Asr (Part 3)
ޝަފަޤް އޭނަގެ އަތުގައި އޮތް ފޮތް ލައްޕާލީ ނިދިން އޭނަގެ ދެލޯ ބަރުވުމުންނެވެ. އޭނަ ގޮދަޑިން ތެދުވެގެން ގޮސް އެ ފޮތް ހަރުގަނޑުގައި ޖަހާލިއެވެ. އެއަށްފަހު އަނެއްކާވެސް ގޮސް ގޮދަޑީގައި އޮށޯތީ ނިދާލަން ކަމަށެވެ. އޭނަ ނިދުމުގެ ކުރިން ކިޔާ ދުޢާތައް ކިޔަން އަނގަ ހުޅުވާލިތަނާހެން ބޭރުން ލުއި މިޔުޒިކެއްގެ އަޑު އިވިގެން ދިޔައެވެ. ޝަފަޤަށް ކޮޓަރީގެ ފެންލައިޓާއި ދިމާލަށް ބަލާލެވުނީ މިއީ ގޭގެ ބޭރުން އަންނަ އަޑެއްކަން އެނގުންވުމުންނެވެ. ޝަފަޤް ދެބުމަ ކައިރިކޮށްގެން އޮތްވާ މާ ގިނައިރެއްނުވެ ހުރިހާ އަންހެން ކުދިން އެމީހަކަށް މަރުދޭ، ވިސާމްގެ އަޑު އިވިގެން ދިޔުމުން އޭނައަށް ކަޅި މައްޗަށް ހިންގާލެވުނެވެ. އެއަށްވުރެ ވެސް ބޮޑަށް ނުރުހުންވީ މިއީ އޭނަގެ ނަން ދެވިފައިވާ ލަވަކަން އެނގުމުންނެވެ. މި ލަވަ މަޝްހޫރުވެގެން ދިޔަ ދުވަސްވަރު ޝަފަޤާއެކީ އޮފީހުގައި އުޅުނު އަންހެން ކުދިން އޭނަ ހާދަ ނަސީބުގަދައޭ ބުނެ ވާހަކަ ދައްކައި ހެދިއެވެ. އެހެނަސް ޝަފަޤަށް އެ ލަވައާހެދި ކުރެވެނީ އެފަދަ އިޙްޞާޞެއްނޫނެވެ. އޭނަ އެ ލަވައަށާއި ވިސާމަށް ވެސް އަންނަނީ ރުޅިއެވެ. ޝަފަޤްގެ ނަޒަރުން ވިސާމްގެ ލަވަތަކުން އޭނަ އެ ދަނީ މީހުންގެ ސިކުނޑިތައް ދޮންނަމުންނެވެ. ލޯބީގެ އެ ލަވަތަކުން އޭނަ ޒުވާނުންނަށް އެ ދަސްކޮށްދެނީ ލޯބީގެ ނުބައި މާނައެކެވެ. އެ ލަވަތަކުން ހިތްވަރު އެ ދެވެނީ ފާޙިޝް ކަންތައް ކުރުމަށެވެ. ޚުދު އޭނަ އަމިއްލައަށް ވެސް އަންހެން ކުއްޖެއްގެ ބައްޕައަކަށްވެ ހުރެ އެކި ސްޓޭޖްތަކުން އެކި ހިލޭ އަންހެނުންނާއެކީ ހުންނަން އޭނައަށް ކެރެނީ ކިހިނެއްބާވައޭ ޝަފަޤްގެ ހިތަށްއަރައެވެ. އޭނަ މިޝްކާއަށްޓަކައި ދެރަވެއެވެ. ވިސާމް މިޝްކާއަށް ކިތަންމެ ތަނަވަސް ދިރިއުޅުމެއް ދިނަސް އޭނަ މިޝްކާއަށް ދޭނީ ކޮންކަހަލަ ތަރުބިއްޔަތެއްތޯ ޝަފަޤްގެ ހިތް ސުވާލުކުރެއެވެ. މަގުމަތިން ފެންނައިރު މިޝްކާ އަބަދުހެން ފެންނާނީ ވިސާމާއިއެކީ ހުންނަތަނެވެ. ބަލާބެލުމަށް އެދެމެދުގައި އޮންނަނީ ވަރަށް ފުން ލޯތްބެކެވެ. މިޝްކާ ވިސާމާއި ވާހަކަ ދައްކާ ގޮތުގައިވާ މައުސޫމުކަން ފެނިފައި ޝަފަޤްގެ ހިތުގައި ވެސް އެކުއްޖާއަށްޓަކައި ކުލުނެއް އުފެދިފައިވެއެވެ. އިހަކަށް ދުވަހު މިޝްކާ ކޭކު މީރު ވާހަކަ ބުނުމުން ދެވަނަ ފަހަރަށް ވެސް އޭނައަށް ކޭކު ގެންގޮސްދެވުނީ އެ ކުލުނުގެ ސަބަބުންނެވެ. މިޝްކާއަކީ ހިދާޔަތް ލިބިގެންވާ ކުއްޖަކަށް ހެއްދެވުމަށްއެދި އޭނައަށް އެރޭ ދުޢާ ކުރެވުނެވެ. އޭނަގެ ހިތަށް ބިރުވެރިކަމެއްވަނީ މިޝްކާއަށް ހިދާޔަތް ލިބުމުގެ ހުރަހަކަށް މިޝްކާގެ ބައްޕަ ވެދާނެކަމުގެ އިންޒާރު އޭނަގެ ސިކުނޑި ދިނުމުންނެވެ. ވިސާމް މުޅި ޤައުމަށް މަޝްހޫރުވުމަށްފަހު ވެސް އޭނަގެ އެތައް ނޭދެވޭ ވާހަކައެއް މީޑިޔާގައި ފެތުރިފައިވެއެވެ. އޭނައަކީ އަމިއްލަ ޢާއިލާ ދޫކޮށްފައި އުޅޭ މީހެއްކަން އެކަކަށްވެސް ސިއްރު ކުރެވިފައެއް ނެތެވެ. އޭނަ ތަންކޮޅެއް ކުރީގެ ލަވަ ކިޔުންތެރިއެއްކަމަށްވާ މެހެނާޒާއި އިނީ ޢާއިލާއާއި ދެކޮޅަށް ކަން ވެސް މުޅި ޤައުމަށް އެނގެއެވެ. ވިސާމާއި މެހެނާޒްގެ ކައިވެންޏަށް މިޝްކާ ލިބުނުތާ ދުވަސްކޮޅެއްފަހުން މެހެނާޒް މަރުވެގެން ދިޔައީ ކިހިނެއްކަމެއް އެކަކަށްވެސް ސާފެއްނުވެއެވެ. ޒަޚަމްވެފައި އޮތް މެހެނާޒް އޭނަ ކުރިން އުޅުނު އެޕާޓްމެންޓެއްގައި އޮތް ވާހަކަ އެނގިގެން ދިޔައީ ނޫސްތަކުގައި ޖެހިގެން ދިޔަ ކުއްލި ޚަބަރަކުންނެވެ. މެހެނާޒް އަމިއްލައަށް މަރުވާން އުޅުނީކަމަށް ބައެއް މީހުން ބުނަމުން ދިޔައިރު އަނެއްބައި މީހުން ބުނަމުން ދިޔައީ ވިސާމް މެހެނާޒް ޤަތުލުކުރީ ކަމަށެވެ. މެހެނާޒް މަރުވިތާ ދުވަސްކޮޅެއްފަހުން އެ ހުރިހާ އަޑުތައް މަޑުވެ އެ މައްސަލަ މަތިން އެންމެން ހަނދާން ނައްތާލައިފިއެވެ. ނަމަވެސް ވިސާމަށް އެކަން ހަނދާން ނައްތާލެވޭނެބާއޭ ޝަފަޤްގެ ހިތަށްއެރިއެވެ. ވިސާމް އަދަށްދާން ދެންވެސް އެހެން މީހަކާ ނުއިނދެ ހުރީ އެ ހަނދާން ނުނެތޭތީވެ ހެއްޔެވެ؟ ނުވަތަ އޭނަ ހުސްހަށިބަޔަށް ހުރީ މިޝްކާއަށްޓަކައި ހެއްޔެވެ؟ މިހާތަނަށް އައިއިރު ވިސާމް އޭނަގެ ދަރިފުޅަށް މެހެނާޒްގެ ވާހަކަ ކިޔައިދީފައިވާނެބާވައެވެ؟ އަމިއްލަ މަންމައަށް އެފަދަ އަނިޔާތަކެއް ލިބުނު ވާހަކަ އަޑުއަހަން މިޝްކާގެ އެ ޅަ ހިތަށް ކެތްކުރެވޭނެބާވައެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން މިޝްކާގެ ފުރިހަމަ ހިނިތުންވުން ޝަފަޤްގެ ލޯމައްޗަށް ސިފަވެގެން ދިޔައެވެ. އެ ހިނިތުންވުން އެ ލޯބިލޯބި މޫނުމަތީގައި ދެމެހެއްޓެވުމަށް އެދި ޝަފަޤަށް ހިތާހިތުން ދުޢާކުރެވުނެވެ. އެކަމަށްޓަކައި މިޝްކާގެ ހިތަކީ އީމާންކަމުގެ ނޫރުން ފުރިފައިވި ހިތެއްކަމުގައި ލެއްވުމަށް އެދި އަނެއްކާވެސް ދުޢާ ތަކުރާރުކުރެވުނެވެ. ހަމަ އެއާއެކު ވިސާމްގެ ގޯސް ސިފަތައް ސިކުނޑިއަށް ވެރިވާން ފެށުމުން ޝަފަޤް އެ ޚިޔާލުތައް ފޮޅުވާލެވޭތޯ މަސައްކަތް ކުރިއެވެ. އެއްވެސް މީހަކާއިމެދު ނުބައިކޮށް ދެކުމުގެ ޙައްޤެއް އޭނައަކަށް ނޯންނާނެކަން އޭނަ ހަނދާން ކުރިއެވެ. އޭނައަށް ނޭނގުނަސް ވިސާމަކީ ނަމާދުކުރާ މީހަކަށް ވެދާނެކަމަށް ޝަފަޤް އަމިއްލަ ނަފްސުގާތު ބުންޏެވެ. އަދި އޭނަ ހީކުރާ ވަރަށްވުރެ ވެސް ރަނގަޅު ތަރުބިއްޔަތެއް ވިސާމް މިޝްކާއަށް ދީފާނެކަމުގެ ޚިޔާލުން ޝަފަޤް ހިތްހަމަ ޖައްސާލިއެވެ. އެއަށްފަހު ބޭރުން އިވެމުން ދިޔަ ލަވަ ނުއިވޭ ކަމަށް ހަދަމުން ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔަން ފެށިއެވެ.
**
އޭގެ އަނެއްދުވަހު ފަތިހު 4:46 ވީ ވަގުތު އަމިއްލަ ކޮޓަރީގައި އޮތް ވިސާމަށް ހޭލެވުނީ އޭނަގެ ކަރުތެރެ ހިކި، ކެއްސަން ފެށުމުންނެވެ. އޭނަ ކެއްސުން ކޮންޓްރޯލްކޮށް އޭނަގެ ބޯ ރަޖާ ނަގާލަމުން އެނދުގެ ސައިޑް ޓޭބަލަށް ނަޒަރު ހިންގާލިއެވެ. އެވަގުތު އެތާހުރި ބިއްލޫރި ޖަގު ހުހަށް ހުރިތަން ފެނިފައި ވިސާމަށް އޭނަގެ ސިކުނޑީގައި ހުތުރު ބަހެއް ކިޔާލެވުނެވެ. އެއަށްފަހު އައި ސިނގުރުޅިއާއެކީ އެނދުން ފައިބައި ކޮޓަރިން ނިކުންނަން ދިޔައެވެ.
ކާކޮޓަރި ދިއްލާލުމެއްނެތި ވިސާމް އެތާ ތެރެއަށް ވަދެގެން ގޮސް އައިސްއަލަމާރިން ފެންފުޅިއެއް ނެގިއެވެ. އެ ކޮޓަރީގައި ބޮތްކެއް ނުދިއްލިޔަސް އެތާނގެ ފެންލައިޓުން މަގުގައި ހުރި ބޮކީގެ އަލި ލިބެމުން ދިޔައީތީ ހުރިހާ އެއްޗެއް ފުދޭވަރަކަށް ސާފުކޮށް ފެންނަމުން ދިޔައެވެ. ވިސާމް ފެންފުޅި ހިފައިގެން ގޮސް ކާމޭޒުމަތީގައި ހުރި ތަބަކެއްގެ ތެރޭގައި ހުރި ތަށްޓަކަށް ފެންއަޅާލިއެވެ. އަދި ގޮނޑިއެއް ދަމައި އިށީނދެ ފެން ބޯން ފެށީ އެންމެ ތަށްޓަކުން ނުވާނެހެން ހީވުމުންނެވެ. އޭނަ ފެން ތަށި އެއްނޭވައިން ހުސްކޮށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަން އުޅުނު ވަގުތު ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވުނެވެ. އެއާއެކު އޭނަ ލާން އުޅުނު ނޭވާ ހުއްޓި އޭނަގެ ދެބުމަ ކައިރިވިއެވެ. މާ ގިނައިރެއްނުވެ އޭނަ ފޫހިކަމެއް އެކުލެވިފައިވި ގޮތަކަށް އޭނަގެ ނޭވާ ދޫކޮށް ގޮނޑިއަށް ލެނގިލިއެވެ. ބަންގި އަޑުއިވެމުން ދިޔަ ވަރަކަށް އޭނަގެ ސިކުނޑިއަށް މާޒީގެ ހަނދާންތައް ވެރިވަމުން ދިޔައެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ހަނދާނަށް އައި މާޒީގެ ޞަފްޙާތަކުން ވިސާމްގެ ހިތުގައި ރުޅީގެ އަލިފާނެއް ރޯވިއެވެ. އޭނަ ބަންގި ނިމުނުތަނާހެން ކުއްލިއަކަށް ގޮނޑިން ތެދުވެ ކާ ކޮޓަރިން ނިކުމެގެން ދިޔައެވެ. އަދި ވާތް ފަރާތަށް މިޞްރާބުޖެހީ އޭނަގެ ކޮޓަރިއަށް ދާން ކަމަށެވެ. އެހެނަސް މިޝްކާގެ ނަން ހިތަށް ވެރިވުމުން ވިސާމް ފަސްއެނބުރި ބަލާލިއެވެ. އެވަގުތު ހަމައެކަނި ސިޓިންގް ރޫމުގައި ހުރި އޮރެންޖް ކުލައިގެ ބޮކިން އަލިވެފައި އޮތް ހަނި މަގުގެ ތެރެއަށް މިޝްކާގެ ކޮޓަރީގެ ލައްޕާލެވިފައިވާ ދޮރުގެ ދަށުން ދަނބު ކުލައިގެ އައްޔެއް ވެސް ނިކުމެފައިވިއެވެ. މިޝްކާގެ ސޫރަ ލޮލަށް ސިފަވެގެން ދިޔުމުން ވެސް ވިސާމްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނަ ފުން ނޭވައެއް ދޫކޮށްލަމުން އެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ މިޝްކާ އަރާމު ނިންޖެއްގެ ތެރޭގައި އޮތްވާ ދުށުމުގެ އުއްމީދުގައެވެ. އެހެނަސް އޭނަ އެ މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތު ފެނުނު މަންޒަރަކުން އޭނަގެ ދެބުމަ ކައިރިވިއެވެ.
“ކޮއްކޯ؟” އެނދުގެ ކައިރިން ފާރުގައި ހުރި ކުޑަދޮރުން ބޭރު ބަލަން ހުރި މިޝްކާ ފެނިފައި ވިސާމަށް ބުނެލެވުނެވެ. އެ އަޑަށް މިޝްކާ ވިސާމާއި ދިމާލަށް ބަލާލިއެވެ.
“ކޮއްކޮއަށް ކިހިނެއް ހޭލެވުނީ؟ ކަރު ހިއްކަނީތަ؟” ކޮޓަރި ތެރެއަށް ވަންނަމުން ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމަކާއެކީ އަހާލިއެވެ. ހަމަ އެއާއެކު އޭނައަށް ސައިޑް ޓޭބަލް މަތީގައި މިޝްކާގެ ފެންފުޅި ހުރިތޯ ބަލާލެވުނެވެ. ބޭރު ފެންނަން ހުންނަ އެ ފެންފުޅި ފުރިފައި ހުރިކަން އެނގުންވުމުން އޭނަ އިތުރަށް ޙައިރާންވިއެވެ.
“ނޫން ބައްޕި. ބަންގި ގޮވި އަޑަށް ކޮއްކޮއަށް ހޭލެވުނީ. މިއަދު ކޮއްކޮއަށް މި އެނގުނީ މިގަޑީގަ ވެސް ބަންގި ގޮވާކަން. ބައްޕި ދެނަހުރިންތަ؟” މިޝްކާ އޭނަގެ ކައިރިއަށް އައިސް ހުއްޓުނު ވިސާމަށް ބަލާލީ ފުރިހަމަ ހިނިތުންވުމަކާއި އެކީގައެވެ.
“ހޫމް…..” ސީރިއަސް މޫނަކާއެކީ ވިސާމް ކުރު ޖަވާބެއްދިނެވެ.
“ބައްޕިއަށް އެނގޭތަ؟ ކުރީ ދުވަހު އާންޓީ ބުނީ ބަންގި ގޮވީމަ ހުރިހާ ކުދިންވެސް ނަމާދު ކުރަންވާނެއޭ. ކޮއްކޮ އެހިން ނަމާދަކީ ކޯޗެއްހޭ. ބުނީމަ އާންޓީ ބުނީ އެއީ އަޅުކަމެކޭ. އެއީ ކިހިނެއް ކުރާ އެއްޗެއްތޯ އަހަން އުޅުނުތަނާ ބެލްޖެހީ. ބައްޕި…….ނަމާދަކީ ކިހިނެއްކުރާ އެއްޗެއްތަ؟” މިޝްކާ ވިސާމާއިވީ ފަރާތަށް އެއްކޮށް އެނބުރިލަމުން ޖަވާބު އެނގެން ނުހަނު ބޭނުންވެހުރެ ސުވާލުކުރިއެވެ. ވިސާމް ތުންފިއްތައި އިރުކޮޅެއް ވަންދެން މިޝްކާއަށް ބަލަން ހުރެފައި ވާހަކަ ދެއްކިއެވެ.
“ކޮއްކޮ ނިންޖެއް ނާދޭތަ؟” ވިސާމް ވާހަކަ އޮޅުވާލިއެވެ.
“ކުޑަކޮށް އެބަ އާ…..” މިޝްކާއަށް ވަކި ހިސާބަކުން އާފުރެން ފެށިއެވެ. އޭނައަށް ވީގޮތް ފެނިފައި ވިސާމަށް ހީލެވުނެވެ.
“ހިނގާ އަވަހަށް ނިދާލަން. މިއަދު ސްކޫލަށް ވެސް ދާން އެބަޖެހެއްނު؟ އާދޭ…..މިފަހަރު ބައްޕިވެސް އޮންނާނީ މިތާނގަ.” ވިސާމް ވާހަކަ ދައްކަމުން ގޮސް މިޝްކާގެ އެނދަށް އެރިއެވެ. އަބަދުވެސް ވިސާމާއިއެކީ ވަގުތު ހޭދަކުރަން ބޭނުންވާ މިޝްކާގެ މޫނުމަތި އުޖާލާވެގެން ދިޔަދިޔަހެން އޭނަ ދެންމެ ކުރި ސުވާލުގެ މަތިން ވެސް ހަނދާން ނެތުނެވެ. އޭނަ ކުޑަކޮށް ދުވެފައި ގޮސް އެނދާއި ހަމަވީތަނާހެން ވިސާމް ލޯތްބާއިއެކީ މިޝްކާ ދެއަތުން ނަގައި އެނދުގައި ބޭއްވިއެވެ. އެއަށްފަހު މިޝްކާގެ ގައިމަތީގައި ރަޖާ އަޅާލަމުން އޭނަ ނިންދަވާލުމަށްޓަކައި ރީތި ރާގަކަށް ހޫންލައްވަން ފެށިއެވެ. މިޝްކާ މާ ގިނައިރެއްނުވެ ނިދުމުން އާދައިގެ މަތިން ވިސާމް އޭނަގެ ނިތުގައި ބޮސްދިނެވެ. އަދި މިޝްކާގެ ކައިރީގައި އޮށޯވެ ދެލޯ މަރާލީ ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކާއި ދުރުވުމަށް ގަދަކަމުން ވިޔަސް ނިދާލެވޭތޯއެވެ.
އާދައިގެ މަތިން ޝަފަޤް ފަތިސް ނަމާދަށްފަހު ޤުރުއާން ކިޔަވަން ފެށީ މަދުވެގެން ދެ ޞަފްޙާ ކިޔަވާލުމަށެވެ. އެހެނަސް އޭނައަށް ބައި ޞަފްޙާ ވަރު ކިޔެވުނު ތަނާހެން ޒަމީނާ ތޫފާނެއް އައިހެން ކޮޓަރީގެ ދޮރު ހުޅުވައި އޭނައަށް ގޮވާލި ގޮތުން ޝަފަޤްގެ މޭގަނޑު އަތަށްއައެވެ. އޭނަ ނަމާދު ދޮޅިއާއެކީ ގޮދަޑި މަތީގައި އިން ގޮތަށް އިންދާ ޒަމީނާ އެއްޗެހި ގޮވަމުން ބަދިގެއަށް އައުމަށް އެންގިއެވެ. ޝަފަޤް ނުރުހުންވިއެއްކަމަކު ވަކި އެއްޗެކޭ ނުބުނެ ޒަމީނާގެ ބަސްއެހީ ޙާލަތް ގޯސްކުރުވާ މީހަކަށް އަމިއްލައަށް ނުވުމަށެވެ.
ފަތިހު ތެދުވުނީއްސުރެ ޝަފަޤް މެދުކެނޑުމެއްނެތި މަސައްކަތްތައް ކުރަމުން ދިޔައެވެ. ގޭގަ އުޅޭ ދެކުދިންގެ ތެރެއިން ހުދާގެ ކިޔެވުން ފެށެނީ އަންނަ ހަފްތާގައި ކަމަށްވިޔަސް މިއީ ޒައިންމެނަށް އަހަރުގެ މެދު ތެރެއެވެ. އެހެންކަމުން ޝަފަޤް އަވަދިނެތި އުޅެމުން ދިޔައީ ޒައިންގެ ނާސްތާއާއި އިންޓަވަލް ތައްޔާރު ކުރުމުގައެވެ. ނާސްތާ މޭޒުމައްޗަށް އެރުވުމަށްފަހު ޝަފަޤް ބަދިގެ ތެރޭގައި ކުނި ފޮހެމުން ދަނިކޮށް ނާސްތާ ކުރަމުން ދިޔަ ޒައިން ބިސްކޯދު ނެތިގެން ޝަކުވާ ކުރި އަޑު އިވުނެވެ. ޝަފަޤް ގޮސް އޭނަ ގާތު މަސްހުންޏާއި ރޮށިން މިއަދު ފުއްދާލުމަށް ބުނިތަނާހެން ޒަމީނާ ހަޅޭއްލަވައިގަތެވެ. ތިމަންނަމެންނަކީ ވަކި ފަޤީރު ބައެއްނޫން ކަމަށް ބުނަމުންނެވެ. އެއަށްފަހު ކައިރީގައި ހުރި ފިހާރައިން ދަރަންޏަށް ބިސްކޯދު ހޯދައިގެން އައުމަށް ޝަފަޤަށް އެންގިއެވެ. ޝަފަޤް އެއްޗެކޭ ބުނަން އުޅުމުން ޒަމީނާ އޭނައަށް ފުރުޞަތެއް ނުދިނެވެ. އެހެންކަމުން ޝަފަޤް ހިތާއި ދެކޮޅަށް ކައިރީގައި ހުންނަ ފިހާރައަކަށް ގޮސް ޒައިނަށްޓަކައި ބިސްކޯދު އުރަތައް ހުރި ކޮތަޅެއް ގެނެސްދިނެވެ. ޝަފަޤް ގެއަށް އައިތަނާހެން ޒައިން އޭނަ އަތުން ކޮތަޅު ޖަހައިގަތީ ބޮޑާކަން އެކުލެވިފައިވި ގޮތަކަށެވެ. ޒައިން އޭނައަށް ފަސްދީފައިދާތަން ބަލަން ޝަފަޤަށް ހުރެވުނީ އުނދަގޫވެފައިވާ ހިތަކާއި އެކީގައެވެ. ބޮޑުދައިތަގެ ކުދިން އެގޮތަށްވަނީ ބޮޑުދައިތަ ކަންތައްކުރާ ގޮތުންނޭ އޭނައަށް ހިތާހިތުން ކިޔާލެވުނެވެ. ފަޤީރު ބަޔަކަށް ވިޔަސް މަހުޖަނުންނަށް ވިޔަސް ކުދިން ބޭނުންހާ އެއްޗެއް ބޭނުން ވަގުތަކު އެއްވެސް ޝަރުތެއްނެތި ދީގެން އެ ބަރުބާދު ކުރެވެނީ އެކުދިންގެ މުސްތަޤްބަލެވެ. އެގޮތަށް ކަންތައް ކުރުމުން ދިރިއުޅުމުގައި ދިމާވެދާނެ އެއްވެސް ދައްޗަކަށް އެކުދިންނަށް ތައްޔާރުވެވިފައެއް ނޯންނާނެއެވެ. އޭގެ މައްޗަށް އެކުދިންގެ ހިތުގައި ކިބުރުވެރިކަން އުފެދި އެހެނިހެން ނޭދެވޭ ސިފަތައް އެކުދިންގެ ކިބައިގައި އަށަގަންނާނެއެވެ. ހުދާއާއި ޒައިން އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެވުނު ދުވަހަކުން ކަންތައްވެދާނެ ގޮތަކާމެދު ވިސްނާލެވުމުން ޝަފަޤަށް މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އަދި އޭނަގެ ބޮޑުދައިތައަށާއި ބޮޑުދައިތަގެ ދެކުދިންނަށާއި އޭނައަށް ވެސް ހިދާޔަތް ދެއްކެވުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނެވެ.
ޒައިން ސްކޫލަށް ލާފައި ޒަމީނާ ގެއަށް އައިއިރު ޝަފަޤް ހުރީ އެދުވަހު ހެނދުނު ފިހާރައަށް ގެންދަން ކުދި ކޭކުތައް އެޅުމުގެ މަސައްކަތުގައެވެ.
“އޭ އިއްޔެގަ ވިސާމް ރަށަށް އައިއްސިޔޯ!” ޒަމީނާ ބަދިގޭގެ ދޮރުމައްޗަށް އަރައި ނުހަނު ޖޯޝާއެކީ ބުނެލިއެވެ.
“ދެން؟” ގިރާފައި ހުރި ކޭކްމިކްސް ސަމުސަލަކުން ކަރުދާސް ތަށްޓަކަށް އަޅަމުން ޝަފަޤް މާ ބޮޑު ފަރުވާލެއްނެތި އަހާލިއެވެ. ޒަމީނާ މޫނު ކުނިކޮށްލަމުން ޗޮއްކަނޑާލިއެވެ.
“މި ދައްކަނީ ކޮން ވިސާމެއްގެ ވާހަކަކަން އެބަ އިނގޭތަ އަނެއްކާ؟ ލަވަކިޔާ މަޝްހޫރު ސޭމްގެ ވާހަކައޭ މި ކިޔަނީ. ޝަފަޤް……ޝަފަޤް، ދައްތައަށް ދިރިއުޅުމުގަ ކަމެއް ކޮށްދޭން ބޭނުމިއްޔާ އޭނައާއި އިނދެފާނަންތަ؟ އޭނަ ކިހާ ނަލަތަ؟ އޭނަ ވަރަށް ލޯބިވާނެއޭ ޝަފަޤްދެކެ. ޝަފަޤަށްޓަކައި ލަވައެއްވެސް ކިޔާފައެއްނު އޭނަ އޮތީ؟ ހަމަ ނޭނގެއެއްނު ޝަފަޤް ހިތުގަ އަޅައިގެން ނޫންކަމެއް އޭނަ އެ ލަވަ ކިޔުނީ؟” ޒަމީނާ ވާހަކައިގެ މެދުތެރެއިން ގޮސް ޝަފަޤްގެ އެއްއަތުގައި ދެއަތުން ހިފަހައްޓައިގެން ވަރަށް އުއްމީދީ ގޮތަކަށް އޭނައާއި ދިމާލަށް ބަލާލިއެވެ.
“ދައްތާ…..އަހަރެން ބޭނުމެއްނޫން އަހަރެންގެ އަމިއްލަ ނަފްސު މޮޔަ ހައްދާ މީހަކަށްވާކަށް. އެއީ އެހެން ނޫނަސް އަހަންނަށް ކަމުދާ މިޒާޖެއްގެ މީހެއްނޫން. އަދި އޭނައާއި އިންނަން ބޭނުންވިޔަސް އަހަންނަކަށް ހިއެއްނުވޭ އެއީ ދެވަނަ ފަހަރަށް މީހަކާ އިންނާނެ މީހެއްހެނެއް. އޭނަ އެކަނިމާއެކަނި އަމިއްލަ ދަރިފުޅު ބަލާތާ މިއީ ކިހާ ދުވަހެއް؟ ވެދާނެއެއްނު އެކުއްޖާއަށް ދޮންމަންމައެއް ހޯދަން އޭނަ ބޭނުންނުވަނީ ކަމަށްވެސް؟” ޝަފަޤް ޒަމީނާއަށް ބަލަންހުރެ އޭނައަށް ހީވިގޮތް ބުންޏެވެ.
“ހޫމް ވެދާނެ. އެހެންވީމަ އަސްލު ޝަފަޤްވީ ވިސާމް ކުރިމަތީގަ އޭނަގެ ދަރިފުޅަށް ހެޔޮވާށޭ. އޭރުން އޭނަގެ ހިތް އަތުލެވިދާނެ. އަދި ވިސާމް ކުރިމައްޗަށް ދާއިރު ތަންކޮޅެއް ގިނައިން ފުށްޖަހައި މޭކް އަޕް ކޮށްގެން ދައްޗޭ. އޭނަގެ ކުރީގެ އަންހެނުންނާއި ވައްތަރުވާނެ ގޮތަށް.” ޒަމީނާ ހުރިހާ ދަތްތައް ދައްކައިގެން ހުރެ ފާޅު ކުރި ޚިޔާލުން ވީ ފޫއްސާއެކީ ޝަފަޤް އޭނަގެ މަސައްކަތަށް އަނބުރާ ދިޔައެވެ. އޭނަގެ މޫނުމައްޗަށް ވެރިވި ނުރުހުންތެރިކަން ޒަމީނާއަކަށް ނުފޮރުވުނެވެ.
“މޫނު އަނބުރާނެ ކަމެއްނެތޭ! ތި ކޭކު އަޅައަޅާ ހުރުމަށްވުރެ ރަނގަޅު މަގެއް އަހަރެން މިދައްކަނީ. ޝުކުރު އަދާކުރުމުގެ ބަދަލުގަ ފޮނި އެބަވެއޭ އަދި! އަޑުއަހާ! މިއަދު ހެނދުނު މި ކުރިމަތީގަ ހުރި ސްކޫލަށް އޭނަ އަންނާނެ އޭނަގެ ދަރިފުޅު ގޮވައިގެން. ތިއަށްވުރެ ތަންކޮޅެއް ކުރުކޮށް ގަޔަށް ހިފިފަ އޮންނަ ހެދުމެއް ލައިގެން އެ ގަޑިއަށް ގެއިން ނިކުންނާތި.” ޒަމީނާ މިފަހަރު ވާހަކައިގެ މެދުދެތެރެއިން އަޑުއަހާށޭ ބުނެ ޝަފަޤްގެ ބުރުގާގެ މަތިން އޭނަގެ ކަންފަތުގައި ބާރަށް ހިފައި އަނބުރަމުންނެވެ. ކަންފަތަށް ވީ ތަދާއެކީ ޝަފަޤްގެ އަތުގައި އޮތް ސަމުސާ ތަރުފާލު މައްޗަށް ވެއްޓި އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. ޝަފަޤްގެ އަނގައިން ވޭނީ އާހެއްގެ އަޑު ނިކުތުމުން ވެސް ޒަމީނާގެ ހިތަށް އަސަރެއް ނުކުރިއެވެ. އޭނަ ޝަފަޤްގެ ކަންފަތަށް ދަމައި ދޫކޮށްލި ގޮތުން ޝަފަޤް ނުވެއްޓުނީވެސް ކިރިޔާއެވެ. އޭނައަށް ކުރިމަތީގައި ހުރި މޭޒުގައި ހިފަހައްޓާލެވުނީ ނަސީބަކުންނެވެ. ޒަމީނާ ޝަފަޤަށް ބަލާލުމެއްނެތި ބަދިގެއިން ނިކުތްއިރު ޝަފަޤަށް ހުރެވުނީ އޭނަގެ ކަންފަތުގައި އެއްއަތް އަޅައިގެންނެވެ. ފުރަތަމަ ސިކުންތުގައި އެ މޫނުމަތިން ފެނުނީ ހިތާމަވެރިކަން ކަމަށްވިޔަސް އޭގެ ދެވަނަ ސިކުންތުގައި އެ މޫނުމައްޗަށް ސާބިތުކަމެއް ވެރިވިއެވެ. ބޮޑުދައިތަ ކިތަންމެ އަނިޔާއެއް ކުރިޔަސް ހިލޭ ފިރިހެނަކަށް ނަލަ ދެއްކޭ ހިތުން އޭނަ ނުއުޅެއެވެ. އެ ވިސާމަކަށް އަމުދުންނެއް ނޫނެވެ. އޭނައަކީ ކޮންމެ ކޮންމެ މީހަކަށް އިޝްތިހާރުކުރަން ހުރި ހަށިގަނޑެއް ނޫނެވެ. އޭނައަކީ ﷲ އެއަށްވުރެ ބޮޑު ޤަދަރެއް ދެއްވާފައިވި އިންސާނެކެވެ. ޝަފަޤް އޭނަގެ ކޯތާފަތްމައްޗަށް ވެއްޓުނު ކަރުނަ ތިކި ފޮހެލީ ސާބިތުކަން ލިބިފައިވި ހިތަކާއި އެކީގައެވެ.
ޝަފަޤް އެދުވަހު އަތްމަތި އަވަސްކޮށް އޭނަގެ ކޭކުތަކާއެކީ ގެއިން ނިކުތީ އެހެން ދުވަސްދުވަހަށްވުރެ 10 ވަރަކަށް މިނިޓް ކުރިންނެވެ. އެހެން ދުވަސްދުވަހު އޭނައަށް ގެއިން ނިކުމެވޭނީ ގޭގެ ކުރިމަތީގައި ހުންނަ ޕްރީ ސްކޫލަށް ކުދިން އަންނަ ވަގުތުގައެވެ. މިއަދު ވިސާމް އަންނާނެކަން އެނގި އޭނަ ގަޞްދުގައި ވިސާމަށް ފެންނާކަށް ބޭނުމެއް ނުވީއެވެ. އޭނައަށް ކުރިން ވެސް ވިސާމް މިޝްކާ ގޮވައިގެން ކާރުގައި ސްކޫލަށް އަންނަތަން ފެނިފައިވެއެވެ. ވިސާމް ޢާއްމު ގޮތެއްގައި ކާރުން ނުވެސް ފައިބައެވެ. އެހެނަސް މިއަދު ބޮޑުދައިތަ ދެއްކި ވާހަކަތަކުން އޭނަ ވިސާމާއި އިހުނަށްވުރެ ވެސް ދުރުވާން ބޭނުންވީ އޭނަ ނުރުހުންވީ ވަރުންނެވެ. އޭނަ ގެއިން ނިކުތްއިރު ބޮޑުދައިތަ ގޭގަ ނެތީ އޭނަގެ ނަސީބު ރަނގަޅު ކަމުންނެވެ.
ކާރު ދުއްވަން އިން ވިސާމަށް މެދުކެނޑުމެއްނެތި އިވެމުން ދިޔައީ މިޝްކާ ދައްކަމުން ދިޔަ ވާހަކަތަކެވެ. އެވާހަކަތައް އަޑުއަހަމުން އެކި ރައްދުތައް ދެމުން ދިޔައިރު ވިސާމްގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއްވިއެވެ. މިޝްކާ ކިތަންމެ ގިނަ ވާހަކައެއް ދެއްކިޔަސް އޭނަ ފޫއްސެއްނުވެއެވެ. އެއިންވެސް އޭނަގެ ހިތުގައި މިޝްކާއަށްޓަކައި ވާ ލޯބިވަނީ އިތުރެވެ. އޭނަ މިޝްކާދެކެ ލޯބިވާވަރު މިޝްކާއަށް އެނގޭނެބާއޭ އޭނަގެ ހިތަށް ބައެއްފަހަރު އަރައެވެ.
ސްކޫލާއި ހަމައަށް ދެވުމުން މިޝްކާ ވިސާމަށް ބާއިއޭ ބުނެލަމުން ކާރުން ފޭބިއެވެ. މިޝްކާ ފިޔާތޮށި ކުލައިގެ ދަބަހެއް އަޅައިގެން ކާރުގެ ކުރިމަތިން ލާފައި ސްކޫލްގެ ގޭޓާއި ދިމާލަށް ދާތަން ބަލަން ވިސާމަށް އިނދެވުނީ ފޭދިފައިހުރި ހިނިތުންވުމެއްގައެވެ. މިޝްކާ ސްކޫލްގެ ގޭޓާއި ހަމަވީ ވަގުތު ވިސާމް ކުޑަދޮރު ތިރިކޮށްލީ އޭނަ ލޯ މައްޗަށް ގެއްލެންދެން ވެސް ސާފުކޮށް ބަލަން އިނުމަށެވެ.
“މިޝީ!” މިޝްކާ ސްކޫލަށް ވަންނަން އުޅުނުތަނާހެން ކަނާތް ފަރާތުން ޅަ އަންހެން ކުއްޖަކު ގޮވާލި އަޑު އިވުނެވެ. މިޝްކާ އެފަރާތަށް ބަލާލިއިރު ވިސާމަށް ވެސް ބަލާލެވުނެވެ.
“ޝައި!” މިޝްކާ ހިނިތުންވުމަކާއެކީ އެހެން ބުނެލި ވަގުތު އޭނައާއި އެއްއިސްކޮޅެއްގެ އަންހެން ކުއްޖަކު އޭނަގެ ކުރިމައްޗަށް އައިސް ހުއްޓިލިއެވެ. ދެކުދިން އެކަކު އަނެކަކާ ހިނިތުންވެގެން ތިބި ގޮތުން އެއީ ދެއެކުވެރިންކަން ވިސާމަށް ނަގައިގަނެވުނެވެ.
“މިޝީ އަހަރެން ދެންމެއަކު އަހަރެންގެ މަންމި ކައިރީގަ މިޝީގެ ވާހަކަ ދައްކަމުން މިއައީ. މަންމި ބުނީ ތިމަންނައަށް އެނގެއޭ މިޝީގެ މަންމި.” އެކުއްޖާ ބުނެލި ވާހަކައިން ވިސާމްގެ ދެލޯ ބޮޑުވެ އޭނަގެ މެއަށް ފިނިވެގެން ދިޔައެވެ. އޭނައަށް ވަގުތުން ބަލާލެވުނީ މިޝްކާއާއި ދިމާލަށެވެ.
“އަސްލުވެސްތަ؟ ކޮބާތަ މިޝީގެ މަންމި؟” މިޝްކާވެސް ދެލޯ ބޮޑުކޮށްގެން ހުރެ ސުވާލުކުރިއެވެ.
“މިޝްކާ!” ބާރަށް ތެޅިގަތް ހިތަކާއެކީ ވިސާމަށް ހަރުއަޑުން ގޮވާލެވުނެވެ. މިޝްކާއަށާއި އޭނަގެ އެކުވެރިޔާއަށް ވެސް ސިހުމަކާއެކީ ވިސާމާއި ދިމާލަށް ބަލާލެވުނެވެ. ވިސާމް އޭނަގެ ނޭވާ ހަމައަކަށް އެޅުވޭތޯ ބަލަމުން މިޝްކާގާތު އައުމަށް އެއްއަތުން ޢިޝާރާތް ކުރިއެވެ. މިޝްކާ އޭނަ ގާތަށް އަންނަން ފެށި ވަގުތު މިޝްކާގެ އެކުވެރިޔާގެ މަންމަ އެ އެކުވެރިޔާގާތު ސްކޫލަށް ވަންނާށޭ ބުނެފިއެވެ. އެއަޑަށް ވިސާމްގެ ހިތަށް ހަމަޖެހުމެއް ލިބުނެއްކަމަކު މިޝްކާ ފަސްއެނބުރި އޭނަގެ އެކުވެރިޔާއަށް ބަލާލިއެވެ. އޭނަ ކާރުގެ ކުޑަދޮރު ކައިރިއަށް އައިސް މަޑުކޮށްލީ ވެސް އެދިމާލަށް ބަލަމުން ބަލަމުންނެވެ.
“ކިހިނެއްވީތަ ބައްޕި؟ ބައްޕި ނުގޮވިނަމަ ދެންމެއަކު ޝައި އުޅުނޭ ކޮއްކޮގެ މަންމި ވީތަނެއް ބު……..” މިޝްކާ ނުހަނު ޖޯޝާއެކީ ދައްކަން ފެށި ވާހަކަ މެދުކެނޑުނީ ވިސާމް ކޮއްކޯއޭ ކިޔައި ދިގުކޮށް ގޮވާލުމުންނެވެ.
“ކޮއްކޮ އެންމެ ބޮޑަށް ލޯބިވަނީ ކާކުދެކެ؟” ވިސާމް ކާރުގެ ކުޑަދޮރު މަތީގައި އޮތް މިޝްކާގެ ކުޑަ އަތްމަތީގައި އޭނަގެ އަތް އަޅާލަމުން ޖަޒުބާތުން ފުރެމުން ދިޔަ ހިތަކާއެކީ ސުވާލުކުރިއެވެ.
“ބައްޕިދެކެ.” މިޝްކާ ވިސާމަށް ބަލަންހުރެ ޖަވާބުދިނެވެ.
“ކޮއްކޮ އެންމެ އިތުބާރުކުރަނީ ކާކަށް؟” ވިސާމް އަހާލިއެވެ.
“ބައްޕިއަށް.” މިޝްކާ ބުންޏެވެ.
“އެހެންވީމަ ބައްޕި ކޮއްކޮގެ މަންމި އަންނާނެއޭ ބުނީމަ ކޮއްކޮއަށް ޤަބޫލު ކުރެވެންވާނެއެއްނު؟ ބައްޕި ދުވަހަކުވެސް ކޮއްކޮ ދެރަވާ ކަހަލަ ގޮތަކަށް ކަންތައް ކުރިންތަ؟ ނުކުރަމެއްނު؟ ކޮއްކޮގެ މަންމިއެއް މިއަދު ނެތަސް ބައްޕި އެބަހުރީމެއްނު؟ ބައްޕި ވަރަށް ލޯބިވެއޭ ކޮއްކޮދެކެ.” އެންމެ ފަހު ޖުމްލަ ބުނެލި ވަގުތު ވިސާމްގެ އަޑު ކުރެހުނެވެ. މެއަށްވަމުން ދިޔަ ތަދެއްގެ ސަބަބުން އޭނަގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެފައިވިއެވެ. މިޝްކާ އޭނަގެ ކުޑަ ދެއަތުން ވިސާމްގެ މޫނުގައި ހިފަހައްޓާލިއެވެ.
“ބައްޕި ސޭޑްނުވޭ. ބައްޕި ތިބުނީ ހަމަ ތެދެއް. މަންމިއެއް ނެތަސް އަސްލު ކޮއްކޮ ވަރަށް ހެޕީ ބައްޕިއާއެކީ އުޅޭތީ. އެހެންނޫނަސް ކޮއްކޮ އަޑުއެހިން ވަރަށް ބޭޑް މަންމިމެން އުޅޭ ވާހަކަ.” މިޝްކާ އެންމެ ފަހުން ބުނެލި ވާހަކައިން ވިސާމްގެ މޫނުމައްޗަށް ވެރިވާން އުޅުނު ހިނިތުންވުން ވެސް ފިލައިފިއެވެ. އޭނަ މިޝްކާއަށް ބަލަބަލާހުއްޓާ ސްކޫލަށް ރަސްމީކޮށް ވަންނަ ރަނގަބީލު ޖަހައިފިއެވެ. މިޝްކާ އެއްފަހަރު ފުރަގަހަށް އަނެއްފަހަރު ވިސާމަށް ބަލާލަމުން ބާއިއޭ ކިޔައި ދާން ހިނގައިގަތެވެ. މިޝްކާ ލޯމައްޗަށް ގެއްލުނު ވަގުތު ވިސާމްގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. މިއަދު މި ފެނުނު މަންޒަރުން އޭނަގެ ހިތް ނުތަނަވަސްވެއްޖެއެވެ. އޭނަ ކިތަންމެ ބޭނުންވިޔަސް ބޮޑުވަމުން އަންނަ މިޝްކާ އޭނައަށް މުޅި ދުނިޔެއަށް ނުފޮރުވޭނެއެވެ. މިޝްކާއަށްޓަކައި މަންމައެއް ހޯދަން އޭނައަށް މާ ގިނަ ވަގުތެއްނެތް ކަމަށް އޭނަގެ ސިކުނޑި އަންގައިފިއެވެ. އެ ވާހަކަ ހިތަށް ވެރިވުމުން ވިސާމް ފުން ނޭވައެއް ދޫކޮށް ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. އެއަށްފަހު ކުޑަދޮރުގެ ބިއްލޫރިގަނޑު މައްޗަށް އަރުވަން ފެށީ އެއްވެސް އެކުވެރިއެއްގެ ފަރާތުން ވެސް މިޝްކާއަށް އޭނަގެ މަންމަގެ ވާހަކަ ނުއިވޭނެކަމަށް އުއްމީދު ކުރަމުންނެވެ. އަދި އެފަދަ ވާހަކައެއް އިވުނަސް އޭނަގެ ބައްޕައަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން މިޝްކާ އޭގެއިން އެއްވެސް ވާހަކައެއް ޤަބޫލު ނުކުރާނެކަމަށް ޔަޤީންކުރަމުންނެވެ.
ކޭކުތައް ހުރި ކުޑަ ފޮށްޓެއް ދެއަތުން ހިފައިގެން ގޯޅިއަކަށް އެޅި ވަގުތު ޝަފަޤްގެ ނިތުން ދާތިކިތައް ހިއްލަން ފަށާފައިވިއެވެ. ނުހަނު ކައިރިން އޭނަ ދާންއުޅޭ ފިހާރަ ފެނިފައި އޭނަ ހިތްވަރު ކޮށްފައި ފިޔަވަޅުތައް އަވަސްކޮށްލިއެވެ. މަގުގެ ވަކި ހިސާބަކަށް ދިޔަތަނާ އޭނަގެ ފޯނު ރިންގުވާ އަޑު ޝަފަޤަށް އިވުނެވެ. އޭނަ ފިޔަވަޅުތައް މަޑުޖައްސާލަމުން އޭނަގެ ފޮށި އެއްއަތަށް ލައި އޭނަ ލައިގެން ހުރި ކަކުލާއި ހަމައަށް އޮތް ކުރުތާގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. ނޮކިއާ ފޯނުގެ ކުޑަ ސްކްރީނުން އޭނައަށް ފެނުނީ އޭނަގެ ކޭކުތައް ވަރަށް ގިނައިން ގަންނަ އަންހެނެއްގެ ނަމެކެވެ. މިފަހަރު ވެސް އެމީހާ އެ ގުޅަނީ އޯޑަރެއްދޭން ކަން އެނގި ޝަފަޤް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ހަމަ އެ ވަގުތު ޝަފަޤް އެޅި ގޯޅިން އައިސް އެ މަގަށް ޓްރަކެއް އަންނަމުން ދިޔަ އަޑަށް ޝަފަޤް ފަސްއެނބުރި ބަލާލިއެވެ. ރަތް ކުލައިގެ އެ ބިޔަ ޓްރަކް ފެނިފައި ޝަފަޤް އިހުނަށްވުރެ ވެސް ބޮޑަށް މަގުގެ އެއްފަރާތަކަށް ޖެހިލިއެވެ. އެއަށްފަހު ކުރިމައްޗަށް ބަލާލަމުން ފޯނުގެ އަނެއްފަރާތުން ދައްކާ ވާހަކައެއް އިވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ފުރަގަހުން އަންނަމުން ދިޔަ ޓްރަކްގެ އަޑު ހަރުކަމުން އޭނައަށް އެ ވާހަކައެއް ސާފުވާ ގޮތެއް ނުވިއެވެ. އޭނައަށް ނުއިވުނީ ހަމައެކަނި ފޯނުގެ އަނެއްކޮޅުން ދެކެވެމުން ދިޔަ ވާހަކައެއް ނޫނެވެ. ދެންމެ އޭނަ އެޅި ގޯޅިން އަޅައި ސީދާ އޭނައާއި ދިމާލަށް ނޫކުލައިގެ ކާރެއް އަންނަން ފެށިކަން ވެސް އޭނައަށް ރޭކާނުލިއެވެ.
ދަށް ސްޕީޑެއްގައި ކާރު ދުއްވަމުން ގޮސް ގޯޅިއަކަށް އެޅި ވިސާމްގެ ސަމާލުކަން ދެވިފައިވީ ކުރިމަތިން ފެންނަމުން ދިޔަ މަގަކަށް ނޫނެވެ. އޭނަ ގޯޅިއަށް އަޅާލިއިރު އެ މަގުގައި އޮތް ޓްރަކް ކަނާތް ފަރާތަށް ޖެހިލީކަން އެއީ އޭނަގެ ނަސީބެވެ. ކުރިމައްޗަށް ނަޒަރު ހުއްޓިފައިވިޔަސް އޭނައަށް އޭނަގެ ކާރާއި ތަންކޮޅެއް ދުރުން ފެންނަމުން ދިޔަ އަންހެން ކުއްޖާ ނުފެންނަ ފަދައެވެ. އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައީ މިޝްކާ އޭނަގާތު އެންމެ ފަހުން ބުނެލި ޖުމްލައެވެ. ވަރަށް ގޯސް މަންމައިން ވެސް އުޅޭ ކަމަށް މިޝްކާ ބުނި ވާހަކައެވެ. އެ ޖުމްލައާއެކީގައި ވިސާމްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޚުދު އޭނަގެ އަމިއްލަ އާދޭސްތަކުގެ އަޑެވެ. އޭނަގެ ރޮވިފައިވާ އަޑު އިވުނުހެން ހީވި ވަގުތު ވިސާމްގެ މޫނުމައްޗަށް ވެރިވީ ރުޅިވެރިކަމާއި ހިތާމަވެރިކަން އެކުލެވޭފަދަ އަސަރެކެވެ. އޭނަގެ ހިތާމަވެރިކަމުގެ މައްޗަށް ރުޅިވެރިކަން ގަދަވެ އޭނަގެ މޫނު ރަތްވެގެން ދިޔަ ހިނދު އޭނަ ކާރުގެ ސްޕީޑް މަތިކޮށްލަން އުޅުނެވެ. އެހެނަސް އެވަގުތު ކާރުގެ ކުރިމަތިން ނުހަނު ކައިރިން އަންހެން ކުއްޖަކު ފެނިފައި އޭނަގެ ދެލޯ ބޮޑުވިއެވެ. ހިތަށް ވެރިވި ނުތަނަވަސްކަމާއެކީ އޭނަ ކުއްލިއަކަށް ބުރަކި ޖައްސާލިއެވެ.
ނުނިމޭ