Asr (Part 11)
“ވިސާމް ނަމާދު ކުރަންތަ؟ އަހަރެން ޤަބޫލު ކުރަން ބޭނުންވަނީ ކުރާކަމަށް. އެކަމަކު އަހަންނަށް އެބަފެނޭ ނަމާދަށް ބަންގި ގޮވާ ވަގުތުވެސް ވިސާމްގެ ކާރު މިސްކިތް ފަސްކޮށްފައި މަގުމަތިން ދާތަން. ބަންގި ގޮވާ ގަޑީގައި ވެސް ތި ގެއިން އެކި އަޑުތައް އިވޭ ވާހަކަ މީހުންގެ ފަރާތުން އިވިފައިވޭ……..ވިސާމް ފަސް އިރު ފަސް ނަމާދު ނުކުރަނީސް އަހަންނަށް ވިސާމްގެ އަނތްބަކަށް ނުވެވޭނެ. އެއްގޮތަކަށްވެސް ބޭނުމެއްނޫން ﷲ ގެ ހަނދުމައިން ދުރުގައިވާ މީހަކާއެކީ މުޅި ދިރިއުޅުން ވޭތު ކުރާކަށް. ބިރުގަނޭ އެކަހަލަ މީހަކާއެކީ އުޅެންވުމުން އަހަރެންވެސް ﷲ ގެ ހަނދުމައިން ދުރުވެދާނެތީ. ދިރިއުޅުމުގަ އަހަންނަށް ލިބުނު އެންމެ އަގުހުރި އެއްޗަކީ ﷲ ގެ ހިދާޔަތް. އެ ހިދާޔަތަށް ފުރަގަސްދީފައި އަހަންނަށް މުޅި މި ދިރިއުޅުން ދެއްވި ﷲ ގެ ރަޙްމަތަށް ފަސްދޭ ދުވަސްވާނީ އަހަރެންގެ ޙަޔާތުގެ އެންމެ ބަދުނަސީބު ދުވަހަށް. އެއީ ވަކި އެކަލާނގެ އަހަންނަށް ވަގުތުން ޢަޒާބެއް ފޮނުއްވާނެތީވެއެއްނޫން. އެއީ އަހަންނަށް ތަޖުރިބާ ކުރެވުނު އެންމެ ފުން ލޯތްބަކީ އެކަލާނގެ ލޯބިފުޅު ކަމަށްވާތީ. އަދި އެ ލޯބިފުޅަށްވުރެ ފުރިހަމަ ލޯތްބެއް ނުވެސްވާނެކަން އެނގޭތީ.” ޝަފަޤް އެހެން ބުނެލިއިރު އޭނަ އިނީ ފެންކަޅިވެފައެވެ. އެ ވާހަކަ އަޑުއަހަން ހުރި ވިސާމްގެ މޫނުމަތިން ވާހަކައިގެ ކުރީކޮޅު ނުރުހުންތެރިކަމުގެ އަސަރުތައް ފެނުނަސް ވާހަކައިގެ ފަހުކޮޅުން އެ މޫނުމަތިން ފެނުނީ ޙައިރާންކަމެވެ. ޝަފަޤް ﷲ އާމެދު ދެންމެ އެ ވާހަކަ ދެއްކީ އޭނަ ދުވަހަކުވެސް އަޑުއަހާފައިވާ ގޮތަކަށްނޫނެވެ. އެކަލާނގެއަކީ ލޯބިވެސް ވާ ކަލާނގެއެއްކަން އޭނަ ނުދެނެހުއްޓެވެ. އޭނައަށް އެކަން ޤަބޫލުކުރަން ވެސް ދަތިވިއެވެ. ﷲ ލޯބިވެވޮޑިގެންވާނަމަ އޭނަގެ ޙަޔާތުގައި މި ހުރިހާ ހިތާމައެއްވަނީ ކީއްވެގެން ހެއްޔެވެ؟ އެކަލާނގެ ލޯބިވަނީ ހަމައެކަނި ޝަފަޤް ކަހަލަ ދީންވެރި ކުދިންދެކެތާއެވެ. އެ ބުނާ “ލޯބިފުޅެއް” އޭނައަށް ޙައްޤުވުމަކީ ނާދިރުކަމެކެވެ. އެކަމަށްޓަކައި އޭނައަށް ވަނީ ވަގުތު ފާއިތުވެފައެވެ. ވިސާމްގެ ހިތުގައިވި އެއްޗެއް ޝަފަޤަށް އެނގުނު ފަދައެވެ.
“ވިސާމް އަހަންނާ އިންނަން ބޭނުންވާނަމަ ﷲ އަށް ތައުބާވޭ. އެކަލާނގެ ރަޙްމަތްވަނީ ވިސާމް ހީކުރާވަރަށްވުރެ ވެސް ކައިރީގަ. ވިސާމް މިއަދު ވެސް ދެއަތް އުފުލައި ހެޔޮހިތުން ފާފަ ފުއްސެވުމަށް އެދި ދުޢާކޮށްފިނަމަ ވިސާމް ދުވަހަކުވެސް ފާފައެއް ނުކުރާ މީހަކާ އެއްފަދަވާނެ. ފާފައިން ދުރުވުމަށް ޢަޒުމް ކަނޑައަޅައި ﷲ ގެ ޙަޟްރަތުން އެކަމަށްޓަކައި މަދަދަށް އެދިއްޖެނަމަ ﷲ މަދަދު ދެއްވާނެ. ވިސާމަށް ދުވަހަކުވެސް އިޙްޞާޞްނުކުރެވޭ ހިތްހަމަޖެހުމެއް ﷲ ގެ އިރާދަފުޅުން ލިބޭނެ. އަދި އެކަލާނގެ ވިސާމަށްޓަކައި ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުފަހިކޮށްދެއްވާނެ.” ޝަފަޤް އިތުރަށް ނަޞޭޙަތްތެރިވިއެވެ. އޭނަގެ ބޭނުމަކަށްވެފައިވީ ވިސާމް ތައުބާވުމުގެ ސަބަބަކަށް އޭނަ ވުމަށެވެ. އެކަމުގެ ޘަވާބާއި ދަރުމައަށް އޭނައަށް އެދެވޭ ވަރުންނެވެ.
ވިސާމަށް ދެބުމަ ކައިރި ކޮށްގެން ކޮޓަރީގެ ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ވިސްނުމެއްގެ ތެރޭގައެވެ. އެބަސްތަކުން އޭނަގެ ހިތަށް އަސަރު ކުރަނީ ކީއްވެބާއޭ އޭނަގެ ހިތަށްއަރަމުން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ ޝަފަޤް އެބުނާ ގޮތަށް ތައުބާވާން އޭނަގެ ހިތް ބުންޏެވެ. އެއާއެކު އޭނަ ތައުބާވުމުން ވާނެ ގޮތަކާމެދު އޭނައަށް ވިސްނާލެވުނެވެ. އޭނަގެ ކުރިން އެ “ތައުބާ”ވި ލަވަ ކިޔުންތެރިން ފަދައިން އޭނަވެސް ލަވަ ކިޔުން ހުއްޓާލަން ޖެހިދާނެތާއެވެ. އޭރުން މީހުން ބުނާނީ ކީކޭ ހެއްޔެވެ؟ އެއޮތް “ކޫލް”ކޮށް އުޅުނު ވިސާމް “ކަޓު”ވީ ގޮތުގެ ވާހަކަ ދައްކާނެކަން ގައިމެވެ. އޭނަގެ މަޝްހޫރުކަން ގެއްލެން މާ ގިނަ ދުވަހެއް ނުނަގާނެކަން ޔަޤީނެވެ. އޭނައަށް މިހާރު ފައިސާ ލިބޭވަރަށް ފައިސާއެއްވެސް ނުލިބޭނެކަން ކަށަވަރެވެ. އެވެސް އަންހެން ކުއްޖެއްގެ ސަބަބުންނެވެ.
ސިކުނޑިއަށް ވެރިވި ޚިޔާލުތަކުން ވިސާމަށް ބުމަގޮށްޖަހާލެވުނެވެ. ނޫނެކެވެ. އޭނަ އޭނަގެ ޙަޔާތް އެފަދަ ގޮތަކަށް ބަދަލުވިޔަ ނުދޭނެއެވެ. މި ނިކަމެތި އަންހެން ކުއްޖާގެ ބަހަށް ހެއްލިގެން އަމުދުންނެއްނޫނެވެ. އެގެއިން ނިކުމެގެން ދާން އެވަގުތު ވިސާމްގެ ހިތަށްއެރިއެވެ. އެހެނަސް އޭނަ މިގެއަށް އައީ ކީއްކުރަންކަން އެނގުންވި ހިނދު ވިސާމް އަނެއްކާވެސް ދެން ހަދާނެ ގޮތަކާމެދު ވިސްނަން ފެށިއެވެ. އެއާއެކު އޭނައަށް މޮޅު ޚިޔާލެއް ލިބުނެވެ. އޭނަ ކުއްލިއަށް އޭނަގެ ދެލޮލުގެ ތެރޭގައި ވަކިވަކިން އިނގިލި ޖައްސާލަމުން ފެންކަޅި ކުރުވިއެވެ. އެއަށްފަހު މޫނުމައްޗަށް ހިތާމަވެރިކަން ވެރި ކުރުވަމުން އަސަރުން ފުރިގެންވި އަޑަކުން ވާހަކަ ދެއްކިއެވެ.
“ޝަފަޤް، ޝަފަޤް އަހަންނަށް އެނގޭ އަހަންނަށް މި އުޅެވެނީ ރަނގަޅަކަށް ނޫންކަން. ކުރިންވެސް ހިތަށްއަރާ ތައުބާވާންވީއޭ. އެކަމަކު ޝަފަޤް ތި ކިޔައިދިން ގޮތުން އަހަރެން ދުވަހަކުވެސް ތައުބާވާން ބޭނުންނުވާ ވަރަށް ތައުބާވާން ބޭނުންވެއްޖެ. ޝަފަޤް، އަހަންނަށް ތައުބާވާން އެހީވެދީ. އަހަރެން ބޭނުން އަހަރެންގެ ހުރިހާ ނުބައި އާދައެއް ދޫކޮށްލަން. އެކަމަށްޓަކައި އަހަންނަށް އެހީވެދީ ޝަފަޤް، އަހަންނަށް އެހީވެދީ.” ވިސާމް ރޮވިފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ. އޭނައަށް ވާހަކަ ދެކެވުނު ގޮތުން ވިސާމަށް އަމިއްލަ ނަފްސަށް ތަޢުރީފު ކުރެވުނެވެ. އޭނަގެ އަޑު އެކި ގޮތްގޮތަށް ބަދަލުކޮށްގެން ވާހަކަ ދެއްކުމަކީ އޭނައަށް ލިބިފައިވާ މޮޅު ހުނަރެކެވެ.
ކޮޓަރި ތެރޭގައި އިން ޝަފަޤަށް ވިސާމްގެ އަޑު އިވިފައި ޝަފަޤްގެ މޫނުމައްޗަށް ވެރިވީ ޤަބޫލުކުރަން ދަތިވެގެން އުޅޭފަދަ އަސަރެކެވެ. ވިސާމް ހަމަ ޙަޤީޤަތުގައި ވެސް ތައުބާވާން ބޭނުންވަނީ ހެއްޔެވެ؟ އޭނަގެ އަޑު ބުނަނީ އެހެންނެވެ. އެހެނަސް އެއީ އޭނައަށް ދައްކާލި ދަޅައަކަށް ނުވެދާނެ ހެއްޔެވެ؟ ފާފަތަކުން ފުރިގެންވި މަގުން މި ހުރިހާ ދުވަހު ހިނގަހިނގާ ހުރި މީހަކު ހަމައެކަނި ބުނެލާ ބަސްތަކެއްގެ ސަބަބުން ތައުބާވެދާނެ ހެއްޔެވެ؟ އެއީ ވެދާނެ ގޮތެކެވެ. ﷲ ކޮންމެ ކަމެއްގެ މައްޗަށް ވެސް ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. އެހެނަސް މި ޙާލަތުގައި އޭނައަށް ވިސާމަށް އިތުބާރުކުރަން ދަތިވިއެވެ. އޭނަ ތައުބާވެއްޖައީމޭ ބުނެގެން އޭނައަށް ލިބިދާނެ ދުނިޔަވީ ފައިދާއެއް މި ޙާލަތުގައިވާތީވެއެވެ. މި ޙާލަތުގައި އޭނައަށް ފެންނަ ހެކިތައް ދޫކޮށް ހެޔޮކޮށް ވިސްނޭކަށް ނެތެވެ. އެހެނީ މިހާރު އޭނަ މި ވާހަކަ ދައްކަނީ އޭނަ މުޅި ދިރިއުޅުން އެކީގައި ވޭތުކުރަން ޚިޔާލުކުރަމުންދާ މީހާއާއެވެ. އެ މީހަކީ ކޮން ކަހަލަ މީހެއްކަން ރަނގަޅަށް ނޭނގި ދިރިއުޅުމުގެ މިހާ ބޮޑު ނިންމުމެއް އޭނައަކަށް ނުނިންމޭނެއެވެ. ވިސްނުމެއްގެ ތެރޭގައި އިނުމަށްފަހު ޝަފަޤް ވާހަކަ ދެއްކިއެވެ.
“ވިސާމް، ހިދާޔަތް ދައްކަވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާ. އެ ހިދާޔަތުގެ މަތީގަ ދެމިހުރުމުގެ ތައުފީޤުވެސް ދެއްވާނީ ހަމައެކަނި އެކަލާނގެ. ވިސާމް ޙަޤީޤަތުގައި ވެސް ﷲ އަށްޓަކައި ތައުބާވާން އެދޭނަމަ އެއްވެސް މީހެއްގެ އެހީއެއް ވިސާމަށް ބޭނުމެއްނުވާނެ. ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ތައުބާވުމުން ވިސާމަށް ދިމާވާނެ ދަތިތަކާ އޭގެ ސަބަބުން ވިސާމަށް ލިބޭނެ ހިތާމަތައް. އެ ދަތިތަކާއި ހިތާމަތައް ފިއްލެވުމަށް އެދި ވިސާމް ﷲ އަށް ދުޢާކޮށްފިނަމަ ﷲ އެ ކަންތައް ފިއްލަވާނެ. މީހަކަށް ނޭނގިދާނެ ވިސާމްގެ އިޙްޞާޞްތައް. އެކަމަކު ﷲ މޮޅަށް ދެނެވޮޑިގެންވޭ. އަހަރެން ބޭނުން ވިސާމާއި އިނުމުގެ ކުރިން ވިސާމް ތައުބާވާތަން ދެކެން. އޭރުން ވިސާމާއި އަހަރެން އިންނާނީ ވިސާމްދެކެ ﷲ އަށްޓަކައި ލޯބިވާ ޙާލުގައި. ވަރަށް ބޭނުން އެދުވަސް ދެކެން.” ޝަފަޤް ސާބިތު ހިތަކާއެކީ ދެއްކި ވާހަކަތަކުން ކޮޓަރީގެ ބޭރުގައި ހުރި ވިސާމަށް ދަތްކުނޑި ވިކެމުން ދިޔައެވެ. އައިސްފައި ހުރި ރުޅިއެއްގެ ސަބަބުން މުއްކެވިފައިވާ އަތުން ކުރިމަތީގައި ހުރި ދޮރަށް އެތިފަހަރެއް ވިއްލާލަން ހިތަށްއެރިއެވެ. އެހެނަސް އޭނަ އެހެން ހެދުމެއްނެތި ހަމައަކަށް އެޅޭތޯ ބެލިއެވެ. އަދި ފުން ނޭވައެއް އެތެރެއަށްލަމުން ވާހަކަ ދެއްކިއެވެ.
“އެންމެ ރަނގަޅު ޝަފަޤް. އަހަރެން ތިކަމާ ވިސްނާނަން. މިހާރު ދަނީ.” ވިސާމް އެހެން ބުނެލަމުން ދާން ހިނގައިގަތީ އެންމެ ސިކުންތަކަށް ދެން މަޑުކޮށްލިޔަސް އޭނަގެ ދޮގުވެރިކަން ފަޟީޙަތްވާނެހެން ހީވީތީވެއެވެ. އޭނަ ގެއިން ނިކުންނަން ދިޔަ ވަގުތު ޒަމީނާ ގޭގެ ދޮރުމަތީގައި ނުރުހުންތެރިކަމާއެކީ ބަލަން ހުރި ގޮތުން އޭނަ ކުޑަކޮށް ހުއްޓުން އެރިއެވެ. ނަމަވެސް އޭނަ އެއްޗެކޭ ހިތަށް ނާރުވާ ކުރިއަށް ދިޔުމުން ޒަމީނާ ވެސް އަތުގައި އޮތް ކޮތަޅާއެކީ ގޭގެ ތެރެއަށް ދާން ހިނގައިގަތެވެ. ވިސާމަށް ގޭގެ ފެންޑާ ތެރެއަށް ނިކުމެ ގޭގެ މައިދޮރާއި ހަމަވީ ވަގުތު މީހެއްގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއް އެރި އަޑުއިވުނެވެ. އެ އަޑަށް ވިސާމް ފަސްއެނބުރި ބަލާލިތަނާހެން ޒަމީނާ ހަޅޭއްލަވައިގަތް އަޑުވެސް އިވުނެވެ. ޒަމީނާ އައި ރުޅީގައި ޝަފަޤަށް އަނިޔާ ކުރަނީކަން ވިސާމަށް އެނގުންވިއެވެ. އެހިނދު ވިސާމްގެ ހިތުގައި ޝަފަޤަށްޓަކައި ޙަމްދަރުދީއެއް އުފެދުނު ގޮތުން ވިސާމް ޙައިރާންވިއެވެ. އޭނައަށް ޝަފަޤް ދެންމެ ޖެއްސި އުނދަގުލަށްޓަކައި އޭނަ އުފާވާންވީ ނޫންހޭ އޭނަގެ ހިތަށްއެރިއެވެ. ނަމަވެސް ކީއްވެކަމެއް ނޭނގެއެވެ. ޝަފަޤް އެ ބުނިހާ އެއްޗެއް ބުނީ އޭނައަށް ރަނގަޅަކަށްކަމަށް އޭނަގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ.
ހިތު ތެރޭގައި އާ ހައިޖާނެއް އުފެދެން އުޅުނު ވަގުތު ވިސާމް ފުން ނޭވައެއް ދޫކޮށްލަމުން ކުރިމައްޗަށް ބަލާލިއެވެ. ޝަފަޤާއި އެހީވާން ދާން ހިތަށްއެރިއެއްކަމަކު އޭނަ ޚިޔާލު ބަދަލުކޮށްލަމުން ކާރަށް އަރަން ދިޔައެވެ. އަދި އަނެއްކާވެސް ދެން ހަދަންވީ ގޮތަކާމެދު ވިސްނަން ފެށިއެވެ. އާދައިގެ މަތިން މާ ގިނައިރެއްނުވެ އޭނަގެ މޮޅު ސިކުނޑި އާ ޚިޔާލެއް ދިނެވެ.
**
“ހުދާ އިބްރާހީމް! ގޯޑް އައި ހޭޓް ހާރ ސޯ މަޗް! މުޅި ސްކޫލްގެ އެންމެން މިހާރު ހީކުރަނީ މަ އުޅެނީ އޭނަދެކެ ލޯބިވެގެން ކަމަށް. ޑެސްޕަރޭޓް ލުކް މައި ފުޓް!” އައިމަން އެހެން ބުނެލީ އެމީހުންގެ ގޭގައި ހުންނަ ފޮތްތަކުން ފުރިފައިވި ކޮޓަރީގެ ދިގު މޭޒެއްގެ ދޮށުގައި އިނދެއެވެ. އޭނަގެ ކުރިމަތީގައި ހުޅުވާފައި ބޮޑު ފޮތެއް އޮތެއްކަމަކު އޭނަގެ ނަޒަރު ހުއްޓިފައިވީ އޭނަގެ ފޯނަށެވެ.
“އެހާވަރަށް ހޭޓްވާތީތަ ދޭތެރެދޭތެރެއިން އޭނަގެ ވާހަކަ ތި ދެކެވެނީ؟” ފޮތް ހަރުގަނޑެއްގެ ކައިރީގައި ހުރެ ފޮތެއް ހޯދަމުން ދިޔަ އަޒާން އަހާލިއެވެ. އައިމަން ހުދާދެކެ ލޯބިވާ ވާހަކަ ސްކޫލްގެ ތެރެއިން އޭނައަށް ވެސް އިވިފައިވެއެވެ. އެވާހަކަ އިވުނު އެންމެ ފުރަތަމަ ދުވަހު އޭނަގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެއީ އެ “ލޯބީގެ” ސަބަބުން އޭނައާއި އައިމަންގެ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެތީވެއެވެ. އެހެނަސް އެއީ ދޮގެއްކަން އެނގުންވުމުން އޭނައަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
“އެ ވާހަކަ ނުދެކެވޭވަރަކަށް ނޫނޭ އެކި މީހުން އަހަރެންގެ ޓައިމްލައިންގަ ލިޔަނީ!” އައިމަން އޭނަގެ ފޯނުން ނަޒަރު ވަކި ކުރުމެއްނެތި ބުންޏެވެ. އަޒާން އޭނަ ބޭނުންވި ފޮތް ހިފައިގެން އަންނަން ފެށިއެވެ.
“ތި ފޯނު އެންމެ ސިކުންތަކަށް ވެސް ނިވާލިއްޔާ އެމީހުން ލިޔާ އެއްޗެއް ނުފެންނާނެއެއްނު؟” އަޒާން އައިމަންގެ ކުރިމައްޗަށްވާ ގޮތަށް އިށީނދެ އޭނަ ގެނައި ފޮތް ހުޅުވާލިއެވެ.
“ޔޫ އާރ ރައިޓް ބްރަދާ! އަނ…ނިވާލީ. ލެޓްސް ކޮންސެންޓްރޭޓް……..އޭ ޒާން ހުރިހާ ވީކެންޑް އެސައިންމެންޓެއް ނިމިއްޖެތަ؟” އައިމަން އޭނަގެ ފޯނު އެއްފަރާތެއްގައި ބާއްވަމުން ފޮތް ބަލަން އުޅެފައިވެސް ކުއްލިއަކަށް އަހާލިއެވެ.
“އެންމެ ފަހު އެތި މި ހަދަނީ.” އަޒާން އޭނަގެ ފޮތުން ނަޒަރު ވަކި ކުރުމެއްނެތި ބުންޏެވެ.
“ގްރޭޓް! ޕްލީޒް އަހަންނަށް މި ފިޒިކްސް އެސައިންމެންޓް ހަދާލަދީބަލަ. ބްރޯ ފިޒިކްސްއަށް މޮޅެއްނު އައިންސްޓައިންއަށްވުރެވެސް؟ ޕްލީޒް ޒާން. ޖަސްޓް ދިސް ވަންސް.” އައިމަން އާދޭސްކުރާ ފަދައަކުން އެދުނެވެ.
“އައްމު، ނޯ! އައްމުއަށް މާ ރަނގަޅަށް އެނގެއެއްނު އަހަރެން ޗީޓްކުރަން އެހީނުވާކަން؟” އަޒާން އައިމަނަށް ބަލާލަމުން ބުނެލިއެވެ.
“ބަޓް ވާއި؟ ތިމާގެ އަޚާއަށް އެހީވުމަކީ ރަނގަޅުކަމެއް ނޫންތަ؟” އައިމަން ޞާލިޙުވާކަމަށް ހެދެމުން ރާގަކަށް އަހާލިއެވެ. އޭނައަށް ބުނެވުނު ގޮތުން ޚުދު އޭނައަށް ވެސް ހީލެވުނެވެ. ނަމަވެސް އަޒާނަކަށް ނުހެވެއެވެ.
“އެއީ އަޚާއަށް އެހީވުމެއްނޫން. ނުބައިކަމެއްގަ އަޚަކަށް އެހީވިއްޔާ އެ އަޚާއަށް ވެސް ޚިޔާނާތްތެރި އެ ވެވެނީ.” އަޒާން ސީރިއަސްކަމާއެކީ ބުނެލިއެވެ.
“އޯކޭ އޯކޭ ފައިން! ޞާލިޙު އަޅާގެ ބަސް ޤަބޫލުކޮށްފިން މި ނުކިޔަމަންތެރި އަޅާ. ހެހެހެހެ…….” އައިމަނަށް ހެވެން ފެށިއެވެ. އެވަގުތު ޢަޞްރު ނަމާދަށް ބަންގި ގޮވަން ފެށިއެވެ. އެ އަޑު އިވިފައި އަޒާން ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އޭނަ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެފައި ކުއްލިއަކަށް ފޮތް ލައްޕާލިއެވެ. އަދި ގޮނޑިން ތެދުވެ އެކޮޓަރިން ނިކުންނަން ދާން ހިނގައިގަތެވެ.
“އޭ ބްރޯ އަދި ކުޑަކޮށް މަޑުކޮށްލަބަލަ އަހަންނަށް ހެލްޕްވާން އެޓްލީސްޓް. މީތި ފަށަންވީ ދިމާލެއްވެސް ނޭނގިގެން މިއުޅެނީ.” އައިމަން ފަސްއެނބުރި އަޒާނަށް ބަލާލަމުން އެދުނެވެ.
“މަޑުކުރެވޭކަށް ނެތް.” އަޒާން ކޮޓަރީގެ ދޮރު ކައިރީގައި ހުރެ ސީރިއަސް ނަޒަރަކާއެކީ ބުންޏެވެ.
“ކިހިނެއްވީ؟ ފާޚާނާއަށް ދާންޖެހުނީތަ؟” އައިމަން ސަމާސާ ރާގަކަށް އަހާލިއެވެ.
“ނޫން. މިދަނީ ނަމާދަށް.” އަޒާން ޖަވާބުދިނެވެ.
“ނަމާދަށޭ؟ ޑޫޑް! ކިހިނެއްވެގެންތަ މި ދުވަސްކޮޅު ތި އުޅެނީ؟ އެކި ދުވަސްމަތިން ކޮންމެވެސް އެއްނަމާދަކަށް ދާތަން އެބަފެނޭ. ހުރިހާ ނަމާދެއް ކުރާނަމަތާ ބުނެވޭނީ ވެސް މަލާއިކަތަކަށްވީއޭ. އަނެއްކާ ކޮންމެވެސް ދީނީ ކުއްޖެއްދެކެ ލޯބިވެގެންތަ ތިއުޅެނީ އަހަރެން ކައިރި ނުވެސް ބުނެ؟” އައިމަން އެންމެ ފަހު ސުވާލުކޮށްލީ އުޖާލާވެގެން ދިޔަ މޫނަކާއެކީ ލާނެތް ރާގަކަށެވެ.
“ނޫން އައްމު. ނަމާދަކީ އަހަރުމެން ކުރަންޖެހޭ ކަމެއްނޫންތަ؟” އަޒާން އަހާލިއެވެ.
“އާނ އެކަމަކް…….އޯ! މިދިޔަ ހަފްތާގަ އިސްލާމް ސާރ އެސަމްބްލީގަ އެހާވަރަށް ނަރަކައިގެ ވާހަކަ ދެއްކީމަދޯ؟ ސީރިއަސްލީ ޒާން. އެއީ އެހާ ސީރިއަސްކޮށް ނަގަންޖެހޭ ވާހަކަތަކެއް ނޫނޭ. އެޓްލީސްޓް އަދި ސީރިއަސްކޮށް ނަގާކަށް ނުޖެހޭ. ވީ އާރ ޔަންގް، އިންޑިޕެންޑެންޓް އެންޑް ސްޓްރޯންގް. ތި ކަންކަމާމެދު ވިސްނާނީ މުސްކުޅިވީމަ. މި ދުވަސްކޮޅު އަހަރުމެން އެންޖޯއި ނުކޮށް ތި ނަމާދަކާ އެއްޗެހި ކޮށްކޮށް ތިބިއްޔާ މުޅި އުމުރު ދާނީ ތި ކަމުގަ. ބިލީވް މީ. އެންޑް ޔޫ ވިލް ރީގްރެޓް އިޓް. އަހަރެން ބުނާނީ ތިހެން ގިލްޓީވުމުގަ މި އަގުހުރި ވަގުތުތައް ބޭކާރު ނުކުރާށޭ.” އައިމަން ދެއްކި ވާހަކަތައް އަޑުއަހަން އަޒާނަށް ހުރެވުނީ ދެބުމަ ކައިރި ކޮށްގެންނެވެ. އޭނަ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.
“އައިމަންއަށް ތިހުރެވެނީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގަ. ޔޫ އާރ އަޓާލީ ކޮންފިއުޒްޑް.” އަޒާން މަޑުމައިތިރި އަޑަކުން އެހެން ބުނެލަމުން އެތަނުން ނިކުންނަން ހިނގައިގަތެވެ. އަޒާން އެ ބުނި އެއްޗެއްގެ މާނަ ނޭނގުނު އައިމަނަށް ބުމަގޮށްޖަހާލެވުނެވެ.
“ވިއާޑް!” އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް އެހެން ބުނެލަމުން އައިމަން އޭނަގެ ފޯނު ހުޅުވާލަމުން ލަވައެއްޖަހާލީ ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން ދުރުވުމަށެވެ.
**
އެދުވަހު ހަވީރު 4:32 ވީ ވަގުތު ޝަފަޤް އޮތީ އޭނަގެ ކޮޓަރީގައި ގޮދަޑި އަޅައިގެން އޮށޯވެގެންނެވެ. މުޅި ދުވަހު މަސައްކަތް ކުރަމުން ގޮސް އޭނައަށް އަރާމުކުރަން ވަގުތެއް ލިބުނީ އަދި ކިރިޔާއެވެ. އެހެން ދުވަސްދުވަހު ޝަފަޤް ޢާއްމު ގޮތެއްގައި މިގަޑީގައި ކުޑަކޮށް ނިދާލަނީއެވެ. އެހެނަސް މިއަދު އޭނަގެ ލޮލަށް ނިދި އަންނަ ގޮތެއް ނުވިއެވެ. އެނބުރެމުން ދިޔަ ފަންކާއަށް ނަޒަރު ހުއްޓައިގެން އޭނަ އޮތްއިރު އޭނައަށް ވިސްނެމުން ދިޔައީ މިއަދު އޭނައާއި ވިސާމާއި ދެކެވުނު ވާހަކަތަކާއި މެދުގައެވެ. ވިސާމް ތިމަންނަ ތައުބާވާން ބޭނުމޭ ބުނުމުން އޭނައަށް ވާހަކަ ދެކެވުނު ގޮތުން ޝަފަޤަށް ކުރީކޮޅު ހިތާމަ ކުރެވުނެވެ. ނަމަވެސް އެ ހިތާމަ ނެތި ދިޔައީ މިއަދު ބަދިގޭގައި މަސައްކަތް ކުރަމުން ދިޔައިރު ރޭޑިޔޯއިން އިވުނު ދީނީ ނަޞޭޙަތެއް އަޑު އެހުމުންނެވެ. އެ ނަޞޭޙަތުން ޢިލްމުވެރިއަކު ވާހަކަ ދެއްކެވީ ތައުބާއާއި ބެހޭގޮތުންނެވެ. އެ ޢިލްމުވެރިޔާ ބުނުއްވި ގޮތުގައި މީހަކު ޙަޤީޤަތުގައި ތައުބާވެއްޖެނަމަ އޭނަގެ ޢަމަލުން އެކަން ފެންނާނެއެވެ. ޝަފަޤަށް އެ ވާހަކައާއި އެއްބަސްވެވުނެވެ. އޭނައަށް މިހާރު ވިސާމްގެ ބަސް އިވިއްޖެއެވެ. އެ ބަހުގެ އިޚްލާޞްތެރިކަން ވިސާމްގެ ޢަމަލުން ސާބިތު ނުވަނީސް އޭނަ ވިސާމާއި އިންނަން އެއްބަހެއް ނުވާނެއެވެ.
“ޝަފަޤް! ނިކަން ބަލާބަލަ މިތިބީ ކޮން ބައެއްކަން.” ބޭރުން ޒަމީނާ ގޮވާލި އަޑަށް ޝަފަޤަށް ލުއްކެއްޖަހައި ތެދުވެވުނެވެ. ހަމައެއާއެކު މިޝްކާގެ ނަން ހިތަށްވަނުމުން ޝަފަޤްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނައަކީ މިޝްކާގެ މަންމަކަމަށް ބުނެވުނު ފަހުން މިޝްކާ އަދި މިގެއަށް މިއައީ ފުރަތަމަ ފަހަރަށެވެ. ހިތަށް ވެރިވި އުފާވެރިކަމާއެކީ ޝަފަޤް ގޮދަޑިން ތެދުވެގެން ގޮސް އަލަމާރިން ބުރުގާއެއް ނަގައި ބުރުގާ އެޅިއެވެ. އެއަށްފަހު ކެތްމަދުވެފައިވާ ހިތަކާއެކީ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
“މަންމި!” ޝަފަޤް ފެނިލުމާއެކު މިޝްކާ އޭނައާއި ދިމާލަށް ދުއްވައިގަތެވެ. މިޝްކާ އޭނައަށް ގޮވާލި ނަމަކުން ޝަފަޤް ފެންކަޅިވެގެން ދިޔަ ދެލޮލާއެކީ ކުރުފައިމައްޗަށް ތިރިވެ މިޝްކާއާއި ދިމާލަށް ދެއަތް ދިއްކޮށްލިއެވެ. އެއާއެކު މިޝްކާ ގޮސް އެ އަތުތެރެއަށް ވަނެވެ. ދުރުގައި މަންޒަރު ބަލަންހުރި ވިސާމަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. ކުރިމަތިން ފެންނަމުން މިދަނީ އޭނަގެ މުސްތަޤްބަލޭ ހިތަށްއެރި ވަގުތު އޭނައަށް ހިތްހަމަޖެހުމެއް ލިބުނީ ކީއްވެކަމެއް ނޭނގެއެވެ. ޝަފަޤް ކަހަލަ މީހަކާއެކީ އޭނައަށް ދުވަހަކުވެސް ހަމަޖެހުމެއް ލިބޭނެ ހެއްޔެވެ؟ އޭނައަކަށް ޔަޤީނެއްނޫނެވެ.
“މަންމި އައި މިސްޑް ޔޫ ސޯ މަޗް. މަންމި ކޮއްކޮ މަތިން މިސްވިތަ؟” މިޝްކާ ޝަފަޤާއި ކުޑަކޮށް ދުރުވެ ދެންވެސް އޭނަގެ ކަރުގައި ދެއަތް އަޅުވައިގެން ހުރެ އަހާލިއެވެ.
“ވަރަށް ބޮޑަށް މިސްވި ކޮއްކޮ މަތިން.” ޝަފަޤްގެ ލޯތްބާއެކީ މިޝްކާގެ އިސްތަށިގަނޑު ރީތިކުރަމުން ބުންޏެވެ.
“އެހެންވީމަ މަންމި ދެން ގެއަށް އާދޭ. މަންމިއަށް އެނގޭތަ؟ އަސްލު ބައްޕި ބޭރަށް ދަނީ ބައްޕިއަކީ ރޮކްސްޓާރއެއްވީމައޭ. ބޭރަށް ގޮސްގެން ރުފިޔާ ހޯދައިގެން ކޮއްކޮއަށް އައިސްކްރީމް ގަނެދެނީ. ބައްޕި މަންމިދެކެ ލޯބިނުވާތީވެއެއްނޫން ބޭރަށްދަނީ.” މިޝްކާ ދެރަ ގޮތަކަށް ޝަފަޤަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ޝަފަޤަށް ދުރުގައި ހުރި ވިސާމަށް ބަލާލެވުނެވެ. އެވަގުތު ވިސާމްގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމެއް އޭނަ ކޮންޓްރޯލް ކޮށްލިކަން ޝަފަޤަށް ނަގައިގަނެވުނެވެ. ވިސާމް ހިނިތުންވާންވީ ސަބަބެއް އޭނައަށް ނަގައިނުގަނެވުނެވެ. ނަމަވެސް އޭނަ ދޭންވީ ޖަވާބު އޭނައަށް ސާފެވެ.
“ކޮއްކޯ، މަންމި އަދިވެސް ބައްޕިއަށް ރުޅިއާދޭ އެގޮތަށް ބޭރަށްދާތީ. ބައްޕި ކައިރި ބުނޭ ބޭރަށް ނުދާށޭ. ރޮކްސްޓާރއަކަށްވެގެން ބޭރަށް ނުދިޔަޔަސް ރުފިޔާ ލިބޭނެ ގޮތްތައް ހުންނާނެއޭ. ބައްޕިއަށް އައްޑޫގައި ހުރެގެން ވެސް ރުފިޔާ ހޯދަން ކަމެއް ކުރެވިދާނެއޭ.” ޝަފަޤް ނުރުހުންވާކަމަށް ހެދެމުން ހިތާހިތުން ކާމިޔާބުގެ ހީލުމަކާއެކީ ބުނެލިއެވެ. އޭނަގެ އެ ވާހަކައިން ވިސާމްގެ ހިނިތުންވުން ފިލައި އޭނަގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. މިޝްކާ ޝަފަޤް ދެއްކި ވާހަކަތައް އޭނަގާތު ބުނަން އުޅުނު ތަނާހެން އޭނަ ވާހަކަ ދެއްކިއެވެ.
“މިޝްކާ މަންމި ކައިރި ބުނޭ އެގޮތަށް ހެދީމަ އެހާ ގިނަ ލާރިއެއް ނުލިބޭނެއޭ.” ވިސާމް ބުނެލިއެވެ. އޭނަ ކިތަންމެ ބޭނުމެއްނުވިޔަސް އެވަގުތު އޭނަގެ އަޑުގައިވި ރުޅިވެރިކަން ސިއްރެއްނުވިއެވެ. އެކަން ފާހަގަވި ޝަފަޤަށް ވިސްނުންތެރިކަމާއެކީ ވިސާމަށް ބެލުނެވެ. އޭނަގެ އެ ނަޒަރުން އުނދަގޫވެގެން ކަހަލަ ގޮތަކަށް ވިސާމް ދުރު ބެލި ގޮތުން ޝަފަޤްގެ ހީ ޔަޤީނަކަށް ބަދަލުވާން ކައިރިވިއެވެ. އެހެނަސް ތައުބާވާން އެދޭ މީހަކަށް ވެސް ހުރިހާ ކަމެއް އެއްފަހަރާ ދޫކޮށްލަން ފަސޭހައެއްނުވެދާނެތާއޭ އޭނަގެ ހިތް ބުންޏެވެ. މިޝްކާ އަނެއްކާވެސް ޝަފަޤަށް ބަލާލުމުން ޝަފަޤް ވާހަކަ ދެއްކިއެވެ.
“ކޮއްކޯ، ބައްޕި ކައިރި ބުނޭ އަހަރުމެންނަށް މި ދުނިޔޭގަ ހުރިހާ އެއްޗެއް ދެއްވަނީ ﷲ އޭ. އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް އުޅޭ މީހުންނަށް އެކަލާނގެ ގިނައިން ދެއްވާނެއޭ.” ޝަފަޤް މިޝްކާއަށް ބަލަންހުރެ އެހެން ބުނުމަށްފަހު އަނެއްކާވެސް ވިސާމަށް ބަލާލިއެވެ. ވިސާމް ބުމަގޮށްޖެހިފައި ހުރެ ފުން ނޭވައެއް ދޫކޮށް އިސްޖަހާލިއެވެ. މިޝްކާ ބަލާލި ވަގުތުވެސް ވިސާމް ހުރީ އިސްޖަހައިގެންނެވެ. މިޝްކާ އޭނަގެ ބައްޕައަށް ގޮވާލަން އަނގަ ހުޅުވާލި ވަގުތު ވިސާމް ވާހަކަ ދެއްކިއެވެ.
“މިޝްކާ ޒަމީންތަ ކައިރިއަށް ބަދިގެއަށް ދޭބަލަ ކުޑަ އިރުކޮޅަކަށް. ޒަމީންތަ އަތުގަ ހުންނާނެ މިއަދު މަންމި އެޅި ޗޮކްލެޓް ކޭކް، ދޯ މަންމި؟” ވިސާމް ދެންވެސް ސީރިއަސް މޫނެއްގައި ހުރެ ބުންޏެވެ. ޝަފަޤް އަބަދުވެސް ފިހާރައަށް ގެންދާ ކޭކުތަކުގެ ތެރެއިން މިޝްކާއަށްޓަކައި ކޭކެއް ބަހައްޓާތީ އޭނަ ބޯޖަހާލިއެވެ. ވިސާމް އުޅެނީ އޭނައާއި ވަކިން ވާހަކަ ދައްކަން އެނގުންވީ ހިނދު އެއީ ކީއްކުރަންތޯ ޝަފަޤްގެ ހިތަށްއެރިއެވެ. މިޝްކާ ޔެސްއޭ ކިޔައި ޝަފަޤްގެ ކޯތާފަތަށް ބޮސްދީފައި ބަދިގެއާއި ދިމާލަށް ދުއްވައިގަތުމުން ޝަފަޤް ކޮޅަށް ތެދުވިއެވެ. އެވަގުތު ވިސާމް އޭނައާއި ދިމާލަށް އަންނަނީއެވެ. ވިސާމް އޭނައާއި ގާތްވީވީހެން ޝަފަޤް ކޮޓަރި ތެރެއަށްވަނެވެ. ވިސާމް ވެސް ޝަފަޤްގެ ފަހަތުން ގޮސް ކޮޓަރިއަށް ވަންނަން އުޅުނު ތަނާހެން ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ލެއްޕިގެން ދިޔައެވެ. ހަމަ އެ ސިކުންތުގައި އެކަހަލަ ކަމަކަށް ސަމާލުވެގެން ނެތް ވިސާމްގެ ބޯ ބާރަށް ގޮސް އެ ދޮރުގައި ޖެހުނެވެ.
“އައުޗް!” ވީތަދަކާއެކީ ނިތްކުރީގައި އެއްއަތް އަޅާލަމުން ވިސާމަށް ދެލޯ ތަގުޅި ކޮށްލެވުނެވެ. ވިސާމްގެ އަޑު އިވިފައި ކޮޓަރީގައި ހުރި ޝަފަޤަށް އަނގަމަތީގައި ދެއަތް އަޅާލެވުނެވެ. އޭނަ އަންގާލުމެއްނެތި ދޮރު ލައްޕާލީ ވިސާމް މިވަގުތު ނުރުހުންވެފައި ހުރުމުން ގަދަކަމުން ވެސް އޭނައާއި އެކަހެރިވާން މަސައްކަތް ކުރާނެއޭ ހިތާއެވެ. އެހެނަސް އެއިން ވިސާމަށް އަނިޔާއެއްވެއްޖެކަން އެނގުމުން އޭނަ ދެރަވާގޮތްވިއެވެ.
“ބޯ ޖެހުނީތަ؟” ޝަފަޤަށް އަހާލެވުނެވެ.
“އާނއެކޭ ދޮރު ލެއްޕުމުގެ އެކްސްޕާޓް!” ވިސާމް ނުރުހުންތެރިކަމާއެކީ އެހެން ބުނެލި ގޮތުން ޝަފަޤަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އޭނަ ދޮރު ހުޅުވައި ވިސާމްގެ ޙާލު ބަލާލަން ބޭނުންވިއެވެ. ނަމަވެސް ވިސާމް އޭގެ ނުބައި މާނައެއް ނަގާފާނެތީ ޝަފަޤް ޚިޔާލު ބަދަލުކޮށްލިއެވެ.
“އައިސްއަލަމާރީގަ އޮންނާނެ ގަނޑު ފެންގަނޑެއް.” ޝަފަޤް ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރެ މަޑު އަޑަކުން އެހެން ބުނެލީ، އޭނަގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބުމުން އޭނަ ދެރަވީ މިންވަރުންނެވެ. އެ ވާހަކަ އިވިފައި ވިސާމަށް އޭނަގެ ނިތްކުރިން އަތް ނަގާލަމުން ކުރިމަތީގައި ހުރި ދޮރަށް ބަލާލެވުނީ ރުޅިވެރި ނަޒަރަކުންނެވެ. މީހަކު މަރުވިޔަސް އެމީހަކު އަމިއްލައަށް ކަށްވަޅަށް ދިޔުމަށް ޝަފަޤް ބުނެފާނެއޭ އޭނަގެ ހިތް ބުންޏެވެ.
“ނޯ ތޭންކްސް.” ވިސާމް ހަމައަކަށް އެޅޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ. އެއަށްފަހު މިވަގުތު އޭނަ މިގެއަށް އައިއްސަ ހުރި މަޤްޞަދު މަތިން ހަނދާންކޮށް އޭނަ ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި މޫނުމައްޗަށް އާދޭހުގެ އަސަރެއް ގެންނަމުން ވާހަކަ ދެއްކިއެވެ.
“ޝަފަޤް، އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ޝަފަޤްއާ އިންނަން. ޝަފަޤްއަށް ވެސް އެނގެއެއްނު ޝަފަޤް ނެތީމަ މިޝްކާގެ ސުވާލުތައް ގިނަވާނެ މިންވަރު؟ އިރާދަކުރެއްވިއްޔާ އަހަރެން މިދަނީ ތައުބާވަމުން. މިއަދު މެންދުރު ނަމާދާއި ޢަޞްރު ނަމާދުވެސް ކުރިން. ވަރަށް އުފާވި ނަމާދު ކުރެވުނީމަ.” ވިސާމް އޮމާންކަމާއެކީ ބުނެލީ އޭނަ މުޅި ދުވަހު ބުނަން ދަސްކުރި ދޮގެވެ. ކޮޓަރި ތެރޭގައި ދޮރާއި ދިމާލަށް ބަލަން ހުރި ޝަފަޤް ފުރަތަމަ ސިކުންތުގައި ވިސާމް ބުނި ބަސްތައް ޤަބޫލުކުރެވުނެވެ. އޭނައަކީ އަބަދުވެސް އެހެން މީހުންނާމެދު ރަނގަޅަށް ވިސްނާ މީހަކަށްވާތީވެއެވެ. ނަމަވެސް މިއަދު އެގޮތަށް ކަންތައް ކޮށްގެން އޭނަ ދުވަހަކުވެސް ސަލާމަތް ނުވެވޭނެ ފަދަ އަނދަވަޅަކަށް ވެއްޓިދާނެހެން ހީވުމުން ޝަފަޤް ވިސްނުންތެރިކަމާއެކީ ވާހަކަ ދެއްކިއެވެ.
“މާޝާ ﷲ! އަހަރެން ދުޢާކުރާނަން ވިސާމަށް ތި ބަދަލު ގެންނަން ފަސޭހަވާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި. ވިސާމް، އަހަރެންވެސް ބޭނުން ވީހާވެސް އަވަހަކަށް ވިސާމާއި މިޝްކާއާއެކީ އުޅެން. އެކަމަކު އެކަންވާނީ ދެންމެ އަހަރެން މިޝްކާ ގާތު ބުނި ގޮތަށް ކަންތައް ކޮށްގެން. އަހަރެން ރަންކިޔަން ބޭނުންވަނީ ވިސާމް އާ ވަޒީފާއެއް ހޯދައިގެން މުސާރަ ލިބުނީމަ.” ޝަފަޤް ބުނެލިއެވެ. އޭނަ އެހެން ބުނެލީ ވިސާމް ބަދަލުވުމަށް އިތުރު ބާރެއް އެޅުމުގެ ގޮތުންނެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަގެ ވާހަކައިން ވިސާމް އަނެއްކާވެސް ނުރުހުންވިކަމެވެ. ވިސާމަށް މިފަހަރު ވަގުތުން ރައްދެއް ދެވުނެވެ.
“ތިއީ އެހާ ފަސޭހަކަމެއްނޫނޭ ޝަފަޤް. ކިހިނެއް އަހަރެން ކުއްލިއަކަށް މި ހުރިހާ ކަމެއް ދޫކޮށްލާނީ؟ އަހަންނަށް ވަޒީފާއެއް ލިބޭނެކަމުގެ ޔަޤީންކަން އޮތީއެއްނޫން. ކަން މިހެން އޮތްވާ އަހަރެން ބޭނުމެއްނޫން ޝަފަޤް އެހާ ދުވަސްވަންދެން މިގޭގަ ބަހައްޓާކަށް. އަހަންނަށް އެނގޭ ޝަފަޤްގެ ބޮޑުދައިތަ ޝަފަޤްއާ ދޭތެރޭ ކަންތައް ކުރާ ގޮތް.” ވިސާމަށް ވާހަކަ ފެށުނީ ހަރުކަށި ގޮތަކަށް ކަމަށްވިޔަސް ވާހަކައިގެ ފަހުކޮޅުން އޭނަ ރާވާފައިވާ ގޮތަށް އޭނަގެ ވާހަކައަށް ޙަމްދަރުދީގެ ރާގެއް އެޅުވިއެވެ.
“މި ހުރިހާ ދުވަހުވެސް އަހަރެން ބޮޑުދައިތަ ކުރާ ކަންތައްތަކަށް ކެތްކޮށްގެން ހުރީ. އަދިވެސް ކުޑަ ދުވަސްކޮޅަކަށް ހުރެވިދާނެ. ވިސާމް ކަންބޮޑުނުވެ ވިސާމް ކައިރި އަހަރެން މި ބުނާ ކަންތައް ކޮށްދީ…..ވިސާމް ﷲ އަށްޓަކައި ފިޔަވަޅެއް އަޅައިފިނަމަ އެކަލާނގެ އިރާދަފުޅުން ވިސާމަށް އެތައް ދޮރެއް ހުޅުއްވަވާނެ.” ޝަފަޤް ބުންޏެވެ. އެ ވާހަކަ އަޑުއަހަމުން ދިޔަ ވިސާމަށް ހީވީ ހަތަރު ފަރާތުން އޭނަ ބެދެމުން ދިޔައީހެންނެވެ. އޭނަ ބޭނުންވާ ގޮތަށް އުޅެން އޭނައަށް ހުރިހާ ދޮރެއް ބަންދުވަމުން ދިޔައީހެންނެވެ. އެއާއެކު އޭނައަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭނަ ކުރިމަތީގައި ހުރި ދޮރާއި ދިމާލަށް ބަލާލަމުން މި ޙާލަތް ބަދަލުކުރަން ކުރާނެ ކަމަކާއިމެދު ވިސްނަން ފެށިއެވެ. ޝަފަޤަކީ އޭނަ ހީކުރިވަރަށްވުރެ ވިސްނުންތޫނު ކުއްޖެކެވެ. ޝަފަޤް އެ “ރޭވުމެއް” އެ ރާވާލީ ކައިވެނީގެ ކުރިންވެސް އޭނަ ބަދަލުވެދާނެ ގޮތަށެވެ. އެހެނަސް އޭނަ އެހެންވިޔަކަ ނުދޭނެއެވެ. އޭނަ ޝަފަޤަށް ބާރެއް ދިނަސް ދޭނީ ދައްކާ ދަޅައެއްގެ ގޮތުގައެވެ. އޭނައަކީ ކާކުކަން އަދި ޝަފަޤަށް ނޭނގެނީއެވެ.
“ޝަފަޤް ތިބުނީ ރަނގަޅަށް. އަހަރެން ހަމަ ފިޔަވަޅެއް އަޅަންވީ. ޢަޒުމެއް އޮތިއްޔާ ނުކުރެވޭނެ ކަމެއްނޯންނާނެ.” ވިސާމް ސާބިތުކަމާއެކީ އެހެން ބުނެލީ ދެ މާނައެއް އެކުލެވޭ ފަދަ ގޮތަކަށެވެ. އެއަށްފަހު މަޑުކުރުމެއްނެތި އެ ގެއިން ނިކުމެގެން ދާން ހިނގައިގަތެވެ.
“އިން ޝާ ﷲ.” ވިސާމްގެ ފޭދެމުން ދިޔަ ފިޔަވަޅުތަކުގެ އަޑު އަހަންހުރެ ޝަފަޤް އަމިއްލަ ނަފްސަށް ބުނެލިއެވެ.
ވިސާމް އެ ގޭގެ ފެންޑާ ތެރެއަށް ނިކުމެ އޭނަގެ ޖިންސްގެ ޖީބުން ފޯނު ނަގައި ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ ވިޝާލް. އަހަރެންގެ އާ އަލްބަމްގެ ހުރިހާ ކަންތައް ކެންސަލްކޮށްލާ.” ވިސާމް ބުނެލިއެވެ.
“ވަޓް؟! ސޭމް މިހާރު އެ ލަވަތައް އިޝްތިހާރު ވެސް ކުރެވެން ފަށައިފި. ވީ ކާންޓް ޑޫ ދެޓް!” ފޯނުގެ އަނެއްފަރާތުން އިވުނެވެ.
“ޔެސް ވީ ކޭން. އެ އަލްބަމަށްޓަކައި ތި ކުންފުނިން ކުރި ހުރިހާ ހޭދައެއްގެ ޢަދަދު އަހަންނަށް އެސް.އެމް.އެސް ކޮށްލާ. އަހަރެން އެ ޢަދަދު ޓްރާންސްފާރ ކޮށްދޭނަން. ޖަސްޓް ޑޫ އިޓް!” ވިސާމް ސީރިއަސްކަމާއެކީ އެހެން ބުނެލަމުން ވިޝާލަށް އެއްޗެކޭ ބުނުމުގެ ފުރުޞަތު ދިނުމެއްނެތި ފޯނު ކަނޑާލިއެވެ.
އެދުވަހުގެ އެ ވަގުތުކޮޅުން ފެށިގެން ދިޔައީ ވިސާމްގެ ޙަޔާތުގައި އޭނަ ހުޅުވާލި އާ ބާބެކެވެ. އެދުވަހު އިރު އޮއްސެމުން ދިޔަ ވަގުތު އޭނަ 10 އަހަރު ފަހުން ފުރަތަމަ ފަހަރަށް މިސްކިތަކާއި ދިމާލަށް މިޞްރާބު ޖެހިއެވެ. ޝަފަޤްމެންގެ ގޭގައި ހުރެފައި އޭނަ މިސްކިތަށް ދިޔައީ ބަރު ފިޔަވަޅުތަކެއްގައި ހިނގާފައެވެ. މިސްކިތް ކައިރި ވަމުން ދިޔަ ވަރަކަށް އޭނަގެ ހިނގުން ލަސްވަމުން ދިޔައީ މީހަކު އޭނަ ފަހަތަށް ދަމާހެން ހީވާ ފަދައަކުންނެވެ. އެހެނަސް އޭނަ ބުމަގޮށްޖެހިފައިވާ މޫނަކާއެކީ ގޮސް މިސްކިތުގެ މައިދޮރުން ވަދެ ބޭރުގައި ހުރި އިސްކުރު ދޫކޮށް ކައިރީގައި ހުރި މީހާއަށް ބަލައިގެން ވުޟޫ ކުރިއެވެ. އޭނަ ވުޟޫ ކުރަމުން ދިޔައިރު ގިނަ ބައެއްގެ ނަޒަރުތައް އޭނައަށް އަމާޒުވަމުން ދިޔައެވެ. ވިސާމް އެމީހުންނަކަށް ފަރުވާލެއްނެތި ގޮސް މިސްކިތުގެ އެތެރެއަށް ވަނެވެ. އަދި އެރޭގެ މަޣްރިބް ނަމާދުގައި ހަމައެކަނި ޙަރަކާތްތަކުން ބައިވެރިވިއެވެ. މުޅި ނަމާދު ތެރޭގައި އޭނަގެ ފުރާވަރުގެ ހިތި ޞަފްޙާތައް ވިސާމްގެ ލޮލަށް ސިފަވަމުން ދިޔައިރު އޭނަގެ ހިތުގައި ޝަފަޤަށްޓަކައި ނުރުހުންތެރިކަމެއް އުފެދެމުން ދިޔައެވެ. އެއީ އޭނަ އެ ހަނދާންތައް އާ ކުރުވަން މަޖުބޫރުކުރުވީ ޝަފަޤް ކަމަށްވާތީވެ ކަންނޭނގެއެވެ.
އެ މަޣްރިބް ނަމާދަކީ ވިސާމަށް ކިތަންމެ އުނދަގޫ ތަޖުރިބާއަކަށް ވިޔަސް އޭނަ އެއްނަމާދުން ނިންމާލާކަށް ޚިޔާލެއް ނުކުރިއެވެ. އޭނަ އޭގެ ފަހުން ހުރިހާ ނަމާދެއްގެ ވަގުތުގައި މިސްކިތަށް ގޮސް އެ ނަމާދެއްގައި އެއްވެސް ޒިކުރެއް ކިޔުމެއްނެތި ބައިވެރިވެއެވެ. އޭނަގެ ބޭނުމަކަށްވެފައިވީ މިސްކިތަށްދާ މުސްކުޅި ބޭބެއިން މެދުވެރިކޮށް އޭނަ ނަމާދުކުރާ ވާހަކަ މުޅި ރަށަށް ފެތުރުމެވެ. މާ ގިނަ ދުވަހެއްނުވެ އޭނަގެ އެ ރޭވުން ކާމިޔާބުވިއެވެ. ރަށުގެ ކޮންމެ ދެމީހުންކުރެ އެއްމީހެއްގެ އަނގައިން ވިސާމް މިހާރު ނަމާދު ކުރާ ވާހަކަ އިވެން ފެށިއެވެ. އޭނަގެ ބޮޑު ރޭވުމުގެ އެ މަރުޙަލާ ކާމިޔާބުވުމުން އޭނަ ދެވަނަ މަރުޙަލާއަށް ދިޔައެވެ. އަދި ވަޒީފާއެއް ހޯދުމަށްޓަކައި އެކިތަންތަނަށް ސިޓީ ލިއެވެ. އޭނަގެ ސްކޫލް ދައުރުގެ ނަތީޖާ ފުދޭވަރަކަށް ރަނގަޅު ވެފައި އޭނައަށް ނުހަނު ރަނގަޅަށް އިންޓަވިއު ވެސް ދެވުނީތީ 2 ހަފްތާގައި އޭނައަށް ސަރުކާރުގެ އޮފީހަކުން ވަޒީފާ ހަމަޖެހުނެވެ. މި ޚަބަރު ވެސް މުޅި ރަށަށް ފެތުރިގެން ދިޔައީ ވިސާމް ހިވެސް ނުކުރާހާ އަވަހަށެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ ވިސާމްގެ މަދަހައެއް ޓީވީއިންނާއި ރޭޑިޔޯތަކުން އިވިގެން ދިޔައެވެ. މިއީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ވިސާމް މަދަހައެއް ކިޔުނު ފުރަތަމަ ފަހަރު ކަމަށްވުމުން ރާއްޖޭގެ ހުރިހާ ނޫހެއްގެ މުނިފޫހިފިލުވުމުގެ ބައިގައި އެ ޚަބަރު ޖެހިގެން ދިޔައެވެ. އެ ޚަބަރު ސޯޝަލް މީޑިޔާގައި ފެތުރިގެން ދިޔައީ ބޮޑު އަލިފާންގަނޑެއް ފެތުރިގެންދާހާ ހަލުވިމިނުގައެވެ.
ވިސާމާއި ބެހޭ ގޮތުން އެކި ދިމަދިމާލުން އިވެމުން ދިޔަ ވާހަކަތަކުން އެންމެ ބޮޑު އުނދަގުލެއްވަމުން ދިޔައީ ޝަފަޤް ނޫން ދެވަނަ މީހަކަށް ނޫނެވެ. ވިސާމްގެ އުޅުމަށް މިއައި ކުއްލި ބޮޑު ބަދަލުން އޭނަ ދެން ކަންތައް ކުރަންވީ ގޮތް އޭނައަށް އެއްގޮތަކަށްވެސް ސާފެއްނޫނެވެ. އޭނަގެ ހިތުގެ އެއްފަޅި ވިސާމް ތައުބާވީއޭ ބުނާހިނދު އަނެއްފަޅި ބުނަމުން ދިޔައީ އެއީ އޭނަ މި ކައިވެންޏަށް އެއްބަސް ކުރުވުމަށް ވިސާމް ކުރާހާ ކަންތައްތަކެއްކަމެވެ. އޭނަ އެއްބަސްކުރުވުމަށްޓަކައި ވިސާމް “ތައުބާ” ވާނަމަ އެއީ އިޚްލާޞްތެރި ތައުބާއަކަށް ނުވާނެއެވެ. އެއީ އިޚްލާޞްތެރި ތައުބާއަކަށް ނުވާނަމަ ވިސާމާއި އިނުމުން އޭގެ ހިތި ނަތީޖާ އޭނައަށް ފެންނާނެކަމުގެ ބިރު ޝަފަޤަށް ހީވަމުން ދިޔައެވެ. އަނެއްކޮޅުން މިޝްކާއާއިމެދު ވިސްނުމުން ޝަފަޤްގެ ހިތަށް އިތުރަށް ދަތިވިއެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ޝަފަޤް އެއްރެއަކު އިސްތިޚާރާ ނަމާދު ކުރިއެވެ. އޭނަގެ އާޚިރަތަށާއި ދުނިޔެއަށް އެންމެ ރަނގަޅުވާނީ ކޮން ގޮތެއްތޯ އޭނައަށް ދައްކަވައި ދެއްވުމަށްއެދި ﷲ އަށް ދުޢާ ދަންނަވަމުންނެވެ. ވިސާމާއި އިނުން އޭނައަށް ރަނގަޅު ކަމަށް ވާނަމަ އެކަން ފަސޭހަކޮށްދެއްވުމަށް އެދިއެވެ. އަދި އެއީ އޭނައަށް ގެއްލުން ހުރި ކަމަކަށް ވާނަމަ އޭނަ އެކަމުން ދުރުކޮށްދެއްވުމަށް އެދިއެވެ. އެ ނަމާދަށްފަހު ޝަފަޤް ނިދާލީ ހަމަޖެހިފައިވާ ހިތަކާއެކީގައެވެ. އޭނައަށް އެންމެ ރަނގަޅު މަގަށް ﷲ މަގު ދައްކަވާނެކަމުގެ ޔަޤީންކަމާއި އެކީގައެވެ.
**
“އޯ މައި ގޯޑް! ސޭމްއަށް ކިހިނެއްވެގެންތަ މިއުޅެނީ؟” ހަފްސާ ސިޓިންގް ރޫމުގެ ސޯފާގައި އޭނަގެ އައި ޕެޑުން ވިސާމާއި ބެހޭ ލިޔުން ކިޔަން އިނދެ އަހާލިއެވެ.
“ކިހިނެއްވީ އޭނައަށް؟” ހަފްސާގެ ކައިރީގައި އިން ޚާލިދު ޓީވީއިން ނަޒަރު ވަކިކުރުމެއްނެތި އަހާލިއެވެ.
“ބަލާބަލަ، އޭނަ އިހަކަށް ދުވަހު މަދަހައެއް ކިޔާފަ ރިލީޒްކޮށްފިޔޯ. އެއަށްވުރެ ކުރިން އޭނަ ވަނީ އޭނަގެ އަލްބަމް “ޢުމުރަށް ކަލާއާއެކީ” ރިލީޒް ނުކުރަން އަންގާފަޔޯ. އަހަރެންގެ ހިތަށް އެބައަރައޭ އެ އަލްބަމްގެ ލަވަތައް ދައްކަދައްކާ ހުރެފަ ކުއްލިއަކަށް ހުއްޓުނީ ކީއްވެގެންހޭ……ދެން އަދި މިއަދު އަހަރުމެން އޮފީހަށް އަލަށް ޖޮއިން ކުރި ފޭދޫ ކުއްޖާ ބުނީ މިހާރު އޭނަ ހުރިހާ ނަމާދެއްވެސް ކުރެޔޯ. ބަޔަކު މީހުން އެބަ ބުނެޔޯ އޭނައަށް އަންހެން ކުއްޖެއްދެކެ ލޯބިވެވިގެން އެކުއްޖާއާ އިންނަން ވެގެންނޭ މި ކަންތައް ކުރަނީ. އައި ފީލް ސޯ ސޭޑް ފޯރ ހިމް.” ހަފްސާ މާޔޫސީ ގޮތަކަށް ބުނެލިއެވެ.
“އެއީ އެކޮޔަށް ނުވިސްނޭ ތަންކޮޅު. މިހާރު ވެސް ބާކީވެފަ އެހެރީ އަންހެނަކު ބުނިހާ ގޮތަކަށް ކަންތައް ކުރީތީ. އަދިވެސް އޭނައަކަށް ޢިބްރަތެއް ޙަޞިލެއްނުވޭ.” ޚާލިދު މާ ބޮޑު ފަރުވާލެއްނެތި ޗެނަލް ބަދަލުކުރަމުން ބުނެލިއެވެ. ހަފްސާ ފުން ނޭވައެއް ދޫކޮށްލިއެވެ. އެވަގުތު އެމީހުންގެ ވާހަކަތައް އަޑުއަހަން ތިންވަނަ މީހަކު ވެސް އެމީހުންގެ ފުރަގަހުގައި ހުރިކަން އެ މީހުން ނުދެނެ ހުއްޓެވެ.
އޭގެ އަނެއްދުވަހުގެ ހެނދުނު 8:14 ވީ ވަގުތު ޝަފަޤް ހުރީ ބަދިގެ ތެރޭގައި އޭނަގެ ކޭކުތައް އަޅާށެވެ. އޭނަގެ މަސައްކަތަށް ހުރަސް އެޅިގެން ދިޔައީ މީހަކު ގޭގެ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. އެވަގުތު ގޭގައި އެއްވެސް މީހަކު ނެތީތީ ޝަފަޤް މަސައްކަތް ހުއްޓާލާފައި ގޮސް ދޮރު ހުޅުވާލިއެވެ.
“އަނހަ ރަޝީދައްތާ!” ޝަފަޤަށް އުޖާލާވި ހިނިތުންވުމަކާއެކީ ބުނެލެވުނެވެ.
“އައްސަލާމްޢަލައިކުމް.” ރަޝީދާ ވެސް ހިތްހެޔޮ ހިނިތުންވުމަކާއެކީ ސަލާމްގޮވާލިއެވެ.
“ވަޢަލައިކުމުއްސަލާމް. އަވަހަށް ވަދޭ ދައްތާ! ވަރަށް އުފާވެއްޖެ އަނެއްކާވެސް ދައްތަ އައިމަ. ކޭކު އަޅަން ޖެހުނީތަ އަނެއްކާވެސް؟” ރަޝީދާއަށް ވަންނަން ތަން ދައްކަމުން ޝަފަޤް އަހާލިއެވެ.
“ނޫނޭ. ޝަފަޤްއާ ބައްދަލުކޮށްލަން މިއައީ. އެދުވަހު ބުނީމެއްނު އަންނާނަމޭ؟ ކޭކު އަޅަނީ ދޯ މިހާރުވެސް. ވަސް އެބަދުވާ.” ރަޝީދާ ގޭގެ ތެރެއަށް ވަންނަމުން އެތެރެއަށް ނޭވައެއް ދަމާލިއެވެ.
“ހެހެ…..އާނ. އާދޭ ބަދިގެއަށް ދައްތައަށް ސައި ހަދައިދޭނަން.” ޝަފަޤް އެހެން ބުނެ ރަޝީދާއަށް ވުރެ ކުރިއަށް އަރައިގެން ގޮސް ބަދިގެއަށްވަނެވެ. ރަޝީދާ ނުފިލާ ހިނިތުންވުމަކާއެކީ ޝަފަޤްގެ ފަހަތުން ގޮސް ބަދިގެއަށް ވަނެވެ. އަދި ޝަފަޤް ދެއްކި ގޮނޑިއެއްގައި އިށީނދެ އޭނައަށް ފަސްދީގެން ހުރި ޝަފަޤްގެ ޙަރަކާތްތަކަށް ބަލަން އިނެވެ. ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ރަޝީދާ ވާހަކަ ދެއްކިއެވެ.
“ރަށުތެރެއިން ވަރަށް ވާހަކަ އެބައިވޭދޯ؟” ރަޝީދާ ރާގަކަށް ސުވާލުކުރުމުން ސައި ހަދަމުން ދިޔަ ޝަފަޤްގެ ޙަރަކާތްތައް ލަސްވިއެވެ.
“ކް…ކޮން ވާހަކައެއްތަ ދައްތާ؟” ޝަފަޤް ޖެހިލުންވުމަކާއެކީ އަހާލިއެވެ.
“ވިސާމާއި ޝަފަޤްގެ ވާހަކަ.” ރަޝީދާ ޝަފަޤަށް ފަރުވާތެރިކަމާއެކީ ބަލަން ހުރެ ބުނެލި ވާހަކައިން ޝަފަޤް ހަކުރު އަޅަން ނެގި ސަމުސާ އޭނަގެ އަތުން ދޫވެގެން ދިޔައެވެ. ކަންވީގޮތް އެނގުންވިތަނާހެން އޭނަ ގުދުވެލަމުން އެ ސަމުސާ ނެގިއެވެ. އޭނަ އިތުރު އެއްޗެކޭ ބުނާކަށް ނުއުޅުނެވެ. ބުނާނެ އެއްޗެއް ނުވެސް އެނގުނީއެވެ. ރަޝީދާ ފުން ނޭވައެއް ދޫކޮށްލިއެވެ.
“ޝަފަޤްއަކީ ވިސާމްގެ ލޯބިވެރިޔާތަ؟” ރަޝީދާ ކޮށްލި ސުވާލުން ޝަފަޤްގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. އޭނައަށް ހަކުރު ދަޅު އެއްފަރާތެއްގައި ބަހައްޓާލެވުނީ ބާރު އަޑަކާއެކީގައެވެ.
“ނޫން! ދައްތައަށް އެނގެއެއްނު އަހަންނަކީ އެކަހަލަ ގުޅުމެއްގަ އުޅޭނެ މީހެއްނޫންކަން. އޭނަ އޭނަގެ ދަރިފުޅު ކައިރީގަ ބުނީ އެ ދަރިފުޅުގެ މަންމައަކީ އަހަންނޭ. ދަރިފުޅު ކައިރީގަ އެހެން ބުނެފަ އަހަންނާ އިންނަން އެދުނީ. އަހަރެން ބުނިން ފަސްއިރު ފަސް ނަމާދު ނުކުރާ މީހަކާ އަހަރެން ނުއިންނާނަމޭ.” ޝަފަޤް ޝަކުވާގެ ރާގަކަށް ކިޔައިދިނެވެ.
“ދެން މިހާރު އޭނަ ނަމާދު އެބަކުރެއެއްނު؟” ރަޝީދާ އަހާލިއެވެ. ޝަފަޤް ދަތިވެގެން ދިޔަ ހިތަކާއެކީ ރަޝީދާއާއި ދިމާލަށް އެނބުރިލިއެވެ.
“ނޭނގެ ދައްތާ. އަހަންނަށް ހީވަނީ އޭނަ އެ ހުރިހާ ކަމެއް ކުރަނީ ހަމައެކަނި ދައްކާލަންވެގެންހެން. އަހަންނަކީ މިހެން ވިސްނާ މީހެއްނޫން. އެކަމަކު ބިރުގަންނަނީ ހަމަ ގޯސް މީހަކު އަހަރެންގެ ޙަޔާތަށް ގެނެވިދާނެތީ.” ޝަފަޤް އިސްޖަހާލަމުން މާޔޫސީ ގޮތަކަށް ބުނެލިއެވެ. ރަޝީދާ ޝަފަޤަށް ބަލަން ހުރެ ކޮޅަށް ތެދުވިއެވެ. އެއަށްފަހު ޝަފަޤްގެ ކައިރިއަށް ގޮސް ޝަފަޤްގެ ކޮނޑުގައި ދެއަތުން ހިފާލިއެވެ.
“ޝަފަޤް، ވިސާމަކީ ތި ހީކުރާވަރަށް ގޯސް މީހެއްނޫން. އޭނަ ގޯސްވެގެން ދިޔައީ އޭނައަށް ކުރިމަތިވި ޙާލަތްތަކެއްގެ ސަބަބުން. ވެދާނެ އޭނަ މިހާރު އެކަންތައް ކުރަނީ ދައްކާލަންވެގެންކަމަށް. އެކަމަކު ޝަފަޤްއާއެކީ އުޅުމުން އޭނަގެ ހިތް ބަދަލުވުން އެކަށީގެންވޭ. އޭނައަށް ބޭނުންވަނީ ދީނާއި އެއްގޮތަށް އުޅޭ ރަނގަޅު މިސާލެއް. ޝަފަޤަށް އެ މިސާލު ދެއްކޭނެ ކަމާމެދު ދައްތަ ޝައްކެއް ނުކުރަން.” ރަޝީދާ ސީރިއަސްކަމާއެކީ ދެއްކި ވާހަކަތަކުން ޝަފަޤަށް ޙައިރާންކަމާއެކީ އިސްއުފުލާލެވުނެވެ. އޭނަ އެއްޗެކޭ ނުބުނުމުން ރަޝީދާ އިތުރަށް ވާހަކަ ދެއްކިއެވެ.
“ދިރިއުޅުމުގަ ފެށުނީއްސުރެ ވެސް ވިސާމަށް ބައިވަރު ހިތްދަތި ކަންތައްތަކާ ކުރިމަތިވެފަ ވަނީ. އަދި މިހާރު ވެސް ކުރިމަތިވަމުން ދަނީ. އެއީ އޭނަގެ ކުށެއްނޫން. އެއީ އަހަރުމެންގެ ކުށް. އަހަރުމެންނަށް އޭނަ ބަލަން ނޭނގުނީ. އޭނަގެ ދިރިއުޅުން ބޮއްސުންލައިގެން ދިޔައިރުވެސް އޭނަ ބޭނުންވާފަދަ އެހީއެއް އަހަރުމެންނަށް ނުދެވުނު.” ރަޝީދާ އެހެން ބުނެލިއިރު އޭނަގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވިއެވެ. ޝަފަޤަށް ބުނާނެ އެއްޗެއް ނޭނގިފައި ބަލަން ހުރެވުނެވެ.
“އޭނަގެ ކުރީގެ އަންހެނުންނާއި އޭނައާ ދެމެދު މައްސަލަ ޖެހުނީ އޭނަގެ ސަބަބުންނެއްނޫން. އެއީ އޭނަގެ އަންހެނުން ކުރި ކަމެއްގެ ސަބަބުންވީކަމެއް. މެހެނާޒް މަރާލީ ވިސާމެއްނޫން. ޙަޤީޤަތަކީ މެހެނާޒް މަރުވިގޮތް ޚުދު ވިސާމަށްވެސް ނޭނގޭކަން. އެކަމަކު އެއީ އޭނަ އޭނަގެ އަންހެނުންނާމެދު ފަރުވާ ކުޑަ ވީތީވެއެއްނޫން. މެހެނާޒާއި އެކީ ރީތިގޮތުގަ އުޅެވޭތޯ ވިސާމް ވަރަށް މަސައްކަތް ކުރި. އެކަމަކު މެހެނާޒް އެގޮތް ބޭނުމެއްނުވީމަ އެދެމީހުން ވަކިވީ.” ރަޝީދާ މިފަހަރު ކިޔައިދިން ވާހަކައިން ޝަފަޤްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. އޭނަ ދެންވެސް ދުލުން އެއްޗެކޭ ބުނަން ނުކުޅެދުނެވެ.
“ވިސާމަކީ މިއަދުވެސް ވަކި ތަފާތު ކުއްޖެކޭ ދައްތަ ނުބުނާނަން. އޭނައަކީ މިހާރުވެސް އޭނަގެ ޙަޔާތަށް އަންނަ ކޮންމެ މީހަކަށް ވެސް ލޯތްބާއި އިޙްތިރާމް ދީގެން އުޅޭނެ ކުއްޖެއް. އޭނަ އަހަރުމެން ދޫކޮށްލާފަ ދިޔައީ އަހަރުމެންނާއެކީ އުޅެވޭވަރު ނުވުމުން. އެއީ ހަމަ އަހަރުމެންގެ ކުށް.” ރަޝީދާ ތަކުރާރުކޮށް އެވާހަކަ ބުނެލި ހިނދު އޭނަގެ ދެލޯ ފެންކަޅިވިއެވެ. ރަޝީދާ އެހެން ބުނެލި ގޮތުން ޝަފަޤްގެ ވެސް ލޯ ކަރުނައިން ވިދަން ފެށިއެވެ.
“ޝަފަޤް، އޭނަ އަހަރުމެންނާ ވާހަކަ ނުދައްކާތާ މިވަނީ 7 އަހަރު. 7 އަހަރު ވެއްޖެ ދައްތަ އެ ދަރިފުޅު ވާހަކަ ދައްކާ އަޑު ނާހާތާ. އޭނައާއި އެކީ އުޅެގެން އޭނައަށް ވިސްނައިދީ ޝަފަޤް. އޭނަ އަނބުރާ ގެނެސްދީ ޝަފަޤް. މި މަންމަގެ މި އެދުން ފުރިހަމަކޮށްދީ.” ރަޝީދާ ރޮވިފައިވާ އަޑަކުން އެ ވާހަކަ ބުނެލި ވަގުތު އެ ކޯތާފަތްމައްޗަށް ކަރުނަތައް ފައިބައިގެންއައެވެ.
“ދައްތައަކީ…..” ޝަފަޤް ވައިއަޑުން ބުނަން އުޅުނު ވާހަކަ މެދުކެނޑުނެވެ.
“ވިސާމްގެ މަންމަ.” ރަޝީދާ ޝަފަޤްގެ ޖުމްލަ ފުރިހަމަ ކޮށްދިނެވެ.
ނުނިމޭ