Noor (Part 6)
“ދެން އެންމެ ރަނގަޅު. ތިވީ ގޮތުން ޝަރަފް މާލެއަށް ގޮއްސަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ބިންތު ޢައްމާރު ހޯދުން. ބަދަލުގައި ޝަރަފް ބޭނުން ޢަދަދަކަށް ފައިސާ ލިބޭނެ. ފުރަތަމަ އޭނަ ހޯދާ. ދެން ހަދަންވީ ގޮތް ފަހުން ކިޔައިދޭނަން.” އެކޮޅުން އިވުނު ވާހަކަތަކުން ޝަރަފްގެ ދެބުމަ ކައިރިވިއެވެ. ޝަރަފް އެއްޗެކޭ ބުނަން އުޅުނުތަނާހެން ދެންވެސް އެކޮޅުން ވާހަކަ ދެއްކިއެވެ.
“އަހަންނަކީ ޝަރަފްއަށް ހެޔޮ އެދޭ މީހެއް ގޮތުގަ ދެކިގެން އަހަރެން މި ބުނާ ބަސްތައް ޤަބޫލުކުރާތި. ބިންތު ޢައްމާރާހެދި އަހަރުމެންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެބަހުރި. އެ ގެއްލުންތަކުގެ އަސަރު ޝަރަފްއަށް ވެސް ކުރުން އެކަށީގެންވޭ. މި ކަމާއި ޝަރަފް މި ޙަވާލުކުރީ މިކަމަށް އެންމެ އެކަށީގެންވަނީ ޝަރަފް ކަމަށްވާތީ. ޝަރަފް ކަހަލަ ޖެހިލުމެއްނެތި އެހެން މީހަކަށް ހިތަށްއެރިހާ ގޮތެއް ހަދާލެވޭނެ ފަދަ މީހަކަށް މިކަން ކުރެވޭނީ.” އެމީހަކު ބުނެލި ވާހަކައިން މެއަށް އުނދަގުލެއްވީ ވަގުތު ލޮލަށް ސިފަވެގެން ދިޔަ މަންޒަރަކުން ޝަރަފަށް ދެލޯ މަރާލެވުނެވެ.
“ކަމެއް ނުކުރެވިދާނެ ފަހަރެއްގަ. އަހަރެން އެމީހަކު ހޯދަދީފާނަން.” ޝަރަފް ބުނެލިއެވެ. އޭނައަށް އެހެން ބުނެވުނު ގޮތާއިމެދު ޚުދު އޭނަވެސް ޙައިރާންވިއެވެ.
“ވަޓް؟! ތިއީ ޝަރަފްތަ؟ ‘ފައިޓް އަންޓިލް ޔޫ ވިން’ އަކީ އެއްދުވަސްވަރެއްގަ މަޝްހޫރުވި މޮޑެލް، ޝަރަފް ޢައްބާސްގެ ބަސްތަކެއް ނޫންތަ؟” އެމީހަކު ވެސް ޙައިރާންކަމާއެކީ އަހާލިއެވެ.
“އެއީ ޝަރަފް ޢައްބާސްގެ ބަސްތައް. އެކަމަކު ބައެއްފަހަރު މީހުން ބަދަލުވާން މަޖުބޫރުކުރުވާ ފަދަ ޙާލަތްތައް ވެސް ދިމާވޭ.” ޝަރަފް ސީރިއަސްކަމާއެކީ ބުންޏެވެ. އޭނައަށް ޙަޤީޤަތުގައި ވެސް މިހާރު މީހަކަށް އަނިޔާއެއް ދިނުމަށްޓަކައި އަތް ހިއްލާލާނެ ގޮތް ޚިޔާލަށް ގެންނަން ވެސް ދައްޗެވެ. ވަކިން ޚާއްސަކޮށް އޭނައަށް އެނގިގެން އޭނައަށް އެއްވެސް ގެއްލުމެއް ދީފައި ނުވާ މީހަކަށެވެ. އަދި އޭނައަށް ހެޔޮކަމެއް ކޮށްދީފައިވި މީހަކަށެވެ.
ހިމޭންކަމެއްގެ ވަގުތުކޮޅަކަށްފަހު އެކޮޅުން ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ. އެއަށްފަހު އަނެއްކާވެސް އެމީހާ ޝަރަފާއި ވާހަކަ ދެއްކިއެވެ.
“އެންމެ ރަނގަޅު. އެކަމަކު ވަރަށް ހިއެއްނުވޭ ޝަރަފަށް ބިންތު ޢައްމާރަށް ގެއްލުމެއްނުދީ ހުރެވޭނެހެން އޭނަގެ ޙަޤީޤަތް އެނގުނީމަ. އެހެންވީމަ އަދިވެސް އަހަރެން މިހިރީ ބިންތު ޢައްމާރު ހޯދުމުގެ މަސައްކަތް ޝަރަފާއި ޙަވާލުކޮށްގެން. މާލެއާއި ހަމަވާއިރަށް ޝަރަފަށް ހަދިޔާއެއް ލިބޭނެ. ކޮންމެ ދުވަހަކު ޝަރަފް ބިންތު ޢައްމާރު ހޯދުމަށް ކުރި މަސައްކަތް އަހަންނަށް ކިޔައިދެމުންދާހާ ހިނދަކު އެ ހަދިޔާ ލިބެމުންދާނެ. ޑީލް ޑަން!” އެމީހާ އެހެން ބުނެ ޝަރަފަށް އެއްޗެކޭ ބުނެލާނެ ފުރުޞަތެއްވެސް ނުދީ ފޯނު ކަނޑާލިއެވެ. ޝަރަފަށް ފޯނު ކަންފަތާއި ވަކިކޮށްލެވުނީ އަޖާއިބުވެފައި ހުރެއެވެ. އޭނަގެ ބަހެއްނެތި ‘ޑީލް ޑަން’ ވާނީ ކިހިނަކުން ހެއްޔެވެ؟ އޭނަ ‘ހަދިޔާ’އަކަށްޓަކައި އެހާ ވެސް ދަހީހެން އެމީހަކަށް ހީވަނީ ހެއްޔެވެ؟ އެހެންނޫނަސް ބިންތު ޢައްމާރާއި ދެކޮޅަށް މިމީހަކު ޙަމަލާއެއް ދޭން އުޅެނީ ކީއްވެ ހެއްޔެވެ؟ އެއީ ބިންތު ޢައްމާރާއިހެދި ގިނަ ބަޔަކު ތައުބާވެ ދީންވެރިވެގެންދާތީވެ ހެއްޔެވެ؟ އެހެނަސް އެފަދަ ޝަޚުޞިއްޔަތެއްގެ ގޮތުގައި ފެންނަމުން ދަނީ ހަމައެކަނި ބިންތު ޢައްމާރެއް ނޫނެވެ. ވީއިރު އޭނައާއި ދިމާލަށް ޚާއްޞަ އިންޒާރުތަކާއި ޙަމަލާތައް އަމާޒުވާންވީ ކީއްވެ ހެއްޔެވެ؟
ޝަރަފް ވިސްނުމެއްގެ ތެރޭގައި ވަނިކޮށް އޭނަގެ ފްލައިޓްގެ ވާހަކަ ޑިޕާރޗާ ތެރޭގައި ގުގުމަން ފެށިއެވެ. އެއާއެކު ޝަރަފް ކުރިމަތީގައި ހުރި ސްކްރީނަށް ބަލާލަމުން ތެދުވެ، ޖެހިގެން ހުރި ގޮނޑީގައި އޮތް އޭނަގެ ދަބަސް ނަގައި އެއްކޮނޑުގައި އަޅުވާލިއެވެ. އަދި ބޯޑިންގް ޕާސް ދެއްކުމަށްޓަކައި ހިނގައިގަތީ ދެންމެ އޭނައަށް އައި ފޯނު ކޯލަކީ މާ ބޮޑު ކަމެއްކަމަށް ނަހަދަމުންނެވެ. އެ ހަދިޔާއެއްގެ މަތިން އެމީހަކު ހަނދާންވެސް ނެތިދާނެކަމަށް ޝަރަފަށް ނިންމުނެވެ. އެހެނަސް އޭނައަށް ހީވީ ރަނގަޅަކަށް ނޫނެވެ.
**
އެދުވަހުގެ މެންދުރުގެ ވަގުތުގައި ޝަބާ ބަދިގެތެރޭގައި އަވަދިނެތި އުޅެމުން ދިޔައެވެ. އެ ކުޑަކުޑަ ފަންގިފިލާ ފަރުމާ ކުރެވިފައިވި ގޮތުން އެތާނގައި ހުރި އެންމެ ބޮޑު ކޮޓަރިއަކާއި ދެ ނިދާ ކޮޓަރިއެވެ. ބޮޑު ކޮޓަރީގެ އެތެރެއަށް ވާ ގޮތަށް ހުރި ބައި ބަދިގެއަކަށް ޚާއްޞަ ކުރެވިފައިވީއިރު ބޭރަށް ހުރި ބައިގައިވީ ކުޑަވަރެއްގެ ސިޓިންގް ރޫމެކެވެ. ސިޓިންގް ރޫމުގައި އިށީނދެވެން ހުރީ 4 މީހުންނަށް އިށީނދެވޭފަދަ ކުޑަ މޭޒެއްގެ ދޮށުގައެވެ. ހީވާގޮތުން އެއީ ކާމޭޒެވެ. އެހެނަސް އެވަގުތު އެމޭޒުދޮށުގައި އިށީނދެގެން އިން އާހިލް އިނީ އެ މޭޒުގެ ކުރިމައްޗަށް ވާގޮތަށް ހުރި ރެކްގެ ތެރޭގައި ހުރި ޓީވީ ބަލާށެވެ. އޭނަ ބަލަން ހުރީ ކޮންމެވެސް އިނގިރޭސި ފިލްމެކެވެ. ބަދިގެ ތެރޭގައި ހުއްޓެއްކަމަކު ޝަބާއަށް އެ ފިލްމުން ދައްކާ ވާހަކަތައް އަޑު އިވެމުން ދިޔައެވެ. ކޮންމެވެސް އަންހެނަކާއި ފިރިހެނަކު މާ ގާތްކޮށް ވާހަކަ ދައްކަން ފެށުމުން ޝަބާއަށް ވާހަކަ ދެއްކުނެވެ.
“އާހިލް އާހިލް……ކޯޗެއް ތިބަލަނީ؟” މަސައްކަތުގައި ހުރެ ޝަބާ މަޑުމައިތިރި އަޑަކުން ގޮވާލިއެވެ. ހަމަ އެއާއެކު އާހިލް ޗޮއްކަނޑާލި އަޑު އިވުމުން ޝަބާގެ ހިތަށް އުނދަގޫވިއެވެ.
“އިޓްސް ނޯ ބިގް ޑީލް މަންމާ! އެހާ ގޯސް ސީންއެއް ނޫން އެއީ.” ހިސާބެއްގެ ނުރުހުންތެރިކަމަކާއެކީ އާހިލް ވާހަކަ ދެއްކީ ދެންވެސް ޗެނަލް ބަދަލު ކުރުމެއްނެތިއެވެ. ހިތްދަތިވެފައިވިއެއްކަމަކު ޝަބާ ދެންވެސް އެކުވެރިއެއްގެ ގޮތުގައި ވާހަކަ ދެއްކޭތޯ ބެލިއެވެ.
“އެހާ ގޯސް ނޫނިއްޔާ ކޮންމެވެސް ވަރަކަށް ގޯސްކަން އާހިލްއަށް ވެސް އެބައިނގޭދޯ؟ އަފޫ ދައްތަ ދެއްކި ވާހަކަތައް ހަނދާން ނެތުނީތަ؟” ޝަބާ އެދިމާލަށް ބަލާލަމުން އަހާލިއެވެ.
“ޑޭމް އިޓް! އަދި މިއަދު ޤުރުއާން ކުލާސްވެސް އެބައޮތް. މަންމާ ދެން އަހަންނަށް ޤުރުއާން ކްލާސްތައް ހުއްޓާލަންވީއެއްނު؟ އައިމް 13! ކުޑަކުދިންނެއްނު ޤުރުއާން ކުލާސް ނަގައި ހަދަނީ؟” އާހިލް އޭނަގެ މަންމައަށް ބަލާލަމުން ބުނެލިއެވެ.
“ސުބުޙާނަ ﷲ! ޤުރުއާން ބާވައިލެއްވުނީ ކުޑަކުދިންނަށްތަ؟ އާހިލް އަމިއްލައަށް ޤުރުއާން އުނގެނެން މަސައްކަތް ކުރާނަމަތާ މީހަކު ނުގެނެސްވާން…” ޝަބާގެ ވާހަކަ ފުރިހަމަ ނުވަނީސް އާހިލް އަނެއްކާވެސް ޗޮއްކަނޑާލިއެވެ.
“މަންމާ ޔޫ އާރ ނޮޓް ކޫލް. ހިތަށްއަރާ ބައްޕަ ހުރިނަމައޭ. ބައްޕައަށް އަންޑަސްޓޭންޑްވާނެ.” އާހިލް، ޝަބާއަށް ބަލަން ހުރެ އެހެން ބުނެލަމުން ކުއްލިއަކަށް ޓީވީ ނިވާލާފައި ތެދުވެގެން ގޮސް އޭނަގެ ކޮޓަރިއަށްވަދެ ބާރަށް ދޮރު ލައްޕާލިއެވެ. އެ އަޑަށް ޝަބާ ސިހުންވާ ގޮތްވިއެވެ. އެ ހިނދު އާހިލް ދެއްކި ވާހަކައަކުން އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ.
އާހިލްގެ ބައްޕަ، ވަލީދުވަނީ އާހިލްއަށް އެންމެ 7 އަހަރުގައި ދުނިޔެ ދޫކޮށްފައެވެ. އެއީ މަސްތުވާތަކެތީގެ ވަބާގައި ވަލީދު ޖެހިފައިވިތާ 2 އަހަރު ފަހުންނެވެ. ވަލީދު މަސްތުގެ ޙާލުގައި ގެއަށް އަންނަން ފެށިފަހުން ޝަބާ އޭނަގެ އެތައް އަނިޔާއެއް އެކަނިމާއެކަނި ތަޙައްމަލުކުރަންޖެހުނެވެ. އެދުވަސްވަރަކީ މަންމައާއި ބައްޕަ ވަރިވެ މަންމައާއެކީ އޭނަގެ ދެކޮއްކޮއިން ވެސް އެމީހުންގެ ދޮންބައްޕަގެ ގެއަށް ބަދަލުވި ދުވަސްވަރެވެ. އަދި ބައްޕަ މަސައްކަތުގައި އުޅެނިކޮށް ކައްސާލައިގެން ވެއްޓި މުޅި ޢުމުރަށް ފުރޮޅުލީ ގޮނޑިއެއްގައި ހުންނަން ޖެހުނު ދުވަސްވަރުވެސްމެއެވެ. ކިތަންމެ ދަތިވިއެއްކަމަކު ޝަބާ ބައްޕައާއެކީގައި ހުންނަން ނިންމީ މަންމައާއި ބައްޕަ ވަރިވީ ބައްޕަގެ އެއްވެސް ކުށެއްނެތިކަން އޭނައަށް އެނގޭތީވެއެވެ. އަދި އެކަމަށްޓަކައި ބައްޕައަށް އިޙްޞާންތެރިވުމުގެ ގޮތުންނެވެ. އޭގެ ބަދަލުގައި އޭނަގެ ބައްޕަ ވެސް އޭނަދެކެ އިންތިހާއަށް ލޯބިވެއެވެ. ބަލި ޙާލުގައި ޝަބާއަށް ލިބެމުން ދިޔަ އަނިޔާތަކަށް ބަލަހައްޓައިގެން ހުންނަން ކެތްނުވެގެން ވަލީދު ކައިރިން ވަރިވުމަށް ބައްޕަ އެތައް ދުވަހެއްގެ މަތިން ރޮއިރޮއިފައި އެދުނެވެ. އެހެނަސް ޝަބާ ކެތްކޮށްގެން ހުރީ އޭނަގެ ދަރިފުޅު އާހިލްއަށްޓަކައެވެ. ވަލީދު އޭނައާއިމެދު ކޮންމެ ގޮތަކަށް ކަންތައް ކުރިއެއްކަމަކު އޭނަ އާހިލްއަށް ރަނގަޅުވުމުންނެވެ. މިއަދު އާހިލްގެ ފަރާތުން އެފަދަ އުޅުމެއް ފެންނަނީ އެހެންވެ ކަންނޭނގެއެވެ. އޭނަގެ ބައްޕަ އޭނަ ބޭނުންހާ އެއްޗެއް ހޯދައިދިނެއެވެ. އެހެނަސް އޭނައަށްޓަކައި ޙަޤީޤީ ޤުރުބާނީއެއްވީ އޭނަގެ މަންމަކަން އޭނައަކަށް ނޭނގެއެވެ.
އަމިއްލަ ޚިޔާލުތަކެއްގެ ތެރޭގައި ޝަބާ ހުއްޓާ ބަދިގެއާއި ކައިރިއަށް ވާގޮތަށް ހުރި ކޮޓަރި ތެރެއިން ބައްޕަ ކެއްސަންފެށި އަޑު އިވުނެވެ. ޝަބާ އޭނަގެ ލޮލުގެ ކައިރިން އިނގިލި ހިންގާލަމުން ދިގު ފިޔަވަޅުތަކެއްގައި ގޮސް އެކޮޓަރީގެ ދޮރު މައްޗަށް އެރިއެވެ. އޭރު އެ ކޮޓަރީގެ އެނދުގައި އޮތް އޭނަގެ ބައްޕަ، ޢައްބާސް އޮށޯވެ އޮވެފައި ސީދާވެލަން މަސައްކަތް ކުރަނީއެވެ. ޝަބާ ކުޑަކޮށް ދުވެލާފައި ގޮސް ބައްޕައަށް އެހީވެދިނެވެ. ޢުމުރުން 68 އަހަރުވެފައިވީއިރު ޢައްބާސްވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ބޮލުގެ އިސްތަށިގަނޑު މުޅިން ނުރަވެފައިވީއިރު މޫނާއި ކަރާއި ދިމާލުން ކުޑަކޮށް ރޫތައް ނަގަން ފަށާފައިވިއެވެ. ޝަބާގެ އެހީގައި ސީދާވެލެވުނުއިރުވެސް އޭނަގެ ގައިގައި ރިއްސިކަން އޭނަގެ އަނގައިން ނިކުތް އަޑުތަކުން އެނގެއެވެ. ޢައްބާސްއަށް އަމިއްލައަށް ކުރެވޭ ކަންތައް ވަރަށްވެސް މަދެވެ. އޭނަ ފެންވަރުވައި ފާޚާނާއަށް ގޮސްދިނުމުގައި ވެސް އެހީވެދޭން އަންނަނީ، ޝަބާގެ އެދުމުގެ މަތިން އަވަށްޓެރި ގެއެއްގައި އުޅޭ ހެޔޮ އެދޭ ފިރިހެނެކެވެ. ކުރީގައި އަމިއްލައަށް ކައި އުޅެވުނެއްކަމަކު މިހާރު އަތް ތުރުތުރު އަޅާވަރުން އެކަން ވެސް ޝަބާ ހެޔޮހިތުން ކޮށްދެއެވެ. އެވަގުތުވެސް ފެންފޮދެއް ބޯންޖެހުނީ ޝަބާގެ އެހީގައެވެ. މި ހުރިހާ ދަތިތަކާއި އެކީގައި ވެސް ޢައްބާސް ގިނަވަގުތު ފެންނާނީ ހިނިތުންވުމެއްގައި ހުންނަ ތަނެވެ.
“ކޮބާ މިއަދު ކައްކަނީ ކޯޗެއްތަ ދަރިފުޅު؟” ޢައްބާސް އޭނަގެ ފުރިހަމަ ހިނިތުންވުމުގައި އިނދެ އަހާލިއެވެ.
“ވަކި ޚާއްޞަ އެއްޗެއްނޫން. ކުޑަ ހެދިކާއެއްވެސް ހެދޭތޯ މި ބަލަނީ. އަފާފް މިއަދު ހަވީރު އަންނާތީ.” ޝަބާ ވެސް ހިނތުންވުމަކާއެކީ ޖަވާބުދިނެވެ.
“އަނހަ! އަދި ބައްޕަ ހަނދާންވެސް ނެތިފައޭ އޮތީ ތިކަމާމެދު. އެ މަންޖެ އަންނައިރު ބައްޕައަށް ގޮވާލައްޗޭ ބައްޕަ ނިދިފަ އޮތިއްޔާ. ހާދަ ރީއްޗަށް ޤުރުއާން ކިޔަވަދޭ ކުއްޖެކޭ އެއީ……އެ އަޑު އިވިފަ ޝަރަފް މަތިން ހަނދާންވަނީ. ޝަރަފްއަކީ ވެސް ހާދަ ރީއްޗަށް ކިޔެވި ކުއްޖެކޭ.” ޢައްބާސް ބުނެލި ފަހު ޖުމްލައިން ޝަބާގެ ހިނިތުންވުން ފަނޑުވިއެވެ. ނޭނގޭ ސަބަބަކާހުރެ ބައްޕަ އެތައް އަހަރެއްފަހުން ވެސް ޝަރަފްގެ ވާހަކަ ދެއްކުން ހުއްޓައެއް ނުލައެވެ. އެކަކު އަނބުރާ ނަޔަސް ޝަރަފް އަނބުރާ އަންނާނެކަމަށް ބައްޕަ ބުނަނީ ކީއްވެކަމެއް ޝަބާއަކަށް ޔަޤީނެއްނޫނެވެ. ޝިނާޒާއި ޚިލާފަށް ޝަރަފަކީ ކުޑައިރު ޤަވާޢިދުން ނަމާދުކޮށް ކިޔަވާ ހިތުން ޤުރުއާން ކިޔެވި ކުއްޖަކަށްވާތީ ބައްޕައަށް އެހެން ހީވަނީ ކަންނޭނގެއެވެ. އެހެނަސް އެމީހުން ދިޔަތާ 8 އަހަރުވެފައިވީއިރު ދެން އެމީހުން އަނބުރާ އަންނާނެކަމުގެ އެއްވެސް އުއްމީދެއް ޝަބާގެ ހިތުގައެއްނެތެވެ.
ޝަބާ އެ ހުރި ގޮތަށް ހުއްޓާ ބޭރުން މީހަކު ގޭގެ ދޮރުގައި ޓަކިދިން އަޑު އިވުނެވެ. ޝަބާ އަވަސް އަވަހަށް އޭނަގެ ބުރުގާ ރަނގަޅުކޮށްލަމުން ގޮސް އެ ދޮރާއި ހަމަކޮށް ދޮރު ހުޅުވާލިއެވެ. އެ ހިނދު ފެނިގެން ދިޔައީ ކުޑަ ފޮށްޓަކާއެކީ ހުރި އޭނަ ނުދަންނަ ފިރިހެނެކެވެ. ޝަބާއަށް އެއްޗެކޭ ނުބުނެވެނީސް އެ ޒުވާނާ ވާހަކަ ދެއްކިއެވެ.
“މީތި ޝަރަފް ޢައްބާސްއާ ޙަވާލުކޮށްލަދިނުން އެދެން.” ޒުވާނާ ފޮށި ދިއްކޮށްލަމުން ކިޔާލި ނަމަކުން ޝަބާ ހުއްޓުން އަރައި އޭނަގެ ދެލޯ ބޮޑުވިއެވެ. އޭނަ އެއްފަހަރު އެ ފޮށްޓަށް އަނެއްފަހަރު އެ ޒުވާނާއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.
“މް…މިގޭގަ ޝަރަފް ނުއުޅޭ. އޭނަ ހުރީ ޤައުމުން ބޭރުގަ.” ޝަބާއަށް އަވަސްއަވަހަށް ބުނެލެވުނީ ހިތުގެ ތެޅުން އަވަސްވެފައިވާ ޙާލުގައެވެ.
“އޭނަ މިއަދުގެ ފްލައިޓަކުން މާލެއަށް އަންނަން އޮތީ.” ޒުވާނާ ދެން ބުނެލި ވާހަކައަކުން ޝަބާގެ ހިތްވެސް ފަޅި ސިކުންތަކަށް ހުއްޓުނުހެން އޭނައަށް ހީވިއެވެ. އިޙްޞާޞްވާންވީ ގޮތެއް ނޭނގިފައިވަނިކޮށް އެ ޒުވާނާ އެ ފޮށި އޭނަގެ އަތާއި ކައިރިކޮށްލުމުން ޝަބާއަށް އޭގައި ދެއަތުން ހިފުނެވެ. އޭތި އޭނަ ހީކުރިވަރަށްވުރެ ބަރުވުމުން އޭތި އޭނަގެ އަތުން ދޫނުވީވެސް ކިރިޔާއެވެ. ޒުވާނާ ދެންވެސް އެ ފޮށި ޝަރަފާއި ޙަވާލުކުރުމަށް ބުނެފައި ދާން ހިނގައިގަތެވެ. އެ ހިނދު ޝަބާ އެ ފޮށްޓައް ބަލާލަމުން ވަގުތުން އެ ފޮށި ބިންމަތީގައި ބަހައްޓާފައި ކައިރީގައި ހުރި މޭޒުމަތީގައި އޮތް ކަޓަރު ނަގައި އޭތި ކަނޑާލިއެވެ. އެއާއެކު ފެނިގެން ދިޔަ އެއްޗަކުން ޝަބާގެ ހިތަށް ބިރުވެރިކަމެއްވަނެވެ. ތަރުތީބުން ރޭވިފައިހުރި ފެހި ކުލައިގެ ބިއްލޫރި ފުޅިތަކަކީ ކޮންކަހަލަ ފުޅިތަކެއްކަން އޭނައަށް ވަގުތުން ނަގައިގަނެވުނެވެ. އެހެނަސް ޖެހިލުންވުމަކާއެކީ އޭގެއިން އެއްފުޅި ނަގައި ބޭރު ބަލާލީ ޔަޤީންކުރުމަށެވެ. އިސާހިތަކު ޝަބާ ރުޅިވެރި މޫނަކާއެކީ މުޅި އެ ފޮށި ނަގައިގެން ގޮސް ދޮރު މައްޗަށް އެރިއެވެ.
“އޭއި!” ޒުވާނާ ސިޑި ބަރީގެ އެންމެ ފަހު ހަރުފަތާއި ހިސާބުން ފެނިފައި ޝަބާ ހަރު އަޑުން ގޮވާލިއެވެ. އެއަށްފަހު އެ ފޮށި ބިންމައްޗަށް ވައްޓާލިއެވެ. ފުޅިތައް އެކަތި އަނެކައްޗާ ޖެހުނު އަޑު އިވުނެއްކަމަކު އެއްވެސް އެއްޗެއް ތެޅުނު އަޑެއް ނުއިވެއެވެ.
“މިއީ މިގޭގެ ތެރޭގަ މަ ބަހައްޓާނެ އެއްޗެއްނޫން! މީތި މަގޭ ލޯކުރިމަތިން މިވަގުތު ނުގެންދިޔައިއްޔާ މި ގުޅަނީ ފުލުހުންނަށް!” ޝަބާ އައިސްފައި ހުރި ރުޅީގައި އިންޒާރެއް ދިނެވެ. އެއާއެކު އެ ޒުވާނާ އޮޅުމެއްގައި ހުރި ފަދައިން އިރުކޮޅަކު ހުރުމަށްފަހު އަވަސްއަވަހަށް ދުވެފައި އައިސް އެ ފޮށި ހިފައިގެން ދިޔައެވެ. އެ ހިނދު އެ ފުޅިތައް ދޫކުރެވުނު ކަމަށްޓަކައި ޝަބާއަށް ހިތާމަކުރެވުނެވެ. އެގެއަށް ނުވަނިއްޔާ އެ ފުޅިތައް ދެން ވަންނާނީ އެހެން ގެއެއްގެ ތެރެއަށެވެ. އެގެއެއްގެ ޢާއިލާ ބަރުބާދު ކުރުމަށެވެ. އެހެނަސް އެންމެ ފުރަތަމަ މި ފޮށި މިގެއަށް އަންނަންވީ ކީއްވެ ހެއްޔެވެ؟ އެއީ ވެސް ޝަރަފްގެ ނަންމަތީގައެވެ. ޝަބާ އިރުކޮޅަކު ވިސްނުމަށްފަހު އެ ވާނީ އެހެން ޝަރަފް ޢައްބާސްއެއްގެ ވާހަކައޭ ހިތައި އެ ޙާދިސާގެ މަތިން ހަނދާން ނައްތާލިއެވެ.
**
ހަވީރު 4 ޖަހަން ގާތްވެފައި ވަނިކޮށް އަފާފް އިނީ ރީތިވާ މޭޒު ދޮށުގައެވެ. ފައިހާ އޭނަގެ ޝޯލް އަޅައިދެމުން ދިޔައިރު އަފާފްގެ މޫނުމަތީގައިވީ ހިނިތުންވުމެކެވެ. އެތައް ދުވަހެއްފަހުން ބޭރަށްދާން ތައްޔާރުވަމުން ދިޔައީތީ އަފާފްގެ ހިތަށް ވެރިވެފައިވީ އުފާވެރިކަމެކެވެ.
“އޯލް ޑަން! މާ ޝާ ﷲ އަފޫ ވަރަށް ލޯބި. އޯންވް! ކޮންމެވެސް މީހަކަށް މިއަދު އަފޫ ފެނިފަ ލޯބިވެސް ވެވިދާނެ. ޖަސްޓް އިމޭޖިން!” ފައިހާ އެހެން ބުނެލިއިރު އޭނަގެ މޫނުގައި ހުންނާނެ އުޖާލާކަން އަފާފަށް އަންދާޒާ ކުރެވުނެވެ.
“ތިކަހަލަ ކަންތައް އިމޭޖިން ކުރީމަ ބޯ ސަކަރާތްވާނީ. ފައިވެސް ވިސްނާލަބަލަ. މީހަކު ފެންނައިރަށް ލޯބިވެވޭތަ؟ އެފަދަ ލޯތްބެއް ދެމިއޮންނާނެތަ؟ އެގޮތަށް ލޯބި ނުވިއްޔާ ރަނގަޅީ. ލޯތްބަކީ މީހެއްގެ ހުންނަ ރަނގަޅު ސިފަތަކެއް ފެނިފައި ﷲ އަށްޓަކައި ވެވޭކަމެއް. މިރޭ ފޭސްބުކް ޕޯސްޓެއް ލިޔަންވީ އެކަމާ ބެހޭގޮތުން…..” އަފާފް ވިސްނުމެއްގެ ތެރޭގައި އިނދެ ބުންޏެވެ.
“އާނ އާނ……ދެން ހިނގާބަލަ ކުޑަކޮށް މޭކްއަޕް ވެސް ކޮށްލަންދޯ؟ ކުޑަކުޑަކޮށް. ވަކި މީހަކަށް ދައްކާކަށްނޫން. އަފާފް އަމިއްލައަށް ރީތިވާން.” ފައިހާ އެދުނެވެ.
“ނޯ، ފައި…….އަހަރެން މޭކަޕް ނުކުރަނީ ސަބަބަކާ ނުލައެއްނޫން. ކޮންމެ ސަބަބަކާހުރެ މޭކަޕް ކުރިޔަސް އަހަރެން އެކަން ކުރުމުގެ ނިޔަތް ބަދަލުވުން އެކަށީގެންވޭ. އަހަރެން އަމިއްލަ ނަފްސު މޮޔަ ހައްދާކަށް ބޭނުމެއްނޫން. އަހަންނަށް އެނގޭ އަހަރެން ވެސް ބޭނުންވާކަން މީހުންގެ ސަމާލުކަން ހޯދަން. އެ އެދުން ކޮންޓްރޯލް ކުރުމަކީ އަހަރުމެންނަށް އޮތްކަމެއް، ދޯ ފައި؟” އަފާފް ދޯދިނީ އެ ވާހަކައާމެދު ފައިހާ ނުރުހުންވާނެކަން އެނގި ހުރެއެވެ. އެހެނަސް ފައިހާއަށް ފަހުން ވިސްނޭނެގޮތް ހައްދަވައި ދެއްވުމަށް އެދި ދުޢާކުރަމުން އަފާފް އޭނައަށް އަނގޮޓިއެއް ނަގައިދިނުމަށް އެދުނެވެ.
**
ޝަރަފްގެ 9 ގަޑިއިރުގެ ދިގު ދަތުރު ނިމި އޭނަ އިން ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސީ ރާއްޖޭގެ ގަޑިން ހަވީރު 5 ޖެހި ވަގުތެވެ. ފްލައިޓް ޖެއްސިތާ މާގިނައިރެއްނުވެ ޝަރަފް އޭނަގެ ފޮށި ހިފައިގެން ގޮސް ފެރީއަކަށް އެރިއެވެ. މާލެއާއި ގާތްވަމުން ދިޔަ ފެރީގައި އިން އިރު އޭނަގެ ހިތުގައި އެތައް ޖަޒުބާތެއް އަރާ ފައިބަމުން ދިޔައެވެ. ދޮންތައާއި ބައްޕަގެ އެކިއެކި ޚިޔާލުތަކުގައި އޭނަ ވަނިކޮށް ކޮންމެވެސް ފިރިހެނެއް އައިސް އޭނަގެ ކައިރީގައި އިށީނެވެ. ބަލާބެލުމަށް އެއީ ޒުވާން ފުރައިގެ ކުއްޖެކެވެ. ޝަރަފް އެކުއްޖާއަށް ބަލާފައި ދުރު ބަލަން ފެށި ތަނާހެން އޭނަ އޭނަގެ އަތުގައި ހުރި ފޮށްޓެއް ޝަރަފަށް ދިއްކޮށްލީ މިއީ ޝަރަފްގެ ހަދިޔާ ކަމަށް ބުނަމުންނެވެ. އެއާއެކު އެދުވަހު ހެނދުނު އައި ފޯނު ކޯލުގެ މަތިން އޭނަ ވަގުތުން ހަނދާންވިއެވެ. އެ ފޯނު ކޯލަކީ ކުޅިވަރެއްނޫންކަމުގެ އިޙްޞާޞް ޝަރަފަށް ކުއްލިއަކަށް ކުރެވުނެވެ. ހަމަ އެއާއެކު އެ ފޮށީގައިވީ ކޯޗެއްތޯ ބަލާލުމުގެ ޝައުޤުވެސް އޭނަގެ ހިތުގައި އުފެދުނެވެ. ‘ހަދިޔާ’އޭ ބުނުމުން އޭނަ ޚިޔާލުކުރީ ކޮންމެވެސް ވަރެއްގެ ފައިސާއެކެވެ. އެހެނަސް މިއީ ކޯޗެއް ހެއްޔެވެ؟
ޝަރަފް ފޮށީގެ އެކި ފަރާތް ބަލަމުން ދަނިކޮށް ފޮށީގެ ދެ ފަރާތުގައި ހިފަން ފަސޭހަ ކުރުމަށްޓަކައި ދެ ބާ ކަނޑާފައިވިކަން އޭނައަށް ފާހަގަވިއެވެ. އޭނަ އޭގެއިން އެއްބަލުގެ ތެރެއިން ބަލާލުމާއެކު އޭނަ ހުއްޓުން އެރީ އެއީ ކޯޗެއްކަން އޭނައަށް ވަގުތުން އެނގިގެން ދިޔުމުންނެވެ. އިސާހިތަކު ޝަރަފްގެ ހަނދާނަށް އައީ، އޭނަ ބިންތު ޢައްމާރުގެ ޚަބަރު ދޭނަމަ ކޮންމެ ދުވަހަކު އެ ހަދިޔާ އޭނައަށް ލިބޭނެ ކަމަށް އެމީހާ ބުނެލި ވާހަކައެވެ. އޭނަގެ މި ދެވިހިފުމާއި ބެހޭގޮތުން ވެސް އެމީހަކަށް އެނގެނީތާއެވެ. ފޮށީގެ ތެރެއިން އެ ފުޅިތައް ފެނިފައި ޝަރަފަށް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބުނު ވަގުތު ނުތަނަވަސްވެސްވިއެވެ. މީތި ހިފައިގެން ގެއަށް ދާނީތޯ އޭނަގެ ހިތަށްއެރިއެވެ. މި ހަދިޔާ ޤަބޫލު ނުކޮށްފިނަމަ އޭނައަށް ދަތިތަކާއި ކުރިމަތިވާނެކަން ޝަރަފަށް ޔަޤީނެވެ. ފަހަކަށް އައިސް އެންމެ ރެއަކުވެސް އޭނަ ބާރއަކަށް ނުގޮސްފިނަމަ އޭނަ ބޯ އަނބުރައި އަތްތުރުތުރު އަޅާ ގޮތްވެއެވެ. އެކަންތައް ހެޔޮވެގެން ދަނީ އޭނަ މަސްތުވެގެންނެވެ. ޝިނާޒް އެދުވަހު ކޮށްލި ސުވާލާއި މެދު އޭނައަށް ވިސްނުނީ އެވަގުތެވެ. އޭނައަށް މާލޭގައި އެ ފުޅިތަކާ ނުލާ އުޅެވޭނެ ހެއްޔެވެ؟
ފެރީގެ މުޅި ދަތުރު މަތީގައި ޝަރަފް ހުރީ ދެ ޚިޔާލެއްގެ މަތީގައެވެ. އެހެނަސް އެންމެ ފަހުން ފެރީއިން ފައިބަންވި ވަގުތު ޝަރަފް އެ ފޮށި ހިފައިގެން ފައިބަން ނިންމީ، އޭނަ ދުވަސްކޮޅަކުން އެކަން ހުއްޓާލަން އަމިއްލަ ނަފްސުގާތު ވަޢުދުވަމުންނެވެ.
**
އަފާފަށް ޝަބާގެ ގެއާއި ހަމައަށް ދެވުނީ ހަވީރު 4:15 ހިކަށްހާއިރެވެ. ފައިހާގެ އެހީގައި ލިފްޓުގައި އެ ފަންގިފިލާއަށް ގޮސް ސިޑިބަރިން އޭނަ އަރައިގެން ދިޔައީ ވަރަށް ނުތަނަވަސްވެފައި ހުރެއެވެ. އެހެނަސް އަފާފަށް ސަލާމަތުން ގޭގެ ދޮރުމަތީގައި ހުރި ޝަބާގެ ގާތަށް ދެވުނެވެ. އަފާފް ފެނުމާއެކު ޝަބާ އޭނަ ގައިގައި ބައްދާލައި ކިހިނެއްތޯ ސުވާލުކޮށް މަރުޙަބާ ކިޔުނެވެ. އަފާފް ފެނިފައި އާހިލް އިނީ ކިތަންމެހާ ވެސް ފޫހިވެފައެއްކަމަކު އަފާފް އެދުވަހުގެ ފިލާވަޅު ނަގައިދިނެވެ. އެއީ މުލްކު ސޫރަތުގެ ބައެއް އާޔަތްތަކެވެ. ސިއްރުކުރިޔަސް އަދި ފާޅު ކުރިޔަސް ހުރިހާ ކަމެއް ﷲ ދެނެވޮޑިގެންވާނެކަމަށް އަންގަވާފައިވި އާޔަތްތަކެވެ. އާޔަތްތައް ނަގައިދީފައި އަފާފް އެ އާޔަތްތަކުގެ މާނަތައް ވެސް އާހިލްއަށް ކިޔައިދިނެވެ. އާހިލްގެ ޙަޔާތާއި ގުޅޭނެ ފަދައަކުންނެވެ. ކިޔައިދިން އިރު އަފާފް ކުރަމުން ދިޔަ ސަމާސާތަކެއްގެ ސަބަބުން އާހިލް އަޑުއަހަން އިނީ ޝައުޤުވެރިކަމާއި އެކީގައެވެ. އެކަމާމެދު ޝަބާއަށް އުފާކުރެވުނެވެ.
ކިޔަވައިދީ ނިމުމުން ޝަބާ އެންމެންނަށް ސައި ތައްޔާރު ކުރިއެވެ. ސައިބޯން ތިބި ވަގުތު ފައިހާ ފޯނެއް އައިސްގެން ބޭރަށްދާން ޖެހުނެވެ. އެ ހިނދު ޝަބާ ވާހަކަ ދެއްކިއެވެ.
“އަސްލު ފައިހާ ނެތަސް އަފާފް އަމިއްލައަށް ތަންތަނަށް ދެވޭނެއޭ. ތަންތަނުގަ އަތްލައިގެން ފިޔަވަޅުތައް ގުނައިގެން އެކިއެކި މަގުތައް ދަސްވާނެ.” ޝަބާ ބުންޏެވެ.
“ހެހެ…..ރިސްކީ ކަމެއްދޯ އެކަމަކު. އަހަރެން ގޭގަ އެގޮތަށް ފިޔަވަޅެއް އަޅާލާއިރަށް ކޮންމެވެސް ކަބަޑެއްގަ ގޮސްޖެހެނީ.” އަފާފް އޭނަގެ ފެންތަށި ބޮމުން ބުނެލިއެވެ.
“އެހެންތަ؟ އަޅެ މިއަދު އަމިއްލައަށް އެ ދޮރާއި ހަމައަށް ދެވޭތޯ ބަލާލަބަލަ. އަހަރެން ކިޔައިދޭނަން ދެވޭނުދެވޭ ގޮތް. ކުޑަކުޑަ ތަންކޮޅެއްނު އެއީ؟ ޓްރާއި ކުރަން ބޭނުންތަ؟” ޝަބާ އަހާލިއެވެ. އަފާފް ވިސްނުމެއްގެ ތެރޭގައި އިނދެފައި ބޯޖަހާލީ އެ ޚިޔާލު ކަމުދިޔަ ވަރުންނެވެ. އޭނައަށް އިތުރު ކަންތައް އަމިއްލައަށް ކުރެވޭނެކަމުގެ އިތުބާރު އަމިއްލަ ނަފްސަށް ދިނުމަށެވެ.
**
8 އަހަރު ފަހުން މާބަގީޗާ ޢިމާރާތުގެ ކުރިމައްޗަށް ހުއްޓުނު ޝަރަފަށް އެ ޢިމާރާތުގެ އެންމެ ތިރިން ފެށިގެން މައްޗާއި ހަމައަށް ބަލާލެވުނުއިރު އާދަޔާ ޚިލާފު އިޙްޞާޞްތަކެއް ކުރެވުނެވެ. އޭނަ ދިޔަފަހުން އެ ޢިމާރާތަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ޢިމާރާތުގެ ކުލަ ގަދަ ފެހި ކުލައަކަށް ބަދަލުވެ ބައެއް ބެލްކަނިތަކުން މާ ގިނަ ޕޮޓްތައް ފެންނަމުން ދިޔަކަން އެކަންޏެވެ. ޝަރަފް ހުރިގޮތަށް ހުއްޓާ އޭނަގެ ފަހަތުން ޓެކްސީ ދުއްވާ މީހާ އޭނަގެ ފޮށި ހިފައިގެން ފޭބިއެވެ. ޝަރަފް އޭތި އޭނައަށްޓަކައި ގެންގޮސްދިނުމަށް އެދި އެތެރެއަށް ވަންނަން ފެށީ އޭނަގެ ދެއަތުން އޭނައަށް ހަދިޔާއެއްގެ ގޮތުގައި ލިބުނު ފޮށި ހިފައިގެންނެވެ.
ޢިމާރާތުގެ ލިފްޓުން ފަސްވަނަ ފަންގިފިލާއަށް ދިޔައިރު އެ ލިފްޓުގައި އެހެން މީހަކު ނެތްކަމަށްޓަކައި ޝަރަފަށް ޝުކުރުވެރިވެވުނެވެ. ހަމަ އެވަގުތު އޭނައަށް ޓެކްސީގެ ތެރެއިން އޭނައަށް ގަމީހުގެ އަތުކުރި ވައްޓާލެވިފައިވިކަމަށްޓަކައި ވެސް ޝުކުރުވެރިވެވުނެވެ. އެނޫންނަމަ އޭނަ މިހާ ހިސާބަށް އައިއިރު ކުރިމަތިލާން ޖެހުނީހީ ކިތައް ނުރުހުމުގެ ނަޒަރުތަކާއި ކަމަށްވެސް ނޭނގެއެވެ.
ލިފްޓުން ފޭބުމަށްފަހު ޝަރަފް ދެންވެސް ނުތަނަވަސްވެފައިވި ހިތަކާއެކީ އެންމެ ފުރަތަމަ ކަމަކަށް ބެލީ އޭނަގެ ހަދިޔާ ފޮށި މައްޗަށް ގެންގޮސް ގޭގެ ދޮރު ކައިރީގައި ބެހެއްޓުމެވެ. އެވަގުތު ދޮންތައާއެކީ އެހެން އަންހެނެއްގެ ހުނުމުގެ އަޑު އިވުމުން ޝަރަފް ޙައިރާންވިއެއްކަމަކު އެއީ ދޮންތަގެ އެކުވެރިއެއްކަމަށް ބަލައި އޭނަގެ ހެދުން ފޮށި ނަގަން ދިޔައެވެ. އެ ބަރު ހެދުން ފޮށި އެއްއަތުން އުފުއްލައިގެން ސިޑީގެ އެންމެ ފަހު ހަރުފަތި ގިރާ ކުރުމަށްފަހު ޝަރަފް ދޮރުމަތީގައި ހުއްޓިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އޭނަ ޓަކި ދިނުމަށްޓަކައި އަތް އުފުލާލި ތަނާހެން އެ ދޮރު ހުޅުވިގެން ދިޔައެވެ.
ނުނިމޭ