Asr (Part 42)
މިފަދަ ޚިޔާލުތަކެއްގައި ހުރެ މިޝްކާ އޭނަގެ އަތަށް ދިނުމަށް ޝަފަޤަށް އަނެއްކާވެސް ރޮވިފައިވާ އަޑަކުން އާދޭސްކުރެވުނެވެ. އެހެނަސް އެވަގުތު ހައިޖާނެއްގެ ތެރޭގައި އިން ވިސާމަށް އެ އަޑު ނުވެސް އިވުނު ފަދައެވެ.
ތާރު މަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ގޮސް ވިސާމް ގޯޅިއަކުން އަނބުރާލީ ބުރަކިވެސް ޖެއްސުމެއް ނެތިއެވެ. ދުއްވަމުން ގޮސް އެންމެ ފަހުން ހޮސްޕިޓަލަށް ވެސް ކާރު ވައްދައި ޕާކް ކޮށްލެވުނީ ވެސް ކާރުތައް މަޑުކޮށްފައި ދުއްވާލާ ތާނގައެވެ. އެއަކަށް ފަރުވާލެއްނެތި ވިސާމް މިޝްކާއާއެކީ ކާރުން ފައިބައި ދޮރު ލައްޕާލަމުން ދިގު ފިޔަވަޅުތަކެއްގައި އެމަޖެންސީ ރޫމަށް ގޮސް ވަނެވެ. އޭނަގެ ފަސްފަހަތުން ޝަފަޤްވެސް ގޮސް އެ ރޫމަށް ވަތް ވަގުތު މިޝްކާ އުރައިގެން ހުރި ވިސާމް އެތާހުރި ނަރުހަކަށް ވީ ގޮތް ކިޔައިދެމުން ދިޔައެވެ. ހާސްވެފައިވުމުގެ ސަބަބުން ވިސާމަށް ރަނގަޅަށް ވާހަކަ ވެސް ނުދެކެވޭކަން ޝަފަޤަށް އެނގުންވީ އޭނަގެ ކައިރިއަށް ގޮސް ހުއްޓުމުންނެވެ. ނަރުސް ކުއްޖާ އެ ބުނާ އެއްޗެއް ދޭހަނުވެގެން އުޅޭހެން ހީވުމުން ޝަފަޤް ކުރިއަށްޖެހި ދެންމެ ރެސްޓޯރެންޓުގައި ކަންވީގޮތް ކުރު ގޮތަކަށް ކިޔައިދިނެވެ. ހަމަ އެއާއެކު މިޝްކާ ވަގުތުން އެތާ ހުރި އެނދެއްގައި ބޭއްވި ފަރުވާ ދެވެން ފެށިއެވެ. އޭނަގެ ދަރިފުޅުގެ އަނގައިގައި އޮކްސިޖަން މާސްކެއް އެޅި ޓެސްޓްތަކެއް ހެދުމަށްޓަކައި ލޭ ނަގަން ފެށުމުން ވިސާމް އެނދުގެ ކައިރިއަށް ދިޔައީ ގައިގެ ވަރު ދެރަވެފައި ހުރެއެވެ. އޭނަ ގޮސް މިޝްކާގެ ބޮލުގައި ފިރުމާލަން އުޅުމުން ވެސް އެތާ ތިބި މީހުން އޭނައަށް އެކަން މަނާކޮށް އިރުކޮޅެއް ވަންދެން ބޭރަށްދާން އެންގިއެވެ.
“ކް…ކިހިނެއްތަވީ މިޝީއަށް؟” ރޮވެން ކައިރިވެފައި ހުރެ ވިސާމް އޭނަގާތު އެހެން ބުނެލި ނަރުސް ކުއްޖާ ކުރެން އަހާލިއެވެ. އެވަގުތު ޝަފަޤް އޭނަގެ އަތުގައި ހިފައި އައުމަށް އެދުނެވެ. ހަމަ އެ ސިކުންތުގައި އެހެން ނަރުސް ކުއްޖަކު ވެސް އޭނަގާތު ދިޔުމަށް އެންގިއެވެ.
“ކިހިނެއްހޭވީ މަގޭ ދަރިފުޅަށް؟!!!” ވިސާމް ޝަފަޤްގެ އަތްފޮޅުވާލަމުން ހަޅޭއްލެވީ ރުޅިން ރަތްވެފައިވާ މޫނަކާއިއެކީގައެވެ.
“އެމަޖެންސީ ރޫމުގަ އަޑުގަދަ ނުކުރެއްވުން އެދެން.” ދުރުގައި ހުރި މީހަކު ބުނެލި އަޑު އިވުނެވެ. ވިސާމް އެމީހާއަށް ވެސް ރައްދެއް ދޭން އުޅުނު ވަގުތު ޝަފަޤް ވިސާމްގެ ކުރިމައްޗަށް އެރިއެވެ.
“ވިސާމް. ވިސާމް ޕްލީޒް ހިނގާބަލަ އަހަންނާއެކީ ބޭރަށް. މިޝްކާއަށްޓަކައި ޕްލީޒް!” ޝަފަޤް ވިސާމްގެ ދެކޮނޑުގައި ހިފާލަމުން އަވަސްއަވަހަށް ބުނެލިއެވެ. އެއާއެކު ވިސާމް އެދެއަތް ކޮނޑުމަތިން ވައްޓާލަމުން ބޭރަށް ދާން ހިނގައިގަތެވެ. އެމަޖެންސީ ރޫމުން ނިކުމެގެން ގޮސް ވިސާމް އިށީނީ އޭނަގެ ކާރު ޕާކްކޮށްފައި އޮތް ތަނުގެ ކައިރީގައި ތިރިކޮށް ހަދާފައި ހުރި ގާގަނޑެއްގެ މަތީގައެވެ. ދެ އުޅަނބޮށި ދެކަކުލުގައި ވިއްދައިގެން ވިސާމަށް އޭނަގެ މޫނު ފޮރުވާލެވުނީ ކީއްވެކަމެއް ޚުދު އޭނައަކަށް ވެސް ނޭނގެއެވެ. އެ ޙަރަކާތުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް މިރޭގެ ޙަޤީޤަތާއި އޭނައަށް ދުރަށް ދެވިދާނެކަމުގެ އުއްމީދުގައި ކަންނޭނގެއެވެ. އެހެނަސް މަރާލެވުނު ލޮލުގެ ތެރެއިން ދާދި ދެންމެއަކު ހިނގައިދިޔަ ކަންތައް އޭނައަށް ސިފަވާން ފެށިއެވެ. ރެސްޓޯރެންޓުގައި މިޝްކާ ހަމައަށް ނޭވާ ނުލެވިގެން އުޅުނު ގޮތުން ފެށިގެން ހޮސްޕިޓަލަށް ގެނެސް އޭނަ ވެސް ދުވަހަކުވެސް ނުދާ ފަދަ ދަށް ޙާލަތަކަށް އޭނަގެ ދަރިފުޅު ދިޔަ ގޮތެވެ. އެމަޖެންސީ ރޫމުގައި ދެލޯ މެރިފައި އޮތް މިޝްކާ އެސްފިޔަތަކުގެ ދޭތެރެއިން ފެނިގެން ދިޔުމުން އޭނަގެ ހަނދާނަށް އައީ މީގެ މަހެއްހާ ދުވަސްކުރިން ނިޔާވެގެން ދިޔަ އޭނަގެ އެކުވެރިއެއްގެ ކާފައެކެވެ. އެ ކާފަވެސް ބޭއްވިފައި އޮތީ މިޝްކާ މިރޭ އެ ބޭއްވިގެން ދިޔަ އެނދުގައެވެ. އޭގެ މާނައަކީ އެ ކާފަހެން މިޝްކާ ވެސް މާ ގިނަދުވަހެއް ނުވެ މި ދުނިޔެ ދޫކޮށް ދާނެކަން ހެއްޔެވެ؟ ހިތަށްވެރިވި އެ ސުވާލާއެކު ކުރުވެގެން ދިޔަ ނޭވައަކާއެކީ ވިސާމަށް މޫނުން ދެއަތް ނަގައި ބޯހޫރުވާލެވުނެވެ. އެވަގުތު އޭނަގެ މޭގައި ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ. މާޒީގައި މިޝްކާ ކުޑަ ހިނދުކޮޅަކަށް ވެސް އޭނައާއި ވަކިވެގެން ދިޔުމުން އޭނައަށް ކުރެވުނު އިޙްޞާޞް އާވެގެން ދިޔަހެން ހީވުމުން، މިޝްކާ މުޅި ޢުމުރަށް އޭނައަށް އަލްވަދާޢު ކިޔައިފިނަމަ އޭނައަށް ބަރުދާސްތުކުރެވޭނެބާއޭ ވިސާމްގެ ހިތަށްއެރިއެވެ. ނޫނެކެވެ. އެ ލޯބިލޯބި ހިނިތުންވުމާއި ނުލާ އޭނަ އުޅޭނީ ކިހިނެއް ހެއްޔެވެ؟ ހިތްދަތިކަން އޭނަ ވަށާލި ދުވަހު އޭނަ ދުނިޔެއަށް އުއްމީދު ކަނޑާލަން އުޅުނު ހިނދު އެ އުއްމީދު އާ ކޮށްދިނީ އެ ހިނިތުންވުމެވެ. އެ ހިނިތުންވުން މިހާ ހިސާބަށް ވެސް އޭނަ ގެނައި ހާދަ ގިނަ ޤުރުބާނީތަކަށް ފަހުގައެވެ. ހާދަ ގިނަ ދުވަހެއް ވަންދެން ކެތްތެރިކަމާއެކީ އުޅެގެންނެވެ. އެ ހުރިހާ ޤުރުބާނީތަކާއި ކެތްތެރިކަމުގެ އަގު މިއަދު ފެނަށްވެގެން ދަނީބާއޭ ހިތަށްއެރި ވަގުތު ވިސާމްގެ ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔައެވެ. އެ ބިރުވެރިކަމާއެކީ އެއްދިމާލަށް ނަޒަރު ހުއްޓައިގެން ވިސާމަށް އިނދެވުނެވެ. އޭނަ އިން ގޮތަށް އިންދާ ޝަފަޤް އައިސް އޭނަ ކައިރީގައި އިށީންކަން އޭނަ ނުދެނެ ހުއްޓެވެ. ވިސާމް އިންގޮތުން މާޔޫސްވެފައި އިން ޝަފަޤް ވެސް ވަކި އެއްޗެކޭ ބުނާކަށް ނުއުޅުނެވެ. ދެމީހުން ތިބިގޮތަށް ތިއްބާ ކުރިމަތީގައި އޮތް ކާރުގެ ތެރެއިން ފޯނެއް ރިންގުވާ އަޑު އިވުނެވެ. އެއަޑަށް ކާރާއި ދިމާލަށް ބަލާލީ ހަމައެކަނި ޝަފަޤެވެ. ޝަފަޤް އެއްފަހަރު އެއަށް އަނެއްފަހަރު ވިސާމަށް ބަލާލަމުން ތެދުވެގެން ގޮސް ކާރު ކައިރިއަށް ދިޔައެވެ. އަދި ހުޅުވިފައިވާ ކުޑަދޮރު ތެރެއިން އަތް ކޮއްޕާލަމުން ޑްރައިވާސް ސީޓުގައި އޮތް ވިސާމްގެ ފޯނު ނެގިއެވެ. ފޯނުގެ ސްކްރީނުން އައިމަންގެ ނަން ފެނިފައި ޝަފަޤް ދެންވެސް ވިސާމަށް ބަލާލިއެވެ. ވިސާމް މިވަގުތު އެއްވެސް މީހަކާއި ވާހަކަ ދައްކަން ބޭނުންނުވާނެކަން ޔަޤީންވުމުން ޝަފަޤް ފޯނު ކަނޑާލަން އުޅުނެވެ. އެހެނަސް ކަންވީ ގޮތް އައިމަން ވެސް ދެނެގަންނަން ބޭނުންވާނެއޭ ހިތައި ޝަފަޤް ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ. އޭނައަށް އެއްޗެކޭ ބުނެވުމުގެ ކުރިން އައިމަން ވާހަކަ ދެއްކިއެވެ.
“ހެލޯ ތިއްތިބޭ! ތިއްތިބޭ އައިމް ސޯ ސޮރީ އައި ކުޑްންޓް ލެޓް ޔޫ ނޯ. މާޒިން މިޝްކާގެ ޑިޝްއަށް ކޮންމެވެސް ކަމެއް ކުރުވާފަ އޭތި ޑެލިވާރ ކުރުވީ. މިޝްކާ ކިހިނެއްތަ މިހާރު؟” އައިމަން ކަންބޮޑުކަމާއެކީ ދެއްކި ވާހަކަތަކުން ޝަފަޤްގެ ދެލޯ ބޮޑުވެ އޭނަގެ މޭ ހުއްޓުމަކަށްއައެވެ. މާޒިންގެ ޚިޔާލުތަކަށް ފަހު އޭނަގެ ލޮލަށް ސިފަވެގެން ދިޔައީ އޭނަ އަމިއްލަ އަތުން މިޝްކާގެ އަނގަޔަށް އެ ކާއެތިކޮޅު ލައްވާލަދިން ގޮތެވެ. މިޝްކާއަށް މި ޖެހުނު ޙާލުގެ ސަބަބަކީ އޭނަ ލޯބިން ލައްވާލަދިން އެ ކާއެތިކޮޅުތޯ ހިތަށްއެރި ވަގުތު އޭނަގެ އަތުން ފޯނު ދޫވާން އުޅުނެވެ. އެހެނަސް އޭނަ އޭގައި ބާރަށް ހިފަހައްޓާލިއެވެ. އައިމަން ދެން ވެސް ވާހަކަ ދައްކަން އުޅުނެއްކަމަކު އިތުރަށް ވާހަކަ ދެއްކުމުގެ ހިތްވަރެއް ނެތުމުން ޝަފަޤް ފޯނު ކަންފަތުން ނަގައި ކަނޑާލިއެވެ. ހިތަށް ނުބައި ޚިޔާލުތައް ވެރިވާން ފެށުމުން ޝަފަޤް ވަގުތުން މިޝްކާއަށްޓަކައި ދުޢާ ކުރަން ފެށިއެވެ.
ބައި ގަޑިއެއްހާއިރު ފަހުން ވިސާމްމެނަށް އެމަޖެންސީ ރޫމަށް ވަނުމުގެ ހުއްދަ ލިބުނެވެ. މިޝްކާއަށް ވީ ކިހިނެއްކަން ސާފުވާ ގޮތްވީ އޭގެ ދެ ގަޑިއިރު ފަހުންނެވެ. ޑޮކްޓަރު އައިސް މިޝްކާ އޮތް އެނދުގެ ކައިރިއަށް އައި ވަގުތު ވިސާމާއި ޝަފަޤަށް ވެސް ތިބެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
“އެތެރެ ކުރަން ނުޖެހޭ އެއްޗެއް ކެވުމުގެ ސަބަބުން މިހެން މިވީ. ފުދޭވަރަކަށް ނުރައްކާތެރި އެއްޗެއް ހަށިގަނޑުގެ ތެރޭގަ އަދިވެސް ހުރިކަމަށް ޓެސްޓްތަކުން ލަފާކުރެވޭ. އެއިން މުހިއްމު ގުނަވަންތަކަށް ވެސް ގެއްލުމެއްވުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމަ ވީހާވެސް އަވަހަކަށް މާލެއަށް ފުރަން އަޅުގަނޑު ލަފާދޭނީ.” ޑޮކްޓަރު އިނގިރޭސި ބަހުން ދެއްކި ވާހަކައިން ވިސާމާއި ޝަފަޤަށް ވެސް ތިބެވުނީ ހުއްޓުން އަރާފައެވެ. މާލެ ގެންދާނަންތޯ ޑޮކްޓަރު އެހުމުން ވިސާމް ބޯޖަހާލި ވަގުތު އޭނަގެ ދެލޯ ކަރުނުން ވިދަން ފެށިއެވެ. ޑޮކްޓަރު އެމީހުންނަށް ފަސްދީފައި ދާން ހިނގައިގަތް ހިނދު ޝަފަޤްގެ ލޮލުން ވެސް ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. އޭނައަށް ގިސްލެވެން ފެށިއެއްކަމަކު އިތުރު އެއްވެސް މީހަކާ އަޅާލުމުގެ ހިތްވަރެއް ނެތް ވިސާމް ދިޔައީ ފުރުމަށްޓަކައި ބޭނުންވާނެ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްޓަކައެވެ. ވިސާމާއި ޝަފަޤް މިހާތަނަށް ރައްކާކުރިހާ ފައިސާއެއްގެ އެހީގައި އެރޭ މިޝްކާ މާލެ ގެންދަން ހަމަޖެހިގެން ދިޔައެވެ. ލިޔެކިޔުންތައް ނިންމުމަށްފަހު ވިސާމް އަނެއްކާވެސް އެމަޖެންސީ ރޫމުން ނިކުމެ ކާރަށް އަރަން ދިޔަ ވަގުތު ރޮވިފައިހުރި ޝަފަޤް ފަހަތުން ވާހަކަ ދެއްކިއެވެ.
“އަހަންނަށް މަޢާފުކޮށްދީ ވިސާމް. މިޝްކާއަށް މިހެންވީ އަހަރެން ކާންދިން އެއްޗެއްގެ ސަބަބުން.” ވިސާމާއި ދިމާލަށް ހިނގަމުންހިނގަމުން އަންނަމުން ޝަފަޤް ބުނެލިއެވެ. އޭނަ އެހެން ބުނެލީ ވިސާމް އޭނަގެ ދިފާޢުގައި ވާހަކަ ދައްކާނެ ކަމުގެ އުއްމީދުގައެވެ. ހިނދުކޮޅަކަށް ވިޔަސް މިފަދަ ބޮޑު ކުށަކަށްޓަކައި އަމިއްލަ ނަފްސު ކުށްވެރިކުރުމުގެ ހިތްދަތިކަމުން ސަލާމަތް ވެވޭތޯއެވެ. ވިސާމް ޝަފަޤްގެ ވާހަކައާމެދު މާ ބޮޑަށް ވިސްނުމެއްނެތި ފިޔަވަޅުތައް މަޑުޖައްސައި ޝަފަޤާއި ދިމާލަށް އެނބުރިލިއެވެ.
“ދެން ކީއްކުރަން ކާންދިނީ؟! މަގޭ ދަރި އެ އޮތީ މަރާ ކައިރިވެފަ. ކަލެއަށް އެނގޭތަ އޭގެ މާނަ؟ އޭގެ މާނައަކީ މަށަށް ދެން ދުވަހަކުވެސް މިޝްކާ ނުފެންނާނެއޭ! އެ…….އެ ދަރިފުޅު މިއަތު ތެރެއަށް ލި ހަނދާން އިއްޔެ ވީ ކަމެއްހެން ހަނދާން އެބަހުރި. ކަލެއަކަށް ނޭނގޭނެ މަގޭ ހިތަށް މިވަގުތު ތަދުވާ މިންވަރު!” ވިސާމް ހަރުއަޑުން ވާހަކަ ދެއްކިއިރު އެ އަޑުގައި ހިތްދަތިކަމެއް އެކުލެވިގެން ދިޔައެވެ. ޝަފަޤް އެހެން ބުނީ ކީއްވެކަން ނޭނގުނަސް ޝަފަޤް ޤަޞްދުގައި މިޝްކާއަށް ގެއްލުމެއް ނުދޭނެކަމުގެ ޔަޤީންކަމެއް ވިސާމަށް ލިބިފައިވިއެވެ. އެހެނަސް ޖަޒުބާތުގައި ޖެހިގެން އޭނައަށް ވާހަކަ ދެކެވުނީ ޝަފަޤްގެ ބޮލުގައި އިލްޒާމް އެޅުވޭ ފަދަ ގޮތަކަށްކަން އެނގުންވުމުން އޭނަ މާޔޫސްވިއެވެ. ޝަފަޤް އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ވިސާމަށް އަނެއްފަރާތަށް އެނބުރިލެވުނީ މިވަގުތު އޭނަގެ އަމިއްލަ މީހާގެ ކިބައިގައި ވެސް ހިތްވަރެއް ނެތް ހިނދު އޭނަ އެހެން މީހަކަށް ހިތްވަރު ލައިދޭނީ ކިހިނެއްތޯ ހިތަށްއެރުމުންނެވެ. ޝަފަޤަށް ފަސްދިން ވަގުތު ވެސް އޭނަގެ މޭގައި ރިހުމެއް އުފެދުނެވެ. ދިރިއުޅުމުގައި އައި މިހާ ދަތި ފައްތަރެއްގައި މިހާ ދުވަސްވަންދެން ދެގޮތެއްނުވެ އޭނަގެ ގާތުގައި ހުރި ފަރާތަށް ފަސްދެވުމުންނެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް މިފަހަރު ޝަފަޤް އޭނަގެ ފަހަތުން އައިސް ބައްދައެއްވެސް ނުލިއެވެ. އެހެންކަމުން އޭނަ ދެން ޝަފަޤަށް ރުޅިވާން ނިންމީ އެގޮތް މާ ފަސޭހަހެން ހީވުމުންނެވެ.
ޝަފަޤަށް ވިސާމްގެ ހުރިހާ އިޙްޞާޞެއް އެނގުނު ފަދައެވެ. އާދައިގެ މަތިން ވިސާމް އޭނައާއި ހަރުކަށި ގޮތަކަށް ވާހަކަ ދެއްކިޔަސް އޭނަ ވިސާމާއި ގާތްވެ ޙާލަތް ބަދަލުކުރަން ބޭނުންވިއެވެ. އެހެނަސް މިރޭ ޚުދު އޭނަގެ ހިތްވެސް ވަރުބަލިވެފައިވުމުގެ ސަބަބުން އެއްވެސް ކަމެއް ކުރުމުގެ ހިތްވަރެއް ޝަފަޤަކަށް ނުލިބުނެވެ. ކޮންމެއަކަސް އޭނަ ވިސާމާއިއެކީ ކާރަށް އަރައި މާ ދުރަށް ނުދެވެނީސް ގިއާރ ޝިފްޓްގެ މަތީގައި ބޭއްވިފައި އޮތް ވިސާމްގެ އަތަށް ބަލަން އިނދެފައި އެ އަތް މަތީގައި އޭނަގެ އަތް ބޭއްވިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ ހުރީ ވިސާމާއި އެކީގައި ކަން ރަމްޒުކޮށްދިނުމަށްޓަކައެވެ. ޝަފަޤްގެ އެ “މެސެޖުން” ވިސާމްގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރިއެވެ. ދިރިއުޅުމުގައި ދިމާވެދާނެ ކޮންމެ ޠޫފާނެއްގައި ވެސް އޭނައާއި ބައިވެރިވާނެ ފަރާތެއް ހުރިކަން އެނގުމުން އޭނަގެ ހިތަށް ކުޑަނަމަވެސް ލުއެއް ލިބުނެވެ. ޝަފަޤަށް އޭނަގެ އިޙްޞާޞްތައް އެނގި އޭނަ އުފާވާނެ ގޮތަށް ކަންތައް ކުރުމުން އޭނަ ވެސް ޝަފަޤަށް އެފަދަ ޙަރަކާތެއް ދައްކާލަން ބޭނުންވިއެވެ. އެހެނަސް މިޝްކާގެ މަތިން ހަނދާންވެފައި އެ ހުރިހާ އިޙްޞާޞެއް އެއްފަހަރާ ބިރުވެރިކަމާއި ހިތާމަވެރިކަމަށް ބަދަލުވެގެން ދިޔައެވެ.
އެރޭ ދަންވަރު 1 ޖެހިއިރު ފުރި ފްލައިޓްގައި ވިސާމާއި ޝަފަޤް މިޝްކާއާއެކީ މާލެއަށްދާން ފުރިއެވެ. މާލެއާއި ހަމަވުމާއެކު މިފަހަރުވެސް މިޝްކާ ހޮސްޕިޓަލަކަށް ގެންދެވި އެމަޖެންސީކޮށް ބެލެންފެށިއެވެ. ޝަފަޤާއި ވިސާމްވެގެން ދިން މަޢުލޫމާތުތަކުގެ އަލީގައި ޑޮކްޓަރު ސްކޭންތައް ވެސް ހެއްދިއެވެ. ހުރިހާ ސްކޭނަކަށްފަހު މިޝްކާ އަނެއްކާވެސް އެކި މެޝިންތަކާއި ގުޅިގެން ދިޔައެވެ. މާލޭގެ ވަޞީލަތްތައް ގިނަވުމުން މިޝްކާއަށް އަވަސް ޝިފާއެއް ލިބިދާނެހެން ވިސާމާއި ޝަފަޤަށް ވެސް ހީވިއެވެ. އެހެނަސް………
“އެހާ ކުޑަ ކުއްޖަކަށް އެހާ ގިނަ މިންވަރަކަށް ނުރައްކާތެރި ކެމިކަލެއް ދެވިފައިހުރީމަ ގެއްލުންތަކެއްވެފަ އެބަހުރި. ވަކިން ޚާއްޞަކޮށް ބަނޑަށާއި ފުއްޕާމެއަށް. މިހާ ހަގު ޢުމުރެއްގަ އެކަން ރަނގަޅު ކުރުމަށް ސާރޖަރީއެއް ހެދުން އެހާ ރައްކާތެރިއެއްނޫން. އެކަމަކު އެ ކެމިކަލަކީ ހަށިގަނޑުން އެހާ ފަސޭހައިން ބޭރު ނުކުރެވޭ އެއްޗަކަށްވީމަ އެ ގުނަވަންތަކަށް އަދިވެސް ގެއްލުން ލިބެމުންދާ ކަމަށް ފެނޭ. ވަރަށް ހޯޕްލެސް ކޭސްއެއް މީ. ވީ ވިލް ޑޫ އަވާރ ބެސްޓް. ލީވް ދަ ރެސްޓް ޓު ﷲ.” އޭގެ އަނެއްދުވަހުގެ މެންދުރު ވިސާމާއި ޝަފަޤް ޑޮކްޓަރުގެ އޮފީހުން ޑޮކްޓަރާއި ބައްދަލުކުރުމުން ޑޮކްޓަރު ބުނެލި ވާހަކައިން ދެމީހުންގެ ވެސް މޫނުމަތި މިލައިގެން ދިޔައެވެ. އެހެނަސް އެ މުސްލިމް ޑޮކްޓަރުގެ ފަހު ޖުމްލަ އިވިފައި ޝަފަޤާއި ޚިލާފަށް ވިސާމްގެ ދެބުމަ ކައިރިވިއެވެ. އެ ޖުމްލަ އޭނަގެ ސިކުނޑި ތެރޭގައި ގުގުމަމުން ދިޔައެވެ. ހަމަ އެވަގުތު މެންދުރު ނަމާދަށް ބަންގި ގޮވަން ފެށުމުން ވިސާމަށް ކޮޅަށް ތެދުވެވުނެވެ. ފުރަތަމަ ފަހަރަށް އޭނަ އަމިއްލަ އެދުމުގައި މިސްކިތަށްދާން އަވަސް ފިޔަވަޅުތަކެއް އެޅިއެވެ. އޭނަ މި ހުރިހާ ދުވަހުވެސް ނަމާދު ކުރި ކަމަށް އުއްމީދު ކުރި ޝަފަޤް އެކަމާމެދު ސުވާލު ނުކުރިއެއްކަމަކު އެ ހިނދުކޮޅުގައި ވިސާމަށް ބަދަލެއް އައިއްސިކަން އޭނައަށް އެނގުންވިއެވެ. ހަމަ އެއާއެކު އޭނަގެ ހިތުގައި އުފާވެރިކަމުގެ ވިންދެއް ޖެހިއެވެ.
އެންމެ ކައިރިން ފެނުނު މިސްކިތަށްވަދެ ވިސާމް ވުޟޫކޮށް ނިމުނުއިރު ބަންގި ވެސް ނިމިއްޖެއެވެ. އޮޅާލެވިފައިވާ އަތުކުރިއާއި ފައިކުރި ތިރި ކުރަން ވެސް ހިތަށް ނާރުވައި ވިސާމް މިސްކިތުގެ ތެރެއަށް ވަދެގެން ދިޔައެވެ. މިސްކިތުގެ މެދާއި ހިސާބުން ވިސާމް ކުއްލިއަކަށް ދެކަކޫ މައްޗަށް ތިރިވީ އޭނަގެ ގައިގައި އިތުރު ހަކަތައެއް ނެތްހެން ހީވާ ފަދައަކުންނެވެ. އޭގެ ސިކުންތުކޮޅެއް ފަހުން އޭނަ ތުރުތުރު އަޅަމުން ދިޔަ ދެއަތް މައްޗަށް އުފުލާލިއެވެ. އެވަގުތު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެގެން އައީ ކީއްވެކަމެއް ޚުދު އޭނައަކަށް ވެސް ނޭނގުނެވެ.
ނުނިމޭ