ނަފްސީ (ހަތްދިހަ ނުވަވަނަ ބައި)
ނަފްސީ (ހަތްދިހަ ނުވަވަނަ ބައި)
“ހެހެހެ….އައި ލަވް ޔޫ ހިލޫ، އައި ލަވް ޔޫ ސޯ މަޗް. އެދުވަހު އަހަރެން ރެސްކިއު ވީ ހިލޫގެ ސަބަބުން ކަން އެނގުނީމަ އަދި އިތުރަށް ލޯބިވެވިއްޖެ.” ދާނިޝް އެހެން ބުނެ ކާރު ސްޓާޓް ކޮށްލަން އުޅުނެވެ. ދާނިޝް ހީކުރީ ބަދަލުގައި ހިލްޔާ އޭނަ ދެކެ ލޯބިވާ ވާހަކަ ބުނާނެ ކަމަށެވެ. އެހެނަސް ހިލްޔާ އެއްޗެކޭ ނުބުނެ އޭނައަށް ބެލުމެއް ވެސް ނެތި ހީލުމުން ދާނިޝްގެ ހިތް ހިސާބަކަށް މާޔޫސްވިއެވެ. މިރޭ މި ދިމާވި ކަންތަކުން އަރައިގަންނަން ހިލްޔާއަށް ވަގުތު ބޭނުންވަނީތޯ ހިތަށްއެރިއެވެ.
ހިލްޔާ ވެސް ހީކުރީ ދާނިޝް އެ ހީކުރި ގޮތަށެވެ. އޭނަ ދެން އިތުރަށް ހުރި ޝައްކުތަކުގެ ވާހަކަ ނުދެއްކިޔަސް ފާއިތުވާ ދުވަސްތަކާއެކީ އެކަންތަކުގެ މަތިން ހަނދާން ނެތިދާނެ ކަމަށް ހީކުރެވުނެވެ. ހިލްޔާ އެ ވާހަކަތައް ދައްކަން ބޭނުމެއް ނުވީ އިތުރަށް ޒިވްގެ ވާހަކަ އެދެމެދަށް ގެނައުން ބުއްދިވެރިއެއް ނުވާނެ ކަމަށް ހީކުރެވުމުންނެވެ. އަދި އަމުދުން ޒިވް ދެއްކި ބައެއް ވާހަކަތަކަކީ ހިލްޔާއަށް ދުލާއި ހަމައަށް ވެސް ގެންނަން ނުކެރޭފަދަ ވާހަކަތަކެވެ.
ކައިވެނިތައް ނިމުމަކަށް ގެނައުމަކީ ޝައިޠާނާގެ އެންމެ ބޮޑު އެއް މަޤްޞަދެވެ. ކައިވެންޏަކީ މުޖުތަމަޢެއްގެ ބިންގާ ކަމަށްވާތީވެއެވެ. ރަނގަޅު ސަބަބެއް ނެތި ކައިވެނިތައް ރޫޅުމަކީ މުޖުތަމަޢުގައި އެތައް ފިތުނަ ފަސާދައެއް އުފެދޭ ކަމެއް ކަމަށްވާތީވެއެވެ. ކައިވެނީގައި މައްސަލަތައް ޖެހުމަކީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އެޅޭ ހުރަހަކަށް ވާތީވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ﷲ ގެ ހިދާޔަތާއި ދުރުވެގެންވާ ޖީލެއް އުފެދުމަށް ވެސް މަގުފަހިވެގެން ދާނެތީވެއެވެ.
ޒިވްގެ ފަރާތުން ހިލްޔާއަށް އިވުނު ބަސްތައް ހަނދާން ނައްތާލަން ހިލްޔާއަށް ދަތިވެފައިވީ އެހެންވެއެވެ. ޝައިޠާނާ އެ ޝައްކުތަކުގެ ވަސްވާސް އިތުރުކޮށް ދިންދިންހެން ހިލްޔާގެ ހިތާއި ސިކުނޑީގައި އެ ޝައްކުތަކުގެ ތެރެއިން އިތުރު ޝައްކުތައް އުފެދުން ނޫންކަމެއް ނުވިއެވެ. އެ ޝައްކުތަކަށް ފުރުސަތު ދެވުން އެއީ ހިލްޔާއަށް ހެދުނު ގޯހެވެ. ކައިވެނީގެ ގުޅުމަކީ މިފަދަ ޙަމަލާތަކެއްގެ ޝިކާރައަކަށް ވެދާނެ ގުޅުމެއްކަން ދަނެގެން އެކަމަށް ސަމާލުވެވިފައި ނެތުމެވެ.
އެރޭ ގެއަށް ދިޔައީއްސުރެ ޒިވް ބުނި ބަސްތައް ހިލްޔާގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އޭނަ ބޭނުން ކުރާ ސެންޓު ދާނިޝްއަށް ކަމުނުދާ ވާހަކަ އިވިފައިވާތީ ހިލްޔާ އޭނަ ގަތް ސެންޓުފުޅި ހުރި ގޮތަށް ރީތިވާ މޭޒުމަތީގައި ބެހެއްޓިއެވެ. އޭގެ ބަދަލުގައި ހިލްޔާ ބޭނުންކުރީ އޭނަ މައްކާއިން ގަތް އަތަރެކެވެ. އެއާއިއެކު ދާނިޝްއަށް ކަމުދަނީ ޒިވް ބޭނުންކުރި ސެންޓުތާއޭ ހިތަށްއެރިއެވެ. އެ ޚިޔާލާއިއެކު އެރޭ ހޮޓެލް ރޫމުގެ ދޮރު ކައިރީގައި އެދެމީހުން ތިބިލެއް ގާތްކަން ވެސް ހަނދާންވަމުން ދިޔައެވެ.
މީގެ ނަތީޖާއެއްގެ ގޮތުން އެރޭ ދާނިޝްއާއިއެކީ ވަގުތު ހޭދަ ކުރިއިރު ވެސް ހިލްޔާއަށް ހުރެވުނީ މި ޚިޔާލުތަކުގެ ތެރޭގައެވެ. ޒިވް ދެއްކި އެހެން ވާހަކަތައް ހަނދާންވެ އޭނައަކީ ދާނިޝްއަށް ރީތިވާނެ އަންހެނެއް ވެސް ނޫންކަމަށް ހިތް ބުނަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ހިލްޔާ އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް އަސަރު ކުރިއެވެ. ދާނިޝްއަށް ބަލަން ވެސް ނުކުޅެދިފައިވިއެވެ.
ހިލްޔާއަށް އައި ބަދަލު ދާނިޝްއަށް ފާހަގަވިއެވެ. އެ ބަދަލު ދިގުދެމިގެންދާނީ ހަމައެކަނި އެރެއަށް ކަމަށް ހީކުރެވުނެވެ. އެހެނަސް ހިލްޔާގެ ހިތް އޭނައަށް ރަނގަޅެއް ނޫންކަން ދާނިޝްއަށް އެނގުނީ އޭގެ އަނެއްދުވަހު ހެނދުނެވެ. އާދައިގެ މަތިން ދެމީހުން އެކީގައި ތެދުވެ ދަމުނަމާދާއި ފަތިސް ނަމާދު ކުރުމަށްފަހު އެކީގައި ނާސްތާ ކުރިއެވެ. އެހެނަސް ހިލްޔާ އޭނައާއި މާ ގިނަ ވާހަކައެއް ނުދައްކައެވެ. ވާހަކައެއް ދެއްކިއްޔާ ދެއްކީ އޭނަ ބުނި ވާހަކައަކަށް ރައްދު ދިނުމަށެވެ. ނާސްތާއަށްފަހު ދާނިޝް އޮފީހަށް ދާން ތައްޔާރުވާން ދިޔައިރު ހިލްޔާ އެހެން ދުވަހެކޭ ވެސް އެއްފަދައިން ކޮޓަރީގައި ހޭލާ އުޅެއެވެ. އެހެންކަމުން ދާނިޝް އުއްމީދު ކޮށްގެން ހުރީ އޭނަ ސޫޓް ލާންވާއިރަށް ހިލްޔާ ހެދުން އަޅުވާފައިވާ ކޮޓަރިއަށް އަންނާނެ ކަމަށެވެ.
އެހެނަސް އެދުވަހު ފުރަތަމަ ފަހަރަށް އެވަގުތުކޮޅުގައި ދާނިޝް އެކަނިވެފައިވިއެވެ. އެކަމާއިމެދު ދާނިޝް ޤަބޫލު ކުރަން ވެސް ދަތިވިއެވެ. އޭނައަށް ކަމުދާކަން އެނގޭ އާދައެއް ނަމަ ހިލްޔާ ކޮންމެހެން ވެސް އެކަމެއް ކޮށްދޭ ހިތުން ކޮށްދޭނެ ކަން ދާނިޝްއަށް އެނގެއެވެ. ހިލްޔާ ނުބުނި ކަމުގައި ވިޔަސް ހިލްޔާގެ ޢަމަލުތަކުން އެކަން އެނގެއެވެ. ހިލްޔާ އެދުވަހު އޭނަ ގާތަށް ނައީ އެރޭ ހިލްޔާގެ ރޭގަނޑު ޑިއުޓީ އޮތުމާއިއެކު ހެނދުނު ނިދާލުމުން ކަމަށް ދާނިޝްއަށް ހީކުރެވުނެވެ. އެހެނަސް އޮފީހަށް ދާން ތައްޔާރުވެގެން ކޮޓަރިއަށް ދިޔައިރު ހިލްޔާ އެނދުމަތީގައި ފޮތެއް ކިޔަން އިނެވެ. އެ މަންޒަރު ފެނިފައި ދާނިޝް ހުއްޓުން އަރާ ގޮތްވިއެވެ. ހިލްޔާ އޭނަގެ މާޒީގައި ވެފައި އޮތް ކަމަކުން އޭނައަށް އެހާ ވެސް ބޮޑަށް ނުރުހުންވީތޯ ހިތަށްއެރިއެވެ.
ދާނިޝް ދެންވެސް ބެލީ ހެޔޮކޮށް ވިސްނޭތޯއެވެ. އެހެންކަމުން އެވަގުތު ހިލްޔާއާއި ހިނިތުންވެލަމުން ދަނީއޭ ބުންޏެވެ. ހިލްޔާ އިންގޮތަށް އިނދެ ގަދަކަމުން ހިނިތުންވެލަމުން ބޯޖަހާލިއެވެ. އެހިނދު ދާނިޝް ގެ ހިނިތުންވުން ފަނޑުވެ ހިތް ދެރަވާ ގޮތްވިއެވެ. އޭނަ އެހާ ދިގު ދަތުރެއްގައި ދާން އުޅޭއިރު ވެސް ހިލްޔާ އޭނައާއި އެހާ ދުރުގައި އިނީތީވެއެވެ. މީގެ ކުރިން އެއްވެސް ދުވަހެއްގައި ހިލްޔާގެ ގައިގައި ބައްދާލާފައި ނޫނީ ބޮސްދިނުމަށްފަހު މެނުވީ ދާނިޝް ހިލްޔާއާއި ވަތްކެއް ނުވެއެވެ. ހިލްޔާއަށް ވެސް އެކަން ރަނގަޅަށް އެނގޭނެއެވެ. އެހެނަސް އެދުވަހު ހިލްޔާ އަމިއްލައަށް ދުރުގައި ހުރުމުން ދާނިޝް ވެސް ވަކި ގާތް ނުވެ ނިކުންނަން ދިޔައީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ.
ދާނިޝްއަށް ނުފެނުނީ ހިލްޔާގެ ސިކުނޑީގައިވި ހައިޖާނުގެ ބޮޑު ކަމެވެ. ދާނިޝް ސޫޓް ލައްވައި ދިނުމަށް ހެދުން އަޅުވާ ކޮޓަރިއަށް ދާން ހިލްޔާ އެތައް ފަހަރު މަތިން ވިސްނިއެވެ. އެހެނަސް އެދުވަހު ބޮލަށް ސަވާރުވެފައިވީ ޒިވް ބުނި އެންމެ ވިހަގަދަ ބަސްތަކެވެ. ދާނިޝް އޮފީހުގައި ވެސް އެހާ ގިނައިރު ވަނީ އެހެން އަންހެން ކުދިންނާއި އެކީ އުޅެން ކަމަށް ބުނި ބުނުމެވެ. މުއްސަނދި ފިރިހެނުންގެ ގޮތަކީ އެއީ ކަމަށް ބުނި ބުނުމެވެ. ހިލްޔާ ވެސް ދާނިޝްއާއި މެދު ހެޔޮކޮށް ވިސްނޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ދެން ހަނދާންވަމުން ދިޔައީ ޒިވް ދާނިޝް އާއި ބެހޭގޮތުން ދެއްކި ވާހަކައެއްގެ ބޮޑުބައި ޙަޤީޤަތާއި އެއްގޮތް ވެގެން ދިޔަ ގޮތެވެ. ހެޔޮކޮށް ވިސްނަން ދަތިވީ އެހެންވެއެވެ.
މި ވިސްނުންތަކުގެ ސަބަބުން ހިތުގެ ހަމަޖެހުން ގެއްލުމުން ހިލްޔާއަށް ނަމާދުތަކަށް ވެސް ދެވެމުން ދިޔަ ސަމާލުކަން ކުޑަވިއެވެ. ނަމާދު ތެރެއިން ވެސް ﷲ މަތިން ހަނދުމަ ކުރުމުގެ ބަދަލުގައި ވިސްނެމުން ދިޔައީ މި ކަންތައްތަކާއި މެދުގައެވެ. އެހެންކަމުން އެދުވަހު ހިލްޔާ ދުޢާއެއް ކުރަން ފެށިއެވެ.
“اللَّهُمَّ أَرِنَا الحَقَّ حَقًّا، وَارْزُقْنَا اتِّبَاعَهُ، وَأَرِنَا البَاطِلَ بَاطِلًا، وَارْزُقْنَا اجْتِنَابَهُ”
(ޔާ ﷲ! އަޅަމެންނަށް ޙައްޤަކީ ޙައްޤުކަމުގައި ދައްކަވައި، އެއަށް ތަބާވުމުގެ ތައުފީޤު ދެއްވާފާނދޭވެ! އަދި ބާޠިލަކީ ބާޠިލުކަމުގައި އަޅަމެންނަށް ދައްކަވައި، އެއިން ދުރުހެލިވުމުގެ ހެޔޮނަސީބު ދެއްވާފާނދޭވެ!)
ހިލްޔާ ކޮންމެ ބަންގިއަކާއި ގަމަތެއްގެ ދެމެދުގައި އެ ދުޢާ ކުރަން ފެށިއެވެ. ކަމަކާއިމެދު މާ ބޮޑަށް ޝައްކު އުފެދޭނަމަ ހިލްޔާ އެންމެ ގިނައިން ކޮށް އުޅޭ ދުޢާއަކީ އެއީއެވެ. އެ ދުޢާގެ އިޖާބައެއްގެ ގޮތުން ކަންނޭނގެއެވެ. އެ ދުވަހު ހަވީރު ދާނިޝްއަށް ގެއަށް އާދެވުނީ ހިލްޔާ ޑިއުޓީއަށް ދާން ނިކުންނަން އޮތް ވަގުތެވެ. ދާނިޝް އެކަމާއިމެދު އުފާވެރި ހިނިތުންވުމެއް އޭނައަށް ދިނުމުން ހިލްޔާއަށް ވެސް ހިނިތުންވެލެވެވުނެވެ. ހިލްޔާ ގޮވައިގެން ހޮސްޕިޓަލަށް ދާނީ ދާނިޝް އަމިއްލައަށް ކަމަށް ބުނުމުން ހިލްޔާ އުފާވިއެވެ. އަދި ހޮސްޕިޓަލަށް ދާ މަގުމަތީގައި ދެމީހުން އެކީގައި ރެސްޓޯރެންޓަކަށް ދާނީ ދޯއޭ ބުނުމުން ހިލްޔާއަށް ދާނިޝް އާއިމެދު ހެޔޮކޮށް ވިސްނަން ފަސޭހަވިއެވެ.
ދާނިޝް ހިލްޔާ ގޮވައިގެން ދިޔައީ ހިލްޔާ މަސައްކަތް ކުރާ ހޮސްޕިޓަލާއި ކައިރީގައި ހުންނަ ރެސްޓޯރެންޓަކަށެވެ. ކެއުމުގެ ތެރެއިން ހިލްޔާ އޭނައާއި ހިނިތުންވަމުން ދިޔައެއްކަމަކު އެ ހިނިތުންވުން ލޮލާއި ހަމައަށް ނުފޯރާކަން ދާނިޝްއަށް ފާހަގަވިއެވެ. އެކަމާއިމެދު ހިތް ދެރަވަމުން ދިޔައެވެ. އެ އިޙްސާސަށް ކެތް ނުކުރެވުމުން ކެއުމުގެ ތެރެއިން ދާނިޝްއަށް ވާހަކަ ދެކެވުނެވެ.
“ހިލޫ….އަދިވެސް ދެރަވެފަތަ ތިހިރީ؟” ދާނިޝް މޭޒުމަތީގައި އޮތް ހިލްޔާގެ އަތްމަތީގައި އޭނަގެ އަތް ބާއްވަމުން އެހިއެވެ. ‘އިއްޔެ ވީ ކަންތަކާ ހެދި’ އޭ އިތުރު ކުރަން އުޅެފައި ވެސް ދާނިޝް ޚިޔާލު ބަދަލު ކުރިއެވެ. އެ ވާހަކަ ދުލާއި ހަމައަށް ގެންނަން ވެސް ދާނިޝް ބޭނުމެއް ނުވިއެވެ. އެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އަންނަ ރުޅިއެއްގެ ސަބަބުންނެވެ. ހިލްޔާ ދެރަވެފައި ހުންނަ މަންޒަރު ފެންނަ ކޮންމެ ފަހަރަކު ޒިވްއަށްޓަކައި ހިތުގައި އޮތް ރުޅިވެރިކަން އިތުރުވަމުން ދިޔައެވެ.
ހިލްޔާއަށް އެއްފަހަރު ދާނިޝްގެ އެ އަތަށް އަނެއްފަހަރު ދާނިޝް ގެ މޫނަށް ބަލާލެވުނެވެ. އެ ލޮލުން ހިލްޔާއަށް އަޅާލުމުގެ އަސަރެއް ފެނުނެވެ. އެވަގުތު މުޅިންހެން ހިތް މަޑުވާން އުޅުނު ހިނދު އަނެއްކާވެސް ޒިވް ގެ ބަސްތައް ވަސްވާސްތަކެއް ފަދައިން އިވެން ފެށިއެވެ. ދާނިޝްއަކީ ވެސް މުއްސަނދި ފިރިހެނެއް ކަމާއި، މުއްސަނދި ފިރިހެނުންގެ ގޮތަކީ އެއްގޮތެއް ކަމަށް ބުނި ބުނުމެވެ. ހަމަ އެ ހިނދު ރާފިލް އޭނައާއި މެދު ކަންތައް ކުރި ގޮތް ހަނދާންވެ، އޭނަ އަނެއްކާވެސް މި ބެދުނީ އެއްކަހަލަ މަޅިއެއްގައި ބާވައޭ ހިތަށްއެރިއެވެ. ރާފިލް ވެސް އޭނަ ދެކެ ލޯބިވެ އަޅާލާ ކަމުގެ އަސަރުތައް މޫނުން ދެއްކިއެވެ. އެހެނަސް އެ ވެގެން ދިޔައީ އަވާމެންދުރަކަށެވެ. ވަކި ހިސާބަކުން ދާނިޝް ވެސް އޭނަ ލައްވާ ގަދަކަމުން ކަންތައް ކުރުވައި އޭނައަށް އަނިޔާވެރިވާނެތޯ ހިތަށް އަރަން ފެށިއެވެ.
ހިތާއި ސިކުނޑިއަށް ވެރިވި ހާސްކަމުން ރަނގަޅަށް ވިސްނަން ހިލްޔާ އެވަގުތު ނުކުޅެދުނެވެ. އޭނަ ދާނިޝް ދެކެ ލޯބިވީ ﷲ އަށްޓަކައި ކަމާއި، ކައިވެނި ކުރީ ރަނގަޅު ނިޔަތެއްގައި ކަމާއި، މިހާތަނަށް އައިއިރު ދާނިޝްއަކީ ރާފިލްއާއި ހާސްބައި ތަފާތު ފިރިހެނެއްކަން ޚުދު އޭނައަށް ތަޖުރިބާ ކުރެވިފައިވި ގޮތް ހަނދާން ނެތިފައިވިއެވެ. އަދި އަމުދުން ކޮންމެ މީހަކު އޭނައާއި މެދު ގޯސްކޮށް ކަންތައް ކުރިޔަސް ﷲ އޭނަ ރައްކާތެރި ކުރައްވާނެކަން ވެސް ހަނދާން ނެތިފައިވިއެވެ.
ހިލްޔާއަށް ހަމަހޭވެރިކަމެއްވީ ދާނިޝް އަނެއްކާވެސް އޭނައަށް ‘ހިލޫ’ އޭ ކިޔައި ގޮވާލުމުންނެވެ.
“ހިލޫ ޕްލީޒް….ހިލޫގެ ހިތަށް އުދަގޫވާ ވާހަކައެއް އޮތިއްޔާ އަހަރެން ގާތު ބުނެބަލަ…” ދާނިޝް ހިލްޔާގެ އަތަށް މަޑުމަޑުން ފިތާލަމުން އާދޭހާއެކު އެދުނެވެ. އެއާއިއެކު ހިލްޔާއަށް ވާހަކަ ދެކެވުނެވެ.
“އެވްރީތިންގް އިޒް ފައިން! އެކަހަލަ ކަމެއް ނެތް…އޮތަސް އައި ވިލް ގެޓް އޯވާރ އިޓް. ޓްރަސްޓް މީ!” ހިލްޔާ އަވަސްއަވަހަށް ގަދަކަމުން ހިނިތުންވެލަމުން ބުންޏެވެ. އޭނަ ބުނަންޏާ ބުނާނީ ކީކޭ ހެއްޔެވެ؟ ދާނިޝް އެހެން އަންހެން ކުދިންނާއި އެއްކޮށް އުޅޭކަމަށް އޭނަ ޝައްކު ކުރާ ވާހަކަ ހެއްޔެވެ؟ އެހެން ބުނުމުން ދާނިޝް ނުރުހުންވެ، ދެމެދުގައިވާ ގުޅުން އިތުރަށް ގޯސް ނުވާނެ ހެއްޔެވެ؟
ހިލްޔާ ހިތުން އެ ވަގުތު ވެސް ހިތުގައިވި ވާހަކަތައް ފޮރުވީ ގުޅުމުގެ މަޞްލަޙަތަށްޓަކައެވެ. ދެންމެ އޭނަ ބުނިހެން ޙަޤީޤަތުގައި ވެސް ދުވަސްކޮޅަކުން އެ ނޭދެވޭ ޚިޔާލުތަކުން ދުރުވެވިދާނެ ކަމަށް ހިލްޔާއަށް ހީކުރެވުނެވެ.
އެވަގުތު ދާނިޝް ހިނިތުންވެލަން ޖެހުނީ ގަދަކަމުންނެވެ. ހިލްޔާ އެ ބުނިހެން ދެމެދުގައި ވާހަކަ ދެއްކުމެއްނެތި ހުރިހާ ކަމެއް ރަނގަޅުވެދާނެ ކަމާއިމެދު ހިތުގައި ޝައްކު އުފެދިފައިވިއެވެ. އެހެނަސް ހިލްޔާ އެ އެދުނުހެން ހިލްޔާއަށް އިތުބާރު ކުރަން ދާނިޝް ނިންމިއެވެ. ހިލްޔާއަކީ އޭނައަށް ޢާއްމުކޮށް ފެނިފައިވާ އަންހެން ކުދިންނަށް ވުރެ ވިސްނުން ތޫނު ވެފައި ޖަޒުބާތީ ގޮތުން ހަރުދަނާ އަންހެން ކުއްޖެކެވެ. ވީއިރު ހިލްޔާ މާ ގިނަ ދުވަސް ވަންދެން ގޯސް ޚިޔާލުތައް ނުގެންގުޅޭނެ ކަމަށް ނިންމުނެވެ.
ދެމަފިރިންނަށް ވެސް ނުވިސްނުނީ ކައިވެނީގެ މައްސަލައެއް ޙައްލު ކުރުމުގައި ވާހަކަ ދެއްކުމުގެ މުހިއްމުކަމެވެ. ހީކުރެވޭ ހީކުރުންތައް މާ ގިނަ ދުވަސް ވަންދެން އަމިއްލަ ހިތާއި ސިކުނޑީގައި ގެންގުޅެފިނަމަ އެ އިތުރު އިމްތިޙާނަކަށް ވެގެންދެއެވެ. ޝައިޠާނާއަށް އެ ހީކުރުންތައް އިތުރަށް ޒީނަތްތެރިކޮށް ދެމަފިރިން ދުރުކުރުމަށް ފުރުސަތު ފަހިވެގެންދެއެވެ.
އެހެންކަމުން ހިލްޔާގެ އެ ގޯސް ޚިޔާލުތައް ދިޔައީ ކުރިއަށެވެ. އެދުވަހުގެ ކެއުމުގެ ތެރެއިން ދާނިޝް ދެރަވެފައިވިކަން އެނގި އޭގެ އަނެއްދުވަހު ހިލްޔާ ގަދަކަމުން ވެސް ދާނިޝް އާއިމެދު ލޯބިން ކަންތައް ކޮށްދެވޭތޯ ބެލިޔަސްމެއެވެ. ހިލްޔާ އެދުވަހު ހެނދުނު ނާސްތާގެ ތެރެއިން ވަރުބަލި ވިޔަސް ދާނިޝް ކިހިނެއްތޯ އެހިއެވެ. އަދި އެދުވަހު ދާނިޝް އޮފީހަށް ދާން ތައްޔާރުވަމުން ދިޔައިރު ސޫޓް ލައްވައިދޭން ދިޔައެވެ. އަދި އެދުވަހު ހަވީރު ދާނިޝް ގެއަށް އަންނަންވާއިރަށް ރީތިވެލައިގެން ހުއްޓެވެ. ޑިއުޓީއަށް ދާންޖެހެނީ 7 ޖަހާއިރު ކަމަށްވެފައި ދާނިޝް އެދުވަހު ތަންކޮޅެއް އަވަހަށް ގެއަށް އަންނާނެތީވެއެވެ. އަދި ހެނދުނު ގެ ވަގުތު ދާނިޝް އޮފީހަށް ދިޔުމުގެ ކުރިން ވެސް ދާނިޝްއާއިއެކީ ހޭދަކުރަން ހުސްކުރިއެވެ. އެ ހުރިހާ ވަގުތެއްގައި ވެސް ހިލްޔާގެ ސިކުނޑީގައި އެނބުރެމުން ދަނީ ޒިވް ދެއްކި ވާހަކަތަކެވެ. ދާނިޝްއަކީ އޭނައަށް ބޭވަފާތެރިވެދާނެ ބައިވެރިއަކަށް ވެދާނެ ކަމުގެ ބިރު އެހާ ހިސާބަށް ދިޔައިރު ހިތުގައި އުފެދިފައިވިއެވެ. އެހެނަސް ހިލްޔާ ދާނިޝްއަށް ވަޢުދުވީ ފަދައިން ހިތުގައި ކަމެއް އޮތަސް އެއީ ނުވާކަމަކަށް ހަދަން މަސައްކަތް ކުރަމުން ދިޔައެވެ.
ހިލްޔާ ދާނިޝްއާއިމެދު ކުރިން ވެސް ކަންތައް ކުރަމުން ދިޔަހެން ކުރަން މަސައްކަތް ކުރަމުން ދިޔަކަން ދާނިޝްއަށް ފާހަގަކުރެވުނެވެ. އެކަމާއިމެދު ދާނިޝް ފުރަތަމަ ދުވަހު އުފާ ކުރިޔަސް އެ އުފާވެރިކަން ދިގުދެމިގެނެއް ނުދެއެވެ. ހިލްޔާ އޭނައަށްޓަކައި އެ ހުރިހާ ކަމެއް ކޮށްދެމުން ދިޔައީ ގަދަކަމުން ކަން ދާނިޝްއަށް ރަނގަޅަށް އެނގުނީތީވެއެވެ. ކުރީކޮޅު ދާނިޝް އެކަން ފާހަގަ ނުވާކަމަށް ހަދަން އުޅުނެވެ. ހިލްޔާ ބުނިހެން ހިލްޔާގެ ޖަޒުބާތުތައް ހަމައަކަށް އަޅުވަން ވަގުތު ދިނުމަށެވެ. އެހެނަސް ދާނިޝްއަށް ފާހަގަ ނުވާ ވަރަށް ވުރެ ބޮޑަށް އޭނައަށް ހިލްޔާ އެނގެއެވެ. އެހެންކަމުން ދާނިޝްއަށް ފާހަގަވިއެވެ. ހިތަށް ތަދުވާ ވަރަށް ފާހަގަވިއެވެ. ހިލްޔާގެ ހިނިތުންވުން އެ ލޮލާއި ހަމައަށް ނުފޯރާ ގޮތެވެ. އޭނަ ފެންނަ ހިނދު އެ ލޮލަށް ވެރިވާ އުފާވެރިކަމުގެ ވިދުވަރު ގެއްލިފައިވާ ގޮތެވެ. ހިލްޔާ އޭނައާއި ސަމާސާ ނުކުރާ ގޮތެވެ. އޭނަ ސަމާސާއެއް ކުރިޔަސް ހިލްޔާއަށް ހީނުލެވޭ ގޮތެވެ. އަދިވެސް ‘ދާނިޝް’ ގެ ނަމުން ހިލްޔާ އޭނައާއި މުޚާތަބު ކުރާ ގޮތެވެ. ހިލްޔާ އޭނަދެކެ ލޯބިވާ ވާހަކަ އެންމެ ފަހުން ބުނި ދުވަސް އޭނަ ހަނދާން ނެތިފައިވާ ގޮތެވެ.
އެހެންކަމުން ދާނިޝް އަނެއްކާވެސް ހިލްޔާއާއި އެކީ ޚާއްސަ ގޮތަކަށް ބައްދަލުކޮށް ލޯބިން ވާހަކަ ދައްކަން ނިންމިއެވެ. ދެމީހުން ދުރުވަނީ ހިލްޔާ ރޭގަނޑުގެ ޑިއުޓީ އޮންނާތީ ދެމީހުންނަށް އެކީގައި އެހާ ގިނަ ވަގުތު ހޭދަ ނުކުރެވޭތީ ކަމަށް ދާނިޝްއަށް ޤަބޫލު ކުރެވެން ފެށިއެވެ. ހިލްޔާގެ ރޭގަނޑު ޑިއުޓީ ނިމެންދެން ވެސް ދާނިޝް އިންތިޒާރު ކުރަން ބޭނުމެއް ނުވިއެވެ. އެހެންކަމުން ހިލްޔާ ރޭގަނޑު ޑިއުޓީ އޮތް ހަފްތާގެ ފަހު ދުވަހު އޮފީހުގައި އިނދެ ދާނިޝް ހިލްޔާއަށް ގުޅިއެވެ.
“އައްސަލާމްޢަލައިކުމް ލޯބި!” ދާނިޝް ނެތް ހިތްވަރަކާއިއެކީ އަޑަށް ޖޯޝެއް ގެނުވަމުން ބުންޏެވެ.
“ވަޢަލައިކުމުއްސަލާމް.” އަސަރެއް ނެތް ގޮތަކަށް ހިލްޔާ ބުނި އަޑަށް ދާނިޝް ގަދަކަމުން ވެރި ކުރުވި ހިނިތުންވުން ފޭދުނެވެ.
“ހިލޫ އައި ހޭވް އަ ޕްލޭން. ހިތަށް އަރަނީ އައި ވިލް ޑޫ އޯވާރނައިޓް އޭ އޮފީހުގަ މިރޭ. އޭރުން މާދަމާގެ ބައެއް މަސައްކަތްތައް ވެސް އަހަންނަށް ނިންމޭނެ. އޭރުން ހިލޫ ޑިއުޓީ ނިމުނީމަ އަހަންނަށް ހިލޫ ޕިކްކޮށްގެން ގެއަށް ދެވޭނެ. އެންޑް ވީ ވިލް ހޭވް އޯލް ޑޭ ޓުމޯރޯ، އިން ޝާ ﷲ. ކީކޭ ބުނަނީ؟” ދާނިޝް އަނެއްކާވެސް ހިނިތުންވެލަމުން އޭނަގެ ރޭވުން ކިޔައިދިނެވެ. ހިލްޔާއާއިއެކީ ގިނަ ވަގުތު ހޭދަ ކުރުމުގެ ޚިޔާލުން ވެސް އޭނައަށް އުފަލެއް ލިބެއެވެ.
“އޯކޭ އައި ގެސް.” ހިލްޔާގެ ފަރާތުން ލިބުނު ފިނި ޖަވާބުން ދެރަވާ ގޮތްވިއެވެ. ހިސާބަކަށް ނުރުހުންވެސް ވިއެވެ. ދެމީހުންގެ ގުޅުމަށްޓަކައި އޭނަ އެހާ ބޮޑު ޤުރުބާނީއެއް ވާން އުޅޭއިރު ވެސް ހިލްޔާއަށް އެކަން ނުފެންނަނީ ހެއްޔެވެ؟ ރުޅި އިސްކުރަން އެވަގުތު ބޭނުން ވިޔަސް ދާނިޝް އެ ޚިޔާލު ބަދަލުކުރިއެވެ. އެއީ ﷲ އެންމެ ރުހިވޮޑިގެންވާ ގޮތެއް ނޫންކަން ހަނދާން ކުރަމުންނެވެ.
“އޯކޭ ސޯ ލެޓްސް ޑޫ ދެޓް ދޯ؟ ބޭއްވީ…” ދާނިޝް ވާހަކަ ކުރުކޮށްލަމުން ބުންޏެވެ.
“ޔާ…ދާނިޝް…ހުރީ ކައިގެންތަ؟” ހިލްޔާ އެހި އަޑު އިވުނެވެ. އެހިނދު ދާނިޝްގެ ހިތަށް ފޫހިކަމެއް ވެރިވިއެވެ. އެއީ ކޮންމެ ދުވަހަކު އޭނަ މެންދުރު ގުޅުމުން އެއް ރާގަކަށް ހިލްޔާ ކުރާ ސުވާލެކެވެ. ކުރަންޖެހޭތީ ކުރާ ފަދައަކުން ކުރާ ސުވާލެކެވެ. އަދި އަމުދުން ހިލްޔާ އޭނައަށް އެ ނަމުން ގޮވާތީ އިތުރަށް ފޫހިވިއެވެ.
“ދާނިޝް ހުންނާނީ ކައިގެންތާ ދޯ؟ މިހާއިރު ވާއިރު…” އިޚްތިޔާރަކާއި ނުލާ ދާނިޝްއަށް އެ ނުރުހުންތެރިކަން ފާޅު ކުރެވުނެވެ. ހިލްޔާ އޭނައަށް އެ ގޮވާ ނަން އޭނައަށް ކަމުނުދާކަން ހިލްޔާއަށް ފާހަގަވާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް ހިލްޔާ ‘އޯކޭ’ އޭ ބުނުމުން އެ ކޯލު ނިމުމަކަށް އައެވެ. އެކަމާއިމެދު ދާނިޝް އަދި މާ ބޮޑަށް ނުރުހުންވިއެވެ. އަނެއްކާ ގުޅައި އެ ނުރުހުންތެރިކަން ރަނގަޅަށް ދައްކާލަން ބޭނުންވިއެވެ. އެހެނަސް ދާނިޝް އެ ޚިޔާލު ބަދަލު ކުރީ ހަމައެކަނި ﷲ އަށްޓަކައެވެ. މި ކައިވެންޏަކީ ﷲ އޭނައަށް ދެއްވި ނިޢުމަތެއްކަން ހަނދާންކޮށް އެ ނިޢުމަތަށް އަމާނާތްތެރިވުމަށެވެ.
ދާނިޝްއަށް ނޭނގުނު ކަމަކީ ހިލްޔާ ކިތަންމެ އަސަރެއް ނެތް ގޮތަކަށް ވާހަކަ ދެއްކިޔަސް ދާނިޝް އެ ދެއްކި ވާހަކަތަކުން ހިލްޔާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވި ކަމެވެ. ދާނިޝް އެހެން ބުނުމުގެ ކުރިން ޚުދު ހިލްޔާ ވެސް ހުރީ ދާނިޝްއާއި އެގޮތަށް ވަކިން ބައްދަލުވުމުގެ ރޭވުމެއް ރާވާށެވެ. އެކަމަށް އިސްތިޚާރާ ނަމާދު ވެސް ކޮށްފައެވެ. އޭނައަށް ވުރެ ކުރިން ދާނިޝް އެ ރޭވުން ރޭވުމުން ހިލްޔާއަށް އުފަލެއް ލިބުނެވެ. ކޯލު ނިމެން ދިޔައިރު ދާނިޝް އޭނައަށް ނުރުހުންވި ކަން ވެސް ހިލްޔާއަށް އެނގުނެވެ. މިރޭ ޑިއުޓީ ނިންމުމަށްފަހު ދާނިޝްއާއި ބައްދަލުވުމުން އޭނައަށް އެ ނަމުން ގޮވޭ ސަބަބާއިއެކީ އެހެން ވާހަކަތައް ވެސް ކިޔައިދޭން ހިލްޔާ ނިންމިއެވެ. ކޮންމެ ގޮތެއް ވިޔަސް މި މައްސަލަ ޙައްލު ކުރަން ބޭނުންވިއެވެ. މި މައްސަލައިގެ ސަބަބުން ހިލްޔާގެ އީމާންތެރިކަމަށް ވެސް އަސަރުކޮށްފައިވާކަން ހިލްޔާއަށް ފާހަގަވިއެވެ. ފާއިތުވި ދެ ދުވަހުގައި އޭނަ ޑިއުޓީގައި އުޅެމުން ފަތިސް ނަމާދު ކޮށްލެވުނީ ކިރިޔާއެވެ. އެއީ އިއްތިފާޤެއް ނޫންކަން ހިލްޔާއަށް މާޒީގެ ތަޖުރިބާއިން އެނގެއެވެ. ކޮންމެ ސަބަބަކާ ހުރެ ވެސް އޭނައަށް ދަމުނަމާދު ޢާއްމުގޮތެއްގައި ގެއްލޭނީ ﷲ ރުހިވޮޑިގެންނުވާ ފަދަ ޢަމަލެއް އޭނައަށް ކުރެވޭ ނަމައެވެ. އޭނައަށް މިވަގުތު ކުރެވޭ އެފަދަ ޢަމަލަކީ ދާނިޝްއާއިމެދު ގޯސްކޮށް ހީކުރުން ކަމަށް ނިންމުމެވެ. އެހެނީ ބައެއް ހީކުރުންތަކަކީ ވެސް ފާފައެކެވެ. އެރޭ ދާނިޝްއާއި ބައްދަލުވެ، ވާހަކަ ދެއްކުމުން އެ ހުރިހާ ކަމަކުން އަރައިގަނެވިދާނެ ކަމަށް ހިލްޔާއަށް ހީކުރެވުނެވެ.
މީހެއްގެ އީމާންތެރިކަން ވަރުގަދަވާ މިންވަރަކަށް އެމީހަކަށް ކުރިމަތިވާ އިމްތިޙާން ވެސް ބޮޑުވެގެން ދެއެވެ. އެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުވުމަށެވެ. އެރޭ ހިލްޔާއާއި ދާނިޝް ދެމެދުގައި ޞުލްޙަ ކުރަން ބޭނުންވީ ހަމައެކަނި ﷲ އަށްޓަކައެވެ. އެހެނަސް އެރޭ ކަންތައް ވެގެން ދިޔައީ ދެމީހުން ވެސް ހީކޮށްގެން ތިބި ގޮތަކަށް ނޫނެވެ.
ހިލްޔާގެ ޑިއުޓީ ނިމުނީ އޭގެ އަނެއްދުވަހު ހެނދުނު 7 ޖެހި ވަގުތެވެ. ޑިއުޓީ ނިންމުމަށްފަހު ހޮސްޕިޓަލްގެ ލޮބީއަށް ދަމުން ހިލްޔާ ދާނިޝްއަށް ގުޅަން ފެށީ ލުއި ހިނިތުންވުމަކާއި އެކީގައެވެ. މިއަދަކީ އެ ދެމީހުންނަށް ފެށިގެންދާނެ އާ ބާބެއްކަމަށް ހިތާހިތުން ކިޔަމުން ހިލްޔާ ފޯނު ކަންފަތުގައި ޖެއްސިއެވެ. ހިލްޔާ ހީކުރީ ދެ ތިން ރިންގަކަށްފަހު އެކޮޅުން ފޯނު ނަގާނެކަމަށެވެ. އެހެނަސް ފޯނުގެ ރިންގުތައް ކުރިއަށް ދާން ފެށުމުން ހިލްޔާގެ ދެބުމަ ކައިރިވިއެވެ. ރިންގުވަމުން ގޮސް ކެނޑިގެން ދިޔުމުން ދާނިޝް މީޓިންގްއެއްގައި ހުރީތޯ ހިތަށްއެރިއެވެ. އެހެނަސް މިއީ ދާނިޝްއަށް ރަސްމީ ގަޑިއަށް ނުވެފައި މީޓިންގްއެއް ނޯންނާނެކަން ޔަޤީން ކުރެވުނެވެ. އެހެންކަމުން ދެވަނަ ފަހަރަށް ވެސް ގުޅެން ފެށިއެވެ.
**
ދާނިޝްގެ ކެބިންގެ މޭޒުމަތީގައި އޮތް ފޯނު ވައިބްރޭޓްވަމުން ދިޔައިރު، ދާނިޝް އޮތީ މޭޒުމަތީގައި ބޯއަޅައިގެން ނިދިފައެވެ. މުޅި ރޭ މަސައްކަތުގައި ހޭލާ ހުރުމުން ދާނިޝްއަށް އޮވެވުނީ ފޯނުގެ ހިލަމެއް ވެސް ވާ ވަރަށްވުރެ ގަދަ ނިންޖެއްގައެވެ.
**
ދާނިޝްއަށް ތަކުރާރުކޮށް ގުޅަމުން ދިޔަ ހިލްޔާގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ދާނިޝް ފޯނު ނުނެގުމުން ފުރަތަމަ ވީ ކަންބޮޑެވެ. ދާނިޝްއަށް ކަމެއް ދިމާވީތޯ ހިތަށްއެރިއެވެ. އެހެނަސް މާ ގިނައިރެއް ނުވެ އެއްކަލަ ޝައްކުތައް ހިތަށް ވެރިވާން ފެށިއެވެ. ދާނިޝް ރޭ ގެއިން ބޭރުގައި ވަގުތު ހޭދަ ކުރާނެ ގޮތުގެ ގޯސް ހީކުރުންތައް ހީކުރެވެން ފެށިއެވެ. އެ ހީކުރުންތަކުގެ ގޯސްކަން އެނގުންވެ ހިލްޔާ ބޯހޫރުވަމުން އެ ޚިޔާލުތައް ނުކުރެވޭތޯ މަސައްކަތް ކުރިއެވެ. މިގޮތުން ގިނަގިނައިން އިސްތިޣްފާރު ކުރަމުން އެ ޚިޔާލުތަކުން އޭނަ ދުރު ކޮށްދެވުމަށް އެދި ދުޢާ ކުރެވުނެވެ.
އެހެނަސް ހިލްޔާއަށް އެ ޚިޔާލުތަކާއި ދުރުވެވުނީ ވަކި ވަރަކަށެވެ. ގެއަށް ދިޔުމަށްޓަކައި ޓެކްސީއެއް ހޯދައި ދާނިޝްއަށް ވީ ގޮތެއް ބަލަން ދާނިޝްގެ އޮފީހަށް ދާނީއޭ ވެސް ހިތަށްއެރިއެވެ. މިއީ މީގެ ދުވަސްކޮޅެއް ކުރިން ހިނގި ކަމެއް ނަމަ އޭނަ ކޮންމެހެން ހަދާ ވެސް އޮފީހަށް ގޮސް ދާނިޝްގެ ޚަބަރެއް ބެލީހެވެ. އެހެނަސް މިއަދު އެކަން އެގޮތަށް ނުކުރުމަށް އެތައް ބަހަނާއެއް އަމިއްލަ ނަފްސަށް ދެއްކިއްޖެއެވެ. ސިކުނޑީގައިވި ވިހަގަދަ ޝައްކުތަކުގެ ސަބަބުންނެވެ.
**
ދާނިޝްއަށް ލަސްލަހުން ހޭލެވި، ލޯ ހުޅުވާލި ވަގުތު ކެބިންގެ ތެރެއަށް ދުވާލުގެ އަލި ވަދެފައިވުމުން ދާނިޝްއަށް ކުއްލިއަކަށް ސީދާވެލެވުނެވެ. ކުރިމަތީގައި ހުރި ފާރުން ފެނުނު ގަޑިން ހެނދުނު 8:40 ވަމުން ދިޔަ މަންޒަރު ފެނިފައި ހިލްޔާ މަތިން ހަނދާން ފޯނު ނަގައި ގޮނޑިން ވެސް ތެދުވެލެވުނެވެ. އެދުވަހު ފަތިސް ނަމާދަށް ވެސް އޭނައަށް ހޭނުލެވުނުކަން ހަނދާންވެ މޫޑު ޚަރާބުވެފައި ހުރެ ފޯނު ހުޅުވާލެވުނެވެ. ފޯނުން ހިލްޔާގެ 10 މިސް ކޯލު ފެނިފައި ދެވަނަ ޚިޔާލެއް ނެތި ދާނިޝް ހިލްޔާއަށް ގުޅަން ފެށިއެވެ. އެހެނަސް އެކޮޅުން ހިލްޔާ ފޯނެއް ނުނަގައެވެ. 3 ފަހަރު ގުޅުމުން ވެސް ހިލްޔާ ފޯނު ނުނެގުމުން ދާނިޝް މެސެޖެއް ލިޔުނެވެ.
“ހިލޫ އައިމް ސޯ ސޯ ސޮރީ. އަހަންނަށް ނިދުނީ. ހޮސްޕިޓަލްގަތަ އަދިވެސް؟ މިއަންނަނީ ނަމާދު ކޮށްލައިގެން އިން ޝާ ﷲ.” ދާނިޝް މެސެޖް ލިޔެ ފޮނުވާލަމުން ފޯނު ބޭއްވުމަށްފަހު ނަމާދަށް ދާން އަވަސްވިއެވެ. ދެންމެ ހިލްޔާ ފޯނު ނުނެގީ ކޮންމެވެސް ކަމެއްގައި އުޅޭތީ ކަމަށް ނިންމުނެވެ.
**
މިފަހަރު ދާނިޝްއަށް ހީވީ ރަނގަޅަށެވެ. ދާނިޝް ގުޅިއިރު ހިލްޔާ ހުރީ ފެންވަރާށެވެ. ފެންވަރައި ނިމި ތާޒާވެލައިގެން ގޭގައި ލައި އުޅޭ ކަހަލަ ޓީޝާޓަކާއި ހަރުވާޅެއް ލައިގެން ކޮޓަރިއަށް ގޮސް ހިލްޔާ ފޯނު ބެލިއެވެ. ދާނިޝް ގެ 3 މިސް ކޯލާއި މެސެޖު ފެނިފައި އަނެއްކާވެސް ހިލްޔާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ދާނިޝް އާއިމެދު ހެޔޮކޮށް ވިސްނަން ހިލްޔާއަށް ހިތްވަރެއް ލިބުނެވެ. މިފަހަރު އެ ހެޔޮ ވިސްނުމުގައި ހިފަހައްޓަން ހިލްޔާ ނިންމިއެވެ. ޝައްކުތަކުގެ ސަބަބުން ދާނިޝްއަށް ނުގުޅައި މެސެޖަށް ވެސް ޖަވާބެއް ނުދިނުމަށް އޭނަގެ ވަރުބަލިވެފައިވާ ނަފްސު އެންގިއެވެ. އެހެނަސް އެހާ ދުވަސް ވަންދެން ހިލްޔާ ކުރަމުން އައި ދުޢާ އިޖާބަވާން ފެށި ފަދައެވެ. އެވަގުތު ދާނިޝްއަށް ގުޅާލަން ހިލްޔާއަށް ހިތްވަރެއް ލިބުނެވެ.
**
ހިލްޔާގެ ކޯލު ދާނިޝްއަށް އަންނަން ފެށީ ދާނިޝް ކާރުގައި އިންދާއެވެ. ޑޭޝްބޯޑުން ހިލްޔާގެ ނަން ފެނުމާއިއެކު ދާނިޝް ފޯނު ނެގިއެވެ.
“ހިލޫ….މި ކައިރި ކުރަނީ އިނގޭ ހޮސްޕިޓަލާ.” ދާނިޝްއަށް އަވަސްއަވަހަށް ބުނެވުނެވެ.
“ހޮސްޕިޓަލުގައެއް ނޫނޭ. ގޭގަ މިހިރީ. ޓެކްސީއެއްގަ ގެއަށް އައީ.” ހިލްޔާ ކޮޓަރީގެ އެނދުމަތީގައި އިށީންނަމުން ބުންޏެވެ. ހިލްޔާ ވާހަކަ ދައްކަން ބޭނުންވީ އާދައިގެ ގޮތަކަށެވެ. އެހެނަސް މި ހުރިހާ ދުވަހު އެއްރާގަކަށް ވާހަކަ ދެކެވިފައިވުމުން އޭނަގެ އަޑުގައި ނުރުހުމުގެ ގޮތެއް ވިއެވެ. އެކަމަށްޓަކައި ހިލްޔާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
“ޓެކްސީއެއްގަ؟! އައިމް….ސޯ ސޮރީ. ދުވަހަކުވެސް ހިލޫ ޓެކްސީއެއްގަ ދާން ނުޖެހޭނެ ގޮތަށް އަހަރެން ނިންމައިގެން ހުރީ. ދެން ފަހަރަކު މިހެން ވިއްޔާ އަހަރެންގެ ސެކްރެޓަރީއަށް ގުޅައި އަހަރެންގެ ޚަބަރެއް ބަލައްޗޭ. ނަންބަރު ދޭނަން….އައި ފީލް ސޯ ބޭޑް.” ފޯނުގެ އަނެއްކޮޅުން ދާނިޝް ދެއްކި ވާހަކަ އިވިފައި ހިލްޔާގެ މެއަށް ގޮތެއް ވިއެވެ. އަނެއްކާވެސް ދާނިޝްގެ އިޙްސާސްތަކުގެ އިޚްލާޞްތެރިކަން އޭނަގެ ހިތާއި ހަމައަށް ފޯރަން ފެށިއެވެ. އެވަގުތު ވެސް އެއްކަލަ ޝައްކުތައް ހިތަށް ވެރިވާން އުޅުނެވެ. ދާނިޝް އެ ވާހަކަ ދައްކަނީ އޭނަ އޮޅުވާލަން ކަމަށް ހިތް ބުނަން ފެށިއެވެ. މުޅި ރޭ އެހެން އަންހެނަކާއެކީ ހޭދަ ކުރިއްޔާ ދައްކާނެ ބަހަނާއެއް ވެސް ބޭނުންވާނެ ނޫން ހެއްޔެވެ؟ އޭނަ ހައްލާލާނެ ގޮތެއް ވެސް ބޭނުންވާނެ ނޫން ހެއްޔެވެ؟
އެހެނަސް ހިލްޔާއަށް އަނެއްކާވެސް ބޯހޫރުވާލަމުން އިސްތިޣްފާރު ކުރެވުނެވެ. މި ވިސްނުންތަކަކީ އޭނައާއި ﷲ އާއި ދެމެދު ވާ ގުޅުމަށް ވެސް އަސަރު ކުރާ ވިސްނުންތަކެއް ކަން ހަނދާންކޮށް އެ ވިސްނުމާއި ދުރުވާން ނިންމިއެވެ. ހިލްޔާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ދާނިޝް ވާހަކަ ދެއްކިއެވެ.
“އޯކޭ ހިލޫ އެބަ އަންނަން ގެއަށް. ވަން އަވާރ ތެރޭ އިން ޝާ ﷲ.” ދާނިޝް ބުންޏެވެ. އޭގެ ޖަވާބަކަށް ހިލްޔާއަށް އޯކޭއޭ ބުނެލެވުނެވެ. އެ ފޯނު ކޯލު ނިމުމުން ހިލްޔާ އެނދުން ތެދުވެލީ ދާނިޝް އަންނަން ވާއިރަށް އިތުރަށް ރީތިވެލުމަށެވެ. އެކަމަށް ވެސް އޭނަގެ ބަސްނާހާ ނަފްސު ދެކޮޅު ހަދަމުން ދިޔަޔަސް މިއަދު ހިލްޔާ އިސްކުރަން ބޭނުންވީ ޞުލްޙައެވެ. ހަމައެކަނި ﷲ އަށްޓަކައެވެ. ހަމައެކަނި ﷲ އަށްޓަކައި ނިންމާ ނިންމުންތަކުން ޚުދު އޭނައަށް ވެސް ފައިދާއެއް ނޫނީ ނުވާނެކަން ހަނދާން ކުރަމުންނެވެ.
**
ހިލްޔާގެ ކޯލު ނިމިގެން ދިޔަގޮތުން ދާނިޝް ދެރަވެފައިވިއެވެ. ހިލްޔާ ގެއަށް ދިޔައީ ޓެކްސީއެއްގައި ކަމަށް ހިލްޔާ ބުނި ބުނުމުގައިވި ނުރުހުންތެރިކަން ދާނިޝްއަށް އިވުނެވެ. އޭނަ އެކަމާ ދެރަވެގެން ދެން އެކަން ތަކުރާރުވިޔަ ނުދޭން ރޭވި ރޭވުން ކިޔައިދިނުމުން ވެސް ހިލްޔާ އެއްޗެކޭ ނުބުންޏެވެ. ހިލްޔާ އަނެއްކާވެސް އޭނައަށް އިތުރަށް ނުރުހުންވީހެން ހީވިއެވެ. އެހިނދު ދާނިޝް ދެރަވީ ހިނދު ނުރުހުންވެސް ވިއެވެ. އޭނަ ރޭ މުޅި ހަތަރުދަމު ހޭލާ ހުރީ ހަމަ ހިލްޔާއަށްޓަކައި އިތުރު ވަގުތުކޮޅެއް ހުސްކުރެވޭތޯއެވެ. ހިލްޔާއަށް އެކަން އިޙްސާސް ނުކުރެވެނީތޯ ހިތަށްއެރިއެވެ. ދެމީހުންގެ މި ޙާލަތު ދެން ރަނގަޅު ނުވާނީތޯ ހިތް ސުވާލު ކުރިއެވެ. ކައިވެންޏަށްފަހު ދުވަސްކޮޅެއްފަހުން ދެމަފިރިންގެ ގުޅުން ބަދަލުވާ ވާހަކަ އޭނަ އަޑު އަހާފައިވެއެވެ. އެހެނަސް ދާނިޝް ހިލްޔާއާއި ކައިވެނި ކުރީ ކިތަންމެ ބަދަލުތަކެއް ދެމީހުންނަށް އަޔަސް ދެމީހުންގެ ދެމެދުގައިވާ ލޯތްބަށް ބަދަލެއް ނާންނާނެ ގޮތަށް ޢަމަލު ބެހެއްޓުމަށް ނިންމަމުންނެވެ. އެކަމަށްޓަކައި އުއްމީދުކޮށް ދުޢާ ވެސް ކުރަމުންނެވެ. އެއީ އޭނަ ކުރި ދުޢާއެއްކަން ހަނދާންކުރަމުން ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާނުލުމަށް ދާނިޝް ނިންމިއެވެ.
“رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا…”
އެވަގުތު ވެސް ދާނިޝްއަށް އެ ދުޢާ ކޮށްލެވުނެވެ. އަދި ﷲ އެ ދުޢާ އިޖާބަ ކުރައްވާނެކަން ޔަޤީން ކުރިއެވެ.
**
ދާނިޝްއަށް ގެއަށް އާދެވުނީ ހެނދުނު 10 ޖަހަން ގާތްވަމުން ދިޔަ ވަގުތެވެ. ދާނިޝް އައިސް ގެއަށް ވަންއިރު އާދައިގެ މަތިން ހިލްޔާ ސިޑިން ފައިބަމުން އައި މަންޒަރު ދާނިޝްއަށް ފެނުނެވެ. މިއަދު ހިލްޔާ ލައިގެން ހުރީ ކަޅުކުލައިގެ ހަވީރީ އަތްކުރު މައްޗަކާއި ނޫކުލައިގެ ޖިންސެކެވެ. އާދައިގެ މަތިން ދާނިޝްއަށް އިރުކޮޅެއް ވަންދެން ހިލްޔާއަށް ބަލަން ހުރިތާ ހުރެވުނެވެ. އެ ރީތިކަމަށް އޭނަ އަބަދުވެސް ގެއްލޭ ވަގުތުކޮޅެކެވެ. އެހެނަސް އޭގެ ފުރިހަމަ ހިތްހަމަޖެހުން ފާއިތުވި ދުވަސްތަކުގައި ދާނިޝްއަށް ނުލިބެއެވެ. ހިލްޔާގެ ހިނިތުންވުން އޭނައަށް ނުފެނިދާނެކަމަށް ހިތް ބުނަމުން ދިޔައީތީ އެވަގުތު ވެސް ހިތް މާޔޫސްވެފައިވިއެވެ.
ކޮންމެ ގޮތެއް ވިޔަސް ހިލްޔާ އާދައިގެ މަތިން ސިޑި ފޭބުމަށްފަހު ސިޑި ކައިރީގައި މަޑުކޮށްލުމުން ދާނިޝް އާދައިގެ ހިނގުމެއްގައި ހިލްޔާގެ ގާތަށް ދިޔައެވެ. އޭނަ ގޮސް ހިލްޔާގެ ކުރިމަތީގައި ހުއްޓިލުމުން ހިލްޔާ އެހެން ދުވަސްތަކާއި ޚިލާފަށް އޭނައަށް ބަލަހައްޓައިގެން ހުއްޓެވެ. އެކަމާއިމެދު ހިތް އުފާވިޔަސް ހިލްޔާގެ ހިނިތުންވުމެއް ފެންނާނެ ނަމައޭ ހިތަށްއެރިއެވެ. މިއަދު ހިލްޔާ އިސްނަގައިގެން އޭނަގާތު އެއްޗެކޭ ބުނެލާނެނަމައޭ ހިތަށްއެރިއެވެ. ހިލްޔާ އަމިއްލައަށް އޭނައާއި ގާތްވެ އޭނަގެ ގައިގައި ބައްދާލާނެނަމައޭ ހިތަށްއެރިއެވެ. މިއީ ފާއިތުވި ހަފްތާގައި ދާނިޝް މުޅިން ވެސް މަޙްރޫމްވެފައިވި ކަންތައްތަކެވެ.
ހިލްޔާ ހުރީ ފަރުވާތެރިކަމާއިއެކު ދާނިޝްގެ މޫނަށް ބަލާށެވެ. މިއީ ވޭތުވެ ދިޔަ ހަފްތާގައި ހިލްޔާއަށް ދާނިޝްގެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލާލެވުނު ފުރަތަމަ ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހިލްޔާއަށް އެ މޫނުމަތިން ފެނުނީ ވަރުބަލިކަމެވެ. އެ ލޮލުން އެ ފެންނަނީ މާޔޫސްކަން ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ އޭނަގެ ސަބަބުން ހެއްޔެވެ؟ އެކަމާއިމެދު ވިސްނެން ފެށުމުން ހިނިތުންވާން ނިންމި ނިންމުން ވެސް ހަނދާން ނެތިފައި ހިލްޔާއަށް ހުރެވުނެވެ.
“ޑިސްއެޕޮއިންޓިންގް ހަޒްބެންޑް ދޯ؟ ވައިފް ހޮސްޕިޓަލަށް ދޫކޮށްލާފަ ނިދާފަ އޮތީ. ހެހެ….” ހިލްޔާ އެއްޗެކޭ ނުބުނުމުން ދާނިޝް ވާހަކަ ދެއްކިއެވެ. އެދެމެދަށް ވެރިވާ ހިމޭންކަމަކީ އޭނަގެ ހިތަށް ލިބޭ ކެކުޅުމަކަށް ވާތީވެއެވެ. ހުސް އަމިއްލައަށް ވާހަކަ ދައްކަން ޖެހޭތީ ދާނިޝް ސަމާސާކުރަންވީ ގޮތް ވެސް ހަނދާން ނެތިފައިވެއެވެ. އަމިއްލައަށް އެ ބުނެލި ވާހަކައަށް އަމިއްލައަށް ވެސް ހީލަން ޖެހުނީ ގަދަކަމުންނެވެ.
ހިލްޔާއަށް ދެންވެސް ދާނިޝްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ދާނިޝް ދެރަވެފައި އެވަނީ ހަމަ އޭނައާއި ހެދިތޯ ތަކުރާރުކޮށް ހިތް ސުވާލު ކުރަމުން ދިޔައެވެ. އެހެންކަމަށްވާނަމަ ދާނިޝްއަކީ އޭނަ ޝައްކު ކުރި ފަދައިން ބޭވަފާތެރިއަކަށްވާނީ ކިހިނެއް ހެއްޔެވެ؟
ހިލްޔާ ދެންވެސް ހިމޭނުން ހުރުމުން ދާނިޝްގެ މޭގައިވި ރިހުން އިތުރުވިއެވެ. އޭނަ ގައިގައި ބައްދާލަދޭށޭ ބުނަން ބޭނުންވިއެވެ. އެހެނަސް ހަމައެކަނި އޭނަ ބުނީތީ ހިލްޔާ އެކަންތައް ކޮށްދޭކަށް ދާނިޝް ބޭނުމެއް ނުވިއެވެ. ލޯބިން އޭނައަށްޓަކައި ކަންތައް ކޮށްދިނުމަށް އޭނަ އެދޭނީ ވެސް ކިހިނެއްތޯ ދާނިޝް ހިތަށްއެރިއެވެ.
އެ ޚިޔާލުތަކުގައި ހުރެ ދާނިޝް އެއްއަތް އުފުލާލަމުން ހިލްޔާގެ މޫނުގައި ހިފެހެއްޓިއެވެ. އަދި ލަސްލަހުން ބޮޑުވާ އިނގިލިން އެ މޫނުގައި ފިރުމިއެވެ.
“އެތެރެއަށް ދާން ބޭނުންތަ… ދާން.ނިޝް؟” ދާނިޝްގެ ލޮލުން ނަޒަރު ވަކި ކުރުމެއް ނެތި ހިލްޔާ އެހިއެވެ.
ހިލްޔާގެ އެ ސުވާލުން ދާނިޝް އިތުރަސް ވަރުބަލިވުން ނޫންކަމެއް ނުވިއެވެ. މިއީ އެހެން ދުވަހު ވެސް އޭނަ ގެއަށް އައުމުން މިފަހުން އައިސް ހިލްޔާ ކޮށްލާ ސުވަލެވެ. އޭނަ އަނއެކޭ ބުނިއްޔާ ހިލްޔާ އޭނައާއި އެކީ ކޮޓަރިއަށް ދާނެއެވެ. ނޫނެކޭ ބުނެފިނަމަ ހަމަ އެއްވެސް އިތުރު ވާހަކައެއް ނެތި ގޭތެރޭގައި އުޅެމުން ދާނެއެވެ. އެމީހުންގެ ގުޅުމަކީ ހަމައެކަނި އެންމެ ކަމަކަށް އޮންނަ ގުޅުމެއް ކަމުގައި ހިލްޔާ ހަދައިފިއެވެ.
އިރުކޮޅެއްގެ ހިމޭންކަމަށްފަހު ދާނިޝް ވާހަކަ ދެއްކިއެވެ.
“ހަމައެކަނި ދާނިޝް ބޭނުންވުންތަ މުހިއްމީ؟ ހިލޫ ބޭނުމެއް ނުވޭތަ؟” ދާނިޝްއަށް އެ ސުވާލުކޮށްލެވުނީ ނުރުހުންތެރިކަމާއިއެކީގައެވެ. ބަދަލު ހިފުމެއްގެ ގޮތުން ދާނިޝް ކިޔަން އުޅުނީ ވެސް ހިލްޔާއެވެ. އެހެނަސް ރުޅީގައި ވެސް އޭނައަށް ހިލްޔާއަށް ލޯބިން ނޫން ގޮތަކަށް ނުގޮވެއެވެ.
“ދާނިޝް ބޭނުންތޯ ބެލުން މުހިއްމު. ދާނިޝް ބޭނުމިއްޔާ އެ ވާނީ އަހަރެންގެ ވާޖިބަކަށް.” ހިލްޔާ ހިތުން ލުއި ހިނިތުންވުމަކާއެކީ އެހެން ބުނެލީ ސަމާސާއެއްގެ ގޮތުންނެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ޙަޤީޤަތުގައި ވެސް އޭނަ އުޅުމުގެ ފަހަތުގައިވި ސަބަބަކީ އެއީއެވެ. އެހެނަސް މިއަދު އެހެން ބުނެލީ ސަމާސާއެއްގެ ތެރެއިން ދާނިޝް އާއި އެކުވެރިވުމަށެވެ. އެހެނަސް ދާނިޝްއަށް އެވަގުތު އެ ވާހަކައިން ސަމާސާއެއް ނުފެނުނުކަން ހިލްޔާއަށް އެނގުނީ ދާނިޝް އަތް ތިރިކޮށްލަމުން އިސްޖަހާލި ގޮތުންނެވެ. އެއާއިއެކު ހިލްޔާގެ ތުންފަތްމައްޗަށް ކިރިޔާ ވެރިވި ހިނިތުންވުން ގެއްލުނެވެ.
“ވާޖިބެއް….” ދާނިޝް އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ބުނެލެވުނީ އެހެންނެވެ. އެހިނދު މިފަހުން ފާއިތުވި ދުވަސްތަކުގައި ހިލްޔާއާއިއެކީ ހޭދަ ކުރި ވަގުތުތައް ހަނދާންވަމުން ދިޔަދިޔަހެން ދާނިޝްގެ ލޮލުން ކަރުނަ ހިލުނެވެ. އެވަގުތުތަކުގައި ހިލްޔާގެ ހިތުގައި އޭނައަށްޓަކައި ހަމަ އެއްވެސް ލޯތްބެއް ނެތީތޯ ހިތަށްއެރިއެވެ.
ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ހިލްޔާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ދާނިޝް އިސްއުފުލާލަމުން ވާހަކަ ދެއްކިއެވެ.
“ހިލޫ ލޯބިވޭތަ އަހަރެންދެކެ؟” ދާނިޝް ހިތުގައި އުފެދުނު ސުވާލު ކުރިއެވެ. ދުވަހެއްގެ ކޮޅުން ވެސް އޭނަ ހިލްޔާއާއި މި ސުވާލު ކުރަންޖެހިދާނެ ކަމަށް އޭނަ ހިއެއް ނުކުރެއެވެ. އެހެނަސް މިއަދު އޭނަގެ ހިތުގައި ޝައްކު އުފެދިއްޖެއެވެ.
ދާނިޝް ކަރުނުން ވިދަމުން ދިޔަ ލޮލާއިއެކީ އޭނައާއި ކޮށްލި ސުވާލުން ހިލްޔާގެ މޭގައި ރިހުމެއް ހިނގާލިއެވެ. އޭނައަށް ދާނިޝް ގާތު ލޯބިވާ ވާހަކަ ނުބުނެވޭތާ އެތައް ދުވަހެއް ވެފައިވާކަން އެނގުންވީ އެވަގުތެވެ. ހިލްޔާ ހީކުރީ އޭނަ ނުބުންޏަސް ދާނިޝްއަށް އެނގޭނެ ކަމަށެވެ. އެހެނަސް ފާއިތުވި ދުވަސްތަކުގައި އޭނަގެ ޢަމަލުތައް ހުރީ ވެސް އެކަމާއިމެދު ޝައްކު އުފެދޭ ގޮތަށްކަން އެނގުންވިއެވެ. އެވަގުތު އެހެންކަމެއް ވެސް ހިލްޔާއަށް ޔަޤީންވިއެވެ. ދާނިޝްއަކީ ބޭވަފާތެރިއަކަށްވާނެ ފިރިއެއް ނޫންކަމެވެ. އެތައް އަންހެނުންނާއި ރައްޓެހިވެގެން އުޅޭނަމަ ކޮންމެހެން އޭނަގެ ‘ލޯބި’ ނުލިބޭތީ ދާނިޝް ޝަކުވާއެއް ނުކުރާނެއެވެ.
ދާނިޝް ހީކުރީ އޭނަ ސުވާލު ކުރުމާއިއެކު ހިލްޔާ އާނއެކޭ ބުނެ އޭނައާއި ގާތްވެލަމުން އޭނައަށް އެ ލޯބީގެ ޔަޤީންކަން ދޭނެ ކަމަށެވެ. އެހެނަސް ހިލްޔާ އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ހިލްޔާ ވެސް އެކަމާއިމެދު ޝައްކުވަނީތޯ ހިތަށްއެރިއެވެ. ހިލްޔާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ދާނިޝްއަށް ވާހަކަ ދެކެވުނެވެ.
“ޑޯންޓް އާންސާ ދެޓް…” ދާނިޝްއަށް ވައިއަޑުން ބުނެވުނެވެ. ހިލްޔާގެ ދުލުން ލޯބިނުވެއޭ ބުނާ އަޑުއަހާކަށް ދާނިޝް ބޭނުމެއް ނުވެއެވެ. އެކަމަށް އޭނައަށް ކެތް ކުރެވިދާނެހެން ހީނުވީތީވެއެވެ. އެ ސުވާލަށް ޖަވާބު ދިނުމުގައި ހިލްޔާ ވިސްނަން ޖެހުނު ވިސްނުމުން ވެސް އޭނަގެ ހިތް ޒަޚަމްވެއްޖެއެވެ.
ދާނިޝް އިތުރު އެއްޗެކޭ ނުބުނެ ހިލްޔާއަށް ފަސްދީފައި ސިޑިން އަރައިގެން ދާން ފެށިއެވެ. އެހިނދު ފެންކަޅިވެފައި ހުރި ހިލްޔާއަށް ފަސްއެނބުރި ދާނިޝް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ދާނިޝް ސިޑިން އަރަމުން ދިޔަ ވަގުތު ކޯތާފަތުން ކަރުނަ ފޮހެލިކަން އެނގުންވުމުން ހިލްޔާގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތެވެ.
ދާނިޝް އެ ދިޔަ ގޮތަށް ކޮޓަރިއަށް ވަދެގެން ގޮސް ބެލްކަންޏަށް ނިކުތެވެ. ބެލްކަނީގެ ރެއިލިންގްގައި ގޮސް އަތް އަޅުވާލެވުމާއިއެކު ދާނިޝްއަށް ގިސްލެވެން ފެށިއެވެ. ހަފްތާއެއް ވަންދެން އޭނަގެ ހިތަށް ލިބުނު ވޭންތަކުގެ އާހުގެ އަޑު ނިކުންނަން ފެށިއެވެ. އެވަގުތު އެ ހިތުގައިވި ރިހުމާއިއެކީ ނުތަނަވަސްކަމެއް ވެސްވިއެވެ. ހިލްޔާ އޭނަދެކެ ލޯބިނުވާނަމަ އެދެމީހުންގެ ކައިވެންޏަށް ދެން ވާނީ ކިހިނެއްތޯ ހިތަށްއެރިއެވެ. ހިލްޔާގެ ލޯބި އޭނައަށް ގެއްލުނީ ކޮން ދުވަހަކުތޯ ހިތަށްއެރިއެވެ. އޭނައަށް ހެދުނީ ކޮން ގޯހެއް ކަމާއިމެދު ވިސްނެން ފެށިއެވެ. މިއީ ކައިވެންޏެއްގައި ލޯބި ގެއްލޭ ހިސާބު ކަމަށްވާނަމަ އޭނަ އަދިވެސް މޮޔައެއްހެން ހިލްޔާދެކެ ލޯބިވަނީ ކީއްވެތޯ ހިތަށްއެރިއެވެ.
ހިލްޔާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތު ދާނިޝް ގެ ގިސްލުމުގެ އަޑު އިވުނެވެ. އެހިނދު ހިލްޔާގެ ހިތަށް ލޮޅުމެއް ވެރިވިއެވެ. މިއީ ދުވަހެއްގެ ކޮޅުން ވެސް އޭނަ ދެރަ ނުކުރަން އަމިއްލަ ނަފްސާއި ވަޢުދުވި އޭނަގެ ފިރިމީހާއެވެ. އޭނަގެ ލޯބިވާ ފިރިމީހާއެކެވެ. އޭނަގެ ޙަޔާތް އެތައް ގޮތަކުން އުފާވެރި ކޮށްދިން ޙަޔާތުގެ ބައިވެރިޔާއެވެ. ކައިވެންޏެއްގައި ލޯތްބަކީ ކޮބައިކަން އޭނައަށް ދަސްކޮށްދިން ލޯބިވެރިޔާއެވެ. މިއަދު އޭނަގެ ސަބަބުން އެހާ ބޮޑަށް ދެރަވެފައި އެ ވަނީ އެ އިންސާނާއެވެ.
ބެލްކަންޏާއި ދިމާލަށް ދިޔަ ވަގުތު ހިލްޔާގެ ލޮލުން ވެސް ކަރުނަތައް ފައިބައިގެން އައެވެ. ދާނިޝްގެ ރުއިމުގެ އަޑުގެ ސަބަބުން މޭގައި ތޫނު ރިހުމެއް އުފެދުނެވެ. ލަސްލަހުން ހިލްޔާ ގޮސް ބެލްކަންޏަށް ނިކުތްކަމުގެ ހިލަމެއް ވީހިނދު ދާނިޝް ފަސްއެނބުރި އެދިމާލަށް ބެލިއެވެ. އަދި އަނެއްކާވެސް އަނެއް ފަރާތަށް އެނބުރިލަމުން އަވަސްއަވަހަށް ކަރުނަ ފޮހެލި މަންޒަރު ހިލްޔާއަށް ފެނުނެވެ.
އެ މަންޒަރު ފެނި، އިތުރަށް ދެރަވެފައި ހުރެ ހިލްޔާ ގޮސް ދާނިޝް ގެ ކައިރީގައި ހުއްޓިލިއެވެ. ހިލްޔާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ދާނިޝް ވާހަކަ ދެއްކިއެވެ.
“ވާޖިބު އަދާ ކުރަންތަ؟ އަހަރެން ބޭނުމެއް ނޫން.” ދާނިޝް ހިލްޔާއަށް ބެލުމެއްނެތި ބުންޏެވެ. އެ އަޑުގައިވި ނުރުހުންތެރިކަން ހިލްޔާއަށް ނަގައިގަނެވުނެވެ.
“އެހެންވެއެއް ނޫން މި އައީ. ދާނިޝް ދެރަވެފަ ހުންނާތީ ކައިރިއަށް މި އައީ. ލޯބިވާތީ.” ހިލްޔާ އޭނަގެ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން، ރެއިލިންގް ގެ މަތީގައި ބޭއްވިފައި އޮތް ދާނިޝްގެ އަތް މަތީގައި އަތް ބާއްވަމުން ބުންޏެވެ. ދާނިޝް އެއްފަހަރު އެ އަތަށް އަނެއްފަހަރު ހިލްޔާއަށް ބެލިއެވެ.
“ތި ވާހަކަ ޤަބޫލު ކުރެވޭނެނަމައޭ ހިތަށް އަރާ. އެކަމަކު ޤަބޫލެއް ނުކުރެވޭ. ހިލޫ ކުޑަމިނުން އަހަންނަށް ލޯބިން ގޮވާލާނަމަ ދޯ ޤަބޫލު ކުރެވޭނީ؟” ދާނިޝް ބުންޏެވެ. ‘ހިލްޔާ’ އޭ ކިޔަން އުޅެފައި އަނެއްކާވެސް އޭނަ ފޭލްވިއެވެ. އޭނައަށް ހިލްޔާއަށް ލޯބިން ނޫން ގޮތަކަށް ގޮވަން އެހާ ފަސޭހައިރު ހިލްޔާއަށް އޭނައާއި އެފަދައިން މުޚާތަބު ކުރެވެނީ ކިހިނެއްތޯ ހިތަށްއެރިއެވެ.
“ކޮން ނަމަކުން ގޮވަންވީ؟” ލޮލަށް ޖަމާވެގެން ދިޔަ އިތުރު ކަރުނަތަކާއެކީ ހިލްޔާއަށް އަހާލެވުނެވެ. އަދިވެސް ޒިވް އޭނައާއި ދިމާލަށް ކުރި މަލާމާތް ހަނދާން ހުރީތީވެއެވެ. އެ މަލާމާތުގެ ސަބަބުން އޭނަ ދާނިޝްއަށްޓަކައި ޚިޔާރު ކުރި ނަމަކީ ދާނިޝް އޭނައަށް ފޫހިވެދާނެ ސަބަބެއް ކަމަށް ހީކުރެވިފައިވިއެވެ. އެހެނަސް….
“ދާން، ލޯބި، ފިރިމީހާ…ހިލްޔާއަށް ކަމުދާ ނަމަކުން ގޮވާ. ޕްލީޒް!” ދާނިޝްއަށް ވަރުބަލިވެފައިވާ ހިތަކާއިއެކީ އެދެވުނެވެ. ހިލްޔާއަށް އޭނަ ދެކެ ލޯބިވާންވީ ގޮތް ކިޔައިދޭން ޖެހުމުންނެވެ. މިއީ މީގެ ކުރިން އޭނަ ބުނުމެއްނެތި ހިލްޔާ ކުރި ކަންތައް ކަން ހަނދާން ހުރީތީވެއެވެ. މިއަދަށްފަހު ހިލްޔާ އޭނައަށް ލޯބިން ގޮވިޔަސް ގޮވާނީ ހަމައެކަނި އޭނަ އެދުނީތީވެތާއޭ ހިތަށްއެރިއެވެ.
ދާނިޝް އޭނައަށް ކިޔައިދިން ނަންތަކުން ހިލްޔާއަށް ހުއްޓުން އަރާފައި ހުރެވުނެވެ. އެންމެ ފުރަތަމަ ވެސް ‘ދާން’ ގެ ނަން ގަތް ގޮތުން ޙައިރާންވާ ގޮތްވިއެވެ.
“ދާން….އެ ނަން ކަމުދޭތަ؟” ހިލްޔާ ޙަޤީޤަތުގައި ވެސް އެނގެން ބޭނުންވެފައި އެހިއެވެ. ހިލްޔާ މިފަހަރު ކޮށްލި ސުވާލުން ހިސާބެއްގެ ޙައިރާންކަމެއް ދާނިޝްއަށް ލިބުނެވެ. އެހިނދު ހިލްޔާގެ ލޮލަށް ޖަމާވެފައިވި ކަރުނަތަކުން އޭނައަށް ވާހަކައެއް ކިޔައިދޭން ފެށި ފަދައެވެ.
“ކީއްވެ ކަމުނުދާންވީ ހިލޫ؟ އެއީ ހިލޫ އަހަންނަށް ލޯބިން ގޮވާ ނަމެއް ނޫންތަ؟ ވަރަށް ބޭނުންވޭ ހިލޫ އަހަންނަށް އެހެން ގޮވާލާ އަޑު އަހަން.” ދާނިޝްއަށް ހިލްޔާއާއި ދިމާލަށް އެނބުރިލަމުން އެހެން ބުނެވުނީ، ހިލްޔާ ދެރަވެފައި ހުރި މަންޒަރު ފެނުމުންނެވެ. ހިލްޔާ އޭނައަށް ‘ދާނިޝް’ ގެ ނަމުން ގޮވަނީ އޭނައަށް އެއްޗެކޭ ބުނެވިފައިވުމުންތޯ ވިސްނެން ފެށިއެވެ.
ދާނިޝް މިފަހަރު ދިން ޖަވާބުން ހިލްޔާގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. ދާނިޝް ދެންމެ އެ ބުނީ އެންމެ ކުރިން ވެސް އޭނައަށް ހީވެފައި އޮތް ގޮތެވެ. ދާނިޝްއަށް އެ ނަން ކަމުދާނީ އެއީ އޭނަ ދާނިޝްއަށް ލޯބިން ގޮވާ ނަން ކަމަށްވާތީވެއެވެ. އެހެނަސް ޒިވް ދެއްކި ވާހަކައިން އެ ހިތަށް އޮޅުން އެރީއެވެ.
ހިލްޔާގެ ކޯތާފަތްމައްޗަށް ފައިބަން ފެށި ކަރުނަތައް ފެނިފައި ދާނިޝް އެއްޗެކޭ ބުނަން އުޅުނު ވަގުތު ހިލްޔާ މަޑުކޮށްލައްޗޭ ބުނެ ދާނިޝްއަށް ފަސްދީފައި ކޮޓަރިއަށް ވަންނަން ދިޔައެވެ. ހިލްޔާ ލޯ މައްޗަށް ގެއްލުމުން ދާނިޝްއަށް ވެސް ޙައިރާންކަމާއެކީ ގޮސް ކޮޓަރިއަށް ވަނެވެ. އެވަގުތު ހިލްޔާ ދިގު ފިޔަވަޅުތަކެއްގައި ގޮސް ރީތިވާ ކޮޓަރިއަށް ވަން މަންޒަރު ފެނުނެވެ. ކޮޓަރީގެ ދޮރު ނުލައްޕާ ވަދެގެން ދިޔަ ގޮތުން ކޮންމެވެސް އެއްޗެއް ނަގަން ދިޔަހެން ހީވިއެވެ. ދާނިޝް ބަލަބަލާ ހުއްޓާ ހިލްޔާ އެތަނުން ނިކުމެގެން އައީ ފޮށްޓެއް ހިފައިގެންނެވެ. ހިލްޔާ ގާތްވަމުން ދިޔަދިޔަހެން އެއީ އެއްކަލަ ދުވަހު ހިލްޔާ ގަތް ސެންޓުފުޅި ކަން ދާނިޝްއަށް އެނގުނެވެ. އެދުވަހު ފިހާރައިން ގެއަށް އައީއްސުރެ އެ ސެންޓުފުޅި ނުވެސް ކަނޑާ ރީތިވާ މޭޒުމަތީގައި ހުރިތަން ދާނިޝް ދުށްޓެވެ. އެއީ ކީއްވެކަމާއިމެދު ހިތުގައި ސުވާލު އުފެދުނަސް އެ ސުވާލު ހިލްޔާއާއި ކުރާނެ ފުރުސަތެއް ނުލިބުނެވެ.
ދާނިޝް ބަލަބަލާ ހުއްޓާ ހިލްޔާ ދާނިޝްގެ ކައިރިއަށް ގޮސް މަޑުކޮށްލީ ފޮށީގެ ތެރެއިން ސެންޓު ފުޅި ނަގަމުންނެވެ. އަތުގައި އޮތް ފޮށި ބިމަށް ވައްޓާލަމުން ހިލްޔާ އެ ސެންޓު ފުޅިން އަތުގެ ނުފުށަށް ޖަހައި އަނެއް އަތުން މަޑުމަޑުން ހާކާލިއެވެ.
“މި ސެންޓުގައި މީރު ވަސް ދުވާތަ؟” ހިލްޔާ އަތުގެ ނުފުށް ދާނިޝްއަށް ދިއްކޮށްލަމުން އެހިއެވެ. އެހިނދު ދާނިޝް ގާތްވެލަމުން ހިލްޔާގެ އަތުގެ ނުފުށުން ވަސް ބެލިއެވެ. އެ ވަސް ޖެހުމާއިއެކު ދާނިޝްއަށް ވާހަކަ ދެކެވުނެވެ.
“އޯހް އިޓް ސްމެލްސް ސޯ ގުޑް. މިއީ ހިލޫ އާއްމުކޮށް ބޭނުންކުރާ ސެންޓު ދޯ؟ އިޓް ސްމެލްސް ލައިކް ހޯމް. ހިލޫ ބޭނުންކުރާ ސެންޓަށް ވާތީ. ކީއްވެ މިހާރު ބޭނުން ނުކުރަނީ؟” އެ ސެންޓުގެ ވަހުން ސިކުނޑިއަށް ލިބުނު ހަމަޖެހުމާއިއެކު އޭނައާއި ހިލްޔާގެ ދެމެދަށް ވެރިވެފައިވާ ނުތަނަވަސްކަމުގެ މަތިން ވެސް ދާނިޝް ހިނދުކޮޅަކަށް ހަނދާން ނެތޭ ގޮތްވިއެވެ. ވާހަކަ ދެއްކިއިރު ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެސް ވެރިވިއެވެ.
މިފަހަރު ވެސް ދާނިޝްގެ ފަރާތުން ހިލްޔާއަށް އިވުނީ ހިލްޔާއަށް އެންމެ ކުރިން ހީވެފައި އޮތް ގޮތެވެ. ދާނިޝްއަށް އެ ސެންޓު ކަމުދަނީ އެއީ އޭނަ ބޭނުން ކުރާ ސެންޓަށް ވާތީކަމެވެ. އޭނަ އޮޅުން އެރި ހަމައެކަނި ސަބަބަކީ ޒިވް ދެއްކި ވާހަކަތަކެވެ.
އެހިނދު އެއްވެސް ކޮންޓްރޯލެއް ނެތި ހިލްޔާގެ ލޮލަށް ކަރުނަތައް ޖަމާވީ، ކުރިމަތީގައި މިހިރީ ހަމަ އޭނަގެ ލޯބިވާ ފިރިމީހާ ކަމަށް ހިތް ބުނުމުންނެވެ. މި ހުރިހާ ދުވަހު މީހެއްގެ އަވައިގައި ޖެހިގެން އޭނައަށް ގޯސް ހީކުރުންތައް ހީކުރެވުނީއެވެ. އެ ހީކުރުންތަކާއި އެކީ ހިލްޔާ ވެސް އުޅުނީ ހިތްދަތިކަމެއްގައެވެ. އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއްގެ ސަބަބުންނެވެ.
ހިލްޔާއަށް ރޮވެން ކައިރިވީ ވަގުތު އަތުގައި އޮތް ސެންޓުފުޅި ވެސް އަތުން ދޫވިއެވެ. ނަސީބު ރަނގަޅުކަމުން ސެންޓުފުޅި ގޮސް ޖެހުނީ ކައިރީގައި ހުރި އެނދުމަތީގައެވެ. އޭނައަށް ގިސްލެވެން ފެށުމުން އޭނަ އުއްމީދު ކުރި ފަދައިން ދާނިޝް އޭނައަށް ލޯބިން ގޮވަމުން އޭނަ ކައިރި ކޮށްލަމުން ގައިގައި ބައްދާލިއެވެ. ދާނިޝްގެ އޯގާތެރިކަން އިޙްސާސްވުމުން ހިލްޔާއަށް އިތުރަށް ރޮވުން ނޫންކަމެއް ނުވިއެވެ.
“ހިލޫ ލޯބި….ހުއްޓާލާ. ކިހިނެއްވީ؟ މީހަކު އެއްޗެކޭ ބުނީތަ؟ އަނެއްކާ…..އެ ފިހާރައިން ދިމާވި އަންހެނާ ދެއްކި ވާހަކަތަކެއްތަ؟” ދާނިޝް ވާހަކަ ދައްކަމުން ގޮސް ހިލްޔާގެ ދެކޮނޑުގައި ހިފައި ދުރުކޮށްލަމުން ސީރިއަސްކަމާއިއެކީ އެހިއެވެ. އެހިނދު ހިލްޔާގެ ރުއިން ކޮންމެވެސް ވަރަކަށް ހުއްޓިފައިވިއެވެ.
“އޭނަ ބުނީ….އަހަރެން ދާން އަށް ލޯބިން ގޮވާ ނަން ދާންއަށް ކަމުނުދާނެއޭ. ދާންއަށް ކަމުދާނީ ޑޭން ގެ ނަމުން ގޮވީމައޭ. މި ސެންޓަކީ ދާން އަށް ކަމުދާނެ ސެންޓެއް ނޫނޭ. އަހަންނަކީ ދާންއަށް ރީތިވާނެ ކަހަލަ ކުއްޖެއް ނޫނޭ. ދާން އަހަރެން ރީތިކަމަށް ހަދާލައިގެން ގެންގުޅެނީއޭ. ދާންއަށް އަސްލު ކަމުދާނީ އެހެން އަންހެން ކުދިންނޭ.” ހިލްޔާއަށް ރޮވިފައިވާ އަޑަކުން ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔަދިޔަހެން ދާނިޝް އައި ރުޅީގައި މޫނު ރަތްވީ ހިނދު ދަތްކުނޑި ވިކުނެވެ.
“ދޮގު! ހުސް ދޮގު! ހަސަދަވެރިވެގެން އުޅޭ އަންހެނެއް އެއީ! އަހަންނާ ބެހޭގޮތުން ކަންތައް އެނގޭނީ އޭނައަށް ނޫން. އަހަރެންގެ ކަންތައް އެންމެ ރަނގަޅަށް އެނގޭނީ ހިލޫއަށް. ޔޫ އާރ މައި ވައިފް! އަހަންނާ ބެހޭގޮތުން ކަމެއް ދަނެގަންނަން އެހެން މީހުންގެ ޚިޔާލެއް ހޯދާކަށް ހިލޫ ނުޖެހޭނެ.” ދާނިޝް ހިލްޔާގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ބުނެލި އެ ވާހަކަތަކުން ހިލްޔާއަށް އިތުރަށް ރޮވޭ ގޮތްވިއެވެ. ދާނިޝްގެ އެ ބަސްތަކަކީ ޚުދު އޭނަ އެންމެ ފުރަތަމަ ޒިވްއަށް ދިން ރައްދުކަން ހަނދާންވުމުންނެވެ. ހަމަ އެއާއިއެކު އޭނައާއި ދާނިޝްގެ ޚިޔާލުތައް ވެސް ގުޅިލާމެހިފައިވާ މިންވަރު އިޙްސާސް ކުރެވުނެވެ. އޭނައާއި ދާނިޝް ގާތް މިންވަރު އިޙްސާސް ކުރެވުނެވެ.
ހިލްޔާ ހުއްޓުމެއްނެތި ރޮމުން ދިޔަ މަންޒަރު ފެނި، ދާނިޝްގެ ހިތް ދެރަވިއެވެ. މި ހުރިހާ ދުވަހު ހިލްޔާ ވެސް އޭނައާއި ދުރުގައި އުޅުނީ ހިތްދަތިކަމެއްގައި ކަން އެނގުންވި ހިނދު އިތުރަށް ދެރަވާ ގޮތްވިއެވެ. އަނެއްކާވެސް ހިލްޔާ ގާތްކޮށްލަމުން ހިލްޔާގެ ގައިގައި ބައްދާލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.
ހިލްޔާގެ ރުއިން މަޑު ވަންދެން ދާނިޝް ހިލްޔާގެ ގައިގައި ހިފަހައްޓާލައިގެން ހުއްޓެވެ. އެ ރުއިމުގެ އަޑު މަޑުވުމުން ދާނިޝް ވާހަކަ ދެއްކިއެވެ.
“ހިލޫ…އަހަންނަށް ކުރީ ދުވަހު ޚުތުބާއިން އިވުނު ވާހަކައެއް ހިއްސާ ކޮށްލާނަން. ދެމަފިރިއެއްގެ މިސާލަކީ ލައިގެން ހުންނަ ފޭރާމެއްގެ މިސާލޭ. ފޭރާމަކީ އަހަރުމެން ފޮރުވައިދޭ އެއްޗެއް. އެ ފޭރާމުގެ އަނެއްފަރާތުގައިވާ އެއްޗެއް އެންމެ ރަނގަޅަށް އެނގޭނީ ހަމައެކަނި އެ ފޭރާމަށް. އެހެންވީމަ އަހަރެންގެ ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެނގޭނީ ހަމައެކަނި ހިލޫއަށް. ހިލޫއަކީ އަހަންނާ އެންމެ ގާތް ފަރާތަށް ވާތީ. އޮންލީ ޔޫ ނޯ މީ. އިންސައިޑް އެންޑް އައުޓް.” ދާނިޝް ދެންވެސް ހިލްޔާ ދުރުނުކޮށް ހިލްޔާގެ ބޮލުގައި ފިރުމަމުން ބުންޏެވެ. ދާނިޝްގެ މޭމަތީގައި ބޯއަޅައިގެން އޮތް ހިލްޔާއަށް އެ ބަސްތަކާއި އެއްބަސް ވެވުނެވެ. ދާނިޝް އެ ދިން މިސާލުވާ އާޔަތް ވެސް އެ ވަގުތު ހަނދާނަށް އައެވެ.
هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ
“އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ.”
ނުނިމޭ
