ނަފްސީ (ހަތްދިހަ ދެވަނަ ބައި)
ނަފްސީ (ހަތްދިހަ ދެވަނަ ބައި)
“މިހާރު މި ވާހަކަތައް ދެއްކީމަ މުޅިން އެހެން އިޙްސާސެއް ކުރެވެނީ. މިއީ އެހެން ނޫނަސް ހައްތަހާވެސް ފަނާވަނިވި ކަންތަކެއް ދޯ؟ ދެމިހުންނަ ކަންތައްތަކީ ހަމައެކަނި ﷲ އަށްޓަކައި ކުރެވޭ ކަންތައް. كُلُّ مَنْ عَلَيْهَا فَانٍ ، وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ.” ދާނިޝްގެ ވާހަކައިގެ ތެރެއިން ރަޙްމާން ސޫރަތުގެ ދެ އާޔަތް، ދައްކާލި ވާހަކައެއް ފަދައިން ކިޔާލި ގޮތުން ހިލްޔާގެ ގައިން ހީބިހި ނެގިއެވެ. އެހިނދު އެ އާޔަތްތަކުގެ މާނަ ހިތަށް ގެނެވުނެވެ.
“އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ޒާތުފުޅު ދެމިވޮޑިގެންވެއެވެ.”
އެހިނދު ހިލްޔާއަށް ދާނިޝް ސިފަކުރެވުނީ ޙަޔާތުގައި ވެސް އޭނަ ދުށް އެންމެ ހަރުދަނާ އަދި ވަރުގަދަ ޝަޚްޞިއްޔަތުގެ ގޮތުގައެވެ. އެހެނީ ޙަޤީޤީ ވަރުގަދަ ކަމަކީ ތިމާއަށް ހުރިހާ ބާރެއް ލިބިފައިވާކަމަށް ހީކުރުމެއް ނޫނެވެ. ޙަޤީޤީ ވަރުގަދަކަމަކީ ތިމާއަށް ލިބިފައިވާހާ ބާރެއް ލިބިފައިވަނީ ﷲ ގެ ޙަޟްރަތުންކަން އެނގުމެވެ. އަދި އެކަލާނގެ އިރާދަ ކުރެއްވި މިންވަރަކުން ނޫނީ ތިމާއަށް މުދަލެއް ވެސް އަދި ބާރެއް ވެސް އަދި އެހެން ނިޢުމަތެއް ވެސް ނުލިބޭނެކަން ޔަޤީންވުމެވެ.
ހިލްޔާއާއި ދާނިޝް އެ ތިބިގޮތަށް ހިމޭންކަމާއެކީ ތިއްބާ އުޑުމަތި ބަނަވިއެވެ. ހަމަ އެއާއިއެކު ވާރޭ އޮއްސިގަތީ އިންޒާރެއް ވެސް ނެތިއެވެ. އެއާއިއެކު ދެމީހުންނަށް ވެސް އެކަކު އަނެކަކަށް ބަލާލަމުން ކޮޓަރިއަށް ވަނުމަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަނެވުނެވެ. އެ ދިޔަ ދިޔުމުގެ ތެރެއިން ވެސް ދާނިޝް ހިލްޔާގެ އަތުގައި ހިފާލި ހިފާލުމުން ދާނިޝް ގެ އަޅާލުން ހިލްޔާއަށް އެނގުންވިއެވެ. ބަސް ބުނުމެއްނެތި ހިތަށް ފަހުމްވާ ލޯތްބެއް ދާނިޝް އޭނަ ދެކެ ވާ ފަދައެވެ.
ކޮޓަރި ތެރެއަށް ވަދެ ބިއްލޫރި ދޮރު ލައްޕާލަމުން ދާނިޝް ދެއްކި ވާހަކައިން އެ ލޯބި ހިލްޔާއަށް އިތުރަށް އިޙްސާސް ކުރެވުނެވެ.
“ކުއްލި ގޮތަކަށް ދޯ އޮއްސިގަތީ؟ ހެހެ….މޫސުން ލަފާ ކުރަން ނެނގޭ ދުވަސްކޮޅެއް. ބަހާރު މޫސުމަށް އެޅިގެން އަދި މާ ގިނަ ދުވަސް ނުވާތީ…މި މޫސުމުގެ ވާރޭ ތަންކޮޅެއް ފިނިވީމަ ބަލިވެސް ވެދާނެ.” ދާނިޝް ބުންޏެވެ. އެހިނދު ދާނިޝް ލައިގެން ހުރި މަޑު ދަނބު ކުލައިގެ ގަމީހުން ވާރޭގެ ތިކިތަކުގެ އަސަރު ފެންނަމުން ދިޔައިރު، އިސްތަށިގަނޑު ހިސާބަކަށް ތެމިފައިވިއެވެ. ހިލްޔާ އެވަގުތު ފިނިވެފައިވި މިންވަރު އިޙްސާސްވީ ދާނިޝް އެ ދެއްކި ވާހަކައިންނެވެ. ދެންމެ ބޭރަށް ދިޔައިރު ވެސް އޭސީ ޖައްސާފައި ހުރިހެން ހީވީ އޭސީއެއްގެ ސަބަބުން ނޫންކަން ވެސް އެނގުންވީ އެވަގުތެވެ.
“އޮހް…އެހެންދޯ؟ އެ…އެއީ ކޮން އަޑެއް؟” ރީތި ވާ މޭޒުދޮށަށް ގޮސް ޝޯލްގެ ޕިންތައް ނައްޓަން ފެށި ހިލްޔާ ވާހަކައެއް ދައްކަން އުޅެނިކޮށް މަޑު ބެލްއެއްގެ އަޑު އިވުނެވެ.
“އެއީ ފޮށިތައް ގެނައީ. އަހަރެން އެބަ ވައްދާލަން.” ދާނިޝް ދިގު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލިއެވެ. އެއަށްފަހު އެމީހުން ގެނައި ފޮށިތައް އެކަތި އަނެކައްޗަށް ފަހު ކޮޓަރިއަށް ވައްދަން ފެށިއެވެ.
ހިލްޔާ ދާނިޝްއަށް ބަލަހައްޓައިގެން ހުރެފައި ޝޯލްގެ ޕިންތައް ނައްޓަން ފެށީ، ދާނިޝް ބުނި ބަހަށް ރިޢާޔަތް ކުރަމުންނެވެ. މާ ގިނައިރު ވަންދެން އެހާ ފިނީގައި ތެމިފައި ހުރުމުން ޙަޤީޤަތުގައި ވެސް ބަލިވެދާނެތީވެއެވެ.
ދާނިޝް އެންމެ ފަހު ފޮށި ކޮޓަރިއަށް ވައްދާލުމަށްފަހު އަނެއް ފަރާތަށް އެނބުރިލީއިރު ހިލްޔާ ޝޯލް ނަގާލުމަށްފަހު ޝޯލްގެ ފަހު ޕިން ނައްޓާލުމަށްފަހު ބޯމަތިން ޝޯލް ނަގާލަމުން އަތުގައި ޝޯލް އެޅުވިއެވެ. އެހިނދު ދާނިޝްއަށް ހިނިތުންވުމަކާއެކީ ލަސް ފިޔަވަޅުތަކެއްގައި ހިލްޔާގެ ގާތަށް ދެވުނެވެ. ދާނިޝްގެ އެ ހިނިތުންވުން ފަނޑުވީ، އިސްތަށިގަނޑުގެ ގޮށް ނައްޓަން އުޅުން ހިލްޔާގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތުމުންނެވެ.
“ކިހިނެއްވީ ލޯބި؟” ދިގު ދެ ފިޔަވަޅަކަށްފަހު ހިލްޔާގެ ގާތަށް ޖެހިލަމުން ދާނިޝްއަށް އަހާލެވުނެވެ.
“ކުޑަކޮށް ތެމިފަ ހުރީމަ އިސްތަށިގަނޑު ނިއުޅާލަން އުދަގޫ.” ހިލްޔާ ދެންވެސް އެ މަސައްކަތް ކުރަމުން ދާނިޝްއަށް ލުއި ނަޒަރެއް ދެމުން ބުންނެވެ.
“އޮހް…ލެޓް މީ ހެލްޕް.” ދާނިޝް އެހެން ބުނެ ލަސްލަހުން ހިލްޔާގެ އިސްތަށިގަނޑު ނިއުޅަން ފެށިއެވެ. އެހިނދު ހިލްޔާ އަތް ތިރި ކޮށްލުމުން އަތުގައި އޮތް ޝޯލް ބިންމައްޗަށް ވެއްޓުނެވެ.
މިނެޓެއްހާއިރު ވަންދެން ދާނިޝް މަޑުމަޑުން ހިލްޔާގެ އިސްތަށިގަނޑު މުޅިން ނިއުޅާލުމުން އިސްތަށިގަނޑު އެއްކޮށް މިނިވަންވެގެން ދިޔައެވެ.
“ދެއާރ…” ދާނިޝް އެހެން ބުނެލި ހިނދު ހިލްޔާ ވެސް ހިނިތުންވުމަކާއެކީ އޭނައާއި ދިމާލަށް އެނބުރިލިއެވެ.
“ތޭންކްސް…” ހިލްޔާ އެހެން ބުނި ހިނދު، ނުހަނު ގާތުން އޭނައަށް ބަލަހައްޓައިގެން ހުރި ދާނިޝްގެ ނަޒަރުގެ ސަބަބުން ނޭވާ ކުރުވިއެވެ. ޚުދު ދާނިޝް ވެސް ހުރީ ހިލްޔާގެ ސޫރައަށް ގެއްލިފައެވެ. އެ މައުސޫމްކަން އެކުލެވިގެންވާ ލޮލާއި އޮމާން ކޯތާފަތާއި ތުންފަތަށް އެސްފިޔަ ޖަހާލުމެއްނެތި ބެލުނެވެ. އަދި އަމުދުން އެވަގުތު އެ ފަން އިސްތަށިގަނޑު ނިއުޅިފައި އޮތްގޮތުން އެ ސޫރައަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ. ބުރުގާ ނާޅާ ހުންނައިރު ހިލްޔާ ކިހާ ރީތިކަން ހިލްޔާއަށް އެނގޭބާއޭ އެވަގުތު ހިތަށްއެރިއެވެ.
ދާނިޝްއަށް ބަލަހައްޓައިގެން ހުރި ހިލްޔާގެ ހިތުގައި ވެސް ހިނގަމުން ދިޔައީ ހަމަ އެފަދަ ޖަޒުބާތުތަކެވެ. އެ ޖަޒުބާތުތަކުގެ ސަބަބުން ވެފައިވި ވަރުބަލިމަތިން ވެސް ހަނދާން ނެތުނެވެ. ލަސްލަހުން އެއްއަތް ހިއްލައި ދާނިޝްގެ މޭމަތީގައި އެ އަތް އަޅާލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ދާނިޝް ގެ އަވަސްވެފައިވި ހިތުގެ ތެޅުން އިޙްސާސް ކުރެވުމުން ހިލްޔާގެ ހިތުގެ ތެޅުން ވެސް އަވަސްވިއެވެ. ދާނިޝްގެ ގަމީހުގެ ގޮށްތަކަށް ބަލަން ހުރެ އިތުރު ޙަރަކާތެއް ކުރަން އުޅުނު ތަނާހެން ދާނިޝް ހިލްޔާގެ މޫނުގައި ބޮސްދޭން ފެށިއެވެ.
ވެހެމުން ދިޔަ ވާރެއާއި، ވިއްސާރައިގެ ސަބަބުން ކޮޓަރިއަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން އިވެމުން ދިޔައީ ވާރޭ ފުރާޅުގައި ޖެހެމުން ދިޔަ އަޑެވެ. ބެލްކަންޏަށް ނިކުމެވޭ ދޮރުގެ ފަރުދާ ކެހިފައިވިޔަސް ބެލްކަންޏަށް ނިކުމެވޭ ބިއްލޫރި ދޮރުގައި ޖެހެމުން ދިޔަ ވާރޭ ތިކިތަކުން ކޮޓަރިތެރެ ނިވާވެފައިވިއެވެ.
**
މާލެއަށް ހަވީރު ވަގުތު ހޮޓެލްގެ ބެލްކަންޏެއްގައި ހުރި ރާފިލް ލައިގެން ހުރީ ގޮށްތައް ނެއްޓިފައިވި ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސޯޓެކެވެ. އެހެން ހުރިއިރު އޭނަގެ ކަނާތް އަތުގައި ވޭޕެއް އޮތް އިރު ވާތް އަތުގައި ފޯނު އޮތެވެ. ފޯނުގެ ސްކްރީނުން ހުޅުވިފައިވީ ދާނިޝް އާއި ހިލްޔާ އަތުގައި ހިފައިގެން ކައިވެނީގެ ހެދުމުގައި އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި ފޮޓޯއެވެ. މި ފޮޓޯއަށް ނުބަލަން ވޭތުވެ ދިޔަ ހަފްތާތަކުގައި ރާފިލް ވަރަށް މަސައްކަތް ކޮށްފިއެވެ. ހިލްޔާއަކީ ހައިބަތު ހުރި ފިރިހެނުން ނޭނގޭ އަގެއް ނެތް ކުއްޖެކޭ ހިތައި ހިލްޔާއާއި މެދު އަޅާނުލަން ހިތްވަރު ކޮށްފިއެވެ. އެހެނަސް އެ ފޮޓޯ ބަލަން ހިތް އެދޭ އެދުމުގެ މައްޗަށް ބާރެއް ނުފޯރުވެއެވެ. މި ދެމީހުން ވަކިވެގެން ނޫނީ ދެން ރާފިލްގެ ހިތަށް ހަމަޖެހުމެއް ލިބޭނެ ހެނެއް ހިއެއްނުވެއެވެ.
އެވަގުތު ވެސް ފޮޓޯއަށް ބަލަން ހުރެ ސިކުނޑިއަށް ވެރިވި ނުތަނަވަސްކަމުގެ ސަބަބުން ވޭޕް ދަމާލެވުނެވެ. ހަމަ އެވަގުތު ފަހަތުން ޒިވް ގެ އަޑު އިވުނެވެ.
“ލަވް ވެއާރ އިޒް މައި ވޭޕް؟ ޔޫ….ޔޫ އާރ ނޮޓް! ކިތައް ދުވަހު ބުނީ މަގޭ ވޭޕް ނުނަގާށޭ؟” ޒިވް ގޮސް ރާފިލްއާއި އަރާ ހަމަކޮށްލަމުން ރުޅިވެރިކަމާއެކީ ބުންޏެވެ.
“ބޭބީ ރިލޭކްސް…ހިއާރ ވީ ކޭން ޝެއާރ. ސިންސް ޔޫ އާރ ލަވް އޮފް މައި ލައިފް.” ރާފިލް އަތުގައި އޮތް ފޯނު ނިވާލަމުން އަނެއް އަތުގައި އޮތް ވޭޕް ޒިވްއަށް ދިއްކުރިއެވެ.
“ލަވް އޮފް މައި ލައިފް މައި ފުޓް! $#@!” ޒިވް ނުބައި ބަހެއް ކިޔަމުން ވޭޕް ޖަހައިގަތެވެ. އެހިނދު ރާފިލް ހީލިއެވެ.
ރާފިލްގެ ހީލުމާއި ދެންމެ އެ ބުނި ބަސްތަކުން ޒިވްގެ ރުޅިގަނޑު މައިތިރިވިއެވެ. އެއީ ޙަޤީޤަތާއި ކިހާ ދުރު ބަސްތަކެއް ކަން އެނގެއެވެ. ރާފިލް އޭނަ ނޫން ލޯބިވެރިން ގެންގުޅޭކަން އޭނައަށް އެނގެއެވެ. އޭނަ ވެސް ރާފިލް ނޫން ލޯބިވެރިން ގެންގުޅޭކަން ރާފިލްއަށް އެނގެއެވެ. ރާފިލްއަށްޓަކައި އެ ދިރިއުޅުން ދޫކޮށްލަން ޒިވް ތައްޔާރެވެ. އެހެނަސް ރާފިލް އެކަމަށް ތައްޔާރުހެން ހިއެއް ނުވެއެވެ. އެފަދަ ވާހަކައެއް ދުލާއި ހަމައަށް ގެންނަން ވެސް ޒިވްއަށް ނުކެރެއެވެ. ރާފިލް އޭނަގެ އެ ޚިޔާލަށް މަލާމާތް ކޮށްފާނެ ކަމަށްޓަކައެވެ.
ޒިވްއަށް މިއަދު މި އިޙްސާސް ކުރެވޭއިރު، މީގެ 2 އަހަރު ކުރިން އޭނަ ކުރެން ދާނިޝް ކައިވެންޏަށް އެދުމުން އޭނަ އެ ޚިޔާލަށް މަލާމާތް ކުރި ހަނދާނެއް ނެތެވެ.
“އޭ އަސްލު ވާހަކައެއް ބުނަން ހަނދާން ނެތިފަ މިހިރީ. ޗައިނާއަށް ދާން އެބަޖެހޭ. ދެމީހުން އެއްކޮށް ދަމާ.” ރާފިލް ބުންޏެވެ.
“އޫ…ދެމީހުންނަށް ޓްރިޕެއް ރޭވީތަ؟” ޒިވް އުއްމީދީ ގޮތަކަށް އެހިއެވެ.
“ނޫން….އެއީ ބައްޕަ ބުނެގެން ދާ ޓްރިޕެއް. ބިޒްނަސް ފައިނޭންސް ކަންތައް.” ރާފިލް އިނގިރޭސި ބަސްތައް ކިޔާލަމުން މަތި އޮމާން ކޮށްލިއެވެ.
“އޮހް….ބިޒްނަސް ފައިނޭންސް ޓްރިޕަކަށް ގޮއްސަ އަހަރެން ކުރާނީ ކީއް؟” ޒިވް އެހިއެވެ.
“ދޯ؟ ނުކިޔަވާ ތިބޭ ކުދިންނަށް މާ ބޮޑު ކަމެއް ނުއެއް ކުރެވޭނެ.” ރާފިލް ލާނެތް ރާގަކަށް ބުންޏެވެ. އެހެން ބުނީ ސަމާސާއަކަށެވެ. ޙަޤީޤަތުގައި ރާފިލް ވެސް ޒިވް ގާތް ކުރަން ބޭނުންވެފައިވިއެވެ. މިހާތަނަށް އައިއިރު އޭނައަށް އެންމެ ގިނަ ދުވަސް ވަންދެން ރައްޓެހިވެގެން އުޅެވިފައިވާ ކުއްޖަކީ ޒިވް ކަމަށްވުމުންނެވެ. އެހެނަސް އޭނަގެ ޙަޔާތުގެ ވާހަކަތައް ކިޔައިދޭ ކުއްޖަކަށް ޒިވް ހަދަން ރާފިލް ބޭނުންވެފައިވެއެވެ. އެހެނަސް….
“ޔޫ އާރ ވަން ޓު ޓޯކް! ތިއީއެއްނު ގްރެޖުއޭޓް ނުވެ ވަގު ސެޓްފިކެޓް ހޯދައިގެން ޑޮކްޓަރަކަށް ވެގެން އުޅޭ މީހާ؟!” ޒިވް ވެސް ހިތުން އެހެން ބުނެލީ ސަމާސާއަކަށެވެ. އެހެނަސް އެއިން ރާފިލްގެ ހިތަށް ވެރިވި އުދަގުލާއިއެކީ އޭނަގެ ގާތަށް އައީ ކުއްލި ރުޅިއެކެވެ.
“ޑޯންޓް! ސޭއި ދެޓް އައުޓް ލައުޑް…” ރާފިލް ބުމަގޮށްޖަހައިގެން ހުރެ ހަރު އަޑުން އެއް ބަސް ބުނުމަށްފަހު އަޑު މަޑުކޮށްލިއެވެ. ޒިވް އެ ދެއްކި ވާހަކައަކީ އޭނައަށް ޢުމުރު ދުވަހުގެ ޙުކުމެއް އައިސްދާނެ ވާހަކައަކަށް ވުމުންނެވެ.
“ޓޫ ލޭޓް! އަހަރެން ފްރެންޑުންނާ ވެސް މި ވާހަކަ ޝެއާރ ކޮށްފިން. އެމީހުން ވެސް ރާފިލްއަށް ވަރަށް ޖޯކު ޖަހައިފި. ހަހަހަހަ!” ޒިވް އެހެން ފެށުމުން ރާފިލްއަށް ޒިވްއާއި ދިމާލަށް އެއްކޮށް އެނބުރިލެވުނެވެ. އެހިނދު އެ ލޮލުން އަލިފާން ކަނި ބުރައެވެ.
“ޔޫ #$&@!@@! ކިހިނެއް އެ ވާހަކަ ބޭރުތެރޭގަ ދައްކަން ކެރުނީ؟؟؟!” ރާފިލްއަށް ހަރު އަޑުން ބުނެވުނެވެ. އެއާއިއެކު ޒިވް ސީރިއަސްވެލިއެވެ.
“ބޭބް…އެއީ ސަމާސާއަކަށޭ އެމީހުންނާ ޙިއްސާ ކުރީ. އައި ލައިކް ޓޯކިންގް އެބައުޓް ޔޫ. ހުރިހާ އެންމެންނާ. އެއީ ދޮގެއްކަމަށް ފަހުން ބުނީމަ އެމީހުން ޤަބޫލުކުރާނެ.” ޒިވް މައުސޫމް ކަމާއެކީ ބުންޏެވެ.
“$#@@1* ތި މޮޔަ ސިކުނޑިއަށް ވިސްނެން އެބަޖެހޭ ދޯ ދައްކަން ނުޖެހޭ ވާހަކައާ ނުދައްކަން ޖެހޭ ވާހަކަތައް؟ ދައްކާނެ ވާހަކައެއް ނޭނގެންޏާ ހަނުހުރޭ!!!” ރާފިލް ދެންވެސް ހަޅޭއްލެވިއެވެ.
“ދެޓްސް އޮފެންސިވް. އަހަރެން މިއީ ރާފިލް ގެ އަޅެއް ނޫން! އަހަރެން ދައްކާނެ ވާހަކައެއް އަހަރެން ދައްކާނަން!” ޒިވް ވެސް ރުޅިއައެވެ. އިސާހިތަކު އޭނަގެ ހިތުގައި ރާފިލްއަށްޓަކައި އިޙްސާސްތަކެއް ވާކަން ވެސް ހަނދާން ނެތިއްޖެއެވެ. އެހާވެސް ބަލިކަށި ލޯތްބެކެވެ.
“ހަހް! ޑޯންޓް ލައި ޓު ޔުއާރސެލްފް. އައި އޮއުން ޔޫ! އަހަންނާ ނުލާ ކަލެއަށް ތި ދިރިއުޅޭ އުޅުމެއް ނުއުޅެވޭނެ. ތި ސެލެބްރިޓީ ލައިފް އަހަންނަށް އެއްކޮށް ބަރުބާދު ކޮށްލެވޭނެ 24 ގަޑިއިރު ތެރޭ. ހަމަޖެހިގެން އުޅެން ބޭނުމިއްޔާ އަހަރެން ބުނާ ގޮތަށް ކަލޭ އުޅެން ޖެހޭނީ! އަޑުއިވިއްޖެ؟” ރާފިލް އިންޒާރެއްގެ ރާގަށް ބުންޏެވެ. އިސާހިތަކު ރާފިލް ގެ ހިތް ވެސް ޒިވް އަށްޓަކައި ނަފްރަތުން ފުރިގެން ދިޔައެވެ.
ރާފިލްގެ އެ ބަސްތަކާއިއެކީ ޒިވް ގެ ރުޅިވެރިކަން ދެގުނަ ވުން ނޫންކަމެއް ނުވިއެވެ. ރާފިލް އޭނައަށް ފަސް ދީފައި ދާން ހިނގައިގަތުމުން ރާފިލްގެ އެ ބަސްތަކަށް ރައްދެއް ދޭން އަނގަ ހުޅުވުނެވެ. އެހެނަސް ރާފިލް އެ ބުނި ބަސްތަކުގެ ތެދުކަން ހަނދާންވުމުން ރުޅިވެރިކަމާއިއެކީ އެއްފައި ބިމުގައި ޖަހާލެވުނެވެ.
ފާފަތަކެއްގެ މައްޗަށް ބިނާވާ ގުޅުމެއްގައި ލޯތްބެއް ނުވާނެކަން ރާފިލްއާއި ޒިވްއަށް އެނގޭނެ ނަމައެވެ. ޙަޤީޤީ ލޯތްބެއް ވާނީ ﷲ ގެ ރުހިވޮޑިގަތުމުގެ މައްޗަށް އެކަލާނގެ ގެ ލޯބިފުޅަށް އެދިގެން ފެށޭ ގުޅުމެއްގައެވެ.
**
އޭގެ އަނެއް ދުވަހުގެ ފަތިސް ނަމާދަށްފަހު އިރު އެރުމުން ދާނިޝް އާއި ހިލްޔާ އެކީގައި ނާސްތާ ކުރިއެވެ. އެމީހުން ކާގެއަށް ދިޔައިރު ދާނިޝްގެ އެދުމުގެ މަތިން ދާނިޝްއަށް ޗައިނާގެ ނާސްތާއެއްގެ ތައްޔާރު ކުރެވިފައިވީއިރު، ހިލްޔާއަށް އެމެރިކާގެ ނާސްތާއެއް ތައްޔާރު ކުރެވިފައިވިއެވެ. ހިލްޔާ އެމެރިކާގެ އެދުނީ ޗައިނާގެ ކާ އެއްޗެހި މީރު ނުވާނެހެން ހީވުމުންނެވެ. އަދި ގޭގައި އެވަގުތު ހުރި ކައްކާއަށް ދިވެހި ކާއެއްޗެހި ތައްޔާރު ކުރަން ނޭނގޭތީވެއެވެ.
އެތައް ދުވަހެއްފަހުން ނިކަން އުފާވެފައި އިން ދާނިޝް ކަމުން ދިޔަ މަންޒަރު ފެނިފައި ހިލްޔާއަށް ހީލެވުނެވެ. ހިލްޔާއަށް ޗައިނާ ކާއެއްޗެހި މީރު ނޫނަސް ދާނިޝްއަށް އެ ކަމުދާތީ އުފާ ކުރެވުނެވެ. އަދި އަމުދުން ދެ ދަނޑިކޮޅުން ދާނިޝް ބަތް ވެސް ކަމުން ދިޔަ ގޮތުން އާގަމަވެފައި ބަލަން އިނދެވުނެވެ. ހިލްޔާ އޭނައަށް ބަލަހައްޓައިގެން އިންނަން ފެށުމުން ދާނިޝް އެ ދެ ދަނޑިކޮޅުން ޑަމްޕްލިންގްއެއް ނަގައި ކާނަންތޯ އެހިއެވެ. ހިލްޔާ ފުރަތަމަ ކުރީ އިންކާރެވެ. އެހެނަސް ދާނިޝް ރަހަބަލާށޭ ބުނަން ފެށުމުން ހިލްޔާ އެއްބަސްވިއެވެ. އެއާއިއެކު ދާނިޝް އެ ޑަމްޕްލިންގް ހިލްޔާގެ ތަށީގައި ބޭއްވިއެވެ. ހިލްޔާ އޭގައި ރަހަ ބެލީ ނުހަނު ޖެހިލުންވެ އިނދެއެވެ. އެހެނަސް ރަހަ ބެލުމާއިއެކު މީރުކަން އެނގުމުން ދެލޯ ބޮޑުވެގެން ދިޔައެވެ. ހިލްޔާއަށް ވީ ގޮތުން ދާނިޝްއަށް ހެވުނެވެ.
ބާކީ ހުރި ޑަމްޕްލިންގް ދާނިޝް ކާން ބޭނުންވެފައި ވިޔަސް އެކަމުގެ ޢިޝާރާތެއް ވެސް ނުދީ ދާނިޝް އެ ތަބައް ހިލްޔާއަށް އެއްކޮށް ދިނެވެ. ހިލްޔާއާއި ސަމާސާ ކޮށްލުމުގެ ގޮތުން ދަނޑިކޮޅުން ކާންވީ ނޫންތޯ ވެސް ދާނިޝް ބުންޏެވެ. އެހެނަސް ހިލްޔާއަށް އެ ދަނޑިކޮޅުން ކެއުން ވީ ދަތިކަމަކަށެވެ. އެ ދަތިކަމާއި އެކީ ވެސް ހިލްޔާ ދަސްކުރަން ބޭނުންވިއެވެ. ދާނިޝްއާއި އެއްގޮތް ވާން ބޭނުންވުމުންނެވެ. ހިލްޔާ ދަސްކުރަން ބޭނުންވީތީ ދާނިޝް ކެތްތެރިކަމާއިއެކީ ހިލްޔާއަށް ދަނޑިކޮޅު ބޭނުންކުރަން ވީ ގޮތް ދައްކައި ކިޔައިދިނެވެ. 15 ވަރަކަށް މިނެޓް ވަންދެން ކިޔައިދިނުމުން ވެސް ހިލްޔާއަށް ވަކި ހިސާބަކަށް ކާއެތިކޮޅު ގެންދެވެނީއެވެ. ދާނިޝް ދަސްކޮށްދިނުން ހުއްޓާލީ ހިލްޔާ ވަރުބަލިވެ، ދެން ފަހުންނޭ ބުނުމުންނެވެ. އޭގެ ރައްދަކަށް ދާނިޝް ލުއި ގޮތަކަށް ހީލުން ނޫންކަމެއް ނުކުރިއެވެ.
ހިލްޔާ އާއި ދާނިޝް ގެ މުޅި ދުވަސް ފުރިފައިވީ މިފަދަ ލޮބުވެތި ވަގުތުކޮޅުތަކުންނެވެ. ނާސްތާއަށްފަހު ދެމީހުން ތައްޔާރުވެގެން ބޭރަށް ދިޔައެވެ. ދާނިޝް ހިލްޔާ ގޮވައިގެން ދިޔައީ ބެއިޖިންގް ގެ ތާރީޚީ ތަންތަނަށެވެ. އެ ތަންތަނުން އިސްލާމްކަމުގެ އަސަރުތައް ފެނުމުން ހިލްޔާ ވަރަށް ބޮޑަށް ޝައުޤުވެރިއެވެ. އެތައް ޒަމާނެއް ކުރިން އެޅިފައިވާ މިސްކިތްތަކުން ޢަރަބި ބަހުން ލިޔެވިފައިވާ ޖުމްލަތައް ފެނިފައި ހިތަށް އަސަރު ކުރިއެވެ. ރަސޫލާ ﷺ ގެ ޒަމާނުއްސުރެ އިސްލާމްދީން ފެތުރެމުން އައިސް މި ޤައުމާއި ހަމައަށް އައިސްފައިވި ގޮތް އިޙްސާސް ކުރެވުމުންނެވެ. ހިލްޔާ އެ އިޙްސާސް ދާނިޝްއާއި ޙިއްސާ ކުރުމުން ދާނިޝް ވެސް އެ ވާހަކަތަކުގައި ބައިވެރިވިއެވެ. އަދި އެ ތަންތަނާއިމެދު ދާނިޝްގެ މަންމަ ދައްކާފައިވާ ވާހަކަތައް ވެސް ޙިއްސާ ކުރިއެވެ. އާދައިގެ މަތިން މަންމަގެ ވާހަކަ ދެއްކިއިރު ދާނިޝް ގެ ލޮލުން ރިހުމެއް ހިލްޔާއަށް ފާހަގަވިއެވެ. ހިލްޔާ އެ ދަތުރު ތެރެއިން ދާނިޝް މަންމަގެ ވާހަކަ ދެއްކި ހިނދު މަންމަ މަތިން ވަރަށް ހަނދާންވޭދޯ އޭ ބުންޏެވެ. ދާނިޝް އޭގެ ރައްދަކަށް އެއްޗެކޭ ނުބުނެ މަޢުޟޫ ބަދަލު ކޮށްލި ގޮތުން، ދާނިޝް ޤަޞްދުގައި އޭނައާއި އެ ވާހަކަ ނުދައްކަނީކަން އެނގުންވިއެވެ.
ހިލްޔާއަށް ގެއަށް ގެންދެވެންދެން ވެސް މި ކަމާއިމެދު ފިކުރު ކުރެވުނެވެ. ދާނިޝްގެ ފަރާތުން ތަޖުރިބާ ކުރެވުމުން ދިޔަ ލޮބުވެތި ބަސްތަކާއި އަޅާލުމުން އެ ފިކުރުތަކާއި ވަރަށް ބޮޑަށް ދުރުވެވިފައި ވިޔަސް، ހިލްޔާ އެ އިޙްސާސާއި ކުރިމަތިލާން ބޭނުންވިއެވެ. ކޮންމެވެސް ގޮތަކަށް ދާނިޝް ފޮރުވައިގެން އެ އުޅޭ އިޙްސާސްތައް ބޭރު ކުރުވަން ބޭނުންވިއެވެ. ހަމައެކަނި ދާނިޝްއަށްޓަކައެވެ. ހިތާމަވެރިކަން ފޮރުވައިގެން އުޅުމަކީ މީހާ ނަފްސާނީ ގޮތުން ވެސް އަދި ޖިސްމާނީ ގޮތުން ވެސް ބަލިކަށި ކުރުވާނެ ކަމެކެވެ. ވީއިރު އޭނަ ދާނިޝް އެ ޙާލަށް ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ؟
އެހެންކަމުން ހިލްޔާ ނުހަނު ވިސްނުންތެރިކަމާއެކީ އެރޭގެ ކާމޭޒުދޮށުގައި އިނދެ ދާނިޝްއާއި ސުވާލެއް ކުރިއެވެ.
“ދާން…ކޮބައިތަ މަންމަ އެންމެ ފަހުން ލިޔުނު ފޮތް؟ ބުނީމެއްނު އަހަންނާ ޝެއާރ ކުރާނަމޭ؟” ގޭގެ ކާމޭޒު ދޮށުގައި އިނދެ، ކުރިމަތީގައި އިން ދާނިޝްއާއި ހިލްޔާ ސުވާލު ކުރިއެވެ. ދެމީހުންނަށް ގެއަށް އާދެވުނީ އެރޭގެ ޢިޝާ ނަމާދު ވަގުތަށެވެ. ޢިޝާ ނަމާދަށްފަހު ދެމީހުން ކާމޭޒު ދޮށުގައި ތިބެ ހަމައެކަނި ސައި ތަށްޓެއް ބޮމުން ދިޔައީ ހަވީރު ރެސްޓޯރެންޓަކުން ކައިގެން ތިބީތީވެއެވެ.
“އޮހް….ހަނދާން ނެތިފަ މިހިރީ. އަސްލު ޝެއާރ ނުކުރެވިފަ މިހިރީ އެއީ ވަރަށް ޕާރސަނަލް ފޮތަކަށްވީމަ. މަންމަ ހުރީ އަހަންނަށް ޑެޑިކޭޓްކޮށް އޭތި ލިޔެފަ.” ދާނިޝް ބުންޏެވެ.
“އޮހް ވާވް! އަދި އިތުރަށް ކިޔާ ހިތްވެއްޖެ މިހާރު. އަޅެ ޕްލީޒް ޝެއާރ ކޮށްލަދީބަލަ.” ހިލްޔާ އާދޭހުގެ ރާގެއް އެޅުވިއެވެ.
“ހެހެ….ކުރިން ބުނެވިފަ އޮތީމަ މެއިލް ކޮށްލަދޭނަން. އެކަމަކު ޕްލީޒް. އަހަރެން ޖަޖް ނުކުރައްޗޭ. ކުޑައިރުގެ ވާހަކަތައް ވެސް ވަރަށް ބައިވަރު އެބަހުރި އެ ފޮތުގަ.” ދާނިޝް ބުންޏެވެ.
“އެހެންތަ؟ ހެހެ….އައި ޑޯންޓް ނޯ އިނގޭ. އައި މައިޓް ޖަޖް ހަމަ. ޖަޖް ނުކުރަން ޓްރައި ކުރާނަން. ޖަޖް ކުރެވުނިއްޔާ ދާންއަށް ޓްރީޓެއް ދޭނަން އިން ޝާ ﷲ.” ހިލްޔާ ލޮލުގައިވި ލާނެތް ވިދުވަރަކާއެކީ ރާގަކަށް ބުންޏެވެ. އެއާއިއެކު ދާނިޝް ހިލްޔާއަށް ބެލިއެވެ. އިސާހިތަކު ދެމީހުންނަށް އެކުއެކީގައި ހީލެވުނީ ކައިވެނީގެ ފުރަތަމަ ރޭގެ ހަނދާނެއް އާވުމުންނެވެ.
**
އޭގެ އިރުކޮޅެއް ފަހުން ހިލްޔާ އިނީ އެނދުމަތީގައި ދާނިޝް ދިން ޓެބްލެޓުން، އުސްތާޒާ އަސްމާގެ ‘ލޯބިވާ ދަރިފުޅު’ ފޮތް ހުޅުވައިގެންނެވެ. ދާނިޝް އޭނައަށް އެ ފޮތް ހުޅުވައިދީފައި ދިޔައީ ނިދަން ތައްޔާރުވާށެވެ. އެހެންކަމުން ހިލްޔާއަށް ފޮތް ކިޔަން ވަގުތުކޮޅެއް ލިބިފައިވިއެވެ.
ހިލްޔާއަށް ފޮތް ކިޔަން ފެށުނީ ވެސް ނޭވާ ހިފަހައްޓައިގެން ހުރެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނަ އުސްތާޒާ އަސްމާ މަތިން ހަނދާންވި މިންވަރު އެނގުންވީ އެ ބަސްތައް ކިޔަން ފެށުމުންނެވެ. އެހިނދު ނޭނގުމެއްގެ ތެރެއިން ވެސް ލޮލުން ކަރުނަތައް ނިރާލިއެވެ. އުސްތާޒާގެ އެ ލޮބުވެތި ހިނިތުންވުމާއި އޯގާތެރިކަން ހަނދާންވުމުންނެވެ. އޭނައަށް މިހާވަރު ވާނަމަ، ދާނިޝްގެ ހިތުތެރޭގައި ވާނީ އަދި ކިހާ ބޮޑު ހިތާމައެއްތޯ އެވަގުތު ހިތަށްއެރިއެވެ.
ފޮތް ކިޔުމުގެ ތެރެއިން ހިލްޔާ އެއްދުވަހު ޚަލަޤާއެއްގައި އުސްތާޒާ ދެއްކި ވާހަކައެއް ހަނދާންވިއެވެ. އެ ވާހަކައިގެ ތެރެއިން ޙިއްސާ ކުރި ޙަދީޘެއް ރަނގަޅަށް ހަނދާނަށް ނުގެނެވުމުން އެ އޮންލައިން ޚަލަޤާގެ ރެކޯޑިންގް ބަލާލަން ބޭނުންވިއެވެ. އެހެންކަމުން ޓެބްލެޓުން ދާނިޝްގެ މެއިލް އިން ލޮގް އައުޓް ވެލަމުން އޭނަގެ މެއިލްއަށް ލޮގިން ވެލިއެވެ. އަދި ގޫގުލް ޑްރައިވް އިން ޚަލަޤާތަކުގެ ފޯލްޑާ ހުޅުވާލިއެވެ. އެއާއިއެކު އުސްތާޒާ އަސްމާގެ ސޫރަތައް ހުރި ތަމްބްނެއިލް ފެނުނެވެ. ހިލްޔާ އޭގެއިން ތަމްބްނެއިލްއަކަށް ފިތަން އުޅުނު ވަގުތު ދާނިޝް ގެ އަޑު އިވުނެވެ.
“ކިހާ ހިސާބަކަށް ކިޔާލެވިއްޖެ؟ އައްދެ! ހާދަ ގެއްލިފައޭ ދޯ ހުރީ. ހެހެހެ…” ނިދަން ލައި އުޅޭ މަޑު ނޫކުލައިގެ ޓީޝާޓަކާއި ގަދަ ފެހިކުލައިގެ ސޯޓެއް ލައިގެން އައި ދާނިޝް، އެ ސުވާލު ކުރުމާއިއެކު ހިލްޔާ ސިއްސައިގެން ދިޔުމުން ދާނިޝް ހީލެވުނެވެ.
“ހެހެ…ގެއްލޭނެއެއްނު؟ ރިއަލީ ގުޑް ރީޑް އޭ. ނިދިވެސް ފިލައިފި.” ހިލްޔާ ބުންޏެވެ.
“އެނގެއޭ ގުޑް ރީޑްއެއް ކަން. އެކަމަކު ނިދާލަންވެސް ވާނެދޯ؟ ނޫނީ ދަމުނަމާދަށް ހޭލަން ކަންނެތް ވާނީ.” ދާނިޝް ހަނދާން ކޮށްދެމުން އެނދަށް އެރިއެވެ.
“ޓްރޫ. އަންނާނަން ރެޑީ ވެލައިގެން. އަދި 10 ޕޭޖް ކިޔާލާފަ ނިދާނީ އިން ޝާ ﷲ.” ހިލްޔާ އަތުގައި އޮތް ޓެބްލެޓް ހެޑްބޯޑު މަތީގައި ބާއްވަމުން ބުންޏެވެ. ހިލްޔާ އަވަސްއަވަހަށް އެނދުން ފައިބައިގެން ދިޔަ މަންޒަރު ފެނިފައި ދާނިޝްއަށް ހީލެވުނެވެ.
ހިލްޔާ ލޯމައްޗަށް ގެއްލުމުން، އެނދުގައި އިށީނދެ އިން ދާނިޝްއަށް ހެޑްބޯޑް މަތީގައި އޮތް ޓެބްލެޓަށް ނަޒަރެއް ދިނެވެ. އަދި ނުފިލާ ހިނިތުންވުމަކާއެކީ ޓެބްލެޓް ނެގީ، ހިލްޔާއަށް ފޮތް ކިޔާލެވުނު ހިސާބެއް ދެނެގަތުމުގެ ޝައުޤުގައެވެ. އެހެނަސް ޓެބްލެޓް ހުޅުވާލި ވަގުތު ފެނުނު ދާނިޝްގެ ހިނިތުންވުން ފަނޑުވިއެވެ.
ނުނިމޭ

May 18, 2026 @ 4:13 pm
Salaam readers. Dhen oiy bai 27th May ga In Sha Allah. Juggling assignments with work currently. Alhamdhulillah ‘alaa kulli haal. Sometimes we forget that the struggles we are in is also part of an answered dua Subhaanallah.
Would like to remind all readers that we are currently in the first 10 days of Dhul Hijjah. Days that are considered the best days. So strive to do as many good deeds as you can. Fast, recite Quran, do zikr, make lots and lots of dua. This is a reminder to myself first.
May Allah accept our good deeds from us and answer all our duas that lead us to the best in this life and the next. Aameen!