Asr (Part 53)
“ކިހިނެއްތަވީ؟” އެހެން އޭނަގާތު އަހާލީ އަންހެން ކުއްޖެކެވެ. އޭނަ ޖަވާބެއް ނުދީ ދެން ވެސް އިންގޮތަށް އިނުމުން އެ އަންހެން ކުއްޖާ އޭނަ ކައިރީގައި އިށީންކަން އޭނައަށް އެނގުނެވެ. އެއަށްފަހު އެ އަންހެން ކުއްޖާ އޭނަގެ އަތުތެރެއަށް ރުމާލެއް ލައިދިނެވެ. އެއީ ފެހި ކުލައިގެ މާ ގަނޑެއް ލެވިފައިވި ރުމާލެކެވެ. މެހެނާޒް އެ ރުމާލުގައި ބާރަށް ހިފަހައްޓާލިއެއްކަމަކު ދެންވެސް މައްޗަށް ބަލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. މެހެނާޒް ހީކުރީ އޭނަ ޖަވާބެއް ނުދިނުމުން އެކުއްޖާ ހިނގައިދާނެ ކަމަށެވެ. އެހެނަސް އެކުއްޖާ އިހުނަށްވުރެ ހަމަޖެހިލައިގެން ވާހަކަ ދައްކަން ފެށި އަޑު އިވުނެވެ. އެންމެ ފުރަތަމަ ވެސް އަންހެން ކުއްޖާ ކިޔަވާލީ މެހެނާޒަށް މާނަ ނޭނގޭ އާޔަތެއްގެ ބައެކެވެ. މެހެނާޒް ލިބުނު ޙައިރާން ކަމާއެކީ އެކުއްޖާ އިތުރަށް ދައްކާނެ ވާހަކައަކަށް އިންތިޒާރު ކުރިއެވެ.
“ﷲ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކެތްކުރެވޭނެ ވަރުގެ ބުރައެއް ނޫނީ ނުޖައްސަވާ. ހެހެ….އެނގޭ މިއީ ވަރަށް ގިނައިން އިވިފައިވާނެ ވާހަކައެއްކަން. އެހެންވީމަ ވެދާނެ މިއީ ހަމަ ބުނެލާ ބުނެލުމެއްކަމަށް ތި އުޚްތާއަށް ހީވެދާނެކަމަށް. އެކަމަކު ޙަޤީޤަތަކީ އެއީ. އަހަރުމެން ހެއްދެވީ ހަމައެކަނި ﷲ. އެހެންވީމަ އަހަރުމެން އެންމެ ރަނގަޅަށް އެނގޭނީ ﷲ ނޫން ދެން ކޮން ފަރާތަކަށް؟ އެކަލާނގެ ދެނެވޮޑިގެންވޭ…..އެކަލާނގެ ދެނެވޮޑިގެންވޭ އަހަރުމެންގެ ހުރިހާ ހިތާމައެއް، އެކަލާނގެ ދެނެވޮޑިގެންވޭ އަހަރުމެންނަށް ތަޖުރިބާ ކުރެވޭ ކޮންމެ ތަދެއް. އެ ހުރިހާ ކަމެއް ދެނެވޮޑިގެންހުރެ އެކަލާނގެ އެހެން ވަޙީ ކުރައްވާފައި އެވަނީ. އަހަރުމެންނަށް މުޞީބާތެއް ކުރިމަތިވިއްޔާ އެ ކުރިމަތިވަނީ އެ މުޞީބާތާއި ކުރިމަތިލުމުގެ ބާރު އަހަރުމެންނަށް ލިބިފައިވާތީ. އެހެންނޫނީ އެ މުޞީބާތް ކުރިމަތިވީހީ އެހެންމީހަކަށް….އެހެންނޫނަސް އެކަލާނގެ އިމްތިޙާނު ކުރައްވަނީ އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ އަޅުން. ވީއިރު އަހަރުމެންނަށް ދިމާވާ ކޮންމެ ދެރަ ކަމަކަށް އަހަރުމެން ކުރަންވީ އުފަލެއްނޫންތަ؟” އަންހެން ކުއްޖާ އެންމެ ފަހު ޖުމްލަ ބުނެލިއިރު އޭނަ ހުރީ ހިނިތުންވުމެއްގައިކަން މެހެނާޒަށް އެނގުންވިއެވެ. އެކަމާމެދު ޙައިރާންވި ވަގުތު އެކުއްޖާ ދެއްކި ވާހަކަތަކުން މެހެނާޒްގެ ހިތަށް ފުން އަސަރެއް ކޮށްފައިވިއެވެ. އެ ވާހަކަތައް ދެކެވުނު ގޮތުން ﷲ އާއި ގާތްކަމެއް އޭނައަށް އިޙްޞާޞްކުރެވުނެވެ. ހަމަ ޔަޤީނުންވެސް އޭނަގެ އެކަނިވެރި ޙަޔާތުގައި އޭނައާއި އެންމެ ގާތުގައިވަނީ ރަޙްމާންވަންތަ ރަސްކަލާނގެތާއޭ އޭނަގެ ހިތް ބުންޏެވެ. ހިތަށް އުފާވެރިކަމެއް ވެރިވިއެއްކަމަކު މެހެނާޒް ދެންވެސް އިސްއުފުލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އޭނަ މިފަހަރުވެސް ހީކުރީ އެ ކުއްޖާ ދެން ހިނގައިދާނެ ކަމަށެވެ. އެހެނަސް ފުން ނޭވައެއް ދޫކޮށްލި އަޑަށް މެހެނާޒް ހިސާބަކަށް ދެރަވިއެވެ. އޭނަ އިސްނުއުފުލުމުން އެކުއްޖާ ދެރަވީބާއޭ ހިތަށްއެރިއެވެ. ދެންވެސް އެކުއްޖާ ތެދުވެގެން ދާނެ އިރަކަށް އިންތިޒާރު ކުރަން ފެށި ތަނާހެން އެކުއްޖާ ވާހަކަ ދެއްކިއެވެ.
“އުޚްތީ ދެރަވަނީ ކީއްވެކަމެއް އަހަންނަށް ޔަޤީނެއްނޫން. އެކަމަކު އުޚްތީ ދެރަވަނީ އުޚްތީގެ ފާފަތަކާއިމެދު ކަމަށްވަންޏާ އުއްމީދު ކަނޑާނުލާ. ﷲ އެކަލާނގެ ޤުރުއާނުގައި ވަޙީ ކުރައްވާފައިވަނީ އެކަލާނގެ ރަޙްމަތަށް އުއްމީދު ކަނޑާނުލުމަށް. އެ ރަޙްމަތަށް އުއްމީދު ކަނޑައިގެން އަހަރުމެން ދެން ދާންވެސް އޮތީ ކޮން ދިމާލަކަށްތަ؟ ފާފަތަށް ފޮހެ ދެވޭނީ ﷲ ނޫން ދެން ކޮން ފަރާތަކަށް؟ ފަހަރެއްގަ ވެދާނެ އުޚްތީއަށް އުއްމީދު ކަނޑާލެވެނީ ތިބާގެ ވަށައިގެން ތިބި މީހުން ތިބާއަކީ ގޯސް މީހެއްކަމަށް ދެކޭތީ ކަމަށްވެސް. އެކަމަކު މީހުން ތިބާއާ މެދު ދެކޭ ގޮތަކީ ﷲ ތިބާއާމެދު ދެކެވޮޑިގެންވާ ގޮތްކަމުގައި ދެކިގެން ނުވާނެ. މީހުންނަށް ފެންނަނީ ހަމައެކަނި ބޭރުފުށް. އެމީހުންނަކަށް ނޭނގޭ ފާފައިން ދުރުވުމަށް އަހަރުމެން ކުރާ މަސައްކަތް. އެމީހުންނަކަށް ނޭނގޭ ﷲ އާއި ގާތްވުމަށްޓަކައި އަހަރުމެން ކަނޑައްތުކުރި ދަތިތައް. އެކަންތައް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ. ވީއިރު ކީއްވެ އަހަރުމެން އެކަލާނގެ ރަޙްމަތަށް އުއްމީދު ނުކުރަންވީ؟” އަންހެން ކުއްޖާ މިފަހަރު ދެއްކި ވާހަކަތަކުން މެހެނާޒްގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވެ އޭނަގެ އަރުތެރެ ބެދެން ފެށިއެވެ. އޭނަގެ ހިތަށް ބޮޑަށް އަސަރު ކުރީ މި އަންހެން ކުއްޖަކީ އޭނަ ދާދި ދެންމެއަކު ކުރި ނަމާދުގައި ވެވުނު ދުޢާގެ ނަތީޖާއެއްގެ ގޮތުން އައި ކުއްޖެކޭ ހިތް ބުނުމުންނެވެ.
“އަހަރެންގެ މަންމަ އަހަންނަށް އަބަދުވެސް ހަނދާންކޮށްދެމުން ދިޔަ ވާހަކައެއް ބުނެލާނަން. ﷲ ގެ ރަޙްމަތް ވަނީ ވަރަށް ކައިރީގަ. އަހަރުމެންވީ އެ ރަޙްމަތް ޙާޞިލުކުރަން ވީހާވެސް ގިނަ ހެޔޮ ޢަމަލުތައް ކޮށް ނުބައި ޢަމަލުތަކުން ދުރުވާން މަސައްކަތް ކުރުން. އަދި ހެޔޮ ޢަމަލުތައް ކުރަން އެހެން މީހުންނަށް ވެސް ނަޞޭޙަތްތެރިވުން. އޭރުން އެމީހުން އެ ނަޞޭޙަތްތަކުގަ ހިފިއްޔާ އަހަރުމެންނަށް ވެސް އޭގެ ޘަވާބު ލިބޭނެ. ފްރީކޮށް ބޯނަސް ޕޮއިންޓްސް އަހަރުމެންނަށް ލިބޭނެ. ހެހެހެ……އަހަރުމެންނަށް މި ދުނިޔޭގަ ލިބިފައިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން އެންމެ ރަނގަޅުގޮތުގަ ހިފޭނެގޮތް ދޯ އެއީ؟” އަންހެން ކުއްޖާ ހެވިފައިހުރެ އަހާލި ވާހަކައިން މެހެނާޒް ވިސްނުމެއްގެ ތެރެއަށް ގެއްލެން ފެށިއެވެ. އެ ހިނދު ދުރުން އަންހެނަކު ދަރިފުޅާއޭ ކިޔައި ގޮވާލި އަޑު އިވުނެވެ. އެކުއްޖާ ލައްބައޭ ބުނުމުން އަންހެން މީހާ އަވަހަށް އަންނާށޭ ބުނެލައިފިއެވެ. އެއާއެކު އެ އަންހެން ކުއްޖާ މަޑުމަޑުން މެހެނާޒްގެ ކޮނޑުގައި އަތް އަޅައި ދަނީއޭ ބުނެލި އަޑު މެހެނާޒަށް އިވުނެވެ. އެކުއްޖާ ދިޔަކަން އެނގުމުން މެހެނާޒްގެ ހިތަށް މާޔޫސްކަމެއް ވެރިވިއެއްކަމަކު އެކުއްޖާއާއި ދިމާވީތީ އޭނައަށް ﷲ އަށް ޙަމްދުކުރެވުނެވެ.
އޭގެ އަނެއްދުވަހުގެ ރޭވެސް މެހެނާޒް މިސްކިތަށް ދިޔައީ އެކުއްޖާއާއި ދިމާވާނެކަމުގެ އުއްމީދުގައެވެ. އެކުއްޖާގެ ފަރާތުން ލިބިދާނެ ނަޞޭޙަތަކުން އަނެއްކާވެސް ހިތަށް ހަމަޖެހުމެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. މިސްކިތުގައި ހުރި އަންހެނުންގެ ބަޔަށް ވަދެ ޒުވާން އަންހެން ކުއްޖަކު ފެނޭތޯ އޭނައަށް ވަރަކަށް ހޯދުނެވެ. އެ ކުއްޖަކު ނުފެނުނަސް އެއީ ޒުވާން ކުއްޖެއްކަން ޔަޤީންވީތީވެއެވެ. އެހެނަސް އެރޭ މިސްކިތުން މެހެނާޒަށް މުޅިން ވެސް ފެނުނީ މުސްކުޅި އަންހެނުންނެވެ. ތަރާވީޙުން ގެއަށް ދާންޖެހުނީ ވެސް އެކުއްޖާ ފެނުމެއްނެތިއެވެ.
އެ ރެއަށްފަހު މެހެނާޒް އެ ހިތްހެޔޮ އަންހެން ކުއްޖާއާއި ދިމާ ނުވިއެއްކަމަކު އެކުއްޖާގެ ބަސްތައް މެހެނާޒްގެ ހިތާއި ސިކުނޑީގައި ބިންވަޅު ނެގިފައިވިއެވެ. އެކުއްޖާގެ ނަޞޭޙަތާއި އެއްގޮތަށް އޭނަ މީހުންގެ ނަޒަރިއްޔާތާއި މެދު ވިސްނުމެއްނެތި ހަމައެކަނި ﷲ ގެ ރަޙްމަތަށް އުއްމީދު ކޮށް ހެޔޮ ޢަމަލުތައް ގިނަ ކުރަން ފެށިއެވެ. އަދި އޭނަ އެންމެ ޝައުޤުވެރި ކުރުވި ވާހަކަ ކަމަށްވާ އެހެން މީހުންނަށް ހެޔޮ ނަޞޭޙަތެއް ފޯރުކޮށްދޭ ފަދަ މީހަކަށް ވުމަށްޓަކައި މެހެނާޒް މަސައްކަތް ފެށިއެވެ. ދީނާއިމެދު މާ ބޮޑު އެއްޗެއް ނޭނގި އެފަދަ މީހަކަށް ނުވެވޭނެކަން އެނގި މެހެނާޒް އޭނައަށް ވެވުނު ވަރަކުން ޢިލްމު އުނގެނެން ފެށިއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ގަދަ ވޭންތަކާއި އެކީގައި ވެސް އޭނަ ދަރުސްތައް އަޑުއެހުމަށްޓަކައި މިސްކިތަށް ދާންފެށީ ދާ ހިތުންނެވެ. އެ ދަރުސްތަކުން އޭނައަށް ބައިވަރު ކަންތައް ދަސްވާން ފެށިއެވެ. އޭގެ ތެރެއިން އެއްރެއަކު އިވުނު ވާހަކައަކުން މެހެނާޒްގެ މޭގައި ކުއްލި ރިހުމެއް އުފެދުނެވެ. އެއީ ތިމާ ދުނިޔެ ދޫކޮށްފައި ދާއިރު ޞާލިޙު ދަރިއަކު ދުނިޔޭގައި ވާނަމަ އެ ދަރިއެއްގެ ދުޢާގެ ސަބަބުން އާޚިރަތުގައި އޭނަގެ މަޤާމް މަތިވެގެން ދާނެ ވާހަކައެވެ. އެ ވާހަކައިން އޭނަގެ ވެސް ދަރިފުޅެއް ވާކަން މެހެނާޒްގެ ހަނދާނަށް އައީ ކުއްލިއަކަށެވެ. މި ހުރިހާ ދުވަހުވެސް ދޭތެރެ ދޭތެރެއިން އޭނަ މިޝްކާގެ މަތިން ހަނދާންވެފައިވެއެވެ. އެހެނަސް އެރޭގެ އެ ވަގުތު މިޝްކާ ދެކިލުމަށް ހިތް އެދުނު ވަރަށް ދުވަހަކުވެސް ހިތް އެދިފައެއް ނުވެއެވެ. އެހެންކަމުން އެރޭ އެ ދަރުހަށްފަހު ހަށިގަނޑު ކިތަންމެ ވަރުބަލިވެފައިވިއެއްކަމަކު އޭނަ ވިސާމްގެ އެޕާޓްމެންޓަށްދާން ނިންމިއެވެ. ޓެކްސީގައި އެ ޢިމާރާތަށް ދިޔަ މަގުމަތީގައި އޭނައާއި ވިސާމާއި ދެމެދު ހިނގިހާ ކަންތައް އޭނަގެ ލޯކުރިމަތިން ސިފަވަމުން ދިޔައެވެ. އޭނައަށް ވިސާމާއިމެދު ވެސް ކަންތައް ކުރެވުނު ގޮތާއިމެދު ހިތާމަކޮށް ޓެކްސީ ތެރޭގައި އިނދެވެސް ރޮވުނެވެ. ވިސާމް އޭނަ ވަރިކުރީ އޭނަ ބުނިހެން ދެން ކެތްކުރެވޭ ވަރު ނުވުމުން ކަމަށް މެހެނާޒަށް ވެސް ޤަބޫލު ކުރެވުނެވެ.
އަމިއްލަ ވިސްނުންތަކެއްގެ ތެރޭގައި އިންދާ މެހެނާޒް އެ ޢިމާރާތާއި ހަމައަށް ފޯރިއެވެ. ޢިމާރާތުގެ ތެރެއަށްވަދެ 5 ވަނަ ފަންގިފިލާގައިވި ވިސާމްގެ އެޕާޓްމެންޓާއި ގާތްވަމުން ދިޔަ ވަގުތު މެހެނާޒްގެ ހިތުގައި ބިރުވެރިކަމެއް ވިއެވެ. ވިސާމް އޭނަ ފެނިފައި ކަންތައް ކުރާނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. އެޕާޓްމެންޓްގެ ލައްޕާލެވިފައިވި ދޮރާއި ހަމަވީ ވަގުތު މެހެނާޒްގެ އެ ބިރު ޙަޤީޤަތަކަށްވިއެވެ.
“މަގޭ ކައިރީގަ ނުބުނާތި އެ މެހެނާޒެއްގެ ކައިރިއަށް ދާށޭ ނިޒާމް! މަ މިއުޅެނީ އުފަލުގަ! ވަރަށް އުފަލުގަ……..އޭނަ ކައިރިއަށް އަނެއްކާ ދިޔުމަށްވުރެ މާ ރަނގަޅުވާނެ އަހަރެން އަމިއްލައަށް ދަންޖެހިގެން މަރުވިޔަސް. މިޝްކާއަށް އޭނަގެ ފަރާތުން ލޯތްބެއް ލިބޭނީއެއްނޫން. މިޝްކާއަށް ބޭނުމެއްނުވޭ އެކަހަލަ ނުލަފާ މަންމައެއް. މަ އޭނަގެ ހިޔަނިވެސް މިޝްކާއަށް އެޅިޔަ ނުދޭނަން! އަހަރެން މިޝްކާއަށް އޭނަގެ އުނިކަމެއް އިޙްޞާޞްވިޔަ ނުދޭނަން. މިއަދު އަހަރެންގެ ހުރިހާވެސް މީހަކީ މިޝްކާއަށްވީމަ އަހަންނަށް އެފަދަ ލޯތްބެއް އެކުއްޖާއަށްދެވޭނެ!” ވިސާމް ހަރުއަޑުން އޭނަގެ އެކުވެރިޔާއާއި ދެއްކި ވާހަކަތައް އިވިފައި އެޕާޓްމެންޓްގެ ބޭރުގައި ހުރި މެހެނާޒް ހުރީ ގަބުވެފައެވެ. ވިސާމް އެ ދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ އޭނަ އޭނަގެ ދަރިފުޅުދެކެ ލޯބިނުވާނީ ކީއްވެ ހެއްޔެވެ؟ ހަމަ އެއާއެކު މާޒީގައި ކަންތައް ވެފައިވާ ގޮތް ހަނދާންވެފައި ގެނބިގެން ދިޔަ ހިތަކާއެކީ މެހެނާޒަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެއަށްފަހު އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދާން ހިނގައިގަތެވެ.
އެރޭ މެހެނާޒްގެ އެޕާޓްމެންޓްގެ ތެރޭގައި ހަރުލާފައިވީ ހިތް ހަލާކު ކުރުވަނިވި ވޭނީ ރުއިމެއްގެ އަޑެވެ. އެހެނަސް އެ އަޑު އަހާނެ އެއްވެސް މީހަކު އެތާނގައި ނެތެވެ. ދުޅަވަމުން ދިޔަ ދެލޮލުން ހުއްޓުމެއްނެތި އޮހެމުން ދިޔަ ކަރުނަތައް މެހެނާޒް އަމިއްލައަށް ފޮހެމުން ދިޔައީ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރެވޭތޯ ބަލަމުންނެވެ. އޭނައަށް ދެން ދުވަހަކުވެސް އޭނަގެ ދަރިފުޅު ނުފެންނާނީތޯ ހިތް ސުވާލުކުރާ ކޮންމެ ފަހަރަކު އޭނަގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވަމުން ދިޔައެވެ. ދުނިޔެ ދޫ ކުރުމުގެ ކުރިން އެއްފަހަރު ވިޔަސް އޭނަގެ ދަރިފުޅު ފެނޭނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި އޭނައަށް ދުޢާކުރެވުނެވެ.
މެހެނާޒްގެ އެ ދުޢާ އިޖާބަވާން މާ ގިނަ ދުވަހެއްނުނެގިއެވެ. އޭގެ ދެދުވަސްފަހުން މެހެނާޒް ހަވީރުގެ ހިނގާލުމަކަށް ނިކުމެ އުޅެނިކޮށް ވިސާމް މިޝްކާ ގޮވައިގެން ޕާކަކަށް ގޮސްފައިވަނިކޮށް މެހެނާޒަށް ފެނުނެވެ. ރަތް ކުލައިގެ ކުޑަކުޑަ ހެދުމެއްގައި ކުރު ބުޅި އިސްތަށިގަނޑަކާއިއެކީ ހުރި ކުއްޖަކީ އޭނަގެ ދަރިފުޅުކަން އެކުއްޖާގެ އުރާލައިގެން ހުރި ވިސާމް ފެނުމުގެ ކުރިން ވެސް މެހެނާޒަށް އެނގުންވިއެވެ. ވިސާމް އެކުއްޖާ ގެންގޮސް ތިރި އުނދޯއްޔެއްގައި ބަހައްޓައި ހެވިފައިހުރެ އަޑުއަޑު ލެއްވުމުން އެކުއްޖާ ޖޯޝުން ފުރިގެންވި މޫނަކާއެކީ ހެމުން ދިޔަ މަންޒަރު ފެނިފައި ދުރުގައި ހުރި ގަހެއްގެ ކައިރީގައި ހުރި މެހެނާޒްގެ މޫނުމައްޗަށް ވެރިވީ ހިތާމަވެރި ހިނިތުންވުމެކެވެ. އެ ހިނދު ދުވެފައި ގޮސް އެ ދަރިފުޅު އުރާލަން ސިކުންތުކޮޅެއްގެ ތެރޭގައި ހާސްފަހަރު އޭނަގެ ހިތް އެދުނެވެ. އެހެނަސް އޭނަ ދިޔުމުން ކަންތައް ރަނގަޅަކަށް ނުދާނެކަން ޔަޤީންވީތީ މެހެނާޒް ޖެހިލުންވިއެވެ. އެއީ ވިސާމްގެ ވެސް ކުށެއްނޫންތާއެވެ. އޭނަގެ ހަރު ހިތް މަޑުވެ މައިވަންތަކަމުގެ ކުލުނު ޖެހިގެން މި އައީ އެ ކުލުނު ޙައްޤުވާ ފަރާތަށް ދިނުމުގެ ފުރުޞަތު އޭނައަށް ގެއްލުނު ފަހުންނެވެ. ހަމަ އެއާއެކު ވިސާމް ކިހާ ނަސީބުގަދަހޭ އޭނަގެ ހިތަށްއެރިއެވެ. އެ ކުޑަކުޑަ މިޝްކާ ބޮޑުވެގެން އަންނަ މަންޒަރު ވިސާމަށް އަމިއްލަ ލޯކުރިމަތިން ފެނިގެންދާނެއެވެ. މިޝްކާގެ ހުރިހާ އުފަލަކާއި ހިތާމައެއްގައި ބައިވެރިވުމުގެ ފުރުޞަތު އޭނައަށް ލިބޭނެއެވެ. އެހިނދު މިޝްކާއަށް ރަނގަޅު ތަރުބިއްޔަތެއް ވިސާމް ފޯރުކޮށްދޭނެކަމަށް މެހެނާޒަށް އުއްމީދުކުރެވުނެވެ. އެހެނަސް ދީނާއިމެދު ވިސާމްގެ ވިސްނުން ހުންނަގޮތް އެނގުންވީ ހިނދު މެހެނާޒްގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެހެން މީހަކަށް ރަނގަޅު ނަޞޭޙަތެއް ފޯރުކޮށްނުދެވުނަސް އޭނަ ވިސާމަށް ރަނގަޅު ނަޞޭޙަތެއް ފޯރުކޮށްދޭން ޖެހޭކަން އެ ހިނދު މެހެނާޒަށް އެނގުންވިއެވެ. އެއީ އޭނަ މިދުނިޔެއަށް ދޫކޮށްފައިދާ ދަރިފުޅުގެ މުސްތަޤްބަލުވަނީ ވިސާމްގެ އަތްމަތީގައި ކަމަށްވާތީވެއެވެ. އެހެންކަމުން މެހެނާޒް އެކަމަށްޓަކައި ފިޔަވަޅެއް އަޅަން ނިންމިއެވެ.
މެހެނާޒް ހަމަ އެރޭ ގެއަށް ގޮސް ވިސާމަށްޓަކައި ސިޓީއެއް ލިޔަން ފެށިއެވެ. ފޯނު ނުކުރީ އެކަމަށްޓަކައި އޭނައަށް ހިތްވަރެއް ނުލިބުނީތީވެއެވެ. ސޯޝަލް މީޑިއާ ބޭނުން ނުކުރީ އޭނަ މިހާރު މުޅިން ވެސް އެކަންތައްތަކައި ދުރުގައި އުޅޭތީވެއެވެ. ސިޓީ ވިސާމާއި ހަމައަށް ފޯރުކޮށްދޭނީ ކިހިނެއްކަން ޔަޤީން ނުކުރެވުނެކައްކަމަކު މެހެނާޒް އޭތި ލިޔަން ފެށީ ވަރަށް އުއްމީދާއި އެކީގައެވެ. އޭނަގެ ތަޖުރިބާތައް ވިސާމަށް ފޯރު ކޮށްދީފިނަމަ ވިސާމް ތައުބާވާން ބޭނުންވެދާނެއޭ ހިތައި މެހެނާޒް އެންމެ ކޮޅުން ފެށިގެން ހުރިހާ ވާހަކައެއް ލިޔަން ފެށިއެވެ. އޭނަ ހަމަ އެރޭ ސިޓީ ލިޔަން އިންދާ ކޮންމެވެސް އަންހެން އެކުވެރިޔަކު އޭނައަށް ގުޅިއެވެ. އެއީ އޭނައާއި އެކީ ޔާސިރުގެ ފިލްމު ކުޅެމުންދާ ޔާނާއެވެ.
“ނާޒް! ވަރަށް ސަކަރާތް ޚަބަރެއް އެބައޮތް. ޔާސިރުމެން ހަމަ މިރޭ އެބައާދޭ ނާޒްގެ އެޕާޓްމެންޓަށް ނާޒްއަށް ބްލެކްމެއިލްކުރަން. ޕްލީޒް އެމީހުން ބުނާ ގޮތަށް ކަންތައް ކުރޭ. އަދާވައިސް ދޭއި ވިލް ކިލް ޔޫ!” ފޯނުގެ އަނެއްފަރާތުން އިވުނު ވާހަކައިން މެހެނާޒްގެ ދެލޯ ބޮޑުވެ މުޅި މީހާ ހިނދުކޮޅަކަށް ގަނޑުވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނަ ކަންފަތުން ފޯނު ނަގާލިއެވެ. އެއަށްފަހު ލިބުނު ޚިޔާލާއެކީ އަނެއްކާވެސް ފޯނަށް ބަލައި ވަގުތުން ފުލުހުންނަށް ގުޅައި އެ އެޕާޓްމެންޓަށް އައިސްދިނުމަށް އެންގިއެވެ. އޭނަ އެ އެންގުން އެންގުމަށްފަހު ފޯނު ބޭއްވި ތަނާހެން ނުހަނު ބާރު އަޑަކާއެކީ އެޕާޓްމެންޓްގެ ދޮރުގައި މީހަކު ބާރަށް ޓަކި ދިން އަޑަށް މެހެނާޒްގެ ހިތް މޭފަޅާލާފައި ނިކުމެދާނެހާ ބާރަށް ތެޅެން ފެށިއެވެ. އެހެނަސް އޭނަ ހިތާހިތުން ﷲ މަތިން ހަނދުމަކޮށް އެކަލާނގެއަށް ވަކީލުކުރަމުން ކޮޓަރީގެ އެނދުމަތީގައި އޮތް އޭނަގެ ބުރުގާ އެޅިއެވެ. އޭގެ މާ ގިނަ އިރެއް ނުވެ އެޕާޓްމެންޓްގެ ދޮރު ހަލާކުކޮށްފައި ޔާސިރު މެހެނާޒްއޭ ކިޔައި ބާރަށް ގޮވަމުން އައިސް އެ ކޮޓަރިއަށް ވަދެފިއެވެ. އޭނަގެ ކޮޓަރި ތެރެއިން މެދުޢުމުރުގެ ބޮޑު މާ ސިންގާ ފިރިހެނަކު ފެނިފައި މެހެނާޒްގެ ހިތަށް އިންތިހާ ދަރަޖައިގެ ބިރުވެރިކަމެއް ވަނެވެ.
“އަދި އެބަ އުޅެއެއްނު މާ ޞާލިޙުކަމަށްހެދިގެން ކޮޓަރި ތެރޭގަ ވެސް. ބަލަ އަހަރުމެން އެންމެންނަށް އެނގޭ ތި މީހާ ހުރި ގޮތް ބޮޑު ހެދުން ގަނޑެއްގެ ތެރެއަށް އެރިގެން ހުއްޓަސް!” ޔާސިރު ބުނެލި ވާހަކައިން ހިތަށް ވީ އުނދަގުލާއި ވީ ދެރައާއެކީ މެހެނާޒަށް ދެބުމަ ކައިރިކޮށްލަމުން ދެލޯ މަރާލެވުނެވެ. އެ ހިނދު ޔާސިރު ދިގު ފިޔަވަޅުތަކެއްގައި މެހެނާޒާއި އެއްފިޔަވަޅު ދުރުގައި މަޑުކޮށްލިއެވެ. މެހެނާޒަށް އެކަން އެނގުންވިތަނާހެން އޭނަ ފަހަތަށް ޖެހިލިއެވެ.
“އަހަރެން މަޖުބޫރު ނުކުރަނީސް އަމިއްލައަށް ތި ބުރުގާ ނަގާލާ.” ޔާސިރު ބުމަގޮށްޖެހިފައިހުރެ ބުނެލިއެވެ. އެ ހިނދު މެހެނާޒްގެ މޫނުމައްޗަށް ސާބިތުކަން ވެރިވީ ﷲ ގެ އިރާދަފުޅުން ނޫނީ މީހަކަށް އޭނައަށް ގެއްލުމެއް ނުދެވޭނެކަން ހަނދާންވުމުންނެވެ.
“ނުނަގާނަން!” މެހެނާޒް ސީދާ ޔާސިރަށް ބަލަން ހުރެ ބުނެލި ވާހަކައިން ޔާސިރުގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. އޭނަ ކުއްލިއަކަށް މެހެނާޒްގެ ގާތަށް ޖެހިގަނެ އޭނަ ގެންގޮސް ފާރަށް ލައްކޮށްލަމުން މެހެނާޒްގެ ބުރުގާ ނަގާލިއެވެ. މެހެނާޒް އެކަމަށް ހުރަސް އަޅަން ޔާސިރުގެ އަތުގައި ހިފެހެއްޓިއެއްކަމަކު އޭނަގެ ބަލި އަތުގައި މާ ބޮޑު ބާރެއް ނެތުމުން ޔާސިރު ކާމިޔާބުވިއެވެ. ތައުބާވުމަށްފަހު އަނެއްކާވެސް އޭނަގެ ޢައުރަ ފެންނަން ނުޖެހޭ މީހަކަށް ފެނިގެން ދިޔުމުން ހަމަ އެ ވަގުތުން ވަގުތަށް މެހެނާޒަށް ރޮވެން ފެށިއެވެ. ޔާސިރު އެ ރުއިމުގެ އަޑު އެހުމެއްނެތި ދެންވެސް މެހެނާޒާއި ގާތްވާން މަސައްކަތް ފެށިތަނާހެން އެތަނަށް ފުލުހުން އައިސް ޔާސިރު ހުއްޓުވައި އޭނަ ހައްޔަރު ކޮށްގެން ގެންދިޔައެވެ. މާ ލަސްނުވަނީސް ޔާސިރު ގެންދެވުނު ކަމަށްޓަކައި މެހެނާޒަށް ޙަމްދުކުރެވުނު ވަގުތު އޭނައަށް ދެންވެސް ރޮވުނީ އަނެއްކާވެސް އޭނަ ގާތްވާން ނުޖެހޭ ފިރިހެނަކާއި ގާތްވެވުމުންނެވެ. އެއީ އޭނައަށް މަޖުބޫރުން ވީ ކަމެއް ކަމަށްވިޔަސް އޭނަގެ ހިތް މާޔޫސްވެފައިވިއެވެ. ފުލުހުން އަނެއްކާވެސް ޔާސިރު ދޫކޮށްލުމުން ވެދާނެ ގޮތް ޚިޔާލުކުރެވުމުން އެ ހިތް ބިރުވެސް ގަންނަމުން ދިޔައެވެ. އެ ބިރުން ސަލާމަތް ވުމަށްޓަކައި އޭނަ އެންމެ ފަހުން އޭނަގެ ޢާއިލާއަށް ގުޅިއެވެ.
ޒުހުރާއާއި ނާސިރު އެމީހުންގެ ހަގު ދަރިފުޅު ކަމަށްވާ ޝިޔާއާއެކީ މާލެއައީ އޭގެ 3 ދުވަސްފަހުންނެވެ. އެންމެ ފުރަތަމަ ވެސް މަންމަމެންގެ ފަރާތުން ކުރިމަތިވީ ވިސާމާއި ވަކިން އުޅެނީ ކީއްވެކަމުގެ ސުވާލެވެ. މެހެނާޒް ހުރިހާ ވާހަކައެއް ކިޔައި ދިނުމުން އެމީހުން ވަގުތުން ގޯސްކުރީ ވިސާމެވެ. އޭނައަށް ކުރެވުނު ފާފަތަކެއްގެ ތަފްޞީލު ދިނުމެއްނެތި ވަރިވީ އޭނަގެ ކުށުން ކަމަށް މެހެނާޒް ބުންޏެއްކަމަކު މަންމަމެން ޤަބޫލެއް ނުކުރިއެވެ. ވިސާމްގެ ދިފާޢުގައި އޭނަގެ ފާފަތައް މަންމަމެނަށް ކިޔައިދޭން ހިތް ބުންޏެއްކަމަކު އެކަމަށް އޭނަގެ ދޫ ނުކުޅެދުނެވެ. ކޮންމެއަކަސް އޭނަގެ އުޅުމަށް އައިސްފައިވި ބަދަލުގެ ސަބަބުން މަންމައާއި ބައްޕަވެސް އުފާކުރިއެވެ. މެހެނާޒަށް މަޖުބޫރު ނުކުރުމަށްޓަކައި ދުވަހަކުވެސް ފާޅު ނުކުރިއެއްކަމަކު އެމީހުން އަބަދުވެސް ބޭނުންވީ އެމީހުންގެ ދެކުދިންނަކީ ވެސް ދީނަށް ލޯބިކުރާ ދެކުދިންނަށް ވެގެން ދިޔުމެވެ. އެކަން ފުރިހަމަ ވެގެން ދިޔުމުން އެދެމީހުން ވެސް ﷲ އަށް ޝުކުރު ކުރިއެވެ.
ޢާއިލާގެ ފަރާތުން ލޯތްބާއި އަޅާލުން ލިބެން ފެށިއެއްކަމަކު މެހެނާޒް ދެންވެސް އޭނަގެ ބަލީގެ ވާހަކަ މަންމަމެންނަށް ކިޔައެއްނުދެއެވެ. އޭނަ ބޭނުންވީ އޭނަގެ ޙަޔާތުގެ ފަހު ދުވަސްތަކުގައި މަންމައާއި ބައްޕަ އުފަލުގައި ވާތަން ދެކޭށެވެ. ބަލީގެ ވާހަކައިން ގޭގެ މާޙައުލު ޚަރާބު ކުރާކަށް ބޭނުމެއް ނުވިއެވެ. ޔާސިރުގެ ވާހަކަ ބުނަން ހިތަށްއެރިއެއްކަމަކު އެ ވާހަކަ ވެސް ނުބުނީ އެމީހުން އިތުރަށް ކަންބޮޑު ނުކުރުވުމަށެވެ. އެހެންނޫނަސް އެމީހުން ތިއްބާ ޔާސިރަކަށް އޭނައަށް ކަމެއް ނުކުރެވޭނެ ނޫންހޭ މެހެނާޒްގެ ހިތް ބުނަމުން ދިޔައެވެ.
މެހެނާޒަށް ހީވެފައި އޮތީ ރަނގަޅަށެވެ. މަންމައާއި ބައްޕަ ތިބިހާ ދުވަސްތަކުގައި ޔާސިރުގެ އެއްވެސް އުނދަގުލެއް އޭނައަކަށް ނުފޯރައެވެ. އެހެނަސް މާގިނަ ދުވަހެއްނުވެ ފޯއްމުލަކުގައި އުޅެމުންދާ މެހެނާޒްގެ މަންމަ ފަރާތު މާމަ ބަލިވެގެން މަންމައާއި ބައްޕަ އެކޮޅަށްދާން ނިންމިއެވެ. އެކަމާމެދު ކަންބޮޑުވެ މެހެނާޒް ވެސް މަންމަމެންނާއެކީ ދާން އުޅުނެވެ. އެހެނަސް……
“މާމަ ދެން އެހާ ބަލިއެއްނުވެއޭ ނާޒް. ދަރިފުޅު ޝިޔާއާއެކީ މަޑުކުރޭ މިކޮޅުގަ. ވަޒީފާއަށް ސިޓީ ލީ ތަންތަނުން ފަހަރެއްގަ ގުޅާފާނެއެއްނު؟ ގުޅާއިރު މިކޮޅުގަ ނެތިއްޔާ ކަމަކު ނުދާނެ. ދަރިފުޅު މަޑުކޮށްލާ.” ޒުހުރާ ހެދުން ފަށްޖަހަމުން ތަކުރާރުކޮށް ބުނެލިއެވެ.
ނުނިމޭ