Asr (Part 4)
އެހެނަސް އެވަގުތު ކާރުގެ ކުރިމަތިން ނުހަނު ކައިރިން އަންހެން ކުއްޖަކު ފެނިފައި އޭނަގެ ދެލޯ ބޮޑުވިއެވެ. ހިތަށް ވެރިވި ނުތަނަވަސްކަމާއެކީ އޭނަ ކުއްލިއަކަށް ބުރަކި ޖައްސާލިއެވެ.
ފުރަގަހުން އިވުނު ކާރުގެ ބުރަކީގެ އަޑަށް ޝަފަޤް އެދިމާލަށް ބަލަން އުޅުނު ތަނާހެން އޭނައަށް ވީނުވީއެއް ނޭނގި ކާރު އައިސް އޭނަ ގައިގައި ޖެހި އޭނަ ވެއްޓެން ދިޔައެވެ. އޭނަ ބަންޑުން ގޮސް ބިންމަތީގައި ޖެހުނު ވަގުތު އޭނަގެ އަތުގައި ހުރި ފޮށީގައި ހުރީ ކޭކުތައް މުޅި މަގަށް ފެތުރި އޭނަގެ ފޯނު އެއްލިގެން ގޮސް މާ ދުރުގައި ޖެހުނެވެ. އޭނަ ދެލޯ މަރައި ތަގުޅި ކޮށްގެން އޮތްވާ މަގުން ދުއްވާފައި ދިޔަ ޓްރަކް އަނެއް ފަރާތުން އޭނަ ފަހަނަޅައި ގޮއްސިއެވެ. އޭގެ މާ ގިނައިރެއްނުވެ އެތަނަށް މީހުން އެއްވާން ފެށިއެވެ.
ދެންމެ ކަންތައް ވީގޮތް ޤަބޫލުކުރަން ވެސް ބޭނުމެއް ނުވެފައި ވިސާމަށް ކާރު ތެރޭގައި ސިކުންތުކޮޅެއް ވަންދެން އިނދެވުނެވެ. އެހެނަސް މީހުން ގިނަވާން ފެށުމުން އޭނަ ހަމަހޭވެރިކަމެއް ލިބުނު ފަދައަކުން ކާރުން ފޭބިއެވެ.
“ޔޫ އޯކޭ؟” ކާރު ކުރިމަތީގައި ބަންޑުން އޮތް އަންހެން ކުއްޖާއާއި ހަމައަށް ގޮސް ވިސާމް ސުވާލުކުރިއެވެ. ވިސާމްގެ އަޑަށް ޝަފަޤް ދެލޯ ހުޅުވައި އެނބުރިލަން އުޅުނެވެ. އެހެނަސް އެވަގުތު އޭނަގެ ގައި ދަށުވެފައި އޮތް ކަނާތް އަތުގެ އުޅަނބޮއްޓާއި ދިމާލުން އިޙްޞާޞް ކުރެވުނު ތަދެއްގެ ސަބަބުން އޭނަގެ އަނގައިން ވޭނުން ފުރިގެންވި އަޑެއް ނިކުތެވެ.
“މިއީ ޝަފަޤްއޭ ދޯ؟ ޝަފަޤް ދަރިފުޅާ ކިހިނެއްތަ؟” މަންޒަރު ބަލަން ހުރި މެދު ޢުމުރުގެ އަންހެނަކު ޝަފަޤްގެ ގާތަށް ޖެހި ކުރުފައި މައްޗަށް ތިރިވިއެވެ. “ޝަފަޤް” އޭ ބުނި އަޑު އިވިފައި ވިސާމް ވަގުތުން ފޫހިވިއެވެ. އޭނަގެ ކާރުގައި ޖެހެންވީ ހަމަ އެކުއްޖާހެއްޔޭ ހިތަށްއެރިއެވެ.
“ޝަފަޤް، ތެދުވަން މަސައްކަތް ކޮށްބަލަ. އެއްވެސް ތަނަކަށް ތަދުވޭތަ؟” އެ އަންހެން މީހާ ޝަފަޤްގެ ކޮނޑުގައި ހިފަހައްޓާލަމުން ސުވާލުކުރިއެވެ. އެ އަޑު އިވިފައި ޝަފަޤް އިސްއުފުލައި ބަލާލިއެވެ. އެވަގުތު އެތާ އޭނަގެ ކައިރީގައި ހުރި ދައްތައާއެކީ ދުރުގައި ފިރިހެނުންވެސް އޭނައަށް ބަލަން ތިބިތަން ފެނިފައި އޭނަ ލަދުގަތެވެ. އޭނަ ވަގުތުން ތެދުވެގެން ދާން ބޭނުންވިއެވެ. އެކަމަށްޓަކައި ލިބުނު ހިތްވަރާއިއެކީ ޝަފަޤް އޭނަގެ އަތަށްވަމުން ދިޔަ ތަދާއެކީވެސް އެނބުރިލަމުން ތެދުވެލިއެވެ. އެވަގުތު އޭނަގެ ކައިރީގައި ފިރިހެނަކު ހުއްޓި ހުރިކަން އެނގި ޝަފަޤް އިސްއުފުލައި ބަލާލިއެވެ. މުށިކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއްގައި އޭނައަށް ބަލަން ހުރީ ކާކުކަން ނަގައިގަނެވުނުތަނާހެން އެމީހަކު ވާހަކަ ދެއްކިއެވެ.
“އޯކޭތަ؟” ބުމަގޮށްޖެހިފައިހުރެ ވިސާމް އެހެން އަހާލީ އަހާ ހިތުންނެއްނޫނެވެ. ކިތަންމެ ކުޑަ ސަމާލުކަމެއް ދިނަސް މި ކުއްޖާ އޭނަ ފަހަތުން ނުނެއްޓޭނެއޭ އޭނަގެ ހިތް ބުނަމުން ދިޔައެވެ.
“ކޮން އޯކޭއެއްތަ؟ މިއަދު ޝަފަޤް އަހަރުމެންގެ ފިހާރައަށް ގެންނަން ހުރި ހުރިހާ ކޭކެއް އެ ހަލާކުވީ. ކަލޭމެންނަށް ފައިސާ ބޮނޑި ބޮނޑިއަށް ލިބުނަސް އަހަރުމެން ފައިސާ ހޯދަނީ ބުރަ މަސައްކަތުންނޭ! ދެންވެސް ބަލައިގެން ތި ކާރުކޮޅު ދުއްވޭތޯ އުޅެބަލަ.” ޝަފަޤްއަށް އެހީވި އަންހެން މީހާ ރުޅިވެރިކަމާއެކީ ވާހަކަ ދެއްކުމުން ވިސާމްގެ ގާތަށް ވެސް ރުޅިއައެވެ.
“އަހަރެން ގަސްދުގައެއްނޫން އޭނަގެ ގައިގަ ޖެއްސީ. އޭނައަށް ވެސް ފަހަތަށް ބެލެންވާނެދޯ؟ ކަލޭމެން ފައިސާ ބޭނުމިއްޔާ އަހަރެން ފައިސާ ދީފާނަން.” އައި ރުޅީގައި މާ ބޮޑު ވިސްނުމެއްނެތި ވިސާމް އޭނަގެ ޖިންސްގެ ޖީބުން ވޮލެޓް ނަގައި އޭގެ ތެރެއިން ނެގި ފަސް ސަތޭކައިގެ ތިން ނޫޓު ބިންމަތީގައި އިން ޝަފަޤާއި ދިމާލަށް އުކާލިއެވެ. އުދުހިގެން ދިޔަ އެ ނޫޓުތައް ޝަފަޤްގެ ކައިރިން ދެފަރާތުގައި ބިންމަތީގައި ޖެހުނެވެ. ތަދުވަމުން ދިޔަ އަތުގައި އަނެއްއަތުން ހިފައިގެން އިން ޝަފަޤަށް އެއްފަހަރު އެ ނޫޓުތަކަށް އަނެއްފަހަރު ވިސާމާއި ދިމާލަށް ބަލާލެވުނެވެ. ވިސާމްގެ މޫނުމަތިން އޭނަ ދެންމެ ކުރި ކަމަކާމެދު ކުޑަކޮށް ވެސް ހިތާމަކުރިހެނެއް ހިއެއްނުވެއެވެ. އޭނަ ޝަފަޤަށް ބަލަން ހުރެފައި މީހުން އޭނައަށް ދެމުން ދިޔަ ނަޒަރުތަކަށް ވެސް ފަރުވާލެއްނެތި ކާރަށް އަރައި ކާރު ފަހަތަށް ޖައްސަން ފެށިއެވެ. އެއަށްފަހު އޭނަ އެ މަގަށް އެޅި ގޯޅިން އަނބުރާލަމުން ކާރު ދުއްވާލިއެވެ. ޝަފަޤަށް ނުރުހުންވެފައި އެދިމާލަށް ބަލަން އިނދެވުނެވެ. އެތައް ހާސް ޖަޒުބާތެއް އޭނަގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. އޭނަ އިންގޮތަށް އިންދާ އެއްކަލަ އަންހެން މީހާ އައިސް އޭނަ ކަނާތް އަތުގައި ހިފައި ތެދުކުރުވަން އުޅުނެވެ. އެއާއެކު އަނެއްކާވެސް ޝަފަޤްގެ އަތަށް ތަދުވެ އޭނައަށް އަޑެއް ލައްވާލެވުމުން އެ އަންހެން މީހާ ކޮންމެވެސް މީހަކު ޝަފަޤް ހޮސްޕިޓަލަށް ގެންގޮސްދިނުމަށް އެދުނެވެ.
**
ގެއަށް ގޮސްފައިވެސް ވިސާމް އެދުވަހު ހިނގައިދިޔަ ޙާދިސާއާއިމެދު ހިތާމައެއް ނުކުރެއެވެ. އޭނަ ޙަޤީޤަތުގައި ވެސް ދެކުނީ އޭނަގެ އެއްވެސް ކުށެއް ނެތް ކަމަށެވެ. ޝަފަޤާއި ދިމާލަށް ނޫޓުތައް އުކައިގެން ވެސް އެ ކުއްޖާ އޭނައާއި ދުރުގައި ހުރިއްޔާ ރަނގަޅެއްނޫންހޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. ވިސާމް އެ ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލާފައި އިނީ އޭނަ ޢާއްމު ގޮތެއްގައި ޅެން ލިޔަން ހުންނަ ކޮޓަރީގެ މޭޒެއްގެ ދޮށުގައެވެ. އެ މޭޒުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕެއް ހުއްޓެއްކަމަކު ވިސާމް އޭނަގެ ޅެން ލިޔަމުން ދިޔައީ ނޯޓު ފޮތެއްގައި ގަލަމަކުންނެވެ. ޅެން ލިޔަމުން ދިޔައިރު އޭނަ އާ ރާގަކާއިމެދު ވިސްނަމުން ދިޔައީތީ އެވަގުތު އެ ކޮޓަރިއަށް ވެރިވެފައި އޮތީ މަރު ހިމޭންކަމެކެވެ. އެ ކޮޓަރީގައި ވިސާމްގެ ކިޔަވާ މޭޒުގެ އިތުރުން ބޮޑު ދެ ސްޕީކަރާއި ސީޑީތަކުން ފުރިފައިވި ހަރުގަނޑެއްވިއެވެ. އެ ހަރުގަނޑުގެ ކައިރީގައި ފާރަށް ލައްޕާލެވިފައިވި ކަޅުކުލައިގެ ގިޓާއެއްވީއިރު ކޮޓަރީގެ އަނެއް ފަރާތުން ޑްރަމް ސެޓެއް ފެންނަމުން ދިޔައެވެ. ޑްރަމް ސެޓްގެ ކައިރީގައި އިލެކްޓްރިކް ޕިއާނޯއެއްވީއިރު އޭގެ ކައިރިން ފާރުގައި ތަތްކުރެވިފައިވީ ސްޓޭޖެއްގެ މަތިން ޕިއާނޯ ކުޅެން އިން ވިސާމްގެ ފޮޓޯއެކެވެ. އެ ފޮޓޯގެ އިތުރުން ވެސް ވިސާމްގެ އެކި އެކި ފޮޓޯތައް ކޮޓަރީގެ ހަތަރު ފާރުން ފެންނަމުން ދިޔައެވެ.
ވިސާމް އޭނަގެ ޅެން ނިންމާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން ގޮނޑިއަށް ލެނގިލިއެވެ. އެއަށްފަހު އޭނަގެ ނޯޓު ފޮތް ހިއްލާލީ ޅެން އަދިވެސް އެއްފަހަރު ކިޔާލުމަށެވެ. އެހެނަސް އެކަމަށް ހުރަސް އެޅިގެން ދިޔައީ މޭޒުމަތީގައި އޮތް އޭނަގެ ފޯނުން ލުއި މިޔުޒިކެއްގެ އަޑު އިވެން ފެށުމުންނެވެ. ވިސާމް އޭނަގެ ފޯނަށް ބަލާލިއިރު އެއިން ފެނުނީ އޭނަގެ އެކުވެރިއެއްގެ ނަމެކެވެ. ވިސާމް މާބޮޑު ވިސްނުމެއްނެތި ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ؟” ވިސާމް އެހެން ބުނެލަމުން އެކޮޅުން ދައްކާނެ ވާހަކައަކަށް އިންތިޒާރު ކުރިއެވެ. މާގިނައިރެއްނުވެ އިވުނު ވާހަކައަކުން ވިސާމްގެ ބުމަގޮށްޖެހުނެވެ. އޭނަ މާ ގިނައިރެއްނުކޮށް ފޯނު ކަނޑާލިއެވެ. އެއަށްފަހު އޭނަގެ ފޯނުން އޮންލައިން ނޫހަކަށް ވަދެލިއެވެ. އެ ނޫހުގެ އެންމެ ފަހުގެ ޚަބަރަކަށް ލިޔެވިފައި އޮތީ ވިސާމްގެ ކާރުގައި އަންހެން ކުއްޖަކު ޖެހި އެކްސިޑެންޓެއް ހިނގި ވާހަކައެވެ. އެ ޞުރުޚީ ފެނިފައި ވިސާމްގެ ހިތަށް ކުއްލިއަކަށް ނުތަނަވަސްކަމެއްވަނެވެ. ވާނީވެސް އެހެންތާއެވެ. އޭނަ ޚުދު އަމިއްލަ ނަފްސުގާތު ވެސް އޭނަ ވަކި މީހަކަށް ބިރުނުގަންނަކަމަށް ބުނަމުން ދިޔައެއްކަމަކު އޭނަގެ މަޝްހޫރުކަމަށް ބުރޫއަރާފާނެތީ އޭނަ އިންތިހާއަށް ބިރުގަނެވެ. ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް އޭނައަށް އެންމެ މުހިއްމު ކަމަކަށްވަނީ އޭނަގެ ސަޕޯޓަރުން އޭނައާއިމެދު ދެކޭގޮތެވެ. އެހެނަސް އެ އިޙްޞާޞް މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރަމުން ވިސާމް އެ ޞުރުޚީގެ ދަށުން ލިޔެވިފައިވި ޚަބަރު ކިޔަން ފެށިއެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި އޭނަގެ ކާރުގައި އަންހެން ކުއްޖަކު ޖެހި އެކުއްޖާއަށް ޒަޚަމްވި ވާހަކަ އެ ޚަބަރުގައި ލިޔެވިފައިވިއެވެ. މި އެކްސިޑެންޓްގެ ސަބަބުން އެ އަންހެން ކުއްޖާ ފިހާރައަކަށްލާން ގެންދިޔަ ކޭކުތައް ހަލާކުވި ވާހަކައާއި އެކުއްޖާގެ އަތްވެސް ބިނދުނު ވާހަކަ އޮތެވެ. މީގެ އިތުރުން ވިސާމް އެކުއްޖާއަށް އެހީވުމެއްނެތި އޭނަ ފައިސާ ދީފާނެކަމަށްބުނެ އެކުއްޖާއާއި ދިމާލަށް ފައިސާގެ ނޫޓުތައް އުކި ވާހަކަ ވެސް އޮތެވެ. އެ ވާހަކަ ކިޔާފައި ވިސާމްގެ ހިތް އިތުރަށް ނުތަނަވަސްވިއެވެ. އޭނަ ޚަބަރުގައި އިތުރަށް ލިޔެވިފައިވި އެއްޗެއް ކިޔުމެއްނެތި ތިރިއަށް ދިޔައީ ކޮމެންޓުތައް ކިޔުމަށެވެ. އެންމެ ފުރަތަމަ ވެސް އޭނައާއި ދެކޮޅަށް އޮތް ކޮމެންޓެއް ފެނުނު ވަގުތު ވިސާމްގެ މޫނުމަތިން ސާބިތުކަމެއް ފެނުނަސް އޭނަގެ ހިތް ގެނބުނެވެ. އެހެނަސް އެ ކޮމެންޓަށް ލިބިފައިވި ޑިސްލައިކްސްގެ ޢަދަދު ފެނިފައި އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނަ އިތުރު ކޮމެންޓްތައް ބެލިއިރު އޭނަގެ ދިފާޢުގައި ލިޔެވިފައިވި ކޮމެންޓްތައްވެސް މަދެއް ނޫންކަން އެނގުންވުމުން އޭނައަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ ފޯނު މޭޒުމަތީގައި ބާއްވައި ގޮނޑިއަށް ލެނގިލަމުން އަނެއްކާވެސް އޭނަގެ ޅެމަށް ބަލާލިއެވެ. އޭނަ އާ އަލްބަމެއް ނެރުނު ދުވަހަކުން އެންމެން މި ޙާދިސާގެ މަތިން ހަނދާން ނައްތާލާނެކަމަށްބުނެ ވިސާމް އަމިއްލަ ހިތަށް ވިސްނައިދިނެވެ. އެއަށްފަހު އޭނަގެ މަސައްކަތަށް ސަމާލުކަން ދެވޭތޯ ބެލިއެވެ.
**
“ފުރުޞަތު އައިސް ކަލޭގެ އަތްމަތީގައި އޮންނައިރު ވެސް ކަލެއަކަށް ނޭނގޭ އޭގެ ބޭނުން ހިފަން. މިއަދު އެހެންޏާ އަހަރުމެންނަށް ވިސާމާއި ގުޅުން ބަދަހި ކުރެވުނީސް! ނޭނގުނީތަ ތި އަތަށް ތަދުވާ ވާހަކަ ބުނެލަން ވެސް؟!” ޒަމީނާ ޝަފަޤާއިއެކީ ގެއަށްވަދެ ދޮރު ލައްޕާލަމުން އޭނަގެ ކޮނޑުގައި އަތްއަޅައި ކޮއްޕާލިއެވެ. އެކަހަލަ ކަންތައްތަކަށް އާދަވެފައި ހުރި ޝަފަޤް ނުވެއްޓި ސަލާމަތްވިއެވެ. އެހެނަސް އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ޝަފަޤްގެ ކޮނޑަށް މާ ބޮޑަށް ތަދުވިއެވެ. އެއީ އޭނަގެ ދަގަނޑު ބޭސްގަނޑު އެޅިފައިވި އަތުގެ ކޮނޑު ކަމަށްވާތީ ކަމަށްވެސް ވެދާނެއެވެ. އެހެންނޫނަސް އެކްސިޑެންޓް ހިނގި ފަހުން އޭނަގެ ގައިގެ އެތަން މިތަން ރިއްސަމުން ދިޔައެވެ. ހޮސްޕިޓަލަށް ގޮސް އޭނަ ޑޮކްޓަރަށް ހުރިހާ ވާހަކައެއް ކިޔައި ނުދިނީ އޭނަ ހޮސްޕިޓަލްގައި ބާއްވަން ޖެހިދާނެތީވެއެވެ. އޭނަ އެނދުމަތި ކުރެވިއްޖެނަމަ އޭނަ އެނދުގައި އޮތްހާ ހިނދަކު ޒަމީނާގެ ހަޅޭއްލެވުންތަކުން އޭނަ ސަލާމަތް ނުވާނެކަން އެނގޭތީ ޝަފަޤް އެގޮތް ބޭނުމެއްނުވީއެވެ. ޒަމީނާގެ ރުޅިވެރި ބަސްތައް މާ ގިނައިން ހުއްޓުމެއްނެތި އިވެން ފަށައިފިނަމަ އޭނަގެ އަމިއްލަ ރުޅި ކޮންޓްރޯލް ނުކުރެވިދާނެތީވެއެވެ.
މި ވަގުތުވެސް ޒަމީނާ އެއްޗެހި ގޮވަމުން ދިޔައިރު ޝަފަޤް އޭގެއިން އެއްވެސް ވާހަކައެއް ނުއިވޭ ކަމަށް ހަދައި އޭނަގެ ބޭސްގަނޑުގައި އަނެއްއަތުން ހިފަހައްޓައިގެން ގޮސް ސިޓިންގް ރޫމުގައި ހުރި ފަތްޖެހި ގޮނޑީގައި އިށީނެވެ. އޭގައި އޮށޯންނަން ހިތަށް އެރިއެއްކަމަކު އޭނަގެ އެ ޙަރަކާތުންވެސް ޒަމީނާގެ އަޑުހަރުވުން ނޫންކަމެއް ނުވާނެކަން އެނގި އޭނަ އިންގޮތަށް އިނެވެ. ޒަމީނާ ވިސާމްގެ ވާހަކަ ދައްކަމުން ދިޔަދިޔަހެން މިއަދު ކަންތައް ހިނގައި ދިޔަގޮތް ޝަފަޤްގެ ލޯ ކުރިމަތިން ސިފަވެގެން ދިޔައެވެ. އެއާއެކު އޭނަގެ ހިތް ވިސާމަށްޓަކައި ނުރުހުންތެރިކަމުން ފުރެން ފެށިއެވެ. ހިތާހިތުން އޭނައާއި ދިމާލަށް އެއްޗެހި ގޮވުނެވެ. ޒަމީނާ ވިސާމާއި އޭނަގެ ކައިވެންޏޭ ކިޔައި ވާހަކަ ދެއްކުމުން އެއަށްވެސް އޭނަގެ ހިތް ހަޅޭއްލެވިއެވެ. އެ ހިތުގެ ހަމަޖެހުން ގެއްލުނު ވަގުތު ޝަފަޤްގެ މޫނު ރުޅިން ރަތްވިއެވެ. އެ ހިތުގައިވި ބަސްތައް ޝަފަޤްގެ ދުލާއި ހަމައަށް އަންނަން އުޅުނު ވަގުތު ޒަމީނާގެ ފޯނު ރިންގުވާން ފެށިއެވެ. އެއާއެކު ޒަމީނާ ވެސް ހިމޭންވިއެވެ. ޝަފަޤް ބަލަބަލާ އިންދާ ޒަމީނާ އޭނަގެ ދިގު ހެދުމުގެ އެއްފަރާތުގައި ހުރި ޖީބުން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހަލޯ!” ޒަމީނާ ބުމަގޮށްޖެހިފައިހުރެ ނުރުހުންތެރި އަޑަކުން ގޮވާލިއެވެ.
“ޒަމީ….މިއީ މައިމޫނާއޭ. ނިކަން ޝަފަޤްގެ އަތަށް ފޯނު ދީބަލަ. އޭނަ ގެއަށް ފޮނުވައިފިތަ؟” އެކޮޅުން ވާހަކަ ދެއްކީ މިއަދު ޝަފަޤަށް އެހީވެދިން މެދު ޢުމުރުގެ އަންހެން މީހާއެވެ. މައިމޫނާގެ އަޑު އިވިފައިވެސް ޒަމީނާ ފޫހިވިއެވެ. ޝަފަޤަށް ހެޔޮއެދޭ މީހަކުދެކެ ވެސް އޭނަ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އެހެންނޫނަސް މައިމޫނާއަކީ ޒަމީނާގެ “ޤަދަރު” ލިބޭނެހާ ވަރަށް މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ މީހެއްނޫނެވެ.
“އާނ……ރަނިކަމަނާ ގޭގަ އެބައިންނެވި. އަނ! ވާހަކަ ދައްކާ.” މައިމޫނާއާއި އިތުރު ވާހަކަތަކެއް ދައްކަން ބޭނުންނުވެގެން ޒަމީނާ ޝަފަޤްގެ އަތަށް ފޯނު ދިއްކޮށްލިއެވެ. ޝަފަޤް ޖެހިލުންވުމަކާއެކީ އޭތި ހޯދީ ގުޅީ ކާކުކަން ނޭނގޭތީވެއެވެ. އޭނަ ފޯނު ކަންފަތުގައި ޖައްސާލަމުން ސަލާމް ގޮވާލިއެވެ. އެ މަންޒަރު ފެނިފައި ޒަމީނާ ދާން ހިތަށްއެރިއެއްކަމަކު މަޑުކޮށްލީ މައިމޫނާގެ ފަރާތުން ވިސާމްގެ ޚަބަރެއް ލިބިދާނެއޭ ހިތާއެވެ. ވިސާމް އެންމެ ފުރަތަމަ ޝަފަޤް ދޫކޮށްފައި ދިޔަޔަސް ލޯބީގެ ވާހަކަތަކުން ވާފަދައިން ވިސާމްގެ ހިތަށް ކެތް ނުކުރެވިގެން އޭނަ ގޮސް މައިމޫނާ ކައިރިން ޝަފަޤްގެ ޙާލު ބެލީބާއޭ ޒަމީނާގެ ހިތަށްއެރިއެވެ. އެއާއެކު އޭނައަށް ވިސްނެންފެށީ ވިސާމް ޝަފަޤާއި ކައިވެނިކޮށް އޭނަ ޝަފަޤްގެ ބޮޑުދައިތައަށްވީތީ ވިސާމް އޭނައަށް ބޮޑު ގެއަކާއި، އެތައް ލާރިއެއްދޭ މަންޒަރެވެ. ޒަމީނާއަށް އޭނަގެ ފޮނި ޚިޔާލުތަކަކުން ނިކުމެވުނީ ޝަފަޤްގެ އަޑަށެވެ.
“ކީކޭ؟! އަސްލުވެސްތަ މައިއްތަ؟” އެކޮޅުން ދެއްކި ވާހަކައަކުން އުޖާލާވެގެން ދިޔަ މޫނަކާއެކީ ޝަފަޤަށް އަހާލެވުނެވެ. ޝަފަޤަށްވެގެން ދިޔަ ގޮތުން ޒަމީނާގެ ނިތަށް ރޫގިނަވިއެވެ.
“އާނ ޝަފަޤް. ޝަފަޤްގެ ފޯނު ހަލާކުނުވެ އޮތީ އެއީ ޝަފަޤްގެ ނަސީބު ރަނގަޅުކަމުން. ދައްތަ އޭތި ހިފައިގެން ގޮސް ގެއަށް ވަތްތަނާ ރަޝީދާ ގުޅީ. އެންމެ ފުރަތަމަ ވެސް ބުނީ މި އުޅެނީ ރިކޯޑަށް އަރާނެ ވަރުގެ އޯޑަރެއް ދޭންވެގެންނޭ. ހެހެ…..ރަޝީދާ ވެސް ދެރަވި ޝަފަޤްގެ އެކްސިޑެންޓްގެ ވާހަކަ ބުނީމަ. އަނެއްކާ ތި އަތް ރަނގަޅު ވާނެދޯ އަންނަ ހަފްތާގެ ހުކުރު ދުވަހާ ހަމައަށް؟” މައިމޫނާގެ ވާހަކަ ފެށިއިރު ޝަފަޤްގެ މޫނުމަތީގައިވި ފުރިހަމަ ހިނިތުންވުން ވާހަކަ ކުރިއަށް ދިޔަދިޔަހެން ފޭދިގެން ދިޔައެވެ. މައިމޫނާގެ ފަހު ސުވާލާއެކީ ޝަފަޤަށް ގެނބެމުން ދިޔަ ހިތަކާއެކީ އޭނަގެ ބޭސްގަނޑު އެޅިފައިވާ އަތާއި ދިމާލަށް ބަލާލެވުނެވެ. އޭނަގެ ހަނދާނަށް އެވަގުތު އައީ އެ ބޭސްގަނޑު ނެގޭނީ 1 މަސްފަހުން ކަމުގައި ޑޮކްޓަރު ބުނި ހަނދާނެވެ. އެއާއެކު އޭނައަށް މާޔޫސީ ގޮތަކަށް ކުރު ނޭވައެއް ދޫކޮށްލަމުން ދެލޯ މަރާލެވުނެވެ.
“ޝަފަޤް؟ ޝަފަޤް ކިހިނެއް؟ އަތް ރަނގަޅުތަ؟” މައިމޫނާ އެއްފަހަރާ އެތައް ސުވާލެއް ކުރިއެވެ. ޝަފަޤް އޭނަގެ ދެލޯ ހުޅުވާލިއެވެ.
“ރް….ރަނގަޅެއްނޫން މައިއްތަ….އަހަންނަށް ނުނެގޭނެ އެ އޯޑަރެއް.” ޝަފަޤް ﷲ މަތިން ހަނދުމަކޮށް އޭނަގެ ހިތް ހަމަޖައްސަން މަސައްކަތް ކުރަމުން ބުންޏެވެ. ﷲ އޭނައަށް ދެއްވަން އިރާދަކުރައްވައިފި ރިޒުޤެއް އޭނަ ނުލިބޭނެ ގޮތެއް ނޯންނާނެކަން ހަނދާން ކުރަމުންނެވެ. އަދި ﷲ އޭނައަށް ދެއްވަން ލިޔުއްވާފައި ނެތް އެއްޗެއް އޭނަ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އޭނައަށް ނުލިބޭނެކަން އަމިއްލަ ނަފްސަށް ހަނދާން ކޮށްދެމުންނެވެ.
“ކީކޭ؟ އަތް ހަމަ ބިނދުނީދޯ؟ އެ ވިސާމް ޝާހިދުގެ ކަންތައް! އޭނަ ޖެހޭނެ ޝަފަޤަށް މި ލިބުނު ގެއްލުމުގެ ބަދަލުދޭން!!” މައިމޫނާ އައި ރުޅިއާއެކީ ހަޅޭއްލެވިއެވެ.
“މައިއްތާ! އަހަރެން ދެން ބޭނުމެއް މި މައްސަލައިގެ ވާހަކަ ދައްކާކަށް. އަހަރުމެން ކިތަންމެ ބޭނުންވިޔަސް އިންސާފު ލިބޭނީ މަދު ފަހަރަކު. އެންމެ ރަނގަޅު ވާނީ އަހަރެން މި ދުވަސްމަތިން ހަނދާން ނައްތައިފިއްޔާ.” ޝަފަޤް ބުނެލިއެވެ. މައިމޫނާ ފުން ނޭވައެއް ދޫކޮށްލިއެވެ.
“ތިބުނީ ހަމަ ތެދެއް…..އެ ވިސާމް ޝަފަޤްއާ ދިމާލަށް އުކި ނޫޓުތައް އެބަހުރި ދައްތަ އަތުގަ. ހިތަށްއެރި އެ އެއްޗެހި އަންދާލާނަމޭ. އޭނަ ހީކުރަނީތަ ޝަފަޤްއަކީ ފައިސާ ނުލިބިގެން އުޅޭ މީހެކޭ؟” މައިމޫނާގެ ރުޅި އަނެއްކާވެސް ގަދަވާން ފެށިހެން ހީވުމުން ޝަފަޤް ވާހަކަ ދެއްކިއެވެ.
“މައިއްތާ ދެން ފޯނު ބާއްވަނީ އިނގޭ؟ އަހަރެން މިދަނީ އަރާމުކުރަން.” ޝަފަޤް ބުނެލިއެވެ. މައިމޫނާ އެންމެ ރަނގަޅޭ ބުނެލަމުން ފޯނު ކަނޑާލިއެވެ. ޝަފަޤް ފޯނު ކަންފަތުން ނަގާލަމުން އިސްއުފުލާލިތަނާހެން އޭނައާއި ޒަމީނާގެ ހަތަރުކަޅި ހަމަވިއެވެ.
“ކޮން އޯޑަރެއް ނުނެގޭނެއޭތަ؟” ޒަމީނާ ދެއަތް އުރައި ނިތަށް ރޫއަރުވައިގެން ހުރެ ސުވާލުކުރިއެވެ.
“އެއީ……ކޮންމެވެސް މީހެއްގެ ކޭކު އޯޑަރެއް. އަހަންނަކަށް އޭތި ނުނެގޭނެއެއްނު؟” ޝަފަޤް އެއްފަހަރު އޭނަގެ އަތަށް އަނެއްފަހަރު ޒަމީނާއަށް ބަލާލަމުން ބުންޏެވެ.
“ބޮޑު އޯޑަރެއްތަ؟” ޒަމީނާ ދެންވެސް ހުރިގޮތަށް ހުރެ އަހާލިއެވެ. ޝަފަޤް އިންގޮތަށް އިނދެ ބޯޖަހާލިއެވެ. އެއާއެކު ޒަމީނާ ކުއްލިއަކަށް އައިސް އެއްއަތުން ޝަފަޤްގެ ދެކޮލުގައި ބާރަށް ހިފަހައްޓާލިއެވެ.
“ކަލޭގެ ފުށުން މަށަށް ހެވެއް ލިބޭނެ ދުވަހެއް ހަމަ ނުފެންނާނެދޯ؟! ކަލޭގެ މަންމަހެން ހަމަ ކަލޭވެސް. ހިތުން މާ ދީންވެރި މީހެއް ކަމުގައި ހެދިގެން އޭނަ ވެސް އުޅުނީ މީހުންގެ ހިތް އަތުލަންވެގެން. އެކަމަކު އޭނަވެސް އުޅުނީ ވަކި ރަނގަޅަކަށްނޫނޭ. އޭނަވެސް…..” ޒަމީނާގެ ވާހަކަ މެދުކެނޑުނީ ޝަފަޤް ދައްތާއޭ ކިޔައި ބާރަށް ގޮވާލުމުންނެވެ. ޒަމީނާއަށް ޝަފަޤްގެ ކޮލުން ދޫކޮށްލެވުނު ވަގުތު ޝަފަޤްގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. މީހަކު އޭނައާއިމެދު ކިތަންމެ ނުބައި ވާހަކައެއް ދެއްކިޔަސް އޭނައަށް ކެތްކުރެވިދާނެއެވެ. އެހެނަސް އޭނަގެ މަންމަގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވާ އަޑު އެހުމަކީ ޝަފަޤް ދުވަހެއްގެ ކޮޅުންވެސް ރުހޭނެކަމެއްނޫނެވެ. އޭނަ ކުއްލިއަކަށް ކޮޅަށް ތެދުވެގެން އޭނަގެ ކޮޓަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ. ޒަމީނާ ރުޅިވެރި މޫނަކާއެކީ އޭނަ ދިޔަތަން ބަލަން ހުއްޓެވެ.
ސްކޫލްގެ ރަނގަބީލު ޖަހާލުމާއެކު ކުޑަ ދަބަސްތައް ކޮނޑުގައި އަޅުވައިގެން ތިބި ކުދިންތައް ސްކޫލުން ނިކުންނަން ފެށިއެވެ. އޭގެތެރެއިން ކޮންމެ ކުއްޖަކު ވެސް އެކުއްޖެއްގެ ބެލެނިވެރިޔާއާއި ބައްދަލުވަމުން ދިޔަ ވަގުތު ވާހަކަތައް ދައްކަމުން ދިޔައީތީ މުޅި ޞަރަޙައްދު ހިސާބަކަށް އަޑުގަދަވެފައިވިއެވެ. ސްކޫލްގެ ގޭޓުން ފުދޭވަރަކަށް ގިނަ ކުދިން ނިކުތްފަހުން މިޝްކާ އޭނަގެ ގާތް އެކުވެރިޔާ ޝައިހާއާއި އެކީ ގޭޓު ކައިރީގައި މަޑުކޮށްލިއެވެ.
“އަދި ބައްޕި ނާދޭ މިޝީ ބަލާ.” މިޝްކާ ވަށައި ހޯދަމުން ތުން ދިގުކޮށްލިއެވެ.
“ޝައިގެ މަންމިވެސް ނާދޭ. މިޝީ! މިޝީގެ ބައްޕި ބުނިތަ ހަމަ މިޝީގެ މަންމި އަންނާނެއޭ؟” ޝައިހާ ސުވާލުކުރިއެވެ.
“އާނ ބުނި. ބައްޕި ދޮގު ނަހަދާނެ.” މިޝްކާ އޭނަގެ ބައްޕައަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ސާބިތުކަމާއެކީ ބުންޏެވެ. ޝައިހާ އިތުރު އެއްޗެކޭ ބުނަން އުޅުނު ވަގުތު އޭނަގެ މަންމަ އޭނަގެ ކައިރިއަށް ހުއްޓިލަމުން އޭނަގެ ދަބަސް ނަގަން އުޅުނެވެ.
“އޮހް….މިއޮތް އައީ މަންމި. ދަނީ އިނގޭ މިޝީ؟” ޝައިހާ ހިނިތުންވުމަކާއެކީ ބުންޏެވެ.
“މިޝްކާގެ ބައްޕި އަދި ނާންނަނީތަ؟ ތަންކޮޅެއް ލަސްވެދާނެ ކަންނޭނގެ މިއަދު. މިޝްކާގެ ބައްޕިގެ ކާރުގައި ކުއްޖަކު ޖެހި އެކްސިޑެންޓެއްވެއްޖެ މިއަދު.” ޝައިހާގެ މަންމަ ބުނި ވާހަކައިން މިޝްކާ ކަންބޮޑުވިއެވެ.
“އެކްސިޓެންޓް؟! ބައްޕި އޮތީ ހޮސްޕިޓަލުގަތަ؟” މިޝްކާއަށް ވިސްނުނީ އެންމެ ގޯސްކޮށެވެ. އެ މައުސޫމް މޫނުމައްޗަށް ހިތާމަވެރިކަން ވެރިވިއެވެ.
“ނޫނޭ ކޮއްކޯ. އެއީ ކުޑަ އެކްސިޑެންޓެއް. ބައްޕިއަށް ގޮތެއްނުވޭ. އެ ކާރުގައި ޖެހުނު ކުއްޖާ ވެއްޓުނީ.” ޝައިހާގެ މަންމަ ލޯބިން ކިޔައިދިނެވެ. މިޝްކާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ކާރެއްގެ އަޑަށް ތިން މީހުންނަށް ވެސް އެދިމާލަށް ބަލާލެވުނެވެ. ވިސާމްގެ ކާރު ޕޭވްމެންޓް ކައިރިއަށް މަޑު ކޮށްލި ވަގުތު ޝައިހާގެ މަންމަ އެއޮތް އައީހެއްނޫންހޭ ބުނެލިއެވެ. މިޝްކާ ވަގުތުން ދުވެފައި ކަހަލަ ގޮތަކަށް ކާރަށް އަރަން ދިޔައެވެ.
“ސޮރީ އިނގޭ. ބައްޕި މިއަދު ލަސްވީ ޙަސަންބެ ކާރަށް ތެޔޮ ނާޅާ ހުންނާތީ. އެނީވޭސް، ހައު ވޯޒް ސްކޫލް؟” މިޝްކާ ކާރަށް އެރިތަނާހެން ވިސާމް އުޖާލާވި ހިނިތުންވުމަކާއެކީ ވާހަކަ ދެއްކިއެވެ.
“ބައްޕި….މިއަދު ބައްޕިގެ އެކްސިޓެންޓެއް ހިނގީތަ؟” މިޝްކާ ކަންބޮޑުވުން އެކުލެވިފައިވި ދެލޮލުން ވިސާމަށް ބަލާލަމުން އަހާލިއެވެ. ވިސާމްގެ ހިނިތުންވުން ފަނޑުވިއެވެ.
“ކާކުތަ ކޮއްކޮ ކައިރި ބުނީ؟” ވިސާމް ސުވާލުކުރިއެވެ.
“ޝައިގެ މަންމަ.” މިޝްކާ ޖަވާބުދިނެވެ. އެއާއެކު ވިސާމްގެ މޫޑު ޚަރާބުވިއެވެ. މީހުން އެ މީހުންނާ ނުބެހޭ ވާހަކަ ދައްކަނީ ކީއްކުރަންހޭ އޭނަގެ ހިތަށްއެރިއެވެ. ރުޅިއައެއްކަމަކު މިޝްކާގެ ކުރިމަތީގައި އެކަން ނުދެއްކުމަށްޓަކައި ވިސާމް މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.
“ކޮއްކޯ….އެއީ ބައްޕިއަށް ރަނގަޅަށް ނުބަލާ ކާރު ދުއްވުނީތީ އެހެންވީ. ކާރުގައި ޖެހުނު ކުއްޖާއަކަށް އެހާ ބޮޑު ގެއްލުމެއް ލިބުނުހެނެއް ހިއެއްނުވޭ.” ވިސާމް ކިޔައިދިނެވެ.
“ދެން ޕޮލިސް އަންނާނެދޯ ބައްޕި ނަގަން؟ ކާރޓޫންތަކުން ފެންނަހެން؟” މިޝްކާ ދެންވެސް ބިރުގެންފައިވި ހިތަކާއެކީ ސުވާލުތައް ކުރިއެވެ. ވިސާމަށް ހީލެވުނެވެ.
“ނޫނޭ ކޮއްކޯ. އެއީ ބައްޕަ ޤަޞްދުގައި ކުރި ކަމެއްނޫނޭ. އެހެންވީމަ ނާންނާނެއެއްނު؟” ވިސާމް ބުންޏެވެ. މިޝްކާ ޕްރޯމިސްތޯ އެހުމުން އޭނަ އާދައިގެ މަތިން ޕްރޯމިސްއޭ ބުނެލިއެވެ. އެއަށްފަހު މަޢުޟޫއު ބަދަލުކޮށްލަމުން ކާރު ދުއްވާލަން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު އެހެން ބެލެނިވެރިއެއްގެ ސައިކަލެއް އޭގެ ކުރިމައްޗަށް އެރީތީ ވިސާމް ބަރުގޮނު އަޅަން ފެށިއެވެ.
ސިންގަލް ބެޑެއްގައި ނިދަން އޮތް ހުދާގެ ދެލޯ ތަގުޅިވެގެން ދިޔައީ އެ ބަރުގޮނުގެ އަޑަށެވެ. އޭނަ އެންމެ ފުރަތަމަ ކައިރީގައި އޮތް ބާލީސް ނަގައި މޫނުމަތީގައި އަޅާލަމުން އެ ކުޑަ ކޮޓަރީގައި ފަރުދާއެޅިފައި ހުރި އެންމެ ކުޑަ ދޮރަށް ފުރަގަސްދިނެވެ. އެހެނަސް ބަރުގޮނުތަކުގެ އަޑަށް ހުއްޓުމެއް ނައުމުން ހުދާ އައި ރުޅީގައި އެނދުން ތެދުވިއެވެ. އެވަގުތު ކަޅުކުލައިގެ ދިގުކޮށް އޮތް އޭނަގެ ތުނި، ފަން އިސްތަށިގަނޑުން ބައެއް އޭނަ މޫނުމައްޗަށް ވެއްޓިފައިވިއެވެ. ހުދާއެކޭ ޑްރާމާއަކުން ފެންނަ ބަޠަލާއެކޭ ތަފާތެއް ނެތެވެ. ނިދިން ހޭލިއިރު ވެސް އޭނަވަނީ މޭކަޕް ކުރެވިފައެވެ. މޭކަޕް ކުރުމަށްޓަކައި ހުދާއަށް ވަކި ގަޑިއެއް ނޯވެއެވެ. އެހެންކަމުން އޭނަ ރޭ ތުންފަތުގައި ޖެއްސި ފިޔާތޮށި ކުލައިގެ ލިޕްސްޓިކާއި ލޮލުގައި އެޅި އައިލައިނާގެ އަސަރުތައް އަދިވެސް ފެންނަން އެބަހުއްޓެވެ. ފައުންޑޭޝަންގެ ސަބަބުން އޭނަގެ މޫނު ދޮންވަރަށްވުރެ ވެސް ދޮންކޮށް ދައްކަމުން ދިޔައެވެ. އަނދުން އެޅިފައިވި ބުމަ ވަނީ ހަދާފައެވެ. ހުދާ ބޭރުފުށުން ފެންނަމުން ދިޔައީ އަޅައިގަންނަ ގޮތަކަށެވެ. އޭނަގެ އެ ހުރިހާ “މަސައްކަތެއްގެ” ބޭނުމަކީ ވެސް އެއީއެވެ. މޭކަޕާއި ނުލާ ހުންނަން އޭނަ އެންމެ ހިނދުކޮޅަކަށް ވެސް ބޭނުމެއް ނުވަނީ އޭނަ ރީތި ނުވެދާނެއޭ ހިތާއެވެ.
ބޭރުން އިވެމުން ދިޔަ ބަރުގޮނުތަކުގެ އަޑަށް ހުއްޓުމެއް ނައުމުން ހުދާ ރުޅި މޫނަކާއެކީ އެނދުން ފޭބިއެވެ. އެއަށްފަހު ގޮސް ކޮޓަރީގައި ހުރި ކުޑަދޮރުގެ ފަރުދާ ކަހައި ބޭރު ބަލާލިއެވެ. އެވަގުތު ގޭގެ ކުރިމަތީގައި ހުރި ޕްރީ ސްކޫލްގެ ކުރިމައްޗަށް މަޑުކޮށްފައި ހުރި ސައިކަލުތަކާއި ކާރުތައް އޭނައަށް ފެނުނެވެ. ހުދާ ފޫހިވިއެވެ. އެމީހުންގެ ގެ މި ނޫން ތަނެއްގައި ހުންނަނަމަ އޭނައަށް ނިދަން އޮވެވުނީހެއްނޫންހޭ ބުނެ އޭނަގެ ހިތް ހަޅޭއްލެވިއެވެ. އޭނަ ފަރުދާ ދަމާލަން އުޅުނު ވަގުތު ނޫކުލައިގެ ކާރެއް ދުއްވާލިތަން އޭނައަށް ފެނުނެވެ. އެއާއެކު ހުދާ ތެޅިގެންފައި އެ ކާރު ލޯ މައްޗަށް ގެއްލެން ދެން ފެނޭތޯ ބޯ އަރިކޮށްފައި ބެލިއެވެ. އެ ކާރު އޭނައަށް ނުފެންނަ ހިސާބަށް ދިޔުމުން ހުދާ ހުވަފެނީ ދުނިޔެއަކަށް ގެއްލެމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެ ކާރަކީ އޭނައަށް އެންމެ ކަމުދާ ލަވަ ކިޔުންތެރިޔާގެ ކާރެވެ. ވިސާމަށްޓަކައި ހުދާގެ ހިތުގައި އެކި ވަގުތު އޮންނަނީ އެކި އިޙްޞާޞްތަކެވެ. ވިސާމްގެ ލަވައެއް ރީތިވުމުން އެއީ އޭނަގެ “އައިޑޮލް”އެވެ. ވިސާމްގެ ރީތި ސޫރަ ފެންނަ ހިނދު އެއީ އޭނަގެ “ހީރޯ”އެވެ. ވިސާމް އިންޓަވިއުތަކުގައި ވާހަކަ ދައްކާތަން ފެނިފައި އެއީ އޭނަ މުޅި ދުނިޔެމަތިން ވެސް އެންމެ ލޯބިވާ މީހާއެވެ. ވިސާމާއި އިންނަތަން އޭނަ ހުވަފެންތަކުން ދެކެނީ ވެސް މަދު ފަހަރަކުއެއްނޫނެވެ. އޭނައާއި ވިސާމާއި ދެމެދު ޢުމުރުގެ އެހާ ބޮޑު ތަފާތެއް ނޯންނަނަމައޭ ހުދާގެ ހިތަށްއަރައެވެ. އެހެންނޫންނަމަ އޭނަ ވިސާމާއި ރައްޓެހިވިތާ އެތައް ދުވަހެކެވެ.
އެ ޚިޔާލު ހިތަށް ވަނުމުން ހުދާ މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލަމުން ފަރުދާ ދަމާލިއެވެ. އެވަގުތު އެނދުމަތީގައި އޮތް އޭނަގެ ސްމާޓް ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ހުދާ ދިގު ފިޔަވަޅުތަކެއްގައި ގޮސް ފޯނު ނަގައި ބަލާލި ތަނާހެން އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެއީ އޭނަ މިހާރު ރައްޓެހިވެގެން އުޅޭ ކުއްޖާގެ މެސެޖެކެވެ. އޭގައިވަނީ ފަށުވި ޢިބާރާތްތަކުން އޭނައަށް ތަޢުރީފުކޮށް ބާއްޖަވެރި ހެނދުނަކަށް އެދިފައެވެ. ހުދާ އެވަގުތު އެހާ ދިގުކޮށް ލިޔާ ހިތެއް ނެތީތީ ހަމައެކަނި ބާއްޖަވެރި ހެނދުނަކަށް އެދި ފޮނުވާލިއެވެ. އޭނަ އެހެން ނޫނަސް ވަނީ އޭނަގެ މި ލޯބިވެރިޔާ މަތިން ފޫހިވެފައެވެ. ހުދާއަށް އެއްލޯބިވެރިޔަކު ގެންގުޅެވެނީ އެންމެ ދިގު މުއްދަތަކަށްވެސް 3 މަސް ވަންދެނެވެ. އެހެންކަމުން އޭނަ މިހާރު ރައްޓެހިވެގެން މި އުޅެނީ އޭނަގެ 7 ވަނަ ލޯބިވެރިޔާއާއެވެ. ޙަޤީޤަތަކީ ހުދާ ފިރިހެން ކުދިންނާއި ރައްޓެހިވަނީ ވަކި އެ މީހަކާއި އިނުމުގެ ނިޔަތުގައެއް ނޫންކަމެވެ. އޭނަ ބޭނުންވާހާ ވެސް ކަމަކީ ފިރިހެން ކުދިންގެ ސަމާލުކަމެވެ. ހުދާގެ ނަޒަރުން އެންމެ ގިނަ ފިރިހެން ކުދިންނާއި ރައްޓެހިވެފައި ވާނީ އެންމެ ރީތި އަދި އެންމެ ކާމިޔާބު އަންހެން ކުއްޖާއެވެ. އެހެންކަމުން އޭނަ ކިޔަވަން ދެން ބާކީ އޮތް ދެ އަހަރުގައި ވެސް ވީހާވެސް ގިނަ ފިރިހެން ކުދިންގެ “ހިތް އަތުލަން” އޭނަ ގަޞްދު ކުރެއެވެ.
ހުދާ އޭނަގެ ޚިޔާލުތަކުގައި ހުއްޓާ އޭނަގެ ލޯބިވެރިޔާ އެހެން މެސެޖެއް ފޮނުވިއެވެ. އެހެނަސް އޭނައާއި ވަކިވާން ބޭނުންވާ ވާހަކަ ފަހުން ބުނަން ނިންމަމުން ހުދާ އެނދުގައި އިށީނދެ ފޯނުން ޑޭޓާ އޮންކޮށް ފޭސްބުކަށް ވަދެލިއެވެ. ކިތަންމެ ދަތި ޙާލެއްގައި އުޅުނަސް ހުދާގެ މަންމަ އޭނަގެ ފޯނުން ޑޭޓާ ހުސްވިޔަކަ ނުދެއެވެ. އޭނަގެ މަންމަ އޭނަ ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދޭތީ ހުދާގެ އެކުވެރިން އޭނަގެ މަންމަ ސިފަކުރަނީ “ކޫލް” މަންމައެއްގެ ގޮތުގައެވެ. އެކުވެރިން އެފަދަ ވާހަކަތައް ދެއްކުމުން ހުދާ ހިނިތުންވެލިޔަސް އޭނަ އޭނަގެ މަންމައަށް ނުރުހުންވެއެވެ. އޭނަގެ މަންމައަކީ ކިޔަވައިގެން ހުރި އަދި މަތީ ވަޒީފާއެއް އަދާކުރާ މީހަކަށް ނުވާތީވެއެވެ. މަސައްކަތު މީހެއްގެ ދަރިއަކަށް އޮންނާނީ ކޮން ފަޚުރެއްހެއްޔޭ އޭނަގެ ހިތަށްއަރައެވެ.
ފޯނުން ފޭސްބުކް ސްކްރޯލް ކުރަމުން ހުދާ އެނދުގައި ހުރަހަށް އޮށޯތެވެ. އެކި ޕޯސްޓްތައް ލައިކް ކުރަމުން ދަނިކޮށް ފެނުނު ފޮޓޯއަކުން އޭނައަށް ލުއްކެއްޖަހައި ތެދުވެވުނެވެ. އޭގެ ސިކުންތުކޮޅެއްފަހުން ހުދާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ފެތުރިގެން ދިޔައެވެ. އޭނަގެ ކުރިމަތިން ފެންނަމުން ދިޔައީ އޭނަ ކުރިން ކިޔެވި ސްކޫލްގެ އެންމެ މަޝްހޫރު ފިރިހެން ކުއްޖާ ކަމަށްވާ އައިމަން ނޫން ދެވަނަ މީހެއްގެ ފޮޓޯއެއް ނޫނެވެ. އައިމަން މީގެ ގަޑިއިރެއް ކުރިން ޕްރޮފައިލް ޕިކްޗާރއަށްލި ކަޅާއި ހުދުގެ ފޮޓޯގައި އޭނަ ހުރީ ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި ކަޅުކުލައިގެ ތޮތްޕެއް އަޅައިގެންނެވެ. އައިމަން ފާރަކަށް ލެނގި އިސްޖަހައިގެން ހުރިއިރު އެ ތޮފިން އޭނަގެ ލޯ ނިވާވެފައިވިއެވެ. ފޮޓޯ ރަނގަޅަށް ބަލައިފިނަމަ އޭނަގެ ތުންފަތްމަތީގައިވި ލާނެތް ހިނިތުންވުން ފެނިގެން ދާނެއެވެ. ފޯނު ލޮލާއި ކައިރި ކޮށްގެން އޭތި ބަލަން އިން ހުދާ އިނީ އާޝޯޚުވެފައެވެ. ހިތަށް ވެރިވި ޖޯޝާއެކީ އޭނައަށް އެނދުގައި މަޑުންވެސް އިނދެވުނީ ކިރިޔަ ކިރިޔާއެވެ. އައިމަނަކީ އޭނަ އަބަދުވެސް ހިތް ކިޔާ ކުއްޖެކެވެ. ހުދާއަށް އައިމަން އެންމެ ފުރަތަމަ ފެނުނީ ދެމީހުން ވެސް ގްރޭޑް 8 ގައި ކިޔަވަމުން ދަނިކޮށެވެ. އެ އަހަރު ނިމުނުއިރު އައިމަންގެ ނަން ނޭނގޭ އެންމެ ކުއްޖެއްވެސް ސްކޫލްގައި ނެތެވެ. އެއީ އައިމަނަކީ ސްކޫލްގައި ބޭއްވޭ ހުރިހާ އިތުރު ޙަރަކާތްތަކެއްގައި ބައިވެރިވާ ކުއްޖަކަށްވާތީވެއެވެ. ކޮންމެ މުބާރާތެއްގައި ވެސް އޭނަ އެއްވަނަ ނުވަތަ ދެވަނަ ޙާޞިލު ކުރެއެވެ. އައިމަން ފުޓުބޯޅަ މެޗެއްގައި ކުޅުނުތަން ފެނިފައި ހުދާ ހޭވެސް ނުނެތުނީ ކިރިޔާއެވެ. މިއީ ހަމައެކަނި އޭނަގެ ޙާލެއް ނޫންކަން އޭނައަށް އެނގުނީ ސްކޫލްގެ ހުރިހާ އަންހެން ކުދިންހެން އައިމަންގެ ވާހަކަ ދައްކަމުން ދިޔައީތީވެއެވެ. އޭނައަށް އިވުނު ވާހަކަތަކަކުން އައިމަނަކީ ވިސާމާއި ދެބެއިންގެ ދެދަރި ކުއްޖެއްކަން އެނގުމުން ހުދާއަށް އައިމަން މާ ބޮޑަށްވެސް ކަމުދިޔައެވެ. އޭނަ ވަގުތުން އައިމަނާއި ރައްޓެހިވާން ބޭނުންވިއެވެ. އެހެނަސް އޭނަ އެކަމަށްޓަކައި ކުރިހާ މަސައްކަތެއްވީ ބޭކާރެވެ. އޭނަ އައިމަނަށް ފްރެންޑް ރިކުއެސްޓެއް ފޮނުވުމުން އޭތި ޤަބޫލުކުރިއެވެ. އެހެނަސް އޭނަ މެސެޖެއް ފޮނުވުމުން ޖަވާބެއް ނުދިނެވެ. ހުދާ އެކަމާމެދު ހިތާމަ ކުރަމުން ދަނިކޮށް އިތުރަށް ދެރަވެގެން ދިޔައީ އައިމަން ކުއްޖަކާ ރައްޓެހިވިކަން އެނގުމުންނެވެ. އޭނައަށް އެދުވަހު ރޮވުނީ އޭނައަށް އައިމަންދެކެ “ޙަޤީޤީ ލޯތްބެއް” ވެއްޖެހެން ހީވާ ވަރަށެވެ. ނަމަވެސް އޭގެ ކުޑަ ދުވަސްކޮޅެއްފަހުން ހުދާވެސް އޭނައަށް ސަމާލުކަން ދެމުން އައި އެހެން ކުއްޖަކާއި ރައްޓެހިވިއެވެ. މިހާތަނަށް އައިއިރު އޭނަހެން އައިމަން ވެސް އެތައް ކުދިންނާއި ރައްޓެހިވެފައިވެއެވެ. ދެމީހުންނަށް ވެސް މިހެން ވަނީ އެއީ އަދި ދެމީހުންނަށް އެކަކު އަނެކަކާއި ރައްޓެހި ނުވެވޭތީވެ ކަމަށް ހުދާގެ ހިތް އައިމަން ގާތު ބުނެއެވެ. އެ ޚިޔާލު ހިތަށް ވަނުމުން ހުދާއަށް މިފަހަރުވެސް އަމިއްލަ ނަފްސާއި ހީލެވުނެވެ. އެއަށްފަހު 600 އަށްވުރެ ގިނަ ލައިކްސް ލިބިފައި ހުރި އައިމަން ފޮޓޯއަށް ހުދާ ވެސް ލައިކެއްދިނެވެ. އަދި އެއަށް ލިބިފައި ހުރި ކޮމެންޓްތައް ކިޔަން ފެށިއެވެ. އައިމަނަށް ހުސްވެސް ލިބިފައި ހުރީ އަންހެން ކުދިންގެ ތަޢުރީފުތަކެވެ. އައިމަން މިހާރު ރައްޓެހިވެގެން އުޅޭ މިލްނާގެ ކޮމެންޓް ފެނިފައި ހުދާ އެއަށް ލޯ އަޅާލިއެވެ. އަދި އައިމަން އެންމެ ފަހުން ވާނީ އޭނަގެ މީހަކަށޭ ހިތާހިތުން ކިޔާލިއެވެ. އެއަށްފަހު ހުދާ ތިރިއަށް ގޮސް ކޮމެންޓެއް ކުރަން އުޅުނު ވަގުތު އެ ފޮޓޯއަށް އާ ކޮމެންޓެއް ލިބުނެވެ. އޭނަ ބަލާލިއިރު އެއީ އައިމަންގެ އެއްމާބަނޑު ބޭބެ ކަމަށްވާ އަޒާންގެ ކޮމެންޓެކެވެ. އޭގައި އޮތީ “ލުކިންގް ގުޑް، ބްރޯ!” މިހެންނެވެ. އަޒާންގެ މޫނު ލޮލަށް ސިފަވުމުން ވެސް ހުދާގެ މޫޑު ޚަރާބުވިއެވެ. ގްރޭޑް 8 ކުން ފެށިގެން 10 އަކާއި ހަމައަށް ވެސް އޭނަ ޖެހުނީ އަޒާނާއި އެއްކުލާހެއްގައެވެ. އަޒާނަކީ އައިމަނާއި ގުޅުން ހުރި މީހެއްކަން ވެސް ހުދާއަށް އެނގުނީ އެ ދެމީހުން ފެންނަން ފެށިތާ މަސްތަކެއް ފަހުންނެވެ. ގްރޭޑް 8 ގެ ކުރީކޮޅު ހުދާ އަޒާނާއެކީ ފުދޭވަރަކަށް ވަގުތު ހޭދަކުރިއެވެ. ހުދާ އޭރު ކިޔެވުމުން ރަނގަޅު ނަތީޖާ ހޯދަން ބޭނުންވީތީ އޭނަ އަޒާން ކަހަލަ ކިޔެވުމަށް މޮޅު ކުއްޖެއްގެ އެހީ ހޯދީއެވެ. ނަމަވެސް އަޒާނަށް އޭގެ މާނަ ނުބައިކޮށް ނެގުނީ ކަންނޭނގެއެވެ. ހުދާ އަޒާނާއި ދުރުވި ފަހުން ވެސް އަޒާން އޭނައަށް ބަލަހައްޓައިގެން ހުންނަކަން އޭނައަށް ފާހަގަވިއެވެ. އެކަން ސްކޫލްގެ އެހެނިހެން ކުދިންނަށް ވެސް ފާހަގަ ވީވީހެން އެ ކުދިން އަޒާނާއި ހުދާ އަޅުވައި ކިޔަން ފެށިއެވެ. ހުދާ އެކަމާމެދު އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން މާ ގިނަ ދުވަހެއްނުވެ އެ އަޑުތައް ހިނދުނެވެ. އެހެނަސް އޭނަ އަޒާނަށްވާ ފޫއްސަށް ބަދަލެއްނައެވެ. އޭނައަށް ކަމުދާ އެއްވެސް ސިފައެއް އަޒާންގެ ކިބައެއްނެތެވެ. އަޒާން ކިޔެވުމަށް މޮޅުކަން އެކަންޏެވެ. އޭނައަކީ އައިމަންގެ ބޭބެއެއްކަން ވެސް ޤަބޫލުކުރަން ހުދާއަށް ދަތިވެއެވެ. އެކަހަލަ “ކަޓު” ކުއްޖަކު މުޅި ސްކޫލްގެ އެންމެ މަޝްހޫރު ކުއްޖާއާއި ގުޅުމެއް އޮންނާނީ ކިހިނެއްހެއްޔެވެ؟ ރަނގަޅަށްވިއްޔާ އެދެމީހުންގެ ދެމެދުގައި އޮންނާނީ ނަފްރަތުން ފުރިގެންވި ގުޅުމެކެވެ.
“ހުދާ ދަރިފުޅާ ހޭލައިފިންތަ؟ އާދޭ ސައިބޯން.” ކޮޓަރީގެ ދޮރު ހުޅުވާލި ޒަމީނާ ހިނިތުންވުމަކާއެކީ ބުނެލިއެވެ. ހުދާ ވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވުމެއް ދައްކާލަމުން ބޯޖަހާލިއެވެ.
**
އެރޭގެ ވަގުތެއްގައި އައިމަނާއި އޭނަގެ 10 އެކުވެރިން ތިބީ ރެސްޓޯރެންޓެއްގެ ދިގު މޭޒެއްގެ ދޮށުގައެވެ. އައިމަން މޭޒުގެ އެންމެ ކޮޅުގައި އިންއިރު އޭނަގެ ކަނާތް ފަރާތުގައި އޭނަގެ ލޯބިވެރިޔާ މިލްނާ އިނެވެ. މިލްނާގެ ކުރިމައްޗަށް ވާގޮތަށް އައިމަންގެ ވާތް ފަރާތުގައި އަޒާން އިނެވެ. އޯޑަރު ދީފައި އެމީހުން ތިބީ އެކިއެކި ވާހަކަތަކުގައި ހީ ސަމާސާ ކުރާށެވެ. އެ އެންމެންގެ ތެރެއިން ހިމޭނުން އިން ހަމައެކަނި މީހަކީ އަޒާނެވެ. އޭނައަކީ ޢާއްމު ގޮތެއްގައި ރެސްޓޯރެންޓްތަކަށް އައިސް އުޅޭ މީހެއްނޫނެވެ. މީހުން ގިނަ ތަންތަނަށް ދިޔުމަކީ އޭނަ ކުރާ ހިތްވާ ކަމެއްނޫނެވެ. އޭނަ މިރޭ ވެސް އުޅުނީ މިތަނަށް ނާންނާށެވެ. އެހެނަސް އައިމަން ކުރި އާދޭސްތަކުން އޭނަ ޖެހުނީ ބަލި ޤަބޫލުކުރާށެވެ. ރެސްޓޯރެންޓަށް އައުމުގެ ކުރިން އައިމަން އަޒާންގާތު ބުނެފައިވަނީ މިއީ ސްކޫލް ފެށުމުގެ ކުރިން އޭނަގެ އެކުވެރިން “ކޮޅަކާއި” އެކީ ބާއްވާ “ކުޑަ” އެއްވުމެއް ކަމަށެވެ. ކަންތައްވެގެން ދިޔައީ އަޒާން ހީކުރި ގޮތަކަށްނޫނެވެ. 6 ފިރިހެން ކުދިންނާއި 4 އަންހެން ކުދިން ފެނިފައި އަޒާން ދުވެ ފިލަން ބޭނުންވިއެވެ. އެ އަންހެން ކުދިންގެ ތެރޭގައި އައިމަންގެ ލޯބިވެރިޔާ ހުރުމުން އޭނަ އިތުރަށް ޖެހިލުންވިއެވެ. އެމީހުންގެ ކުރިމަތީގައި އޭނައަށް އައިމަން ލަދުގަންނަ ކަހަލަ ކަމެއް ކުރެވިދާނެތީވެއެވެ.
އަޒާން އޭނަގެ އަމިއްލަ ޚިޔާލުތަކެއްގައި އިންދާ އޭނައަށް ކިނބިހިއެއް އެޅެން އައުމުން އޭނަ އަނގަޔާއި ދެއަތް ކައިރި ކޮށްލިއެވެ. ކިނބިހި އެޅުނު ވަގުތު އޭގެ އަޑު ހަރުކަމުން އެ މޭޒުދޮށުގައި ތިބި އެންމެންގެ ނަޒަރު އަޒާނަށް އަމާޒުވިއެވެ. އަޒާން އަނގަމަތީގައި ދެއަތް އަޅައިގެން އިނދެ ލޯ ހުޅުވާލިއިރު އެންމެން ތިބީ އޭނައަށް ބަލާށެވެ. އެއާއެކު އޭނަގެ ހިތް ބާރަށް ތެޅިގަތީ އޭނައަށް ބޮޑު ގޯހެއް ހެދިއްޖެހެން ހީވާ ފަދައަކުންނެވެ.
“އަމް…..ޒާން އުޅެނީ ކުޑަކޮށް ބަލިވެ. ދޯ ޒާން؟” އެންމެން ބަލަން ތިބުމުން އަޒާނަށް އުނދަގޫވާކަން އެނގި އައިމަން ހިނިތުންވުމަކާއެކީ ބުންޏެވެ. އެއަށްފަހު މޭޒުމަތީގައި ޓިޝޫ ޖަހާފައި ހުރި އެއްޗަށް އަތްދިއްކޮށް އޭތިން ޓިޝޫއެއް ނަގައި އަޒާނަށް ދިއްކޮށްލިއެވެ. އަޒާން އޭގައި ހިފައި ދެންވެސް އޭނަގެ ކޮންމެ ޙަރަކާތަކަށް ވިސްނަމުން އޭނަގެ ނޭވާ ފޮހެލިއެވެ. އޭނަ ޙަޤީޤަތުގައި ވެސް މިއަދު އުޅުނީ ބަލިވެއެވެ. ނުގުޅޭ އެއްޗެއް ކެވުމުގެ ސަބަބުން މިއަދު އޭނަގެ މުޅި ދުވަސް ހޭދަވީ ހޮޑުލުމުގައެވެ. އެހެނަސް އައިމަން އޭނަ މިތަނަށް ގެނައި މިހާރު ރަނގަޅުވާނެކަމަށް ބުނަމުންނެވެ.
“ތެދެއް ޒާން؟ މިހާރު އޯކޭތަ؟” މިލްނާ ސުވާލުކުރިއެވެ. ތެދައް ދޮގަކަށް ވިސްނުމެއްނެތި އަޒާން ވަގުތުން ބޯޖަހާލިއެވެ. އެހެނަސް ރެސްޓޯރެންޓް ތެރެއިން ކާ އެއްޗެހީގެ ވަސްޖެހުމުން އޭނަ މިހާރު ވެސް މޭނުބައި ކުރަމުން ދިޔައެވެ. އެއީ ނުވާ ކަމަކަށް ހަދައި އަޒާން ފުން ނޭވާތަކެއް ލަމުން ދިޔައެވެ.
“އޭ ޒާން ހާދަ މޮޅޭ ދޯ؟ އޯލެވެލްގަ 3 މާއްދާއިން ދުނިޔޭގެ ވަނަތައް ލިބުނުދޯ؟” އަޒާންގެ ކައިރީގައި ތަންކޮޅެއް ބިޔަކޮށް ހުރި ފިރިހެން ކުއްޖާ އޭނަގެ ބުރިކަށީގައި ކުޑަކޮށް ޖަހާލުމުން އަޒާން ސިހިގެން ދިޔައެވެ. އެހެނަސް އޭނަ ގަދަކަމުން ކަހަލަ ގޮތަކަށް ހީލަމުން ބޯޖަހާލިއެވެ.
“ހޫމް. ޒާންއަށް ލިބުނެއްނު ފަސްޓް ޕްލޭސް ވެސް؟ މޮޅު ގޮލައެކޭ މިއީ މިހެން ހުއްޓަސް!” އައިމަން ބުންޏެވެ. އެވަގުތު އޭނަ އެއްކަމަކަށް މޮޅުހެން ހީވި އަޒާންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
“އެކަމަކު ހީވަނީ ހަމަ އައްމު ޑާލިންގްއަށްހެން ބެސްޓް އޯލް ރައުންޑް ލިބޭނީ. ޒާން އެއްވެސް ކަމެއްގަ ބައިވެރިއެއް ނުވެއެއްނު؟” މިލްނާ އައިމަންގާތު އެހެން ބުނެލިތަނާހެން އެންމެން އާނއެކޭ ކިޔަން ފެށިއެވެ. އެއާއެކު އަޒާނަށް ހީވީ މީހަކު އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލިހެންނެވެ. ހުވަފެނީ ދުނިޔެއަކުން ޙަޤީޤީ ދުނިޔެއަށް އާދެވުމުން އޭނައަށް އިސްޖަހާލެވުނެވެ. ހަމަ އެވަގުތު ވޭޓަރުން އައިސް އެ މޭޒުމަތީގައި ކާ އެއްޗެހިން ފުރިފައި ހުރި ތަށިތައް އަތުރަން ފެށިއެވެ. ކާ އެއްޗެހީގެ ވަސް ގަދަވެގެން ދިޔުމުން އަޒާން އިތުރަށް މޭނުބައި ކުރިއެވެ. އޭނައަށް ވަމުން ދިޔަ އުނދަގޫތައް ގިނަވާން ފެށުމުން އަޒާނަށް އައިމަނާއި ދިމާލަށް ބަލާލެވުނީ އައިމަން ގާތު އެވާހަކަ ބުނުމަށެވެ. އެހެނަސް އެވަގުތު އައިމަން މިލްނާއާއި ވާހަކަ ދައްކަން އިނީތީ އަޒާނަށް އޭނައަށް ގޮވާލާކަށް ނުކެރުނެވެ. އެތަނުން ތެދުވެގެން ދާން ހިތަށްއެރިއެއްކަމަކު އޭނަ ތެދުވުމުން އެންމެން އޭނައަށް ބަލައި ސުވާލުކުރާތަން އޭނައަށް ޚިޔާލުކުރެވުނެވެ. ސުވާލުކުރުމުން އޭނަ ބުނާނީ ކީކޭހެއްޔެވެ؟ ހޮޑުލަވައިގެން އުޅޭ ވާހަކަ ހެއްޔެވެ؟ އެއީވެސް ދެން ކޮންކަހަލަ ޖަވާބެއް ހެއްޔެވެ؟ އައިމަން ކަހަލަ މަޝްހޫރު ކުއްޖަކު ދުވަހަކުވެސް މިކަހަލަ ތަނަކަށް އައިސް ހޮޑުލަވައިގެން އުޅޭ ވާހަކައެއް އެންމެން ގާތު ނުބުނާނެއެވެ. އޭނަ އެންމެން ގާތު އެވާހަކަ ބުނެފިނަމަ އޭނައަށް އާ މަލާމާތްތައް ރައްދުވާން ފެށުމަކީ ވެސް ދުރުކަމެއް ނޫންކަމަށް އަޒާންގެ ނުތަނަވަސްވެފައިވާ ހިތް ބުންޏެވެ.
“ޒާން، ކާންފަށާ.” އަޒާން އިސްއުފުލާލިއިރު އައިމަން އިނީ އޭނައަށް ބަލަހައްޓައިގެންނެވެ. އަޒާން މިފަހަރުވެސް ވަކި އެއްޗެކޭ ނުބުނެ ބޯޖަހާލިއެވެ. އެއަށްފަހު އައިމަން އުލާއި ވަޅިން ފްރައިޑް ރައިސް ކަމުން ދިޔަތަން ބަލަން އިނދެފައި އޭނަގެ ތަށީގައި ކައިރީގައި އޮތް އުލާއި ވަޅި ނެގިއެވެ. އޭނައަކީ ދުވަހަކުވެސް އުލާއި ވަޅިން ކެއި މީހެއްނޫނެވެ. އޭނައަށް ކާން އެންމެ ފަސޭހައީ އަތުންނެވެ. އެހެނަސް އައިމަންގެ ހުރިހާ އެކުވެރިންގެ ކުރިމަތީގައި އަތުން ކާކަށް އޭނައަށް ނުކެރޭނެއެވެ. އެހެންކަމުން ހިތްވަރު ކޮށްފައި އޭނަ ވާތް އަތަށް ވަޅި ލައި ކަނާތް އަތުގައި އޮތް އުލުން ބަތްކޮޅެއް ނެގޭތޯ ބެލިއެވެ. އޭނަ އެއްފަހަރު ކާމިޔާބު ކަމާއެކީ އަނގަޔަށް ބަތްކޮޅެއް ލެވުނެވެ. އެވަގުތު އޭނަ އޯކަތް ދަމަން އުޅުނެއްކަމަކު އަޒާން ގަދަކަމުން އަނގައިގައި ހުރި އެއްޗެހި ދިރުވާލިއެވެ. އަދި އޭނަ މިރޭ ހޮޑުލައިގެން ނުވާނެކަމަށް އަމިއްލަ ނަފްސު ގާތު ބުނަމުން އަޒާން ފުން ނޭވައެއް އެތެރެއަށް ލިއެވެ. އެހިނދު އައިމަން އޭނަގެ ތަށީގައި އޮތް މަސްކޮޅު ނުހަނު ފަސޭހައިން ދެފަޅި ކުރިތަން ފެނިފައި އަޒާން އަމިއްލަ ތަށީގައި އޮތް މަސް ފޮއްޗަށް ބަލާލިއެވެ. އަދި އުލުން އޭތި ނަގައި އޭނައާއި ގާތްވާ ގޮތަށް އޭތި ތަށީގައި ބޭއްވިއެވެ. އެއަށްފަހު އައިމަން ހެދިގޮތް ނަކަލުކުރަމުން ވަޅިން އޭތި ފަޅިކުރަން އުޅުނެވެ. އެހެނަސް އެވެގެން ދިޔައީ އަޒާން ހީކުރި ވަރަށްވުރެ އުނދަގޫ ކަމަކަށެވެ. އަޒާން އޭނަގެ މަސް ފޮތި ދެފަޅި ނުވުމުން އިހުނަށްވުރެ ބާރަށް ވަޅި އޭގެ ތެރެއަށް ކޮއްޕާލަން އުޅުނު ވަގުތު އޭނަގެ ތަށި އަރިއަޅާފައި ތަށީގައި ހުރި ބަތުގެ ބޮޑު ބައެއް އޭނަގެ ގަޔަށް ވެއްޓުނެވެ. ތަށި މޭޒުމަތީގައި ޖެހުނު ބާރު އަޑާއެކީ މިފަހަރު އެ މޭޒުދޮށުގައި ތިބި މީހުންނާއެކީ އެހެނިހެން މޭޒުތަކުގައި ތިބި މީހުންގެ ނަޒަރުތައް ވެސް އަޒާނަށް އަމާޒުވިއެވެ. ކުރިއެކޭ އެއްފަދައިން މިފަހަރުވެސް އަޒާންގެ ހިތުގެ ތެޅުން އަވަސްވިއެވެ.
“ޒާން ކިހިނެއް ތި ހެދީ؟ ކައިރީގަ ތިއޮތް ނެޕްކިންއިން ފޮހެލާ. ފައިމަތީގަ އޭތި އަޅައިގެން ހުންނާނީ އިނގޭ؟” އައިމަން ހިސާބަކަށް ކަންބޮޑުވެފައިހުރެ އަޒާންގެ ތަށީގައި ކައިރީގައި ފަތްޖަހާފައި އޮތް ފޮތިކޮޅަށް ޢިޝާރާތް ކުރިއެވެ. އަޒާން ލަދުން ގޮސް ހަލާކުވާވަރުވެފައި އިނދެ އެ ފޮތިކޮޅު ނެގިއެވެ. އެވަގުތު އައިމަންގެ އެކުވެރިން ސިއްރުސިއްރުން އޭނައާއި ދިމާލަށް ހެމުން ދިޔަކަން އޭނައަށް އެނގެއެވެ. އޭނަ އިތުރަށް ލަދުގަންނަ ގޮތްވީ އެހެންވެއެވެ. ކަންތައް އިތުރަށް ގޯސްނުވާނެއޭ އޭނަގެ ހިތަށްއެރިތަނާ އޭނަ ފޮތިކޮޅު ނިއުޅާލަން އުޅުމުގެ ތެރޭގައި އޭނަގެ އަތުގައި ޖެހި ކައިރީގައި ހުރި އޮރެންޖް ޖޫސްތަށި ވެއްޓުނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެ އޮމާން މޭޒުމަތިން ތަށި އެނބުރެމުން ގޮސް ބިންމައްޗަށް ވެއްޓި ތެޅިގެން ދިޔައެވެ. އޭނަ އެވަގުތަށްޓަކައި އެތަނުން ގެއްލުނުނަމައޭ އަޒާންގެ ހިތަށްއެރިއެވެ.
“ކެއަރފުލް ޒާން….” އައިމަން އަޒާނަށް ދިގުކޮށް ގޮވާލިއެވެ. އަޒާން އިސްޖަހާލަމުން ގެނބިފައިވާ ހިތަކާއެކީ އަތުގައި އޮތް ފޮތިކޮޅުން އޭނަގެ ފަޓުލޫނު ފޮހެން ފެށިއެވެ. އޭނަ މިއަށްވުރެ ބޮޑަށް ލަދުގަންނަ ކަމެއް ދުވަހަކުވެސް ނުވާނެއޭ ހިތް ބުނި ތަނާހެން ވޭޓަރަކު އައިސް މޭޒުމަތީގައި ފިހާފައި އޮތް އިއްސެއް އޮތް ތަބަކެއް ބެހެއްޓިއެވެ. އެއިން އެރި ވަހަކުން އަޒާނަށް ހީވީ އޭނަގެ ދުވަސް ދިޔައީހެންނެވެ. އޭނައަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. އެއަށްފަހު އޭނަ ދާން އުޅުނުތަނާހެން ބިންމަތީގައި ހުރި ޖޫސް މައްޗަށް އަރައި އޭނަ ވެއްޓެން ދިޔައެވެ. އައިމަން ޒާންއޭ ކިޔައި ގޮވާލި ވަގުތު އަޒާން ބަންޑުން ގޮސް ބިންމަތީގައި ޖެހުނެވެ. އައިމަން ގޮނޑިން ތެދުވުނު ވަގުތު ކޮންޓްރޯލް ކުރެވުނު ހުނުމެއްގެ އަޑު އިވިފައި އޭނައަށް ނުރުހިފައި ފަސްއެނބުރި ބަލާލެވުނެވެ. އެހިނދު މިލްނާ އޭނަގެ އަނގަމަތީގައި އެއްއަތް އަޅައިގެން އިންތަން ފެނިފައި އައިމަންގެ ބުމަގޮށްޖެހުނެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނުތަނާހެން އަޒާން އޯކަތް ދެމި އަޑު އިވުނެވެ. އައިމަން ތިރިވެ އަޒާންގެ ދެކޮނޑުގައި ހިފައި ތެދުކުރުވިއެވެ. އަޒާނަށް ކޮޅަށް ނުތެދުވެވެނީސް އޭނައަށް ހޮޑުލެވެން ފެށިއެވެ. އެއާއެކު ރެސްޓޯރެންޓްގައި ތިބި ބައެއް މީހުންވެސް އެތަނަށް އެއްވާން ފެށިއެވެ. އައިމަންގެ އެކުވެރިންގެ ތެރެއިން ބައެއް ކުދިން ދުރުހޯދަން ފެށީ އެއީ ތިމަންނަމެނާއި ބެހޭ ކަމެއް ނޫންކަމަށް ދެއްކުމަށްޓަކައި ކަންނޭނގެއެވެ. އެހެނަސް އައިމަން އޭނަގެ ބޭބެއާއިމެދު ލަދުގަތްހެނެއް ހިއެއްނުވެއެވެ. އަޒާން ހޮޑުލައި ނިމެންދެން އައިމަން އޭނަގެ ކައިރީގައި އިނެވެ. އަދި އަޒާން ހަމައަކަށް އެޅުމުން އޭނަ ގޮވައިގެން އެ ރެސްޓޯރެންޓްގައި ހުރި ފާޚާނާއަށް ދިޔައެވެ.
އައިމަން އަޒާންގެ އަނގަ ދޮވުމަށް އެހީވެދީފައި ފާޚާނާއިން ނިކުތީ އަޒާނާއި އެކީގައެވެ. އޭނަ އަޒާންގާތު ރަނގަޅުތޯ ސުވާލުކުރުމުން އަޒާން އެއްވެސް އެއްޗެކޭ ނުބުނެ އޭނައަށްވުރެ ކުރިއަށް އަރައިގެން ދިޔައެވެ. އައިމަން އަޒާންގެ ފަހަތުން ބާރަށް ހިނގާފައި ދަނިކޮށް އޭނަގެ ފިޔަވަޅުތައް މަޑުޖެހުނީ އޭނަގެ އެކުވެރިންގެ އަޑަށެވެ.
“ބޯން ޓު ބީ ޑަމްބް!” އޭނަގެ އަންހެން އެކުވެރިޔަކު އެހެން ބުނި އަޑަށް އައިމަންގެ ނިތަށް ރޫ ގިނަވިއެވެ.
“ނޫނޭ އޭނަ ޑަމްބެއް ނޫނެއްނު؟ އޭނަ ކިޔެވުމަށް ކިހާ މޮޅުތަ؟ ބޯން ޓު ބީ ސޯޝަލީ އޯކްވާޑް.” އެހެން ފިރިހެން އެކުވެރިޔަކު ބުންޏެވެ. އެއާއެކު އެންމެން އާނއެކޭ ކިޔައި ހޭންފެށިއެވެ.
“އަސްލު ޒާންގެ އެއްވެސް އަގެއްނެތް. އޭނަގެ ވެލިއު މަތި ކުރެވޭތޯ ބަލަން ކަންނޭނގެ އޭނަ އެހާވަރަށް ކިޔަވަނީވެސް. އިޓްސް ސޯ ހާޑް ޓު ބިލީވް. ޒާން އާއި އައްމު ކިހިނެއްތަ ބޭބެއަކާއި ކޮއްކޮއަކަށް ވަނީ؟ އައްމުއަކީ ސީދާ ޖަވާހިރެއް. ޒާން؟ ޒާންއަކީ ގޮނޑަކުން ގެނެއްސަ ހުރި މީހަކަށްވުރެ ވެސް ދަށު ދަރަޖައިގެ މީހެއް.” މިލްނާ އެހެން ބުނެލި ވަގުތު އައިމަންގެ ގޮށްމުއްކެވުނެވެ. އެހެން ފިރިހެން ކުއްޖަކު ޒާންއާއި ދިމާލަށް ވަނަމަކުން މުޚާތަބު ކުރި ތަނާހެން އައިމަނަށް އެ ދިމާލަށް ހިނގައިގަނެވުނެވެ.
“ޝަޓް އަޕް…..ޝަޓް އަޕް! ޝަޓް އަޕް!!!” އައިމަން ބާރުވަމުން ދިޔަ އަޑަކާއެކީ އެހެން ބުނަމުން ގޮސް އެންމެ ފަހު ދެބަސް ބުނެލީ މޭޒުމަތީގައި ގޮށްމުށުން ޖަހަމުންނެވެ. އެވަގުތު މޭޒުމަތީގައި ހުރި ތަށިތައް ވެސް ހެލިގެން ދިޔަދިޔަހެން އެ މޭޒުދޮށުގައި ތިބި އެންމެން ހިމޭންވިއެވެ.
“ޤަބޫލެއްވެސް ނުކުރެވޭ އަހަރެން ކައިރީގަ މި ގެންގުޅެނީ އަހަރެންގެ ބޭބެއާމެދު މިގޮތަށް ވާހަކަ ދައްކާ މީހުންކަން. ޗި! ބޭނުމެއްނޫން މިއަދަށްފަހު ތި މީހުންނާއެކީ އުޅޭކަށް. އެންޑް ޔޫ! ޒާންގެ އަގެއްނެތޭ ތި ކިޔަނީ އަމިއްލަ މީހާގެ މާ ބޮޑު އަގެއް އޮވެގެންތަ؟ ޒާންނަމަ ކިޔެވުމަށް މޮޅު. ކަލޭ ކޮންކަމެއް ކުރަންތަ މޮޅީ؟ ފިރިހެން ކުދިންނަށް ތިއްތި ދެއްކެން؟” އައިމަން މިލްނާއާއި ދިމާލަށް ދެލޯ ހަނިކޮށްގެން ހުރެ އަހާލިއެވެ. އެއާއެކު މިލްނާ ކޮޅަށް ތެދުވިއެވެ.
“ޓޭކް ދެޓް ބެކް!” މިލްނާގެ ވެސް އަޑު ހަރުވިއެވެ.
“ރުޅިއައިއްސިދޯ؟ ފަހުން ހަނދާންވާނެ އަހަރެން މަތިން. އެކަމަކު ނުގުޅާތި. އައި ބްރޭކް އަޕް ވިތް ޔޫ. އަހަރެންގެ ބޭބެއަށް އިޙްތިރާމް ނުކުރާނީ އަހަންނަށް ވެސް އިޙްތިރާމް ނުކުރާނެ މީހެއް.” އައިމަން އެހެން ބުނެ މިލްނާއަށް ބަލަން އިރުކޮޅެއް ވަންދެން ހުއްޓެވެ. މިލްނާގެ މޫނުމަތިން ފެނުނީ ހަދާނެ ގޮތް ހުސްވިފަދަ އަސަރެކެވެ. އައިމަން އެއަކަށް ފަރުވާލެއްނެތި ރެސްޓޯރެންޓުން ނިކުންނަން ދިޔައެވެ.
އަޒާން ތާރު މަގު ހުރަސްކޮށް ޕޭވްމެންޓަށް އެރި ވަގުތު އޭނައަށް ފުރަގަހުން މީހަކު އޭނަގެ ނަމުން ގޮވާލި އަޑު އިވުނެވެ. އޭނަ ފަސްއެނބުރި ބަލާލިއިރު އެއީ ރެސްޓޯރެންޓްގެ ކައިރީގައި ހުރި އައިމަނެވެ. އެހެނަސް އަޒާން މަޑު ކުރާ ކަހަލަ ޚިޔާލެއްނުކޮށް ކުރިއަށް ހިނގަން ފެށިއެވެ. އެ މަންޒަރު ފެނިފައި އައިމަން ވެސް މަގުގެ ދެކޮޅު ބަލަމުން ތާރު މަގު ހުރަސްކޮށް ޕޭވްމެންޓަށް އެރިއެވެ.
“ޒާން…..ޒާން ވެއިޓް…..ޒާން!” ބާރަށް ހިނގަމުން ދިޔަ އަޒާނާއި ހަމަކޮށް އައިމަން ފުރަގަހުން އަޒާންގެ އަތުގައި ހިފާލިތަނާހެން އަޒާން އޭނަގެ އަތް ފޮޅުވައި ހަރުއަޑުން ވަޓްއޭ ކިޔައި ފަސްއެނބުރިލިއެވެ. އަޒާންގެ އެ ޙަރަކާތުން އޭނަ ހުރީ ވަރަށް ގަދަ ރުޅިއެއްގައިކަން އައިމަނަށް އެނގުންވެ އޭނަގެ މެއަށް ގޮތެއްވިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އޭނައަށް އަޒާނާއި ދިމާލަށް ބަލަން ހުރެވުނެވެ. އޭނަ އެއްޗެކޭ ނުކިޔުމުން އަޒާން ވާހަކަ ދެއްކިއެވެ.
“ދެންވެސް އަހަރެން ނުގެންނާތި އައިމަންއާ އައިމަންގެ ފްރެންޑުންގެ ގެޓް ޓުގެދާރއަކަށް.” އަޒާން އެހެން ބުނެލިއިރު އޭނަގެ ހަރުއަޑު ރޫރޫއެޅިއެވެ. އައިމަން އެއްޗެކޭ ބުނަން އުޅުނުތަނާ އަޒާން ދެންވެސް ވާހަކަ ދެއްކިއެވެ.
“އަހަރެން ޤާބިލެއްނޫން އައިމަންގެ އެކުވެރިއަކަށްވާކަށް. އެކުވެރިއަކަށް ކީއްކުރަން؟ ބޭބެއަކަށް ވާންވެސް ޤާބިލެއްނޫން. ވަރަށް ބޮޑަށް މަޢާފަށް އެދެން އަހަރެން އައިމަންގެ ބޭބެއަކަށްވީތީ. އަހަންނަކީ އައިމަންއަށް ހުރި ބޮޑު ލަދެއް. އައިމަނަށް އެކަންޏެއްނޫން. މުޅި ޢާއިލާއަށްވެސް. އައިމަން ތީ މަންމައާއި ބައްޕައަށް ލިބުނު ނަސީބު. އަހަރެން މިއީ ހަފްސާއާއި ޚާލިދަށް ލިބުނު ތާކުންތާކު ނުޖެހޭ ދަރި!” އަޒާން އެންމެ ފަހަކަށް ބުނެލީ އެމީހުންނާއި އަވަށްޓެރި ގެއެއްގައި އުޅޭ އަންހެނަކު ދައްކާތީ އިވުނު ވާހަކައެކެވެ. އައިމަނަށް ވެސް އެކަހަލަ ވާހަކަތައް އިވިފައިވެއެވެ. ނަމަވެސް އޭނަ އެ ވާހަކަތަކަށް އަންނަނީ ރުޅިއެވެ.
“ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔުނަސް ޙަޤީޤަތް ބަދަލެއްނުވާނެ ޒާން. ޒާން އަހަންނަށް ވުރެ ކިޔެވުމަށް އެތައް ގުނައެއް މޮޅު. މޯމްއާއި ޑޭޑް ވަރަށް ފަޚުރުވެރިވޭ ޒާންއަށް ލިބޭ ކާމިޔާބް…” އައިމަންގެ ވާހަކަ މެދުކެނޑުނެވެ.
“ކާމިޔާބީތައް ލިބުނީމަ އަޒާންއަކަށް ނުކެރުނޯ އިންޓަވިއުއެއްގެ ފުރުޞަތު ދިނީމަ އެ ފުރުޞަތުގެ ބޭނުން ހިފާކަށް. އައިމަން ނަމަ އޭނަ އިންޓަވިއު ދިނީހޭ!!” އަޒާން އަޑަށް ބާރުލާފައި އެ ވާހަކައިން އައިމަނަށް ހަނދާން ކޮށްދިނީ އެއްދުވަހު އެމީހުންގެ މަންމަ ބުނި ވާހަކައެކެވެ. ޤައުމީ ގަދަ ދިހައިގެ ވަނަތައް ޢިއުލާން ކުރެވުނު ދުވަހުގެ ފަހު ދުވަހު މަތީ ވަނަތައް ލިބުނު ކުދިންގެ ތެރެއިން ބައެއް ކުދިންނަށް ޓީވީ ޝޯއެއްގައި އިންޓަވިއު ދިނުމުގެ ފުރުޞަތު ލިބުނެވެ. އަޒާނަށް ވަގުތުން އެ ފުރުޞަތަށް ނޫނެކޭ ބުނެވުނީ އޭނަ ޓީވީއަށް އަރައިފިނަމަ ވާހަކައެއް ނުދެއްކޭނެކަން ޔަޤީންވާތީވެއެވެ. އެހެނަސް އޭގެ ސަބަބުން އޭނަގެ މަންމައާއި ބައްޕަ އޭނައާއިމެދު ވީ ފަޚުރު ދަށްވީ ކަހަލަ އިޙްޞާޞެއް އޭނައަށް ކުރެވުނެވެ.
އައިމަނަށް އެއްޗެކޭ ނުބުނެ ވިސްނުމެއްގެ ތެރޭގައި ހުރެވުނެވެ. އޭނައަށް މީހުންގެ ފަރާތުން ލިބޭ ސަމާލުކަމުގެ ސަބަބުން އަޒާންގެ ހިތް ދެރަވާ މިންވަރު އޭނައަށް އެނގުންވީ އަދި ކިރިޔާއެވެ. ހަމަ އަސްލުވެސް އަޒާން ކިހާ ދެރަވާނެހެއްޔޭ އައިމަންގެ ހިތަށްއެރިއެވެ. މަންމައާއި ބައްޕަވެސް އަޒާނަށް ފަސްދީފައި އޭނައަށް ތަޢުރީފު ދިން ދުވަސްތައް ހަނދާންވެފައި އައިމަންގެ ހިތުގައި އޭނަގެ ބޭބެއަށްޓަކައި ޙަމްދަރުދީއެއް އުފެދުނެވެ. އަޒާން ހިތާމަވެރި މޫނަކާއެކީ އިސްޖަހާލިތަން ފެނިފައި އޭނަގެ ޙާލަތް ބަދަލުކޮށްދެވޭނެނަމައޭ ބުނެ އައިމަންގެ ހިތް ޝަކުވާ ކުރިއެވެ. ކޮންމެއަކަސް…..
“ޒާން…..އަހަރެން ޤަބޫލުކުރަން ޒާންއާމެދު ވަރަށް އަންފެއާރކޮށް ކަންތައްވާކަން. މޯމްއާ ޑޭޑްވެސް އަހަރުމެންގެ މެދުގަ ތަފާތު ކުރާކަން. އެކަމަކު ޒާން، ޒާން ދަންނާތި އަހަރެން ދުވަހަކުވެސް ޒާން ދެރަވާކަށް ނޭދޭނެކަން. ޒާންގެ އުފަލަށްޓަކައި އަހަރެން އަހަންނަށް ވެވެން އޮތްހާ ކަމެއްކޮށްދޭނަން. ޒާންއަށް މަލާމާތް ކުރާ މީހަކު އެކުވެރިއެއްގެ ގޮތުގައި ނުނަގާނަން. އައި ޕްރޯމިސް. ބިކޯޒް އައި ލަވް ޔޫ.” އައިމަން އޭނަގެ ވާހަކަ ނިންމާލީ އަސަރުން ފުރިގެންވި ގޮތަކަށެވެ. އޭނަގެ ވާހަކަ ނިމުނުތަނާހެން އަޒާން އިސްއުފުލާލިއެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ހިމޭންކަން ނެތިދިޔައީ ދެމީހުން އެކީގައި ބާރަށް ހޭންފެށުމުންނެވެ.
“ހެހެހެހެހެ…..އައްމު ޔޫ އާރ ޓޫ މަޗް! ޑައިލޮގްސްތައް ބުނާއިރު ތި ވާހަކަ ދައްކަނީ ކާކާކަން ހަނދާން ކޮށްގެން ހުރެ ބުނެ އުޅެބަލަ. ނަސީބެއްނު މިލްނާއަށް މި މަންޒަރު ނުފެނުނުކަން؟ އެ ނޫންނަމަ އޭނައަށް ޗީޓް ކުރަނީ ކަމަށް އޭނަ ހީކުރީހީ.” އަޒާން ހެވިފައިހުރެ ބުންޏެވެ. އައިމަން ހިނިގަނޑެއް ޖަހާލިއެވެ.
“ހަމަ ހުވާ! އެކަމަކު އެހެންނޫނަސް އަހަރެން އެ މިލްނާއަކު ދޫކޮށްލައިފިން. ޝީޒް ނޮޓް ވޯތް އިޓް.” އައިމަން ދެކޮނޑު އަރުވާލަމުން ބުނެލިއެވެ.
“އަހަންނާ ދިމާލަށް އެއްޗެކޭ ބުނީތަ އޭނަ؟” އަޒާން ބައި ހިނިތުންވުމެއްގައި ހުރެ އަހާލިއެވެ. އައިމަން ތުންފިއްތާލަމުން ބޯޖަހާލިއެވެ. އަޒާން ގޮށްމުއްކަވައި އައިމަންގެ ކޮނޑުގައި ޖަހާލިއެވެ. އެއަށްފަހު އައިމަންގެ ގައިގައި ބައްދާލީ އޭނައަށްޓަކައި އުފެދުނު ކުލުނެއްގެ ސަބަބުންނެވެ. ދެންމެ އެ ވާހަކަ ސަމާސާއަކަށް ހަދާލިޔަސް އައިމަން އޭނަދެކެ ލޯބިވާކަން އަޒާނަށް އެނގުންވިއެވެ.
“އޭ އަހަރެން މިދަނީ ލާރި ދައްކަން. އަންނަންދެން މިތާ ހުންނާތި. ދެމީހުން މިރޭ ދާނީދޯ ބްރިޖް ކައިރީގަ އޮންނަ ބީޗަށް ޕިކްނިކް ހަދަން؟ މިރޭ ފުލް މޫންއެއް ހުރީމަ ފުދޭވަރަކަށް އަލިވެސްވާނެ. ބަޓް ޕްލީޒް! ޒާންގެ ސައިންޓިފިކް އެންޑް ފިލޯސޮފިކަލް ސުވާލުތައްނުކޮށް މިރޭ ހުރެވޭތޯ ބަލާތި. އައި ޖަސްޓް ވޯންޓް ޓު އެންޖޯއި.” އައިމަން އެދުނެވެ.
“އައި ޑޯންޓް ނޯ….އަދިވެސް ކުޑަކޮށް އެނބުރުން އަރާގޮތް އެބަވޭ. އެތަނަށް ދިޔައިމަ ރަނގަޅު ވާނެ ކަންނޭނގެ. ދެން އަހަރެން ސުވާލުތައް ކުރިއަސް ނުކުރިއަސް ދެމީހުންގެ ވެސް ގާލްފްރެންޑުން ނެތީމަ އެކަކު އަނެކަކާ އެކީތާ ދާންޖެހޭނީ.” އަޒާން މާޔޫސްވާ ކަމަށް ހެދި ޗޮއްކަނޑާލިއެވެ. އައިމަން ރުޅިވާ ކަމަށް ހެދެމުން އަޒާންގެ ބަނޑަށް ލުއި އެތިފަހަރެއް ވިއްލާލިއެވެ. އަޒާން އައުޗްއޭ ކިޔައި ބަނޑުގައި އަތް އެޅި ވަގުތު އައިމަން ދާން ހިނގައިގަތެވެ. އަޒާނަށް އަމިއްލަ ނަފްސާ ހީލެވުނެވެ.
**
“އައްސަލާމުޢަލައިކުމް!” ސިޓިންގް ރޫމުގައި ހުރި ފަތްޖެހި ގޮނޑިއެއްގައި ޝަފަޤް ނިދިފައި އޮތްވާ ގޭގެ ދޮރުގައި އަންހެނަކު ޓަކި ދިން އަޑަށް އޭނަ ހޭލެވުނެވެ. ޝަފަޤް ހިންދެމިލީ ވަގުތު އެމީހާ އަނެއްކާވެސް ސަލާންގޮވި އަޑު އިވިފައި އެއީ މައިމޫނާކަން އޭނައަށް އެނގުންވިއެވެ. އޭނަ ވަގުތުން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ.
“ވަޢަލައިކުމުއްސަލާމް. ހާދަ ނުގަޑިއެއްގަ މައިއްތަ؟” ޝަފަޤް ޙައިރާންކަމެއް އެކުލެވިފައިވި ހިނިތުންވުމަކާއެކީ އަހާލިއެވެ.
“އާނ….ކުޑަ މީހާ މާދަމާ ސްކޫލަށް ގެންދަންޖެހޭ ބައެއް އެއްޗެހި ގަންނަންވެގެން މިދަނީ. ޝަފަޤް ހާދަ އެހެން ކަހަލަ ހެދުމެއްގަ؟” ކަމެއް ފާހަގަވުމުން މައިމޫނާގެ ނިތަށް ރޫގިނަވިއެވެ. ޝަފަޤް ލައިގެން ހުރީ ޒަމީނާ ލައި އުޅޭ ކަހަލަ ނޫކުލައިގެ ހައުސް ކޯޓެކެވެ. އެ ހައުސް ކޯޓު ބޮޑުކަމުން ޝަފަޤްގެ ގައިގައި އޭތި ޖެހެނީ ވެސް ކިރިޔަ ކިރިޔާއެވެ.
“ހެހެ….މިއީ ބޮޑުދައިތަގެ ހެދުމެއް. އަހަރެންގެ ހެދުންތައް ލަންޏާ މި ބޭސްގަނޑާއެކީ ހުންނަން ޖެހޭނީ އަތުކުރި އޮޅާލައިގެން. އެހެން ހުންނާކަށް ބޭނުން ނުވީތީ ބޮޑުދައިތަ ކައިރި އެދުނީ ބޮޑުދައިތަގެ ހެދުމެއްދޭށޭ.” ޝަފަޤް ކިޔައިދިނެވެ.
“އެހެންތަ؟ ޝަފަޤް އަބަދުވެސް ބޭނުންވާ ކަހަލަ ދިގު ހެދުމެއްދޯ ތި ލެވުނީ؟ މާޝާ ﷲ. އޭ! ހުންނާކަށް ނޫނޭ މިއައީ. ޝަފަޤްގެ އެއްޗެހި އަނބުރާ ދޭންވެގެން. ރަޝީދާ މިއަދު ހަވީރުވެސް ގުޅި. އަހަރެން ބުނިން ޝަފަޤަށް އެ އޯޑަރު ނުނެގޭނެއޭ. ބުނީމަ ބުނީ ތިމަންނަ ބޭނުމޭ ޝަފަޤްއާ ވާހަކަ ދައްކަން. ޝަފަޤްއަށް އަނބުރާ ފޯނު ދޭށޭ. އަނ….މިރޭ ގުޅާނެ ކަންނޭނގެ އޭނަ.” މައިމޫނާ އޭނަގެ ކުޑަ އަތްދަބަސް ތެރެއިން ޝަފަޤްގެ ފޯނު ނަގައި ދިއްކޮށްލިއެވެ. ޝަފަޤް ރަޝީދާގެ ނަން އިވިފައި ހިސާބަކަށް މާޔޫސްވެހުރެ އެ ފޯނުގައި ހިފިއެވެ. އޭނައަށް އެ އޯޑަރު ނެގޭނެނަމައޭ ހިތަށްއެރިއެވެ. އެއީ ވަކި އޭނައަށް ފައިސާ ގެއްލޭތީވެއެއްނޫނެވެ. ރަޝީދާ ކަހަލަ ހިތްހެޔޮ އަންހެނެއްގެ އެދުމަކަށް ފުރަގަސްދޭން ހިތްނޭދޭ ވަރުންނެވެ.
“ދެން…..މިހިރީ އެއްކަލަ ފިރިހެނާ ޝަފަޤްއާ ދިމާލަށް އުކި ނޫޓުތައް. ކުރީގަ ވެސް ބުނިހެން ދައްތަގެ ހިތަށްއެރި މި އެއްޗެހި އަންދާލާނަމޭ. އެކަމަކު މިއީ އޭނަ ޝަފަޤަށް ދިން އެއްޗަކަށްވާތީ އަމާނާތް މި ޙަވާލުކުރީ. ދައްތައަށް އެނގޭ ޝަފަޤް މި ލާރި ބޭނުން ނުކުރާނެކަން. ޝަފަޤް ބޭނުން ގޮތެއް ހަދަން މި ދޫކޮށްލީ.” މައިމޫނާ އެ ނޫޓުތައް ޝަފަޤްގެ އަތަށް ލައިދިނެވެ. އެއަށްފަހު ހިނިތުންވުމެއް ދައްކާލަމުން ދަނީއޭ ބުނެ ޝަފަޤަށް ފަސްދިނެވެ. ޝަފަޤް ދޮރު ލައްޕާލަމުން އޭނަގެ ސަލާމަތުން އޮތް އަތް މަތީގައި ހުރި ފައިސާއަށް ނަޒަރު ހުއްޓާލިއެވެ. އިރުކޮޅެއްގެ ވިސްނުމަށްފަހު ޝަފަޤް އެ ނޫޓުތައް އޭނަގެ ފޯނާއެކީ ހެދުމުގެ އަރިމަތީގައި ހުރި ޖީބަށް އަޅާލީ ވިސާމަށް ފިލާވަޅެއް ދަސްކޮށްދިނުމުގެ ނިޔަތުގައެވެ. އެއަށްފަހު އޭނަ އަނެއްކާވެސް އޭނަ އޮށޯވެގެން އޮތް ފަތްޖެހި ގޮނޑިއާއި ދިމާލަށް މިޞްރާބުޖެހި ވަގުތު އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ޝަފަޤް އޭނަގެ ޖީބަށް އަތް ކޮއްޕާލަމުން ފޯނު ނަގައި ބަލާލިއެވެ. އެއާއެކު އޭނަގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ.
ނުނިމޭ