ނަފްސީ (ފަސްދޮޅޮސްހަތްވަނަ ބައި)
އެރޭގެ ވަގުތުތައް ހިނގަމުން ދިޔަދިޔަހެން ހިލްޔާގެ ޝުކުރުވެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. ކައިވެނީގެ މަޖިލީހުގައި ތިބި އެންމެންނާއި، އެތާ ތެރޭގައި ތިބި ގާތް ޢާއިލާ މީހުން މަރުޙަބާ ކިޔައި ނިމުމުން ދާނިޝް ހިލްޔާގެ ގާތަށް އައިސް އަނެއްކާވެސް ނުހަނު އުފާވެރި ހިނިތުންވުމެއް ދެއްކިއެވެ. އޭގެ ބަދަލުގައި ހިލްޔާއަށް ވެސް ފުރިހަމައަށް ހިނިތުންވުން ނޫންކަމެއް ނުކުރެވުނެވެ.
“މި އުފަލުގަ ނަމާދެއް ކޮށްލަން ވާނެ ދޯ؟” ދާނިޝް ބުންޏެވެ. ދާނިޝް އެ ބުނި ރާގުން ހިލްޔާއަށް ހީލެވުނެވެ.
“ޔާ…ގެއަށް ގޮއްސައެއްނު ކުރާނީ؟ މިހާރު ޕާޓީ ފެށޭނެއެއްނު؟” ހިލްޔާއަށް ބުނެވުނެވެ.
“ނޫން އަދި 15 މިނެޓްސް އެބައޮތް. ފަހުން މާ ލަސްވެދާނެ. އަދި ދެމީހުން ތަނަކަށް ދާންވެސް އެބަޖެހޭ. މިތާ 7 ވަނަ ފްލޯގަ ހުންނާނެ މިސްކިތެއް. ހިނގާ.” ދާނިޝް އެހެން ބުނަމުން އޭނަގެ ކަނާތު އަތް ދިއްކުރިއެވެ. ހިލްޔާއަށް އެއްފަހަރު އެ އަތަށް، އަނެއްފަހަރު ދާނިޝްއަށް ބަލާލެވުނެވެ. ދާނިޝްގެ ހިނިތުންވުން ފެނިފައި ހިލްޔާއަށް ވެސް ރަތްވެގެން ދިޔަ ކޯތާފަތާއިއެކީ ހިނިތުންވެލެވުނެވެ. އަދި އުފަލާއެކީ ދާނިޝް އޭނައަށްޓަކައި ދިއްކުރި އަތް މަތީގައި އަތް ބޭއްވިއެވެ. ދާނިޝް އޭނަގެ އަތުގައި ރަނގަޅަށް ހިފައި އޭނަގެ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހާލުމުން ފުރިހަމަވެގެން ދިޔައީ، ހިލްޔާގެ ހިތުގައި އެތައް ދުވަހެއް ވަންދެން އޮތް އެދުމެކެވެ. ވޭތުވެ ދިޔަ ހަފްތާތަކުގެ ތެރޭގައި ދާނިޝް އޭނައާއި ބައްދަލު ކުރަން އައި ކޮންމެ ދުވަހަކުހެން ހިލްޔާއަށް ދާނިޝް ހިނގާފައި ދާއިރު އެ އަތަށް ބެލެއެވެ. އެ އަތުގައި ހިފާލަން ހިތް އެދެމުން ދިޔައެވެ. ދާނިޝް އޭނަގެ އަތުގައި ހިފާލުމުން ކުރެވޭނީ ކޮން އިޙްސާސެއްތޯ ހިތަށް އަރަމުން ދިޔައެވެ.
އެވަގުތު އެ ސުވާލުގެ ޖަވާބު ހިލްޔާއަށް ލިބުނެވެ. ދާނިޝްގެ މަޑު އަތުގެ ތެރޭގައި އޭނަގެ އަތް މުޅިންހެން ފޮރުވިފައިވީއިރު، އެ އަތަށް އިޙްސާސް ކުރެވުނު ހޫނުކަން މެއަށް ވެސް އިޙްސާސް ކުރެވުނުހެން ހީވިއެވެ. މިއީ ދާނިޝް އޭނަގެ އަތުގައި ހިފި ފުރަތަމަ ދުވަހަށް ވިޔަސް ދާނިޝްއަކީ ބީރައްޓެއްސެއް ކަމަށް ހިތް ޤަބޫލެއް ނުކުރިއެވެ. ދާނިޝް އޭނަ ކޮންމެ ތަނަކަށް ގެންދިޔަޔަސް ދެވޭނީ އޭނަގެ ގެއަކަށް ހެން ހީވަމުން ދިޔައެވެ. ދާނިޝްގެ ކައިރީގައި ހުރެވުމުން ހިލްޔާއަށް އިޙްސާސް ކުރެވުނީ އެފަދަ ރައްކާތެރިކަމެކެވެ.
އިޚްވާން ފައުންޑޭޝަންގެ 7 ވަނަ ފަންގިފިލާއަށް ދިޔަ މަގުމަތީގައި އެ މިސްކިތާއި ބެހޭ ގޮތުން ދާނިޝް ހިލްޔާއަށް ކިޔައިދިނެވެ. އެއީ މުޅިން އާ މިސްކިތެއް ކަމަށާއި އެތަނަށް އަދި އިތުރު ކުރަން ބޭނުންވާ ތަކެއްޗާއި މެދު ދާނިޝް ވިސްނަމުން ދާ ވާހަކަ ދާނިޝް ކިޔައިދިނެވެ.
“އަދި އެއްވެސް މީހަކު މިތަނުގަ ނަމާދެއް ނުކުރެވޭ. ހިނގާ ދެމީހުން މިތަން އިނޯގްރޭޓް ކޮށްލަމާ. ހެހެ…” ދާނިޝް 7 ވަނަ ފަންގިފިލާގައި ހުރި ދެފަރާތަށް ހުޅުވޭ ދޮރުގެ އެއްބައި ކޮއްޕަމުން ބުންޏެވެ. އެއާއިއެކު ހިލްޔާ ވެސް ހީލަމުން ދާނިޝްގެ ފަސްފަހަތުން އެ ދޮރުން ވަނެވެ.
އެއާއިއެކު މަޑު ނޫކުލައިގެ ކާޕެޓް އެޅިފައިވާ ތަނަވަސް މިސްކިތެއް ހިލްޔާއަށް ފެނިގެން ދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔަ ފުޅާ ކުޑަ ދޮރުތަކުގެ އަނެއްފަރާތުން ހުޅުމާލޭގެ ބައެއް ޢިމާރާތްތަކުގެ ބޮކިތައް ފެންނަމުން ދިޔައެވެ. ދާނިޝް ބޫޓު ބޭލުމަށްފަހު ދޮރު ކައިރީގައި ހުރި ކަބަޑެއްގައި ބޫޓު ބެހެއްޓުމުން ހިލްޔާ ވެސް އެގޮތަށް ކަން ކުރިއެވެ. އަދި އަނެއްކާވެސް ދާނިޝް ގެ ފަސްފަހަތުން މިސްކިތަށް ވަދެގެން ދާން ފެށިއެވެ. ދާނިޝް ދިޔައީ މިސްކިތުގެ މިންބަރު ހުރި ދިމާލަށެވެ. އަދި އެ ދިމާލަށް ކުރިމަތިލަމުން މިއީ ޤިބްލަ ކަމަށް ބުންޏެވެ. އެހެންކަމުން ހިލްޔާ ދާނިޝްގެ ފަހަތުގައި މަޑުކޮށްލިއެވެ.
ދާނިޝް ނަމާދު ފަށައި ކިޔަވަން ފެށުމުން އެ ކިޔެވުމުގެ އަސަރު ހިލްޔާގެ ހިތުގެ އެންމެ ފުން މިނަށް ކުރިއެވެ. ސޫރަތުލް ފާތިޙާއަށްފަހު ދާނިޝް ކިޔަވަން ފެށީ ފުރުޤާން ސޫރަތެވެ. އެއީ ހިލްޔާ ހިތުދަސްކޮށްފައިވާ ފޮތެއްގައި ހިމެނޭ ސޫރަތެކެވެ. އަދި މާނައާއި ތަފްސީރު ރަނގަޅަށް އެނގޭ ސޫރަތެއް ވެސް މެއެވެ. އޭނަގެ ހިތުގައިވާ އާޔަތްތައް ދާނިޝްގެ ދުލުން އިވެމުން ދިޔައީތީ ދާނިޝްއާއި އިތުރު ގާތްކަމެއް އިޙްސާސް ކުރެވުނެވެ.
ވަގުތު ކުޑަވުމުން ދާނިޝް ކޮންމެ ރަކުޢަތެއްގައި ކިޔެވީ 5 ވަރަކަށް އާޔަތެވެ. އެހެންކަމުން 5 ވަރަކަށް މިނެޓުން ނަމާދުކޮށް ނިމުނެވެ. ނަމާދަށްފަހު ދާނިޝް އޭނައަށް ބަލައި ހިނިތުންވެލުމުން ހިލްޔާގެ ހިތުގައި އުފެދުނީ އަދި އިތުރު ލޯތްބެކެވެ. އެކަމާއިމެދު ޚުދު ހިލްޔާ ވެސް ޙައިރާންވިއެވެ. ފާއިތުވާ ކޮންމެ ވަގުތުކޮޅަކާއި އެކީ އެ ލޯބި އިތުރުވަމުން ދާހެން ހީވަމުން ދިޔައީތީވެއެވެ. މިހާ ފުންކޮށް އޭނައަށް ދުވަހަކުވެސް ލޯތްބެއް ވެދާނެ ކަމަށް ހިލްޔާ ހިއެއް ނުކުރެއެވެ.
ޕާޓީ ފެށެން ގާތްވަމުން ދާތީ ދެމަފިރިން އަނެއްކާވެސް މިސްކިތުން ނިކުންނަން އަވަސްވިއެވެ. މިސްކިތުން ނިކުތުމަށްފަހު ވެސް ދާނިޝް އޭނަގެ އަތުގައި ހިފުމުން ހިލްޔާ އުފާވިއެވެ. އެއީ ހަމައެކަނި ލޯބިން ހިފާލި ހިފާލުމެއްކަން އެނގުންވުމުންނެވެ.
ޕާޓީއަށްޓަކައި ދާނިޝްއާއި ހިލްޔާ ދިޔައީ ޓެރެސްގައި ހިޔާ ކުރެވިފައިވާ ބަޔަށެވެ. މެހުމާނުން އައިސް އެމީހުންނާއި ބައްދަލުކުރުމަށްފަހު ބޭރަށް ދަމުން ދިޔައެވެ. ހިލްޔާގެ ޢާއިލާ ފަރާތުން މެހުމާނުންގެ ތެރެއިން އައި ކުޑަކުދިންނާއި އެކު ދާނިޝް ގެންގުޅުނު މިޒާޖާއި މެދު ހިލްޔާ ގަޔާވިއެވެ. ވަކިން ޚާއްސަކޮށް ނިކަމެތި ޢާއިލާތަކުން އައިސްފައިވާ ކުދިން ދާނިޝްއާއި އެހާ އެކުވެރިވުމުން ދާނިޝްއަށް އިޙްތިރާމް ކުރެވުނެވެ. އޭގެ ތެރެއިން ގިނަ ކުދިންނަކީ އެ ހިސާބުގައި އުޅޭ ފަޤީރު ޢާއިލާތަކުގެ ކުދިން ކަމަށް ދާނިޝް ކިޔައިދިނުމުން ނޫނީ ހިލްޔާއަށް ނޭނގެއެވެ. ހުރިހާ ކުދިން ވެސް ނުހަނު ރީތި ހެދުން ލައިގެން އައިސް ތިބުމުންނެވެ. އެކުދިންގެ ދިރިއުޅުން މިހާރު އިހުނަށްވުރެ ރަނގަޅުވެފައިވަނީ، އިޚްވާން ފައުންޑޭޝަނުން ބެހި ޞަދަޤާތުގެ ސަބަބުން ކަމަށް ދާނިޝް ކިޔައިދިނެވެ.
މިއުޒިކަކާއި ނުލާ ކުރިއަށް ދިޔަ އެ ޕާޓީ ހިލްޔާއަށް ނުހަނު ހިތްގައިމުވިއެވެ. ޕާޓީގެ ތެރެއިން ހިލްޔާގެ އެކުވެރި ލާނާ މެދުވެރިވެގެން ދާނިޝްގެ އެހެނިހެން އެކުވެރިންގެ އަންހެނުންނާއި ވެސް ހިލްޔާ ބައްދަލުވިއެވެ. ޕާޓީގެ ވަކި ހިސާބަކުން ހިލްޔާ ޓެރެސްގައި އަންހެނުންނަށް ޚާއްސަ ހިސާބަށް ގޮސް ދާނިޝް ވެސް ފިރިހެނުންނަށް ޚާއްސަ ބަޔަށް ދިޔައެވެ. އެހެންކަމުން އެ އުޚްތުންނާއި އެކުވެރިވުމުގެ ފުރުސަތެއް ހިލްޔާއަށް ލިބުނެވެ. އެއީ ވެސް އުސްތާޒާ އަސްމާގެ ޙަލަޤާތަކުގައި ބައިވެރިވެފައިވި އުޚްތުންކަން އެނގުމުން ހިލްޔާ އަޖާއިބުވާހާވިއެވެ. އޭނައާއި ދިމާވާ ކޮންމެ ޞާލިޙު އުޚްތަކީ އުސްތާޒާ އަސްމާގެ ޢިލްމުން ފައިދާ ކޮށްފައިވާ އުޚްތެއްތާއޭ ހިތަށްއެރިއެވެ.
މެހުމާނުން މަދުވި ވަގުތު އެ ހިޔާ ކުރެވިފައިވި ތަނުގައި ހުރި މޭޒުދޮށުގައި އިނދެ ދާނިޝް އާއި އެކީ ރޭގަނޑު ކެއުމުގެ ފުރުސަތު ލިބުނެވެ. އަދި ސުންނަތާއި އެއްގޮތަށް ކިރު ތަށްޓެއް ޙިއްސާ ކުރިއެވެ. ހިލްޔާއަށް އެންގުމަކާއި ނުލާ އެ ވަގުތުކޮޅު ދާނިޝް ތަށީގައި އޭނަގެ ތުންފަތް ޖެހިފައިވާ ތަނުގައި ތުން ޖަހައި ތަށިން ބޮމުން ދިޔަ ގޮތުން ހިލްޔާއަށް ލަދުވެތިކަމާއެކީ ހިނިތުންވެވެމުން ދިޔައެވެ.
ކެއުމުގެ ތެރެއިން އެ ދެމެދުގައި އެކި އެކި ވާހަކަތައް ދެކެވުނެވެ. ކޮންމެ ވާހަކައެއް ދެކެވުނަސް އެ ވާހަކަ ނިމެނީ ﷲ ގެ ރަޙްމަތާއި ނިޢުމަތެއްގެ މަތިން ހަނދާން ކުރަމުންނެވެ. ދެމީހުންގެ މިޒާޖުގެ ގޮތުން ވާހަކަތަކުގެ މިޞްރާބު ދަނީ ވެސް އެ ދިމާލަށް ކަމަށްވުމުންނެވެ.
10 ޖެހިއިރު ޓެރެސް އިން ހުރިހާ މެހުމާނުން ހެން ހުސްވެފައިވިއެވެ. އެންމެ ފަހަށް ތިބީ ހިލްޔާގެ ޢާއިލާ މީހުންނާއި ދާނިޝްގެ އެކުވެރިންނެވެ. ދާނިޝް އެދުމުން ހިލްޔާ ދާނިޝް އާއި އެކީ ޓެރެސްއިން ނިކުންނަން ދިޔައީ، ބައްޕައަށް ލުއި ނަޒަރެއް ދީފައި ހިނިތުންވެލަމުންނެވެ. ބައްޕަ ވެސް ބަދަލުގައި އޭނައަށް ދިނީ ހަމަޖެހުމުގެ އަސަރު އެކުލެވިފައިވި ހިނިތުންވުމެކެވެ. އޭގެ ސަބަބުންނާއި، ދާނިޝް އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރި ގޮތުން އިތުރު ރައްކާތެރިކަމެއް ނޫނީ ހިލްޔާއަށް އިޙްސާސެއް ނުކުރެވުނެވެ.
އިޚްވާން ފައުންޑޭޝަންގެ ޢިމާރާތުން ނިކުތުމުގެ ކުރިން، ދާނިޝް ކުއްލިއަކަށް ފިޔަވަޅުތައް މަޑުޖައްސާލަމުން ވާހަކަ ދެއްކިއެވެ.
“މަޑުކޮއްލައްޗޭ އެބަ އަންނަން އެއްޗެއް ހިފައިގެން.” ދާނިޝް އެހެން ބުނުމުން ހިލްޔާއަށް މަޑުކޮށްލަމުން ދެބުމަ ކައިރިކޮށްލެވުނެވެ. ހިލްޔާ ބަލަބަލާ ހުއްޓާ ދާނިޝް އެތާ ފާރު ކައިރީގައި ހުރި ކަޅުކުލައިގެ ސޯފާއާއި ފާރުގެ ކަނާއި ދެމެދު ހުރި ތަންކޮޅުން ކުޑަ ކަޅުކުލައިގެ ސޫޓް ކޭހެއް ނެގިއެވެ. އެހާ ހާމަކޮށް ހުރި ‘ފޮރުވިފައިވާ’ ތަނަކުން ދާނިޝް އޭތި ނެގި ގޮތުން ހިލްޔާއަށް ހެވުނެވެ. ދާނިޝް ވެސް ސޫޓް ކޭސް ދަމަމުން އޭނައާއި ދިމާލަށް އަންނަމުން ހީލިއެވެ.
“ތަނަކަށް ފުރަންތަ މި އުޅެނީ؟” ހިލްޔާ ދާނިޝްއާއި އެކީ އިޚްވާން ފައުންޑޭޝަން ގެ ޢިމާރާތުން ނިކުންނަމުން އެހިއެވެ.
“އޮފްކޯސް. ހިލްޔާ އަޅެ ޕެކްކޮށްގެން ނޫންތަ ތި އައީ؟” ދާނިޝް ދެންވެސް ހިލްޔާގެ އަތުގައި ހިފައިގެން ދިޔައީ ނަހީދުގެ ކާރާއި ދިމާލަށެވެ.
“ޕެކްކޮށްގެންނޭ އައީ. ޑިކީގަ ހުންނާނެ ފޮށި. ދާނިޝް ބުނި ގޮތަށް. އަހަރެން ހީކުރީ އަހަރެން އިން ލޯސްއަށް ގެންދަން ޕެކް ކުރުވީ ކަމަށް.” ހިލްޔާ އެހެން ބުނުމުން ނަހީދުގެ ކާރުގެ ޑިކީ ހުޅުވާލި ދާނިޝް ހީލިއެވެ.
“އެންމެ 3 ދުވަހަށް ޕެކްކޮށްގެންތަ އިން ލޯސްއަށް ދާން ތިއުޅެނީ؟” ދާނިޝް އޭނަގެ ފޮށި ޑިކީގައި އޮތް ހިލްޔާގެ ފޮށި ކައިރީގައި ބޭއްވުމަށްފަހު ޑިކީ ލެއްޕިއެވެ. ދާނިޝް ރާގަކަށް ބުނެލި އެ ވާހަކައިން ހިލްޔާ ކަޅި މައްޗަށް ހިންގާލިއެވެ.
“މީހަކު ނުއެއް ބުނަންޏާ ނުއެއް އެނގޭނެތާ. ބައްޕަގެ ކާރުގަތަ ދާން މިއުޅެނީ؟” ހިލްޔާ އެހިއެވެ.
“އާނ….ކާރެއް ނެތް ފަޤީރު ކުއްޖެއް ވީމަ ބަފައިބެ އެއްރެއަށް ކާރު ދިނީ. އަރާ.” ދާނިޝް ރާގަކަށް އެހެން ބުނެ ކާރުގެ އަނެއްފަރާތަށް ހިނގަން ފެށިއެވެ.
“ހޫނ…ނުއުޅެމޭ!” ހިލްޔާ އެހެން ބުނެ ތުން އޫކޮށްލުމުން ދާނިޝްއަށް އިތުރަށް ހެވުން ނޫންކަމެއް ނުވިއެވެ. އެއާއިއެކު ހިލްޔާއަށް ވެސް ދާނިޝް ނުފެންނަ ހިސާބަށް ދިޔުމުން ހިނިތުންވެލެވުނެވެ. ދާނިޝް ގެ ހިތްތިރިކަމުން ދާނިޝްއާއި މެދު ހިލްޔާ އިތުރަށް ގަޔާވުން ނޫންކަމެއް ނުވިއެވެ.
ދެމީހުން ކާރަށް އަރައި ހަމަޖެހިލަމުން ދާނިޝް ކާރު ސްޓާޓް ކުރި ވަގުތު އަނެއްކާވެސް ހިލްޔާއަށް ވާހަކަ ދެކެވުނެވެ.
“ދެން ސީރިއަސްކޮށް ބުނެބަލަ ކޮން ތަނަކަށް ދާން މިއުޅެނީ؟ މިހާރު ބުނެވޭނެއެއްނު؟” ހިލްޔާއަށް އަހާލެވުނެވެ. ދާނިޝް އޭނަ ގާތު ކައިވެނި ޕާޓީއަށް އަންނަންވާނީ 3 ދުވަހަށް ޕެކްކޮށްގެނޭ ބުނި ދުވަހުން ފެށިގެން ހިލްޔާ މި ސުވާލުތައް ކޮށްފައިވެއެވެ. އެހެން ދާނިޝް ހަމަހިލާ އޭނަ ގާތު ބުނެފައެއް ނުވެއެވެ.
“ޖަސްޓް މެރީޑް ދެމީހުން ދާނީ ދެން ހަނީމޫނަކަށް ނޫންތަ؟” ދާނިޝް ކާރު ދުއްވަމުން ހިލްޔާއަށް ލުއި ނަޒަރުތަކެއް ދެމުން އެހެން ބުނެލީ ނުފިލާ ހިނިތުންވުމަކާއި އެކީގައެވެ.
“އަހަރެން ހީކުރީ ހަނީމޫނަށް ދަނީ ޗައިނާއަށް ކަމަށް. 3 ދުވަސް ފަހުންނެއް ނޫންތަ ޗައިނާއަށް ދަނީ؟” ހިލްޔާއަށް ބުނެވުނެވެ.
“ޗައިނާއަށް ދަނީ އަހަރެން އޮފީހަށް ދާކަށް ނޫންތަ؟” ދާނިޝް އެހެން ބުނެލި އަޑަށް ހިލްޔާއަށް ދާނިޝްއާއި ދިމާލަށް ބަލާލެވުނެވެ. އެއާއިއެކު އެ ލޮލުން ލާނެތް ވިދުވަރެއް ހިލްޔާއަށް ފާހަގަވިއެވެ.
“ދެން! އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ!” ހިލްޔާއަށް ލަދުވެތިކަމާއެކީ ބުނެވުނެވެ. ހިލްޔާ އެ ވާހަކަ ދެއްކި ދުވަސް ދާނިޝް ހަނދާން ހުރިކަން އެނގުންވުމުންނެވެ.
“އުނހޫ…އަހަންނަށް ހީވީ ހަމަ އެހެން ބުނި އެއްޗެއްހެން. އެހެންވީމަ މިދަނީ ހަނީމޫން ހަދަން. ހަނީމޫނެއް އެހާ ބޭނުންވާ ކުއްޖަކަށް ރަނގަޅު ހަނީމޫނެއް ދޭންވާނެ.” ދާނިޝް ބުންޏެވެ.
ދާނިޝް އެ ބުނެލި ބަސްތަކުން އެއްޗެކޭ ބުނަން އަނގަ ހުޅުވި ހިލްޔާއަށް އަނގަ ލައްޕާލެވުނެވެ. މުޅި މޫނު އެއްކޮށް ރަތްވެގެން ދިޔައީ، ދުވަހަކުވެސް ލަދު ނުގަންނަހާ ވަރަށް ލަދުގަތުމުންނެވެ. ދާނިޝް ލުއި ނަޒަރެއް ދިނުމުން ހިލްޔާއަށް އިސްޖަހާލުމަށްފަހު ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލެވުނެވެ. ދާނިޝްއަށް ބަލަން ވެސް އެވަގުތު ނުކުޅެދުމުންނެވެ. އެހެނަސް ހިލްޔާއަށް ވީގޮތް ފެނިފައި ދާނިޝް ހީލި އަޑު އިވުމުން ހިލްޔާއަށް ވެސް އެ ލަދުވެތިކަމުގެ ތެރެއިން ހީލެވުނެވެ.
ކާރުން ހިލްޔާ ގޮވައިގެން ދާނިޝް ދިޔައީ އެއާރޕޯޓް ބަނދަރަށެވެ. ދާނިޝް އޭނަ ގެންދަން އުޅެނީ ރިސޯޓަކަށްކަން ހިލްޔާއަށް އެނގުންވީ އެހާ ހިސާބުންނެވެ. ދާނިޝް ކާރުން ފޭބުމަށްފަހު ދެފޮށި ނަގައި ދެ ފޮށީގެ އަތްގަނޑުގައި ހިފައި ދަމަމުން ގޮސް އެމީހުން އަރަން އުޅުނު ލޯންޗުގައި ހުރި މީހަކާއި ޙަވާލު ކުރިއެވެ. އަދި އެއަށްފަހު ލޯންޗަށް އަރައި ހިލްޔާއަށް އެހީވެދިނުމަށް އަތް ދިއްކުރިއެވެ. ހިލްޔާ އެއަތުގައި ހިފީ، އުފާވެރިކަމުން ފުރި ބަންޑުންވަމުން ދިޔަ ހިތަކާއެކީ ފުރިހަމަ ހިނިތުންވުމެއްގައި ހުރެއެވެ.
15 ވަރަކަށް މިނެޓް ގެ ދަތުރަކަށްފަހު ހިލްޔާމެން ދަތުރުކުރަމުން ދިޔަ ލޯންޗު ރިސޯޓާއި ހަމަވިއެވެ. މިއީ ހިލްޔާއާއި ދާނިޝް ވެސް ރާއްޖޭގެ ރިސޯޓަކަށް އައި ފުރަތަމަ ފަހަރަށްވުމުން ރިސޯޓުގެ މާޙައުލު ފުދޭވަރަކަށް އާވިއެވެ. ލޮބީ އޭރިއާއަށް ގޮސް ސޯފާގައި ތިބި ވަގުތު އެ ވާހަކަތައް އެ ދެމެދުގައި ޙިއްސާ ކުރެވުނެވެ. ރާއްޖެއަކީ ދާނިޝްގެ ޗައިނާ އެކުވެރިން ވަރަށް އަންނަން ހިތްވާ ތަނެއް ކަމާއި، އަލަތު ކައިވެންޏެއް ކޮށްގެން ރާއްޖެއަށް ދިޔުމަށް އެމީހުން އަބަދުވެސް ބުނަމުން އައި ވާހަކަ ދާނިޝް ޙިއްސާ ކުރިއެވެ.
އެ ވާހަކަތަކުގެ ތެރެއިން ރިސޯޓު ފަރާތުން ހިލްޔާ މެންނަށް މަރުޙަބާ ކިޔުމަށްޓަކައި ޚާއްސަ ބުއިމެއް ދިނުމުން ހިލްޔާ ސުވަރުގެ އާއި ގުޅޭ އާޔަތެއްގެ މަތިން ހަނދާންވިއެވެ. ދާނިޝް އާއި ހިލްޔާ އެ އާޔަތް ޙިއްސާ ކުރީ ހިސާބެއްގެ ޖެހިލުންވުމަކާއި އެކީގައެވެ. މި ޚާއްސަ ރޭގައި އާޔަތެއްގެ ވާހަކަ ދައްކަން ފެށުމުން ދާނިޝް ފޫހިވެދާނެއޭ ހިތަށްއެރިއެވެ. އެހެނަސް ހިލްޔާ ކުރުކޮށް ކިޔައިދިން ކިޔައިދިނުމުން ދާނިޝް ‘ވާވް’ އޭ ކިޔައި މޫނު އުޖާލާވެގެން ދިޔަ ގޮތުން ހިލްޔާއަށް ހީލެވުނެވެ. ހިލްޔާ ޤުރުއާނުން އުނގެނިފައިވީ ކިހާ ވަރެއްތޯ ސުވާލުކޮށް ހަދަން ފެށުމުން ދާނިޝް ގެ ހިތުގައި ވެސް ޤުރުއާނަށްޓަކައިވާ ލޯބި ހިލްޔާއަށް ފަހުމްވިއެވެ. އެއިން ވެސް ހިލްޔާ ދާނިޝް ދެކެ އިތުރަށް ލޯބިވުން ނޫންކަމެއް ނުވިއެވެ.
އޭގެ އިރުކޮޅެއްގެ ތެރޭގައި ރިސޯޓު މުވައްޒަފަކު ހިލްޔާއާއި ދާނިޝް ގޮވައިގެން ބަގީއެއްގައި އެމީހުންގެ ވިލާއަށް ގެންދިޔައެވެ. ކަނޑުގެ ތިލަ ހިސާބުގައި ވާ ފާލަމެއްގެ އެންމެ ކޮޅުގައިވާ ވިލާ އާއި ހަމައަށް ގޮސް ބަގީ މަޑުކުރުމުން ދާނިޝްއާއި ހިލްޔާ ބަގީއިން ފޭބިއެވެ. އަދި އިރުކޮޅެއް ވަންދެން ވަށައިގެން ފެންނަމުން ދިޔަ މަންޒަރަށް ދެމީހުން އެކީގައި ނަޒަރެއް ދިނެވެ. 14 ވިލޭރޭގެ ހަނދާއި ތަރިތައް އަނދިރިކަން ވެރިވެފައިވާ އުޑުގައި ބަބުޅަމުން ދިޔައިރު، އެ ހަނދާއި ތަރިތަކުގެ އަލި ކަނޑުގައި ވެސް ވިދަމުން ދިޔައެވެ. އެވަގުތު ދެމަފިރިން ވެސް ހަނދާންވީ ﷲ މަތިންނެވެ. ﷲ ޚަލްޤު ކުރައްވާފައިވާ މި ރީތިކަމާއިމެދު ދެމީހުންނަށް ވެސް ވާހަކަ ދެކެވުނެވެ. އެއިން އެދެމެދުގައިވި ގުޅުން އިތުރަށް ފުންވިއެވެ.
5 ވަރަކަށް މިނެޓް ވިލާގެ ބޭރުގައި ހޭދަކުރުމަށްފަހު ވިލާއަށް ވަންނަން ދިޔައީ ދާނިޝް ގެ އެދުމުގެ މަތިންނެވެ. ދާނިޝް ހިލްޔާގެ އަތުގައި ހިފައިގެން ވިލާއަށް ވަންނަން ދިޔަ ގޮތުން ހިލްޔާ އުފާވި ހިނދު، ހިތުގައި ނުތަނަވަސްކަމެއް ވެސްވިއެވެ. މިއީ ދާނިޝް އާއިއެކީ އޭނަ އެކަހެރިވާ ފުރަތަމަ ފަހަރަށްވުމުން އެކަހަލަ ވަގުތެއްގައި ދާނިޝް ގެ ޢަމަލު ހުންނާނެ ގޮތެއް ނޭނގުނީތީވެއެވެ. އަދިވެސް ހިތުގައި އޮތީ މާޒީގައި އޭނައާއި ގުޅެން އުޅުނު ޒުވާނާ އޭނައާއި މެދު ކަންތައް ކުރި ގޮތުގެ ބިރުވެރިކަމެވެ. ގަދަކަމުން އޭނަގެ ޚިޔާލު ބަދަލު ކުރަން މަސައްކަތް ކުރުމުގެ އިތުރުން އެހެން ކަންކަން ވެސް ގަދަކަމުން ކުރުވަން އުޅުނު މީހެއްގެ ހަނދާންތަކެވެ. ދާނިޝް އަކީ އޭނައާއި ހާސްބައި ތަފާތު މީހެއްކަން އަމިއްލަ ނަފްސަށް ހަނދާން ކޮށްދޭން ހިލްޔާ މަސައްކަތް ކުރިއެވެ. ދާނިޝް އާއެކީ ހުރެވުނީތީ އެ ހުރިހާ ނުތަނަވަސްކަމެއްގެ ތެރެއިން ވެސް ހިތުގައި އުފާވެރިކަމެއް ވިއެވެ.
ވިލާގެ ދޮރުން ވަނުމާއިއެކު ފެނިގެން ދިޔައީ އަލަތު ދެމަފިރިންނަށްޓަކައި ތައްޔާރު ކުރެވިފައިވާ ކޮޓަރިއެވެ. ހުދުކުލައިގެ ބެޑް ޝީޓާއި ޑުވެޓް އެޅިފައިވާ އެ ކިންގް ސައިޒް އެނދުމަތީގައި ރަތްކުލައިގެ ފިނިފެންމާ ފިޔަތަކުން ހިތެއްގެ ބައްޓަމެއް ހެދިފައިވިއެވެ. އެނދުގެ ކުރިމަތިން ފެންނަމުން ދިޔައީ ފަރުދާ ކަހާލެވިފައިވާ ބިއްލޫރި ދޮރެކެވެ. ބިއްލޫރި ދޮރުގެ އަނެއް ފަރާތުގައި ވަކަރުން ހެދިފައިވާ ރެއިލިންގް ފަހަނަޅައި ފެންނަމުން ދިޔައީ ކަނޑެވެ. މީގެ އިތުރުން މުޅި ކޮޓަރިއަށް ވެރިވެފައިވި ރީނދޫކުލައިގެ އަލިން ހިލްޔާގެ ހިތަށް އިތުރު ހަމަޖެހުމެއް ލިބުނެވެ.
“ރަނގަޅު ދޯ ރޫމް؟” ދާނިޝް އެހިއެވެ.
“ހުމް….ވަރަށް ހިތްގައިމު.” ހިލްޔާ ދެންވެސް ކޮޓަރީގައި ހުރި އަލަމާރިއާއި ރީތިވާ މޭޒާއި އެހެނިހެން އެއްޗެއްސަށް ބަލަމުން ހިނިތުންވުމަކާއެކީ ބުންޏެވެ.
“އަސްލުވެސް. މިހާރު ކުޑަކޮށް އެބަ އެނގޭ ޗައިނާ ފްރެންޑުން ރާއްޖެއަށް އަންނަން ބޭނުންވާ ސަބަބު. ހެހެ….މި ރޫމް އެކަނި ނޫން ކަންނޭނގެ ދޯ މި ވިލާގަ ހުރީ؟ އެކްސްޕްލޯރ ކޮށްލަން ބޭނުންތަ؟” ދާނިޝް ވެސް ހިނިތުންވުމަކާއެކީ އެހިއެވެ.
“ފުރަތަމަ….ޗޭންޖް ކޮށްލަން ބޭނުންވަނީ.” ހިލްޔާއަށް ޖެހިލުންވުމަކާއެކީ ބުނެވުނެވެ. ޖެހިލުންވުމަކާއެކީ ވެސް އޭނަ ބޭނުންވާ ގޮތް ދާނިޝް ގާތު ބުނަން ކެރުމުން ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ.
“ޝުއާރ. އަހަރެން ވެސް ފްރެޝް ވެލަން ބޭނުން. ދަތުރެއް ކޮށްލާފަ ފެންނުވަރާ ނުހުރެވޭނެ.” ދާނިޝް ބުންޏެވެ.
“އަހަރެން ޗޭންޖްވާން…އެކަނިވެލިޔަސް އޯކޭތަ؟ އައި މީން….މިހެން މިހާރު ބުނެގެން ނުވާނެދޯ އެކަމަކު…” ހިލްޔާ އަމިއްލައަށް ބޭނުންވާ ގޮތް ހާމަކުރަމުން ދިޔަދިޔަހެން ނުތަނަވަސްކަމުން ފުރެމުން ދިޔަ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. މި ކުރެވެނީ އޭނަ ނުރައްކަލަކަށް ގެންދާނެ ފަދަ ކަމެއްކަމަށް ސިކުނޑި ބުނަމުން ދިޔައެވެ.
ހިލްޔާ ފުރިހަމަ ނުވާ ޖުމްލައަށްފަހު އިސްޖެހިފައިވާ މަންޒަރު ބަލަން އިރުކޮޅެއް ވަންދެން ދާނިޝް ހުއްޓެވެ. ހިލްޔާ އެ ޖުމްލަ ފުރިހަމަ ކުރާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެނަސް ހިލްޔާ އިތުރު އެއްޗެކޭ ނުބުނެ ގިނައިރު ވާން ފެށުމުން ދާނިޝް ވާހަކަ ދެއްކިއެވެ.
“ކީއްވެ ހިލްޔާއަށް އެހެން ނުބުނެވެންވީ؟” ދާނިޝް ފަރުވާތެރިކަމާއެކީ ހިލްޔާއަށް ބަލަން ހުރެ އެހިއެވެ.
އެހިނދު ހިލްޔާއަށް އިސްއުފުލާލެވުނެވެ. އެހިނދު އޭނައަށް ބަލަހައްޓައިގެން ހުރި ދާނިޝް އާއި ހަތަރުކަޅި ހަމަވިއެވެ. އެ ލޮލުން ހިލްޔާއަށް ފެނުނީ އޭނައަށްޓަކައިވި އަޅާލުމެވެ. ލޯތްބެވެ. އޯގާތެރިކަމެވެ.
“އެއީ…ދާނިޝްއަކީ އަހަރެންގެ ފިރިމީހާއަށް ވީމަ. ޔޫ ހޭވް އަ ރައިޓް ދޯ؟ ހެހެ….” ހިލްޔާ އެހެން ބުނެފައި ހީލިއިރު އަނެއްކާވެސް ދާނިޝްގެ ލޮލުން ނަޒަރު ވަކި ކޮށްލެވުނީ ހިތުގައި ބާކީ އޮތް ނުތަނަވަސްކަމުގެ ސަބަބުންނެވެ. އޭނަގެ ހުނުމުގެ ތެރެއިން ދާނިޝް ގެ ލުއި ހުނުމުގެ އަޑު އެހާ ގާތުން އިވިގެން ދިޔުމުން މުޅިން އާ އިޙްސާސްތަކެއް ވެސް ހިލްޔާއަށް ކުރެވުނެވެ.
“ތެދެއް. އައި ހޭވް ރައިޓްސް. އެކަމަކު އޭގެ މާނައެއް ނޫން ކަންނޭނގެ ދޯ އަހަރެން ހިލްޔާ ލައްވާ ގަދަކަމުން ކަންތައް ކުރުވާނީއޭ؟ ހަމަ ގައިމުވެސް އެނގޭ ކަމަކީ އަހަރެން ހިލްޔާއާއި މެދު ކަން ކުރާ ގޮތާއި މެދު ﷲ އަށް ތަޤްވާވެރިވާން ޖެހޭކަން. ހިލްޔާގެ ބައްޕަ އަހަންނާ ހިލްޔާ ޙަވާލުކުރީ އަމާނާތެއްގެ ގޮތުގަ. އެވަގުތުކޮޅަކީ އަހަރެން ނުތަވަސްވީ ވަގުތުކޮޅެއް. އޮޅުމަކުން ވިޔަސް އަހަންނަށް ހިލްޔާއަށް އަނިޔާވެރި ނުވެވޭނެ ގޮތެއްވުމަށް އެވަގުތު ދުޢާ ކުރެވުނު. މިއީ ސުވާލުވެވޭނެ އަމާނާތެއްކަން އެނގޭތީ….ހިލްޔާ އަހަރެންގެ ޙަޔާތަށް އައުމުން ހިލްޔާ އެއްވެސް ގޮތަކުން ދަތިވާނެ ފަދަ އުޅުމެއް އުޅޭކަށް ނުޖެހޭ. އައި ވޯންޓް ޔޫ ޓު ފީލް ހޯމް. އިން އެވްރީ ވޭ.” ދާނިޝް ވާހަކަ ދެއްކިއެވެ.
ދާނިޝްގެ ވާހަކައިގެ މެދުތެރެއިން އަނެއްކާވެސް ދާނިޝްއާއި ހަތަރުކަޅި ހަމަކޮށްލެވުނު ހިލްޔާ އެހެން ދިމާލަކަށް ނަޒަރު ހިންގަން ނުކުޅެދުނެވެ. ދާނިޝްގެ އެ ވާހަކައިންނާއި އެ ބުނެލި ފަހު ބަސްތަކުން ނުތަނަވަސްކަމުގެ ވިންދު ޖަހަމުން ދިޔަ އެ ހިތުގައި ފިރުމާލިހެން ހީވިއެވެ. ދާނިޝްގެ ލޮލުން އެ ބަސްތަކުގެ އިޚްލާޞްތެރިކަން ހިލްޔާއަށް ފަހުމްވިއެވެ.
ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ހިލްޔާ ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ދާނިޝް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ސޯ…ޗޭންޖް ކޮށްލާ. އަހަރެން ހުންނާނަން މިތާ ބޭރުގަ. ޓޭކް ޔުއާރ ޓައިމް.” ދާނިޝް ލުއި ހިނިތުންވުމަކާއެކީ އެހެން ބުނުމުން ހިލްޔާއަށް ވެސް ހިނިތުންވެލެވުނެވެ. އެއަށްފަހު ދާނިޝް އޭނައަށް ފަސްދީފައި ދާން ހިނގައިގަތުމުން ހިލްޔާގެ ހިނިތުންވުން ހިސާބަކަށް ފޭދުނެވެ. ދާނިޝް ދެންމެ އޭނައަށް އިޙްސާސް ކޮށްދިން ރައްކާތެރިކަމުގެ ސަބަބުން ކަންނޭނގެއެވެ. އެވަގުތު ދާނިޝްއާއި ގާތްވުމުގެ އެދުމެއް ހިތުގައި އުފެދުނެވެ. ޚިޔާލުތަކުގެ ތެރެއިން އޭނައަށް ފަސްދީފައި ހިނގަމުން ދިޔަ ދާނިޝްގެ އަތުގައި ހިފައި މަޑު ކުރުވަމުން ދާނިޝްގެ ގައިގައި ބައްދާލެވުނެވެ. ބޭއިޚްތިޔާރުގައި ކުރެވުނު އެ ޚިޔާލުގެ ސަބަބުން ހިލްޔާގެ ކޯތާފަތް ރަތްވީއިރު މުޅި މީހާ ހޫނުވާ ގޮތްވިއެވެ. އެހިނދު ދާނިޝް އެތާ ހުރި ބިއްލޫރި ދޮރު ކަހާލަމުން ބޭރަށް ނިކުތުމުން ހަމަހޭވެރިކަމެއްވިއެވެ. އެހިނދު ހިލްޔާއަށް ބޭއިޚްތިޔާރުގައި ހީލަމުން މޫނުގައި ދެއަތް އަޅާލެވުނެވެ.
ހެދުން ބަދަލު ކުރުމުގެ ގޮތުން ހިލްޔާ ފެންވަރާލިއެވެ. އެއަށްފަހު ހިލްޔާ ލީ އޭނަ ޢާއްމު ގޮތެއްގައި ވެސް ނިދަން ލައި އުޅޭ ޒާތުގެ އަތްދިގު ގަދަ ނޫކުލައިގެ ޓީޝާޓަކާއި ދޫކޮށް އޮތް މަޑު ނޫކުލައިގެ ހަރުވާޅެކެވެ. މިއަދު ހެނދުނު ހިލްޔާ ރާވައިގެން ހުރީ އެ ފުރަތަމަ ރޭގައި ކުރުތާއެއް ލުމަށެވެ. ޕެކްކޮށްފައިވާ ހެދުންތަކުގެ ތެރޭގައި އެ ކުރުތާވިއެވެ. އެހެނަސް އާދައިގެ ނިދާ ހެދުން ލީ ދެންމެ ދާނިޝް ބުނި ބަސްތައް ހަނދާން ކުރަމުންނެވެ. ދާނިޝް އެދެނީ އޭނަ ގޭގައި ވެސް އުޅުނުހާ ފަސޭހައިގައި އުޅެން ކަމަށްވާނަމަ އޭނަ އުޅޭނީ އެހެންނެވެ.
ނިދާ ހެދުމުގައި ހުރެ ރީތިވާ މޭޒުދޮށަށް ގޮސް އަމިއްލަ ނަފްސު ފެނުމުން ހިލްޔާ ލަދުގަންނަ ގޮތްވިއެވެ. އެ ހެދުން ކުރުތާއަށް ބަދަލުކޮށްލަން ހިނދުކޮޅަކަށް ނަމަވެސް ހިތަށްއެރިއެވެ. އެހެނަސް އެވަގުތު މޫނުބަލާ ލޯގަނޑުން ސޫރަ ފެންނަ ހިނދު ކިޔާ ދުޢާ ކިޔާލި ހިނދު، ﷲ އޭނައަށް ދެއްވާފައިވާ ރީތިކަން ވެސް ފާހަގަވިއެވެ. އެ ރީތިކަން ދާނިޝްއަށް ފެންނަން ހިލްޔާގެ ހިތް އެދުނެވެ. އޭނަ އެ ސިފައިގައި ހުންނަ މަންޒަރު ފެނި ދާނިޝްއަށް ވެދާނެ ގޮތެއް ބަލާލަން ބޭނުންވިއެވެ. އޭނަގެ ރީތިކަމަށް ދާނިޝްގެ ސަމާލުކަން ހުއްޓެން ހިތް އެދުނެވެ. އެ އެދުންވެރިކަމުގެ ސަބަބުން ހިތުގައި ލަދުވެތިކަމެއް އުފެދުނު ކަމުގައި ވިޔަސްމެއެވެ.
ރީތިވާ މޭޒުދޮށުގައި އިށީނދެ، އިސްތަށިގަނޑުގައި ފުނާ އެޅުމަށްފަހު ތެދުވެލަން އުޅެފައިވެސް މަޑުކޮށްލީ، ޕާޓީއަށްޓަކައި އޭނަ ކުރި ލުއި މޭކަޕް ފޮހެވިފައިވާކަން އެނގުންވުމުންނެވެ. އިތުރަށް މޭކަޕް ނުކުރަން ހިތަށްއެރިއެވެ. އެހެނަސް އެ ޚިޔާލު ބަދަލުކޮށްލެވުނީ ދެންވެސް ދާނިޝްއަށްޓަކައި އިތުރަށް ރީތިވުމަށް ހިތް އެދުމުންނެވެ. ރީތިކަމަކީ ﷲ ލޯބިވެވޮޑިގެންވާ ސިފައަކަށް ވާތީވެއެވެ. އަދި އަމުދުން ފިރިމީހާއަށްޓަކައި ރީތިވުމަކީ ﷲ ލޯބިވެވޮޑިގެންވާ ޢަމަލެއްކަން ހަނދާންވުމުންނެވެ.
އެންމެ ފަހުން މަޑު ފިޔާތޮށިކުލައިގެ ލިޕް ގްލޮސްއަކުން ތުންފަތް ދިލުވައި މޭކަޕް ނިންމާލެވުނު ވަގުތު ހިލްޔާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެހިނދު ﷲ ބާވައިލެއްވި ދީނުގެ ޙިކުމަތްތެރިކަން ހިތަށް އިޙްސާސް ކުރެވިފައިވިއެވެ. ފިރިހެނެއްގެ ސަމާލުކަން ލިބުމަކީ ކޮންމެ އަންހެން ކުއްޖެއްގެ ތަބީޢަތުގައިވާ އެދުމެކެވެ. ރީތި އަންހެން ކުއްޖަކަށް ބެލުމަކީ ކޮންމެ ފިރިހެނެއްގެ ތަބީޢަތުގައިވާ އެދުމެކެވެ. އެ ދެބައިމީހުން މި އެދުންތައް ފުރިހަމަ ކުރުމަށްޓަކައި މުޖުތަމަޢުގައި ފިތުނަ ފަސާދަ ފެތުރެން ނުޖެހެއެވެ. އެ އެދުންތައް ފުރިހަމަ ކުރެވޭނެ ރީތި ގޮތެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ދައްކަވާފައިވާތީވެއެވެ.
ބައެއް ދީންތަކުގައި އެންމެ ދީންވެރި މީހުންނަކީ މި އެދުންތައް ފުއްދާ ބައެއް ނޫނެވެ. އޭގެ ތެރެއިން ބައެއް ދީންތަކުގައި މި އެދުންތަކަކީ ނުބައި އެދުންތަކަށް ވާތީވެއެވެ. އެހެނަސް އިސްލާމް ދީނުގައި ކައިވެނީގެ ތެރެއިން މި އެދުންތައް ފުއްދުމަކީ އެމީހެއްގެ ވެރި ރައްބާއި ގާތްވެވޭނެ ޢަމަލެކެވެ. ތަޤްވާވެރިކަމުގެ ނިޝާނެކެވެ. އާޚިރަތުގެ ޘަވާބު އިތުރު ކުރެވޭނެ މަގެކެވެ.
“الحَمْدُ لِلّه عَلَى نِعْمَةِ الْإِسْلام”
ހިލްޔާއަށް ވައި އަޑުން އެވަގުތު އެހެން ބުނެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އިސްލާމްދީން މަތީގައި ﷲ އޭނަ ލެއްވީތީ ހިތުގެ ފުން މިނުން ޝުކުރު ކުރެވުނެވެ. ހުރިހާ ދީންތަކުގެ ތެރެއިން ޙައްޤު ދީނަކީ ހަމައެކަނި މިއީކަން އެވަގުތު އިތުރަށް ޔަޤީންވެގެން ދިޔުމުންނެވެ.
އެ ޚިޔާލުގައި އިނދެފައި ހިލްޔާ ރީތިވާ މޭޒުދޮށުން ތެދުވެލިއެވެ. އަދި ފަހު ފަހަރަށް އަމިއްލަ ސޫރައަށް ބަލައި ހިނިތުންވެލުމަށްފަހު، މޭޒުމަތީގައި ހުރި ‘ގުޑް ގާލް’ ގެ ފިޔާތޮށި ކުލައާއި ކަޅުކުލަ ހުރި ސެންޓު ފުޅި ގަޔަށް ބުރުއްސާލިއެވެ. ދާނިޝް ނިކުމެގެން ދިޔަ ބިއްލޫރި ދޮރާއި ދިމާލަށް ހިލްޔާ ދާން ފެށީ ދެނެވެ. ދަމާލެވިފައިވާ ފަރުދާ ކަހާލުމަށްފަހު ހިލްޔާ އެ ބިއްލޫރި ދޮރު ކަހަން ފެށީ ދާނިޝް ދެކެން ކެތްމަދުވެފައިވާ ޙާލުގައެވެ. ލަސްލަހުން ދޮރު ކަހާލި ވަގުތު މަޑު ރާޅުތަކުގެ އަޑާއި ވައިރޯޅީގެ އަޑާއި އެއްވެގެން ދާނިޝްގެ ރީތި ކިޔެވުމުގެ އަޑު ހިލްޔާއަށް އިވުނެވެ.
“وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ وَإِذَا مَرُّوا۟ بِٱللَّغْوِ مَرُّوا۟ كِرَامًا ، وَٱلَّذِينَ إِذَا ذُكِّرُوا۟ بِـَٔايَٰتِ رَبِّهِمْ لَمْ يَخِرُّوا۟ عَلَيْهَا صُمًّا وَعُمْيَانًا ، وَٱلَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا ، أُو۟لَٰٓئِكَ يُجْزَوْنَ ٱلْغُرْفَةَ بِمَا صَبَرُوا۟ وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَٰمًا ، خَٰلِدِينَ فِيهَا ۚ حَسُنَتْ مُسْتَقَرًّا وَمُقَامًا ، قُلْ مَا يَعْبَؤُا۟ بِكُمْ رَبِّى لَوْلَا دُعَآؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامَۢا”
މިޝަރީ އަލް އަފަސީގެ ރާގަށް ހުރި ދާނިޝްގެ ކިޔެވުން އަޑު އަހަމުން ލަސްލަހުން ހިލްޔާ ބޭރަށް ނިކުތެވެ. އެހިނދު ރެއިލިންގްގައި އަތް އަޅުވައި މޫދަށް ނަޒަރު ހުއްޓައިގެން ހުރި ދާނިޝް ހިލްޔާއަށް ފެނުނެވެ. ދާނިޝް ކޯޓު ބާލައި ހުދުކުލައިގެ ގަމީހުގެ ބެގީ ނައްޓާލާފައިވެއެވެ. އެއްފަރާތަކުން ހިލްޔާއަށް ފެންނަމުން ދިޔަ ދާނިޝްގެ އެ ކިޔެވުމުން ހިލްޔާގެ ހިތަށް އަސަރުކުރިއެވެ. ވަކިން ޚާއްސަކޮށް އެ އާޔަތްތަކުގެ ތެރޭގައި އޭނަ އެތައް އަހަރެއް ވަންދެން ކައިވެންޏަށްޓަކައި ކުރަމުން ދާ ދުޢާ ހިމެނިގެން ދިޔުމުންނެވެ.
” رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا…އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ޙަޔާތުގެ ބައިވެރިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤުވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!”
ހިތަށް އެ ދުޢާ ދާނިޝްގެ އަޑުން ވެރިވެގެން ދިޔަ ހިނދު ހިލްޔާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ހިލުނެވެ. މިއަދު ޚުދު އޭނަގެ ފިރިމީހާގެ ދުލުން އެ ދުޢާ އިވިގެން ދިޔުމުންނެވެ. އަދި އެ ދުޢާގެ މާނަ މުޅިން އެހެން ދަރަޖައަކަށް އެވަގުތު ފަހުމްވެގެން ދިޔުމުންނެވެ. އެ ދުޢާގެ އިޖާބަ މިހާ ފަސްވާން ޖެހުނު ސަބަބު ވެސް އެނގުންވެގެން ދިޔުމުންނެވެ.
ފުރްޤާން ސޫރަތުގެ އެ ފަހު އާޔަތްތައް ކިޔަވާ ނިންމުމަށްފަހު ދާނިޝް ހުރިގޮތަށް ހުއްޓެވެ. މިއީ ދާނިޝް ހިތުދަސްކޮށްފައިވާ ސޫރަތެއްކަން ހިލްޔާއަށް އެނގެއެވެ. ދެމީހުންގެ ހިފްޒުގެ ދަތުރާއި މެދު ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވިފައިވީތީވެއެވެ. އެގަޑީގައި ދާނިޝް އެ ސޫރަތް ކިޔެވީ މުރާޖަޢާ ކުރަންކަން ވެސް އެނގުންވިއެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށް ދާނިޝްއަށް ބަލަން ހުރެފައި، ކަރުނަތައް ހިންދާލަމުން ހިލްޔާ ވާހަކަ ދެއްކިއެވެ.
“ދެން އޮތީ ޝުޢަރާ އޭ. ކޮންޓިނިއު…” ހިލްޔާ ލާނެތް ރާގަކަށް ހިނިތުންވުމަކާއެކީ ބުންޏެވެ.
ރެއިލިންގްގައި އަތް އަޅުވައިގެން ހުރި ދާނިޝްއަށް ހިލްޔާގެ އަޑު އިވުމާއިއެކު އެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އިސާހިތަކު އެ ދިމާލަށް ބެލުމުގެ ވެސް ކުރިން ޖަވާބު ދެވެން ފެށިއެވެ.
“އަދި އެ ސޫރަތް ދަސް…ނުވޭ…” ދާނިޝް އޮމާންކޮށް ދޭން ފެށި ޖަވާބު ކުރަކިވީ، ކަނާތް ފަރާތަށް ނަޒަރު ހުއްޓާލުމުން ފެނުނު މަންޒަރުންނެވެ.
ނުނިމޭ

March 27, 2026 @ 12:49 pm
When next??
March 27, 2026 @ 5:29 pm
Next part Friday ga In Sha Allah <3