Asr (Part 43)
މިސްކިތުގެ މެދާއި ހިސާބުން ވިސާމް ކުއްލިއަކަށް ދެކަކޫ މައްޗަށް ތިރިވީ އޭނަގެ ގައިގައި އިތުރު ހަކަތައެއް ނެތްހެން ހީވާ ފަދައަކުންނެވެ. އޭގެ ސިކުންތުކޮޅެއް ފަހުން އޭނަ ތުރުތުރު އަޅަމުން ދިޔަ ދެއަތް މައްޗަށް އުފުލާލިއެވެ. އެވަގުތު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެގެން އައީ ކީއްވެކަމެއް ޚުދު އޭނައަކަށް ވެސް ނޭނގުނެވެ. އަމިއްލަ ދަރިފުޅާއިމެދު ހިތާމަކުރާ ޙާލުގައި މިސްކިތަށް ވަދެގެން އަޔަސް އެ ކަރުނަތަކަކީ މުޅިންހެން ހިތާމަވެރިކަމުގެ ކަރުނަތަކެއްނޫނެވެ. ނޭނގޭ ސަބަބަކާހުރެ ފުރަތަމަ ފަހަރަށް ﷲ ގެ ޙަޟްރަތުން ކަމަކަށް އެދެން އުޅޭ ކަމުގެ ޚިޔާލުން އޭނަގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. ހުރިހާ އުއްމީދެއް ނެތި ދިޔަޔަސް މި ކަމުން އޭނަގެ ޙަޔާތުގައިވާ ހުރިހާ މައްސަލައެއް ޙައްލުވެގެން ދާނެ ކަމަށް އެވަގުތު އޭނަގެ ހިތް ބުނަމުން ދިޔައީތީވެއެވެ. ހަމަ އެއާއެކު އޭނައަށް ދުޢާ ކުރެވުނެވެ.
“ﷲ، އަޅުގަނޑުގެ ދަރިފުޅަށް ޝިފާ ދެއްވާ.” ވައި އަޑުން ވިސާމް އެ ދުޢާކޮށްލި ވަގުތު އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އަމިއްލަ ދުޢާގެ އެ އަޑު އިވުނު ހިނދު އޭނަގެ ހިތް ދެރަވިއެވެ. އޭނައަށް މި ދުޢާ ކުރެވުނީ ދުޢާ ކުރަންޖެހޭ ގޮތަކަށް ނޫނޭ ހިތަށްއެރިއެވެ. ހަމަ ގައިމުވެސް ދީންވެރި މީހަކު ދުޢާކުރީހީ މިއަށްވުރެ ބޮޑެތި ބަސްތައް ބޭނުންކޮށްގެންނެވެ. ދުޢާ ކުރުމުގެ ކުރިންނާއި ފަހުން ޢަރަބި ބަސްކޮޅެއް ކިޔައިގެންނެވެ. އެހެނަސް އޭނައަށް އޭގެ ބަސްކޮޅެއް ނޭނގެއެވެ. އެފަދަ ބަސްކޮޅެއް ނުކިޔުމުން އޭނަގެ ދުޢާ އިޖާބަ ނުވާނީ ހެއްޔެވެ؟ ހިތަށްވެރިވި އެ ސުވާލާއެކު ވިސާމްގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވީ މި ދޮރުވެސް އޭނައަށްޓަކައި ބަންދުވާން އުޅުނުހެން ހީވުމުންނެވެ. އޭނަގެ ހަނދާނަށް އަންނަން ފެށީ މަންސޫރު އޭނައަކީ ފާފަވެރިއެއްކަމަށް ބުނެ ގޮވި އެއްޗެއްސެވެ. ﷲ ދުވަހަކުވެސް އޭނައަށް ޢަފޫ ނުދެއްވާނެކަމަށްބުނެ ދެއްކި ވާހަކަތަކެވެ. އެއީ ތެދެއް ހެއްޔެވެ؟ މިއަދު އޭނަ މި ދަތިތަކާވެސް ކުރިމަތިވަނީ ﷲ އޭނައަށް ކޯފާވެވޮޑިގެންވާތީވެ ހެއްޔެވެ؟ މިއީ މި ދުނިޔޭގައި އޭނައަށް ލިބޭ ޢަޒާބެއް ހެއްޔެވެ؟ މިފަހަރު ހިތަށްވެރިވި އެ ސުވާލަށް އޭނަގެ ހިތް އާނއެކޭ ބުނެލި ހިނދު އޭނައަށް އިތުރަށް ގިސްލެވެން ފެށިއެވެ. އޭނައަށް ޢަޒާބު ޙައްޤުވާކަން އޭނައަށް ފުރަތަމަ ފަހަރަށް އެއްބަސްވެވުނީ ރޭ ޝަފަޤް ދެއްކި ވާހަކަތައް ހަނދާނަށް އައުމުންނެވެ. މި ހުރިހާ ދުވަހުވެސް ﷲ އޭނައަށް އެއްވެސް މުޞީބާތެއް ނުޖައްސަވައެވެ. ކަން އެހެން އޮތްއިރު ވެސް އޭނަ ދުވަހަކުވެސް ﷲ އަށް ޝުކުރެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނަ ﷲ އެންގެވި ކަންތައްތަކަށް ވެސް ފަރުވާ ކުޑަ ކުރިއެވެ. އަދި އޭނަގެ ވަށައިގެން ތިބި މީހުން ﷲ މަނާ ކުރެއްވިއޭ ބުނަމުންދާ ކަންތައްވެސް ކުރަމުން ދިޔައެވެ. އެކަމާމެދު އިތުރަށް ހޯދަން ވެސް މަސައްކަތް ނުކޮށް އެހެން ބުނަމުން ދިޔަ މީހުންނަށް މަލާމާތް ކުރަމުން ދިޔައެވެ. މީހަކަށް ނުބައިވެވޭނީ މިހާ ވަރަށް ނޫންހެއްޔެވެ؟ އޭނައަށް މި ދުނިޔޭގައި ލިބޭހާ އުފަލެއް ލިބެނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންކަން އޭނައަށް ކުރިން ނޭނގުނީ ކީއްވެ ހެއްޔެވެ؟ އެނގުނުނަމަ މިއަދު އޭނައަށް މި ދުވަސް ނުފެނުނީސް ނޫންހެއްޔެވެ؟ ނިމުމެއްނެތް ނާއުއްމީދީ އެތައް ސުވާލެއްގެ ތެރޭގައި ވިސާމް އިންދާ ގަމަތްދޭން ފެށިއެވެ. ސަފުތައް ހެދިގެން ދިޔައިރު ވިސާމަށް ހުއްޓިލެވުނީ ދެވަނަ ސަފުގައެވެ. ހަޝަމް ބަނުމަށްފަހު ވެސް ވިސާމަށް ރުއިން ނޫންކަމެއް ނުކުރެވެއެވެ. އޭނައަށް ނަމާދުގައި ކިޔާނެ ހަމަ އެކައްޗެއްވެސް ނޭނގުނު ކަމަށްޓަކައި އޭނަ އިތުރަށް މާޔޫސްވަމުން ދިޔައެވެ. މިއީ ވެސް ﷲ އޭނައަށް ދެއްވާނެ ޢަޒާބު ބޮޑުވާނެ ސަބަބެއްކަމުގައި އޭނައަށް ދެކެވުނެވެ. އޭނައަށް ޢަޒާބު ނުދެއްވުމަށް އެދި ހިތާހިތުން ދުޢާ ކުރެވެން އުޅުނެއްކަމަކު އޭނަ އެކަމަށް ނުކުޅެދުނެވެ. ﷲ ގެ ޙަޟްރަތުން އޭނައަށް ލިބުނުހާ ނިޢުމަތްތަކެއްގެ މަތިން ހަނދާންވުމުން އޭނަ ފަދަ މީހަކަށް ހަމަ ޢަޒާބު ޙައްޤުވާކަމަށް އޭނަގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައީތީވެއެވެ. އެހެނަސް އެ ޢަޒާބު މިޝްކާ މެދުވެރިކޮށް އޭނައަށް ނުދެއްވުމަށް ވިސާމަށް ދުޢާ ކުރެވުނެވެ. މިޝްކާއަށް ކަމެއްވާތަން ދެކުމަކީ އޭނައަށް ކުޅަދާނަވާވަރުގެ ކަމަކަށް ނުވާތީވެއެވެ. އެހެންކަމުން މިޝްކާގެ ބަދަލުގައި އޭނައަށް އަނިޔާއެއް ލިބިގެން ވިޔަސް އޭނަގެ ބޭއިންސާފުވެރިކަމުގެ ބަދަލު ދެއްވުމަށް އެދި އޭނައަށް ދުޢާ ކުރެވުނެވެ. މުޅި ނަމާދު ތެރޭގައި ވިސާމަށް މިފަދަ ދުޢާތައް ކުރެވެމުން ދިޔައީ އޭނަ މި ދުޢާ ކުރަނީ ރަޙްމާންވަންތަ ރަސްކަލާނގެކަން ނުދެނެ ހުރެއެވެ. އޭނަ ދެކެ އެންމެ ބޮޑަށް ލޯބިވާ ފަރާތްކަން ނުދެނެ ހުރެއެވެ. އަދި އެ ފަރާތަކީ އޭނަ ތައުބާވާއިރަށް އެ ތައުބާ ޤަބޫލުކުރައްވާ ފަރާތްކަން ރޭކާނުލައި ހުރެއެވެ.
ނަމާދުން ފައިބައިގެން ވިސާމް ނިކުތީވެސް ބިރުގެންފައިވާ ހިތަކާއި އެކީގައެވެ. އޭނަ ދެންމެ ކުރިހާ ދުޢާތަކެއްގެ ސަބަބުން ދެން އޭނައަށް ކުރިމަތިވެދާނެ ނުބައި ކަމަކަށްޓަކައެވެ. ކުޑައިރު މަންސޫރު ދެއްކިހާ ވާހަކަތަކުގެ ސަބަބުން މާތް ﷲ ހަމަ އިސާހިތަކު އޭނައަށް ޢަޒާބެއް ފޮނުއްވަފާނެކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ.
ވިސާމް އަނބުރާ ހޮސްޕިޓަލަށް އައިއިރު ޝަފަޤް މިޝްކާގެ އެނދުގެ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. ވިސާމް އައިސް އޭނަ ކައިރިއަށް ހުއްޓިލީ ވަގުތު ޝަފަޤަށް ފަސްއެނބުރި ބަލާލެވުނެވެ. އިހުނަށްވުރެ ބޮޑަށް މިލާފައިވާ ވިސާމްގެ މޫނާއި ދުޅަވެފައިވާ ދެލޯ ފެނިފައި ޝަފަޤް ކުޑަކޮށް ސިހުންވާ ގޮތްވިއެވެ. ވިސާމް މިހާ ދެރަވެފައި ހުރިތަން އޭނައަށް ދުވަހަކުވެސް ފެނިފައި ނުވެއެވެ. ވިސާމަށްވެސް މިއަދު ތަޖުރިބާ ކުރެވެމުން މިދަނީ އޭނަގެ މުޅި ޙަޔާތުގައި ވެސް އައި އެންމެ ބޮޑު ހިތާމައާއި ކަންނޭނގެއެވެ. ވިސާމް ބުނި ފަދައިން އަމިއްލަ ދަރި މިފަދަ ޙާލަކަށް އައުމުން ކުރެވޭ އިޙްޞާޞް އޭނައަށް ނޭނގިދާނެއެވެ. އެ އިޙްޞާޞުގެ ދިލަކަން ވިސާމްގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން ޝަފަޤަށް އަންދާޒާ ކުރެވުނެވެ. ﷲ އިރާދަ ކުރައްވައިފިނަމަ ކުޑަ ހިނދުކޮޅަކުން މުޅި މި ޙާލަތް ބަދަލުވެގެން ދާނެކަން ވިސާމަށް އެނގޭނެނަމައޭ ޝަފަޤް ގެ ހިތަށްއެރިއެވެ. ކޮންމެއަކަސް އޭނަ ވިސާމްގެ ހިތަށް ހަމަޖެހުމެއް ގެނެސްދޭން ބޭނުންވިއެވެ. ނުބައި ޚިޔާލުތަކުން އޭނަ ދުރުކުރުވުމަށްޓަކައި މެންދުރު ނުކަނީތޯ ޝަފަޤް އަހާލިއެވެ. ވިސާމް އެއަށް އިންކާރު ކުރަން އުޅުނުތަނާހެން ޝަފަޤް ތިމަންނަ މިއުޅެނީ ބަނޑުހައިވެގެން ކަމަށް ބުނެލިއެވެ. ކޮންމެ ގޮތެއްވިޔަސް ވިސާމް އޭނަގެ ބޭނުމެއް ފުރިހަމަ ކޮށްދޭނެކަން ޔަޤީންވީތީވެއެވެ. އޭނަ އެހެން ބުނުމާއެކު ވިސާމް އޭނަ ގޮވައިގެން ހޮސްޕިޓަލްގައި ހުރި ރެސްޓޯރެންޓަށް ދިޔައެވެ. މޭޒެއްގެ ދޮށުގައި އިށީނދެ ޝަފަޤް އޯޑަރު ދިނެއްކަމަކު ވިސާމް އޯޑަރެއް ނުދެއެވެ. މި ކަމާމެދު ޝަފަޤް މާޔޫސްވެ ކަންބޮޑުވިއެވެ. ވިސާމް ރޭއްސުރެ އެއްވެސް އެއްޗެއް ނުކައެވެ. އޭނަ އެކަމަށް އެދި އެދި ވިސާމް އެއްބަހެއް ނުވެއެވެ. އެހެންކަމުން އޭނަ އެވަގުތު އެހެން ގޮތަކަށް ވިސާމް ހައްލާލެވޭތޯ މަސައްކަތް ކުރެވެއެވެ.
“ވަރަށް މީރު ވަސް ދޯ އެ ދުވަނީ؟ އަހަރެން އެންމެ ފަހުން މި ހޮސްޕިޓަލަށް އައީ…..ގާތްގަނޑަކަށް މީގެ 7 އަހަރު ކުރިން. އޭރު މިތަން އެހާ ރީއްޗެއްނޫން. އެކަމަކު މިހާރު ރީތި. މޭޒުތައް ރޭވިފަ ހުރި ގޮތުން ލައިޓް ވެސް ހަމަ ޕާރފެކްޓް! ދޯ ވިސާމް؟” ޝަފަޤް ގަދަކަމުން ހިނިތުންވެލަމުން ނެތް ހިތްވަރަކާއެކީ ވާހަކަ ދެއްކިއެވެ. އެ ވާހަކައަށްފަހު އޭނަ ވިސާމަށް ބަލާލިއިރު ވިސާމް އިނީ އިންގޮތަށް އިސްޖެހިފައެވެ. އެ މަންޒަރު ފެނިފައި އިސާހިތަކު ޝަފަޤްގެ ހިނިތުންވުން ފިލައި ލޮލުން ދިލަ ނަގަން ފެށިއެވެ. އޭނަ މިވާހަކަ ދައްކަނީ މަރާއި ގާތް ކަމަށް ބުނެފައިވާ ދަރިއެއްގެ ބައްޕައަކާކަން އެނގުންވުމުންނެވެ. ހަމަ އެއާއެކު އޭނައަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. މިފަދަ ޙާލެއްގައި ވިސާމް ހިނިތުންވާން އޭނަ އުއްމީދު ކުރާނީ ކިހިނެއްހެއްޔެވެ؟ މި ވަގުތުކޮޅަށްޓަކައި ވެސް އަމިއްލަ ދަރިފުޅު ދޫކޮށް އޭނައާއި އެކީ އައިސްފައި ވިސާމް އެހެރީ އޭނަގެ ހިތްވަރުގަދަ ކަމުންނެވެ. ހިތާހިތުން ވިސާމަށް ތަޢުރީފު ކުރާ ޙާލު ޝަފަޤް ލަސްލަހުން މޭޒުމަތީގައި އޮތް ވިސާމްގެ އަތްމަތީގައި އޭނަގެ އަތް ބޭއްވިއެވެ. އާދަޔާއި ޚިލާފަށް މިއަދު އޭނަގެ އެ ޙަރަކާތުން ވެސް ވިސާމް އޭނައަށް ބަލައެއްނުލިއެވެ.
“ވިސާމް…….ﷲ އަހަރުމެންނަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެ. ﷲ އަކީ ދުޢާތައް އިޖާބަކުރައްވާ ރަސްކަލާނގެއޭ. ވިސާމް ތިއައީ ދުޢާކޮށްފައެއްނޫންތަ؟ ﷲ ވަނީ އެ ދުޢާ އަޑު އައްސަވާފަ. ދެން ބަލާތި! ވިސާމްގެ ލޯ ކުރިމަތިން ވިސާމްގެ ދުޢާތައް އިޖާބަވެގެން ދާނެ އިން ޝާ ﷲ. އަދި ވިސާމް ﷲ އަށް އެދުނު ގޮތަށް ކަންތައް ނުވިޔަސް އެއަށްވުރެ މާ ފުރިހަމަ ގޮތެއް އެކަލާނގެ މެދުވެރިކުރައްވާނެ. އެހެނީ އަހަރުމެންނަށް އެންމެ ރަނގަޅު ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ. އަދި އަހަރުމެންނަށް އެންމެ ހެޔޮ އެދޭ ފަރާތަކީ ވެސް އެއީ ކަމަށްވާތީ.” ޝަފަޤް ކުރެހިފައިވާ އަޑަކުން އުއްމީދީ ގޮތަކަށް ކިޔައިދިނެވެ. ޝަފަޤްގެ ވާހަކަ ނިމުނުއިރު ވިސާމަށް އިނދެވުނީ އޭނައަށް ބަލަހައްޓައިގެންނެވެ. އޭނަ އެދުނު ގޮތަށް ކަންތައް ނުވެދާނެއޭ ބުނުމުން ވިސާމްގެ ހިތް ބިރުގަތް ވަގުތު ހިސާބެއްގެ ހިތްހަމަޖެހުމެއްވެސް ލިބުނެވެ. ބިރުގަތީ މިޝްކާއަށް ޝިފާއެއް ނުލިބިދާނެތީވެއެވެ. ހަމަޖެހުމެއް ލިބުނީ އަމިއްލަ ނަފްސަށް ޢަޒާބެއް ލިބުމުގެ ދުޢާއިން ރައްކާތެރިވެދާނެ ކަމަށްޓަކައެވެ. ﷲ އަކީ އަހަރުމެންނަށް އެންމެ ހެޔޮ އެދޭ ފަރާތޭ ބުންޏަސް ވިސާމަށް އެކަން ޤަބޫލުކުރަން ދަތިވިއެވެ. މަންސޫރު އެކި ދުވަސްމަތިން އޭނައާއި ދެއްކި ވާހަކަތަކުން އެފަދަ ގޮތަކަށް ﷲ އާއިމެދު ވިސްނަން އޭނައަށް ދައްޗެވެ. ކޮންމެއަކަސް ޝަފަޤް ދެއްކި ވާހަކަތަކުން އޭނަގެ ދުޢާގެ ނަތީޖާ ނިކުންނާނެ ގޮތް ބަލަން އޭނަ ކެތްމަދުވިއެވެ.
މިޝްކާގެ ޙާލަށް މާ ބޮޑު ބަދަލެއް ނައިސް ދެ ދުވަސް ވޭތުވިއެވެ. އެ ދެދުވަސް ތެރޭގައި މިޝްކާގެ ހަށިގަނޑުގެ ތެރޭގައިވި ނުރައްކަލުން ސަލާމަތް ކުރުމަށްޓަކައި ޑޮކްޓަރުން މަސައްކަތް ކުރަމުން ދިޔައެވެ. ދެ ދުވަސް ވަންދެން ވެސް މިޝްކާ ހޭއެރުމެއްނެތި އޮތް ގޮތުންނާއި މިޝްކާގެ ޙާލު ރަނގަޅުވާ ކަމުގެ ޚަބަރެއް ޑޮކްޓަރުންގެ ފަރާތުން ނުލިބުމުން ވިސާމާއި ޝަފަޤްގެ ހިތް ގެނބެމުން ދިޔައެވެ. ކޮންމެއަކަސް ދެވަނައަށްވީ ދުވަހުގެ ހަވީރު ވަގުތު ޝަފަޤާއި ވިސާމް މިޝްކާގެ ކައިރީގައި ތިއްބާ ކުއްލިއަކަށް އެމީހުންނާއި ބައްދަލުކުރަން މިޝްކާ ބެލުމުގައި އެންމެ އިސްކޮށް އުޅުނު ޑޮކްޓަރު ބޭނުންވިއެވެ. ނަރުސް ކުއްޖަކު ދިން އެ ޚަބަރާއެކީ ދެމަފިރިން އެ ޑޮކްޓަރު އިންނަ ކޮޓަރިއަށް ދިޔައީ ތެޅެމުން ދިޔަ ހިތްތަކާއެކީ އަވަސް ފިޔަވަޅުތަކެއްގައެވެ. ދެމީހުން ހުއްދަ ހޯދާލަމުން އެކޮޓަރިއަށް ވަތް ވަގުތު ޑޮކްޓަރު ލުއި ހިނިތުންވުމެއް ދައްކާލި ގޮތުން ދެމީހުން ވެސް ހުއްޓުން އަރާ ގޮތްވިއެވެ. އެމީހުން ގޮސް ޑޮކްޓަރުގެ ކުރިމަތީގައި އިށީނުމާއެކު ޑޮކްޓަރު ވާހަކަ ދެއްކިއެވެ.
“ގުޑް ނިއުސް! މިޝްކާ އިޒް އައުޓް އޮފް ޑޭންޖާ. އަސްލު ވަރަށް ޤަބޫލުވެސް ކުރަންދަތި މިހެން މި ބުނެވޭ ކަމާމެދު ވެސް އެކަމަކު މިއީ ޙަޤީޤަތަކީ. މިއަދު ހެދި ޓެސްޓްތަކުން އެނގޭ ގޮތުގަ މިހާރު ހަމަ އެއްގޮތަކަށްވެސް އެ ފޮރިން ސަބްސްޓޭންސްގެ އަސަރެއް ނެތް. އޭގެ ސަބަބުން ފުއްޕާމެއަށް އިތުރު ގެއްލުމެއް ލިބުނުހެނެއް ވެސް ހިއެއްނުވޭ. އިން ފެކްޓް މިހާރު ނޭވާލެވޭ މިންވަރު އިހުނަށްވުރެ ރަނގަޅު. ދެން ބަނޑަށް ލިބިފައި ހުރި ގެއްލުންތައް ވެސް ދުވަސްކޮޅަކުން ރަނގަޅުވެދާނެ އިން ޝާ ﷲ. ޝީ އިޒް އަ ވެރީ ލަކީ ގާލް. މިރޭ ހޭއަރާނެކަމަށް ލަފާ ކުރެވޭ.” ޑޮކްޓަރު އެންމެ ފަހު ޖުމްލަ ބުނެލީ ވެސް ހިނިތުންވުމަކާއެކީގައެވެ. އެ ހުރިހާ ވާހަކައެއް އަޑުއަހަން އިން ވިސާމަށް އިނދެވުނީ ހުއްޓުން އަރާފައެވެ. އޭނަގެ ކަންފަތުގައި ގުގުމާލީ އޭނަ މީގެ ދެދުވަސް ކުރިން ބިންމަތީގައި އިނދެ ވައިއަޑުން ކޮށްލި ކުރުކުރު ދުޢާއެވެ. އެ ދުޢާގެ އަޑު އެދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްސެވީ ހެއްޔެވެ؟ އޭނަ ފަދަ ފާފަވެރި، އެކަލާނގެއަށް ޝުކުރުވެރި ނުވާ މީހެއްގެ ދުޢާ އެކަލާނގެ އިޖާބަވެސް ކުރެއްވީ ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ އެ ސުވާލާއިމެދު ވިސްނެން ފެށި ވަގުތު އޭނަގެ ހިތަށް އާދަޔާ ޚިލާފު ލޯތްބެއް އިޙްޞާޞް ކުރެވެން ފެށުމުން ވިސާމްގެ ލޮލަށް އުފަލާއި ހިތާމަވެރިކަން އެކުލެވޭ ކަރުނަތައް ޖަމާވާން ފެށިއެވެ. އުފާވީ ﷲ އޭނަދެކެ ލޯބިވެވޮޑިގެންނުވާނަމަ އޭނަ މިފަދަ ހިތާމައަކުން މިންޖުނުކުރެއްވީހޭ ހިތް ބުނުމުންނެވެ. އަދި ދެރަވީ މި ހުރިހާ ދުވަސްވަންދެން އެ ލޯބިފުޅާއި ދުރުގައި އޭނައަށް އުޅެވުނު ކަމަށްޓަކައެވެ. އެ ޚިޔާލު ހިތަށްވެރިވުމުން ނޭނގޭ ސަބަބަކާހުރެ އޭނަ ﷲ އާއި ގާތްވާން ބޭނުންވިއެވެ. ﷲ އާއި ގާތްވެވޭނީ ކިހިނެއްތޯ ހިތް ސުވާލު ކުރި ވަގުތު އޭނަގެ ހަނދާނަށް އައީ ޝަފަޤް އެއްދުވަހު އޭނަ ގާތު ބުނި ވާހަކައެވެ. އެއީ އަޅާ ﷲ އާއި އެންމެ ގާތީ ސަޖިދައިގައިވާ ވަގުތު ކަމުގައި ބުނި ބުނުމުންނެވެ. އެ ހަނދާން އާ ވުމުން ވިސާމް ދެވަނަ ވިސްނުމެއްވެސް ނެތި ކޮޅަށް ތެދުވިއެވެ. އަދި އޭނަ ހުރި ތަން ވެސް ހަނދާން ނައްތާލަމުން އޭނަ ލަސްލަހުން ބިންމައްޗަށް ތިރިވެ ސަޖިދަޖެހީ ހިތް އެކަމަށް އެދުނު ވަރުންނެވެ. އެއާއެކު އޭނައަށް މިފަހަރުވެސް ހިތާހިތުން ކުރެވެން ފެށީ އެންމެ ދުޢާއެކެވެ. މި ފާފަވެރި އަޅާ ﷲ ގެ މަތިވެރި ލޯބިފުޅު ލިބޭ އަޅެއްކަމުގައި ލެއްވުމަށް އެދި ކުރެވުނު ދުޢާއެވެ. އެ ލޯބިފުޅުގެ ރަހައެއް އޭނައަށް ހިނދުކޮޅަކަށް ވެސް ލިބުމުން އޭނަ އެ ލޯބިފުޅާއި ވަކިވާން ނޭދުނު މިންވަރުންނެވެ.
އިރުކޮޅެއް ވަންދެން ސަޖިދައިގައި އޮތުމަށްފަހު ވިސާމް ތެދުވެލީ ޝަފަޤް ވައި އަޑުން އޭނައަށް ގޮވާލި އަޑަށެވެ. ހިނދުކޮޅަކަށް އެތާނގައި ތިބި ދެމީހުންނަށް ފަސްދީގެން ދެކަކޫ މަތީގައި ހުރެފައި ވިސާމް އޭނަގެ ކޯތާފަތް ފޮހެމުން ކޮޅަށް ތެދުވެ ފަސްއެނބުރި ބަލާލިއެވެ. އެވަގުތު ޝަފަޤްގެ އަނގައިން ނިކުތް ލުއި އާހެއްގެ އަޑާއެކީ އެމޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަ ގިސްލަމުން އައިސް ވިސާމްގެ ގައިގައި ބައްދާލިއެވެ. ވިސާމް ވެސް ލަސްލަހުން ޝަފަޤް ގެ ގައިގައި ބައްދާލީ ޝަފަޤް ރޮނީ ކީއްވެކަން ޔަޤީންކުރަން ނޭނގިފައި ހުރެއެވެ. ހަމަ ގައިމުވެސް އޭނަ ދެރަވާ ކަމެއް ނުވާކަން ޔަޤީންވުމުން އެއީ އުފާވެރިކަމުގެ ކަރުނަތައްކަމަށް ވިސާމަށް ނިންމުނެވެ.
ޑޮކްޓަރު ލަފާ ކުރި ގޮތަށް ހަމަ އެރޭގެ ވަގުތެއްގައި މިޝްކާ ހޭއެރިއެވެ. ހޭލުމާއެކު މިޝްކާ ވަގުތުން ގަތީ ބިރެވެ. އަނގަމަތީގައި އެޅިފައިވި އޮކްސިޖަން މާސްކާއި ކައިރީގައި ހުރި މެޝިންތައް ފެނިފައެވެ. އެހެނަސް ވިސާމާއި ޝަފަޤް ވެގެން އެ ހުރިހާ ކަމެއް ސަމާސާއަކަށް ހަދައި މިޝްކާ ހައްލާލިއެވެ. ހެއްލުމުގެ ވިސާމް ބޮޑުބައެއް އަދާ ކުރިއެއްކަމަކު އެރޭ މިޝްކާ ނިދުމުގެ ކުރިން ވިސާމް އޮޅުވާލުމެއްނެތި އޭނަ މިޝްކާ ދެކެ ލޯބިވާ މިންވަރު މިޝްކާއަށް ހާމަ ކޮށްދިނެވެ. މި ހުރިހާ ދުވަހު އޭނަ އެންމެ ބޮޑަށް ހިތްދަތިވީ މިޝްކާ ގާތު އޭނަ ލޯބިވާ ވާހަކަ ނުބުނެވިގެން އުޅެނިކޮށްކަން ހަނދާންވުމުންނެވެ. އެރޭ އެގޮތަށް ކަންތައް ކުރީ އެކަމުން ޢިބްރަތެއް ލިބުމުންނެވެ.
އެރޭ މިޝްކާ ނިދުމުން ވެސް ޝަފަޤާއި ވިސާމް އާދައިގެ މަތިން އެނދުގެ ކައިރީގައި ހުރި ދެ ގޮނޑީގައި ތިއްބެވެ. މިޝްކާ އޮތް އެނދުގައި ބޯއަޅައިގެން އޮތް ޝަފަޤްގެ ދެލޯ މެރެމުން ދިޔައިރު ދެން ހުރި ގޮނޑީގައި އިން ވިސާމް އޭނަގެ ފޯނުން އެއްޗެއް ސާޗުކުރަމުން ދިޔައެވެ. އޭނަ ހޯދަމުން ދިޔައީ ނަމާދުގައި ކިޔާ ތަކެއްޗެވެ. އޭނަ ބޭނުންވީ އޭނަ މި ހުރިހާ ދުވަހު ޖެއްސީ “އެކްޓެއް” ކަން ޝަފަޤަށް އެންގުމެއްނެތި އަމިއްލައަށް ހުރިހާ އެއްޗެއް ދަސްކޮށްލާށެވެ. އެހެނަސް ޢަރަބި ނުކިޔާތާ އެތައް ދުވަހެއް ވެފައިވުމުން އޭނައަށް އެ އެއްޗެހި ކިޔަން އުނދަގޫވިއެވެ. ޢަރަބިން ކިޔަންވީ ގޮތް އިނގިރޭސިން ލިޔެފައިވާ ސައިޓްތައް ފެނުނަސް އިނގިރޭސިން ލިޔެވިފައި ހުރި ބައިވެސް އޭނައަށް ކިޔެނީ ނުބައިކޮށްހެން ހީވާވަރުން އޭނައަށް ކުރިއެރުމެއް ލިބޭގޮތެއް ނުވިއެވެ. އެންމެ ފަހުން ވިސާމް ކެތްނުވެގެން ޝަފަޤަށް ގޮވާލިއެވެ.
“ކިހިނެއްވީ؟” ޝަފަޤް ސީދާވެލަމުން ނިދިބަރުވެފައިވާ އަޑަކުން އަހާލިއެވެ.
“މީ….މީތި ކިޔާނީ ކިހިނެއް؟” ވިސާމް އެހެން އަހާލަމުން އޭނަގެ ފޯނު ޝަފަޤަށް ދިއްކޮށްލިއެވެ. ޝަފަޤް ކޯޗެއްތޯ އަހައި ވިސާމްގެ ކައިރިއަށް ގޮނޑި ޖައްސާލިއެވެ. ފޯނުގެ ސްކްރީނުން ދެ ސަޖިދަ ދެމެދުގައި ކިޔާ ދުޢާ ފެނިފައި ޝަފަޤަށް ދެބުމަ ކައިރިކޮށްލެވުނެވެ. ވިސާމް މި ހުރިހާ ދުވަހު ނަމާދަށް ދިޔައީ ނަމާދު ކުރާކަށް ނޫންކަން އޭނަ ދެނެހުއްޓެވެ. އެހެނަސް މިސްކިތަށް އަރާ މީހުން ވިސާމް ނަމާދުގައި ބައިވެރި ވާ ވާހަކަ ބުނުމުން އޭނައަށް ނަމާދުގައި ކިޔާ އެއްޗެއްހި އެނގޭނެ ކަމަށް ޝަފަޤަށް ހީކުރެވުނެވެ. އެހެނަސް ވިސާމް ވީ އޭނަ ހީކުރިވަރަށްވުރެ ވެސް ދީނާއި ދުރުގަތާއެވެ. ކޮންމެ ގޮތެއްވިޔަސް އެހާ ދުރުގައި ހުރެފައި މިހާ ގާތަށް އައުމުން ވެސް ޝަފަޤްގެ ހިތް ޝުކުރުވެރިކަމުން ފުރިގެން ބަންޑުންވާ ގޮތްވިއެވެ. އޭނަ އިތުރު ވާހަކައެއް ދެއްކުމެއްނެތި ބުނެދިނެވެ.
“މިތަނަށް ކިޔާނީ ރައްބަނާ. ދެން…….” ޝަފަޤް އިތުރަށް ކިޔައިދޭން އުޅުމުން ވިސާމް ވާހަކަ ދެއްކިއެވެ.
“ދެން ލަކަ. ދޯ؟” ވިސާމް ނުހަނު ޖޯޝާއެކީ އަހާލިއެވެ. ޝަފަޤް ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ. ވިސާމް ދެންވެސް މައުސޫމް ކުޑަ ކުއްޖެއްހެން އޭނައަށް ދޯ ދެމުން ނުހަނު އުނދަގުލާއެކީ އެ ދުޢާތައް ކިޔަމުން ދިޔަ ގޮތުން ޝަފަޤްގެ ހިތް ލޯބިން ފުރިގެން އައެވެ. ހަމަ އެވަގުތު އޭނައަށް ﷲ އަށް ޙަމްދު ކުރެވުނެވެ. ﷲ އަކީ ހަމަ އެއްވެސް ޝައްކެއްނެތް ގޮތުގައި އެކަލާނގެ ހުރިހާ އަޅުތަކުންގެ ދުޢާތައް އިޖާބަކުރައްވާ ރަސްކަލާނގެތާއޭ ހިތަށްއެރިއެވެ. މިއަދު ވިސާމްގެ ދުޢާ އިޖާބަވި ފަދައިން އޭނަގެ ދުޢާތައް ވެސް މިވަނީ އިޖާބަވެފައެވެ. އެއިން ލިބުނު ސާބިތުކަމާއެކީ ވިސާމަށް ހިދާޔަތުގެ މަތީގައި ދެމިހުރުމުގެ ތައުފީޤު ދެއްވުމަށް އެދި ޝަފަޤަށް ދުޢާ ކުރެވުނެވެ.
އޭގެ 2 ހަފްތާއެއްހާ ދުވަސްފަހުން މިޝްކާ ހޮސްޕިޓަލުން ދޫކޮށްލިތާ މާގިނަ ދުވަހެއް ނުވެ އެ ކުޑަކުޑަ ޢާއިލާ އަނބުރާ ރަށަށްއައެވެ. މާލެއަށް ދިޔައިރު އޭނަ އަނބުރާ އަންނާނީ ތަފާތު މީހެއްގެ ގޮތުގައިކަން ވިސާމް އެއްގޮތަކަށް ވެސް ނުދެނެ ހުއްޓެވެ. އެ ދަތުރަށްފަހު ރަށަށް އައިސް ވިސާމް ދާ ކޮންމެ ނަމާދަކަށްދަނީ ދާ ހިތުންނެވެ. އެންމެ ދެ ހަފްތާތެރޭގައި އޭނައަށް ނަމާދުގައި ކިޔާ ތަކެތި ފަރިތަ ކޮށްލެވުނު ގޮތާއިމެދު ވެސް އޭނަ ޙައިރާންވިއެވެ. އޭނައަށް އަންނަމުން ދިޔަ ބަދަލުތައް އެންމެ ގާތުން ފެންނަމުން ދިޔަ ޝަފަޤްގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވަމުން ދިޔައެވެ. ހުރިހާ ކަމެއް ވަމުން ދިޔަ ގޮތް އޮމާންކަމުން ދެން އެމީހުންގެ ޙަޔާތަށް ކުޑަވެސް ކޫރުމެއް ނާންނާނެހެން އެ މީހުންނަށް ވެސް ހީވަމުން ދިޔައެވެ. އެހެނަސް ވިސާމްގެ މާޒީގައި އޭނައަށް ވެސް ފޮރުވިފައިވި ސިއްރު ބިރުވެރި ހުވަފެނެއްގެ ސިފައިގައި އޭނަގެ ޙަޔާތް ބަނަކުރުމަށް އަންނަމުން ދާކަން އޭނަ ނުދެނެ ހުއްޓެވެ.
ނުނިމޭ