ނަފްސީ (ހަތްދިހަ ހަވަނަ ބައި)
އެހިނދު ދާނިޝް ހިލްޔާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އެ ނިތުގައި ބޮސްދިނުމަށްފަހު ލޯބިވާ ވާހަކަ ބުންޏެވެ. ހިލްޔާ ވެސް ލޯބިވާ ވާހަކަ ބުނުމުން ދާނިޝް ހިތާއި ދެކޮޅަށް ހިލްޔާއަށް ފަސްދީފައި ދާން ހިނގައިގަތެވެ. ހިތާހިތުން އޭނަގެ ލޯބިވާ އަނބިމީހާގެ ރައްކާތެރިކަމަށްޓަކައި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.
**
ދާނިޝް އޮފީހަށް ދިޔުމަށްޓަކައި ގަޑިއިރެއްގެ ދަތުރެއް ކަނޑައްތު ކުރަންޖެހުނެވެ. އޮފީހަށް ގެންގޮސް ދިނުމަށް ޑްރައިވަރަށް އެންގީ އެ ދަތުރުމަތިން ވެސް އޮފީހުގެ ޙާލަތު ހުރި ގޮތް ދެނެގަތުމަށް އޮފީހުގެ ބައެއް ތަފާސް ހިސާބުތަކާއި ވެފައިވާ އެއްބަސްވުންތައް ކިޔުމަށެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެ ދިޔަ 2 މަސް ތެރޭގައި ކުންފުންޏަށް މަދުން ނަމަވެސް ގެއްލުންތަކެއް ވެފައިވެއެވެ. މިސްޓަރ ޝިންގް ބަލިވެ އުޅޭ ޚަބަރުތައް ފެތުރެން ފެށި ފަހުންނެވެ. މީގެ މަހެއްހާ ދުވަސް ކުރިން ވެސް ދާނިޝްއަށް މިފަދަ ތަފާސް ހިސާބުތައް ފެނިފައިވެއެވެ. ދާނިޝް ހީކޮށްގެން ހުރީ އަބަދުގެ ވެސް އާދަ ފަދައިން ދުވަސްކޮޅަކުން ފައިދާ ޖެހެން ފަށާނެ ކަމަށެވެ. އެހެނަސް އެކަން އެހެން ވެފައެއް ނެތެވެ. ވަކިން ޚާއްސަކޮށް ޖަޕާނުގައި ކުންފުނީގެ ލޭބަލް ޖަހައިގެން އެހެން ބަޔަކު ވިއްކާ މޭވާއަކުން މީހުން ބަލިވެސް ވަމުން ދާކަމަށް ބެލެވޭ ދިރާސާއެއް ވެސް ޖަޕާނުގައި ޝާއިޢު ކުރެވިފައިވުމުންނެވެ. އެ ދިރާސާގައި އެއީ ކޮން ދަނޑެއްގެ ވާހަކަކަން ލިޔެވިފައި ނުވިޔަސް، އެ ދިރާސާގެ ސަބަބުން ޢާއްމު މީހުންގެ ތުންތުންމަތިން ޗީފް އޯރގެނިކްގެ ވާހަކަ ދެކެވެން ފަށާފައިވެއެވެ. ޖަޕާނުގައިވާ ޗީފް އޯރގެނިކްގެ ގޮތްޕަށް އަދި މާ ބޮޑަށް ގެއްލުންވަމުން ދާ އެއް ސަބަބަކީ އެއީ ކަމަށް ބެލެވެއެވެ. އަދި ހަމަ އެހެންމެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުން ކުންފުންޏާއި މެދު ދެކޭ ނަޒަރިއްޔާތު ވެސް ގޯސްވަމުން ދާ ކަމަށް އެޗްއާރު ޑިޕާޓްމެންޓުން މީގެ 2 ހަފްތާ ކުރިން ހެދި ސާރވޭއަކުން ދައްކަމުން ދިޔައެވެ.
ކުންފުނީގެ ތަފާސް ހިސާބުތަކަށް ބަލަން އިނދެ އެ ހުރިހާ ކަމަކާއިމެދު ވިސްނަމުން ދާނިޝް އޭނަގެ ކޯޓުގެ އެތެރޭގައި ހުރި ޖީބުން އޭނަގެ ފޯނު ނެގިއެވެ. އެއަށްފަހު އޭނަގެ ސެކްރެޓަރީއެއް ގުޅާލިއެވެ.
“ޖިއެންއަށް ވެސް ބާއްޖަވެރި ހެނދުނެއް. ސާރ މި ގުޅާލީ ކަމަކު. ގަޑިއިރެއްހާއިރު ތެރޭގަ އެމަޖެންސީ ބޯޑް މީޓިންގްއެއް ބާއްވަން ބޯޑް މެމްބާރސްއަށް މެއިލްއެއް ފޮނުވާ. ސާރ މި އަންނަނީ އޮފީހަށް 10 މިނެޓް ތެރޭ.” އެކޮޅުން ސެކްރެޓަރީ އޭނައަށް ބާއްޖަވެރި ހެނދުނަކަށް އެދުމާއިއެކު ދާނިޝް ޗައިނާ ބަހުން އެންގިއެވެ. ޖިއެން އެކޮޅުން އާނއެކޭ ބުނިގޮތުން އެތައް ގޮތަކުން ޖިއެންއަށް ޝޮކެއް ލިބިއްޖެކަން ދާނިޝްއަށް ނަގައިގަނެވުނެވެ. ފުރަތަމަ ކަމަކަށް އޭނަ އަންނަން އޮތް ދުވަހަށްވުރެ އަވަސް ދުވަހެއްގައި އަންނާތީވެއެވެ. ދެވަނަ ކަމަކަށް ހަމަ އަންނަހާއިރަށް ބޯޑް މީޓިންގްއެއް ބާއްވަން އުޅޭތީވެއެވެ. އެކަމާ ދާނިޝް ހިސާބަކަށް ދެރަވިއެވެ. ޖިއެންއަށް ތަންކޮޅެއް ކުރިން އެންގުނުނަމައޭ ހިތަށްއެރިއެވެ. ކިތަންމެ ބުރަވިޔަސް އެއްވެސް މުވައްޒަފަކަށް ދަތިވާނެ ގޮތަކަށް ފަހު ވަގުތު ކަމެއް ކުރުމަކީ އޭނަގެ ގޮތެއް ނޫނެވެ. އެހެނަސް އޮފީހުގެ ޙާލަތު ހުރި ގޮތުން އަވަސް ފިޔަވަޅެއް އެޅުން މުހިއްމު ކަމަށް އޭނައަށް ދެކެވުނެވެ.
10 މިނެޓް ތެރޭގައި ދާނިޝްގެ ކާރު ބެއިޖިންގް ގެ ތަރައްޤީވެފައިވާ ހިސާބުގައި ހުރި ޗީފް އޯގެނިކް ގެ 40 ފަންގިފިލާގެ ޢިމާރާތާއި ގާތްވިއެވެ. ދާނިޝްގެ ޑްރައިވަރު އުޅުނީ ޢިމާރާތުގެ މައިދޮރުގެ ބަދަލުގައި ޢިމާރާތުގެ އެއްފަރާތުގައި ހުންނަ ދޮރެއްގެ ކައިރިއަށް ކާރު މަޑު ކުރާށެވެ. އެހެނީ އޮފީހުގެ އިސް މަޤާމުގައި އުޅޭ މީހުން ވަދެ އުޅެނީ އެ ދޮރުން ކަމަށްވާތީވެއެވެ. އެހެނަސް ދާނިޝް ޑްރައިވަރު ގާތު އޮފީހުގެ މައިދޮރު ކައިރިއަށް މަޑުކުރަން އެންގީ، މިއަދު މުވައްޒަފުންނަށް ފެނިލުން މުހިއްމުހެން ހީވުމުންނެވެ. މުވައްޒަފުން ކުންފުންޏާއިމެދު ދެކޭ ނަޒަރިއްޔާތު ދަށްވާ އެއް ސަބަބަކީ ކުންފުންޏަށް ކުރިމަތިވެފައިވާ މި ހައްސާސް ވަގުތުގައި ކުންފުނީގައި އިސްފަރާތެއްގެ ހިންގުންތެރިކަން މިވަގުތު ނެތްހެން ހީވުމެވެ. އެހެންކަމުން ދާނިޝް އޭނަ އަނބުރާ އައިކަން މުވައްޒަފުންނަށް އަންގަން ބޭނުންވިއެވެ.
އެހެންކަމުން ދާނިޝް އޮފީހުގެ ކުރިމަތީގައި ކާރު މަޑުކުރުމުން އަމިއްލައަށް ކާރުގެ ދޮރު ހުޅުވިގެން ދިޔުމުން ކާރުން ފޭބިއެވެ. އެއަށްފަހު އެތައް ދުވަހެއްފަހުން އޮފީހަށް އާދެވުމުން ފުން ނޭވައެއް ދޫކޮށްލުމަށްފަހު މުޅި އެ ޢިމާރާތަށް ފުރިހަމަ ނަޒަރެއް ދެވުނެވެ. އެންމެ މަތީގައި ހަރު ކުރެވިފައިވާ ކުންފުނީގެ ނަމާއި ލޯގޯއަށް ބަލަހައްޓައިގެން ދާނިޝް ސިކުންތުކޮޅަކަށް ހުއްޓެވެ. އެއާއިއެކު އެ ކުންފުނީގެ މަޤްޞަދަކީ ކޮބައިކަން ހަނދާންވުމުން ވަރުގަދަ ޢަޒުމަކާއެކީ އޮފީހުގެ މައިދޮރާއި ދިމާލަށް ހިނގައިގަނެވުނެވެ.
ދާނިޝް އެ ބިއްލޫރި މައިދޮރާއި ގާތްވީވީހެން ދޮރުގެ ދެ ފަރާތުގައި ތިބި ޗައިނާގެ ދެ ސެކިއުރިޓީ ގާޑުން އޭނައަށް ބާއްޖަވެރި ހެނދުނަކަށް އެދި ބޯލަނބައި ގުދުވެލިއެވެ. އެ މަންޒަރު ފެނިފައި ދާނިޝް ވެސް ބާއްޖަވެރި ހެނދުނަކަށް އެދުނީ އެމީހުންގެ އެ ޙަރަކާތާއިމެދު ހިތަށް އުދަގޫވެފައި ހުރެއެވެ. އިންސާނަކު ﷲ ފިޔަވައި އެހެން މީހަކަށް ބޯލަނބަން ނުޖެހޭކަން މިހާރު އެ ހިތަށް އިޙްސާސްވެފައިވީ މާ ބޮޑަށެވެ.
ކޮންމެ ގޮތެއްވިޔަސް އޮފީހުގައި ކުރަންޖެހިފައިވާ މަސައްކަތުގެ ގިނަކަން ހަނދާންވެ އެ ވަގުތު އެ ވާހަކަ ނުދައްކަން ދާނިޝް ނިންމިއެވެ. އެހެނަސް އޮފީހުގެ ދޮރުން ވަން ވަގުތު މައިދޮރުގެ ދެކޮޅުގައި ރޮނގަކަށް ހުއްޓިގެން ތިބި ހުރިހާ މުވައްޒަފުން އޭނަ ފެނުމާއިއެކު އެކުއެކީގައި ގުދުވެލައިފިއެވެ. އެ މަންޒަރަކާއިއެކު ދާނިޝް ހުއްޓުން އަރައި ފިޔަވަޅުތައް މަޑުޖެހޭ ގޮތްވިއެވެ. މީގެ ކުރިން ވެސް ދާނިޝް މި މައިދޮރުން ވަދެގެން އަންނައިރު ވަކިވަކި މުވައްޒަފުން އޭނައާއި ‘ސަލާމް’ ކުރަނީ މިފަދައިންނެވެ. މަންމަ އެކަން ހުއްޓުވަން އޭނަ ގާތު އެންގިއެއްކަމަކު އޭރު ދާނިޝްއަށް އެކަން މާ ބޮޑުކަމަކަށް ނުވީތީ މަނަލެއް ނުކުރެއެވެ. މަނާ ނުކޮށް ހުއްޓާ މިއަދު އޭނައަށްޓަކައި ގުދުވެލައިގެން މިތިބީ މި ފްލޯގައި އުޅޭ ހުރިހާ މުވައްޒަފުންހެން ހީވެއެވެ. އެއީ ކީއްވެކަމާއިމެދު އޮޅުން އަރާފައިވާ ޙާލު އެއްޗެކޭ ވެސް ނުބުނެވިފައި ދާނިޝްއަށް އިރުކޮޅެއް ވަންދެން ހުރެވުނެވެ.
ދާނިޝް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ކުރިމަތިން އޭނަ ގާތަށް އަވަސް ފިޔަވަޅުތަކެއްގައި ޖިއެން މާ ބޮނޑިއަކާއެކީ އަންނަ މަންޒަރު ފެނުނެވެ.
“ވަރަށް ވަރަށް ވަރަށް ހޫނު މަރުޙަބާއެއް ދާނިޝް ސާރ. ސާރ އަނބުރާ އަންނަކަން ނޭނގޭތީ ކުރިން މާ ބޮޑު ތައްޔާރީއެއް ނުވެވޭ. މި އަޅުގަނޑުމެން އެންމެންގެ ފަރާތުން ޤަބޫލު ކުރައްވާ.” ޖިއެން ވެސް ދާނިޝްގެ ކުރިމަތީގައި ގުދުވެލަމުން ކަޅުކުލައިގެ ގަނޑާއި އެކި ކުލަކުލައިގެ މާތަކުން ހެދިފައިވާ މާ ބޮނޑި ދާނިޝްއަށް ދިއްކޮށްލިއެވެ.
ލަސްލަހުން މާ ބޮނޑި ހޯދި ދާނިޝް އާއި ސީދާ ކުރިމައްޗަށް ވާ ގޮތަށް އޭނައާއި ދާދި އެއް ޢުމުރެއްގެ ޖިއެން ގުދުވެލައިގެން ހުރުމުން ދާނިޝްގެ ހިތަށް އަދި މާ ބޮޑަށް އުދަގޫވިއެވެ. މި ހުރިހާ ދުވަހުވެސް އޭނައަށް މިކަން ނުހުއްޓުވުނު ކަމަށްޓަކައި އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެކަން ހުއްޓުވިދާނެ މަޤާމެއް ﷲ އޭނައަށް ދެއްވާފައިވިޔަސް އޭނަ މިހާތަނަށް އެކަން ކޮށްފައެއް ނުވެއެވެ.
އެހެންކަމުން އެވަގުތުން ވަގުތަށް ވެސް އެކަމަށްޓަކައި ފިޔަވަޅެއް އަޅަން ދާނިޝް ބޭނުންވިއެވެ.
“އިސްއުފުލާލާ ޖިއެން. ދެން ތިބި ހުރިހާ ބޭފުޅުން ވެސް. ސީދާ އަޅުގަނޑަށް ބައްލަވާ.” ދާނިޝް ޗައިނާގެ މާތް ބަހުން ޖިއެން އާއި ދެން ތިބި މުވައްޒަފުންނާއި ވެސް މުޚާތަބު ކުރިއެވެ. އެހިނދު ޖިއެން ޙައިރާންކަމާއެކު އިސްއުފުލާލި ހިނދު ދެން ތިބި މުވައްޒަފުން ވެސް ސީދާވެލަމުން އޮޅުން އަރާފައިވާ ނަޒަރުތަކާއެކީ އެކަކު އަނެކަކަށް ބަލަމުން ދާނިޝްއަށް ނަޒަރު ހުއްޓާލިއެވެ.
“އަޅުގަނޑު މި ދައްކާ ވާހަކަ އަޑުއައްސަވާ. އަޅުގަނޑާއި ތި ބޭފުޅުންނާއި މާ ބޮޑު ތަފާތެއް ނެތް. އަޅުގަނޑަކީ މިއީ އިންސާނެއް. ހަމަ ތި ބޭފުޅުން ފަދައިން. އަޅުގަނޑު ވެސް ހަމަ ތި ބޭފުޅުން ފަދައިން ކައިބޮއި ހަދާ މީހެއް. އަޅުގަނޑު މި ކުންފުންޏަށްޓަކައި ބުރަ މަސައްކަތް ކުރާ ފަދައިން ތިބޭފުޅުން ވެސް ކުރާކަން އަޅުގަނޑަށް އެނގޭ. އެހެންވީމަ އަޅުގަނޑަކީ ކިތަންމެ މަތީ މަޤާމެއްގެ މީހަކަށް ވިޔަސް ތި ބޭފުޅުން އަޅުގަނޑަށް ތި ފަދައިން ބޯލަނބަން ޖެހޭ ކަމަށް ޤަބޫލެއް ނުކުރަން. އިޙްތިރާމް އަދާ ކުރުމުގެ ގޮތުން އަޅުގަނޑަށް ބާއްޖަވެރި ހެނދުނެއް ނޫނީ ބާއްޖަވެރި ދުވަހަކަށް އެދިލައްވާ. އެހެންނޫނީ ހުރިހާ މުވައްޒަފުން ވެގެން އެކަކު އަނެކަކާ ބައްދަލުވާ ހިނދު ކިޔާނެ ބަހަކާއިމެދު މަޝްވަރާ ވެސް ކުރެވިދާނެ. އަޅުގަނޑު ބޭނުމެއް ނުވޭ ތި ބޭފުޅުންނަކީ އެއްވެސް މީހެއްގެ ކުރިމަތީގައި އިސްދަށަށް ޖަހައި ނިކަމެތިވުމުގެ ގޮތުން ބޯލަނބާ ބަޔަކަށް ވާކަށް. އެނގޭ އެއީ މި ޤައުމުގެ ޘަޤާފަތްކަން. ތިބޭފުޅުން އޮފީހުން ބޭރުގައި އެގޮތަށް އުޅުއްވިޔަސް މި އޮފީހުގެ ޘަޤާފަތުން އެކަން ނައްތާލަން އަޅުގަނޑު އެބަ ވިސްނަން. އެއީ ޗީފް އޯގެނިކްގެ ޓީމަކީ ނިކަމެތިވެގަންނަ ބައެއް ނޫން. މީހަކަށް ވެސް އަދި ޙާލަތަކަށް ވެސް. އަޅުގަނޑުމެން ސީދާ ކުރިމަތިން ފެންނަން އޮތް މަގަށް ބަލަހައްޓައިގެން ދާނީ ކުރިއަށް، އިން ޝާ ﷲ.”
ދާނިޝް ޗައިނާ ބަހުން އެ ވާހަކަ ދެއްކީ، ދީނަށް އަލި އެޅުވުމެއް ނެތިއެވެ. އޮފީހުގައި އެކި ދީންތަކުގެ މީހުން އުޅޭ ކަން ދަނެގެންނެވެ. ކަންމިހެން އޮތްއިރު އިސްލާމްދީނުގެ ޝިޢާރެއްގެ ގޮތުގައި ބޯލެނބުން ހުއްޓުވަން އުޅުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެވަގުތު ނުފެނުނެވެ. ދީނުގެ ކަމެއް ގަދަ ބާރުން ކުރުވުމަކީ، ބަޔަކު މީހުން ދީނާއި ދުރު ވެސް ވެދާނެ ކަމެއްކަން ދާނިޝްއަށް ވިސްނުނީތީވެއެވެ. އެހެނަސް އެންމެ ފަހު ބަސްތަކަކަށް ‘އިން ޝާ ﷲ’ އިތުރު ކޮށްލެވުނީ، އެ ބަސްތަކާއި ނުލައި މުސްތަޤްބަލުގެ ވާހަކައެއް ދައްކަން އެއްގޮތަކަށް ވެސް ހިތް ނޭދުމުންނެވެ.
ދާނިޝްގެ ވާހަކަ ނިމުމުން އެންމެން މަރުހިމޭންކަމެއްގައި ސިކުންތުކޮޅެއް ވަންދެން އޭނައަށް ބަލަހައްޓައިގެން ތިއްބެވެ. އެހިނދު ދާނިޝް ގެ ހިތް ހިސާބަކަށް ނުތަނަވަސްވިއެވެ. އޭނައަށް އަދި އޮފީހަށް ރަނގަޅަށް ނުވަދެވެނީސް މުވައްޒަފުން ކުރެން މި އެދެވުނީ މާ ބޮޑު ކަމަކުތޯ ހިތަށްއެރިއެވެ. ފަހު ބަސްތަކުގައި ﷲ ގެ ނަންފުޅު ގަނެވިގެން ދިޔުމުން މުސްލިމް ނޫން މުވައްޒަފުން ނުރުހުންވީތޯ ވެސް ހިތަށްއެރިއެވެ.
މިފަދަ ޚިޔާލުތަކުގައި ދާނިޝް ހުއްޓާ އޭނަގެ ކުރިމަތީގައި ހުރި ޖިއެން އަތްތިލަ ބަޑިއެއް ޖެހިއެވެ. އެހިނދު ދާނިޝްއަށް ޖިއެން އާ ދިމާލަށް ބަލާލެވުނެވެ. އެހިނދު ޖިއެން އަތްތިލަ ބަޑިޖަހަން ފެށުމުން ދެން ތިބި މުވައްޒަފުންގެ ވެސް އަތްތިލަ ބަޑީގެ އަޑު މުޅި ތަނުގައި ގުގުމަން ފެށިއެވެ. އެއާއިއެކު ދާނިޝްއަށް ވަށައި ނަޒަރެއް ދެމުން ހިނިތުންވެލެވުނެވެ. އެހިނދު ޖިއެން ވާހަކަ ދެއްކިއެވެ.
“މިއީ ހަމަ ދާނިޝް ސާރ ކުރެން އަޅުގަނޑުމެން އުއްމީދު ކުރި ގޮތް. އެނގޭ ކޮންމެވެސް ހިތްވަރުދޭ ބަސްތަކަކުން ކަން ދުވަސް ފަށާނީ.” ޖިއެން ފުރިހަމަ ހިނިތުންވުމަކާއެކީ ބުންޏެވެ. އެހިނދު އެހެނިހެން މުވައްޒަފުން ވެސް އެއްބަސްވުމުގެ ގޮތުން ބޯޖަހަމުން ހިނިތުންވަމުން ދިޔައެވެ. އެހިނދު ދާނިޝްއަށް ލިބުނު ހިތްހަމަޖެހުމާއިއެކު ލުއި ގޮތަކަށް ހީލެވުނެވެ. މިއީ ވެސް އޭނަ ސީއީއޯއަކަށް ވުމަށް ލިބުނު ފެހި ސިގްނަލެއްގެ ގޮތުގައި ފެނުނެވެ.
“ހިނގާ މަސައްކަތް ފަށަމާ ޖިއެން. ހުރިހާ ބޭފުޅުންނަށް ވެސް އޮފީހުގައި ވަރަށް ކާމިޔާބު ދުވަހަކަށް އެދެން!” ދާނިޝް ޖިއެންއަށް އެންގުމަށްފަހު ހުރިހާ މުވައްޒަފުންނަށް ވާ ގޮތަށް ބުންޏެވެ. އެހިނދު އަނެއްކާވެސް ވަރަށް ގިނަ މުވައްޒަފުންނަށް ގުދުވެލެވެން އުޅެވުނެވެ. އެހެނަސް އޭގެ ކުރިން ސީދާ ވެލަމުން އެކަކު އަނެކަކާއި ހެމުން ކަހަލަ ގޮތަކަށް ކެބިންތަކަށް އަނބުރާ ދާން ފެށިއެވެ. ދާނިޝް ހީކުރި ވަރަށްވުރެ އަވަހަށް އޭނަ ބުނި ބަހާއި އެއްގޮތަށް މުވައްޒަފުން އުޅެން ފެށުމުން ހިތްހަމަޖެހުމެއް ލިބުނެވެ. ﷲ ތަޢާލާ އިންސާނާއަށް އަމުރު ކުރައްވާ ގޮތަކަށް ކަންތައް ކުރުމުން، އޭގެ ނަތީޖާ ނެރުއްވަނީ ހަމައެކަނި އެކަލާނގެތާއޭ ހިތަށްއެރިއެވެ.
ދާނިޝް އަހަރެއްހާ ދުވަސްފަހުން ވެސް އޭނަގެ ތަނަވަސް ކެބިންއަށް ގޮސް ވަންއިރު ކެބިން އޭނައަށްޓަކައި ތައްޔާރު ކުރެވިފައިވިއެވެ. އެ ކެބިން ބޭނުން ނުކުރެވުނަސް ޤަވާޢިދުން އެ ކެބިންގެ ކަންތައް ރަނގަޅަށް ބެލެހެއްޓިފައިވާކަން އެނގެއެވެ. އޭނަގެ ފުޅާ މޭޒުދޮށުގައި ހުރި ބޮޑު، ކަޅުކުލައިގެ ގޮނޑީގައި އިށީނދެވުމާއިއެކު އަނެއްކާވެސް ސީއެފްއޯ ގެ އެ މަޤާމުގައި އޭނަ އަދާ ކުރާ ވަޒީފާ ހަނދާންވިއެވެ. އޭނަ އެކަންތައް ކުރާ ހިތްވާ މިންވަރު ވެސް ހަނދާންވިއެވެ. ގެއްލުންވަމުންދާ މި ކުންފުނި ނަގަހައްޓަން ވަރުގަދަ ޢަޒުމެއް ކަނޑައަޅަމުން ދާނިޝް ބިސްމި އާއި އެކީ ކޮމްޕިއުޓަރު ހުޅުވައި މަސައްކަތް ފެށިއެވެ. މަސައްކަތް ފެށިތާ މާ ގިނައިރެއް ނުވެ ބޯޑް މީޓިންގް މެންދުރަށް ތާވަލުވެގެން ދިޔަ ވާހަކަ އެ ކެބިންއަށް އައި ޖިއެން އޭނައަށް އެންގިއެވެ. ޖިއެންއަށް ޝުކުރު އަދާ ކުރުމަށްފަހު ފޮނުވާލަމުން ދާނިޝްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ސީއީއޯގެ މަޤާމަކީ އޭނައަށް އެންމެ ރަނގަޅު ގޮތް ކަމަށް ވާނަމަ އެކަން އޭނައަށްޓަކައި ފަސޭހަ ކޮށްދެއްވުމަށް އެވަގުތު ވެސް ތަކުރާރުކޮށް ދުޢާ ކުރެވުނެވެ.
**
ދާނިޝް ދިޔުމުން ހިލްޔާ ހިސާބަކަށް ފޫހިވާ ގޮތްވިއެވެ. އެހެނަސް ދުވަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެދުވަހު ކުރެވޭނެ ކަންތައްތައް ރާވާލިއެވެ. މިގޮތުން ހިލްޔާ ދާން އުޅޭ ހޮސްޕިޓަލްގެ އިންޓަވިއުތަކާއި މެދު އިތުރަށް ހޯދައި އެކަމަށް ތައްޔާރުވިއެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ބޭނުންވާ ވަރަށް ޤުރުއާން މުރާޖަޢާ ނުކުރެވުމުން ޤުރުއާން މުރާޖަޢާކޮށް އެދުވަހު ހިތުދަސް ކުރަން ރޭވިފައިވާ ބައި ހިތުދަސް ކުރިއެވެ. ދަރުހެއް ބެލުމަށްފަހު މަރީ އާއި ލާނާއާއި ވާހަކަ ދައްކަން ވަގުތުކޮޅެއް ހޭދަ ކުރިއެވެ. ތިން މީހުން ދަނީ އުސްތާޒާ އަސްމާގެ ޙަލަޤާތަކުގައި އުޅުނު އުޚްތުންނާއި އެކީގައި ވެގެން އޮންލައިން ޙަލަޤާތައް ފަށައިގެންނެވެ. އުސްތާޒާ އަސްމާގެ ފޮތެއް ކިޔުމަށްފަހު ނޫނީ ދަރުހެއް ބެލުމަށްފަހު ހުރިހާ އުޚްތުންނަށް އެއިން ލިބުނު ޢިބްރަތްތައް ޙާޞިލު ކުރާ ސެޝަންތަކެވެ. މަރީއާއި ލާނާއާއި މަޝްވަރާ ކުރެވުނީ އެ ސެޝަންތައް އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތަކާއި މެދުގައެވެ.
އެ ޗެޓް ނިމުނު ތަނާހެން ހިލްޔާގެ ސްކްރީނުން ރަތް ހިތަކާއެކީ ލިޔެވިފައިވާ ‘ދާން’ ގެ ނަން ފެނިގެން ދިޔުމުން ހިލްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އިސާހިތަކު ހިލްޔާ ސިޓިންގް ރޫމުގެ ސޯފާގައި އިނދެ އެ ކޯލު ރިސީވްކޮށް ފޯނު ކަންފަތުގައި ޖެއްސިއެވެ.
“އައްސަލާމްޢަލައިކުމް!” ހިލްޔާ ހެވިފައި އިނދެ ދިގުކޮށް ސަލާން ގޮވާލިއެވެ.
“ވަޢަލައިކުމުއްސަލާމް…ހާދަ ގޯހޭ. ފިރިމީހާ އޮފީހަށް ދިޔައިމަ މެސެޖެއް ވެސް ކޮށްނުލާ މެންދުރު ވީއިރުވެސް.” އޮފީހުގެ ކޮރިޑޯއަކުން ހިނގާފައި ދަމުން ދާނިޝް ފޯނުން ވާހަކަ ދެއްކިއެވެ.
“އަޅޭ…ސޯ ސޮރީ. ހީކުރީ ފިރިމީހާ އޮފީހުގަ ބިޒީވާނެ ކަމަށް. އެހެންވެ އުދަގޫ ނުކުރަން ވެގެން މެސެޖު ނުކުރީ. ކުރާ ހިތްވެ ހުރެވެސް ނުކުރީ އެހެންވީމަ.” ހިލްޔާ ހިސާބަކަށް ދެރަވެފައި އިނދެ ބުންޏެވެ. އެއީ ދާނިޝް ސަމާސާއަކަށް ބުނި ވާހަކައަކަށް ވިޔަސް ދާނިޝް އެއްވެސް ގޮތަކުން ދެރަވާން ހިލްޔާ ބޭނުމެއް ނުވެއެވެ. އެހެން ކަމަކަށްޓަކައި ނުވިޔަސް އެއީ ﷲ އެންމެ ރުހިވޮޑިގެންވާނެ ގޮތް ނޫންކަން އެނގޭތީވެއެވެ.
“އޯންވް…ހާދަ ލޯތްބޭ އެހެންވީމަ. އަސްލުވެސް ވަރަށް ބިޒީ. އެހެންވީމަ ހިލޫއަށް ވެސް މެސެޖު ނުކުރެވި ހުރީ. އެކަމަކު ކޮންމެ ދެ މިނެޓަކުން އެބަ ހަނދާންވެއޭ ހިލޫ މަތިން. ހެހެހެ….މެންދުރު ކައިފިންތަ؟” ދާނިޝް ދެންވެސް ހިނގަމުން ވާހަކަ ދެއްކިއެވެ.
“އަދި ނުކަން. ދާން ކައިފިންތަ؟” ހިލްޔާއަށް ހިނިތުންވުމަކާއެކީ އަހާލެވުނެވެ. ދާނިޝް ކުރި ތަޢުރީފާއި އެ ހީލުމުގެ އަޑު އިވުމުން ހިލްޔާގެ ހިތް އުފާވިއެވެ.
“އަދި ނުކަން. ހަމަ ވަގުތެއް ނުވެފަ. މިވަގުތު މި ވަންނަން އުޅެނީ ވަރަށް މުހިއްމު މީޓިންގްއަކަށް….އަހަންނަށްޓަކައި ދުޢާ ކޮށްދެއްޗޭ.” ދާނިޝް މުށިކުލައިގެ ދެ ފަރާތަށް ހުޅުވޭ ދޮރެއްގެ ކައިރީގައި މަޑުކޮށްލަމުން
“އޮފްކޯސް! އަބަދުވެސް ދާން އަށް އެންމެ ރަނގަޅު ގޮތް މެދުވެރިވުމަށް އެދި ދުޢާ ކުރަން.” ހިލްޔާ ހިތުގެ އަޑިން ހެޔޮ އެދޭ ޙާލު ބުންޏެވެ. އެހިނދު ފޯނުގެ އަނެއްކޮޅުގައި ހުރި ދާނިޝް ގެ ހިތަށް އެ ލޯބި އިޙްސާސް ކުރެވިގެން ދިޔުމުން އިރުކޮޅެއް ވަންދެން ހިނިތުންވުމެއްގައި ހުރި ގޮތަށް ހުރެވުނެވެ.
“އައި ލަވް ޔޫ…” ހުރި ތަން ވެސް ހަނދާން ނައްތާލަމުން ދާނިޝްއަށް އެހެން ބުނެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.
“ލަވް ޔޫ ޓޫ. މްވަހް!” ހިލްޔާ އެހެން ބުނުމުން ދާނިޝްއަށް ލުއިގޮތަކަށް ހީލެވުނެވެ. އެހިނދު ދެން ބޭއްވީއޭ ބުނެލީ ހިތާއި ދެކޮޅަށެވެ. ވީހާވެސް އަވަހަކަށް ހިލްޔާގެ ގާތަށް ގެއަށް ދާން ބޭނުންވެފައި ހުރެއެވެ. އެހެނަސް އޭގެ ކުރިން އޭނަ އަދާ ކުރަންވީ ޒިންމާތައް ހަނދާންވުމުން ފޯނު ކަނޑާލަމުން ލައިގެން ހުރި ކޯޓު ތެރެއަށް ލެވުނެވެ. އެއަށްފަހު ދާނިޝް ސީރިއަސްވެލަމުން ކުރިމަތިން ފެނުނު ދޮރު ކޮއްޕާލިއެވެ.
ދާނިޝް އެ މީޓިންގް ރޫމަށް ވަދެގެން ދިޔައިރު، އެ ރޫމުގައި ކުކުޅު ބިހެއްގެ ބައްޓަމަށް ހުރި ގަދަ މުށިކުލައިގެ މޭޒުދޮށުގެ ވަށައިގެން ކުންފުނީގެ ބޯޑް މެމްބަރުން އިށީނދެގެން ތިއްބެވެ. ދާނިޝް ފެނުމާއިއެކުހެން އެ އެންމެން ތެދުވެލައިފިއެވެ. އަދި އެ މެމްބަރުންގެ ތެރެއިން ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރުގެ ހައިސިއްޔަތުން ދާނިޝް ގޮސް މޭޒުގެ ކޮޅުގައި ހުރި ގޮނޑިއާއި ކައިރި ވުމުން ދާނިޝްއާއި އެކުއެކީގައިހެން އެންމެން އިށީނެވެ. ދާނިޝްގެ އިތުރުން 10 ބޯޑް މެމްބަރުން ތިބިއިރު އޭގެ ތެރޭގައި ގިނައީ ޢުމުރުން ދުވަސްވި މީހުންނެވެ. އެމީހުންނަކީ ދާނިޝްގެ ބައްޕައާއެކީ މި ކުންފުނި ފެށި މީހުންނެވެ. ޒުވާން މީހަކަށް ހުރީ އޭގެ ތެރެއިން އެއް މެންބަރަކު ނިޔާވުމުން އެ މެންބަރުގެ ހިއްސާ ވާރުތަ ކުރި ފިރިހެނެކެވެ. އެ ހުރިހާ އެންމެންނާއި ވެސް ދާނިޝް ދެކެ ފަރިތައެވެ. އެތައް ދުވަހެއް ފަހުން ދާނިޝް ފެނުނީތީ އެ މޫނުތަކުން ހިނިތުންވުންތައް ފެނެއެވެ.
“ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ބާއްޖަވެރި ދުވަހަކަށް އެދެން. މިހާ ކުރު މުއްދަތެއްގެ ތެރޭގަ އެންގުމުން ވެސް ހުރިހާ ބޭފުޅުން ވަޑައިގަތް ކަމަށްޓަކައި ފުރަތަމަ ކަމަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން. މިއަދު އަޅުގަނޑު ތި ބޭފުޅުންނަށް މި ގޮވާލީ….ވަރަށް މުހިއްމު ކަމަކު. މިސްޓަރ ޝިންގް ވަރަށް ބަލިވެ އުޅޭ ވާހަކަ ތިބޭފުޅުންނަށް އިވިފަ ވާނީ ދެއްތޯ؟ އަސްލުވެސް ވަރަށް ބަލި. ލިވާރ ކޮލެންޖިއޯކާރސިނޯމާ މިސްޓަރ ޝިންގްއަށް ޖެހިގެން އުޅެނީ. އެއީ ފަރުވާ ދިނުން ދަތި ބައްޔަކަށް ވިޔަސް ޑޮކްޓަރުން ދަނީ ރެއާއި ދުވާލު މިސްޓަރ ޝިންގްއަށް ފަރުވާއެއް ހޯދަން މަސައްކަތް ކުރަމުން. މިވަގުތު ކުންފުނީގެ ޕީއާރު ވަނީ ދުވަހަކުވެސް ދަށް ނުވާ ވަރަށް ދަށްވެފަ. ކުންފުނީގެ ގިނަ މުވައްޒަފުން ވެސް ކުންފުންޏާއި މެދު މާ ބޮޑު އުއްމީދެއް ނުކުރާކަން އެޗްއާރު ރިޕޯޓުން ދައްކާ. މި ޙާލަތުން އަރައިގަތުމަށްޓަކައި އާ ސީއީއޯއެއް ހޮވުމަށް މިސްޓަރ ޝިންގް ވެސް އެދިލައްވަނީ. މިސްޓަރ ޝިންގް ގެ ޚިޔާލަކީ…އަޅުގަނޑު ސީއީއޯގެ މަޤާމަށް ދިޔުން. މި ކަމާމެދު ތި ބޭފުޅުން ދެކި ލައްވާ ގޮތަކީ ކޮބައިތޯ؟” ދާނިޝް އޭނަގެ ކުރިމަތީގައި ހުރި މައިކާއި ގާތްވެލަމުން ޗައިނާ ބަހުން ވާހަކަ ދެއްކިއެވެ.
އެ ވާހަކަތަކަށްފަހު އިރުކޮޅެއްގެ ހިމޭންކަމެއް ވޭތުވިއެވެ. އެ ހިމޭންކަމުގެ ތެރެއިން އެކި މެންބަރުން އެކަކު އަނެކަކަށް ބެލިއެވެ. އެންމެ ފުރަތަމަ ވާހަކަ ދެއްކީ ދާނިޝް ގެ ކައިރިން ކަނާތް ފަރާތުގައި ހުރި މެންބަރެވެ.
“ތިއީ ވަރަށް ގިނަ ދުވަސް ވަންދެން އަޅުގަނޑު ވެސް ގެންގުޅުނު ޚިޔާލެއް. އަޅުގަނޑަށް ހީވަނީ ދާނިޝް ތި މަޤާމަށް ދިޔުން މާ ލަސްވެސް ވެއްޖެހެން.” އެ މެންބަރު ކުރިމަތީގައި ހުރި މައިކާއި ކައިރިވަމުން ބުންޏެވެ.
“ތެދެއް. ދާނިޝް ތިއީ މި ކުންފުނީގެ ވެރިމީހާގެ ދަރި. ވަސީމްގެ ހުރި ވިޔަފާރީގެ ހުނަރުތައް ދާނިޝްގެ ކިބައިން އަހަންނަށް ފެނޭ. އަދި ކުންފުނީގެ ވަރަށް ގިނަ މުވައްޒަފުންނަށް ވެސް ދާނިޝް ކަމުދާ ވާހަކަ އަޑުއިވޭ. އެހެންވީމަ ދާނިޝް މި މަޤާމަށް ޤާބިލުކަމަށް އަޅުގަނޑު ދެކެން.” އެހެން މެންބަރަކު ވާހަކަ ދެއްކިއެވެ. އެ ވާހަކައަށް އެތާ އިން ޒުވާން މެންބަރު ފިޔަވައި ދެން ތިބި އެންމެން ބޯޖެހިއެވެ. އެ ހިނދު އެ ޒުވާނާ ވާހަކަ ދެއްކިއެވެ.
“މިސްޓަރ ޝިންގް ގެ ޣައިރު ހާޒިރީގަތަ މި ނިންމުން ނިންމާނީ؟” އެ ޒުވާނާ ހިސާބެއްގެ ނުރުހުންތެރިކަމާއެކީ އެހިއެވެ.
“މިސްޓަރ ޝިންގް ގެ ސޮޔާއިއެކީ މިކަމާ ގުޅިގެން ފޮނުއްވާފައިވާ ބަޔާނެއް ކުރިމަތީގައިވާ ފައިލްގައި އޮންނާނެ.” ދާނިޝް ރައްދު ދިނެވެ. އެ ހިނދު އެ ޒުވާނާ އެ ފައިލް ހުޅުވައި ބެލިއިރު ވާހަކަ ނުދައްކާ ތިބި އެހެނިހެން ބައެއް މެންބަރުން ވެސް ބެލިއެވެ.
“މިސްޓަރ ޝިންގް ގެ ހާޒިރީގަ ވިޔަސް އަދި ޣައިރު ހާޒިރީގަ ވިޔަސް ކުންފުންޏަށް އާ ސީއީއޯއެއް އެބަ ބޭނުންވޭ. ދާނިޝްއަށް ވުރެ މި މަޤާމަށް ވަކި ޤާބިލު މީހެއް އެނގޭތަ؟” އެހެން ދުވަސްވީ މެންބަރަކު އެ ޒުވާނާއަށް ސުވާލު އަމާޒު ކުރިއެވެ. އެހިނދު ފައިލަށް ބަލާފައި އެ މެންބަރަށް ބަލާލި ޒުވާނާ ދެބުމަ ކައިރި ކޮށްގެން އިނަސް ދޭނެ ރައްދެއް ނޭނގިފައި ފަދައަކުން އިނެވެ.
އެ މަންޒަރު ބަލަން އިނދެފައި ދާނިޝް އަނެއްކާވެސް މައިކާއި ކައިރިވެލަމުން ވާހަކަ ދެއްކިއެވެ.
“އެހެންވީމަ ހުރިހާ ބޭފުޅުން ނިންމުމަކަށް ދާން އެއްބަސްވަންޏާ ވޯޓަކަށް ދަމާ.” ދާނިޝް އެންގިއެވެ. އެއާއިއެކު އެންމެންހެން ފައިލު ލައްޕާލަމުން މައިކުގެ ތިރީގައި ހުރި ބަޓަނަށް އަތް ދިއްކުރިއެވެ. ދާނިޝް އޭނަގެ މައިކުގައި ހުރި ބަޓަނުން ފެހި ކުލަ ދިއްލާލުމަށްފަހު ކުރިމައްޗަށް ބަލާލިއިރު ފެނުނު މަންޒަރުން ދާނިޝް ހުއްޓުން އެރިއެވެ. ދާނިޝް ހީކުރީ ފެހި ކުލަ ދިއްލިފައިވާނީ 6 ނޫނީ 7 މައިކުން ކަމަށެވެ. އެހެނަސް އޭނަގެ ދެ ފަރާތުން ފެނުނުހާ މައިކެއްގެ ތިރިން ފެހި ކުލައިގެ ބޮކިތައް ފެނިފައި ޤަބޫލުކުރަން ވެސް ދަތިވިއެވެ. އެންމެފަހުން ވޯޓު ނުދީ އިން ޒުވާނާ ވެސް ބަޓަނަށް ފިތާލުމުން ފެނިގެން ދިޔައީ ފެހި ކުލައިގެ ބޮތްކެކެވެ.
ނުނިމޭ
