރައި ވުޟޫކޮށްލައިގެން ޝަފަޤް އޭނަގެ ކޮޓަރިއަށް ގޮސް އަލި ބޮތްކެއް ދިއްލާލިއެވެ. ސީލިންގް ނުކޮށްހުރި އެ ކުޑަ ކޮޓަރީގެ ފާރުތަކުގައި ހުރި ހުދުކުލައިގެ ދަވާދު ފުރާޅާއި ހަމަވަނީ ކިރިޔަ ކިރިޔާއެވެ. ތަރުފާލު އަޅާފައި ހުރި އެ ކޮޓަރީގެ ކަނެއްގައި ފޮތް ހަރުގަނޑެއްވީއިރު އޭގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ފާރަށް ގޮދަޑިއެއް ލައްޕާލެވިފައިވިއެވެ. އެ ކޮޓަރީގެ އަނެއްފަރާތުން ދެން ފެންނަން ހުރީ ވަކަރުން ހުރި ބާ ހެދުން އަލަމާރިއެކެވެ. ޝަފަޤް ކޮޓަރީގެ ދޮރު ލައްޕާލަމުން ގޮސް އޭނަގެ މުލައްދަނޑިމަތީގައި އޮތް ތުވާލި އަލަމާރި ކައިރީގައި ފާރުގައި ހުރި ދަގަނޑު ހޮޅީގައި އަޅުވާލިއެވެ. އަދި އަތްމަތީގައި ދެންހުރި ދާ ހެދުންތައް އެތާހުރި ހުރި ކުޑަ ދާ ވަށިގަނޑަށް އަޅާލިއެވެ. އެއަށްފަހު ޝަފަޤް އަލަމާރި ހުޅުވައި އޭގެ ތިރީބައިން ބެޑްޝީޓެއް ނަގައިގެން ގޮދަޑި ކައިރިއަށް ގޮސް އޭނަގެ ތަންމަތި އަޅަން ފެށިއެވެ. އޭނަގެ ތަންމައްޗަކީ އެންމެ ބާލީހަކާއިއެކީ ބެޑްޝީޓް އަޅާފައި އޮންނަ ގޮދަޑިއެކެވެ. ރަޖަލެއް ނެތަސް އެއީ ޝަފަޤަށް މާ ބޮޑު މައްސަލައަކަށް ނުވެއެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އޭނަވަނީ ރޭގަނޑުގެ ފިންޏަށް އާދަވެފައެވެ. އެހެންކަމުން އޭރުވެސް ކޮޓަރި ފުދޭވަރަކަށް ފިންޏެއްކަމަކު އޭނަ ތަންމަތި ތައްޔާރު ކުރުމަށްފަހު ކޮޓަރީގެ ފަންކާވެސް ޖައްސާލިއެވެ. އެއަށްފަހު އެތާހުރި ފޮތް ހަރުގަނޑުގެ އެކި އެކި މޮނީޓަރު ފޮތްތައް ނަގައި އެ ފޮތްތަކުގެ ބޭރުގަނޑު ބަލަމުން ގޮސް އެންމެ ފަހަކަށް އެއް ފޮތް ނެގިއެވެ. ޝަފަޤް އެ ފޮތް ހިފައިގެން ގޮސް އޭނަގެ ގޮދަޑީގައި ދެފައި ވަށްކޮށްގެން އިށީނެވެ. އޭނަ އޭނަގެ ކޮނޑަށްވުރެ ތަންކޮޅެއް ތިރިއަށް އޮންނަ ފަން އިސްތަށިގަނޑު ގޮށުން މިނިވަން ކުރަމުން އަދިވެސް އެއްފަހަރު އަތުގައި އޮތް ފޮތުގެ ބޭރުގަނޑަށް ނަޒަރު ހުއްޓާލިއެވެ. އެ ގަނޑުގައި ކަޅުކުލައިގެ މާކަރަކުން އިނގިރޭސި ބޮޑެތި އަކުރުން ލިޔެވިފައި އޮތީ “މެރިއޭޖް” އެވެ. ޝަފަޤް ލުއި ހިނިތުންވުމަކާއެކީ އެ ފޮތް ހުޅުވާލިއެވެ. އެއާއެކު ފެނިގެން ދިޔައީ ރީތި އިނގިރޭސި ލިޔުމަކުން ފުރިފައިވި ޞަފްޙާތަކެވެ. އެ ޞަފްޙާތަކުގައިވީ ކައިވެންޏާއިބެހޭ އެކި ޤުރުއާނުގެ އާޔަތްތަކުގެ މާނަތަކާއި ޙަދީޘްތަކުގެ މާނަތަކެވެ. މިއީ ޝަފަޤް މި ފޮތް ކިޔުނު ފުރަތަމަ ފަހަރު ކަމަށްނުވިޔަސް އޭނަ ކިޔާ ހިތުން އޭތި ކިޔަން ފެށިއެވެ.
ޝަފަޤްގެ ފޮތް ހަރުގަނޑުގައި ހުރިހާ ވެސް ފޮތްތަކަކީ އޭނަ ފުރާވަރުގައި ދީން އުނގެނެން ކުރި މަސައްކަތުގެ ނިޝާންތަކެވެ. އެ ފޮތްތަކުގައިވަނީ އޭނަ އެކި ލެކްޗަރުތައް ބަލަމުން ނުވަތަ އެކި ލިޔުންތައް ކިޔަމުން ނަގާފައިފައިވާ މުހިއްމު ނުކުތާތަކެވެ. ކުޑައިރުއްސުރެ ވެސް އޭނަގެ މަންމައާއި ބައްޕަ އޭނަގެ ހިތުގައި ދީނަށްޓަކައި ލޯބިޖެއްސުމަށް މަސައްކަތް ކޮށްފައިވެއެވެ. މި ގޮތުން އެ ދެމީހުން އަބަދުވެސް އޭނައަށް ނަމާދު ކުރުމަށް ނަޞޭޙަތްތެރިވެފައިވެއެވެ. އެ ދެމީހުން ޤުރުއާން ކިޔަވާތަން ފެނިފައި އޭނަ ވެސް ޤުރުއާން ކިޔެވީ އެއީ މުހިއްމު ކަމެއްހެން ހީވީތީވެއެވެ. މަންމަމެން އޭނަ ލައްވާ ކުރުވަމުން ދިޔައީ ކިހާ މުހިއްމު ކަންތައްތަކެއްކަން ޝަފަޤަށް ރަނގަޅަށް އެނގުންވީ އޭނަ ދީނާއިމެދު ތަފްޞީލުކޮށް އުނގެނެން ފެށުމުންނެވެ. އޭނަ ދީނަށް އެންމެ ފުރަތަމަ ޝައުޤުވެރިވީ އޭނަ ފުރާވަރުގައި އިސްލާމް ޕްރޮޖެކްޓެއް ހެދުމަށްޓަކައި ނެޓުން މަޢުލޫމާތު ހޯދަމުން ދަނިކޮށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އެކި ސިފަފުޅުތައް ލިޔެވިފައި ހުރި ސައިޓަކަށް ދެވުމުންނެވެ. ޝަފަޤަކީ އޭރު ކިޔަން އެހާ ޝައުޤުވެރިކަން ހުންނަ ކުއްޖަކަށްނުވިޔަސް އޭނައަށް ނޭނގޭ ސަބަބަކާހުރެ ހުއްޓުމެއްނެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެކި ޙަދީޘްތައް ކިޔެމުން ދިޔައެވެ. އެ ޙަދީޘްތަކުން އެކަލޭގެފާނުގެ ޝަޚުޞިއްޔަތު އެނގެމުން ދިޔައިރު އޭނައަށް ނޭނގުމެއްގެ ތެރޭގައި އިނދެވުނީ ހިނިތުންވުމެއްގައެވެ. އޭނަ ދުވަހަކުވެސް އެފަދަ ފުރިހަމަ ޝަޚުޞިއްޔަތެއްގެ ވާހަކަ ޚިޔާލީ ވާހަކައަކުން ވެސް އަޑުއަހާފައެއް ނުވެއެވެ. އެ އެންމެ ދުވަހެއްގެ ސަބަބުން އޭނަ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސީރަތް ދެނެގަންނަން ބޭނުންވިއެވެ. އެހެންކަމުން އޭނަ މަންމަ އަތުގައި އޮތް ސީރަތް ފޮތް ހޯދައި މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭތި ކިޔައި ނިންމާލިއެވެ. ކިޔައި ނިމުނު ދުވަހު ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށްޓަކައި ހިތުގައި އުފެދުނު ލޯތްބެއްގެ ސަބަބުން ޝަފަޤަށް ރޮވުނެވެ. އެކަލޭގެފާނުގެ ސުންނަތާއި އެއްގޮތަށް އުޅުމަށް ހިތްވަރެއް ލިބުނެވެ. އެކަލޭގެފާނުގެ ޙަދީޘްތަކުން ޤުރުއާނުގެ އާޔަތްތަކާއިމެދު ވިސްނަންޖެހޭކަން އެނގިފައިވާތީ ޝަފަޤް ޤުރުއާނުގެ އާޔަތްތަކުގެ މާނަތައް ބަލަން ފެށިއެވެ. ބައެއް އާޔަތްތަކުގެ މާނަ ހަމައެކަނި ތަރުޖަމާއިން ސާފެއްނުވީތީ ޝަފަޤް އޭނަގެ އިސްލާމް މުދައްރިސް ކައިރިން ބުނެދިނުމަށް އެދުނެވެ. ޤުރުއާނުގެ އާޔަތްތައް ތަފްޞީލުކޮށް ބުނެދީފައިވާ ފޮތްތަކުގެ ނަންތައް އެ މުދައްރިސް ޝަފަޤަށް ދިނެވެ. އޭނަ އެދުވަހު ގެއަށް ގޮސް ނެޓުން އެ ފޮތްތައް ފެނޭތޯ ބެލިއެވެ. އޭނައަށް ޑައުންލޯޑް ކުރެވުނު އެއްފޮތަކީ ވަރަށްވެސް ބޮޑު ޢަރަބި ފޮތެއްގެ އިނގިރޭސި ތަރުޖަމާއެކެވެ. މުޅި ޢުމުރު ދުވަހުގައި ވެސް އެފޮތް ކިޔައި ނިމޭނެ ކަމުގެ އުއްމީދެއްނެތި ޝަފަޤް އޭތި ކިޔަން ފެށިއެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ ޝަފަޤްގެ ހިތުގައި ޤުރުއާނަށްޓަކައި ވެސް ދުވަހަކުވެސް ނުވާފަދަ ލޯތްބެއް އުފެދުނެވެ. އޭނަ ޤުރުއާނުގެ ސޫރަތްތަކާއި އާޔަތްތައް ކިޔަވައި ހިތުން ދަސްކުރަންފެށީ އެކަން ކުރާ ހިތުންނެވެ. އޭނައަށް ނޭނގޭ އާޔަތަކާއިމެދު ދަސްކުރާއިރު އޭނަގެ ހިތަށް އިންތިހާ ދަރަޖައިގެ ޖޯޝަކާއި އުފަލެއް ލިބެއެވެ. އޭނަ އޭނަގެ އެކުވެރިންނާއިވެސް އެ އާޔަތްތައް ޙިއްސާ ކުރަމުން ދިޔައީ އެ ޖޯޝާއި އެކީގައެވެ.
އެއީވެސް ދުވަސްވަރެކޭ ޝަފަޤްގެ ހިތަށްއެރި ވަގުތު އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނައަށް އެދުވަސްވަރު ދީނީ ފޮތްތަކާއި ލެކްޗަރުތަކުން ނުކުތާތައް ނެގުނުކަމީ އޭނަގެ ނަސީބެކެވެ. މާޒީގައި އޭނަގެ ދިރިއުޅުން އެފުށްމިފުށަށް ޖެހުނު ގޮތުން މިއަދު އޭނައަށް އެފަދަ ކަމެއް ކުރުމުގެ ފުރުޞަތެއްނެތެވެ. މަންމައާއި ބައްޕަ ކާރު އެކްސިޑެންޓެއްގައި ނިޔާވީ އޭނައަށް 16 އަހަރުގައެވެ. އެއަށްފަހު ދެ އަހަރު ވަންދެން އޭނަ އުޅެންޖެހުނީ އޭނަގެ ބައްޕަ ފަރާތު ބޮޑުބޭބެއެއްގެ ގޭގައެވެ. ބޮޑުބޭބެ ޝަފަޤަށް މާ ބޮޑު ސަމާލުކަމެއް ނުދިނެއްކަމަކު ބޮޑުބޭބެގެ އަންހެނުން ޝަފަޤަށް ވަރަށް ހެވެއެވެ. އޭނަ އެ ކުޑަ ޢާއިލާއާއެކީ އުޅެން ފެށިތާ 2 އަހަރު ފަހުން ބޮޑުބޭބެއަށް މާލެއިން ވަޒީފާއެއް ލިބި މާލެއަށް ދިރިއުޅުން ބަދަލުކުރަން ބޮޑުބޭބެ ނިންމިއެވެ. ޝަފަޤް އިތުރަށް ކިޔެވުމަށްޓަކައި އޭނަވެސް ގޮވައިގެން މާލެ ދިޔުމުގެ ޚިޔާލު ބޮޑުބޭބެގެ އަންހެނުން ފާޅުކުރިއެއްކަމަކު ބޮޑުބޭބެ އެ ވާހަކަ އޮޅުވާލިއެވެ. އަދި ޝަފަޤް އޭނަގެ މަންމަ ފަރާތު ބޮޑުދައިތައެއް ކަމަށްވާ ޒަމީނާގެ ކައިރިއަށް އައްޑުއަށް ފޮނުވަން ނިންމީ އޭނަގެ ޚިޔާލު ހޯދުމެއް ނެތިއެވެ. ޝަފަޤް އެއްވެސް ޝަކުވާއެއްނެތި އޭނައަށް ކުރިމަތިވަމުން ދިޔަ ހުރިހާ ކަމަކަށް ކެތްކުރަމުން ދިޔައީ އެހެން މީހަކަށް ނޭނގުނަސް ﷲ އޭނަގެ އިޙްޞާޞްތައް ދެނެވޮޑިގެންވާނެކަން ހަނދާނުގައި ބަހައްޓައިގެންނެވެ. އަދި އޭނައަށް ދިމާވާ ކޮންމެ ހިތްދަތިކަމަކީ ވެސް އޭނައާއި ދިމާވާން ލިޔެވިފައި އޮތް އެއްޗެއްކަން ދަނެގެންނެވެ. އެހެންކަމުން ޝަފަޤްގެ ހިތަށް ވެރިވި އެއްވެސް ހިތާމައަކީ އޭނައަށް ކެތްނުކުރެވޭނެފަދަ އެއްޗަކަށް ނުވިއެވެ. އޭނަގެ ހުރިހާ ދަތިތައް ފިއްލަވަން ﷲ އިރާދަކުރައްވައިފި ދުވަހަކު އެކަކަށްވެސް އޭނަ ދެރަ ނުކުރެވޭނެކަން ޔަޤީން ކުރެވޭތީވެއެވެ.
އެ ޚިޔާލު ހިތަށް ވެރިވުމުން ޝަފަޤްގެ ލޮލުން ފައިބައިގެން އައި ކަރުނައެއް ގޮސް އޭނަގެ އުނގުމަތީގައި އޮތް ފޮތުގެ ޞަފްޙާއެއްގައި ޖެހި އެތަނުން ދެލި ފޭދިގެން ދިޔައެވެ. އެކަކު ކައިރީގައި ނުބުންޏަސް އޭނަގެ ވެސް ހުވަފެންތަކެއްވެއެވެ. އެއީ ކުދި ކުދި ހުވަފެންތަކެއްނޫނެވެ. ބޮޑެތި ހުވަފެންތަކެވެ. ޝަފަޤް ބޭނުންވަނީ ގިނަ ޢަދަދެއްގެ ފައިސާއެއްނޫނެވެ. މަޝްހޫރުކަމެއްވެސް ނޫނެވެ. އޭނަ ބޭނުންވަނީ އޭނައަށް އެއްޗެއް ލިބުނަސް ނުލިބުނަސް ބަދަލެއް ގެންނާށެވެ. ދުނިޔެ ދޫކުރުމުގެ ކުރިން މާނައެއް ހުރި ކަމެއް ކުރާށެވެ. ޝަފަޤް އޭނަގެ ވަށައިގެން ހިނގާ ހުރިހާ ނުބައި ކަމަކަށް ނަފްރަތު ކުރެއެވެ. އެއީ އެކަންވާންޖެހޭ ގޮތެއް ނޫންކަމުގައި މެދުކެނޑުމެއްނެތި އޭނަގެ ހިތް ބުނެއެވެ. މުޖުތަމަޢު ދުވަހަކުވެސް ރަނގަޅު ނުވާނެކަމަށް ބުނާ މީހުންގެ ބަސްތައް ޝަފަޤް ޤަބޫލުކުރާ ހިތެއްނުވެއެވެ. މުޖުތަމަޢަށް ހެޔޮ ބަދަލެއް ނާންނަނީ އެ ބަދަލެއް ގެނައުމަށް މަސައްކަތް ނުކޮށް އެއާއިމެދު ޝަކުވާ ކުރުމުގައި ގިނަ ވަގުތު ބޭކާރު ކުރެވޭތީކަމަށް ޝަފަޤް ދެކެއެވެ. އެކަމަށްޓަކައި ޚުދު އޭނަވެސް އަމިއްލަ ނަފްސަށް ނަފްރަތު ކުރެއެވެ. އެހެނަސް އޭނައަށް އޭނަ ބޭނުންވާ ވަރުގެ ކަމެއް ނުކުރެވެނީ އޭނަގެ ޙާލަތުގެ ސަބަބުންނެވެ. އޭނައަށް އޭނަގެ މި ޙާލަތް ބަދަލުކޮށްދެއްވުމަށް އެދި ދުޢާ ކުރެވެނީ އެހެންވެއެވެ. އޭނަ ދިރިއުޅޭ މާޙައުލު ބަދަލުވުމަށް އެންމެ ކައިރި މުސްތަޤްބަލެއްގައި ވާން އޮތް ކަމަކަށް އޭނައަށް ފެންނަނީ އޭނަގެ ކައިވެންޏެވެ. ބޮޑުދައިތަ އޭނަގާތު މުއްސަނދި މީހަކާ ރައްޓެހިވުމަށް އެދެމުން އަންނަނީ އޭނައަށް 20 އަހަރު ވީ ދުވަހުއްސުރެއެވެ. ނަމަވެސް ކައިވެނީގެ ކުރިން ރައްޓެހިވުމަކީ ޝަފަޤަށް ހުތުރު ކަމެކެވެ. އޭނަ އޮފީހުގައި އުޅުނުއިރު ކޮންމެވެސް މީހަކު އޭނައާއި ރައްޓެހިވުމަށް އެދުމުން އޭނަ ވީ ފޫއްސެވެ. ކައިވެނީގެ ކުރިން ހިލޭ އަންހެނެއްގެ ކައިރިން އެފަދަ އެދުމެއް އެދެން ކެރޭ މީހަކަށް ކައިވެނީގެ ފަހުން އެހެން އަންހެނެއްގެ ގާތަށް އެހެން ނުދާނެކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ރައްޓެހިވުމުގެ އެ އެދުމަށް ޝަފަޤް ފަސްދިން ވާހަކަ ޒަމީނާއާއި ހަމައަށް ފޯރުމުން ޝަފަޤްގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ. އެހެނީ އެދުވަހު ޝަފަޤާއި ރައްޓެހިވުމަށް އެދުނީ މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ ފިރިހެނެކެވެ. ޒަމީނާއަށް މުޅި މި ދުނިޔެއިން ވެސް އެންމެ މުހިއްމު ކަމަކީ ފައިސާއެވެ. ޝަފަޤް މުއްސަނދި މީހަކާ ދެވަން އެދެވެނީ ވެސް އެ މީހެއްގެ ފަރާތުން އޭނަގެ ދިރިއުޅުން ތަނަވަސްވާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އެކަމަށްޓަކައި އޭނަ ކުރިހާ މަސައްކަތެއްވީ ބޭކާރެވެ. ޝަފަޤް މީހަކާ ރައްޓެހި ނުވާނެކަން ޔަޤީންވުމުން ޒަމީނާ އެކިއެކި މުއްސަނދި ޢާއިލާތަކުގެ މީހުންނާއި ރަޙުމަތްތެރިވެ އެ މީހުންގެ ފިރިހެން ކުދިން ޝަފަޤާއި ގުޅުވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އޭގެއިން ކޮންމެ މީހަކަށް ވެސް ޝަފަޤްގެ ކިބައިން ނޭދެވޭ ސިފައެއް ފެނެއެވެ. އެކަކަށް އޭނަގެ ސޫރަ ކަމުނުދިޔައިއްޔާ އަނެއް މީހަކަށް ކަމުނުދިޔައީ އޭނަ އެމީހަކާއި އެކަހެރިކޮށް ވާހަކަ ދައްކަން ބޭނުންނުވި ގޮތެވެ. އެހެން މީހަކު ފޫހިވީ އޭނަ ބާރު ހެދުން ނުލަނީ ކީއްވެތޯ ސުވާލުކުރުމުން އޭނަ އެކަމާމެދު ނުރުހުންތެރިކަން ފާޅުކުރުމުންނެވެ. އޭގެއިން ކޮންމެ މީހަކު ޝަފަޤާއި އިނުމަށް އިންކާރު ކުރި ކުރުމަށް ޒަމީނާގެ ރުޅި ގަދަވަމުން ދިޔައިރު ޝަފަޤް އިނީ ހިތާހިތުން ހީލަހީލައެވެ. އެ މީހުން އޭނައަށް ނޫނެކޭ ބުންޏޭ ކިޔާފައި އޭނަ ރޯކަށް ބޭނުމެއްނުވެއެވެ. ޚުދު އޭނައަށް ވެސް އެ މީހުން ކަމަކުނުދެއެވެ. ކައިވެންޏަށްޓަކައި ހަމައެކަނި ސޫރައަށް ބަލާނީ ކައިވެންޏަކީ ކޯޗެއްކަން ރަނގަޅަށް ނޭނގޭނެ މީހެކެވެ. ކައިވެނީގެ ކުރިން އެކަހެރިކޮށް ވާހަކަ ދައްކަން ބޭނުންވާނީ ހަމަ ގައިމުވެސް އޭނައަށް ކަމުދާނެ މީހެއްނޫނެވެ. އޭނަ ލާ ހެދުން ބަދަލުކުރަން އެދޭނީ ހަމައެކަނި އޭނަގެ ބޭރުފުށަށް ބަލާފައި އޭނަދެކެ ލޯބިވާނެ މީހެކެވެ. ޝަފަޤް އެފަދަ ސިފަތަކެއްގެ ވެރިއަކު ބޭނުމެއްނުވެއެވެ. އޭނަ ބޭނުންވަނީ އޭނަގެ ކިބައިގައި ހުރި އަޚްލާޤެއްގެ ސަބަބުން އޭނަ ކަމުދާނެ މީހެކެވެ. އޭނައަށް ދީނާއިމެދު މިހާރު އެނގޭ މިންވަރު އިތުރު ކޮށްދެވޭނެ މީހެކެވެ. އޭނައަށް މިހާތަނަށް އެނގުނު އެންމެ ފުރިހަމަ ޝަޚުޞއްޔަތު ކަމަށްވާ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާއި އެއްގޮތަށް އުޅެން މަސައްކަތް ކުރާ މީހެކެވެ. އޭނަ މިހާރު ލާ ހެދުންތަކަށްވުރެ ވެސް ދިގު ހެދުންތައް ލުމަށް މަގުފަހިކޮށްދޭނެ މީހެކެވެ. އަދި އޭނަ ދިރިއުޅުމުގައި ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އޭނައަށް އެހީވެދޭނެ މީހެކެވެ. އެފަދަ މީހަކާއި ދިމާނުވެ އޭނައަށް މިއަދު 23 އަހަރު ވެފައިވިޔަސް ޝަފަޤް އުއްމީދު ކަނޑައެއްނުލައެވެ.
ޝަފަޤް އޭނަގެ އަތުގައި އޮތް ފޮތް ލައްޕާލީ ނިދިން އޭނަގެ ދެލޯ ބަރުވުމުންނެވެ. އޭނަ ގޮދަޑިން ތެދުވެގެން ގޮސް އެ ފޮތް ހަރުގަނޑުގައި ޖަހާލިއެވެ. އެއަށްފަހު އަނެއްކާވެސް ގޮސް ގޮދަޑީގައި އޮށޯތީ ނިދާލަން ކަމަށެވެ. އޭނަ ނިދުމުގެ ކުރިން ކިޔާ ދުޢާތައް ކިޔަން އަނގަ ހުޅުވާލިތަނާހެން ބޭރުން ލުއި މިޔުޒިކެއްގެ އަޑު އިވިގެން ދިޔައެވެ.
ނުނިމޭ