ނަފްސީ (އަށްޑިހަ ދެވަނަ ބައި)
ނަފްސީ (އަށްޑިހަ ދެވަނަ ބައި)
“އާދެ….އަޅުގަނޑަށް ބަލައި ދެވިދާނެތޯ ޑޮކްޓަރ ހިލްޔާ ކޮބައިތޯ؟ މިއީ ޑޮކްޓަރ ހިލްޔާގެ ފިރިމީހާ. ޑޮކްޓަރ ހިލްޔާ ފޯނު ނުނަގާތީ ވީގޮތެއް ނޭނގިގެން.” ދާނިޝް އެދުނެވެ. އެއާއިއެކު އެކޮޅުން މަޑުކޮށްލަދޭށޭ ބުންޏެވެ. އެއާއިއެކު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ހިމޭންކަމުގެ ވަގުތުކޮޅުގައި ދާނިޝް ހެޔޮކޮށް ވިސްނޭތޯ ބެލިއެވެ. ހިލްޔާ ހުރީ އަދިވެސް ތިއޭޓަރުގައޭ ބުނާ އަޑު އިވޭނެކަމަށް ދާނިޝް އުއްމީދު ކުރިއެވެ. އެހެނަސް…
“ޑޮކްޓަރ ހިލްޔާ ވަނީ އެމަޖެންސީގަ އެޑްމިޓް ކުރެވިފަ. ދާދި ދެންމެއަކު އެޑްމިޓް ކުރެވުނީ.” އެކޮޅުން އިވުނު އެ ބަސްތައް ދާނިޝްއަށް އިވުނީ ހޮނު ގުގުރީގެ ސިފައިގައެވެ.
ހިތާއި ސިކުނޑިއަށް ވެރިވި ހާސްކަމާއެކީ ސުވާލެއް ކޮށްލަން އަނގަ ހުޅުވާލިއެއްކަމަކު އެ އަނގައިން ބޭރުވީ ވައި އަޑެކެވެ. އެހިނދު ބޭއިޚްތިޔާރުގައި ފޯނު ކަންފަތާއި ދުރުކޮށްލަމުން ފޯނު ކަނޑާލެވުނު ވަގުތު ކޮޅަށް ތެދުވެވިއްޖެއެވެ. އެއަށްފަހު ކެބިން އިން ނިކުންނަން ދުއްވައިގަނެވުނީ ކިހިނެއް ކަމެއް ވެސް ދާނިޝްއަށް ނޭނގުނެވެ.
އިރުކޮޅެއްގެ ތެރޭގައި ދާނިޝް އިނީ ބެއިޖިންގްގެ ތާރު މަގުން ބާރު ސްޕީޑެއްގައި ދުއްވަމުން ދިޔަ ކާރުގައެވެ. އެތައް ވެހިކަލެއް ފަރިތަކަމާއެކީ ފަސްކުރަމުން ދިޔައިރު ދާނިޝްގެ ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ. ‘އެމަޖެންސީ’ އޭ ބުނީއްސުރެ ދާނިޝްގެ ހިތުގައި އަށަގަތީ މުޅި ޙަޔާތުގައި ވެސް އައި އެންމެ ބިރުވެރި ރޭގައި އެ ހިތަށް ވެރިވި އިޙްސާސްތަކެވެ. މަންމަ ބިންމައްޗަށް ވެއްޓުނު އަޑުފައްގަނޑާއި، އެމްބިއުލާންސްގެ ސައިރަންގެ އަޑާއި، މަންމަގެ ކައިރީގައިވާ މޮނީޓަރުން އިވުނު ތޫނު އަޑު އެއްވެގެން ދާނިޝްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.
އެރޭ ހޮސްޕިޓަލަށް ދިޔައިރު ހިތުގައިވި ނާއުއްމީދީ އިޙްސާސްތައް އެވަގުތުވެސް ހިތަށް ވެރިވެގެން ދިޔައެވެ. އެ އިޙްސާސްތައް ކުރެވޭނަމަ އޭނައަށް މިއަދު ވެސް ކުރެވިގެން ދާނީ އެ ދުވަހު ކުރެވިގެން ދިޔަ ފަދަ ތަޖުރިބާއެއްތޯ ހިތަށްއެރިއެވެ. އެހިނދު އެ މޭގައި ކެތްކުރަން ދަތިވި ރިހުމެއް އުފެދުނު ހިނދު ލޮލުން ދިލަ ނެގިއެވެ. އޭނަ ހިލްޔާ ގެއްލުވާލަން އަދި ތައްޔާރެއް ނޫނޭ ހިތާހިތުން ގޮވުނެވެ. އޭނައަށް މިވަގުތު ހޮސްޕިޓަލަށް ގޮސް އެފަދަ ޚަބަރެއް ލިބިއްޖެނަމަ ދިރިއުޅޭނީ ކިހިނެއްތޯ ބުނެ ހިތް ރުޔެވެ.
ހާސްވެފައިވި ވަރުން ދާނިޝް ހޮސްޕިޓަލުގެ މައިދޮރުމައްޗަށް ކާރު މަޑުކޮށްލެވުމާއިއެކު ޕާކް ކުރަން ވެސް ހަނދާން ނައްތާލާފައި ހޮސްޕިޓަލާއި ދިމާލަށް ދުވެފައި ދިޔައެވެ. އޮޓޯ ޕާކިންގްއަށް ލެވިފައިވީ ކަމީ ނަސީބެކެވެ. ހޮސްޕިޓަލަށް ވަދެގެން ގޮސް ދުވެފައި ދިޔައިރު ދާނިޝްގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. މިއީ ޢާއްމު ގޮތެއްގައި ދާނިޝް އައިސް އުޅޭ ހޮސްޕިޓަލަކަށް ވުމުން އެމަޖެންސީ ހުންނަ ތަން ދާނިޝްއަށް އެނގެއެވެ. އެހެންކަމުން ދާނިޝް ގެ މިޞްރާބު ހުރީ އެ ދިމާލަށެވެ.
ދާނިޝް ގޮސް އެމަޖެންސީއަށް ވަދެވުމާއިއެކުހެން ފިޔަވަޅުތައް މަޑުޖެހުނީ، ދޮރާއި ނުހަނު ކައިރިން ފެނުނު އެނދުގައި އޮތް ހިލްޔާ ފެނުމުންނެވެ. އެނދުގެ ވަށައިގެންވި ފަރުދާގެ ބޮޑުބައި ކެހިފައިވުމުން ދާނިޝްއަށް އެ ހުރިތާ ހުރެ ހިލްޔާ ފެނުނެވެ. ހިލްޔާ އޮތީ ހޮސްޕިޓަލުގައި ލައި އުޅޭ ގަދަ ނޫކުލައިގެ ހެދުމާއިއެކީ ހަމަ އެކުލައިގެ ބުރުގާއެއް އަޅައިގެންނެވެ. އެހެން އޮތްއިރު ހޮސްޕިޓަލް އެނދުމަތީގައިވާ ހުދުކުލައިގެ ފޮތިގަނޑު ހިލްޔާގެ ގައިގައި އެޅިފައިވިއެވެ.
ހިމޭންކަމާއެކީ ނިދިފައި އޮތް ހިލްޔާ ފެނިފައި ދާނިޝް ލަސްވެގެން ދިޔަ ހިތުގެ ތެޅުމާއެކީ ހިލްޔާގެ އެނދު ކައިރިއަށް ދިޔައެވެ. އޭނައަށް ފެންނަމުން ދިޔަ ހިލްޔާގެ އަތް ނޫން އަނެއް އަތުގައި އައިވީ ގުޅާފައިވާ މަންޒަރު ދާނިޝްއަށް ފެނުނީ ދެނެވެ. ހިލްޔާއަށް މާ ބޮޑު ކަމެއް ނުވާކަން ސިކުނޑިއަށް ދޭހަވުމުން ދާނިޝް މަޑުމަޑުން ހަމައަކަށް އެޅުނެވެ. އެހެނަސް ލަސްލަހުން އޭނަގެ އަތް ގެންގޮސް ހިލްޔާގެ އަތްމަތީގައި އެޅިއިރު އެ އަތުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ. އެހިނދު އެސްފިޔަ ޖަހާލިއިރު އެސްފިޔަތަކުގައި ހަރުލި ކަރުނަތަކުގެ އިޙްސާސް ކުރެވުނެވެ.
ދާނިޝް އެހެން ހުއްޓާ ހިލްޔާގެ އެނދު ކައިރިއަށް އަންހެން ޑޮކްޓަރަކު އައެވެ.
“ތިއީ ޑޮކްޓަރ ހިލްޔާގެ ފިރިމީހާތޯ؟” ޗައިނާ ބަހުން ބުރުގާ އަޅައިގެން ހުރި އެ އަންހެން މީހާ އެހިއެވެ. އެއާއިއެކު ދާނިޝްއަށް އެ ދިމާލަށް ބަލާލެވުނެވެ.
“އާދެ…ޑޮކްޓަރ ހިލްޔާއަށް ކިހިނެއްތޯ ވީ؟” ދާނިޝްއަށް ހާސްކަމާއެކީ އަހާލެވުނެވެ.
“މިއަދު ހެނދުނު ޑޮކްޓަރ ހިލްޔާ ހުރީ ވަރަށް ރަނގަޅަށް. މެންދުރު ހޮޑުލެވެން ފެށި ވާހަކަ ޑޮކްޓަރ ހިލްޔާ ބުނި. އަޅުގަނޑު މިއީ ޑޮކްޓަރ ހިލްޔާގެ ގާތް އެކުވެރިޔަކަށް ވީމަ އަޅުގަނޑާ މަޝްވަރާ ކޮށްފަ ބޭހެއް ވެސް ކެއި. މޫނަށް އަނދިރިވެ ބަނޑަށް ތަދުވާ ވާހަކަ ވެސް ބުނި. އަޅުގަނޑު ބުނިން ގެއަށް ދާންވީ ނޫންހޭ. ބުނީމަ އިންކާރު ކުރީ. ބޭސް ކެއީމަ ރަނގަޅުވާނެއޭ ބުނަމުން ދިޔައީ. އެކަމަކު ބަލިކަމުން މިއަދު ތިއޭޓަރ ޑިއުޓީއަށް ވެސް ނާދޭ. ސާރޖަރީ ހިނގަމުން ދިޔަ ގޮތް ބަލަން މަތީ ފްލޯގަ އިނީ. ހިލްޔާގެ ބަދަލުގަ އެ ސާރޖަރީ އެސިސްޓް ކުރަން ދިޔައީ އަޅުގަނޑު. ސާރޖަރީ ނިމިގެން އަޅުގަނޑު ނިކުތްއިރު ޑޮކްޓަރ ހިލްޔާ ހޮސްޕިޓަލްގެ ކޮރިޑޯއެއްގަ ހޭނެތިގެން ވެއްޓިފައި އޮތް ވާހަކަ އިވުނީ. އަޅުގަނޑަށް ވެސް ދެން ޑޮކްޓަރ ހިލްޔާ ފެނުނީ މި އެނދުމަތިން.” އެ ޑޮކްޓަރު ކިޔައިދިނެވެ. އެ ޑޮކްޓަރު ބުރުގާ އަޅައިގެން ހުރި ގޮތުންނާއި ދެއްކި ވާހަކައިން އެއީ ޑޮކްޓަރ މެއި ކަން ދާނިޝްއަށް އެނގުނެވެ.
ޑޮކްޓަރ މެއި ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު ދާނިޝްއަށް ހިލްޔާއާއި ދިމާލަށް ބަލާލެވުނީ ހިސާބެއްގެ ނުރުހުންތެރިކަމާއިއެކީގައެވެ. އެހާވަރު ވީއިރު ވެސް އޭނަ ގާތު ހިލްޔާ ނުބުނާތީވެއެވެ. ހިލްޔާ އެކަނިމާއެކަނި އެ ޙާލުގައި އުޅޭ މަންޒަރު ސިފަ ކުރަން ވެސް ދާނިޝްއަށް ދަތިވިއެވެ.
“ދެން….އަސްލު ކީއްވެތޯ ހިލްޔާއަށް އެ ކަމެއްވީ؟” ދާނިޝް އަނެއްކާވެސް ޑޮކްޓަރ މެއި އާއި ވާހަކަ ދެއްކިއެވެ.
“ނޭނގެ ތަފްޞީލެއް އަދި. ހިލްޔާ އެމަޖެންސީގަ ބެލި ޑޮކްޓަރު ކުރެން އެހީމަ ބުނީ ޓެސްޓްތައް ހަދަން ސާމްޕަލް ނަގާފަ ކަމަށް ހުރީ. ޓެސްޓްތަކުގެ ނަތީޖާ ލިބުނީމަ އެނގޭނީ. މިހާރު ވަރަށް ގިނައިން ހޮޑުލެވިފަ ހުރީމައާއި ހުން އައިސްގެން އުޅޭތީ އެކަމަށް އައިވީއެއް ދީފަ އެއޮތީ. އަނހަ އެއޮތް ހޭލެވުނީ.” ޑޮކްޓަރ މެއި ދާނިޝްއާއި ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް ހިނިތުންވެލަމުން ބުންޏެވެ.
އެއާއިއެކު ދާނިޝްއަށް ހިލްޔާއާއި ދިމާލަށް ބަލާލެވުނެވެ. އެހިނދު ހިލްޔާ ބަލި ގޮތަކަށް ލޯ ހުޅުވިފައި އޮތް މަންޒަރު ފެނިފައި ދާނިޝްގެ ހިތް ދެރަވިއެވެ. އިސާހިތަކު ހިލްޔާއާއި ގާތްވެލަމުން އެ ބޮލުގައި ފިރުމާލެވުނެވެ.
“ކިހިނެއްތަވީ ލޯބިކޮޅު؟ ކީއްވެ އަހަންނަށް ނުގުޅީ؟ ހާދަ ފިކުރު ބޮޑުވިއޭ!” ދާނިޝްއަށް ޝަކުވާ ކުރެވުނެވެ. އެ ޝަކުވާގައި ވެސް ވި ލޯތްބާއި ވޭން އަޑުއަހާ މީހަކަށް އެނގޭނެއެވެ. ދިވެހި ބަހުން އެ ބަސްތައް އިވުމުން ވެސް އެއީ އެތަނުން ދާން ސިގްނަލެއް ގެ ޑޮކްޓަރ މެއިއަށް ސިފަވިއެވެ. އެހެންކަމުން ނޫންކަމަށް ހަދާފައި ލަސްލަހުން ހިލްޔާގެ އެނދުގެ ވަށައިގެން ފަރުދާ ދަމާލަމުން އެތަނުން ދާން ހިނގައިގަތެވެ.
ދާނިޝްއަށް ބަލަން އޮތް ހިލްޔާއަށް އޮވެވުނީ ކޮންތާކުކަމާއި، އޭނަގެ ކައިރީގައި ދާނިޝް އިނީ ކީއްވެ ކަމާއި ދާނިޝް އެ ދައްކަނީ ކޮން ވާހަކައެއްކަން ފަހުމްވާން އިރުކޮޅެއް ނެގިއެވެ. ދާނިޝްގެ މޫނުމަތިން ފެނުނު މާޔޫސްކަމުން ހިލްޔާ ދެރަވާ ގޮތްވިޔަސް ދާނިޝް ކައިރީގައި ހުރީތީ ހިތްހަމަޖެހުނެވެ. ދާނިޝް ހުދުކުލައިގެ އޮފީސް ގަމީހާއި ގަދަ މުށިކުލައިގެ ޓައިއަކާއި އެކުލައިގެ ފަޓުލޫނެއްގައި ހުރި ގޮތުން އޭނަގެ ޚަބަރު ލިބުމާއިއެކު ސޫޓް ވެސް ބާއްވާފައި އައީކަން ހިލްޔާއަށް އެނގުނެވެ. އެހިނދު އެ ދެމެދުގައިވާ ލޯބި ހިލްޔާގެ ހިތަށް އިޙްސާސްވިއެވެ. އެ ލޯބި ޙިއްސާކޮށް އޭނައަށް މާ ބޮޑު ކަމެއް ނުވާކަން ދެއްކުމަށް ހިލްޔާ ތެދުވެލަން އުޅުނެވެ. އެހެނަސް އެ ވަގުތު ބަނޑުގެ އެއްފަރާތުން އިޙްސާސް ކުރެވުނު ތޫނު ތަދުގެ ސަބަބުން، ތެދުވުނު ވަގުތު އަނގައިން ނިކުތް ލުއި އާހުގެ އަޑާއި އެކީ އައިވީ ގުޅާފައި އޮތް އަތް ބަނޑުގައި އަޅާލެވުނެވެ.
“ކިހިނެއްވީ ލޯބި؟ ބަނޑަށް ތަދުވަނީ؟” ދާނިޝްއަށް ހިލްޔާގެ ދެކޮނޑުގައި ހިފަހައްޓާލަމުން އަހާލެވުނެވެ. އެއާއިއެކު ހިލްޔާއަށް ބޯޖަހާލެވުނެވެ.
“ވަރަށް ބޮޑަށް.” ހިލްޔާ ދެންވެސް ބަނޑުގައި ހިފަހައްޓައިގެން ދެލޯ މަރައި ތަގުޅި ކޮށްގެން އިނދެ ބުންޏެވެ. އެ މަންޒަރު ފެނިފައި ދާނިޝް މާޔޫސްވިއެވެ.
“ހިލޫ މެންދުރު ނުކާތީ ވާހާ ގޮތް ތީ.” ދާނިޝްއަށް މާޔޫސްކަމުގެ ތެރެއިން އަނެއްކާވެސް ޝަކުވާ ކުރެވުނެވެ. ހިލްޔާ އެއަށް ޖަވާބެއް ދޭން އުޅުނުކަން ދާނިޝްއަށް އެނގުނެވެ. އެހެނަސް ވަމުން ދިޔަ ތަދެއްގެ ސަބަބުން ހިލްޔާގެ އަނގައިން ނިކުތީ ވޭނީ އާހެއްގެ އަޑެވެ. އެ މަންޒަރު ފެނިފައި ކެތް ނުކުރެވުމުން ދާނިޝް ހިލްޔާގެ ގައިގައި ބައްދާލިއެވެ. ހިލްޔާ ހުންއައިސްފައިވިކަން ރަނގަޅަށް އެނގުނީ އެވަގުތެވެ.
“ރަނގަޅުވާނެ ލޯބި، އިން ޝާ ﷲ.” ހިލްޔާގެ ގައިގައި ބައްދައިގެން ހުރެ ދާނިޝް އެހެން ބުނީ ހިލްޔާއަށް ވުރެ ބޮޑަށް އޭނަގެ އަމިއްލަ ހިތަށް ތަސައްލީއެއް ދިނުމަށޭ ބުންޏަސް ދޮގަކަށް ނުވާނެވެ.
ދާނިޝް ހިލްޔާގެ ގައިގައި ބައްދާލިތާ މާ ގިނައިރެއް ނުވެ ހިލްޔާ އޯކަތް ދަމަން ފެށިއެވެ. އެވަގުތު ދާނިޝްގެ ގަމީހުގެ ބައެއް ތެތްވާން ފެށިހެން ހީވުމުން ދާނިޝްއަށް ވަގުތުން ދުރުވެލެވުނެވެ. އެހިނދު ހިލްޔާ އޭނަގެ އަނގައިގައި އަތް އަޅައިގެން ހުރި މަންޒަރު ފެނިފައި ދާނިޝް ވަގުތުން އެނދުގެ ކައިރީގައި ހުރި ހަރުގަނޑުން ތަށިގަނޑެއް ނަގައި ހިލްޔާއަށް ދިއްކުރިއެވެ. އެއާއިއެކު ހިލްޔާއަށް އަނެއްކާވެސް ހޮޑުލެވުނެވެ.
ހިލްޔާ ހޮޑުލައި ނިމެންދެން ދާނިޝް ހިލްޔާގެ ކައިރީގައި ހުރެ ބުރަކަށީގައި ފިރުމާލަދެމުން ދިޔައެވެ. އަދި ނަރުހަކަށް އިންތިޒާރު ކުރުމެއް ނެތި ހިލްޔާގެ އަނގަ ދޮވެ ދިނުމަށް އެހީތެރިވިއެވެ. ނަރުހަކު އެހާ ހިސާބަށް އައީ އެވަގުތެވެ. އެއާއިއެކު ދާނިޝް ހިލްޔާ ޕްރައިވެޓް ވޯޑަކަށް ބަދަލުކޮށް ދިނުމަށް އެދުނެވެ. ނަރުސް ކުއްޖާ ބުނި ގޮތުގައި އެފަދައިން ބަދަލު ކުރެވޭނީ ހިލްޔާ މިވަގުތު ގުޅާފައިވާ އައިވީ ހުސްވުމުން ހިލްޔާގެ ޙާލަތު އިތުރަށް ބެލުމަށް ފަހުއެވެ. އެހެންކަމުން ދާނިޝް އެވަގުތަށް ފާޚާނާއަށް ވަދެ ކުޑަ ގޮތަކަށް އޭނަގެ ގަމީސް ސާފު ކުރިއެވެ. އަދި އައިވީ ހުސްވަންދެން ހިލްޔާގެ އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިނެވެ. ދާނިޝް ބުނެބުނެ ހިލްޔާ އެއްވެސް އެއްޗެއް ކާން އެއްބަހެއް ނުވިއެވެ. އެހެންކަމުން ހިލްޔާ އެދުނު ފަދައިން އަރާމު ކުރަން ދޫކުރިއެވެ.
ދޮޅު ގަޑިއިރެއްހާއިރު ފަހުން ހިލްޔާގެ އައިވީ ހުސްވުމުން ޑޮކްޓަރަކު އައިސް ހިލްޔާގެ ޙާލަތު ބެލިއެވެ. ހުން ފައިބައި ބަނޑުގައިވި ތަދުވެސް ފުދޭވަރަކަށް ރަނގަޅުވުމުން ވޯޑަށް ބަދަލު ކުރަން ޑޮކްޓަރު އެއްބަސްވިއެވެ. އެހެންކަމުން ދާނިޝް ހިލްޔާ ޕްރައިވެޓް ވޯޑަކަށް ބަދަލުކުރިއެވެ. އެވަގުތު ވީއިރު ދާނިޝް ގޭގައިވާ ބަޓްލަރަށް އެދިގެން އެމީހުންނަށް ބޭނުންވާ އެއްޗެހި ވެސް ގެނެސްދީފައިވިއެވެ. އެހެންކަމުން ހިލްޔާ އެ ވޯޑަށް ބަދަލުވުމުން ހިލްޔާއާއި ދާނިޝްއަށް ވެސް ތާޒާވެލުމުގެ ފުރުސަތު ލިބުނެވެ.
ހިލްޔާ ފެންވަރާލުމަށްފަހު ހޮސްޕިޓަލްގެ ބަލި މީހެއްގެ ހެދުމަކަށް ހެދުން ބަދަލު ކުރެވެންދެން ދާނިޝް ހިލްޔާ ފެންނަ ހިސާބުގައި ހުރީ، އޭރުވެސް ދޭތެރެ ދޭތެރެއިން ހިލްޔާގެ މޫނަށް އަނދިރިވާ ކަމަށް ހިލްޔާ ބުނަމުން ދިޔައީތީވެއެވެ. ހިލްޔާ އެނދުގައި އޮށޯތުމަށް އެހީވެދިނުމަށްފަހު ދާނިޝް ވެސް ފެންވަރައި ތާޒާ ވެލަމުން ހުދުކުލައިގެ ޓީޝާޓަކާއި އަޅި ކުލައިގެ ދިގު ސޯޓަކަށް ހެދުން ބަދަލު ކުރިއެވެ. އޭނަ ނެތް ވަގުތެއްގައި ހިލްޔާއަށް ގޮތެއް ވެދާނެތީ ދާނިޝް އެ ހުރިހާ ކަމެއް ކުރީ ނުހަނު އަވަސްއަވަހަށެވެ. ފާޚާނާއިން ނިކުންނަން ވީއިރު ވެސް އިސްތަށިގަނޑު ތެތްކޮށް ހުރުމުން ދާނިޝް ފާޚާނާއިން ނިކުތީ ހުދުކުލައިގެ ތުވާއްޔަކާއި އެކީގައެވެ.
އިސްތަށިގަނޑު ހިއްކަމުން އޭނަގެ އެނދާއި ދިމާލަށް އަންނަމުން ދިޔަ ދާނިޝް ފެނިފައި ހިލްޔާއަށް ދާނިޝްގެ ރީތިކަމަށް ތަޢުރީފު ކުރެވުނެވެ. އެހިނދު ހިނިތުންވެލަމުން ވާހަކަ ދެކެވުނެވެ.
“އަޅޭ އަހަންނަށް ހޮޑުލެވުނީ މިހާ ހޭންޑްސަމް ފިރިހެނެއްގެ ގަޔަށްތަ؟ ސޯ އެމްބެރޭސިންގް!” ހިލްޔާ ޙަޤީޤަތުގައި ވެސް އެވަގުތުކޮޅު ހަނދާންވުމުން ލަދުގެންފައި ގައިގައި އޮތް ފޮތިގަނޑު ގެނެސް މޫނުގައި އެޅިއެވެ. އެހިނދު އެ މަންޒަރު ފެނުނު ދާނިޝްއަށް ހެވެން ފެށިއެވެ.
“ހެހެހެ….އެއީ ދެން އެއްވެސް ކަމެއް ނޫނެއްނޫންތަ؟ އަދި ކުރިއަށް އޮތް ތާނގަ ދެމީހުންނަށް މިކަހަލަ މަންޒަރުތައް ފެނުން އޮތީ. ހެހެ…އަހަރެން ހިތަށް އަރާ އެއްޗެއް ބުނަންތަ ހިލޫ؟” ދާނިޝް އަތުގައި އޮތް ތުވާލި ކޮނޑުން ވައްޓާލަމުން ހިލްޔާގެ އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ.
“ބުނޭ…” ހިލްޔާ އޭނަގެ މޫނުމަތިން ފޮތިގަނޑު ނަގާލަމުން ބުންޏެވެ.
“ހިތަށްއަރަނީ…މިއީ ގުޑް ނިއުސް އަކަށް ވެދާނެ ބާވައޭ.” ދާނިޝް ހިނިތުންނުވާން މަސައްކަތް ކުރަމުން ބުނެލި އެވާހަކައިން އެ ލޮލާއި ހަމައަށް ވެސް އުފާވެރިކަން ފޯރިއެވެ.
“ގުޑް ނިއުސް…ޔޫ މީން…ނޯ…ހެހެހެހެ….ނޯ.” ދާނިޝް އެ ބުނި އެއްޗެއް ނަގައި ގަނެވުނު ހިލްޔާއަށް ހެވެން ފެށިއެވެ. ހިލްޔާ ‘ނޯ’ އޭ ބުނި ކޮންމެ ފަހަރަކު ދާނިޝް ‘ޔެސް’ އޭ ބުނަމުން ދިޔައެވެ. އެއާއިއެކު ދެމީހުންނަށް އެކުއެކީގައި ހެވެމުން ދިޔައެވެ. އެ ހުނުން މަޑުވި ވަގުތު އަނެއްކާވެސް ވާހަކަ ދެއްކީ ހިލްޔާއެވެ.
“ސޮރީ ޓު ސޭ އެކަމަކު އެކަހަލަ ކަމެއް ނަމަ އަހަންނަށް އެނގޭނެހެން ހީވަނީ. މި ސިމްޕްޓޮމްސް އަށް ބަލާފަ ވަރަށް ހިއެއްނުވޭ. ކިތަންމެ އެއްގޮތް ވިޔަސް.” ހިލްޔާ ބުންޏެވެ. ދާނިޝް އުފާ ކޮށްދިނުމަށް ދާނިޝްއާއި އެއްބަސްވެވޭނެނަމައޭ އެވަގުތު ހިތަށްއެރިއެވެ. އެހެނަސް ދާނިޝް ނުވާ ކަމެއްގެ އުއްމީދުގައި ހުންނާކަށް ވެސް ހިލްޔާ ބޭނުމެއް ނުވިއެވެ.
“ރައިޓް! ޑޮކްޓަރަކާ މެރީ ކުރުމުން ކުޑަކޮށް ފޭކްކޮށް ސެލެބްރޭޓް ވެސް ނުކުރެވޭނެ ދޯ؟ ހެހެ…” ދާނިޝް ހިސާބަކަށް މާޔޫސްވެފައި ބުންޏެވެ.
“އަދި އަހަރުމެންނަށް އެއްދުވަހު ރިއަލްކޮށް ސެލެބްރޭޓް ކުރެވޭނެ، އިން ޝާ ﷲ. މިވަގުތަށް އަހަންނަށް ހީވަނީ މިއީ ސްޓޮމަކް އަލްސާއެއްހެން. އޯރ ފުޑް ޕޮއިޒަނިންގް. ބަނޑުގެ އެއްފަރާތަކަށް ތަދުވަނީ.” ހިލްޔާ ބަނޑުގައި އަތް އަޅައި ވިސްނުމަކަށް ގެއްލެމުން ބުންޏެވެ.
“ފުޑް ޕޮއިޒަނިންގް އޭ؟ ކޯޗެއް ކެއީ؟” ދާނިޝްއަށް އަހާލެވުނެވެ.
“ޑޮކްޓަރ މެއި ކިޔުނު ވަރުން މިއަދު މެއި އާއެކީ ލަންޗް ނެގީ. ކޮންމެވެސް ޗައިނީސް ނޫޑުލްސްއެއް. މޭއިބީ ނޮޓް ފުޑް ޕޮއިޒަނިންގް. މެއި ހުރީ ރަނގަޅަށް ގައިމު. އަހަންނާ ނުގުޅެނީ ކަންނޭނގެ އޭތި. ސޯ ސްޓޮމަކް އަލްސާ.” ހިލްޔާ ވާހަކައިގެ ތެރެއިން އަމިއްލަ އަމިއްލައަށް ވިސްނަމުން ވާހަކަ ދެއްކިއެވެ.
“ލޯބި އަހަރެން ބުނަމެއްނު ޔަޤީން ނުވާ އެއްޗެހި ބޭރުން ނުކާށޭ؟ އެހާ ގިނަ ސްޕައިސެސް އަޅާއިރު ހަމަ ނުގުޅޭ އެއްޗެއް ހުރެދާނެ.” ދާނިޝް ބުންޏެވެ.
“ހުމް…ބްލަޑް ޓެސްޓް ރިޕޯޓް ނިމިފަދޯ މިހާރު ހުންނާނީ؟ ލިބިއްޖެތަ ރިޕޯޓް؟” ހިލްޔާ އެހިއެވެ.
“މިހާރު ނިމިފަ ހުންނަންވާނީ އާނ…މި ހޮސްޕިޓަލްގަ ހުރޭދޯ ޕޭޝަންޓް އެޕެއް މިހާރު؟” ކަމެއް ހަނދާންވުމުން ދާނިޝްއަށް ބުނެވުނެވެ.
“އާނ….ރިޕޯޓް ހުޅުވާފަ ދައްކާލަބަލަ އަހަންނަށް.” ހިލްޔާ އެދުނެވެ.
އެއާއިއެކު ދާނިޝް މަޑުކޮށްލަދޭށޭ ބުނެ، ކަބަޑު މަތީގައި އޮތް އޭނަގެ ފޯނު ނަގައި ހޮސްޕިޓަލްގެ އެޕް ޑައުންލޯޑް ކުރިއެވެ. އަދި އޭގައި ހިލްޔާ ބުނިހެން ހިލްޔާގެ ފުރިހަމަ ނަން ޖެހިއެވެ. ހަމަ އެއާއިއެކު ހިލްޔާގެ މަޢުލޫމާތުތައް އެޕުން ފެނިގެން ދިޔައެވެ. ލޭގެ ޓެސްޓުގެ ރިޕޯޓް ހުޅުވާލަމުން ހިލްޔާއަށް ދިނުމުގެ ކުރިން ދާނިޝް އެއަށް ބެލިއެވެ.
“ހާދަ….މައްސަލަ ގިނައޭ މީގަ. ނުބައި ރިޕޯޓެއްތަ އަނެއްކާ؟” ދާނިޝް ފޯނުގެ ސްކްރީނަށް ބަލަން އިނދެ ބުންޏެވެ.
“ދައްކަބަލަ ބަލާލަން.” ހިލްޔާ ކެތް ނުކުރެވުމުން ދާނިޝްގެ އަތުން ފޯނު ހޯދިއެވެ. ދާނިޝް ވަކި ދެކޮޅު ހެދުމެއް ނެތި ފޯނު ދޫކުރިއެވެ.
އެއާއިއެކު ހިލްޔާއަށް އޭނަގެ އަމިއްލަ ލޭގެ ޓެސްޓުގެ ރިޕޯޓް ފެނުނެވެ. އެހިނދު އެތައް ނަންބަރެއް ހުންނަން ވީ މިނަށްވުރެ މަތީގައި ހުރި މަންޒަރު ފެނިފައި، ހިލްޔާގެ ހަނދާނަށް އައީ މީގެ މަސްތަކެއް ކުރިން އޭނައަށް ފެނުނު ދެ ކުޑަކުދިންގެ ރިޕޯޓެވެ. ބާސިމްއަށް އޭނަ ފޮނުވި ދެ ރިޕޯޓެވެ. އެ ދެކުދިންގެ އެތެރެ ހަށީގައި ވަރަށް ބޮޑަށް ފާރު ހެދެމުން ދާކަމަށް ދެއްކި ދެ ރިޕޯޓެވެ. އެހިނދު އެ ދުވަސްވަރު އޭނައަށް ކުޑަކުދިންގެ ދުލުން އިވުނު ޝަކުވާ ވެސް ކަންފަތުގައި ގުގުމަން ފެށިހެން ހީވިއެވެ.
“އެޕްލް ކެއީ…”
“އާ އެއްޗަކަށް ކެއީ އާފަލު…”
“އަސްލު ކޮއްކޮއަށް ހީވަނީ އެޕްލް ކެއިމަހެން ކޮއްކޮއަށް މިހެން ވާން ފެށީ. ކަރަށް ތަދުވާން ފެށީ އެޕްލް ކެއީމަ.”
އެ ބަސްތައް އިވިގެން ދިޔަދިޔަހެން ހިލްޔާގެ މެއަށް ނުބައި ގޮތެއް ވީ ހިނދު، ގައިން ހީބިހި ނެގިއެވެ. ޓީ ރޫމުގެ މޭޒުދޮށުގައި އިނދެގެން އޭނަ ކެއި އާފަލު މަތިން އެވަގުތު ހަނދާންވިއެވެ. އެ އާފަލު ކެއިތާ މާ ގިނައިރެއްނުވެ އޭނަގެ ކަރަށް ތަދުވާން ފެށިކަން އެވަގުތު ހިލްޔާގެ ހަނދާނަށް އައެވެ. އޭނައަށް އޭރު ކެވުނީ، އެ ކުދިންނަށް ކެވުނު ޒާތުގެ އާފަލެއްތޯ ހިލްޔާގެ ހިތަށްއެރިއެވެ.
ނުނިމޭ
