ނަފްސީ (ނުވަދިހަ އެއްވަނަ ބައި)
ހިލްޔާއަށް އެކަން އިޙްސާސް ކުރެވުނީ ހަމައެކަނި އެވަގުތު ކަމަށްވިޔަސް، ޙަޤީޤަތަކީ ދާނިޝްއަކީ އަބަދުވެސް އޭނަދެކެ ލޯބިވާ ފިރިމީހާ ކަމެވެ. ދާނިޝްގެ ނަޒަރުން މިއަދު މި ދިމާވެފައިވާ ޙާލަތުގައި ހިލްޔާއަށްޓަކައި ލޯބިން ކުރެވެން އޮތް ކަމަކީ ދެމީހުންގެ މުސްތަޤްބަލު އުޖާލާ ކުރަން މަސައްކަތް ކުރުމެވެ. އެ މަސައްކަތް ހިލްޔާގެ ނަޒަރުގައި ލޯބީގެ ގޮތުގައި ތަރުޖަމާ ނުވާ ކަމެއް ދާނިޝްއަށް ރޭކާ ނުލައެވެ.
ހިލްޔާގެ އަތުގައި ބެންޑޭޖް އަޅަމުން ދިޔަ އެވަގުތު ވެސް ދާނިޝްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. ހިލްޔާއަށް މިފަދަ ޒަޚަމެއް ލިބުމަކީ އޭނަ ފިރިއެއްގެ ގޮތުގައި ފޭލްވުންކަމަށް ޤަބޫލު ކުރެވުނެވެ. އެކަމާއިމެދު ލަދުވެސް ގަންނަ ގޮތްވިއެވެ. ކޮންމެ ގޮތެއްވިޔަސް ހިލްޔާއަކީ އޭނަގެ ޙަޔާތުގެ ބައިވެރިޔާއަށް ވީތީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އޭނަ މަސައްކަތް ކުރަންޖެހޭނެ ކަން ދާނިޝްއަށް ވިސްނުނެވެ.
“ހިލޫ ދެން ނުކައްކާތި. އައި ވިލް ކުކް އިން ޝާ ﷲ. އަހަންނަށް ނުހުރެވޭ ދުވަހެއްގަ އޯރޑާރ ކޮށްލާތި.” ބެންޑޭޖް އަޅައި ނިމުމުން ދެންވެސް ލޯތްބާއިއެކީ އެ އަތުގައި ހިފައިގެން އިނދެ ދާނިޝް ބުންޏެވެ.
އެއާއިއެކު ވެފައިވި ވަރުބަލިކަމުގެ ތެރެއިން ވެސް ހިލްޔާއަށް ހިނިތުންވެލެވުނެވެ. ދާނިޝް އޭނައާއިމެދު އަޅާލާ މިންވަރު އިތުރަށް އިޙްސާސް ކުރެވުމުންނެވެ.
“އޯކޭ ދާން. އަތް ރަނގަޅު ވަންދެން މަޑުކޮށްލާނަން އިން ޝާ ﷲ. އެކަމަކު ރަނގަޅުވީމަ އަނެއްކާވެސް ކައްކާނީ. އެނގޭ ދާން ތި އުޅެނީ ވަރަށް ބުރަކޮށް ކަން. އަދި ކޮންމެ ދުވަހަކު އޯޑަރ ކުރުމަކީ އެންމެ ރަނގަޅު ގޮތެއްވެސް ނޫން ދޯ؟ ޞިއްޙަތަށް ވެސް، ވޮލެޓަށް ވެސް. ހެހެހެ….” ހިލްޔާ ސަމާސާއެއްގެ ގޮތުން އެހެން ބުނެ، ހީލިއެވެ.
އެ ވާހަކައަށް ދާނިޝްއަށް ހީލެވޭ ގޮތްވީ ވަކި ވަރަކަށެވެ. ހިލްޔާ އެ ބުނި ފަހު ބަސްތަކުން، ހިލްޔާ ވެސް އެމީހުންގެ މާލީ ޙާލަތާއިމެދު ފިކުރު ކުރަން ފަށައިފިކަން އެނގުންވިއެވެ. ހަމަ އެހިނދު ދާނިޝްއަށް އޭނަގެ އަތު ތެރޭގައި އޮތް ހިލްޔާގެ ބެންޑޭޖް އެޅިފައިވާ އަތަށް ވެސް ނަޒަރެއް ދެވުނެވެ. އެވަގުތު އަނެއްކާވެސް އެއްކަލަ ވިހަގަދަ ވިސްނުން ދާނިޝްގެ ސިކުނޑީގައި ހަރުލިއެވެ. މި ހުރިހާ ކަމެއްގެ ޙައްލަކީ އޭނަ އިތުރަށް ބުރަކޮށް މަސައްކަތް ކުރުން ކަމަށް ނިންމުނެވެ. ދެމީހުންގެ މާލީ ޙާލަތު ރަނގަޅު ކުރެވޭނީ އޭރުންނޭ ހިތަށްއެރިއެވެ. ހިލްޔާ ވެސް އެ ފިކުރުތަކާ ދުރުވެ، ހިލްޔާއަށް މިފަދަ އަނިޔާތަކުން ދުރުވެވޭނީ ވެސް އޭރުންނޭ ހިތަށްއެރިއެވެ.
އެ ވިސްނުމުގެ ނަތީޖާއެއްގެ ގޮތުން، ދާނިޝް އަދި އިހުނަށްވުރެ ވެސް ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރަން ފެށިއެވެ. އޮފީހުން އަންނަ ގޮތަށް ވަންނަން ފެށީ އެޕާޓްމެންޓުގައިވާ ކިޔަވާ ކޮޓަރިއަށެވެ. އެ ވަންނަ ގޮތަށް ގިނަ ރޭރޭ ކާން ވެސް ނިކުންނަނީ ހިލްޔާ ބުނުމުންނެވެ. ފަހުން ފަހުން އައިސް ހިލްޔާ ބުނުމުން ވެސް އިންކާރު ކުރަން ފެށިއެވެ. ވަކި ހިސާބަކުން ހިލްޔާއާއެކީ ނިދުން ވެސް ހުއްޓުނެވެ. މަސައްކަތުގައި އިންދާ ތާއްޔަކަށް ޖެހުން ނޫން ގޮތަކަށް ދާނިޝް ނުވެސް ނިދާތީވެއެވެ. އެ ސިކުނޑި އަބަދުވެސް ވަނީ ކުންފުނީގެ ފިކުރަކާހެދި ހާސްވެފައެވެ. ފެންނަ ކުދި ކުދި ކުރި އެރުންތަކުން އަދި ކުޑަ މަސައްކަތެއް ކޮށްލުމުން އޭނަ ހިތްހަމަޖެހޭ ވަރު ވާނެ ކަމަށް ހިތާހިތުން ބުނެވެމުން ދިޔައެވެ. އެހެނަސް އެ ކުޑަ މަސައްކަތަށް ނިމުމެއް އަންނަ ގޮތެއް ނުވެއެވެ. އަދި ދާނިޝް ހިތްހަމަޖެހޭ ގޮތެއް އެއްގޮތަކަށް ވެސް ނުވެއެވެ.
ދެމީހުންގެ ގުޅުން ރަނގަޅުވެދާނެ ކަމަށް ހިލްޔާ ހީކުރި ހީކުރުމާއި މުޅިން އިދިކޮޅަށް ކަންތައް ވާން ފެށުމުން ހިލްޔާގެ ހިތް ވަރުބަލިވާ ގޮތްވިއެވެ. ފަހުން ފަހުން އައިސް ހިލްޔާ ގޭގައި ވެސް ކާ ހުރިހާ ކެއުމެއް ކާންޖެހެނީ އެކަންޏެވެ. ކައްކާފައި ދެމީހުންނަށް ކާން ހަދާފައި ދާނިޝްއަށް ގޮވަން ދާ ހިނދު ދާނިޝް ހުންނަނީ ކޮންމެވެސް މުހިއްމު ބައްދަލުވުމެއްގައެވެ. އެހެންނޫނީ މަސައްކަތް މެދުކަނޑާ ނުލެވޭފަދަ ޕްރޮޖެކްޓެއްގެ މަސައްކަތުގައެވެ.
ހިލްޔާ ދާނިޝް ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ދާނިޝް ކާން ނައުމުން ދާނިޝްގެ ތަށްޓަށް ކާން އަޅައިދީގެން ގޮސް ދާނިޝްގެ ކިޔަވާ މޭޒުމަތީގައި ބައިންދައެވެ. ފުރަތަމަ ރޭ ހިލްޔާ އެތަނަށް ގޮނޑިއެއް ގެނެސްގެން ވެސް ދާނިޝްއާއި އެކީގައި ކާން އުޅުނެވެ. އެހެނަސް ބައްދަލުވުމުގައި އިން ދާނިޝްއަށް އުދަގޫވާނެއޭ ހިތައި، ތަށި ހިފައިގެން އެ ކޮޓަރީގެ ދޮރުމައްޗަށް ދިޔުމަށް ފަހު ވެސް އަނބުރާ ކާގެއަށް ދިޔައެވެ. އެހެން ރެއަކު ދާނިޝް މަސައްކަތެއްގައި އިންދާ ހިލްޔާ އެކޮޓަރިއަށް ކާން ދިޔައެވެ. އެރޭ ވެސް ދާނިޝް އޭނައަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަން ހިލްޔާއަށް ފާހަގަވިއެވެ. ހިލްޔާ ވާހަކައެއް ދެއްކުމުން ނޫނީ ދާނިޝް ވާހަކައެއް ނުދައްކައެވެ. ނަޒަރު އަބަދުވެސް ހުއްޓިފައިވަނީ ކޮމްޕިއުޓަރަށެވެ.
އެހެންކަމުން މުޅިންހެން ކާ ގޭގައި އެކަނިމާއެކަނި ކެއުން ހިލްޔާގެ އާދައަކަށް ވިއެވެ. ފަހުން ފަހުން އައިސް ދާނިޝްއަށް ކާއެއްޗެހި ގެންގޮސްދޭ ހިތެއް ވެސް ނުވެއެވެ. އެހެނަސް އެ ޢަމަލުގައި ހިފެހެއްޓީ، އެއީ ﷲ ރުހިވޮޑިގެންވާނެ ޢަމަލެއްކަމަށް ޤަބޫލު ކުރެވުމުންނެވެ. ދެމީހުންގެ ދެމެދުގައި ލޯބި ދެމެހެއްޓުމަށް ކުރުމަކީ ދެމަފިރިންގެ ވެސް ވާޖިބެއްކަން ހަނދާން ކުރަމުންނެވެ. ދާނިޝް އެކަން ނުކުރިޔަސް އޭނަ ޘަވާބަށް އެދިގެން ވެސް އެކަން ކުރާނެ ކަމަށް އަމިއްލަ ނަފްސު ގާތު ބުނަމުންނެވެ.
ކިތަންމެ ހިތްވަރު ކުރަން މަސައްކަތް ކުރިޔަސް އެ ދުވަސްތައް ވެގެން ދިޔައީ ހިލްޔާއަށް ހިތްދަތި ދުވަސްތަކަށެވެ. ދުވަހަކުވެސް ތަޖުރިބާ ނުކުރެވޭފަދަ ފުން އެކަނިވެރިކަމެއް ތަޖުރިބާ ކުރެވުނެވެ. ޙަޔާތުގެ ބައިވެރިއެއް ހުރުމާއި އެކު ވެސް އެކަނިމާއެކަނި ގޭގެ ހުރިހާ ޒިންމާއެއް އުފުލައި، އެކަނި މާއެކަނި ކައި، އެކަނި މާއެކަނި ނިދަން ވެސް ޖެހޭތީވެއެވެ. ހިލްޔާ އެކި ގޮތް ގޮތުން މި ވާހަކަ ދާނިޝް ގާތު ބުނެވޭތޯ މަސައްކަތް ކުރިއެވެ. ސަމާސާ ވެރި ގޮތަކަށް މިރޭ ތިމަންނައާއި އެކީ ހޭދަ ކުރަންވީ ނޫންތޯ ބުންޏެވެ. ރީތި ވެލައިގެން ދާނިޝް ގެ ކައިރިއަށް ދިޔައެވެ. ވަކި ހިސާބަކުން ސީދާ ސީދަލަށް ވާހަކަ ދައްކަން ނުކެރުމުން މެސެޖު ކޮށްފައި ވެސް އޭނަގެ އިޙްސާސްތައް ބަންޑުން ކުރިއެވެ.
“ފަހުން ލޯބި…”
“އެހެން ރެއަކު…”
“އައި ނޯ އައިމް ރޯންގް. ބިޒްނަސް ރަނގަޅުވީމަ ހިލޫއަށް ގިނަ ޓައިމް ދޭނަން އިން ޝާ ﷲ.”
ދާނިޝްގެ ފަރާތުން މުޅިން ވެސް އައީ އެފަދަ ރައްދުތަކެވެ. އޭގެއިން ކޮންމެ ޖަވާބަކުން ހިލްޔާގެ ހިތް ވަރުބަލިވިއެވެ. ވިޔަފާރި ރަނގަޅުވުމުގެ ކުރިން އޭނަ ދުނިޔެ ދޫކޮށްފިނަމަ ވާނީ ކީއްތޯ ހިލްޔާއަށް ހިތާހިތުން ކިޔާލެވެއެވެ. ބަނޑަށް ތަދުވެ އެ ތަދާއިއެކީ އެކަނި އުޅެން ޖެހޭ ކޮންމެ ދުވަހަކު އެހެން ހިތަށް އަރައެވެ. އެހެނަސް އެހެން ނުބުނީ، ދެމީހުންގެ ގުޅުން ހީނަރުވެފައިވުމުން އެފަދަ ވާހަކައަކުން އިތުރު ނޭދެވޭ އަސަރެއް ކޮށްފާނެ ކަމުގެ ބިރަށްޓަކައެވެ.
މި ހުރިހާ އިޙްސާސްތަކެއްގެ ސަބަބުން އެންމެ ފަހުން މި ގުޅުމާއިމެދު މާ ބޮޑަށް ނުވިސްނަން ހިލްޔާގެ ޒަމީރު އެންގިއެވެ. ދާނިޝް ނޫޅޭ ވަރަކުން އުޅެން ހަދައިގެން މުޅި މީހާ ހަފުސްވެދާނެހެން ހީވާން ފެށުމުންނެވެ. އެ ނިންމުން ނިންމުނު ދުވަހު ހިތް ދެރަވާ ގޮތްވިއެވެ. މިއީ ހިލްޔާ އޭނަގެ ޒަވާޖީ ޙަޔާތް ކުރިއަށް ގެންދަން ބޭނުންވާ ގޮތެއް ނޫނެވެ. އަބަދުވެސް ބޭނުންވަނީ ދާނިޝް އާއިއެކީ ލޯބިން އުޅޭށެވެ. އެ ގުޅުން އަނެއްކާވެސް އެފަދައިން އިޢާދަ ވެދާނެ ކަމުގެ އުއްމީދެއް ހިލްޔާގެ ހިތުގައި އޭރުވެސް އޮތެވެ. އެއީ އޭނަ ކުރާ ދުޢާއަކަށް ވާތީވެއެވެ. ކިތަންމެ ފަހަރަކު އޭނައަށް ނުވާނެހެން ހީވި ކަމެއް ﷲ ގެ އިރާދަފުޅުން ވެފައިވާތީވެއެވެ. ޙަޔާތުގެ މި ފައްތަރަކީ ވެސް އޭނައާއި ﷲ އާއި ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ހިލްޔާއަށް ސިފަ ކުރެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އޭނައާއި ދާނިޝް ގެ ގުޅުން އިޞްލާޙުވުން އަވަސް ކޮށްދެއްވުމަށް ވެސް ތަކުރާރުކޮށް ހިލްޔާއަށް ދުޢާ ކުރެވެމުން ދިޔައެވެ. ޚުދު އޭނަ ވެސް އެދެމެދުގައިވާ ލޯބީގެ މަތިން ހަނދާން ނެތުމުގެ ކުރިންނެވެ.
ހިލްޔާގެ އެ ދުޢާ އިޖާބަވުމަށް މެދުވެރިވީ ހިލްޔާ ހީވެސް ނުކުރާ ގޮތެކެވެ. އޭގެ ދެ ދުވަސްފަހުން ޗައިނާގެ އައިސީޔޫގައި ގިނަވާން ފެށީ ނޭވާ ހިއްލާފައި ކެއްސާ ބައްޔެކެވެ. މި ބަލި ފެށެނީ ތަކުރާރުވާ ދިގު ކެއްސުމަކުންނެވެ. އެއަށްފަހު ގަދައަށް ހުން އައިސް މޭމައްޗަށް ތަދުވެ ފަރުވާ ނުހޯދާ ގިނައިރު ވެއްޖެނަމަ ނޭވާ ހިއްލަން ފަށައެވެ.
އެ ހަފްތާގައި ހިލްޔާގެ ޑިއުޓީ އޮތީ އައިސީޔޫގައި ކަމަށްވުމުން ވަރަށް ގިނައިން މި ޢަލާމާތްތައް ފެނި، އެ ބަލި ދެކެފަރިތަވެފައިވެއެވެ. އާދައިގެ މަތިން އެ އާ އިންފެކްޝަނަށް އާ ބޭހެއް ތައްޔާރު ކުރަން އެ ހޮސްޕިޓަލުން ފެށިއެވެ. އެހެނަސް ވަގުތީ ގޮތުން އެ ބައްޔަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ މިވަގުތު ހެދިފައިވާ ދެ ބޭހަކާއި އައިވީއެއްކަން ހޯދިފައިވެއެވެ. އެހެންކަމުން އެވަގުތު ބަލިމީހުންނަށް ފަރުވާ ދެމުން ދިޔައީ އެ ބޭހުންނެވެ.
އެ ބަލި ފެނެން ފެށިތާ 3 ވަނައަށް ވީ ދުވަހު ހިލްޔާ ގެއަށް އައީ ރޭގަނޑު 9 ޖެހި ވަގުތެވެ. ހެނދުނު ޑިއުޓީ ފެށި ގޮތަށް އެހާއިރު ވީއިރު ނިމޭ ގޮތްވީ ފެނިގެން އުޅޭ އާ ބަލީގެ ސަބަބުންނެވެ. އަދި އަމުދުން މިހާރު ހިލްޔާ ގެއަށް އަންނަނީ ރޭލުން ކަމަށްވާތީވެއެވެ. 8 ޖެހިއިރު ޑިއުޓީ ނިމުނަސް ގެއަށް އާދެވުނުއިރު 9 ޖެހީއެވެ.
ގެއަށް އައިއިރު ހިލްޔާ ވަރުބަލިވެފައި ވީވަރުން ބޭނުންވީ ވަގުތުން ނިދާލާށެވެ. ބަނޑަށް ތަދުވަމުން ދިޔައީތީ އެރޭ ނުކެއުމަށް އިތުރު ހިތްވަރެއް ލިބުނެވެ. އެއްކަލަ ސައިފަތް ހުސްވެފައިވާތާ ވެސް ދުވަސްކޮޅެއް ވެއްޖެއެވެ. ދާނިޝް ގާތު އެ ގެނެސްދޭށޭ ދެ ދުވަހެއްގެ މަތިން ބުނެވިފައި ވިޔަސް އަދިވެސް ގެނެސްދީފައެއް ނުވެއެވެ.
މި ދަތި ޚިޔާލުތަކާއެކީ ވަރުބަލިވެފައިވާ ޙާލު ހިލްޔާ ކޮޓަރިއާއި ގާތްވަމުން ދިޔަ ވަގުތު ދާނިޝް ގެ ކެއްސުމުގެ އަޑު އިވުނެވެ. އެ ދިގު ކެއްސުމުގެ އަޑު އިވިފައި ހިލްޔާގެ ފިޔަވަޅުތައް މަޑު ޖެހުނު ހިނދު، ކަންފަތް ހުޅުވާލެވުނީ ސިކުނޑި ދިން އިންޒާރެއްގެ ސަބަބުންނެވެ. ދާނިޝް ތަކުރާރުކޮށް ވެސް ހަމަ އެފަދައިން ކެއްސާ އަޑު އިވިފައި އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލަމުން ހިލްޔާއަށް ކޮޓަރީގެ ދޮރު ހުޅުވާލެވުނެވެ.
ހިލްޔާ ހީކުރީ ދާނިޝް އޮންނާނީ އެނދުގައި އޮށޯވެފައި ކަމަށެވެ. އެހެންނޫނީ ގޮނޑިއެއްގައި ވިޔަސް އިށީނދެގެން ކަމަށެވެ. އެހެނަސް ދާނިޝް ހުރީ ކޮޓަރީގައި ހުރި ދިގު ލޯގަނޑު ކުރިމަތީގައި އޮފީހަށް ދާން ތައްޔާރުވާށެވެ. ގަދަ ފެހި ކުލައިގެ ކޯޓު ފަޓުލޫނު ލައިގެން އަތު ކުރީގައި ގަޑި އަޅަމުން ދިޔައިރު ދާނިޝް ގަދައަށް ކެއްސަމުން ދިޔައެވެ.
“ދާން….ކީއް ތިކުރަނީ؟ ތިހާ ބަލިއިރު ކޮން ތަނަކަށް ދާން ތިއުޅެނީ؟” ހިލްޔާއަށް ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލާ ދާނިޝްގެ ކޮނޑުގައި އަތް އަޅާލަމުން ދާނިޝް އާއި ކުރިމަތިލާން އުޅުނެވެ. ކިތަންމެ ނުރުހުންވެފައި ވިޔަސް އެވަގުތު ހިލްޔާގެ ހިތް ފުރިގެން ދިޔައީ އަޅާލުމުންނެވެ. ދާނިޝް ދަތި ޙާލެއްގައި އުޅޭ މަންޒަރު ދެކެން ބޭނުން ނުވާ މިންވަރު އިޙްސާސްވީ އެ ވަގުތެވެ.
ހިލްޔާގެ އެ އަޅާލުން ދާނިޝްއަށް އިޙްސާސް ކުރެވުނެވެ. ހިލްޔާގެ އަތުގެ އިޙްސާސް ކޮނޑާއި ދިމާލުން ކުރެވިގެން ދިޔުމުން ހަމަ އެވަގުތު އެ އަތު ތެރެއަށް ވިރިގެން ދާން ބޭނުންވިއެވެ. އެތައް ދުވަހެއް ވަންދެން އޭނަގެ އިޙްސާސްތަކުގެ މަތިން ހަނދާން ނައްތާލައިގެން ހުރެހުރެ އޭނަ ވެސް ވަރުބަލި ވެއްޖެއެވެ. އެހެނަސް އާދައިގެ މަތިން މިރޭގެ ބައްދަލުވުމަށް ފަހު އޭ ހިތަށްއެރިއެވެ. އެ ވާހަކަ ބުނަން ހިލްޔާއާއި ކުރިމަތިލެވުނެވެ.
“ހިލޫ….ވަރަށް މުހިއްމު ބައްދަލުވުމަކަށް މި ދަނީ. މި ބައްދަލުވުމަށްފަހު މާ ގިނަ ދުވަހެއް ނުވެ ހީވޭ ހުރިހާ ކަމެއް ރަނގަޅުވާނެހެން. އޭރުން…. އަހަރުމެންނަށް އަނެއްކާވެސް… ކުރީގެ ގެއަށް ބަދަލުވެވޭނެ. ހިލޫ… ނުޖެހޭނެ ދަތިކޮށް އުޅޭކަށް.” ކެއްސުމުގެ ތެރެއިން އެތައް އުދަގުލަކުން ދާނިޝް ވާހަކަ ދެއްކިއެވެ.
“އަހަރެން މި އުޅެނީ ދަތިކޮށް ނޫނޭ ދާން. ދާން ހެޔޮ ޙާލުގަ ހުރުން އަހަންނަށް މުހިއްމީ…މިރޭ ދެން މަޑުކޮށްލާ. ބައްދަލުވުން އެހެން ދުވަހަކުވެސް ބޭއްވިދާނެއެއްނު؟” ހިލްޔާއަށް އެހެން ބުނެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ދާނިޝް ހިލްޔާގެ އެ ވާހަކައަށް ބޯ ހޫރުވާލިއެވެ.
“ހިލޫއަށް ނޭނގެނީ. މި ބައްދަލުވުމަށް އެބައާދޭ…. ބެއިޖިންގް ގެ އިންވެސްޓަރަކު ވެސް. މީގެއިން ބައްދަލުވުމެއް މިސް ކޮށްފިއްޔާ ވަރަށް މައްސަލަތައް ޖެހޭނެ. ބޭނުމެއް ނޫން….އަހަރުމެންނަށް ދެރަ ގޮތެއް ވާކަށް. ދިޔައީ.” ދާނިޝް އެހެން ބުނެ އިތުރަށް މަޑު ކުރުމެއް ނެތި ހިލްޔާއަށް ފަސްދީފައި ދާން ހިނގައިގަތީ، އިތުރަށް ހިލްޔާގެ ކުރިމަތީގައި ހުރެއްޖެނަމަ އޭނަ އިތުރަށް ބަލިކަށި ވެދާނެހެން ހީވުމުންނެވެ.
ދާނިޝް ދެންވެސް ކެއްސަމުން ކޮޓަރިން ނިކުންނަން ފެށުމުން ހިލްޔާއަށް ކަންބޮޑުވުމަކާއިއެކީ ދާނިޝްގެ ފަހަތުން ދެވުނެވެ. ޚިޔާލަށް ގެނެވެން ފެށީ ދާނިޝްއަށް މިވަގުތު ފަރުވާ ބޭނުންވާނެ މިންވަރެވެ. ފަރުވާ ލަސްވާން ފަށައިފިނަމަ ދާނިޝްއަށް ވެދާނެ ގޮތެވެ.
“ދާން ލިސެން ޓު މީ! ދާންއަށް މިވަގުތު ބޭނުންވަނީ ފަރުވާއެއް. އެންޑް ޔޫ ނީޑް ރެސްޓް!” ދާނިޝްގެ ދިގު ފިޔަވަޅުތަކާއި އެއްވަރު ކުރަން މަސައްކަތް ކުރަމުން ހިލްޔާ ބުންޏެވެ.
“ނޯ އައި ޑޯންޓް! އޮފީހަށް ދާ މަގުމަތީގަ.. ބޭހެއް ގަނެގެން ކާން މިހިރީ. އޭރުން ބައްދަލުވުމަށް ދާންވާއިރަށް ރަނގަޅު…ވެދާނެ އިން…ޝާ ﷲ.” ދާނިޝް ދެންވެސް ފިޔަވަޅުތައް މަޑު ޖެހުމެއްނެތި ފަހަތުން އަންނަމުން ދިޔަ ހިލްޔާއަށް ލުއި ނަޒަރެއް ދެމުން ބުންޏެވެ.
“ދާން ޕްލީޒް! އަހަރެން މި ދައްކާ ވާހަކަ އަޑު އަހާބަލަ. އާދައިގެ ބަލިތައް ފެތުރޭ ރަށެއް ނޫނޭ މިއީ. ދާން!” ދެމީހުން ވެސް މައިދޮރާއި ގާތްވި ވަގުތު ހިލްޔާ ދާނިޝްއަށް ގޮވަމުން ދާނިޝްގެ އަތުގައި ހިފިއެވެ.
އެހިނދު ދާނިޝް ފިޔަވަޅުތައް މަޑުޖައްސާލަމުން ހިލްޔާއަށް ބަލާލިއެވެ. އަދި އެއްވެސް އެއްޗެކޭ ނުބުނެ ހިލްޔާއަށް ބަލަހައްޓައިގެން އިރުކޮޅަކަށް ހުރެވުނެވެ.
“މަޑުކޮށް ނުދޭނަންތަ؟ ފޯ މީ؟” ހިލްޔާ ދެން ވެސް ދާނިޝްގެ އަތުން ދޫކުރުމެއް ނެތި އެހިއެވެ. އެހިނދު ހިލްޔާގެ ލޮލުން ކަރުނަ ހިލުނެވެ. އެވަގުތު ބަނޑަށް ވެސް ތަދުވަމުން ދިޔައީތީ ޙާލަތު އިތުރަށް ނާޒުކުވެފައިވިއެވެ.
އެހިނދު ދާނިޝް ނުރުހުންވާ ގޮތްވިއެވެ. އޭނަ މި ބައްދަލުވުމުގެ މުހިއްމުކަން ހިލްޔާއަށް ބުނެދިނުމުން ވެސް ހިލްޔާއަށް ނުވިސްނެނީތޯ ހިތަށްއެރިއެވެ. ނުވިސްނޭ ޙާލު އެ އުޅެނީ އޭނަގެ ޖަޒުބާތުތަކާއި ކުޅެގެން މަޑު ކުރުވަންތޯ ހިތަށްއެރިއެވެ.
ދާނިޝް ގެ އެ ބަސްތައް ދުލާއި ހަމައަށް ނަޔަސް އެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވިއެވެ. ހިލްޔާއަށް އެކަން ފާހަގަވިއެވެ. އެއާއިއެކު ހިލްޔާގެ މޭގައި އުފެދުނު ރިހުމާއިއެކު، ދާނިޝްގެ އަތުގައި ހިފަހައްޓައިގެން ހުރި އަތަށް ދުލެއް ދެވުނެވެ. އެއާއއެކު ދާނިޝް އަތް ވައްޓާލިއެވެ. އަދި އަނެއްކާވެސް ހިލްޔާގެ މޫނުން ނަޒަރު ވަކިކޮށްލަމުން ގޭގެ މައިދޮރު ހުޅުވިއެވެ. ދާނިޝް އެ ނަޒަރު ވަކި ކުރި ވަގުތު ހިލްޔާގެ ކޯތާފަތްމައްޗަށް ކަރުނައެއް ފޭބިހެން ދާނިޝްއަށް ހީވިއެވެ. އެކަމާއިމެދު ހިތް ދެރަވިއެއްކަމަކު، މި ވަގުތަކީ ހިތް ދެރަ ކުރަންޖެހޭ ވަގުތެއް ނޫންކަމަށް ބުނެ ދާނިޝް ފަސްއެނބުރި ބަލާލުމެއް ވެސް ނެތި، ދިޔައީއެވެ.
އޭގެ އިރުކޮޅެއް ފަހުން ދާނިޝް އިނީ އޮފީހަށް ދާ ކާރު މަތީގައެވެ. މާ ގަދައަށް ކެއްސާތީ އޮފީހަށް ދިޔުމުގެ ކުރިން ފިހާރައަކަށް ވަދެ ބޭސް ގުޅައެއް ގަތުމަށްފަހު އެ ބޭސް ގުޅަ ކާލިއެވެ. އެއަށްފަހު ދާނިޝް ދިޔައީ އެރޭގެ ބައްދަލުވުމަށް ބެއިޖިންގް އިން ޝަންގްހައި އަށް އައިސް ހުރި އިންވެސްޓަރަކު ބަލާ އެމީހާ އުޅޭ އެޕާޓްމެންޓަށެވެ. ކާރު ތެރެއިން ބައްދަލުވުމުން އޮފީހަށް ދިޔުމުގެ ކުރިން ވެސް ދާނިޝްއަށް އެމީހާއާއި ގުޅުން ބަދަހި ކުރެވުނެވެ. އެއީ ނުހަނު އެކުވެރި ސަމާސާވެރި ޒާތެއްގެ މީހެކެވެ. ދާނިޝްއަށް ވުރެ ދޮށީ ވިޔަސް ޢުމުރު ތަންކޮޅެއް ގާތް މީހެކެވެ. އެހެނަސް ކާރު ތެރޭގައި އައި ފޯނު ކޯލަކުން އެމީހަކު ސީރިއަސްވެގެން ދިޔަ ކަން ދާނިޝްއަށް ފާހަގަވިއެވެ.
“ކިހިނެއްތޯވީ؟ ހުރިހާ ކަމެއް ރަނގަޅުތޯ؟” ދާނިޝް ކާރު ދުއްވަމުން އެމީހާއަށް ލުއި ނަޒަރުތަކެއް ދެމުން ޗައިނާ ބަހުން އެހިއެވެ. ފޯނުގެ އަނެއްކޮޅުން ދެއްކި ވާހަކައަށް އެމީހާ މާޔޫސީ ގޮތަކަށް ހޫންލެއްވުން ނޫންކަމެއް ނުކުރާތީ ދާނިޝްއަށް ވީ ނުވީއެއް ނޭނގުނެވެ. އެއީ ޒާތީ ވާހަކައަކަށް ވެދާނެތީ އެ ވާހަކަ ކިޔައިދޭނެ ކަމެއް ދާނިޝް ހިއެއް ނުކުރެއެވެ. އެހެނަސް….
“އަހަރެންގެ….އަންހެނުން އޮތީ ހޮސްޕިޓަލުގަ. ވަރަށް ފަހުން ފުއްޕާމޭގެ ސާރޖަރީއެއް ހަދައިގެން. ހޮސްޕިޓަލުގަ ހުރެފަ މިކޮޅަށް މި އައީ ތަންކޮޅެއް ރަނގަޅުވާން ފެށީމަ. ދެންމެ ދަރިފުޅު ގުޅާފަ އެ އެންގީ ކުޑަކޮށް އޮކްސިޖަން ދަށްވަމުން ދާ ވާހަކަ.” އެމީހާ މާޔޫސީ ގޮތަކަށް ކިޔައިދިނެވެ.
“އޮހް…ވަރަށް..އެހެން ކަހަލަ ދުވަސްކޮޅެއްގަ ދޯ މިކޮޅަށް އަންނަން ދަޢުވަތު މި ދެވުނީ؟” ދާނިޝް ބުންޏެވެ. ސުވާލު ކުރިއިރު ނުކެއްސާ ވޭތޯ ބެލިއެއްކަމަކު ސުވާލު ކުރިއެއްކަމަކު އަނެއްކާވެސް ދިގުކޮށް ކެއްސިއެވެ. ބޭސް ކެއިފަހުން ކެއްސުން މަޑުވެފައިވިޔަސް ކަރު ތެރެއަށް އުދަގޫވަމުން ދިޔައެވެ.
“ނޫނޭ އޯކޭ ވާނެ. ސާރޖަރީއަށްފަހު ދޭތެރެ ދޭތެރެއިން އެހެން ވާނެ ކަމަށް ޑޮކްޓަރުން ބުނި. އަހަރެން އެކޮޅުގަ ހުރިއިރު ވެސް އެހެންވި. އެކަމަކު އެ ޑޮކްޓަރުންގެ ޓީމުން ކޮންމެ ފަހަރަކު ރަނގަޅު ކޮށްދޭ. ބިޒްނަސް ސްޓޮޕްސް ފޯ ނޯ ވަން ދޯ؟ ހެހެ…” އެ މީހާ ވާހަކަ ދައްކަމުން ގޮސް އިނގިރޭސި ބުނުމެއް ބުނަމުން ހީލިއެވެ.
ދާނިޝް އެ ވާހަކައަށް ހީލިއެއްކަމަކު ވަކި އެއްބަހެއް ނުވެއެވެ. އެ ބަސްތަކަކީ ދާނިޝް ވެސް ވިޔަފާރި ކިޔެވި ދުވަސްވަރު އިވިފައިވާ ބަސްތަކެވެ. އެހެނަސް އެއީ އޭރުއްސުރެ ދާނިޝް އެއްބަސްވާން ދަތިވެފައިވާ ބަސްތަކެވެ.
އެވަގުތު ދާނިޝްއަށް ވިސްނާލެވުނެވެ. މިއަދު އޭނަގެ ކައިރީގައި މި އިން ވިޔަފާރިވެރިޔާގެ މަޤާމުގައި އޭނަ ހުރިނަމަ ހެދީހީ ކިހިނެއް ހެއްޔެވެ؟ ހިލްޔާ ހޮސްޕިޓަލަށް ދޫކޮށްފައި އޭނަ ވިޔަފާރި ދަތުރެއްގައި ދާނީ ހެއްޔެވެ؟ މީގެ ދުވަސްކޮޅެއް ކުރިން އޭނަ ހުރި މާލީ ޙާލަތުގައި ހުރިނަމަ އޭނަ ހަމަ ޔަޤީނުން ވެސް ނުދާނެއެވެ. މާލީ ޙާލަތު ދަތިވުމުން އޭނަ ހިލްޔާ އެފަދަ ޙާލަތަކަށް ދޫކޮށްލާނީ ހެއްޔެވެ؟ ދޫކޮށްލުން ވާނީ އެންމެ ރަނގަޅު ގޮތަށް ހެއްޔެވެ؟ އެ ވާނީ ﷲ އެންމެ ރުހިވޮޑިގެންވާ ގޮތަށް ހެއްޔެވެ؟
އެ ސުވާލުތައް ވެގެން ދިޔައީ ދާނިޝްގެ ހިތަށް އުދަގޫ ކުރުވި ޚިޔާލުތަކަށެވެ. ހިތް މޭތެރޭގައި އޮވެ ޖެހި ފިތި ބާރުވާން ފެށި އިޙްސާސެއް ކުރެވުނެވެ. ހަމަ އެވަގުތު އަނެއްކާވެސް ކައިރީގައި އިން އިންވެސްޓަރު ވާހަކަ ދައްކަން ފެށުމުން ދާނިޝްއަށް އެ އިޙްސާސްތަކާއި ކޮންމެވެސް ވަރަކަށް ދުރުވެވުނެވެ.
**
ދާނިޝް ދިޔަފަހުން އިރުކޮޅެއް ވަންދެން ހިލްޔާއަށް ސިޓިންގް ރޫމުގެ ސޯފާގައި އިނދެ ގިސްލަގިސްލާފައި ރޮވުނެވެ. ފުރަތަމަ ފަހަރަށް ދާނިޝް ގާތު އޭނައަށްޓަކައި މަޑުކޮށްދޭށޭ ބުނުމުން ވެސް ދާނިޝް އޭނައަށް ފަސްދީފައި ދިޔުމުންނެވެ. އޭނަ ކޮންމެހެން އެހެން ބުނީ ވެސް އޭނަގެ އަމިއްލަ ނަފްސަށްޓަކައެއް ނޫނެވެ. ދާނިޝްގެ ހެވަށްޓަކައެވެ. އެހެނަސް ދާނިޝް ހުރިހާ ގޮތަކުން ވެސް އޭނަގެ ލޯތްބަށް ފަސްދީފިހެން ހީވި ހީވުމުން މޭގައި ރިހުމެއް އުފެދިފައިވިއެވެ.
ހިލްޔާ ރުއިން ހުއްޓާލަން މަޖުބޫރުވީ އެގަޑީގައި ބައްޕަ ގުޅަން ފެށުމުންނެވެ. ބައްޕަ ކޮންމެ ދުވަހަކުހެން އޭނަގެ ޙާލު ބަލަން ގުޅައެވެ. އެހެނަސް ހިލްޔާ އެއްވެސް ވަރަކަށް ދާނިޝްގެ ގޯސް ސިފައެއްގެ ވާހަކަ ބައްޕަ ގާތު ނުބުނެއެވެ. އެއީ ދާނިޝް އާއި އޭނަ އެކަކު އަނެކަކާއި އެންމެ ކުރީއްސުރެ ވެފައިވާ ވަޢުދަކަށް ވާތީވެއެވެ. ދެމީހުންގެ މައްސަލަތައް ދެމީހުންގެ ދެމެދުގައި ޙައްލު ކުރުމަށްވީ ވަޢުދެވެ. އަދި އަމުދުން ދެމަފިރިންނަކީ އެކަކު އަނެކެއްގެ އައިބުތައް ފޮރުވަންޖެހޭ ދެމީހުން ކަމަށްވާތީ ހިލްޔާ ދާނިޝްގެ ނޭދެވޭ ވާހަކައެއް އެހެން މީހުން ގާތު ނުދައްކައެވެ. ޚުދު ދާނިޝް ވެސް އޭނައަށް ނުރުހުންވެފައި ވިޔަސް ދާނިޝް އޭނަގެ ނޭދެވޭ ވާހަކައެއް އެހެން މީހެއްގާތު ނުދައްކާނެ ކަމުގެ ޔަޤީންކަން ހިލްޔާއަށް އޮވެއެވެ.
ބައްޕައާއި ވާހަކަ ދައްކައި ނިމުނު ވަގުތު ހިލްޔާ ކުޑަކޮށް ހަމައަކަށް އެޅިފައިވިއެވެ. ރުއިމުގެ ސަބަބުން ނިދިވެސް ފިލާފައިވުމުން ހިލްޔާ އެވަގުތު ފެންވަރައި ތާޒާވެލިއެވެ. އެއަށްފަހު ނިދާލަން ޚިޔާލު ކުރި ވަގުތު ދާނިޝް މަތިން ހަނދާންވިއެވެ. ދާނިޝް ކެއްސަމުން ދިޔަ ގޮތް ލޮލަށް ސިފަވަމުން ދިޔައެވެ. ދާނިޝް އޮފީހަށް ދާ މަގުމަތީގައި ކެއްސުމަށް ބޭހެއް ކެޔަސް އެ ކެއްސުން ރަނގަޅެއް ނުވާނެކަން ހިލްޔާއަށް ޔަޤީނާއި ގާތްވިއެވެ.
އެކަމާއިމެދު ވިސްނިވިސްނިހެން ހިލްޔާއަށް ދާނިޝްއަށް މެސެޖެއް ކުރެވެން އުޅުނެވެ. އެހެނަސް އެވަގުތު ހަނދާންވީ ދާނިޝް އެރޭ އޭނައަށް ދައްކާލި ނުރުހުންތެރިކަމުގެ ނަޒަރެވެ. އެއާއިއެކު އެވަގުތު ހިލްޔާ ވެސް ރުޅި އަންނަ ގޮތްވިއެވެ. އޭނަގެ ވާހަކަ އަޑު ނާހާ މީހަކާ އޭނަ ވަކި މާ އަޅައިގަނެގެން އުޅެންވީ ކީއްވެތޯ ހިތަށްއެރިއެވެ. އެހެންނޫނަސް އޭނަ މިހިރީ ވަރުބަލިވެފައެވެ. އެނދަށް އަރައި އޮށޯތަސް މާ ރަނގަޅުވާނެއެވެ.
ހިލްޔާ އެނދަށް އަރައި ރަޖާ އަޅައިގެން އެނދުގައި އަރާމުވެލީ މި ޚިޔާލުތަކާއި އެކީގައެވެ. ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔަން ފެށި ވަގުތު ޙަޤީޤަތުގައި ވެސް ލޯ ނިދިބަރު ވެފައިވިއެވެ. އެހެނަސް ޒިކުރުތައް ކިޔައި ނިމި، ނިދަންވުމުން ނޭނގޭ ސަބަބަކާހުރެ ހިލްޔާއަށް ނިދަން ދަތިވިއެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ ދާނިޝްގެ ކެއްސުމުގެ އަޑެވެ. ލޮލަށް ސިފަވާން ފެށީ ކާރު ދުއްވަމުން ދިޔަ ދާނިޝް ކެއްސަމުން ދާ މަންޒަރެވެ. އެއީ ނުރައްކާތެރި ޙާލަތެއް ނޫން ހެއްޔެވެ؟ ރަނގަޅަށް ބަލާނުލެވުމުގެ ސަބަބުން ދާނިޝްއަށް އެކްސިޑެންޓެއް ދިމާވެދާނެ ހެއްޔެވެ؟ އެހެންނޫނީ ގެއަށް އަންނައިރު ދާނިޝް ނޭވާ ކުރުވެފައި ވެދާނެ ހެއްޔެވެ؟ ނޫނީ އައުމުގެ ކުރިން އެކަހަލަ ގޮތެއް ދިމާވެދާނެ ހެއްޔެވެ؟
ސިކުނޑިއަށް ވެރިވާން ފެށި ޚިޔާލުތަކުން އެންމެ ފަހުން ހިލްޔާއަށް އެނދުން ތެދުވެލެވުނެވެ. އަދި ފޯނު ނަގައި ދާނިޝްއަށް މެސެޖެއް ކޮށްލެވުނެވެ.
“މީޓިންގްގަތަ؟ އާރ ޔޫ އޯކޭ؟”
އެ މެސެޖު ފޮނުވައި މިނެޓެއް ހިނގިއިރު ވެސް ދާނިޝްއަށް މެސެޖު ނުފެނުމުން ހިލްޔާ އިތުރު މެސެޖެއް ކުރިއެވެ.
“ބައްދަލުވުން ނިމިގެން ބޭސް ފިހާރައަށް ގޮސް މި ބޭސްތައް ގަނެގެން ކާލައްޗޭ. ގަދައަށް ކެއްސަންޏާ ޓެކްސީއަކުން އާދޭ. އަމިއްލައަށް ދުއްވަން ނަހަދާތި. އިޓްސް ނޮޓް ސޭފް.”
ހިލްޔާ އެ މެސެޖު ފޮނުވައި، ގަންނަން ވީ ބޭސްތަކުގެ ނަންތައް ވެސް ފޮނުވިއެވެ. ހިލްޔާ ވަކި ދާނިޝްގެ ޖަވާބަކަށް އެވަގުތު ވަކި އުއްމީދެއް ނުކުރިއެވެ. ހިލްޔާގެ އުއްމީދަކަށް ވީ ބައްދަލުވުން ނިމުމަށްފަހު ދާނިޝްއަށް އެ މެސެޖުތައް ފެނިގެން އޭނަ ދިން ނަސޭޙަތުގައި ދާނިޝް ހިފުމެވެ. ދާނިޝްގެ ރައްކާތެރިކަން ކަށަވަރު ކުރެވެން އޮތް ގޮތަކީ އެއީހެން ހިލްޔާއަށް ހީވުމުންނެވެ.
އެހާވަރުން ވެސް ހިލްޔާގެ ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. އިރުކޮޅަކަށް ވިސްނަން އިނދެފައި އެނދުން ފޭބުނީ ދާނިޝް ގެއަށް އަންނަން ވާއިރަށް ދާނިޝްއަށް ފަރުވާ ދެވޭނެ ގޮތަކާއިމެދު ވިސްނަމުންނެވެ. އެހެންކަމުން ހެދުން ބަދަލު ކުރުމަށްފަހު ބޭސް ފިހާރައަށް ދާން ޚިޔާލު ކުރީ، ވެފައި ހުރި ވަރުބަލީގެ މަތިން ވެސް ހަނދާން ނައްތާލަމުންނެވެ.
**
ހިލްޔާ ހީކުރި ފަދައިން އެ ބައްދަލުވުން ތެރޭގައި ދާނިޝް ގަދައަށް ކެއްސަމުން ދިޔައެވެ. ދާނިޝްގެ ކެއްސުމުގެ ސަބަބުން ދާނިޝްގެ ހުށަހެޅުން ލަސް ވެސް ކުރެވުނެވެ. އެހެން މީހުންގެ ހުށަހެޅުންތަކަށް ފަހު ވެސް ދާނިޝްއަށް ހުށަހެޅުން ވީ ދަތި ކަމަށެވެ. ކެއްސާ ވަރުން އެއްގޮތަކަށް ވެސް ކުރިއަށް ނުގެންދެވެއެވެ. އެހިނދު ހިލްޔާ މަތިން ހަނދާންވަމުން ދިޔައެވެ. ހިލްޔާގެ ނަސޭޙަތުގައި ހިފުނު ނަމައޭ އެވަގުތު ހިތަށް އަރަމުން ދިޔައެވެ. އެހެން ނޫންނަމަ ކުންފުންޏާއި ބީރައްޓެހި މެހުމާނުންގެ ކުރިމަތީގައި އޭނަގެ މި ބަލިކަށިކަން ފާޅުނުވީހޭ ދާނިޝްގެ ޒަމީރު ބުނަމުން ދިޔައެވެ.
ކޮންމެ ގޮތެއް ވިޔަސް ދާނިޝްގެ ކެއްސުމުން ބައްދަލުވުމަށް އަސަރު ކުރާތީ ދާނިޝް ބޭރަށް ގޮސް އޮންލައިންކޮށް ބައްދަލުވުންގައި ބައިވެރިވާނެ ވާހަކަ ބުންޏެވެ. އަދި ދާނިޝް ހުށަހަޅަން ޖެހޭ ބައި ދާނިޝްގެ ސެކްރެޓަރީގެ ގޮތުގައި ޖިއެން ހުށަހަޅަން ނިންމިއެވެ. އެ ބައްދަލުވުމުގެ ބައިވެރިން އެކަމާ ވަކި ދެކޮޅެއް ނެހެދިއެވެ.
ކޮންފަރެންސް ހޯލުން ނިކުތުމަށްފަހު ދާނިޝް މާ ދުރަކަށް ނުދެއެވެ. އެހެން ހޯލަކަށް ދާން ޚިޔާލު ކޮށްފައި ވެސް އެތާ ކައިރީގައި ހުރި ގޮނޑި ބަރިން ގޮނޑިއެއްގައި އިށީނީ، ވެފައި ހުރި ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. އެވަގުތު ގަދަ ހުމެއްގެ އިޙްސާސް ވެސް މުޅި ހަށިގަނޑުން ކުރެވެމުން ދިޔައެވެ. އެހެނަސް ދާނިޝް ހިތްވަރު ކޮށްފައި އަތުގައި އޮތް ފޯނުން އެ ހޯލުގައި ހިނގަމުން ދިޔަ ބައްދަލުވުން ފެންނާނެހެން ޓީމްސްގެ ކޯލަކުން ޖޮއިން ކުރިއެވެ. އެއަށްފަހު ޖިއެން ހުށަހަޅަމުން ދިޔަ ހުށަހެޅުން އަޑުއަހަމުން، ބައްދަލުވުމުގައި ތިބި އެންމެންގެ މޫނުތަކަށް ބަލަމުން ދިޔައެވެ.
ދާނިޝް އެހެން ބަލަން އިންދާ އެއްކަލަ ބެއިޖިންގް އިން އައި އިންވެސްޓަރު ފޯނު ނަގައި ކަންފަތުގައި ޖެއްސި މަންޒަރު ފެނުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ކުއްލި ގޮތަކަށް ގޮނޑިން ތެދުވުނެވެ. އެހިނދު ބައްދަލުވުމުގައި ތިބި އެންމެންގެ ނަޒަރު އޭނައަށް ހުއްޓުނެވެ. އިސާހިތަކު އޭނަ ދެންވެސް ފޯނު ކަންފަތުގައި ޖައްސައިގެން ދިގު ފިޔަވަޅުތަކެއްގައި ހޯލުން ނިކުންނަން ދިޔަ މަންޒަރު ފެނުނެވެ.
އެ މަންޒަރު ބަލަން އިން ދާނިޝް ދެބުމަ ކައިރި ކޮށްގެން އިންނަން ފެށިތާ މާ ގިނައިރެއް ނުވެ ބާރު އަޑަކާއެކު ކައިރީގައި ހުރި ހޯލުގެ ދޮރު ހުޅުވުނު އަޑު ދާނިޝްއަށް އިވުނެވެ. ދާނިޝް އެދިމާލަށް ބަލާލި ވަގުތު އެއްކަލަ އިންވެސްޓަރު ނިކުމެގެން އައިސް ހަރު އަޑުން ޗައިނާ ބަހުން ވާހަކަ ދެއްކިއެވެ.
“ތި ކިޔަނީ ކީކޭ؟ ކިހިނެއް އަހަރެންގެ އަންހެނުން މަރުވާނީ؟؟ ތި މީހުން ޔަޤީންކަން ދިނީމެއްނު އޭނަ ސަލާމަތް ކުރެވޭނެ ކަމާއިމެދު؟! އެނ؟!!” ރުޅިވެރިކަމާއިއެކީ އޭނަ ފޯނުން ވާހަކަ ދެއްކި އަޑަށް ދާނިޝްއަށް ކޮޅަށް ތެދުވެލެވުނެވެ. އިވުނު ވާހަކަތަކުން މެއަށް ގޮތެއްވިއެވެ. ހަނދާނަށް އައީ އެމީހާގެ އަންހެނުން ހޮސްޕިޓަލުގައި އޮތް ވާހަކަ އޭނަ ބުނި ގޮތެވެ.
“ނޫން، ނޫން…ނުވާނެ އެހެންނެއް. ލީޝާ މަރެއް ނުވާނެ. އަހަރެން ދޫކޮށްފަ ނުދާނެ އެހެންނެއް. މަ ޤަބޫލެއް ނުކުރާނަން ނުފެންނަނީސް…ފޮޓޯ ފޮނުވާ!” އިރަށް އިރަކަށް ހަރުވަމުން ދިޔަ އަޑަކާއެކީ އެމީހާ ވާހަކަ ދެއްކިއެވެ. އެހިނދު އެމީހާގެ ލޯ ރަތްވެ ލޮލުން ކަރުނަ ހިލިފައިވި މަންޒަރު ދާނިޝްއަށް ފެނުނެވެ.
އިރުކޮޅެއްގެ ތެރޭގައި އެމީހާ ފޯނު ކަންފަތުން ނަގާލަމުން ފޯނުގެ ސްކްރީނަށް ބެލިއެވެ. އެއާއިއެކު ފަޅި ސިކުންތެއްގެ ތެރޭގައި އެމޫނުމަތިން ރުޅިވެރިކަން އެއްކޮށް ފިލައި، ކުލަވަރު އޮއްސުނެވެ. ރޫޙު މަރުވި އަސަރެއް އެ މޫނުމައްޗަށް ވެރިވިތާ މާ ގިނައިރެއް ނުވެ އެމީހާ ކަކޫ މައްޗަށް ތިރިވިއެވެ. އޭގެ މާ ގިނައިރެއް ނުވެ އެ ލޮލުން ކަރުނަތައް ފައިބައި، އެމީހާގެ ގިސްލުމުގެ އަޑު އިވެން ފެށިއެވެ.
“ލީޝް….ނޫން. މިހެން ނޫން. ލީޝް ހޭލާ. އަދި އަހަރުމެން އެއްކަލަ ދަތުރު ވެސް ދާން އެބަޖެހޭ. ލީޝް އަހަންނަށް ދޭން ކެއްކި ސޫޕްގެ ރަހަވެސް ބަލަން ބޭނުން. ލޯބި ގައިގަ ބައްދާލަން ބޭނުން. ލޯބިވާ ވާހަކަ ބުނަން ބޭނުން. އަދި އެއްފަހަރު…އަދި އެއްފަހަރު..ޕްލީޒް…”
ރޮމުން ހަރު އަޑުން އެމީހާ ދެއްކި ވާހަކަތަކުން ދާނިޝް ގެ ހިތް ރޫރޫއެޅިއެވެ. އެވަގުތު ހިލްޔާގެ ސޫރަ ލޮލަށް ސިފަވުމުންނެވެ. ޚުދު އޭނަ ވެސް ހިލްޔާގެ ގައިގައި ބައްދާނުލާތާ މިއީ ކިހާ ދުވަހެއްތޯ ހިތަށްއެރިއެވެ. ހިލްޔާ ގާތު ލޯބިވާ ވާހަކަ އެންމެ ފަހުން ބުނެވުނު ދުވަހެއް ހަނދާނެއް ވެސް ނެތެވެ. ނުވި ތާކަށް މިރޭ އޭނަ އޮފީހަށް އައީ ހިލްޔާ ދެރަކޮށްލާފައެވެ. ކަން މިހެން އޮތްވާ ހިލްޔާ އޭނައާއި މިފަދައިން ވަކި ވެއްޖެނަމަ އޭނަގެ ހިތަށް ކެތް ކުރެވޭނެ ހެއްޔެވެ؟
އެ ސުވާލު ހިތަށް ވެރިވުމުން ދާނިޝްގެ ހިތަށް ތަދުވެ، ލޮލަށް ކަރުނަތައް ޖަމާވިއެވެ. ހިލްޔާ އޭނައާއި ވަކިވެދާނެ ފަދަ ދުވަހެއް ޚިޔާލަށް ގެންނަން ވެސް ދާނިޝްއަށް ދައްޗެވެ. މި ހުރިހާ ދުވަހު އޭނަ ހިލްޔާއަށް ފަސްދީގެން އުޅުނީ، އެއްދުވަހު އޭނަގެ މަސައްކަތް ނިމިގެން އޭނަގެ ހުރިހާ ވަގުތެއް ހިލްޔާއަށް ދޭން ނިންމައިގެންނެވެ. އެހެނަސް އޭނަ ހިތްހަމަޖެހޭ ވަރަށް މަސައްކަތް ނިމެން ވާއިރަށް ހިލްޔާ އޭނަގެ ގާތުގައި ހުންނާނެ ކަމުގެ ޔަޤީންކަން ދިނީ ކާކު ހެއްޔެވެ؟ ޙަޔާތަކީ ކުރު އެއްޗެކެވެ. ލޯބިވާ މީހުންނަށް ވަގުތު ދޭންވީ މިއަދެވެ.
ދާނިޝްގެ ހިތަށް އެ ޚިޔާލު ވެރިވި ވަގުތު ކޮންފަރެންސް ހޯލުގައި ތިބި އެހެން މީހުން ނިކުމެ، އެއްކަލަ މީހާ ވަށާލިއެވެ. އެހިނދު ދާނިޝް ވެސް އޭނައަށް ދަޢުވަތު ދިން މީހާގެ ޙައިސިއްޔަތުން އޭނަގެ ގާތަށް ގޮސް ތައުޒިޔާ ކިޔުނެވެ. އިރުކޮޅެއްގެ ތެރޭގައި އެމީހާ ހަމައަކަށް އެޅުމުން އޭނަ އެއާރޕޯޓަށް ގެންދިޔުމުގެ ވާހަކަ ދެކެވުނެވެ. އެކަން ކޮށްދޭނީ ދާނިޝް ދޯއޭ ޖިއެން ބުންޏެވެ. އެއީ ދާނިޝް އެދޭނެ ގޮތްކަމަށް ޖިއެން ނިންމީ، ކުރިން ދާނިޝްއާއި ދެކެވިފައިވި ވާހަކަތަކަށް ބުރަވެއެވެ. އެ އިންވެސްޓަރާއެކީ ދަތުރުކުރަން ދާނިޝް ނިންމީ، އޭނައާއި އިތުރަށް ގުޅުން ބަދަހި ކުރުމަށެވެ.
އެހެނަސް އެވަގުތު ދާނިޝްއަށް އެ ޚިޔާލު ބަދަލު ކުރެވުނެވެ. އެ އިންވެސްޓަރު އެއާރޕޯޓަށް ލައިދިނުމަށް ޖިއެން ގާތު އެދެވުނެވެ. ދާނިޝްއަށް އެވަގުތު އެނގުނުހާ ވެސް ކަމަކީ އެވަގުތު ގެއަށް ދާން ބޭނުންވި ކަމެވެ. އޭނަގެ ހުރި ހަމައެކަނި ޢާއިލާ މެންބަރަށް ވަގުތު ދިނުމަށެވެ.
ނުނިމޭ
