ނަފްސީ (އަށްޑިހަ ހަތްވަނަ ބައި)
“އެންމެ ރަނގަޅު. އެހެންކަމަށްވަންޏާ ކުންފުނީގެ މާލިއްޔަތު ބާއްވާފަ ދާނިޝް އަމިއްލައަށް އެ މުވައްޒަފުންނަށް ބޭނުންވާ އިތުރު މާލީ އެހީތެރިކަން ފޯރުކޮށްދީ…” މިސްޓަރ ޝިންގް ބުންޏެވެ.
އެއާއިއެކު ދާނިޝްއަށް އިސްއުފުލާލެވުނެވެ. މިއީ އޭނައަށް ކުރިން ވިސްނިފައި ނުވާ ގޮތެކެވެ. އެހެނަސް އެހިނދު ޖެހިލުންވާ ގޮތްވިއެވެ. އެހާ ގިނަ މުވައްޒަފުންނަށް އޭނަ އަމިއްލައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނަމަ އޭނަގެ ދިރިއުޅުމުގެ ޙާލަތު ވެސް ބަދަލުވުން އެކަށީގެންވެއެވެ. ހަމައެއާއިއެކު ހިލްޔާގެ ވެސް ދިރިއުޅުމުގެ ޙާލަތު ބަދަލުވާނެއެވެ. އޭނަ އެގޮތް ބޭނުންވޭ ހެއްޔެވެ؟ ހިލްޔާ މިކަމާއިމެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟
“ހެލޯ؟” ދާނިޝް އެއްޗެކޭ ނުބުނެ ގިނައިރު ވާން ފެށުމުން މިސްޓަރ ޝިންގް ގެ އަޑު އިވުނެވެ.
“އާ…ދެ މިސްޓަރ ޝިންގް. އެބަ ވިސްނަން ތިކަމާ.” ދާނިޝް ޓީވީއަށް ނަޒަރު ހުއްޓާލަމުން ބުންޏެވެ.
“ދެޓްސް މައި ބޯއި. ދެން ބޭއްވީ. ޑޮކްޓަރުން އައިއްސި.” މިސްޓަރ ޝިންގް ބުންޏެވެ. އެ ވާހަކައަށް ދާނިޝް އާނއެކޭ ބުނެ މިސްޓަރ ޝިންގްއަށް އަވަސް ޝިފާއަކަށް އެދުނެވެ. އެހިނދު ކޯލު ނިމުމަކަށް އައެވެ. އެހެނަސް އޭގެ ފަހުން ވެސް އިރުކޮޅެއް ވަންދެން ދާނިޝްއަށް ވިސްނުމެއްގައި އިނދެވުނެވެ. މޫނުމަތިން ފާޅުވަމުން ދިޔައީ ނިންމަންވީ ނިންމުމަކާއިމެދު ޔަޤީން ނުވާ ފަދަ އަސަރެކެވެ.
އެކަން ޙައްލު ކުރުމަށްޓަކައި ދާނިޝް ޖިއެންގެ އެހީ ހޯދިއެވެ. ބައްދަލުވުމުގައި ވާހަކަ ދެކެވުނު ފަދައިން މުވައްޒަފުން ކަނޑާލާނަމަ، އެ މުވައްޒަފުންނަށް އިތުރު މުސާރައެއް ދިނުމަށް ބޭނުންވާނީ ކިހާ މިންވަރެއްތޯ ހިސާބު ހަދާލަން އެދުނެވެ. ނުވާނެ ކަމެއް ކަން އެނގުނަސް އެ ޢަދަދު ކުންފުނީގެ މާލިއްޔަތުން ހޭދަ ކުރެވިދާނެ ގޮތެއްވުމަށް ދާނިޝްއަށް އުއްމީދު ކުރެވުނެވެ. އެހެނަސް ޖިއެން ހިސާބުތައް ހެދުމަށްފަހު އޭނައަށް ފޮނުވާލި ޢަދަދު ފެނިފައި ދާނިޝްގެ ހިތް ގެނބުނެވެ. އެއީ މި ޙާލަތުގައި ކުންފުނީގެ މާލިއްޔަތުން ނެގޭނެ ފަދަ ޢަދަދެއް ނޫނެވެ. އަދި އޭނަގެ އަމިއްލަ މިލްކިއްޔާތުން ނަގައިފިނަމަ ހަމަ ޔަޤީނުން ވެސް އޭނައާއި ހިލްޔާ އުޅޭ ގެ ވެސް ބަދަލު ކުރަން ޖެހޭނެ ޙާލަތަކަށް ގޮސްދާނެ ޢަދަދެކެވެ.
އެދުވަހު ހަވީރު ގެއަށް ދާންވީއިރު ވެސް ދާނިޝްއަށް ވަކި ގޮތެއް ނުނިންމެއެވެ. އެއް ސިކުންތުގައި އޭނަގެ އަމިއްލަ ފައިސާއިން މުވައްޒަފުންނަށް އެހީތެރިވާން ނިންމޭއިރު އޭގެ ދެވަނަ ސިކުންތުގައި ހިލްޔާ މަތިން ހަނދާންވެފައި ޖެހިލުންވެއެވެ. ހިލްޔާ ރޭ ވެސް ބަނޑަށް ތަދުވެގެން އުޅުނު ހަނދާން އާވިއެވެ. ހިލްޔާ ބަލިވެ އުޅޭއިރު އޭނަ ހިލްޔާގެ ދިރިއުޅުމުގެ ޙާލަތު ބަދަލު ކުރާނީ ކިހިނެއް ހެއްޔެވެ؟
ހިލްޔާއާއި މި ވާހަކަތައް ޙިއްސާ ކުރަން ޚިޔާލު ކުރުމުން ވެސް ދާނިޝް ޖެހިލުންވާ ގޮތްވެއެވެ. ހިލްޔާ އެދޭނީ ކޮން ގޮތަކަށް ކަން ދާނިޝްއަށް ޔަޤީނާއި ގާތްވާތީވެއެވެ. އެއީ އޭނަ ބޭނުންވާ ގޮތް ނޫންހެން ހީވަމުން ދިޔައީތީވެއެވެ.
ދާނިޝް މި ޚިޔާލުތަކުގައި ހުރެ ގޮސް ކާރާއި ގާތްވި ވަގުތު އެއްފަރާތުން މީހެއްގެ އަޑު އިވުނެވެ.
“މަނިކުފާނު! މަނިކުފާނު…”
ދާނިޝް އެ ދިމާލަށް ބަލާލިއިރު އޭނައާއި ދިމާލަށް އަންނަމުން ދިޔައީ އެތާ ސެކިއުރިޓީއަކަށް އުޅޭ ޗައިނާގެ މެދު ޢުމުރުގެ ބޭބެއެކެވެ. އެއީ މިފަހުން އެ ވަޒީފާ ދެވުނު ބޭބެއެއްކަން ދާނިޝްއަށް އެނގުނީ، އެ ބޭބެ ފެންނަން ފެށީ މިފަހުން ކަމަށްވާތީވެއެވެ. އަބަދުވެސް ހިނިތުންވުމަކާއެކީ އޭނައާއި ވާހަކަ ދައްކާ ބޭބެ އޭނަ ގާތަށް އައިސް އަތުގައި އޮތް މުށިކުލައިގެ ކަރުދާސް ކޮތަޅެއް ދިއްކޮށްލިއެވެ.
“އަޅުގަނޑުގެ ފަރާތުން މަނިކުފާނަށް ހަދިޔާއެއް. މަނިކުފާނަށް ޗޯ މެއިން މީރު ވާހަކަ އިވުނީމަ ގެނެސްދިނީ. މިއަދު ގޭގަ ހަދާފަ ހުރީމަ.” ދާނިޝް އެ ކޮތަޅު ހޯދި ވަގުތު އެ ބޭބެ ނުފިލާ ހިނިތުންވުމަކާއެކީ ކިޔައިދިނެވެ.
“އަޅޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ.” ދާނިޝް ކޮތަޅުގެ ތެރެއަށް ނަޒަރެއް ދެމުން އެ ބޭބެއާއި ހިނިތުންވެލިއެވެ. މިއީ އޭނަ ޢާއްމު ގޮތެއްގައި ކާ އެއްޗެއްސަށްވުރެ ފެންވަރު ދަށްވާނެ ކާއެއްޗަކަށް ވިޔަސް ދާނިޝް އެ ޝުޢޫރު ފާޅެއް ނުކުރިއެވެ.
“ޝުކުރު އަދާކުރަން ޖެހެނީ އަޅުގަނޑު. މަނިކުފާނު އަޅުގަނޑަށް މި ވަޒީފާ ދެއްވީތީ މިހާރު އަޅުގަނޑުމެންގެ ގޭގެ ކުލި މަޑުމަޑުން ދެއްކޭ. މި ވަޒީފާ ނުލިބުނު ނަމަ މިއަދު އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާ މަގުމަތިވީސް.” އެ ބޭބެ ހިސާބަކަށް ފަނޑުވި ހިނިތުންވުމަކާއެކީ ބުންޏެވެ.
އެހިނދު ދާނިޝްގެ ހިނިތުންވުން ފޭދުނު ހިނދު، މެއަށް ނުބައި ގޮތެއްވިއެވެ. މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ގޮތަށް މުވައްޒަފުން ވަކި ކުރާނަމަ މި ބޭބެ އެ މުވައްޒަފުންގެ ތެރޭގައި ހިމެނޭނެކަން ޔަޤީންވެއެވެ. އަދި އަމުދުން މި ބޭބެ ވަނީ ޕްރޮބޭޝަން މުއްދަތުގައެވެ. އެހެންކަމަށްވާނަމަ ޤަވާޢިދުގެ ގޮތުން ވަޒީފާއިން ވަކި ކުރާއިރު މި ބޭބެއަށް ވަކި އެއްޗެއް ދޭކަށް ނުވެސް ޖެހޭނެއެވެ.
އެކަން އެގޮތަށް ހަދައިފިނަމަ މި ބޭބެއާއި ބޭބެގެ ޢާއިލާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ މަގުމަތިވާނީ ހެއްޔެވެ؟ މިފަދައިން ކުންފުނިން ވަކިކުރަން ޖެހޭނީ ކިތައް މުވައްޒަފުން ހެއްޔެވެ؟ ކުންފުނީގެ ފައިދާއާއި އޭނަގެ ފަސޭހަ ދިރިއުޅުމަށްޓަކައި ޙާލުގައި ޖެހޭނީ ކިތައް މީހުން ހެއްޔެވެ؟
އަނެއްކާވެސް ދާނިޝްގެ ސިކުނޑިއަށް ބާރު ކުރަން ފެށި ވަގުތު އެ ބޭބެ މަނިކުފާނު ވަޑައިގަންނަވާށޭ ބުންޏެވެ. އެއާއިއެކު ދާނިޝްއަށް އެވަގުތުކޮޅަށް އަނބުރާ އާދެވި، ބޯޖަހާލެވުނެވެ. އެއަށްފަހު އެ ބޭބެއަށް ފަސްދީފައި ގޮސް ކާރަށް އަރައި، އަތުގައި އޮތް ކޮތަޅު ކުރީ ދެ ސީޓުގެ ދެމެދުގައި ހުރި ބައިގައި ބެހެއްޓިއެވެ. ކާރު ސްޓާޓް ކުރުމަށްފަހު ދާނިޝްއަށް އެ ކޮތަޅަށް ދެވަނަ ނަޒަރެއް ދެވުނީ، އެއީ ވެސް އެ ބޭބެ އޭނައަށް ވެދިން އިޙްސާންތެރިކަމެކޭ ހިތަށް އެރުމުންނެވެ. އޭގެ ބަދަލުގައި އޭނަ އެ ބޭބެއާއި މެދު ހަދަން އުޅެނީ ކިހިނެއް ހެއްޔެވެ؟
މުޅި ދުވަހު ދާނިޝްއަށް ހުރެވުނީ މިފަދަ ޚިޔާލުތަކުގައެވެ. އޭގެ ސަބަބުން ހިލްޔާއަށް ވެސް ދޭން ބޭނުންވި ފުރިހަމަ ސަމާލުކަމެއް ނުދެވުނެވެ. ހިލްޔާ އެކަމާއިމެދު ވަކި ޝަކުވާއެއް ނުކުރުމުން ދާނިޝްއަށް ފަސޭހަވިއެވެ. އޭނަ ޙަޤީޤަތުގައި ވެސް އެވަގުތަށް ބޭނުންވީ އަމިއްލަ ޚިޔާލުތަކާއިއެކީ އެކަނިވެލާށެވެ.
ޝަކުވާއެއް ނުކުރިޔަސް ދާނިޝްއަށް އައިސްފައިވި ބަދަލުން ހިލްޔާ ކަންބޮޑުވިއެވެ. ގެއަށް އައި މަގުމަތީގައާއި ގެއަށް އައި ފަހުން ވެސް ދާނިޝް ހުންނަނީ ނެގިމަޑުވެފައެވެ. ފުން ވިސްނުމަކަށް ގެއްލިފައެވެ. އެންމެ ފަހުން ނުހުރެވިގެން އެރޭގެ ކެއުމުގެ ތެރެއިން ކިހިނެއްވީތޯ ހިލްޔާއަށް އަހާލެވުނެވެ.
“ކަމަކާ މެދު ކުޑަކޮށް ޓެންސް ވެގެން މިއުޅެނީ. ފަހުން ހިލޫ އާ ޙިއްސާ ކުރާނަން އިން ޝާ ﷲ.” ދާނިޝް ބުންޏެވެ.
އެ ޖަވާބު އިވިފައި ހިލްޔާ ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. އެހެނަސް އިތުރު ސުވާލެއް ކުރަން ބޭނުމެއް ނުވިއެވެ. ދާނިޝްގެ ތަބީޢަތް ހުރިގޮތުން މިވަގުތު ދާނިޝް އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަން އެނގުންވެ، ހިލްޔާ ހިމޭންކަން ޚިޔާރު ކުރިއެވެ. އަދި ހިތާހިތުން ދާނިޝްއަށްޓަކައި ދުޢާ ކުރެވުނެވެ.
އެރޭ ދަންވަރު ނިދިފައި އޮތްވާ ބަނޑަށް ތަދުވެގެން ހޭލެވުމުން ވެސް ހިލްޔާ ދާނިޝްއަށް ނުގޮވީ އެހެންވެއެވެ. އެހެނަސް ހިލްޔާ އަމިއްލައަށް ތެދުވުމުގެ ތެރޭގައި އެ އަނގައިން ނުކުތް ވޭނީ އާހުގެ އަޑުތަކުގެ ސަބަބުން ދާނިޝް ހޭލެވުނެވެ. އެއާއިއެކު ދާނިޝް ވަގުތުން އޭނަ ގާތަށް އައެވެ. އަދި ސައިތަށްޓެއް ހަދައިގެން އެބަ އަންނަމޭ ބުނެ ކޮޓަރިން ބޭރަށް ދިޔައެވެ.
ބަދިގޭގައި ސައިތަށި ހަދަމުން ދިޔަ ވަގުތު އަނެއްކާވެސް ދާނިޝްގެ ސިކުނޑީގައިވި ހައިޖާން ބޮޑުވެފައިވިއެވެ. އޭނަ ވަނީ އޭނަގެ މާލިއްޔަތުން މުވައްޒަފުންނަށް އެހީވުމަށް ނިންމުމަށް އިސްތިޚާރާ ނަމާދު ކޮށްފައެވެ. ހިލްޔާ މިފަދައިން ބަލިވުމަކީ އެ ނިންމުން ނުނިންމުމަށް ލިބުނު ޢިޝާރާތެއްތޯ ހިތަށްއެރިއެވެ. ހިލްޔާ އެހާ ބަލިވެ އުޅޭއިރު އޭނަ ހިލްޔާ ދަތި ދިރިއުޅުމަކަށް ގެންދާނީ ކިހިނެއް ހެއްޔެވެ؟ ގެންދިޔުން ރަނގަޅުވެސް ވާނެ ހެއްޔެވެ؟
އާދައިގެ މަތިން އެ ސައި ބުއިމުން އިރުކޮޅެއްފަހުން ހިލްޔާގެ ތަދު މަޑުވިއެވެ. އޭގެ ފަހުން ހިލްޔާއަށް ނިދާލެވުނަސް ފިކުރު ބޮޑުވެފައިވި ދާނިޝްއަށް ނިދޭ ގޮތެއް ނުވިއެވެ.
ދާނިޝް ހީކުރީ އޭނައަށް ދެންވެސް ފެންނާނީ އޭނަ މުވައްޒަފުންނަށް ވަކި އިތުރު އެހީއެއް ދޭން ނުޖެހޭ ކަމުގެ ޢިޝާރާތްތައް އޭނައަށް ފެންނާނީ ކަމަށެވެ. އެހެން ގޮތަކަށް ބުނާނަމަ ދާނިޝް ބޭނުންވީ އެގޮތެވެ. އެހެނަސް ޖެހިގެން އައި ދުވަސް ވެގެން ދިޔައީ އޭނަގެ އެހީ ބޭނުންވެގެން އޭނައާއި ބައްދަލުކުރަން 3 މުވައްޒަފުން އައި ދުވަހެކެވެ. އެއް މުވައްޒަފަކީ އޭނަގެ 4 އަހަރުގެ ދަރިފުޅު ކެންސަރާއި ހަނގުރާމަ ކުރަމުންދާ މީހެކެވެ. އަނެކަކީ އެކި މީހުންނަށް ދަރަނިވެރިވެފައިވުމުގެ ސަބަބުން މަރުގެ އިންޒާރުތައް އަންނަމުންދާ ޢާއިލާއެއްގެ ބައްޕައެވެ. ދެން ހުރީ މިފަހުން އެކްސިޑެންޓްވި އޭނަގެ މަންމަ ސާރޖަރީ ހަދަން ޚަރަދު ކުރާނެ ފައިސާ ނެތިގެން އައި ފިރިހެން ދަރިއެކެވެ. އެ 3 މުވައްޒަފުންނަކީ ވެސް އެއްކަލަ ޤަވާޢިދުގެ މަތިން ވަޒީފާއިން ވަކި ކޮށްލަން ޖެހޭ މުވައްޒަފުންނެވެ. އެކަން އެނގުންވުމުން ދާނިޝްގެ ހިތަށް އުދަގޫވާ ގޮތްވިއެވެ. މުސާރައިގެ ވަކި އިންސައްތައެއްގެ ޢަދަދަކާއިއެކީ މި މުވައްޒަފުން ދޫކޮށްލުމަކީ އިންސާފެއް ނޫންކަން ޔަޤީންވީތީވެއެވެ. އެ ޚަބަރު އެ މުވައްޒަފުން ގާތު އޭނަ ބުނާނީ ވެސް ކޮން ދުލަކުންތޯ ހިތަށްއެރިއެވެ.
އެދުވަހަކީ ޙަޤީޤަތުގައި ދޫކޮށްލަންޖެހޭ މުވައްޒަފުން އެއްކޮށްގެން ދާނިޝް އެ ވާހަކަ ދައްކަން ނިންމާފައި އޮތް ދުވަހެވެ. އެހެނަސް ދެންވެސް ވަކި ގޮތެއް ނުނިންމޭތީ އެ ހަފްތާގެ ފަހު ދުވަހަށް ފަސްކޮށްލަން ނިންމުނެވެ. އެއީ މަހުގެ ވެސް ފަހު ދުވަހަށް ވާތީވެއެވެ.
ދާނިޝް ހީކުރީ އެދުވަސް ޖެހޭއިރު އޭނައަށް ފަހުގެ ނިންމުމެއް ނިންމިފައިވާނެ ކަމަށެވެ. އެހެނަސް ސާފުކޮށް ވިސްނާނެ ފުރުސަތެއް ދާނިޝްއަށް ލިބޭ ގޮތެއް ނުވިއެވެ. އޭގެ އަނެއްދުވަހުގެ ހެނދުނުން ފެށިގެން ހުއްޓުމެއްނެތި ޗީފް އޯރގެނިކް ހެޑްކުއާރޓާރސް ގެ ވަށައިގެން މީހުން އެއްވެ މުޒާހަރާ ކުރަމުން ދިޔައެވެ. ކުންފުނިން ވިއްކާ ވިހަ މޭވާ ހުއްޓުވުމަށް ބައެއް މީހުން ގޮވިއިރު މުޅި ކުންފުނި ވެސް އުވާލަން އަނެއްބައި މީހުން ގޮވަމުން ދިޔައެވެ. އެ މުޒާހަރާތަކުގެ ތެރެއިން އޮފީހަށް ހާޒިރުވާން ދާ މަގުމަތީގައި މުވައްޒަފުންނަށް ވެސް އަނިޔާވިއެވެ. އެހެންކަމުން ދާނިޝް އެ ޙާލަތު ހަމައަކަށް އެޅުވުމުގައި ވަގުތު ހޭދަ ކުރަން ޖެހުނެވެ. މިއީ ވެސް ކޮންމެވެސް މީހެއްގެ ރޭވުމެއްކަން ދާނިޝްއަށް ޔަޤީނާއި ގާތްވީ، އެ ވާހަކަ ވެސް މީޑިއާއަށް ފެތުރުނު ގޮތް އަވަސްވުމުންނެވެ. ޙާލަތު ކޮންޓްރޯލް ކުރުމަށް ދާނިޝް ފުލުހުންގެ އެހީތެރިކަން ހޯދައި އަދި އިތުރު ޕްރެސް ކޮންފަރެންސެއް ވެސް ބޭއްވިއެވެ. އެހެނަސް އެ ޙާލަތު އެއްކޮށް ހަމައަކަށް އެޅޭ ގޮތްވީ ބުރާސްފަތި ދުވަހުގެ ރެއެވެ.
އޭގެ އަނެއްދުވަހަކީ ކޮންމެހެން ވެސް ގޮތެއް ނިންމަން ޖެހޭ ދުވަހަށްވެފައި، ބުރާސްފަތި ދުވަހުގެ އެ ރޭ ވެސް ވަކި ގޮތެއް ނުނިންމޭތީ ދާނިޝްގެ ސިކުނޑި ހާސްވެފައިވިއެވެ. އެރޭ ވެސް ގެއަށް ދިޔައިރު ހިލްޔާ ކޮންމެވެސް ވަރަކަށް ބަނޑަށް ތަދުވާތީ އުޅެއެވެ. އޭގެ ސަބަބުން ދާނިޝްއަށް ނިންމުމެއް ނިންމަން އިތުރަށް ދަތިވުން ނޫންކަމެއް ނުވެއެވެ. ހިލްޔާގެ އެދުމުގެ މަތިން ދެމީހުން އެރޭ ބެލްކަންޏަށް ނިކުތުމުން ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތަކާއި ސާފު އުޑުން ފެންނަމުން ދިޔަ ތަރިތަކުގެ ސަބަބުން ފިކުރުތަކާއި ކޮންމެވެސް ވަރަކަށް ދުރުވެވުނެވެ. އެހެނަސް ހިލްޔާ ދައްކަމުން ދިޔަ ވާހަކަތަކަށް ދާނިޝްއަށް ދެންވެސް ސަމާލުކަން ދެވެމުން ދިޔައީ ވަކި ވަރަކަށެވެ.
“ދާން!”
ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން ހިލްޔާ އޭނައަށް ގޮވާލި އަޑަށް، އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރި ދާނިޝް ކުޑަކޮށް ސިހޭގޮތްވިއެވެ.
“ހުމް ކީކޭ ހިލޫ؟” ބޮލުގައިވި ރިހުމާއިއެކު ހިލްޔާއަށް ބަލާލަމުން ދާނިޝް އެހިއެވެ.
“ދާން އަޑެއް ނާހަން ދޯ ދެންމެ އަހަރެން ދެއްކި ވާހަކަ؟” ހިލްޔާ ހިސާބަކަށް ދެރަވެފައި ހުރެ އެހުމުން ދާނިޝް ވެސް ދެރަވާ ގޮތްވިއެވެ.
“އާނ ނުއިވުނު. ޓެންސްވެފަ ހުރީމަ. ސޮރީ…އަދި އެއްފަހަރު ކިޔައިދީފާނަންތަ؟” ދާނިޝް ޖެހިލުންވުމަކާއެކީ އަމިއްލަ ނަފްސަށް ނުރުހުންވެފައި ހުރެ އެހިއެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ހިލްޔާ ބަލިވެ އުޅޭއިރު ވެސް އޭނައަށް ހިލްޔާއަށް ސަމާލުކަން ދޭންޖެހޭ ވަރަށް ނުދެވޭކަން އެވަގުތު އިޙްސާސް ކުރެވުނެވެ.
ހިލްޔާ ދާނިޝްއަށް ބަލަހައްޓައިގެން ހުރެ ފުން ނޭވައެއް ދޫކުރިއެވެ. އެވަގުތު ދާނިޝްއަށް ނުރުހުންވެފައިވިއެވެ. އެހެނަސް އެ ނުރުހުންތެރިކަމުގެ ބަދަލުގައި ރަޙުމް އިސްކުރެވޭތޯ ހިލްޔާ މަސައްކަތް ކުރިއެވެ.
“ދާން….ބުނެބަލަ އަހަރެން ކައިރި. އޮފީހުގެ މައްސަލަތައް އަދިވެސް ޙައްލު ނުވަނީތަ؟ ދާން ޓެންޝަނުގަ އުޅޭތާ ހާދަ ގިނަ ދުވަހެކޭ މިވަނީ. ޔޫ އާރ ނޮޓް ޔުއާރސެލްފް…” ހިލްޔާ ކަންބޮޑުވުމާއިއެކީ ވާހަކަ ދެއްކިއެވެ.
އެހިނދު ދާނިޝްއަށް ހިލްޔާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ހިލްޔާގެ މޫނުމަތިން ހިލްޔާ ނުރުހުންވެ، މާޔޫސްވެ އަދި ވަރުބަލިވެސް ވެފައިވާ މިންވަރު ދާނިޝްއަށް ފެނުނެވެ. އެހިނދު އިތުރަށް އަމިއްލަ ނަފްސަށް ނުރުހުންވިއެވެ. ހިލްޔާ ކޮށްލި ސުވާލާއި މެދު ވިސްނާލެވުނީ އެއަށްފަހުއެވެ. އެއާއިއެކު އޭނަގެ ސިކުނޑީގައި ނިންމިގެން ނުއުޅޭ ނިންމުމާއި މެދު ހިލްޔާގެ މަޝްވަރާ ހޯދާލަންވީއޭ ހިތަށްއެރިއެވެ. ހިލްޔާ އަބަދުވެސް އޭނައަށް ދޭނީ އޭނަގެ ދުނިޔެއާއި އާޚިރަތަށް ވެސް އެންމެ ރަނގަޅުވާނެ ނަސޭޙަތް ކަން ޔަޤީންވާތީވެއެވެ. އޭނަ ހީކުރާ ޖަވާބަށްވުރެ ރަނގަޅު ޚިޔާލެއް ވެސް ހިލްޔާ ދީފާނެނޫންތޯ އެވަގުތު ހިތަށްއެރިއެވެ.
ވޭތުވި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ދާނިޝް ވަރުބަލިކަމުގެ ނޭވައެއް ދޫކޮށްލަމުން ބެލްކަނީގެ ތިރިއަށް ނަޒަރު ހުއްޓާލިއެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.
“ކުންފުނި ސްޓޭބަލް ކުރަން….ކުންފުނީގެ ބައެއް މުވައްޒަފުން ދޫކޮށްލަން އެބަޖެހޭ. ދޫކޮށްލަން ޖެހެނީ ވީހާ ވެސް ކުޑަ ސިވިއަރެންސް ޕޭއެއް ދޭންޖެހޭ އާ މުވައްޒަފުން. އެގޮތަށް ކަންތައް ކުރީމަ އަހަންނަށް އެނގިގެން ވެސް މަގުމަތިވެ، ޙާލުގައި ޖެހޭނެ އެތައް މުވައްޒަފުންނެއް އެބަތިބި….” ދާނިޝް ކިޔައިދިނެވެ. އެވާހަކަ އިވެމުން ދިޔަ ހިލްޔާގެ ދެބުމަ ކައިރިވިއެވެ.
“ދެން؟” ހިލްޔާއަށް އަހާލެވުނެވެ. އެހިނދު ވޭތުވެ ދިޔަ ހަފްތާގައި ދާނިޝްއަށް އައިސްފައިވާ ބަދަލުތަކުގެ ފަހަތުގައިވާ ސަބަބު އެނގުންވެ، ދާނިޝްއަށްޓަކައި ހިތުގައި ޙަމްދަރުދީއެއް އުފެދުނެވެ. ދާނިޝް އެ ދަތި ޙާލުގައިވާ މުވައްޒަފުންނާއިމެދު ވިސްނާތީ ހިތުގައި ދާނިޝްއަށްޓަކައި އިތުރު ލޯތްބެއް އުފެދުނެވެ.
“ދެން…..ހިތަށްއަރަނީ، ކުންފުނިން ޚަރަދު ނުކޮށް އަހަރެންގެ އަމިއްލަ މިލްކިއްޔާތުން އެ މުވައްޒަފުންނަށް އިތުރު މުސާރައެއް ދޭނީއޭ. ވަކިވަކި މުވައްޒަފުންގެ ޙާލަތު ބެލުމަށްފަހު އެ މުވައްޒަފަކަށް އެކަށޭނެ ޢަދަދެއް ވެސް ދޭ ގޮތަށް ހެދިދާނެ. އެކަމަކު….” ދާނިޝް އެހިސާބަށް ވާހަކަ ދެއްކުމަށްފަހު ހުއްޓާލިއެވެ.
“އެކަމަކު؟” ހިލްޔާއަށް އަހާލެވުނެވެ. އެހިނދު އަނެއްކާވެސް ހިލްޔާގެ ނިތަށް ރޫއެރިއެވެ. އެހާ ރަނގަޅު ނިންމުމެއް ނިންމަން ދާނިޝް ޖެހިލުންވަނީ ކީއްވެތޯ ހިތަށްއެރިއެވެ. އެހިނދު ދާނިޝް އޭނައަށް ބަލާލިއެވެ.
“އެކަމަކު އޭރުން އަހަރުމެން މި ގެ ދޫކޮށް ދާން ޖެހިދާނެ. މިގޭގަ ގެންގުޅޭ ނޯކަރުން ދޫކޮށްލަން ޖެހޭނީ. ޝަންގްހައިގަ ހުންނަ އަހަރެންގެ އެޕާޓްމެންޓަށް ބަދަލުވާން ޖެހޭނީ. އެއީ….އަހަރުމެންނަށް އެންމެ ރަނގަޅު ގޮތްކަމެއް އަހަންނަށް ނޭނގޭ.” ދާނިޝް ރެއިލިންގް އިން ދޫކޮށްލަމުން މުޅިން ހިލްޔާއާއިވީ ފަރާތަށް އެނބުރިލަމުން ބުންޏެވެ. އެންމެ ފަހުން އޭނަގެ އިޙްސާސްތައް ހިލްޔާއާއި ޙިއްސާ ކޮށްލެވުނީތީ ހިތާއި ސިކުނޑިއަށް ވެސް ލުޔެއް ލިބުނެވެ. އެހެނަސް ހިލްޔާ ދޭނެ ޖަވާބަކާއިމެދު އޭރުވެސް ހިތުގައި ޖެހިލުންވުމެއްވިއެވެ.
ހިލްޔާ ދާނިޝްއަށް ބަލަން ހުރެފައި ވާހަކަ ދެއްކިއެވެ.
“ކީއްވެ ނޭނގެންވީ؟” ހިލްޔާ ކުއްލިއަކަށް އެހިއެވެ.
“ކޮން ކަމެއް؟” ދާނިޝް އޮޅުންއެރިއެވެ.
“އެއީ އެންމެ ރަނގަޅު ނިންމުންކަން، ދާންއަށް ނޭނގެނީ ކީއްވެ؟ މި ޙާލަތުގަ ﷲ ރުހިވޮޑިގެންވާނީ ކޮން ނިންމުމަކާމެދު ކަން ދާންއަށް ހަމަ ނޭނގެނީތަ؟” ހިލްޔާ އެހިއެވެ. އެހިނދު ދާނިޝް ހިސާބަކަށް ނުރުހުންވާ ގޮތްވިއެވެ. އޭނައަށް މި ޙާލަތް ދަތިވަނީ ހިލްޔާ ދެކެ ވާ ލޯބީގެ ސަބަބުންކަން ހިލްޔާއަށް ނޭނގެނީތޯ ހިތަށްއެރިއެވެ.
“އެނގޭ އެކަމަކު…އެ ނިންމުން ނިންމަން ވަރަށް އުދަގޫ. އަހަރެން އެކަނި އުޅެމުންދާނަމަ އެ ނިންމުން ނިންމަން ފަސޭހަވީސް. އެ ނޫންނަމަ އަހަރެން މި ގެ ދޫކޮށް، ޝަންގްހައިއަށް ބަދަލުވިތާ ހަނދާނެއް ވެސް ނެތީސް. އެކަމަކު މިއަދު އަހަރެން ހިލޫއާމެދު ވެސް ވިސްނަން އެބަޖެހޭ. އަހަރުމެންގެ މުސްތަޤްބަލާއިމެދު ވެސް ވިސްނަންޖެހޭ. ވިސްނާއިރު އެ ނިންމުން ނިންމަން ފަސޭހައެއް ނޫން.” ދާނިޝް އޭނަގެ ނުރުހުންތެރިކަން މާ ބޮޑަށް ފާޅު ނުކުރަން މަސައްކަތް ކުރަމުން ބުންޏެވެ.
“އެހެންވީމަ…ދާން ތި ބުނަނީ އަހަރެން ދެކެ ލޯބިވާތީއޭތަ ތި ދަތިވަނީ ﷲ ރުހިވޮޑިގެންވާފަދަ ނިންމުމެއް ނިންމަން؟ އެހެން ކަމަށްވާނަމަ ބޭނުމެއް ނޫން ތިކަހަލަ ލޯތްބެއް…ބޭނުންވަނީ ﷲ ގެ ހިދާޔަތުން ހެޔޮ މަގު ފެނިފައިވާ ލޯތްބެއް.” ހިލްޔާ ސީދާސީދަލަށް ބުންޏެވެ. ހިލްޔާގެ ވާހަކައިގެ މެދުތެރެއިން ދާނިޝްގެ ނުރުހުންތެރިކަން އިންތިހާއަށް ދިޔަޔަސް އެ ބުނެލި ފަހު ބަސްތަކުން ވިސްނަން މަޖުބޫރުވިއެވެ.
“ތި ބުނީ؟” ދާނިޝްއަށް އަހާލެވުނެވެ.
“ނިކަން ވިސްނާލަބަލަ ދާން. ދާން އަހަންނަށް ދަތިވެދާނެތީ މިއަދު އެ މުވައްޒަފުންނަށް އެހީތެރި ނުވެއްޖެނަމަ ޤިޔާމަތް ދުވަހު ވާނެ ގޮތް. އެދުވަހަކީ އެންމެންވެސް ހެޔޮ ޢަމަލުތަކަށް ދަހިވެތިވެފައިވާނެ ދުވަސް. އެދުވަހަކުން ދާން އަހަންނަށް ނުރުހުންތެރިވާނީ އަހަންނާ ހެދި އެ މުވައްޒަފުންނަށް އެހީތެރިވެ ނުދެވުނީތީ….އަހަރެން ބޭނުމެއް ނޫން އެހެން ވާކަށް. ބޭނުންވަނީ މި ދުނިޔޭގަ ވެސް އަދި އާޚިރަތުގަ ވެސް އަހަރުމެންގެ ބައިވެރިން ގޮތުގަ ދެމި ތިބެން. އެހެންވީމަ އަހަރެން މިއީ ދާން ކުރަން އުޅޭ ހެޔޮ ޢަމަލަށް އޮތް ހުރަހެއް ކަމަށް ނަހަދާ. އެ މުވައްޒަފުންނަށް އެހީތެރިވެދީ. އަހަރުމެން ނަމަ ވަންނާނެ ގެދޮރެއް އެބަހުރި ދޯ؟ ދާން އަމިއްލައަށް ނޫންތަ ތި ބުނީ އެހީތެރި ނުވެއްޖެނަމަ މަގުމަތިވާނެ މުވައްޒަފުން ވެސް އެބަތިއްބޭ؟ އެކަން އެގޮތަށް ކުރުމަށްފަހު ދާންއަށް ރޭގަނޑު ނިދޭނެތަ؟ އަހަންނަށް ހަމަ ގައިމުވެސް ނުނިދޭނެ…” ހިލްޔާ ވާހަކަ ދެއްކިއެވެ.
އެ ވާހަކަތައް އަޑުއަހަމުން ދިޔަދިޔަހެން ދާނިޝްގެ ހިތާއި ސިކުނޑި ހަމައަކަށް އެޅެމުން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ ލޮލުން ކަރުނަ ވެސް ހިލުނެވެ. ނިންމަންވީ ނިންމުން ޔަޤީނާއި ގާތްވަމުން ދިޔައެވެ. އެހެނަސް…
“އެކަމަކު…ހިލޫ ތިއުޅެނީ ބަލިވެ. ހިލޫއަށް ރަނގަޅު ފަރުވާއެއް ވެސް ހޯދައިދޭން އަހަރެން ބޭނުން…” ދާނިޝް އެ ވާހަކަ ބުނިއިރު އެ އަޑު ކުރެހިފައިވިއެވެ.
“ޓްރަސްޓް މީ ދާން. މި ބައްޔަށް އެއްވެސް ހޮސްޕިޓަލަކުން ދެވޭނެ ފަރުވާއެއް އަދި ހޯދިފައެއް ނެތް. އެނީވޭ ޝަންގްހައި ގަ ދޯ އެއްކަލަ ސައިފަތް ހުރީ ވެސް. އެހެންވީމަ ޝަންގްހައިއަށް ބަދަލުވުމެއް ނޫންތަ އެންމެ ރަނގަޅީ؟ އޯލްސޯ އެކޮޅަށް ބަދަލުވީމަ ދާން ވެސް ތި މުޒާހަރާތަކުން ސަލާމަތް ވާނެއެއްނު؟ އިން ޝާ ﷲ.” ހިލްޔާ އުއްމީދީ ގޮތަކަށް ވާހަކަ ދެއްކިއެވެ.
“އެ އެޕާޓްމެންޓް…މިހާ ބޮޑެއް ނުވާނެ.” ދާނިޝްއަށް ދެންވެސް ބުނެވުނެވެ.
“އެއީ މައްސަލައެއްތަ؟ ބޮޑު ގެއެއްގަ އުޅުނަސް ދެމީހުން މިއުޅެނީ ކައިރި ކައިރީގަ އެއް ތަންކޮޅެއްގައެއް ނޫންތަ؟” ހިލްޔާ ސަމާސާ ރާގެއް އެޅުވިއެވެ. އެހިނދު ދާނިޝްއަށް ބޭއިޚްތިޔާރުގައި ހީލެވުނު ވަގުތު އެ ލޮލުން ކަރުނަތައް ފައިބަން އުޅުނެވެ. އެހެނަސް އޭގެ ކުރިން ދާނިޝް އެއްއަތުގެ މުލައްދަނޑި ލޯމަތިން ހިންގާލަމުން ކަރުނަތައް ފޮހެލިއެވެ. ހިލްޔާއަށް އެކަން ފާހަގަވިއެވެ. އެ އަތް ތިރިކޮށްލި ވަގުތު އެ މޫނުމަތިން ދާނިޝް ދެރަވެފައިވާ މިންވަރު ފެނުމުން ހިލްޔާ ވެސް ދެރަވިއެވެ. މިއީ ދާނިޝްއަށް ކިހާ ދަތިވާނެ ޙާލަތެއްކަން އެނގި ހިލްޔާ ދާނިޝްއާއި ގާތްވެލަމުން ދާނިޝްގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ.
“ދާން ބަލައްޗޭ. އަހަރުމެން ﷲ އަށްޓަކައި ކަމެއް ޤުރުބާން ކޮށްފިނަމަ އޭގެ ބަދަލު އެތައް ގުނައިން އެކަލާނގެ އަހަރުމެންނަށް ދެއްވާނެ. އެހެން މީހުންނަށް ރަޙުމް ކުރުމުން އެކަލާނގެ އަހަރުމެންނަށް ރަޙްމަތް ލައްވާނެ. އަދި އެކަލާނގެއަށްޓަކައި ހޭދަކުރާ އެއްވެސް އެއްޗަކީ ގެއްލިގެންދާ އެއްޗެއް ނޫން.” ހިލްޔާ ހަނދާން ކޮށްދިނެވެ. އޭގެއިން އެއްވެސް ވާހަކައަކީ ދާނިޝްއަށް އާ ވާހަކައެއް ނޫނެވެ. އެހެނަސް އެވަގުތު ހިލްޔާ އެ ބަސްތައް ބުނުމުން އެ ވާހަކަތަކުން ހިތުގެ ފުންމިނަށް އަސަރު ކުރިއެވެ. އަލުން އެ ވާހަކަތައް ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭކަން އިޙްސާސް ކުރެވުނެވެ. އެހިނދު ހިލްޔާއާއި އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
އޭގެ އަނެއްދުވަހު ދާނިޝް އޮފީހަށް ދިޔައީ ސާފު ސިކުނޑިއަކާއި ލުއި ހިތަކާއި އެކީގައެވެ. އޮފީހަށް ގޮސް އެންމެ ފުރަތަމަ ވެސް ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ސިޓީތައް ފޮނުވިއެވެ. އެ ސިޓީގައި އެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވުނަސް އެ މުވައްޒަފުންގެ ޒަރޫރީ ބޭނުންތަކާއި އެކަށޭނެ ފައިސާގެ ޢަދަދެއް ދެވޭނެ ވާހަކަ އެ ސިޓީގައި އެންގިފައިވިއެވެ. ދާނިޝްގެ އެދުމުގެ މަތިން އެދުވަހު ހަވީރު ވީއިރު އެ މުވައްޒަފުންނާއި ހަމައަށް ސިޓީ އުރަތަކެއްގައެއް ފައިސާގެ ޢަދަދެއް ފޮނުވުނެވެ. ދާނިޝް އެދުނީ ކުންފުނީގެ ނަމުގައި އެ ފައިސާ ބެހުމަށެވެ. އެހެނަސް އެކަންވީ އެގޮތަށް ނޫންކަން ދާނިޝްއަށް އެނގުނީ އެދުވަހު ހަވީރު ގެއަށް ދާން ކާރަށް އެރި ވަގުތެވެ.
އެތައް މުވައްޒަފުން ދާނިޝްއަށް އެވަގުތު ޝުކުރުގެ މެސެޖުތައް ފޮނުވަމުން ދިޔައެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުން ސިޓީ އުރަތަކުގެ ފޮޓޯވެސް ފޮނުވާފައިވިއެވެ. އެ ފޮޓޯއިން ސިޓީ އުރައިގެ ބޭރުގައި ‘ތި ބޭފުޅުންގެ ލޯބިވާ ސީއީއޯގެ ފަރާތުން’ ނޭ ޗައިނާ ބަހުން ލިޔެވިފައިވިއެވެ. އެ މަންޒަރު ފެނިފައި ދާނިޝް ޖިއެންއަށް ގުޅިއެވެ.
“ސީރިއަސްލީ ޖިއެން؟ ހަމަ އެހާ ޑްރެމެޓިކް މެސެޖެއް ލިޔަން ޖެހޭތަ؟ ބުނީމެއްނު ކުންފުނީގެ ނަމުގަ ބަހާށޭ؟” ދާނިޝް ކާރު ދުއްވަމުން ސްޕީކަރަށް ލެވިފައިވާ ފޯނުން ވާހަކަ ދެއްކިއެވެ.
“ސޮރީ ސާރ. އެކަމަކު ކުންފުނީގެ ޤަވާޢިދު ބުނާގޮތުން ފައިސާގެ މުޢާމަލާތެއް ކުރާއިރު ތެދުވެރިކަން އިސްކުރަން ޖެހޭ. އެއީ ކުންފުނީގެ ފައިސާއެއް ނޫންކަން އަޅުގަނޑަށް އެނގޭ. އެހެންވީމަ އެކަން އެހެން މުވައްޒަފުންނަށް ވެސް އެނގުން މުހިއްމު ކަމަށް އަޅުގަނޑަށް ފެނުނީ.” ޖިއެން ބުންޏެވެ.
“ހޫނނ ހެވޭ. ޕެކް ކުރަން ފަށާ ޝަންގްހައިއަށް ދާން.” ދާނިޝް ބުންޏެވެ. ދާނިޝް އުޅުނީ ޝަންގްހައިއަށް ބަދަލުވެ އާ ސެކްރެޓަރީއެއް ހޯދާށެވެ. އެހެނަސް ޖިއެން އެކަމާއި އެއްގޮތަކަށް ވެސް އެއްބަސް ނުވިއެވެ. ޖިއެން ބުނި ގޮތުގައި އެހާ ހިތްހެޔޮ ސީއީއޯއެއް ދޫކޮށްފައި އޭނައަށް ލިބޭނެ ހެވެއް ނެތެވެ. ޖިއެން އޭނައާއި އެކީ ދާތީ ދާނިޝް ހިތްހަމަޖެހުނެވެ. އެހާ ގިނަ ދުވަހު އެކީގައި މަސައްކަތް ކުރި ސެކްރެޓަރީއަށް ވުމުން މަސައްކަތް ކުރަން ފަސޭހައީ ޖިއެން އާއެކީ ކަމަށްވުމުންނެވެ.
އެދުވަހު ދާނިޝް ގެއަށް ދިޔައިރު މުވައްޒަފުންނަށް އެހީވެވުނީތީ ހިތް އުފާވެރިކަމުން ފުރިފައި ވިޔަސް، ހިތުގެ ބައެއް ގެނބިފައިވިއެވެ. އޭނަގެ މިލްކިއްޔާތުގެ ދެބައިކުޅަ އެއްބައިހެން ހަމަ އެހެން ބަހާލެވިފައިވާތީވެއެވެ. ވިޔަފާރިވެރިޔަކަށް މި ވާހަކަ އިވިއްޖެނަމަ އޭނަ ހާދަ މޮޔައޭ ބުނާނެކަން ދާނިޝްއަށް ޔަޤީންވިއެވެ. ޚުދު އޭނައަށް ވެސް އޭނަގެ މޮޔަ އެވަގުތު ހީވަމުން ދިޔައެވެ. އެދުވަހު ހިލްޔާ ބަނޑަށް ތަދުވެގެން ޑިއުޓީއަށް ނުދާތީ، ހަވީރު ގެއަށް ދިޔަ މަގުމަތީގައި ދާނިޝް އެ ޚިޔާލުތަކާއެކީ އެކަނިވިއެވެ.
ދާނިޝް ގެއަށް ގޮސް ގޭގެ މައިދޮރު ހުޅުވާލީ ވެސް ހިތުގެ ބައެއް ގެނބިފައިވާ ޙާލުގައެވެ. އޭގެ ސަބަބުން ހަށިގަނޑުގައިވެސް ވަރެއް ނެތްހެން ހީވަމުން ދިޔައެވެ. އަތް ކުރު ހުދުކުލައިގެ މައްޗަކާއި ނޫކުލައިގެ ހަރުވާޅަކާއެކީ ސިޑިން ފައިބަމުން ދިޔަ ހިލްޔާ ދާނިޝްއަށް ފެނުނީ އެވަގުތެވެ. ހިލްޔާ ސިޑީގެ ފަހު ހަރުފަތުން ފޭބި ވަގުތު ދާނިޝް ހިނިތުންވުމެއް ދައްކާލިއެވެ. އެއާއިއެކު އާދައިގެ މަތިން ހިލްޔާ ގެ މޫނުމައްޗަށް ވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެހިނދު އެ މޫނުމަތިން ސުވާލެއް ދާނިޝްއަށް ފެނުނެވެ. އޭނަ މިއަދު ނިންމި ނިންމުން އެނގެން ހިލްޔާ ބޭނުންވާކަން ދާނިޝްއަށް އެނގުންވިއެވެ.
“މުވައްޒަފުންނަށް ފައިސާ ބަހާލާފަ މިއައީ. 45% އޮފް މައި ނެޓް ވޯތް. ހެހެ…ހެ.” ދާނިޝް އެހެން ބުނެ ހީލިޔަސް އެ ހުނުން ވަކި ހިސާބަކުން ފޭދުނެވެ. ހިތް މާޔޫސްވެފައިވި ވަރުންނެވެ. އެވަގުތު ހިލްޔާއަށް ބަލާލެވުނެވެ. ދާނިޝް ހީކުރީ ހިލްޔާގެ ހިނިތުންވުން އެއްކޮށް ފޭދިދާނެ ކަމަށެވެ. ހިލްޔާ އޭނަގެ ގާތަށް އައިސް ޙަމްދަރުދީ ވާނެ ކަމަށެވެ.
އެހެނަސް އެހިނދު ހިލްޔާގެ މޫނުމައްޗަށް ވެރިވި އުޖާލާވި ހިނިތުންވުމުން ދާނިޝް ހިނދުކޮޅަކަށް އޮޅުންވެސް އެރިއެވެ. އެ ހިނިތުންވުމުގައި ހުރެ ހިލްޔާ އޭނައާއި ދިމާލަށް އަންނަން ފެށި ގޮތުން، ދެންމެ އޭނަ ހިލްޔާއަށް ދިނީ ނުހަނު އުފާވެރި ޚަބަރެއްހެން މީހަކަށް ހީވެދާނެއެވެ. ހިލްޔާ އޭނައާއި ގާތްވެގެން ދިޔަ ވަގުތު ލުއި ދުވުމެއްގައި އައިސް އޭނަގެ ގައިގައި ބައްދާލިއެވެ.
“އައި ލަވް ޔޫ ދާން. އައި ލަވް ޔޫ ސޯ މަޗް! އެނގޭ ދާންއަށް ވަރަށް އުދަގޫ ނިންމުމެއްކަން މިއީ. އެކަމަކު ދާން ނިންމީ ﷲ ރުހިވޮޑިގެންވާ ނިންމުން. ﷲ ދާން ދެކެ ލޯބިވެވޮޑިގެންވާނެ. އެކަމަށްޓަކައި އުފާ ކުރޭ. މިއީ އަހަރުމެން ދެމީހުންނަށް ވެސް އެންމެ ރަނގަޅުވާނެ ނިންމުން ކަން ޔަޤީން، އިން ޝާ ﷲ.” ހިލްޔާ އެއްވެސް ޝައްކެއްނުވާ އުފާވެރި އަޑަކާއެކީ ވާހަކަ ދެއްކި ގޮތުން ދާނިޝްއަށް ދެންވެސް ޙައިރާންކަމެއްގައި ހުރެވުނެވެ.
އެހެނަސް ލަސްލަހުން އެ ޙައިރާންކަން ފިލައިގެން ދިޔައީ، އީމާންތެރިކަމުގެ ނަޒަރަކުން އެ ޙާލަތަށް ބަލާލެވުމުންނެވެ. ހިލްޔާ ބުނިހެން މިއީ ޙަޤީޤަތުގައި ވެސް އޭނަ އުފާކުރަންޖެހޭ ވަގުތު ކޮޅެއްކަން އެވަގުތު އެނގުންވިއެވެ. ހަމަ އެއާއިއެކު ދާނިޝްއަށް ހިލްޔާގެ ހަށިގަނޑުގައި ދެއަތުން ވަށާލެވުނެވެ. އެހިނދު އޭނަގެ ގާތުގައި ހުރީ ހަމައެކަނި އޭނަގެ ދުނިޔޭގެ ބައިވެރިޔާއެއް ނޫންކަން އެވަގުތު ޔަޤީންވިއެވެ. ހިލްޔާއަކީ އޭނަގެ އާޚިރަތުގެ ވެސް ބައިވެރިޔާއެވެ.
ނުނިމޭ

September 16, 2026 @ 1:34 pm
When next?
September 16, 2026 @ 4:40 pm
Nice story