Asr (Part 37)
“އަހަންނެއްނޫން މީގެ ދެ އަހަރު ކުރިން އައިމަނާއި އެކުވެރިވީ. އަދި މިހާރުވެސް އައިމަނަށް އެ ސަމާލުކަން ދެނީ އަހަރެންގެ މިހާރުގެ ނަފްސެއް ނޫން. އަހަރެން ހަމަ ހޭގައި ހުރެގެން ދުވަހަކުވެސް އަހަންނާއި އައިމަންގެ ދެމެދުގައި އޮތް ގުޅުމަކީ ރީތި ގުޅުމެއްކަމުގައި ނުދެކޭނަން. ވެދާނެ އެއްދުވަސްވަރެއްގައި އައިމަނަކީ އަހަރެންގެ އެކުވެރިކަން ފިލުވައިދިން ބައިވެރިއަކަށްވީތީ އަހަންނަށް އައިމަން މަތިން ހަނދާން ނައްތާނުލެވެނީ ކަމަށްވެސް. ވެދާނެ އަހަންނަށް އައިމަނަށްޓަކައި ދުނިޔެއާއި އާޚިރަތުގައިވާހާ ހެވެއް އެދެވެނީ އެހެންވެ ކަމަށްވެސް. އެކަމަކު އައިމަން، އަހަރެން ބޭނުމެއްނޫން ﷲ ރުހިވޮޑިގެންނުވާ ފަދަ އެއްވެސް ކަމެއް ކުރާކަށް. ﷲ ރުހިވޮޑިގެންނުވާފަދަ ގޮތަކަށް ލޯބިވެސް ވާކަށް ބޭނުމެއްނޫން. އެއީ އަހަންނަށް ވެވޭނެ ކަމެއްވެސް ނޫން. އަހަރެން އެންމެ ބޮޑަށް ލޯބިވަނީ ﷲ ދެކެ. އެހެންވީމަ އަހަންނަށް އެހެން މީހެއްދެކެ ލޯބިވެވެން ވެސް އޮތީ ﷲ އަށްޓަކައި.” ޝިޔާ ރޮވިފައިވާ އަޑަކުން ވާހަކަ ދެއްކިއިރު އައިމަން ހުރީ ޝިޔާ ދައްކަމުން ދިޔަ ވާހަކަތައް ދޭހަކުރަން ދަތިވެފައެވެ. ޝިޔާގެ ވާހަކައިގެ ކުރީކޮޅުން ޝިޔާ އޭނަ ކަމުދާކަން އެނގުމުން އައިމަންގެ ހިތް އުފާވިއެވެ. އެހެނަސް ޝިޔާ އެންމެ ފަހުން އެ ދެއްކީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ ﷲ އަށްޓަކައި ލޯބިވުމަކީ ކޮބައިހެއްޔެވެ؟ އެއީ ކޮންމެވެސް ދުޢާއެއް ކިޔައިގެން ފުމުމުން ވާކަމެއް ހެއްޔެވެ؟ ސިކުނޑިއަށް ވެރިވެގަތް ސުވާލުތަކުން އައިމަން ބުމަގޮށްޖެހިފައިހުރެ އެއްޗެކޭ ބުނަން އުޅުނު ވަގުތު ޝިޔާ ދެންވެސް ވާހަކަ ދެއްކިއެވެ.
“އައިމަން އަހަރެން ދެރަވޭ އައިމަނަށްޓަކައި. އައިމަނަށް އަންދާޒާއެއްވެސް ނުކުރެވޭނެ އަހަރެން ހިތްދަތިވާ މިންވަރު. އައިމަން ނަމާދު ގަޑި ފާއިތުވާއިރު ވެސް ނަމާދު ނުކޮށް ހުންނަތަން ފެނިފަ. އައިމަން ޓީވީއިން ބަލަން ނުޖެހޭ މަންޒަރުތައް ބަލާތަން ފެނިފަ. އައިމަންގެ ދުލުން ހުތުރު ބަސްތައް އިވިފަ. އައިމަން…..ދީނާއިމެދު މާ ބޮޑަށް އެނގިފަ ނެތަސް އައިމަނަށް ހެވާއި ނުބައި އެހާވަރަށް ވެސް ވަކިކުރަން ހަމަ ނޭނގެނީތަ؟ ނޭނގެނީތަ ﷲ އަހަރުމެން ކުރާ ކޮންމެ ހެޔޮ ކަމެއްގެ ޖަޒާ އެތައް ގުނައެއް އިތުރުކޮށް އާޚިރަތުގައި ދެއްވާނެކަން؟ ނޭނގެނީތަ އެކަލާނގެއީ އަބަދުވެސް ތައުބާ ޤަބޫލު ކުރައްވާ ރަސްކަލާނގެކަން؟ ބުނެބަލަ އައިމަން…..” ޝިޔާ ވައި އަޑުން ފަހު ދެބަސް ބުނެލިއިރު އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. މިފަހަރުވެސް އައިމަނަށް ހުރި ގޮތަށް ހުރެވުނީ ވިސްނުމެއްގެ ތެރޭގައެވެ. ޝިޔާ އޭނަގެ އުޅުން ބަދަލުކުރަން ބޭނުންވި ނަމަ ތިމަންނަ ބޭނުންވާ ގޮތަކީ މިއީއޭ ބުނުމުން އޭނަ އިސާހިތަކު ޝިޔާއަށްޓަކައި އުޅުން ބަދަލު ކުރީހެވެ. އޭގެ ބަދަލުގައި ޝިޔާ ދިގު ދީނީ ދަރުހެއް ދެނީ ކީއްކުރަން ހެއްޔެވެ؟ ހިތުގައި އެ ސުވާލު އޮތެއްކަމަކު އައިމަންގެ ދުލާއި ހަމައަށް އެ ސުވާލު ނައެވެ. ނަތީޖާއެއްގެ ގޮތުން އެދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. އޭގެ ސިކުންތުކޮޅެއްފަހުން ޝިޔާ ވާހަކަ ދެއްކިއެވެ.
“އެނގޭ ދެންމެ އަހަންނަށް ދެކެވުނު ވާހަކަތައް އައިމަނަށް ކަޓު ވާހަކަތަކަށް ވެދާނެކަން. އެކަމަކު ޙަޤީޤަތަކީ ﷲ ގެ ހަނދުމައިން ދުރުގައި އުޅެވޭ ޙަޔާތަކީ ހިތާމަތަކުން ފުރިގެންވި ޙަޔާތެއްކަން. އައިމަނަށް ހިދާޔަތް ލިބުނު ދުވަހަކުން އައިމަނަށް ވެސް މިކަން ވިސްނޭނެ އިން ޝާ ﷲ. އަހަރެންގެ އުއްމީދަކީ އެއީ. އެދުވަހަކުން އައިމަން ވެދާނެ އަހަންނަށް ކަމުދާ ކުއްޖަކަށް. އެކަމަކު މިހާރު އަހަރެން ކައިރީގަ ހުރީ ޒައިދް. ބޭރުފުށުން ބަލާއިރު ޒައިދް ވަރަށް ރަނގަޅު. އޭނަ ނަމާދު ކުރޭ. ޤުރުއާން ކިޔަވާ. އަދި އޭނަގެ އެ ހުންނަ ބައެއް ނޭދެވޭ އާދަތަކުން އޭނަ ތައުބާވާންވެސް މަސައްކަތް ކުރާކަމަށް އަހަރެން ޤަބޫލުކުރަން ބޭނުންވަނީ. އެހެންވެއްޖެއްޔާ އަހަންނަށް އަހަރެންގެ މަންމައާއި ބައްޕަގެ ރުހުމުގަ މީހަކާ އިނުމުގެ އުފާވެރިކަން ލިބޭނެ. އަހަރެން ބޭނުންވާ ގޮތަކީ އެއީ.” ޝިޔާ މިފަހަރުވެސް ފަހު ދެ ޖުމްލަ ހިތާއި ދެކޮޅަށް ބުނެލީ އައިމަނަށް ވުރެ ބޮޑަށް އޭނަގެ އަމިއްލަ ނަފްސަށް ވިސްނައިދިނުމަށެވެ. އެއަށްފަހު އޭނަ އިސްޖަހާލަމުން އިތުރު އެއްޗެކޭ ނުބުނެ އައިމަނަށް ފަސްދީފައި ދާން ހިނގައިގަތެވެ. ޝިޔާ ދިޔަދިޔަހެން އެ ދިމާލަށް ބަލަން ހުރި އައިމަންގެ މޫނުމަތީގައި ފުރަތަމަ ވީ ހިސާބެއްގެ ހިތާމަވެރިކަމެކެވެ. ޝިޔާ އޭނަގެ ކުރިމަތީގައި ޒައިދް އޭނައަށް ވުރެ ރަނގަޅު ކަން ސާބިތުކޮށް ދިނީތީވެއެވެ. އެ ހިނދުކޮޅަށްޓަކައި ތައުބާވާން އައިމަންގެ ހިތަށްއެރިއެވެ. އެހެންނޫނަސް ނަމާދުނުކޮށް މި ކުރެވެނީ ރަނގަޅު ކަމެއް ނޫންކަން އެނގުންވީތީވެއެވެ. އެހެނަސް މާ ގިނައިރެއް ނުވެ އޭނަގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވާން ފެށީ ޝިޔާ އޭނަގެ މަންމައާއި ބައްޕަގެ ރުހުމުގެ ވާހަކަ ގެނައުމުންނެވެ. އެ މީހުން ޝިޔާ މި ކައިވެންޏަށް އެއްބަސް ކުރުވުމަށްޓަކައި ޝިޔާގެ ސިކުނޑި ދޮވުނީ ހެއްޔެވެ؟ ދީނޭ ކިޔާފައި ޝިޔާ މިހާ ގިނަ ވާހަކަތައް ދައްކަނީ އެހެންވެ ހެއްޔެވެ؟ ހަމަ އެއާއެކު އައިމަނަށް ޖަވާބުތައް ލިބެން ފެށިއެވެ. އާނއެކެވެ. ޒައިދްގެ ބައްޕައަކީ މުއްސަނދި ވިޔަފާރިވެރިއަކަށްވެފައި ޝިޔާގެ ބައްޕަގެ ބައިވެރިއަކަށް ވެސް ވާން އުޅޭ މީހެއްކަން މިއަދުގެ ފުރަތަމަ ބައްދަލުވުމުން ވެސް އައިމަނަށް އެނގުނެވެ. ވިޔަފާރި ކުރިއެރުވުމަށްޓަކައި ޝިޔާގެ ބައްޕަ ޝިޔާގެ ބޭނުން ހިފަނީ ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމާއެކު އައިމަންގެ ހިތުގައި ރުޅީގެ އަލިފާނެއް ރޯވިއެވެ. ހަމަ އެއާއެކު އޭނައަށް ގެއާއި ދިމާލަށް ހިނގައިގަނެވުނެވެ. ދިގު ފިޔަވަޅުތަކެއްގައި އައިމަން ގޮސް އެގޭގެ މައިދޮރުން ވަނެވެ. އަދި އެ އަޑުގަދަ ގޭގެ ތެރޭގައި ތިބި މީހުންނަށް ވިސްނުމެއްނެތި ގޮސް ސިޓިންގް ރޫމުގެ ހުރިހާ އަލި ބޮތްކެއް ދިއްލާލިއެވެ. އެއިން އެކި މީހުންގެ ވާހަކަތައް ހުއްޓުނެއްކަމަކު އައިމަން އެއަށް ވެސް ސަމާލުކަމެއް ދިނުމެއްނެތި ގޮސް އެތާ ބިންމަތީގައި ހުރި ބޮޑު ސްޕީކަރުގެ ހުރިހާ ވައިރެއް އެއްފަހަރާ ދަމާލިއެވެ. ހުރިހާ އަޑެއް އެއްފަހަރާ ކެނޑިގެން ދިޔުމުން މުޅި ގެ ހިމޭންވެގެން ދިޔައެވެ. އޭގެ މާ ގިނައިރެއް ނުވެ އެގޭގެ ދެމަފިރިންނާއި ޝިޔާގެ ކުޑަ ޢާއިލާއާއި ޒައިދް ވެސް އައިމަންގެ ކުރިމައްޗަށް އައިސް ހުއްޓިލިއެވެ. އެމީހުންގެ ފުރަގަހުގައި ވެސް ވާނުވާއެއް ނޭނގިގެން ސުވާލުމާކު ޖެހިފައި ތިބި މީހުން ތިއްބެވެ. އެ ހުރިހާ އެންމެންގެ ތެރެއިން އިސްވެ ވާހަކަ ދެއްކީ ނާސިރެވެ.
“އައިމަން ކިހިނެއްތަވީ؟” ނާސިރު އެނގެން ބޭނުންވެ ހުރެ އަހާލިއެވެ. އެ ސުވާލު އިވިފައި އައިމަންގެ ދަތްކުނޑި ވިކުނެވެ.
“ކިހިނެއްހޭވީ؟! އަމިއްލަ ދަރި ވިޔަފާރީގެ ބޭނުމަށް ވިއްކާލަން އުޅޭ މީހާތަ ތިހެން ތި އަހަނީ؟” އައިމަން ނާސިރާއި ދިމާލަށް ހަރުއަޑުން ބުނެލި ވާހަކައިން އެތާ ތިބި އެންމެންގެ ދެލޯ ބޮޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޝިޔާ އައިމަނަށް ގޮވާލި އަޑު އިވުނެވެ
“ޝިޔާ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ. މި މީހުން މިތިބީ ޝިޔާ ރަނގަޅަށް ވެސް ހައްދާލާފަ. މައިންބަފައިންގެ ބަސް އަހަންވާނެއޭ ކިޔާފަ ޝިޔާ ބޮޑު ދަލެއްގަ ޖައްސާފަ.” އައިމަން އެހެން ބުނެލި ތަނާހެން ޝިޔާ އަނެއްކާވެސް ރުޅިވެރިކަމާއެކީ އިހުނަށްވުރެ ބާރަށް އައިމަނަށް ގޮވާލިއެވެ.
“މިތާނގަ ޝިޔާ ދަލެއްގަ ޖެއްސޭހެން ހީވާ މީހަކަށް ހުރީ ހަމައެކަނި އައިމަން. ޝިޔާ ބޭނުންއިރަކުން މި ގުޅުން ނިންމާލުމުގެ މިނިވަންކަން ޝިޔާއަށް ދެވިފަ އޮތީ.” ނާސިރު ވަށައިގެން ތިބި މީހުންނަށް ވިސްނާފައި ބުނެލިއެވެ.
“ނަމެއްގަ މިނިވަންކަން ދެވިދާނެ ކޮންމެ މީހަކަށް ވެސް! މިނިވަންކަން ދެންޏާ އެކަން ޢަމަލުން ވެސް ފެންނަން ޖެހޭނެ. މިނިވަންކަން ދެންޏާ ޝިޔާ ލޯބިވާ މީހަކާއެކީ އުޅުމުގެ ފުރުޞަތު ޝިޔާއަށް ލިބެންވާނެ. ޝިޔާ ލޯބިވަނީ އަހަރެންދެކެ.” އައިމަން އެއްވެސް ޖެހިލުމެއްނެތި އެ ހުރިހާ އެންމެންގެ ކުރިމަތީގައި ބުނެލިއެވެ. އެއާއެކު ޝިޔާ ނޫނޭ ކިޔައި ހަޅޭއްލަވައިގަތެވެ. ނާސިރުހެން އެތާތިބި އެންމެ ގޮތަށް ޝިޔާއަށް ބަލާފައި އައިމަނަށް ބަލާލިއެވެ.
“ދެން ކީކޭ ބުނަނީ؟” ނާސިރު އަހާލިއެވެ.
“ޝިޔާ ދޮގު ހަދާއިރުވެސް ޝިޔާގެ ބައްޕައަށް ނޭނގެނީ؟ ޝިޔާ އިންނަން ބޭނުންވަނީ އަހަންނާ. އަހަރެން ވެސް ބޭނުން. ހީނުކުރައްޗޭ އަހަރެންގެ ފަރާތުން ލިބޭނީ މަދު ފައިސާއެކޭ. ކަލޭމެންނަށް ނޭނގެނީ އަދި އަހަންނަކީ ކާކުކަން. އަޑުއެހިންތަ ސަނީ ސައިޑް ރިސޯޓުގެ ވެރިޔާ ޚާލިދުގެ ވާހަކަ؟ އަހަރެން މިއީ އެ ޚާލިދުގެ ދަރިފުޅު.” އައިމަން ސާބިތުކަމާއި ފަޚުރުވެރިކަމާއެކީ ބުނެލިއެވެ. އޭނަ ހީކުރީ އެއަށްފަހު އެންމެންގެ މޫނުމަތިން ފެނިގެން ދާނީ އޭނައާއި ގަޔާވެގެން އުޅޭފަދަ އަސަރެއް ކަމެވެ. ފަހަތުގައި ތިބި ބައެއް މީހުންގެ މޫނުމަތިން އެފަދަ އަސަރުތައް ފެނުނެވެ. އެހެނަސް ނާސިރުގެ މޫނުމަތިން ފެނުނީ އައިމަނަށް ނަގައިގަންނަން ނޭނގުނު އިޙްޞާޞްތަކެވެ. އެވަގުތު ޒުހުރާއާއި ޝިޔާ ވެސް ދެލޯ ބޮޑުވެފައި ހުއްޓުންއަރާފައި ތިއްބެވެ. އައިމަން އެދެމީހުން ވަކިވަކިން ބަލަން ހުއްޓާ ކުއްލިއަކަށް ނާސިރުގެ ހޫނު އެތިފަހަރެއް އައިމަންގެ ކޯތާފަތްމައްޗަށް އެރިއެވެ.
“ތިއީ އެ ސުންޕާ ވިސާމްގެ ޢާއިލާއަށް ނިސްބަތްވާ މީހެއްދޯ؟” އައިމަން އޭނަގެ ކޯތާފަތުގައި ހިފައިގެން ދެލޯ ވެސް ނުހުޅުވެނީސް ނާސިރުގެ އަޑުހަރުވިއެވެ. އައިމަނަށް ދެލޯ ހުޅުވާލަމުން ކުއްލިއަކަށް ނާސިރަށް ބަލާލެވުނީ ލިބުނު ޝޮކަކުންނެވެ.
“ޝިޔާ އިންނާނީ މަށާއޭ؟؟!! ދުވަހެއްގެ ކޮޅުން ވެސް މަގޭ ދަރިއަކު ތި ޢާއިލާއަށް ނުފޮނުވާނަން. އޭނަ ނާޒްއާމެދު ކަންތައް ކުރިގޮތް އަހަރުމެން ހަނދާނެއް ނުނެތޭ!” ނާސިރު ދެލޯ ބޮޑު ކޮށްގެން ހުރެ ދެއްކި ވާހަކަތަކުން އައިމަންގެ މެއަށް ނުބައި ގޮތެއްވިއެވެ. ނާސިރު އެ ދެއްކީ ކޮން “ނާޒް”އެއްގެ ވާހަކަކަން ދެނެގަންނަން އައިމަނަށް ހިނދުކޮޅެއް ނެގިއެވެ. ހަމަ އެއާއެކު މި މީހުންނަށް މެހެނާޒް އެނގެނީތޯ އައިމަންގެ ހިތް ސުވާލުކުރިއެވެ. އޭނަ އެކި މީހުންގެ މޫނަށް ވަކިވަކިން ބަލަމުން ދަނިކޮށް ނާސިރު ކުއްލިއަކަށް މޭމަތީގައި އަތް އަޅައި ކޮއްޕާލިއެވެ.
“ނިކުމެގެން ދޭ މިގެއިން! ދެން އަހަރުމެންގެ ލޯ މައްޗަށް ނުފެންނާތި!” ނާސިރު ބުނެލި ބަސްތަކުން އެހެން މީހުން ބުނާނެ އެއްޗެއް ނޭނގިފައި ތިބިއިރު ޝިޔާ ހުރީ ރޮވިފައެވެ. ބައްޕަ އަނެއްކާވެސް އައިމަން ކޮއްޕައި ދާށޭ ބުނެލި ހިނދު އޭނަގެ މޫނުމައްޗަށް ވެރިވީ އޭނަ ކަމެއް ހަނދާންވި ފަދަ އަސަރެކެވެ. އޭނަ ކުއްލިއަކަށް ވާހަކަ ދެއްކިއެވެ.
“ބަ…..ބައްޕާ މަޑުކުރޭ. އައިމަނަށް ދޭން އެއްޗެއް އެބައޮތް. ޕްލީޒް!” ޝިޔާ އަވަސްއަވަހަށް ބުނެލިއެވެ.
“މީނަ ދެން މިގޭގަ މަޑެއް ނުކުރާނެ ޝިޔާ!” ނާސިރު އައިމަން ކޮއްޕަމުން ގޮސް ގެއިން ބޭރަށް ލަމުން އަންގާލިއެވެ. ނަމަވެސް ޝިޔާ ކަރުނަތައް ފޮހެލަމުން ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ވަރުގަދަ ޢަޒުމަކާއި އެކީގައިކަން އޭނައަށް ބަލާލި މީހަކަށް އެނގޭނެއެވެ. އެކަން އެނގުންވި ޒައިދްއާއި އޭނަގެ ބައްޕަ އެކަކު އަނެކަކާއި ނަޒަރުތައް ބަދަލު ކޮށްލިއެވެ. ބައްޕަ ސީރިއަސް ނަޒަރަކާއެކީ ދިން ބޮލުގެ ޢިޝާރާތް ދަނެގެން ޒައިދް ބޯޖަހާލަމުން ޝިޔާ މީހުންތަކުގެ ތެރެއިން ދިޔަ ދިމާލަށް ދިޔައެވެ.
ޝިޔާ އޭނައަށް ޚާއްސަ ކުރެވިފައިވި ކޮޓަރިއަށް ގޮސް ވަގުތުން ހުޅުވާލީ އޭނަގެ ހެދުން ފޮށްޓެވެ. އެނދުމަތީގައި ފޮށި ބަހައްޓައިގެން ޝިޔާ ފޮށިތެރެ ހާވަން ފެށިއެވެ. މާ ގިނައިރެއްނުވެ ފޮށީގެ ތެރެއިން އޭނަ ނެގީ ބާ ސިޓީ އުރައެކެވެ. އެ ސިޓީ އުރައިގެ ބޭރުގައި އޮތް “މެހެނާޒް”ގެ ނަން ފެނިފައި ޝިޔާ އެ ނަމުގެ މަތިން އެއްއަތް ހިންގާލިއެވެ. އޭނަ އެއަށް ބަލަހައްޓައިގެން ހުއްޓާ ކުއްލިއަކަށް ފަހަތުން މީހަކު އައިސް އޭތި ޖަހައިގަތެވެ.
**
“މި އަންހެންމީހާ މަރުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 2:30 ހިކަށްހާއިރު ކަމަށްބެލެވޭ. ތަޙުޤީޤުން ދައްކާގޮތުން މި އަންހެން މީހާ މަރާލާފައި ވަނީ އޭނަގެ ފިރިހެނުން. މި ތަޙުޤީޤަށްޓަކައި……..” އެރޭގެ ވަގުތެއްގައި ސިޓިންގް ރޫމުގައި ސޯފާގައި އޮވެ ވިސާމް ޚަބަރު ބަލަމުން ދިޔައެވެ. ވަކި ހިސާބަކުން އިވެން ފެށި ވަކި ޒާތެއްގެ ޚަބަރަކުން އޭނަގެ މޫޑު ވަގުތުން ޚަރާބުވިއެވެ. އޭނަ ޗެނަލް ބަދަލު ކުރަން އުޅުނު ވަގުތު ޝަފަޤްގެ އަޑު އިވުނެވެ.
“ވިސާމް ބަލާބަލަ.” ޝަފަޤް އެހެން ބުނެލި އަޑަށް ވިސާމް ޓީވީގެ އަޑު މަޑު ކޮށްލަމުން ކުޑަކޮށް ބޯ ހިއްލައި ބަލާލިއެވެ. އެވަގުތު ޝަފަޤް ހުރީ އުޖާލާވި ހިނިތުންވުމަކާއެކީ ޖިލްބާބެއް ލައިގެންނެވެ. ޝަފަޤް ފުރަތަމަ ފަހަރަށް އެފަދަ ހެދުމެއް ލައިގެން ހުރިތަން ފެނިފައި ވިސާމަށް ސީދާވެލެވުނީ ރަނގަޅަށް ބަލާލުމަށެވެ. އެ އާދައިގެ ދޫ ހެދުމުގައި ޝަފަޤް އުޖާލާވި ހިނިތުންވުމަކާއި ވިހުރިފައިވި އިސްތަށިގަނޑެއްގައި ހުރި މަންޒަރު ވިސާމަށް ރީތިވީ ކީއްވެކަމެއް ޚުދު އޭނައަކަށް ވެސް ނޭނގުނެވެ.
“ކިހިނެއް؟” ޝަފަޤް އޭނަގެ ހިނިތުންވުމުގައި ހުރެ އެހެން އަހާލީ ވަކި ތަޢުރީފެއް ހޯދާކަށް ނޫނެވެ. ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ބަދަހިވަމުން ދިޔަ އޭނައާއި ވިސާމްގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށެވެ.
“ހަޑި.” ވިސާމް ތުންފިއްތާލަމުން ދޮގެއް ހަދާލިއެވެ. އެއާއެކު ޝަފަޤް އަނގަ ހުޅުވާލަމުން އޭނަގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިކުރުވީ ސަމާސާއަކަށެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަ ވާހަކަ ދެއްކިއެވެ.
“އަހަންނަށް ވަރިހަމަ. ބްލްލްލް!” ޝަފަޤް ވިސާމާއި ދިމާލަށް ދޫނެރެފައި އޭނައަށް ފަސްދީފައި ދާން ހިނގައިގަތް ގޮތުން ވިސާމަށް ހީލެވުނެވެ. ޝަފަޤް އޭނަގެ ލޯމައްޗަށް ގެއްލުމުގެ ކުރިން އަނެއްކާވެސް އޭނައާއި ވީ ފަރާތަށް އެނބުރިލިއެވެ.
“އޮހް! ހަނދާން ނެތުނީ ބުނަން. ވިސާމްގެ އެކުވެރިއަކު ގެއަށް އަންނަންޏާ އަހަރެން ކައިރީގަ ބުނައްޗޭ. އޭރުން އަހަންނަށް އެނގޭނީ މި ހެދުމުގަ ހުންނަން. ގޭގަ ވިސާމް އާއެކީ ހުންނައިރު އަހަރެން އާދައިގެ ހެދުން ލިޔަސް އެހެން މީހެއްގެ ކުރިމަތީގަ އަހަންނަށް ދެން ނުކެރޭނެ މި ނޫން ހެދުމެއް ލާކަށް. އެހެންވީމަ ބުނެދެއްޗޭ.” ޝަފަޤް އެދުނެވެ.
“އިޓްސް އޯކޭ ޝަފަޤް. އަހަންނަށް އޯކޭ އަހަރެން ފްރެންޑުން ކުރިމަތީގަ ޝަފަޤް ބުރުގާ ނޭޅިޔަސް. އިޓްސް ފައިން، އައި ޑޯންޓް މައިންޑް.” ވިސާމް އެހެން ބުނެލީ ޝަފަޤްއަށް ފަސޭހަކޮށްދިނުމަށެވެ. އެކަން އެނގުނު ޝަފަޤަށް ވިސާމާއި ދިމާލަށް ބަލަން ހުރެވުނީ ލުއި ހިނިތުންވުމެއްގައެވެ.
“އެކަމަކު ވިސާމް…..ވިސާމްއާ ވިސާމްގެ އެކުވެރިންނަކީ އަހަންނަށް އެއްމަޤާމެއްގަ ތިބި ބައެއްނޫނެއްނު؟ ވިސާމް ޚާއްޞައެއްނޫންތަ އަހަންނަށް؟” ޝަފަޤް މަޑުމައިތިރި އަޑަކުން ވިސްނާލަންޖެހޭ ފަދަ ސުވާލުތަކެއް ކޮށްލިއެވެ. ފިޤުހީ ފަތުވާއެއް ދިނުމުގެ ބަދަލުގައި ޝަފަޤް އެ ޖުމްލަތައް ބުނެލީ ވިސާމްގެ ހިތާއި ހަމައަށް އެ ބަސްތައް ވާސިލުވޭތޯއެވެ. އެކަން ކާމިޔާބު ވެސްވިއެވެ. އެ ސުވާލުތަކަށްފަހު ވިސާމަށް ޝަފަޤާއި ދިމާލަށް ބަލަން އިނުން ނޫންކަމެއް ނުކުރެވުނެވެ. ޝަފަޤް އިތުރަށް ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ އަނެއްކާވެސް ވިސާމަށް ފަސްދީފައި އެ މީހުންގެ ކޮޓަރިއަށް ދިޔައެވެ. ރީތިވާ މޭޒުދޮށުގައި ހުއްޓިލީތަނާހެން އެ މޭޒުމަތީގައި އޮތް ޝަފަޤްގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނަށް އެރީ ނޭނގޭ ކުރު ނަންބަރެކެވެ. ނުނަގަން ހިތަށް އަރާފައިވެސް ކޭކު ގަންނަން އުޅޭ މީހަކަށް ވެދާނެއޭ ޝަފަޤްގެ ހިތް ބުންޏެވެ. އިހަކަށް ދުވަހު ވިސާމް ވަނީ އޭނަގެ ކޭކުތަކަށްޓަކައި ފޭސްބުކް ޕޭޖެއް ހަދައި އެ ޕޭޖުގައި އޭނަގެ ނަންބަރު ވެސް ޖަހާފައެވެ. ދެ ޚިޔާލެއްގެ މަތީގައި ހުރެ ޝަފަޤް އެ ކޯލް ނަގައި ސްޕީކަރަށްލިއެވެ.
“އައްސަލާމްޢަލައިކުމް.” ޝަފަޤް ބުނެލިއެވެ.
“ހެލޯ؟ ޝަފަޤް ލޯބި ދޯ؟ މިއަންނަ ހޮނިހިރު ދުވަހަށް އަޅުގަނޑަށް ވިހި ޗޮކްލެޓް ކަޕްކޭކްސް ހަދައިދެވިދާނެތަ ދޮންކަމަނައަށް؟” ފޯނުން އިވުނު ފިރިހެން މީހާ ވާހަކަ ދެއްކި ގޮތް ޝަފަޤްއަށް ކަމަކު ނުދިޔައެވެ. ވިސާމް ކައިރި އޭނަގެ ނަންބަރު އިޝްތިހާރު ނުކުރަން އޭނަ އެދުނީ މިހެންވެއެވެ. ކޮންމެއަކަސް ޝަފަޤް ވާހަކަ ދެއްކިއެވެ.
“ލިބިދާނެ އިން ޝާ ﷲ. ތިއީ ކޮން ނަމެއް ކިޔާ ބޭފުޅެއްތޯ؟” ޝަފަޤް އަދަބުވެރިކަމާއެކީ އަހާލިއެވެ.
“އައްދެ! ވަރަށް ދެރަވެއްޖެ އަޑުންވެސް ނޭނގުނީމަ. އަޅެ ގެސް ކޮށްލަބަލަ.” ފިރިހެން މީހާ އެދުނެވެ. ޝަފަޤް އިރުކޮޅެއް ވަންދެން ވިސްނިއިރު ވެސް އެއްވެސް މީހެއްގެ ނަމެއް ސިކުނޑިއަކަށް ނައެވެ.
“އަޅުގަނޑަކަށް ނޭނގޭ އެއްގޮތަކަށްވެސް.” ޝަފަޤް ހިސާބަކަށް ނުރުހުންވެފައިހުރެ ބުނެލިއެވެ. ފިރިހެން މީހާ ދެންވެސް ތަކުރާރުކޮށް “ގެސްކުރަން” އެދުމުން ޝަފަޤް އެ ޖަވާބު ތަކުރާރު ކުރިއެވެ.
“ހެހެ…….ނަން ބުނީމަ ޔަޤީނުންވެސް އެނގޭނެ……މާޒިން.” އިވުނު ނަމަކުން ޝަފަޤްގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް ނެގިއެވެ.
ނުނިމޭ