ނަފްސީ (ހަތްދިހަ ފަސްވަނަ ބައި)
ނަފްސީ (ހަތްދިހަ ފަސްވަނަ ބައި)
“ވަރަށް އުފާވެއްޖެ ދާން. އަހަރުމެން ގުޅުމަކީ މަންމަގެ ވެސް އެދުން ފުރިހަމަ ވުން ކަން އެނގުނީމަ. އެހެންވީމަ މަންމަގެ ތި ފަހު އެދުން ވެސް ފުރިހަމަ ކޮށްދެމާ. އިން ޝާ ﷲ އަހަރުމެން މަންމައާ ބައްދަލު ކުރާނީ އެތައް ޖީލަކަށް ދެމިގެންދާ ޞާލިޙު ދަރިންނާއި އެކީ.” ހިލްޔާ ހިނިތުންވުމަކާއެކީ ބުންޏެވެ.
ހިލްޔާ އެ ބުނެލި ވާހަކައިން ދާނިޝް ގެ މެއަށް ވަމުން ދިޔަ އުދަގޫތަކަށް ލުޔެއް ލިބުނެވެ. އިސާހިތަކު މާޒީގެ އެ އެންމެ ރެއެއްގެ ހަނދާންތަކުގައި ބަނދެވިފައި ވުމުގެ ބަދަލުގައި، އެ ހަނދާންތަކުގެ ސަބަބުން މުސްތަޤްބަލަށް އުއްމީދު ކުރުމުގެ އެދުމެއް ހިތުގައި އުފެދުނެވެ. އެހިނދު ދާނިޝްއަށް ހިލްޔާ ފެނުނީ ހަމައެކަނި އޭނަގެ އަނބިމީހާ ގޮތުގައެއް ނޫނެވެ. އަދި ހަމައެކަނި އޭނަގެ ޙަޔާތުގެ ލޯބިވެރިޔާ ގޮތުގައެއް ވެސް ނޫނެވެ. އެއާއިއެކު ހިލްޔާއަކީ އޭނަގެ ރައްކާތެރި މަންޒިލް ވެސްމެއެވެ.
އެ ޚިޔާލާއި އެކީ ދާނިޝްއަށް ހިލްޔާއާއި ހިނިތުންވެލެވުނެވެ. ހިލްޔާ ވެސް ހިނިތުންވުމަކާއެކީ ލުއި ގޮތަކަށް ހީލި ގޮތް ދާނިޝްއަށް ލޯބިވިއެވެ.
އެ ދުވަސްފަހުން ވެސް ފާއިތުވާން ފެށީ ދެމަފިރިންގެ ލޯބިން ފުރިގެންވި ދުވަސްތަކެވެ. އެއް ދުވަހަށްވުރެ އަނެއް ދުވަހު ދެމީހުންނަށް އެކަކު އަނެކަކާމެދު އިތުރަށް އެނގި، އެ ލޯބި ފުންވަމުން ދިޔައެވެ.
ދާނިޝް އޮފީހަށް ނިކުންނަންވާ ދުވަސް ގާތްވަމުން ދިޔައީތީ އެކަމާ ޝަކުވާ ވެސް ކުރެވެމުން ދިޔައީ އެހެންވެއެވެ. މިއީ ދާނިޝް ޙަޔާތުގައި ވެސް އޮފީހަށް ދާން ބޭނުންނުވީ ފުރަތަމަ ފަހަރު ކަމަށް ބުނުމުން ހިލްޔާއަށް ވަރަށް ބޮޑު ސަމާސާއަކަށްވިއެވެ. ކޮންމެ ގޮތެއްވިޔަސް ދާނިޝް އޮފީހަށް ދާ ވާހަކައާއި އެކު ހިލްޔާގެ ރެޒިޑެންސީ ގެ ވާހަކަ ވެސް ދެކެވެން ފެށިއެވެ.
“މިކޮޅުގަ ރެޒިޑެންސީ ހެދުމުގެ ކުރިން އަހަރެން ޖެހޭނެ ދޯ މެންޑަރިން ދަސްކުރަން އެހެންވީމަ. ހެހެހެ…” ހިލްޔާ އެއްދުވަހު އެހެން ބުނެލީ، ދާނިޝްގެ ކިޔަވާ ކޮޓަރީގައި ހުރި މޭޒު ދޮށުގައި އިނދެއެވެ. ހިލްޔާ މިކޮޅުގައި އުޅެމުން ދާނެ ހޮސްޕިޓަލަކާއިމެދު ދިރާސާ ކުރަން ހިލްޔާއަށް ދާނިޝްގެ އެ ކިޔަވާ މޭޒު ދިނީއެވެ. ހިލްޔާ ކަޅުކުލައިގެ ބޮޑު ގޮނޑީގައި އިން އިރު ދާނިޝް އިނީ ކައިރީގައި ކުޑަ ގޮނޑިއެއް ބައިންދައިގެން އިށީނދެގެންނެވެ. އެހިނދު ދެމީހުންގެ ނަޒަރުވެސް ހުއްޓިފައިވީ މޭޒުމަތީގައި ހުރި ފުޅާ މޮނިޓާރ ސްކްރީނަށެވެ.
“ނޮޓް ނެސެނަރީ…މިކޮޅުގަ ހުންނާނެ އިންޓަނޭޝަނަލް ހޮސްޕިޓަލްތައް. އެ ތަންތަނުން ޕްރިފާރ ކުރާނީ އިނގިރޭސިން ވާހަކަ ދެއްކޭ ޑޮކްޓާރސް. އެކަމަކު މެންޑަރިން ވެސް އެނގެންޏާ ސްކޯރ ގިނަވާނެ. މިސާލަކަށް ބަލާބަލަ މި ހޮސްޕިޓަލް. މި ވެސް ސަޅި ތަނެއް. އޯލްސޯ އަހަރެންގެ އޮފީހާއި ވެސް ކައިރި ތަނެއް. 10-15 މިނިޓް ރައިޑް ފްރޮމް މައި އޮފީސް.” ދާނިޝް ހިލްޔާގެ އަތް މަތިން މައުސްގައި ހިފައި ލިންކަކަށް ފިތައި ސްކްރޯލް ކުރަމުން ވާހަކަ ދެއްކިއެވެ.
“އޮހް….އެހެންވީމަ ނައިސްއެއްނު؟ މިތަނަށް ދާންވީ. މެންޑަރިން ނޭނގޭތީ ނުހޮވުނަސް ވޯތް އަ ޝޮޓް ދޯ؟” ހިލްޔާ އެހިއެވެ.
“ޝުއާރ. އަދި ހިލޫ ބޭނުމިއްޔާ ކަނެކްޝަންސް ތްރޫކޮށް ވެސް ހިލޫއަށް މި ޖޮބް ލިބިދާނެ. ޗީފް އޯގެނިކް ގެ މިސިސް ސީއެފްއޯ ވިއްޔާ ތިއީ. ހެހެހެ….ވީ ހޭވް ގުޑް ޕާރޓްނާރޝިޕް އެ ހޮސްޕިޓަލާ.” ދާނިޝް ހެވިފައި އިނދެ ބުންޏެވެ.
“ހޫނ….ނުއުޅެން. ތިއަށްވުރެ ޕަވާރފުލް ކަނެކްޝަނަކުން އަހަރެން މި ޖޮބް ހޯދިއްޔާ ހޯދާނީ. މި ދަނީ އިސްތިޚާރާ ނަމާދު ކުރަން.” ހިލްޔާ އެހެން ބުނެ ގޮނޑިން ތެދުވުމުން ދާނިޝްއަށް ވެސް ހެމުން ތެދުވެލެވުނެވެ.
“ހެހެހެ….ތިހެންވިއްޔާ ތިއޮތީ ޖޮބް ލިބިފަ! އިން ޝާ ﷲ!” ދާނިޝް ޔަޤީން ކަމާއިއެކީ އެހެން ބުނެލީ ހިލްޔާއަށް ޤަދަރު ކުރެވޭ ޙާލުގައެވެ. އޭނަ ޙަޤީޤަތުގައި ދެންމެ އެހެން ބުނީ ކޮންމެހެން ނާޖާއިޒު ގޮތުގައި ހިލްޔާއަށް އެ ވަޒީފާ ހޯދައިދޭކަށް ނޫނެވެ. އެހެނެއްކަމަކު އެ ކަމާއިމެދު ހިލްޔާ ދެކޭ ގޮތް ދެނެގަތުމަށެވެ. އޭނަގެ ފައިސާއާއި ބާރު ފެނިފައިވެސް ހިލްޔާގެ އީމާންތެރިކަމާއި އަޚްލާޤަށް ބަދަލެއް ނައި ގޮތުން ދާނިޝްގެ ހިތުގައި ހިލްޔާއަށްޓަކައި އިތުރު އިޙްތިރާމެއް އުފެދުނެވެ.
ދާނިޝް އެ ފަހު ބަސްތައް ބުނުމުން ހިލްޔާ ވެސް ހީލުމަށްފަހު ކޮޓަރިން ނިކުންނަން ދިޔައެވެ. އެހިނދު ދެންމެ ދާނިޝް އޭނައަށް ކޮށްދޭން ބުނެވުނު ކަންތަކަށް އާނއެކޭ ބުނެވުނުނަމައޭ ހިނދުކޮޅަކަށް ނަމަވެސް ހިލްޔާގެ ހިތަށް އެރިއެވެ. އެހިނދު ހަނދާނަށް އައީ މާޒީގައި އޭނަގެ ރެޒިޑެންސީ ފެށުނު ގޮތެވެ. އެއީ ވެސް އެފަދަ ގޮތަކަށް އޭނައަށް ލިބުނު ފުރުސަތެކެވެ. އެ ފުރުސަތުގެ ބޭނުން ހިފުމުން އޭނައަށް ގެއްލުމެއް ނޫނީ ނުލިބެއެވެ. ހަމަ ޔަޤީނުން ވެސް ފާފައެއްގެ މަތީގައި ފެށޭ ކަމެއްގައި ބަރަކާތެއް ނުވާނެތާއޭ ހިތަށްއެރިއެވެ. އަދި ފާފައަކަށް ބިނާވާ ކަންތަކުން ޙަޔާތް އިތުރަށް ދަތިވުން ނޫންކަމެއް ނުވެއެވެ.
އެ ޚިޔާލު ސިކުނޑިއަށް ވެރިވުމުން ދެންމެ ނިންމި ނިންމުމާއިމެދު ހިލްޔާގެ ހިތަށް ހަމަޖެހުމެއް ލިބުނެއެވެ. ވަޒީފާ ހޯދުމަށް އަމިއްލައަށް މަސައްކަތް ކޮށް ހަމައެކަނި ﷲ އަށް ވަކީލުކުރުމަށް ނިންމުނެވެ. އެ ވަޒީފާ ލިބުމަކީ އޭނައަށް އެންމެ ރަނގަޅު ގޮތް ކަމަށްވާނަމަ ﷲ އެ ގޮތް މިންވަރު ކުރައްވާނެ ކަން ޔަޤީން ކުރެވުނެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށްވާނަމަ އެއަށްވުރެ ރަނގަޅު ގޮތެއް މިންވަރު ކުރައްވާނެ ކަން ވެސް ހިލްޔާއަށް ހިތުގެ އަޑިން ޤަބޫލު ކުރެވުނެވެ. އެހެނީ އޭނަ ދެކެ އެންމެ ލޯބިވެވޮޑިގެންވާ ފަރާތަކީ ﷲ އެވެ.
ހިލްޔާ އިސްތިޚާރާ ނަމާދު ކުރުމަށްފަހު އެ ދުވަހު އެ ދުވަހަށް ވެސް އެ ހޮސްޕިޓަލަށް އެޕްލައި ކުރިއެވެ. ވަކިން ޚާއްސަކޮށް ދާނިޝްގެ އޮފީހާއި އެ ހޮސްޕިޓަލް ކައިރިވީތީވެއެވެ. ވަޒީފާއަށް ނިކުތުމުން ވެސް ދެމީހުންގެ ގުޅުން ހީނަރު ނުވުމަށް ހިލްޔާގެ ހިތް އެދުނެވެ. އަދި އެކަމަށްޓަކައި ދުޢާ ކުރެވުނީ އެ ހޮސްޕިޓަލުން އޭނައަށް ވަޒީފާ ހަމަޖެހޭނެ ގޮތެއްވުމަށް އުއްމީދު ކުރަމުންނެވެ.
ހިލްޔާ ހީކުރި ވަރަށްވުރެ އަވަހަށް އެ އެޕްލިކޭޝަން ގެ ޖަވާބު ހިލްޔާއަށް ލިބުނެވެ. 4 ވަރަކަށް ދުވަސް ތެރޭގައި ލިބުނު މެއިލްގައި އޮތީ ހިލްޔާގެ އެޕްލިކޭޝަން ޤަބޫލު ކުރެވުނު ވާހަކައެވެ. އެހެނަސް އަދި ވަޒީފާ ލިބުމުގެ ކުރިން އިންޓަވިއުތަކެއްގެ މަރުޙަލާތަކެއް ހުރި ވާހަކަ މެއިލްގައި ލިޔެވިފައިވިއެވެ.
“ދާން ކަމެއް ކޮށްގެންތަ އަހަންނަށް މިހާ އަވަހަށް މެއިލް އައީ؟” ހިލްޔާ ޤަބޫލު ކުރަން ވެސް ދަތިވެފައި ހުރެ އެދުވަހު ހެނދުނު ގޭގެ ގޯތި ތެރޭގައި ހުރި ރާސްޕްބެރީ ގަސްތަކުން ރާސްޕްބެރީ ބިންނަމުން ދިޔަ ދާނިޝް ކުރެން ސުވާލު ކުރިއެވެ. ހިލްޔާ ވެސް ހުރީ އިރުކޮޅެއް ކުރިން ދާނިޝްއާއެކީ އެ މަސައްކަތުގައެވެ. ފޯނަށް މެއިލްގެ ނޮޓިފިކޭޝަން އައީ އެ މަސައްކަތުގައި ހުއްޓާއެވެ.
“ކޮންކަމެއް؟ އައިމް ޖަސްޓް އަ ސިމްޕަލް ފާރމާރ. މިއަށްވުރެ ޕަވާރފުލް ކަނެކްޝަނެއް ނޫންތަ ހިލޫ ބޭނުން ކުރީ. އައިމް ނޮޓް އިވެން ސަޕްރައިޒްޑް. ހެހެ….” ދާނިޝް އަތު ފުރާ ހުރި ރާސްޕްބެރީތައް ހިލްޔާގެ އަތުގައި އަޅުވާފައި ހުރި، ވިޔެފައިވާ ވަށިގަނޑަށް އަޅަމުން ބުންޏެވެ. އެހިނދު ވެސް ހިލްޔާގެ ނަޒަރު ހުއްޓިފައިވީ ފޯނުގެ ސްކްރީނަށެވެ.
“ޔާ ބަޓް….ހަމަ އަސްލުކޮށް އެއްވެސް ކަމެއް ނުކުރަންތަ؟ އިޒް ދިސް ރިއަލް؟” ހިލްޔާ ދާނިޝްއަށް ބަލާލަމުން އެހިއެވެ.
“އިޓް އިޒް. ﷲ ނިޢުމަތެއް ދެއްވީމަ ޤަބޫލުކޮށް ޙަމްދުކުރާނީ. އަހަރެން އެއްވެސް ކަމެއް ނުކުރަން. މިއީ ދޮގެއް ވިއްޔާ ހިލޫއަށް މިހާރު މި ދެލޮލަށް ބަލާފަ އެނގޭނެ.” ދާނިޝް ހިލްޔާއާއި ހަތަރުކަޅި ހަމަ ކުރަމުން ބުންޏެވެ. އެހިނދު ހިލްޔާއަށް އެ ކަޅުކުލަ ގަދަ ރީތި ފުން ދެލޮލަށް ބަލާލެވުނެވެ. ދާނިޝް އެ ބުނީ ތެދެކެވެ. ދާނިޝްގެ އެ ދެލޮލުން މިހާރު އޭނައަށް ދާނިޝްގެ އިޙްސާސްތައް ނަގައިގަނެވެއެވެ. ދެންމެ ދާނިޝް އެ ބުނީ ދޮގެއް ނޫނެވެ. އޭނައަށް އެޕްލިކޭޝަން ޤަބޫލުވެގެން ދިޔައީ ދާނިޝް ކުރިކަމަކުންނެއް ނޫނެވެ.
ހިލްޔާ ބަލަހައްޓައިގެން ހުރިހުރިހެން ދާނިޝްއަށް ބޭއިޚްތިޔާރުގައި އިހުނަށްވުރެ ބޮޑަށް ހިލްޔާއާއި ގާތްވެލެވުނެވެ.
“އަހަރެން މި ބުނާ ވާހަކަ ޤަބޫލުކުރޭ ހިލޫ. ޔޫ އާރ އަ ގުޑް ޑޮކްޓަރ. މެލޭ އާއި ޔޫކޭ އާ ރާއްޖޭގެ ވެސް ތަޖުރިބާ ލިބިފަ ހުރި ޑޮކްޓަރ އެއް ތީ. އަދި ޢަރަބި ސެޓްފިކެޓެއް ވެސް އެބައޮތް ނޫންތަ؟ ކިތަންމެ ދަށް ލެވެލްގެ ސެޓްފިކެޓެއް ވިޔަސް އިޓް ވިލް ސްޓިލް ކައުންޓް. އެހެންވީމަ ހިލޫއަށް މި ޖޮބް ލިބުން ވެސް ވަރަށް ގާތް. އިން ޝާ ﷲ. އެހެންވީމަ ލެޓްސް ސެލެބްރޭޓް.” ދާނިޝް ހިލްޔާއަށް ޔަޤީންކަން ލައިދެމުން ހިލްޔާގެ އަތުގައި ހުރި ވަށިގަނޑުން ނެގި ރާސްޕްބެރީއެއް ހިލްޔާގެ ތުންފަތް ކައިރިއަށް ގެނައެވެ. އެހިނދު އިސްޖެހިފައި ހުރި ހިލްޔާ އެއްފަހަރު އެ ރާސްޕްބެރީއަށް އަނެއްފަހަރު ދާނިޝްއަށް ނަޒަރެއް ދިނެވެ. އެހިނދު ދާނިޝް ދެންމެ ބުނެލި ބަސްތަކުން ލިބުނު ތަސައްލީއާއެކީ ހިލްޔާއަށް ހިނިތުންވެލެވުނެވެ. އަދި އެއަށްފަހު ދާނިޝްގެ އަތުން އެ ރާސްޕްބެރީ ކެއެވެ. އެހިނދު އެ ދެމެދުގައި ލުއި ހީލުމެއް ބަދަލުވިއެވެ.
“މްމްމް….ވަރަށް މީރު. ސޯ ފްރެޝް އަލްޙަމްދުލި ﷲ.” ހިލްޔާއަށް ރާސްޕްބެރީގެ ރަހަ އެނގުމުން ވާހަކަ ދެކެވުނެވެ.
“ދޯ؟ ހިނގާ ޖޭމްއެއް ހަދަން؟ އޯވާރރައިޕްވެފަ ހުރި އެއްޗެހި ހޮވައިގެން ޖޭމް ހަދާނީ.” ދާނިޝް ވެސް ރާސްޕްބެރީއެއް ކަމުން ބުންޏެވެ. ހިލްޔާ އެ ވާހަކައަށް އާނއެކޭ ބުނަމުން ހިނގާށޭ ބުނެ ދާނިޝްއަށް ފަސްދިނީ، ގޭގެ މައިދޮރާއި ދިމާލަށް ދިޔުމަށެވެ.
ދާނިޝް ވެސް ހިނގައިގަންނަން އުޅުނު ވަގުތު ސޯޓުގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. އެއާއިއެކު ދާނިޝް ފޯނު ނަގައި ސްކްރީނަށް ބަލާލިއެވެ. ސްކްރީނުން ފެނުނު ޗައިނާ ބަހުން ލިޔެވިފައިވާ ނަމުން ހިނގައިގަންނަން އުޅުނު ދާނިޝްއަށް މަޑު ކޮށްލެވުނެވެ. އެއީ ޗީފް އޯރގެނިކް ގެ ސީއީއޯ ކަމަށްވާ މިސްޓަރ ޝިންގް ގެ ނަމެވެ.
އެ ނަން ފެނިފައި ސިކުނޑިއަށް ވެރިވި އެކި ޚިޔާލުތަކާއެކީ ދާނިޝް ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ މިސްޓަރ ޝިންގް. ކިހިނެއްތޯ؟” ދާނިޝް ޗައިނާގެ އެންމެ މާތް ބަހުން ވާހަކަ ދައްކަމުން ލަސް ފިޔަވަޅުތަކެއްގައި ހިނގަން ފެށިއެވެ.
މިސްޓަރ ޝިންގް ބަލިވެ އުޅޭތާ 6 މަސް ވެއްޖެކަން ދާނިޝްއަށް އެނގެއެވެ. މިސްޓަރ ޝިންގްއަށް ޖެހިގެން އުޅެނީ ވަރަށް މަދުން ނޫނީ މީހުންނަށް ނުޖެހޭ މޭގެ ބައްޔެކެވެ. ހަމައެކަނި ބަނޑަށް ތަދުވުމާއި ވަރުބަލިވުމުން ފެށުނު އެ ބަލި ވޭތުވެ ދިޔަ މަސްތަކުގެ ތެރޭގައި ގޯސްވާން ފަށާފައިވެއެވެ. ދާނިޝްއަށް މިކަން އެނގެނީ އެކަމާ ޑޮކްޓަރަށް ދައްކަން ފެށީއްސުރެ ޙާލަތު ބަދަލުވަމުން އައި ގޮތުގެ ވާހަކަ މިސްޓަރ ޝިންގް އޭނައަށް ކިޔައިދީފައިވުމުންނެވެ. ފުރަތަމަ 4 މަސް ވަންދެން މިއީ ހަމައެކަނި އެ ދެމެދުގައި އޮތް ސިއްރަކަށް ވިޔަސް، މީގެ ދެ މަސް ކުރިން އޮފީސް މުވައްޒަފުންނަށް އެކަމުގެ ހިލަމެއްވީ، އެއްދުވަހު މިސްޓަރ ޝިންގް އޮފީހުގައި އިންދާ ހޭނެތިގެން ދިޔުމުން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދަން ޖެހުމުންނެވެ. އެ ފަހުން ވެސް މިސްޓަރ ޝިންގް އަނބުރާ އައިސް ހުރިހާ މުވައްޒަފުންނަށް އެ ބަލީގެ ވާހަކަ ކިޔައިދީފައެއް ނުވެއެވެ. އޮފީހުގެ މަސްލަޙަތު ދެމެހެއްޓުމަށްޓަކައެވެ. ކޮންމެ ގޮތެއް ވިޔަސް އެ ވާހަކަ އޮފީހުގެ މުވައްޒަފުންގެ މެދުގައި އެކި ގޮތްގޮތަށް ދެކެވެމުން ގޮސް އޮފީހުން ބޭރަށް ވެސް ކޮންމެވެސް ވަރަކަށް އެ ވާހަކަ ގޮސްފައިވާކަން ދާނިޝްއާއި މިސްޓަރ ޝިންގްއަށް ވެސް އެނގެއެވެ.
“ދެން އެކަހަލަ ގޮތަކަށް ދޯ 64 އަހަރުގެ މުސްކުޅިއަކު އުޅޭނީ؟ އެކޮއި ކިހިނެއް؟ އަނބިމީހާއާއެކީ ޗައިނާ އެންޖޯއި ކުރެވިއްޖެތަ؟” މިސްޓަރ ޝިންގް އެކޮޅުން ވާހަކަ ދެއްކި ގޮތުން ގޭގެ މައިދޮރާއި ގާތްވަމުން ދިޔަ ދާނިޝްއަށް ހީލެވުނެވެ. މިއީ އަބަދުވެސް އެ ދެމެދުގައި ވާހަކަ ހުންނަ ގޮތެވެ. ދާނިޝް އިޙްތިރާމާއިއެކު ވާހަކަ ދައްކާއިރު މިސްޓަރ ޝިންގް ވާހަކަ ދައްކާނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. މިސްޓަރ ޝިންގް އަކީ ދާނިޝްގެ ބައްޕަގެ އެންމެ ގާތް އެއް އެކުވެރިޔާއަށް ވާތީވެއެވެ. މިސްޓަރ ޝިންގްގެ ފަރާތުން ދާނިޝްއަށް އަމިއްލަ ބައްޕަގެ ވަރަށް ގިނަ ވާހަކަތައް އިވިފައިވެއެވެ. ބައްޕަ މިސްޓަރ ޝިންގްއަށް ވެފައިވާ ދީލަތި އެހީތަކުގެ ސަބަބުން އޮފީހުގެ އެންމެ މަތީ މަޤާމް ދާނިޝްއަށް ދޭން މިސްޓަރ ޝިންގް އަބަދުވެސް ބޭނުންވެފައިވެއެވެ. އެހެނަސް ދާނިޝް ބައްޕައާއި އޮތް ގުޅުމެއްގެ ސަބަބުން މަތީ މަޤާމެއް ބޭނުމެއް ނުވެއެވެ. އެ މަޤާމް އެފަދައިން ހޯދައިފިނަމަ މުވައްޒަފުންގެ އިތުބާރު އޭނައަށް ނުލިބިދާނެކަމަށް ހީވުމުންނެވެ. އެހެންވެއްޖެނަމަ މުޅި ކުންފުނި ބަލިކަށިވުން އެކަށީގެންވެއެވެ. އެހެންކަމަކަށްވުރެ ބޮޑަށް ބައްޕަގެ ކުންފުނި ދިގުދެމިގެން ދިޔުން ދާނިޝްއަށް މުހިއްމުވިއެވެ.
“އެންޖޯއި ކުރަމުން މިދަނީ. އެކަމަކު ދެން އަންނަ ހަފްތާގަ އޮފީހަށް ނިކުންނަން ޖެހޭނެ ދެއްތޯ؟” ދާނިޝް މައިދޮރުން ވަދެ ދޮރު ލައްޕާލަމުން ބުންޏެވެ.
“އާނ….ތި ވާހަކަ ދައްކަން ވެގެން މި ގުޅާލީ. ދާނިޝް ނިކުންނަން އޮތީ އަންނަ ހޯމަ ދުވަހު ދޯ؟ އޭގެ ކުރިން މި ބުދަ ދުވަހު އޮފީހަށް ނިކުންނަންވީއެއްނު؟” މިސްޓަރ ޝިންގް އެކޮޅުން ބުނެލި ވާހަކައިން ދާނިޝްގެ ހިނިތުންވުން ފޭދި، ފިޔަވަޅުތައް މަޑުޖެހުނެވެ.
“ކިހިނެއްވީތޯ؟ މާ ބޮޑަށް ބަލިވީތޯ؟” ދާނިޝްއަށް ކަންބޮޑުވުމަކާއެކީ އަހާލެވުނެވެ.
“ބަލިވެސް ވާނެތާދޯ؟ ހޮސްޕިޓަލުގަ އެޑްމިޓް ވާން ބުނީމަ އެޑްމިޓް ނުވެ، ނަރުހުންނާއި ޑޮކްޓަރުން ގޮވައިގެން އައިސް ގޭގަ އެޑްމިޓްވެގެން މިއޮތީ މިހާރު. މި ޚަބަރު ދެން ނުފަތުރަން އުޅުނަސް ފެތުރޭނެހެން ހީވަނީ. މަދުވެގެން 4 ދުވަސް ވަންދެން އޮފީހަށް ދެވޭކަށް ނެތް. އެހެންވީމަ ދާނިޝް…ވިސްނާލިންތަ ބޭބެ ދެއްކި ވާހަކައާމެދު؟” މިސްޓަރ ޝިންގް އެހިއެވެ.
އެއާއިއެކު ދާނިޝްއަށް ދެބުމަ ކައިރި ކޮށްލެވުނެވެ. ދާނިޝް ސީއީއޯގެ މަޤާމަށް ބަދަލުވުމުގެ ވާހަކަ މިސްޓަރ ޝިންގް ދައްކާތާ މިއީ 3 ވަނަ ހަފްތާއެވެ. މި ހުރިހާ ދުވަހު ވެސް ދާނިޝް ބުނަމުން ދިޔައީ ވިސްނާނެ ކަމަށެވެ. އެ މަޤާމަކީ މިއަދު ބައްޕަ ދުނިޔޭގައި ހުރިނަމަ ބައްޕަގެ މަޤާމަށް ވާނެތީ ކަންނޭނގެއެވެ. އެ މަޤާމަށް ދިޔުމާއިމެދު ދާނިޝްގެ ހިތުގައި ނުތަނަވަސްކަމެއް ވެއެވެ.
“ވިސް…ނަމުން މި ދަނީ.” ދާނިޝް ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން ގޮސް ސިޓިންގް ރޫމުގެ ސޯފާގައި އިށީނެވެ.
“އިތުރަށް ވިސްނަން ނުޖެހޭހެން ބޭބެއަށް ހީވަނީ. ދާނިޝް ބޭނުންވަނީ ކުންފުނި ކުރިއަށް ގެންދަން ކަމަށް ވަންޏާ ދެން އެއީ އެންމެ މޮޅު ގޮތަކީ. ދާނިޝް ނޫނީ މި މަޤާމަށް ޤާބިލު މީހެއް ބޭބެއަށް ނުފެނޭ. ބުދަ ދުވަހު އަންނަ ގޮތަށް ވެސް ބޯޑް މީޓިންގްއެއް ބާއްވަން ބޭބެއަށް ފެންނަނީ.” މިސްޓަރ ޝިންގް ބުންޏެވެ.
“ބުދަ ދުވަހު…ދާނަން އިން ޝާ ﷲ. ބޯޑް މީޓިންގްއެއް ބާއްވަންޏާ މިސްޓަރ ޝިންގްއަށް އަންގާލާނަން.” ދާނިޝް ބުންޏެވެ.
“އެންމެ ރަނގަޅު. އޯކޭ ދެން ބޭއްވީ. އަރާމު ކޮށްލާން..” މިސްޓަރ ޝިންގްއަށް އެހެން ބުނެވުނު ވަގުތު ކެއްސަން ފެށުމުން ދާނިޝްއަށް އޯކޭއޭ ބުނެވުނެވެ. އަދި އަވަސްއަވަހަށް ކޯލު ކުރުކޮށްލަމުން ފޯނު ކަނޑާލެވުނެވެ. އެއަށްފަހު ވެސް ދާނިޝްއަށް ވިސްނުމަކަށް ގެއްލިފައި އިންދާ އެވަގުތުކޮޅަށް އަނބުރާ އާދެވުނީ ހިލްޔާ ގޮވާލި އަޑަށެވެ. އެއާއިއެކު ދާނިޝް ތެދުވެލަމުން ބަދިގެއާއި ދިމާލަށް ދިޔައީ، ހިލްޔާ ހުންނާނީ އޭނަގެ އިންތިޒާރުގައި ކަން ހަނދާން ކުރަމުންނެވެ.
ދާނިޝް ބުދަ ދުވަހު އަނބުރާ އޮފީހަށް ދާން އެދުވަހު ނިންމިއެވެ. މަތީ މަޤާމަކަށް ދިޔުމާއިމެދު އޭރު ދެ ޚިޔާލެއްގެ މަތީގައި ވިޔަސްމެއެވެ. އޮފީހުގެ ކަންތައް އޮމާންކޮށް ދިޔުމަށް މިވަގުތު ސީއީއޯއެއް ނޫނަސް ސީއެފްއޯއެއްގެ ހާޒިރީ ކޮންމެހެން ވެސް ބޭނުންވާކަން އެނގުންވީތީވެއެވެ.
ކުރިން ރާވައިވާ ދުވަހަށް ވުރެ އަވަސް ތާރީޚެއްގައި އޮފީހަށް ދާން ޖެހޭ ވާހަކަ ދާނިޝް ހިލްޔާއަށް ވެސް ކިޔައިދިނެވެ. އޭގެ ފަހަތުގައިވާ ހުރިހާ ތަފްޞީލެއް ހިލްޔާއަށް ކިޔައި ނުދިނަސްމެއެވެ. ދާނިޝް ކަމަކާއިމެދު ފިކުރު ކުރާކަން ހިލްޔާއަށް އެނގުންވިކަން ދާނިޝްއަށް އެނގުނެވެ. ހިލްޔާ އެކަމާއިމެދު ސުވާލު ވެސް ކުރިއެވެ. އެހެނަސް ދާނިޝް އެ ވާހަކަ ހިލްޔާއާއި ޙިއްސާއެއް ނުކުރެއެވެ. އޮފީހުގެ ވާހަކަ އެއްވެސް މީހަކާއި ޙިއްސާ ކުރުމަކީ އޭނަގެ އާދައަށް ނުވާތީވެއެވެ.
ދާނިޝް ޙިއްސާ ކުރަން ބޭނުން ނުވާކަން އެނގުންވުމުން ހިލްޔާ ވަކި އިތުރު ސުވާލެއް ނުކުރެއެވެ. އެހެންކަމުން ދާނިޝް ހިތުގައި އުފެދިފައިވި ހައިޖާން ހިއްސާ ކުރީ ﷲ އާއި އެވެ. މިގޮތުން ސީއީއޯގެ މަޤާމަށް ދިޔުމަށް ނިންމައި އެކަމަށްޓަކައި އިސްތިޚާރާ ނަމާދު ކުރީ އަންގާރަ ދުވަހުގެ ރޭ ޢިޝާ ނަމާދަށްފަހުއެވެ. އެ އިސްތިޚާރާ ނަމާދުގެ ސަބަބުން ކަންނޭނގެއެވެ. އޭނަ ކޮންމެހެން ވެސް ސީއީއޯގެ މަޤާމަށް ދިޔުމާއިމެދު އެހެން މީހެއްގެ މަޝްވަރާއެއް ބޭނުންވިއެވެ.
“ސުވާލެއް ކޮށްލަންތަ ހިލޫ؟” އެރޭ އެނދުމަތީގައި ހިލްޔާ އަތުތެރެއަށް ލައިގެން އޮވެ ދާނިޝް އެހިއެވެ.
“ހުމް…” ދެންވެސް ލޯ މަރައިގެން އޮވެ ހިލްޔާ ބުންޏެވެ.
“މަތީ ޕޮޒިޝަނަކަށް ދާން ނިންމުމަކީ ކޮން ކަހަލަ ކަމެއް؟ ގޯސް ކަމެއްތަ؟” ދާނިޝް އެހިއެވެ. އެ ސުވާލު އިވުނު ހިލްޔާއަށް ލޯ ހުޅުވާލެވުނެވެ.
“ޑިޕެންޑްސް. އޭގަ ނިޔަތް އެނގުން މުހިއްމު. މަތީ ޕޮޒިޝަނަކަށް ދާން ބޭނުންވަނީ ފައިސާއާއި ފަޚުރުވެރިކަމަށްޓަކައި ކަމަށް ވަންޏާ އިޓްސް ނޮޓް ވޯތް އިޓް. އެކަމަކު އެ މަޤާމުގެ ޒިންމާ އަދާ ކުރުމަކީ އޭގަ ގިނަ ބައެއް މަސްލަޙަތު ހިމެނޭ ކަމެއްކަން އެނގި، އެކަމަށްޓަކައި މަޤާމަށް ދަންޏާ އެއީ ވަރަށް ޘަވާބު ލިބޭނެ ކަމެއް ދޯ؟ ރިމެމްބާރ ޔޫސުފް ޢަލައިހިއްސަލާމް؟” ހިލްޔާ ދާނިޝްއާއި ކުޑަކޮށް ދުރުވެ، ދާނިޝްއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.
“ދޯ؟ އަސްލުވެސް…ކުރިން ތިގޮތަށް ނުވިސްނޭ.” ދާނިޝް އޭނަ ނިންމި ނިންމުމާއިމެދު އިތުރަށް ސާފުވެގެން ދިޔަ ނަޒަރިއްޔާތަކާއެކީ ބުންޏެވެ.
“ހެހެ….އަބަދުވެސް ވިސްނަންވާނީ އެހެންނޭ. ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަށް ވިއްޔާ.” ހިލްޔާ ބުންޏެވެ. ދާނިޝް އެ ދެއްކި ވާހަކައާއިމެދު އިތުރަށް ގަޔާވުމުން އަނެއްކާވެސް ހިލްޔާ ގާތްކޮށްލެވުނެވެ.
“އައިމް ސޯ ބްލެސްޑް ޓު ހޭވް ޔޫ. ވަރަށް ލޯބިވޭ.” ދާނިޝް ހިލްޔާގެ ގައިގައި ބާރަށް ބައްދާލަމުން ހިލްޔާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.
“ހުމް….ނޭވާ ލެވުނަ ދިނިއްޔާ އައި ލަވް ޔޫ ޓޫ.” ހިލްޔާ އަޑު ބަދަލު ކޮށްލަމުން ކޮށްލި ސަމާސާއިން އެދެމެދުގައި ހީލުމެއް ބަދަލުވިއެވެ.
**
އެރޭ ރާއްޖެ ގަޑިން 8 ޖެހި ވަގުތު ރާފިލްއާއި ޒިވް ތިބީ ލީލި ލައުންޖްގައެވެ. އަރާމު ދެ ސޯފާގައި ދެމީހުން އިށީނދެގެން ތިބިއިރު މެދުގައި ހުރި މޭޒުމަތި ފުރާލާފައި ހުރީ ޙަރާމެއް ޙަލާލެއް ބެލުމެއް ނެތި އޯޑަރު ކުރެވިފައި ހުރި ކާއެއްޗެއްސެވެ. ދެމީހުން ވެސް ސޯފާއަށް ލެނގިލައިގެން ތިބެ ބިއްލޫރި ތަށިން ބޮމުން ދިޔައިއިރު ކައި ނިމިފައިހެން ހީވެއެވެ. އެހެނަސް މޭޒުމަތީގައި ވަރަށް ގިނަ ކާއެއްޗެހި ބާކީވެފައި ހުއްޓެވެ. ލާރި ހުރުމުން އިސްރާފު ކުރުމަކީ ރާފިލްއާއި ޒިވްއަށް ވެސް މާ ބޮޑު ކަމަކަށް ނުވެއެވެ.
“ސޯ…ޗައިނާއަށް މިދަނީ ހަމައެކަނި ހިލްޔާއާއި ދާނިޝް ވަކި ކުރުމުގެ މިޝަން ގައެއް ނޫންދޯ؟ ވީ ވިލް ގޯ ޓު ޕްލޭސެސް ދޯ؟” ޒިވް ހިސާބަކަށް މަސްތުވެފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ.
“ޝުއާރ މައި ލަވް. ދެމީހުންނަށް އިޓިނެރަރީއެއް ހަދާފަ ހުންނާނީ. މިއީ ކުޑަވަރެއްގެ ހަނީމޫނެއް. ހަނީމޫން ހަދާފަ އިފް ވީ ބޯތް އާރ އިން އަ މޫޑް، ޗާޗަކަށް ގޮސް މެރީ ވެސް ކުރާނީދޯ؟” ރާފިލް ވެސް މަސްތުވެފައިވާ ޙާލު ވާހަކަ ދެއްކިއެވެ. އެއާއިއެކު ޒިވް ހީލިއެވެ.
“ޔޫ އާރ ކްރޭޒީ!” ޒިވް ހުނުމުގެ ތެރެއިން ރަތްވެފައިވާ ކޯތާފަތާއި އެކީ ބުންޏެވެ. އެއާއިއެކު ރާފިލް ވެސް ހޭންފެށިއެވެ. އަނެއްކާވެސް ޒިވް ރާފިލްގެ ބަސްތަކަށް ހެއްލިފައިވެއެވެ. ރާފިލް އޭނައާއި ވާހަކަ ދައްކާ ހުތުރު ގޮތްތަކާއި ކަން ކުރާ ނޭދެވޭ ގޮތްތައް އަނެއްކާވެސް މުޅިން ހަނދާން ނެތިފައިވެއެވެ. މިވަގުތު ރާފިލް އަނެއްކާވެސް ފެންނަނީ އޭނަގެ ޙަޔާތުގެ ލޯބިވެރިޔާގެ ގޮތުގައެވެ.
ދެމީހުން އެހެން ތިއްބާ އެއާރޕޯޓު މުވައްޒަފަކު އެތަނަށް އައެވެ.
“ސާރ….މޭމް. ބޯޑިންގް ޓައިމް ކައިރިވެއްޖެ.” އެ މުވައްޒަފު ބުންޏެވެ.
“އޮފްކޯސް!” ރާފިލް ލުއްކެއްޖަހައި ތެދުވުނެވެ. އެއަށްފަހު އެއާރޕޯޓު މުވައްޒަފު ކުޑަކޮށް ކޮއްޕާލަމުން ޒިވްގެ ކައިރިއަށް ގޮސް ޒިވްއަށް އެއް އަތް ދިއްކޮށްލިއެވެ. އެއާއިއެކު ޒިވް ރާފިލް އާއި އިތުރަށް ގަޔާވެފައި ހުރެ އެ އަތުގައި ހިފައި ކޮޅަށް ތެދުވިއެވެ.
އެރޭ އިރުކޮޅެއްގެ ތެރޭގައި ރާފިލްއާއި ޒިވް ތިބީ ހޮންގް ކޮންގް އެއާރލައިންސްގެ ބިޒްނަސް ކްލާސް ސީޓުތަކުގައެވެ. ދެމީހުން ޗައިނާއަށް ދަތުރު ފެށީ އެރޭ ރާއްޖެ ގަޑިން 10 ޖެހި ވަގުތެވެ.
**
އޭގެ އަނެއްދުވަހު ޗައިނާގެ ގަޑިން ހެނދުނު 7:30 ވީ ވަގުތު ދާނިޝް އޮފީހަށް ދާން ތައްޔާރުވަމުން ދެއެވެ. އޭގެ ކުރިން ދާނިޝް ވަނީ ހިލްޔާއާއިއެކީ ނާސްތާ ތައްޔާރު ކޮށްފައެވެ. މިފަހުގެ އެދުވަހުގެ ނާސްތާ ހިލްޔާ ބަޓްލަރަށް ދޫކޮށްލިއެވެ. ޗައިނާގެ ނާސްތާ ތައްޔާރު ކުރަން ހިލްޔާއަށް އަދި ނޭނގުމާއިއެކު ދާނިޝްއަށް އެންމެ ކަމުދަނީ އެ ނާސްތާ ކަމަށްވާތީވެއެވެ.
ދާނިޝް އޮފީހަށް ދާން ތައްޔާރުވަމުން ދިޔައިރު، ހިލްޔާ ހެދުން އަޅުވާފައިވާ ކޮޓަރި ތެރޭގައި ހުރި ކުޑަ ސޯފާއެއްގައި އިށީނދެ އިނެވެ. ހިލްޔާ އެތާ ޓެބްލެޓް ހިފައިގެން އިނީ އޭނަ ދާން އުޅޭ ހޮސްޕިޓަލުގެ އިންޓަވިއުތަކާއިމެދު ދިރާސާ ކުރުމަށެވެ. ކޮޓަރީގެ އެނދުމަތީގައި އިނދެފައި އެތަނަށް އައީ އެކަމަށްޓަކައި އޭނަ ދާނިޝްއާއި ސުވާލު ކުރަންޖެހޭނެ ކަމުގެ ބަހަނާގައެވެ. އެހެނަސް ޙަޤީޤަތަކީ އޭނަ ދާނިޝް ދިޔުމުގެ ކުރިން ވީހާވެސް ގިނަ ވަގުތު ދާނިޝްއާއިއެކީ ހޭދަ ކުރަން ބޭނުންވާތީކަން ހިލްޔާއަށް އެނގެއެވެ. ޓެބްލެޓް ހިފައިގެން އިނެއްކަމަކު ގިނަ ފަހަރު އިނދެވެނީ ކުރިމަތިން ފެންނަމުން ދިޔަ ދާނިޝްއަށް ބަލަހައްޓައިގެންނެވެ.
ދާނިޝްގެ އިސްކޮޅާއި އެއްވަރަށް ހުރި ލޯގަނޑުގެ ކުރިމަތީގައި ހުއްޓި ހުރި ދާނިޝް ހިލްޔާއަށް ފެންނަމުން ދިޔައީ ފަހަތުންނެވެ. ހުދުކުލައިގެ ގަމީހަކާއި ގަދަ ނޫކުލައިގެ ފަޓުލޫނެއްގައި ބެގީކޮށްގެން ހުރިއިރު ފަހަތުން ވެސް ދާނިޝް ފެނުނު ގޮތް ހިލްޔާއަށް ރީތިވިއެވެ. ހިލްޔާ ބަލަބަލާ ހުއްޓާ ދާނިޝް ކަޅުކުލައިގެ ޓައިއެއް ނަގައި ކަރުގައި އަޅުވަން ފެށިއެވެ. އެހިނދު ހިލްޔާއަށް ލަސް ހިނގުމެއްގައި އެ ދިމާލަށް ދެވުނެވެ. ދާނިޝް ޓައި އަޅަމުން ދިޔަ ވަގުތު ހިލްޔާ ހުރީ ދާނިޝްގެ ސޫޓްތައް ހުރި އަލަމާރީގެ ކައިރީގައެވެ. އެ އަލަމާރިން ދާނިޝްގެ ފަޓުލޫނާއި އެއް ކުލައިގެ ކޯޓެއް ހިލްޔާ ނެގިއެވެ.
“މީތި ދޯ މެޗްވާނީ؟” ހިލްޔާއަށް އެ ކޯޓު ދައްކާލަމުން ދާނިޝް ކުރެން އަހާލެވުނެވެ. އެއާއިއެކު ޓައި ރަނގަޅު ކޮށްލަމުން ހިލްޔާއަށް ބަލާލި ދާނިޝް އާނއެކޭ ބުނެ ބޯޖަހާލިއެވެ. އެއާއިއެކު ހިލްޔާ ކޮނޑުން އެ ކޯޓު ނަގާލަމުން ދާނިޝްގެ ގާތަށް ގޮސް އެ ކޯޓު ލައްވައިދިނެވެ. އަދި ދާނިޝް ކޯޓު ރަނގަޅު ކުރުމުން ހިލްޔާ އެ ކޯޓުގެ ގޮށްތައް އަޅުވައިދޭން ފެށިއެވެ. އެހިނދު ދާނިޝްއަށް ހިލްޔާއާއި ދިމާލަށް ބަލަހައްޓައިގެން ލުއި ހިނިތުންވުމަކާއެކީ ހުރެވުނެވެ. މި ހުރިހާ ދުވަހު އޭނަ މިގޮތަށް ތައްޔާރު ވަމުން ދިޔައިރު އޭނައަށް މިފަދަ ވަގުތެއްގައި ބައިވެރިއަކު ބޭނުންވެދާނެ ކަމަށް ދާނިޝް ހިއެއް ނުކުރެއެވެ. އެހެނަސް މިއަދު މިވަގުތުކޮޅު ވެސް ހިއްސާ ކުރާނެ ބައިވެރިޔަކު ހުރުމުން އެވަގުތުކޮޅު އިތުރަށް ފުރިހަމަވެގެން ދިޔަހެން ހީވިއެވެ. ހިތަށް ކުރިން އިޙްސާސް ނުކުރެވޭފަދަ ލޯތްބެއް އިޙްސާސް ކުރެވުނެވެ. އޭނައާއިމެދު މީހަކު އަޅާލާ ފަދަ އިޙްސާސެއް ކުރެވުނެވެ.
ދާނިޝް ބަލަބަލާ ހުއްޓާ ހިލްޔާ އިސްއުފުލާލަމުން ފުރިހަމަ ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.
“ޔޫ ލުކް ހޭންޑްސަމް.” ހިލްޔާ ބުންޏެވެ. އެއާއިއެކު ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ.
“އެހެންވީމަ ކިހިނެއް ހަދާނީ؟ މަޑުކޮށްލަންވީ؟” ދާނިޝް ލާނެތް ހިނިތުންވުމަކާއެކީ އެހިއެވެ.
“ޔުއާރ ހޭންޑްސަމްނެސް ބޭނުމިއްޔާ މަޑުކޮށްލާ. އޭރުން އަހަރެން ހުރެދޭނަން ކައިރީގަ.” ހިލްޔާ ބުންޏެވެ. ހިލްޔާ އެހެން ބުނެލި ގޮތުން ދާނިޝް މަސްތެއްގައި ޖެހޭ ގޮތްވިއެވެ.
“ހުވާ އަހަރެން އެއްދުވަހު މޮޔަވެދާނެ މި އަންހެން ކުއްޖާއާ ހެދި.” ދާނިޝް ސަމާސާވެރި ރާގަކަށް ބުންޏެވެ.
“ހަހަހަ….އޯކޭ އެހެންވީމަ ދޭ. އެނގޭ ދާނިޝް ވަރަށް މުހިއްމު ކަންތައް ކުރަން އެބަހުރިކަން. ޒިންމާތަކަށް ފަސްދީގެން ނުވާނެ. ކޮންމެ މީހަކީ އެމީހެއްގެ ދަށުގައިވާ މީހުންނާއިމެދު ސުވާލު ކުރެވޭނެ މީހެއް.” ހިލްޔާ ސީރިއަސްކަމާއެކީ ބުންޏެވެ.
އެއާއިއެކު ދާނިޝް އޭނަ ކުރިމަތިލާން އުޅޭ ޒިންމާތައް ހަނދާންވެ ސީރިއަސްވެލެވުނެވެ.
“ޓްރޫ. އެހެންވީމަ ދިޔައީ. އަސްލު ބޭނުމެއް ނުވޭ ހިލޫ ބަހައްޓާފަ އެހާ ދުރަށް ދާން ވެސް. އަހަރެން ބޭނުންވީ ހިލޫ ވެސް އެ ހޮސްޕިޓަލްގަ ވޯކް ކުރަން ފެށީމަ ދާން. އެކަމަކު ދެން މަޑު ކުރެވޭކަށް ނެތީމަ މި ދަނީ. ހަވީރު އަނބުރާ އަންނާނަން އިން ޝާ ﷲ. އެއްވެސް ކަމެއް ބޭނުމިއްޔާ ގުޅާލައްޗޭ.” ދާނިޝް ބުންޏެވެ. އެއާއިއެކު ހިލްޔާ ލުއި ގޮތަކަށް ބޯޖަހާލިއެވެ.
އެހިނދު ދާނިޝް ހިލްޔާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އެ ނިތުގައި ބޮސްދިނުމަށްފަހު ލޯބިވާ ވާހަކަ ބުންޏެވެ. ހިލްޔާ ވެސް ލޯބިވާ ވާހަކަ ބުނުމުން ދާނިޝް ހިތާއި ދެކޮޅަށް ހިލްޔާއަށް ފަސްދީފައި ދާން ހިނގައިގަތެވެ. ހިތާހިތުން އޭނަގެ ލޯބިވާ އަނބިމީހާގެ ރައްކާތެރިކަމަށްޓަކައި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.
ނުނިމޭ

July 3, 2026 @ 8:26 am
Next part Wednesday ga In Sha Allah ^_^