ނަފްސީ (އަށްޑިހަ ހަވަނަ ބައި)
ނަފްސީ (އަށްޑިހަ ހަވަނަ ބައި)
އާޔަތްތަކުގެ އަލީގައި ހިލްޔާއަށް ހީވީ ރަނގަޅު ހީވުންތަކެވެ. ދެންމެއަކު ދާނިޝްގެ ކޯލު އެގޮތަށް ނިމުނަސް ދާނިޝްގެ ހިތުގައި ހިލްޔާއަށްޓަކައި ލޯބިވިއެވެ. ކެބިންގައި ހުރެ ދާނިޝް ފޯނު ނެގީ އޮންލައިންކޮށް ހުރި މީޓިންގްއެއް މެދު ކަނޑާލުމަށްފަހުއެވެ. އަވަހަށް ފޯނު ކަނޑާލުމުގެ ތެރޭގައި ކަނޑާލެވުނީ ލޯބިވާ ވާހަކަ ނުބުނެ ކަން އެނގުންވުމުން ދާނިޝް ދެރަވެސް ވިއެވެ. އެހެނަސް މީޓިންގް އާއިގެން ކުރިއަށް ދިޔައީ އޭނަގެ ވިޔަފާރި ސަލާމަތް ކުރުމަށެވެ. ވިޔަފާރިއާއި މެދު އެހާ ކަންބޮޑުވަމުން ދިޔައީ ވެސް އޭނަ ދަތި ޙާލެއްގައި ޖެހިއްޖެނަމަ ހިލްޔާއަށް ވެސް ދަތިވެދާނެ ކަމަށް ތަކުރާރުކޮށް ހިތާއި ސިކުނޑި ބުނަމުން ދިޔައީތީވެއެވެ.
**
އެދުވަހު ހިލްޔާ ގެއަށް ދިޔައީ ދާނިޝް އަނބުރާ ގެއަށް އަންނާނީ ލަހުން ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދީފައެވެ. އެހެން ކަމަށް ވިޔަސް ރޭގަނޑު 9 ޖެހިއިރު ވެސް ދާނިޝް ގެއަށް ނާންނާތީ ހިލްޔާ ދެރަވާ ގޮތްވިއެވެ. ރޭގަނޑު ކެއުމުގެ ކުރިން ހިލްޔާ ދާނިޝްއަށް ގުޅިއެވެ.
“ސޮރީ ލޯބި. އަހަންނަށް ނާދެވޭނެ. ހިލޫ ޑިނާރ ނަގާ…” ދާނިޝް ބުންޏެވެ.
ހިލްޔާ ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު އެ ވާހަކައަށް އޯކޭއޭ ބުންޏެވެ. އެއަށްފަހު ދާނިޝް ކައިފިންތޯ އަހާލަން އުޅުނެވެ. އެހެނަސް އެއަށްވުރެ ކުރިން ދާނިޝް ބޭއްވީއޭ ބުނެ ފޯނު ކަނޑާލިއެވެ.
އޭގެ ސަބަބުން އަނެއްކާވެސް ހިލްޔާގެ ހިތުގައި ހިތާމަވެރިކަމާއި އެއްވެގެން ނުރުހުންތެރިކަމެއް އުފެދުނެވެ. އެހެނަސް އަނެއްކާވެސް އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ ބެލިއެވެ. ދާނިޝް އާއި މެދު ހެޔޮކޮށް ވިސްނޭތޯ މަސައްކަތް ކުރިއެވެ. އަދި ރޭގަނޑު ކެއެވެ. އެރޭ ކެއި ވަގުތު އަނެއްކާވެސް ބަނޑުގެ އެއްފަރާތުން ތަދެއް ހިލްޔާއަށް އިޙްސާސް ކުރެވުނެވެ. ފުރަތަމަ ހިލްޔާ ހީކުރީ އެއީ މާ ގިނައިރު ވަންދެން ނުކައި ހުރެ ކެއުމުން ވީ ގޮތެއް ކަމަށެވެ. އެހެނަސް ކެއުން ކުރިއަށް ދިޔަދިޔަހެން އެ ތަދު އިތުރުވަމުން ދިޔަ ގޮތުން އެއްކަލަ އާފަލުގެ މަތިން ހިލްޔާ ހަނދާންވިއެވެ. އެއާއިއެކު އޭނަ ހީކުރި ފަދައިން އެ ބަލި އަނބުރާ އަންނަނީކަން ހިލްޔާއަށް އެނގުނެވެ. އެކަމާއިމެދު ކަންބޮޑުވާން ފެށުމުން ހިލްޔާ އޭނަގެ ޙާލަތް ރަނގަޅު ކޮށްދެއްވުމަށް އެދި ދުޢާ ކުރިއެވެ. އަދި އެދުވަހު ދާނިޝް ހޯދައިދިން ސައިފަތުން ސައި ހަދައިގެން ބުޔެވެ. އޭނައަށް ތަދުވަމުން ދިޔަ އެ ޙާލަތުގައި ދާނިޝް ނެތީތީ ދެރަވާ ގޮތްވިއެވެ.
އެ ނޭދެވޭ އިޙްސާސްތަކުން ދުރުވުމަށްޓަކައި އެރޭ ޤުރުއާން މުރާޖަޢާ ކުރުމަށާއި އަޑުއަހަން ގަޑިއިރެއްހާއިރު ހޭދަ ކުރިއެވެ. އާދައިގެ މަތިން ނުހަނު ބާރުގަދަ ބޭހެއް ފަދައިން ޤުރުއާނުގެ އަސަރު ހިލްޔާގެ ހިތަށް ކުރިއެވެ. އިސާހިތަކު ހެޔޮކޮށް ވިސްނަން ހިލްޔާއަށް ފަސޭހަވިއެވެ. ދާނިޝް އާއި އޭނަގެ ވެސް ޙާލަތާއިމެދު ހިތުގައި އޮތް ކަންބޮޑުވުން ވެސް ހަމައަކަށް އެޅުނެވެ. ދެމީހުން ވެސް ވަނީ އަމިއްލަ ނަފްސުތަކަށްވުރެ ބޮޑަށް އެމީހުން ދެކެ ލޯބިވެވޮޑިގެންވާ ފަރާތުގެ ބެއްލެވުމުގެ ދަށުގައި ކަން ވިސްނުނެވެ. އަދި އެ ދެމީހުންގެ މުސްތަޤްބަލުގައި ވާނެ ކަންތަކުގެ މައްޗަށް ބާރު އޮތީ ވެސް ހަމަ އެފަރާތަށް ކަން އެނގުންވިއެވެ.
އެރޭ ދާނިޝްގެ އިންތިޒާރުގައި ފުދޭ ވަރަކަށް ދަން ވަންދެން ހިލްޔާ އިނެވެ. ބަނޑަށް ތަދުވިޔަސް ހިލްޔާ އެ ވާހަކަ ދާނިޝް ގާތު ނުބުނެއެވެ. ދާނިޝްގެ ފިކުރުތަކަށް ބޮޅެއް އިތުރު ކުރަން ބޭނުމެއް ނުވިއެވެ. އެރޭ ދާނިޝްއަށް ގުޅައި ކޮށްލިހާ ވެސް ސުވާލަކީ ދާނިޝް އަނބުރާ އަންނާނީ ކޮން އިރަކުތޯއެވެ. ދާނިޝް އޭނަ ގާތު ނިދާލުމަށް ބުނުމުން ހިލްޔާ ނިދަން އޮށޯތެވެ.
**
ދާނިޝްއަށް އެރޭ ގެއަށް އާދެވުނީ 3 ޖަހަން ގާތްވަމުން ދިޔަ ވަގުތެވެ. ގެއަށް ވަންއިރު މުޅި މީހާ ވަރުބަލިވެ، ބޮލުގައި ގަދަ ރިހުމެއް އުފެދިފައިވިއެވެ. ބަލިވެފައި ހުރިވަރުން ސިޑިން އަރަން ވެސް ބޭނުން ނުވެފައި ސޯފާގައި އޮށޯންނަން ދާނިޝް ބޭނުންވިއެވެ. ކައިވެނީގެ ކުރިން އައި މިފަދަ ރޭތަކުގައި ދާނިޝް ކަންތައް ކޮށްފައިވަނީ އެހެންނެވެ.
އެހެނަސް އެރޭ ޚިޔާލު ބަދަލު ކޮށްލެވުނީ ހިލްޔާ މަތިން ހަނދާންވުމުންނެވެ. ހިލްޔާއަށް މިރޭ ވާނީ ހާދަ އެކަނިވެރި ރެއަކަށޭ ހިތް ބުނި ހިނދު އެ ހިތް ދެރަވާ ގޮތްވިއެވެ. އެހެންކަމުން ވެފައިވި ވަރުބައްޔާއި އެކީގައި ވެސް ދާނިޝް ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އެނދުގައި ހިލްޔާ ނިދިފައި އޮތް މަންޒަރު ފެނިފައި ދާނިޝްގެ ހިތާއި ސިކުނޑިއަށް ވެސް ހަމަޖެހުމެއް ލިބުނެވެ. އެހެންކަމުން ކޯޓު ބޭލުމަށްފަހު ބިންމައްޗަށް ދޫކޮށްލަމުން ދާނިޝް އެނދު ކައިރިއަށް ދިޔައެވެ. ހެނދުނުއްސުރެ ފެން ނުވަރާ ހުރެވުނީތީ އެނދަށް އަރަން ބޭނުމެއް ނުވިއެވެ. އެހެންކަމުން އެވަގުތަށް އެނދުގައި ހިލްޔާ އޮތް ފަރާތަށް ގޮސް އެތާ ބިންމަތީގައި އިށީނެވެ. ނިދިފައި އޮތް ހިލްޔާގެ މޫނަށް ބެލުމުން ވެސް ދާނިޝްގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ހިނދުކޮޅަކަށް ނަމަވެސް ހުރިހާ ފިކުރުތަކުން ދުރުވެވުނެވެ. މުޅި ޢުމުރު ދުވަހަށް އެއްވެސް ކަމެއް ނެތި އޭނައަށް މިވަގުތުކޮޅުގައި އިނދެވިދާނެނަމައޭ އެވަގުތު ހިތަށް އެރިއެވެ.
ދާނިޝް ބަލަބަލާ އިންދާ ހިލްޔާ އޭނައާއިވީ ފަރާތަށް އެނބުރިލިއެވެ. އެވަގުތު ހިލްޔާގެ ބައެއް އިސްތަށިތައް އެ މޫނަށް އެޅުނެވެ. ދާނިޝް އަތް އުފުލައި ވީހާވެސް ލަސްލަހުން އެ އިސްތަށިތައް އެ މޫނުން ދުރުކޮށްލީ، ހިލްޔާ ހޭލައްވަން ބޭނުމެއް ނުވުމުންނެވެ. އެހެނަސް އެ އިސްތަށިތައް ހިލްޔާގެ ކަންފަތުގައި އަޅުވާލެވުނު ވަގުތު ލަސްލަހުން ހިލްޔާގެ ލޯ ހުޅުވުނެވެ.
“އެއްކަލަ ލައިޓް ސްލީޕާރ ހަމަ ހޭލެވިއްޖެ ދޯ؟ ހެހެ…” ހިލްޔާ އޭނައަށް ބަލާލި ވަގުތު ދާނިޝް ބުންޏެވެ. ދާނިޝް ހީލުމުން ހިލްޔާގެ މޫނުމައްޗަށް ވެރިވި ވަރުބަލި ހިނިތުންވުމާއިއެކީ ހިލްޔާގެ ވެސް ލުއި ހުނުމެއްގެ އަޑު ނިކުތެވެ. އެހިނދު ދާނިޝް ލޯތްބާއިއެކީ އެ މޫނުގައި ހިފަހައްޓާލަމުން ބޮޑުވާ އިނގިލިން ކޯތާފަތުގައި ފިރުމާލިއެވެ.
“އެކޮޅުން ކައިގެންތަ ދާން އައީ؟” ހިލްޔާ ނިދިބަރުވެފައިވާ އަޑަކުން އެހިއެވެ.
“ނޫން މިރޭ ނުކަން. ދެން ނުކެވޭނެ. ބޮލުގަ ރިއްސަނީ.” ދާނިޝް ބުންޏެވެ.
“އަޅޭ…ބޮލުގަ ރިއްސަނީ ނުކާތީ. ކައިގެން ބޭސް ކެއީމަ ރަނގަޅުވާނީ. މާދަމާ ބްރޭކެއް ނަގަނީތަ؟” ހިލްޔާ ރަނގަޅަށް ހޭލެވިފައި އޮވެ އެހިއެވެ. ދާނިޝް ކުރީ ފަހަރު ވެސް މިހާ ދަންވި ފަހުން އޮފީސް ނިމުނު ދުވަހުގެ ޖެހިގެން އައި ދުވަހު އޮފީހަށް ނުދާތީވެއެވެ.
“ނޫނޭ ދާންޖެހޭ. މާދަމާ ބޯޑް މީޓިންގް.” ދާނިޝް ބުންޏެވެ.
“އެހެންވީއިރު ރަނގަޅުވާނީ މި ގަޑީގަ ކައިގެން ބޭސް ކެއިއްޔާ. ހިނގާ. އަހަރެން އޮންނާނެ ޗިކެން ރެޕެއް ހަދާފަ. އާހް…” ހިލްޔާ އެހެން ބުނަމުން ތެދުވުނު ވަގުތު ބަނޑުގައި އުފެދުނު ރިހުމާއިއެކު އެ އަނގައިން ވޭނީ އާހެއްގެ އަޑު ނިކުތެވެ.
“ކިހިނެއްވީ ލޯބި؟! އަނެއްކާ ބަނޑަށް ތަދުވަނީ؟” ދާނިޝް ކަންބޮޑުވުމާއިއެކީ އެހިއެވެ.
“އާނ ކުޑަކޮށް. ރަނގަޅުވާނެ އިން ޝާ ﷲ.” ހިލްޔާ ދާނިޝްއަށް ހިނިތުންވުމެއް ދައްކާލަމުން ބުންޏެވެ.
“އާރ ޔޫ ޝުއާރ؟” ދާނިޝް ދެންވެސް ޤަބޫލު ކުރަން ދަތިވެފައި އިނދެ އެހިއެވެ.
“ޔެސް އިން ޝާ ﷲ. ދެން އާދޭ ކާން.” ހިލްޔާ އެހެން ބުނެ، ގައިގައި އޮތް ޑުވެޓް ދުރުކޮށްލަމުން އެނދުން ފޭބިއެވެ. އެއާއިއެކު ދާނިޝް ވެސް ތެދުވެލަމުން ކޮޓަރިން ނިކުންނަން ދިޔަ ހިލްޔާގެ ފަސްފަހަތުން ދިޔައެވެ.
ހިލްޔާ އުޅުނީ ބަދިގެއަށް ގޮސް އައިސްއަލަމާރިއަށް އޭނަ ލާފައިވާ ޗިކެން ރެޕް މައިކްރޮވޭވަށް ލައި ހޫނު ކުރާށެވެ. އަދި ދާނިޝްއަށް ދޭން ކޮފީ ތަށްޓެއް ހަދަން ވެސް އުޅުނެވެ. އެހެނަސް ބަދިގެއަށް ދިޔަ މަގުމަތީގައި ވެސް ހިލްޔާ ބަނޑުގައި އަތް އަޅައިގެން ދިޔަ ގޮތުން ދާނިޝް ހިލްޔާއަށް އެކަންތައް ދޫނުކުރިއެވެ. ހިލްޔާ ބަލިކަން އެނގުމުން ދާނިޝްގެ ހިތަށް ވެރިވި ނޭދެވޭ އިޙްސާސްތަކުގެ ސަބަބުން ނިދިވެސް ފިލިއެވެ. ސިކުނޑިއަށް ބާރު ލާފައި ވިސްނެން ފެށީ ހިލްޔާގެ ޙާލަތް ރަނގަޅު ކުރެވޭނެ ގޮތަކާއިމެދުގައެވެ. އެހެންކަމުން ހިލްޔާ ކާ މޭޒުދޮށުގައި ބައިންދާފައި ދާނިޝް އަމިއްލައަށް ޗިކެން ރެޕް ހޫނުކޮށް ކޮފީއެއް ހެދުމަށްފަހު ހިލްޔާއަށްޓަކައި އެއްކަލަ ސައިފަތުން ސައި ތަށްޓެއް ވެސް ހެދިއެވެ. ދާނިޝް ގޮސް ކާމޭޒުދޮށުގައި އިށީނދެ ކާން ފެށުމުން ހިލްޔާ ވެސް ސައިތަށި ބޯން ފެށިއެވެ.
“އޮހް އައި ލަވް ޔުއާރ ޗިކެން ރެޕް!” ދާނިޝް ކަމުން ލޯ މަރައިގެން އިނދެ އެހެން ބުނި ގޮތުން ހިލްޔާއަށް ހީލެވުނެވެ. އެ ހުނުމުގެ ތެރެއިން ވެސް އާހުގެ އަޑެއް ލައްވާލެވުނީ ބަނޑުގައި އުފެދުނު ރިހުމުގެ ސަބަބުންނެވެ. އެއާއިއެކު ދާނިޝް ހިލްޔާއަށް ބަލާލިއެވެ.
“ލޯބި ކޮން އިރަކު ބަނޑަށް ތަދުވާން ފެށީ؟” ދާނިޝްއަށް ކެއުން މެދުކަނޑާލަމުން އަހާލެވުނެވެ.
“ރޭގަ…ރޭ ޑިނާރއަށް ފަހު ވެސް މީގެ ސައިތަށްޓެއް ބުއިން. އެހެންވީމަ އޭރަށްވުރެ މިހާރު ކުޑަކޮށް ރަނގަޅުހެން ހީވަނީ.” ހިލްޔާ ތެދުތެދަށް ބުންޏެވެ.
“ހިލޫއަށް ހީވަނީ…މިވެސް އެ އާފަލުގެ އަސަރެއްހެންތަ؟” ދާނިޝް އެހިއެވެ. ހިލްޔާ އާފަލާއިމެދު ކިޔައިދިން ބައެއް ވާހަކަތައް ހަނދާން ކުރަމުންނެވެ. އެއާއިއެކު ހިލްޔާ ބޯޖެހިއެވެ.
“ހުމް….ބުނީމެއްނު ޔޫކް އާ އައިރާގެ ވާހަކަ. ހީވަނީ މިއީ ރިކަރިންގް އިންފްލެމޭޝަނެއް ހެން. ޢާއްމު ގޮތެއްގަ ހުންނަ ބޭސްތަކުން ރަނގަޅު ނުކުރެވޭ ތަކުރާރުކޮށް އުފެދޭ ފާރެއް.” ހިލްޔާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ކިޔައިދިނެވެ.
“ދެން ހިލޫއަށް ހީވަނީ ތި ސައި ބުއީމަ ރަނގަޅުވާނެހެންތަ؟” ދާނިޝް އެހިއެވެ.
“ވޯތް އަ ޝޮޓް ދޯ؟ ދާން ބުނީމެއްނު މިއީ އިންފްލެމޭޝަނަށް ބޭނުންކުރެވޭ އެންމެ ބެސްޓް ރެމެޑީއޭ؟” ހިލްޔާ ބުންޏެވެ.
“ހުމް އެކަމަކު….ހިލޫ އެހާ ގިނަ ދުވަސް ވަންދެން ބަލިވެ އުޅޭކަށް އަހަރެން ބޭނުމެއްނޫން. އަދި ހިލޫ އެހެން ޑޮކްޓަރަކަށް ދައްކަންވީދޯ؟” ދާނިޝް އެހިއެވެ.
އެހިނދު ހިލްޔާއަށް ދާނިޝްގެ މޫނަށް ބަލާލެވުނީ ނޫނެކޭ ބުނަން ތައްޔާރުވެގެންނެވެ. ކިތަންމެ މޮޅު ޑޮކްޓަރަކަށް ދެއްކިޔަސް މިއަށް ލިބޭނެ ދާއިމީ ފަރުވާއެއް އަދި ހޯދިފައި ނުވާކަން ހިލްޔާއަށް ޔަޤީނާއި ގާތް ކުރެވުނެވެ. އެހެނަސް އެވަގުތު ކަންބޮޑުވެފައި އިން ދާނިޝްއަށް އެކަން އެވަގުތު ފަހުމް ވެދާނެ ކަމާއިމެދު ހިލްޔާގެ ހިތުގައި ޝައްކު އުފެދުނެވެ. އެހެންކަމުން މަޞްލަޙަތަށް ވިސްނައި ހިލްޔާ ވާހަކަ ދެއްކިއެވެ.
“އޯކޭ ދާން. ދާން ބޭނުން ޑޮކްޓަރެއްގެ ކައިރިއަށް ހިނގާ.” ހިލްޔާ ބުންޏެވެ.
“ހުމް….ބަލާފަ އަންގާނަން އިން ޝާ ﷲ.” ދާނިޝް އެހެން ބުނެ އަނެއްކާވެސް ކާން ފެށިއެވެ.
“އޮފީސް ކަންތައް ކިހިނެއްތަ މިހާރު؟” ހިލްޔާ އެހިއެވެ.
“އިޓްސް އޯލް ސޯރޓެޑް. އޯލްމޯސްޓް….މާދަމާ ބޯޑް މީޓިންގްއަށް ފަހު އެނގޭނީ. ދެން ހަދާނެ ގޮތް.” ދާނިޝް ބުންޏެވެ.
“އޮހް…އޯލް ދަ ބެސްޓް.” ހިލްޔާ ބުންޏެވެ. ދާނިޝް އެ ބަސްތަކަށްޓަކައި ޝުކުރު އަދާ ކުރަމުން އަނެއްކާވެސް ޗިކެން ރެޕަށް ތަޢުރީފު ކުރިއެވެ. މި ޗިކެން ރެޕް ބޭނުންކޮށްގެން ހިލްޔާއަށް ވެސް ވިޔަފާރިއެއް ފެށިދާނެ ކަމަށް ބުނެ ސަމާސާ ކުރިއެވެ. އެއާއިއެކު ދެމީހުންގެ ހުނުމުގެ އަޑު ކާގޭގައި ގުގުމިއެވެ.
އޭގެ އަނެއްދުވަހު ހެނދުނު ވީއިރު ހިލްޔާގެ ބަނޑުގައިވި ތަދު ބޮޑުތަނުން ފިލާފައިވިއެވެ. އެ ވެގެން ދިޔައީ ހިލްޔާއަށް ލިބުނު ފެހި ސިގްނަލަކަށެވެ. އަމިއްލަ ނަފްސަށް ފަރުވާ ދިނުމަށް އެއްކަލަ ސައިފަތް ބޭނުން ކުރަން ހިލްޔާ ނިންމިއެވެ. އަދި އެކަން ކުރުމުގައި އަމިއްލަ ތަޖުރިބާއިން ދިރާސާއެއް ހަދަން ހިލްޔާ ބޭނުންވިއެވެ. އެހެންކަމުން އޭނަ ސައި ބޯ ވަގުތާއި ބަނޑަށް ތަދުވާ ވަގުތާއި މިންވަރު ނޯޓް ކުރަން ހިލްޔާ ނިންމިއެވެ. އެދުވަހު ޑިއުޓީއަށް ދާން ތައްޔާރުވަމުން ދިޔައިރު ހިލްޔާ ދާނިޝްއާއި ޙިއްސާ ކުރީ މި ވާހަކަތަކެވެ. ބޭސްފަރުވާއާއިމެދު ހިލްޔާގެ ހުރި ޝައުޤުވެރިކަމާއި ދުރު ވިސްނުމަށް ދާނިޝް ތަޢުރީފު ކުރިއެވެ.
އެދުވަހު ދާނިޝް ގޮސް އޮފީހަށް ވަނުމާއިއެކު އަނެއްކާވެސް ދާނިޝްގެ ސިކުނޑި އެތައް ފިކުރަކުން ފުރިގެން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް އެދުވަހު 10 ޖަހާއިރަށް ބޯޑް މީޓިންގްއަށް ބޭނުންވާ ހުރިހާ ލިޔެ ކިޔުންތައް ތައްޔާރު ކުރިއެވެ. މިއީ ނުހަނު މުހިއްމު ބޯޑް މީޓިންގްއަކަށް ވާތީ މިސްޓަރ ޝިންގް ވެސް ވަނީ އޮންލައިންކޮށް މި ބައްދަލުވުމުގައި ދެކެވޭ ވާހަކަތައް އަޑުއަހަން ނިންމާފައެވެ. މިސްޓަރ ޝިންގް މިވަގުތު ވަނީ ޝަންގްހައި ގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވިފައި ކަމަށްވާތީވެއެވެ.
10 ޖެހި ވަގުތު ދާނިޝް ގޮސް މީޓިންގް ރޫމަށް ވަނުމާއިއެކު، އާދައިގެ މަތިން ހުރިހާ ބޯޑް މެންބަރުން އެ ވަށް މޭޒުގެ ވަށައިގެން ތިބެ ތެދުވެލިއެވެ. ދާނިޝް އެންމެ ކޮޅުގައި ހުރި ގޮނޑީގައި އިށީނުމުން އެހެން އެންމެން ވެސް އިށީނެވެ. އެވަގުތު ދާނިޝް އޭނަގެ ވާތް ފަރާތުން ތިންވަނައަށް އިން ހައުރަން އާއި ހަތަރުކަޅި ހަމަކުރިއެވެ. ހައުރަން ނުރުހުމުގެ ނަޒަރަކާއެކީ ކުރިމަތީގައި އޮތް ފައިލަށް ބަލައި އެ ފައިލް ހުޅުވިއެވެ.
“އައްސަލާމްޢަލައިކުމް. ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ބާއްޖަވެރި ހެނދުނަކަށް އެދެން. އަނެއްކާވެސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގަ އެންގުމުން ތި ބޭފުޅުން ވަޑައިގަތީތީ ޝުކުރު އަދާކުރަން. މިވަގުތު ކުންފުންޏަށް ކުރިމަތިވެގެން އުޅޭ ގޮންޖެހުން ތި ހުރިހާ ބޭފުޅުންނަށް ވެސް އެނގިލައްވާނެ. އަޅުގަނޑު ވާނީ އެކަންތަކުން އަރައިގަންނާނެ ގޮތުގެ ރޭވުމެއްގެ ޚުލާޞާ ތި ބޭފުޅުންނަށް އިއްޔެ މެއިލް ކޮށްފައި. ކުރިމަތީގައި ތިވާ ފައިލްގައި ވެސް އެ ހުރިހާ ކަމެއްގެ ތަފްޞީލުވާނެ. މިއަދުގެ ބައްދަލުވުމުގެ ބޭނުމަކީ އެ ކަންތަކާއިމެދު ތިބޭފުޅުންގެ މަޝްވަރާ ހޯދައި ކުންފުންޏަށް އެންމެ ރަނގަޅުވާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ނިންމުން.” ދާނިޝް ވާހަކަ ދެއްކިއެވެ. އެވަގުތު އޭގެ ތެރެއިން ގިނަ މެންބަރުން ކުރިމަތީގައި އޮތް ފައިލް ހުޅުވިއެވެ.
“މިހާތަނަށް ދާނިޝް އަޅާފައިވާ ފިޔަވަޅުތައް އަޅުގަނޑަށް ކަމުދޭ. ޝަންގްހައިގެ ދަނޑުތަކުން ވިޔަފާރި ހުއްޓުވުން އެއީ ހަމަ އެންމެ ރަނގަޅު ގޮތް. ޕްރެސް ކޮންފަރެންސް ބާއްވާއިރު އެ ވާހަކަ ޢާއްމުންނަށް އެންގީމަ ކުންފުންޏަށް އޮތް އިތުބާރު ރަނގަޅުވާނެ ކަމަށް ބެލެވޭ.” ދުވަސްވީ މެންބަރަކު ބުންޏެވެ. އެ ވާހަކައާއި އެއްބަސްވުމުގެ ގޮތުން ދެން ތިބި މެންބަރުން ބޯޖަހާލިއިރު ހައުރަން ވާހަކަ ދެއްކިއެވެ.
“އަޅުގަނޑުގެ ޚިޔާލު ތަފާތު. ޝަންގްހައިގެ އާފަލަކީ ކުންފުނީގެ ވެސް އެންމެ މަޝްހޫރު އާފަލު. އޭތި މާރކެޓަށް ނުނެރެންޏާ ވަރަށް ބާރުމިނުގަ ގެއްލުންވަމުން ދާނެ ކަމަށް ފެނޭ.” ހައުރަން ބުންޏެވެ. އެހިނދު ދާނިޝްގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާނެއް ރޯވިޔަސް އެކަން ބޭރުފުށުން ނުދެއްކިއެވެ.
“ރަނގަޅު ނުކުތާއެއް ތި ފާހަގަ ކުރެއްވީ. ހައުރަން އެ ދަނޑުގެ ކަންތައް ތަންކޮޅެއް ރަނގަޅަށް ބަލަހައްޓަވަން އަޅުގަނޑަށް ފެންނަނީ.” ދާނިޝް ހައުރަންއަށް ބަލަން އިނދެ ބުންޏެވެ. އެއާއިއެކު ހައުރަން އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން އެކަމަކު ސީއީއޯ ގެ މަޤާމުގަ ތި ހުންނެވީ ދާނިޝް ނޫންތޯ؟ އެހެންވީމަ ދާނިޝްއެއް ނޫންތޯ ދަނޑުތައް ރަނގަޅަށް ހިންގޭތޯ ބަލަން ޖެހެނީ. އަޅުގަނޑު މިއީ އެހެން ބޮޑު ކުންފުންޏެއްގެ މަތީ ވަޒީފާއެއް އަދާ ކުރަމުންދާ މީހެއް. އެ ވަޒީފާ އަދާ ކުރަމުން މި ގެއްލެނިވަމުންދާ ކުންފުނީގެ ބޯޑް މެމްބާރއެއްގެ ގޮތުގަ އުޅެމުން މިދަނީ. ޕާޓް ޓައިމަކަށް މި ކުންފުނީގެ ދަނޑުވެރިއެއް ގޮތުގަ އަޅުގަނޑަށް މަސައްކަތް ނުކުރެވޭނެ ދެއްތޯ؟ ސީއީއޯއަކަށް އެކަން ވިސްނެން ވާނެހެން ހީވަނީ.” ހައުރަން ޒާތަކަށް ހެވިފައި އިނދެ ދެއްކި ވާހަކައިގެ މަޤްޞަދަކީ އޭނަ ދަށްކޮށްލުން ކަން ދާނިޝްއަށް މާ ރަނގަޅަށް ވެސް އެނގުނެވެ.
އެހެނަސް ދާނިޝް އެއަށް ރުޅިވެރިކަން އިސްކުރަން ބޭނުމެއް ނުވިއެވެ. އޭނައަށް މި ފާހަގަވި ކަންތައް އެތާ އިށީނދެ ތިބި ޢުމުރުން ދުވަސްވީ ބޯޑް މެންބަރުންނަށް މާ ރަނގަޅަށް ފާހަގަވާނެކަން ދާނިޝްއަށް އެނގުންވިއެވެ. އެހެންކަމުން ދާނިޝް ބައްދަލުވުން ކުރިއަށް ގެންދިޔައެވެ.
“އެންމެ ރަނގަޅު. ހައުރަންއަށް ނުދެވެންޏާ އަޅުގަނޑު ގޮސްދާނަން. ކިތަންމެ މަތީ މަޤާމެއް ލިބުނަސް އެއްވެސް މަސައްކަތަކީ ވިޔަފާރީގެ ގޮތުން ބަލާއިރު ކުޑަ މަސައްކަތެއް ނޫން. ވިޔަފާރީގެ ކޮންމެ ލެވެލްއެއްގައި ހިނގާ މަސައްކަތް ގާތުން ބެލުމަކީ އެކްސްޕޮނެންޝަލީ ފައިދާ އިތުރުވާނެ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ…އެނީވޭސް. އެހެންވީމަ އަޅުގަނޑު މި ނިންމަނީ މިއަދު ހަވީރު ޕްރެސް ކޮންފަރެންސް ބާއްވަން. އެއީ އެންމެ ފުރަތަމަ ޓާސްކަކީ. އެއަށްފަހު ދެން އޮތީ…..މުވައްޒަފުން ވަޒީފާއިން ވަކި ކުރުން. މިއީ އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން. އެކަމަކު މެއިލްގައި އަޅުގަނޑު ބަޔާން ކޮށްފައިވާ ފަދައިން ވިޔަފާރި އިތުރަށް ސްޓޭބަލް ކުރުމަށްޓަކައި ކުންފުނީގެ 20% މުވައްޒަފުން ދޫކޮށްލަން އެބަޖެހޭ. އަޅުގަނޑު މި ވިސްނަނީ މި ހެޑްކުއާރޓާސް އިން ބައެއް މުވައްޒަފުން ދޫކޮށްލަން. އޭރުން އެ މުވައްޒަފުންނާއި ބައްދަލުކޮށް ވާހަކަ ދައްކައި ހެޔޮ ގޮތުގަ ދޫކޮށްލެވޭނީ. ދޫކޮށްލާއިރު ޕްރަޔޯރިޓީ ދެވޭނީ ސޭވިންގްސް ހުރި، ފައިނޭންޝަލީ ސްޓޭބަލް މުވައްޒަފުން. ސިވިއަރެންސް ޕޭއި އާއިއެކީ އެއް މަހުގެ މުސާރަ ވެސް ދޭން އަޅުގަނޑު އެބަ ވިސްނަން.” ދާނިޝް އެހެން ބުނުމާއިއެކު ހައުރަން ވާހަކަ ދެއްކިއެވެ.
“ވޯ ވޯ ވޯ! ކުންފުނި ކަނޑު ފައްތާފަ އަހަރުމެން ޣަރަޤު ކުރަންތަ ތި އުޅެނީ؟ ތިއީ ވިޔަފާރިވެރިއެއް ކަމަށްވަންޏާ އެނގެންވާނެ ކުންފުނި މި އޮތީ ކިހާ ނާޒުކު ފައްތަރެއްގަ ކަން! ފައިނޭންޝަލީ ސްޓޭބަލް ވާނީ ގިނަ ފަހަރު ކުންފުނީގަ އެތައް އަހަރެއް ވަންދެން މަސައްކަތް ކޮށްފައިވާ މީހުން. ތި ހުރިހާ ފައިނޭންޝަލީ ސްޓޭބަލް މީހުންނަށް ބޮޑު ސިވިއަރެންސް ޕޭއި އަކާ އެއްމަހުގެ މުސާރަ އިތުރަށް ދޭނެހާ ޖާގައެއް ކުންފުނީގެ މާލީ ޙާލަތުގަ ނެތް. މަގޭ ވާހަކަ މި ބުނަނީ. ޖެހެނީ ކުންފުނީގަ ވީހާވެސް މަދު ދުވަހު މަސައްކަތް ކޮށްފައިވާ މީހުން ދޫކޮށްލަން. އޭރުން ދޭންޖެހޭ ސިވިއަރެންސް ޕޭއި ވެސް ކުޑަވާނެ. އެއްމަހުގެ މުސާރަ އިތުރަށް ދޭން ވިސްނާނެ ވެސް ކަމެއް ނެތް!” ހައުރަން އެ ކަންބޮޑުވުން ފާޅުކުރީ އިޙްތިރާމެއް ވެސް ނެތިއެވެ.
އެހެނަސް އެވަގުތު އެތާ ތިބި އެހެނިހެން މެންބަރުންނަށް ހައުރަން ދެއްކި ވާހަކައާ އެއްބަސް ވެވުނުކަން ދާނިޝްއަށް އެނގުނެވެ. ޚުދު ދާނިޝްއަށް ވެސް އެ ވާހަކައާއި އެއްބަސްވެވުނެވެ. އޭނަ ކިތަންމެ ވަރަކަށް މުވައްޒަފުންނާއި މެދު ހެޔޮކޮށް ކަންތައް ކުރަން ވިސްނިޔަސް، މިއަދު ކުންފުނީގެ ޙާލަތު އެ ހިތްހެޔޮކަމަށް ޖާގައެއް ނުދެއެވެ.
“އަޅުގަނޑު ޤަބޫލު ހައުރަން އެ ދެއްކި ވާހަކައާ. މިވަގުތު ވިސްނަން ޖެހެނީ ކުންފުންޏަށް މި ވަމުންދާ ގެއްލުމުން އަރައިގަނެވޭނެ ގޮތަކާއިމެދު.” އެހެން ދުވަސްވީ މެންބަރަކު ބުންޏެވެ. އެ ވާހަކައާއި އެއްބަސްވުމުގެ ގޮތުން އެތާ ދެން ތިބި މެންބަރުން ވެސް އާނއެކޭ ބުނަމުން ބޯޖެހިއެވެ. މިކަމާއިމެދު މިވަގުތު ވޯޓެއް ނެގިޔަސް މޮޅުވާނީ ހައުރަންގެ ޚިޔާލުކަން ދާނިޝްއަށް އެނގުންވިއެވެ.
ދާނިޝްއަށް ހީވީ ރަނގަޅަށެވެ. މީޓިންގްގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ބޯޑް މެމްބަރުން އޭނައާއި ދެކޮޅަށް ވޯޓު ދިނީ ހަމައެކަނި އެ މައްސަލައާއި ގުޅިގެންނެވެ. މީޓިންގް ނިމުނުއިރު އެކަމާއިމެދު ދާނިޝްގެ ހިތަށް އުދަގޫވެފައިވިއެވެ. ޚުދު އޭނަ ވެސް ހައުރަން އެ ދިން ޚިޔާލާއި އެއްގޮތަށް ކަންތައް ކުރަން ބޭނުންވަމުން ދިޔަ ގޮތުންނެވެ. އެހެނަސް އަމިއްލަ ފައިދާއަށްޓަކައި އެއްވެސް މުވައްޒަފަކަށް ދެރަ ގޮތެއް ވެސް ހަދާކަށް ބޭނުމެއް ނުވިއެވެ. އެއީ ﷲ އެންމެ ރުހިވޮޑިގެންވާނެ ގޮތަށް ނުވާނެތީވެއެވެ.
މީޓިންގް ނިމުނު ވަގުތު ހައުރަން މިސްޓަރ ޝިންގްއަށް ވެސް ގޮވިއެވެ. އެހެނަސް މިސްޓަރ ޝިންގް ބުނާކަށް އިތުރު ވާހަކައެއް ނެތް ކަމަށް ބުންޏެވެ. އެހެންކަމުން އެހާ ހިސާބުން އެ ބައްދަލުވުން ނިމި، ދާނިޝް ތެދުވެލުމުން ހުރިހާ މެންބަރުން ވެސް ތެދުވެ، އެތަނުން ނިކުމެގެން ދިޔައެވެ. ދާނިޝް ވެސް ކުރަން ހުރި މަސައްކަތްތައް ހަނދާން ކުރަމުން އެމީހުންގެ ފަހަތުން ދާން ޚިޔާލު ކުރިއެވެ. އެހެނަސް ހައިޖާނެއް އުފެދިފައިވި ހިތަށް ވަގުތުކޮޅެއް ދިނުމަށްޓަކައި އަނެއްކާވެސް ގޮނޑީގައި އިށީނެވެ. އެވަގުތު ފަހަތުގައި ހުރި ފާރުގައި ހުރި ޓީވީއިން މިސްޓަރ ޝިންގްގެ އަޑު އައެވެ.
“ދާނިޝް އެބަހުރިންދޯ؟” މިސްޓަރ ޝިންގް ގެ އަޑު ކުއްލިއަކަށް އިވުމުން ދާނިޝްއަށް ލުއި ސިހުމަކާއެކީ އެދިމާލަށް އެނބުރިލެވުނެވެ. ދާނިޝް ހީކުރީ ވީޑިއޯ އޮފްކުރެވިފައިވާ އެ މީޓިންގް ނިންމާލާފައިވާނެ ކަމަށެވެ.
“އަ…އާނ އެބަހުރިން.” ދާނިޝް ބުންޏެވެ.
“މުވައްޒަފުން ދޫކުރަންޖެހޭތީ ދެރަވެފަ ދޯ ތިއިނީ؟” މިސްޓަރ ޝިންގް އެހިއެވެ.
“އާނ…” ދާނިޝް އިސްޖަހާލަމުން ބުންޏެވެ.
“ހަމަ ވަސީމް ގެ މަޑު ހިތް ތިއީ. އެކަމަކު އެކޮއި އަށް ވެސް އެނގެން އެބަޖެހޭ. ބައެއްފަހަރު ވިޔަފާރީގަ އަމިއްލަ އެދުން ވެސް އިސްކުރަން ޖެހޭ. މިއަދު ތި ދެރަވަނީ މަދު މުވައްޒަފުން ކޮޅަކާމެދު. ކުންފުނި ބަނގުރޫޓު ވިއްޔާ އެތައް ހާސް މުވައްޒަފުން ދޯ ޙާލުގަ ޖެހޭނީ؟” މިސްޓަރ ޝިންގް ބުންޏެވެ.
“އާނ….އެކަމަކު..” ދެންވެސް ދާނިޝްގެ ހިތެއް ހަމަނުޖެހެއެވެ. މިސްޓަރ ޝިންގް ގެ ބަދަލުގައި މިއަދު ބައްޕަ ހުރިނަމަ ދިނީހީ ކޮން ނަސޭޙަތެއްތޯ ހިތަށްއެރިއެވެ. އޭނަގެ އާޚިރަތާއިމެދު އަޅާލާ މީހަކު އޭނައަށް ދޭނީ ކޮން ނަސޭޙަތެއް ހެއްޔެވެ؟ އެވަގުތު ހިތާހިތުން އޭނައަށް އެންމެ ރަނގަޅު ނިންމުން ނިންމުމުގެ ތައުފީޤު ދެއްވުމަށް އެދި ދުޢާ ކުރެވުނެވެ.
މިސްޓަރ ޝިންގް ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.
“އެންމެ ރަނގަޅު. އެހެންކަމަށްވަންޏާ ކުންފުނީގެ މާލިއްޔަތު ބާއްވާފަ ދާނިޝް އަމިއްލައަށް އެ މުވައްޒަފުންނަށް ބޭނުންވާ އިތުރު މާލީ އެހީތެރިކަން ފޯރުކޮށްދީ…” މިސްޓަރ ޝިންގް ބުންޏެވެ.
އެއާއިއެކު ދާނިޝްއަށް އިސްއުފުލާލެވުނެވެ. މިއީ އޭނައަށް ކުރިން ވިސްނިފައި ނުވާ ގޮތެކެވެ. އެހެނަސް އެހިނދު ޖެހިލުންވާ ގޮތްވިއެވެ. އެހާ ގިނަ މުވައްޒަފުންނަށް އޭނަ އަމިއްލައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނަމަ އޭނަގެ ދިރިއުޅުމުގެ ޙާލަތު ވެސް ބަދަލުވުން އެކަށީގެންވެއެވެ. ހަމައެއާއިއެކު ހިލްޔާގެ ވެސް ދިރިއުޅުމުގެ ޙާލަތު ބަދަލުވާނެއެވެ. އޭނަ އެގޮތް ބޭނުންވޭ ހެއްޔެވެ؟ ހިލްޔާ މިކަމާއިމެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟
ނުނިމޭ
