Noor (Part 19)
ހޮސްޕިޓަލްގެ އެނދުމަތީގައި އޮތް ޝަރަފަށް ދެލޯ މަރައިގެން އޮވެފައި ލޯ ހުޅުވާލެވުނު ވަގުތު އޭނަގެ ދެލޯ ވަނީ ރަތްވެފައެވެ. ވޯޑަށް ވެރިވެފައި އޮތް ފަނޑު އަލި ކަމުގެ ތެރެއިން ވެސް އޭނަގެ ލޮލަށް ޖަމާވެފައިވި ކަރުނަތަކުގެ ވިދުން ފެންނަމުން ދިޔައެވެ. އޭނައަށް ފުން ނޭވާތަކެއް ލެވެމުން ދިޔައިރު އޭނައަށް ހީވީ މޭމަތީގައި އުފެދިފައިވި ރިހުމެއްގެ ސަބަބުން އޭނަގެ ހިތް ފަޅައިގެން ހިނގައިދާނެހެންނެވެ. މީގެ ތިން މަސް ކުރިން އައި އެދުވަހުގެ އެވަގުތު އޭނައަށް ކުރެވުނު އިޙްޞާޞްތައް އަނެއްކާވެސް އޭނައަށް ކުރެވެން ފެށިހެން ޝަރަފަށް ހީވިއެވެ. އެއީ އޭނަގެ ޙަޔާތުގައި ވެސް އައި އެންމެ ހިތްދަތި ދުވަހެވެ. ދުވަހެއްގެ ކޮޅުން ވެސް އެ ފަރާތަކަށް ގެއްލުމެއްވާން ނޭދޭ ފަރާތަށް ޚުދު އޭނަގެ އަމިއްލަ އަތުން އަނިޔާއެއް ދެވުނު ދުވަހެވެ. އަދި އެއީވެސް މުޅި ޢުމުރަށް އެ ފަރާތުގެ ޙަޔާތް ބަދަލުކޮށްލާނެ ފަދަ އަނިޔާއެކެވެ. އެދުވަހު އޭނަ ދުވަހަކުވެސް ނުރޯވަރަށް ރުއެވެ. އޭނައަށް ހެދުނު ގޯސް ރަނގަޅުކުރަން ހަދާނެ ގޮތެއް ދާނެ ދިމާލެއް ނޭނގިފައި އެ ރޫމުގެ ކައިރީގައި ހުރި ބެންޗުގައި އޭނައަށް އިނދެވުނެވެ. އެންމެ ފަހުން އެ މާޙައުލުން ދުރަށް ގޮސް އަމިއްލަ ނަފްސަށް އެތައް އަނިޔާއެއް ދެވުނީ އެ ނަފްސު ކުށްވެރި ކުރެވުނު ވަރުންނެވެ. އޭނަގެ ޙަޔާތް ބަދަލުކުރަން ހިތުގައި ޢަޒުމެއް ކަނޑައެޅިގެން ދިޔައީ އެރެއަށްފަހުއެވެ. އޭނަގެ ފަރާތުން އޭނަ އެންމެ ލޯބިވާ ފަރާތަށް އަނިޔާއެއް ލިބިގެން ދިޔައީ އޭނަގެ ހުރި ރުޅިގަދަކަމާއި އަނިޔާވެރި ޚިޔާލުތަކުގެ ސަބަބުންކަން ޝަރަފަށް އެނގުންވިއެވެ. އޭނަގެ ސިކުނޑި އެފަދަ ޚިޔާލުތަކުން ފުރިފައި ނުވިނަމަ އެރޭ އޭނައަށް އެފަދަ ގޮތަކަށް އަތް ނުއުފުލޭނެކަން އޭނައަށް އެނގުންވިއެވެ. އެ ޚިޔާލުތަކުން ދުރުވުމަށް އޭނައަށް ކައުންސެލިންގް ހޯދެން ފެށީ އެހެންވެއެވެ. އެހެން މީހުންނަށް އަނިޔާކުރުން ހުއްޓާލެވޭނީ އެހެން މީހުންނަށް ގިނަގިނައިން އެހީވެ އެ މީހުންނަށް ހަދިޔާ ދިނުމުންކަން އެ ކައުންސެލިންގް ސެޝަންތަކުން ޝަރަފަށް ދަސްވިއެވެ. އެއަށްފަހު ޝަރަފް އޭނަގެ ހުރިހާ ދަހިވެތި ޚިޔާލުތަކާއި ދެކޮޅަށް ފިޔަވަޅުތައް އަޅަން ފެށިއެވެ. ކިތަންމެ ދޭ ހިތްނުވިޔަސް އޭނަ ފައިސާ ބޭނުންވެގެން ހުރި މީހަކު ފެނިއްޖެނަމަ ފައިސާ ދެއެވެ. އޭނަގެ އަވަށްޓެރިންނަށް ފައިސާގެ ދަތިކަން ކުރިމަތިވިކަން އެނގުމުން އޭނަ އޭނަގެ އެޕާޓްމެންޓަށް ކާން އައުމަށް އެމީހުންނަށް ދަޢުވަތު ދޭންފެށިއެވެ. އެއްކަލަ ބެންޗުން ފެންނަ ލޫސީއާއި ވެސް ގުޅުން ބަދަހި ކުރެވެން ފެށީ އޭނަގެ ކެތްތެރިކަން އިތުރުކުރަން ބޭނުންވުމާއެކު އަފާފަށްޓަކައި ވެސްމެއެވެ. ލޫސީއަށް ރަނގަޅު ގޮތް މެދުވެރިވާން އަފާފް ބޭނުންވާނެކަން ހަނދާންވާ ކޮންމެ ފަހަރަކު އޭނައަށް ލޫސީއާއެކީ ވަގުތު ހޭދަކުރަން ލިބެމުން ދިޔައީ އިތުރު ހިތްވަރެކެވެ. އޭނަގެ ސަބަބުން ލޫސީއަށް ހެޔޮ ބަދަލުތަކެއް އަންނަން ފެށި ވާހަކަ ލޫސީގެ ބައްޕަ ބުނި ދުވަހު ޝަރަފް ޙައިރާންވީ ވަގުތު އޭނަ އުފާވެސްވިއެވެ. ޙައިރާންވީ އޭނަގެ ސަބަބުން އެހެން މީހަކަށް ހެޔޮ ބަދަލެއް އައިސްފާނެ ކަމަށް އޭނައަށް ޤަބޫލުކުރަން ދަތިވީތީވެއެވެ. އުފާވީ އޭނައަށް ވެސް ރަނގަޅު މީހަކަށް ވެވިދާނެ ކަމުގެ އުއްމީދެއް ލިބުމުންނެވެ.
އެހެނަސް އެ އުއްމީދު އެގޮތުގައި މާ ގިނަ ދުވަހެއް ވަންދެން ދެމިއެއް ނުދެއެވެ. ކައުންސެލިންގް ހޯދަން ފެށިތާ 2 ހަފްތާއެއްހާ ދުވަސްފަހުން ޝަރަފަށް ރެސްޓޯރެންޓެއްގެ ތެރެއިން އަފާފާއި ހުސެއިން ފެނިގެން ދިޔައެވެ. އަފާފް ފެނުނު ފުރަތަމަ ހިނދުކޮޅުގައި ވެސް ޝަރަފްގެ މޭގައި ރިހުމެއް އުފެދުނެވެ. އަފާފް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިންއިރު އެ ދެލޯވަނީ ދުޅަވެފައެވެ. އެ މޫނުމަތީގެ އުޖާލާކަންވަނީ ގެއްލިފައެވެ. ހުސެއިން ހިނިތުންވުންތަކާއެކީ އުފާވެރި ވާހަކަތަކެއް ދެއްކުމުން ވެސް އަފާފް އެ އިންގޮތަށް އިން މަންޒަރު ފެނިފައި ޝަރަފްގެ ހިތަށް ކުޅަދާނައެއް ނުވިއެވެ. ކޮންމެވެސް އެއްގޮތަކަށް އޭނައަށް އަފާފްގެ ޙާލަތު ބަދަލުކޮށްލެވޭނެނަމައޭ ހިތަށްއެރިއެވެ. އެހެނަސް އޭނައަށް އެކަން ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އަފާފްގެ ހިތާމަތަކުގެ ފަހަތުގައި ވި ސަބަބަކީ އޭނައެވެ. ވީއިރު އެ ހިތާމަތައް ފިލުވައިދެވޭނެ މީހަކަށް އޭނަވާނީ ކިހިނެއް ހެއްޔެވެ؟ ހިތަށް ވެރިވި އެ ސުވާލުގެ ހިތާމައިގައި ގެއަށް ދިޔަ ދުވަހު ޝަރަފްގެ ހިތުގެ ޙާލަތު އިތުރަށް ގޯސްވެގެން ދިޔައީ ހަނާ އަނބުރާ އައުމުންނެވެ. އެއާއެކު އަނެއްކާވެސް ޝަރަފްގެ ޙަޔާތް އެފުށްމިފުށަށް ޖެހެން ފެށިއެވެ. ހަނާ އައި ފުރަތަމަ ރޭ މާ ބޮޑެތި މައްސަލަތަކެއް ނުޖެހުނެއްކަމަކު އޭނަ ޝަރަފާއި ގާތްވާން މަސައްކަތް ކުރުމުން ޝަރަފް އިންކާރު ކުރުމުން މައްސަލަތައް އުފަންވެ، ގިނަވާން ފެށިއެވެ. ޝަރަފަށް ހުރެވެނީ ހަނާ ވާހަކަ ދެއްކުމުން އެއްޗެކޭ ބުނަން ވެސް ބޭނުންނުވެފައެވެ. ހަނާއާއިމެދު ކަންތައް ކުރެވެމުން ދިޔަ ގޮތުން އަނެއްކާވެސް އޭނަގެ ހިތް ހަރުވާން ފެށިހެން ޝަރަފަށް ހީވި ފަހުން ޝަރަފް ގަދަކަމުން ވެސް ހަނާއާމެދު ރަނގަޅަށް ކަންތައް ކުރެވޭތޯ ބެލިއެވެ. ކިތަންމެ ބޭނުންވިޔަސް އޭނައާއި ދިމާލަށް އަޑު އިސްނުކޮށް އޭނަ ފައިސާއަށް އެދުމުން ފައިސާދޭން ފެށިއެވެ. އަދި ހަނާ އޭނައާއި މެދު ދެކޭ ގޮތަކީ އޭނަގެ މިޒާޖު ދައްކުވައިދޭ ކަމެއްގެ ގޮތުގައި ބަލަން ފެށިއެވެ. އޭގެ ބޭނުން ހަނާ އެންމެ ރަނގަޅު ގޮތުގައި ހިފިއެވެ. އޭނަގެ ބޮޑުދައިތަ ބަލިވެގެން އުޅޭ ކަމަށްބުނެ ކޮންމެ ދުވަހަކުހެން ގިނަ ޢަދަދެއްގެ ފައިސާ ޝަރަފް އަތުން ހޯދަން ފެށިއެވެ. ޝަރަފްގެ މުޅި އަތް ހުސްވުމުން ވެސް އަދިވެސް ބޭނުންވާކަމަށް ބުނެ އޭނަގެ ކްލަބް މޯގޭޖް ކުރުމަށް އެދުނެވެ. ޝަރަފަށް އެންމެ ފަހުން ދޮންބައްޕައަށް ގުޅާލެވުނީ ހަނާ ކަރުނަތައް އޮހޮރި ވަރުންނެވެ. އަދި ދޮންބައްޕަ ގާތު އޭނަ އާ ވިޔަފާރިއެއް ފަށަން ބޭނުންވާ ކަމަށްބުނެ ފުރަތަމަ ފަހަރަށް ދޮގު ހެދީ ވެސް ހަނާ ދޫނުކުރުމުންނެވެ. އެންމެ ފަހުން ދޮންބައްޕަ އޭނައަށް އިތުބާރުކޮށް ކްލަބް މޯގޭޖުކުރީ ޝިނާޒަށްވުރެ ޝަރަފް އަބަދުވެސް ޒިންމާދާރުކަމަށް ދޮންބައްޕައަށް ފާހަގަވެފައިވީތީވެއެވެ. ކްލަބް މޯގޭޖު ކުރުމަށްފަހު ހަފްތާތަކެއްފަހުން އަނެއްކާވެސް ހަނާ އެހެން އެދުމެއް އެދެން ފެށިއެވެ. އެ އެދުން ފެށިގެން ދިޔައީ ޝަރަފް އޭރު އެހާ މަޝްހޫރު ނޫންކަމުގެ ޝަކުވާއިންނެވެ. ހަމަ އެއާއެކު ޝަރަފް ގަދަކަމުން ވެސް މޮޑެލްއަކަށްވާން ޖެހުނެވެ. އިތުރަށް ފައިސާ ބޭނުންވާތީ އެއީ ފައިސާ ހޯދަން ރަނގަޅު ގޮތެއްކަމަށް ކުރީކޮޅު ޝަރަފަށް ވެސް ނިންމުނެވެ. އެހެނަސް ކުދި ކުދި މަޖައްލާތަކަށް އޭނަ ފޮޓޯ ނަގަމުން ދިޔަދިޔަހެން އޭނަ ނަގަންޖެހޭ ފޮޓޯތައް ލަދުކުޑަވަމުން ދިޔައެވެ. އެ ފޮޓޯތައް ނަގަން އޭނަ ޖެހިލުންވުމެއް ދެއްކުމުން، އޭނަ މިހާތަނަށް ދަސްކޮށްފައިވާ ހުރިހާ ހެވާއި ނުބައެއްގެ މަތިން ހަނދާން ނައްތާލުމަށް އޭނަގާތު ބުނެވުނެވެ. ޝަރަފް އެކަން އެގޮތަށް ކުރަން ނިންމިއެވެ. އަދި އަމުދުން އޭނައަކީ ފިރިހެނަކަށްވުމުން ލަދުގަންނަން ނުޖެހޭނެކަމަށް އޭނަ އަމިއްލަ ނަފްސުގާތު ބުންޏެވެ. އެ ބުނި ބުނުމުގެ ސަބަބުން އޭނަ ދުވަސްކޮޅެއް ވަންދެން އެ ފަދަ ފޮޓޯތަކެއް އޭނަ ނުވެސް ދަންނަ އަންހެނުންނާއި އެކީގައި ވެސް ނެގިއެވެ. އެހެނަސް އެފަދަ ފޮޓޯތައް ނަގާ ކޮންމެ ފަހަރަކު އޭނަގެ ހިތަށް އުނދަގުލެއްވެއެވެ. އަންހެނުންނާއި އެކީގައި ފޮޓޯ ނަގާއިރު އޭނައަށް އުނދަގޫވަނީ ހަމައެކަނި އަފާފް މަތިން ހަނދާންވާތީވެ ކަމަށް އޭނައަށް ހީކުރެވުނެވެ. ނަމަވެސް އެކަނި ނަގާ ފޮޓޯތަކުގައި ވެސް އޭނަ ޢާއްމު ގޮތެއްގައި ހުންނަ ގޮތް ނޫން ގޮތަކަށް ހުންނަންވުމުން އެއީ ގޯހެއް ކަމަށް ބުނަނީ އޭނަގެ އަމިއްލަ ހިތުތެރެއިން އަންނަ އަޑެކެވެ. އެފަދަ ގޮތަކަށްހުރެ އެންމެންނަށް ފެންނާނެހެން ފޮޓޯ ނެގުމަކީ ގޯހެއްކަމަށް އެއްވެސް މީހަކު އޭނަ ގާތުގައެއް ނުބުނެއެވެ. ވީއިރު އޭނަގެ ހިތް އޭނައާއި ދެކޮޅު ހަދަމުން ދިޔައީ ކީއްވެ ހެއްޔެވެ؟
ސިކުނޑިއަށް ވެރިވަމުން ދިޔަ އެފަދަ ޚިޔާލުތަކުން އެންމެފަހުން ޝަރަފަށް އެ ‘ވަޒީފާ’ ދޫކޮށްލެވުނެވެ. އެއާއެކު ހަނާއާއި އޭނައާއިމެދު އަނެއްކާވެސް ޒުވާބުތައް ގިނަވެ ހަނާ އޭނައާއި ވަކިން އުޅެން ފެށިއެވެ. އެގޮތަށް ކަންތައްވުމުން ޝަރަފް ދެރަވީ ވަކި ހަނާދެކެ ވާ ލޯތްބެއްގެ ސަބަބުންނެއްނޫނެވެ. ހަނާ ދިޔަ ދުވަހު އޭނައާއި ދިމާލަށް ބުނެލި ބަސްތަކެއްގެ ސަބަބުންނެވެ. ހަނާ ހުތުރު ބަހުން ވާހަކަ ދައްކައި ޝަރަފް ދޫކޮށް ދިޔައީ އޭނަ ދުވަހަކުވެސް ރަނގަޅު މީހަކަށް ނުވާނެކަމަށް ބުނެފައެވެ. ޝަރަފްގެ ހިތް ކުދިކުދި ކުރުވީ އެބަސްތަކެވެ. ހަނާ އޭނައާއި ދުރަށް ދިޔުން އޭނައަށް ފެނިގެން ދިޔައީ އަނިޔާވެރިނޫން މީހަކަށްވުމަށް އޭނަ ކުރި މަސައްކަތް ފޭލްވުމުގެ ނިޝާނެއްގެ ގޮތުގައެވެ. ބަލިވީ ކަމުގެ އެ އިޙްޞާޞާއެކު އަނެއްކާވެސް އޭނަގެ އަމިއްލަ އަތުން އަފާފަށް ދެވުނު އަނިޔާގެ މަތިން ހަނދާން އާވެ އޭނަގެ ހިތް އުއްމީދުން މަޙްރޫމްވިއެވެ. އެއަށްފަހު އޭނަ މަދުމަދުން ވެސް ދަމުން ދިޔަ ކައުންސެލިންގް ސެޝަންތަކަށް ދިޔުން ހުއްޓާލައި އޭނަގެ ވަގުތުތައް އޭނަގެ ކްލަބަށް ހުސްކުރިއެވެ. އެހެނަސް އެ ސެޝަންތަކުން އެންމެ ފަހުން އިވުނު ބަސްތައް އޭނަގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އޭނަގެ ނޭދެވޭ ޚިޔާލުތަކުން ދުރުވުމަށްޓަކައި އޭނަދެކެ ލޯބިވާ އޭނަގެ ޢާއިލާގެ ގާތަށް ދިޔުން މުހިއްމު ކަމަށް ބުނެވުނު ބަސްތަކެވެ. އެ ބަސްތައް އިވުނު ފުރަތަމަ ސިކުންތުގައި ވެސް އޭނަގެ ހަނދާނަށް އައީ ބައްޕައާއި ދޮންތައެވެ. މަންމައަށްވުރެ ވެސް ބޮޑަށް އޭނަގެ ޙަޔާތުގައި ކަމެއް ދިމާވުމުން އޭނައަށް ނަޞޭޙަތްދީ އެހީތެރިވެފައިވީ އެ ދެމީހުން ކަމަށްވާތީވެއެވެ. ހަނާ އޭނައާއި ގުޅުން ކަނޑައި އޮސްޓްރޭލިޔާއިން ދިޔުމަށް އޭނަގެ މާލީ ޙާލަތު މަޖުބޫރު ކުރުވުމުން ޝަރަފް އެދެމީހުންގެ ގާތަށް ދާން ނިންމީ އެހެންވެއެވެ.
ވިސްނުމެއްގެ ތެރޭގައި އޮތް ޝަރަފް ދެލޯ މަރާލި ވަގުތު އޭނަގެ ލޮލަށް ޖަމާވެފައިވި ކަރުނަތަކެއްގެ ސަބަބުން އޭނަގެ އެސްފިޔަތައް ތެމުނެވެ. އެއަށްފަހު މާ ގިނައިރެއްނުވެ އޭނަ ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައީ ވަރުބަލިވެފައިވި ހިތާއި ސިކުނޑިއެއްގެ ސަބަބުންނެވެ. ހިތި މާޒީއަކަށްފަހު ނުހަނު ކައިރި މުސްތަޤްބަލެއްގައި އޭނަގެ އެ ހިތާއި ސިކުނޑިއަށް ފިނިކަމެއް ލިއްބައިދޭނެ ކަންތައްތަކެއް އޭނައަށްޓަކައި ލިޔެވިފައިވިކަން ނޭނގިއެވެ.
**
އޭގެ އަނެއްދުވަހަކީ ބަންދު ދުވަހަކަށްވުމުން ހުސެއިނާއި ޝާދިޔާ އެދުވަހުގެ ހެނދުނު ސައިބޯން ތިބީ 9 ޖެހިފަހުންނެވެ. ކާ މޭޒުދޮށުން އަފާފް ނުފެނުމުން ހުސެއިނަށް ވާހަކަ ދެކެވުނެވެ.
“އަފާފް ނުތެދުވަނީތަ އަދިވެސް؟” ސައިތަށިން ކޯވަރެއް ދަމަމުން ހުސެއިން އަހާލިއެވެ.
“އޭނަ ހުންނާނެ ދޯ ނުތެދުވެ؟ ފަތިސް ނަމާދަށް ހޭލިގޮތަށް ސައިބޮއިގެން އެބައުޅޭ ކޮޓަރީގަ…… މިއަދުވެސް އެ ފައިހާ ނާންނަނީތަ؟” ޝާދިޔާ އަހާލިއެވެ.
“އާނ…..ހަނދާން ނެތުނީއޭ ބުނަންވެސް. ރޭ ވަރަށް ދަންގަޑިއެއްގަ ފައިހާ މެސެޖުކޮށްފަ ބުނީ ތިމަންނައަށް ދެން މިގެއަށް ނާދެވޭނެއޭ. އަހަރެން ވަގުތުން މެސެޖެއް ކުރިން ކީއްވެތޯ އަހާފަ. ގުޅަން މަސައްކަތް ކުރީމަ ނުއެއްގުޅޭ.” ހުސެއިން ބުންޏެވެ.
“އަޅޭ! ތިޖެހުނީ ކަންތަކާ. އަނެއްކާ އަފާފް ގޮވައިގެން އެހެން ގެއަކަށް ދާންޖެހުނީމަ ބުރަވެގެން ކަންނޭނގެ އޭނަ އެ ކެނޑުނީ. އެދުވަސްފަހުންވިއްޔާ އޭނަ ނާންނަނީ. އެކަމަށްޓަކައި އިތުރަށް ފައިސާ ދޭގޮތަށް ހަދަންވީއެއްނު؟” ޝާދިޔާ ބުންޏެވެ.
“އަހަންނަށް ހިއެއްނުވޭ ދެން އޭނަ އަންނާނެހެނެއް. އެހެންނޫނަސް މި ވަޒީފާއަކީ ބުރައެއްކަމަށް ދެކޭ މީހަކަށް ނޫން އަހަރެން މި ވަޒީފާ ދޭން ބޭނުންވަނީ. މިއީ އަހަރުމެންގެ ދަރިފުޅުގެ ގާތް އެކުވެރިއެއްގެ ވަޒީފާ.” ހުސެއިން ސީރިއަސްކަމާއެކީ ބުނެލިއެވެ. ޝާދިޔާ އެ ވާހަކައަށް ޗޮއްކަނޑާލިއެވެ.
“ދެންވެސް އޭނައަށް އެކުވެރިއަކު ހޯދައި ނުދީ އޭނައަށް ފިރިއަކު ހޯދައިދޭން މަސައްކަތް ކޮށްބަލަ ހުސެއިން! ރޭގަ އެއްކަލަ ޝަބާގެ ކޮއްކޮގެ ވާހަކަ ދެއްކީމަ އަފާފަށް އެ ވީގޮތް ދުށީމެއްނު؟ މަށަށް ހީވަނީ އެކުއްޖާ އަފާފަށް ކަމުދިޔައީހެން. އަދި އެކުއްޖާއަށް ވެސް އަފާފް ކަމުދާހެން. ފައިހާ ކިޔަކިޔާހުރި އޭނަ އަފާފަށް ބަލަހައްޓައިގެން ހުއްޓޭ. އެއީ ވަރަށް މޮޅު ކުއްޖެއްތަ؟ އޮފީހަށް ސިޓީލިއެއްނު؟” ޝާދިޔާ އަހާލިއެވެ.
“މޮޅުހެން ހީވަނީ. ފުދޭވަރަކަށް މައްޗަށް ކިޔަވައިގެން ހުރީ. ތަޖުރިބާވެސް ހުރި. މަތީ މަޤާމަކަށް ސިޓީ ލާފަ އޮތީވެސް. އަހަރެން މިހާރުވެސް އޭނަ ޝޯޓްލިސްޓް ކޮށްފިން. އަންނަ ހަފްތާގަ އޭނައަށް ގުޅޭނެ އިންޓަވިއުއަށް އަންނަން.” ހުސެއިން ވާހަކަ ދެއްކިއެވެ.
“ބަރާބަރު! ތި ވަޒީފާ ދޭންވާނީ ހަމަ އޭނައަށް. އޭނައަށް ދީފަ އޭނަގެ މަޤާމުވެސް މަތިކުރޭ. އޭރުން އަފާފާއި އިންނަންވާއިރަށް އޭނަ ހުންނާނީ މުއްސަނދިވެފަ.” ޝާދިޔާ އުއްމީދީ ގޮތަކަށް ފޯރިއާއެކީ ދެއްކި ވާހަކަތަކުން ހުސެއިންގެ ގާތަށް ހިނިއައެވެ. ވަޒީފާ ދެވޭނީ ދެވޭވަރުވާނަމައެއްނޫންހޭ އަހާލިއެއްކަމަކު އެ ވަޒީފާ ލިބޭނީ ޝަރަފަށްކަން ޚުދު އޭނައަށް ވެސް ޔަޤީނާއި ގާތެވެ. ޝަރަފްގެ ލިޔެކިޔުންތަކަށް ބަލާފައިވެސް އޭނައަކީ ޤާބިލު ޒުވާނެއްކަން އޭނައަށް ޤަބޫލުކުރެވޭތީވެއެވެ. އިންޓަވިއުއިން ޝަރަފާއި ބައްދަލުކޮށް ވާހަކަ ދައްކާލަން ޚުދު އޭނަވެސް ވީ ކެތްމަދުވެފައެވެ.
އޭގެ ތިން ދުވަސްފަހުން ޝަރަފް ހޮސްޕިޓަލުން ދޫކުރަން ޑޮކްޓަރުން އެއްބަސްވިއެވެ. ހެނދުނުގެ ވަގުތެއްގައި ހޮސްޕިޓަލުން ގެއަށް ދިޔުމަށްޓަކައި އޭނަ ހޮސްޕިޓަލުގެ ފާޚާނާއަށްވަދެ ތާޒާވެލީ އަމިއްލައަށް ކަމަށްވިޔަސް އޭރުވެސް އޭނަގެ ބަނޑުގައި ދޭތެރެ ދޭތެރެއިން ރިއްސަމުން ދިޔައެވެ. އޭރުވެސް ކޮންމެ ދުވަހެއްގެ ހެނދުނު އޭނަ ބޯއަނބުރައި ބޮލުގައި ރިއްސައި އޭނަ ބޮމުން ދިޔަ ފުޅިތަކެއްގެ މަތިން ހަނދާންވެއެވެ. އެހެނަސް ޑޮކްޓަރުން އޭގެއިން ކޮންމެ ޢަލާމާތަކަށް ބޭސްތަކެއް ދެމުން ދިޔައީތީ އޭނަގެ ޙާލަތުވަނީ އިހުނަށްވުރެ ރަނގަޅުވެފައެވެ.
ޝަރަފް ތާޒާވެލައި ތައްޔާރުވެލައިގެން ނިމުނުއިރު ޝަބާ ދިޔައީ އޭނަ އޮތް އެނދުގެ ކައިރީގައި ހުރި ކަބަޑުން އެމީހުންގެ އެއްޗެހިތައް ނަގަމުންނެވެ. ކަބަޑު ތެރެއިން ޝަރަފް ހޮސްޕިޓަލުގައި ބޭއްވުނު ފުރަތަމަ ރޭ އެ ކަބަޑު މަތިން ފެނުނު ތަށިގަނޑު އޭރުވެސްވިއެވެ. ޝަބާ އޭތި ފެނިފައި ވާހަކަ ދެއްކިއެވެ.
“މީގެ ވެރިފަރާތަކީ ކާކުކަމެއް އަދިވެސް ނޭނގޭ. މީގަ ހުރި ކާ އެއްޗެހި ކުނިވީމަ ދޮންތަ މިހިރީ މަސައްކަތު މީހަކު ލައްވާ މީތި ސާފު ކުރުވާފަ. އެހާވަރުން ވެސް މީގެ ވެރިމީހާއެއް ނުފެނޭ. މީތި ހިފައިގެންތަ ދާންވީ؟” ޝަބާ އެ ތަށިގަނޑު ހުރި ކޮތަޅު ނަގައި ޝަރަފްގެ ޚިޔާލު ހޯދިއެވެ. ޝަރަފް ޗޮއްކަނޑާލިއެވެ.
“ހިފައިގެން ގޮއްސަ ކީއްކުރާނީ؟ ތީތި ފޮޓޯ ނަގައި ޕޯސްޓަރުތަކެއް ހަދާފަ ގެ ހުންނަ ޢިމާރާތުގަ ތަތްކުރަންވީ ތީތި އެބަހުއްޓޭ ކިޔާފަ؟ ދޮންތާ އިސް ސޯ ސްޓުޕިޑް ސަމްޓައިމްސް.” ޝަރަފް ވާހަކަ ދެއްކީ އޭނަ އޮތް އެނދުގެ ފޮތިގަނޑު ރީތިކޮށް ބާލީސް ނަގައި ހެޔޮ ކުރަމުންނެވެ. ކޮންމެ ތަނެއްގައި ވިޔަސް އޭނަ ނިދާފަ އޮންނަތަން ރީތި ކުރުމަކީ ދުވަހުގެ ފުރަތަމަ ކަމެއްގެ ގޮތުގައި އޭނަ ކުރާ ކަން ކަމަށްވާތީވެއެވެ.
ޝަރަފް ދެއްކި ވާހަކައަށް ޝަބާ މޫނު ހަދައި އޭނަގެ ބޮލުގެ ފުއްކިބައިގައި އެއްއަތުން ޖަހާލަމުން އެތަނުން ދާން ހިނގައިގަތީ ތިއީ އަބަދުވެސް މޮޔަ މީހެއްކަމަށް ބުނަމުންނެވެ. އެއަށްފަހު ޝަބާ ޝަރަފްގެ ލޯމައްޗަށް ގެއްލުނީ އަވަހަށް އައުމަށް އެދެމުންނެވެ. ދޮންތަ ދިޔުމުން ވެސް އިރުކޮޅެއް ވަންދެން ޝަރަފަށް ހިނިތުންވުމެއްގައި ހުރެވުނެވެ. އެހެނަސް އޭނަގެ އަތުގައި އޮތް ބާލީސް ރީތިކޮށްފައި އެނދުމަތީގައި ބާއްވަން އުޅުނު ވަގުތު ބާލީސް އޮތް ދިމާލުގައި ފަށްޖެހިފައި އޮތް ގަނޑުކޮޅެއް އޮތްތަން ފެނިފައި އޭނަގެ ހިނިތުންވުން ފަނޑުވިއެވެ. ޙައިރާންކަމާއެކީ ޝަރަފް އެ ގަނޑުކޮޅު ނަގައި ބަލާލުމާއެކު އޭނަގެ ދެބުމަ ކައިރިވެ އޭނަގެ ދެއަތް ފިނިވިއެވެ.
“ޝަރަފަށް އަވަސް ޝިފާއަކަށް އެދެން – މަންމަ.” ތުރުތުރު އަޅާފައިވާ ތާނަ އަކުރުތަކުން ލިޔެވިފައިވި އެ ބަސްތައް ކިޔާފައި ޝަރަފްގެ މެއަށް ނުބައި ގޮތެއްވިއެވެ. މަންމަގެ ސޫރަ ލޮލަށް ސިފަވި ހިނދު އޭނަ މި ހުރިހާ އަހަރުތަކެއް ވޭތުވީއިރު ވެސް މަންމަގެ ޙާލު ބަލަން ނުއުޅޭކަން އެނގުންވީ އެވަގުތެވެ. ހަމަ އެއާއެކު މަންމަ ކޮބައިތޯ އޭނަގެ ހިތަށްއެރިއެވެ. މަންމަ އުޅޭނީ ދޮންބައްޕަގެ ތަނަވަސް ގޭގައި ދޮންބައްޕަގެ ކުދިންނާއި އެކީގައޭ ފުރަތަމަ ސިކުންތުގައި ޝަރަފްގެ ހިތަށްއެރިއެވެ. އެހެނަސް އޭނަގެ ސިކުނޑިއަށް ނޭދެވޭ ޚިޔާލުތަކެއް ވެރިވާން ފެށީ އޭނަ އޮސްޓްރޭލިޔާއަށް ފުރި ދުވަސް ހަނދާންވުމުންނެވެ. އެދުވަހާއި ޖެހެންދެން ވެސް މަންމަ ދިޔައީ އޮސްޓްރޭލިޔާއަށް ދިޔުމަށްޓަކައި ދަތުރު ހަދަމުންނެވެ. އެހާ ކުއްލި ގޮތަކަށް މަންމަ ޚިޔާލު ބަދަލުކޮށްލީ ކީއްވެ ހެއްޔެވެ؟ މަންމަ މި ހުރިހާ އަހަރު ވީއިރު އޭނައާއި ޝިނާޒްގެ ޚަބަރެއް ނުބެލީ ކީއްވެ ހެއްޔެވެ؟ ދޮންބައްޕަގެ ފަރާތުން ފަހުން މަންމަގެ އެއްވެސް ޚަބަރެއް ނުލިބުނީ ކީއްވެ ހެއްޔެވެ؟ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކުން އަނެއްކާވެސް ޝަރަފްގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ.
ނުނިމޭ