ނަފްސީ (އަށްޑިހަވަނަ ބައި)
“ހިލޫ…އަހަންނަށް ކުރީ ދުވަހު ޚުތުބާއިން އިވުނު ވާހަކައެއް ހިއްސާ ކޮށްލާނަން. ދެމަފިރިއެއްގެ މިސާލަކީ ލައިގެން ހުންނަ ފޭރާމެއްގެ މިސާލޭ. ފޭރާމަކީ އަހަރުމެން ފޮރުވައިދޭ އެއްޗެއް. އެ ފޭރާމުގެ އަނެއްފަރާތުގައިވާ އެއްޗެއް އެންމެ ރަނގަޅަށް އެނގޭނީ ހަމައެކަނި އެ ފޭރާމަށް. އެހެންވީމަ އަހަރެންގެ ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެނގޭނީ ހަމައެކަނި ހިލޫއަށް. ހިލޫއަކީ އަހަންނާ އެންމެ ގާތް ފަރާތަށް ވާތީ. އޮންލީ ޔޫ ނޯ މީ. އިންސައިޑް އެންޑް އައުޓް.” ދާނިޝް ދެންވެސް ހިލްޔާ ދުރުނުކޮށް ހިލްޔާގެ ބޮލުގައި ފިރުމަމުން ބުންޏެވެ. ދާނިޝްގެ މޭމަތީގައި ބޯއަޅައިގެން އޮތް ހިލްޔާއަށް އެ ބަސްތަކާއި އެއްބަސް ވެވުނެވެ. ދާނިޝް އެ ދިން މިސާލުވާ އާޔަތް ވެސް އެ ވަގުތު ހަނދާނަށް އައެވެ.
هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ
“އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ.”
އެ އާޔަތް ހަނދާންވެގެން ދިޔުމުން ދާނިޝް އެ ބުނި ބަސްތަކާއިމެދު ހިލްޔާގެ ހިތަށް އިތުރު ޔަޤީންކަމެއް ލިބުނެވެ. އާނއެކެވެ. ދާނިޝް އެނގޭނީ އޭނައަށެވެ. މާ ކުރިން ދާނިޝް ފެނިފައިވާ ބީރައްޓެއްސަކަށް ނޫނެވެ.
ހިލްޔާ މުޅިން ހަމައަކަށް އެޅުނުކަން ޔަޤީންވުމުން ދާނިޝް އަނެއްކާވެސް ހިލްޔާގެ ދެކޮނޑުގައި ހިފައި ހިލްޔާ ލަސްލަހުން ދުރުކޮށްލީ، އެ މޫނަށް ބަލާލަން ބޭނުންވުމުންނެވެ. އެހިނދު ގިނައިރު ރުއިމުގެ ވަރުބަލިކަން ވެރިވެފައިވާ ހިލްޔާގެ މޫނު ފެނިފައި ދާނިޝްއަށް އެ މޫނުގައި އެއްއަތުން ހިފަހައްޓާލެވުނެވެ. އެހިނދު ދާނިޝްއަށް ބުނާނެ އެއްޗެއް ވިސްނުމުގެ ކުރިން ހިލްޔާ ވާހަކަ ދެއްކިއެވެ.
“ދާން…އޮފީހުގަ އޮވެ ނިދުނީ މަސައްކަތުގަ އިންދާތަ؟” ހިސާބަކަށް ކަންބޮޑުވުން ވެރިވެގެން ދިޔަ ދެލޮލާއިއެކީ ހިލްޔާ އެހިއެވެ.
“އާނ….ކެބިންގެ މޭޒުމަތީގަ ބޯ އަޅައިގެން އޮވެ ނިދީ. ހޭލެވުނުއިރު ކަނދުރާއަށް ވެސް ތަދުވޭ. ބަޓް އެހް…ނޮޓް މައި ފަސްޓް ޓައިމް…” ދާނިޝް ބޯ ދެ ފަރާތަށް ހަލުވަމުން ހިނިތުންވުމަކާއެކީ ބުންޏެވެ.
“ބަޓް ދެޓްސް ނޮޓް ގުޑް! ދެން ނުދާތި އޯވާރނައިޓަށް. ދިޔަޔަސް ރޭގަނޑު މަދުވެގެން 3 އަވާރސް އަށް ނިދާތި. އޭރުން ތިހެން ވުމުގެ ޗާންސް ކުޑަވާނެ. އިން ޝާ ﷲ.” ހިލްޔާ ދެންވެސް ކަންބޮޑުވުމަކާއެކީ ވާހަކަ ދެއްކުމުން ދާނިޝްގެ ހިނިތުންވުން ފުންވިއެވެ. އޭނަގެ އަނބިމީހާ އަނބުރާ އައިއްސިއޭ ހިތަށްއެރިއެވެ.
“އޯކޭ ޑޮކްޓަރ!” ދާނިޝް ލޯތްބާއިއެކީ ހިލްޔާގެ މޫނުގައި ދެއަތުން ހިފަހައްޓަމުން ބުންޏެވެ.
“އޯލްސޯ…ތެދުވުނު ގޮތަށް ދޯ ތިއައީ؟ އަދި ހެނދުނު ސައި ނުބޮން؟” ހިލްޔާ ދެންވެސް ހުއްޓުމެއްނެތި ސުވާލުކުރިއެވެ.
“އާނ ނުބޮން. ހިލޫ ސައި ބޮއިފިންތަ؟” ދާނިޝް އެހިއެވެ.
“އަދި ނުބޮން އެކަމަކު ފަތިހު އެކޮޅުން ކުޑަ ގޮތެއް ހަދާލައިގެން މި އައީ. ސޯ ދާން ބްރެކްފާސްޓް ނަގަން ދޯ ފުރަތަމަ ދާންވީ. މަޑު ކުރޭ އަހަރެން-“
“އަދި މަޑުކޮށްބަލަ ސުބްޙާނަ ﷲ! ފުލް ބްލޮއުން ވައިފް މޯޑަށް އެޅިގެން އެބައުޅޭ ކޮންމެވެސް ކުއްޖެއް.”
ހިލްޔާ ވާހަކަ ދައްކަމުން ގޮސް ދާނިޝް އާއި ދުރަށް ދާން އުޅުނު ވަގުތު ދާނިޝް ހިލްޔާގެ އަތުގައި ހިފައި ގާތަށް ގެނެސް ހިލްޔާގެ އުނަގަނޑުގައި ދެއަތުން ވަށާލިއެވެ. ދާނިޝް އެ ބުނި ބަސްތައް ހިލްޔާއަށް ފަހުމްވީ ދާނިޝްއަށް ބަލާލެވުނު ވަގުތެވެ. އެހިނދު ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ. އެ ހުނުން މަޑުވި ހިނދު ދާނިޝްއަށް އަނެއްކާވެސް އަތް ހިއްލާލަމުން ހިލްޔާގެ މޫނަށް އެޅިފައިވާ އިސްތަށިގަނޑު ދުރުކޮށްލެވުނެވެ.
“ވަރަށް ބަލިވެފަ ދޯ ހިލޫ ތިހިރީ މިގަޑީގަ؟ ނައިޓް ޑިއުޓީ ނިންމާފަ އައިމަ. ބަޓް ކޭން ޔޫ ސްޓޭ ވިތް މީ؟” ދާނިޝް ބަދަލުވަމުން ދިޔަ އަޑަކާއެކީ އެހިއެވެ. ހިލްޔާ ދުވަހަކުވެސް އޭނައަށް އިންކާރެއް ނުކުރާނެކަން އެނގުނަސް ދާނިޝް އަހާލާ ހިތްވީއެވެ. ހިލްޔާގެ ނައިޓް ޑިއުޓީ ފެށުނީއްސުރެ ކޮންމެ ދުވަހަކުހެން ދާނިޝް މިހެން އެހިއެވެ. ފާއިތުވި ދުވަސްތަކުގައި ހިލްޔާ އެއްވެސް ރޫޙެއް ނެތި އޭނައަށް ބެލުމެއް ވެސް ނެތި އެ ސުވާލަށް ބޯޖަހާލަމުން ދިން ޖަވާބުން ދާނިޝްގެ ހިތަށް އުދަގޫވެފައިވިއެވެ. އަދި މިއަދުގެ މިވަގުތު ހިލްޔާ އެ ސުވާލަށް ޖަވާބު ދޭނެ ގޮތް ބަލަން ހިތް ކެތްމަދުވެފައިވިއެވެ.
ދާނިޝް ކޮށްލި ސުވާލުން ހިލްޔާ ދާނިޝްއަށް ބަލާލިއެވެ. ދާނިޝް އެ އެދުނީ ކޮން ކަމަކަށް ކަން ހިލްޔާއަށް އެނގުނެވެ. އެވަގުތު ހިނދުކޮޅަކަށް ނަމަވެސް ނޫނެކޭ ބުނަން ހިތަށް އެރިއެވެ. އެވަގުތު ސިކުނޑީގައިވި ހުރިހާ ހާސްކަމެއް ފިލައިގެން ދިޔުމުން އަދި މާ ބޮޑަށް ވެސް ވަރުބަލިވެފައިވިއެވެ. އެހެނަސް އެ ޖަވާބު ދިނުމުގެ ކުރިން ދާނިޝްގެ މޫނަށް ބަލާލެވުނެވެ. ދާނިޝްގެ ލޮލުން އޭނައަށް ފެނުނީ ލޯތްބެވެ. ފާއިތުވެ ދިޔަ ހަފްތާގައި ދާނިޝްއަށް ތަޖުރިބާ ކުރެވުނު ވަރުބަލިކަމުގެ އަސަރު އެ ލޯމަތިން ފެނެއެވެ. މިއީ އޭނަގެ ޙަޔާތުގެ ބައިވެރިޔާއޭ ހިތަށްއެރިއެވެ. އޭނަގެ ޙަޔާތަށް އެކި ގޮތްގޮތުން އުފާވެރިކަން ގެނައި ބައިވެރިޔާއޭ ހިތަށްއެރިއެވެ. އިޙްސާންތެރިކަމުގެ ބަދަލަކީ އިޙްސާންތެރިކަން ނޫންތޯ ހިތަށްއެރިއެވެ. ކުރިމަތިން މި ފެންނަނީ އޭނަ އެއް ޒަމާނެއްގައި ކުރި ދުޢާގެ ޖަވާބުކަން ވެސް ހަނދާންވިއެވެ.
އެހިނދު ދާނިޝްއަށް ދޭންވީ ޖަވާބު ސާފުވުމުން ހިލްޔާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ހިލްޔާ ކުޑަކޮށް އުޑުން ކޮއްޓާލަމުން ދާނިޝްގެ ތުންފަތުގައި ބޮސްދިނެވެ. ހިލްޔާގެ އެ ކުއްލި ޙަރަކާތުން ލިބުނު ސިހުމުގައި ހިލްޔާ ދުރުވެލުމުން ވެސް ހިސާބަކަށް ލޯ ބޮޑުވެފައި ދާނިޝްއަށް ހުރެވުނެވެ. އެހެނަސް ހިލްޔާ ހިނިތުންވެލުމުން ދާނިޝްއަށް ހީލެވުނެވެ. އެތައް ދުވަހެއް ފަހުން ހިތަށް ހިލްޔާގެ ލޯބި އިޙްސާސް ކުރެވިގެން ދިޔުމުން ހިތަށް ފިނިކަމެއް ލިބުނެވެ.
“އައި ލަވް ޔޫ، ދާން….ޤަބޫލުކޮށްދެއްޗޭ.” ހިލްޔާގެ ބަސްތަކުން ވެސް އެ ލޯބީގެ ޔަޤީންކަން އެވަގުތު ލިބިގެން ދިޔުމުން ދާނިޝްގެ ހިތް ފުރިގެން ދިޔައެވެ. އެހެނަސް ހިލްޔާ އެ ފަހު ބަސް ބުނިއިރު އެ ލޯމަތިން ދާނިޝްއަށް ރިހުމެއް ފާހަގަވިއެވެ. އެއާއިއެކު ދާދި ދެންމެއަކު ބެލްކަނީގައި ހުރެ އޭނައަށް ހިލްޔާ ގާތު ބުނެވުނު ވާހަކަ ހަނދާންވިއެވެ. އެއާއިއެކު ހިލްޔާއަށް ޔަޤީންކަން ދިނުމަށް ދާނިޝް ކުޑަކޮށް ގުދުވެލަމުން ހިލްޔާގެ ނިތުގައި އޭނަގެ ނިތް ޖެއްސިއެވެ.
“ޤަބޫލުކޮށްފިން…” ދާނިޝް ބުންޏެވެ.
އެއާއިއެކު އެދެމެދުގައި އުފެދުނު އިޙްސާސްތަކުގެ މައްޗަށް ދެމީހުންނަށް ވެސް ބާރެއް ނުފޯރުވުނެވެ. ދެން ދެމީހުން ގާތްވެގެން ދިޔައީ ދުރުވުމުގެ ޚިޔާލެއް ނެތިއެވެ. ދާނިޝްގެ އެ ‘ޤަބޫލު’ ގެ ބަސްތަކުން އަނެއްކާވެސް އެ ޒަވާޖީ ޙަޔާތަށް އާ ފެށުމެއް އައި ފަދައެވެ.
**
އެދުވަހު ހެނދުނު ރާފިލް އާއި ޒިވް ތިބީ ޝަންހައި އިން ބެއިޖިންގް އަށް ދަތުރު ކުރަމުން ދިޔަ އަޅިކުލައިގެ ބެންޒު ކާރުގައެވެ. ޒިވްގެ އެދުމުގެ މަތިން އިނގިރޭސި ލޯބީގެ ލަވައެއް ކާރުގައި ޕްލޭ ކުރެވިފައިވިއެވެ. ރާފިލް އެ ލަވަ ޖަހަން އެއްބަސްވީ މި ދޭތެރެއަކު މާ ގިނައިން ޒިވްއަށް ރުޅި ބޭލިފައިވާތީވެއެވެ. ޒިވް އަދިވެސް ހައްލާލާފައި ދުވަސްކޮޅެއް ވަންދެން ގެންގުޅެން އޭނަ ބޭނުންވެއެވެ. ދާނިޝްއަށް ސަޅިބައިސާ ދެއްކުމަށެވެ. ދާނިޝްގެ ކުރީގެ ލޯބިވެރިޔާ އޭނަ ގެންގުޅޭ މަންޒަރު ފެނިފައި ދާނިޝް ބޯ ގޮވާނެތާއޭ ހިތަށްއެރިއެވެ.
ކޮންމެ ގޮތެއްވިޔަސް ޒިވް ލަވަ ކިޔަމުން ދިޔަ ގޮތުން ރާފިލްގެ ބޯ ގޮވާ ހިސާބަށް ދިޔައެވެ. އެހެންކަމުން ހަޅޭއްލަވަން އަނގަ ހުޅުވާލެވުނެވެ.
“އޯހް ޝަޓް-” ރާފިލް އެހާ ހިސާބަށް ކިޔުމަށްފަހު ހުއްޓާލީ ހުތުރު ބަސްތައް ދުލަށް އައުމުންނެވެ. މި މުހިއްމު ދުވަސްކޮޅުގައި އަދި ޒިވްއާއި ހުތުރު ބަހުން ވާހަކަ ދެއްކޭކަށް ނެތެވެ.
“ކިހިނެއްވީ ލަވް! އަނެއްކާ މަންކީއެއް އައީތަ މަގުމައްޗަށް؟” ރާފިލް ބުނަން އުޅުނު އެއްޗެއް ވެސް ސާފު ނުވި ޒިވް ސީޓުގައި ސީދާވެލަމުން މަގަށް ބެލިއެވެ.
“ނޫނޭ….ލޯބި ލަވަ ކިޔާ ގޮތް ރީތިވީމަ. އެކަމަކު ލެޓްސް ސޭވް އިޓް ފޯ ލޭޓާރ ދޯ؟ ދެމީހުން ރޫމަކަށް ދެވެންދެން.” ރާފިލް ވާހަކައިގެ ރާގު ބަދަލުކުރިއެވެ. އެއާއިއެކު ޒިވް ލަދުވެތިކަމާއިއެކީ ތުއި ވެލިއެވެ. ރާފިލްގެ ތަޢުރީފެއް ލިބުމުން ޒިވްއަށް ހުރިހާ ކަމެއް ހަމަވީ ފަދައެވެ.
“ހެހެހެ…ސްޓޮޕް! އިޓްސް ބިކޯޒް އޮފް އަވާރ ލަވް ކަންނޭނގެ….އަހަރުމެންގެ މިޝަން ވަރަށް ކާމިޔާބު. ޑޭން ވެސް މިހާރު ފެންނަނީ ވަރަށް އަޕްސެޓްވެފަ ހުންނަތަން. އޮފީހަށް ދާއިރު ނެގިފައިވާ ފޮޓޯތަކުން އެނގޭ. ދެން އެ #@! ނައިޓް ޑިއުޓީއަށް ދަނީ މިހާރު. ޕުއާރ ޑޭން. ރަނގަޅަށް ވިއްޔާ ޑޭން އެކަނިމާއެކަނި މިހާރު އުޅެނީ.” ޒިވް ޒާތަކަށް ދެރަވެފައި ބުންޏެވެ.
“ސޯ ޔޫ ލައިކް ހިމް؟” ރާފިލް ނުރުހުންތެރިކަމާއެކީ އެހިއެވެ. ޒިވްއަށްޓަކައި ހިތުގައި އެއްވެސް އިޙްސާސެއް ނެތަސް ޒިވްއަށް އެހެން ފިރިހެނަކު ކަމުދާން ރާފިލް ބޭނުމެއް ނުވިއެވެ. ރާފިލްގެ ނަޒަރުގައި ދުނިޔޭގައި އުޅޭ އެއްވެސް އަންހެން ކުއްޖަކު އޭނައަށް ވުރެ އެހެން ފިރިހެނަކު ކަމުދާންވީ ސަބަބެއް ނެތެވެ. ކަމުގޮސްފިނަމަ އެ އަންހެނަކަށް އެ ހެދެނީ ގޯހެކެވެ. އެ ނިންމެނީ މޮޔަ ނިންމުމެކެވެ.
“އައި ޑޯންޓް ލައިކް ހިމް އެނީމޯ! އައި ޓޯލްޑް ޔޫ ހީ އިޒް ގޭ!” ޒިވް ރާފިލްއާއި ދިމާލަށް އެނބުރިލަމުން ބުންޏެވެ.
“ޔެސް! އެގްޒެކްޓްލީ. ކާކު ދެކެ ލޯބިވަނީ؟ ހޫ އިޒް ދަ ބެސްޓް؟” ރާފިލް އެހިއެވެ.
“ޔޫ އެންޑް އޮންލީ ޔޫ މައި ލަވް! އެނގޭތަ؟ ކުރިން އަހަރެން ރައްޓެހިވީ އެއްވެސް މީހަކު އަހަރެން މިގޮތަށް ޓްރިޕެއްގަ ނުގެންދޭ. އަދި ޗައިނާގަ ވެސް އެއް ރަށުން އަނެއް ރަށަށް ތި ގެންދަނީ. ޔޫ އާރ ދަ ބެސްޓް އެވާރ، މައި ލަވް.” ޒިވް ރާފިލްގެ ހުހަށް އޮތް އަތުގައި ހިފައި ކޮނޑުގައި ބޯ އަޅާލަމުން ބުންޏެވެ. އެއާއިއެކު ކިބުރުވެރި ހިނިތުންވުމެއް ރާފިލްގެ މޫނުމައްޗަށް ވެރިވިއެވެ. ޒިވް އާއިގެން އޭނަ ދަތުރު ކުރަނީ ކޮންމެހެން ޒިވް ދެކެ ލޯބިވާތީ ނޫންކަމަށް ވިޔަސްމެއެވެ.
ޙަޤީޤަތުގައި ރާފިލް ޝަންގްހައިއަށް މި ކުރި ދަތުރަކީ ވެސް ނަސީމްގެ ރޭވުމުގެ ދަށުން ޗީފް އޯރގެނިކްއަށް ޙަމަލާއެއް ކުރުމަށް ކުރި ދަތުރެކެވެ. ދާނިޝް ހިލްޔާއާއެކީ އުޅޭ މަންޒަރުތަކުގެ ފޮޓޯތައް ފެނިފައި ރާފިލްއަށް ޗީފް އޯރގެނިކްއާއި ދެކޮޅަށް މަސައްކަތް ކުރެވެމުން ދިޔައީ ވެސް އިތުރު ޖޯޝަކާއި އެކީގައެވެ. ދާނިޝް ހުރިހާ ގޮތަކުން ފޭލްވާ މަންޒަރު ދުށުމަކީ މިއަދު ރާފިލްގެ މައިގަނޑު ލަނޑުދަނޑިއެވެ.
**
މީހަކު އޭނައާއި ދެކޮޅަށް ރޭވުމެއް ރާވާކަމުގެ ހިލަމެއް ވެސް ނުވެ ދާނިޝް ނުހަނު އުފަލާއެކީ ހިލްޔާއާއެކު އުޅެމުން ދިޔައެވެ. އެދުވަހު ދާނިޝް ‘ޤަބޫލުކޮށްފީމޭ’ ބުނި ބުނުން އެ ދެމެދުގައި އާ ސަމާސާއަކަށް ވެފައިވެއެވެ. އެދުވަހު އަލަށް ކައިވެނި ކުރެވުނު ކަހަލަ އިޙްސާސެއް ކުރެވުނުނަމަ އަލުން ‘ހަނީމޫނެއް’ ވެސް ބާއްވަން ވާނެ ކަމަށް ދާނިޝް ބުންޏެވެ. އެހެންކަމުން ދެމީހުންނަށް ލިބުނު ބަންދު ދުވަސް ދެމީހުން އެކަމަށް ހޭދަކުރިއެވެ. ދާނިޝް އޭނައާއިއެކީ ހުންނަ ވަގުތުތަކުގައި ގިނަ ފަހަރު ފޯނެއް އަޔަސް ބިޒީކޮށްލާކަން ހިލްޔާއަށް ފާހަގަ ކުރެވުނެވެ. އޭނަ މި ހުރިހާ ދުވަހު ޝައްކު ކުރީ މި ފިރިމީހާއަށޭ އޭގެއިން ކޮންމެ ފަހަރަކު ހިލްޔާ ހިތަށްއަރަމުން ދިޔައެވެ. ކޮންމެ ގޮތެއް ވިޔަސް ޒިވް ދެއްކި ބައެއް ވާހަކަތަކުގެ އަސަރު ދެންވެސް ހިލްޔާގެ ހިތަށް ކޮށްފައިވިއެވެ. އެހެނަސް މިފަހަރު އެ އިޙްސާސްތައް ހިލްޔާ ދާނިޝްއަށް ފޮރުވަން ޤަސްދެއް ނުކުރިއެވެ.
“ޔޫ ނޯ ވަޓް؟ އަހަންނަށް ބައެއްފަހަރު އަދިވެސް ހީވޭ އަހަރެން ހުތުރުހެން. އެކަމަކު ދެން ހިތަށް އަރަނީ…ކިތަންމެ ހުތުރުވިޔަސް ދެން ދާން އަށް ކުރެވޭނެ ކަމެއް ނޯންނާނެއޭ. ޔޫ އާރ ޖަސްޓް ސްޓަކް ވިތް މީ ފޯ ލައިފް!” ހިލްޔާ އެހެން ބުނެލީ، ހޯމަ ދުވަހު ހެނދުނު ޑިއުޓީއަށް ދިޔުމަށް ދާނިޝްއާއިއެކީ ތައްޔާރުވަމުން ދިޔަ ވަގުތެވެ. ދެމީހުން ހުއްޓި ތިބީ ފުޅާ ރީތިވާ މޭޒެއްގެ ކުރިމަތީގައެވެ. އެހެންކަމުން ދެމީހުންނަށް ވެސް ދެމީހުންގެ ސޫރަ މޫނުބަލާ ލޯގަނޑުން ފެންނަމުން ދިޔައެވެ.
“ހޫނ….މިސް ޔުނިވާސް ހުރެގެން ދެން ތިކަހަލަ ވާހަކަ ދެއްކީމަ ނުވެސް ގުޅޭ.” ދާނިޝް ބޮލުގައި ފުނާ އަޅަމުން މޫނަ އޮޅުން އަރާ ފަދަ އަސަރެއް ވެރިކުރުވަމުން ބުންޏެވެ. ދާނިޝް ވަކި ވިސްނުމެއް ވެސް ނެތި ބުނެލި އެ ބަސްތަކުން ހިލްޔާއަށް ހެވޭ ގޮތްވިއެވެ. ހަމަ އެހިނދު ނުސީދާކޮށް ދާނިޝް އޭނައަށް ކޮށްލި ތަޢުރީފުން ދާނިޝްއަށް އޭނަ ރީތިކަން ވެސް ޤަބޫލު ކުރެވުނެވެ.
“މިސް ޔުނިވާސް…ހުމް…ބައިވެރިވާންވީ ދޯ؟” ހިލްޔާ އޭނަގެ ބުރުގާގައި ފަހު ޕިން ޖަހަމުން އެހެން ބުނެލީ ދާނިޝް ބުނާނެ އެއްޗެއް ބެލުމަށެވެ.
“ނޮޕް! ބައިވެރިވުމުގެ ބޭނުމެއް ނެތް. އިޓްސް ޑިކްލެއާރޑް. ތިއީ ހަމަ މިސް ޔުނިވާސް. އަހަރެން ކާއިނާތުގެ އެންމެ ރީތި އަންހެން ކުއްޖާ.” ދާނިޝް ފުނާ ބޭއްވުމަށްފަހު ހިލްޔާއާއި ދިމާލަށް އެނބުރިލަމުން ހިލްޔާގެ އަތުގައި ހިފައި ގާތަށް ގެނައެވެ. އަދި ހިލްޔާގެ ނިތުގައި ބޮސްދިނެވެ. ދާނިޝް ދުރުވެލުމުން އެ ދެމެދުގައި ލޮބުވެތި ހިނިތުންވުންތައް ބަދަލުވިއެވެ. އެހިނދު ދާނިޝް ހިލްޔާގެ ދެކެ ވާ ލޯބީގެ އިތުރު ޔަޤީންކަމާއިއެކީ ހިލްޔާގެ ހިތް އުފަލުން ފުރިފައިވިއެވެ. އޭނައަށް ހިތުގައި ޝައްކެއް އުފެދޭ ކޮންމެ ފަހަރަކު ދާނިޝް ގެ ބަހުންނާއި ޢަމަލުން ވެސް އެ ޔަޤީންކަން ލިބޭނެކަން ހިލްޔާއަށް މިވޭތުވި ދެ ދުވަހުގެ ތެރޭގައި ޤަބޫލު ކުރެވިގެން ގޮއްސިއެވެ.
**
އެދުވަހު އާދައިގެ މަތިން 9 ޖެހިއިރު ދާނިޝްގެ އޮފީސް މަސައްކަތް ފެށި އޮމާންކޮށް ކުރިއަށް ދިޔައެވެ. ޖަޕާނުގައި އެމީހުންގެ ނަމުގައި މޭވާ ހައްދަމުން ދިޔަ ދަނޑުގެ ވެރިން ހައްޔަރު ކުރެވި، އެ މީހުންނާއި ދެކޮޅަށް ޗީފް އޯރގެނިކް އިން ކޯޓަށް ހުށަހެޅި މައްސަލައިން ޗީފް އޯރގެނިކް އަށް ކާމިޔާބީ ލިބުނުތާ މިއީ ދެވަނަ ދުވަހެވެ. އަދި އެ ދަނޑުގެ ސަބަބުން ޗީފް އޯރގެނިކް އަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެމީހުންގެ ފަރާތުން ފުދޭވަރަކަށް ބޮޑު ޢަދަދެއްގެ ފައިސާ ވެސް ޗީފް އޯރގެނިކް އަށް ލިބުނެވެ.
އެ ޚަބަރު ދާނިޝް އޮފީހުގެ މުވައްޒަފުންނާއި ޙިއްސާކޮށް އުފާ ފާޅު ކުރިޔަސް ދެންވެސް ދާނިޝް ގެ ސިކުނޑީގައި އުފެދިފައިވި ސުވާލުތައް ވިއެވެ. ޖަޕާނުގެ މުވައްޒަފުން ބުނި ގޮތުގައި އެ ދަނޑު ހިންގަމުން ދިޔައީ ނުހަނު ސީދާ ސާދާ ދެ ދަނޑުވެރިންނެވެ. އެ މީހުންގެ އެ ދަނޑު ފިޔަވައި އެހެން ދަނޑެއް ނުވެސް ހުރެއެވެ. ކަން މިހެން އޮތްއިރު އެމީހުންނަށް ޗީފް އޯރގެނިކްއަށް އެހާ ބޮޑު ޢަދަދެއްގެ ފައިސާ ދެވޭނީ ކިހިނެއް ކަމާއިމެދު ހިތުގައި ސުވާލު އުފެދިފައިވެއެވެ. އެމީހުންގެ ފަހަތުގައި އެހެން ބަޔަކު ވާކަމަށް ހިތް ބުނަމުން ދިޔައެވެ.
އެ ޚިޔާލުތަކުގައި ދާނިޝް އިންދާ ކެބިންގެ މޭޒުމަތީގައި އޮތް ފޯނު ރިންގުވިއެވެ.
“ކީކޭ ޖިއެން؟” އެ ފޯނަށް ގުޅާނީ ޖިއެން ކަން ދަނެގެން ދާނިޝް ޗައިނާ ބަހުން ބުންޏެވެ.
“ސާރ….އެއްކަލަ މީހާ އައިއްސަ އެބަހުރި. މި ދިޔަ ހަފްތާގަ ސާރ އާ ބައްދަލު ކުރަން ބޭނުންވެގެން އުޅުނު ދިވެހި މީހާ. ސާރ ބުނީމެއްނު މިއަދު 10 އަކަށް އެޕޮއިންޓްމެންޓް ހަދާށޭ؟ އޭނަ އެބަހުރި އައިއްސަ ލޮބީގަ. ކިހިނެއްތޯ ހަދަންވީ؟” ޖިއެން އެކޮޅުން ވާހަކަ ދެއްކިއެވެ. އެއާއިއެކު ދާނިޝްއަށް ނިއްކުރީގައި އެއްއަތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލި ޖައްސާލެވުނެވެ. މި މީހަކު ހުއްޓުމެއްނެތި އޭނައާއި ބައްދަލުކުރަން މަސައްކަތް ކުރަމުން ދާތާ މިވީ ބަރާބަރު އެއް ހަފްތާއެވެ. ދާނިޝް ޢާއްމު ގޮތެއްގައި މިފަދައިން އޭނައާއި ބައްދަލު ކުރަން އަންނަ ޢާއްމުންނާއި ވެސް ނުހަނު ފަސޭހައިން ބައްދަލު ކުރެއެވެ. މަތީ މަޤާމެއްގައި ހުރީތީ އޭނަ ކޮންމެހެން ޢާއްމުންނާއި ބައްދަލު ކުރަން ނުޖެހޭ ކަމަށް ނުބަލައެވެ. އޭނަގެ އެ ހިތްތިރި މިޒާޖަކީ ވެސް ކުންފުންޏަށް ލިބިފައިވާ ރީތި ނަމެކެވެ. އެހެނަސް ވޭތުވެ ދިޔަ ހަފްތާގައި އޭނަ އޮފީހުގެ ކޯޓު މައްސަލައާއި ހެދި ބުރަވެފައިވުމުގެ އިތުރުން ހިލްޔާއާއި އޭނައާއި ދެމެދު މައްސަލަ ޖެހިފައިވުމުން ދާނިޝް އޭނަގެ ތާވަލަށް އިތުރު ބަދަލެއް ގެންނަން ބޭނުން ނުވެފައި ހުރީއެވެ. އެހެނަސް އޭނަ އަމިއްލައަށް އެންމެ ފަހުން މިއަދު 10 އަކުން އެމީހަކާއި ބައްދަލުކުރަން މި ދިޔަ ހަފްތާގައި ނިންމީ، އެމީހަކު އޭނައާއި ބައްދަލު ނުކޮށް ދޫނުކުރާނެހެން ހީވުމުންނެވެ.
“ސާރ…ބޭނުންވެ ނުލައްވަންޏާ އަންގަވާ. އަޅުގަނޑުމެން އޭނަ ފޮނުވާލާނަން.” ދާނިޝް އެއްޗެކޭ ނުބުނެ ގިނައިރު ވާން ފެށުމުން ޖިއެން އެހިއެވެ.
“ނޫނޭ ޖިއެން. ބައްދަލު ކޮށްލަމާ. މައްސަލައެއް ހިފައިގެން އުޅޭ މީހެއްހެން ހީވަނީ. ކޮން ނަމެއް ކިޔަނީ؟” ދާނިޝްއަށް އަހާލެވުނެވެ. މިހާވަރަށް އުޅޭނީ ކުރިން ކުންފުނީގައި އުޅެފައިވާ މުވައްޒަފަކަށް ވެސް ވެދާނެ ކަމަށް ހީކުރެވުނެވެ. އެހެނަސް…
“އަޙްމަދު ރާފިލް ނަސީމް. ރާއްޖޭގެ ވިޔަފާރިވެރިއެއް ކަމަށް ވަނީ. ސާރ އާ ބައްދަލު ކުރަން ވެގެން ރިސެޕްޝަނިސްޓަށް ފައިސާ ވެސް ދިން ވާހަކަ ރިސެޕްޝަނިސްޓް ބުނި. އަޅުގަނޑު ބުނިން އެ ފައިސާ ވަކިން ބަހައްޓާށޭ.” ޖިއެން ބުނި ނަމާއިއެކު އެމީހަކު ކުރި ކަމެއްގެ ވާހަކަ ވެސް އިވިގެން ދިޔުމުން ދާނިޝް ގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެހެނަސް އެ ރުޅީގެ މައްޗަށް ގަދަ ހޯދަމުން ވާހަކަ ދެކެވުނެވެ.
“އޭނަ ފޮނުވާ. ލައުންޖް ރޫމަށް. އޭނަ ދިން ފައިސާ ޖިއެން އަހަންނާ ހިސާބަށް ގެނެސްދީ.” ދާނިޝް އެންގިއެވެ.
“އޯކޭ ސާރ.” ޖިއެން އަދަބުވެރިކަމާއިއެކީ ބުންޏެވެ. އެއާއިއެކު އެ ކޯލު ނިމުމަކަށް އައެވެ.
**
އޭގެ އިރުކޮޅެއްގެ ތެރޭގައި ދާނިޝް ގޮސް އޮފީހުގެ އެންމެ މަތީ ބައިގައިވާ ލައުންޖް ރޫމަށް ވަނެވެ. އެއީ ޢާއްމުންނާއި އޮފީހުގެ ސީއީއޯ ބައްދަލު ކުރާ ރޫމެވެ. އެ ފުޅާ ކުޑަދޮރުތައް ލެވިފައިވާ ރޫމުގެ ފުޅާ މޭޒަކާއިއެކު ބޮޑު ގޮނޑިއަކާއި، އެ ގޮނޑީގެ ކުރިމައްޗަށް ވާ ގޮތަށް ކުޑަ ދެގޮނޑި ބެހެއްޓިފައިވެއެވެ. މީގެ އިތުރުން އެ ރޫމުގެ އަނެއްފަރާތުގައި ދިގު ސޯފާތަކެއް ވެސް ބެހެއްޓިފައިވިއެވެ. ދާނިޝް އާދައިގެ މަތިން ގޮސް އިށީނީ މޭޒުދޮށުގައި ހުރި ބޮޑު ގޮނޑީގައެވެ. ޢާއްމު ގޮތެއްގައި މީހުން އޭނައާއި ދައްކަން އަންނަނީ މުހިއްމު ވާހަކަތަކަކަށް ވުމުންނެވެ. އަދި އޭނައާއި ބައްދަލުކުރަން އަންނަނީ މިތުރެއް ކަމެއް ނޫނީ ހަތުރެއްކަމެއް ޔަޤީން ނުވާތީވެއެވެ. ސޯފާ އޭނަ ޚިޔާރު ކުރަނީ އޮފީހުގައި އުޅޭ މުވައްޒަފަކު އޭނައާއި ވާހަކައެއް ޙިއްސާ ކުރަން ޖެހޭނަމައެވެ. އެފަދައިން މުވައްޒަފަކު ޢާއްމު ގޮތެއްގައި އަންނާނީ ވެސް އެހީއަކަށް އެދެން ކަމަށްވާތީވެއެވެ. މިއީ ކޮންމެހެން ލިޔެފައިވާ ޤަވާއިދުތަކަށް ނުވިޔަސް މިއީ ސީއެފްއޯ ގެ ގޮތުގައި އުޅުނުއިރު ވެސް ދާނިޝް ގެންގުޅުނު އުޞޫލުތަކެވެ.
ދާނިޝް އޭނަގެ ބޮޑު ގޮނޑީގައި އިށީންތަނާހެން ރޫމުގެ ދޮރުގައި މީހަކު ޓަކި ދިން އަޑު އިވުނެވެ.
“ކަމް އިން!” ދާނިޝް އެންގިއެވެ. އެއާއިއެކު ދޮރު ހުޅުވާލި ޖިއެން ފުރިހަމަ ހިނިތުންވުމަކާއެކީ މިހިރީ ސާރ ގެ މެހުމާނޭ ބުނެ ރޫމަށް ކުޑަކޮށް ވަދެލަމުން އެ މެހުމާނަށް ތަން ދެއްކިއެވެ. އެއާއިއެކު އެ ދޮރުން ވަދެގެން ގަދަ މުށިކުލައިގެ އަތްކުރު ޓީޝާޓާކާއި ނޫކުލައިގެ ޖިންސެއްގެ ލައިގެން ހުރި ރާފިލްއެވެ. ރާފިލް ފެނުމުން ވެސް ދާނިޝް ފޫހިވާ ގޮތްވިއެވެ. ވިޔަފާރިވެރިއެއްކަމަށް ބުނެ ރަސްމީ ބައްދަލުވުމެއްގެ ނަމުގައި ރާފިލް އަންނާނީ ކުޑަމިނުން ގަމީހެއްގައި ކަމަށް ދާނިޝްއަށް ހީކުރެވުނެވެ. އޭނަގެ މުވައްޒަފުންނަށް ރާފިލް ދެއްކި ވާހަކަ ޤަބޫލު ނުކުރެވުނުނަމަ ނުކުރެވުނީ ހަމަ ރަނގަޅަށޭ ހިތަށްއެރިއެވެ.
ރާފިލް ވަނުމުން ޖިއެން އަވަސްއަވަހަށް ތިމަންނަ ގޮސްލާނަމޭ ބުނެލީ ދާނިޝްއަށް ލޮލުގެ ޢިޝާރާތެއް ކުރަމުންނެވެ. އެ ޢިޝާރާތް ދަނެގެން ދާނިޝް ބޯޖަހާލުމުން ޖިއެން ރޫމުން ނިކުމެ ދޮރު ލެއްޕިއެވެ.
“އިށީންނަވާ.” ދާނިޝް ކުރިމަތީގައި ހުރި ގޮނޑިއަށް ޢިޝާރާތް ކުރަމުން އެންގިއެވެ.
“އެގްޒެކެޓިވް ލެވެލް ގެ ގެސްޓުންނާ ވެސް ބައްދަލު ކުރަނީ ތިކަހަލަ ގޮނޑިންތަ؟ ސޯފާއަށް އާދޭ.” ރާފިލް އެހެން ބުނެލީ، ސޯފާތަކާއި ދިމާލަށް ދަމުންނެވެ.
ރާފިލްގެ އެ ބަސްތަކުން ދާނިޝް ވީ އަމަށަކު ފޫއްސެއް ނޫނެވެ. ރާފިލް ހީކުރަނީ އޭނަގެ އޮފީހުގައި އޭނަ ޢާއްމު މީހަކާއި ރާފިލް ތަފާތު ކުރާނެ ކަމަށް ހެއްޔެވެ؟ ނޫނެކެވެ. އެ ކިބުރުވެރިކަމަށް މިތަނުގައި ޖާގައެއް ނޯންނާނެއެވެ.
“ވާހަކައެއް ދައްކަވަން ބޭނުންފުޅުނަމަ މިތަނަށް ވަޑައިގެން ދެއްވުން އެދެން. އެހެންނޫނީ ވާހަކައެއް ނުދެއްކެވޭނެކަން ހިތާމައާއެކީ ދަންނަވަން.” ދާނިޝް އައިސްފައިވި ރުޅީގައި ވެސް އާދައިގެ އަޑަކުން ވާހަކަ ދެއްކިއެވެ. އެހިނދު ސޯފާތަކާއި ކައިރިވި ރާފިލް ފިޔަވަޅުތައް މަޑުޖައްސާލަމުން ދާނިޝްއަށް ބަލައިފިއެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ރާފިލް ވާހަކަ ދެއްކިއެވެ.
“ފެއާރ އިނަފް. ކަލޭ އަހަރެންގެ އޮފީހަށް އަންނަ ދުވަހަކުން މަ ވެސް ހަދާނީ ހަމަ ތިހެން ވިއްޔާ.” ރާފިލް ހުތުރު ބަހުން ވާހަކަ ދައްކުމުން ދާނިޝްގެ މޭޒާއި ދިމާލަށް އައެވެ. އަދި ދާނިޝްގެ ކުރިމަތީގައި ހުރި ދެގޮނޑިން ކުރެ ގޮނޑިއެއްގައި އިށީނެވެ.
“ނައިސް އޮފީސް…އެންޑް ޓޭބަލް.” އޮފީހުގެ ވަށައި ނަޒަރެއް ދެމުން ރާފިލް މޭޒުމަތީގައި ބޭއްވިފައި އޮތް ފޮތާއި ގަލަމާއި މޭޒުގެ އެއް ކަނެއްގައި ގަހެއް ޖަހާފައި ހުރި ވާސްއަށް ނަޒަރެއް ދެމުން ބުންޏެވެ.
“ކޮން ސަބަބަކާ ހުރެތޯ މިދިޔަ ހޯމަ ދުވަހުއްސުރެ މި އޮފީހަށް ތި ދުރުވަނީ؟” ދާނިޝް ދެންވެސް މާތް ބަހުން ވާހަކަ ދެއްކިއެވެ.
“ޔާ އެބައުޓް ދެޓް! އަހަންނާ ކުރިމަތިލާން ނުކެރިގެންތަ މި ހުރިހާ ދުވަހު ސެކިއުރިޓީ ލައްވާ އަހަރެން ފައްސަމުން ދިޔައީ؟” ރާފިލް ޒާތަކަށް ހެވިފައި އިނދެ އެހިއެވެ. އެއާއިއެކު ދާނިޝް އިތުރަށް ނުރުހުންވާ ގޮތްވިއެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން އެކަމަކު މި ހުރިހާ ދުވަހު އަޅުގަނޑަށް ނޭނގެ އަޅުގަނޑާއި ބައްދަލު ކުރައްވަން ވަޑައިގަތީ ރާފިލް ކަމެއް. މިއަދު އެނގުނީ. މި ދިޔަ ހަފްތާގަ ވަރަށް ބުރަވީމަ އިތުރު ބައްދަލުވުމެއް ބާއްވަން އަޅުގަނޑުގެ ތާވަލު ތަން ނުދިނީމަ ބައްދަލު ނުވެވުނީ.” ދާނިޝް ތެދުތެދަށް ކިޔައިދިނެވެ. އެއާއިއެކު ރާފިލް އަނގައަށް ގޮތެއް ހަދާލިއެވެ.
“އާނ ދެން މަތި އޮމާން ކުރާނެ ގޮތެއް ވެސް އޮންނަން ވާނެތާދޯ؟ އެނީވޭސް، ޚަބަރެއް ދޭންވެގެން މިއައީ. އަހަރެން މިއުޅެނީ ޒިވް އާ ރައްޓެހިވެގެން. ރިމެމްބާރ؟ ޔުއާރ އެކްސް؟ އޮހް ޝީޒް…” ރާފިލް އެހެން ކިޔުމަށްފަހު ޒިވްއަށް ކުރަން ފެށީ ލަދު ކުޑަ ތަޢުރީފުތަކެވެ. އެ ތަޢުރީފުގެ ބަސްތަކަށް ވުރެ ބޮޑަށް ދާނިޝްއަށް ވިސްނުނީ ރާފިލް އެ ދިން ޚަބަރާއި މެދުގައެވެ. މީގެ ދުވަސްކޮޅެއް ކުރިން ޒިވް ހިލްޔާ ގާތު އެ ވާހަކައެއް ދައްކާފައިވަނީ މި ދެމީހުންގެ ރޭވުމެއްގެ މަތިންތޯ ހިތަށްއެރިއެވެ.
އިރުކޮޅަކުން ރާފިލްގެ ތަޢުރީފުތައް ނިމުމަކަށް އައުމުން ދާނިޝް ހިނިތުންވުމެއް ދައްކައިފިއެވެ.
“ވެލް….ކޮންގްރެޖުލޭޝަންސް!” ދާނިޝްއަށް ޙަޤީޤަތުގައި ވެސް ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ.
ދާނިޝް ގެ އެ ފިނި ޖަވާބުން މޫޑު ޚަރާބުވި ރާފިލްގެ ހިނިތުންވުން ފިލިއެވެ. އޭނަ އުއްމީދު ކުރީ ދާނިޝްގެ މޫނުމަތިން ޙަސަދަވެރިކަން ފެނުމަށެވެ. ދާނިޝްގެ މޫޑު ޚަރާބުވާ މަންޒަރު ދުށުމަށެވެ. އެހެނަސް އެކަން އެހެން ނުވިއެވެ. އެހެންކަމުން ރާފިލް ވަގުތުން އޭނަގެ ރޭވުން އަނބުރާލިއެވެ.
“ވެލް ހައު އިޒް ޔުއާރ ލައިފް. އަހަރެން ބޭނުންކޮށްފަ އެއްލާލި ކުއްޖާ ކިހިނެއް؟ ހުވާ ފޫހި ކުއްޖެއް ދޯ އެއީ؟” ރާފިލް ބުންޏެވެ. ރާފިލް ބޭނުންވީ ދާނިޝްގެ އެ ހަމަހިމޭންކަން ގެއްލުވައި ދާނިޝް ލައްވައި ކަތި ފިޔަވަޅެއް އަޅުވާށެވެ. އެއިން ވެސް އިތުރު މައްސަލަތަކެއް ހިލުވުމަށެވެ.
މިފަހަރު ރާފިލް އިއްވާލި ވާހަކައިން އެ ދައްކަނީ ކާކުގެ ވާހަކަ އެނގުމާއިއެކު ދާނިޝްގެ ލޭ ކެކުނެވެ. ހަނދާނަށް އައީ ރާފިލް ހިލްޔާއާއި މެދު ފެތުރި ދޮގު ވާހަކައެވެ. އޭގެ ސަބަބުން ހިލްޔާ އުޅެން ޖެހުނު ޙާލެވެ. އެއީ ކިހާ ބޮޑު ދޮގެއްކަން މިއަދު ދާނިޝްއަށް އަދި މާ ރަނގަޅަށް ވެސް އެނގެއެވެ. ރާފިލް އަނެއްކާވެސް ހިލްޔާގެ ބޮލުގައި އެ އެޅުވީ އެ އިލްޒާމްކަން އެނގުންވީ ހިނދު ޚިޔާލުތަކުގެ ތެރެއިން އެ މޫނުމައްޗަށް ވަރުގަދަ އެތިފަހަރެއް ވިއްލައި ބިންމައްޗަށް ވައްޓާލެވުނެވެ. އަދި ރާފިލްގެ ކުރިމައްޗަށް ގޮސް ތިރިވެލަމުން އެ ކަރުގައި ހިފާލެވުނެވެ.
އެހެނަސް އެވަގުތު ﷲ މަތިން ހަނދާންވެގެން ދިޔުމުން ދާނިޝްގެ ހިތާއި ސިކުނޑިއަށް ހިސާބެއްގެ ހަމަހިމޭންކަމެއް ވެރިވިއެވެ. އެހިނދު ވާހަކަ ދެކެވުނެވެ.
“އަހަރެން އޮޅިއްޖެ. އެ ކުއްޖާއެއްނޫންތަ ރާފިލް އެއްލާލީ؟ ގައިމު ވީޑިއޯއިން ފެނުނު މެރީ ކުރަން އުޅުނު ދުވަހު މެރީ ނުކޮށް އެ ކުއްޖާ އެތަނުން ނިކުމެގެން ދިޔަތަން. ކްލިއަލީ ޝީ އިޒް ނޮޓް އިންޓްރެސްޓެޑް އިން ޔޫ. އެއީ މިއަދު އަހަރެންގެ އަނބިމީހާ. އެހެން ގޮތަކަށް ބުނާނަމަ މިއަދު އަހަންނަކީ މުޅި ދުނިޔެ މަތީގަވެސް ހުރި އެންމެ ނަސީބުވެރި ފިރިމީހާ.” ރުޅީގެ މައްޗަށް ގަދަ ހޯދަމުން ވާހަކަ ދެއްކިއިރު ދާނިޝްގެ ވާހަކައިގެ މާތް ބަސް ގެއްލިފައިވިޔަސް އެ އަޑު މަޑުމައިތިރިއެވެ. މަޑުމައިތިރި އަޑަކުން ވެސް އެ ބުނެވުނު ބަސްތަކާއިމެދު ދާނިޝް ހިތްހަމަޖެހުނެވެ. ހިލްޔާ ރަނގަޅަށް ދިފާޢު ކުރެވުނު ކަމުގެ އިޙްސާސް ކުރެވުމުންނެވެ.
ދާނިޝް ބުނެލި ބަސްތަކުން އައި ރުޅީގައި ރާފިލްއަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. އެ ބުނީ ކީކޭ ހެއްޔެވެ؟ ހިލްޔާ އޭނައަށް ފަސް ދިނީ އަމިއްލައަށް ބޭނުންވެގެން ހެއްޔެވެ؟ ނޫނެކެވެ. އެހެންނެއް ނުވާނެއެވެ.
ސިކުނޑިއަށް ވެރިވި އެ ޚިޔާލުތަކާއިއެކު ރާފިލް ގޮށްމުއްކަވައި މޭޒުމަތީގައި ބާރުބާރަށް ދެތިން ފަހަރު ޖެހިއެވެ. އެ ޖެހި ވަގުތު މޭޒުމަތީގައި ހުރި އެއްޗެހި ވެސް މައްޗަށް ހިލުނެވެ. އެހެނަސް އެފަދަ ކަމަކަށް ތައްޔާރުވެގެން އިން ދާނިޝް ސިހިވެސް ނުލާ އިންގޮތަށް އިނެވެ.
“ކަލޭ ތިއީ %&@! އެއް. ކަލެއަށް ހީވަނީ އެހާ ރީތި ކުއްޖަކަށް ކަލޭ ކަމުދާނެހެންތަ؟ ފޯލްސް! ޝީ ލަވްސް މީ އެންޑް މީ އޮންލީ! އެ ބަދަލެއް ނުވާނެ!!!” ރާފިލް އައި ރުޅީގައި ގޮނޑީގައި ވެސް ނުހުރެވިގެން ކޮޅަށް ތެދުވެ ދާނިޝް އާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކުރަމުން ވާހަކަ ދެއްކިއެވެ.
“އިފް ޔޫ ސޭ ސޯ…” ދާނިޝް ގޮނޑިއަށް ލެނގިލައިގެން ދެއަތް އުރައިގެން އިނދެ އެހެން ބުނެލީ ރާފިލް އެ ބުނި އެއްވެސް އެއްޗެއް ޤަބޫލުކުރުމާއި ގާތް ވެސް ނުވާ ޙާލުގައެވެ. ރާފިލް އަނެއްކާވެސް އެ މޭޒުމައްޗަށް ބޮނޑިއެއް އެޅިއެވެ.
“އައި ވިލް މޭކް ޔޫ ޕޭއި ފޯ ދިސް. ބަލާތި ކުރިއަށް އޮތް ދުވަސްތަކުގަ ކަން ވާނެ ގޮތް. ތި ބޮޑު ގޮނޑީގަ ކަލެއަށް ހުރެވޭނެ ދުވަސްތައް ވަރަށް މަދު. ބޮޑު ގޮނޑި ގެއްލޭ ދުވަހަކުން އަންހެން ކުއްޖާ ވެސް ގެއްލޭނެ. މަށަށް އެނގޭނީ އެ ކުއްޖާ. ފައިސާ ގެ ފަހަތުން ދުވާ ކުއްޖެއް އެއީ. ބަލާތި އެދުވަސް އަންނާނެ. އެ ދުވަހަކުން އެ ކުއްޖާ ތީނަ ދޫކޮށް ދާނެ!!!” ރާފިލް ދެއްކި އެ ވާހަކަތަކުން ދާނިޝް ގެ ދެބުމަ ކައިރިވިއެވެ.
ނުނިމޭ
