ނަފްސީ (އަށްޑިހަ އެއްވަނަ ބައި)
“އައި ވިލް މޭކް ޔޫ ޕޭއި ފޯ ދިސް. ބަލާތި ކުރިއަށް އޮތް ދުވަސްތަކުގަ ކަން ވާނެ ގޮތް. ތި ބޮޑު ގޮނޑީގަ ކަލެއަށް ހުރެވޭނެ ދުވަސްތައް ވަރަށް މަދު. ބޮޑު ގޮނޑި ގެއްލޭ ދުވަހަކުން އަންހެން ކުއްޖާ ވެސް ގެއްލޭނެ. މަށަށް އެނގޭނީ އެ ކުއްޖާ. ފައިސާ ގެ ފަހަތުން ދުވާ ކުއްޖެއް އެއީ. ބަލާތި އެދުވަސް އަންނާނެ. އެ ދުވަހަކުން އެ ކުއްޖާ ތީނަ ދޫކޮށް ދާނެ!!!” ރާފިލް ދެއްކި އެ ވާހަކަތަކުން ދާނިޝް ގެ ދެބުމަ ކައިރިވިއެވެ.
ހިލްޔާއާއިމެދު ރާފިލް އުފައްދަން އުޅުނު ޝައްކައްވުރެ ބޮޑަށް ދާނިޝްއަށް ވިސްނުނީ ރާފިލް އެ ދިން އިންޒާރާއި މެދުގައެވެ. ޗީފް އޯރގެނިކްއަށް ގެއްލުމެއް ދޭން ޖަޕާނުގައި ހެއްދުނު ދަނޑާއި ރާފިލް އާއި ގުޅުމެއް ވެދާނެތޯ ދާނިޝް ގެ ހިތަށްއެރިއެވެ.
“ބަސް ހުއްޓުނީ ދޯ މިހެން ބުނީމަ ވެސް؟ ހަހް! އެ ހިލްޔާ ތީނަ ވަރި ކުރާ ދުވަހަކު ވެސް ތިހެން ކަޑަވެފަ ބަލަހައްޓައިގެން ހުންނާތި. އެދުވަހަކުން ހިލްޔާ އަނެއްކާވެސް އަންނާނީ އަހަރެން ކައިރިއަށް. މަނީ އޯލްވޭސް ވިންސް!” ރާފިލް އެ ބުނި ބުނުމުން ދާނިޝްއަށް ކަޅި މައްޗަށް ހިންގާލެވެން އުޅުނެވެ. އެހެނަސް އެވަގުތު އޭނަގެ މަޤާމުގެ މަތިން ހަނދާންކޮށް އެހެން ނަހަދައި ކޮޅަށް ތެދުވުނެވެ.
“އޯލްރައިޓް. މި ބައްދަލުވުން ނިމުނީ ކަމަށް ބަލަމާ ދޯ؟ މީތި ހިފައިގެން ދައްޗޭ.” ދާނިޝް އެހެން ބުނެލީ މޭޒުގެ ތިރީގައި ބެހެއްޓިފައިވާ މެދުމިނުގެ ކަޅުކުލައިގެ ދަބަހެއް މޭޒުމަތީގައި ބަހައްޓަމުންނެވެ.
“ތި…ކޮންތަނަކުން ތީތި ހޯދީ؟” ރާފިލް އެ ދަބަހަށް ބަލަން ހިސާބެއްގެ ޝޮކެއްގައި ހުރެ އެހިއެވެ.
“ޗީފް އޯރގެނިކް ގެ މުވައްޒަފުންނާއި މެދު ދަށްކޮށް ދެކުމުގެ ކަތި ފިޔަވަޅު ނާޅައްޗޭ ދެންވެސް. ރިޝްވަތު ޤަބޫލުކުރާ ވަރަށްވުރެ ފުދުންތެރި އަދި ނަޒާހާތްތެރި ބައެއް އެއީ. އަދި މި މާޙައުލުގަ ކުރި އަރާނީ ރިޝްވަތުގެ މުޢާމަލާތްތައް ރިޕޯޓު ކުރުމުން ކަން ވެސް އެމީހުންނަށް ސާފުކޮށް އެނގޭނެ. މިހާރު މި ވިސްނަނީ މި މައްސަލަ ބޮޑު ކުރަންވީތޯ ނޫނީ ނުކުރަންވީތޯ…” ދާނިޝް އިންޒާރެއްގެ ނަޒަރަކާއެކީ އެ ފަހު ޖުމްލަ ބުންޏެވެ. އެއާއިއެކު ރާފިލް ޖެހިލުންވާ ގޮތްވިއެވެ.
“ތި…އެއް.ވެސް ކަމެއް ސާބިތެއް ނުކުރެވޭނެ ކަލެއަށް. އެއްވެސް ކަމެއް!” ރާފިލް އަނެއްކާވެސް ދާނިޝްގެ މޭޒާއި ދިމާލަށް އެ ފިޔަވަޅު އަޅައި އެ ދަބަސް ޖަހައިގަންނަމުން ނުބައި ބަހެއް ކިޔާލިއެވެ. އެއަށްފަހު އިތުރު އެއްޗެކޭ ނުބުނެ ދާނިޝްއަށް ފަސްދީފައި އެ ރޫމުން ނިކުމެގެން ދިޔައީ ބާރަށް ދޮރު ލައްޕަމުންނެވެ.
ރާފިލްގެ އެ ޙަރަކާތުން ވެސް އިތުރު ރުޅިވެރިކަމެއް ދާނިޝްގެ ސިކުނޑިއަށް ވެރިވިއެވެ. އެހެނަސް މި މުޢާމަލާތް ނިމުނީކަން ހަނދާން ކުރަމުން ދާނިޝް އެތެރެއަށް ފުން ނޭވައެއް ލައި ބޭރު ކުރިއެވެ. ހަމަ އެވަގުތު ހުޅުވިގެން ދިޔަ އެ ރޫމުގެ ދޮރުން ވަނީ ޖިއެން އެވެ.
“ސާރ ރަނގަޅުތޯ؟” ޖިއެން ސުވާލުކުރިއެވެ.
“އާނ ރަނގަޅު، އަލްޙަމްދުލި ﷲ.” ދާނިޝް ހިނިތުންވުމަކާއެކީ ބުންޏެވެ. މިފަހުން އައިސް އޭނަ މުސްލިމް ނޫން މުވައްޒަފުންނާއި ވާހަކަ ދައްކާއިރު ވެސް ޖެހިލުމެއްނެތި އެ ބަސްތައް ބޭނުން ކުރަން ފަށާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން އެ މީހުން ވެސް އެ ބަސްތައް ބޭނުން ކުރެއެވެ. ވަކިން ޚާއްސަކޮށް ޖިއެން އެވެ.
“އަލްޙަމްދުލި ﷲ…އެއީ އެކުވެރިއެއް ނޫން ދެއްތޯ ސާރ؟” ފޭދިގެން ދިޔަ ހިނިތުންވުމަކާއެކީ ޖިއެން އެހިއެވެ. އެއާއިއެކު ދާނިޝް ބޯޖަހާލިއެވެ.
“އެކުވެރިއެއް ނޫން. ދުޝްމިނެއް. ޖިއެން، މިކޮޅުގެ ދަނޑުތަކުގަ ކޮލިޓީ ކޮންޓްރޯލް ތަންކޮޅެއް ވަރުގަދަ ކުރަން އަންގައްޗޭ. ދަނޑުވެރިންގެ މަސައްކަތުގަ އެއްވެސް ޝައްކުވާ ކަހަލަ ކަމެއް ހިނގަންޏާ އެކަން ރަނގަޅަށް ބަލަން އަންގައިދީ.” ދާނިޝް އެންގިއެވެ. ރާފިލް ދެންމެ ދެއްކި ވާހަކައިން ރާފިލް ކޮށްފާނެ ކަމެއްގެ ހިލަމެއް ދާނިޝްއަށް ވެފައިވެއެވެ.
“އާދެ…ހަމައެކަނި ބެއިޖިންގް ގަ ތޯ؟” ޖިއެން އެހިއެވެ.
“ޝަންގްހައި ގަ ވެސް. އަދި އެހެން ޤައުމުތައް ވެސް ކޮލިޓީ ކޮންޓްރޯލް ލެވެލް މަތި ކޮށްލުން ރަނގަޅު ހަމަ.” ދާނިޝް ބުންޏެވެ.
“އާދެ އެންމެ ރަނގަޅު ސާރ.” ޖިއެން ބުންޏެވެ.
“ހައުރަން ގެ ޚަބަރެއްވިތަ؟” ދާނިޝްއަށް އަހާލެވުނެވެ. ހައުރަން އަކީ އޭނަ ސީއީއޯއަށް ބޯޑް މެމްބަރުން ހޮވި ދުވަހު ނުރުހުން ފާޅު ކުރި މެމްބަރެވެ. ދާނިޝްއަށް ރަސްމީކޮށް ސީއީއޯކަން ޙަވާލު ކުރެވުނު ރަސްމިއްޔާތަށް ހައުރަން ނާދެއެވެ. އެ ދުވަސް ފަހުން ހައުރަން އުޅެނީ ކުންފުންޏާއި ވަރަށް ވެސް ދުރުދުރުންނެވެ. އެކަމާއިމެދު ވެސް ދާނިޝް ފިކުރު ބޮޑުވެފައިވެއެވެ. ކުންފުންޏާއި ދެކޮޅަށް ބަޔަކު މީހުން ރޭވުންތައް ރާވާއިރު ބޯޑް މެމްބަރަކު ކުންފުންޏާއި ދުރުވުމަކީ ކުންފުންޏަށް ލިބޭ ބަލިކަށި ކަމެކެވެ.
“އަދި ނުވޭ. ބޯޑް މެމްބާރސް އަށް ފޮނުވޭ މެއިލްތަކަށް ވެސް ހައުރަން ގެ ޖަވާބެއް ވަރަށް ނާދޭ.” ޖިއެން ބުންޏެވެ. އެއާއިއެކު ދާނިޝް ފުން ނޭވައެއް ދޫކޮށްލިއެވެ.
“އެންމެ ރަނގަޅު. ހިނގާ އަނބުރާ މަސައްކަތަށް. އަހަރުމެން އަމިއްލައަށް އޮފީސް ހިންގާލަމާ.” ދާނިޝް އަމިއްލައަށް ފިކުރު ބޮޑުވެފައިވިޔަސް ޖިއެން ހިތްހަމަޖައްސާލުމަށް ހިނިތުންވުމަކާއެކީ ބުންޏެވެ. އެއާއިއެކު ޖިއެން ވެސް ހިނިތުންވުމަކާއެކީ އާ ހިތްވަރެއް ލިބުމުން އާނއެކޭ ބުންޏެވެ.
**
އެދުވަހު ހަވީރު 5 ޖެހިއިރު ދާނިޝްގެ މަސައްކަތް ނިމޭ ގޮތްވިއެވެ. ހިލްޔާ ނިމެނީ 5:30 ހިކަށްހާއިރު ކަމަށްވުމުން ދާނިޝް އޮފީހުން ދިޔަ ގޮތަށް ދިޔައީ ހިލްޔާ ބަލާއެވެ. ހޮސްޕިޓަލާއި ހަމަވިއިރު ވެސް 5:30 ވާން 10 މިނެޓް އޮތުމުން ދާނިޝް ހޮސްޕިޓަލުގެ އެއްފަރާތުގައިވާ ޕާކިންގް އޭރިއާގައި ޕާކްކޮށްލިއެވެ. އަދި އޭނަ އެތާ އޮތް ވާހަކަ ހިލްޔާއަށް މެސެޖު ކޮށްލުމަށްފަހު ލިބުނު ވަގުތުކޮޅުގައި ޤުރުއާން މުރާޖަޢާކުރަން ނިންމިއެވެ.
ދާނިޝް ހިތުދަސްކޮށްފައިވާ މަދު ސޫރަތްތައް މުރާޖަޢާކޮށް ނިމުނުއިރު 5:30 ވެއްޖެއެވެ. ގަޑިންވީއިރު ފޯނުން ފެނިފައި ދާނިޝް ފޯނު ލޮކްކޮށްލަމުން ބޭރަށް ނަޒަރެއް ދޭން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު ލޮކް ސްކްރީނުން ފެނުނު ހިލްޔާގެ ތަސްވީރު ފެނިފައި ދާނިޝް އެހެން ދިމާލަކަށް ނަޒަރު ހިންގަން ބޭނުމެއް ނުވިއެވެ. ގަދަ ނޫކުލައިގެ އަބާޔާއަކާއި އެ ކުލައިގެ ބުރުގާއެއް އަޅައިގެން ބެންޗެއްގައި އިށީނދެގެން އިން ހިލްޔާގެ މޫނުމަތިން ފުރިހަމަ ހިނިތުންވުމެއް ފެނެއެވެ. އެ ހިނިތުންވުން ފެނިފައި ދާނިޝްއަށް ވެސް ހިނިތުންވެލެވުނެވެ. އޭނައަށް މިއަދު ރާފިލް ގާތު ބުނެވުނީ ހަމަ ރަނގަޅަށޭ ހިތަށްއެރިއެވެ. އޭނައަކީ މި ދުނިޔެ މަތީގައި ވެސް ހުރި އެންމެ ނަސީބުވެރި ފިރިމީހާއެވެ.
އެ ޚިޔާލާއި އެކީ ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ ބޭރަށް ނަޒަރު ހިންގާލިއިރު ދާނިޝްގެ ހިތަށް އިތުރު އުފަލެއް ލިބުނެވެ. އޭނަގެ ކާރާއި ދިމާލަށް އެއޮތް އަންނަނީ އޭނަގެ ހިތުގެ ވެރިޔާއެވެ. ކައިވެނީގެ ފުރަތަމަ ރޭ އޭނަ ހަދިޔާ ކުރި އަބާޔާއާއެކު ކަޅުކުލައިގެ އަވި އައިނެއް އަޅައި ކޮނޑުގައި ކަޅުކުލައިގެ ދަބަހެއް އަޅުވައިގެން ހިލްޔާ ހިނގާފައި އައި ގޮތް ދާނިޝްއަށް ޗާލުވިއެވެ. އަމިއްލަ ރީތިކަމާއިމެދު ޝައްކު ކުރަނީ ހަމަ މި ކުއްޖާތޯ ދާނިޝްގެ ހިތަށްއެރިއެވެ. އޭނައަށް މިހާރު ވެސް ހިލްޔާއާއި ގާތްވުމަށް ކާރުން ފައިބައިގެން ގޮސް ނުދެވި ހުރެވެނީ ކިރިޔަ ކިރިޔާއެވެ. ގެއަށް ދެވޭނީ އަދި ގަޑިއެއްހާއިރުން ކަން އެނގުންވި ހިނދު އެ ހިތް ދެރަވާ ގޮތްވިއެވެ.
ދާނިޝް ބަލަބަލާ ހުއްޓާ ހިލްޔާ އައިސް ކާރަށް އެރިއެވެ. އަދި ހިލްޔާ އާދައިގެ މަތިން އައިނު ނަގާލަމުން ދާނިޝްއާއި ހިނިތުންވެލުމުން ދާނިޝް ވެސް ހިނިތުންވެލަމުން ކާރު ސްޓާޓް ކޮށްލިއެވެ.
“ހައު ވޯޒް ވޯކް؟” ދާނިޝް ކާރު ޕާކިންގް އޭރިއާއިން ނެރެމުން ސުވާލު ކުރިއެވެ.
“ޓަޔަރިންގް…ޕްފްފްފްޓް! ދާހިއްލާފަ މިހިރީ. ނުބައި ވަސް ކަންނޭނގެ ދުވާނީ. ލެޓް މީ ފިކްސް ދެޓް. ހައު ވޯޒް ވޯކް ފޯ ޔޫ؟” ހިލްޔާ ވާހަކަ ދައްކަމުން އޭނަގެ ދަބަސް ތެރެއިން ކުޑަ ސެންޓު ފުޅިއެއް ނަގައި ގަޔަށް ބުރުއްސަން ފެށިއެވެ.
“އިޓް ވޯޒް….ގުޑް.” ދާނިޝް ވާހަކަ ދައްކަން ފެށި ވަގުތު ރާފިލް މަތިން ހަނދާންވިއެވެ. އެހެނަސް އެވަގުތު ހިލްޔާގެ ސެންޓު ވަސް ޖެހިގެން ދިޔުމުން ޚިޔާލުތައް މުޅިން އެހެން ދިމާލަކަށް ދިޔައެވެ. އެ ކުޑަ ފުޅިއަށް އަޅާފައި ހުރީ ހިލްޔާ ޢާއްމު ގޮތެއްގައި ބޭނުންކުރާ ސެންޓުކަން ވަގުތުން ދާނިޝްއަށް ނަގައިގަނެވުނެވެ.
ހުރިހާ ހިއްސުތައް ހޭލައިގެން ދިޔުމުން އޭނަގެ ކަރު ހިއްކާފައިވާ މިންވަރު ވެސް ދާނިޝްއަށް އިޙްސާސް ކުރެވުނީ މާ ބޮޑަށެވެ. އެހެންކަމުން އޭނަގެ ސީޓު ކައިރީގައި ހުރި ބައިގައި ހައްޔަރު ކުރެވިފައިވާ ފެންފުޅީގެ މަތި ނަގާލުމަށްފަހު ފުޅި ނަގައި ފެން ބޯން ފެށިއެވެ.
“ދާން…އާރ ޔޫ އެޓްރެކްޓެޑް ޓު މީ؟” ހިލްޔާގެ އެ ސުވާލު އިވުމާއިއެކު ދާނިޝްގެ އަނގައިގައިވި ހުރިހާ ފެންތައް ބުރައިގެން ދިޔައެވެ. އެ ފެންތައް ހުންގާނަށާއި ވިންޑްޝީލްޑުގެ އިތުރުން ހިލްޔާގެ ގަޔަށް ވެސް ދިޔައެވެ.
“އަމް…އިއޫ.” ހިލްޔާ މޫނަށް ގޮތެއް ހަދައިގެން ހުރެ ކޮނޑުގައި ހުރި ފެން އެއްއަތުން ފޮޅުވާލުމަށްފަހު ދާނިޝްއަށް ސުވާލުގެ ނަޒަރެއް ދިނެވެ. އެވަގުތު ދާނިޝް ކާރު އޮޓޯ ޑްރައިވަށް ލަމުން ވާހަކަ ދެއްކިއެވެ.
“ސޮރީއޭ. ކުއްލި ކުއްލިއަށް ކުރެވޭ ސުވާލުން އެކަހަލަ ގޮތެއް ވެސް ވެދާނެ. އިންޓެރޮގޭޝަނެއްހެން ވިއްޔާ ހީވީ. ޔެސް އައި އެމް ގިލްޓީ. ހިލޫއަށް އެޓްރެކްޓްވެގެން މިއުޅެނީ. އެކަމުގެ ޕްރޫފް މިއޮތް ފެންނަނީ.” ދާނިޝް ކާރުގެ ވަތްގަނޑަކުން ޓިޝޫ ނަގައި ހުންގާނާއި ވިންޑް ޝީލްޑަށްފަހު އާ ޓިޝޫއަކުން ހިލްޔާގެ ހެދުން ވެސް ފޮހެދެމުން ވާހަކަ ދެއްކިއެވެ. ދާނިޝް ދެއްކި ވާހަކައިން ހިލްޔާއަށް ހީލެވުނެވެ.
“އައި އެމް ސޮރީ ޓޫ. މާ ގިނައިން ދޯ މިހާރު މިކަހަލަ ސުވާލުތައް މި ކުރެވެނީ؟ ހިތުގަ ހަމަ އެއްވެސް ޝައްކެއް ނުބާއްވަން ވެގެން. ހިތަށް އެރީ ދާންއަށް އަހަރެން ރީތި ވިޔަސް އަދި އެޓްރެކްޓް ވުމަކީ މުޅިން ތަފާތު ކަމެކޭ. ޔޫ ނޯ ވަޓް އައި މީން؟ ހެހެ…” ހިލްޔާ ވާހަކަ ދައްކަމުން ގޮސް ޖެހިލުންވުމަކާއެކީ ހީލަމުން އިސްޖަހާލިއެވެ. ދާނިޝް ޓިޝޫއަކުން އޭނަގެ ތުނބުޅި ފޮހެމުން ދިޔަ ވަގުތު ހިލްޔާއަށް ފަރުވާތެރިކަމާއެކީ ބެލުނެވެ.
އެހިނދު ހިލްޔާއަށްޓަކައި ދާނިޝް ދެރަވާ ގޮތްވިއެވެ. ހިލްޔާއަކީ ކުރިން މިފަދަ ވިސްނުމެއް ގެންގުޅުނު ކުއްޖެއް ނޫނޭ ހިތަށްއެރިއެވެ. ހިލްޔާ އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް އަސަރު ކުރީ ޒިވް ބުނި އެއްޗަކަށް ފަހުއެވެ. އަދި އަމުދުން ޚުދު އޭނަ ވެސް ހިލްޔާ ނޫން ކުއްޖެއްގެ ފަހަތުން ދިޔަ ވާހަކަ ޚުދު އޭނަގެ ދުލުން އިވިފައި ވުމުން ވެސް ހިލްޔާއަށް އަސަރު ކުރާނެތާއެވެ. މިކަން ޙައްލު ކުރަންޖެހޭނީ އޭނައޭ ދާނިޝްގެ ހިތަށްއެރިއެވެ.
ހަމަ އެހިނދު ދާނިޝް އަތުގައި އޮތް ޓިޝޫ ކާރުގެ ވަތްގަނޑަށް އެޅުމަށްފަހު އޮޓޯ ޑްރައިވް ނިވާލިއެވެ. ކަން ދިމާކުރި ގޮތުން ހަމަ އެވަގުތު މަގުގެ ވާތް ފަރާތުން ދާނިޝްއަށް ޗައިނާގެ ނުހަނު މަޝްހޫރު ބޮޑު ހޮޓަލެއް ފެނުނެވެ. ދާނިޝް ވަކި އެއްޗެކޭ ވެސް ނުބުނެ ކާރު ގޮސް އެ ހޮޓެލްގެ ކައިރީގައި ޕާކް ކުރިއެވެ.
“ހިނގާ މިތަނަށް ހިލޫ…” ދާނިޝް ކާރުގެ ބެލްޓް ނައްޓަމުން ބުންޏެވެ.
“މިއީ ކޮންތަނެއް؟” ހިލްޔާއަށް އަހާލެވުނެވެ.
“ހޮޓެލްއެއް.” ދާނިޝް ބުންޏެވެ.
“ގެއަށް ނުދަނީތަ؟” ހިލްޔާއަށް ޙައިރާންކަމާއެކީ އަހާލެވުނެވެ.
“މިއަދު ގެއަށް ދާން ބޭނުންވަނީ ހިލޫ ކުރި ސުވާލަށް ރަނގަޅަށް ޖަވާބުދީފަ.” ދާނިޝް ހިލްޔާއަށް ބަލަން އިނދެ ބުންޏެވެ. އެއަށް ހިލްޔާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ދާނިޝް އެ ބުނި އެއްޗެއްގެ މާނަ ނަގައިގަނެވުނު ވަގުތު ކޯތާފަތް ރަތްވިއެވެ.
“އާރ ޔޫ….ސީރިއަސް ރައިޓް ނައު؟” ހިލްޔާއަށް އެހެން އަހާލެވުނު ހިނދު މޫނުގައި ދެއަތް އަޅާލެވިއްޖެއެވެ.
“ޔެސް އައި އެމް ޑެޑް ސީރިއަސް. ހެއްކާއި ޤަރީނާއާއެކު މިއަދު ކިޔައިދިނުން އޮންނާނެ. އެޓްރެކްޓްވޭތޯ ނުވޭތޯ. ހިނގާ!” ހިލްޔާއަށް ވަމުން ދިޔަ ގޮތް ފެނިފައި ހިނިތުންނުވާން މަސައްކަތް ބުންޏެވެ. އެ ވާހަކަ ނިންމާލީ ކާރުގެ ދޮރު ހުޅުވަމުންނެވެ. ހިލްޔާއަށް ލަދުން ގޮސް ދެން ވެސް އިރުކޮޅެއް ވަންދެން މޫނުގައި ދެއަތް އަޅައިގެން އިނދެވުނެވެ. ކާރުން ފައިބަން ވިސްނާލެވުނީ ދާނިޝް ކާރުން ފޭބުމަށްފަހު ކާރުގެ އަނެއް ފަރާތަށް ގޮސް ދޮރު ހުޅުވާލުމުންނެވެ.
ހޮޓެލްއަށް ވަދެގެން ދިޔައިރު ނޫންކަމަށް ހަދަން ހިލްޔާ ކުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ދާނިޝްއާއިއެކީ ރިސެޕްޝަނަށް ގޮސް ދާނިޝް ރޫމެއް ބުކް ކުރަމުން ދިޔަ ވަގުތު ހިލްޔާއަށް ބޭއިޚްތިޔާރުގައި ހެވެމުން ދިޔައެވެ. ދާނިޝް ނުހަނު ގާތުގައި ހުރެގެން ކިހިނެއްވީތޯ އެހުމުން ހިލްޔާގެ ޙާލަތު އިތުރަށް ގޯސްވުން ނޫންކަމެއް ނުވިއެވެ.
ރޫމުގެ ކާޑު ހިފައިގެން ދާނިޝް ހިލްޔާ ގޮވައިގެން ދިޔައީ ހޮޓެލްގެ 30 ވަނަ ފަންގިފިލާއަށެވެ. ލިފްޓުގައި ހިލްޔާއާއި އެކަނިވެލުމަށް ލިބުނު ފުރުސަތުގައި ވެސް ދާނިޝް ހިލްޔާގެ ކަންފަތް ދޮށުގައި ދެއްކި ވާހަކަތަކުން ހިލްޔާ އިތުރަށް ލަދުގަންނަ ގޮތްވިއެވެ. ހިލްޔާއަށް ވަމުން ދިޔަ ގޮތުން ދާނިޝްއަށް ހެވެމުން ދިޔައެވެ. އެ ރީތިކަމާއިމެދު އާޝޯޚުވެފައިވާ ޙާލުގައެވެ. ދެމަފިރިން އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ތިބި ފަދައެވެ.
ހިލްޔާއަށް އެ އިޙްސާސްތަކާއި ކުޑަކޮށް ވެސް ދުރުވެވޭ ގޮތްވީ، ދާނިޝް އާއިއެކީ ލިފްޓުން ފޭބުމަށްފަހު ހޮޓެލް ރޫމުގެ ކޮރިޑޯއިން ހިނގަން ފެށި ވަގުތެވެ. ދާނިޝްގެ އަތުގައި ހިފައިގެން އެ ކޮރިޑޯއިން ހިނގަމުން ދިޔަ ވަގުތު ހިލްޔާގެ ހަނދާނަށް ކުއްލިއަކަށް އައީ މީގެ 2 އަހަރު ކުރިން އޭނައަށް ފެނުނު މަންޒަރެވެ. ހެޑްފޯނު ކަންފަތުގައި ގުޅަމުން ފޯނު ހިފައިގެން އޭނަ މޫންލައިޓް ހޮޓެލްގެ ކޮރިޑޯއިން ހިނގާފައި ދަނިކޮށް އަންހެނަކާއި ފިރިހެނަކު ރޫމެއްގެ ދޮރު ކައިރީގައި ތިބި މަންޒަރު ފެނުނު ދުވަހެވެ. ހެޑްފޯނު ފޯނާއި ގުޅާލެވިފައިވާ ކަމަށް ހީކޮށް ޤުރުއާން ޕްލޭކޮށްލި ވަގުތު އެ ފިރިހެން މީހާ އޭނައަށް ބެލިހެން ހީވި ގޮތެވެ. ހިލްޔާ އެވަގުތު އަސްލު ޖެހިލުންވި ސަބަބަކީ އެއީއެވެ.
އަވަސްއަވަހަށް ހެޑްފޯނު ފޯނާއި ގުޅާލަމުން ހިނގައިގަނެވުނީ އެހެންވެއެވެ. އެހެނަސް ދެންވެސް އެ ދެމީހުން އޭނައާއި މެދު ދެކޭނީ ކިހިނެއްތޯ ހިތަށްއެރި ވަގުތު ފަހަތަށް ނަޒަރެއް ދެވުނެވެ. ފަހަތް ބަލާލި ވަގުތު އަންހެން ކުއްޖާ ކޮޓަރީގެ ދޮރު ހުޅުވާލަމުން ފިރިހެން މީހާގެ އަތުގައި ހިފި މަންޒަރު ފެނުނެވެ. ފެންނަން އުޅެނީ ގޯސް މަންޒަރެއްހެން ހީވުމާއިއެކު ހިލްޔާ އަނެއްފަރާތަށް އެނބުރިލަމުން ފިޔަވަޅުތައް އަވަސް ކުރިއެވެ.
“ލެޓްސް ގޯ. ހަނީމޫން ނަންބާރ ޓޫ!” ހިލްޔާ އެ ޚިޔާލުތަކުގައި ވަނިކޮށް ދާނިޝް އަތުގައި އޮތް ކާޑު ދޮރުގެ ތަޅުގައި ޖައްސަމުން ދޮރު ހުޅުވިއެވެ. އަދި ދެންވެސް ދާނިޝް ކުރީގައި ހުރެގެން ހިލްޔާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނެވެ.
ކޮޓަރިއަށް ވަދެވި، ދާނިޝް އޭނަގެ ފަހަތުން ދޮރު ލައްޕާލި ވަގުތު ކަމެއް އެނގުންވެގެން ދިޔުމުން ހިލްޔާއަށް ހުއްޓުން އަރާފައި ހުރެވުނެވެ. އެދުވަހު ކޮޓަރިއަށް ވަނުމަށް ކުރީގައި ހުރީ ދާނިޝްއެއް ނޫންކަން އެނގުންވިއެވެ. ދާނިޝް ކޮޓަރިއަށް ވައްދަން އުޅުނީ ޒިވްއެވެ. އޭގެ ފަހުން ހިނގި ކަންތައް ހިލްޔާއަށް ނުފެނުނަސް، ދާނިޝް އޭނައަށް ކިޔައިދިން ވާހަކަ އެ މަންޒަރަށް ފައްތަން ހިލްޔާއަށް އެވަގުތު ފަސޭހަވިއެވެ. ދާނިޝް ތިމަންނައަށް ނުވާނެއޭ ބުނީ އެވަގުތުތާއޭ ހިތަށްއެރިއެވެ.
“ނައިސް ދޯ ރޫމް؟ އަހަރެން ތަންކޮޅެއް ކުރިން ދިޔައިން މި ހޮޓެލްގެ ޖަޕާނުގަ ހުންނަ ބްރާންޗަށް. ދިސް ޕްލޭސް އިޒް ނައިސާ.” ހިލްޔާ ޚިޔާލުތަކުގައި ހުއްޓާ ދާނިޝް އޭނައަށް ވުރެ ކުރިއަށް ގޮސް، ލައިގެން ހުރި ގަދަ ދަނބު ކުލައިގެ ސޫޓް ބޭލުމަށްފަހު އެތާ ގަހެއްހެން ހުރި އެތީގައި އަޅުވާލަމުން ހިލްޔާއަށް ބަލާލިއެވެ. އަދި ހިލްޔާ ފެނުމާއިއެކު ހިނިތުންވެލައިފިއެވެ. އެހިނދު ހިލްޔާއަށް ހިނިތުންވެލެވުނީ އޭނަގެ މޭމަތިން އިތުރު ބުރައެއް އުފުލިގެން ދިޔަހެން ހީވި އިޙްސާސާއި އެކީގައެވެ.
އެހިނދު ދާނިޝްއަށްޓަކައި ހިތުގައި އޮތް ލޯތްބާއި ޤަދަރު އިތުރުވެގެން ދިޔުމުން ހިލްޔާއަށް އާދައިގެ ހިނގުމެއްގައި ދާނިޝްގެ ގާތަށް ދިޔައެވެ. އަދި އުޑުން ކޮއްޓާލަމުން ދާނިޝްގެ ކޯތާފަތުގައި ބޮސްދިނެވެ. ހިލްޔާ ދާނިޝްއާއި ދުރުވެލުމުން ދާނިޝް ވާހަކަ ދެއްކިއެވެ.
“ކިހިނެއްވީ؟” ދާނިޝް ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމަކާއެކު އެހިއެވެ.
“ކޮން ކަމެއް؟” ހިލްޔާއަށް އަހާލެވުނެވެ.
“އަމް…ތިކަހަލަ ކިސްއެއް ހިލޫ ދޭނީ އަހަންނަށް ކޮންމެވެސް ރަނގަޅު ކަމެއް ކުރެވުނީމަ. އަހަރެން ކީއްކުރީ؟” ދާނިޝް ދެންވެސް ނުފިލާ ހިނިތުންވުމަކާއެކީ އެހިއެވެ.
“ކޮންމެހެން އެހެންނެއް ނޫން.” ހިލްޔާ ނޫންކަމަށް ހަދާފައި ލާނެތް ހިނިތުންވުމަކާއެކީ ބުންޏެވެ. ހިލްޔާ ކޮންމެހެން ދެންމެ އޭނައަށް ނިންމުނު ނިންމުންތަކުގެ ވާހަކަ ކިޔައިދޭން ބޭނުމެއް ނުވިއެވެ. މާޒީ މާޒީގެ ގޮތުގައި ބާއްވަން ބޭނުންވިއެވެ.
“އުނހު ދެން ބުނޭ.” ދާނިޝް ދެންވެސް ހެވިފައި ހުރެ އެދުނެވެ.
“ދެން އަހަންނަށް ކަމަކާ ނުލާ ދާންއަށް ކިސްއެއް ނުދެވޭނީތަ؟” ހިލްޔާ ހިނިތުންނުވާން މަސައްކަތް ކުރަމުން އެހިއެވެ.
“ނޫނޭ. ހަމައެކަނި ކިސްއެއް ދޭތީ މައްސަލައަކީ.” ދާނިޝް ވާހަކަ އަނބުރާލިއެވެ.
“އެހެންތަ ވަނީ؟” ހިލްޔާ އެ ސުވާލު ކޮށްލި ވަގުތު އެ ލޮލުން ލާނެތް ވިދުވަރެއް ފާޅުވިއެވެ.
“ހުމް އެހެން. އެޓްރެކްޓިވް ކުއްޖަކު އެހާވަރު ކޮށްގެން ހިތް ފުރޭނީ ކިހިނެއް؟” ދާނިޝް އޭނަގެ ދެއަތް ހިލްޔާގެ ތުނި ހަށިގަނޑު ވަށާލަމުން ބުނެލި ވާހަކައިން ހިލްޔާއަށް ހެވޭ ގޮތްވިއެވެ. އެހިނދު ދާނިޝްގެ ހީލުމުގެ އަޑުވެސް ނުހަނު ގާތުން އިވިގެން ދިޔުމުން ހިލްޔާ ދެން ދާނިޝްއާއި ދުރުވާން ބޭނުމެއް ނުވިއެވެ. ދާނިޝްގެ ބޮސްދިނުންތަކުގެ އިޙްސާސް ކުރެވުމުން އެއަށް މަރުޙަބާ ކިޔުނެވެ.
އެދުވަހު ދާނިޝް ޙަޤީޤަތުގައި ވެސް ދާނިޝްގެ ވަޢުދު ފުއްދައިދިނެވެ. އޭނައަށް ހިލްޔާ ރީތިކަން ބަހާއި ޢަމަލުން ވެސް ހިލްޔާއަށް ދައްކުވައިދިނެވެ. ހިލްޔާއަށް އެ ޔަޤީންކަން ދެވޭތޯ މަސައްކަތް ކުރިއެވެ. އެކަން އިޙްސާސް ކުރެވުމުން ހިލްޔާއަށް ދާނިޝްގެ ލޯބި އިތުރަށް އިޙްސާސް ކުރެވުނެވެ. ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ދާނިޝް ލިބިފައިވީތީ ހިތަށް އިތުރު އުފާވެރިކަމެއް ލިބުނެވެ.
**
ނިދިފައި އޮތް ދާނިޝްއަށް ހޭލެވޭ ގޮތްވީ 6:50 ހިނގި ވަގުތެވެ. 7:10 އަކީ މަޣްރިބް ނަމާދު ވަގުތުކަން ހަނދާންވުމުން އަތުތެރޭގައި އޮތް ހިލްޔާއަށް ބަލާލެވުނެވެ. ހިލްޔާ ނިދަން އޮތް ގޮތް ލޯބިކަމުން ގޮވާ ހިތެއްވެސް ނުވިއެވެ. މަޣްރިބް ނަމާދު ވަގުތު ޖެހުނަސް އެ އޮތް ގޮތަށް އޮންނަން ބޭނުންވިއެވެ. އެހެނަސް ވަގުތުން ނަމާދު ކުރަން ނުގޮވައިފިނަމަ ޚުދު ހިލްޔާ އޭނައަށް ނުރުހުންވާނެކަން ހަނދާން ކުރަމުން ވާހަކަ ދެކެވުނެވެ.
“ހިލޫ…މަޣްރިބް ޓައިމް.” ދާނިޝް ހިލްޔާގެ މޫނަށް އެޅިފައިވާ އިސްތަށިގަނޑު ރަނގަޅު ކޮށްދެމުން ވައި އަޑުން ގޮވިއެވެ. ދާނިޝް ހީކުރިވަރަށް ވުރެ އަވަހަށް ހިލްޔާ ވާހަކަ ދެއްކިއެވެ.
“ހުމް އެނގެއޭ. ހޭލެވުނުތާ އިރުކޮޅެއްވެއްޖެ. ކުއްޖަކު އެކަނި ބާއްވާފަ ދާން ހިތަށް އަރާފަ ވެސް ހިތަށް އެރީ އެ ކުއްޖާ އުފާވާނެއޭ ހޭލެވޭއިރު ކައިރީގަ އޮތިއްޔާ. އެކުއްޖާ އުފާ ކޮށްދިނީމަ ވެސް ޘަވާބު ލިބޭނެއޭ.” ހިލްޔާ ލޯ މަރައިގެން އޮވެ ވާހަކަ ދައްކާފައި ފަހު ބަސްތައް ބުނަމުން ދާނިޝްއަށް ބަލާލިއެވެ. އެއާއިއެކު އެދެމެދުގައި ހިނިތުންވުންތައް ބަދަލުވިއެވެ.
“އިން ޝާ ﷲ. އަބަދުވެސް އެ ކުއްޖާ އުފަލުގަ ގެންގުޅެއްޗޭ ގިނަ ޘަވާބު ހޯދަން.” ދާނިޝް ރާގަކަށް ބުންޏެވެ.
“އަބަދުވެސް…އިން ޝާ ﷲ.” ހިލްޔާ އަނެއްކާވެސް ދާނިޝްގެ މޭމަތީގައި ބޯއަޅާލަމުން ބުންޏެވެ. ހިލްޔާ އެ ބުނެލި ބަސްތަކުން ދާނިޝްގެ ހަނދާނަށް އައީ މިއަދު ރާފިލް ދެއްކި ވާހަކައެވެ. ހިލްޔާ އޭނަ ދޫކޮށްފައި ގޮސްފާނެ ކަމަށް ބުނި ބުނުމެވެ. ހިލްޔާ އޭނަދެކެ ލޯބިވާ ކަމާއިމެދު ދާނިޝް ޝައްކެއް ނުކުރެއެވެ. އެހެނަސް އެހެން ޝައްކެއް ދާނިޝްގެ ހިތުގައި އުފެދިފައިވެއެވެ.
“ސުވާލެއް ކޮށްލަންތަ ހިލޫ؟” ދާނިޝް އެހިއެވެ.
“ހުމް…” ހިލްޔާ އޮތްގޮތަށް އޮވެ ބުންޏެވެ.
“އަހަންނަށް…ގޮތެއްވެއްޖެއްޔާ ވެސް ހިލޫ އަހަންނާ އެކީ ހުންނާނަންތަ؟” ދާނިޝް އެހިއެވެ.
“ކިހިނެއްވީ ދާން ބަލީތަ؟” ހިލްޔާ ކުޑަކޮށް ދާނިޝްއާއި ދުރުވެލަމުން ކަންބޮޑުވެފައިވާ ނަޒަރަކުން ދާނިޝްއަށް ބަލަން އޮވެ އެހިއެވެ.
“ނޫނޭ ބައްޔެއް ނޫން. މި ބުނީ މިސާލަކަށް…އަހަރެންގެ މަޤާމު ގެއްލިއްޖެއްޔާ. އަހަރެން…. ފަޤީރު ވެއްޖެއްޔާ. ހުންނާނަންތަ؟” ދާނިޝްއަށް އަހާލެވުނެވެ. އެއާއިއެކު އެފަދަ ސުވާލެއް ހިލްޔާއާއި ކުރެވޭތީ ވެސް އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ. އެއީ ދެން ކޮންކަހަލަ ސުވާލެއްތޯ ހިތަށްއެރިއެވެ.
“ދާންއަށް ހީވަނީ ކިހިނެއް؟ އަހަރެން ދާން ދޫކޮށްފަ ގޮސްދާނެހެންތަ؟” ހިލްޔާ ދާނިޝްއާއި ހަތަރުކަޅި ހަމަކޮށްގެން އޮވެ އެހިއެވެ. ޙަޤީޤަތުގައި އެ ލޮލުން ދާނިޝްއަށް ސާފު ޖަވާބެއް ލިބުނެވެ. އެހެނަސް ދާނިޝްގެ އެހެނިހެން އިޙްސާސްތަކުގެ ސަބަބުން ހިލްޔާގެ އެ ލޮލަށް އެވަގުތު ބަލަން ވެސް ނުކެރުނެވެ.
“އައި މީން އައި ތިންކް އިޓްސް ރީޒަނެބަލް. އަހަންނަށް ހިލޫ ރަނގަޅަށް ނުބެލެންޏާ….ހިލޫ ދަތި ޙާލެއްގަ އުޅޭކަށް އަހަރެން ބޭނުމެއް ނޫން. ބިސައިޑްސް ޔޫ ކޭން ގެޓް އެނީބޮޑީ.” ދާނިޝްއަށް ބުނެވުނެވެ. އޭނަ އެވަގުތު ހިތްދަތިވީ ކީއްވެކަން ޚުދު އޭނައަށް ވެސް އެނގުންވީ އެ ވާހަކަ ދައްކައި ނިމުނު ހިނދެވެ. ފަޤީރުވާން އޭނަ ބިރުގަންނަނީ އަމިއްލަ ނަފްސާއި މެދު ވިސްނާފައެއް ނޫނެވެ. އޭނަ ބިރުގަންނަނީ އޭނަގެ ސަބަބުން ހިލްޔާއަށް ދަތި ދިރިއުޅުމެއް އުޅެން ޖެހިދާނެތީވެއެވެ.
“އެނީބޮޑީ އަހަރެން ދެކެ ލޯބިވާނެތަ ދާން ލޯބިވާ ގޮތަށް؟” ހިލްޔާ ނުހަނު ސީރިއަސްކަމާއެކީ އެހިއެވެ. އެ ސުވާލު އިވުނު ވަގުތު ހިލްޔާގެ ލޮލުން ފެނުނު އަސަރުން ދާނިޝްގެ މޭގައި ރިހުމެއް ހިނގާލިއެވެ. އެ ސުވާލާއިމެދު ވިސްނާލެވުމުން ނޫނެކޭ ހިތަށްއެރިއެވެ. ހިލްޔާ އެހެން މީހަކާއެކީ އުޅޭ މަންޒަރު ސިފަ ކުރަން ވެސް އޭނައަށް ދަތިވިއެވެ. ކިތަންމެ ފަސޭހައިން ދުލުން ބުނެވުނަސް މިދެކެވެނީ ކިހާ ބޮޑު ވާހަކައެއްކަން އެނގުންވިއެވެ.
ދާނިޝް އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން ހިލްޔާ ވާހަކަ ދެއްކިއެވެ.
“އަހަރެން ނެތިން އެއްވެސް ތަނަކަށް ދާކަށް. ދާން ތިއީ ﷲ އަހަންނަށްޓަކައި ޚިޔާރު ކުރެއްވި ބައިވެރިޔާ. ކޮންމެ ކަނޑެއްގަ ފަތަން ޖެހުނަސް އަހަރެން ދާނީ ދާންއާއެކީ. އަހަރެން ދާން ދެކެ ލޯބިވީ ﷲ އަށްޓަކައި. އެ ލޯބީގެ ތެދުކަން ސާބިތުވުމަށް އިމްތިޙާން ކުރެވޭނެ ކަން ވެސް އެނގޭ. އިމްތިޙާން ކުރިމަތިވުމަކީ ވަކިވާން ޖެހޭ ސަބަބެއް ނޫން. އެއީ އަދި އިތުރަށް ގުޅުން ވަރުގަދަ ކުރަންވީ ވަގުތު. އޭރުން ދެމީހުންނަށް އެކީގައި މަސައްކަތް ކޮށްގެން ސަލާމަތުގެ އައްސޭރިއަށް ދެވޭނީ.” ހިލްޔާ ވާހަކަ ދެއްކިއެވެ.
ހިލްޔާ އެ ދެއްކި ވާހަކަތައް ދާނިޝްއަށް ޤަބޫލު ކުރެވުނެވެ. އެއާއިއެކު ބޯޖަހާލެވުނެވެ.
“އަސްލުވެސް. ދެޓްސް ޑީޕް.” ދާނިޝް ބުންޏެވެ.
“އައި ނޯ ރައިޓް. ދެން ހިނގާ ނަމާދަށް. އޭރުން ތި ހުރިހާ ގޯސް ގޮތްގޮތަށް ނުވިސްނޭނެ. އިން ޝާ ﷲ.” ހިލްޔާ އެހެން ބުނެ ޑުވެޓްގައި ހިފަހައްޓައިގެން ތެދުވުނެވެ. އެހިނދު ދާނިޝް ވެސް ‘އިން ޝާ ﷲ’ އޭ ކިޔަމުން ތެދުވުނެވެ.
އެވަގުތު ސުވާލު ނުކުރިޔަސް ދާނިޝް އެފަދަ ވާހަކައެއް ދައްކާނީ ކޮންމެވެސް ސަބަބަކާއި ލައިގެންކަން ހިލްޔާއަށް އެނގުނެވެ. ހިލްޔާ ހުރީ އެ ސުވާލު ނުކުރަންވެގެންނެވެ. ސުވާލު ނުކުރިޔަސް އޭނަގެ ހިތްހަމަޖެހިދާނެކަމަށް ހީކުރެވުނެވެ. އެހެނަސް އޭގެ އަނެއްދުވަސް ވީއިރު ވެސް އެކަމާއިމެދު ފިކުރު ކުރެވޭ ވަރުން އެންމެފަހުން އެ ސުވާލު ކޮށްލެވުނީ އޭގެ އަނެއްދުވަހު ހެނދުނު ގޭގައި ދެމީހުން ކުރަމުން ދިޔަ ނާސްތާގެ ތެރެއިންނެވެ. ހިލްޔާ ސުވާލު ކުރުމުން ދާނިޝް ވަކި ފޮރުވުމެއްނެތި ރާފިލް އޮފީހަށް އައި ވާހަކައާއި ރާފިލް ދެއްކިހާ ވާހަކަތައް ކިޔައިދިނެވެ.
“ސޯ…ޒިވް އާއި ރާފިލް ރައްޓެހި؟ ވަޓް އަ މެޗް!” ހިލްޔާ އެހެން ބުނުމާއިއެކު ދާނިޝްއަށް ހިނިގަނޑެއް ޖަހާލެވުނެވެ.
“އަހަރެން ވެސް ހިތަށްއެރީ ހަމަ ތިހެން ހުވާ! ލެޓްސް ވިޝް ދެމް އޯލް ދަ ބެސްޓް.” ދާނިޝް ޑަމްޕްލިންގް ކަމުން ވާހަކަ ދެއްކިއެވެ.
“އާނ އެކަމަކު…ރާފިލް ބުނި އެއްވެސް ވާހަކައެއް ދާން ޤަބޫލު ނުކުރައްޗޭ. އަހަރެން ލޯބިނުވޭ އޭނަ ދެކެ. އައި ލަވް ޔޫ!” ހިލްޔާއަށް ބުނެވުނެވެ. އޭނަގެ ސިކުނޑީގައި ޝައްކުތައް އުފެދުނު ފަދައިން ދާނިޝްގެ ސިކުނޑީގައި އުފެދޭކަށް ހިލްޔާ ބޭނުމެއް ނުވިއެވެ.
“ފުރަތަމަ ކަމަކަށް…ހީ އިޒް ނޮޓް ޔުއާރ ޓައިޕް. ހެހެ….ސެކަންޑް، ހިލޫ އަމިއްލައަށް އޭނައާއި މެރީ ނުކޮށް ޗާޗުން ނިކުމެގެން ދިޔައީ. އެހެންވީމަ އޭނަގެ ބަސްތައް ޤަބޫލު ކުރެވޭކަށް ނެތް.” ދާނިޝް ދެއްކި ވާހަކައިން ހިލްޔާއަށް ހެވުމުން ދާނިޝްއަށް ވެސް ވާހަކައިގެ މެދުތެރެއިން ހެވޭ ގޮތްވިއެވެ.
“އެގްޒެކްޓްލީ…ދެން އޭނަ ބުނީ ކުންފުންޏަށް ކީއްކުރާނަމޭ؟” ހިލްޔާ ސީރިއަސްވެލަމުން ބުންޏެވެ.
“ނުބުނޭ ކޮންކަމެއް ކަމެއް. ހަމައެކަނި ބުނީ މި ކިޔައިދިން ގޮތަށް. އަހަރެންގެ ގޮނޑި ގެއްލޭނެއޭ. ބިޒްނަސްއަކަށް އެޓޭކް ކުރެވިދާނެ ވަރަށް ގިނަ ގޮތްތައް ހުންނާނެ ހިލޫ. އަހަންނަށް ހިއެއްނުވޭ ރާފިލް އަމިއްލައަށް ކުރާ ކަމެއްހެން މިއީ. ހިތް ބުނަނީ ރާފިލްއަށް ވުރެ ވިސްނުން ހުރި މީހެކޭ ކަމެއް ކުރަން އުޅެނީ. ގަޓް ފީލިންގް ހަމަ.” ދާނިޝް ވިސްނުމަކަށް ގެއްލިފައި އިނދެ ބުންޏެވެ. އެހިނދު ލޮލަށް ސިފަވަމުން ދިޔައީ ޒެނިތް ކޮމްޕެނީސް ގެ ސީއީއޯ ކަމަށްވާ ނަސީމެވެ. އިއްޔެ ހޯދި ހޯދުންތަކުން ލިބުނު މަޢުލޫމާތުތަކެވެ.
ދާނިޝް އެއް ދިމާލަކަށް ނަޒަރު ހުއްޓައިގެން އިންނަން ފެށުމުން ހިލްޔާ މޭޒުމަތީގައި އޮތް ދާނިޝްގެ އަތްމަތީގައި އަތް ބޭއްވިއެވެ.
“މާ ބޮޑަށް ކަންބޮޑުނުވޭ ދާން. ﷲ ގެ އިރާދަފުޅާއި ލައިގެން މެނުވީ އެއްވެސް މީހަކަށް އަހަރުމެންނަށް ގެއްލުމެއް ނުދެވޭނެ. އަދި އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއްގައި ވެސް ރަޙްމަތެއް ވޭ. އެކަން ޤަބޫލުކޮށްގެން ކުރިއަށް ދާ ބަޔަކަށް ދެރައެއް ނުލިބޭނެ.” ހިލްޔާ ނަސޭޙަތްތެރިވިއެވެ. އެހިނދު ދާނިޝް ހިލްޔާއަށް ބަލާލިއެވެ. އަދި ތުން ފިއްތާލަމުން ހިނިތުންވުމަކާއިއެކީ ބޯޖަހާލިއެވެ. އެހިނދު ހިލްޔާވެސް ބަދަލުގައި ހިނިތުންވެލިއެވެ.
އާދައިގެ މަތިން އެދުވަހު ދާނިޝްއާއި ހިލްޔާ އެކީގައި ތައްޔާރުވެގެން ޑިއުޓީއަށް ދިޔައެވެ. އެދުވަސް ވެގެން ދިޔައީ ހިލްޔާއަށް ފުދޭވަރަކަށް ބުރަ ދުވަހަކަށެވެ. މެންދުރު 1 ޖެހިއިރު ބްރޭކް ގަޑި ލިބުނުއިރު ހިލްޔާ ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެހެނަސް އެދުވަހު ކެންޓީނަށް ދިޔުމުގެ ބަދަލުގައި އެ ހޮސްޕިޓަލުން އޭނައަށް ލިބުނު ޗައިނާ އެކުވެރިއެއް ކަމަށްވާ މެއި އާއިއެކީ ކާން ވަޢުދުވެފައިވާތީ ހޮސްޕިޓަލުގައި ހުރި ޓީ ރޫމަށް ދިޔައެވެ.
“ވަގުތުކޮޅެއް ދެއްޗޭ. ހުރިހާ އެއްޗެއް އަތުރާލާނަން ވަރަށް އަވަހަށް. ނޫޑުލްސް ކޮޅު މާ މަޑުވެދާނެތީ ފެން ނާޅަން. ހަމަ ދެ މިނެޓް ނަގާނީ އިނގޭ.” މެއި އޭނަ ގެނައި ކޮތަޅުން ބައެއް އެއްޗެހި ކާ މޭޒުމަތީގައި ބައިތިއްބަމުން އިނގިރޭސިން ބުންޏެވެ.
“އަޅެ ދެ މިނެޓަށް ވެސް މަޑު ނުކުރެވޭނެ. ވަރަށް ބަނޑުހައި!!” އެ މޭޒުދޮށުގައި އިށީނދެ އިން ހިލްޔާ ބަނޑުގައި އަތް އަޅަމުން ސަމާސާގެ ޒާތަށް އިނގިރޭސިން ބުންޏެވެ. މިތަނަށް ކާން ނާދެވުނުނަމައޭ ވެސް ހިތަށްއެރިއެވެ. އެހެނަސް މެއި ދެރަ ކޮށްލާކަށް ބޭނުމެއް ނުވިއެވެ. މެއި އަކީ އޭނަ ފިޔަވައި މި ހޮސްޕިޓަލުގައި ވެސް އުޅޭ ހަމައެކަނި މުސްލިމް ޑޮކްޓަރަށް ވާތީވެއެވެ. މެއި އޭނަ ފެނުމާއިއެކު އޭނައާއި ގާތްވި ސަބަބަކީ ވެސް އެއީއެވެ. އަދި ހިލްޔާއަށް ޗައިނާގެ ކާ އެއްޗެހި މީރު ނޫނަސް މިއަދު މި ކެއުމަށް އެއްބަސްވެވުނު ސަބަބަކީ ވެސް އެއީއެވެ.
“އަޅެ…މީގެއިން އާފަލެއް ކާލަބަލަ ނޫޑުލްސް ތައްޔާރު ކުރެވެންދެން އެހެންވީމަ.” މެއި އޭނަ ގެނައި ބޮޑު ހުދުކުލައިގެ ކޮތަޅު ތެރެއިން ނެގި ފޮތި ކޮތަޅެއް ހިލްޔާގެ ކައިރީގައި ބާއްވަމުން ބުންޏެވެ.
ހިލްޔާ އެ ފެހިކުލައިގެ ކޮތަޅު ފެނުމާއިއެކު ކޮތަޅު ކައިރި ކޮށްލަމުން ގޮށް މޮހެލިއެވެ. އެއާއިއެކު ކޮތަޅު ތެރެއިން ފެނިގެން ދިޔައީ ބޮޑުބައި ރީނދޫ އަދި ތަންތަންކޮޅު ފިޔާތޮށި ކުލައިން ހުރި އާފަލެވެ.
“ވާވް! ހާދަ ރީތި އާފަލޭ.” ހިލްޔާ އޭގެއިން އާފަލެއް ނަގަމުން ގޮނޑިން ތެދުވެލީ އޭތި ދޮވެލުމަށެވެ.
“ދޯ؟ ތިއީ ރޭގަ ޝަންގްހައި އިން އަހަރެންގެ ބޮޑުބޭބެ އައިއިރު ގެނައި އާފަލު. މިތާ ކައިރީގަ މިހިރީއެއްނު ޗީފް އޯރގެނިކް ކޮމްޕެނީ؟ އެ ކޮމްޕެނީގެ ދަނޑެއް ހުންނާނެ ޝަންގްހައިގަ ވެސް. ތިއީ އެ ކޮމްޕެނީގެ އެންމެ މަޝްހޫރު އާފަލު.” މެއި ކިޔައިދެމުން ދިޔައިރު ސިންކު ކައިރިއަށް ދިޔަ ހިލްޔާއަށް ޗީފް އޯރގެނިކް ގެ ލޭބަލް އާފަލުން ފެނިއްޖެއެވެ. ‘ސިންސް 1989’ އޭ ލިޔެފައިވި ލޭބަލް ފެނިފައި މިއީ ހަމަ އެ ކުންފުނީގެ އާފަލުކަން ޔަޤީން ކުރެވުނެވެ. ލޭބަލް ނައްޓާލަމުން ޑަސްބިނަށް އަޅާލުމަށްފަހު ސިންކުން އާފަލު ދޮންނަމުން ދިޔައިރު، ދާނިޝް އޭނައަށް މި އާފަލު ދައްކާފައި ނުވަނީ ކީއްވެތޯ ހިލްޔާގެ ހިތަށް އެރިއެވެ. ގޭގައި ވެސް ހުންނަނީ ރަތާއި ފެހި އާފަލެވެ. މިއީ މުޅި ކުންފުނީގެ ވެސް އެންމެ މަޝްހޫރު އާފަލު ކަމަށްވާނަމަ އޭނައަށް ދޭންވާނެ ނޫންތޯ ހިތަށްއެރިއެވެ. ގެއަށް ގޮސް މައްސަލަ ޖައްސާލަން ވަގުތުން ޚިޔާލުތަކުގެ ތެރެއިން ރޭވުނެވެ.
އާފަލު ދޮވެލުމަށްފަހު ގޮނޑިއާއި ހަމައަށް ދިޔުމުގެ ކުރިން ވެސް ހިލްޔާ ބިސްމި ކިޔައި އާފަލު ކާން ފެށިއެވެ. އެ އާފަލުގެ ރަހަ ވެސް އެހާ މީރުކަން އެނގުންވުމުން ހިލްޔާއަށް ފިޔަވަޅުތައް ވެސް މަޑުޖައްސާލެވުނެވެ.
“ހާދަ މީރޭ ސުބްޙާނަ ﷲ! އަލްޙަމްދުލި ﷲ!” ހިލްޔާ އެހެން ބުނި ގޮތުން އުނދުން ކައިރީގައި ހުރި މެއި ވެސް ހީލިއެވެ. ހިލްޔާ އާފަލު ކަމުން ގޮސް އަނެއްކާވެސް ކާ މޭޒުދޮށުގައި އިށީނެވެ. ހިލްޔާ އިތުރު ވިސްނުމެއް ވެސް ނެތި އެ ރަހައަށް ގެއްލިފައި އިނދެ އާފަލު ކަމުން ދިޔައެވެ.
ނޫޑުލްސް ތައްޔާރުކޮށްގެން މެއި ދެމީހުންގެ ތަށި މޭޒުމައްޗަށް ގެނައި ވަގުތު ހިލްޔާއަށް އެ އާފަލުގެ ދެބައިކުޅަ އެއްބައި ކެވިއްޖެއެވެ. މެއި ދެން ކާން ހިނގާށޭ ބުނެ އިށީންނަން އުޅުނު ވަގުތު ހޮސްޕިޓަލުގެ ކޯޑު ބްލޫ އިޢުލާން އިވެން ފެށިއެވެ. އެއާއިއެކު ހިލްޔާއާއި މޭއިއަށް އެކަކު އަނެކަކަށް ބަލާލަމުން ފަޅި ސިކުންތެއްގެ ތެރޭގައި ނިކުންނަން އަވަސްވެގަނެވުނެވެ. އަވަސް އަރުވާލުމުގެ ތެރޭގައި ހިލްޔާ ދިޔައީ އޭނަގެ އަތުގައި އޮތް އާފަލުގެ އެއްބައި މޭޒުމައްޗަށް ދޫކޮށްލާފައެވެ.
އެމަޖެންސީ ރޫމާއި ދިމާލަށް ދުވެފައި ދިޔަ ވަގުތު ހިލްޔާގެ ކަރަށް ތަދުވާން ފަށާފައިވެއެވެ. ރޯގާ ވައްތަރުވާން އުޅޭ ފަދައަކުންނެވެ. އެހެނަސް ހިލްޔާ އެއީ މާ ބޮޑު ކަމަކަށް ނަހަދައި އެމަޖެންސީގައި އޮތް ބަލިމީހާއާއި ހަމައަށް ދެވޭތޯ ބެލިއެވެ.
**
މެންދުރު 2:30 ވީއިރު ދާނިޝްއަށް ކުޑަކޮށް ވަގުތެއްވުމުން ދާނިޝް ގޭގައި ގެންގުޅޭ ފޯނު ބަލާލިއެވެ. އެހާއިރު ވީއިރު ހިލްޔާގެ މެސެޖެއް އައިސްފައި ނެތުމުން ހިލްޔާ މިއަދު މާ ބުރަ ދުވަހަކީތޯ ހިތަށްއެރިއެވެ. އެ ޚިޔާލުގައި އިނދެ ދާނިޝް ހިލްޔާއަށް ގުޅާލިއެވެ. ދެ ތިން ރިންގަކަށްފަހު ހިލްޔާ އެކޮޅުން ފޯނު ނެގިއެވެ.
“އައްސަލާމް..ޢަލައިކުމް.” އެކޮޅުން ހިލްޔާގެ ވަރުބަލިވެފައިވާ އަޑު އިވުނެވެ.
“ވަޢަލައިކުމުއްސަލާމް. ހާދަ ބައްޔޭ. އާރ ޔޫ އޯކޭ؟” ދާނިޝްއަށް ހިސާބެއްގެ ކަންބޮޑުވުމަކާއެކީ އަހާލެވުނެވެ. ހިލްޔާ ކިތަންމެ ބުރަވިޔަސް މީގެއިން އެއްވެސް ދުވަހަކު ހިލްޔާގެ އަޑު އެފަދައިން އައިސްފައެއް ނުވެއެވެ.
“ނޭނގެ. ބަލިވަނީ ހެން ހީވަނީ. ކަރަށް ތަދުވަނީ. ބޯ ވެސް އަނބުރާ.” ހިލްޔާ ތުރުތުރު އަޅާ އަޑަކުން ދެއްކި ވާހަކައިން ދާނިޝްއަށް ސީދާ ވެލެވުނެވެ.
“ނަގަން އަންނަންވީދޯ؟ ގެއަށް ދާންވީ؟” ދާނިޝް އެހިއެވެ.
“ނޫން ނޫން. އައި ތިންކް އައި ކޭން މެނޭޖް. ދާން އަދި ވޯކް ވެސް ނުނިމޭނެއެއްނު؟” ހިލްޔާ ބުންޏެވެ.
“ވޯކް ނުނިމުނަސް ގޮސްދާނަމޭ ހިލޫ. ހިލޫ ވަރަށް ބަލި އަޑު އަހަންނަށް މި އިވެނީ.” ދާނިޝް ކަންބޮޑުވުން އިތުރުވެފައިވާ ޙާލު ބުންޏެވެ.
“މާ ބޮޑު ކަމެއް ނޫން މިއީ. އެހެން ދުވަހު ވެސް ނިމޭ ގަޑި ޖެހެންދެން އަހަރެން ހުންނާނަން. މިކޮޅުން ޕިލްއެއް ނަގައިގެން ގެއަށް ގޮއްސަ ރެސްޓް ކުރާނީ. އިން ޝާ ﷲ.” ހިލްޔާ ބުންޏެވެ.
“ޔަޤީންތަ ހިލޫ؟” ދާނިޝްއަށް ދެންވެސް އަހާލެވުނެވެ.
“ޔަޤީން އިން ޝާ ﷲ. ދެން ބާއްވާ. އަހަރެން މިދަނީ ތިއޭޓަރަށް.” ހިލްޔާ ބުންޏެވެ.
“އޯކޭ. އެއްވެސް އިތުރު ކަމެއް ވަންޏާ ގުޅައްޗޭ. ލަވް ޔޫ. ބާއި.” ދާނިޝް ބުނި ކޮންމެ ވާހަކައަކަށް ހިލްޔާގެ ރައްދު ދެންވެސް އައީ ބަލި އަޑުންނެވެ. އެހެންކަމުން ކޯލު ނިމުނުއިރު ވެސް ދާނިޝްގެ ހަމަޖެހުން ގެއްލިފައިވިއެވެ.
ދާނިޝްގެ އެ ކޯލު ނިމުނު ވަގުތު ހިލްޔާއަށް ފާޚާނާއެއްގެ ކައިރީގައި ހުރެވުނު ކަމީ ނަސީބެކެވެ. އޯކަތް ދަމައިގަތް ވަގުތު ފާޚާނާއަށް ވަދެވުނު ގޮތަށް ތަށިގަނޑު ތެރެއަށް ހޮޑުލެވުނެވެ. ހޮޑުލައި ނިމުނު ވަގުތު މުޅި މީހާ ތުރުތުރު އަޅާފައިވިއެވެ. ހުރިތަނަށް ނުވެއްޓުނީ ސައިބޯނި ފުޅި ބަހައްޓާފައި ހުރި ހަރުގަނޑުގައި ހިފަހައްޓާލެވުނީތީވެއެވެ. އެހިނދު ބަނޑުގެ އެއްފަރާތުގައި ތޫނު ރިހުމެއް ވެސް އުފެދުނެވެ.
އެހެނަސް ހިލްޔާ ހިތްވަރާއިއެކީ ސީދާވެލަމުން ތަށިގަނޑު ފްލަޝް ކުރިއެވެ. އަދި މޫނުދޮންނަ ތަށިގަނޑު ކައިރިއަށް ގޮސް އަނގަ ދޮވެލިއެވެ. އެހިނދު ވެސް ބަނޑަށް ތަދުވަމުން ދިޔަ ގޮތުން ސީދަލަށް ހުންނަން ވެސް ހިލްޔާއަށް ދަތިވެފައިވިއެވެ. ދާނިޝްއަށް ގުޅަންވީތޯ ހިތަށް އެރުމުން ވެސް ޚިޔާލު ބަދަލު ކޮށްލެވުނެވެ. އޭނަ ބަލި ވިޔަސް އަންނަން ޖެހޭނީ ހޮސްޕިޓަލަށް ނޫންތޯ ހިތަށްއެރިއެވެ. ދައްކާނީ ޑޮކްޓަރަކަށް ނޫންތޯ ހިތަށްއެރިއެވެ.
އެއާއިއެކު ހިލްޔާ މޫނު ދޮވެލަމުން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. އަދި ފުން ނޭވައެއް ދޫކޮށްލަމުން އޭނައަށް މިވަނީ ކިހިނެއްކަމާއިމެދު ވިސްނާލެވުނެވެ. އެންމެ ފުރަތަމަ ވެސް ހިލްޔާގެ ހަނދާނަށް އައި މެއި އޭނައަށް ދިން ނޫޑުލްސް އެވެ. އެމަޖެންސީގައިވާ ބަލިމީހާ ބެލުމަށްފަހު ދެމީހުން ގޮސް ކެއި އެ ނޫޑުލްސް އެވެ. ހިލްޔާ އެހާ ކާހިތުން ހުރި އާފަލުގެ އަނެއްބައި އޭނަ އައިއިރު ފެންނާކަށް ނުވެސް ނެތެވެ. އެހެންކަމުން ހިލްޔާ ކާންޖެހުނީ މެއި ގެނައި ނޫޑުލްސް އެވެ. އެ ނޫޑުލްސް އޭނައާއި ނުގުޅުނީތާއޭ ހިތަށްއެރިއެވެ. އެއާއިއެކު އޭނަ ކާންވީ ބޭސްތައް ސިކުނޑީގައި ރާވަމުން ހިލްޔާ ފުން ނޭވައެއް ދޫކޮށްލަމުން ފާޚާނާއިން ނިކުތެވެ.
ކޮންމެ ގޮތެއް ވިޔަސް ހިލްޔާގެ ބަނޑުގައިވި އެ ރިހުން ތޫނުވަމުން ދިޔައެވެ. ބޭސް ހޯދުމަށްޓަކައި ފާރމަސީއަށް ދިޔަ ވަގުތު ހިލްޔާގެ މޫނަށް އަނދިރިވަމުން ވެސް ދިޔައެވެ. އެހެނަސް ކުޑަ އެއްޗެއް ކާލުމުން އެކަން ވެސް ރަނގަޅުވާނެއޭ ހިތައި ހިލްޔާ ދާނިޝްއަށް ގުޅަން ނޫޅުނެވެ.
**
ހިލްޔާއަށް ގުޅިތާ ގަޑިއެއްހާއިރު ވެސް ނުވަނީސް ދާނިޝްއަށް އަނެއްކާވެސް ހިލްޔާއަށް ގުޅާލެވުނީ ފިކުރު ބޮޑުވުމުންނެވެ. ހިލްޔާގެ އެ އަޑު އިވުނު ފަހުން ދާނިޝްއަށް އެހެން ކަމަކަށް ސަމާލުކަން ދޭން ވެސް ދަތިވެފައިވެއެވެ. ދާނިޝް ގުޅާ ކޮންމެ ފަހަރަކު އެ ފޯނު ވަނީ ނިވާލާފައި ކަމަށް އިވެމުން ދެއެވެ. އޮޕަރޭޝަންގައި ސާރޖަންއަށް އެހީވުމަށް ހިލްޔާ ތިއޭޓަރަށް ވަންނާނީ ފޯނު ނިވާލާފައިކަން ދާނިޝްއަށް އެނގެއެވެ. އެހެނަސް އެހެން ފަހަރުތަކުގައި ހިލްޔާ ތިއޭޓަރަށް ވަންނަނީ އެއީ ކިހާ ދިގު އޮޕަރޭޝަނެއްތޯ އޭނައަށް އަންގާފައެވެ. ހިލްޔާ އެހާ ބަލިއިރު އެހާވަރު ވެސް އޭނައަށް ނާންގާ އުޅޭތީ ވީ ކަންބޮޑުވުމުގައި ދާނިޝް ހިސާބަކަށް ނުރުހުންވެސްވިއެވެ.
4 ޖަހަންދެން ވެސް ދާނިޝް ދޭތެރެ ދޭތެރެއިން ހިލްޔާއަށް ގުޅަމުން ދިޔައެވެ. އެއިން ކޮންމެ ފަހަރަކު އިވެމުން ދިޔައީ ފޯނު ނިވާލާފައި އޮތް ވާހަކައެވެ. އެންމެފަހުން ކެތް ނުކުރެވުމުން ދާނިޝް އެ ހޮސްޕިޓަލްގެ ރިސެޕްޝަނަށް ގުޅާލިއެވެ. އެކޮޅުން ޖަވާބު ދިނުމާއިއެކު ދާނިޝް ޗައިނާ ބަހުން ވާހަކަ ދެއްކިއެވެ.
“އާދެ….އަޅުގަނޑަށް ބަލައި ދެވިދާނެތޯ ޑޮކްޓަރ ހިލްޔާ ކޮބައިތޯ؟ މިއީ ޑޮކްޓަރ ހިލްޔާގެ ފިރިމީހާ. ޑޮކްޓަރ ހިލްޔާ ފޯނު ނުނަގާތީ ވީގޮތެއް ނޭނގިގެން.” ދާނިޝް އެދުނެވެ. އެއާއިއެކު އެކޮޅުން މަޑުކޮށްލަދޭށޭ ބުންޏެވެ. އެއާއިއެކު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ހިމޭންކަމުގެ ވަގުތުކޮޅުގައި ދާނިޝް ހެޔޮކޮށް ވިސްނޭތޯ ބެލިއެވެ. ހިލްޔާ ހުރީ އަދިވެސް ތިއޭޓަރުގައޭ ބުނާ އަޑު އިވޭނެކަމަށް ދާނިޝް އުއްމީދު ކުރިއެވެ. އެހެނަސް…
“ޑޮކްޓަރ ހިލްޔާ ވަނީ އެމަޖެންސީގަ އެޑްމިޓް ކުރެވިފަ. ދާދި ދެންމެއަކު އެޑްމިޓް ކުރެވުނީ.” އެކޮޅުން އިވުނު އެ ބަސްތައް ދާނިޝްއަށް އިވުނީ ހޮނު ގުގުރީގެ ސިފައިގައެވެ.
ނުނިމޭ
