Noor (Part 23)
“އަފާފް ޝަރަފްދެކެ ލޯބިވޭދޯ؟” ޝަބާ މަޑުމައިތިރި އަޑަކުން އަހާލިއެވެ. އެއާއެކު އަފާފްގެ ހިތް ހުއްޓުމަކަށް އައިސް މުޅި މީހާ ގަނޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ހިތް ބާރަށް ތެޅެން ފެށިތަނާހެން އޭނައާއި ކޮށްލެވުނު ސުވާލާއިމެދު އަފާފަށް ވިސްނާލެވުނެވެ. އެއަށް ދޭނެ ޖަވާބެއް އޭނަގެ ހިތުގެ އަޑިން އައުމުން އޭނައަށް ހިތާހިތުން ހަޅޭއްލަވައިގަނެވުނީ އެކަން ޤަބޫލުކުރަން ބޭނުމެއްނުވުމުންނެވެ.
އަފާފް ޖަވާބެއްނުދީ އިންނަން ފެށިތާ މާ ގިނައިރެއްނުވެ ޝަބާ ލުއި ހީލުމަކުން ހީލި އަޑު އިވުނެވެ. އެއާއެކު އަފާފަށް ޙައިރާންކަމާއެކީ އޭނަގެ މޫނު އެދިމާލަށް އަނބުރާލެވުނެވެ.
“ސުބްޙާނަ ﷲ ޤަބޫލުކުރަންވެސް ދަތި އެބަވޭ! އަހަރެން ހީކުރީ އަހަރެން އެހެން ބުނީމަ އަފާފް ވަގުތުން ނޫނެކޭ ކިޔައި އެއްޗެހި ގޮވައިގަންނާނެކަމަށް. އެކަމަކު އެއްވެސް އެއްޗެކޭ ނުބުނީމަ މިހާރު ޔަޤީންވެއްޖެ. ހެހެ…..ޝަރަފް އައިފަހުން އަފާފްގެ މިޒާޖަށް އައި ބަދަލުތައް އަހަންނަށް ފާހަގަވަމުންދާތާ ވަރަށް ދުވަސްވެއްޖެ. ޝަރަފްގެ ވާހަކަ ދެއްކީމަ އަފޫ އެއަށް ސަމާލުކަން ދީގެން ހުންނަ ގޮތާއި، އެކަމާމެދު އިތުރަށް ސުވާލުކުރާ ގޮތާއި، ބައެއްފަހަރު ޝަރަފްގެ ރަނގަޅުކަމުގެ ވާހަކަ ދެއްކީމަ އަފޫ ލަދުގަންނަ ގޮތާ….ބުރޯ ހާދަ ގިނަ ދުވަހެއްވަންދެން ފޮރުވަން މަސައްކަތް ކޮށްފިޔޭ! އެކަމަކު އަފާފް ޝަރަފްދެކެ ލޯބިވާކަން އެއީ މިހާރު ސިއްރެއްނޫން!” ޝަބާ ހެވިފައި އިނދެ އެހެން ބުނެލުމާއެކު އަފާފަށް ހީވީ އޭނަ ވަރަށް ބޮޑު ކަމެއްގައި ފަޟީޙަތްވީ ހެންނެވެ. އޭނައަށް ވަގުތުން އޭނަގެ ‘ދިފާޢުގައި’ ވާހަކަ ދެކެވުނީ އެހެންވެއެވެ.
“ނޫން! ތިހީކުރެވުނީ ރަނގަޅަކަށް ނޫން! އިޓްސް ޖަސްޓް……މީހަކު ﷲ ގެ ދީނަށް އުޅެންޏާ އަހަންނަށް އެމީހަކަށް ޤަދަރު ކުރެވޭނެ. މިއީ ފިލްމެއްދޯ އަހަންނަށް މީހެއްދެކެ ލޯބިވެވިގެން އޭނައާ ނުލާ ނުއުޅެވޭނެއޭ ކިޔައިގެން އުޅެން؟ ޕްލީޒް! އައި އޭމް ނޮޓް ސޯ ޕެތެޓިކް!” އަފާފް އޭނަގެ އަޑުގައި ސާބިތުކަމެއް އެކުލެވޭތޯ މަސައްކަތް ކުރީ، އޭނަގެ ހިތުގައި ޝަރަފަށްޓަކައި އިޙްޞާޞްތަކެއް ނުވާކަން އެހެން އެއްވެސް މީހަކަށްވުރެ ބޮޑަށް އޭނަގެ އަމިއްލަ ނަފްސަށް ވިސްނައިދިނުމަށެވެ. މިއަދު އޭނަގެ ޙާލަތު ހުރިގޮތުން އެފަދަ ގޮތަކަށް މީހަކަށްޓަކައި އިޙްޞާޞްތަކެއް އޮތުމުން އެއިން އޭނައަށް އިތުރު ހިތްދަތިކަމެއް ނޫނީ ނުލިބޭނެކަމަށްބުނެ ހިތުގެ ކަނަކުން އިންޒާރެއް ދެމުން ދިޔައީތީވެއެވެ.
“އޯ ރިއަލީ؟ އެހެންވެއްޖެއްޔާ މިއަދުވެސް ޝަރަފްގެ ކައިވެނި އެހެން މީހަކާ ހަމަޖެހިއްޖެޔޭ އަހަރެން ބުނެފިނަމަ އަފާފް ދެރައެއްނުވާނެތަ؟” ޝަބާ ކަމެއް ސާބިތު ކޮށްދޭން އުޅޭ ފަދައަކުން ސީރިއަސްކަމާއެކީ ސުވާލެއް ކޮށްލިއެވެ. އެއާއެކު އަފާފްގެ ހިތަށް ދުވަހަކުވެސް އުނދަގޫ ނުވާވަރަށް އުނދަގޫވިއެވެ. ޝަރަފްގެ އެހެން މީހަކާ ގުޅުމުގެ ޚިޔާލުވެސްވެގެން ދިޔައީ އޭނައަށް ކުރަން ދަތި ޚިޔާލަކަށެވެ. އެއީ ޙަޤީޤަތެއްނޫންކަން އޭނައަށް ޔަޤީންކޮށްދިނުމަށް އެދި ޝަބާގާތު އާދޭސްކުރަން ހިތް އެދުނެވެ. އެހެނަސް ކޮންމެ ގޮތެއްވިޔަސް ކަންތައްވެގެން ދާނީ އެހެންނޫންތޯ އޭނަގެ ހިތަށްއެރިއެވެ. މިއަދު ނޫނިއްޔާ ކޮންމެވެސް އެހެން ދުވަހަކުން ޝަރަފް ހަމަ ގައިމުވެސް އިންނާނީ އޭނަ ނޫން މީހަކާއެވެ. މުޅި ޢުމުރަށް ބުރައަކަށްވާނެ މީހަކާއެކީ މުޅި ދިރިއުޅުން ވޭތުކުރަން ޝަރަފްވެސް ބޭނުމެއްނުވާނެ ނޫންހެއްޔެވެ؟ އޭނަ ކިތަންމެ ޤަބޫލުކުރަން ބޭނުމެއްނުވިޔަސް ޙަޤީޤަތަކީ އެއީއެވެ. ހިތަށް ވެރިވި އެ ޚިޔާލުން އަފާފްގެ ލޮލަށް ކަރުނަތައް ޖަމާވެ އޭނަގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވިއެވެ. އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައި މަންޒަރު ފެނިފައި ޝަބާއަށް ވާހަކަ ދެކެވުނެވެ.
“ހޭއި! އައިމް ސޮރީ……އަހަރެން ހަމަ އަސްލުވެސް އަފޫ ރޮއްވާލާކަށް ނޫން އެހެން ބުނީ. ހުއްޓާލާ އަވަހަށް. އަދި ޝަރަފްގެ ކައިވެންޏެއް ހަމަނުޖެހޭ. ހެހެ….މިހާރު އަފޫއަށް ވެސް އެބަ އިނގޭ ދޯ އަހަރެން މި ދައްކާ ވާހަކައިގެ ތެދުކަން؟ ޝަރަފްއާ ކުޑަކޮށް ވާހަކަ ދައްކާލާނަން މިއަދު އަފާފްއާ ބެހޭގޮތުން. އޭރުން މާ ޝާ ﷲ ޝަރަފްއަށް ވެސް ރަނގަޅު ޙަޔާތުގެ ބައިވެރިއެއް ލިބިގެންދާނެ! އައިމް ސޯ އެކްސައިޓެޑް!” ޝަބާ އަފާފްގެ ކަރުނަތައް ފޮހެދީފައި އެންމެފަހުން ނުހަނު ޖޯޝާއެކީ ބުނެލިއެވެ. އެހެނަސް އޭނަގެ އެ ވާހަކަ ނިމުނުތަނާހެން އަފާފް ބޯހޫރުވާލަމުން ނޫނެކޭ ބުނުމުން ޝަބާގެ ހިނިތުންވުން ފަނޑުވިއެވެ. އޭނައަށް ވަގުތުން އެއީ ކީއްވެތޯ އަހާލެވުނެވެ.
“އަހަރެން ބޭނުމެއްނޫން ޝަރަފްއަށް ބުރައަކަށްވާކަށް. އަހަރެން ޝަރަފްއާ އިންނަން ބޭނުންވާ ވާހަކަ ބުނީމަ އޭނަ ފަހަރެއްގަ ނޫނެކޭ ބުނަން ޖެހިލުންވެގެން ވެސް އެއްބަސްވެދާނެ. އަހަރެން މި ހުރިހާ ދުވަހު އޭނައަށް އުނގަންނައިދިން ޢިލްމެއްގެ ސަބަބުންނާ އަހަރެން ޞާލިޙު އަންހެނެއްގެ ގޮތުގައި އޭނައަށް ފެންނާތީ ނޫނެކޭ ބުނެގެން އޭނައަށް ކުރެވޭނީ ގޯސްކަމެއްހެން އޭނައަށް ހީވެދާނެ. ހެޔޮ ނިޔަތެއްގައި ވެސް އަހަންނާ އިނދެގެން ޝަރަފްގެ ދިރިއުޅުން ބަރުބާދުވެގެން ދާކަށް އަހަރެން ބޭނުމެއްނޫން. އޭނައަށް ވެސް ޙައްޤުވެގެންވޭ އޭނަ ރަނގަޅަށް ބެލެހެއްޓޭނެ އޭނައަށް ކަމުދާ ކުއްޖަކު އޭނަގެ ޙަޔާތުގެ ބައިވެރިއަކަށްވުމަށް. އަހަންނަކީ އެކަހަލަ މީހެއްނޫން.” އަފާފަށް އޭނަގެ ފަހު ޖުމްލަ ބުނެލެވުނީ ކުރެހިފައިވާ އަޑަކުންނެވެ. އަފާފްގެ ހިތާމަ ތަޞައްވުރު ކުރެވުމުން ޝަބާގެ މޫނުމައްޗަށް ވެސް މާޔޫސްކަމެއް ވެރިވިއެވެ. އަފާފް އެ ދެއްކި ވާހަކަތައް ޙަޤީޤަތަކަށްވުން ގާތްކަމަށް ހިތްބުނި ހިނދު އޭނައަށް އިތުރަށް ހިތާމަ ކުރެވުނެވެ. ޝަރަފަށް އަފާފް ކަމުދާނެކަމާމެދު ޚުދު އޭނައަށް ވެސް ޔަޤީންކަމެއް ދެވެން ނެތްއިރު އެފަދަ ވާހަކައެއް ދެކެވުނީތީ އޭނަގެ އަމިއްލަ ނަފްސު ޝަބާއަށް ކުށްވެރި ކުރެވުނެވެ. އެހެނަސް އޭނަ އަދިވެސް އެއްފަހަރު އަފާފްގެ ކަރުނަތައް ފޮހެލަދީފައި ﷲ މެދުވެރިކުރައްވާނީ އެންމެ ރަނގަޅު ގޮތްކަމަށް ބުނެ ހިތްވަރު ލައިދިނެވެ. އޭނަ އެ ބަސްތައް ބުނެލީ ދެންވެސް ޝަރަފާއި މި ވާހަކަ ޙިއްޞާކުރަން ނިންމަމުންނެވެ.
މުޅި އެރޭ ޝަބާ ހޭދަކުރީ ޝަރަފާއި އެ ވާހަކަތައް ޙިއްޞާކުރާނެ ގޮތަކާއިމެދު ވިސްނުމުގައެވެ. އޭނަ ކޮންމެ ގޮތެއް ހަދައިގެން ވެސް ޝަރަފަށް އަފާފް ކަމުދާނެ ގޮތެއް ހަދަން ބޭނުންވިއެވެ. މިގޮތުން އެފަދަ އިޙްޞާޞްތައް ޝަރަފްގެ ހިތުގައި އުތުރި އެރުވުމަށްޓަކައި އޭނަގެ ބަސްތައް އަތުރާނެ ގޮތާއިމެދު ވެސް ޝަބާ ވިސްނިއެވެ. ޝަބާއަށް ނޭނގުނު ކަމަކީ އޭނަ އެހާ ބުރަ މަސައްކަތުން ޝަރަފްގެ ހިތުގައި ‘އުފަންކުރަން’ މި އުޅޭ އިޙްޞާޞްތަކަކީ އެތައް ޒަމާނެއް ވަންދެން އެ ހިތުގައި އަށަގެންފައިވި އިޙްޞާޞްތަކެއްކަމެވެ. އެކަން ކުރުމަށްޓަކައި އޭނަ ކެތްމަދުވެފައިވިއެއްކަމަކު އާހިލްއާ ބައްޕަގެ ސަބަބުން ޝަބާއަށް ޝަރަފާއި ވަކިން ވާހަކަ ދެއްކުމުގެ ފުރުޞަތެއް އެރެއަކު ނުލިބުނެވެ. އެހެންކަމުން އޭގެ އަނެއްދުވަހު ޝަރަފާއި ވާހަކަ ދައްކަން ޝަބާ ނިންމިއެވެ.
ޝަބާއަށް ހަމަޖެހިލައިގެން ޝަރަފާއި ވާހަކަ ދެއްކުމުގެ ފުރުޞަތެއް ލިބުނީ އޭގެ އަނެއްދުވަހު 6 ޖަހައި މިނެޓްތަކެއް ހިނގި ފަހުން ޝަރަފް މިސްކިތުން ގެއަށް އައުމުންނެވެ. އެވަގުތު އާހިލްއާއި ބައްޕަވެސް ފަތިސް ނަމާދަށްފަހު ނިދިފައިވުމުން ޝަބާ ފުރުޞަތުގެ ބޭނުން ހިފިއެވެ. ޝަރަފަށާއި އޭނައަށް ކޮފީ ތަށްޓެއް ހަދައިގެން ގޮސް އޭނަ ޝަރަފާއި އެކީގައި ކާ މޭޒުދޮށުގައި އިށީނެވެ. އަދި އިންޓަވިއުގެ ވާހަކައިން ފަށައި ވާހަކަތަކެއްގެ ސިލްސިލާއެއް އަޅުވާލިއެވެ. އެއަށްފަހު މިނެޓްތަކެއްފަހުން އޭނަ ދައްކަން އުޅޭ ވާހަކައާ ގުޅޭ ސުވާލެއްކޮށްލިއެވެ.
“ދެން އެހެންވީމަ ޝަރަފަށް ވެސް މިހާރު ތިހިރީ ޖޮބެއް ލިބިފަ. ދެން ޝިނާޒްހެން ހަމަ މީހަކާ އިންނަންވީއެއްނު؟” ޝަބާ ނޫންކަމަށް ހަދާފައި އަހާލިއެވެ. އޭނަގެ އެ ސުވާލުން ޝަރަފަށް އިސްޖަހާލަމުން ހީލެވުނެވެ. ހަމަ ޙަޤީޤަތުގައި ދޮންތަ އެ ބުނި ކަން ކުރުމުގެ ވަގުތު އައިސްފިކަމަށް އެވަގުތު ޝަރަފްގެ ހިތް ބުންޏެވެ. އެހެނަސް އަފާފްގެ ނަން ހިތަށްވެރިވުމުން ވެސް އޭނަ ޖެހިލުންވަމުން ދިޔައެވެ. އަފާފަށް އޭނަ ކަމުދާނެކަމުގެ އެއްވެސް ޔަޤީންކަމެއް އެ ހިތުގައި ނެތެވެ. އޭނަގެ އެ އިޙްޞާޞާއި ގުޅޭ ސުވާލެއް އޭނައަށް ކޮށްލެވުނީ އެހެންވެއެވެ.
“ކާކު އަހަރެން ކަހަލަ ބޭކާރު މީހަކާ އިންނާނީ؟ އެއްވެސް ފައިސާއެއް ރައްކާކުރެވިފަ ނެތްއިރު ޖިފުޓިގަނޑެއްގެ ތެރޭގަތަ ދިރިއުޅުމެއް ފަށާނީ؟” އަފާފްގެ ތަނަވަސް ދިރިއުޅުން ސިފަކޮށްލަމުން ޝަރަފް ސަމާސާވެރި ރާގަކަށް އަހާލިއެވެ. ޝަބާ ޗޮއްކަނޑާލިއެވެ.
“މިހާރު ފައިސާ ނުލިބިފައެއްނެތެއްނު ޝަރަފް؟ އެހެންނޫނަސް ކައިވެންޏެއްގެ ސަބަބުން ރިޒުޤުގައި ބަރަކާތް ލައްވާ ފަރާތަކީ ހަމައެކަނި ﷲ. ރިޒުޤު ހޯދަން އެކަލާނގެ ރުހިވޮޑިގެންވާފަދަ ގޮތަކަށް މަސައްކަތް ކުރާކަމަށްވާނަމަ އެކަމާމެދު ކަންބޮޑުވާކަށް ޝަރަފް ނުޖެހޭ. ނިކަން ވިސްނާލަބަލަ ޝަރަފް. ޝަރަފަށްޓަކައި ދުނިޔެއާއި އާޚިރަތުގައި ވެސް ވީހާ އުފަލެއް އެދޭ ރަނގަޅު ކުއްޖަކު ޝަރަފްގެ ޙަޔާތަށް އައިސްފިނަމަ ޝަރަފް ކިހާ އުފާވާނެތަ؟” ޝަބާ އަހާލިއެވެ. އޭނަގެ އެ ސުވާލު އިވުނުތަނާހެން ޝަރަފްގެ ލޮލަށް ސިފަވެގެން ދިޔައީ އާދައިގެ މަތިން އަފާފްގެ ސޫރައެވެ. އޭނައަށް އެއްދިމާލަކަށް ބަލަން އިނދެ ހިނިތުންވެލެވުނީ އެހެންވެއެވެ. ޝަބާއަށް އެ މޫނަށް ފަރުވާތެރިކަމާއެކީ ބެލުނެވެ. ޝަރަފަށް އަނެއްކާ ކުއްޖަކު ދެކެ ލޯބިވެވިފައިވަނީބާއޭ ހިތަށްއެރިއެވެ. ޝަބާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ޝަރަފް ވާހަކަ ދެއްކިއެވެ.
“ރަނގަޅު ކުދިން ތިބިކަން އަހަރެން ވެސް ޤަބޫލުކުރަން. އެކަމަކު އޭގެ ތެރެއިން ކުއްޖަކަށް އަހަރެން ކަމުދާކަމެއް އަހަންނަށް ނޭނގޭ.” ޝަރަފް އެ އިން ގޮތަށް އިނދެ ބުނެލިއެވެ. އެއާއެކު ޝަބާގެ މޫނުމައްޗަށް ވެރިވީ އިއްޔެ އޮފީހުގައި އަފާފްގެ މޫނަށް ބަލަން އިންއިރު އެ މޫނުމައްޗަށް ވެރިވި ފަދަ ޙައިރާންކަމުގެ ހިނިތުންވުމެކެވެ. ޝަރަފަށް އެނގޭނީ އަފާފް ނޫން ދެން ކޮން ‘ރަނގަޅު’ ކުއްޖެއްތޯ ހިތަށްއެރި ވަގުތު ޝަބާއަށް ކެތްމަދުވެފައި ވާހަކަ ދެކެވުނެވެ.
“ރަނގަޅު ކުދިންގެ ތެރޭގަ ޝަރަފް ކަމުދާ ވަރަށް ޚާއްޞަ ކުއްޖެއް އެބައުޅޭ ޝަރަފް. ޝަރަފްދެކެ ވަރަށް ލޯބިވާ ކުއްޖެއް އެއީ. ޝަރަފްގެ އުފަލަށްޓަކައި އަމިއްލަ އުފާތައްވެސް ޤުރުބާންކުރަން ތައްޔާރަށް ހުރި ކުއްޖެއް.” ޝަބާ އެހެން ބުނެ ހިމޭންވެލީ ޝަރަފަށް ވާ ގޮތް ދެކިލުމަށްޓަކައެވެ. ޝަރަފް ކުއްލި ގޮތަކަށް އިސްއުފުލާލިއިރު އެ މޫނުމަތިން ފެނުނީ ޙައިރާންކަމެކެވެ. އެވަގުތު އޭނަގެ ހިތް މޭތެރޭގައި އޮވެ އާދަޔާ ޚިލާފު ގޮތަކަށް ތެޅިލީ އޭނައަށް ހީވި ހީވުމެއްގެ ސަބަބުންނެވެ. އެއްޗެކޭ ނުބުނެ ދޮންތަ އިތުރަށް ދައްކާނެ ވާހަކައަކަށް ޝަރަފަށް އިންތިޒާރު ކުރެވުނެވެ.
“އެކަމަކު ދެރަކަމަކީ އެކުއްޖާގެ ކިބައިގަ އެކުއްޖާއަށް ބަދަލު ނުކުރެވޭނެފަދަ އުނިކަމެއް ހުރުން……އެއީ ލޮލަށް ނުފެންނަ ކުއްޖެއް.” ޝަބާ ޝަރަފާއި ހަތަރުކަޅި ހަމަކޮށްގެން އިނދެ ބުނެލި ވާހަކައިން ޝަރަފްގެ ދެލޯ ބޮޑުވިއެވެ. އެ ހިނދު ދޮންތަ ކުރިން ބުނި ބަސްތައް އޭނަގެ ސިކުނޑީގައި ގުގުމައިގެން ދިޔަދިޔަހެން ދޮންތަ އެ ދައްކަނީ ކާކުގެ ވާހަކަކަން އޭނައަށް ނަގައިގަނެވުނެވެ. އޭނައަށް ވައިއަޑުން އަފާފްގެ ނަން ކިޔާލެވުނު ވަގުތު އަފާފް ހަމަ ޙަޤީޤަތުގައި ވެސް އޭނަދެކެ ލޯބިވަނީތޯ ޝަރަފްގެ ހިތަށްއެރިއެވެ. އެހެނަސް ހާދަ ޤަބޫލުކުރަން ދައްޗެވެ. އޭނަގެ ހިތުގައި އަފާފަށްޓަކައިވި އިޙްޞާޞް އޭނައަށް ހާމަކުރަން އުޅޭތާ މިއީ ކިހާ ދުވަހެއް ހެއްޔެވެ؟ އަފާފް ހަމައެކަނި އޭނަގެ މީހަކަށް ހެދުމުގެ ހުވަފެންތަކުގައި ވޭތުވީ ކިތައް ރޭ ހެއްޔެވެ؟ އެހާ ގިނަ ދުވަސް އެގޮތުގައި ވޭތުވުމުން އޭނައާއި އަފާފް ގުޅުމަކީ ދުވަހަކުވެސް ނުވާނެކަމެއްކަމަށް އޭނަ ހީކުރިއެވެ. އެހެނަސް މިއަދު މިއޮތީ އޭނަ ނުވާނެކަމަށް ހީކުރިކަން ވެ ނިމިފައެވެ. މިއީ ވެސް ހަމައެކަނި ﷲ ގެ އިރާދަފުޅުންވީ ކަމެއްކަން އެނގުންވީ ހިނދު އޭނައަށް ހިތާހިތުން ޙަމްދުކޮށްލެވުނެވެ. އެހެނަސް އުފާވެރި އެ ވަގުތުކޮޅުގައި ދޮންތަ އަފާފްގެ ޙާލަތު ބަޔާންކޮށްދޭން ފެށުމުން ޝަރަފްގެ މޫނުމަތީގެ އުޖާލާކަން ގެއްލުނެވެ. އަފާފް އޭނައަށް ބުރައަކަށް ވެދާނެހެން އަފާފަށް ހީވާ ވާހަކަ ބުނި ހިނދު އޭނަގެ ހިތް ތޫނު އެއްޗަކުން ތޮރުފައިގެން ދިޔަހެން އޭނައަށް ހީވިއެވެ. އޭނަ ވަގުތުން ގޮސް އޭނަ އަފާފަށް އަޅާލާން ބޭނުންވާ މިންވަރު އަފާފަށް އަންގަދޭން ބޭނުންވިއެވެ. އަފާފަކީ ނުކުޅެދުންތެރިއެއްކަމަށްބުނެ އޭނަ ދޫކުރި ފިރިހެން މީހާގެ ވާހަކަ ކިޔައިދިންއިރު ޝަރަފްގެ ދަތްކުނޑި ވިކުނެވެ. އެހެން މީހަކު އަފާފް ދޫކޮށްލިޔަސް އޭނަ އަފާފް ދޫނުކުރާނެކަން ޝަރަފް ސާބިތުކޮށްދޭން ބޭނުންވިއެވެ. އޭނަ ހަމަ އެވަގުތު ގޮނޑިން ތެދުވެލީ އަފާފްމެންގެ ގެއަށް ދިޔުމަށެވެ. އެހެނަސް މިއީ ކައިވެންޏެއްގެ ވާހަކަ ދައްކަން ރަނގަޅުވާނެ ވަގުތެއްނޫންކަމަށް ބުނެ ދޮންތަ އޭނައަށް ވިސްނައިދިނުމުން އެރޭގެ ވަގުތެއްގައި އޭނަގެ މުޅި ޙަޔާތް ބަދަލުކޮށްލާނެ އެ ދަތުރު ކުރަން ޝަރަފް ނިންމިއެވެ.
އެދުވަހުގެ އެ ވަގުތު ދޮންތަ ކިޔައިދިން އެ ވާހަކަތަކަކީ އޭނައަށް ލިބުނު ބޮޑު ނިޢުމަތެއްކަމަށް ޝަރަފް ހީކުރިއެވެ. ވާނީވެސް އެހެންތާއެވެ. އެ ވާހަކަތަކަށްފަހު އޭނަގެ ހިތަށް އުފާވެރިކަމާއި ސާބިތުކަމެއް ނޫނީ ނުލިބެއެވެ. އެހެނަސް އޭނައާއި އޭނަގެ އެ އުފާވެރިކަމުގެ ދެމެދަށް ޚުދު އޭނަގެ އަމިއްލަ އަތުން ކުރެވިފައިވާ ކަމެއް އައިސްދާނެކަން އޭނަގެ ހަނދާނުން ކައްސާލާފައިވިއެވެ. އަދި އޭނަގެ އެ ކުށުގެ ބޭނުން މިއަދު އޭނަގެ ވެސް ދުޝްމިނުންނަށްވެފައިވާ އަފާފްގެ ދުޝްމިނުން އެންމެ ރަނގަޅު ގޮތުގައި ހިފާނެކަން ޝަރަފަށް ރޭކާވެސް ނުލައެވެ.
**
“އޭނަ އުޅެނީ މީހަކާ އިންނަން. މިއަދު އޭނަގެ ބައްޕަ އެ ފިރިހެން ކުއްޖާއަށް މެންދުރުގެ ކެއުމަށް ދަޢުވަތު ދިން ވާހަކަ އެތަންގަނޑުގެ މީހުން އެބަ ދައްކާ.” އެ ވާހަކަ ބުނެލީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ތެރެއިން ފޯނުން ވާހަކަ ދައްކަމުން، އޭނަގެ ފޮށި ދަމަމުން ޗެކް އިން ވުމަށްޓަކައި ލަގެޖް ބެލްޓާއި ދިމާލަށް ދިޔަ އަންހެން ކުއްޖެކެވެ. އެ ހިމަތޮޅި ހަށިގަނޑެއް ލިބިފައިވި އަންހެން ކުއްޖާގެ ފަންކޮށްފައިވާ އިސްތަށިގަނޑުގެ އެކި ދިމަދިމާލުގައި އަލި މުށި ކުލައެއް ޖައްސާލެވިފައިވިއެވެ. ކަކުލާއި ހަމައަށް އޮތް ގަޔަށް ހިފިފައި އޮތް ތިރިއަކާއި އެއާއެކީ ބެގީކޮށްފައި ހުރި ގަމީހެއްގައި އެކުއްޖާ ފެންނަމުން ދިޔައީ ރަސްމީ ގޮތަކަށެވެ. އިސްތަށިގަނޑުން އެ މޫނަށް ފަރުދާ އެޅިފައިވީއިރު އެއީ ކާކުކަން ނަގައިގަންނާކަށް ނޭނގެއެވެ.
“އެއްގޮތަކަށް ވެސް ތިކަން ވިޔަ ދީގެން ނުވާނެ! ކާކާ އިންނަން އުޅެނީ؟ އެމީހަކު އޭނަ ކައިރިއަށް ދިޔުމުގެ ކުރިން އެމީހެއްގެ ބޮލަށް ވަންނަން ޖެހޭނީ. އެހެންނޫނީ އަހަރުމެންނަށް އިތުރު ތުރާލަކަށްނޫނީ ނުވާނެ.” ފޯނުގެ އެ ފަރާތުން ވާހަކަ ދެއްކީ ރުޅި އައިސްފައިހުރި ޒުވާނެކެވެ.
“މި ކައިވެނި ހުއްޓުވުމަކީ އެހާ އުނދަގޫ ކަމަކަށް ނުވާނެ. އޭނަ އިންނަން އުޅެނީ ޝަރަފްއާ. ޝަރަފްއަށް ކުރެވުނު ކުށުގެ ވާހަކަ ބިންތު ޢައްމާރުގެ ޢާއިލާއާ ހަމައަށް ފޯރީމަ މި ކައިވެންޏަކީ ދުވަހެއްގެ ކޮޅުން ވެސް ވާނެ ކަމެއްނޫން. އެހެންވީމަ އެ ޚަބަރު ހިފައިގެންދާނެ މީހަކު ހުރުމުން އެ ނިމުނީ. އަހަރެން އޯލްރެޑީ މީހަކު ހަމަޖައްސާފަ ފުރަން މި އުޅެނީވެސް.” އަންހެން ކުއްޖާ އޭނަގެ ފޮށި ބެލްޓު މަތީގައި ބާއްވަމުން ބުނެލިއެވެ.
“ބްރިލިއެންޓް! ލަވް ޔޫ ފައި! މިހާރު ބޮސްގެ ކުރިމަތީގަ އަހަރެން އަގެއް ހުރި މީހަކަށްވެފަ މިހިރީ ފައިގެ ސަބަބުން.” އެކޮޅުން އެހެން ބުނެލި އަޑަށް އަންހެން ކުއްޖާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެ ހިނދު އެކުއްޖާ އޭނަގެ އިސްތަށިގަނޑު ކަންފަތުގައި އަޅުވާލުމުން އޭނަގެ ސޫރަ ކަޝްފުވިއެވެ. އާނއެކެވެ. އެއީ ބުރުގާ ބޭލުމަށްފަހު އޭނަގެ މުޅި އުޅުން ބަދަލުކޮށްލި ފައިހާއެވެ.
“އެނީތިންގް ފޯ ޔޫ!” ފައިހާ ފުންވެގެން ދިޔަ ނުލަފާ ހިނިތުންވުމަކާއެކީ ބުނެލިއެވެ.
**
އެ ހުކުރު ދުވަހުގެ ހެނދުނު 11 ޖަހަން ގާތްވެފައިވަނިކޮށް ޝާދިޔާ ގޭގެ ބަދިގޭގައި މަސައްކަތް ކުރަން އުޅޭ ބޭރު އަންހެން މީހާއަށް ކެއްކުމުގައި އެހީވަމުން ދިޔައީ އެދުވަހު މެންދުރު އަންނަން އުޅޭ މެހުމާނަށްޓަކައެވެ. އެ މެހުމާނަށް މިއަދު ކުއްލިއަކަށް ދަޢުވަތު އެރުވިގެން ދިޔުމުގެ ފަހަތުގައިވި ސަބަބަކަށްވީ އިއްޔެ އަފާފް އޮފީހުން ގެއަށް އައިއިރު އެ މޫނުމަތިން ފެނުނު މާޔޫސްކަމެވެ. އެކަމާމެދު އެތައް ސުވާލެއް ކުރުމުން ވެސް އަފާފްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ. އޭނަ މުޅި އެރޭ އިނީ ހިމޭންވެފައެވެ. އެހެނަސް އިންޓަވިއުގައި އެންމެ ރަނގަޅީ ކާކުތޯ ސުވާލުކުރުމުން އަފާފަށް ތަފްޞީލުކޮށް ޝަރަފްގެ ރަނގަޅު ވާހަކަތައް ކިޔައިދެވުނު ގޮތުން ހުސެއިނާއި ޝާދިޔާއަށް ކަމެއް ދޭހަ ކުރެވުނެވެ. އަދި އަފާފްގެ މާޔޫސްކަމުގެ ފަހަތުގައިވީ އޭނައަށް ކަމުދާ މީހަކު ހުރެފައިވެސް އެމީހަކާއި ނުގުޅި ހުރުން ކަމަށް އެމީހުންނަށް ނިންމުނެވެ. ވަކިން ޚާއްޞަކޮށް އަފާފް އޮފީހަށް ދިޔަ ދުވަހު އެ އޮފީހުގެ އެހެން އަންހެން ކުއްޖެއްގެ ކައިވެނީގެ ވާހަކަ އިވުމުން ކަމަށް އެމީހުން ނިންމިއެވެ. އަފާފަށް ‘ސަޕްރައިޒެއް’ ދިނުމުގެ ގޮތުން އެމީހުން އަފާފަށް އެންގުމެއްވެސް ނެތި ޝަރަފަށް މެންދުރުގެ ކެއުމަށް ދަޢުވަތު އެރުވީ އެހެންވެއެވެ. ޝަރަފް އައުމުންނާއި ޝަރަފާއި އަފާފްގެ ކައިވެނީގެ ވާހަކަ ދެއްކުމުން އަފާފްގެ އުފާވެރިކަން ދެގުނަ ވާނެކަމުގެ އުއްމީދުގައެވެ. އެ އުއްމީދުގައި ޝާދިޔާއަށް ބަދިގެތެރޭގެ މަސައްކަތުގައި ހުރެވުނީ ވެސް ހިނިތުންވުމެއްގައެވެ. ބަދިގޭގެ ދޮރު ކައިރިން ހުސެއިން ގޮވާލުމުން ޝާދިޔާއަށް އެ ދިމާލަށް ބަލާލެވުނީވެސް ހުރިހާ ދަތްތައް ދައްކައިގެންނެވެ.
“ދަނީ އިނގޭ މިސްކިތަށް؟” ހުސެއިން ބުނެލިއެވެ.
“އާނ…..ގޮއްސަ އަވަހަށް އަހަރުމެންގެ ދަނބިދަރި ގޮވައިގެން އާދޭ. އަފާފް ކައިރި ބުނާހިތުން އަހަންނަށް ހުރެވެނީއެއްވެސް ނޫނޭ!” ޝާދިޔާ އުފަލާއެކީ އެހެން ބުނެލުމުން ހުސެއިނަށް ވެސް ހީލެވުނެވެ. އެއަށްފަހު އޭނަ ވެސް ގެއިން ނިކުމެގެން ދިޔައީ އޭނަގެ ދަރިފުޅުގެ ޙަޔާތަށް އަންނާނެ އުފާވެރި ދުވަސްތަކެއްގެ ފެށުމަށްޓަކައި ކެތްމަދުވެފައިވާ ހިތަކާއި އެކީގައެވެ.
ހުސެއިން ދިޔަތާ މާ ގިނައިރެއްނުވެ ގޭގެ ބެލް ޖަހާލި އަޑުއިވުނެވެ. ޝާދިޔާ އޭނަގެ މަސައްކަތް ހުއްޓާލާފައި ދޮރު ހުޅުވަން ދިޔައީ ހިސާބެއްގެ ނުރުހުންތެރިކަމަކާއި އެކީގައެވެ. އޭނަ ގޮސް ދޮރު ހުޅުވާލުމާއެކު ދޮރު މަތީގައި ތިބި ދެ އަންހެނުން އޭނައަށް ފެނުނެވެ. އޭގެ ތެރެއިން އެއް އަންހެނަކީ ޝާދިޔާގެ އަވަށްޓެރި ގޭގައި އުޅޭ ނަސީމާއަށްވެފައި އަނެއް އަންހެނަކީ ފެޝަން ގޮތަކަށް ހުރި ޝާދިޔާ ނުދަންނަ މީހެކެވެ. އެ އަވަދިނެތް ވަގުތުގައި ޝާދިޔާ ވަގުތުން އެމީހުން ފޮނުވާލަން ބޭނުންވިއެވެ. އެހެނަސް ނަސީމާ، މިއީ އޮސްޓްރޭލިޔާއިން އެތައް ދުވަހެއްފަހުން އައި އޭނަގެ ގާތް ތިމާގެ މީހެއްކަމަށް ބުނެ ދޫނުކުރުމުން ޝާދިޔާ އެންމެ ފަހުން އެމީހުން ވައްދައި ސައި ތައްޔާރުކޮށް އެމީހުންނާއެކީ އިށީނެވެ. އެކިއެކި ވާހަކަތައް ދައްކަމުން ގޮސް ނަސީމާ މިގޭގެ ހުރި ހަމައެކަނި ދަރިފުޅު އަފާފް ލޯ އަނދިރިވެގެން އުޅޭ ވާހަކަ އެ ބީރައްޓެހި އަންހެން މީހާއާއި ހިއްސާ ކުރުމުން ޝާދިޔާ ނުރުހުންވާގޮތް ވިއެވެ. ނަސީމާ ކުރުނުކޮށް އަފާފް އަނދިރިވީ އޮސްޓްރޭލިޔާގައި ދިމާވި ޙާދިސާއެއްގައި ކަމަށްބުނެ ކިޔައިދޭން ފެށުމުން ޝާދިޔާ އައި ރުޅީގައި ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. އެހެނަސް ހަމަ އެވަގުތު އެ ނުދަންނަ އަންހެން މީހާ ވާހަކަ ދައްކަން ފެށުމުން ޝާދިޔާއަށް އަޑުއަހަން އިނދެވުނެވެ.
“އޭ! ތި މާރާމާރީއެއް ހިނގިއިރު މަވެސް އެތާނގަ ހުރީމޭ. މަ ދުށިން ކޮންމެވެސް ފިރިހެނަކު އަފާފާއި ދިމާލަށް އެއްޗެއް އުކިތަން. ކޮންމެވެސް ދިވެހި ފިރިހެން ކުއްޖެއް އެއީ.” އަންހެން މީހާ ދެއްކި ވާހަކައިން ޝާދިޔާއަށް އޭނަގެ ހުރިހާ ސަމާލުކަމެއް އެ ވާހަކައަށް ދެވުނެވެ. މި ހުރިހާ ދުވަސްވީއިރު ވެސް އަފާފްގެ ލޯ އަނދިރިވެފައިވާނީ އެމީހުންގެ އަތުގައި ނުޖެހޭނެ ބޭރު މީހެއްގެ އަތުން ކަމަށް އޭނައާއި ހުސެއިނަށް ހީވެފައި އޮތެވެ. އެ މުޖުރިމަކަށް ކިތަންމެ ރުޅި އައެއްކަމަކު އޭނަ ހޯދަން މަސައްކަތް ނުކުރީ އެ މާރާމާރީގެ ފަހަތުގައިވި އެންމެންނަށް އޮސްޓްރޭލިޔާގެ ފުލުހުން އަދަބު ދިން ކަމަށް ހުސެއިނަށް އިވިފައިވީތީވެއެވެ. އެހެނަސް މިވަގުތު މި އިވުނު ވާހަކައިން އެމީހަކަށް އަދަބު ލިބިފައިވިޔަސް އެމީހަކު ދެނެގަންނަން ޝާދިޔާ ޝައުޤުވެރިވިއެވެ.
“އެއީ ކާކު؟” އޭނައަށް އަހާލެވުނެވެ.
“އެއީ އެއްކަލަ މޮޑެލް ކުރާ ކުއްޖާ. ޝަރަފް ޢައްބާސް.” އެ އަންހެން މީހާ ބުނެލި ވާހަކައިން ޝާދިޔާއަށް އަމިއްލަ ކަންފަތަށް ވެސް އިތުބާރެއް ނުކުރެވުނެވެ. އޭނަ ވަގުތުން އެއީ ނުއިވޭ ވާހަކައަކަށް ހަދަން ބޭނުންވިއެވެ. އެހެނަސް ނަސީމާ ތަކުރާރުކޮށް އެ ނަން ކިޔާލުމުން ޝާދިޔާގެ ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. އޭނަ އިންގޮތަށް އިންދާ ނަސީމާ ދެން ދަނީއޭ ބުނެ އޭނަގެ އެކުވެރިޔާއާއި އެއްކޮށް ގެއިން ނިކުމެގެން ދިޔައެވެ. ޝާދިޔާއަށް އޭނަ އިން ސޯފާއަށް ލެނގިލަމުން އެ އިވުނު ވާހަކަތަކާމެދު ވިސްނާލެވުނެވެ. އޭނައަށް މި އިވުނީ ތެދު ވާހަކަތަކެއްބާއޭ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ޝާދިޔާގެ ހިތް ނޫނެކޭ ހަރުއަޑުން ބުނެލީ ނަސީމާއަކީ އަބަދުވެސް އޭނަ ނުރުހުންވާ މީހަކަށް ވާތީވެއެވެ. އެހެނީ ނަސީމާއަކީ އަބަދުވެސް އެމީހުންނަށް ޙަސަދަވެރިވެގެން އުޅޭ އަންހެނަކަށްވާތީވެއެވެ. އަދި މި ޢާއިލާއަށް ހެވެއް ލިބޭނަމަ އެ ހެވަކުން މަޙްރޫމްކުރަން އަތުކުރި އޮޅާލައިގެން ހުންނަ މީހަކަށްވާތީވެއެވެ. މި ހުރިހާ ޚިޔާލުތަކާއ އެކީގައި އެހެންނޫނަސް ނަސީމާގެ އެ އެކުވެރިއަކަށް ހަމަ އެ މާރާމާރީ ފެނިފައިވާނީ ކިހިނަކުންތޯ އޭނަގެ ހިތަށްއެރިއެވެ. އަދި އަމުދުން އެމީހަކަށް އަފާފް ފެނިފައިވެސް ނުވާއިރު އެ ބުނަ “ޝަރަފެއް” އެއްޗެއް އުކީ ވަކި އަފާފާއި ދިމާލަށް ކަން އެމީހަކަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ ހިތަށްވެރިވި އެ ސުވާލާއެކީ އެ އަންހެން މީހާ ދެއްކި ވާހަކަތަކުގައި ބުރަދަނެއް ނެތްކަމަށް ޝާދިޔާއަށް ނިންމުނެވެ. އަދި އޭނަ އޭނަގެ މަސައްކަތަށް އަނބުރާ ދިޔައީ އަނެއްކާވެސް އަންނަން އުޅޭ އުފާވެރިކަމުގެ އުފަލުގައި ހިތްހަމަޖެހިފައިވި ހިތަކާއެކީގައެވެ.
މަންޒަރު ބަލާ މީހަކަށް ދެން ޝަރަފާއި އަފާފް ގުޅިގެން ދިޔުމަށް އެއްވެސް ހުރަހެއް ނުވާނެހެން ހީވެދާނެއެވެ. ހުކުރަށް ދިޔުމަށްޓަކައި ފެންވަރައި އޭނަގެ އަތުގައި އޮތް އެންމެ ރީތި ގަމީސް ލައި ތައްޔާރުވަމުން ދިޔަ ޝަރަފަށް ވެސް ހީވަމުން ދިޔައީ އެހެންނެވެ. އެހެނަސް މިއަދު އޭނައަށް ލިބިފައިވި ނިޢުމަތުގައި އޭނައަށްޓަކައި ބޮޑު އިމްތިޙާނެއްވެސް ވިކަން އޭނައަކަށް ނޭނގެއެވެ. އަފާފާއި ގުޅުމުގެ ކުރިން އޭނަ އިޞްލާޙްކުރަން ޖެހޭ ކަމެއް އެބައޮތްކަން އޭނައަށް އެނގުންވީ، ހުކުރަށް ދިޔުމަށްޓަކައި ތައްޔާރުވެގެން އޭނަ ކޮޓަރިން ނިކުތް ވަގުތު ޓީވީއިން ދައްކަމުން ދިޔަ ޕްރޮގްރާމުން އިވިގެން ދިޔަ އަޑަކުންނެވެ. ދީނީ ސުވާލާއި ޖަވާބު އެކުލެވިފައިވި އެ ޕްރޮގްރާމުގައި އެވަގުތު ދެކެވެމުން ދިޔައީ ޤިޞާޞްގެ ވާހަކައެވެ. އަދި ޤިޞާޞަކީ ހަމައެކަނި މީހަކު މެރުމުން ބަދަލުގައި ޤާތިލު މެރުން ނޫންކަމާއި، މީހެއްގެ ގުނަވަނަކަށް ގެއްލުމެއް ދެވުނަސް އެއަށްވެސް ޤިޞާޞް ހިފޭނެކަމަށެވެ. ޝަރަފްގެ ޝައުޤުވެރިކަން ދަމައިގަތީ އެ ނުކުތާއިންނެވެ. އެ ވާހަކަ ދައްކަމުން ދިޔަ ޢިލްމުވެރިޔާ އެފަދަ ގޮތަކަށް މީހަކަށް އަނިޔާއެއްދޭ މީހަކަށް މި ދުނިޔޭގައި ލިބެންޖެހޭ އަދަބުގެ ވާހަކަ އިވެމުން ދިޔަ ވަގުތު ޝަރަފްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ﷲ ގެ ޙަޟްރަތުގައި ވެސް އޭނައަށް ކުރެވުނު އެ ކުށުގެ ބޮޑުކަން އެނގުންވީ ހިނދު ޝަރަފަށް ރޮވެން ކައިރިވިއެވެ. ފުރަތަމަ ސިކުންތުގައި އޭނަ ވަގުތުން ގޮސް އަފާފް ކައިރިން މަޢާފަށް އެދެން ބޭނުންވިއެވެ. އެހެނަސް އޭނަ އަފާފަށް އެހާ ބޮޑު ގެއްލުމެއް ދިންކަން އެނގުމުން އަފާފް އޭނައަށް މަޢާފުކުރާނެތޯ ހިތަށްއެރި ވަގުތު ޝަރަފް ޖެހިލުންވިއެވެ. އޭނަ މިހާދުވަސްވަންދެން އިންތިޒާރުކުރި އަންހެން ކުއްޖާއާއި ގުޅެން މިހާ ގާތްވެފައި ވަނިކޮށް، އޭނަ އެގޮތަށް ކަންތައް ކުރުމުން އެކުއްޖާ އޭނައާއި މުޅި ޢުމުރަށް ވަކިވެއްޖެނަމަ އޭނައަށް ކެތްކުރެވޭނެ ހެއްޔެވެ؟ އެ ސުވާލު ޝަރަފްގެ ހިތުގައި ބިރުވެރިކަމެއް އުފެއްދިއެވެ. މިސްކިތަށް ދިޔަ މަގުމަތީގައިވެސް އޭނައަށް ހުރެވުނީ އެ ނުތަނަވަސްކަމުގެ ތެރޭގައެވެ. ހަދަންވީ ގޮތާއިމެދު ޔަޤީންނުވެ ހާސްވެފައި ހުރުމުގެ ސަބަބުން ޝަރަފަށް އެދުވަހުގެ ޚުތުބާއަށް ވެސް ސަމާލުކަމެއް ނުދެވުނެވެ. އާދައިގެ މަތިން ޝަރަފަށްޓަކައި ހުރިހާ ކަމެއް ސާފުވެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައީ ނަމާދަށް ކޮޅަށް ތެދުވެ ނަމާދުކުރަން ފެށުމުންނެވެ. އަދި ފުރަތަމަ ރަކުޢަތުގައި ފާތިޙާ ސޫރަތަށްފަހު ކިޔެވިގެން ދިޔަ ތަލާޤް ސޫރަތުގެ އާޔަތްތަކުންނެވެ. އެއީ ވަރަށް ފަހަކަށް ޝަރަފް އޭގެ މާނަ ދަސްކުރި އާޔަތްތަކަށްވުމުން އެ އާޔަތްތައް ކިޔެވިގެން ދިޔައިރު އޭގެ މާނަ ޝަރަފް ހަނދާނަށްއައެވެ. އެ އާޔަތުގައި ﷲ ވަޙީކުރައްވާފައިވަނީ އެކަލާނގެއަށް ތަޤްވާވެރިވާ މީހަކަށް އެމީހަކު ހީވެސް ނުކުރާ ދިމަދިމާލުން އެކަލާނގެ ރިޒުޤު ދެއްވާނެކަމަށެވެ. އެ އާޔަތްތައް އިވިފައިވާ ޝަރަފްގެ ލޯ ކަރުނުން ފުރިގެން ދިޔައީ އެކަލާނގެއަށް ތަޤްވާވެރިވުމުގެ ގޮތުން މިއަދު އޭނަ ކުރަންޖެހިފައި އޮތް ކަމުގެ އުނދަގޫކަން އިޙްޞާޞްވުމުންނެވެ. އެހެނަސް އޭނަ އެކަން ކޮށްފިނަމަ ހަމަ ޙަޤީޤަތުގައި ވެސް އޭނަ ހީވެސް ނުކުރާ ދިމަދިމާލުން ރިޒުޤު ދެއްވާނެ ވާހަކަ އޮތް ވާހަކަ އިވުމުން އޭނައަށް ދޭހަވެސް ނުކުރެވޭ ފަދަ ގޮތަކަށް އޭނައަށް ރިޒުޤުގެ ގޮތުން އަފާފްވެސް ލިބިދާނެނޫންތޯ ހިތަށްއެރިއެވެ. އޭނައަށް ކިތަންމެ ނުވާނެހެން ހީވިޔަސް ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ﷲ އަފާފްގެ ހިތުގައި އޭނައަށްޓަކައި މަޢާފު ލައްވާނެނޫންތޯ ހިތަށްއެރިއެވެ. ހަމަ އެއާއެކު އޭނަ އަނިޔާއެއް ދެވިފައިވި އޭނަގެ ލޯބިވާ ފަރާތަށް އޭނަގެ ޙައްޤު އަދާކުރުމަށް ހިތްވަރެއް ޝަރަފަށް ލިބުނެވެ. އެހެންނޫނަސް ދޮގެއްގެ މައްޗަށް އޭނައާއި އަފާފްގެ ގުޅުން ފަށައިގެން އޭނައަށް ލިބޭނީ ކޮން އުފަލެއްތޯ ހިތަށްއެރިއެވެ. އަފާފަށް އެހާ ބޮޑު ގެއްލުމެއް ދިން މުޖުރިމަކީ ކާކުކަން އެނގިހުރެ ވެސް ނޭނގޭ ކަމަށްހަދައި އަފާފާއި އިނުންވެގެންދާނީ އަފާފަށް ބޭވަފާތެރިވުމަށް ނޫން ހެއްޔެވެ؟ އެ ވެގެންދާނީ ލޯބީގެ ބަދަލުގައި އަމިއްލަ އެދުން ފުއްދުމަކަށް ނޫން ހެއްޔެވެ؟
ނަމާދު ތެރޭގައި އޭނަގެ ޚިޔާލުތައް ހަމައަކަށް އެޅިގެން ދިޔަދިޔަހެން ޝަރަފްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ހުކުރަށްފަހު އެ މިސްކިތުގެ ތެރެއިން އަފާފްގެ ބައްޕަ ފެނުމުން ހިނިތުންވުމެއް ދައްކާލުމުގެ ހިތްވަރެއް ޝަރަފަށް ލިބުނީ އެހެންވެއެވެ.
**
މެންދުރު ނަމާދަށްފަހު އާދައިގެ މަތިން އަފާފް އޭނަގެ ކޮޓަރީގައި އިނދެ ކަހަފް ސޫރަތް ކިޔަވަމުން ދިޔައެވެ. އެ ސޫރަތަކީ އޭނަ ނުބަލައި ދަސްކޮށްފައިވާ ސޫރަތަކަށްވުމުން އެއްވެސް ދަތިކަމެއްނެތި އޭނަ ރާގަށް އެ ސޫރަތް ކިޔަވަމުން ދިޔައެވެ. ކިޔަވަމުން ގޮސް އާދައިގެ މަތިން އެންމެ ފަހު އާޔަތްތަކާއި ހަމަވުމުން އަފާފްގެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައީ އެ އާޔަތްތަކުގެ ފުންކަން އިޙްޞާޞްކުރެވުމުންނެވެ. ލަސްލަހުން ގޮސް އޭނަ އެންމެ ފަހު އާޔަތް ކިޔަވާ ނިންމާލިތަނާހެން ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވިގެން ދިޔަ އަޑަށް އަފާފް ދިޔައީ ސިއްސައިގެންނެވެ.
“އަފާފް ނިކަން ނިކުމެބަލަ! ޝަރަފް އައިއްސަ އެބަހުރި!” މަންމަ ޖޯޝުން ފުރިގެންވި އަޑަކުން ބުނެލި ވާހަކައިން އަފާފްގެ ހިތުގެ ތެޅުން އަވަސްވިއެވެ.
ނުނިމޭ