ނަފްސީ (ފަސްދޮޅޮސްއަށްވަނަ ބައި)
ނަފްސީ (ފަސްދޮޅޮސްއަށްވަނަ ބައި)
“އަދި އެ ސޫރަތް ދަސް…ނުވޭ…” ދާނިޝް އޮމާންކޮށް ދޭން ފެށި ޖަވާބު ކުރަކިވީ، ކަނާތް ފަރާތަށް ނަޒަރު ހުއްޓާލުމުން ފެނުނު މަންޒަރުންނެވެ. އެހިނދު ހުރެވުނު ތަނަކާއި ކުރިމަތިން ފެންނަމުން ދިޔައީ ކާކުކަމާއި މެދު ވެސް ހިނދުކޮޅަކަށް އޮޅުން އަރާ ގޮތްވިއެވެ.
ބުރުގާ ނާޅާ ހުރި ކުއްޖެއް ފެނުމުން އެންމެ ފުރަތަމަ ބެލުން ތިރި ކުރެވެން އުޅުނެވެ. އެހެނަސް ނޭނގޭ ސަބަބަކާ ހުރެ ބަލަހައްޓައިގެން ހުރެވުނެވެ. އެ ސޫރައިގެ ސިފަތަކަށް ސަމާލުކަން ދެވުނުހެން ލަސްލަހުން އެއީ ކާކުކަން އެނގިގެން ދިޔައެވެ.
“ހިލްޔާ…” އެ ނަން ހިތަށް ވެރިވިއެއްކަމަކު ދުލާއި ހަމައަށް ނައެވެ. އާގަމަވެފައި އަނގަ ކުޑަކޮށް ހުޅުވިފައި ބަލަހައްޓައިގެން ހުރެވުނެވެ. ކޮނޑަށްވުރެ ތަންކޮޅެއް ތިރިއަށް އޮތް ކަޅުކުލަ ގަދަ ފަން އިސްތަށިގަނޑު ކަނާތު ކޮނޑު މަތިން ވައްޓާލެވިފައިވީއިރު އެ ދޮން ކަނދުރާ ހާމައަށް ފެންނަމުން ދިޔައެވެ. އެ ދިގު އެސްފިޔަތަކާއި، ބުމައިގެ ބައްޓަމާއި އެ މަޑު ފިޔާތޮށި ކުލައިގެ އޮމާން ތުންފަތުން އެ ސޫރައިގެ އަންހެންވަންތަކަން އިތުރު ކުރުވިއެވެ. މީގެ އިތުރުން ހިލްޔާ ލައިގެން ހުރި ހެދުމުގެ ސަބަބުން އެ ހަށިގަނޑުގެ ބައްޓަން ފެނިފައި ދާނިޝް އެހެން ދިމާލަކަށް ބަލަން ނުކުޅެދިފައި ހުއްޓެވެ.
ހަނދުވަރުގެ އަލީގެ ތެރެއިން ހިލްޔާ ފެންނަމުން ދިޔަ އެ ވަގުތު މިއީ އޭނަ ޙަޔާތުގައި ވެސް ދުށް އެންމެ ރީތި ކުއްޖާކަމަށް ދާނިޝްގެ ހިތާއި ސިކުނޑި ވެސް ޤަބޫލުކުރިއެވެ. ހިލްޔާގެ އެ ބޭރުފުށުގެ ރީތިކަމާއެކު ހިލްޔާގެ އަޚްލާޤް މަތިން ހަނދާންވުމުން އެ ރީތިކަން ދާނިޝްގެ ނަޒަރުގައި އިތުރުވުން ނޫންކަމެއް ނުވިއެވެ. ހަނދާނަށް އައީ މާޒީގައި އޭނަ ގެންގުޅުނު އެކުވެރިން ދީންވެރި ކުއްޖަކާއި ނުއިނުމަށް އޭނައަށް ދިން ނަޞޭޙަތްތަކެވެ. ބޮޑު ހެދުން ލައިގެން އުޅެނީ ރީތިކަމެއް ނުހުންނާތީ ކަމަށް ބުނެ އުޅުނު އުޅުމެވެ. އެ ބަސްތަކުގެ ދޮގުވެރިކަން މިއަދު ދާނިޝްއަށް ހާމަވެއްޖެއެވެ. ޙަޤީޤީ ރީތިކަމަކީ މިއީއެވެ. އަދި ވަކިން ޚާއްސަކޮށް ހިލްޔާގެ މި ރީތިކަން އޭނަ ފިޔަވައި އެހެން ފިރިހެނަކަށް ނުފެންނާނެކަމުގެ ޔަޤީންކަން ލިބުނު ވަގުތު، ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ.
ދާނިޝް އެސްފިޔަ ޖަހާލުމެއްނެތި އެއްޗެކޭ ނުބުނެ ބަލަހައްޓައިގެން ހުންނަން ފެށުމުން ހިލްޔާ އަނެއްކާވެސް ފިނިވާ ގޮތްވިއެވެ. ދާނިޝް ގާތު އެއްޗެކޭ ބުނިއިރު އޭނައަށް ހުރެވުނު ގޮތް ހަނދާނެއް ނެތެވެ. އެކަން އެނގުންވީ ދާނިޝް ވާހަކަ ދެއްކުން ހުއްޓައި އޭނައަށް ބަލަން ފެށުމުންނެވެ. ދާނިޝްގެ މޫނުމަތިން ދާނިޝްގެ އިޙްސާސްތައް ދަނެގަންނަން ހިލްޔާއަށް މުސްތަޙީލު ކަމަކަށް ވިއެވެ. އޭނަ ހުރި ގޮތާއިމެދު ދާނިޝް ހިތްހަމަނުޖެހުނީތޯ ވެސް ހިތަށްއަރަން ފެށިއެވެ. އެހެން އަހާލަން ހިތަށްއެރިއެވެ. އެހެނަސް އެއްޗެކޭ ނުބުނެ، ގުޑިލަން ވެސް ނުކެރިފައި ހުރެވުނެވެ.
ހިލްޔާގެ މޫނުމައްޗަށް ވެރިވެގެން ދިޔަ ނުތަނަވަސްކަން ނަގައިގަންނަން ދާނިޝްއަށް މާ ގިނައިރެއް ނުނެގިއެވެ. އެކަން އެނގުންވުމުން އޭނަގެ ނަޒަރުގެ ސަބަބުން ހިލްޔާ ޖެހިލުންވަނީކަން އެނގުންވިއެވެ. އެއާއިއެކު ހިލްޔާ ހިތްހަމަޖައްސާލަން ބުނާނެ އެއްޗަކާއި މެދު ވިސްނާލެވުނެވެ.
“މިވަގުތު ކިޔަންވީ أَسْتَغْفِرُ اللّه ކަމެއް ނޫނީ الْحَمْدُ لِلّه ކަމެއް ނޭނގިފަ މިހިރީ…” ދާނިޝް ސަމާސާއެއް ކުރިއެވެ. ބޭނުމަކަށްވީ ހިލްޔާ ހެއްވާލުމެވެ. އަދި އެދެމެދުގައި ގުޅުން އިތުރަށް ފުންވެގެން ދިޔަޔަސް އެކުވެރިކަން ދެމިގެންދާނެކަން ހިލްޔާއަށް ވިސްނައިދިނުމެވެ.
ދާނިޝްގެ އެ މުރާދު ޙާޞިލުވިއެވެ. ދާނިޝް އެ ބުނި އެއްޗެއްގެ މާނަ ވިސްނުމާއިއެކު ހިލްޔާއަށް ހީލެވުނެވެ. އެއާއިއެކު އިސާހިތަކު ދެންމެ ހިތަށް ވެރިވި ޖެހިލުންވުމުގެ މަތިން ހަނދާން ނެތުނެވެ. ހިލްޔާގެ ހުނުމުގެ އަޑު އިވި، އެ ހިނިތުންވުން ފެނިފައި ދާނިޝް އިތުރަށް އާޝޯޚުވިއެވެ. ޚުދު އަމިއްލައަށް ވެސް ހީލެވުނީ އެ އިޙްސާސާއި އެކީގައެވެ.
“ހެހެހެ…ކޮންމެ ޒިކުރެއް ކިޔުނަސް ހަމަ ޘަވާބު ލިބޭނީ. ދެ ޒިކުރުވެސް އީކުއަލީ ރެލެވެންޓް ކޮންމެ ވަގުތަކަށް ވެސް ދޯ؟ ސޯ އޯކޭ ވާނެ.” އަނެއްކާވެސް ހިތަށް އިޙްސާސް ކުރެވުނު ޖަޒުބާތީ ރައްކާތެރިކަމާއެކީ ހިލްޔާއަށް ހާމަކޮށް ވާހަކަ ދެކެވުނެވެ. އެހިނދު ދާނިޝްއަށް ބޭއިޚްތިޔާރުގައި ހިލްޔާއާއި ދިމާލަށް ދެވެން ފެށިއެވެ.
“އައްދެ….މިރޭ އަހަންނަށް ފަތުވާއެއް މި ލިބެނީ ސުޕާރމޮޑެލްއެއްގެ ފަރާތުންތަ؟ ހާދަ އެހެން ކަހަލަ ހުވަފެނެކޭ…” ދާނިޝް ހިލްޔާގެ ކުރިމައްޗަށް ވާގޮތަށް ނުހަނު ގާތުގައި ގޮސް މަޑުކޮށްލަމުން ބުނެލި ވާހަކައިން ހިލްޔާއަށް އިތުރަށް ހެވުނެވެ. ސަމާސާއެއްގެ ތެރެއިން ވެސް ދާނިޝް އޭނައަށް ތަޢުރީފެއް ކުރީތީ ހިލްޔާއަށް އުފަލެއް ލިބުނެވެ. އަދި ދާނިޝްގެ ކުރިމަތީގައި އެފަދައިން ހުންނަން އިތުރަށް ފަސޭހަވިއެވެ.
“ސުޕަރމޮޑެލްއެއް ވިޔަސް މުސްލިމެއް ވިއްޔާ ނަސޭޙަތެއް ދެވިދާނެއެއްނު؟” ހިލްޔާ ބުންޏެވެ. އެހިނދު ހިލްޔާއާއި ޖެހޭ ނުޖެހޭ ހިސާބުގައި ހުރި ދާނިޝް އެއްއަތުން ހިލްޔާގެ މޫނަށް އެޅިފައިވާ އިސްތަށިތައް އެއްފަރާތް ކުރިއެވެ. ދާނިޝްގެ އެ ޙަރަކާތުންނާއި އެ ގާތްކަމުން ހިލްޔާ ދާނިޝްއާއި އިތުރަށް ގާތްވާން ބޭނުންވެފައިވިއެވެ. ދާނިޝްގެ ޙަރަކާތްތައް އެހާ ލަސްވުމުން ހިތުގައި ޝަކުވާ އުފެދުނެވެ. އެހެނަސް އެ ވާހަކަ ބުނާނެ ގޮތެއް ނުވިސްނުނެވެ. މުޅިން އާ އިޙްސާސްތަކަށްވުމުންނެވެ.
“އަސްލުވެސްދޯ….ހާދަ ރީއްޗޭ އަހަރެންގެ ވައިފް….ޔޫ ލުކް ބިއުޓިފުލް، އެންޑް ސްޓަނިންގް އެންޑް…..” ދާނިޝް ނުހަނު ފުން ނަޒަރަކުން ހިލްޔާއަށް ބަލަން ހުރެ ބުންޏެވެ. އެހާ ހިސާބުން ދާނިޝް ވާހަކަ ހުއްޓާލުމުން ދާނިޝް ދެން ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ހިލްޔާއަށް ހުރެވުނެވެ. ދާނިޝް އިތުރަށް އެއްޗެކޭ ނުބުނުމުން ހިލްޔާއަށް ވާހަކަ ދެކެވުނެވެ.
“ބަސް ހުސްވީތަ؟” ހިލްޔާ ލާނެތް ހިނިތުންވުމަކާއެކީ އެހިއެވެ. އެކަމާއިމެދު ޚުދު ހިލްޔާ ވެސް ޙައިރާންވިއެވެ. ހިނދު ދާނިޝްގެ ހީލުމުގެ އަޑު އިވުމުން ހިލްޔާއަށް ދާނިޝްގެ މޫނުގެ ތަފްޞީލުތަކަށް ބަލަމުން ހިނިތުންވުމެއްގައި ހުރެވުނެވެ.
“ނޫނޭ….ދެން ހުރި ބަސްތައް ބުނެފިއްޔާ ހިލްޔާ ލަދުން ގޮސް ހަލާކުވެދާނެހެން ހީވާތީ…” ދާނިޝް އެ ބުނެލި ހިލްޔާއަށް އިހުނަށްވުރެ ގަދައަށް ހެވެން ފެށި ހިނދު ރަތްވެގެން ދިޔަ ކޯތާފަތާއިއެކީ ދާނިޝްގެ މޭމަތީގައި މަޑުމަޑުން ޖެހިއެވެ.
އެއާއިއެކު ނުފިލާ ހިނިތުންވުމެއްގައި ހުރި ދާނިޝް ވެސް ހީލިއެވެ. އަދި ލަސްލަހުން ހިލްޔާއާއި ގާތްވެލަމުން ހިލްޔާގެ ނިތުގައި ބޮސްދިނެވެ. އެހިނދު ލޯ މަރާލެވުނު ހިލްޔާގެ ކަނދުރައިގައިވާ ލޯލިތައް ކޮޅަށް ޖެހުނެވެ. އަދި ދާނިޝްގެ ގައިގައި ހިފަހައްޓާލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެވަގުތުކޮޅު ދިގު ދެމިގެން ދިޔުމަށް އުއްމީދު ކުރެވުނެވެ. އެހެނަސް ހިލްޔާގެ ހިތް ނުފުރެނީސް ދާނިޝްގެ އެ ލޯބީގެ ޙަރަކާތަށް ނިމުމެއް އައިސް ދާނިޝް އޭނައާއި ލަސްލަހުން ދުރުވެލަމުން ހިނިތުންވުމަކާއިއެކީ އޭނަގެ މޫނަށް ބަލާލިއެވެ. އަދި ލޯތްބާއިއެކީ ލަސްލަހުން ކަނާތު އަތް ހިއްލާލަމުން ހިލްޔާގެ ނިތުގައި ޖެއްސިއެވެ. އެއީ ހަމައެކަނި ލޯބީގެ ޙަރަކާތެއް ނޫންކަން ހިލްޔާއަށް އެނގުނީ ދާނިޝް ދުޢާއެއް ކިޔާލި މަންޒަރު ފެނުމުންނެވެ. އެހިނދު ހިލްޔާއަށް އިޙްސާސް ކުރެވުނީ އިތުރު ރައްކާތެރިކަމެކެވެ. އޭނައަށް ޚިޔާރު މި ކުރެވުނީ ރަނގަޅު ބައިވެރިއެއްކަން ޔަޤީން ކުރެވިގެން ދިޔައެވެ. ކައިވެނީގެ ފުރަތަމަ ރޭގައި ކިޔޭ އެ ދުޢާގެ މާނަ ހިލްޔާއަށް އެނގޭތީ ހިލްޔާއަށް ވެސް އެވަގުތު ހިތާހިތުން އެފަދަ ދުޢާއެއް ކުރެވުނެވެ. އެ ދެމީހުންނަކީ ވެސް އެކަކު އަނެކަކަށް ރަނގަޅު ބައިވެރިން ކަމުގައި ލެއްވުމަށް އެދިއެވެ.
ދާނިޝް ހިލްޔާގެ ބޮލުގައި ފިރުމާލަމުން ލަސްލަހުން އަތް ތިރި ކޮށްލި ވަގުތު އަނެއްކާވެސް އެ ދެމެދުގައި ހިނިތުންވުންތައް ބަދަލުވިއެވެ. އެހިނދު ހިލްޔާއަށް ބޭއިޚްތިޔާރުގައި ދާނިޝްއާއި ގާތުގައި ހުރުމަށް އެދެވެމުން ދިޔައެވެ. ދާނިޝްގެ ގައިގައި ބައްދާލަން ހިތަށްއެރި ވަގުތު ދާނިޝް ވާހަކަ ދެއްކިއެވެ.
“އޭ އަދި އަހަރެން ހިލްޔާއަށް ދޭން ހަދިޔާއެއް ގެނެއްސަ އޮންނާނެއޭ. ތިހެން ހުރިތަން ފެނުނީމަ މި ހަނދާންވީ.” ދާނިޝް ހިލްޔާއާއި ކުޑަކޮށް ދުރުވެލަމުން ވާހަކަ ދެއްކުމުން ހިލްޔާގެ ހިތުގައި ޝަކުވާ އުފެދުނެވެ. އެހެނަސް ދާނިޝް ދެއްކި ވާހަކައާއި މެދު ޝައުޤުވެރިވިއެވެ.
“ކޮން ހަދިޔާއެއް؟” ހިލްޔާއަށް އަހާލެވުނެވެ. އެއާއިއެކު ދާނިޝް ހިނިތުންވެލިއެވެ.
“އާދޭ ދައްކާނަން.” ދާނިޝް ނުފިލާ ހިނިތުންވުމަކާއެކީ ހިލްޔާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. އެހިނދު ހިލްޔާއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. ހިތުގައި ދެންމެ އުފެދުނު ޝަކުވާ ފިލީ، ދާނިޝް ހިނދުކޮޅަކަށް އޭނައާއި ދުރުވިޔަސް އޭނަ ދެން މުޅި ދިރިއުޅުން އުޅެން ޖެހެނީ ދާނިޝްއާއި އެކީކަން އެނގުންވުމުންނެވެ. އެހެންކަމުން ހިތުގެ މުރާދު ޙާސިލު ކުރަން ހިލްޔާ ވަކި އަވަސް އަރުވާކަށް ބޭނުމެއް ނުވިއެވެ. ދާނިޝްއާއި އެކީ ހޭދަކުރެވޭ ކޮންމެ ވަގުތުކޮޅެއްގެ އުފާ ފުރިހަމަ ގޮތުގައި ލިބިގަންނަން ބޭނުންވިއެވެ.
ދާނިޝް ހިލްޔާގެ އަތުން ދޫކޮށްލީ، ކޮޓަރި ތެރޭގައި ހުރި ދާނިޝްގެ ފޮށި ކައިރިއަށް ގޮސް އެ ފޮށި ހުޅުވަންވުމުންނެވެ. ބިންމަތީގައި ބަހައްޓައިގެން ފޮށި ހުޅުވުމަށްފަހު ދާނިޝް އޭގެ ތެރެއިން ނެގީ ހަތަރެސްކަނަށް ހުރި ހުދުކުލައިގެ ފޮށްޓެކެވެ.
“ހޯޕް ޔޫ ލައިކް އިޓް.” ދާނިޝް އެ ފޮށި ހިލްޔާއަށް ދިއްކޮށްލަމުން ހިނިތުންވުމަކާއެކީ ބުންޏެވެ.
ހިލްޔާ އެއްފަހަރު އެ ފޮށްޓަށް އަނެއްފަހަރު ދާނިޝްއަށް ބަލާލަމުން ހީލުމަކާއެކީ ޝުކުރު އަދާ ކުރަމުން ފޮށި ހޯދިއެވެ. ފޮށީގެ ބޭރުގައި ލިޔެވިފައިވީ ޢަރަބި އަކުރެކެވެ. ފޮންޓުގެ ގޮތުން އެ ބަސް ކިޔަން ނޭނގުނެއްކަމަކު ތަންކޮޅެއް ކުރިން އެ ބަސް ފެނިފައިވި ހަނދާނެއް ހިލްޔާ އާވިއެވެ. އެހެނަސް އެ ބަސް ފެނުނީ ކޮންތަނަކުން ކަމެއް ހިލްޔާ ހަނދާނެއް ނުވިއެވެ. އެހެންކަމުން އެކަމާމެދު އިތުރަށް ވިސްނުމެއް ނެތި ފޮށި ހުޅުވިއެވެ. ފޮށީގެ ތެރެއިން ހިލްޔާއަށް ފެނުނީ ކަޅުކުލައިގެ އެސްޖަހާފައިވާ ކަޅުކުލައިގެ އަބާޔާއެކެވެ.
“ވާވް! މީތި ވެޑިންގްއަށް ލާން ދިން ނަމަ މާ ސަޅިވީހެއްނު؟” ހިލްޔާ ރާގަކަށް ބުންޏެވެ.
“ހެހެ…ހިތަށްއެރި އެކަމަކު ހިލްޔާ ބޭނުންވީ ޕިންކް ހެދުމެއް ނޫންތަ؟ އެހެންވީމަ ނުދިނީ. ހެޔޮވަރުތޯ ބަލާލަބަލަ.” ދާނިޝް އެދުނެވެ.
އެއާއިއެކު ހިލްޔާ އެ އަބާޔާ ފޮށިން ނެގިއެވެ. ހަމަ އެވަގުތު ދާނިޝް އިސްނަގައި ހިލްޔާގެ އަތުން ފޮށި ހޯދިއެވެ. ހިލްޔާ ލައިގެން ހުރި ޓީޝާޓާއި ހަރުވާޅުގައި މަތިން ޖެކެޓެއް ފަދައިން އަބާޔާ ލަމުން ރީތިވާ މޭޒު ކައިރިއަށް ދިޔައެވެ. އެ ފޮތީގެ ގޮތުންނާއި އެސްތައް އަތުގައި ޖެހުނު ގޮތުން މިއީ ކުރިން އޭނައަށް ފެނިފައިވާ އަބާޔާއެއްހެން ހީވިއެވެ. ރީތިވާ މޭޒުގެ ލޯގަނޑުން އެ އަބާޔާ ފެނުނު ހިނދު އެ ހީވުން ޔަޤީނާއި ގާތްވުން ނޫންކަމެއް ނުވިއެވެ. ހިލްޔާ އެތާ ހުއްޓާ ދާނިޝް ހިލްޔާގެ ފަހަތުގައި ހުއްޓިލަމުން ހިލްޔާގެ ދެކޮނޑުމަތިން އިހުނަށް ވުރެ ރަނގަޅަށް އަބާޔާ އަރުވާލަދިނެވެ.
“ރީތިތަ؟” ދާނިޝް އެހިއެވެ.
“ރީތި މާ ޝާ ﷲ….އެކަމަކު…މިއީ އަނެއްކާ…ކްލޮކް ޓަވާރ އިން ގަތް އެއްޗެއްތަ؟” ހިލްޔާއަށް ކުއްލިއަކަށް އެނގުންވެގެން ދިޔުމާއިއެކު ބޮޑުވެގެން ދިޔަ ދެލޮލާއިއެކީ ދާނިޝްއާއި ދިމާލަށް އެނބުރިލެވުނެވެ. ހަނދާނަށް އައީ އޭނަ މައްކާގެ ކްލޮކް ޓަވާރއަކަށް ގޮސް އަބާޔާއަކަށް ބަލައިގެން ހުރެފައި އޭގެ އަގަށް ބަލާލުމަށްފަހު އޭތި ނުގަނެ ދިޔަ ގޮތެވެ.
“ހެހެހެ….ރަނގަޅަށް ތި ހީވީ. ކޮންމެވެސް ކުއްޖަކު ތި އަބާޔާއަށް ބަލަހައްޓައިގެން އެތައް އިރެއްވަންދެން ހުރެފަ ނުގަނެ ދިޔައިމަ ދެން ގަނެދޭ ހިތްވީ.” ދާނިޝް ހިނިތުންވުމަކާއެކީ ބުންޏެވެ. އެހިނދު ހިލްޔާއަށް ޙައިރާންކަމެއްގެ ތެރޭގައި ހުރެ ހީލެވުނެވެ. ދާނިޝްއަށް އެދުވަހު އޭނަ ފެނުނީތާއޭ ހިތަށްއެރިއެވެ.
“ޔާ….އަސްލު އެދުވަހު މީތި ނުގަތީ މާ އަގުބޮޑުވީމަ. ޑޯންޓް ގެޓް މީ ރޯންގް އައި ކޭން އެފޯޑް އިޓް.” ހިލްޔާ ބުންޏެވެ.
“އާނ އެނގެއޭ ތިއީ ޕްރިންސެސްއެއްކަން.” ދާނިޝް ލާނެތް ރާގަކަށް ބުންޏެވެ. އެހިނދު ހުއްޓުން އެރި ހިލްޔާ ދާނިޝް އެހެން ބުނީ ކީއްވެކަން ހަނދާންވުމުން މޫޑު ގޯސްވާ ގޮތްވިއެވެ. އޭނަގެ ހިތް ކިބުރުވެރިކަމުން ފުރިފައިވި ދުވަސްތައް ހަނދާންވުމުންނެވެ.
“އިއޫ….ނޮޓް އަ ޕްރިންސެސް.” ހިލްޔާ އެހެން ބުނަމުން އޯކަތް ދަމާ ގޮތަށް ހެދުމުން ދާނިޝްއަށް ގަދައަށް ހެވުނެވެ. ހިލްޔާ އެދުވަހާއި ބަލާއިރު ހިތްތިރިވެ، ބަދަލުވެފައިވާ މިންވަރު އެނގުންވުމުން ދާނިޝްގެ ހިތުގައި ހިލްޔާއަށްޓަކައި އިތުރު ލޯތްބަކާއި ޤަދަރެއް އުފެދުނެވެ.
ދެމީހުންގެ މެދުގައި އަނެއްކާވެސް ޙިއްސާވެގެން ހުނުން މަޑުވެގެން ދިޔުމުން މިފަހަރުވެސް ވާހަކަ ދެއްކީ ހިލްޔާއެވެ.
“ބުނަން މިއުޅެނީ އެދުވަހު އަސްލު ނުގަތީ މާ އަގުބޮޑު އެއްޗެއް ގަނެ ބޭކާރު ގޮތުގަ ވޭސްޓް ނުކުރަން ވެގެންނޭ. އައި ޑޯންޓް ލައިކް ވޭސްޓިންގް.” ހިލްޔާ އިސްޖަހާލަމުން ބުންޏެވެ.
“ވޭސްޓް ކުރުމަކީ އަހަރެން ވެސް ލައިކްވާ ކަމެއް ނޫން. އެކަމަކު އަހަރެން ތީތި ގަތީމަ ވާނީ އާޚިރަތުގެ އިންވެސްޓްމެންޓަކަށް ދޯ؟ ފިއުޗާރ ވައިފްއަށް ދޭން އަހަރެން ތީތި ގަތް ކަމަށްޓަކައި ޘަވާބު ލިބޭނެ. އަދި މިހާރު ހިލްޔާއަށް ތީތި ދެވުނީމަ ހިލްޔާ ތީގެ ސަބަބުން އުފާވީމަ ވެސް ޘަވާބު ލިބޭނެ. އަދި ހިލްޔާ ތީތި ލައިގެން އުޅުނީމަ ވެސް ޘަވާބު ލިބޭނެ އިން ޝާ ﷲ. ތި އަބާޔާ ގެ ސަބަބުން އަހަންނަށް ސުވަރުގެއަށް ދެވިއްޖެއްޔާ އައި ވުޑްންޓް ބީ ސަޕްރައިޒްޑް. ހެހެހެ….” ދާނިޝް ވާހަކަ ދައްކަމުން ހީލުމުން ހިލްޔާއަށް ވެސް ލުއި ގޮތަކަށް ހީލެވުނެވެ.
“އަސްލުވެސް. އަޅެ އަހަރެން ނުގެންނަން ދާނިޝްއަށް ދޭން ހަދިޔާއެއް. ވިސްނިން ހަދިޔާއެއް ހަދަން އެކަމަކު އެހެން ކަންތަކާމެދު މާ ބޮޑަށް ވިސްނުނީމަ ހަނދާން ނެތުނީ.” ހިލްޔާ މާޔޫސްކަމާއިއެކު ބުންޏެވެ.
“ކޮން ކަމަކާމެދު ވިސްނީ؟ ހަނީމޫނާއި މެދު؟” ދާނިޝް ދެއަތް އުރާލައިގެން ހުރެ ކޮށްލި އެ ސުވާލުން ހިލްޔާ ދާނިޝްއަށް ބަލާލެވުނެވެ. އެއާއިއެކު އަނެއްކާވެސް ދެމީހުންނަށް އެކީގައި ހީލެވުނު ވަގުތު ހިލްޔާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ.
“ހެހެ…އޯކޭ ދެން އަހަރެން ވީ ފްރެޝްވެލަން. އަހަންނަށް އަނެއްހެން އޯކޭ ބޮޑު ކުރާ ލޯގަނޑެއް ހިފައިގެން ހިލްޔާ އަހަންނަށް ބަލަހައްޓައިގެން ހުއްޓަސް.” ދާނިޝް އެހެން ބުނެ ގަމީހުގެ ގޮށްތައް ނައްޓަން ފެށުމުން ހިލްޔާއަށް ތެޅިގަނެވުނެވެ.
“ނޯ ނޯ ނޯ ވެއިޓް. އަހަރެން މި ދަނީ ބޭރަށް.” ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ ހިލްޔާއަށް މޫނުގައި ދެއަތް އަޅައި އަނެއް ފަރާތަށް އެނބުރިލެވުނެވެ.
“ހަހަހަ….ލޯ މަރައިގެން ހިނގަން ނުއުޅެއްޗޭ އަނެއްކާ. ޖަސްޓް ޖޯކިންގް. އަހަރެން އެއްޗެހި ހިފައިގެން ފާޚާނާއަށް ވަދެލާނަން. ހިލްޔާ ބޭނުމިއްޔާ ރެސްޓްކޮށްލާ.” ދާނިޝް ބުންޏެވެ. އެއާއިއެކު ހިލްޔާއަށް ދެއަތް ތިރި ކޮށްލަމުން ދާނިޝްއާއި ދިމާލަށް އެނބުރިލެވުނެވެ. އެހިނދު ގަމީހުގެ ގިނަ ގޮށްތައް ނެއްޓިފައިވާ ދާނިޝް އޭނައަށް ލުއި ހިނިތުންވުމަކާއެކީ ބަލަހައްޓައިގެން ހުއްޓެވެ. އެހިނދު ހިލްޔާއަށް ދާނިޝް ހާމަ މޭމައްޗަށް ބެލެމުން ދިޔައީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. ހިލްޔާ ބަލަބަލާ ހުއްޓާ ދާނިޝް އަމިއްލަ ފޮށި ކައިރިއަށް ގޮސް ކުރުފައިމައްޗަށް ތިރިވެލިއެވެ. ފޮށިން ބައެއް އެއްޗެހި ނަގައިގެން ދާނިޝް ގޮސް ފާޚާނާއަށް ވަން މަންޒަރު ފެނިފައި ހިލްޔާ ހިސާބަކަށް ދެރަވިއެވެ. އެ ފާޚާނާއަކީ ފަސޭހައިން ހުރިހާ ކަމެއް ކުރެވޭނެ ވަރުގެ ތަނަވަސް ތަނެކެވެ. އެހެނަސް ހިލްޔާ ދެރަވީ ދާނިޝް އޭނައަށް ތައްޔާރުވާން ތަން ދިންވަރަށް އޭނައަށް ނުދެވެން އުޅޭހެން ހީވުމުންނެވެ.
ވިސްނުމެއްގައި ހުރެފައި ހިލްޔާ ލެއްޕިފައިވާ ފާޚާނާ ދޮރުގެ ކައިރިއަށް ދިޔައީ އެހެންވެއެވެ.
“ދާނިޝް!” ހިލްޔާ ބޭރުން ގޮވިއެވެ.
“ހުމް؟” ދާނިޝް އެކޮޅުން ޖަވާބު ދިން އަޑު އިވުނެވެ.
“އަހަރެން މި ދަނީ ބޭރަށް. ސިޓިންގް ރޫމެއް އެބަހުރި ކަންނޭނގެދޯ؟ އެތާ މިއިނީ. ނިމުނީމަ ލެޓް މީ ނޯ.” ހިލްޔާ ބުންޏެވެ.
“އާނ އޯކޭ.” ދާނިޝް ބުނި އަޑު އިވުނެވެ.
އެއާއިއެކު ލިބުނު ހިތްހަމަޖެހުމާއިއެކީ ހިލްޔާއަށް ހިނިތުންވެލެވުނެވެ. ލައިގެން ހުރި އަބާޔާ ބާލަމުން ކޮޓަރީގައި ހުރި އަލަމާރިއާއި ދިމާލަށް ދިޔައީ ހިނިތުންވުމާއި އެކީގައެވެ. އަލަމާރީގެ ކޮނޑެއްގައި އަބާޔާ އެޅުވުމަށްފަހު ހިލްޔާ އޭތި އަލަމާރީގައި އެޅުވިއެވެ. އެ އަބާޔާ ފެނިފައި ހިލްޔާގެ ހިނިތުންވުން ފުންވިއެވެ. އެއީ ދާނިޝް ދިން ހަދިޔާއަކަށް ވީތީ މިއަދު އެ އަބާޔާ އިހުނަށްވުރެ އެތައް ގުނައެއް ހިލްޔާއަށް ރީތިވިއެވެ.
**
ފެންވަރައިގެން ނިކުތުމަށްފަހު ދާނިޝް ލީ އަޅިކުލައިގެ އަތްކުރު ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެކެވެ. ލޯގަނޑުން އޭނަގެ ހަށިގަނޑުގައި ޓީޝާޓު ހިފިފައިވި ގޮތް ފެނިފައި ހިލްޔާ މަތިން ހަނދާންވެ ދާނިޝްގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ފެނިފައި ހިލްޔާގެ މޫނުމައްޗަށް އަރާނެ ކުލަވަރު ބަލަން ކެތްމަދުވިއެވެ. އަދި އަމުދުން ހިލްޔާއާއި ގާތްވުމުގެ އެދުންވެސް ހިތުގައި ބޮޑުވަމުން ދިޔައެވެ.
އެ އެދުން ދާނިޝްގެ ހިތުގައި އޮތީ ކައިވެނީގެ ހެދުމުގައި ހިލްޔާ ހުރި މަންޒަރު ފެނުނީއްސުރެއެވެ. އަދި އަމުދުން ހިލްޔާ ފުރަތަމަ ފަހަރަށް ބުރުގާއާއި ނުލާ ހުރި މަންޒަރު ފެނިފައި އޭނައަށް ގާތްނުވެ ހުރެވުނީ ކިރިޔަ ކިރިޔާއެވެ. އެހެނަސް އެކަން ފަސް ކުރެވެމުން ދިޔައީ ހިލްޔާއަށް ވިސްނާފައެވެ. ދެމީހުން އެކޮޓަރީގައި އެކަނިވީ ހިނދު އެ މޫނުމަތިން ފެނުނު ނުތަނަވަސްކަމުންނެވެ. ހިލްޔާގެ އެ ނުތަވަސްކަން ފިލައިފިކަން ޔަޤީންވުމުން ނޫނީ ދާނިޝް ހިލްޔާއާއި ގާތްވާކަށް ބޭނުމެއް ނުވިއެވެ. ދެމީހުންގެ ދެމެދުގައި މިރޭ އުފެދިގެން ދާނެ އިތުބާރާއި ގާތްކަމަކީ މުޅި ޒަވާޖީ ޙަޔާތުގެ ބިންގަލަކަށް ވާނެކަން ޤަބޫލު ކުރެވުނީތީވެއެވެ.
ހަމައެކަނި ޓީޝާޓާއި ސޯޓު ލައިގެން ބޭރަށް ދިޔުމުގެ ބަދަލުގައި ދާނިޝް ވެސް ބޮލުގައި ފުނާ އަޅައި ތުނބުޅި ވެސް ރީތި ކުރިއެވެ. ރީތިވާ މޭޒުމަތީގައި ހުރި ހިލްޔާގެ ސެންޓު ފުޅި ފެނިފައާއި، ހިލްޔާގެ ގައިން ދުވި މީރު ވަސް ހަނދާންކުރަމުން، ދާނިޝް ވެސް އޭނަގެ ސެންޓު ފުޅި ނަގައި ގަޔަށް ސެންޓު ބުރުއްސާލިއެވެ. އަނެކާއަށްޓަކައި ތައްޔާރުވުމަކީ ހަމައެކަނި އަނބިމީހާގެ ވާޖިބެއް ނޫންކަން އެނގިފައިވާތީވެއެވެ.
**
ސިޓިންގް ރޫމުގައި ދިގުކޮށް ހުރި ކަޅު ސްޕޮންޖް ސޯފާގައި އޮށޯވެ އޮތް ހިލްޔާ ފޯނުން ބަލައިގެން ކިޔަވަމުން ދިޔައީ ނިދުމުގެ ކުރިން ކިޔަވާ ސޫރަތްތަކެވެ. އެހެނަސް މިރޭ އޭނައަށް ނިދޭނެ ކަމެއް ހިލްޔާއަށް ނޭނގެއެވެ. 12 ޖަހަން ގާތްވަމުން ދިޔައެއްކަމަކު ލޮލުގައި ނިދީގެ އަސަރެއް ވެސް ނެތެވެ. އެއީ ކީއްވެކަމެއް ނޭނގުނެވެ. އެނގުނުހާ ވެސް ކަމަކީ ހިލްޔާ ދެންވެސް ދާނިޝްއާއިއެކީ ވަގުތު ހޭދަކުރަން ބޭނުންވެފައިވި ކަމެވެ. ދާނިޝް އައިސް ތިމަންނަ ބޭނުންވަނީ ނިދަން ކަމަށް ނުބުނާނެ ގޮތެއްވުމަށް އެދެވުނެވެ.
ހިލްޔާ އޮށޯވެ އޮތްވާ ސިޓިންގް ރޫމަށް މީހަކު އަންނަހެން ހީވުމުން ލުއްކެއްޖަހައި ހިލްޔާއަށް ތެދުވެލެވުނެވެ. އެހިނދު ދާނިޝް އޭނައާއި ދިމާލަށް އަންނަނީއެވެ. ދާނިޝް ހުރިގޮތް ފެނިފައި ހިލްޔާ އެހެން ދިމާލަކަށް ބަލަން ނުކުޅެދުނެވެ. މިއީ ދާނިޝް ޓީޝާޓަކާއެކީ ސޯޓެއްގައި ހުރި މަންޒަރު ހިލްޔާއަށް ފެނުނު ފުރަތަމަ ފަހަރެވެ. ގަޔަށް ހިފިފައިވާ ޓީޝާޓުގެ ސަބަބުން ދާނިޝްގެ ހަށިގަނޑުގެ ހައިބަތު އިހުނަށްވުރެ ބޮޑަށް ފާހަގަވެގެން ދިޔައެވެ. ދާނިޝްގެ މޫނަށްވުރެ ބޮޑަށް އެ ހަށިގަނޑަށް ބެލެމުން ދިޔައީ އެހެންވެ ކަންނޭނގެއެވެ. އަދި އަމުދުން ދާނިޝް ދައްކަމުން ދިޔަ ވާހަކައެއް ވެސް ރަނގަޅަށް ނުއިވުނެވެ.
“ހިލްޔާ ލައިކްވޭތަ؟” ހިލްޔާއަށް ހަމަހޭވެރިކަމެއްވީ ދާނިޝް އައި އޭނައާއި ނުހަނު ގާތުގައި އިށީންނަމުން އެ ސުވާލު ކޮށްލުމުންނެވެ. ދާނިޝްގެ ގައިން ދުވި ފިރިހެންވަންތަ ވަހުން ހިލްޔާ އިތުރު މަސްތެއްގައި ޖެހެން އުޅުނެވެ. އެހެނަސް ހަމަ ހޭގައި ހުންނަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
“ކޯޗެއް؟” ހިލްޔާއަށް އަހާލެވުނެވެ. ދާނިޝް އެމީހުން ކުރިމަތީގައި ހުރި ކަޅުކުލައިގެ ބިއްލޫރި މޭޒުމަތީގައި ބެހެއްޓި ފޮށި ވެސް ފާހަގަވީ ދެނެވެ.
“މި ބުނީއެއްނު؟ ޗޮކްލެޓް ކޯޓެޑް ސްޓްރޯބެރީސް. އެމީހުން ކޮމްޕްލިމެންޓަރީ އެއްޗަކަށް ކޮޓަރީގަ ހުރި ފްރިޖްގަ ބަހައްޓާފަ ހުރި އެއްޗެއް. ބޭނުން؟” ދާނިޝް އެހެން ބުނީ އެ ފޮށި ހުޅުވައި، ސްޓްރޯބެރީއެއް ނަގައި ހިލްޔާއަށް ދިއްކޮށްލަމުންނެވެ.
“ނޯ ތޭންކްސް، ދުވަހަކުވެސް ނުކަން. ޓްރައި ކުރަން ބޭނުންނުވާ ކަހަލަ އެއްޗެއް.” ހިލްޔާ މޫނުން ވެސް އެ ކަމުނުދާކަން ދެއްކިއެވެ.
“އޯހް ނޯ! އަދި އިންޓަނޭޝަނަލް ޓޭސްޓް ހިލްޔާއަށް ނޭނގެނީ. މްމް….ސޯ ގުޑް! ނެވާރ މައިންޑް! މޯ ފޯ މީ!” ދާނިޝް ސްޓްރޯބެރީއެއް ކަމުން އަނެއްއަތުން ފޮށި ހިލްޔާއާއި ދުރުކުރިއެވެ. އެއާއިއެކު ހިލްޔާއަށް ހީލެވުނު ހިނދު ނުހަނު ފަރުވާތެރިކަމާއެކީ ގާތުން ފެންނަމުން ދިޔަ ދާނިޝްގެ މޫނަށް ބެލުނެވެ. އެ މޫނުގައި އަދި އެ ނޫންވެސް ކަމެއް ކުރުމުގެ އެދުމެއް ހިތުގައި އުފެދެމުން ދިޔަދިޔަހެން ހޫނުވެސް ވަމުން ދިޔައެވެ. އެ އިޙްސާސުން އަރައިގަތުމަށްޓަކައި ވާހަކަ ދެކެވުނެވެ.
“ތިއީ….ދާނިޝް ނިދާ ހެދުންތަ؟” ހިލްޔާއަށް އަހާލެވުނެވެ.
“ހުމް….ކިހިނެއްވީ މާ ރީތީތަ؟” ދާނިޝް ލާނެތް ހިނިތުންވުމަކާއެކީ އެހުމުން ހިލްޔާއަށް ހީލެވުނެވެ. އޭގެ ރައްދުގައި ތި ޓީޝާޓު ނުލާ ހުރިނަމަ މާ ރީތިވީހޭ ބުނެވެން އުޅުނު ގޮތުން ޚުދު ހިލްޔާ ވެސް އަޖާއިބުވިއެވެ. އެ ބަސްތައް ނުރައްކާތެރި ދަރަޖައަކަށް ދުލާއި ގާތްވެފައިވިއެވެ. އެ ބަސްތައް ބުންޏަސް މައްސަލައަކަށް ނުވާނެކަން އެނގުނަސް ޖެހިލުންވާ ގޮތްވިއެވެ. އޭނަ ކަމަކަށް އެދިއްޖެނަމަ ދާނިޝް ފަސްވެސް ޖެހުމެއްނެތި އެކަން ކުރާނެކަން އެނގުންވީތީވެއެވެ.
ދެންވެސް ދާނިޝް ހިލްޔާއާއި އެކިއެކި ވާހަކަތައް ދައްކަމުން ދިޔަދިޔަހެން ހިލްޔާގެ ހިތުގައި ދާނިޝްއާއި ގާތްވުމުގެ އެދުން އިތުރުވުން ނޫންކަމެއް ނުވިއެވެ. ދާނިޝް އޭނަ ސްޓްރޯބެރީ ނުކެއީތީ އެހެން އެއްޗެއް ހޯދަން އުޅުނެވެ. އެހެނަސް ހިލްޔާ އެކަމަށް އިންކާރު ކުރީ އެހެން އެއްވެސް ކަމެއްނުކޮށް ދާނިޝްއަށް ބަލަހައްޓައިގެން އިންނަން ބޭނުންވުމުންނެވެ. ބަލަހައްޓައިގެން ހުރި ހުރިހެން އޭނަ ދާނިޝްއާއި ގާތްވާން ބޭނުންވާ ގޮތްތަކުގެ ޚިޔާލުތައް ގިނަވަމުން ދިޔައެވެ. އެ ޚިޔާލުތަކުގައި ހިލްޔާއަށް އިނދެވުނީ ވަކި ވަރަކަށެވެ. އެންމެ ފަހުން ކެތް ނުކުރެވުމުން ހިލްޔާއަށް ވާހަކަ ދެކެވުނެވެ.
“ދާނިޝް…..ސުވާލެއް ކޮށްލަންތަ؟” ހިލްޔާ އެހިއެވެ. އެހިނދު ހިލްޔާ އިނީ މުޅިންހެން ދާނިޝްއާއި ދިމާލަށް އެނބުރިލައިގެން ސޯފާއަށް ދެފައި އަރުވައިގެންނެވެ.
“ހުމް ކުރޭ…” ފަހު ސްޓްރޯބެރީ ކެއުމަށްފަހު ހިލްޔާއަށް ބަލާލަމުން ދާނިޝް ބުންޏެވެ.
“އަހަރެން މިވަގުތު ކަމެއް ކޮށްފިއްޔާ، ވިލް ޔޫ ޖަޖް މީ؟” ހިލްޔާއަށް އަހާލެވުނެވެ. އޭނަ ދާނިޝްއާއި ގާތްވާން ބޭނުންވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ނެތިކޮށްލަން ބޭނުންވިއެވެ.
“އައި ވިލް ބީ އޮނެސްޓް އައި މައިޓް އެކްޗުއަލީ ޖަޖް!” ދާނިޝް ބުންޏެވެ. އެއާއިއެކު ހިލްޔާ ކަޅި މައްޗަށް ހިންގާލުމުން ދާނިޝް ހީލިއެވެ.
“ޕްފްފްފްޓް! ޔޫ އާރ ޓޫ އޮނެސްޓް!” ހިލްޔާ ނުހޭން އުޅެމުން ބުންޏެވެ.
“ވެލް….އޮނެސްޓް ވާންވާނެ ދޯ މިކަހަލަ ގުޅުމެއްގަ؟ ހެހެ….ކީއްކުރަން ހިލްޔާ ބޭނުންވަނީ؟ ޖަޖް ކުރިޔަސް ކޮށްލާ. ޔޫ ކޭން ޑޫ ވަޓްއެވާރ ޔޫ ވޯންޓް. ރަނގަޅުކަމެއްވިއްޔާ.” ދާނިޝް އެހެން ބުނެލީ، ހިލްޔާ ކުރަން ބޭނުންވި ކަމެއް ދަނެގަންނަން ނުހަނު ބޭނުންވެ އިނދެއެވެ. ވޭތުވެ ދިޔަ ގަޑިއިރުގައި ހިލްޔާއަށް އޭނައަށް ބަލަމުން ދިޔަ ނަޒަރުތަކުގެ ތަފާތު ދާނިޝްއަށް ފާހަގަވެފައިވެއެވެ.
“ނޫން…ޖަޖް ކުރަންޏާ އެކަމެއް ނުކުރެވޭނެ.” ހިލްޔާ އިސްޖަހާލަމުން ބުންޏެވެ.
“ދެން އައި ވިލް ޓްރައި ނޮޓް ޓު ޖަޖް އޭ. އޯކޭ މިހެން ހަދަމާ. ޖަޖް ނުކުރަން އަހަރެން ޓްރައި ކުރާނަން. ޖަޖް ކުރެވުނިއްޔާ އަހަރެން ހިލްޔާއަށް ޓްރީޓެއް ދޭނަން އިން ޝާ ﷲ.” ދާނިޝް ބުންޏެވެ. އެއާއިއެކު ހިލްޔާ އިސްއުފުލާލިއެވެ.
“ބެލްޖިއަން ޑާރކް ޗޮކްލެޓް އައިސްކްރީމް.” ހިލްޔާ ދޭންވީ އެއްޗެއް ބުނެލިއެވެ.
“ޝުއާރ. އިން ޝާ ﷲ.” ދާނިޝް ހިނިތުންވުމަކާއެކީ ބުންޏެވެ. އެހިނދު ހިލްޔާއަށް ހީލެވުނެވެ. އޭނައަށް ޚިޔާލު ކުރެވުނު ކަން ކުރަން ހިތްވަރެއް ލިބިގެން ދިޔައެވެ. ދާނިޝް އޭނައާއިމެދު ނޭދެވޭ ގޮތަކަށް ދެކުނިއްޔާ އެ ވާނީ ދާނިޝްގެ ފޭލްވުމަކަށް ކަން ޔަޤީންވުމުންނެވެ.
ލުއި ހީލުމަކަށްފަހު ހިލްޔާ ދާނިޝްއަށް ބަލަން ހުރެފައި ސޯފާމަތީގައި ކަކޫމައްޗަށް ތެދުވުނެވެ. އަދި ގެނައި ޙަރަކާތްތަކާއިއެކު ދާނިޝްގެ އުނގުމައްޗަށް އަރައި ދާނިޝްގެ މޫނުގައި ދެއަތުން ހިފިއެވެ. އެހިނދު ދާނިޝްގެ ހިނިތުންވުން ފޭދުނެވެ. އަންހެން ކުއްޖަކު އޭނައާއި ގާތްވާން އުޅުމުން ނޭނގުމެއްގެ ތެރެއިން ވެސް ސިކުނޑިއަށް ނުތަވަސްކަމެއް ވެރިވިއެވެ. މި ކުރެވެން އުޅެނީ ގޯސްކަމެއް ކަމަށް ސިކުނޑީގެ ކަނަކުން އެންގިއެވެ. މިހާތަނަށް އައިއިރު އަންހެން ކުއްޖަކު އިސްނަގައިގެން އޭނައާއި ގާތްވެފައިވަނީ އޭނައަށް ގޯސްކަމަކަށް ދޭ ދަޢުވަތެއްގެ ގޮތުގައި ކަމަށްވީތީވެއެވެ.
އެ ނުތަނަވަސްކަމުގައި ދާނިޝް ވަކި ޙަރަކާތެއް ނުގެނެވިފައި އިންދާ ހިލްޔާ ލަސްލަހުން އޭނަގެ ތުންފަތުގައި ބޮސްދިނެވެ. އެހިނދު ލޯމަރާލެވުނު ދާނިޝްގެ މޭގައި މީހަކު ފިރުމާލިހެން ހީވިއެވެ. މިއީ ގޯހެއް ނޫންކަން ޔަޤީން ކުރެވިގެން ދިޔައީ އެ ވަގުތެވެ. މިއަދު އޭނައާއި އެއްވެސް އަންހެން ކުއްޖަކު ގާތް ނުވާ ވަރަށް އަމިއްލައަށް އިސްނަގައިގެން ގާތް މިވީ އޭނަގެ ޙަލާލު އަނބިމީހާއެވެ. އޭނަ އަބަދުވެސް ބޭނުންވި ގޮތަށެވެ.
ދާނިޝް އެވަގުތުކޮޅުގެ ލައްޒަތަށް ގެއްލެން އުޅުނު ވަގުތު ހިލްޔާ ލަސްލަހުން އޭނައަށް ދުރުވެލިއެވެ. އެހެނަސް ހިލްޔާ ދެންވެސް އޭނަގެ ކޮނޑަށް އަތް އަރުވައިގެން މާ ބޮޑަށް ދުރުނުވެ އިންގޮތަށް އިނެވެ. ހިލްޔާ އޭނައާއި އިތުރަށް ދުރުވާން ދާނިޝް ބޭނުމެއް ނުވިއެވެ. އެހެންކަމުން މިފަހަރު ދާނިޝް އަމިއްލައަށް އިސްނަގައިގެން ހިލްޔާއާއި ގާތްވިއެވެ.
ދެމީހުންގެ ދެމެދުގައި ބަދަލުވި ލޯބީގެ ޙަރަކާތްތަކުގެ ތެރެއިން ދެމީހުންނަށް ކޮޓަރިއަށް ދެވުނު ގޮތެއްވެސް ނޭނގުނެވެ. އެރޭ ވެގެން ދިޔައީ އެތައް މަސްތަކެއް ވަންދެން ދެ ހިތެއްގައި ފޮރުވިފައިވާ ލޯބި އެންމެ ފުރިހަމައަށް ހާމަވެގެން ދިޔަ ރެއަށެވެ. އެއީ ދުވަހަކުވެސް ގާތްނުވާ ވަރަށް ދެމީހުން ގާތްވެގެން ދިޔަ ރެއެވެ. އަދި ދެމީހުންގެ ދެމެދުގައިވާ ލޯބީގެ ފުންކަން އިޙްސާސް ކުރެވުނު ރޭ ވެސް މެއެވެ.
**
ތަނަވަސް ކޮޓަރިއެއްގެ ޓައިލްސް މައްޗަށް ބޮޑު ބިއްލޫރި ފުޅިއެއް ޖަހާލެވުނު އަޑު ފަތްގަނޑާއިއެކު ބިއްލޫރި ތޮށިތައް ޓައިލްސް މައްޗަށް ފެތުރިގެން ދިޔައެވެ. އެ އަޑުފަތްގަނޑު އިވުނު ޒިވް ބެލްކަނީގައި ހުރެފައި ކޮޓަރިއަށް ވަނެވެ.
“ބޭބީ ވަޓްސް ރޯންގް؟” އަޅިކުލައިގެ ކުރު ބާތް ރޯބެއް ލައިގެން ހުރި ޒިވް އެ ސުވާލު ކޮށްލީ، ކޮޓަރީގެ މެދަށްވާ ގޮތަށް ހުއްޓި ހުރި ރާފިލްއާއެވެ. ރާފިލް ހުރީ ހުސް ގަޔާއެކީ ކަޅުކުލައިގެ ޖިންސެއް ލައިގެންނެވެ. ޒިވް އެ ކޮށްލި ސުވާލާއިއެކު ހުތުރު ބަސްތަކެއް ރާފިލްގެ ދުލުން އިވިގެން ދިޔައެވެ.
“މީ ހީވަނީ މާ އުފަލުގަ އުޅޭ ބައެއްހެން. ހަމަ ހެދޭ ބައެއް މިއީ!!” ރާފިލް އިތުރު ހުތުރު ބަސްތައް ކިޔަމުން އަތުގައި އޮތް ފޯނު ވެސް ބިމަށް ޖެހިއެވެ. ފޯނު ބިމުގައި ޖެހެމުން އައިސް ކެއްސިގެން ދިޔަ ގޮތުން އޭތި މަޑުވީ ޒިވް ގެ ފައި ކައިރިއަށެވެ. ޒިވް ގުދުވެލަމުން އެ ފޯނު ނަގައި ބެލިއެވެ. ފޯނުން ރާފިލް ހުޅުވާފައިވާ ފޮޓޯގައި ހުރީ ދާނިޝްއާއި ހިލްޔާ ކައިވެނީގެ ހެދުން ހެން ހީވާ ހެދުންތަކުގައި އަތުގައި ހިފައިގެން ހިނިތުންވުންތަކާއެކީ ހިނގާފައި ދިޔަ މަންޒަރެވެ. އެ މަންޒަރު ފެނިފައި ޒިވްގެ ހިތުގައި ޙަސަދައިގެ ހުޅުގަނޑެއް ރޯވިއެވެ. ދާނިޝް ދުވަހަކުވެސް ރުހުމުގައި އޭނަގެ އަތުގައި ހިފާފައި ނުވާތީވެއެވެ.
“ތި ބުނީ ހަމަ ތެދެއް. ހަމަ ހެދޭ ބައެއް. ނުވެސް ގުޅޭ ދެމީހުންނޭ. މެރީ ކުރީތަ މި ދެމީހުން؟” ޒިވްއަށް ވާހަކަ ދައްކަމުން ގޮސް އަހާލެވުނެވެ.
“އެހެންނޯ….ތި މީހުންނަށް އަނެއްކާ ނޭނގެނީތަ އަހަރުމެން ގުޅިގެން އުޅޭކަން؟ ހީވަނީ ނޭނގޭހެން. އަހަރެން އެހެން އަންހެން ކުއްޖަކާ ރައްޓެހިވިނަމަ ހިލްޔާއަށް ނުހުރެވޭނެ ނުރޮއި. ހިލްޔާ މުޅި ޢުމުރު ދުވަހު ކަރުނަ އަޅާނެ އަހަރެން އެހެން އަންހެން ކުއްޖަކާ ގުޅުނީކަން އެނގުނިއްޔާ…” ރާފިލް ހީވާ ހީވުންތަކުގެ މައްޗަށް ބުންޏެވެ. އެ ވާހަކަ ދެއްކީ ހިލްޔާއަށްޓަކައިވާ ލޯބިންހެން މީހަކަށް ހީވެދާނެއެވެ. އެހެނަސް ރާފިލްގެ އެދުމަކަށްވެފައިވީ ހިލްޔާ ދެރަވުމެވެ. އޭނަގެ އަގެއްހުރިކަން އޭނައަށް ޤަބޫލު ކުރެވޭނީ އޭރުންނެވެ. ހިލްޔާ ދާނިޝްއާއި އިނަސް ދާނިޝްއާއި ގާތްވެދާނެކަމަށް ޤަބޫލު ކުރަން ރާފިލް ބޭނުމެއް ނުވިއެވެ. ދާނިޝް އޭނަހާ ރީތި ޒުވާނަކަށް ނުވާއިރު ހިލްޔާ ދާނިޝްއާއި ކައިރިވާނީ ކީއްވެ ހެއްޔެވެ؟
ރާފިލްގެ މި މިޒާޖު އެންމެ ރަނގަޅަށް މިހާރު އެނގެނީ ޒިވްއަށެވެ. ރާފިލްގެ ވާހަކަތައް ފަރުވާތެރިކަމާއެކީ އަޑު އަހަން ހުރެފައި ޒިވް ފުން ނޭވައެއް ދޫކޮށްލިއެވެ. ރާފިލް އޭނައާއި ރައްޓެހިވެގެން އުޅެނީ ހިލްޔާއާއި ބަދަލު ހިފަންކަން މިހާތަނަށް އައިއިރު ޒިވްއަށް އެނގިފައިވެއެވެ. ޒިވް ކޮންމެހެން އެކަމާމެދު ދެރައެއް ނުވެއެވެ. އޭނަ ބޭނުންވީ ރާފިލްގެ ކިބައިން އޭނައަށް ލިބޭނެ ލައްޒަތާއި ފައިސާ އެކަންޏެވެ. އެހެނަސް މިފަހުން އައިސް ކީއްވެ ކަމެއް ނޭނގެއެވެ. ރާފިލް އޭނައާއި ވާހަކަ ދައްކާ ގޮތުން ކަންނޭނގެއެވެ. ނޫނީ ދާނިޝްއާއި ބަދަލު ހިފަން ކަންނޭނގެއެވެ. އޭނަ ވެސް ރާފިލްއާއި އިންނަން ބޭނުންވެފައިވެއެވެ.
އެ ވިސްނުމުގައި ހުރެފައި ޒިވް ލަސްލަހުން ރާފިލްގެ ގާތަށް ދިޔައެވެ. ބިންމަތީގައި ހުރި ބިއްލޫރި ތޮށިތަކަށް ނާރަން މަސައްކަތް ކުރަމުން ގޮސް ރާފިލްގެ ކުރިމަތީގައި މަޑު ކޮށްލިއެވެ.
“ބޭބީ އަހަންނަށް ބަލާބަލަ. އެވްރީތިންގް ވިލް ބީ ފައިން. ތި ހިލްޔާއަކަށް އެއްވެސް އުފަލެއް ނުލިބޭނެ. އެ ބުނާ ދާނިޝްއަކީ އަހަންނާ ހެދި މޮޔަވެގެން އުޅުނު މީހެއް. ޓްރަސްޓް މީ. އަހަރުމެން ބޭނުންވާ ގޮތަށް ކަންތައް ވާނީ.” ޒިވް ރާފިލްގެ ހިތްހަމަޖައްސައި ދެވޭތޯ ބެލިއެވެ. އެހިނދު ރާފިލް ލަސްލަހުން އޭނައަށް ބެލިއެވެ.
“އޮހް މައި ލަވް. އައި ލަވް ޔޫ ސޯ މަޗް!” ރާފިލް އެހެން ބުނެ ޒިވްގެ ގައިގައި ބައްދާލުމުން، އަނެއްކާވެސް ޒިވްގެ ހިތުގައި ރާފިލްއަށްޓަކައިވާ އިޙްސާސްތައް އުތުރި އަރައިގަތެވެ. އޭނައަށް މި ވެވެނީ ޙަޤީޤީ ލޯތްބެއްތޯ ހިތަށްއެރިއެވެ.
އީމާންތެރިކަމެއް ނުވާ ހިތްތަކުގައި އުފެދޭ ލޯތްބަކީ ހާދަ ކެހިވެރި އޮޅުންތަކެއްވާ ލޯތްބެވެ. އެއީ ލޯބީގެ ނަމުގައި ތިމާއަށް އަނިޔާ ލިބޭއިރު ވެސް ދޭހަ ނުކުރެވޭ ޒާތުގެ ލޯތްބެވެ.
ނުނިމޭ

April 3, 2026 @ 11:56 am
When next?.
April 5, 2026 @ 10:19 am
Next part Friday ga In Sha Allah ^_^