ނަފްސީ (ހަތްދިހަ ތިންވަނަ ބައި)
ހިލްޔާ ލޯމައްޗަށް ގެއްލުމުން، އެނދުގައި އިށީނދެ އިން ދާނިޝްއަށް ހެޑްބޯޑް މަތީގައި އޮތް ޓެބްލެޓަށް ނަޒަރެއް ދިނެވެ. އަދި ނުފިލާ ހިނިތުންވުމަކާއެކީ ޓެބްލެޓް ނެގީ، ހިލްޔާއަށް ފޮތް ކިޔާލެވުނު ހިސާބެއް ދެނެގަތުމުގެ ޝައުޤުގައެވެ. އެހެނަސް ޓެބްލެޓް ހުޅުވާލި ވަގުތު ފެނުނު ދާނިޝްގެ ހިނިތުންވުން ފަނޑުވިއެވެ.
ސްކްރީނުން ފެންނަމުން ދިޔައީ ހިނިތުންވެގެން އިން ދާނިޝްގެ މަންމައެވެ. ކަޅުކުލައިގެ ޝޯލްއަކާއި އެކީ ކަޅުކުލައިގެ ޖިލްބާބެއް ލައިގެން އިން މަންމަ ފެނިފައި، މަންމަ އެ ޖިލްބާބު ލައިގެން ހުރި އެކި ދުވަސްތައް ދާނިޝްގެ ހަނދާނަށް އައެވެ. ކުރިމަތިން ފެނުނު ތަޞްވީރާއި އެ މަންޒަރު ލޮލަށް ސިފަވެގެން ދިޔުމުން މަންމަ ދުނިޔެ ދޫކޮށްފައިވާ ކަން ވެސް ހިނދުކޮޅަކަށް ހަނދާން ނެތޭ ގޮތްވިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅުނީ އެހެންވެއެވެ.
ތަޞްވީރުގެ މެދުގައި ހުރި ޕްލޭ ބަޓަނަށް ފިތާލެވުނީ އެފަދަ ހީކުރުމެއްގައި އިނދެއެވެ. އިސާހިތަކު މަންމަގެ އަޑު އިވެން ފެށުމުން މަންމަގެ ހުރިހާ އުފާވެރި ހަނދާނެއް އާވާން ފެށިއެވެ. ނުފިލާ ހިނިތުންވުމެއްގައި އިނދެ ޙަމްދު ޘަނާ ކިޔުމަށްފަހު މަންމަ ދަރުސް ފެށިއެވެ.
“މިރޭ އުސްތާޒާ ތި އުޚްތުންނާ ޙިއްސާ ކުރަން ބޭނުންވަނީ، ރަސޫލާ ﷺ ގެ ސީރަތުން، އަބޫޠާލިބުގެފާނު ގެ ވާހަކަ….”
މަންމަ އެހެން ބުނުމުން ދާނިޝް ޝައުޤުވެރިވިއެވެ. މިހާތަނަށް އައިއިރު އޭނައަށް ރަސޫލާ ﷺ ގެ ސީރަތާއިމެދު މާ ބޮޑަށް އުނގެނިފައެއް ނެތެވެ. އަބޫޠާލިބުގެފާނުގެ ވާހަކަ އޭނަ ކުޑައިރު މަންމަ ކިޔައިދިން ހަނދާން އާވިއެވެ. އެހެނަސް މިހާރު އެއީ ކާކުކަން ވެސް ހަނދާނެއް ނެތެވެ. ހުރިހާ ސަމާލުކަމެއް ދީގެން އެ ވާހަކަ އަޑުއެހެން ފެށީ އެހެންވެއެވެ. އަޑުއަހަމުން ދިޔަދިޔަހެން ދާނިޝްގެ ހިނިތުންވުން ފުންވަމުން ދިޔައީ، އެތައް ދުވަހެއް ފަހުން މަންމަ ވާހަކަ ދައްކާ އަޑު އިވެމުން ދިޔައީތީ ހިތަށް ލިބެމުން ދިޔަ އުފަލުންނެވެ.
**
ފާޚާނާއަށްވަދެ ފެންވަރާލުމަށްފަހު ވުޟޫ ކޮށްލައިގެން ހިލްޔާ ސީދާ ދިޔައީ ޖެހިގެން ހުރި ހެދުން އެޅުވިފައިވާ ކޮޓަރިއަށެވެ. އެ ކޮޓަރިއަށް ވަދެ ނިދުމަށްޓަކައި ހިލްޔާ ލީ، އެދުވަހު ދާނިޝް އޭނައަށް ގަނެދިން ނުހަނު ފަސޭހަ ނިދާ ހެދުމެކެވެ. ގަދަ މުށިކުލައިގެ އަތްދިގު މައްޗަކާއި ހަމަ އެކުލައިގެ ހަރުވާޅު ލައިގެން ހުރި ހިނދު އެ ފޮތީގެ މަޑުކަމުން ނުހަނު އަރާމުވިއެވެ. އެ ހެދުމަށްޓަކައި ޝުކުރު ކުރެވުނު ހިނދު، އޭނައަށް ހެދުން ގަނެދިން ދާނިޝްއަށްޓަކައި ވެސް ޝުކުރުވެރިވެވުނެވެ. ފިހާރައިން އެ ހެދުން ފެނިފައި ހިލްޔާ އޭގައި އަތްލައި ހާދަ މަޑޭ ބުނުމާއިއެކު ހެން ދާނިޝް އޭތި ގަނެދިން ހަނދާންވުމުން ހިލްޔާއަށް ހިނިތުންވެލެވުނެވެ.
ހަމަ އެހިނދު އެ ހެދުން އޭނައަށް ކިހާ ކަމުދާކަން ދާނިޝްއާއި ޙިއްސާކޮށް ދާނިޝްއަށް ޝުކުރު އަދާކުރަން ހިލްޔާ ބޭނުންވިއެވެ. ނިކުންނަން އުޅެފައިވެސް ހިލްޔާ ރީތިވާ މޭޒުދޮށަށް ގޮސް ބޮލުގައި ފުނާ އަޅާލުމަށްފަހު ސެންޓު ޖެހިއެވެ. އަދި މޫނަށް ޓޯނާރ ސްޕްރޭ ކުރުމަށްފަހު މަޑުމަޑުން މޫނުގައި އަތުން މަޑުމަޑުން ޖަހަމުން އެ ކޮޓަރީގެ ދޮރާއި ދިމާލަށް ދިޔައެވެ. އަދި ލަސްލަހުން އެ ދޮރު ކަހާލަމުން އެމީހުންގެ ކޮޓަރިއަށް ވަންނަން އުޅުނީ ވެސް ހިނިތުންވުމަކާއި އެކީގައެވެ. އެހެނަސް ހަމަ އެހިނދު ކޮޓަރި ތެރެއިން އިވުނު އަޑުން ހިލްޔާގެ ހިނިތުންވުން ފޭދުނެވެ.
“إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ…ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.”
އުސްތާޒާގެ ކުރެހިފައިވާ އަޑުން އިވުނު އާޔަތާއި މާނައިން ހިލްޔާ ގަނޑުވާ ގޮތްވިއެވެ. އިސާހިތަކު ހަނދާންވީ އޭނައަށް ޓެބްލެޓުން ގޫގުލް ޑްރައިވްގެ ފޯލްޑާރއެއް ހުޅުވާފައި ދެވުނު ގޮތެވެ. ދާނިޝް އެ ބަލަނީ ދާނިޝް ގެ މަންމަގެ ދަރުހެއްކަން ހިލްޔާއަށް ނަގައިގަނެވުނެވެ. އެއީ ގޯހެއް ނޫނެވެ. އެހެނަސް މިވަގުތު އެ އިވެމުންދާ ދަރުހަކީ އެއިން ދާނިޝް ނުހަނު ދެރަ ކުރުވާނެ ދަރުހެއްކަން އެނގުންވިއެވެ.
**
“އަހަރުމެންނަކަށް އަހަރުމެން ބޭނުން ބަޔަކަށް ހިދާޔަތެއް ނުދެއްކޭނެ. ޚުދު ރަސޫލާ ﷺ އަށް އަބޫޠާލިބުގެފާނަށް ހިދާޔަތް ނުދެއްކެވުނު ހިނދު، އަހަރުމެންނަށް ވާނީ ކީއް؟ މިއީ އަހަރުމެންނަށް ވަރަށް ބޮޑު ފިލާވަޅެއް. ތި އުޚްތުންނަށް ހީވެދާނެ އުސްތާޒާ ވާހަކަ ދައްކާ ކޮންމެ މީހަކީ ހިދާޔަތް ލިބޭނެ މީހެކޭ. އެކަމަކު އެއީ ކުށް ހީއެއް. ޚުދު އުސްތާޒާގެ ދަރިފުޅަކީ ވެސް ދީނާއި އެހާ ގާތް ކުއްޖެއް ނޫން. ވެދާނެ އެ ޢުމުރުގެ ކުއްޖަކާ މެދު އުސްތާޒާއަށް މި އުއްމީދު ކުރެވެނީ މާ މަތީ ދަރަޖައަކަށް ކަމަށްވެސް. އެ ކުއްޖާފުޅުގެ ވެސް އަދި ނުހުންނާނެތާ އުސްތާޒާގެ މިހިރި ވިސްނުމެއް. އެކަމަކު….ވަރަށް ބޭނުންވޭ އެ ކުއްޖާއަށް ހެޔޮ ވިސްނެން. އުސްތާޒާ ދުނިޔޭގަ ހުއްޓާ އެ ކުއްޖާއަކީ ހުރިހާ ގޮތަކުން ވެސް ﷲ ރުހިވޮޑިގެންވާ ކުއްޖެއްގެ ގޮތުގައި އުޅޭ މަންޒަރު ދެކެން ބޭނުންވަނީ.”
މަންމަގެ އެ ބަސްތައް އިވެމުން ދިޔަދިޔަހެން ދާނިޝްގެ މޭގައި ރިހުމެއް އުފެދެން ފެށިއެވެ. މަންމަގެ މޫނުމައްޗަށް ހިތާމަވެރިކަން ފާޅުވެގެން ދިޔަ މަންޒަރު ފެނިފައި، ދާނިޝްއަށް ނޭނގި، އެ މޫނުމައްޗަސް ވެސް ހިތާމަވެރިކަން ވެރިވިއެވެ. އިސާހިތަކު މަންމަ އާއި އެކީ ހޭދަ ކުރި އުފާވެރި ދުވަސްކޮޅުގެ ހަނދާންތައް ހިތުން ފިލައި، މުޅި ޙަޔާތުގައި ވެސް އައި އެންމެ ހިތާމަވެރި ދުވަސްތަކުގެ ހަނދާންތަކުން ހިތަށް އަނދިރި ކަމެއް ވެރިވިއެވެ. މަންމައާއިއެކީ ހޭދަ ކުރި އެ ފަހު ރޭ މަންމަ ބުނި ބަސްތަކެވެ. ނަމާދުގެ ސަޖިދައިގައި އޮތްވާ އޭނައަށް އިވުނު އަޑުފަތް ގަނޑެވެ. ކޮޓަރިން ނިކުތްއިރު މަންމަ ހޭނެތިފައި އޮތް މަންޒަރު ފެނުނު ގޮތެވެ. އެމްބިއުލާންސްގައި މަންމަގެ ކައިރީގައި އިންއިރު އޭނަގެ ހިތުގެ ތެޅުން އަވަސްވެފައިވި ގޮތެވެ. ހޮސްޕިޓަލަށް ދެވުމުން މަންމަގެ ސޫރަ އޭނައަށް ނިވާވެގެން ދިޔަ ގޮތެވެ. ދެން މަންމަ ފެނިގެން ދިޔުމުން ޑޮކްޓަރު އޭނައަށް ދިން ޚަބަރެވެ. އެއަށްފަހު ހޮސްޕިޓަލްގެ މޮނީޓަރުން އިވިގެން ދިޔަ އަޑު ކަންފަތުގައި ގުގުމިހެން ހީވުމުން ދާނިޝްގެ މޭގައި ރިހުމެއް އުފެދުނެވެ.
އެހިނދު ހިލްޔާ އެނދުގެ އެއްފަރާތުގައި ދާނިޝްއަށް ވަމުން ދިޔަ ގޮތް ބަލަހައްޓައިގެން ހުއްޓެވެ. ދެންމެ ދާނިޝްއަށް އިވުނުހާ ބަސްތައް ހިލްޔާއަށް ވެސް އިވިފައިވުމުން އެ މޭގައި ވެސް ރިހުމެއް އުފެދިފައިވިއެވެ. އެ ބަސްތަކުން ދާނިޝްގެ ހިތަށް ކުރާނެ އަސަރު ތަޞައްވުރު ކުރެވުމުންނެވެ. އެ ވަގުތު ދާނިޝްގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުން، ހިލްޔާއަށް ޙަރަކާތެއް ކުރަން ނުކެރިފައި ހުރެވުނެވެ. ޓެބްލެޓުން ޙަލަޤާގެ އަޑު ކެނޑިފައިވީ، އެ ވާހަކަތައް ދެއްކުމަށްފަހު އަސަރުގައި ޖެހުނު އުސްތާޒާ މޫނުގައި ދެއަތް އެޅުމުން ކަން ހިލްޔާއަށް ޓެބްލެޓް ނުފެނުނަސް އެނގުނެވެ. އެއީ ހިލްޔާ ވެސް ނުހަނު ހަނދާން ހުންނަ ޚަލަޤާއަކަށް ވާތީވެއެވެ.
ހިލްޔާ ބަލަބަލާ ހުއްޓާ އުސްތާޒާގެ ލުއި ގިސްލުމެއްގެ އަޑު އިވުނު ވަގުތު ދާނިޝް ވެސް ރޮވެން ކައިރިވި މަންޒަރު ހިލްޔާއަށް ފެނުނެވެ. އިސާހިތަކު ދާނިޝްއަށް ގިސްލެވެން ފެށި މަންޒަރު ފެނުމުން ހިލްޔާއަށް ދިގު ފިޔަވަޅުތަކެއްގައި އެނދު ކައިރިއަށް ގޮސް އެނދަށް އެރުނެވެ. އެއަށްފަހު ދާނިޝް ގެ ގާތަށް ޖެހިލަމުން ދާނިޝްގެ އަތުގައި އޮތް ޓެބްލެޓް ހޯދައި ދުރުގައި ބާއްވަމުން ދާނިޝް ގެ ގައިގައި ބައްދާލިއެވެ.
ހިލްޔާގެ މޭމަތީގައި ބޯއަޅާލެވުނު ދާނިޝްއަށް އިތުރަށް ރޮވުނެވެ. އެ އޯގާތެރި ފިރުމުންތަކުގެ އިޙްސާސް ކުރެވުމުން ވެސް މޭގައިވި ރިހުން އިތުރުވުން ނޫންކަމެއް ނުވިއެވެ. އެކަމަށްޓަކައި އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އޭނަގެ މި ސިފަ ހިލްޔާއަށް ފޮރުވަން ކުރި މަސައްކަތް ބޭކާރުވުމުންނެވެ. އޭނަގެ ބަލިކަށިކަމުގެ ސަބަބުން ހިލްޔާއަށްޓަކައި މި ދަތުރު އުފާވެރި ކޮށްނުދެވުމުގެ އިޙްސާސް ކުރެވުނެވެ. އެއާއިއެކު ފިރިއެއްގެ ގޮތުގައި ފޭލްވިކަމުގެ އިޙްސާސް ވެސް ކުރެވުނެވެ. ނައްސި ޚިޔާލުތަކަކުން ސިކުނޑި ފުރިގެން ދިޔަދިޔަހެން އިތުރަށް މަންމަގެ ހަނދާންތައް އާވެ އިތުރަށް ރޮވުން ނޫންކަމެއް ނުވިއެވެ.
ދާނިޝްގެ ގައިގައި ހިފަހައްޓައިގެން ހުރި ހިލްޔާއަށް ދާނިޝްގެ ރުއިމުގެ އަޑު ނުހަނު ގާތުން އިވުމުން ދެރަވެގެން ދިޔަހެން ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނަ އެންމެ ފަހުން މިހާވަރަށް ފިރިހެނަކު ރުއި މަންޒަރު ދުށީ މަންމަ ނިޔާވި ދުވަހު ބައްޕަގެ ފަރާތުންނެވެ. އެދުވަހު ހިލްޔާއަށް ބައްޕަގެ ހިތް ހަމަޖައްސާލަދޭން ކޮށްދޭނެ ކަމެއް ނުވިސްނުނެވެ. ޚުދު އޭނަ ވެސް ވީ މަންމަ ވަކިވުމުގެ ސަބަބުން އެހާ ބޮޑު ހިތާމައެއްގައި ކަމަށްވާތީވެއެވެ. އެވަގުތު ދާނިޝް ގެ ކައިރީގައި ހުރި އެ ވަގުތު ވެސް ކުރާނެ އިތުރު ކަމެއް އަދި ބުނާނެ އިތުރު ބަހެއް ނުވިސްނުނެވެ. ދާނިޝްގެ ހިތާމަތައް ލުއި ކޮށްދިނުމަށް ހިތާހިތުން ދުޢާކުރުން ނޫންކަމެއް ނުކުރެވުނެވެ.
ހިލްޔާ ބުނާނެ އެއްޗެއް ނޭނގިފައި އިންދާ ރޮމުން ދިޔަ ދާނިޝް ވާހަކަ ދެއްކިއެވެ.
“ހިލޫ….އަހަންނަށް…. މަންމަ ވަރަށް ބުނި އަހަރެން ގާތު ޤުރުއާން… ކިޔާވާށޭ. ނަމާދު…ކުރާށޭ. އެކަމަކު އަހަރެން އަޑު އެހީ މަދު ފަހަރަކު. ނަމާދު ކުރީ މަންމަ ތަކުރާރުކޮށް ބުނެގެން. މަންމަ ހާދަ ދެރަވާނެއޭ.” ރުއިމުގެ ތެރެއިން ދެންވެސް އިންގޮތަށް އިނދެ ދާނިޝް ދެއްކި ވާހަކައިން ހިލްޔާގެ ކޯތާފަތްމައްޗަށް ވެސް ކަރުނަތައް ފައިބައިގެން އައެވެ. އެ ވާހަކައަށް ވެސް ދޭނެ ރައްދެއް ނުވިސްނުމުން ހިލްޔާ ދާނިޝްގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އެހިނދު ދާނިޝް އިތުރަށް ވާހަކަ ދެއްކިއެވެ.
“މަންމަ އަހަންނާ ހެދި ދެރަވެފަ ހުރުމުގެ ސަބަބުން އެ ނިޔާވީ ވެސް. އަހަންނަށް ވުރެ ގޯސް މީހެއް ހުންނާނެތަ ހިލޫ؟ އަހަރެން ދެން ކިހިނެއް ހަދާނީ؟ ހުރިހާ ގޮތަކުން ﷲ ރުހިވޮޑިގެންވާ ކުއްޖެއްގެ ގޮތުގަ އުޅެވުމުގެ ކުރިން މަންމަ ނިޔާވެއްޖެ. މަންމަ އުފާކޮށްދޭން ބޭނުން ހިލޫ…” ދާނިޝްއަށް ދެންވެސް ގަދައަށް ރޮވުން ނޫންކަމެއް ނުވިއެވެ.
އެހިނދު ދާނިޝް ދެއްކި ވާހަކައާއި ރުއި ރުއިމުގެ ސަބަބުން ހިލްޔާ ރައްދެއް ދޭން ބޭނުންވިއެވެ. ދާނިޝް ގެ ވިސްނުން ހުރީ އަދި އެންމެ ރަނގަޅަށް ނޫންކަން އެނގުންވުމުން ދާނިޝް އާއި ދުރުވެލެވުނެވެ. އަދި އެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން ކަރުނަތައް ކޯތާފަތުން ފޮހެލަދިނެވެ. އެހިނދު ކަރުނަތަކުގެ ސަބަބުން ދާނިޝްގެ ތުނބުޅީގެ ބައެއް ތެމިފައިވީއިރު، ހިލްޔާގެ ހެދުމުގެ ބައެއް ވެސް ތެމިފައިވިއެވެ.
“އެހާ ބޮޑަށް ދެރަ ނުވޭ ދާން. ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާ ނުލާ. ޝައިޠާނާ އަބަދުވެސް އެދެނީ އަހަރުމެން ނާއުއްމީދުގެ ތެރޭގަ ޣަރަޤުވުމަށް. ތިކަހަލަ ވާހަކަ ދައްކައި ޝައިޠާނާއަށް ކާމިޔާބު ވިޔަ ނުދީ…މަންމައަށްޓަކައި މިހާރު ވެސް ކޮށްދެވޭނެ ބައިވަރު ކަންތައް އެބަހުރި. މަންމައަށްޓަކައި ދުޢާކޮށްދީ. މަންމަގެ ނަމުގަ ޞަދަޤާތް ދީ. މަންމަ ކޮށްފައި ހުރި ހެޔޮ ކަންތައް އެހެން މީހުންނަށް ފޯރުކޮށްދޭން މަސައްކަތް ކޮށްދީ. މަންމަ އުނގަންނައިދިން ޢިލްމު އުނގެނި އެ ޢިލްމާއި އެއްގޮތަށް އުޅެން މަސައްކަތް ކޮށްދީ. މިއީ މިއަދު ވެސް މަންމައަށް މީގެ ޘަވާބާއި ދަރުމަ ތަޖުރިބާ ކުރެވޭނެ ފަދަ ޢަމަލުތައް.” ހިލްޔާ ދެންވެސް ދާނިޝްގެ ގާތުގައި ދާނިޝްގެ މޫނުގައި ހިފަހައްޓައިގެން އިނދެ ދެއްކި ވާހަކަތަކުން ދާނިޝްގެ ރުއިން ހުއްޓުނެވެ.
އެހިނދު ދާނިޝްއަށް ހިލްޔާއާއި ދިމާލަށް ބަލާލެވުނެވެ. އެ ވާހަކަތަކާއިމެދު ވިސްނާލެވުނެވެ. މިއީ ތަންކޮޅެއް ކުރިން ފަޔާޒްމެން ވެސް އޭނައަށް ކިޔައިދީފައި ހުރި ވާހަކަތަކެވެ. އެހެނަސް ވަކި ހިސާބަކުން އެ ކަންތައް ހަނދާން ނެތިފައިވީއެވެ. ހިލްޔާ އެ ވާހަކަ ދެއްކުމުން އަނެއްކާވެސް އުއްމީދުގެ ހުޅުކޮޅެއް ހިތުގައި ރޯވިއެވެ.
“ކޮންމެ އިޙްސާސެއްގެ ފަހަތުގައި ވެސް މަޤްޞަދެއް ވޭ ދާން. ތި ހިތާމައިގެ މަޤްޞަދަކީ މަންމައަށް އިތުރު ޘަވާބު ހޯދައިދިނުމަށް ހަނދާން ކޮށްދިނުމެއް. މި ޙާލަތަކީ މަންމައަށް ވެސް ކިހާ ބޮޑު ރަޙްމަތެއްތަ ދާން؟ ދާން ތައުބާވުމުގެ ސަބަބަކަށް މެދުވެރިވީ މަންމަ ނިޔާވުން. މަންމަ ދިން ނަސޭޙަތްތައް ދާންއަށް އިވިފަ ހުރީމަ ދާން ތިވީ ތައުބާގެ ޘަވާބުވެސް މަންމައަށް ލިބޭނެ އިން ޝާ ﷲ. އަދި ފާއިތުވި ދުވަސްތަކުގެ ހިތާމަ ވާތީ ދާނިޝް އަދި އިތުރަށް މަންމައަށްޓަކައި ކިހާ ގިނަ ހެޔޮ ޢަމަލެއް ކުރާނެ؟ މި ޙާލަތުން އަހަންނަށް ފެންނަނީ ދާން އަށާއި ދާން ގެ މަންމައަށް ވެސް ﷲ ލެއްވި ރަޙްމަތް. އެކަލާނގެ ގެ ނިންމެވުންތައް އަހަރުމެންގެ ނިންމުންތަކަށް ވުރެ މާ ފުރިހަމަ ވެފައި ރީތި. ނޫންތަ ދާން؟” ހިލްޔާއަށް ކަރުނަތަކުގެ ތެރެއިން ވެސް ބޭއިޚްތިޔާރުގެ ހިނިތުންވެލަމުން ބުނެވުނެވެ. ޙަޤީޤަތުގައި ވެސް ﷲ ގެ ރަޙްމަތް އެވަގުތު އިޙްސާސް ކުރެވުމުންނެވެ.
ހިލްޔާ އިޚްލާޞްތެރިކަމާއިއެކީ ﷲ ގެ ރަޙްމަތުގެ ވާހަކަ ޙިއްސާ ކުރުމުން ކަންނޭނގެއެވެ. އެވަގުތު ދާނިޝްއަށް ވެސް ކުރެވުނީ ހަމަ އެ އިޙްސާސެވެ. އިސާހިތަކު ލޮލަށް ކަރުނަތައް ޖަމާވީ، މަންމަ އޭނައާއި ވަކިވެފައިވާ މި ޙާލަތް ﷲ ގެ ރަޙްމަތުގެ ނަޒަރިއްޔާތުން ފެނިގެން ދިޔުމުންނެވެ. ﷲ ކޮންމެ ކަމެއް ވެސް މެދުވެރި ކުރައްވާނީ އެންމެ ރަނގަޅަށް ކަން ޢިލްމުން ދާނިޝްއަށް އެނގިފައިވެއެވެ. އެހެނަސް މި ޙާލަތާއިމެދު މިފަދައިން ވިސްނުނީ އަދި ކިރިޔާއެވެ.
އަނެއްކާވެސް ދާނިޝްއަށް ރޮވެން ފެށުމުން ހިލްޔާ ދެވަނަ ފަހަރަށް ވެސް ދާނިޝްގެ ގައިގައި ބައްދާލިއެވެ.
އެރޭ ފާއިތުވެގެން ދިޔައީ އެފަދަ ގޮތަކަށެވެ. ދާނިޝްއަށް ދޭތެރެ ދޭތެރެއިން ރޮވެމުން ދިޔައެވެ. ރޮވެމުން ދިޔައީ އޭނަ މި ހުރިހާ ދުވަސް ވަންދެން ހިތު ތެރޭގައި ގެންގުޅުނު ހިތާމަވެރިކަމާއިމެދު ގެންގުޅެންވީ ނަޒަރިއްޔާތު ބަދަލު ކުރެވޭނެ ގޮތެއް އެނގުމުންނެވެ. އަދި މީގެ ފަހަތުގައި ވެސް ވަނީ ކޮން ފަރާތެއްގެ ލޯބިފުޅެއްކަން އިޙްސާސް ކުރެވެމުން ދިޔައީތީވެއެވެ. ނޭނގުމެއްގެ ތެރެއިން ވެސް އެކަލާނގެ ގެ ރަޙްމަތުން ހިނދުކޮޅަކަށް ވެސް އުއްމީދު ކަނޑާލެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. އެހެނަސް ހިލްޔާ ދިން ނަސޭޙަތް ހަނދާން ކުރަމުން ފާފަ ފުއްސެވުމަށް އެދި ހިތާހިތުން ދުޢާ ކުރެވި، ތައުބާ ވެވެމުން ދިޔައެވެ.
ދާނިޝްއަށް ރޮވޭ ކޮންމެ ފަހަރަކު ހިލްޔާ ގާތަށް ގޮސް ކަރުނަތައް ފޮހެލަދެއެވެ. ދާނިޝްއަށް ރޮވޭތީ ހިލްޔާ ކުރީ ކޮޅު ދެރަވަމުން ދިޔައެވެ. ހިތަށް ތަސައްލީއެއް ލިބުނީ، ދާނިޝްއާއި އެއްކޮށް ނިދަން އެނދަށް އެރި ވަގުތު ވެސް ދާނިޝްގެ ލޮލުން ކަރުނަ ފޭބުމުން އަދިވެސް ދެރަވަނީތޯ ދާނިޝްއާއި ސުވާލު ކޮށްލެވުމުންނެވެ. އެއަށް ދާނިޝް އެވަގުތު ދެރަވަނީ މުޅިން އެހެން ސަބަބަކާހެދި ކަން އެނގުންވުމުން ހިލްޔާގެ ހިތް ހަމަޖެހުނެވެ. އެހެނީ ﷲ ގެ ހަނދުމައިން ފުރިފައިވާ ހިތެއްގައި މާ ގިނައިރު ވަންދެން ޒަޚަމެއް ހުރުމަކީ ނާދިރު ކަމެކެވެ. އެ ހަނދުމައަކީ ހިތުގައިވާ ޒަޚަމްތަކުގެ ޝިފާއެވެ. އާ މުސްތަޤްބަލަކަށް ހުޅުވިގެންދާ އުއްމީދުން ފުރިގެންވާ ދޮރެކެވެ.
ހިލްޔާއަށް ހީވީ ރަނގަޅަށެވެ. ދާނިޝް ދެން ރޯ މަންޒަރު ހިލްޔާއަށް ފެނުނީ ދަމު ނަމާދާއި ފަތިސް ނަމާދު ތެރެއިންނެވެ. ފަތިސް ނަމާދަށްފަހު ޒިކުރުތައް ވެސް ކިޔުމަށްފަހު ދާނިޝް އެހެން ދުވަސްތަކާއި ވެސް އެއްފަދައިން އޭނަ ގާތު ނާސްތާ އެ ގަޑީގައި ކުރާނަންތޯ އެހިއެވެ.
“ދާން މި ގަޑީގަތަ ބްރެކްފާސްޓް ނަގާނީ؟” ނަމާދު ދޮޅި އަޅައިގެން ކާރޕެޓް މަތީގައި އެނދަށް ލެނގިލައިގެން ދާނިޝްއަށް ބަލަން އިނދެ ހިލްޔާ އެހިއެވެ.
“މި ގަޑީގަ…ދެން ރެސްޓް ކޮށްލަންވީހެން ހީވަނީ. ލޮލަށް ތަދުވޭ.” ދާނިޝް ބުންޏެވެ. ދާނިޝް އެހެން ބުނި ގޮތުންނާއި، އެ ލޯ ދުޅަވެފައިވި ގޮތުން ހިލްޔާ ދެރަވިއެވެ.
“އާނ އަރާމުކޮށްލަންވާނެ ދާން. އަހަރެން ވެސް ރެސްޓް ކޮށްލާނީ. ބަޓްލާރ ކައިރި ނުބުނައްޗޭ ބްރެކްފާސްޓް ހަދަން. މިއަދު އަހަރެން ބްރެކްފާސްޓް ހަދާނީ. އެމީހުން ކައިރި ބުނިންދޯ އަހަރެން ބުނި އެއްޗެހި ގެންނަން؟” ހިލްޔާ އެހިއެވެ.
“އާނ….އިއްޔެގަ ސްޓޮކް ކުރި ވާހަކަ އެމީހުން ބުނި. ބަދިގޭގެ ކެބިނެޓްތަކުގަ ހުންނާނެ….ހަމަ އެހާ ޑެސްޕަރޭޓް ތަ މަސްހުނި ކާން؟” ދާނިޝް މަޑު އަޑަކުން މޫނަށް ގޮތެއް ހަދާލަމުން ބުނެލި ވާހަކައިން ހިލްޔާގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ. އެއީ ދާނިޝްގެ ޙާލަތު ރަނގަޅުވަމުން ދާ ކަމުގެ ނިޝާނެއްގެ ގޮތުގައި ފެނުނެވެ.
“ޔެސް! ދާން ތިއީ ޗައިނާ މީހެއް ވިޔަސް އަހަރެން މިއީ ރާއްޖެ މީހެކޭ.” ހިލްޔާ ކޮޅަށް ތެދުވެ ދޮޅި ބާލަމުން ސަމާސާ ރާގަކަށް ބުންޏެވެ. އެހިނދު ދާނިޝް ވެސް ލުއި ހިނިތުންވުމަކާއެކީ ތެދުވެލިއެވެ.
“އައި ސީ… ހިނގާ ރެސްޓް ކޮށްލަން ދެން.” ދާނިޝް އެހެން ބުނެލީ ހިލްޔާއަށް ފަސްދެމުން އެނދުގެ އަނެއް ފަރާތަށް ދަމުންނެވެ.
“ހަމައެކަނި ރެސްޓްތަ؟ ނޫނީ އެހެން ކަމެއްތަ؟” ނަމާދު ދޮޅި ފަށްޖަހަމުން ހިލްޔާއަށް ލާނެތް ރާގަކަށް އަހާލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެހިނދު އެ ޙާލަތުގެ ގޮތުން އެ ސުވާލުތައް ކުރެވުނީތީ ވެސް ހިތާމަ ކުރެވުނެވެ. މިއީ އެފަދަ ވާހަކައެއް ދައްކަން އެންމެ މުނާސަބު ވަގުތަށް ނުވެދާނެ ކަމަށް ހީކުރެވުމުންނެވެ.
ހިލްޔާ އެ ސުވާލު ކުރުމުން ދާނިޝް ފިޔަވަޅުތައް މަޑުކުރުމަށްފަހު އޭނައާއި ދިމާލަށް ފަސްއެނބުރި ބަލާލިއެވެ.
“ލޯބިވާ އަނބިމީހާ ބޭނުންވަންޏާ ހަމަ އެހެން ކަމެއް ވެސް ކުރަންވީ.” ދާނިޝް ހިލްޔާ އާއި ހަތަރުކަޅި ހަމަކޮށްގެން ހުރެ އެ ބުނެލި ބުނެލުމުން ގަތް ލަދާއިއެކީ އަތް މަތީގައި އޮތް ފޮށާ މޫނާއި ދިމާލަށް ހިއްލާލަމުން އަނެއް ފަރާތަށް އެނބުރިލިއެވެ. ހިލްޔާއަށް ވީ ގޮތުން ދާނިޝްއަށް ހީލެވުނެވެ.
**
އެދުވަހު ރާއްޖެއަށް މެންދުރު ނަމާދު ވަގުތަށް ބަންގި ގޮވިއިރު ރާފިލް އިނީ ދަ ކްލައުޑް ރެސްޓޯރެންޓުގެ މޭޒު ދޮށުގައެވެ. މޭޒުމަތީގައި ލެޕްޓޮޕް ހުޅުވިފައިވީއިރު ލެޕްޓޮޕް ގެ ކައިރީގައި ކޮފީ ތަށްޓެއް ހުއްޓެވެ.
އެ ގަޑީގައި ރާފިލް އެކަނިމާއެކަނި އެ ރެސްޓޯރެންޓަށް ދިޔައީ، ހިތާއި ދެކޮޅަށް ވެސް ބައްޕަ ބުނުމުން މަސައްކަތެއް ކުރަން ޖެހިގެންނެވެ. ގޭގައި ނުވަތަ ބައްޕަގެ އޮފީހުގައި ނުހުރެ މިތަނަށް އައީ ވެސް ހިތްހަމަޖެހުމެއް ލިބޭތޯއެވެ. މިތަނަކީ އޭނައަށް ގެއްލުނު ރީތި އަންހެން ކުއްޖެއްގެ މައްޗަށް އެއްދުވަހު އޭނައަށް ބާރު ހިންގުނު ތަން ކަމަށް ވާތީވެއެވެ. ކޮންމެހެން ވެސް މި ރެސްޓޯރެންޓުގެ މި ފްލޯއަށް އައިސް މުޅި އެ ތަން ހިފީ އޭނައަށް އަދިވެސް އެ ‘ބާރު’ ލިބިގެންވާ ކަމުގެ އިޙްސާސް ކުރުމަށެވެ.
އެހެނަސް ކިތަންމެ ނޫންކަމަށް ހެދިޔަސް ރާފިލްއަށް އެ ބާރު ލިބިގެން ނުވާކަމަށް ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. މުޅި މި ފަންގިފިލާ އޭނައަށް ލިބުނަސް އެ އަންހެން ކުއްޖާ އޭނަ ކައިރީގައެއް ނެތެވެ. އެ އަންހެން ކުއްޖާ އޭނަ ދޫކުރީ އޭނަގެ ކިބައިގައި ކޮން އުނި ސިފައެއް ހުރެގެންތޯ ރާފިލްގެ ހިތަށް ބައެއް ފަހަރު އަރައެވެ. އަނެއްބައި ފަހަރު އެ އަންހެން ކުއްޖާ އޭނަ ދޫކުރީ އޭނައަށް ވުރެ މާ ފުރިހަމަ ފިރިހެނަކަށްޓަކައި ތޯ ހިތަށް އަރައެވެ.
އެވަގުތު ވެސް މަސައްކަތް ހުއްޓާލަމުން ކުއްލިއަކަށް ފޯނު ނެގުނީ، އެކަން އިތުރަށް ތަޙުލީލު ކުރުމަށްޓަކައެވެ. ސޯޝަލް މީޑިއާ އާއި ޚަބަރު ތަކުގެ ތެރެއިން ދާނިޝް އާއި ގުޅޭ ވާހަކަތައް ހޯދުމަކީ ރާފިލްގެ މިފަހުގެ އާދައެވެ. ހިލްޔާގެ ސޯޝަލް މީޑިއާ ޕްރޮފައިލްތައް ބަލައި ފޫހިވުމުންނެވެ. ހިލްޔާ އެ ޕްރޮފައިލްތަކުގައި ވަކި މާ ގިނަ އެއްޗެއް ލާ ވެސް ނަހަދާތީވެއެވެ.
މިފަދައިން ހޯދި ހޯދުމުން ދާނިޝް އޭނަގެ ޕްރޮފައިލްތަކުގައި ޗީފް އޯރގެނިކް ގެ ވާހަކަ ވަރަށް ދައްކާކަން ރާފިލްއަށް ފާހަގަ ކުރެވިފައިވެއެވެ. އެއީ ކީއްވެތޯ ބަލަން ހޯދި ހޯދުމުން ދާނިޝް ގެ ކިޔެވުމުގެ ބޮޑު ބައެއް ކުރިއަށް ދިޔައީ ޗައިނާގައި ކަން ރާފިލްއަށް އެނގުންވިއެވެ. ޗީފް އޯރގެނިކް އަކީ ދާނިޝްއަށް މާ ކަމުދާ ޗައިނާގެ ކުންފުންޏަކަށް ވާތީ ޙިއްސާ ކުރަނީ ކަމަށް އެހާ ހިސާބުން ހީކުރެވުނެވެ.
ރާފިލް ދެންވެސް ދާނިޝްގެ ޕްރޮފައިލްތަކުގެ ތެރެއިން ސްކްރޯލް ކުރަމުން ދިޔައީ، މި ކުރެވެނީ ބޭނުންތެރި ވެސް ކަމެކޭ ހިތާހިތުން ކިޔަމުންނެވެ. ނަސީމް އޭނައާއި ޙަވާލުކޮށްފައި އޮތް މަސައްކަތަކީ ޗީފް އޯރގެނިކްއާއި ބެހޭ ގޮތުން ރިޕޯޓެއް ލިޔުމެވެ. ރާފިލްގެ ނަޒަރުގައި އެއީ އޭނައާއި ޙަވާލު ކުރެވުނު މަސައްކަތަށް ބޭކާރު ކަމެކެވެ. އެހެނަސް ނަސީމް ބުނާ ގޮތުގައި އެ ކުންފުނި ތިރިކުރަން ބޭނުންވާ މީހަކަށް ދުރާލައި އެ ކުންފުނީގެ ވީހާ ވެސް ގިނަ މަޢުލޫމާތު އެނގުން މުހިއްމެވެ.
ދާނިޝްގެ ފޭސްބުކް ޕްރޮފައިލް އިން ޗީފް އޯރގެނިކް ގެ އިޝްތިހާރުތައް ބަލަމުން ދިޔައިރު ރާފިލްގެ ލެޕްޓޮޕުން ވެސް ޗީފް އޯރގެނިކްގެ ވެބްސައިޓް ހުޅުވިފައިވީ އެހެންވެއެވެ. އެހެނަސް އެ ވެބްސައިޓުން ރާފިލްއަށް އަދި މި ވީތަނަށް މާ ބޮޑު އެއްޗެއް ކިޔާލެވިފައެއް ނެތެވެ.
ސްކްރޯލް ކުރަމުން ދަނިކޮށް ރާފިލް ހުއްޓާލަން ޖެހުނީ، އެވަގުތު ފޯނަށް ނަސީމް ގުޅަން ފެށުމުންނެވެ. ނަސީމް ގެ ނަން ފެނުމާއިއެކު ވީ ފޫއްސާއިއެކީ ވެސް ރާފިލް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ސުވާލެއް ކޮށްލަން މި ގުޅާލީ.” ނަސީމް ސީރިއަސް އަޑަކާއެކީ ބުންޏެވެ.
“ކީކޭ؟” ކަޅި މައްޗަށް ހިންގާލަމުން ރާފިލް އެހިއެވެ.
“އަސްމާ ގެ ދަރިއަށް ރާފިލް ފެނިފަތަ ހުންނާނީ؟” ނަސީމް ސުވާލު ކުރިއެވެ.
“އަސްމާ….ގެ ދަރި. އާނ ފެނިފަ ހުންނާނީ. މައްސަލައެއްތަ؟” ރާފިލްއަށް ކުޑަކޮށް ވިސްނާލަމުން ބުނުމަށްފަހު އަހާލެވުނެވެ.
“ކުޑަ މައްސަލައަކަށް ނުވާނެ ތިކަން. ޗީފް އޯގެނިކް ގެ ސީއެފްއޯ އެ ދަރިއަކީ.” އެކޮޅުން ނަސީމް އެހެން ބުނުމުން ފޯނު ސްޕީކަރަށް ލުމަށްފަހު މޭޒުމަތީގައި ބާއްވަމުން ރާފިލް ޗީފް އޯގެނިކްގެ ވެބްސައިޓް ސްކްރޯލް ކުރަން ފެށިއެވެ.
“ހާދަ ކަޓު ކުންފުންޏަކަށް ވާނެއޭ ތި. ޗައިނާގަ ރަން ކުރާއިރު ދިވެހި ސީއެފްއޯ އެއް ހުރެގެން. ޖޯކަކަށްނު ވާނީ؟” ރާފިލް އެހެން ބުނެ ކުންފުނީގެ ހައިރާކީ ޖަހާފަ ހުރި ޓެބަށް ދިޔައެވެ.
“ޖޯކެއް ނޫން. އެއީ އެ ދަރީގެ ބައްޕަ އުފެއްދި ކުންފުންޏެއް. އެމް ބީ އޭ ވިތް އޮނާސް ނަގައިގެން ވަރަށް ބުރަ މަސައްކަތް ކޮށްގެން އެ މަޤާމަށް ދިޔަ ފިރިހެނެއް. ޔޫ ޝުޑް ނޮޓް އަންޑަރއެސްޓިމޭޓް ހިމް.” ނަސީމް އެކޮޅުން އެ ވާހަކަ ދައްކައި ނިމުނު ވަގުތަކީ ސްކްރޯލް ކުރަމުން ގޮސް ކުންފުނީގެ ސީއެފްއޯގެ ތަސްވީރު ރާފިލްގެ ސްކްރީނުން ފެނިގެން ދިޔަ ވަގުތެވެ. އެހިނދު ލިބުނު ޝޮކުގައި ރާފިލްގެ ދެލޯ ބޮޑުވިއެވެ.
ނުނިމޭ

June 4, 2026 @ 2:15 pm
Dear readers, next episode will be upload on 12th June (Friday) In Sha Allah. I know many of you will be patiently (or restlessly) waiting. I too can’t wait to write honestly. Some of my favourite episodes coming up. I would like to thank you readers for your continuous support <3
June 4, 2026 @ 2:20 pm
ކޮންމެ އިޙްސާސެއްގެ ފަހަތުގައި ވެސް މަޤްޞަދެއް ވެއެވެ. ދުނިޔޭގައި އުޅެނީ އެ މަޤްޞަދު ފަހުމްވާ މީހުންނާއި ފަހުމް ނުވާ މީހުންނެވެ. ފަހުމް ވާ މީހުންނަކީ ދެ ދުނިޔޭގެ ބާއްޖަވެރިންނެވެ. ފަހުމް ނުވާ މީހުންނަކީ ދުނިޔެއިން ވެސް ގެއްލެނިވެ، އާޚިރަތުގައި ނާކާމިޔާބުވާ މީހުންނެވެ. ދަތި އުނދަގޫ އިޙްސާސް ކުރެވުމުން ﷲ ގެ ހަނދުމައިން ހިތް ފުރާލަން ޖެހެއެވެ. އެހެން ނޫނީ އެ އިޙްސާސަކީ ޝައިޠާނާ އަށް ތިބާއާއި ދެކޮޅަށް ތައްޔާރު ކުރެވެން އޮތް ދަންތުރައަކަށް ވެގެންދެއެވެ. އެހެންކަމުން އުއްމީދު ކަނޑާނުލާށެވެ. ﷲ ގެ ރަޙްމަތަށް އެދޭށެވެ. އެކަލާނގެއީ ތިބާގެ އަމިއްލަ ނަފްސު ދެކެ ތިބާ ލޯބިވާ ވަރަށް ވުރެ ވެސް ތިބާ ދެކެ ލޯބިވެވޮޑިގެންވާ ރަސްކަލާނގެއެވެ.