ނަފްސީ (ހަތްދިހަ އަށްވަނަ ބައި)
ނަފްސީ (ހަތްދިހަ އަށްވަނަ ބައި)
ހިލްޔާއަށް ދޭން ގަޑިއެއް ގަނެގެން ގަޑި ފިހާރައިން ނިކުތް ދާނިޝްގެ ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ. އަތުގައި އޮތް ފޮށްޓަށް ބަލަމުން ކުރިމައްޗަށް ބަލަމުން ދާނިޝް ދިޔައީ ހިލްޔާ ގޮސް ވަން ކޮސްމެޓިކް ފިހާރައާއި ދިމާލަށެވެ. ފިހާރަ އާއި ގާތްވަމުން ދިޔަދިޔަހެން ދާނިޝްގެ ހިނިތުންވުން އިތުރަށް ފުންވުން ނޫންކަމެއް ނުވިއެވެ. ހިލްޔާއަށް ގަޑިއެއް ގަނެގެން އައިކަން ހިލްޔާއަށް ފުރަތަމަ ދައްކާނެ ގޮތުގެ ރޭވުމެއް ސިކުނޑީގައި ރޭވެމުން ދިޔައިރު، އެ ހަދިޔާ ފެނުމުން ހިލްޔާ އޭނައާއި ހިނިތުންވާނެ ގޮތް ލޮލަށް ސިފަ ކުރެވެމުން ދިޔައެވެ. އެކަމާއިމެދު އިތުރަށް ހިތް އުފާވަމުން ދިޔައެވެ.
އެހެނަސް ދާނިޝް ކެތްމަދުވެފައިވާ ހިތަކާއެކީ އެ ފިހާރައިގެ ދޮރުން ވަން ހިނދު ކުއްލިއަކަށް ފިޔަވަޅުތައް މަޑުޖެހުނީ، އަންހެނެއްގެ އަޑު އިވިގެން ދިޔުމުންނެވެ.
“”އޯ…އެމް..ޖީ! ހަމަ ނުބުނޭ؟ މޭއި ބީ އެ ވާހަކަ ބުނީމަ ތި ކައިވެނި ނިމުމަކަށް އައިސްދާނެތީ ކަންނޭނގެ ނުބުނީ. އެއީ ދެ އަހަރު ކުރިން. ޑޭން އަހަންނަށް އިންވައިޓް ކުރީ ހުޅުމާލޭގެ ހޮޓަލެއްގެ ރެސްޓޯރެންޓަކަށް ޑޭޓަކަށް ދާން. ޑޭޓް ނިމުނީމަ ދާނިޝް އަހަރެން ގޮވައިގެން އަމިއްލައަށް ގޮސް ކޮޓަރިއެއް ބުކް ކުރީ. ދެމީހުން އެކީގަ ކޮޓަރިއަށް ދިޔައީ. އޮހް ވަޓް އަ ވަންޑަފުލް ނައިޓް ދެޓް ވޯޒް! އައި ސްޓިލް މިސް އިޓް!”
ފިހާރައިގައި ހުރި ހަރުގަނޑެއްގެ އަނެއްފަރާތުން އިވުނު އެ ވާހަކައިން ދާނިޝްގެ ހިނިތުންވުން ފިލިއެވެ. އިވުނު ވާހަކައިން ބޮލަށް އެނބުރުން އެރި ހިނދު ސިކުނޑި އޮޅުން އަރާ ގޮތްވިއެވެ. ހުރެވުނީ ކޮންތާކުކަން ވެސް ހިނދުކޮޅަކަށް ހަނދާންނެތޭ ގޮތްވިއެވެ. އެހެނަސް އެ އިވުނީ ޒިވް ގެ އަޑު ކަމާއި، ޒިވް އެ ވާހަކަ ބުނާނެ މީހަކަށް ފިހާރައިގައި ހުރީ ހިލްޔާކަން އެނގުންވި ހިނދު، މެއަށް ވެސް ލޮޅުމެއް އެރިއެވެ.
އެވަގުތު އެތައް ސުވާލެއް ސިކުނޑިއަށް ވެރިވިއެވެ. ޒިވް ޗައިނާގައި ހުރީ ކީއްވެކަމާއި، ޒިވް ހިލްޔާއާއި ދިމާވެސް ވީ ކިހިނެއްކަމާއި އަދި އަމުދުން ޒިވް ހިލްޔާއަށް އެ ވާހަކަތައް އިއްވަނީ ކީއްވެކަމުގެ ސުވާލުތައް ސިކުނޑިއަށް ވެރިވިއެވެ. އެ ވަގުތު އެތައް ޖަޒުބާތެއް ވެސް އެއްފަހަރާ ދާނިޝްގެ ހިތަށް ވެރިވިއެވެ. ހިލްޔާއަށް އެ ވާހަކަ އިވުނީތީ ވީ ދެރައާއި، ލަދުވެތިކަމާއި، ދެން އެދެމީހުންގެ ގުޅުމަށް ވެދާނެ ގޮތުގެ ބިރުވެރިކަމާއި، ޒިވްއަށްޓަކައި ހިތުގައި އުފެދުނު ރުޅިވެރިކަމެވެ. އެ ހުރިހާ ޖަޒުބާތެއްގެ މައްޗަށް ބާރު ހޯދީ އެ ރުޅިވެރިކަމެވެ. ދާދި ދެންމެއަކު ޒިވް ހިލްޔާއަށް އިއްވާލީ ބުހުތާން ދޮގެއްކަން އެނގުންވުމުންނެވެ. އެއީ ހަމަ ޒިވްގެ ގޮތްކަން ހަނދާންވި ވަގުތު އައި ރުޅީގައި ދާނިޝްއަށް ފިހާރަ ތެރެއަށް ހިނގައިގަނެވުނެވެ.
ދުވަހަކުވެސް ރުޅި ނާންނަ ވަރަށް ރުޅި އައިސްގެން ހުރެ، ރުޅީގެ ސަބަބަކަށް ވީ މީހާއާއި ދިމާލަށް ދާންވުމުން ދާނިޝްގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. މި ޙާލަތުގައި އޭނަގެ ރުޅިވެރިކަން އަމާޒުވެފައިވާ މީހަކާއި ދިމާވެއްޖެނަމަ އަތުން ފައިން ގޯހެއް ހެދޭނެކަން ޔަޤީންވިއެވެ. ހަމަ އެހިނދު އޭނަ މި ފަހުން އުނގެނުނު އަޢުރާފް އާޔަތެއް ވެސް ހިތަށް ވެރިވާން ފެށިއެވެ.
خُذِ ٱلْعَفْوَ وَأْمُرْ بِٱلْعُرْفِ وَأَعْرِضْ عَنِ ٱلْجَٰهِلِينَ
ކަލޭގެފާނު ޢަފޫ ކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!
ﷲ ގެ ބަސްފުޅުތައް ހިތަށް ވެރިވަމުން ދިޔަހެން އެ ހިތް ހިސާބަކަށް މައިތިރިވިއެވެ. ހަމަ އެހިނދު ރުޅިވެރިކަން އިސްނުކުރުމަށް ދާނިޝްއަށް އަމިއްލަ ނަފްސު ގާތު ބުނެވުނެވެ. ދެންމެ އެ ވާހަކަ ދެއްކި މީހަކަށް އޭނައަށް މަޢާފު ކުރެވޭނެހެން ހިއެއް ނުވެއެވެ. އެހެނަސް ޖާހިލަކަށް ރުޅިވެރިކަން އިސްކުރުމަށްވުރެ ބުއްދިވެރީ ނުކުރުމެވެ. ރުޅިވެރިކަމުން ޙާޞިލު ނުކުރެވޭނެ އެތައް ކަމެއް މަޑުމައިތިރިކަމުން ޙާޞިލު ކުރެވޭނެކަން ރަސޫލާ ﷺ ގެ ޙަޔާތްޕުޅުން އެނގެއެވެ.
ކޮންމެ ގޮތެއް ވިޔަސް އެވަގުތު ހިލްޔާއަށް ކުރާނެ އަސަރާއިމެދު ވިސްނިފައި ވާހަކަ ދެކެވުނީ އިޚްތިޔާރުން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
“ހިލޫ ލޯބި!” ދާނިޝްއަށް އެހެން ގޮވާލެވުނު ހިނދު އެއްކަލަ ހަރުގަނޑުގެ އަނެއްފަރާތަށް ދެވުނީއެވެ. ހިލްޔާގެ ނަން ގަނެވުމުންނާއި، އެވަގުތު އެތާ ހުރި ހިލްޔާ ފެނިފައި ދާނިޝްގެ ހިތް އިތުރަށް މަޑުމޮޅިވެގެން ދިޔައެވެ. ވަކިން ޚާއްސަކޮށް އޭނައާއި ދިމާލަށް އެނބުރިލީ ހިލްޔާގެ މޫނުމައްޗަށް ވެރިވެފައިވި އަސަރުން ދާނިޝް ގެ ހިތް މޭތެރޭގައި އޮވެ ގެނބުނެވެ. އެވަގުތު ހިލްޔާގެ ފަހަތުގައި އެހެން އަންހެނަކު ހުރިކަން ފާހަގަވީ، ދެންމެ އިވުނު ވާހަކަތައް އޭރުވެސް ހަނދާން ހުރީތީވެއެވެ.
އެހެނަސް އައިސްފައިވި ރުޅީގައި ދާނިޝް އެވަގުތު އެދިމާލަށް ބަލަން ވެސް ބޭނުމެއް ނުވިއެވެ. އޭނަ ސަމާލުކަން ނުދިނުމަކީ އެ އަންހެނާއަށް ދެވޭނެ އަދަބެއްކަން ރަނގަޅަށް އެނގުނީތީވެއެވެ. އަދި އަމުދުން ދާނިޝްއަށް އެވަގުތު މުހިއްމުވީ ހިލްޔާއަށް ރައްކާތެރިކަން އިޙްސާސް ކޮށްދިނުމެވެ. އެވަގުތު އޭނަ ދެން ހުރި އަންހެން މީހާއާއި ޒުވާބު ކުރަން ފަށައިފިނަމަ އެއިން ހިލްޔާގެ ހިތަށް އިތުރަށް އުދަގޫވުން އެކަށީގެންވެއެވެ. އަދި އަމުދުން އެ އަންހެން މީހާ ވާހަކަ އިތުރަށް ގޯސް ކުރުމުގެ ފުރުސަތު ވެސް އޭރުން އޮންނާނެއެވެ. އެ ފުރުސަތު ދޭން ދާނިޝް ނުނިންމިއެވެ.
ހިނިތުންވުމަކާއިއެކީ ދާނިޝް ހިލްޔާގެ ކުރިމަތީގައި ގޮސް ހުއްޓިލީ، ހައިޖާނެއް އުފެދިފައިވި ސިކުނޑީގައި ވެސް ހިލްޔާ ގެ ރައްކާތެރިކަމަށް އެންމެ ރަނގަޅުވާނެހެން ހީވި ރޭވުން ރާވަމުންނެވެ.
“ހިލޫއަށް ދޭން ގިފްޓެއް ގަނެގެން މި އައީ.” ދާނިޝް އަތުގައި އޮތް ކަޅުކުލައިގެ ފޮށި ހުޅުވާލަމުން ހިލްޔާއަށް ދައްކާލިއެވެ. އެ ހިނދު ދާނިޝް ހަމަ ޙަޤީޤަތުގައި ވެސް ހިލްޔާ ފިޔަވައި އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނެވެ. ދާނިޝް އުއްމީދު ކޮށްގެން ހުރީ އޭނަ އެހެން ބުނުމުން ހިލްޔާ އޭނައާއި ހިނިތުންވެލާނެ ކަމަށެވެ. އެހެނަސް ހިލްޔާ އިސްވެސް އުފުލާ ނުލުމުން މޭގައި ރިހުމެއް އުފެދުނެވެ. ހިލްޔާ އެވަގުތު ދެރަވެފައިވާ މިންވަރު އެނގުންވުމުންނެވެ.
“ޑޫ ޔޫ ލައިކް އިޓް؟” ދާނިޝް ހިލްޔާގެ މޫނު ފެނޭތޯ ކުޑަކޮށް އަރިވެލަމުން އެހިއެވެ. އެހިނދު ހިލްޔާ އިސްއުފުލައި ބޯޖަހާލި ގޮތުން އެވަގުތުން ވަގުތަށް ވެސް ހިލްޔާ ގާތް ކޮށްލަމުން ހިލްޔާގެ ގައިގައި ބައްދާލަން ބޭނުންވިއެވެ. އެހެނަސް އެފަދައިން ކަންކޮށްފިނަމަ ހިލްޔާއަށް ޙަސަދަވެރިވާ މީހެއްގެ ކުރިމަތީގައި ހިލްޔާއަށް ރޮވިދާނެކަން ޔަޤީނާއި ގާތްވިއެވެ. ހިލްޔާއަށް ރޮވޭ މަންޒަރު ފެނުމަކީ އެ މީހަކަށް ލިބޭނެ އުފަލެއްކަން އެނގުންވެ، ދާނިޝް ޚިޔާލު ބަދަލުކުރިއެވެ.
ދާނިޝް ހިނިތުންވެލަމުން ފޮށި ތެރޭގައި އޮތް ގަޑި ނަގައި އަތް ދައްކާށޭ ބުނެލީ އެހެންވެއެވެ. އެހިނދު ހިލްޔާ ކަނާތު އަތް އުފުލާލުމުން ދާނިޝް އެ ގަޑި ހިލްޔާގެ އަތު ކުރީގައި އަޅުވާލަދިނެވެ. ގަޑި އަޅުވައި ދިނުމަށްފަހު ދާނިޝްއަށް އެ އަތުގައި ހިފަހައްޓައިގެން ހުރެ ބޮޑުވާ އިނގިލިން ހިލްޔާގެ އަތުގައި ފިރުމާލެވުނެވެ. ޢާއްމު ގޮތެއްގައި އޭނަގެ އެފަދަ ކުޑަ ޙަރަކާތަކުން ވެސް ހިލްޔާ ހިނިތުންވެލަމުން އޭނައަށް ބަލާނެއެވެ. އެހެނަސް ހިލްޔާ އޭނަގެ ފިރުމުމުގެ އިޙްސާސް ވެސް ނުކުރެވުނުހެން ހީވުމުން ދާނިޝްގެ މޭގައިވި ރިހުން އިތުރުވިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނަ ހިލްޔާ ދެކެ ވާ ލޯބި އެވަގުތު ހިލްޔާއަށް އިޙްސާސް ކޮށްދޭން ބޭނުންވުމުން އެ އަތް އުފުލައި އަތުގެ ނުފުށުގައި ބޮސްދިނެވެ.
އެވަގުތު ހިލްޔާ އޭނައަށް ބަލާލިކަން އެކަންޏެވެ. އެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވާން އުޅުނުހެން ހީވިއެއްކަމަކު އެ ހިނިތުންވުން ފުރިހަމައެއް ނުވިއެވެ. އެ މަންޒަރު ފެނުމުން ދާނިޝް ހިލްޔާ އެތަނުން ދުރަށް ގެންދަން ބޭނުންވިއެވެ. އެވަގުތުކޮޅުގެ ނުބައި ކަމުން ހިލްޔާ ރައްކާތެރި ކޮށްދޭން ބޭނުންވިއެވެ. ހިލްޔާ ގަންނަން ބޭނުން އެހެން އެއްޗެހި ހުންނާނެކަން އެނގިހުރެ ވެސް އެވަގުތު ދާނިޝް ހިލްޔާގެ އަތުގައި ހިފައިގެން ފިހާރައިން ނިކުންނަން ދިޔައެވެ.
ދާނިޝް ހިލްޔާގެ އަތުގައި ހިފައިގެން ފިހާރައިން ނިކުންނަން ފެށުމުން ހިލްޔާ ދެންވެސް އިސްއުފުލުމެއްނެތި ދާނިޝްއާއި އެކީ ހިނގަމުން ދިޔައެވެ. އެވަގުތު ހިލްޔާގެ ސިކުނޑީގައި ވެސް ހައިޖާނެއް އުފެދިފައިވިއެވެ. ދެންމެ ޒިވް ދެއްކި ވާހަކަތައް ދާނިޝްއަށް އިވިފައި ނުވަނީތޯ ހިތަށް އެރިއެވެ. ދާނިޝްއަށް ޒިވް ނުފެންނަނީތޯ ހިތް ސުވާލު ކުރިއެވެ. އެހެނަސް ދާނިޝް ކަންތައް ކުރަމުން ދިޔަ ގޮތުން ދާނިޝްއަށް ދެންމެ ޒިވް ދެއްކި ވާހަކަތަކުގެ ހިލަމެއް ވެއްޖެކަން ހިލްޔާއަށް ޔަޤީނާއި ގާތް ކުރެވުނެވެ. އޭނަ ދެރަވެފައި ހުރި މަންޒަރު ފެނިފައި ދާނިޝް ކިހިނެއްވީތޯ ސުވާލު ނުކޮށް ނުހުންނާނެއެވެ. އެ ކޮސްމެޓިކް ފިހާރައިން ނިކުތީއްސުރެ ދާނިޝްގެ ފިޔަވަޅުތައް ދިގުވާން ފަށާފައިވެއެވެ. ދާނިޝްގެ އަތުގައި ހިފައިގެން ހުއްޓެއްކަމަކު ހިލްޔާއަށް ދާނިޝްގެ ފަހަތުގައި ހުރެވުނީ އެހެންވެއެވެ. އެ ފިޔަވަޅުތަކާއި އެއްވަރު ކުރާނެ ހިތްވަރެއް ހިލްޔާގެ ގައިގައި ނެތެވެ.
ހިލްޔާގެ އަތުގައި ހިފައިގެން ހިނގަމުން ދިޔަ ދާނިޝްއަށް ފިޔަވަޅުތައް އަވަސް ކުރެވިފައިވީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެވަގުތު ހިތުގެ ތެޅުން އަވަސްވެފައިވީއިރު ދާނިޝްގެ މިޞްރާބު ހުރީ މޯލުން ނިކުންނާށެވެ. ދާނިޝް ބޭނުންވީ އެހެން އެންމެންނާއި ދުރުވެ، ހިލްޔާއާއި އެކު އެކަނިވެލާށެވެ. އެކަނިވުމުން ދެންމެ ހިލްޔާއަށް އިއްވާލެވުނު ވާހަކަތަކާއިމެދު އޭނައަށް ސުވާލުތައް ކުރިމަތިވާނެކަން ދާނިޝްއަށް ޔަޤީނާއި ގާތް ކުރެވުނެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމަކީ އޭނައަށް ފަސޭހަކަމަކަށް ނުވާނެއެވެ. އެކަން އިޙްސާސްވުމުން ހިލްޔާ އެ ވާހަކަތަކުގެ މަތިން ހަނދާން ނެތޭނެނަމައޭ ވެސް ހިތަށްއަރަމުން ދިޔައެވެ. އެކަމަށްޓަކައި އުއްމީދުކޮށް ހިތާހިތުން ދުޢާވެސް ކުރެވެމުން ދިޔައެވެ. އާނއެކޭ ހިތަށްއެރިއެވެ. ދެމީހުންނަށް ކާރާއި ހަމައަށް ދެވޭ ހިނދު ހިލްޔާ ހަނދާން ނެތިދާނެއޭ ހިތަށްއެރިއެވެ. އަދި އަމުދުން ބީރައްޓެއްސެއްގެ ވާހަކައަކަށް ބުރަވެ އޭނައަށް ޝައްކު ކުރާ ވަރަށްވުރެ ބޮޑަށް ހިލްޔާ އޭނައަށް އިތުބާރު ކުރާނެ ނޫންތޯ ވެސް ހިތާހިތުން ބުނެވުނެވެ.
ހަމަޖެހުން ގެއްލިފައިވާ ދެ ހިތާއިއެކީ ދާނިޝްއާއި ހިލްޔާ ވެސް މޯލުގެ ލިފްޓަކަށް އަރައި އަންޑަރގްރައުންޑް ޕާކިންގް ލޮޓަށް ދިޔައީ އެއްވެސް ވާހަކައެއް ދެއްކުމެއް ނެތިއެވެ. ދެން އެއްވެސް އެއްޗެއް ގަންނަން ނެތް ދޯއޭ ދާނިޝްއަށް އަހާލެވުނީ އެ ޕާކިންގް ލޮޓަށް ނިކުމެވުނު ފަހުންނެވެ. އެ ސުވާލު ކުރެވުނުލެއް ލަސްކަން އެނގުންވީ ސުވާލު ކޮށްލެވުނު ފަހުންނެވެ. ދާނިޝްގެ އެ ސުވާލުން ވެސް ދާނިޝް ގެ ޙާލު ވެސް ރަނގަޅެއް ނޫންކަން ހިލްޔާއަށް ޔަޤީންވިއެވެ.
ދާނިޝް އޭނަގެ ކާރާއި ހަމައަށް ދެވެންދެން ވެސް އާދައިގެ މަތިން ހިލްޔާގެ އަތުން ދޫކޮށްނުލައެވެ. އަތުން ދޫކޮށްލީ ހިލްޔާއަށްޓަކައި ކާރުގެ ކުރީ ސީޓުގެ ދޮރު ހުޅުވައި ދިނުމަށްފަހުއެވެ. ހިލްޔާ ކާރަށް އެރުމުން ދޮރު ލައްޕައިދިނުމަށްފަހު ދާނިޝް ގޮސް ޑްރައިވާރސް ސީޓަށް އެރިއެވެ.
“ހިނގާދޯ ގެއަށް ދަމާ؟” ދާނިޝް އެއްވެސް ކަމަށް ނުވާކަމަށް ހަދަން މަސައްކަތް ކުރަމުން ހިނިތުންވުމަކާއެކީ ބުންޏެވެ. އެހެނަސް ހިލްޔާ ހިނިތުންނުވީ ތާނގައި އޭނައަށް ބަލާވެސް ނުލުމުން ދާނިޝްގެ ހިތުގައި ޝަކުވާއެއް އުފެދުނެވެ. ދެމީހުންގެ ގުޅުމަށް ނުރައްކާ ވާނެ ފަދަ ވާހަކައެއް އޭނަ ހަނދާން ނައްތާލަން އުޅޭއިރު ހިލްޔާއަށް ހަނދާން ނައްތާ ނުލެވެންވީ ކީއްވެތޯ ހިތަށްއެރިއެވެ.
ދާނިޝް ފަނޑުވެގެން ދިޔަ ހިނިތުންވުމަކާއެކީ ކާރު ސްޓާޓް ކުރަން އުޅުނު ވަގުތު ހިލްޔާ ވާހަކަ ދެއްކިއެވެ.
“އޭރު….އެތާ ހުރި އަންހެން ކުއްޖާ ދެއްކި ވާހަކަތައް ދާން..ނިޝް އަށް އިވުނުތަ؟” ހިލްޔާ އިސްޖެހިފައި އިނދެ އެހިއެވެ. އެ ސުވާލުކޮށްލީ ދެމީހުންގެ ގުޅުމުގެ މަސްލަޙަތަށް ވިސްނާފައެވެ. އޭނަގެ ހިތުގައިވާ ޝައްކުތައް ބަހައްޓައިގެން ހުރެފިނަމަ ގުޅުމަށް ނޭދެވޭ އަސަރުތައް ކުރާނެކަން އެނގުންވިއެވެ. ދާނިޝްއަށް ލޯބިން ގޮވާ ނަމުން ގޮވެން އުޅުނު ވަގުތު ޒިވް ދެއްކި ވާހަކަ ހަނދާނަށް އައެވެ. ‘ދާން’ އަކީ ދާނިޝްއަށް އެހާ ކަމުދާނެ ނަމެއް ނޫނެއް ނޫން ހެއްޔެވެ؟ ހިނދުކޮޅަކަށް ނަމަވެސް ސަމާސާއަކަށް ހަދައި ދެން އޭނަ ދާނިޝްއަށް ކިޔާނީ ޑޭން އޭ ބުނަން ހިތަށްއެރިއެވެ. އެހެނަސް ޑޭން އޭ ކިޔުމުން ދާނިޝް އިތުރަށް އޭނަ ނޫން އަންހެން ކުއްޖެއް މަތިން ހަނދާން ނުވާނެ ހެއްޔެވެ؟ ހިތަށް ވެރިވި އެ ޚިޔާލުން ދެން އިތުރު އެއްޗެކޭ ނުބުނެ ހިލްޔާއަށް އިނދެވުނެވެ.
ހިލްޔާ ކޮށްލި ސުވާލުން ދާނިޝްއަށް ހުންގާނުގައި ހިފަހައްޓައިގެން ހުރި އަތަށް ބާރު ކޮށްލެވުނެވެ. އަދި އަމުދުން ހިލްޔާ އޭނައަށް ގޮވާލި ނަމުން ދާނިޝްގެ ހިތަށް ތަދުވިއެވެ. ހިލްޔާ އޭނައަށް ރުޅިވީ ކަމުގެ އިޙްސާސެއް ކުރެވުނެވެ. ބީރައްޓެއްސަކު ދެއްކި ވާހަކައަކަށް ބުރަވެ ހިލްޔާ އޭނައަށް ޝައްކުކުރަން ފަށައިފިކަން އެނގުންވުމުން ހިތުގައި ނުރުހުންތެރިކަމެއް އުފެދުނެވެ. އެހެނަސް ދެންމެ ހިލްޔާއަށް އިވުނީ ކުޑަ ވާހަކައެއް ނޫންކަން ވެސް އެނގުންވިއެވެ. ހިލްޔާއަށް ޙަޤީޤަތް އޮޅުމެއް ނެތި އެނގުންވެސް މުހިއްމުކަން އެނގުންވިއެވެ. އެހެންކަމުން ވާހަކަ ދެކެވުނެވެ.
“އިވުނު.” ހިލްޔާއަށް ބަލާލުމެއް ނެތި ދާނިޝްއަށް ދެވުނީ ކުރު ޖަވާބެކެވެ. އެހިނދު ހިލްޔާއަށް ބަލަން ވެސް ދާނިޝް ނުކުޅެދިފައިވިއެވެ.
“އެއީ ތެދެއްތަ؟” ހިލްޔާއަށް ވެސް އިސްޖެހިފައި އިނދެ އަހާލެވުނެވެ.
ހިލްޔާގެ އެ ސުވާލު އިވިފައި ދާނިޝްގެ ހިތަށް ދުވަހަކުވެސް އުދަގޫ ނުވާވަރަށް އުދަގޫވިއެވެ. އޭނަ ދެން ދައްކަން ޖެހޭ ވާހަކަތަކުން ހިލްޔާ ދެރަވާނެކަން އެނގުންވީތީވެއެވެ. އޭނަގެ ސަބަބުން ހިލްޔާ ދެރަވުމުގެ ޚިޔާލަށްވުރެ އަމިއްލަ ނަފްސަށް އަނިޔާއެއް ދިނުމުގެ ޚިޔާލު ކުރަން ވެސް ދާނިޝްއަށް ފަސޭހައެވެ. އެހެނަސް މިވަގުތު ތެދުވެރިކަން އިސްކުރަން އެބަޖެހެއެވެ. އޭނަގެ ބޮލުގައި އެޅުވުނު ދޮގު އިލްޒާމު ވެސް ހިލްޔާއަށް އެނގުން ވެސް މުހިއްމެވެ.
ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ދާނިޝް އިން ގޮތަށް އިނދެ ވާހަކަ ދެއްކިއެވެ.
“އެއީ މީގެ 2 އަހަރު ކުރިން. ހުޅުމާލޭ ގެ މޫންލައިޓް ހޮޓެލް. އަހަރެން އޭނައަށް ދަޢުވަތު ދިނީ ރޭގަނޑުގެ ކެއުމަކަށް. ކެއުމުން ބައްދަލުވީމަ ކައިވެންޏަކަށް އެދުނިން. އެކަމަކު އޭނަ ބޭނުންވީ އެހެން ގޮތެއް. އޭރު އަހަރެންގެ ވިސްނުން ހުރި ގޮތުން އެ ބަސްތަކަށް ހެއްލުނު. އެހެންވީމަ އަމިއްލައަށް ގޮސް ހޮޓެލް ރޫމެއް ބުކް ކުރިން. އޭނައާއިއެކީ އެ ރޫމުގެ ދޮރާއި ހަމައަށް ވެސް ދިޔައިން…” ދާނިޝް އެންމެ ތަންކޮޅެއް ވެސް ދޫނުކޮށް ސާފުކޮށް ކިޔައިދެމުން ދިޔައެވެ. ސާފުކޮށް ކިޔައިދީގެން ނޫނީ ހިލްޔާގެ ޝައްކުތަކަށް ނިމުމެއް ނާންނާނެހެން ހީވުމުންނެވެ.
އެ ވާހަކަތައް އަޑުއަހަމުން ދިޔަ ހިލްޔާގެ ހިތަށް އެތައް ޖަޒުބާތެއް އަރާ ފައިބަމުން ދިޔައެވެ. އެ ހުރިހާ ޖަޒުބާތެއްގެ މައްޗަށް ކުރި ހޯދީ ހިތާމަވެރިކަމެވެ. ޒިވް އެ ދެއްކި ހުރިހާ ވާހަކައަކީ ތެދެއްތާއޭ ހިތަށްއެރި ވަގުތު ދާނިޝް އިތުރަށް ވާހަކަ ދެއްކިއެވެ.
“އެ ދޮރު ކައިރީގަ ހުއްޓާ ކުއްލިއަކަށް އިވެން ފެށީ ޤުރުއާނުގެ އާޔަތެއް. އަހަރެން ފަހަތް ބަލާލިއިރު ކަޅުކުލައިގެ ދިގު ހެދުމަކާއި ކަޅުކުލައިގެ ބުރުގާއެއް އަޅައިގެން މާސްކަކުން މޫނު ފޮރުވައިގެން ހުރި ކުއްޖަކު އެތަނުން ހިނގާފައިދާ މަންޒަރު ފެނުނީ. އެކުއްޖާ ހުރީ ފޯނުން ޤުރުއާން ޕްލޭކޮށްގެން ކަންފަތުގައި ހުރި ހެޑްފޯނާއި ފޯނު ނުގުޅާ. ހެޑްފޯނު ގުޅާލީމަ އަހަންނަށް އިތުރަކަށް ޤުރުއާން ނުއިވޭ. އެކަމަކު އެ އާޔަތް ކަންފަތުގައި ގުގުމަމުން ދިޔަ. އެކަހަލަ ވަގުތެއްގެ ޤުރުއާނުގެ އާޔަތެއް އިވުނީމަ ހިތަށް ބިރުވެރިކަން ވަނީ. އެވަގުތު މަންމަ މަތިން ހަނދާންވީމަ އެފަދަ ކަމަކަށް އަރައިގަންނަން ބޭނުމެއް ނުވީ. އެހެންވެ އޭނަ ކައިރި ބުނިން އަހަންނަށް ނުވާނެއޭ. ބުނެފަ އެތަނުން ދިޔައީ.” ދާނިޝް ޙަޤީޤަތުގެ އެންމެ ބައެއް ވެސް އުނިނުކޮށް ސާފުކޮށް ކިޔައިދިނެވެ.
ދާނިޝް އިތުރަށް ކިޔައިދިން ވާހަކަތަކުން ހިލްޔާ ވިސްނުމަކަށް ގެއްލޭ ގޮތްވިއެވެ. ހެޑްފޯނުން ޤުރުއާން އަޑުއަހަމުން ކަޅުކުލައިގެ ދިގު ހެދުމާއި ބުރުގާއެއް އަޅައިގެން ހުރި ކުއްޖެކޭ ބުނުމުންނެވެ. މީގެ 2 އަހަރު ކުރިއަކީ ކޮވިޑްގެ އިންޒާރު އޮތް ދުވަސްވަރު ކަން ހަނދާންވުމުން އޭނަ އަޅައި އުޅުނު ކަޅުކުލައިގެ މާސްކްތަކުގެ މަތިން ހަނދާންވިއެވެ. އަދި އަމުދުން ދެންމެ ދާނިޝް ނަންގަތް ‘މޫންލައިޓް’ ހޮޓެލްއަކީ އޭނައަށް ބީރައްޓެހި ނަމެއް ނޫނެވެ. ޢާއްމުގޮތެއްގައި ހިލްޔާ މަރީއާއި ލާނާއާއެކީ ގޮސް ބައްދަލު ކުރާނީ އެ ހޮޓެލްގެ މަތީ ބައިގައި ހުންނަ ރެސްޓޯރެންޓުގައެވެ. އެތަނުގައި ތިން މީހުން އެކީގައި ތިބެ އުސްތާޒާ އަސްމާގެ ޙަލަޤާތައް ވަގުތުން އަޑުއެހުމަކީ ތިން މީހުން ގެންގުޅުނު އާދައެކެވެ.
“ކޮން އާޔަތެއް އިވުނީ؟” ހިލްޔާއަށް ދެންވެސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އަހާލެވުނެވެ.
ހިލްޔާ ކުއްލިއަކަށް ކޮށްލި ސުވާލުން ދާނިޝްއަށް ހިލްޔާއާއި ދިމާލަށް ބަލާލެވުނީ ހިސާބެއްގެ އޮޅުމެއްގައި އިނދެއެވެ. ވާނުވާއެއްގައި އިނދެފައި ދާނިޝްއަށް ޖަވާބު ދެވުނެވެ.
“أَرَءَيْتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا…ފުރުޤާން ސޫރަތުގެ އާޔަތެއް. އެދުވަހު އިވުނުއިރު ނޭނގޭ ކޮން ސޫރަތެއްގެ އާޔަތެއް ކަމެއް. އެކަމަކު އާޔަތް އަޑު އިވުނު ރާގު ހަނދާން ހުރި. އެހެންވެ ޤުރުއާން އަޑުއަހަމުން ގޮސް މި އާޔަތާއި ހަމަވީމަ އެއީ މި އާޔަތްކަން އެނގުނީ. އެ ޙާލަތާއި ހާދަ ގުޅޭ އާޔަތެކޭ ދޯ؟ އެހެންވެ އަހަރެން ފުރުޤާން ސޫރަތް ހިތުދަސް ކުރީ ވެސް.” ދާނިޝް ހިލްޔާއަށް ބަލަން އިނދެ ކިޔައިދިނެވެ. އެހިނދު ހިލްޔާގެ މޫނުމައްޗަށް ވެރިވެފައިވާ ކުލަވަރުން އޭނައާއި ހިލްޔާގެ ދެމެދަށް ވެރިވާން އުޅުނު އަނދިރިގަނޑަށް ނިމުމެއް އައިސްދާނެ ކަމުގެ އުއްމީދެއް ހިތުގައި އުފެދުނެވެ.
“އެރޭ…އަންހެން ކުއްޖާ ހުރީ ރަތްކުލައިގެ އަތް ކުރު ކަކުލާއި ހަމައަށް އޮތް ހެދުމެއް ލައިގެން. ދާނިޝް ހުރީ ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެއް ލައިގެން. ދޯ؟” ހިލްޔާ ކަމެއް އެނގުންވި ފަދައަކުން ދާނިޝްއަށް ބަލާލަމުން އެހިއެވެ.
“ޔް…ޔާ. ކިހިނެއް ހިލޫއަށް އެނގެނީ؟ އެއީ އަނެއްކާ….ހިލޫތަ؟! އެހެން ހިނގާފަ ދިޔައީ؟؟” ދާނިޝްއަށް ސީދާ ވެލަމުން އަހާލެވުނެވެ. އެރޭ އެ ކަޅުކުލައިގެ ދިގު ހެދުން ލައިގެން ހުރި ކުއްޖާ ހިނގާފައި ދިޔަ ގޮތް ހަނދާންވުމުން މީހަކު ސިކުނޑީގައި ކޮއްޓާލިހެން ހީވިއެވެ.
“އައި ތިންކް ސޯ…އެ އަހަރަކީ އުސްތާޒާ އަސްމާ ފުރުޤާން ސޫރަތުގެ ތަފްސީރު ކިޔަވައިދެއްވި އަހަރު. އެހެންވީމަ އަހަރެން އެންމެ ގިނައިން އަޑުއަހައި އުޅުނީ ފުރުޤާން ސޫރަތް. މޫންލައިޓް ހޮޓެލްގެ ރެސްޓޯރެންޓަކީ އަހަންނާ އަހަރެންގެ ފްރެންޑުން ގެޓް ޓުގެދާރ ހަދަން ދާ ތަން. އެދުވަހު ރެސްޓޯރެންޓުން ވެސް ތި ދެމީހުން ތަންކޮޅެއް ދުރުގަ ހުރި މޭޒަކުން ފެނުނު. ފެނުނީމަ މަރީ ކިޔަނީ ޔަޤީނޭ ޙަލާލް ނޫން ގުޅުމެއްގަ އުޅޭ ދެމީހުންނޭ. ދެން އަހަރެން ބުނިން މުސްލިމް އަޚާއާއި އުޚްތާއާއިމެދު ހެޔޮކޮށް ވިސްނާށޭ. އެދުވަހު އެ ކޮރިޑޯއިން ހިނގާފަ ދިޔައިރު ދެމީހުން ފެނިފަ އަހަރެންގެ ހިތުގަ ވެސް އެ ނުބައި ޝައްކު އުފެދުނު. އެކަމަކު އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދިނީ އެ ވާނީ ކައިވެނި ކޮށްގެން އުޅޭ ދެމީހުންނަށޭ. ވަރަށް ނުތަނަވަސްވި އަހަރެންގެ ފޯނުން ޤުރުއާން ޕްލޭވީމަ އެ ގަޑީގަ. އެހެންވީމަ އަވަސްއަވަހަށް އެތަނުން ދިޔައީ.” ހިލްޔާ ހިސާބެއްގެ ހިނިތުންވުމެއްގައި އިނދެ ކިޔައިދެމުން ދާނިޝްއަށް ބެލިއެވެ.
“سُبْحَانَ الله! އެއީ ހަމަ ހިލޫ! އެހެންވީމަ އަހަރެން އެ ފާފައިން ދުރުވުމަށް ﷲ މެދުވެރިކުރެއްވީ ހިލޫ…ހިލޫ އަޑުއެހިން ދޯ އަހަރެން އައި ކާންޓް ޑޫ ދިސް އޭ އޭނައާއި ދިމާލަށް ބުނި އަޑު؟” ދާނިޝް އުއްމީދީ ގޮތަކަށް އުޖާލާވި ހިނިތުންވުމަކާއެކީ އެހިއެވެ.
“ނޫން އަޑެއް ނާހަން. ހެޑްފޯން އަޅައިގެން ހުރީމަ ނުވެސް އިވޭނެތާ…” ހިލްޔާ އަނެއްކާވެސް އިސްޖަހާލަމުން ބުންޏެވެ. ދާނިޝް އެ ބުނި ބަސްތައް އޭނައަށް އިވުނުނަމައޭ ހިތަށްއެރިއެވެ. އޭރުން ޝައްކު ކުރުމުގެ ކުޑަވެސް ޖާގައެއް ނޯންނާނެއެވެ.
“އޮހް….އަސްލުވެސް. އެކަމަކު އެނގޭތަ ހިލޫ؟ އަހަރެން އޭނައާއި ދިމާލަށް ބުނިން އައި ކާންޓް ޑޫ ދިސް އޭ. ބުނެފަ އަހަރެން އެތަނުން ދިޔައީ. އެއީ އަސްލު އަހަރެން އޭނައާއި ބްރޭކް އަޕް ވީ ސަބަބު. އެ ފަހުން އޭނައާއި ވާހަކަ ދައްކައި ނޫޅެން. އޭރު ފިލްމު ކުޅެން ނޫނީ އެއްވެސް ވާހަކައެއް ނުދައްކަން.” ދާނިޝް ދެންވެސް ހިލްޔާއަށް ޔަޤީންކަން އަރުވައިދެވޭތޯ ބެލިއެވެ.
“ދެން މިހާ ބޮޑު ކޮއިންސިޑެންސެއް ވެފަ އޮތީމަ އައި ވިލް ބިލީވް ޔޫ…” ހިލްޔާ ލުއި ހިނިތުންވުމަކާއެކީ ދާނިޝްއަށް ބަލާލަމުން އެހެން ބުނެ ‘ދާން’ ގެ ނަމުން ގޮވާލަން ބޭނުންވިއެވެ. އެހެނަސް އޭރު ވެސް ހިތުގައި އެ ނަމާއި ގުޅޭ ޝައްކު އޮތުމުން އެ ނަމުން ގޮވަން ނުކެރުނެވެ. ދާނިޝްއަށް ޒިވް ގެ އެ ވާހަކަތައް އިވިފައި ނުވަނީތޯ ހިތަށްއެރިއެވެ. އިވިފައިވާނަމަ އެ ވާހަކަތަކަށް ރައްދު ނުދެނީ ކީއްވެތޯ ހިތަށްއެރިއެވެ. އެހެނަސް އެވަގުތު ދާނިޝް ހީލުމުން ހިލްޔާ ޝައްކުތަކުގެ ވާހަކަ އިތުރަށް ދައްކަން ބޭނުމެއް ނުވިއެވެ. އެވަގުތުކޮޅުގެ އުފާވެރިކަމަށް ކިލަނބުކަމެއް ގެންނަން ބޭނުމެއް ނުވިއެވެ.
“ހެހެހެ….އައި ލަވް ޔޫ ހިލޫ، އައި ލަވް ޔޫ ސޯ މަޗް. އެދުވަހު އަހަރެން ރެސްކިއު ވީ ހިލޫގެ ސަބަބުން ކަން އެނގުނީމަ އަދި އިތުރަށް ލޯބިވެވިއްޖެ.” ދާނިޝް އެހެން ބުނެ ކާރު ސްޓާޓް ކޮށްލަން އުޅުނެވެ. ދާނިޝް ހީކުރީ ބަދަލުގައި ހިލްޔާ އޭނަ ދެކެ ލޯބިވާ ވާހަކަ ބުނާނެ ކަމަށެވެ. އެހެނަސް ހިލްޔާ އެއްޗެކޭ ނުބުނެ އޭނައަށް ބެލުމެއް ވެސް ނެތި ހީލުމުން ދާނިޝްގެ ހިތް ހިސާބަކަށް މާޔޫސްވިއެވެ. މިރޭ މި ދިމާވި ކަންތަކުން އަރައިގަންނަން ހިލްޔާއަށް ވަގުތު ބޭނުންވަނީތޯ ހިތަށްއެރިއެވެ.
ނުނިމޭ
