Noor (Part 17)
“ބައި ދަ ވޭ……އަހަރެން އަޑުއެހިން ހަނާ ޝަރަފްގެ ކައިރިއަށް އައުމުގެ ކުރިން ދެއްކި ވާހަކަތައް. ހީވަނީ އަފާފާއި ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ އަންހެނެއްހެން. ނޭނގޭ ކިހިނެއްކަމެއް ވެސް އޭނައަށް އަފާފް އެނގެނީ. އެކަމަކު އޭނައާއި އެކީގަ ވާހަކަ ދެއްކި ފިރިހެނުންވެސް ހަމަ އަފާފާއި ވަރަށް ދެކޮޅު. އެމީހުން އެ ދައްކަނީ އެހެން އަފާފަކާމެދުގައޭ ބުނެވޭކަށް ވެސް ނެތް. އަފާފް ހުސެއިނޭ ހަމަ ކިޔަމުން ދިޔައީ.” ޝިނާޒް ސީރިއަސްކަމާއެކީ ބުނެލި ވާހަކައިން ޝަރަފަށް އިސްއުފުލައި ބަލާލެވުނެވެ. ޝިނާޒް ދެއްކި ވާހަކަތަކާމެދު އޭނައަށް ވިސްނާލެވުނެވެ. ރޭ ދިމާވި ޙާދިސާގައި ކޮންމެވެސް ގޯހެއް ވާކަން ބއޭނައަށް އިޙްޞާޞް ކުރެވުނީ އެވަގުތެވެ. ޝިނާޒް ބުނިހެން އެ ހަނާއަށް އަފާފް އެނގެނީ ކިހިނެއް ހެއްޔެވެ؟ އަދި އަމުދުން ޝަރަފް އޭނަގެ ދަލުގައި ޖެއްސުމަށްޓަކައި އަފާފްގެ ނަން ބޭނުންކުރީ ކީއްވެ ހެއްޔެވެ؟ ޝަރަފަށް އަފާފް ކަމުދާ ވާހަކަ ޝިނާޒް ނޫން އެހެން މީހަކާ ޝަރަފް ޙިއްޞާ ކޮށްފައެއް ނުވެއެވެ. ވީއިރު ހަނާއަށް އެކަން އެނގެންވީ ކީއްވެ ހެއްޔެވެ؟
އެދުވަހު ހިތަށް ވެރިވި ސުވާލުތައް ހަނާއާއި އަނެއްކާވެސް ބައްދަލުކުރަން ޝަރަފަށް މަޖުބޫރު ކުރުވިއެވެ. އެއީ ވަކި ހަނާއާއިމެދު އުފެދުނު ޝައުޤުވެރިކަމެއްގެ ސަބަބުންނެއް ނޫނެވެ. އެހެނެއްކަމަކު ހަނާއާއި ޝިނާޒް އެ ބުނި ފިރިހެން ބައިގަނޑެއްގެ ފަރާތުން އަފާފަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރު ހީވީތީވެއެވެ. އަދި ހަނާއާއި ދެކެވޭ ވާހަކަތަކެއްގެ ތެރެއިން ވެސް އޭގެ ފަހަތުގައިވި ސިއްރު ހޯދޭތޯއެވެ.
ޝަރަފަށް އަނެއްކާވެސް ހަނާ ފެނިގެން ދިޔައީ ކްލަބެއްގެ ތެރެއިންނެވެ. އެރޭވެސް ހަނާ ފެނިގެން ދިޔައީ ދެ ތިން ފިރިހެނުންނާއި އެކީގައެވެ. އެމީހުންނާއި ސަމާސާ ކުރަމުން ބާރގެ ކައިރިއަށް އައި ވަގުތު ހަނާގެ ނަޒަރު ޝަރަފަށް ހުއްޓުމުން އޭނަގެ ހިނިތުންވުން ފަނޑުވިއެވެ. އެއީ އެދުވަހު ޝަރަފް އޭނައާއި ދިމާލަށް ކިޔުނު އެއްޗެހި ހަނދާންވެފައި ކަންނޭނގެއެވެ. ހަނާ ނުހަނު ކައިރީގައި ހުރެވެސް މޫނު އަނބުރާލި ގޮތުން އޭނަ ކޮށްލާ އެއްވެސް ސުވާލަކަށް ޖަވާބު ދޭން ހަނާ ބޭނުމެއް ނުވާނެކަން ޝަރަފަށް އެނގުންވިއެވެ. ހަނާއާއި އަފާފާއި ދެމެދު އޮތީ ކޮން ގުޅުމެއްތޯ ދެނެގަންނަން ކޮންމެހެން ވެސް ހަނާ އޭނައާއި މެދު ދެކޭ ގޮތް ބަދަލު ކުރަންޖެހޭކަން ޔަޤީންވީ ވަގުތު ޝަރަފް ވާހަކަ ދެއްކިއެވެ.
“އައިމް ސޮރީ ހަނާ.” ޝަރަފް ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އިނދެ އޭނަ ކައިރީގައި ހުއްޓިހުރި ހަނާއަށް އިވޭވަރަށް ބުނެލިއެވެ. އޭނަ ހަނާއަށް ނުބެލިއެއްކަމަކު ހަނާ އޭނައަށް ބެލިކަން ލޮލުގެ ކޮޅުން ފެނުނު މަންޒަރުން ޝަރަފަށް އެނގުނެވެ.
“އަސްލު އެރޭ ކަންތައްވީ ގޮތުގަ ހަނާގެ ކުށެއްނެތް. އަހަންނަށް އެހެން ނަމެއް އަޑު އިވުމަކީ އެއީ ހަނާގެ މައްސަލައެއް ނޫން. އަސްލު ތެދުތެދަށް ބުނާނަމަ އަފާފަކީ އަހަރެންގެ ހިތުގަ ވަރަށް ބޮޑު ޖާގައެއް ދެވިފައިވާ ކުއްޖެއް. ވަރަށް ގިނަ ދުވަސްވެއްޖެ އަހަރެން އަފާފަށްޓަކައި އިންތިޒާރު ކުރާތާ. އެހެންވެ އަސްލު އެހާ ވަރަށް ރުޅިއައީ އަފާފް ނޫންކަން އެނގުނީމަ. އައި ހޯޕް ޔޫ އަންޑަސްޓޭންޑް.” ޝަރަފް އެންމެ ފަހު ޖުމްލަ ބުނެލީ ހަނާއަށް ބަލާލަމުންނެވެ. އެވަގުތު ހަނާވެސް ހުރީ ވިސްނުމެއްގެ ތެރޭގައި ފަދައަކުން ޝަރަފަށް ބަލާށެވެ. އެއްޗެކޭ ނުބުނެ އިރުކޮޅެއް ވަންދެން ހުރުމަށްފަހު ހަނާ ވާހަކަ ދެއްކިއެވެ.
“އައި ޑޫ.” ހަނާ ބޯޖަހާލަމުން ބުނެލިއެވެ. ޝަރަފް ހިނިތުންވުމެއް ދައްކާލިއެވެ.
“އެހެންވީމަ އަހަންނަށް މަޢާފު ލިބިއްޖެތަ؟” ޝަރަފް އަހާލިއެވެ. ހަނާ ޝަރަފަށް ބަލަން ހުރެފައި ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ.
“މަޢާފު ކުރެވޭނީ ޝަރުޠެއްގެ މަތިން……ޝަރަފް އަހަންނާ ރައްޓެހިވޭ. އޭރުން މަޢާފު ލިބޭނެ.” ހަނާ ހަމަ އެ ހިނިތުންވުމުގައި ހުރެ ބުނެލި ވާހަކައިން ޝަރަފްގެ ހިނިތުންވުން ފަނޑުވިއެވެ. އޭނަ ވަގުތުން ނޫނެކޭ ބުނަން ބޭނުންވިއެވެ. އަފާފް ނޫން އެހެން އަންހެން ކުއްޖަކު އެފަދަ މަޤާމަކަށް ގެނައުމަކީ އޭނަ ޚިޔާލުތަކުގެ ތެރެއިން ވެސް ކޮށްފައިވާ ކަމަކަށް ނުވާތީވެއެވެ. އަދި އަމުދުން ހަނާއަކީ އޭނައަށް ކަމުދާ މިޒާޖެއްގެ ކުއްޖެއްނޫނެވެ. ހަނާއާއި ރައްޓެހިވެގެން އޭނައަށް ކުރެވޭނެހާ ވެސް ކަމަކީ އަފާފާއި އޭނަ އަޅާ ކިޔުންކަން ޝަރަފަށް ޔަޤީން ކުރެވުނެވެ. އެހެނަސް….
“އެންމެ ރަނގަޅު….” ޝަރަފް ވިސްނުމެއްގެ ތެރޭގައި ހުރެ ބުނެލިއެވެ. ހަނާގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވީ ވަގުތު ޝަރަފް ވެސް ހިނިތުންވުމެއް ދައްކާލިއެވެ. އޭނަގެ ނިޔަތަކަށް ވެފައިވީ ހަނާއާއި ގުޅުން ދަމަހައްޓައިގެން ވިޔަސް ހަނާއާއި އޭނަގެ ބައިވެރިން އަފާފާއި ދެކޮޅަށް ރާވަނީ ކޮން ރޭވުމެއްކަން ދެނެގަތުމެވެ. ހަނާ ކަހަލަ އަންހެން ކުއްޖަކު ލޯބިވެރިޔާއާއި ޙިއްޞާ ނުކުރާނެ ވާހަކައެއް ނޯންނާނެތާއޭ ޝަރަފްގެ ހިތް ބުންޏެވެ. އެހެނަސް އޭނައަށް ހީވީ ރަނގަޅަކަށް ނޫނެވެ.
ހަނާއާއި ރައްޓެހިވި ރެއިން ފެށިގެން ވެސް ޝަރަފް އެކި ގޮތްގޮތުން އޭނައަށް ފާރަލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ހަނާ މީހަކަށް ގުޅައިގެން ދައްކާ ވާހަކައެއް އޭނައަށް އަޑުއިވުމުގެ ހުރިހާ މަގެއް ބަންދުވީ، އޭނަ ޝަރަފާއި އެކީގައި ހޭދަކުރާ ވަގުތުތަކުގައި ފޯނު ނުނަގާނެކަމށް ވަޢުދުވީފަހުންނެވެ. ހަނާގެ ފޯނަށް ލިބިފައިވި މެސެޖުތައް ބަލަން މަސައްކަތް ކުރި ދުވަހު އެ ފޯނުގެ ހުރިހާ މެސެޖެއްވަނީ ޑިލީޓް ކުރެވިފައެވެ. އޭނަގެ ފޭސްބުކް ޕްރޮފައިލްއިން ވެސް އަފާފްގެ ނަމެއް ޝަރަފަށް ނުފެނުނެވެ. މި ހުރިހާ ކަމެއްގެ ސަބަބުން އޭނަ އެންމެ ފަހުން ހަދާނެ ގޮތެއް ނޭނގިގެން ޝިނާޒާއި މި ވާހަކަތައް ޙިއްޞާ ކުރިއެވެ.
“ޝަރަފް ތީ ދެން މިހާރު ކޮންކަހަލަ ވާހަކައެއްތަ ތި ފަށައިގަތީ؟ ހަނާ އަފާފްއާ ދެކޮޅަށް ކީއްކުރަން ރޭވުމެއް ރާވަންވީ؟ އެއީ އެދުވަހު އަހަރެން ދެން އެހެން ބުނި އެއްޗެއް ވެސް ނޫން. ވެދާނެއެއްނު ޝަރަފް ކަހަލަ މަޝްހޫރު މީހަކު ލޯބިވާ ހަމައެކަނި އަންހެން ކުއްޖަކީ އަފާފަށް ވީމަ އޭނަ ޙަސަދަވެރިވީ ކަމަށްވެސް؟ ޝަރަފްއާ ދިމާވުމުގެ ކުރިން ވެސް ޝަރަފް ލޯބިވާ ކުއްޖަކީ އަފާފްކަން ހަނާއަށް އެނގޭނެ ގޮތްތަކެއް ހުރެދާނެ…..ޝަރަފް ތިއުޅެނީ ކުޑަކަމަކުން ބޮޑުކަމެއް ނެރެވޭތޯ.” ޝިނާޒް އެދުވަހު ޝަރަފާއެކީ ހެދުނު ދުވަން ގޮސް ބެންޗެއްގައި އިށީނދެގެން ތިބި ވަގުތުގައި ބުންޏެވެ.
“އެކަމަކު އަހަރެން އޭނަ ކައިރި އަފާފް އެނގޭ ހެއްޔޭ އެހީމަ އޭނަ މޫނުމަތިން އަހަންނަށް ފެނުނީ ހާސްކަމެއް. މަށަށް ހަމަ ޔަޤީން ކޮންމެވެސް ގޯހެއް އެބަ އުޅޭކަން.” ޝަރަފް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެހެން ބުނެލި ތަނާހެން ޝިނާޒް ޗޮއްކަނޑާލިއެވެ.
“އޭނައާ އަފާފްއާ ދެމެދު ގޯހެއް އޮތޭ ކިޔާފަ ކޮބާ މައްސަލައަކީ؟ އަފާފްއަށް ކަމެއްވެއްޖެއްޔާ އޭނަ ސަލާމަތް ކުރަން އޭނަގެ މުއްސަނދި ބައްޕަ ހުންނާނެއެއްނު؟ އޭނަ އެހެންނޫނަސް ހުރީ ރާއްޖޭގަ. ހަނާ އަފާފަށް ކަމެއް ކުރަން އުޅެންޏާ ރާއްޖޭގައެއްނު އޭނަ ހުންނާނީ…..އަފާފަށް ކަމެއްވެއްޖެއްޔާ އޭނަ ސަލާމަތް ކުރަން ތިބޭނެ މީހުން މަދެއްނުވާނެކަން މަށަށް ޔަޤީން. އެކަމަކު ޝަރަފް ތި އަފާފާހެދި ބޯގޭނުމުގެ ސަބަބުން ޝަރަފަށް ޙަޔާތުގެ ބައިވެރިޔާއާއެކީ އުފާވެރި ދިރިއުޅުމެއް ނުއުޅެވެންޏާ އެކަން ޙައްލު ކޮށްދެވޭނެ މީހެއް ނުހުންނާނެ. ސޯ ލިސެން ޓު މީ އެންޑް ލިވް ހެޕިލީ ވިތް ހަނާ. އެކަމަކު ދޮންބައްޕަ ބުނާހެން އަންހެން ކުއްޖެއްގެ އަވައިގަ ޖެހިގެން ކޮންމެކޮންމެ ކަމެއް ނުކުރާތި. އެމީހުން ވަރަށް ދަހިވާނެ. ބޭނުންހާ އެއްޗެއް ހޯދައިދޭން އުޅެފިއްޔާ އަހަރުމެން ބަނގުރޫޓުވާނީ. ބަޓް ލަވް ހާރ. އޭނަގެ ހުރި ރަނގަޅު ސިފަތަކަށް ފޯކަސްކޮށް ދެންވެސް އެ އަފާފްގެ މަތިން ހަނދާން ނައްތާލެވޭތޯ ބަލާބަލަ. ދުނިޔޭގަ ހުރި ހަމައެކަނި އަންހެން ކުއްޖަކީ އެއީއެއްނޫނޭ. އޭނަ ނޫނަސް ރަނގަޅު އަންހެން ކުދިން އުޅޭނެ.” ޝިނާޒް އޭނަގެ ކޮއްކޮއަށް ވިސްނައިދޭން އުޅޭ ފަދައަކުން ވާހަކަ ދެއްކިއެވެ. މިފަހަރުވެސް ޝިނާޒްގެ ވާހަކަތަކާމެދު ޝަރަފަށް ވިސްނާލެވުނެވެ. އޭނަ ޙަޤީޤަތުގައި ވެސް މިއުޅެނީ ކުޑަކަމަކުން ބޮޑުކަމެއް ނެރެންހެން އެވަގުތު އޭނައަށް ހީވިއެވެ. ޝިނާޒް ބުނިހެން ހަނާ އަފާފަށް ގެއްލުމެއް ދޭން އުޅޭނަމަ އޭނަ ހުންނާނީ އަފާފާއި އެއްބިމެއްގައި ނޫންތޯ ހިތަށްއެރިއެވެ. ހަނާގެ ރަނގަޅު ސިފަތަކަށް ސަމާލުކަން ދީ އަފާފް މަތިން ހަނދާން ނައްތާލުމަށް ބުނިބުނުމުން ނޭނގޭ ސަބަބަކާހުރެ އެކަން ކުރުމަށް އޭނައަށް ހިތްވަރެއް ލިބުނެވެ. އެއީ މި ހުރިހާ އަހަރު އެކަނިވެރިކަމުގައި ހޭދަކޮށްފައިވި އޭނަގެ ވަރުބަލިވެފައިވާ ހިތުގެ ސަބަބުން ކަންނޭނގެއެވެ. ހަނާއާއި ގުޅުން ބަދަހިކުރުމަށް އޭނައަށް ގޮވާލީ އެ ހިތެވެ. އެ ހިތަށް ނޭނގުނު ކަމަކީ ﷲ ރުހިވޮޑިގެންވާފަދަ ގޮތަކަށް ގުޅިގެންދާ ދެމީހެއްގެ ދެމެދުގައި މެނުވީ ޙަޤީޤީ ލޯތްބެއް ނޯންނާނެކަމެވެ. އަދި އެ ގުޅުމެއްގެ ސަބަބުން ﷲ އާއި ދުރުވުމަށް ހިތްވަރު ލިބޭ ގުޅުމަކުން ކެހިވެރިކަމެއް ނޫނީ ނުލިބޭނެކަމެވެ.
ޣާފިލުކަންމަތީ ހެވާއި ނުބައަކާމެދު ވިސްނުމެއްނެތި ޝަރަފް ހަނާއާއި ގުޅުން ބަދަހި ކުރުމަށް ކުރެވެން އޮތްހާ ކަމެއް ކުރަން ފެށިއެވެ. ހަނާއާއި ގިނަގިނައިން ބައްދަލުކޮށް އޭނައަށް ތަޢުރީފުކޮށް އޭނައަށް ހަދިޔާތައް ގެންގޮސްދޭން ފެށީ އެކަމުގެ އުއްމީދުގައެވެ. ނަތީޖާއެއްގެ ގޮތުން އެ އުއްމީދާއި އެއްގޮތަށް ކަންތައްވިއެވެ. އޭނައާއި ހަނާ އިހުނަށްވުރެ ގާތްވެގެން ދިޔަދިޔަހެން ޝިނާޒްގެ ވާހަކަތައް ޝަރަފަށް ކޮންމެވެސް ވަރަކަށް ޤަބޫލުކުރެވެން ފެށިއެވެ. އެހެނަސް ދެންވެސް އަފާފްގެ ހަނދާންތައް އޭނަގެ ހިތުގެ ކަނެއްގައިވިއެވެ. ހަނާ ކުރު ހެދުން ލައި އުޅޭ ގޮތުން އޭނައަށް ހުއްޓުމެއްނެތި ހަނދާން ކުރެވެމުން ދިޔައީ އަފާފް އަމިއްލަ އިޚްތިޔާރުގައި ދިގު ހެދުން ލާން ޚިޔާރު ކުރި ގޮތެވެ. ހަނާ ޝަރަފް ނޫން ފިރިހެނުންނާއި ވެސް ސަމާސާކޮށް ވާހަކަ ދައްކައި އެމީހުންވެސް އޭނައަށް ކުރާ ތަޢުރީފުތަކަށް ރަކި ގޮތަކަށް ޖަވާބުދޭ ގޮތުން، އަފާފް އެހެން ނަހަދާނެކަމަށް ޝަރަފްގެ ހިތް ބުނަމުން ދިޔައެވެ. ގުޅުމަށް ދުވަސްވަމުން ދިޔަދިޔަހެން ކުދިކުދި ކަންތައްތަކާ މެދުގައި ވެސް ހަނާ އޭނައާއި ޒުވާބު ކުރަން ފެށުމުން އޭނަ އަފާފާއި ގުޅުނުނަމަ އެހެން ނުވީހޭ ހިތަށްއަރަމުން ދިޔައެވެ.
އެ ދެމީހުންގެ ގުޅުމަށް ދެ އަހަރު ވީއިރުވެސް ޝަރަފްގެ އެ ޚިޔާލުތަކަށް ބަދަލެއްނާދެއެވެ. އޭނަގެ އުޅުމަށްވެސް އައި މާ ބޮޑު ބަދަލެއް ނެތެވެ. ބަދަލެއް އައިއްޔާ ވެފައިވަނީ ނުބައެވެ. ހަނާއާއި ކުރާ ޒުވާބުތަކުގެ ހިތިކަމުން އަރައިގަތުމަށް ޝަރަފް ކްލަބްތަކުގެ ތެރޭގައި ހޭދަކުރާ ވަގުތުތައްވަނީ ގިނަވެފައެވެ. ޚުދު ހަނާގެ ފަރާތުން ވެސް ފެނުނު ދަހިވެތިކަމާއި ހިތްހަރުކަމުން ޝަރަފްގެ މިޒާޖަށް ވެސް އެފަދަ ބަދަލުތަކެއް އައެވެ. އިހުގައި އޭނައަށް ޙާލުގައި އުޅޭ ކުއްޖަކު ފެނިއްޖެނަމަ އޭނައަށް ބޭއިޚްތިޔާރުގައި ވެސް އެކުއްޖަކަށް އެހީވެވޭނެއެވެ. އެހެނަސް ހަނާ އެފަދަ ކުދިންނަކީ ފަޤީރުކަމަށް ހެދިގެން އުޅޭ ބައެއްކަމަށް ބުނަމުން ދިޔަ ގޮތުން އެ ޚިޔާލު ޝަރަފްގެ ސިކުނޑީގައި ބިންވަޅު ނެގުނެވެ. އޭނަގެ އަވަށްޓެރިންވަނީ އޭނައަށް އެނގިގެން ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށްވިޔަސް އޭނައަށް އެމީހުންނަށް ދެމުން ދިޔަ އެހީވެސް މެދުކަނޑާލެވުނީ ހަނާ ވާހަކަ ދެއްކި ވަރުންނެވެ. އެ ދައްކާ ވާހަކަތަކުގެ ތެރެއިން މީހަކު ފިރިހެންވަންތަވަނީ ތަޅާފޮޅުންތަކުގެ ތެރޭގައި ބައިވެރިވާ ކަމަށްވާނަމައޭ ބުނިފަހުން އެފަދަ ކަންކަމުގައި ވެސް ޝަރަފަށް ބައިވެރިވެވޭ މިންވަރު ގިނަވިއެވެ. ހަނާ މީހަކާމެދު ހިތްހަމަ ނުޖެހޭއިރަށް ޝަރަފް އެމީހަކު ބިމަށް ތިރި ނުކޮށްފިނަމަ އެއީ ޝަރަފް ހަނާދެކެ ލޯބިނުވާކަމުގެ ހެއްކަކަށްވެދެއެވެ.
މި ހުރިހާ ކަމަކާހެދި ޝަރަފް ކިތަންމެ ފަހަރެއްގެ މަތިން ހަނާ ދޫކޮށްލަން ނިންމިއެވެ. އެހެނަސް އެ ނިންމުން ނިންމަން ޝަރަފަށް ދަތިކުރުވީ ޚުދު ހަނާގެ ބަސްތަކެވެ.
“ދެން މަ ޒުވާބު ކުރިއޭ ކިޔާފަ މަށަށްވުރެ ނުބައި މީހެއް ނުހުންނާނެ. ދެނަހުރިން ޝަރަފް ދުވަހަކުވެސް އަހަރެންދެކެ ލޯބި ނުވާކަން.” ހަނާ ޒުވާބެއްގެ މެދު ތެރެއިން ވެސް މިފަދަ ބަސްތައް ބުނެ ރޯންފަށާފާނެއެވެ. އެފަދަ ޙާލަތެއްގައި ޝަރަފަށް ވަގުތުން ކުށްވެރިކުރެވެނީ އަމިއްލަ ނަފްސެވެ. އޭނަގެ ލޯބިވެރިޔާ ދެރަވަނީ އޭނައާއި ހެދިހެން ހީވާތީވެއެވެ. އޭގެއިން ކޮންމެ ފަހަރަކު އޭނައަށް ހަނާ ހިތްހަމަޖައްސަދޭން މަސައްކަތް ކުރެވެނީ އެހެންވެއެވެ. ހިތްހަމަޖައްސައިދޭތާ މާ ގިނަ ދުވަހެއްނުވެ އަނެއްކާވެސް ހަމަ އެ މަންޒަރު ތަކުރާރުވަމުން ދިޔަ ގޮތުން ޝަރަފަށް ހީވީ އޭނަގެ ހިތް ކުޑަގޮޅިއަކަށް ލެވިފައިވި ހެންނެވެ. އަދި އެ ކުޑަ ގޮޅީގެ ތަޅުދަނޑި ނޭނގުމެއްގެ ތެރެއިން ވެސް ހަނާއަށް ދެވިފައިވުމުން އޭނަ ބޭނުންގޮތަކަށް އެ ހިތަށް އަނިޔާއެއް ދެވިދާނެހެންނެވެ.
ފަހަކަށް އައިސް ޝަރަފް ހަނާއާއިއެކީ މާ ގިނަ ވަގުތުތައް ހޭދަނުކޮށް ވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އަދި އޭނަގެ ކިޔެވުމަށާއި ވަޒީފާއަށް ސަމާލުކަން ދިނެވެ. ނަތީޖާއެއްގެ ގޮތުން ޝަރަފް ހީކުރި ގޮތާއި ޚިލާފަށް އޭނަގެ ކޯހުގެ ފަހު އިމްތިޙާންތަކުން އޭނަ ފާސްވެ ދަސްވެނިވިއެވެ. އެކަމުގެ މުނާސަބަތުގައި ދޮންބައްޕަގެ ގޭގައި ބޮޑު ޕާޓީއެއް ބޭއްވިގެން ދިޔައެވެ. ޝިނާޒްގެ ކައިވެނި އޭނަ ރައްޓެހިވެގެން އުޅުނު ކުއްޖާއާއި ހަމަޖެހި، ސިޑްނީގައި އެޅިފައިވި މުޅިން އާ ކްލަބެއްގެ ތަޅުދަނޑި ޝަރަފްގެ އަތަށް ލިބިގެންދިޔައީ އެ ޕާޓީގެ ތެރެއިންނެވެ. އެވަގުތު ހަނާ ހުރިނަމަ އޭނަ މޮޔަވީހޭ ޝަރަފްގެ ހިތަށްއެރިއެވެ. ނޭނގޭ ސަބަބަކާހުރެ އެރޭ ހަނާ އެ ޕާޓީއަކަށް ނާދެއެވެ. ޝިނާޒް ސުވާލުކުރުމުން ޝަރަފް އެތައްފަހަރަކު ގުޅާ ގުޅާ ވެސް ހަނާ ފޯނެއް ނުނަގައެވެ. އެކަމާމެދު ޝަރަފް ޙައިރާންވާ ގޮތްވިއެވެ. އެހެނީ ހަނާ ދުވަހަކުވެސް އޭނަގެ ފޯނު ނުނަގައެއް ނުހުރެއެވެ. އޭނަ އިތުރަށް ޙައިރާންވެގެން ދިޔައީ، ކްލަބް ހިންގުމަށްޓަކައި އޭނަ ސިޑްނީއަށް ބަދަލުވާން އުޅޭ ވާހަކަ ބުނުމުގެ ކުރިން އޭގެ އަނެއްދުވަހު ހަނާ ދެއްކި ވާހަކައަކުންނެވެ.
“ޝަރަފް ލޯބި….ހިނގާބަލަ ދޯ ކުޑަ ދުވަސްކޮޅެއް ވަންދެން ސިޑްނީއަށްދާން؟” އެދުވަހު ހެނދުނު ހަނާ ޝަރަފްގެ ކޮޓަރިއަށް ވަދެގެން ގޮސް އޭނަގެ ކަރުގައި ދެއަތް އަޅުވާލަމުން ކޮށްލި ސުވާލުން ޝަރަފް ހުއްޓުން އަރާ ގޮތްވިއެވެ.
“އެއީ ކީއްކުރަން؟” ޝަރަފަށް އަހާލެވުނެވެ. އެއާއެކު ޝަރަފަށް ހަނާގެ މޫނުމަތިން ފެނިގެން ދިޔައީ، އަފާފާއިމެދު ސުވާލުކުރުމުން އެ މޫނުމަތިން ފެނުނު ފަދަ ނުތަނަވަސްކަމެކެވެ. އޭނައަށް ޖަވާބަކަށް އިންތިޒާރުކޮށް ހަނާގެ މޫނަށް ފަރުވާތެރިކަމާއެކީ ބަލަން ހުރެވުނެވެ.
“އެއީ…..އެއީ ސިޑްނީއަކީ ވަރަށް ސަޅި ތަނެކޭ ބުނާއަޑު އިވޭތީ. އަހަރެން ދުވަހަކުވެސް ނުދަން އެތަނަކަށް. މި ޗުއްޓީ ދުވަސްކޮޅު ދެމީހުން ވަކިން ޓައިމް ސްޕެންޑް ކޮށްލަން ސިޑްނީއަށް ދިޔައިއްޔާ ވަރަށް ސަޅިވާނެއޭ ހިތަށްއެރީ.” ހަނާގެ ވާހަކަ ފެށުނީ ޖެހިލުންކަމާއެކީގައި ވިޔަސް ވާހަކައިގެ މެދުތެރެއިން އޭނަ އަމިއްލަ ނަފްސު ހަމައަކަށް އެޅުވިކަން ޝަރަފަށް ރަނގަޅަށް ފާހަގަވިއެވެ. އެހެންކަމުން އޭނަ އެހެންނޫނަސް ސިޑްނީއަށް ބަދަލުވާން އުޅޭ ވާހަކަ ވެސް އޭނައަށް ބުނެލެވުނީ ސީރިއަސްކަމާއި އެކީގައެވެ. ހަނާ ތޫލި އަޑެއް ލައްވަމުން އޭނަ ގައިގައި ބައްދާލުމުން ވެސް ޝަރަފަށް ވިސްނެމުން ދިޔައީ އޭނަގެ ނުތަނަވަސްކަމުގެ ފަހަތުގައިވާނެ ސިއްރަކާމެދުގައެވެ.
ހަނާއާއި އެކީ ސިޑްނީއަށް ފުރަންވުމުން ޝަރަފް ފޫހިވިއެއްކަމަކު އޭނަ އެންމެ ފަހުން ހަނާއާއި އެކީގައި ފުރައިގެން ދިޔައީ އެ ސިއްރުގެ ސަބަބުންނެވެ. ސިޑްނީއަށް ގޮސްފައި ހަނާ އެންމެ ފުރަތަމަ ރޭ އޭނައާއި އެކީގައި ހުއްޓެއްކަމަކު އޭގެ އަނެއްދުވަހު ހަނާ ސިޑްނީއާއި ތަންކޮޅެއް ދުރު ހިސާބަކަށް ދާން ބޭނުންވާ ވާހަކަ ބުންޏެވެ. އަނެއްކާވެސް ޝަރަފް ކީއްވެތޯ ސުވާލުކުރުމުން ހަނާގެ ޖަވާބެއް ލިބުނެވެ.
“އަހަރެންގެ އާންޓެއް އެކޮޅުގަ އޮތީ ވަރަށް ބަލިވެ. އާންޓް ބަލަން މި ދަނީ.” ހަނާ އޭނަގެ ފިނިހެދުން ލައިގެން އެޕާޓްމެންޓުން ނިކުންނަން ދިޔައެވެ. ޝަރަފަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ހަނާ ބާއިއޭ ބުނެލުމަށްފަހު އެޕާޓްމެންޓުން ނިކުމެ ދޮރު ލައްޕާލިއެވެ. ހަނާގެ ޙަރަކާތްތަކާމެދު ޝަރަފް އިތުރަށް އަޖާއިބުވިއެވެ. އޭނަ ހަނާ ދަންނަ ގޮތުން ނަމަ އެކަހަލަ ތަނަކަށް ވެސް ހަނާ ދާން ބޭނުންވީހީ އޭނައާއި އެކީގައެވެ. އެހެނަސް މިވަނީ ކިހިނެއް ހެއްޔެވެ؟
ހަނާ އޭނަ ދޫކޮށްފައި ދިޔުމުގެ ސަބަބު ނޭނގުނެއްކަމަކު އެކަމާމެދު އޭނަ ހިސާބަކަށް ހިތްހަމަޖެހުނެވެ. އެކޮޅަށް ގޮސް ހަނާ އޭނައަށް ނުވެސް ގުޅުމުން އޭނަ އިތުރަށް އުފާވިއެވެ. އެހެންކަމުން އޭނަ އޭނަގެ ކްލަބް ހުޅުވާލީ ހަމަޖެހިފައިވި ސިކުނޑިއަކާއި އެކީގައެވެ. ހަނާ ނެތުމުން އޭނައަށް އިޙްޞާޞް ކުރެވުނު އެކަނިވެރިކަމުގެ ތެރޭގައި އަނެއްކާވެސް އަފާފްގެ ޚިޔާލުތައް އޭނަގެ ހިތުތެރޭގައި ރަސްކަން ކުރަން ފެށިއެވެ. އޭނައާއި އަފާފްވަނީ ކިހާ ދުރުގައިކަން އެނގުންވާ ކޮންމެ ފަހަރަކު ޝަރަފްގެ ހިތަށް އުނދަގޫވެއެވެ. އޭނަ އެއްފަހަރާ މި ހުރިހާ ކަމެއް ދޫކޮށް އަފާފްގެ ގާތަށް ދާން ބޭނުންވެއެވެ. އެހެނަސް އޭނަގެ ޙާލަތު އެކަމަށް ތަނެއްނުދެއެވެ. މެލްބަންގައި އަދާކުރަމުން ދިޔަ ވަޒީފާ ދޫކުރުމަށްފަހު އޭނަގެ އަތުގައި މާ ގިނަ ލާރިއެއް ރައްކާކުރެވިފައެއް ނެތެވެ. ހަނާއާއި ރައްޓެހިވެގެން އުޅުނު ދުވަސްވަރުގެ ކުރީކޮޅު އޭނަ އިރުއިރުކޮޅާ ފައިސާއަށް އެދުމުން ޝަރަފް ދެމުން ދިޔައެވެ. ޝިނާޒްގެ އިންޒާރަކަށް އޭނަ ފަހުން އައިސް އެކަން ހުއްޓާލިއެއްކަމަކު ދެންވެސް އެކި އެކި ކްލަބްތަކުގައި އޭނަގެ ފައިސާ ހޭދަވަމުން ދިޔައެވެ. މިއަދު އޭނައަކީ ‘އަމިއްލަ’ ވިޔަފާރިއެއްގެ ވެރިއަކަށް ވިޔަސް އެއީ އޭނަގެ ފައިސާއެއް ނޫންކަން ޝަރަފަށް ރަނގަޅަށް އެނގެއެވެ. އެތަން ރަޖިސްޓްރީ ކުރެވިފައިވަނީ ދޮންބައްޕަގެ ނަންމަތީގައެވެ. އޭނައަށް ލިބެން ކަނޑައެޅިފައިވަނީ އެތަނަށް ލިބޭ ފައިދާގެ ވަކި މިންވަރެކެވެ. އަދި ދޮންބައްޕަވަނީ އެތަނުން އެއްވެސް ބުއިމެއް ޝަރަފްވެސް ހިލޭ ނުނެގުމަށް އަންގާފައެވެ. ކްލަބް ހުޅުވައިގެން ފުރަތަމަ މަހު ލިބޭ ލާރީގެ ބޭނުންކޮށްގެން އަފާފް ކައިރިއަށް ދާން ޝަރަފަށް ނިންމުނެއްކަމަކު އެކަމާމެދު ދޮންބައްޕައާއި ޝިނާޒް ބުނާނެ ވާހަކަތަކާމެދު ވެސް އޭނަ ޖެހިލުންވާގޮތްވިއެވެ. ދެ ޚިޔާލެއްގެ މަތީގައި އެކަނިމާއެކަނި ދުވަސްތައް ގުނަމުން ދަނިކޮށް ކަންތައްވެގެން ދިޔައީ ޝަރަފް ހިވެސް ނުކުރާ ފަދަ ގޮތަކަށެވެ.
އެއްރެއަކު ޝަރަފް އޭނަ ހިންގާ ކްލަބްގެ ތެރެއިން މާ އަވަސް ވަގުތެއްގައި ނިކުތީ އިތުރަށް ބޯން ބޭނުންވިއެއްކަމަކު އޭނަގެ ލާރި ރައްކާ ކުރުމުގެ ނިޔަތުގައެވެ. ފިނި މޫސުމުގެ ފުރަތަމަ ރޭތަކުގެ ތެރެއިން ރެއަކަށްވުމުން ސްނޯވް ފައިބަމުން ދިޔައިރު މަގުގެ ދެ ފަރާތުން ވެސް ފެންނަމުން ދިޔައީ ހުދުކުލައެވެ. ލެވޭ ނޭވާތަކުން ފިނީގެ އަސަރު ފެންނާނެހާ ވަރަށް އެރޭ ފިނިގަދަ ވީއިރު ވެސް، އޭނަ އުޅޭ ޢިމާރާތާއި ނުހަނު ގާތް ގެއެއްގައި އުޅޭ ކުއްޖެއްކަމަށްވާ ލޫސީ އެރޭވެސް އެތާހުރި ބެންޗެއްގައި އޮތީ އާދައިގެ މައްޗަކާއި ޖިންސެއް ލައިގެންނެވެ. މިހާތަނަށް އައިއިރު ޝަރަފަށް ލޫސީއާއި އޭނަގެ ބައްޕަ ވަރަށް ރަނގަޅަށް އެނގިފައިވާތީ ލޫސީއަކީ ސިކުނޑި ހަމަނުޖެހޭ ކުއްޖެއްކަން އޭނައަށްވަނީ އެނގިފައެވެ. ލޫސީ ކިތަންމެ ފަހަރެއްގެ މަތިން ވެސް އެއްވާހަކައެއް ތަކުރާރުކޮށް ދައްކަފާނެއެވެ. ކޮންމެ ރެއަކު ލޫސީ އެ ބެންޗުގައި އޮންނަނީ ބައްޕައަށް ރުޅިވެގެން ކަމަށް އޭނަ ބުނެއެވެ. ޝަރަފް އިތުރަށް ދެނެގަންނަން މަސައްކަތް ނުކުރީ ހަނާ ބުނާހެން އެހެން މީހުންގެ ކަންކަމާ ނުބެހުމަށެވެ. ބެހުމުން އޭނަ އެ މީހަކަށް އެހީވާން ޖެހިދާނެ ކަމަށްޓަކައެވެ. އެހެނަސް އެރޭ ލޫސީއާ ބެހޭގޮތުން މާ ބޮޑަށް ނޭނގުނެއްކަމަކު އޭނަ ލޫސީއަށް އެހީވެދޭން ބޭނުންވިއެވެ. އޭނަ އަމިއްލައަށް ފިނިހެދުން ލައިގެން ހުރިއިރު ވެސް ފިނިކަން އިޙްޞާޞް ކުރެވެމުން ދިޔައިރު އެކުއްޖާއަށް ކިހާވަރެއް ވާނެތޯ ހިތަށްއެރިއެވެ.
އިރުކޮޅެއް ވަންދެން ހުރިތާ ހުރުމަށްފަހު އޭނަ ލޫސީއާއި ދިމާލަށް ދާން އުޅުނު ވަގުތު އޭނަ އޭރު ހަމަވެފައިވި ހޮޓެލްގެ ދޮރު ހުޅުވުނު އަޑު އޭނައަށް އިވުނެވެ. އެފަރާތަށް ބަލާލި ތަނާހެން އޭނަ ހުއްޓުން އެރިއެވެ.
ނުނިމޭ