Asr (Part 16)
“ގޯ ޓު ހެލް މިލްނާ!” ކާރުގެ ކުރީ ސީޓުގައި އިން އައިމަން ފޯނު ހިފަހައްޓައިގެން ހުރެ ރުޅިވެރި އަޑަކުން ބުނެލި އަޑަށް އަޒާންގެ ދެބުމަ ކައިރިވިއެވެ. އެވަގުތު ކާރުގެ ޑްރައިވާރސް ސީޓުގައި އިން އިނގިރޭސި އަދި ދިވެހިވެސް ރަނގަޅަށް ނޭނގޭ ޑްރައިވަރު ކާރު ދުއްވާލައިފިއެވެ. އަޒާން ސުވާލެއް ކުރަން އުޅުނުތަނާހެން އައިމަން އޭނައަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.
“އެ ފޮޓޯތައް ހެދި މީހަކީ އެ މިލްނާ ޒުހެއިރު! ފޮޓޯތައް ޢާއްމުކޮށްފަ އޭނަ މާލެއަށް ގޮސް ފިލައިފި. ދެންމެ މެސެޖެއްކޮށްފަ އޮތް ތިމަންނަ އިންސަލްޓް ކުރުމުގެ ނަތީޖާ މިހާރު އެނގޭނެ ކަމަށް އުއްމީދުކުރަމޭ. އަރްރްރްރްރްގް! އޭނަ ހީކުރަނީ މަށަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް. ޝީ ޑަޒްންޓް ނޯ ހޫ ޝީ ހޭޒް މެސްޑް ވިތް.” އައިމަން އެންމެ ފަހު ޖުމްލަ ބުނެލަމުން އަނެއްކާވެސް ސީދާވެލަމުން އޭނަގެ ފޯނާއި ކުޅެން ފެށިއެވެ. އަޒާނަށް އިނދެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މިލްނާއަކީ އައިމަން ނުލާހިކު ލޯބިވެއޭ ކިޔާފައި ގެންގުޅުނު ކުއްޖެކެވެ. އެތައް އަގުހުރި ހަދިޔާތަކެއް ގަނެފައި ދިން ކުއްޖެކެވެ. އެތައް ވަގުތެއް އެކުއްޖަކާއެކީ ހޭދަ ކުރި ކުއްޖެކެވެ. އެހެނަސް ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟ މިލްނާ ކުރި އެންމެ ކަމެއްގެ ސަބަބުން އައިމަން އެއީ އޭނަގެ އެންމެ ބޮޑު އެއްހަތުރު ކަމުގައި ދެކެން ފަށައިފިއެވެ. އޭނަ މިއަދު އައިމަންގެ މަޤާމުގައި ހުރިނަމަ އޭނަވެސް ހަދާނީ އެހެންތޯ އަޒާންގެ ހިތަށްއެރިއެވެ. ވިސްނުމެއްގެ ތެރޭގައި އިންދާ އަޒާނަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ އައިމަން ހެލޯއޭ ކިޔާލި އަޑަށެވެ. އޭނަ ބަލާލިއިރު އައިމަން އިނީ ފޯނު ކަންފަތުގައި ޖައްސައިގެންނެވެ.
“އާނ ރަޔާން. މި ގުޅާލީ ކަމަކު. މިލްނާ ޒުހެއިރު އެނގޭތަ؟ އެއްކަލަ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ޒުހެއިރުގެ ޔަންގެސްޓް ޑޯޓާރ؟ އޭނަ މިހާރު ހުރީ މާލޭގަ. އަހަންނާ ބެހޭ ގޮތުން މިހާރު ސްޕްރެޑްވެގެން އުޅޭ ރޫމާރއެއް ސްޕްރެޑް ކުރީ އޭނަ. އައި ވޯންޓް ރިވެންޖް! ރަޔާން ކޮންމެ ގޮތެއް ހަދާފަ ވެސް އޭނަ ހޯދައިގެން އަތުލާ. ކޮންމެވެސް ގޮތަކަށް އޭނައަށް އެއްވެސް މީހަކަށް މޫނުވެސް ނުދެއްކޭ ގޮތް ހަދައިދީ. އަހަރެން އިންސަލްޓްވީ ވަރަށްވުރެ ބޮޑަށް އޭނަ އިންސަލްޓްކޮށްދީ. މިކަމަށްޓަކައި އަހަރެން ރަޔާންއަށް ޕޭއިވެސް ކޮށްފާނަން.” އައިމަން މާލޭގައި އުޅޭ އޭނަގެ އެކުވެރިޔަކާ ދެއްކި ވާހަކައަކުން އަޒާންގެ ދެލޯ ބޮޑުވިއެވެ. އައިމަން އެހާ ފަސޭހައިން އެ ނިންމާލީ ހާދަ ބޮޑު ނިންމުމެކެވެ. އެހާ ނުލަފާ ކަމެއް ކުރަން ދުލުން އެ ބުނެލީ ހާދަ ފަސޭހައިންނެވެ. އެއީ ވެސް އޭނަ އެއްދުވަސްވަރެއްގައި “ލޯބިވީ” ކުއްޖަކަށެވެ. އަޒާން އިތުރަށް ހިތް ނުތަނަވަސްވެގެން ދިޔައީ އައިމަން ދެން ބުނެލި ވާހަކައިންނެވެ.
“ޗި! ނޯ ރަޔާން ޝީ އިޒް ނޮޓް މައި ގާލްފްރެންޑް! އެ ހުދުހުދަކާހެދި އަސްލު އެ ފޮޓޯތައް އެހެން ހެދެން ޖެހުނީވެސް. އޭނަގެ ފަރާތުން ވެސް ބަދަލު ހިފޭނެ ގޮތަކާމެދު އަހަރެން އެބަ ވިސްނަން. އޭނަ އެބައުޅޭ އައްޑޫގަ. ސޯ އައި ކޭން ޓޭކް ކެއަރ އޮފް ހާރ.” އައިމަން ހަމަ އެ ރުޅިވެރިކަމުގައި ހުރެ ބުނެލި ވާހަކައިން އަޒާންގެ ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. އައިމަން އުޅެނީ މޮޔަވެގެންހޭ އޭނަގެ ހިތަށްއެރިއެވެ. މީހަކު ނުބައެއް ހެދިއޭ ކިޔާފައި އޭނަ އެކަން އިތުރަށް ގޯސްކޮށް ބަދަލު ހިފުން ހަމަ ވާޖިބު ހެއްޔެވެ؟ މަޢާފު ކުރުމުގެ ކަންފުޅެއްވެސް އައިމަންގެ ހިތުގައި ނެތީހެއްޔެވެ؟ ހިތަށް ވެރިވެގެން ދިޔަ ޚިޔާލުތަކުން އަޒާނަށް ވާހަކަ ދެކެވުނެވެ.
“އައިމަން…….އައިމަނަށް ތިކުރެވޭ ކަންތައްތަކާމެދު އެއްފަހަރު ވިސްނާލަބަލަ.” އަޒާން މަޑުމައިތިރި އަޑަކުން ބުނެލިއެވެ.
“ދެން މީގަ ވިސްނަންވީ ކޮންކަމަކާ؟ ނުބައި މީހުންނަށް ޙައްޤުވާ އަދަބު ދެވެންވާނެ. އެހެންނޫނީ މުޅި ޢުމުރު އުޅެންޖެހޭނީ އެމީހުންގެ އަތްދަށުވެގެން.” އައިމަން އޭނަގެ ފޯނު ކަންފަތުން ވަކިކޮށް އަޒާނަށް ކުޑަކޮށް ބަލާލަމުން ބުނެލިއެވެ. އަޒާނަށް އައިމަންގެ އެ ވާހަކައާއި މެދު ވިސްނާލެވުނެވެ. އައިމަން އެބުނީ ތެދެއްހެއްޔެވެ؟ ޚުދު އޭނަ ވެސް ސްކޫލްގައި އުޅޭ ބިޔަ ފިރިހެން ކުދިންގެ “އަތްދަށުވެފައި” ވަނީ އޭނަ އައިމަން ގޮތަށް ބަދަލު ނުހިފާތީވެ ހެއްޔެވެ؟ އަޒާންގެ ހިތުގެ ކަނަކުން އާނއެކޭ ބުނެލި ވަގުތު ބަދަލު ހިފުމަކީ ރަނގަޅު ކަމެއް ނޫންކަން ވެސް ބުނެލީ ހަމަ އެ ހިތެވެ. ބަދަލު ހިފުމެއްނެތިވެސް ހިތްހަމަޖެހުމެއް ލިބިދާނެއޭ އެވަގުތު އޭނަގެ ހިތް ބުނީ ކީއްވެކަމެއް ނޭނގެއެވެ. އަޒާން ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިގެން ދިޔުމުގެ ސަބަބުން އެއަށްފަހު މުޅި ދަތުރު މަތީގައި އިތުރު ވާހަކައެއް ނުދެކެވެއެވެ.
**
“އޯ މައި ގޯޑް ޔޫ ޝުޑް ހޭވް ސީން ހިޒް ފޭސް އަހަރެން އެންމެން ކުރިމަތީގަ އޭނަ ޑިފެންޑް ކުރިއިރު! ހީވަނީ ދީވާނާވެފަ ހުރި މަޖުނޫނެއްހެން. ހީ ލުކްޑް ކައިންޑް އޮފް ކިއުޓް އެވަގުތު. އެކަމަކު އައިމަންހާ ކިއުޓްއެއްނޫން.” އެރޭގެ ވަގުތެއްގައި ހުދާ އޭނަގެ އެނދުގައި ހުރަހަށް އޮވެ ލިއުޝާއަށް އެދުވަހު ކަންތައް ވީ ގޮތް ކިޔައިދިނެވެ. ލިއުޝާ އޭނައަށް ތަޢުރީފުކޮށްފައި އެކޮޅުން ދެއްކި ވާހަކައެއް ހުދާ އަޑުއަހަން އޮތީ ހިނިތުންވުމަކާއެކީ ފަޚުރުވެރިވެފައެވެ. ފިރިހެން ކުއްޖަކު އޭނަދެކެ “ލޯބި”ވާކަން އެނގުންވުމަކީ އޭނައަށް ލިބޭ އުފަލެކެވެ. ލިއުޝާ ދެއްކި ވާހަކައެއް އަޑު އަހާފައި ހުދާ ދެންވެސް ވާހަކަ ދެއްކިއެވެ.
“އަހަރެން ވަކި އޭނައަށް ސިމްޕަތީއެއްނުވޭ. މިއަދު ސޮރީ ނޯޓުކޮޅު ފޮނުވީ އެންމެ ސަބަބަކަށްޓަކައި. އެއީ އަހަންނާ އައިމަން ގުޅުވަން އަޒާން މޮޓިވޭޓްކުރަން. މިއަދު އޮފީހުގަ އޭނަ އަހަންނަށްޓަކައި ދޮގު ހެދި ގޮތުން އެނގިއްޖެ އޭނަ އަހަރެން ބޭނުން ކޮންމެ ކަމެއް ކޮށްދޭނެކަން. އަހަރެން ބޭނުން ގޮތަކަށް އަހަންނަށް އޭނައާ ކުޅެލެވިދާނެ……..އަހަންނަށް ހީވަނީ މިހާރުއްސުރެ އެ ނޯޓުކޮޅުގެ އަސަރުތައް ފެންނަން ފަށައިފިހެން. މިއަދު އައިމަން އެފްބީއިން އަހަންނަށް މެސެޖެއް ފޮނުވި. އަހަންނާމެދު މިހުރިހާ ދުވަހު ކަންތައް ކުރެވުނު ގޮތާމެދު ސޮރީއޭ ބުނެފަ އޮތީ. ބުނީ ތިމަންނަ މި ހުރިހާ ދުވަހު އެހެން މީހަކަށްވާންވެގެންނޭ އުޅުނީ. ތިމަންނަގެ މޯމް ބުނެއޭ ފަޤީރު ކުދިންނާ ޑޭޓް ނުކުރާށޭ. މިއަދު އޮފީހުގަ ދެއްކިހާ ވާހަކައެއް ވެސް ދެއްކީ އެ ވާހަކަތައް ޕްރިންސިޕަލްގެ ފަރާތުން މަންމައަށް ފޯރާނެތީވެއޭ. ފަޤީރު ކުއްޖަކާ ބެހޭ ގޮތުން ރަނގަޅަށް ވާހަކަ ދައްކައިފިކަން އެނގިއްޖެނަމަ މަންމަ ރުޅިވެދާނެތީވެއޭ. އަދި…އަދި…..އެ ފޮޓޯތައް އެގޮތަށް ހެދީ މިލްނާޔޯ! ޔާ! އެކަމަށްޓަކައި ވެސް ތިމަންނަ މަޢާފަށް އެދެމޭ. ތިމަންނައާ ހެދި އަހަރެން ލަދުގަންނަން ޖެހުނު ކަމަށްޓަކައި. އޯ އެމް ޖީ ހީ އިޒް ސޯ އެޑޯރެބްލް!” ހުދާ އެންމެ ތަންކޮޅެއްވެސް ދޫކޮށްލުމެއް ކިޔައިދެމުން ގޮސް ފަހުގެ ފޯރި ގަދަ ވާހަކަތަކާ ހަމަވުމުން ތެދުވެ އެނދުގައި ދެފައި ވަށްކޮށްގެން އިށީނެވެ. މިފަހަރު އެކޮޅުން ލިއުޝާ ވާހަކަ ދައްކަން ފެށިތާ މާ ގިނައިރެއްނުވެ ބޭރުން އޭނަގެ މަންމަ ގޮވާލި އަޑު އިވުނެވެ. ހުދާ އޯއިއޭ ކިޔާލަމުން އެނދުން ތެދުވިއެވެ. އަދި ލިއުޝާ ގާތު ފަހުން ގުޅާނެ ކަމަށްބުނެ ކޮޓަރިން ނިކުންނަން ދިޔައެވެ.
އެއްހިތް އަނެއްހިތާއި ކުޅެމުންދާ ދުވަސްވަރެއްގައި ވިސާމް ވެސް އޭނަގެ ކައިރީގައިވި ހިތާއި ކުޅެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ކޮންމެ ދުވަހެއްގެ އިރު އަރައިގެން ދަނީ ކައިވެނީގެ ކުރިން އޭނަ އޭނަގެ އަމިއްލަ ނަފްސަށްވީ ވަޢުދު ފުއްދަން ޢަޒުމް ކަނޑައަޅާ ޙާލުގައެވެ. ޝަފަޤްގެ ވިސްނުން އޭނަ ބޭނުންގޮތަށް ބަދަލުކުރުމުގެ ޢަޒުމެވެ. ޝަފަޤްގެ ހިތުގައި އޭނަ ބޭނުންވާފަދަ ކަންކަމަށް ލޯބިޖެއްސުމުގެ ޢަޒުމެވެ. އެހެނަސް ޝަފަޤާއި އެކީ ހޭދަވާ ކޮންމެ ދުވަހެއްގެ އިރުއޮއްސިގެން ދަނީ އޭނަގެ ޢަޒުމަށް ލޮޅުމެއް ގެނުވަމުންނެވެ. ނޭނގޭ ސަބަބަކާހުރެ ޝަފަޤްގެ ފުރިހަމަ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އޭނަ އެ ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތެވެ. އެއްވެސް އެހެން ކަމަކާމެދު ވިސްނުމެއްނެތި ޝަފަޤާއި އެކީ ހޭދަކުރެވޭ ކޮންމެ ވަގުތުކޮޅެއްގެ ފޮނި މީރުކަން ހޯދަން ބޭނުންވެއެވެ. އެއީ ވަކި ކޮޓަރި ތެރޭގައި އެކަންޏެއް ނޫނެވެ. ކޮޓަރިން ބޭރުގައި ވެސް ޝަފަޤްގެ ވާހަކަތަކުން އޭނަ ކުރާ ސަމާސާތަކަށް ވިސާމަށް ހީލެވެނީ ހިތް ފުރެންދެނެވެ. އޭނަ އެންމެ ފަހަކަށް މިހާ އުފާވީ ދުވަސްކޮޅެއް ވިސާމްގެ ހަނދާނަކަށް ނާދެއެވެ. ކައިވެނީގެ ކުރިން އޭނަ ކުރަން ނިންމައިގެން ހުރި ކަންތައް ފަސްކުރެވެމުންދަނީ އެހެންވެ ކަންނޭނގެއެވެ. ކޮންމެއަކަސް އޭނަ އަދިވެސް ހުރީ ލަސްލަހުން ވިޔަސް ކޮންމެވެސް އެއްދުވަހަކުން އެކަންތައް ކުރަން ނިންމައިގެންނެވެ.
އެ ހަފްތާގެ ބުރާސްފަތި ދުވަހު ވިސާމް އާދައިގެ މަތިން ބްރޭކް ގަޑީގައި ގެއާއި ދިމާލަށް މިޞްރާބުޖެހިއެވެ. މިއީ ކައިވެނީގެ ފަހުން އޭނަގެ ކިބައިގައި އަށަގެންފައިވާ އާދައެކެވެ. މިހާރު އޭނަގެ ހިތުގައި ގެއަށްޓަކައި ވެސް ވަނީ އާދަޔާ ޚިލާފު ލޯތްބެކެވެ. ވާނީވެސް އެހެންތާއެވެ. ކުރިއާއި ޚިލާފަށް މިހާރު އެ ބަންދުވެފައިވާ ދޮރުގެ ފަހަތުގައި ވަނީ އެކަނިވެރިކަމުގެ ބަދަލުގައި ހިނިތުންވުންތަކާއި ހުނުމާއި އުފާވެރިކަމުން ފުރިގެންވި ދުނިޔެއެކެވެ. އެ ދުނިޔެ އުފެދިގެން ދިޔައީ އެންމެ މީހެއްގެ ސަބަބުންކަން އެނގުންވާ ކޮންމެ ފަހަރަކު ވިސާމް އަޖާއިބުވާހާވެއެވެ.
ގޭގެ ފެންޑާ ތެރެއަށް ކާރު ވައްދާލެވުމާއެކު ވިސާމް ކާރުން ފައިބައިގެން ގޮސް ގޭގެ ލައްޕާލެވިފައިވާ ދޮރު ކުރިމަތީގައި މަޑުކޮށްލިއެވެ. ފަޓުލޫނުގެ ޖީބުގައި އޮތް ތަޅުދަނޑި ނަގައި ދޮރު ހުޅުވާލަން އުޅެފައިވެސް ވިސާމް ޚިޔާލު ބަދަލުކޮށްލަމުން އެ ތަޅުދަނޑި އަނބުރާ ޖީބަށް ލިއެވެ. އަދި އޭނަ ކަރުގައި އޮތް ޓައި ދޫކޮށްލަމުން ދެއަތުން އޭނަގެ އިސްތަށިގަނޑު ރީތި ކޮށްލިއެވެ. އޭނަ ބެލް ޖަހާލަން އުޅުނު ވަގުތު ކޮށްލާނެ ސަމާސާއެއް ސިކުނޑިއަށް ވެރިވުމުން އޭނަގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ކުއްލިއަކަށް ދޮރުގައި ބާރަށް ތަޅަން ފެށިއެވެ. އެއަޑަށް ކާ ގޭގައި ކޮފީތަށްޓެއް ހަދަން ހުރި ޝަފަޤް އެދިމާލަށް ބަލާލީ ދެބުމަ ކައިރިކޮށްލަމުންނެވެ. އޭނަ މައިދޮރާއި ދިމާލަށް ދިޔުމުގެ ކުރިން ކޮޓަރިއަށް ގޮސް ބުރުގާއެއް އެޅީ ވިސާމް އެގޮތަށް ދޮރުގައި ތަޅާނެހެން އޭނައަށް ހީނުވީތީވެއެވެ. ޝަފަޤް ހިސާބަކަށް ހާސްވެފައިހުރެ ބުރުގާގައި ގޮށެއްޖަހާލަމުން ގޮސް މައިދޮރުގައި ހުރި ކުޑަ ބަލުން ބޭރުގައި ހުރީ ކާކުތޯ ބަލާލިއެވެ. ބޭރުގައި ހުރި ވިސާމް ފެނިފައި ޝަފަޤަށް ދެލޯ ހަނިކޮށްލެވުނު ހިނދު އޭނައަށް ހިނިތުންވެސް ވެލެވުނެވެ. ވިސާމް އެ އުޅެނީ ކުޅިއެއް ދައްކާލަންކަން އެނގުންވުމުން އޭނަ ވެސް އޭގައި ބައިވެރިވާން ބޭނުންވިއެވެ. ޝަފަޤް ދޮރާއި ދުރުވެލީ ވަގުތު ވިސާމް އަނެއްކާވެސް ތަޅާލިއެވެ.
“މި ދޮރު ހުޅުވާ! އެހެން ނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ!” ވިސާމް އަޑު ބަދަލުކޮށްލަމުން ގޮވާލިއެވެ.
“ސުބުޙާނަ ﷲ ކޮން ނަތީޖާއެއްބާ؟ އަހަރެން 2007 ވަނަ އަހަރު ހެދި އޯލެވެލްގެ ނަތީޖާތަ އަނެއްކާ؟” ޝަފަޤް އޭނަގެ ބުރުގާ ނަގައި ސިޓިންގް ރޫމުގައި ހުރި ސޯފާއެއްގައި ބާއްވާފައި އަނބުރާ ދޮރާއި ދިމާލަށް އަންނަމުން ހާސްވެފައިވާ އަޑަކާއެކީ ވާހަކަ ދެއްކިއެވެ. އޭނަ ދެއްކި ވާހަކައަކުން ބޭރުގައި ހުރި ވިސާމަށް ވައިއަޑުން ހީލެވުނެވެ. އެއީ އޭނަކަން އެނގި ވެސް ޝަފަޤް މި ޑްރާމާ އިތުރަށް ކުރިއަށް ގެންދަން ޚިޔާލުކުރިގޮތް ވިސާމަށް ކަމުދިޔައެވެ.
“މޮޔަގަނޑު! މި ދޮރު ނުހުޅުވުމުން ދެން ވާނެ ގޮތް މާ ރަނގަޅެއްނުވާނެއޭ. ދެންވެސް ހުޅުވަބަލަ!” ވިސާމް ދޮރުގައި ޖަހާލަމުން އަދިވެސް ވާހަކަ ދެއްކީ އޭނަގެ “ޕާރޓޭ” އަޑުންނެވެ. ޝަފަޤް ހާސްވާކަމަށް ހެދެމުން ކުރު ނޭވާތަކެއްލާން ފެށިއެވެ.
“ޔާ ﷲ…..ދެން ކިހިނެއްތަ ވާނީ. މަގޭ ފިރިމީހާ ވެސް ހުރީއެއްނޫން.” ޝަފަޤް އޭނަގެ އިސްތަށިގަނޑުގައި ގޮށެއް ޖަހާލަމުން ލާނެތް ހިނިތުންވުމަކާއެކީ ދޮރުގެ ތަޅު ހުޅުވާލިއެވެ. ދޮރުގެ އަނެއްފަރާތުގައި ހުރި ވިސާމް ތަޅަށް ބަލާލި ވަގުތު އޭނަގެ މޫނުމައްޗަށް ވެސް ވެރިވީ އެފަދަ ހިނިތުންވުމެކެވެ.
“ހާދަ އުފާވެރި ޚަބަރެކޭ. މަ ކިހާ ދުވަހެއް މި ދުވަހަށް އިންތިޒާރުކޮށްކޮށް ހުންނަތާ؟” ވިސާމް އެހެން ބުނެ ކުއްލިއަކަށް ދޮރު ހުޅުވާލުމުން ޝަފަޤަށް ދޮރާއި ދުރުވެލެވުނީވެސް ކިރިޔާއެވެ. އޭނައަށް ވިސްނާލާނެ ފުރުޞަތެއް ނުދީ ވިސާމް އޭނަގެ ދެކޮނޑުގައި ހިފާލަމުން ގޮސް ކައިރީގައި ހުރި ފާރަށް ތަތްކޮށްލުމަށްފަހު އެއްފައިން ދޮރުގައި ޖަހައި ދޮރު ލައްޕާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ޝަފަޤްގެ ތުންފަތަށް ބޮސްދޭން އުޅުމުން ޝަފަޤް އޭނައަށްވުރެ މާ ކުރިން އިސްނަގައި އެކަން ކުރިއެވެ. މިހާ ހިސާބަށް އައިއިރު ޝަފަޤްގެ އެފަދަ ޙަރަކާތްތައް ގުނާ ޢަދަދު ނުކުރެވޭ ވަރަށް ވިސާމަށް ފެނިފައި ވިއެއްކަމަކު އެއިން އޭނައަށް ލިބޭ ޙައިރާންކަމަށާއި ކުއްލި ޖޯޝަށް ބަދަލެއް ނާދެއެވެ. މިއަދު ވެސް ހިތުގެ ތެޅުން އަވަސްކުރުވި އެ ޖޯޝުގައި ކުޑަ ވަގުތު ކޮޅެއް ހޭދަކުރުމަށްފަހު އޭނަ ޝަފަޤާއި ދުރުވެލަމުން އޭނަގެ މޫނަށް ބަލާލިއެވެ. ޝަފަޤްގެ އެ މޫނުމަތިން އާދައިގެ މަތިން ލަދުވެތި ކަމެއްފެނިގެން ދިޔައެވެ. އެހެނަސް އޭނަ މާގިނައިރެއްނުވެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ.
“ހެޔޮނުވާނެ އަހަރެން ދޫކޮށްލާ! އަހަރެން މިއީ މީހެއްގެ ޙަލާލު އަނތްބެކޭ!” އާދޭސް ކުރާ ރާގަކަށް އެހެން ބުނަމުން ޝަފަޤް އޭނަގެ ކޮނޑު ހަލުވަން ފެށީ ވިސާމްގެ އަތް ނައްޓުވަން އުޅޭ ފަދައަކުންނެވެ. ވިސާމަށް މިފަހަރު ބާރަށް ހީލެވުނެވެ.
“މަ ބުނީތަ ތިއީ ޙަރާމް އަނތްބެކޭ؟” ވިސާމް ޝަފަޤްގެ ކޮނޑުން ދޫކޮށްލުމެއްނެތި އަހާލިއެވެ.
“ދެން! ޖޯއި ބޯއި އަހަރެން ސަލާމަތްކޮށްދީ!!” ޝަފަޤް ދެލޯ މަރާލަމުން ދެންވެސް ވިސާމްގެ އަތުން ސަލާމަތްވާން މަސައްކަތްކުރަމުން ގޮވާލިއެވެ.
“އެއްވެސް ޖޯއިއެއްވެސް، އެއްވެސް ބޯއިއެއްވެސް ނާންނާނެ ސަލާމަތް ކުރާކަށް!” ވިސާމް ސީރިއަސްވާ ކަމަށް ހެދެމުން ބުނެލިއެވެ.
“އެކަމް….” ޝަފަޤް ދެންވެސް އެއްޗެކޭ ބުނަން އުޅުނު ވަގުތު ވިސާމް ބުނި އެއްޗަކާމެދު ވިސްނާލުމުން އޭނައަށް ހެވެން އުޅުނެވެ. އޭނައަށް އަނގަ ލައްޕައިގެން ހުރެވުނީ ފަޅި ސިކުންތަކަށެވެ. އެއަށްފަހު އޭނަ ބަޑި ފަޅައިގެން ދިޔުމުން އޭނައަށް ބާރަށް ހެވެން ފެށިއެވެ. އޭނަ ހުނުމުގެ ތެރެއިން ޖޯއި ބޯއި އޭ ބުނެލީ އޭނަ ހޭ ސަބަބު އެންގުމަށެވެ. ވިސާމް ވެސް ހެވިފައި ހުރެ އެވަގުތުކޮޅުގައި އޭނަ ބުނި އެއްޗަކާމެދު ވިސްނާލިއެވެ. އޭނަ ބުނެލި ދިވެހި ބަސްތަކުން އިނގިރޭސި މާނަތައްވެސް ނެގޭކަން އެނގުނު ވަގުތު އޭނައަށް ވެސް ކުޑަކޮށް ހީލެވުނެވެ. އެހެނަސް އޭނަގެ ކުރިމަތީގައި ހުރި ޝަފަޤް ދެލޯ މަރައި ބަނޑުގައި އަތް އަޅައިގެން ހުރެ ހޭތަން ފެނިފައި ވިސާމަށް ވެސް އިތުރަށް ހެވެން ފެށިއެވެ. އޭނައަށް އެއަށްވުރެ ވެސް ބޮޑަށް ހެވުނީ ޝަފަޤް ހޭތަން ފެނިފައި ނޫން އެހެން ސަބަބަކާއި ލައިގެނެއްނޫނެވެ.
ދެމީހުންގެ ވެސް ހުނުން މަޑުވީ އެކުއެކީގައި ހެންނެވެ. ޝަފަޤް ދެންވެސް ހިނިތުންވުމެއްގައި ހުރެ އިސްއުފުލާލިއިރު ހެވިފައި ހުރި ވިސާމްގެ މޫނު ރަތްވެ އޭނަގެ ދެލޯ ފެންކަޅިވެފައިވި ގޮތުން އޭނައަށް ބަލަން ހުރެވުނެވެ. ހެމުން ގޮސް މީހުންގެ ލޮލުން ފެން އަންނަ ވާހަކަ ޝަފަޤް އަޑުއަހާފައި ވިޔަސް އެއީ ޙަޤީޤަތެއްކަމަށް މީގެ ކުރިން އޭނަ ޤަބޫލެއް ނުކުރެއެވެ. އެހެނަސް ހަމަ ލޮލުން އެކަން ފެނިފައި މިއަދު ޝަފަޤްގެ ހިތަށް އަސަރު ކޮށްފިއެވެ. އޭނައަށް ވިސާމް ހަމަ އެހާވެސް އުފާކޮށްދެވިއްޖެބާއޭ ހިތަށްއެރި ވަގުތު ޝަފަޤްގެ ލޮލަށް ވެސް އުފާވެރިކަމުގެ ކަރުނަތައް ޖަމާވާން އުޅުނެވެ. ނަމަވެސް އޭނަ އެ މަޖާ ވަގުތުކޮޅުގައި ރޯކަށް ބޭނުމެއް ނުވިއެވެ.
“ޑްރާމާ ކުއީން!” ވިސާމް އޭނަގެ ލޯމަތިން އެއްއިނގިލި ހިންގާލި ވަގުތު ޝަފަޤް ބުނެލިއެވެ.
“ޖޯކާރ ކްލައުން!” ވިސާމް ވެސް އެއްޗެކޭ ބުނެލުމަށްޓަކައި ހިތަށްއައި ދެބަސް ބުނެލިއެވެ. ޝަފަޤް އޭނައާއި ދިމާލަށް ދޫނެރެލުމަށްފަހު މަޑުމަޑުން އޭނަގެ މޭގައި އަތް އަޅައި ކޮއްޕާލިއެވެ.
“ދެންވެސް ހިނގާ ސައިބޯން. މިތާ ތިއްބާ ބްރޭކް ގަޑި ނިމިދާނެ.” ޝަފަޤް ކާގެއާއި ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ.
“އިޓްސް އޯކޭ ބޭބީ….ކަލާއަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއްވެސް ވާން އަޅާ މިހިރީ ތައްޔާރަށް.” ވިސާމް ވެސް ޝަފަޤްގެ ފަހަތުން ދަމުން މޭމަތީގައި އެއްއަތް އަޅައި އަސަރާއެކީ ބުންޏެވެ.
“ވަހް! ވަހް!” ޝަފަޤް ކާގެއަށް ވަންނަމުން އޭނަގެ ޅެންވެރިކަމަށް ހިންދީ ބަހުން ތަޢުރީފު ކުރިގޮތުން ވިސާމަށް ހެވުނެވެ.
ކާގެއަށް ވަންއިރު ވެސް ޝަފަޤް ވިސާމަށްޓަކައި ސައި ތައްޔާރު ކޮށްފައިވުމުން ވިސާމް ވަގުތުން ކާ މޭޒުދޮށުގައި އިށީނދެ ސައި ބޯންފެށިއެވެ. ޝަފަޤް ދިޔައީ އޭނަގެ ނުހެދި ހުރި ކޮފީ ތަށި ހަދާށެވެ. ހަމަ އެއާއެކު އެކަމަށްޓަކައި ވިސާމަށް ކުދި ކިޔާލިއެވެ. ވިސާމަށް އެއަށްވެސް ހީލުން ނޫންކަމެއް ނުކުރެވުނެވެ. އެއަށްފަހު އެދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. ކައުންޓަރު މަތީގައި ކަރަންޓާއި ގުޅާފަ ހުރި ރޭޑިޔޯއިން އިވެމުން ދިޔަ ވާހަކަ ދައްކާ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނުއިވެއެވެ. ޝަފަޤް އޭނަގެ ކޮފީތަށި ގިރަމުން ކާ މޭޒުކައިރިއަށް ދާން އުޅުނު ވަގުތު ރޭޑިޔޯއިން ލުއި މިއުޒިކެއްގެ އަޑު އިވެން ފެށިއެވެ. މާ ގިނައިރެއް ނުވެ ޝަފަޤްގެ ނަން ދެވިފައިވި ލަވަ ވިސާމް ކިޔާ އަޑު އިވެން ފެށުމުން ޝަފަޤް ކަރު ބުޑުން އަޑެއް ލައްވާލަމުން ރޭޑިޔޯ ނިވާލިއެވެ. އޭނައަށް ވީގޮތް ފެނިފައި ވިސާމް ހިނިގަނޑެއް ޖަހާލިއެވެ. އެއަށްފަހު އެ ލަވަ މެދުކެނޑުނު ހިސާބުން ކިޔަން ފެށިއެވެ.
“ޗި ޗި ޗި ޗި……ކިޔާ ބޯ ގޯސް ލަވަތައްދޯ؟” ޝަފަޤް މޫނުކުނިކޮށްގެން ހުރެ އޭނަގެ ކޮފީތަށި ހިފައިގެން ގޮސް ވިސާމްގެ ކައިރީގައި އިން ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.
“ކަމޯން ޝަފަޤް. އަހަރުމެން ދެމީހުންނަށް ވެސް އެބަ އިނގޭ ޝަފަޤްއަށް އެ ލަވަ ރީތިކަން. ދޮގު ހަދާކަށްނުވާނެއޭ ކަނބުލޮ.” ވިސާމް އެހެން ބުނެ އޭނަގެ އޫ ދޫކޮށްލަމުން ޝަފަޤްގެ ބޮލުގައި ފިރުމަން ފެށިއެވެ. މިއީ ޝަފަޤްގެ ވިސްނުން ބަދަލުކުރަން ރަނގަޅު ވަގުތެއްކަމަށް އޭނަ ދެކުނެވެ. ޝަފަޤް ކުޑަކޮށް ގުދުވެ އަނެއްފަރާތަށް ޖެހިލަމުން ވިސާމްގެ އަތާއި އޭނަގެ ބޮލާއި ދުރުކުރުވިއެވެ. ވިސާމް ހެމުންހެމުން އަނެއްކާވެސް ކެއުމާއިގެން ކުރިއަށް ދިޔައެވެ.
“ވިސާމް އަހަންނަށް އެ ލަވަ ކިޔައިދިނިއްޔާ ވަރަށް ރީތި. އެކަމަކު އެ ލަވަތައް ގިނަ މީހުން ބޭނުން ކުރަނީ ނުބައި ނިޔަތަކަށްޓަކައި. ވިސާމް އެ ލަވަތައް ލިޔެފަ ހުންނަ ގޮތުން ގިނަ މީހުންނަށް ނެގެނީ ނުބައި މާނަތައް. މީހުންނަށް ހީވާ ކަހަލަ އެތައް މީހުންގެ ކައިރިއަށް ގޮސް ހިތް ހަލާކުވާފަހުންނޭ އަސްލު ލޯބިވާ މީހާ ފެންނާނީ. މީހުންނަށް ހީވާ ކަހަލަ އެ ލޯބިވާ މީހަކު ފެނުނީމަ މުޅި ދިރިއުޅުމުގަ ދެން އެއްވެސް މައްސަލައެއް ނޯންނާނެއޭ. މުޞީބާތެއް ކުރިމަތިވުމުން އެމީހަކަށް ވަކީލު ކުރެވޭނެއޭ. އެކަމަކު އެއީ ޙަޤީޤަތެއްނޫނެއްނޫންތަ ވިސާމް؟ މުޞީބާތެއް ކުރިމަތިވީމަ މީހަކަށް ވަކީލުކޮށްގެން އަހަރުމެންނަށް ހިތްހަމަ ޖެހުމެއް ނުލިބޭނެ. އެއީ މުޞީބާތް ފިއްލެވުމަކީ އެމީހާގެ އަތްމަތީގައިވާ ކަމަކަށް ނުވާތީ. އިމްތިޙާންތައް ކުރިމަތިވާނެ ލޯބިވާ މީހަކު ޙަޔާތުގައި ހުއްޓަސް. ހަމަ ހިތަށް ތަދުވާ ދުވަސްތައް އަންނާނެ ލޯބިވާ މީހަކު ކައިރީގައި ހުއްޓަސް. ﷲ ހަނދުމަކޮށްގެން ނޫނީ އެ ތަދު ނުފިލާނެ ދުވަސްތައް އަންނާނެ. އަހަރުމެންގެ ހިތްތައް ހެއްދެވީ ވެސް އެކަލާނގެ. ވީއިރު ކިހިނެއް ﷲ ފިޔަވައި އެހެން ފަރާތަކަށް އެ ހިތްތަކަށް ޝިފާ ގެނެސްދެވޭނީ؟” ޝަފަޤް ސީރިއަސްކަމާއެކީ ވާހަކަ ދައްކަމުން ގޮސް ވިސާމަށް ބަލާލަމުން ސުވާލެއް ކޮށްލިއެވެ. އެވަގުތު ކެއުން ހުއްޓާލާފައި އިން ވިސާމްގެ މޫނުމަތިން ފެނުނީ ނުރުހުންތެރިކަން ކަމެއް ނޫނީ ޙައިރާންކަން ކަމެއް ޝަފަޤަށް ޔަޤީނެއް ނުކުރެވުނެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަ ދެއްކި ވާހަކަތަކާއިމެދު ވިސާމަށް ވިސްނެން ފެށި ކަމެވެ. ޝަފަޤް ދެއްކި ކޮންމެ ވާހަކައަކާ އޭނައަށް އެއްބަސްވެވުނު ގޮތުން އޭނައަށް އިނދެވުނީ އަންތަރީސްވެފައެވެ. އެހެނަސް އޭނައަށް ޝަފަޤްގެ ވާހަކަތަކުން ކަމެއް ފާހަގަވުމުން ވާހަކަ ދެކެވުނެވެ.
“ދެން ހާދަ ބޯރިންގް ލައިފެކޭ ދޯ؟ އެއްވެސް މަޖަލެއް ނުކޮށް މީހެއްދެކެ ލޯބިވެސް ނުވެ ހަމަ ދުޢާކޮށްކޮށް ޤުރުއާން ކިޔަވަ ކިޔަވާ ތިބެންވީ.” ވިސާމް ޝަކުވާގެ ރާގަކަށް ބުނެލިއެވެ.
“ހެހެ……އަހަރެން ވެސް މި މަސައްކަތް ކުރަނީ ﷲ އެންގެވި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރަން. އެ ދިރިއުޅުމުގަ މަޖާކުރުމެއް ނެތިއްޔާ މިއަދު ވިސާމް ގެއަށް އައީއްސުރެ އަހަރެން ހުރީހީ ދުޢާކުރަން ވަގުތު ނުލިބިގެން ރުޅިމޫނު ހަދައިގެނެއްނު؟” ޝަފަޤް ހިނިތުންވުމަކާއެކާއެކީ ބުނެލިއެވެ. އޭނަގެ އެ ވާހަކައިން ވިސާމްގެ މޫނުމައްޗަށް އަނެއްކާވެސް ޙައިރާންކަން ވެރިވިއެވެ. ދާދި ދެންމެއަކު ކަންތައް ވީގޮތް ހަނދާންވެފައި ބޭރުފުށުން ޙަރަކާތެއް ނުކުރެވުނެއްކަމަކު އޭނައަށް ހިތާހިތުން ބޯހޫރުވާލެވުނެވެ. އަދި އޭނަ ކުރިން އުޅުނު ދިރިއުޅުމަށްވުރެ ޚުދު އޭނައަށް ވެސް ރަނގަޅީ މި ދިރިއުޅުންކަން އެނގުންވީ ހިނދު ވިސާމްގެ މެއަށް ގޮތެއްވިއެވެ. ދީނާއި މެދު ދެވަނަ ފަހަރަށް ރަނގަޅަށް ވިސްނެން ފެށި ވަގުތު ދެންވެސް އޭނަގެ ހިތް ވަސްވާސްތަކުން ފުރިގެން ދިޔައެވެ. ޝަފަޤް އެގޮތަށް ކަންތައް ކުރަނީ ޝަފަޤަކީ ތަފާތު ކުއްޖަކަށްވީމައޭ އޭނަގެ ހިތަށްއެރިއެވެ. އެހެންނޫނަސް ޝަފަޤް އަދި ލޯތްބާއި ބެހޭ ގޮތުން ވާހަކައެއް ނުބުނެއޭ ހިތަށް އެރި ވަގުތު ޝަފަޤް ވާހަކަ ދެއްކިއެވެ.
“ދެން……ލޯބި…..ތި ދައްކަނީ އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި އޮންނަ ލޯތްބާއި ބެހޭ ވާހަކަ ވިއްޔާ ކައިވެނިން ބޭރުގައި އެފަދަ ލޯތްބެއް ނުއުފެދޭނެ. އެފަދަ ލޯތްބެއް ކައިވެނިން ބޭރުގައި ވެއްޖެހެން ހީވަންޏާ އެއީ ކުށްހީއެއް. އެއީ ޝައިޠާނާ ދައްކާލާ ދަޅައެއް. ގިނަ ފަހަރު އެ ލޯބީގެ ސަބަބުން އެތައް ހިތާމަތަކެއް ލިބި އެ ލޯބި ނިމިގެންދަނީ އެހެންވެ. އަންހެނަކާއި ފިރިހެނެއްގެ ދެމެދުގަ ޙަޤީޤީ ލޯތްބެއް އޮންނާނީ ކައިވެންޏަށްފަހު. އެއީ ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ރުހިވޮޑިގެންވާ ގޮތަށް ގުޅޭ ދެމީހުންގެ ދެމެދުގައި ލޯބި ލައްވާތީ. އެކަމަކު ﷲ އެ ލޯބި ލައްވަނީ ކައިވެންޏަށްފަހު ކުޑަ ދުވަސްކޮޅަކަށްޓަކައި. އެއީ އަހަރުމެންނަށް އިމްތިޙާނަކަށްޓަކައި. އަހަރުމެންގެ ތެރެއިން އެ ބަރަކާތްތެރި ގުޅުން ދަމަހައްޓަން މަސައްކަތް ކުރަނީ ކާކުތޯ ބެއްލެވުމަށްޓަކައި.” ޝަފަޤް ލުއި ހިނިތުންވުމެއްގައި އިނދެ ކިޔައިދިނެވެ. ވިސާމް މިފަހަރު ޝަފަޤަށް ބަލަން ހުރެފައި ކުއްލިއަކަށް ހީލިއެވެ.
“ކިހިނެއްވީ؟” ޝަފަޤް ހެވިފައިހުރެ އަހާލިއެވެ.
“ސީރިއަސްލީ ޝަފަޤް! ޝަފަޤް ހީވަނީ ލެކްޗާރއެއްގެ ތެރެއިން ނިކުމެފަ ހުރި މީހެއްހެން.” ވިސާމް ވެސް ހުރިހާ ދަތްތައް ދައްކައިގެން ހުރެ ބުނެލިއެވެ.
“އެކަމާމެދު ޝައްކެއް އެބޮތްތަ؟ އަޅެ ވިސާމް ބުނެބަލަ. އަހަރެން މި ދައްކަނީ ޙަޤީޤީ ވާހަކަތަކެއް ނޫންތަ؟ މިއީ އަހަރުމެންގެ ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު. ވިސާމް އަހަރެން ދެކެ ލޯތްބެއް ނުވޭތަ؟” ޝަފަޤް އޭނަގެ އެއްއަތް ވިސާމްގެ އަތްމަތީގައި ބާއްވަމުން އެންމެ ފަހު ސުވާލުކޮށްލީ ނުތަނަވަސްވެގެން ދިޔަ ހިތަކާއެކީގައެވެ. ނަމަވެސް އޭނަ އެ ނުތަނަވަސްކަން ބޭރުފުށުން ފާޅުވިޔަ ނުދީ ފުރިހަމަ ހިނިތުންވުމެއްގައި އިނެވެ. ވިސާމްގެ ޖަވާބު އާނއަކަށްވުމަށް އެދި އޭނައަށް ހިތާހިތުން ދުޢާކުރެވުނެވެ. އަދި ވިސާމްގެ ހިތުގައި އެވާ ލޯތްބަކީ އޭނައަށް ހިދާޔަތް ދައްކުވައިދޭ ނިޝާނެއް ކަމުގައި ލެއްވުމަށް އެދި ދުޢާކުރެވުނެވެ. ވިސާމް އޭނަގެ އަތް މަތީގައި އޮތް ޝަފަޤްގެ އަތަށް ބަލާލުމަށްފަހު ޝަފަޤްގެ މޫނަށް ބަލާލިއެވެ.
“ނޮޕް!” ވިސާމް ހިތުން އޭނަ އެހެން ބުނެލީ ޝަފަޤް އޭތި ސަމާސާއެއްގެ ގޮތުގައި ނަގާނެކަމުގެ އުއްމީދުގައެވެ. އެހެނަސް އޭނަ ޖަވާބު ދިނުމާއެކު ޝަފަޤްގެ ހިނިތުންވުން ފަނޑުވެގެން ދިޔަ ގޮތުން އޭނަގެ ހިތް ދެރަވިއެވެ. އެއާއެކު އޭނައަށް މި ބުނެލެވުނީ ކިހާ ބޮޑު ވާހަކައެއްކަން އޭނައަށް ކުއްލިއަކަށް އެނގުންވިއެވެ. މުޅި ޢުމުރު އެމީހަކާއެކީ ހޭދަކުރަން ނިންމައިގެން ހުރި މީހަކު ތިމަންނަ ލޯބި ނުވެއޭ ބުނެފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ޝަފަޤް އޭނަގެ އަތްމަތިން އަތް ނަގަން ފެށިކަން އެނގުންވި ވަގުތު ވިސާމަށް ސިހުންވެފައި އެ ދިމާލަށް ބަލާލެވުނެވެ. ޝަފަޤް އޭނަގެ އަތް ނަގާލި ހިނދު އޭނަގެ ހިތް ގެނބިގެން ދިޔަ ގޮތުން ވިސާމް އެ އަތުގައި ހިފާލަން ބޭނުންވިއެވެ. އޭނަ ދެންމެ ބުނީ ދޮގެއްކަމަށް ބުނެ ޝަފަޤް އުފާކޮށްލަދޭން ބޭނުންވިއެވެ. ނަމަވެސް އެއީ ދޮގެކޭ ބުނެފިނަމަ އޭގެ މާނައަކީ ކޮބައިހެއްޔެވެ؟ އެ ސުވާލަށް އޭނަގެ ތެޅެމުން ދިޔަ ހިތް ދިން ޖަވާބުން ވިސާމް ބިރުގަންނަ ގޮތްވިއެވެ. އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލެން އުޅުނު ވަގުތު ޝަފަޤް ތިމަންނަ އެބަ އަންނަމޭ ބުނެ ގޮނޑިން ތެދުވެ ކާގެއިން ނިކުންނަން ދިޔައެވެ. ޝަފަޤް ވިސާމަށް ފަސްދިން ވަގުތު އޭނަ އޭނަގެ ކޯތާފަތްމަތިން އެއްއަތް ހިންގާލިތަން ފެނިފައި ވިސާމްގެ ހިތަށް ތަދުވިއެވެ. ކީއްވެ ހެއްޔެވެ؟ ޝަފަޤަކީ އޭނައާއި އިހަކަށް ދުވަހު ބައްދަލުވި ކުއްޖެކެވެ. ވީއިރު ޝަފަޤަށްޓަކައި ކުއްލިއަކަށް އޭނަގެ ހިތުގައި އިޙްޞާޞްތަކެއް މިވަނީ ކީއްވެ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބާއިމެދު ވިސްނަން ވިސާމަށް އިރުކޮޅެއް ވަންދެން އިނދެވުނެވެ. އެއަށްފަހު އޭނަ ގޮނޑިން ތެދުވެލީ އިތުރަށް ކެއުމެއް ނެތިއެވެ. އޭނަ ކާގެއިން ނިކުމެ އޭނައާއި ޝަފަޤްގެ ކޮޓަރިއާއި ދިމާލަށް މިޞްރާބުޖެހިއެވެ. ލައްޕާލެވިފައިވާ ދޮރު ކައިރިއަށް މަޑުކޮށްލިތަނާހެން ޝަފަޤްގެ ގިސްލުމުގެ އަޑު އިވުނެވެ. އެ ގިސްލުމުގެ އަޑު އަހަން އޭނައަށް އުނދަގޫވީ ކީއްވެކަމެއް ނޭނގެއެވެ. އޭނަ މަޑުމަޑުން އެ ދޮރުގައި އަތްޖައްސާލިއެވެ. އެއަށްފަހު ތުން ފިއްތާލަމުން އަނެއްއަތުން ދޮރުގެ ތަޅު އަނބުރައި އެ ދޮރު ހުޅުވިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނަ ހުއްޓުން އެރިއެވެ.
ނުނިމޭ