ނަފްސީ (އަށްޑިހަ ފަސްވަނަ ބައި)
ނަފްސީ (އަށްޑިހަ ފަސްވަނަ ބައި)
އެދުވަސް ވެގެން ދިޔައީ ހިލްޔާއަށް ހޮސްޕިޓަލުގައި ބުރަ ދުވަހަކަށެވެ. އެމަޖެންސީގައި އެދުވަހު މަސައްކަތް ކުރަން ހަމަޖެހިފައިވާ 5 ޑޮކްޓަރުން އެދުވަހު ހޮސްޕިޓަލަށް ނާންނާތީވެއެވެ. އެކަމާއިމެދު ހިލްޔާ ހިސާބަކަށް ޙައިރާންވާ ގޮތްވިއެވެ. މި ހޮސްޕިޓަލުގެ ޑޮކްޓަރުންނަކީ ވަރަށް ބޮޑު ކަމެއް ވެގެން ނޫނީ ޗުއްޓީ ނުނަގާ ޑޮކްޓަރުންނަށް ވާތީވެއެވެ.
މެއި އާއި މި ޝުޢޫރު ޙިއްސާ ކުރުމުގެ ފުރުސަތު ހިލްޔާއަށް ލިބުނީ އެދުވަހު މެންދުރުގެ ކެއުމުގެ ތެރެއިންނެވެ. އެދުވަހު މެއި ފަދައިން ހިލްޔާ ވެސް އައީ ގެއިން މެންދުރުގެ ކެއުން ތައްޔާރު ކޮށްގެން ކަމަށްވާތީ ދެމީހުން މެންދުރުގެ ކެއުމަށް އިންސާފު ކުރީ ޓީ ރޫމުގައެވެ.
“މިއަދު ނާންނަ މީހުންގެ ޚަބަރެއް މެއިއަށް އެނގޭތަ؟ އެންމެން އެއްފަހަރާ ބަލިވީ ކިހިނެއް؟” ހިލްޔާ އެ ސުވާލު ކުރަމުން ބަތް ސުވާއެއް އަނގައަށް ލިއެވެ.
“ޔަޤީންކޮށް ބުނާކަށް ނޭނގެ. އެންމެން ބަނޑަށް ތަދުވެގެން އުޅޭކަން އެނގެނީ. ހިލްޔާ އެޑްމިޓް ވީ ދުވަހުގެ ރޭ ސިއު އަދި ލާން ވެސް ހަމަ ބަނޑަށް ތަދުވެގެން ހިލްޔާ ގޮތަށް އެޑްމިޓްވި. ދެން ތިބި މީހުން ވެސް އަނެއް ދުވަހު ފަރުވާ ހޯދަން އައި ކަމަށް ވަނީ. ސްޓޮމަކް ފްލޫ އެކޭ ބުނެވޭކަށް ނެތް. އެއަށްވުރެ ބޮޑަށް ޓެސްޓްތަކުން ދައްކަނީ ކެމިކަލެއް ކަހަލަ އެއްޗެއް އެތެރެ ހަށްޓަށް ދިޔަކަމަށް. ހިލްޔާގެ ލޭގެ ޓެސްޓް ނަތީޖާއާއި އެމީހުންގެ ނަތީޖާ ވަރަށް އެއްގޮތް.” މެއި ކެއުމުގެ ތެރެއިން ކިޔައިދިން ވާހަކައިން ހިލްޔާގެ މެއަށް ފިނިވިއެވެ. އެދުވަހު ކެވުނު ޗީފް އޯގެނިކްގެ އާފަލާއި މިއަދު ހެނދުނު ދާނިޝް ދެއްކި ވާހަކަ ހަނދާންވުމުންނެވެ.
“އެހެން…ތަ؟” ހިލްޔާއަށް ބުނެވުނީ ހަމައެކަނި އެހާވަރަށެވެ.
“އާނ….އަހަންނަށް ހީވާ އެއްޗެއް ހިލްޔާ ކައިރި ބުނަންތަ؟” މެއި އެހިއެވެ.
“ހުމް ބުނޭ…” ކާން ދަތިވެފައި ސަމުސަލުން ބަތް ހަލުވަމުން ހިލްޔާ ބުންޏެވެ.
“ހީވަނީ….ޗީފް އޯގެނިކް ގެ އާފަލު ކެއިމަހެން މިހެން މި ވަނީ. މިހެން މި ބުނީ…އެދުވަހު އަހަރެންގެ އާފަލު ކޮތަޅު މިތާ އޮތްވާ އޭތި ނެގީ ސިއު ކަން އަހަންނަށް އެނގިފަ ވަނީ. އެނގެއެއްނު އޭނަގެ ގޮތް؟ ސިއު އާއި އޭނަ ގާތްކޮށް އުޅޭ މީހުން ބަލިވެގެން މި އުޅެނީ.” މެއި ހިސާބަކަށް ދަށް ކުރެވިފައިވާ އަޑަކުން ދެއްކި ވާހަކައިން އިތުރު ނުތަނަވަސްކަމަކުން ހިލްޔާގެ ހިތް ވަށާލެވިގެން ދިޔައެވެ. މެއި އެބުނީ ތެދެއްކަން އެނގުންވީ ވަގުތު ގައިން ހީބިހި ނަގާ ގޮތްވިއެވެ.
“އެކަ…މަކު….ދިރާސާއެއް ނަހަދާ ނޭނގޭނެ ދޯ ކޮންމެހެން އެ އާފަލުން ކަމެއް ބަލިވަނީ. އިންފްލެމޭޝަން އުފައްދާ އާ ބެކްޓީރިއަލް ސްޓްރެއިން އަކަށް ވެސް ވެދާނެއެއްނު؟ ހެހެ…” ހިލްޔާ ވާހަކަ ދެއްކުމަށްފަހު ނުތަނަވަސްކަމާއެކީ ހީލިއެވެ. އެނގުނުހާ ވެސް ކަމަކީ އޭނަ ދާނިޝް ދިފާޢު ކޮށްދޭން ބޭނުންވި ކަމެވެ. އެ ކުންފުނިން ބަޔަކަށް ގެއްލުން ވާކަން އެނގޭނަމަ ޚުދު ދާނިޝް ވެސް އެކަން ހުއްޓުވަން ވެވެން އޮތްހާ ކަމެއް ކުރާނެކަން ހިލްޔާއަށް ޔަޤީން ކުރެވުނެވެ. ވީއިރު އެ ކުންފުންޏާއިމެދު އެއްވެސް މީހަކު ގޯސްކޮށް ދެކެން ހިލްޔާ ބޭނުމެއް ނުވިއެވެ.
ހިލްޔާ ދެއްކި ވާހަކައަށް މެއި އަނގައަށް ގޮތެއް ހަދާލަމުން ‘ދޯ’ އޭ ބުނެލި ގޮތުން ހިލްޔާއަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ.
**
ހިލްޔާއަށް ހީވީ ރަނގަޅަށެވެ. އެދުވަހު އޮފީހަށް ދިޔައީއްސުރެ ދާނިޝް މަސައްކަތް ކުރަމުން ދިޔައީ ކުންފުނިން ވިކެމުން ދާ މޭވާތަކުގައި އެއްވެސް ގެއްލުން ދެނިވި ބާވަތެއް ހުރިތޯއެވެ. މިގޮތުން ޝަންގްހައިގެ ދަނޑުތަކަށް ދިރާސާވެރިންގެ ޓީމެއް ފޮނުވިއެވެ. ބޭނުމަކަށްވީ ގެއްލުން ދެނިވި ބާވަތެއް އެ މޭވާތަކުގައި ހުރިނަމަ އެ ބާވަތެއް މޭވާއަށް އިތުރު ކުރުމުގައި ބައިވެރިވި ބަޔަކު ހޯދަން ތަހުލީލު ކުރުމެވެ.
މި ފިޔަވަޅު އަޅަން ދާނިޝްއަށް ޖެހުނީ، ޖިއެން މެދުވެރިވެގެން ޝަންގްހައި ގެ ހޮސްޕިޓަލްތަކަށް ގުޅިއިރު ފުދޭ ވަރަކަށް ގިނަ މީހުން އެމަޖެންސީގައި ބަނޑަށް ތަދުވެގެން އެނދުމަތި ކުރެވިފައިވާކަން އެނގުމުންނެވެ. ޝަންގްހައި ގެ ދަނޑުން އިތުރު މޭވާތައް ބޭރު ކުރުން ހުއްޓުވުނުތޯ ދާނިޝް ޔަޤީން ކުރީ އެހާ ހިސާބުންނެވެ. އަދި ވީ ވަރަކުން ޝަންގްހައިގެ ފިހާރަތަކުން ވެސް މިފަހުން އެތެރެ ކުރެވުނު މޭވާތައް ވިއްކުން ހުއްޓުވިފައިވެއެވެ. އެއިން ކުންފުންޏަށް ގެއްލުންވާނެކަން އެނގުންވާތީ އެ ނިންމުން ވެގެން ދިޔައީ ދާނިޝްއަށް ދަތި ނިންމުމަކަށެވެ. އެހެނަސް ދާނިޝް އެ ނިންމުން ނިންމީ، ﷲ އެންމެ ރުހިވޮޑިގެންވާނެ ގޮތަކީ އެއީކަން އެނގުންވީތީވެއެވެ. އަމިއްލަ ފައިދާއަށްޓަކައި އެހެން މީހުންނަށް ގެއްލުން ދީގެން ނުވާނެއެވެ. ޚުދު އޭނަގެ ވިޔަފާރިއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެއީކަން ދާނިޝްއަށް ވިސްނުނީ އެ ނިންމުން ނިންމުނު ފަހުންނެވެ.
ދާނިޝް ހީކުރީ އޭނައަށް އެ އެޅުނުހާ ފިޔަވަޅުތަކުގެ ސަބަބުން މި ޙާލަތު އޭނަގެ އަތް ދަށަށް އައިސްދާނެ ކަމަށެވެ. އެހެނަސް ދެން ކަންތައް ވާން ފެށީ ދާނިޝް ހީވެސް ނުކުރާ ފަދައަކުންނެވެ.
އެދުވަހު ހަވީރު ދާނިޝް ކެބިންގައި އިންދާ ކެބިންގެ ދޮރުގައި މީހަކު ނުހަނު ބާރަށް ޓަކި ދިން އަޑު ދާނިޝްއަށް އިވުނެވެ.
“ވަދޭ…” މާ ބާރަށް ޓަކި ދިނުމުން ހިސާބަކަށް ނުރުހުންވެފައި އިނދެ ދާނިޝްއަށް ބުނެވުނެވެ. އިސާހިތަކު އެ ދޮރުން ވަދެގެން އައީ ޖިއެންއެވެ.
“ސާރ ސާރ….ވަރަށް އަވަހަށް ޚަބަރު ޗެނަލެއް ހުޅުވާލަބަލަ…” ޖިއެން އަވަސް ފިޔަވަޅުތަކެއްގައި ވަދެގެން އަންނަމުން ހާސްވެފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ.
“ކިހިނެއްވީ ޖިއެން؟” ދާނިޝް އެ ސުވާލު ކުރަމުން ކޮމްޕިއުޓަރުން ޗައިނާގެ އެންމެ މަޝްހޫރު ޚަބަރު ޗެނަލްގެ ނަން ނެޓުން ސާޗް ކުރިއެވެ.
“އަހަރުމެން ހުއްޓުވަން އުޅުނުކަން…ނުހުއްޓުވުނު…ނެގެޓިވް ޕަބްލިކް އިމޭޖް…” ޖިއެން މާޔޫސް ކަމާއިއެކީ އެހެން ބުނިއިރު އިސްއޮބިފައިވިއެވެ.
އެއްފަހަރު ޖިއެންއަށް އަނެއްފަހަރު ސްކްރީނަށް ބަލާލި ދާނިޝްއަށް ޚަބަރު ވެބްސައިޓަށް ސަމާލުކަން ދެވުނެވެ. އެހިނދު އެންމެ ފުރަތަމަ ވެސް ފެނިގެން ދިޔަ ފަލަ ޞުރުޚީއިން ދާނިޝްއަށް ނޭވާ ހިފަހައްޓާލެވުނެވެ.
**
ހަވީރުގެ އެ ހޮސްޕިޓަލްގެ ލޮބީ ހުރަސް ކުރަމުން ދިޔަ ހިލްޔާގެ މިޞްރާބު ހުރީ ވޯޑުތަކާއި ދިމާލަށެވެ. ޢާއްމު ގޮތެއްގައި އެހެން ހިނގާފައި ދާއިރު ހިލްޔާ ވަކި ބަޔަކަށް ސަމާލުކަމެއް ނުދެއެވެ. އެހެނަސް އެހިނދު އެތާތިބި އެތައް ބަލިމީހަކު އެކަކު އަނެކަކާއި ވާހަކަ ދައްކަމުން ދިޔަ އަޑު ހިސާބަކަށް ގަދަވެފައިވުމުން އެމީހުންނަށް ބަލާލެވުނެވެ. އެހިނދު އެމީހުންގެ ސަމާލުކަން ދެވިފައިވީ ފާރުގައި ހުރި ޓީވީއަށް ކަން އެނގުމުން އެ ޓީވީއަށް ނަޒަރެއް ދެވުނެވެ. ޓީވީއިން ޗައިނާ ބަހުން ކިޔަމުން ދިޔަ ޚަބަރު ހިލްޔާއަށް ދޭހައެއް ނުކުރެވުނެވެ. އެހެނަސް އިސާހިތަކު ހޮސްޕިޓަލެއްގެ އެމަޖެންސީގައި ތިބި އެތައް ބަލި މީހަކު ފެނިގެން ދިޔުމުން ހިލްޔާއަށް އެއަށް ސަމާލުކަން ދެވުނެވެ. އޭގެ ސިކުންތުކޮޅެއް ފަހުން ޓީވީ ސްކްރީނުން ޗީފް އޯގެނިކްގެ އާފަލެއް ފެނިގެން ދިޔުމުން ހިލްޔާގެ ހިތަށް ލިބުނު ސިހުމާއިއެކީ ދެލޯ ބޮޑުވިއެވެ.
ޚަބަރުން ކިޔަމުން ދިޔަ އެއްޗެއް ނޭނގުނަސް އެ މަންޒަރުތަކުން އެއީ ކޮން ޚަބަރެއްކަން ހިލްޔާއަށް ވަގުތުން އެނގުނެވެ. އިސާހިތަކު ދާނިޝްގެ ސޫރަ ލޮލަށް ސިފަވީ ހިނދު ހިތަށް އެ ނަން ވެރިވިއެވެ. މިވަގުތު ދާނިޝްގެ ޙާލަތަކީ ކޮބައިތޯ ހިތަށްއެރިއެވެ.
**
މަޝްހޫރު ޗައިނާގެ ޚަބަރު ވެބްސައިޓްތަކުން ފެނުނު ޞުރުޚީތަކުގެ ސަބަބުން ދާނިޝްގެ މުޅި ދުވަސް ޚަރާބުވިއެވެ. ވަގުތުން މި ގޮންޖެހުމުން އަރައިގަތުމަށް މަސައްކަތް ފެށުނެވެ. ސާފު ހެއްކަކާއި ނުލާ ކުންފުންޏާއި ދެކޮޅަށް އެ ނޫސްތަކުން ޚަބަރު ފަތުރާނީ މީހެއްގެ ނުފޫޒުންކަން އެންމެ ފުރަތަމަ ވެސް ދާނިޝްގެ ހަވަނަ ޙިއްސަށް އެނގުނެވެ. އެހެންކަމުން އެ ވަގުތުން ވަގުތަށް ވެސް އެ ނޫސްތަކަށް ގުޅައިގެން އެ ސުވާލު ކުރެވުނެވެ. އެކޮޅުން ޖަވާބެއް ނުދިނުމުން ދާނިޝްއަށް އެ ހީވިހީވުން ޔަޤީނާއި ގާތްވިއެވެ. ހަމަ އެއާއިއެކު ކުންފުނީގެ ޙަޤީޤަތް ހާމަ ކުރުމަށް ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ދާނިޝް ޚިޔާލު ކުރިއެވެ. އެ ޚިޔާލާއި އެހެނިހެން ޚިޔާލުތައް ވެސް ޙިއްސާ ކުރުމަށް ބޯޑް މީޓިންގްއެއް ބާއްވަން އުޅުމުން ހައުރަން ބަލިވެ އުޅޭ ކަމަށް ބުންޏެވެ. އެއީ ހައުރަން ޤަޞްދުގައި ކުރި ކަމެއް ކަން ދާނިޝްއަށް ޔަޤީނާއި ގާތް ކުރެވުނެވެ. ކޮންމެ ގޮތެއްވިޔަސް އޭގެ އަނެއް ދުވަހު ބޯޑް މީޓިންގް ބާއްވަން ދާނިޝް ނިންމީ، ދެން ތިބި ބޯޑް މެންބަރުން ވެސް ހައުރަން ގެ ހާޒިރީ މުހިއްމު ކަމަށް ބުނީތީވެއެވެ. ޖެހިގެން އުޅޭ މައްސަލައެއް އުޅެނީ ހައުރަންގެ ނަމުގައި ވާ ދަނޑުތަކުގައި ކަމަށްވާތީވެއެވެ.
**
އެދުވަހު ހިލްޔާގެ ޑިއުޓީ ނިމުނީ 5:30 ވީއިރެވެ. ޓީވީއިން އެ ޚަބަރު ފެނުނީއްސުރެ ހިލްޔާގެ މޭމަތީގައި ބޮޑު ބުރައެއް ބޭއްވިފައިވާ ކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައެވެ. އެ ޚަބަރު ފެނުމާއިއެކު ހިލްޔާ ދާނިޝްއަށް ގުޅަން އުޅެފައި ވެސް މެސެޖެއް ކުރިއެވެ. އެ ގަޑީގައި ގުޅައިގެން ވާހަކަ ދައްކާނެ އެންމެ ރަނގަޅު ގޮތެއް ހިލްޔާއަށް ނުވިސްނުނީތީވެއެވެ. މެސެޖަކުން ހިލްޔާ ދާނިޝް ގާތު އަހާލީ ހުރިހާ ކަމެއް ރަނގަޅުތޯއެވެ. ހިލްޔާ ޑިއުޓީ ނިމުނުއިރު ދާނިޝްގެ ޖަވާބެއް އައިސްފައި ނެތްތާނގައި ދާނިޝްއަށް އެ މެސެޖު ވެސް ފެނިފައެއް ނެތެވެ. އެހިނދު ހިތުގައި އުފެދުނު ޝަކުވާއަށް ވުރެ ބޮޑަށް ދާނިޝްއަށްޓަކައި ހިތުގައި އޮތް ޙަމްދަރުދީ ބޮޑުވިއެވެ.
ކޮންމެ ގޮތެއްވިޔަސް އެ ގަޑީގައި ދާނިޝްއަށް ގުޅާލަން ހިލްޔާ ނިންމިއެވެ. އޭނަ ނަގަން މިއަދު ދާނިޝްއަށް ނާދެވިދާނެކަން ހިލްޔާއަށް އެނގުންވިއެވެ. އެހެންކަމުން އޭނަ ހަދަންވީ ގޮތަކާއިމެދު ސުވާލު ކުރަން ހިލްޔާ ދާނިޝްއަށް ގުޅިއެވެ.
ފަސް ވަރަކަށް ރިންގަކަށްފަހު ދާނިޝް ފޯނު ނެގިއެވެ.
“އައްސަލާމްޢަލައިކުމް.” ދާނިޝް އަވަސްއަވަހަށް ބުނި އަޑު އިވުނެވެ. އެ އަޑުގައި އެއްވެސް ލޯތްބެއް ނެތް ގޮތުން ދާނިޝްއަށް އެ ވާހަކަ ދެކެވެނީ އޭނައާއިކަން އެނގޭތޯ ހިލްޔާގެ ހިތަށްއެރިއެވެ.
“ވަޢަލައިކުމުއްސަލާމް. ދާން އަހަރެން ނިމިފަ މިހިރީ. ދާން އަދި ނުނިމޭދޯ؟” ހިލްޔާ އެހިއެވެ.
“އޮހް ހިލޫ…އާނ އަދި އަހަރެން ނުނިމޭ. އަވަހަށް ނިމޭނެހެން ހިއެއް ނުވޭ. އައިމް ސޮރީ އެކަމަކު ހިލޫއަށް މިއަދު ޓެކްސީއެއްގަ ދެވިދާނެތަ؟” ދާނިޝް ބުނި އަޑުއިވުނެވެ.
އެހިނދު ހިލްޔާ ކުޑަކޮށް ހުއްޓުން އަރާ ގޮތްވިއެވެ. މިއީ ކައިވެނި ކުރި ފަހުން ހިލްޔާއަށް ދާނިޝް އާއި ދުރުކަމެއް އިޙްސާސް ކުރެވުނު ފުރަތަމަ ފަހަރެވެ. ހަނދާނަށް އައީ އޭނަ އަމިއްލައަށް ޓެކްސީއެއްގައި އައި ދުވަހު ދާނިޝް އެކަމާމެދު ހިތާމަ ކުރި ދުވަހެވެ. ދުވަހަކުވެސް އޭނަ ޓެކްސީއެއްގައި ގެއަށް ފޮނުވަން ބޭނުން ނުވާ ކަމަށް ބުނި ބުނުމެވެ.
ހިތުގައި އެވަގުތު އެ ޝަކުވާ އުފެދުނަސް އެ ގަޑީގައި އެ ވާހަކަ ދުލާއި ހަމައަށް ނުގެންނަން ހިލްޔާ ނިންމިއެވެ. މިވަގުތު ދާނިޝް ވާނީ ހާސްކަމެއްގައި ކަން ދަނެގެން ދާނިޝްއާއި މެދު ހެޔޮކޮށް ވިސްނަން ހިލްޔާ ނިންމިއެވެ.
“އެންމެ ރަނގަޅު ދާން. ގޮސްލާނަން ޓެކްސީއެއްގަ.” ހިލްޔާ ބުންޏެވެ.
“ހުމް….އެއްކަލަ އެޕް ބޭނުން ކޮށްލާ. އޭގެއިން އެނގޭނެ އަންހެން ޑްރައިވަރުން ދުއްވާ ޓެކްސީ. ޓޭކް ދެޓް އިނގޭ. ދިޔައީ. ބާއި.” ދާނިޝް އެހެން ބުނެ ހިލްޔާއަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ވެސް ނުދީ ފޯނު ކަނޑާލިއެވެ.
އެހިނދު ހިލްޔާއަށް ފޯނު ކަންފަތުން ނަގާލަމުން ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުރެވުނެވެ. ދާނިޝް ފޯނު ކަނޑާލުމުގެ ކުރިން އޭނަ ގާތު ލޯބިވާ ވާހަކަ ނުބުނި ތާނގައި ލޯބިވާ ވާހަކަ ބުނަން އޭނައަށް ވެސް ފުރުސަތެއް ނުދިނެވެ.
އެވަގުތު ހިލްޔާގެ ހިތުގައި ނުރުހުންތެރިކަން އުތުރު އެރިއެވެ. ހޮސްޕިޓަލުން ނިކުންނަމުން ޓެކްސީ އެޕުން ޓެކްސީއަކަށް ޖަހަމުން ދިޔައިރު ޝައިޠާނާ އޭނަގެ ހިތު ތެރޭގައި އެ ނުރުހުންތެރިކަން ޒީނަތްތެރި ކުރިއެވެ. އެހެންނޫނަސް އެކި ދުވަސް މަތިން ދާނިޝް އޭނަ ހޯދަން އައުމުގައި ލަސްވި ލަސްވުންތަކުގެ މަތިން ހަނދާންވާން ފެށިހެން ދާނިޝް ކުރިހާ ހެޔޮ ކަންތައް ހަނދާން ނެތެން ފެށި ފަދައެވެ.
ޓެކްސީއަށް އަރަންދެން ވެސް އެ ނުރުހުންތެރިކަން ހިލްޔާގެ ހިތުތެރޭގައިވިއެވެ. އެ ނުރުހުންތެރިކަމަށް ލޮޅުމެއް އައީ، ޓެކްސީއަށް އަރައި ދަތުރު ދުޢާ ކިޔާލުމުންނެވެ. ﷲ މަތިން ހަނދާންވުމާއިއެކު އޭނަގެ ހިތުގެ ޙާލަތާއިމެދު ސަމާލުވެވުނެވެ. ހިތުތެރޭގައި މިހިނގަނީ ﷲ ރުހިވޮޑިގެންވާފަދަ އިޙްސާސްތަކެއްތޯ އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. އެއާއިއެކު އޭގެ ޖަވާބު ސާފުކޮށް ލިބުނީ ހަނދާންވެގެން ދިޔަ އާޔަތަކާއި އެކީގައެވެ.
فَعَسَىٰٓ أَن تَكْرَهُوا۟ شَيْـًٔا وَيَجْعَلَ ٱللَّهُ فِيهِ خَيْرًا كَثِيرًا
“ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި اللَّه ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެއެވެ.”
އެއާއިއެކު ހިލްޔާގެ އެ ނޭދެވޭ ޚިޔާލުތައް ބަދަލުވާން ފެށިއެވެ. އޭނަ ދެންމެ ދާނިޝްއަށް ނުރުހުންވީ، ދާނިޝްގެ ހުރިހާ ހެވެއް ހަނދާން ނައްތާލަމުންކަން އެނގުންވިއެވެ. އިސާހިތަކު ދާނިޝް އޭނައަށް ލޯބިން ކޮށްދިންހާ ކަންތައް ހަނދާންވާން ފެށުމުން އަނެއްކާވެސް ދާނިޝް މިއަދު ހުރި ޙާލަތު މަތިން ހަނދާންވެ ދާނިޝްއަށް ޙަމްދަރުދީ ވެވުނެވެ. އަދި ހަމަ އެހެންމެ އޭނައަށް ނޭނގުނަސް، އޭނަ މިއަދު ދާނިޝް އާއި ވަކިން ޓެކްސީއެއްގައި ދާންޖެހޭ ޖެހުމުގައި ވެސް ހެވެއް ވާނެތާއޭ ހިތަށްއެރިއެވެ. އެ ޚިޔާލުތަކުން ހިލްޔާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.
**
އާޔަތްތަކުގެ އަލީގައި ހިލްޔާއަށް ހީވީ ރަނގަޅު ހީވުންތަކެވެ. ދެންމެއަކު ދާނިޝްގެ ކޯލު އެގޮތަށް ނިމުނަސް ދާނިޝްގެ ހިތުގައި ހިލްޔާއަށްޓަކައި ލޯބިވިއެވެ. ކެބިންގައި ހުރެ ދާނިޝް ފޯނު ނެގީ އޮންލައިންކޮށް ހުރި މީޓިންގްއެއް މެދު ކަނޑާލުމަށްފަހުއެވެ. އަވަހަށް ފޯނު ކަނޑާލުމުގެ ތެރޭގައި ކަނޑާލެވުނީ ލޯބިވާ ވާހަކަ ނުބުނެ ކަން އެނގުންވުމުން ދާނިޝް ދެރަވެސް ވިއެވެ. އެހެނަސް މީޓިންގް އާއިގެން ކުރިއަށް ދިޔައީ އޭނަގެ ވިޔަފާރި ސަލާމަތް ކުރުމަށެވެ. ވިޔަފާރިއާއި މެދު އެހާ ކަންބޮޑުވަމުން ދިޔައީ ވެސް އޭނަ ދަތި ޙާލެއްގައި ޖެހިއްޖެނަމަ ހިލްޔާއަށް ވެސް ދަތިވެދާނެ ކަމަށް ތަކުރާރުކޮށް ހިތާއި ސިކުނޑި ބުނަމުން ދިޔައީތީވެއެވެ.
ނުނިމޭ
