ނަފްސީ (ހަތްދިހަވަނަ ބައި)
“ކޮން ޓާސްކެއް؟” ރާފިލްއަށް ވަގުތުން އަހާލެވުނެވެ. ލިބެން އުޅޭ ފައިސާ އެވަގުތު ވެސް އޭނައަށް ސިފަކުރެވިގެން ދިޔައެވެ.
“ޗައިނާއަށް ގޮސްދޭންވީ.” ނަސީމް ބުނެލި އެ ވާހަކައިން، ރާފިލްގެ ދެބުމަ ކައިރިވިއެވެ.
“އެއީ ކީއްކުރަން؟” ރާފިލްއަށް އަހާލެވުނެވެ. އެހިނދު ނަސީމް މޭޒުމަތީގައި އޮތް ފޮތިކޮޅުން ތުން ފޮހެލަމުން ވާހަކަ ދެއްކިއެވެ.
“އަހަރުމެންގެ އޯވާރސީސް ކުންފުނިތަކާ ކޮމްޕީޓް ކުރާ ކުންފުންޏެއް އެބަ އުޅޭ. ޗީފް އޯގެނިކް. މިއީ ހަމައެކަނި ދަނޑުވެރިކަން ކުރާ ބައެއް ނޫން. ގްރޮސަރީ ޕްރޮޑަކްޓްތައް ވެސް ވަރަށް ހަލުވިކަމާއެކު އުފައްދަމުން ވިއްކަމުންދާ ބައެއް. މި މީހުން ކުޑަކޮށް އަހަރުމެންގެ އަތް ދަށަށް ގެންނަން އެބަޖެހޭ.” ނަސީމް ބުންޏެވެ.
ނަސީމް ކިޔައިދިނީ ވާހަކައިގެ އެއްބައެވެ. ޙަޤީޤަތަކީ ރާފިލްއާއި މި ‘ޓާސްކް’ ޙަވާލު ކުރުމުގެ ކުރިން ޚުދު ނަސީމް ވެސް އެ ކުންފުންޏަށް ގެއްލުންދޭން މަސައްކަތް ކޮށްފައިވާ ކަމެވެ. މިގޮތުން ޗީފް އޯގެނިކް ގެ ނަމުގައި ގެއްލުން ދެނިވި މޭވާތައް ރާއްޖެއާއި އެހެނިހެން ޤައުމުތަކުގައި ވިއްކަން މަސައްކަތް ކޮށްފައިވެއެވެ. އެހެނަސް އޭނަ ހީކުރި ވަރަށްވުރެ އަވަހަށް އެ ކުންފުނީގެ ސަމާލުކަމަށް އެކަން އައިސްފިއެވެ. އެކަމާއިމެދު ޙަޤީޤަތުގައި ނަސީމް ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެ ކުންފުންޏަކީ ކިހާ ވަރުގަދަ ކުންފުންޏެއްކަން އެނގުމާއިއެކު، އެ ކުންފުނި ފެށި އެ ކުންފުނީގެ ވެރިމީހާއަކީ އޭނަ ނުހަނު ގާތުން ދެކެފައި ހުރި މީހަކަށްވުމުންނެވެ. އެއީ މިއަދު އެ މީހަކު ދުނިޔޭގައި ނެތަސް ނަސީމް އެ ޝަޚްޞިއްޔަތަށް ޖެހިލުންވާހާ ހައިބަތެއްގެ ޝަޚްޞިއްޔަތެކެވެ. އެ ކުންފުނި ނެތި ކޮށްލަން ދުރާލައި ރާވައިގެން އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރެވިފައިވަނީ ވެސް އެ ސަބަބާއި ހެދި ކަންނޭނގެއެވެ.
“ތިއީ ޑޭޑްއަށް އަމިއްލައަށް ނުކުރެވޭ ވަރުގެ ކަމެއްތަ؟” ރާފިލްއަށް އަހާލެވުނެވެ. މިއީ ކޮންމެ ހަފްތާއަކުހެން ކުންފުންޏެއް އަމިއްލަ އަތްދަށަށް ގެންނަ އޭނަގެ ބައްޕަތޯ ހިތާހިތުން ކިޔާލެވުނެވެ.
“ކުރެވިދާނެ. އެކަމަކު ރާފިލް އެބަޖެހޭދޯ ރާފިލްއަށް ލާރި ލިބޭނެ ގޮތެއް ހޯދަން. އެހެންވީމަ މިކަން ކޮށްދޭންވީ. އެ ކުންފުނީގެ ސީއީއޯ މިވަގުތު އުޅެނީ ކުޑަކޮށް ބަލިވެ. ސީއެފްއޯ އުޅެނީ ލީވްގަ. އެހެންވީމަ މިއީ އެޓޭކެއް ކޮށްލަން ހަމަ ރަނގަޅު ވަގުތެއް.” ނަސީމް ކިޔައިދިނެވެ.
“ތިއީ ދެން ހަމަ ކުރުން ވޯރތް ކަމެއްތަ؟ އަހަރުމެންގެ ވިޔަފާރިތައް ދަށަށް ނުދާނެއެއްނު ޑާރކް ބިޒްނަސްތައް ކުރިއަށް ދާހާ ހިނދަކު؟” ރާފިލްއަށް ބުނެވުނެވެ. ނަސީމް ޙަވާލު ކުރި ކަމެއް ނުކުރުމަށް ބަހަނާ ހަދަން ބޭނުންވީއެވެ. މިއީ ރާފިލްގެ އަބަދުވެސް އާދައެވެ. ކަމެއް ޙަވާލު ކުރެވިއްޖެނަމަ ކޮންމެ ގޮތެއް ހަދާވެސް އެ ކަމަކުން ރެކުމަކީ ރާފިލްގެ އާދައެވެ.
ރާފިލް އެ ދެއްކި ވާހަކައާއިއެކު ނަސީމްގެ މޫނުމައްޗަށް ނުރުހުންތެރިކަން ފާޅުވިއެވެ. އެކަން ފާހަގަވި ރާފިލްގެ މެއަށް ފިނިވިއެވެ. ނަސީމް ނުރުހުންވީ ‘ޑާރކް ބިޒްނަސް’ ގެ ވާހަކަ އަޑު ހަރުކޮށް ދެއްކުމުން ކަން ރާފިލްއަށް އެނގުންވިއެވެ. އެއީ ރާފިލްގެ ބައްޕަ ހިންގާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އެހެނިހެން ފާޙިޝް ޢަމަލުތައް ފަތުރާ ވިޔަފާރީގެ ވާހަކައެވެ. އެމީހުންގެ އެހެނިހެން ވިޔަފާރިތައް ވެސް އެހާ ކުރި އަރައި، ގެއްލުމެއް ނުވެ އަދިވެސް ތަރައްޤީ ވަމުންދާ ޙަޤީޤީ ސަބަބަކީ ޚުދު އަމިއްލަ ނަންތައް ފޮރުވައިގެން އެމީހުން ފުޅާ ދާއިރާއެއްގައި ހިންގާ އެ ގޯސް ވިޔަފާރިތަކެވެ. އެކަމާއިމެދު ނަސީމް ފަޚުރުވެރިވެފައި ދޭތެރެއަކުން އެ ވާހަކަ ދެއްކިޔަސް އެހެން މީހަކު އެ ވާހަކަ ދައްކަން ނަސީމް ނުރުހެއެވެ. ކުރެވޭ ގޯސް ޢަމަލުތައް އެހެން މީހުންނަށް ފަޅާ އަރާފާނެތީ އަބަދުވެސް އުޅެވެނީ ނުތަނަވަސްކަމެއްގައެވެ. ކިތަންމެ ފައިސާއެއް އަތުގައި ހުއްޓަސްމެއެވެ.
ރާފިލްއަށް ދިން ރުޅިވެރި ނަޒަރުން ރާފިލްއަށް އެއްޗެއް ވިސްނިއްޖެހެން ހީވުމުން ނަސީމް ވާހަކަ ދެއްކިއެވެ.
“ރާފިލް މި ޓާސްކް ބޭނުމެއް ނޫނިއްޔާ އެންމެ ރަނގަޅު. ޕޮކެޓް މަނީ މަތިން ހަނދާން ނައްތާލާ.” ނަސީމް އެހެން ބުނެ ތެދުވަން އުޅުމުން ރާފިލްއަށް ތެޅިގަނެވުނެވެ.
“ނޯ ނޯ ޑޭޑް މަޑުކުރޭ! ޑޭޑްއަށް އެނގެއެއްނު އަހަންނަށް ޙަވާލު ކުރެވޭ ޓާސްކް އަހަރެން އެކޮމްޕްލިޝް ކުރާކަން. ޑޭޑް ބުނެގެން އައި ޑިޑް އަވޭ ވިތް ލޯޔާރ އަސްމާ. ރިމެމްބާރ؟” ރާފިލް އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ. އެއާއިއެކު ނަސީމް މަލާމާތުގެ ޒާތަށް ހީލިއެވެ.
“ޔޫ ޑިޑް އަވޭ؟ އަސްމާ މަރުވާން އޮތް ވަގުތު މަރުވީއެއް ނޫންތަ؟ އަސްމާ ގޭގަ ހުއްޓާ ވީ އެއްޗެއް ވީ! ކަން ދިމާ ކުރި ގޮތުން އަހަރުމެންނާ ދެކޮޅަށް އޮތް ކޭސްއަށް އަސްމާ ދާން އޮތް ދުވަހު މަރުވީ ވެސް. އެފަހުން އައި ވަކީލަށް އެ ކޭސް އެހާ ރަނގަޅަށް ފައިޓް ނުކުރެވުނީ އެއީ އަހަރުމެންގެ ނަސީބު. ކޮންމެހެން ރާފިލް ގެ މޮޅުކަމެއް ނޫން އޭގަ އޮތީ.” ނަސީމް ދެންވެސް ރާފިލް ދަށްކުރަމުން ވާހަކަ ދެއްކިއެވެ.
“ޔޫ އަންޑާރއެސްޓިމޭޓް މީ. އަސްމާ އެ ހޮސްޕިޓަލަށް ގެންދެވުނީމަ އަހަރެން އިނީޝިއޭޓް ނަގައިގެން އަސްމާގެ ޑޮކްޓަރަކަށް ވީ. އެދުވަހު އޭނަގެ ދަރި ގެނައި އަވީއަށް ވަކި އިންޖެކްޝަނެއް އެޅީ އަހަރެން. ހާޓް ޕޭޝަންޓަކަށް ފޭޓަލް ވެދާނެ ބޭހެއް ވެސް ދިނިން. އެކަމަކު އެއްވެސް މީހަކަށް އަހަންނާ ދެކޮޅަށް އެއްޗެއް ނުބުނެވޭނެ. އެހެން މީހަކަށް ނޭނގޭނެ އަހަންނަށް އެނގޭ ކަމެއް އެއީ ހާޓް ޕޭޝެންޓެއްކަން. އެއްވެސް އެކަހަލަ ޓެސްޓެއް ނަހަދަން. ޑޭޑް ދިން މަޢުލޫމާތުން އެކަނި އެކަން އެނގެނީ.” ރާފިލް ކިޔައި ދިންދިންހެން ނަސީމް ނިތަށް ރޫގިނަވެފައި ރާފިލްއަށް ބަލަން އިނެވެ. މޫނުމަތިން ނުރުހުންތެރިކަން ފާޅުވަމުން ދިޔަޔަސް ހިތާހިތުން ރާފިލްއާއިމެދު ފަޚުރުވެރި ވެވުނެވެ. މިއީ ހަމަ ތިމަންނަ ގެ ދަރިއޭ ހިތަށްއެރިއެވެ. އެހެނަސް އެ ފަޚުރުވެރިކަމާއި ލޯބި ރާފިލްއަށް ދައްކަން ބޭނުމެއް ނުވިއެވެ. އެއީ ނަސީމްގެ ހަރު ހިތަށް ލިބިގެންވާ ޤާބިލުކަމެއް ނޫނެވެ.
“އެއްވެސް މީހަކަށް ތިކަމުގެ ހިލަމެއް ވެފަ އޮންނާނެތަ؟” ނަސީމް އެހިއެވެ.
“ޑޯންޓް ތިންކް ސޯ؟ އެ ނޫން ނަމަ އެ ފަހުން 7 މަސް ވީއިރު އަހަރެން އޮންނާނީ ޖަލުގަ ދޯ؟ ކުޑަމިނުން ކޯޓަކުން ވެސް ގުޅައެއް ނުލާ. އަހަންނަށް ހީވަނީ އަސްމާގެ ދަރިއަކީ ގަމާރެއްހެން.” ރާފިލް ބުންޏެވެ. އަސްމާގެ ދަރިފުޅުގެ މޫނު ވެސް ރާފިލް ހަނދާނެއް ނެތެވެ. ރާފިލް އަކީ އޭނަ މުހިއްމު ކަމަށް ނުދެކޭ މީހުންނަށް މާ ބޮޑު ސަމާލުކަމެއް ދޭ މީހަކަށް ނުވާތީވެއެވެ. ހަނދާން ހުރި ހާ ވެސް ކަމަކީ އެ ޒުވާނާއަކީ ޑޮކްޓަރަކަށް ނުވާ ހިނދު އޭނަ ގާތު ސްކޭންތައް ހަދަން އަމުރު ކުރި ކަމެވެ. އެހާ ހިސާބުން ވެސް އެއީ ގަމާރެއް ކަމަށް ރާފިލް ނިންމާފައިވެއެވެ.
ރާފިލްގެ ވާހަކަ އަޑު އަހާފައި ނަސީމް ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.
“އެންމެ ރަނގަޅު. އެހެންވީމަ ޗީފް އޯގެނިކް ގެ ޓާސްކް މި ޙަވާލު ކުރީ. ދެން އަންނަ ހަފްތާ ތެރޭ ޗައިނާއަށް ފުރާ. ޓިކެޓް ފޮނުވާނަން.” ނަސީމް އެހެން ބުނަމުން ގޮނޑިން ތެދުވުނު ވަގުތު ރާފިލް ގެ ފަހަތަށް ނަޒަރެއް ދިންކަން ރާފިލްއަށް ފާހަގަވިއެވެ. އެހެނަސް މާ ބޮޑު އަޅާލުމެއް ނެތި ނަސީމް ތެދުވެލަމުން ބޭރަށް ދާން ހިނގައިގަތުމުން އެ ވާނީ ގޭގައި އުޅޭ މަސައްކަތު މީހެއް ކަމަށް ރާފިލްއަށް ހީކުރެވުނެވެ.
އެހެންކަމުން ރާފިލް އޭނަގެ ކޮފީ ތަށި ދަމާލަމުން ކާ މޭޒުދޮށުން ތެދުވެ މާ ބޮޑު ވިސްނުމެއްނެތި އަނެއް ފަރާތަށް އެނބުރިލިއެވެ. އެހިނދު އެތާ ހުރި މީހަކު ފެނުމުން ހިނގައިގަންނަން އުޅުނު ރާފިލް ހުއްޓުން އަރާ ގޮތްވިއެވެ. އެތާ ހުރީ އޭނަގެ މަންމަ ރުޝްދާއެވެ. ކަކުލާއި ހަމައަށް އޮތް އަތްދިގު ނޫކުލައިގެ ކުރުތާއަކާއި ހުދުކުލައިގެ ހަރުވާޅެއްގައި މަންމަ ހުރިއިރު ވެސް މަންމަ ހިކި އަނަރޫފަވެފައިވާ މިންވަރު ރާފިލްއަށް ފާހަގަވެފައިވިއެވެ. ލޯ ވަޅުވަދެގެން ގޮސްފައިވީއިރު މޫނު މިލާފައިވިއެވެ. ކޮނޑަށްވުރެ ތިރިއަށް އޮތް ރާޅު ބާނީ އިސްތަށިގަނޑު ނުރަވެފައިވީއިރު ހޭވިފައިވިއެވެ.
މަންމަގެ ޙާލަކީ މިއީކަން ރާފިލްއަށް އަބަދުވެސް އެނގެއެވެ. އެހެންކަމުން ރާފިލް ޚިޔާރު ކުރަނީ މަންމައަށް ނުބަލާށެވެ. ކޮންމެ ގޮތެއްވިޔަސް ބައްޕަގެ އަތްދަށުން މަންމަ ރައްކާތެރި ކުރާނެ ގޮތެއް އޭނައަށް ނޭނގޭތީވެއެވެ. އެ މަސައްކަތް ކުރަން އުޅެފިނަމަ އޭނައަށް ބައްޕަގެ ފަރާތުން ލިބެމުން އަންނަ އަރާމު ދިރިއުޅުން ގެއްލި ދާނެހެން ހީވީތީވެއެވެ. އަދި އަމުދުން އެފަދައިން ވެއްޖެނަމަ އޭނަގެ ބަލި މަންމައަށް އޭނަ ފަރުވާ ހޯދައިދޭނީ ކިހިނެއްތޯ ރާފިލް އަމިއްލަ ނަފްސު ގާތު ބުނަމުން ދެއެވެ.
މަންމަގެ ފަރުވާއަށް ވެސް އަދި އަމިއްލަ ދިރިއުޅުމަށްޓަކައި ވެސް ﷲ ފިޔަވައި އެހެން ފަރާތަކަށް ބަރޯސާވާން ނުޖެހޭނެކަން ރާފިލްއަށް އެނގޭނެ ނަމައެވެ. ﷲ އަށް ތަޤްވާވެރިވެ، މަންމަ ރައްކާތެރި ކުރަން އޭނަ މި ހުރިހާ ދުވަހު މަސައްކަތް ކުރި ނަމަ ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނައަށް މި ހުރިހާ ކަމަކުން ނެރެވިދާނެ ފަހި މަގެއް ދައްކަވާނެކަން ރާފިލްއަށް އެނގޭނެ ނަމައެވެ. އެހެނަސް އެއަށްވުރެ ބޮޑަށް ރާފިލްގެ ހިތް ދުނިޔޭގެ ލޯބިން ފުރިފައިވިއެވެ.
އެވަގުތު ރާފިލްއަށް މަންމައާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ، އޭނަ ދެންމެ ދެއްކި ވާހަކަތައް މަންމައަށް އިވިފައިވާނެހެން ހީވުމުންނެވެ. ރާފިލް ކިތަންމެ ގިނަ ގޯސް ކަންތައް ކޮށްފައި ވިޔަސް އޭނަ ދުވަހަކުވެސް މީހަކު ޤަތުލު ކޮށްފައެއް ނުވެއެވެ. އަސްމާއަށް ކުރިކަމެއް ކުރުމަށްފަހު ރާފިލް ބޭރު ޤައުމަށް ގޮސް މަސްތުގެ ޙާލުގައި އެތައް ދުވަހެއް ވަންދެން އުޅުނީ އެހެންވެއެވެ. މިހާ ދުވަސްވީއިރު އެ ވާހަކަ އެއްވެސް މީހެއް ގާތު ނުދައްކާ ހުރެވުނީ ވެސް ހިތުގައި އޮތް ބިރުވެރިކަމެއްގެ ބޮޑުކަމުންނެވެ.
އެހެނަސް ދެންމެ އެ ވާހަކަ ދައްކާލީ ބައްޕަގެ ކުރިމަތީގައި އޭނަގެ އަގެއް ހުރިކަން ދެއްކުމަށެވެ. ކަން ދިމާކުރި ގޮތުން އެ ވާހަކަ މި ވަނީ މަންމައަށް ވެސް އިވިފައެވެ. ބައްޕައާއި ޚިލާފަށް މަންމަ ގެ މޫނުމަތިން ރާފިލްއަށް ފެންނަމުން ދިޔައީ ނުރުހުންތެރިކަމެވެ. ވަރުބަލިކަން ވެރިވެފައިވާ އެ ލޯ މަތިން ވެސް ރާފިލްއަށް އެ ކުލަވަރު ފާހަގަވިއެވެ. އެހިނދު ރާފިލްގެ ހިތް ނުތަނަވަސްވިއެވެ. އޭނަ އެ ޚަބަރު އިއްވަން ބޭނުންނުވާ މީހަކަށް އެ ޚަބަރު އިވުމުންނެވެ. މަންމަ އެހެން މީހަކަށް އެ ވާހަކަ އަންގަފާނެތޯ ހިތަށްއެރިއެވެ.
އެހިނދު ރާފިލްއަށް ހިތާހިތުން ނޫނެކޭ ބުނެވުނެވެ. މަންމައަކީ އެހެން ނޫނަސް ވާހަކަ ދައްކާ މީހެއް ނޫނެވެ. މަންމަގެ އަޑު އެންމެ ފަހުން އިވުނު ދުވަހެއް ވެސް ރާފިލްގެ ހަނދާނަށް ނާދެއެވެ. މަންމަގެ ނަފްސާނީ ބަލިމަޑުކަމުގެ ސަބަބުން އަޑު ގެއްލުނީތޯ ވެސް ބައެއްފަހަރު ރާފިލްގެ ހިތަށްއަރައެވެ. އޭނައަށް ވެސް އަދި ބައްޕައަށް ވެސް މަންމަގެ ބަލީގެ މާ ބޮޑު ތަފްޞީލެއް ނޭނގެއެވެ. ރާފިލް ކޮންމެހެން އެކަމާމެދު ނުވެސް އުޅެއެވެ. މަންމަ ޙާލު ދެރަވުމުން ހޮސްޕިޓަލަށް ނޫނީ ކްލިނިކަށް ގެންދާނެ މަސައްކަތު މީހުންނާއި ޑްރައިވަރުން އުޅޭތީވެއެވެ. އެމީހުން މަންމައަށް ރަނގަޅަށް ހިތާކަން އެނގޭތީވެއެވެ.
ރާފިލް މާ ގިނައިރެއް ނުވެ މަންމަ ގެ ލޮލުން ނަޒަރު ވަކި ކުރަމުން އެތަނުން ދާން ހިނގައިގަތެވެ. ބައްޕަ ވެސް އެވަގުތު މަންމައަށް މާ ބޮޑު ސަމާލުކަމެއް ނުދީ އެތަނުން ދާނީ މަންމައަކީ ‘ނުރައްކަލެއް’ ނޫންކަމަށް ބެލެވޭތީކަން ޔަޤީން ކުރެވުނެވެ. އެހެންކަމުން އެކަމާއިމެދު އިތުރަށް ނުވިސްނަން ރާފިލް ނިންމިއެވެ.
**
ސަމާސާތަކާއި ހުނުންތަކާއި ލޯބިން ފުރިގެންވި 3 ދުވަހަށްފަހު ހިލްޔާއާއި ދާނިޝް މާލެ އަނބުރާ އައީ އިހުނަށްވުރެ ގާތް ގުޅުމަކާއި އެކީގައެވެ. މާލެ ދިޔުމުން ހިލްޔާގެ ޢާއިލާ މީހުންނަށް ވެސް އެކަން ފާހަގަވިއެވެ. އެހާ ހިސާބަށް އައިއިރު ދެމީހުން އެކަކު އަނެކަކަށް ކިޔާ ނަންތައް ވެސް ބަދަލުވެފައިވުމުން އެންމެން އެކަމާ ހީ ސަމާސާ ކުރިއެވެ.
“ހިލޫ ލޯބި އިތުރު ސޫޓް ކޭސްއެއް ބޭނުންވޭތަ؟ އަހަންނަށް ބޭނުންވާ ބައެއް އެއްޗެހި ގަންނަން ބޭރަށް މި ދަނީ.” ދާނިޝް އެހެން ބުނެލީ މެންދުރު ވަގުތު މާލޭގައި ހުންނަ އޭނަގެ އެޕާޓްމެންޓުގައިވާ ކޮޓަރީގައި ހުޅުވިފައިވާ ދޮރުމައްޗަށް އަރައެވެ. އޭރު ކޮޓަރި ތެރޭ ބިންމަތީގައި ހުރި ފޮށްޓަށް ހެދުން އަޅަމުން ދިޔަ ހިލްޔާ ދާނިޝްއަށް ބެލިއެވެ. އެރެއަކީ ދެމީހުން ޗައިނާއަށް ފުރާ ދުވަސް ކަމަށްވުމުން ބޮޑު ޕެކިންގް ގެ މަސައްކަތް ފެށިފައިވިއެވެ.
“އަނެއްހެން ބޭނުމެއްނުވޭ. އެންޑް ޕްލީޒް…ބައްޕަމެން ތިބޭ ތަންތާ ޑޯންޓް ކޯލް މީ ދެޓް އިނގޭ. ހަމަ ލަދުން ހަލާކުވާވަރު ވި އިއްޔެ!” ހިލްޔާ މުޅިން އެއްކޮށް ދާނިޝްއާއި ދިމާލަށް އެނބުރިލަމުން އެހެން ބުނެލި ހިނދު މޫނު ރަތްވެފައިވިއެވެ. އެހިނދު ދާނިޝްއަށް ހީލެވުނެވެ.
“ވެލް ޔޫ ސްޓާޓެޑް! ދާން އަށް އެންމެ މީރު ވާނީ އެގް ފްރައިޑް ރައިސް އޭ ކިޔާފަ. ދެން މިހާރު ދެމީހުންނަށް ވެސް ފެށުނީމަ ގަދަކަމުން ބަދަލު ކުރާނެ ކަމެއް ނެތްތާދޯ؟” ދާނިޝް ފުރިހަމަ ހިނިތުންވުމަކާއެކީ ރާގަކަށް އެހެން ބުނުމުން ހިލްޔާއަށް މޫނުގައި ދެއަތް އަޅަމުން ހީލުން ނޫންކަމެއް ނުކުރެވުނެވެ.
“އޯކޭ ދިޔައީ އެހެންވީމަ. ގަންނަން ވީ އެއްޗެއް ހަނދާންވިއްޔާ ކޯލް މީ. އެބަ އަންނަން 45 މިނެޓްސް ތެރޭ އިން ޝާ ﷲ.” ދާނިޝް އެހެން ބުނެ ދާން ހިނގައިގަންނަން އުޅުމުން ހިލްޔާއަށް ވާހަކަ ދެކެވުނެވެ.
“ވެއިޓް! އުސްތާޒާ ގެ ފޮތްތަކާއި އަހަރެންގެ ފޮތްތައް އިޚްވާން ފައުންޑޭޝަން ގެ މިސްކިތަށް ލެވޭނެ ގޮތެއް ވެއްޖެތަ؟” ހިލްޔާ އެހިއެވެ.
“އާނ….ޔައިޝް އަންނާނެ ކާރުގަ މިއަދު ހަވީރު. އެ ފޮށިގަނޑު އެ ކާރަށް ލީމަ އަހަރުމެންގެ ބައި ނިމުނީ. އެމީހުން މިސްކިތުގަ ލައިބްރަރީ ހަދާނެ. ހިލޫގެ އައިޑިއާ އަދި ނަޖާގެ ވައިފްއަށް ވެސް ކިޔައިދެއްޗޭ. އޭރުން އެ ދެމީހުން އެ ސްޓައިލަށް ލައިބްރަރީ ޑިޒައިން ކޮށްދޭނެ.” ދާނިޝް ކިޔައިދިނެވެ.
“އޯންވް! އައި ލަވް ޔޫ!” ހިލްޔާއަށް ބުނެވުނެވެ. އޭނަ އެހާ އެދިގެން ހުރިކަމެއް ދާނިޝް އެހާ ފުރިހަމައަށް ރާވާފައިވާތީވެއެވެ.
“ލަވް ޔޫ ޓޫ. އެބަ އަންނަން އިން ޝާ ﷲ.” ދާނިޝް ލޯބިން ފުރިގެންވި ހިނިތުންވުމެއް ހިލްޔާއަށް ހަދިޔާ ކުރަމުން ދާން ހިނގައިގަތެވެ. ދާނިޝް ލޯ މައްޗަށް ގެއްލުމުން ވެސް ހިލްޔާ އިރުކޮޅެއް ވަންދެން ހިނިތުންވުމެއްގައި ހުރެފައި ޕެކް ކުރުމާއިގެން ކުރިއަށް ދިޔައެވެ.
**
ފުރުމަށްޓަކައި ހިލްޔާއާއި ދާނިޝް އެރޭ އެއާރޕޯޓަށް ދިޔައީ 8 ޖެހި ވަގުތެވެ. ދެމީހުން ފުރުވުމަށްޓަކައި ހިލްޔާގެ ޢާއިލާގެ އިތުރުން ހިލްޔާއާއި ދާނިޝް ގެ އެކުވެރިން ވެސް އައެވެ. ދެމީހުން ޗައިނާއަށް ފުރަން އުޅެނީ ފުދޭ ވަރަކަށް ދިގު މުއްދަތަކަށް ކަމަށްވުމުންނެވެ. ހިލްޔާއަށް ޗައިނާގެ ހޮސްޕިޓަލްތަކުގެ މާޙައުލު ކަމުގޮސްފިނަމަ ހިލްޔާ ޗައިނާގައި ރެޒިޑެންސީ ވެސް ހަދަން ރާވައިގެންނެވެ. އެހެންކަމުން ފުރުމުގެ ކުރިން ހިލްޔާ ވީހާވެސް ގިނަ ވަގުތު ޢާއިލާއާއެކީ ހޭދަ ކުރެވޭތޯ މަސައްކަތް ކުރިއެވެ.
ޢާއިލާއަށް ފަސްދީފައި އެއާރޕޯޓަށް ވަދެގެން ދާންވުމުން ހިލްޔާ ދެރަވިޔަސް މިފަހަރު އެ އިޙްސާސުގައި ޣަރަޤެއް ނުވެއެވެ. އަދި އަމުދުން ނުތަނަވަހެއް ވެސް ނުވެއެވެ. އޭނައާއި އެކީގައި ހިނގަމުން ދިޔަ ބައިވެރިޔަކީ އޭނައާއި އޭނަގެ ޢާއިލާ ދުރު ކުރުމަށް ރާވައިގެން ހުރި ބައިވެރިއެއް ނޫންކަން ޔަޤީންވީތީވެއެވެ. އަދި ޢާއިލާއާއި ދުރަށް ގެންދިޔަޔަސް ޢާއިލާއާއި އެއްވަރަށް ނޫނީ އެއަށްވުރެ ބޮޑަށް އޭނައާއި މެދު އަޅާލައި ލޯބި ދޭނެ ބައިވެރިއެއްކަން ޔަޤީންވީތީ ވެސްމެއެވެ. ދެމީހުންގެ ސޫޓް ކޭސްތަކާއި މާމަ ހަދިޔާ ކުރި ބައެއް ފޮށިތައް ބެހެއްޓިފައިވާ ޓްރޯލީ ކޮއްޕަމުން ދިޔަ ދާނިޝްއަށް ބަލަން ހުރެ ހިލްޔާއަށް ހިނިތުންވެލެވުނެވެ. އަދި ހިތާހިތުން ދާނިޝްއަށްޓަކައި ހެޔޮ ދުޢާ ކުރެވުނެވެ. ހަމަ އެވަގުތު ދާނިޝް އޭނައަށް ބަލައި ހިނިތުންވެލުމުން ހިލްޔާގެ ހިނިތުންވުން ފުންވިއެވެ.
ފުރުމަށްޓަކައި ޗެކިންގްވުމަށްފަހު ދާނިޝް ހިލްޔާ ލަކްޝަރީ ލައުންޖަކަށް ނުގެންދިޔަޔަސް ހިލްޔާ ރަނގަޅަށް ބެލެހެއްޓިއެވެ. 5 ތަރީގެ ކެއުން ނުގެނަޔަސް ފެންވަރު ރަނގަޅު، ހިލްޔާއަށް މީރު އެއްޗެހި ގެނެސްދިނެވެ. އަދި އެ ހޭދަ ކުރެވުނު ވަގުތުތަކަކީ ހިލްޔާއަށް އުފާވެރި ވަގުތުތަކެއް ކަމުގައި ހެދިއެވެ.
ނޭނގުމެއްގެ ތެރެއިން ވެސް ހިލްޔާއަށް އެ ވަގުތުތަކާއި، ދެއްކުންތެރިކަން ފިރިހެނަކާއި އެކީ ހޭދަ ކުރި ވަގުތުތައް ހިލްޔާއަށް އަޅައި ކިޔުނެވެ. އެމީހަކު އޭނަ އެ ތަންތަނަށް ގެންދިޔައީ ކޮންމެހެން އޭނަދެކެ ވާ ލޯތްބެއްގެ ސަބަބުން ނޫންކަން އެވަގުތު އެނގުންވިއެވެ. ލޯބިވިނަމަ އޭނަގެ ބައްޕައަށްޓަކައި އޭނަގެ ހިތުގައި ނަފްރަތު ނުއުފެއްދީހެވެ. ތިމާގެ ހުރި މުއްސަނދިކަމަށް އަލި އަޅުވައި ހިލްޔާ ދަށްކޮށް ނުލީހެވެ. ފްލައިޓް ތެރެއިން ހިލްޔާ އެކަނި ކޮށްނުލީހެވެ.
އެ ދަތުރު ކުރިއަށް ދިޔަ ވަރަކަށް ހިލްޔާގެ ހިތުގައި އެ ނިންމުންތައް އިތުރަށް ބިންވަޅު ނެގުން ނޫންކަމެއް ނުވިއެވެ. ދާނިޝް އެ ދުވަހު ކޯލުގައި ބުނިހެން ދާނިޝް އެމީހުންނަށްޓަކައި ނެގީ އިކޮނޮމީ ކްލާސް ގެ ޓިކެޓެކެވެ. އެހެނަސް ސިންގަޕޯރ އެއާރލައިންސް ގެ އެ ސީޓުގައި ހިލްޔާ ހަމަޖެހޭތޯ ދާނިޝް ޔަޤީން ކުރިއެވެ. އަދި ދާނިޝް އިނީ އޭނަގެ ގާތުގައެވެ. ފްލައިޓް ދުއްވަން ފެށުމުން ދާނިޝް ހިލްޔާގެ އަތުގައި ހިފައި އޭނަގެ އިނގިލިތަކުގެ ތެރެއަށް ދާނިޝްގެ އިނގިލިތައް މަހާލުމުން އިތުރު ލޯތްބެއް ހިލްޔާއަށް އިޙްސާސް ކުރެވުނެވެ. މާޒީގައި އޭނަ ދުވީ ލޯބީގެ ފަހަތުން ނޫންކަމާއި، ލޯތްބަކީ މިއީކަން އެވަގުތު އެނގުންވިއެވެ. ޙަޤީޤީ ލޯތްބާއި ހަމައަށް އޭނައަށް ވާސިލު މިވެވުނީ ﷲ ދެކެ އެންމެ ބޮޑަށް ލޯބިވާން ދަސްވުމުންނެވެ. އެކަމަށްޓަކައި ހިތުގެ ފުން މިނުން ﷲ އަށް ޝުކުރު ކުރެވުނެވެ.
8 ގަޑިއިރުގެ ފްލައިޓަކަށްފަހު ހިލްޔާމެން ދަތުރު ކުރަމުން ދިޔަ ފްލައިޓް ބެއިޖިންގް ޑާޝިންގް އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސީ ޗައިނާގެ ގަޑިން ހެނދުނު 9:34 ޖެހި ވަގުތެވެ. ހިލްޔާ އުއްމީދު ކޮށްގެން ހުރީ އެހާ ތަރައްޤީ ނުވާ އެއާރޕޯޓެއް ފެނުމަށެވެ. ކުރީގެ އެކުވެރިން ޗައިނާ ސިފަކޮށްފައިވާ ގޮތުންނެވެ.
އެހެނަސް އެ އެއާރޕޯޓުގެ ތަނަވަސްކަމާއި ޒަމާނަށް ފެތިފައި ހުރި ވަރުން އައިސްފައިވި ނިދީގެ ތެރެއިން ވެސް ހިލްޔާގެ އަނގަ ހުޅުވުނެވެ. ހުދުކުލައިގެ މާރބްލް ޓައިލްސް މަތިން ހިނގަމުން ދިޔައިރު ކުރިމަތިން ފެންނަމުން ދިޔަ ހުދުކުލައިގެ ފުޅާ ތަނބުތަކުގައިވާ ކަޅުކުލައިގެ ރޮގުތައް ސީލިންގްއާއި ހަމައަށް ގޮސް ސީލިންގް ވެސް އެ ރޮނގުތަކުން ޑިޒައިންވެފައިވިއެވެ. ހިނގާ ބިނގާވެ އުޅެމުން ދިޔަ ޗައިނާގެ ގިނަ މީހުން ދައްކަމުން ދިޔަ ޗައިނާ ބަހުގެ އަޑުތަކާއި އެއާރޕޯޓު ތެރެއިން އިވެމުން ދިޔަ އިޢުލާންތައް ވެސް ޗައިނާ ބަހުން އިވެމުން ދިޔައެވެ.
ހިލްޔާ އެއާރޕޯޓުގެ ރީތިކަމަށް ގެއްލިފައި ދާނިޝް ހިނގަމުން ދިޔަ ދިމާލަކަށް ހިނގަމުން ދިޔައެވެ. ދާނިޝް އަމިއްލަ ގެ ފަދައިން އެއާރޕޯޓް ތެރެއިން ހިނގަމުން އިމިގްރޭޝަނަށް ގޮސް ކައުންޓަރުގައި ހުރި މީހާއާއި ޗައިނާ ބަހުން ވާހަކަ ދައްކައި ހުރިހާ ކަމެއް ހަމަޖެއްސިއެވެ. ފުރަތަމަ ފަހަރަށް ދާނިޝް ޗައިނާ ބަހުން ވާހަކަ ދައްކާ އަޑު އިވިފައި ހިލްޔާއަށް ހިނިތުންވެލެވުނު ހިނދު، ދާނިޝްއަށް އިތުރު އިޙްތިރާމެއް ވެސް ކުރެވުނެވެ. އޭނައަށް ނޭނގޭ ބަހެއް ދާނިޝްއަށް އެނގޭތީވެއެވެ.
އިމިގްރޭޝަން ކައުންޓަރު ދޮށުގައި މަޑު ކުރަން ޖެހުނު އެ ކުޑަ ވަގުތު ކޮޅުގައި ދާނިޝް ނުހަނު ފަރިތަކަމާއިއެކީ އޭނަގެ ފޯނުގެ ސިމް ބަދަލުކުރިއެވެ. އެ މަންޒަރު ފެނިފައި ވެސް ހިލްޔާ އަޖާއިބުވާހާވިއެވެ. އެހާ ފަރިތަކޮށް މީހަކު ސިމް ބަދަލު ކުރި މަންޒަރެއް ހިލްޔާ ދުވަހަކުވެސް ނުދެކެއެވެ. ދާނިޝްއަކީ ޙަޤީޤީ ދަތުރުވެރިއެއްކަން އެވަގުތު އެނގުންވިއެވެ. އެއާރޕޯޓުން ނިކުތުމުގެ ކުރިން ހިލްޔާއަށް ވެސް ސިމެއް ގަނެދިނެވެ.
ހިލްޔާ ހީކުރީ އެއާރޕޯޓުން ނިކުމެގެން ގޮސް ދާނިޝް ދާނީ ޓެކްސީއެއްގެ ކައިރިއަށް ކަމަށެވެ. މި ހުރިހާ ދުވަހު ހިލްޔާއަށް ދާނިޝް ފެނިފައިވީ އެފަދަ ނަޒަރިއްޔާތަކުން ކަމަށްވުމުންނެވެ. އެހެނަސް ދާނިޝް ފޯނުން ވާހަކަ ދައްކަމުން އެއާރޕޯޓުން ނިކުތް ވަގުތު އެމީހުންގެ ކުރިމައްޗަށް ހުދުކުލައިގެ ބޮޑު ކާރެއް މަޑުކޮށްލިއެވެ. އެ ކާރުން ފޭބީ ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި ޗައިނާގެ ޒުވާނެކެވެ. ދާނިޝް ފެނުމާއެކު ފުރިހަމަ ހިނިތުންވުމަކާއެކީ ޒުވާނާ ދާނިޝްގެ ގާތަށް އައިސް ދާނިޝްގެ ދިއްކުރެވިފައިވާ އަތަށް ތަޅުދަނޑި ދިނެވެ. ދާނިޝް ވެސް ހިނިތުންވުމަކާއެކީ ޒުވާނާ ގާތު އެއްޗެކޭ ބުނެލަމުން ކޮނޑުގައި ދެފަހަރަކު ޖަހާލިއެވެ. އެއަށްފަހު އެއާރޕޯޓުން އެހާ ހިސާބަށް ގެނައި ޓްރޯލީ އެ ޒުވާނާއާއި ޙަވާލު ކޮށްލަމުން ހިލްޔާ ގާތު ހިނގާށޭ ބުންޏެވެ.
ހިލްޔާ ވާނުވާއެއް ނޭނގި ގެއްލިފައިވާ ޙާލު ގޮސް ކާރުގެ ކުރީ ސީޓަށް އެރި ވަގުތު ދާނިޝް ގޮސް ޑްރައިވާސް ސީޓަށް އެރިއެވެ. އެހިނދު އެއްކަލަ ޒުވާނާ ކާރުގެ ޑިކީއަށް އެމީހުންގެ ފޮށިތައް ލަމުން ދިޔައެވެ.
“ވެލްކަމް ޓު ޗައިނާ، ހުވަންޔިންގް ހިލޫ!!!” ދާނިޝް އެހެން ބުނަމުން ކާރު ސްޓާޓް ކުރިއެވެ. އެވަގުތު އެއްކަލަ ޒުވާނާ ފަހު ފޮށި ކާރަށް ލުމަށްފަހު ޑިކީ ލައްޕާލީއެވެ.
“ތެން…ކިއު. އައިމް ސޯ ލޮސްޓް އެކަމަކު. ސަބްޓައިޓްލްސް އެބަ ބޭނުންވޭ.” ހިލްޔާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުންޏެވެ. އެ ކާރުގެ ސީޓް އޭނަ ކުރިން އެރިހާ ކާރަކަށްވުރެ އަރާމުކަން އެވަގުތު ފާހަގަވެ ސީޓަށް ލެނގިލެވުނެވެ.
“އޮހް ސޯ ސޮރީ. ދެންމެ މި ބުނީ ވެލްކަމް އޭ. ޗައިނާ ބަހުން.” ދާނިޝް އެހެން ބުނަމުން ކާރު ދުއްވާލިއެވެ.
“އެހެންތަ؟ ދެން އެ ދިމާވީ ކޮން ކުއްޖެއް؟” ހިލްޔާއަށް އަހާލެވުނެވެ. އެވަގުތު ކާރު ޕާކިންގް އޭރިއާއިން ނެރެވި، ތާރު އެޅި މަގަކަށް އެރިއެވެ.
“އެއީ އަހަރެންގެ ޑްރައިވަރު. މިއަދަށް ޗުއްޓީއެއް ދިނީ. ސިމް އެޅިތަނާ ގޭގެ ބަޓްލާރ ވެސް ގުޅައިފި. ބުނިން އެންމެން ކައިރީގައި ލީވްއެއް ނަގާލާށޭ. ހިތަށް އެރީ ދެމީހުންނަށް ޕްރައިވަސީއެއް ލިބޭނީ އޭރުންނޭ. ވަޓް ޑޫ ޔޫ ސޭ؟” ދާނިޝް ކާރު 100 ކައިގެ ސްޕީޑަށް އަރުވަމުން ނުހަނު ފަރިތަކަމާއެކީ ދުއްވަމުން ދިޔައެވެ. އެވަގުތު ކާރުގެ ދެ ފަރާތުން ބެއިޖިންގް ގެ ދިގު އަދި ހައިބަތު ހުރި ޢިމާރާތްތައް ފެންނަން ފެށިއެވެ. ފެންނަމުން ދިޔައީ ހިލްޔާ ހީކުރި މަންޒަރުތަކާއި ޚިލާފު މަންޒަރުތަކެވެ.
“ޔޫ ހޭވް އަ ޑްރައިވާރ؟ އެންޑް އަ ބަޓްލާރ؟!” ޙައިރާންކަމާއިއެކު ހިލްޔާއަށް އަހާލެވުނެވެ. ޗީފް އޯގެނިކް ގައި ދާނިޝް ގެ މަޤާމް ހަނދާންވީ އެހެން އަހާލެވުނު ފަހުންނެވެ.
“ޔާ….މަންމަ ހުރިއިރު މަންމައަށް ފަސޭހަ ކޮށްދޭންވެގެން ގެނައި ބައެއް. ވަރަށް ކުރީއްސުރެ އަހަރުމެންނާއެކު އުޅެނީ އެމީހުން. ދޭއި އާރ ލައިކް ފެމިލީ.” ދާނިޝް ކިޔައިދިނެވެ.
“މުސްލިމުންތަ؟” ހިލްޔާއަށް އަހާލެވުނެވެ.
“ބައެއް މީހުން. އަދި އޭގެ ތެރެއިން ކޮންމެވެސް އަންހެން ކުއްޖަކު މަންމަ ކިޔައިދިން ވާހަކަތަކުން އިސްލާމް ވެސް ވި. އެކުއްޖާ މީހަކާ މެރީކޮށްގެން ރިޒައިން ކޮށްފި އެކަމަކު. މަންމަ މެރީ ކުރާނެ ކުއްޖެއް ހޯދައި ދިނީވެސް.” ދާނިޝް ކިޔައިދިނެވެ.
“ދެޓްސް ސޯ އުސްތާޒާ. ހެހެ…..މޭއި ﷲ ބްލެސް ހާރ.” ހިލްޔާއަށް ބުނެވުނެވެ.
“އާމީން….އުސްތާޒާއެއް ނޫނޭ މިހާރު. މަންމަ.” ދާނިޝް ހިލްޔާއާއި ހިނިތުންވެލަމުން ބުންޏެވެ. ދާނިޝް އެ ބުނި އެއްޗެއް މާނަ ނަގައިގަންނަން ހިލްޔާއަށް އިރުކޮޅެއް ނެގިއެވެ.
“މަންމަ…” ހިލްޔާއަށް އެއްދިމާލަކަށް ނަޒަރު ހުއްޓާލަމުން އެހެން ބުނެވުނެވެ. އެހިނދު އުސްތާޒާގެ މޫނު ލޮލަށް ސިފަވުމުން މޭގައި ރިހުމެއް ހިނގާލިއެވެ. އުސްތާޒާއަކީ އޭނަގެ މަންމަ ނެތް ދުނިޔޭގައި އޭނައަށް ހެޔޮގޮތް ކިޔައިދިން ‘މަންމަ’ އެވެ. މިއަދު އެ ‘މަންމަ’ ގެ ލޯބިން ވެސް އޭނަ މަޙްރޫމްވެފައިވާކަން އެނގުމުން ހިތް ދެރަވިއެވެ.
ނުނިމޭ

April 18, 2026 @ 1:28 pm
When next?