ނަފްސީ (އަށްޑިހަ ތިންވަނަ ބައި)
ނަފްސީ (އަށްޑިހަ ތިންވަނަ ބައި)
“އެޕްލް ކެއީ…”
“އާ އެއްޗަކަށް ކެއީ އާފަލު…”
“އަސްލު ކޮއްކޮއަށް ހީވަނީ އެޕްލް ކެއިމަހެން ކޮއްކޮއަށް މިހެން ވާން ފެށީ. ކަރަށް ތަދުވާން ފެށީ އެޕްލް ކެއީމަ.”
އެ ބަސްތައް އިވިގެން ދިޔަދިޔަހެން ހިލްޔާގެ މެއަށް ނުބައި ގޮތެއް ވީ ހިނދު، ގައިން ހީބިހި ނެގިއެވެ. ޓީ ރޫމުގެ މޭޒުދޮށުގައި އިނދެގެން އޭނަ ކެއި އާފަލު މަތިން އެވަގުތު ހަނދާންވިއެވެ. އެ އާފަލު ކެއިތާ މާ ގިނައިރެއްނުވެ އޭނަގެ ކަރަށް ތަދުވާން ފެށިކަން އެވަގުތު ހިލްޔާގެ ހަނދާނަށް އައެވެ. އޭނައަށް އޭރު ކެވުނީ، އެ ކުދިންނަށް ކެވުނު ޒާތުގެ އާފަލެއްތޯ ހިލްޔާގެ ހިތަށްއެރިއެވެ.
“މާ…ބޮޑު ކަމެއް ނޫން ދޯ ހިލޫ؟ ހިލޫ ރަނގަޅުވާނެ؟ އިން ޝާ ﷲ…” ހިލްޔާ އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން ދާނިޝް ވާހަކަ ދެއްކި އަޑު އިވިފައި ހިލްޔާއަށް ދާނިޝް އާއި ދިމާލަށް ބަލާލެވުނެވެ.
އެހިނދު ދާނިޝްގެ ތުންފަތްމަތިން ލުއި ހިނިތުންވުމެއް ފެނުނަސް އެ ލޮލުން ފާޅުވަމުން ދިޔައީ ކަންބޮޑުވުމެވެ. އޭނަގެ ހިމޭންކަމުން މިއީ ކުޑަކަމެއް ނޫންކަން ދާނިޝްއަށް އިޙްސާސް ކުރެވުނީކަން ހިލްޔާއަށް އެނގުންވިއެވެ. އެހިނދު ދާނިޝް ގެ ހިތްހަމަޖައްސާލަދޭން ބޭނުންވިއެވެ.
“ރަނގަޅުވާނެ އިން ޝާ ﷲ. ސްޓޮމަކް އިންފްލެމޭޝަނެއް. ބޭސް ކެއީމަ ރަނގަޅުވާނެ އިން ޝާ ﷲ.” ހިލްޔާ ވިސްނުންތެރިކަމާއެކީ ވީހާވެސް އުއްމީދީ ގޮތަކަށް ބުންޏެވެ. އާފަލާއިމެދު ހީވާ ހީވުން ދާނިޝް އާއި ޙިއްސާ ކުރުމަށް މިއީ އެންމެ ރަނގަޅު ވަގުތެއް ނޫންކަން ހިލްޔާއަށް އެނގުންވިއެވެ.
ހިލްޔާ އެހެން ބުނުމުން ދާނިޝް ދެންވެސް ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިއިރު އެ ލޯ މަތިން ނުތަނަވަސްކަން ހިސާބަކަށް ފިލިއެވެ.
“އޯކޭ އެހެންވީމަ ޑޮކްޓަރ އަވަހަށް ގެންނަންވީދޯ؟ އެބަ ބަލާލަން.” އެހެން ބުނަމުން ދާނިޝް ކޮޅަށް ތެދުވެ ކޮނޑުގައި އޮތް ތުވާލި ނަގައި ގޮނޑީގައި އެޅުވިއެވެ.
“ޔާ އެންޑް އޯލްސޯ….ދާންއަށް އެނގޭތަ އެތެރެހަށީގަ ފާރު ހެދުނީމަ ޗައިނާ މީހުން ބޭނުން ކުރާ ހޯމް ރެމެޑީއެއް؟” ހިލްޔާއަށް އަހާލެވުނެވެ. އޭނައަށް ޖެހިގެން މިއުޅެނީ ޢާއްމު ގޮތެއްގައި ޑޮކްޓަރުން ދޭ ބޭސްތަކުން ރަނގަޅުވާނެ ބައްޔެއް ނޫންކަން އެނގުންވީތީވެއެވެ. އޭނައަށް އެނގިގެން މިފަދަ ބައްޔެއް ޖެހުނު ދެކުދިން ކަމަށްވާ އައިރާ އާއި ޔޫކް މަސްތަކެއް ވީއިރު ވެސް ވޭން ތަޙައްމަލު ކުރިކަން ހަނދާން ކުރަމުންނެވެ. އެހެންކަމުން މި ބަލީގެ ފަރުވާ ހޯދަން ޖެހެނީ އޭނަ ކަމަށް ހިލްޔާއަށް ޤަބޫލުކުރެވުނެވެ. އޭނަ މީގެ 8 މަސް ކުރިން ހަނދާން ނައްތާލި ބަލި މި އޮތީ އޭނައާއި އަރާ ހަމަ ކޮށްފައެވެ.
“ތިކަމަށް ހޯމް ރެމެޑީއެއް އޮތްތޯ ބަލަން ޖެހޭނީ. ޖިއެން ކައިރިން އަހާލާނަން. ޖިއެންގެ ކާފައަކީ ޗައިނާގެ ބޭސްވެރިކަމަށް ވަރަށް މޮޅު މީހެއް މާ ޝާ ﷲ. އަހާލާނަން، އިން ޝާ ﷲ.” ދާނިޝް ބުންޏެވެ. އެއާއިއެކު ހިލްޔާ ބޯޖަހާލުމުން ދާނިޝް އެބަ އަންނަމޭ ބުނެ ވޯޑުން ނިކުންނަން ދިޔައެވެ.
އޭގެ އިރުކޮޅެއްފަހުން ހިލްޔާ ބަލަން އައީ އެ ހޮސްޕިޓަލުގެ އެންމެ ތަޖުރިބާކާރު އެތެރެ ހަށީގެ އަންހެން ޑޮކްޓަރެވެ. ޓެސްޓްތަކުގެ ނަތީޖާ ބެލުމަށްފަހު ހިލްޔާ ހީކުރި ފަދައިން ޑޮކްޓަރު ސުވާލު ކުރީ އޭނަ ކެއި އެއްޗެއްސާއި މެދުގައެވެ. ހިލްޔާ ދެންވެސް އޭނައަށް ހީވާ ހީވުން ދޫކޮށްލުމަށްފަހު އޭނަ އެދުވަހު ކެއި ހުރިހާ އެއްޗެއްގެ ނަން ބުންޏެވެ. އެއަށްފަހު ޑޮކްޓަރު ބުނީ އޭނަ އެއްވެސް ކާ އެއްޗަކަށް އެލާޖިކް ވާކަމަށް ބެލެވޭތޯއެވެ. ހިލްޔާ އެއަށް ވެސް އިންކާރު ކުރިއެވެ. ޑޮކްޓަރު ދެން ލިޔެދިނީ ބޭހެވެ. 3 ދުވަހަށް ބޭސް ބޭނުން ކުރުމަށް ބުންޏެވެ. އެ ބޭހުގެ ތެރޭގައި އައިވީއިން އަޅަންޖެހޭ ބޭހެއް ވުމުން 3 ދުވަހަށް ހޮސްޕިޓަލުގައި އެނދުމަތިވުމަށް ޑޮކްޓަރު އެންގިއެވެ.
ހިލްޔާ އެނދުމަތިވުމުން ދާނިޝް އިތުރަށް ކަންބޮޑުވާ ގޮތްވިއެވެ. ހިލްޔާއަށް އެކަން ނުދައްކަން ކިތަންމެ ގަދަ އަޅާ މަސައްކަތް ކުރަމުން ދާނިޝްއަށް ހުއްޓުމެއްނެތި ފިކުރު ކުރެވެމުން ދިޔައެވެ. ޑޮކްޓަރު ހިލްޔާ ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ނުދިނުމުން ހާސްވިއެވެ. ތަކުރާރުކޮށް ހަނދާންވަމުން ދިޔައީ އޭނަ މަންމަ ހޮސްޕިޓަލުގައި ބާއްވައިގެން އުޅުނު ދުވަސްވަރު އެ ހޮސްޕިޓަލުގައި އުޅުނު އޭނަ ނަން ގަންނަން ވެސް ބޭނުންނުވާ ޑޮކްޓަރު މަންމައާއި މެދު ފަރުވާ ކުޑަ ކުރި ޑޮކްޓަރެވެ. މިވަގުތު ހިލްޔާ ވެސް ބަލަމުން ދަނީ އެފަދަ ޑޮކްޓަރެއް ތޯ ތަކުރާރުކޮށް ހިތް ސުވާލު ކުރަމުން ދިޔައެވެ.
އެންމެފަހުން ދާނިޝްގެ މި އިޙްސާސްތައް ބޭރުވާން ފެށީ ހިލްޔާ އެނދުމަތި ކުރެވުނުތާ ދެވަނަ ދުވަހުގެ ރޭ ވެސް ހިލްޔާ ބަނޑަށް ތަދުވާ ވާހަކަ ބުނުމުންނެވެ.
“ހޮސްޕިޓަލް ބަދަލު ކޮށްލަންވީ ކަންނޭނގެ ދޯ ހިލޫ؟” ދާނިޝް ހިލްޔާގެ އެނދުމަތީގައި އިށީނދެ ހިލްޔާއަށް ބަލަން އިނދެ އެހިއެވެ.
“ނޫނޭ. މި ހޮސްޕިޓަލުން މި ދެވެނީ މި ބައްޔަށް ދެވޭނެ އެންމެ ފުރިހަމަ ފަރުވާ. އަހަރެން ބޭސް ލިޔުނަސް ލިޔާނީ މި ބޭސްތައް.” ހިލްޔާ ބަނޑުގައި އެއްއަތް އަޅައިގެން އޮވެ ވާހަކަ ދެއްކިއެވެ.
“އާނ އެކަމަކު ހިލޫ ރަނގަޅެއް ނުވެއެއްނު؟” ދާނިޝް ހިސާބެއްގެ ނުރުހުންތެރިކަމާއެކީ ބުންޏެވެ. ނުރުހުންތެރިވީ ހިލްޔާ ބަލަމުންދާ ޑޮކްޓަރަށެވެ. އަދި މަންމަ ފަދައިން ހިލްޔާ ވެސް އޭނަ ބުނާ ގޮތަށް އަމިއްލަ ނަފްސާއި މެދު ނުވިސްނާހެން ހީވި ހީވުމުން ނޭނގުމެއްގެ ތެރެއިން ހިތް ޖަޒުބާތުގައި ޖެހުނެވެ.
“ހުރިހާ ބައްޔަކީ އެހާ ފަސޭހައިން ރަނގަޅުވާ ބައްޔެއް ނޫނޭ. ވަކިން ޚާއްސަކޮށް އެތެރެ ހަށީގެ އިންފްލެމޭޝަން ރަނގަޅުވާން ވަގުތު ނަގާނެ. ޑޮކްޓަރު ދިނީ ވެސް 3 ދުވަހުގެ މުއްދަތެއް ދޯ؟ އަދި 3 ދުވަސް ހަމައެއް ނުވެއެއްނު؟” ހިލްޔާ ދެންވެސް އެހެން ބުނުމުން ދާނިޝް އިތުރަށް ނުރުހުންވާ ގޮތްވިއެވެ. އެކަން އެނގުންވީ ހިނދު އެ ނުރުހުންތެރިކަން ފާޅު ނުކުރުމަށް ދާނިޝް ފުން ނޭވައެއް ދޫކޮށްލަމުން ހިލްޔާގެ މޫނުން ނަޒަރު ވަކި ކުރިއެވެ. ހިލްޔާއަށް ފަރުވާތެރިކަމާއެކީ ދާނިޝްއަށް ބަލަން އޮވެވުނެވެ.
“އަހަންނަކަށް ނޭނގޭ. 3 ދުވަހުން އެއްކޮށް ރަނގަޅުވަންޏާ މިހާރު ވެސް ކޮންމެވެސް ވަރަކަށް ފަސޭހަވާންވާނެ ދޯ؟ ލޭގެ ޓެސްޓު ނަތީޖާ ފެމިލީ ޑޮކްޓަރަށް ފޮނުވަންވީހެން ހީވަނީ. ތި ދިން ބޭސްތަކުގެ ނަންތަކާ.” ދާނިޝް އެހެން ބުނެ ހިލްޔާއަށް ބެލުމެއް ވެސް ނެތި އެނދުން ފޭބިއެވެ. އަދި ދެވަނަ ވިސްނުމެއްނެތި އެނދު ކައިރީގައި ހުރި ކަބަޑުގެ ވަތްގަނޑު ހުޅުވާލަމުން ހިލްޔާގެ ލިޔެ ކިޔުންތައް އަތުޖެހޭތޯ ބަލަން ފެށިއެވެ.
“ކަމޯން ދާން! އަހަރެން މިއީ ވެސް ޑޮކްޓަރެކޭ. އެ ޑޮކްޓަރު ދީފަ ހުރީ ނުލާހިކު ރަނގަޅު ބޭސް. އެ ނޫން ގޮތަކަށް އެއްވެސް ޑޮކްޓަރަކު ދޭނެހެން ހިއެއް ނުވޭ. ދާން!” ހިލްޔާ ވާހަކަ ދެއްކުމުން ވެސް ދާނިޝް އޭނައަށް ބެލުމެއް ނެތި، ޕްރިންޓް ކުރެވިފައިވާ ލޭގެ ޓެސްޓް ނަތީޖާތަކާއި ބޭސް ސިޓީ ނެގިއެވެ. ހިލްޔާ އިހުނަށްވުރެ ބާރު އަޑަކުން ދާނިޝްއަށް ގޮވައި ދާނިޝް ގެ މުލައްދަނޑީގައި ހިފާލިއެވެ. އެހިނދު ދާނިޝް ހިލްޔާއަށް ބެލިއެވެ.
“ވަޓްސް ރޯންގް ދާން؟ މާ ބޮޑަށް ކަންބޮޑު ތިވަނީ ކީއްވެ؟” ދާނިޝްގެ އަތުން ދޫކުރުމެއްނެތި ދާނިޝް އާއި ހަތަރުކަޅި ހަމަކޮށްގެން އޮވެ ހިލްޔާ އެހިއެވެ. އެހިނދު އެހެން ބަޔަކަށް ނޭނގޭނެ ފަދައަކުން އެދެމެދުގައި ވާހަކައެއް ދެކެވުނު ފަދައެވެ. ފާއިތުވި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ދާނިޝް ފުން ނޭވައެއް ދޫކޮށްލަމުން އަތުގައި ހުރި ގަނޑުތަކާއެކީ އަނެއްކާވެސް ހިލްޔާގެ އެނދުމަތީގައި އިށީނެވެ.
“މަންމަ….އަތް ބިނދިގެން ހޮސްޕިޓަލުގަ އޮތްއިރު، މަންމަ އުޅުނީ ވަރުބަލިވެ، މޭމައްޗަށް ތަދުވެގެން. އޭރު ހުޅުމާލޭގެ އެ ހޮސްޕިޓަލުގަ އުޅުނު ޑޮކްޓަރު ގާތު އެ ވާހަކަ ބުނެބުނެ އެކަމަށް ވަކި ފަރުވާއެއް ނުދޭ. ކުޑަމިނުން ޓެސްޓެއް ވެސް ނަހަދާ. ދުވަސްކޮޅަކުން ބޭސްތަކެއް ދީފަ ގެއަށް ފޮނުވާލީ. އަހަންނަށް މާ ފަހުން އެނގުނީ އެ ބޭސްތަކުގެ ތެރޭގަ ހިތުގެ ބަލި ހުންނަ މީހުންނަށް ނުރައްކާ ވާނެ ފަދަ ބޭހެއް ވާކަން. އަހަރެން އެކަން އެނގިގެން އެ ބޭސް ނުކާން މަންމައަށް އެންގިން. އެކަމަކު….އެރޭ މަންމަ އަމިއްލައަށް އެ ބޭސް ކައިގެން ގެއިން ނިކުތީ. އަވަހަށް ރަނގަޅުވާނީ ހުރިހާ ބޭހެއް ކެއިމަ ނޫންހޭ ބުނަމުން….އެރޭ….މަންމަ..އަހަރެން ދޫކޮށް ދިޔައީ….” ދާނިޝް ވާހަކަ ދައްކަމުން ގޮސް އެ ފަހު ބަސްތައް ބުނިއިރު އަޑު ކުރެހިގެން ދިޔައެވެ.
ދާނިޝް އިސްޖެހުނު ވަގުތު ލޯވެސް މަރާލިއެވެ. އެހިނދު އެއްފަރާތަކުން ފެންނަމުން ދިޔަ އެ މޫނުމަތިން ފެނުނު ހިތާމަވެރިކަމުން ހިލްޔާގެ މޭގައި ރިހުމެއް ހިނގާލިއެވެ. އެހިނދު އެނދުމަތީގައި އޮތް ދާނިޝްގެ އަތް މަތީގައި ހިލްޔާ އަތް ބޭއްވިއެވެ. އެހިނދު ދާނިޝް ލޯ ހުޅުވާމުން ހިލްޔާއަށް ބަލާލިއިރު އެ ލޯ ފެންކަޅިވެފައިވިއެވެ.
“އައި ކާންޓް ލޫޒް ޔޫ ޓޫ…” ވައި އަޑަކަށް ބަދަލުވަމުން ދިޔަ އަޑަކުން ދާނިޝް ބުންޏެވެ. އެހިނދު ހިލްޔާގެ ލޮލުން ވެސް ކަރުނަ ހިލުނެއްކަމަކު ހިތްވަރު ކުރަމުން ވާހަކަ ދެއްކިއެވެ.
“އަހަންނަށް ގޮތެއް ނުވާނެއޭ. އިން ޝާ ﷲ. ނުބައި ބޭހެއް ދީފަ ހުރިއްޔާ އަހަރެން އަމިއްލައަށް ބުނާނަން ދާން ގާތު. ދާން ބޭނުމިއްޔާ ފެމިލީ ޑޮކްޓާރ ގެ ރައުޔެއް ވެސް ހޯދާ. އައި ޑޯންޓް މައިންޑް. ދާން ހިތްހަމަޖެހެނިކޮށް އަހަންނަށް ނިމުނީ. ހެހެ….އެކަމަކު..މަންމަ ބެލީ ކޮން ޑޮކްޓަރެއް. ކޮން ޑޮކްޓަރެއް ނުބައި ބޭހެއް ދިނީ؟” ހިލްޔާއަށް އަހާލެވުނެވެ.
އެއާއިއެކު ދާނިޝް އަނެއްކާވެސް ފުން ނޭވައެއް ދޫކޮށްލަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ.
“ޑޮކްޓަރ ރާފިލް.” ދާނިޝް ފޮރުވުމެއް ނެތި ބުންޏެވެ. އިވުނު ނަމާއިއެކު ހިލްޔާގެ ދެލޯ ބޮޑުވިއެވެ.
“ވަޓް؟!” ހިލްޔާއަށް ބުނެވުނެވެ. އެހިނދު ބޭއިޚްތިޔާރުގައި އެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ.
“އާނ…ޑޮކްޓަރ ރާފިލް. ހިލްޔާ ކުރިން މަސައްކަތް ކުރި ހުޅުމާލޭގެ ހޮސްޕިޓަލުގަ ރާފިލް މަސައްކަތް ކުރީ…އަހަރެން އޯސިސް ކްލިނިކަށް ޖޮބަށް ދިޔަ ސަބަބަކީ ވެސް ޑޮކްޓަރ ރާފިލް. މަންމަގެ މަރުގެ ފަހަތުގަ ޑޮކްޓަރ ރާފިލްގެ ފަރުވާކުޑަކަން ހިމެނޭކަން އިޙްސާސް ކުރެވޭ ވަރުން ބަދަލު ހިފަންވެގެން. އަހަންނާ އެކުވެރި ވަކީލަކު ބުނީ އަހަރެން ދެއްކި ވާހަކަތަކުން ޑޮކްޓަރ ރާފިލްއާއި ދެކޮޅަށް ކޯޓުގަ މޮޅެއް ނުވާނެއޭ. އެހެންވީމަ އިތުރު ހެކި ހޯދަން ވެގެން ޑޮކްޓަރ ރާފިލްއާއި އެއް ތަނެއްގަ މަސައްކަތް ކުރަން ބޭނުންވީ.” ދާނިޝް ކިޔައިދިނެވެ.
“މޭކްސް ސެންސް…” ހިލްޔާއަށް ބުނެވުނެވެ. ކައިވެނީގެ ކުރިން ދާނިޝް އޯސިސް ގައި މަސައްކަތް ކުރަން ދިޔައީ ކީއްވެތޯ ސުވާލު ކުރުމުން ދާނިޝް ދިން ޖަވާބާއި މެދު ހިލްޔާގެ ހިތުގައި ޝައްކުތަކެއް ވިއެވެ. ހުރިހާ ކަމެއް ސާފު މިވީ އަދި ކިރިޔާއެވެ.
“ދެން….ރާފިލް އާއި ދެކޮޅަށް ހެކި ލިބުނުތަ؟” ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ހިލްޔާއަށް އަހާލެވުނެވެ. އެއާއިއެކު ދާނިޝް ބޯހޫރުވާލިއެވެ.
“ނުލިބޭ.” ދާނިޝް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުންޏެވެ.
“އަހަރެން ކައިރިން އަހާލިނަމަ….އަހަންނަށް އަތުން ގުނާލެވޭ ވަރަށް ވުރެ ވެސް ގިނައިން އެނގޭ ރާފިލް ޤަޞްދުގަ ބަލި މީހުންނަށް ނުބައި ބޭސްތައް ދީފަ ހުރި ޙާލަތްތައް.” ހިލްޔާ އެހެން ބުނުމާއިއެކު ދާނިޝް ހިލްޔާއަށް ބަލާލިއެވެ.
“އަސްލުވެސް؟” ދާނިޝް އެހިއެވެ. އެއާއިއެކު ހިލްޔާ ބޯޖެހިއެވެ.
“ޔޫކޭ ގަ ވެސް އަދި އޯސިސް ގަ ވެސް އެތައް ފަހަރު މަތިން. އަހަރެން ބުނަން ވެސް ބުނިން އެހެން ނަހަދާށޭ. ބުނީމަ ބުނީ ބަލި މީހަކު އައުމުން އެމީހަކަށް ފުރިހަމަ ފަރުވާ ދީފިއްޔާ ޑޮކްޓަރުންގެ ގޮތުގަ އަހަރުމެންނަށް އިތުރު ފައިސާ ލިބޭނީ ކިހިނެއް ހޭ…” ހިލްޔާ ވެސް ނުރުހުންވެ އޮވެ ބުނެލި އެ ވާހަކައިން ދާނިޝްގެ ދަތްކުނޑި ވިކުނެވެ.
“ފައިސާ ލިބުނީމަ ނިމުނީދޯ؟” އެ ހާލުގައި ދާނިޝް ބުންޏެވެ.
“ކީއްކުރާނީ؟ ބައެއް މީހުންގެ ވިސްނުން ހުންނަ ގޮތް. އަހަރެންގެ މި ހެކި ބަހުން ފުދޭނެތަ؟” ހިލްޔާ އެހިއެވެ.
“ނޭނގެ. ހިއެއް ނުވޭ. ނިމާލް ބުނީ ޑޮކްޓަރެއްގެ ކޭސްއެއް ވީމަ ވަރަށް ސޮލިޑް އެވިޑެންސް ބޭނުންވާނެއޭ.” ދާނިޝް ބުންޏެވެ.
“އޮހް…އެހެންވީމަ އެބަ ވިސްނަން އިތުރު ހެކި ހޯދޭނެ ގޮތަކާމެދު…” ހިލްޔާ ވިސްނުމަކަށް ގެއްލެމުން ބުންޏެވެ.
“ނޯ ނީޑް. ލޯބި މިވަގުތު އަރާމު ކުރަންވީ. އަމިއްލަ ޞިއްޙަތު ރަނގަޅު ކުރެވޭނެ ގޮތަކާއިމެދު ލޯބި ވިސްނަންވީ. ހިލޫގެ ޙާލު ރަނގަޅުވަނިކޮށް އަހަންނަށް ނިމުނީ.” ދާނިޝް ހިލްޔާގެ މޫނުގައި ހިފަހައްޓާލަމުން ބޮޑުވާ އިނގިލިން އެ ކޯތާފަތުގައި ފިރުމަމުން ބުންޏެވެ.
“ޓްރޫ….އެއްކަލަ ސައިފަތް އެބަ ލިބޭތަ؟” ހިލްޔާ އެހިއެވެ. ޖިއެންގެ ކާފަ ބުނި ގޮތުގައި ޗައިނާގެ ވަކި ސަރަޙައްދެއްގައި ހެއްދޭ ސައިފަތަކުން ސައި ބުއިމުން ބަނޑުގައިވާ ފާރުތައް ފަސޭހަވެއެވެ.
“އާނ….މާދަމާ ހެނދުނު ހިސާބު މިހާ ހިސާބަށް ފޯރާނެ ކަމަށް މި ބަލަނީ. ޝަންގްހައިގެ އެހާ ތަރައްޤީ ނުވާ ހިސާބަކުން ލިބޭ އެއްޗެއް ވީމަ ހޯދަން ފޮނުވި ކުއްޖާއަށް ނުފެނިގެން ގިނައިރު ވީ.” ދާނިޝް ކިޔައިދިނެވެ.
“އޮހް…” ހިލްޔާއަށް ބުނެވުނެވެ. ދާނިޝް ހޫންލައްވާލަމުން ދެން ނިދާލާށޭ ބުނެ ހިލްޔާގެ ނިތުގައި ބޮސްދިނެވެ. އަދި އަލި ބޮކި ފަނޑު އޮރެންޖު ކުލައިގެ ބޮތްކަކަށް ބަދަލުކޮށް ހިލްޔާގެ ގައިމަތީގައި އޮތް ފޮތިގަނޑު ރަނގަޅު ކޮށްދިނެވެ.
ދާނިޝް ބުނިހެން އޭގެ އަނެއްދުވަހު ހެނދުނު ސައިފަތް ލިބުނެވެ. ކަން ދިމާކުރި ގޮތުން ހެނދުނު ވީއިރު ހިލްޔާގެ ބަނޑުގައިވި ތަދުވެސް ފިލާފައިވިއެވެ. އެހެނަސް ހިލްޔާ އެ ސައި ބުޔެވެ. މިވަގުތު ތަދު ފިލިޔަސް އެ ތަދު އަނބުރާ އައުން ގާތްކަން އެނގޭތީވެއެވެ. އެހެނަސް އެ ވާހަކަ ހިލްޔާ ދާނިޝްއަށާއި، އޭނައަށް ކޮންމެ ދުވަހަކު ގުޅަމުން ދިޔަ ޢާއިލާ މީހުންނަށް ވެސް ސިއްރު ކުރިއެވެ. ހިލްޔާ ރަނގަޅު ވާހަކަ ބުނުމުން އެންމެން އުފާ ކުރީތީ ހިލްޔާއަށް ވެސް ޙަމްދު ކުރެވުނެވެ.
އެދުވަހު ހަވީރު ހިލްޔާގެ އައިވީ ހުސްވީއިރު ހިލްޔާގެ ޙާލު މުޅިންހެން ރަނގަޅުވެފައިވުމުން ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ދާނިޝް ހިލްޔާ ގޮވައިގެން ގެއަށް ދިޔުމުގެ ކުރިން ހިލްޔާގެ އިޒުނައާއިއެކު މިޞްރާބު ޖެހީ އޮފީހަށެވެ. ގެއަށް ދިޔުމުގެ ކުރިން ކޮންމެހެން ނިންމަން ޖެހޭ ކުޑަ މަސައްކަތެއް އޮތީތީވެއެވެ. ހިލްޔާ ދެކޮޅު ހެދުމެއްނެތި އެއްބަސްވީ، ވޭތުވެ ދިޔަ 3 ދުވަހުގައި އޭނަ އެހާ ގިނައިން ބުނުމުން ވެސް ދާނިޝް އޮފީހަށްވުރެ ގިނަ ވަގުތު ހޭދަ ކުރީ އޭނައާއި އެކީގައި ކަމަށްވާތީވެއެވެ.
ހިލްޔާ ހީކުރި ގޮތާއި ޚިލާފަށް ދާނިޝްގެ ކާރު ދިޔައީ އޮފީހުގެ މައިދޮރު ކައިރީގައި ހުރި ޕާކިންގް ލޮޓާއި ދިމާލަކަށް ނޫނެވެ.
“ވެއިޓް….އެހެރީ އަންޑަރގްރައުންޑް ޕާކިންގްއަށް ދެވޭ ދޮރެއް ނޫންތަ؟” ހިލްޔާ ކުޑަދޮރުން ފަހަތަށް ނަޒަރެއް ދެމުން ސުވާލު ކުރިއެވެ.
“އާނ އެކަމަކު ޕްރިންސެސްއެއް ގޮވައިގެން ދާއިރު ދާންވާނީ ވީއައިޕީ ޕާކިންގް ލޮޓަކަށް ދޯ؟” ދާނިޝް ބުމަ އަރުވާލަމުން ބުންޏެވެ.
“ހޫނނނ…” ހިލްޔާ ނުރުހުންވާކަމަށް ހެދެމުން ބުންޏެވެ. އެއާއިއެކު ދާނިޝްއަށް ހީލެވުނެވެ.
ދާނިޝް ކާރު ވެއްދީ ޢިމާރާތުގެ އެއްފަރާތެއްގައި ހުރި ފުޅާ ދޮރަކުންނެވެ. 5 ވަރަކަށް ކާރު ޕާކް ކުރެވިފައިވާ އެ ތަން ނުހަނު ތަނަވަހެވެ. އެއިން ކޮންމެ ކާރެއްގެ ވަށައިގެން ޝާހީ ގޮތަކަށް ފަށް ދަމާލެވިފައިވެއެވެ. ދާނިޝް ވެސް ގޮސް އޭނަގެ ކާރު ޕާކު ކުރީ އެފަދަ ގޮޅިއެއްގެ ތެރޭގައެވެ.
ދާނިޝް ކާރުން ފައިބަމުން ހިލްޔާ ގާތު ވެސް އައުމަށް އެދުނެވެ. އެހެންކަމުން ހިލްޔާ ވެސް ދާނިޝްއާއިއެކީ ލިފްޓަށް އަރަން ދިޔައެވެ. ހިލްޔާ ހީކުރީ ލިފްޓަށް އަރައި ދާނިޝް ފިތާލާނީ އެންމެ މަތީ ފްލޯ ގެ ބަޓަނަށް ކަމަށެވެ. އެހެނަސް އެ ލިފްޓުގައި އެންމެ މައްޗަށް ވެސް ދެވެން ހުރީ ގްރައުންޑް ފްލޯ އަށެވެ. ދާނިޝް ފިތާލީ އެ ބަޓަނަށެވެ.
“ވީއައިޕީ ލެވެލް މީހުން ވަންނަ ލިފްޓުގަ އެންމެ މައްޗަށް ދެވެނީ ގްރައުންޑް ފްލޯއަށްތަ؟” ލިފްޓު މައްޗަށް ދާން ފެށި ވަގުތު ހިލްޔާއަށް އަހާލެވުނެވެ.
“ހެހެ…ވީއައިޕީ ލެވެލް މީހުންގެ ކެބިންތައް ހުންނަނީ ގްރައުންޑް ފްލޯގައޭ.” ދާނިޝް ބުންޏެވެ.
“އަންބިލީވެބްލް. މަތީ މަޤާމުގަ އުޅޭ މީހުން އުޅޭނީ މަތީ ބައިތަކުގައެއް ނޫންތަ؟” ހިލްޔާ ހިސާބަކަށް އަޖާއިބުވެފައި ބުންޏެވެ.
“ޔޫ ވިލް ސީ ވާއި.” ދާނިޝް ހިނިތުންވުމަކާއެކީ އެހެން ބުނެލި ވަގުތު ލިފްޓު ހުޅުވުނެވެ.
އެއާއިއެކު ދާނިޝް ހިލްޔާގެ އަތުގައި ހިފައިގެން ލިފްޓުން ނިކުތެވެ. އަދި ހުދުކުލައިގެ ބޮޑެތި މާބްލް ޓައިލް ޖެހިފައިވާ ކޮރިޑޯއިން ހިނގަން ފެށިއެވެ. ހިނގަމުން ދިޔައިރު ހިލްޔާއަށް ވަށައި ނަޒަރު ދެވުނެވެ. ކޮރިޑޯގެ ދެ ފަރާތުން ފެންނަމުން ދިޔައީ ގަދަ މުށި ކުލައިގެ ދެ ފަރާތަށް ހުޅުވޭ ފުޅާ ދޮރުތަކެވެ. އޭގެއިން ކޮންމެ ދޮރެއްގައި ރަންކުލައިގެ ފިލާ ގޮޅިއެއްގައި އެ ރޫމުގައިވާ މީހެއްގެ މަޤާމާއި ނަން، ޗައިނާ ބަހުންނާއި އިނގިރޭސިން ލިޔެވިފައިވެއެވެ. ހިނގަމުން ހިނގަމުން ގޮސް އެ ކޮރިޑޯގެ އެންމެ ކޮޅުގައި ހުރި ދޮރުން ދާނިޝްގެ ފުރިހަމަ ނަމާއި މަޤާމް ހަރުކުރެވިފައިވާ ދޮރު ފެނުނެވެ. އެ ދޮރާއި ހަމަވުމާއިއެކު ދާނިޝް އެއްއަތުން ދޮރުގެ އެއްފަރާތް ކޮއްޕާލަމުން އެތެރެއަށް ވަނެވެ.
“ވެލްކަމް ޓު މައި ކެބިން. މައި ސެކަންޑް ހޯމް. ހެހެ…” ދާނިޝް ހިލްޔާގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެ ބުންޏެވެ. ލަސްލަހުން އެ ކެބިންއަށް ބަލާލުމަށް އިސްއުފުލާލި ހިލްޔާއަށް އެ ކެބިންގެ ތަނަވަސްކަން ފާހަގަވިކަން އެކަންޏެވެ. ކުރިމަތިން ފެނުނު މަންޒަރުން އެހެން ދިމާލަކަށް ބަލާލަން ހިލްޔާ ނުކުޅެދުނެވެ.
ދާނިޝް ހިނގާފައި ގޮސް އިށީން މޭޒު ފަހަނަޅައި ކުރިމަތިން ފެންނަމުން ދިޔައީ ބޮޑެތި ބިޔަ ގަސްތައް އިންދިފައިވާ ބަގީޗާއެކެވެ. އެ ގަސްތަކުގެ ތިރީގައިވާ ބިން މަޑު ފެހިކުލައިގެ ވިނައިން ފުރިފައިވިއެވެ. އިރުގެ އަލިން އެ ގަސްތައް ފެންވެރުވިފައިވި ގޮތުން މި ހުރެވުނީ ޢިމާރާތެއްގެ ތެރޭގައި ކަން ވެސް ހިލްޔާ ހިނދުކޮޅަކަށް ހަނދާން ނެތޭ ގޮތްވިއެވެ.
“މިއީ….ސްކްރީނެއް ދޯ؟” ޤަބޫލުކުރަން ދަތިވެފައި ކުރިއަށް ހިނގަމުން ހިލްޔާއަށް އަހާލެވުނެވެ.
ނޫނޭ އިޓްސް ރިއަލް. ބޭނުމިއްޔާ ހިލޫއަށް އެތާ ބޭރަށް ވެސް ދެވޭނެ. މަޑުކޮށްލައްޗޭ އަހަރެން މި މެއިލް ޗެކް ކޮށްލާފަ ގެންގޮސްދޭނަން. ބިއްލޫރި ކައިރިއަށް އައިސް ބަލާލަބަލަ.” ދާނިޝް މޭޒުދޮށުގައި އިނދެ ވާހަކަ ދެއްކިއެވެ.
އެހިނދު ހިލްޔާ ދާނިޝް ބުނިހެން ކެބިންގެ އެ ފަރާތުގައި ފާރެއްހެން ހުރި ބިއްލޫރިގަނޑު ކައިރިއަށް ދިޔައެވެ. ފަރުވާތެރިކަމާއެކީ ބެލުމުން އެތާ ހުރީ 3 އާފަލު ގަސް ކަން ހިލްޔާއަށް އެނގުނެވެ. ރަނގަޅަށް ބަލާލުމުން މި ޢިމާރާތް ހެދިފައިވަނީ އެ ގަސްތަކުގެ ވަށައިގެން ކަން އެނގުންވިއެވެ. އެހިނދު ޢިމާރާތަށްޓަކައި ގަސްތައް ކަނޑާނުލުމުގެ އެ ޚިޔާލަށް ހިލްޔާއަށް ހިތާހިތުން ތަޢުރީފު ކުރެވުނެވެ.
ދާނިޝް ހިލްޔާގެ ކައިރިއަށް އައީ ހިލްޔާ އެ މަންޒަރަށް ގެއްލިފައި ހުއްޓާއެވެ. ހިލްޔާގެ ސަމާލުކަން ހޯދުމަށް ދާނިޝްއަށް ހިލްޔާގެ މޫނުގެ ކުރިމަތިން އެއްއަތް ހިންގާލަން ޖެހުނެވެ. އެހިނދު ހިލްޔާ ދާނިޝްއަށް ބަލާލުމުން ބޭރަށް ދާން ބޭނުންތޯ ދާނިޝް އެހިއެވެ. ހިލްޔާ އާނއެކޭ ބުނުމުން ދާނިޝް އެ ފާރުގެ އެއްފަރާތުގައި ވަރަށް ނުފެންނާނެހެން ހުރި ބިއްލޫރި ދޮރުގެ ކައިރިއަށް ގޮސް، ދޮރުގައި ހަރުކުރެވިފައިވާ ކީޕެޑުގައި ނަންބަރެއް ޖެހިއެވެ. އެއާއިއެކު އެ ދޮރު އެއްފަރާތަކަށް ކެހިގެން ދިޔުމުން ހިލްޔާ ގާތު އަންނާށޭ ބުނެ ދާނިޝް އެ ބަގީޗާއަށް ނިކުތެވެ.
“މިއީ އެންމެ ފުރަތަމަ މި ކުންފުނި ފެށުމަށް އިންދުނު 3 ގަސް. ބައްޕައާއި މިސްޓަރ ޝިންގްއާއި މިސްޓަރ ވޭޖިއޭ އިންދި 3 ގަސް. ކުންފުނި ކުރި އަރައިގެން ގޮސް މި ޢިމާރާތް ހަދަންވީމަ އެންމެން އެއްބަސްވީ މި ތިން ގަސް ހުރި ގޮތަށް ބަހައްޓަން. ކުންފުނި ފެށުނީ ކިހިނެއްކަމާއި ކީއްވެކަން އެންމެން ހަނދާން ހުންނާނެހެން. މި ގަސްތަކުން ލިބޭ ހުރިހާ އާފަލެއް ހިލޭ މުވައްޒަފުންނަށް ބެހެނީ. މިހިރީ ބައްޕަގެ ގަސް.” ދާނިޝް ވާހަކަ ދައްކަމުން ލަސް ހިނގުމެއްގައި ގޮސް ގަހެއްގެ ކައިރީގައި މަޑުކޮށްލަމުން ހިލްޔާއާއި ހިނިތުންވެލިއެވެ. ބަދަލުގައި ދާނިޝްގެ ގާތަށް އަންނަމުން ދިޔަ ހިލްޔާއަށް ވެސް ހިނިތުންވެލެވުނެވެ.
ހިލްޔާ ގޮސް ދާނިޝްގެ ކައިރިއަށް އައި ވަގުތު ދާނިޝް އެ ގަހުގެ ތިރީ ގޮތްޕެއްގައި އޮތް އާފަލަކަށް އަތް ފޯރުވަމުން އާފަލު ބިނދެ، ހިލްޔާއަށް ދިއްކޮށްލިއެވެ. އެކި ތަންތަންކޮޅު ފިޔާތޮށި ކުލައަށް އަރާ ރީނދޫ ކުލައިގެ އެ އާފަލު ފެނިފައި ހިލްޔާގެ ހިނިތުންވުން ފަނޑުވިއެވެ.
ނުނިމޭ

August 14, 2026 @ 4:58 pm
Sorry for the delay, readers ^_^
Remember to brace yourselves for the upcoming episodes. They will be intense!