Asr (Part 15)
“އައިމަން ވެސް ގޮވައިގެން ޕްރިންސިޕަލް އޮފީހަށް އިނގޭ؟” އޭނަ އެހެން ބުނެފައި އަޒާނަށް ފަސްދީފައި ދާން ހިނގައިގަތެވެ. ދެންމެ ވިއާމްގެ އެކުވެރިޔާ ދެއްކި ވާހަކައަކާއެކު މި ޚަބަރު އޭނަގެ ސިކުނޑީގައި ތަކުރާރުވުމުން އޭނަގެ ހިތުގައި ނެގި ނުތަނަވަސްކަމުގެ ރާޅުބާންޏާއެކު އޭނައަށް ކޮޅަށް ތެދުވެވުނެވެ. އޭނަ ހާސްކަމެއްގެ ތެރޭގައި ހުރެ ވަގުތުން މިޞްރާބުޖެހީ ކެންޓީނާއި ދިމާލަށެވެ. އޭނަ ކެންޓީންގެ ދޮރުމައްޗަށް އެރިއިރު އެ ދޮރުގެ ކައިރީގައި ހުރި ދިގު މޭޒެއްގެ ކޮޅުގައި އައިމަން އޭނަގެ އެކުވެރިންނާއެކީ އިނެވެ.
“އައްމު!” ކެންޓީނަށް ކުޑަކޮށް ވަދެލާފައި އަޒާން ގޮވާލިއެވެ. އެއާއެކު އަޒާން ބޭނުންވި ގޮތާއި ޚިލާފަށް އައިމަން ގެ އިތުރުން އެ މޭޒު ދޮށުގައި ތިބި އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ.
“ވަޓްސް ރޯންގް ޒާން؟” ފަސްއެނބުރި އަޒާނަށް ބަލާލި އައިމަންގެ ނިތަށް ރޫގިނަވިއެވެ. އަޒާން ސީރިއަސް ނަޒަރެއްގައި ހުރެ އެއްއަތުން އައުމަށް ޢިޝާރާތް ކުރިއެވެ. ބޮޑު ކަމެއް ދިމާވެގެން ނޫނީ އަޒާން އެހެން ނުގޮވާނެކަން އެނގި އައިމަން ތެދުވެލިއެވެ. އެއަށްފަހު އޭނަގެ އެކުވެރިންނަށް ފުރަގަސްދެމުން އަޒާނާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު އޭނަގެ ފުރަގަހުން އޭނަގެ އެކުވެރިން ހެވިފައި ތިބެ ސިއްރު ވާހަކަތައް ދެއްކިކަން ފާހަގަވީ ހަމައެކަނި އަޒާނަށެވެ. އަޒާން އެމީހުންނަށް ބަލަން ހުރެފައި އައިމަން އޭނައާއި ހަމަކުރުމުން ކެންޓީނުން ނިކުތެވެ.
“ކިހިނެއްތަވީ ޒާން؟” ބާރަށް ހިނގައިގަތް އަޒާނާއި ހަމަކުރަމުން އައިމަން ސުވާލު ތަކުރާރުކޮށްލިއެވެ.
“ޕްރިންސިޕަލް ބުނުއްވިޔޯ އަހަރުމެން ޕްރިންސިޕަލް އޮފީހަށް އަންނާށޭ.” އަޒާން ކިޔައިދިނެވެ.
“ވަޓް؟ އެއީ ކިއްވެޔޯ؟ އަނެއްކާ އަހަރުމެންގެ ޕާރފޯމެންސް އެހާ ރަނގަޅީތަ؟ އޯ ނޯ ވެއިޓް……މިޑް ޓާރމްގެ އެވްރެޖްގަ އަހަންނަށް ލިބުނީ ބީއެއް.” އައިމަން ބުނެލިއެވެ.
“ވަޓް ޑިޑް ޔޫ ޑޫ އައިމަން؟” އައިމަނަށް ބަލާލުމެއްނެތި އަޒާނަށް އެހެން ބުނެލެވުނީ ޝަކުވާއާއި ނުރުހުންތެރިކަމުގެ ރާގަކަށެވެ. އޭނަ ނުރުހުންވީ އޭނައަށް އިވުނު ވާހަކައަށް ވުރެ ބޮޑަށް އައިމަން އެމީހުންގެ ގުޅުން ހީނަރުވެދާނެފަދަ ކަމެއް ކޮށްފާނެތީވެއެވެ.
“ވަޓް؟” ބުނާނެ އެއްޗެއް ނޭނގިގެން އައިމަނަށް ބުނެލެވުނެވެ.
“ހުދާ؟ ކިސް؟” އަޒާން ބުމަގޮށްޖެހިފައިހުރެ އައިމަނަށް ބަލާލަމުން ސުވާލުގެ ރާގަކަށް ބުނެލިއެވެ.
“ވަޓް؟!!! އާރ ޔޫ އައުޓް އޮފް ޔުއާރ މައިންޑް އަޒާން؟” އިވުނު ވާހަކައިން އައި ރުޅީގައި އައިމަންގެ އަޑު ހަރުވިއެވެ. އެވަގުތު ވަށައިގެން ތިބި ބައެއް ކުދިންގެ ނަޒަރުތައް ވެސް އެމީހުންނަށް އަމާޒުވިއެވެ. އައިމަންގެ ވާހަކައިން އަޒާންގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެއްކަމަކު އޭނަ އިތުރު އެއްޗެކޭ ބުނާކަށް ނޫޅުނެވެ. އައިމަން އެފަދަ ވާހަކައެއް ދެއްކީ ކާކުތޯ އެހުމުން ވެސް އަޒާން ޖަވާބު ނުދީ ކުރިއަށް ދިޔައެވެ.
އައިމަނާއި އަޒާން އެކީގައި ގޮސް ޕްރިންސިޕަލް އޮފީހަށް ވަތް އިރު ޕްރިންސިޕަލްގެ މޭޒުގެ ކުރިމަތީގައި ހުދާވެސް އިސްޖެހިފައި ހުއްޓެވެ. އޮފީހުގެ ދޮރު ހުޅުވުނު އަޑަށް ހުދާވެސް އެމީހުންނަށް ބަލާލިއެވެ. އެހެނަސް އެ މޫނުމަތިން އޭނަ ވެގެން އުޅޭގޮތެއް ނޭނގިގެން އުޅޭހެން ހިއެއްނުވެއެވެ. ތިން މީހުން އެކީގައި ގޮސް ޕްރިންސިޕަލްގެ ކުރިމައްޗަށް ހުއްޓިލުމުން ޕްރިންސިޕަލް ވާހަކަ ދެއްކެވިއެވެ.
“މިވަގުތު އެނގޭނެ ކަންނޭނގެ ދޯ ތި ތިން ކުދިން ގެނައީ ކީއްވެކަން؟” ޕްރިންސިޕަލް އެހެން ދެންނެވުމުން ހުދާ އިސްޖަހާލި ވަގުތު އައިމަނާއި އަޒާން އިތުރަށް ޙައިރާންވިއެވެ.
“ނޭނގެ ސާރ….” އައިމަނަށް ބުނެލެވުނެވެ.
“ސަރޕްރައިޒިންގް! އައިމަނަކީ ސޯޝަލް މީޑިޔާ ބޭނުންކުރާ ކުއްޖަކަށްވާނަމަ މިހާރު އެނގިފަ އޮންނާނީ. މި ފޮޓޯތައް ނުދެކެންތަ؟” ޕްރިންސިޕަލް އެތާ މޭޒުމަތީގައި އޮތް އައި ޕެޑް އައިމަންމެނަށް ރަނގަޅަށް ފެންނާނެ ގޮތަށް އަނބުރާލަމުން ދައްކާލިއެވެ. އެއާއެކު އައިމަނާއި އަޒާންގެ ބުމަގޮށްޖެހި ދެލޯ ބޮޑުވިއެވެ. ފޭސްބުކްގައި ހުރި 15 ފޮޓޯއެއްގެ ތެރެއިން އެއްފޮޓޯގައި އައިމަން ހުރީ ހެވިފައި ހުރި ހުދާގެ ކައިރީގައި ހުއްޓިލައިގެންނެވެ. އެ ފޮޓޯގައި އެމީހުންނާއި ދުރުގައި އެމީހުންނަށް ބަލަހައްޓައިގެން އަޒާން ހުއްޓެވެ. އަދި އަޒާންގެ ބޮލުގެ ކައިރީގައި ރޯންހުރި ކާރޓޫން ޅަ ކުއްޖަކު ފޮޓޯއެއް ލެވިފައިވިއެވެ. އައިމަން އެ ފޮޓޯއަށް ބަލަން ހުރެ ކުއްލިއަކަށް އައި ޕެޑް ގައި އިނގިލި ޖައްސައި ތިރިއަށް ޖައްސަން ފެށީ ދެންހުރި ފޮޓޯތައް ބެލުމަށެވެ. ތިރީގައި ހުރި ފޮޓޯތަކުގައި އޭނައާއި ހުދާ ތިބީ އަދި މާ ބޮޑަށް ވެސް ގައިގޯޅިވެގެންނެވެ. ކޮންމެ ފޮޓޯއެއްގައި ވެސް އަޒާން ވަކިން ދެރަވެފައި ހުރެއެވެ. ބައެއް ފޮޓޯތަކުގައި އަޒާންގެ ކައިރީގައި ދެރަ ލަވަތައް ލިޔެވިފައި ހުރިއިރު އަނެއްބައި ފޮޓޯތަކުގައި މީމްތަކުގެ އެހީގައި އަޒާނަށް މަލާމާތް ކުރެވިފައިވިއެވެ. ފޮޓޯތައް ބަލަމުން ދިޔަ ވަރަކަށް އައިމަންގެ މޫނު ރަތްވަމުން ދިޔައިރު އަޒާންގެ ހިތް މާޔޫސްވަމުން ދިޔައެވެ. އެންމެ ފަހު ފޮޓޯއާއި ހަމަވީތަނާ އައިމަން އަޑުގެ ކޮޅަށް ނުބައި ބަހެއް ކިޔަމުން ގޮށްމުއްކަވައި މޭޒުމައްޗަށް ބާރު އެތިފަހަރެއް ވިއްލާލިއެވެ. އެވަގުތު އޭނަގެ ކައިރީގައި ހުރި ހުދާ ސިއްސައިގެން ދިޔައެވެ.
“އައިމަނަށް ތިހުރެވުނީ ކޮންތާކުކަން ހަނދާން އެބަހުރިތަ؟” ޕްރިންސިޕަލް ސުވާލުކުރެއްވިއެވެ. އެއިން ވެސް އައިމަން މައިތިރިވާގޮތެއް ނުވިއެވެ.
“އިޓްސް އޯލް ފޭކް! ބަލާފަވެސް ނޭނގެނީތަ ފޮޓޯޝޮޕްކޮށްފަ ހުރިކަން؟ އަހަރެން ކިޔަވަންވެގެން އެފްބީއިން ބްރޭކެއް ނެގިތާ މިވީ އެއްހަފްތާ. އަހަންނަށް މީތި ފެނުނުނަމަ މިހާރު މިއަށް ރަނގަޅު ރައްދެއްދީފަ އޮތީސް!” އައިމަން ހަރު އަޑުން ވާހަކަ ދެއްކީ އޭނަގެ ކުރިމަތީގައި ހުރީ ޕްރިންސިޕަލްކަން ވެސް ހަނދާން ނައްތާލާފައެވެ..
“އަސްލު ފޮޓޯތަކެއް ނޫންކަން އެނގޭ. ފޮޓޯތައް އެޑިޓް ކުރި ކުދިބަޔަކު ހޯދަން މަސައްކަތް އެބަކުރެވޭ. ތި ކުދިން ގެންނަން މި ޖެހުނީ މި ފޮޓޯތަކުގައި ތިކުދިން ތިބެންޖެހޭނީ ސަބަބަކާ ލައިގެންހެން ހީވާތީ. ތި ތިން ކުދިންގެ މެދުގަ އެއްވެސް ކަމެއް ހިނގަނީތަ؟” ޕްރިންސިޕަލް ދެންވެސް މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކޭތޯ ބެއްލެވިއެވެ.
“ނޯ ފްރީކިންގް ވޭއި! މުޅި މި ދުނިޔެއިން އަންހެނުން ހުސްވެގެންތަ މަމިއުޅެނީ މީނައާއި ކައިރިވާން؟” އައިމަން އަދިވެސް ރުޅި އައިސްފައިހުރެ ހުދާއަށް ޢިޝާރާތް ކުރަމުން ބުންޏެވެ. އޭނަގެ ޖުމްލަ ނިމުނުތަނާހެން ޕްރިންސިޕަލް އޭނަގެ ނަމުން ގޮވާލެއްވިއެވެ. އެއާއެކު އައިމަން ފުން ނޭވާތަކެއް އެތެރެއަށް ލަމުން ހަމައަކަށް އެޅޭތޯ ބެލިއެވެ.
“ހުދާ ކީކޭ ބުނަނީ މި ފޮޓޯތަކާ ބެހޭގޮތުން؟” ޕްރިންސިޕަލް ހުދާއާއި ސުވާލުކުރެއްވިއެވެ.
“އަ….އަޅުގަނޑު ދުވަހަކުވެސް އައިމަނަކާވެސް އަޒާނަކާވެސް ކައިރިއެއްނުވަން. އައިމަން ވަރަށް ރަނގަޅު. އައިމަން މިހާރު ކުއްޖަކާވެސް ރައްޓެހިނުވޭ. އެކަމަކު އަޒާން އަހަންނަށް ކުޑަކޮށް އުނދަގޫ ކުރޭ. އަޒާން އަހަންނާއި ދިމާލަށް މާ ގިނައިން ބަލާތީ އަހަންނަށް އުނދަގޫވޭ. އަޒާން ކައިރި ބުނީމަވެސް އެކަން ހުއްޓައެއްނުލާ.” ހުދާ ޕްރިންސިޕަލަށް ބަލަން ހުރެ ބުނެލި ވާހަކައިން އަޒާންގެ މޭގައި ރިހުމެއް އުފެދުނެވެ. ހުދާ އޭނަގެ ބޮލުގައި އެ އެޅުވީ ދޮގު އިލްޒާމެކެވެ. ހުދާއާއި ކައިރިވާން އޭނަގެ ހިތް ކިތަންމެ އެދުނަސް އޭނަ ހުދާއާއި އެކުވެރިވާން ވެސް ނޫޅެ ދުރުގައި ހުންނަނީ ހުދާ ނުރުހުންވެދާނެތީވެއެވެ. އޭނަގެ ނަޒަރުން ހުދާއަށް އުނދަގޫވާކަން އެނގި އޭނަގެ ނަޒަރު ތިރި ކުރުމަށްޓަކައި ވެސް އޭނަ އެތައް މަސައްކަތެއް ކޮށްފައިވެއެވެ. އެހެނަސް އޭނަ ހުދާއަށް އެކަން ފާހަގަވެސް ނުވީ ގޮތުން އޭނަގެ ހިތް ދަތިވިއެވެ. ހުދާއަށް ބަލަން ހުރެފައި އަޒާނަށް އިސްޖަހާލެވުނީ އޭނަގެ ލޮލުން ދިލަނަގަން ފެށުމުންނެވެ.
“އަޒާން، އެއީ ތެދެއްތަ؟” ޕްރިންސިޕަލް އެއްސެވިއެވެ. އެއާއެކު އައިމަން ނުހުރެވިގެން ވާހަކަ ދެއްކިއެވެ.
“ކޮންތާކު؟ ސާރ ހުދާއަށް ހީވެދާނެ މީހަކު އޭނައަށް ބަލަނީހެން މާ ދުރުގަ ހުރި ރުކަކަށް ބަލާލިޔަސް. ކުރީ ދުވަހަކުވެސް އަހަރެން އޭނައަށް ބެލިއޭ ކިޔާފަ މުޅި ސްކޫލް ތެރޭގަ ވާހަކަ ފަތުރައިފި.” އައިމަން ބުންޏެވެ. އެއަށް ޕްރިންސިޕަލް އެއްޗެކޭ ވިދާޅުވަން އުޅުއްވި ވަގުތު އަޒާން ވާހަކަ ދެއްކިއެވެ.
“ނޫން ސާރ…..ހުދާ އެ ބުނީ ތެދެއް. އަހަންނަށް ހަމަ ބެލޭ ހުދާއަށް. މީގެ ފަހުން އެކަން ރަނގަޅު ކުރެވޭތޯ ބަލާނަން.” އަޒާން ދެންވެސް ބެލީ ހުދާ ދިފާޢު ކުރެވޭތޯއެވެ.
“ވަޓް އިން ދަ ވޯލްޑް އާރ ޔޫ ސޭއިންގް އަޒާން؟!” އަޒާން އެގޮތަށް ވާހަކަ ދެއްކުމުން އައިމަން ޙައިރާންވި ވަގުތު ނުރުހުންވެސްވިއެވެ. އަޒާން އައިމަނަށް ބަލާލި ވަގުތު ޕްރިންސިޕަލް އެންމެ ފަހު ފަހަރަށް ވާހަކަ ދެއްކެވިއެވެ.
“އައިމަން، އަޒާން، ހުދާ. ތިކުދިންނަށް ވެސް އެނގޭނެ މި ޢުމުރަކީ ވަރަށް އެހެން ކަހަލަ ޢުމުރެއްކަން. މި ޢުމުރުގަ ތިކުދިންނަށް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރަންޏާ ތި ކުދިންގެ މުޅި މުސްތަޤްބަލް ބަރުބާދުވެގެން ދާނީ. މި ޢުމުރުގަ ތިކުދިންނަށް އެންމެ މުހިއްމީ ކިޔެވުން. މިހާރު ކިޔެވުމަށް ސަމާލުކަން ނުދީ ތިކުދިން އެހެން ކަންކަމުގަ ޑިސްޓްރެކްޓްވަންޏާ ފަހުން ހިތާމަކުރަން ޖެހިދާނެ.” ޕްރިންސިޕަލްގެ އެވާހަކައިން މިފަހަރު އައިމަން ވެސް ހިމޭންވެ ތިރި ބަލަން ފެށިއެވެ. ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ޕްރިންސިޕަލް އަނެއްކާވެސް ވާހަކަ ދެއްކެވިއެވެ.
“އައިމަން މަޑުކޮށްލާފަ ދެން ތިބި ކުދިން ކްލާސްތަކަށްދޭ.” ޕްރިންސިޕަލް އެހެން ވިދާޅުވާން ޖެހުނީ ކީއްވެކަން ތިން މީހުންނަށް ވެސް ސާފުވިއެވެ. ދިޔުމުގެ ހުއްދަ ދެވުމާއެކު އަޒާން ދާން ހިނގައިގަތެވެ. ހުދާ ވެސް ލަސް ހިނގުމެއްގައި އޭނަގެ ފަހަތުން ގޮސް އޮފީހުން ނިކުތެވެ.
އަޒާން އަވަސް ހިނގުމެއްގައި އޮފީހުން ނިކުތް ގޮތަށް ދިޔައީ ފާޚާނާއަށެވެ. ފާޚާނާއަށް ވަދެ އަތުގައި ހުރި ބާރަކާއެކީ ދޮރު ލައްޕާލަމުން އޭނަ ގޮސް މޫނު ދޮންނަ ތަށިގަނޑެއްގެ ކުރިމަތީގައި ގޮސް މަޑުކޮށްލިއެވެ. އެއަށްފަހު އިސްކުރު ދޫކޮށްލަމުން ދެއަތަށް ފެންނަގައި އޭނަގެ މޫނަށް ޖަހާލިއެވެ. ދެއަތް މޫނުގައި ފޮހެމުން އޭނަ މޫނުބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. އެވަގުތު އޭނަގެ ދެލޯ ރަތްވެފައިވީއިރު އޭނައަށް ފުން ނޭވާތަކެއް ލެވެމުން ދިޔައެވެ. އޭނަގެ ކަންފަތުގައި ދެންމެ ހުދާ ބުނި ބަސްތައް ގުގުމަމުން ދިޔައިރު މީގެ 3 އަހަރު ކުރިއަށް އޭނަގެ ހަނދާންތައް ދަތުރު ކުރިއެވެ.
**3 އަހަރު ކުރިން**
“އެންޑް……ދެއަރ ޔޫ ގޯ. ބެލެންސްޑް!” އަޒާން އޭނަގެ ކުރިމަތީގައި އޮތް ފޮތުގައި ފަންސުރުން އެކައުންޓިންގްގެ ސުވާލެއް ހަދާލަމުން ބުނެލިއެވެ.
“ވާވް! ޔޫ އާރ ސޯ ސްމާޓް ޒާން. އަހަންނަށް މީތި ބެލެންސް ނުވެގެން އުޅޭތާ އެތައް ގަޑިއިރެއްވެއްޖެ.” އަޒާންގެ ކުރިމަތީގައި ގޮނޑިއެއް ބަހައްޓައިގެން އިން ހުދާ ބުނެލިއެވެ. އަޒާނަށް ހީލަމުން އިތުރު އެއްޗެކޭ ނުބުނެ ހުދާއަށް ބަލަން އިނދެވުނެވެ. ގްރޭޑް 8 އަށް އާ ސްކޫލަކަށް އައިސް ފުރަތަމަ ޓާރމްގެ މެދާއި ހަމައަށް އައިއިރު އޭނައަށް ލިބިފައި ހުރި ހަމައެކަނި އެކުވެރިޔަކީ މިއީއެވެ. އޭނަ ކުލާހުގައި އުޅޭ އެހެން ކުދިންނާއި ދޭތެރެއަކުން ވާހަކަ ދެއްކިޔަސް އެމީހުން އޭނަ ދައްކާ ވާހަކަތަކަށް މާ ގިނައިރެއް ވަންދެން ޝައުޤުވެރިކަމެއް ނުހުރެއެވެ. އޭގެ ތެރެއިން ގިނައީ އޭނައާއެކީ ކުރިން ވެސް ކިޔެވި އޭނައަށް މަލާމާތް ކުރާ ކުދިންނެވެ. ނަމަވެސް ހުދާ އޭނައަށް ތަފާތު ނަޒަރަކުން ބަލާލުމެއްނެތި އޭނަ ދައްކާ ވާހަކަތައް ފޫހިކަމެއްނެތި އަޑުއަހާ ގޮތުން އޭނަގެ ހިތުގައި ހުދާއަށް ޤަދަރެއް ދެވިފައިވިއެވެ.
“ކީކޭ؟” ޚިޔާލުތަކެއްގެ ތެރެއަށް ގެއްލިފައިވުމުން ހުދާ ބުނި އެއްޗެއް ނީވުނީތީ އަޒާނަށް އަހާލެވުނެވެ.
“އަހަރެން ބުނީ އަސްލު ހާދަ ފޫހި ސަބްޖެކްޓްތަކޭ އަހަރުމެން މި ކިޔަވަނީ. ހިތަށްއަރާ މިހާރު ސައިންސް ނެގުނުނަމައޭ.” ހުދާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ.
“ހެހެ…..ދެ ސްޓްރީމްގަ ވެސް ޕްރޯސް އެންޑް ކޯންސް ހުންނާނެދޯ؟ ކޮންމެވެސް އެކައްޗެއް ނަގައިގެން ކުރިއަށް ދިޔުން އަހަރުމެންނަށް އޮތްކަމަކީ. އަދި ކޮމާރސް ނެގިޔަސް އޭގެ މާނައަކީ ސައިންސް ނުކިޔެވޭނެއެކޭ ނޫންދޯ؟ މިހާރު ސްކޫލުން ކިޔެވޭ ވަރަށްވުރެ ގިނައިން އިންޓަރނެޓުން ކިޔެވޭނެއެއްނު؟ ރޭގަ އަހަރެން ސާރޗްކުރީ ކޯޗަކާ ބެހޭގޮތުން އެނގޭތަ؟ ސްޓާރސް! ރޭ އަހަރެން ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލަންހުރެ ހަމަ ހިތަށްއެރީ އުޑުމަތިން އަސްލު މި ވިދަނީ ކޯޗެއްހޭ……..އަސްލު ހާދަ އަމޭޒިންގް އޭ ދޯ ކޮންމެ ރެއަކު ސްޓާރސްތައް އެ ފެންނަ ގޮތް؟ އަދި އަހަރުމެންނަށް މަގު ދެއްކުމަށްޓަކައި ބައެއް ސްޓާރސްތައް ކޮންމެ ރެއަކު ވަކި ފިކްސްޑް ޕްލޭސްއެއްގަ ހުންނަ ގޮތް. ހިތަށްއަރާ ވަރަށް ޕާރފެކްޓް މާސްޓަރ ޕްލޭންއަކުންނޭ މި ޔުނިވާރސް ހެދިފަ މިހިރީ.” އަޒާން އޭނަގެ ޚިޔާލުތައް ހުދާއާއި ޙިއްސާ ކުރުމުން ހުދާ ހިނިތުންވުމަކާއެކީ ބޯޖަހާލަމުން ހޫންލައްވާލިއެވެ.
“އެސްޓްރޮނޮމާރ އަޒާން ޚާލިދޯ މިހިރީ.” ކުލާހަށް ވަދެގެން އައި ބިޔަ ފިރިހެން ކުއްޖަކު އަތުގައި އޮތް ފެންފުޅި އަޒާނާއި ދިމާލަށް އުކާލިއެވެ. އެ ފެންފުޅި ގޮސް ޖެހުނީ އަޒާން މޭ މަތީގައެވެ. އޭތި އުކާލިއިރު އޭގެ މަތިގަނޑު ދޫވެފައިވީތީ މަތިގަނޑު އަޒާންގެ ކަނާތު ލޮލުގައި ޖެހި އޭގައި ހުރި ފެނުން އަޒާންގެ ގަމީހުގެ ބައެއް ތެމުނެވެ. ވީ ތަދާއެކީ އަޒާނަށް ހަޅޭކަކާއެކު ތަދުވި ލޯމަތީގައި އެއްއަތް އަޅާލެވުނެވެ. އެވަގުތު މުދައްރިސަކުވެސް އެ މަންޒަރު ބަލާކަށް ނެތެވެ. ކުލާހުގައި ތިބި މަދު ކުދިންގެ ތެރެއިން އޭނައަށް އެހީވެދިން ހަމައެކަނި މީހަކީ ހުދާއެވެ. ހުދާ ވަގުތުން އޭނަގެ މޭޒުމަތީގައި ހުރި އައިސް ފެން ފުޅި ހިފައިގެން ގޮސް އަޒާންގެ ލޮލުގައި އެޅިއެވެ. އެ ވަގުތު އަޒާނަށް އަނިޔާ ކުރި ފިރިހެން ކުއްޖާ އަނެއްކާވެސް ހޭންފެށުމުން ހުދާ ވާހަކަ ދެއްކިއެވެ.
“އަޅާނުލާ ޒާން. ޒާންއަށް އެނގޭވަރަށް އެމީހުންނަށް ނޭނގޭތީ އެމީހުން އެކަހަލަ ކަންތައް ކުރަނީ.” އަޒާން ހުދާގެ ފެންފުޅި ލޮލާއި ދުރުކުރަން އުޅުމުން ހުދާ އެ ފެންފުޅި މޭޒުމަތީގައި ބަހައްޓަމުން ބުނެލިއެވެ. އޭނަގެ ވާހަކައިން ދުވަހަކުވެސް ހިތަށް ނުލިބޭފަދަ ހަމަޖެހުމެއް ލިބުމުން އަޒާނަށް ފުރަތަމަ ފަހަރަށް ތަފާތު ނަޒަރަކުން ހުދާއަށް ބަލާލެވުނެވެ. ހުދާ ދެލޯ މަރާލަމުން ބޯޖަހާލީ ތިމަންނަ މިބުނީ ތެދެކޭ ބުނާ ފަދައަކުންނެވެ. ހިތުގައި އުފަންވި އާ ވިންދަކާއެކީ އަޒާނަށް ހިނިތުންވެލެވުނީ އެވަގުތެވެ.
****
ކުރީގެ ހަނދާންތައް އާ ވުމުން މޫނުބަލާ ލޯގަނޑުން އޭނަގެ ސޫރައަށް ބަލަންހުރި އަޒާންގެ މޭގައިވި ރިހުމެއް އުފެދުނެވެ. އެދުވަހާއި މި ދުވަސް ހާދަ ތަފާތެވެ. އޭރު މީހަކު އެއްޗެކޭ ބުނުމުން އޭނައަށް ވަކާލާތު ކުރާނެ މީހަކު ހުއްޓެވެ. ނަމަވެސް މިއަދު އޭނައަށް އެއްވެސް އެހީތެރިއަކު ނެތެވެ. އޭނަ އެންމެ ފުރަތަމަ ދިފާޢު ކުރި ފަރާތަކީ މުޅި ޢުމުރަށް ވެސް އޭނައަށްޓަކައި ރައްކާތެރިއެއް ކަމުގައި ވާނެކަމަށް އޭނަ ހީކުރިއެވެ. އޭނައަށް އުފާވެރިކަން ގެނެސްދޭ ފަރާތަކީ އެއީ ކަމަށްބަލައި އޭނަގެ ހިތް އެފަރާތަށް ބަރޯސާވީ އެހެންވެއެވެ. އެހެނަސް އިންސާނުންނަކީ އަޖާއިބެއްފަދަ ބައެކެވެ. އެމީހުންގެ ލޯތްބާއި ނަފްރަތަކީ އަބަދު އެއްގޮތަކަށް ދެމި އޮންނަ އެއްޗެއްނޫނެވެ. ބައްޕަ އޭނަ ލައްވާ ހާޒިރު ކުރުވި “ލައިފް ސްކިލް” އޮންލައިން ކޯހަކުން ވެސް އަޒާނަށް ދަސްވި ކަމަކީ އެއީއެވެ. އެ ކޯހުން ދަރިވަރުންނަށް ދަސްކޮށްދިނީ މި ދުނިޔޭގައި އުފާވުމަށްޓަކައި އިންސާނުންނަށް މާ ބޮޑަށް ބަރޯސާ ނުވުމަށެވެ. ކަމެއް ކުރުމުގައި މީހުން އެ ކުއްޖަކާމެދު ދެކޭ ގޮތާއިމެދު ވިސްނުމެއްނެތި ކުރިއަށް ދިޔުމަށެވެ. އެއްހަފްތާއަށް ދެމިގެން ދިޔަ އެ ކޯސް ނިންމުމަށްފަހު އަޒާން އެއާއި އެއްގޮތަށް ޢަމަލު ކުރެވޭތޯ ބެލިއެވެ. އަދި އޭނައަށް މަލާމާތް ކުރާ ކުދިންނާއި ހިތްވަރާއެކީ ކުރިމަތި ލެވޭތޯ ބެލިއެވެ. އޭނަ ދައްކާ ވާހަކަތަކުން އޭނައަށް އަމާޒުވާ ނަޒަރުތަކަށް އަޅާނުލުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ވަކި ހިސާބަކުން އޭނަގެ ހިތް ވަރުބަލިވެ ބަލިކަށިވާން ފެށިއެވެ. އޭނަ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ސްކޫލްގައި އުޅޭ ބިޔަ ކުދިންގެ މަލާމާތްތަކުން އޭނަ ސަލާމަތް ނުވާތީވެއެވެ. އޭނަ ކިތަންމެ ވާހަކައެއް ދެއްކިޔަސް އޭނަގެ އެކުވެރިން އިތުރެއް ނުވާތީވެއެވެ. އޭނަ މި ކަންތައް ޙިއްޞާކުރާނެ މީހަކު ބޭނުންވިއެވެ. އެކަމަށްޓަކައި މަންމައާއި ބައްޕައަށް ބަލާލިއިރު އެ ދެމީހުން ވެސް ވީ އެމީހުންގެ ވަޒީފާތަކަށް ގޮސް ހުސްވެފައެވެ. އައިމަނަށް ބަލާލިއިރު އޭނަ ގިނަ ފަހަރު ހުންނަނީ އޭނަގެ ލޯބިވެރިޔެއް ނޫނީ އެކުވެރިޔަކާ ވާހަކަ ދައްކާށެވެ. އައިމަން ނަޞޭޙަތެއް ދިނަސް ދޭނީ ކުރު ނަޞޭޙަތެކެވެ. އަދި މީހަކު އުނދަގޫ ކުރަންޏާ ތިމަންނަ ކައިރީގައި ބުނެލާށޭ ބުނެފައި ހިނގައިދާނެއެވެ. ނަމަވެސް އޭނައަށް ބޭނުންވަނީ ވަގުތީ ގޮތަކަށް އޭނަގެ މައްސަލަތައް ޙައްލުކޮށްދޭނެ މީހެއް ނޫނެވެ. އޭނަ ބޭނުންވަނީ ދާއިމީ ގޮތަކަށް އޭނަގެ ހިތަށް ހަމަޖެހުން ގެނެސްދޭނެ ފަރާތެކެވެ. އެކަމަށްޓަކައި އޭނަގެ އޮތް ހަމައެކަނި އުއްމީދަކީ ހުދާއެވެ. އެހެނަސް ފަހަކަށް އައިސް ހުދާ އޭނައާއިމެދު ކަންތައް ކުރާ ގޮތުން އޭނަގެ އެ އުއްމީދުގެ ހުޅުކޮޅު ނިވެމުން ދެއެވެ. ހުދާ ނުރުހުމުގެ ލޮލަކުން ބަލައި އޭނަ ދަށްކޮއްލުމަށްޓަކައި އެކުވެރިންނާއެކީ ކުރާ ކޮންމެ ސައްލާއަކީ އެ ހުޅުކޮޅު ހަނގުރާމަ ކުރަމުންދާ ވައިރޯޅިއެކެވެ. އޭގެ ސަބަބުން އަޒާންގެ ހިތަށް ބިރުވެރިކަމެއް ވެރިވެފައިވެއެވެ. އޭނަ މުޅި ޢުމުރު ހިތްދަތިކަމުގެ ތެރޭގައި އުޅެންޖެހިދާނެ ކަމުގެ ބިރުވެރިކަމެވެ. ދުނިޔޭގައި އުޅޭ އޭނަ ކަހަލަ މީހުންނަށް އޮތް ގޮތަކީ ހަމަ މިއީބާއެވެ؟ ބައެއް މީހުން ދުނިޔެއަށް އައިސްފައިވަނީ ނިމުމެއްނުވާ ހިތާމަވެރިކަމެއްގެ ތެރޭގައި އުޅުމަށް ހެއްޔެވެ؟ ބައެއް މީހުންނަށް ހަމަ އެއްވެސް އެހީތެރިއަކު ނެތީ ހެއްޔެވެ؟ އެ މީހުން ބިރުވެރިކަމުން ރައްކާތެރިކޮށްދޭނެ ފަރާތެއް ނެތީ ހެއްޔެވެ؟ އެމީހުންދެކެ ލޯބިވާނެ ފަރާތެއް ނެތީ ހެއްޔެވެ؟ މި ސުވާލުތައް އަޒާންގެ ހިތަށްވެރިވުމުން އޭނައަށް އިސްއުފުލާލެވުނެވެ. އެ ސުވާލުތަކާއި މެދު ވިސްނުމުން ސިކުނޑިއަށް ވެރިވެގަތް ޚިޔާލުތަކުން އަޒާން ކުއްލިއަކަށް ފާޚާނާއިން ނިކުންނަން ދިޔައެވެ.
އަޒާން މިފަހަރު މިޞްރާބުޖެހީ ސްކޫލްގެ ލައިބްރަރީއާއި ދިމާލަށެވެ. ސިޑިބަރިތައް ގިރާ ކުރަމުން އޭނަ މައްޗަށް ދިޔައިރު އޭނަގެ ހިތް ނުތަނަވަސްކަމަކާއެކީ ތެޅެމުން ދިޔައެވެ. ލައިބްރަރީ ހުންނަ ފްލޯރ އާއި ކައިރިވަމުން ދިޔަ ވަރަކަށް އޭނަގެ އަތް ފައި ފިނިވަމުން ދިޔައެވެ. އެންމެ ފަހުން އެ ފްލޯރއަށް ދެވުމުން އޭނަގެ ހިނގުން ލަސްވިއެވެ. އޭނަ ލައްޕާލެވިފައި ހުރި ލައިބްރަރީގެ ދޮރަށް ބަލަންހުރެ ކުރިއަށް ދިޔައީ ހިސާބެއްގެ ބިރުވެރިކަމެއް ފެންނަމުން ދިޔަ މޫނަކާއެކީގައެވެ. އޭނަ ގޮސް ލަސްލަހުން ލައިބްރަރީގެ ދޮރު ހުޅުވާލަމުން އެތާ ތެރެއަށްވަނެވެ. އެއަށްފަހު އޭނަ އިހުނަށްވުރެ ވެސް ބޮޑަށް ޖެހިލުންވެފައިހުރެ މިޞްރާބު ޖެހީ ލައިބްރަރީގައި ވަކިން ދީނީ ފޮތްތައް ލާފައި ހުންނަ ކަބަޑާއި ދިމާލަށެވެ. އެ ކަބަޑުގެ ބިއްލޫރި ދޮރު ތަކުގެ ސަބަބުން އޭގެ ތެރޭގައި ހުރި ޤުރުއާނުގެ މުޞްޙަފްތަކާއި ޤުރުއާނުގެ ތަރުޖަމާތަކާއި ޙަދީޘް ފޮތްތައް ފެންނަމުން ދިޔައެވެ. އަޒާން ގޮސް ޤުރުއާނުގެ ތަރުޖަމާތައް ހުންނަ ބައިގެ ދޮރު މަޑު މަޑުން ކަހާލިއެވެ. އެއަށްފަހު ތުރުތުރު އަޅަމުން ދިޔަ އަތަކާއެކީ އެތާ އޮތް އިނގިރޭސި ތަރުޖަމާއެއް ނެގިއެވެ. އެ ފެހި ކުލައިގެ ފޮތުގެ ބޭރު ގަނޑަށް ބަލަން ހުރިއިރު އަޒާންގެ ހިތުގެ ތެޅުން އެތައް ގުނައެއް އަވަސްވެފައިވިއެވެ. އޭނަ އެ ފޮތުން ނަޒަރު ވަކި ކޮށްލުމެއްނެތި ލަސް ހިނގުމެއްގައި ގޮސް މޭޒެއްގެ ދޮށުގައި އިށީނެވެ. އަދި ދެންވެސް އޭނަގެ ތުރުތުރު އަޅަމުން ދިޔަ އަތުން އެ ފޮތުގެ ބޭރުގަނޑު ހިއްލާލިއެވެ. އެވަގުތު އެ ފޮތުގެ ޞުރުޚީ ތަކުރާރުކޮށް ލިޔެފައިވި ފުރަތަމަ ޞަފްޙާ ފެނިގެން ދިޔައެވެ. އަޒާން ދެލޯ މަރައި ތަގުޅި ކޮށްލަމުން އެ ޞަފްޙާ ހިއްލާލާފައި ދެލޯ ހުޅުވާލިއެވެ. ހަމަ އެއާއެކު ޢަރަބިން ލިޔެވިފައިވި އާޔަތްތައް ފެނިގެން ދިޔުމުން އަޒާން ކުއްލިއަކަށް އެ ފޮތް ލައްޕާލީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ. އޭނަގެ އެ ޙަރަކާތުން އޭނަގެ ކުރިމަތީގައި އިށީނދެގެން ހުރި ކުއްޖަކާއި ކައިރީގައި ވަކިން ހުރި މޭޒުތަކުގައި ތިބި ކުދިންތައް ވެސް އޭނައަށް ބަލައިފިއެވެ. އޭނަ އެ އެންމެންގެ މޫނުތަކަށް ވަކިވަކިން ބަލާލަމުން އެ ފޮތް ނަގައިގެން ތެދުވިއެވެ. އެއަށްފަހު އަވަސް ހިނގުމެއްގައި ގޮސް އޭތި ކަބަޑަށް ލައި ހަމަ އެ ހިނގުމުގައި ލައިބްރަރީއިން ނިކުމެގެން ދިޔައެވެ.
އަޒާނަށް ލައިބްރަރީ ހުންނަ ޢިމާރާތުން ނިކުމެ މާ ދުރަށް ނުދެވެނީސް އޭނަ އެ ޢިމާރާތަށް ވަންނަން ދިޔަ އަންހެން ކުއްޖެއްގެ ގައިގައި ޖެހުނެވެ. އޭރު އޭނަ އެފަދަ ކަމަކަށް ސަމާލުވެގެން ނެތީތީ އޭނަގެ ފައި އަރިއަޅާ ގޮތްވިއެވެ. އޭނަ ވެއްޓެން ދިޔައިރު އޭނަގެ އަތުންޖެހި އެކުއްޖާވެސް ވެއްޓެން ދިޔައެވެ. ދެމީހުން އެކީގައި ގޮސް ވިނަގަނޑު މަތީގައި ޖެހުނު ތަނާހެން މަންޒަރު ބަލަން ތިބި ފިރިހެން ކުދިންނާއި އަންހެން ކުދިން އަޑުއަޑު ލައްވަމުން ބާރުބާރަށް ހޭންފެށިއެވެ. އެވަގުތު އަޒާން ދެލޯ ހުޅުވާލި ވަގުތު ކުރިމަތިން ހުދާގެ މޫނު ފެނިފައި އޭނައަށް ފުއްމައިގެން ތެދުވެވުނެވެ. ހުދާ އޭނަގެ އެއްކޮނޑުގައި އެއްއަތުން ހިފައިގެން ތެދުވީ އޭނައަށް ތަދުވެގެން އުޅޭ ފަދައަކުންނެވެ. އަޒާން ހުދާގެ ޙާލަތަށް ދެރަވީ ވަގުތު ހުދާ އޭނައާއި ދިމާލަށް ބުނެލާނެ އެއްޗަކާމެދު ވެސް ޖެހިލުންވިއެވެ. އެހެނަސް ކަންތައް ވެގެން ދިޔައީ އޭނަ ހީކުރި ގޮތަކަށް ނޫނެވެ. ހުދާ އޭނަގެ ބަދަލުގައި ރުޅިވެރި މޫނަކާއެކީ އެނބުރިލީ ހޭންތިބި ކުދިންނަށެވެ.
“އެއީ އަދި ހޭންވީ ވަރުގެ ކަމެއްނޫން!” ހުދާ ހަރުއަޑުން ބުނެލި ގޮތުން އަޒާނަށް ބަލަން ހުރެވުނެވެ.
“ހުދާ ވެސް މިހާރު ޑޭޓް ކުރަނީ މި ގޮލާއާތަ؟” އެތާ ހުރި ފިރިހެން ކުއްޖަކު އަހާލިއެވެ.
“ނޫން. އެކަމަކު އަހަރެން އަޒާނާއި ޑޭޓް ކުރިޔަސް ޙައިރާން ނުވާތި. ހީ އިޒް އަ ގުޑް ގާއި. ތި މީހުން ގޮތަކަށް ނޫން އޭނަ. އޭނަ ދަނޭ އޭނަގެ ހައްދުތައް. އޭނަ ދަނޭ ރީތި ބަހުން ވާހަކަ ދައްކަން. ހީޒް ސްމާޓާރ، ބްރައިޓާރ އެންޑް މޯރ އިންޓެލިޖެންޓް ދޭން އެނީ ވަން އޮފް ޔޫ. މިއަށް ހުނުމުގެ ކުރިން މީ ދޮގެއްކަން އަހަންނަށް ސާބިތުކޮށްދީ!” ހުދާ އެހެން ބުނެލުމާއެކު އެތާ ތިބި އެންމެން ހިމޭންވިއެވެ. ހުދާގެ ފަހަތުގައި ހުރި އަޒާން ހުރީ މިއީ ޙަޤީޤަތެއްކަން ވެސް ޤަބޫލުކުރަން ދަތިވެފައެވެ. އޭނަގެ ހުދާ ހަމަ ޙަޤީޤަތުގައި ވެސް އަނބުރާ އައީހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން އަޒާނަށް ހިނިތުންވެލެވުނެވެ. އެ ހިނދު ހުދާ އަނގަ ބަންދުވެ ކޮށްފައި ތިބި ކުދިން ދޫކޮށް ދާން ހިނގައިގަތެވެ. އަޒާން ވެސް އެ މީހުންނަށް ހިނިތުންވުމެއް ދައްކާލަމުން އޭނަގެ ކުލާހަށް ދާން ހިނގައިގަތީ ހުދާ ހުންނާނީ އެތާއޭ ހިތައި ހުދާއަށް ޝުކުރު އަދާ ކުރުމަށެވެ. އޭނަ އެކަން ކުރަން ނިންމީ ދާދި ދެންމެއަކު ހުދާ އޭނައާމެދު ދޮގެއް ހެދިކަން ވެސް ހަނދާން ނައްތާލަމުންނެވެ. ހަމަ މި ކުރު ވަގުތުކޮޅުގެ ތެރޭގައި އޭނަގެ ހިތް އުފާވެރިކަމުން ފުރިއްޖެއެވެ. ލައިބްރަރީގައި އޭނައަށް ކުރެވުނު ތަޖުރިބާ ހަނދާން ނައްތާލަންވެސް މާ ގިނައިރެއް ނުނެގިއެވެ.
އޭނަގެ އެ އުފާވެރިކަން މާ ގިނައިރަކު ދެމި ނޯންނާނެކަން ނޭނގި، އަޒާން ކުލާހަށް ދިޔައިރު ކުލާހުގައި އެއްވެސް ކުއްޖަކު ނެތެވެ. ހުދާ ނެތުމުން ހިސާބަކަށް މާޔޫސްވެ ހުރެ އަޒާން ކުލާހަށްވަދެ އޭނަގެ ގޮނޑީގައި އިށީނެވެ. އެވަގުތު އޭނަގެ މޭޒުމަތީގައި އޮތް އޭނަގެ ހިސާބު ބޮޑު ފޮތުގެ ދަށުގައި ލަންބާފައި އޮތް ގަނޑު ކޮޅެއް އޮތެވެ. އަޒާން ޙައިރާންވެ ހުރެ އެ ގަނޑު ކޮޅު ނަގައި ނިއުޅާލިއެވެ.
“ޒާން، އައިމް ސޮރީ ދެޓް އައި ލައިޑް އިން ދި އޮފިސް. ޔޫ އާރ އަ ނައިސް ފްރެންޑް. ބަޓް އައި ލަވް އައިމަން.” – ހުދާ”
އެ ނޯޓު ކިޔާލެވުނު ވަގުތު އަޒާން އެތެރެއަށް ދަމާލި ނޭވާ ކަރުގައި ތާށިވިއެވެ. މީހަކު އޭނަގެ މޫނުމައްޗަށް ވަރުގަދަ އެތި ފަހަރެއް ވިއްލައި އޭނަ ހޭލައްވާލި ކަހަލަ އިޙްޞާޞެއް އަޒާނަށް ކުރެވުނެވެ. އޭނަގެ ހިތުތެރޭގައި ދެންމެ އުފަންވި އުފާވެރިކަން އެ ހިތް ފޫއަޅުވާފައި އޮހިގެން ދިޔަހެން އޭނައަށް ހީވިއެވެ. އޭނަ ކުއްލިއަކަށް ގޮށްމުއްކަވައި މޭޒުމަތީގައި ޖަހާލަމުން ގޮނޑިއަށް ލެނގިލީ ހިތާމަވެރިކަން ވެރިވެފައިވި މޫނަކާއެކީގައެވެ. ދާދި ދެންމެއަކު ހުދާ ކަންތައް ކުރި ގޮތް އޭނަގެ ލޮލަށް ސިފަވާން ފެށިއެވެ. އެ މަންޒަރު ނިމުމުން އެ ގަނޑުކޮޅުގައި އޮތް އެއްޗެއް ހުދާގެ އަޑުން އޭނަގެ ކަންފަތުގައި ގުގުމާލިއެވެ. ހުދާ އޭނައަށްޓަކައި ކުރިން ވެސް އަދި މިހާރު ވެސް އެ ހުރިހާ ކަމެއް ކުރަމުން އައީ އެކުވެރިއެއްގެ ގޮތުގައި ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އަޒާނަށް ދިނީ ޚުދު އަޒާންގެ ހިތެވެ. އާނއެކެވެ. ހުދާ އެ ކަންތައް އޭނައަށް ކޮށްދިނީ ހުދާގެ ރަނގަޅުކަމުންނެވެ. ހުދާ އޭނައަށްވީ ޙަމްދަރުދީއެއްގެ ސަބަބުންނެވެ. ނުބައި މާނައެއް ނެގުނީ ހަމަ އޭނައަށެވެ. ލޯބިން އޭނައާއި މެދު ކަންތައް ކުރާ ކޮންމެ ކުއްޖަކީ ވަކި އޭނަ ދެކެ ލޯބިވާ ކުއްޖެއް ނޫނެވެ. އޭނައަށް އެކަން އެނގުންވީ މިއަދެވެ. ހުދާއާއެކީ މުޅި ޢުމުރު ވޭތުކުރަން އޭނަ ހާދަ ހުވަފެންތައް ދެކުނެވެ. ނަމަވެސް މިއަދު އެއީ ދުވަހެއްގެ ކޮޅުން ވެސް ވާނެ ކަމެއް ނޫންކަން ޔަޤީންވުމުން އަޒާންގެ ހިތް ދުވަހަކުވެސް ދެރަ ނުވާވަރަށް ދެރަވިއެވެ. ނަމަވެސް މި ހުރިހާ ދުވަހުވެސް އެ ހިތުގައި ރަސްކަން ކުރަމުން ދިޔަ ވެރިޔާ އެ ހިތަށް އެތައް ގެއްލުމެއްދީފައިވީތީ އެ ހިތަށް މާ ބޮޑު އަސަރެއް ނުކުރެއެވެ. ނޭނގޭ ސަބަބަކާހުރެ އެ ލޮލުން ކަރުނައިގެ އަސަރެއް ވެސް ފާޅެއް ނުވެއެވެ. އެއީ އޭނައަށް އަބަދުވެސް މިއީ ޙަޤީޤަތްކަން އެނގޭތީވެ ކަންނޭނގެއެވެ. މި ކަޅު ވިލާގަނޑު އޭނަގެ ބޯމަތީގައި ފެށުނީއްސުރެ ވެސްވިއެވެ. އެހެނަސް އެއީ ނެތް އެއްޗެއްކަމަށް ބަލައި އަޒާން ހުރީ ޠޫފާނެއް ނާންނާނެކަމަށް އުއްމީދު ކޮށްގެންނެވެ. މިއަދު އޭނަ އެއްވެސް ތައްޔާރީއެއްނުވެ ހުއްޓާ ބޯކޮށް ވާރޭ ވެހެން ފެށުމުން އޭނަ އެހެން މީހަކަށް ރުޅިވެ ޝަކުވާ ކުރާކަށް ބޭނުމެއްނުވިއެވެ. އޭނައަކީ އަބަދުވެސް އަމިއްލަ ކުށް އަމިއްލައަށް ފެންނަ މީހަކަށް ވާތީވެއެވެ.
އުދާސްވެފައިވާ ހިތަކާއެކީ އަޒާން އިރުކޮޅެއް ވަންދެން ހިމޭންކަމާއެކީ އިނެވެ. އެ ހިމޭންކަމުގެ ތެރޭގައި އޭނަ މި ޙާލަތް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދާނެ ގޮތަކާއިމެދު ވިސްނިއެވެ. އޭނަ ގޮސް ހުދާ ކައިރީގައި އޭނަ ލޯބިވާ ވާހަކަ ބުނަންވީ ހެއްޔެވެ؟ އޭރުން ވަކި ހުދާ އޭނަ ކައިރިއަށް އަންނާނެ ހެއްޔެވެ؟ ނޫނެކެވެ. އައިމަންގެ ބަދަލުގައި އޭނަ ޚިޔާރު ކުރާނީ ކޮން ކުއްޖެއް ހެއްޔެވެ؟ އަދި އަމުދުން ހުދާއަށް އޭނަ ރަނގަޅަށް އެނގިފައި ވަނިކޮށް ވެސް އޭނަ އައިމަން ޚިޔާރު ކޮށްފައިވާ ޙާލަތެއްގައެވެ. މި ވަގުތު އޭނަ ދެން އެންމެ ރަނގަޅުވާނީ އައިމަނާއި ވާހަކަ ދެއްކުމުންނެވެ. އައިމަނާއި ހުދާ ގުޅުވުމަކީ ނާދިރު ކަމެއްހެން ހީވިޔަސް އޭނަ ހުދާގެ ހުވަފެން ފުރިހަމަ ކޮށްދޭން ބޭނުންވިއެވެ. ހުދާގެ އަގުހުރި ވަގުތުތަކުން އޭނަ އުފާކޮށްދިނުމަށްޓަކައި ހުދާ ހޭދަ ކޮށްފައިވާ ވަގުތުތަކަށްޓަކައެވެ. ހުދާ އޭނައަށް ކުރި ތަޢުރީފުތަކުން އޭނައަށް ހިތްވަރެއް ލިބުނު ދުވަސްތަކަށްޓަކައެވެ. ހުދާ އޭނަގެ އެކުވެރިއެއްގެ ގޮތުގައި ދެމިހުރި ކަމަށްޓަކައެވެ. އެހެންކަމުން އަޒާން ފުން ނޭވައެއް ދޫކޮށްލަމުން އައިމަނާއި ވާހަކަ ދައްކަން ނިންމިއެވެ.
ގެއަށްދާ ގަޑިޖެހުމުން އަޒާން ސްކޫލްގެ ގޯތި ތެރެއަށް ނިކުމެ ފިރިހެން ކުދިން ތިބޭ ޞަރަޙައްދަށް ދިޔަ މަގުމަތީގައި އައިމަން ބާރު ހިނގުމެއްގައި ސްކޫލްގެ ގޭޓާއި ދިމާލަށް ހިނގާފައި ދިޔަތަން އޭނައަށް ފެނުނެވެ. އައިމަން ހުރީ އަދިވެސް ގަދަ ރުޅިއެއްގައި ކަން އެނގުންވީ ވަގުތު އަޒާނަށް އެމީހުންގެ ބައްޕަގެ ކާރުވެސް ސްކޫލްގެ ކުރިމަތިން ފެނުނެވެ. އެހެންކަމުން އޭނަގެ ސްކޫލްގެ ގޭޓާއި ދިމާލަށް ހިނގައިގަތެވެ. އައިމަން ކާރުގެ ކުރީ ސީޓަށްއެރި ވަގުތު އަޒާން ވެސް ކާރާއި ހަމަކޮށްލަމުން ކާރުގެ ފަހަތު ސީޓަށް އެރިއެވެ.
“ގޯ ޓު ހެލް މިލްނާ!” ކާރުގެ ކުރީ ސީޓުގައި އިން އައިމަން ފޯނު ހިފަހައްޓައިގެން ހުރެ ރުޅިވެރި އަޑަކުން ބުނެލި އަޑަށް އަޒާންގެ ދެބުމަ ކައިރިވިއެވެ.
ނުނިމޭ