ނަފްސީ (އަށްޑިހަ އަށްވަނަ ބައި)
ނަފްސީ (އަށްޑިހަ އަށްވަނަ ބައި)
ފައިސާގެ އެ ބޮޑު ޢަދަދު ﷲ އަށްޓަކައި ހޭދަ ކުރިއިރު، ވިޔަފާރީގެ ޒާތުގައިވާ އުޞޫލެއް ދާނިޝް ހަނދާން ނެތިފައިވިއެވެ. އެއީ ބޮޑު ޢަދަދެއްގެ ފައިސާއިން ކުރެވޭ ކޮންމެ ކަމަކުން ވެސް ވިޔަފާރިއަށް އަސަރު ކުރާނެ ކަމެވެ.
ޗީފް އޯރގެނިކް ގެ ސީއީއޯގެ ނަމުގައި މުވައްޒަފުންނަށް ބަހާލެވުނު ސިޓީ އުރައިގެ ފޮޓޯ ޗައިނާގެ މީސް މީޑިއާގައި ބާރު މިނުގައި ފެތުރުނެވެ. މަޝްހޫރު ޗެނަލަކުން އެ ވާހަކަ ނުދެއްކިޔަސް ޢާއްމުންގެ ގިނަ ބަޔަކަށް އެ ވާހަކަ ފެތުރިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޗީފް އޯރގެނިކް އާއި މެދު އަނެއްކާވެސް އެހެން ގޮތަކަށް ވިސްނަން ޢާއްމުންނަށް މަޖުބޫރުވިއެވެ. އެހާ ހިތްހެޔޮ ސީއީއޯއެއްގެ ދަށުން ހިނގާ ކުންފުންޏަކުން ޤަޞްދުގައި މީހުންނަށް ގެއްލުންދެނިވި މޭވާ ނުވިއްކާނެ ކަމަށް މީހުންގެ ތުންތުންމަތިން އިވެން ފެށިއެވެ. އަދި ޕްރެސް ކޮންފަރެންސްގައި ސީއީއޯ ދެއްކި ވާހަކަތައް ޤަބޫލުކުރަން ބައެއް މީހުން ނިންމިއެވެ. މީގެ ތެރޭގައި އެހީ ދެވުނު މުވައްޒަފުންގެ ޢާއިލާތަކާއި އެމީހުން ދެކެ ފަރިތަ މީހުން ހިމެނުނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ކުންފުންޏަށް އިތުރަށް ތާޢީދު ކުރުމަށްވެސް ބާރު އަޅަމުން ދިޔައެވެ.
މުވައްޒަފުން ދޫކުރިތާ ތިންވަނައަށް ވީ ދުވަހު ވިޔަފާރީގެ ތަފާސް ހިސާބުތައް ލަސްލަހުން ނަމަވެސް މައްޗަށް އަރަން ފެށި މަންޒަރު ދާނިޝްއަށް ފެނުނީ މިހެންވެއެވެ. ޓެބްލެޓަށް ބަލަހައްޓައިގެން ގޭގެ ސިޑިން ފައިބަމުން ދިޔަ ދާނިޝްއަށް އެކަން ފާހަގަވި ވަގުތު ފިޔަވަޅުތައް ލަސްކޮށްލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މިކަން މިހެން ވާންވީ ސަބަބު ދާނިޝްއަށް ވިސްނައިގަނެވުނީ، އެ ހިނިތުންވުމުގައި ހުރެ ސިޓިންގް ރޫމުގެ ދިގު ސޯފާގައި ގޮސް އިށީން ވަގުތެވެ. އެހިނދު އެ ހިނިތުންވުން އިތުރަށް ފުންވިއެވެ.
“ދާން އާދޭ ސައިބޯން….ކީއްވެ މާ ވަރަކަށް ހެވެނީ؟” ބަދިގެ ދިމާލުން ސިޓިންގް ރޫމަށް އައި ހިލްޔާ ވާހަކަ ދައްކަމުން ގޮސް ސުވާލު ކުރިއެވެ. އެހިނދު ދާނިޝް ހިލްޔާއަށް ބަލާލިއެވެ.
“އަނެއްކާވެސް ޕްރޮފިޓް ޖެހެން ފަށައިފި. އަންބިލީވެބްލީ….އޯރ ބިލީވެބްލީ.” ދާނިޝް ކުރު ގޮތަކަށް ބުންޏެވެ.
“އަލްޙަމްދުލި ﷲ…ތި ދެން ޙައިރާންވާންޖެހޭ ކަމެއް ނޫނެއްނު؟ إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ….ތިޔަބައިމީހުން ހެޔޮކޮށް ކަންތައް ކުރާނަމަ، އެ ހެޔޮކަންތައް ކުރަނީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށޭ…” ހިލްޔާ ޙަޤީޤަތުގައި ވެސް އެއްވެސް ޙައިރާންކަމެއް ނެތި ކޮނޑު އަރުވާލަމުން ބުންޏެވެ. އެހިނދު ދާނިޝްއަށް ހިލްޔާ ދެކެ އިތުރަށް ލޯބިވެވުނުހެން ހީވި އިޙްސާސާއެކު ލުއި ގޮތަކަށް ހީލެވުނެވެ.
“އަސްލުވެސް….އާދެބަލަ ކުޑަ އިރުކޮޅަކަށް މިތާ ޖައްސާލަން. ޗުއްޓީ ހަދާލަން ރަނގަޅު ދުވަހެއްނު؟” ދާނިޝް ދެންވެސް ނުފިލާ ހިނިތުންވުމަކާއެކީ ސޯފާގައި އޭނަ ކައިރީގައި ހުރިތަނަށް ޢިޝާރާތް ކުރިއެވެ.
“ޗުއްޓީ. ރައިޓް!” ލާނެތް ވިދުވަރެއް އެކުލެވިފައިވި ލޮލަކާއި ހިނިތުންވުމަކާއެކީ ހިލްޔާ އެހެން ބުނި ހިނދު ދާނިޝްއަށް ހީލެވުނެވެ. އެހިނދު ދާނިޝް ކައިރީގައި ގޮސް އިށީން ހިލްޔާއަށް ވެސް ހެވޭ ގޮތްވިއެވެ.
އެއީ ޙަޤީޤަތުގައި އަންގާރަ ދުވަހެކެވެ. އެހެނަސް ހިލްޔާއާއި ދާނިޝް ވަނީ ދެ ދުވަސް ތެރޭގައި ޝަންގްހައިއަށް ފުރަން ރާވާފައި ކަމަށްވުމުން ހިލްޔާ ވަނީ ހޮސްޕިޓަލުން ވަކިވާން ސިޓީ ލާފައެވެ. އަދި ދާނިޝް ވެސް ވަނީ އޭނަ ޝަންގްހައިގެ އޮފީހަށް ބަދަލުވާން އުޅޭ ޚަބަރު އޮފީހުގެ މީހުންނަށް ދީފައެވެ.
ހިލްޔާ ކުއްލިއަކަށް ހޮސްޕިޓަލުން ކެނޑުމުގެ ބަދަލުގައި ސިޓީ ލާފައި 3 މަސް ވަންދެން މަޑު ކުރެވޭ ގޮތެއް ވޭތޯ ދެމީހުން މަޝްވަރާ ކުރިއެވެ. އެހެނަސް ދާނިޝް އޮފީހުގެ ޙާލަތު ހުރި ގޮތުން ވީހާވެސް އަވަހަކަށް ޝަންގްހައިއަށް ބަދަލުވާން ޖެހިފައިވެއެވެ. އެހެންކަމުން ހިލްޔާ ހޮސްޕިޓަލުން އެފަދައިން ވަކިވާން ނިންމީއެވެ. އެތައް ފަހަރެއްގެ މަތިން ރެޒިޑެންސީ ފަށާފައި މިފަދައިން ހޮސްޕިޓަލްތަކުން ވަކިވާން ޖެހިފައިވުމުން ހިލްޔާ ކަންބޮޑުވެފައިވެއެވެ. ހިލްޔާ އެ ވާހަކަ ނުދެއްކިޔަސް ދާނިޝްއަށް އެކަން ފަހުމްވިއެވެ. ހިލްޔާ އެ ޤުރުބާން ކުރަނީ އޭނަގެ ސަބަބުންކަން އެނގި، ހިލްޔާއަށް ފަހި ފުރުސަތެއް ހޯދައިދޭން ދާނިޝް ވެސް މަސައްކަތް ކުރިއެވެ.
“ލޯބި ޝަންގްހައިއަށް ގޮއްސަ ވެސް ވޯކް ކުރަން ބޭނުންދޯ؟ ރެޒިޑެންސީ ނިންމަންވާނެއެއްނު؟” ދާނިޝް އެދުވަހު ހެނދުނު ހިލްޔާ ކުރެން އެހިއެވެ.
“ހެހެ….އައި ޑޯންޓް ނޯ އެނީމޯ. ބްރޭކެއް ނަގަންވީ ކަންނޭނގެ. އޯރ ޝުޑް އައި ބީ އަ ހައުސްވައިފް؟ ހަހަ…” ހިލްޔާ ވަރުބަލިވެފައިވާ ޙާލު ބުންޏެވެ. އެދުވަހު ބަނޑުގެ ރިހުން ފުދޭވަރަކަށް ރަނގަޅެވެ.
“ދެން…ޑޮކްޓަރަކަށް ވާން ބޭނުންވި ހެޔޮ ނިޔަތް މިހާރު ނެތީތަ؟ އޯލްސޯ ލޯބި ބުނީމެއްނު ތި ބައްޔާއިމެދު ދިރާސާ ކުރަން ބޭނުމޭ؟ އަހަންނަށް ހީވަނީ އެއީ ވަރަށް މުހިއްމު ކަމެއްހެން. މިހާރު ޗައިނާގެ ވަރަށް ގިނަ މީހުން ތި ބަލީގަ އުޅެނީ. އަހަންނަށް ހީވޭ ހިލޫއަށް އެމީހުންނަށް އެހީވެވޭނެހެން.” ދާނިޝް ތެދުތެދަށް އޭނަގެ ނަޒަރިއްޔާތު ކިޔައިދިނެވެ. ދާނިޝްގެ ނަޒަރުގައި ހިލްޔާއަކީ މޮޅު ޑޮކްޓަރެކެވެ.
“ބޭނުންވޭ އެކަމަކު….މިހާރު އަހަރެންގެ ރެޒިއުމޭ އެހާ ރީއްޗެއް ނޫން. ޖޮބެއް ލިބޭނެތަ ދެން އެއްވެސް ހޮސްޕިޓަލަކުން؟” ހިލްޔާ އެހިއެވެ.
“މަސައްކަތް ކުރީމަ ދޯ އެނގޭނީ؟ ބަލާބަލަ އަހަރެން ކުޑަކޮށް ހޯދާލިން. މިއީ ޝަންގްހައިގެ ބޮޑު ހޮސްޕިޓަލެއް. ރިސާޗް ސެންޓަރަކާއެކީ ހުންނަ ހޮސްޕިޓަލެއް.” ދާނިޝް ޓެބްލެޓުން ސާޗް ކޮށްލަމުން ލިންކަކަށް ދިޔުމަށްފަހު ހިލްޔާގެ އަތަށް ޓެބްލެޓް ލައިދިނެވެ.
“ރިސާޗް…. ސެންޓަރަކާ އެކީގައޭ؟” އެ ސްކްރީނަށް ބަލާލި ވަގުތު ހިލްޔާއަށް އެހެން ބުނެވުނީ ކެނޑިކެނޑިގެންނެވެ. އެ އިވުނު ބަސްތަކުގައި ނޭނގި ނަމަވެސް އެތައް އަހަރެއް ވަންދެން ހިތުގައި އޮތް އެދުމެއް ހަނދާންވެގެން ދިޔައެވެ. އޭނަ އަބަދުވެސް ބޭނުންވީ އެފަދައިން ދިރާސާ ކުރެވޭ ފަދަ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާށެވެ. އޭނަ ޑޮކްޓަރަކަށްވީ ބަލިތަކުގެ ފަހަތުގައިވާ އަސްލު ސަބަބާއި ހަމައަށް ގޮސް ބަލިމީހުންނަށް އެކަން ސާފުކޮށް ދިނުމަށްޓަކައި ކަމަށްވުމުންނެވެ. އެހެނަސް މިހާތަނަށް އައިއިރު އޭނައަށް އެ ފުރުސަތެއް ލިބިފައެއް ނުވެއެވެ. މިއީ އޭނަ ދާނިޝް ގާތު ބުނެފައިވާ ވާހަކައެއް ނޫނެވެ. އަދި އެކަމަށްޓަކައި ދުޢާ ވެސް ކޮށްފައިވާ ކަމެއް ނޫނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނަގެ ހިތުތެރޭގައިވި އެދުން ދެނެވޮޑިގެން އޭނައަށް މި ފުރުސަތު ދެއްވަނީ ހެއްޔެވެ؟
ހިލްޔާ ވިސްނުމަކަށް ގެއްލިފައި އިންދާ ދާނިޝް އިތުރަށް ވާހަކަ ދެއްކިއެވެ.
“މިއީ އަނެއްހެން 5 ސްޓާރ ހޮސްޕިޓަލެއް ނޫން. އެކަމަކު ރެއާރ ބަލިތަކަށް ފަރުވާ ހޯދަން ވަރަށް މޮޅުތަނެއް. އެހެންވީމަ މިސްޓަރ ޝިންގް ވެސް ބެއިޖިންގް ގެ އެ ހޮސްޕިޓަލުގަ އޮވެފަ މި ހޮސްޕިޓަލަށް ބަދަލުވީ. ދިރާސާ ކުރާނެ ފުރުސަތު ވެސް ޑޮކްޓަރުންނަށް ފަސޭހައިން ލިބޭނެ މި ހޮސްޕިޓަލުގަ.” ދާނިޝް އިތުރަށް ކިޔައި ދިންދިންހެން ހިލްޔާ އަދި އެ ހޮސްޕިޓަލަށް ދާން މާ ބޮޑަށް ވެސް ބޭނުންވިއެވެ.
“އަހަންނަށް…މި ތަނުން ލިބޭނެތަ ޖޮބެއް؟” ހިލްޔާ އެ ހޮސްޕިޓަލުގެ ފޮޓޯއަށް ނަޒަރު ހުއްޓައިގެން އިނދެ ބުންޏެވެ.
“އިން ޝާ ﷲ. އަހަންނަށް ވުރެ ވަރުގަދަ ކަނެކްޝަނެއްނު ހިލޫ ގެންގުޅެނީ؟” ދާނިޝް ރާގަކަށް ބުންޏެވެ. އެހިނދު ހިލްޔާ ދާނިޝްއަށް ބެލިއެވެ. މީގެ މަސްތަކެއް ކުރިން އެ ދެމެދުގައި ދެކެވުނު ވާހަކައެއް ހަނދާންވުމުން ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ.
އެދުވަހު ދާނިޝް ގޭގައި އުޅޭ ނޯކަރުން ވަޒީފާއިން ވަކި ކުރާ ވާހަކަ އެންގިއެވެ. އެ ވާހަކައިން އެ ހުރިހާ ނޯކަރުން ވެސް މާޔޫސްވިއެވެ. އެމީހުންނަށް ވަޒީފާ ގެއްލުމަށްވުރެ ބޮޑަށް ދާނިޝް އާއި ވަކިވާން ޖެހޭތީވެއެވެ. ދާނިޝް ވެސް އެމީހުންނާއި ވާހަކަ ދެއްކިއިރު ދެރަވާ ގޮތްވިއެވެ. ވަކިން ޚާއްސަކޮށް ބައްޕަ ދުނިޔޭގައި ހުރިއްސުރެ އެ ގޭގައި ބަޓްލަރެއްގެ ގޮތުގައި މަސައްކަތް ކުރި ޗައިނާގެ މެދު ޢުމުރުގެ ފިރިހެން މީހާއެވެ. ދާނިޝް ލޮލުން ކަރުނަތައް ނިރާލީ، ދެން ވެސް އެހެން ދުވަހަކުން ނޯކަރުން ބޭނުންވެއްޖެނަމަ ތިމަންނަމެންނަށް ގުޅާލަން ބުނި ބުނުމުންނެވެ.
ގެ ކައިރީގައި ހުރި ގެސްޓްހައުސްގައި އެ ނޯކަރުންނާއި ބައްދަލުކުރުމަށްފަހު އަނބުރާ ދާނިޝް ގެއަށް އައި ވަގުތު ގޭގެ ވަށައިގެން ނަޒަރެއް ދެވުނެވެ. ހަމަ އެއާއިއެކު އެ ގެ ދޫކޮށް ދާންޖެހޭތީ ހިތަށް މާޔޫސްކަމެއް ވެރިވިއެވެ. އެ ގޭގައި އޭނަގެ މަންމައާއި ބައްޕަގެ ހަނދާންތަކެއް ވާތީވެއެވެ. އަދި އަމުދުން އެ ގެއަކީ ބައްޕަ އޭނައަށް ދީފައިވާ ހަދިޔާއެއް ކަމަށްވާތީވެއެވެ. އެ ގޭގައި އުޅެވޭނެހާ ފެންވަރެއް މިވަގުތު ނެތުމުން އެ ގެ ވިއްކާލަން ޚިޔާލު ކޮށްފައިވެސް އެ ޚިޔާލު ބަދަލު ކޮށްލެވުނީ މި ސަބަބުތަކާ ހުރެއެވެ. މިވަގުތަށް ދާނިޝް ނިންމީ އެ ގެ ކުއްޔަށް ދޭށެވެ. ކޮންމެވެސް ދުވަހަކުން އެ ގެއަށް އަނބުރާ އައުމުގެ އުއްމީދުގައެވެ.
އޭގެ ދެ ދުވަސްފަހުން ހިލްޔާއާއި ދާނިޝް ތިބީ ޝަންގްހައިއަށް ފުރާ ފްލައިޓް މަތީގައެވެ. 2 ގަޑިއިރެއްހާއިރު ގެ އެ ފްލައިޓް މަތީގައި މިހާރުގެ އާދައިގެ މަތިން ހިލްޔާ ބަނޑަށް ތަދުވަމުން ދިޔައެވެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ހިލްޔާގެ އަތް ދަބަސް ތެރޭގައި އެއްކަލަ ސައިފަތް ހުއްޓެވެ. މިހާތަނަށް އައިއިރު ބަންދުކުރެވިފައިވާ އެ ބޮޑު ޕެކެޓުގައިވާ ސައިފަތް ވަރަށް މަދުވެފައިވިއެވެ. ޝަންގްހައިއަށް ދެވޭ ކަމީ ނަސީބެއްކަމަށް އެކަމުން އެ ދެމީހުންނަށް ވެސް ޤަބޫލު ކުރެވުނެވެ. ފެންނަމުން ދިޔަ ހުރިހާ ކަމަކުން ވެސް އެ ދެމަފިރިން ވެސް ޝަންގްހައިއަށް ބަދަލުވާތީ ހިތްހަމަޖެހިފައިވިއެވެ.
ފްލައިޓް ފެށުނުއިރު ހިލްޔާއާއި ދާނިޝްއާ ދެމެދު ވާހަކަ ދެކެވުނެވެ. ވަކި ހިސާބަކުން ހިލްޔާ ޤުރުއާން މުރާޖަޢާ ކުރަން ފެށިއިރު ދާނިޝް ޝަންގްހައި އޮފީހުގެ ބައެއް ލިޔެ ކިޔުންތައް ބަލަމުން ދިޔައެވެ. އެ ބަލައި ނިމުނުއިރު ވެސް ހިލްޔާ ޤުރުއާން ކިޔަވާތީ ދާނިޝްއަށް ވެސް ޤުރުއާން ކިޔެވެން ފެށިއެވެ. ހަމަ އެއާއިއެކު ހިލްޔާގެ ސަބަބުން މިހާ ބުރަވެގެން ދާއިރު ވެސް އޭނަ ދީނީ ކަންތައްތަކާ ދުރުނުވާ ގޮތް ދާނިޝްއަށް ފާހަގަވިއެވެ. އެވަގުތު ވެސް ހިލްޔާ އޭނަގެ ޙަޔާތުގައިވީތީ އުފާ ކުރެވުނެވެ.
ޤުރުއާނަކީ ބަރަކާތްތެރި ފޮތެކެވެ. އެ ފޮތް ކިޔަވައި، އުނގެނި ތަދައްބުރު ކުރާ މީހަކަށް ﷲ އިރާދަކުރައްވާ މިންވަރަކުން އެ ބަރަކާތް ޙަޔާތުގައި ވެސް ތަޖުރިބާ ކުރެވޭނެއެވެ.
ފްލައިޓް ޖައްސައި އެއާރޕޯޓުން ގެއަށް ދިޔުމަށް ޓެކްސީއަކަށް އެރި ވަގުތު ދިރިއުޅުމުގެ ޙާލަތު ބޮޑުތަނުން ބަދަލުވާން އުޅޭކަމަށް އަމިއްލަ ނަފްސު ގާތު ބުނެ، ހިލްޔާ ސިކުނޑި ތައްޔާރު ކުރަމުން ދިޔައެވެ. ދާނިޝް ވެސް ހިތާހިތުން ތައްޔާރުވަމުން ދިޔައީ އެޕާޓްމެންޓަށް ގޮސް، ހިލްޔާ ނުބުންޏަސް ހިލްޔާގެ މޫނުމަތިން ހިތްހަމަނުޖެހުމާއި ދަތި އުދަގޫވެފައިވާ މިންވަރު ފެނުމަށެވެ. އެހެނަސް ކަންތައް ވެގެން ދިޔައީ ދެމީހުން ވެސް ހީކުރި ގޮތަކަށް ނޫނެވެ.
ހަވީރު ވަގުތު ޝަންގްހައިގެ މަގުމަތިން ދުއްވަމުން ދިޔަ ޓެކްސީ ގޮސް މަޑުކޮށްލީ 30 ފަންގިފިލާގެ ފުޅާ ޢިމާރާތެއްގެ ކުރިމައްޗަށެވެ. ޓެކްސީއިން ފޭބި ވަގުތު ވެސް ހިލްޔާ އުއްމީދު ކޮށްގެން ހުރީ އިރުކޮޅެއްގެ ތެރޭގައި ނުހަނު ކުޑަ އެޕާޓްމެންޓަކަށް ގޮސް ވަނުމަށެވެ. އެހެނަސް އެ ޢިމާރާތުގެ ލިފްޓަށް އަރައި ދާނިޝް ފިތާލީ އެންމެ މަތީ ފަންގިފިލާގެ ބަޓަނަށެވެ. އެކަމާމެދު ހިލްޔާ ކުޑަކޮށް ޙައިރާންވާ ގޮތްވިއެވެ. ޢާއްމު ގޮތެއްގައި އެންމެ މަތީގައިވާނީ ޢިމާރާތުގެ އެންމެ ބޮޑު އެޕާޓްމެންޓް ކަމަށްވާތީވެއެވެ. އެހެނަސް މި ޢިމާރާތުގެ ގޮތް ތަފާތު ވެދާނެތާއޭ ހިތަށްއެރިއެވެ.
އެހެނަސް ހިލްޔާ ހީކުރި ގޮތާއި ޚިލާފަށް އެ ޢިމާރާތުގެ ގޮތް ތަފާތެއް ނުވިއެވެ. އެންމެ މަތީ ބައިގައި ހުރީ އެ ޢިމާރާތުގެ ޕެންޓްހައުސްއެވެ. ދާނިޝް އޭނަ ގޮވައިގެން ދިޔައީ އެ ޕެންޓްހައުސްގެ ދޮރާއި ދިމާލަށެވެ. އަތުގައި އޮތް ކީކާޑުން ޕެންޓްހައުސްގެ ދޮރު ހުޅުވާލުމާއިއެކު ފެނިގެން ދިޔައީ ފުޅާ ކުޑަދޮރުތަކުން އަލި އެޅިފައިވާ ތަނަވަސް ސިޓިންގް ރޫމެކެވެ. ހުދުކުލައިގެ މާރބަލް ޓައިލްސް ޖެހިފައިވާ އެ ސިޓިންގް ރޫމުގައި ގަދަ ނޫކުލައިގެ ސްޕޮންޖް ސޯފާތަކެއް ވީއިރު އެއްފަރާތަކުން ދިގު ކާމޭޒެއް ފެންނަމުން ދިޔައެވެ. އަދި އަނެއް ފަރާތުން ކޮޓަރިތަކުގެ ދޮރުތަކާއި އެތެރެއަށް ވަދެވޭ ސަރައްކާލިއެއް ފެނުނެވެ.
ވަށައި ނަޒަރު ހިންގަމުން ހިލްޔާ ލަސް ފިޔަވަޅުތަކެއްގައި އެތެރެއަށް ވަންއިރު ދާނިޝް ހިލްޔާއަށް ބަލަން ވެސް ބޭނުން ނުވެފައި އެޕާޓްމެންޓްގެ ދޮރު ލައްޕާލިއެވެ. ދެންވެސް ހިލްޔާއަށް ބަލާލެވުނީ ޖެހިލުންވުމަކާއި އެކީގައެވެ. ގަނޑުވަރެއްގައި ހިލްޔާ ގެންގުޅެފައި އެޕާޓްމެންޓަކަށް ގެނައުމުން ހިލްޔާގެ ނަޒަރުގައި އޭނަ ދަށްވާނެތާއޭ ހިތަށްއަރަމުން ދިޔައެވެ. ހިލްޔާއަށް ދެން މިފަދަ ތަނެއްގައި އުޅެން ކަމުވެސް ދާނެތޯ ހިތަށްއެރިއެވެ.
މިފަދަ ޚިޔާލުތަކެއްގައި ދާނިޝް ހުއްޓާ ހިލްޔާ އޭނައާއި ވީ ފަރާތަށް އެނބުރިލިއެވެ.
“މިއީ ކުޑަ؟” ހިލްޔާ އަހާލީ އެހެންނެވެ.
“ތިބުނީ؟” ދާނިޝް އޮޅުނެވެ.
“ދާން ބުނީ ކުޑަވާނެއޭ…” ހިލްޔާ ބުންޏެވެ.
“ކުރީގަ… ތިބި ގެއަށް ވުރެ ކުޑަ ދޯ؟” ދާނިޝްއަށް ޖެހިލުންވުމަކާއެކީ ބުނެވުނެވެ.
“ޔާ ބަޓް….ދިސް އިޒް ބިއުޓިފުލް. ބަލާބަލަ ވިއު!” ހިލްޔާ ކުޑަދޮރުތަކާއި ދިމާލަށް އަތް ދިއްކޮށްފައި ދެންވެސް އަޖާއިބުވެފައި ބުންޏެވެ. އެ ދޮރުތަކުގެ އަނެއްފަރާތުން ފެންނަމުން ދިޔައީ އޮއްސެމުން ދިޔަ އިރުގެ އަލިން ފެންވެރުވިފައިވާ ޝަންގްހައިގެ ދިގު ޢިމާރާތްތަކެވެ.
“ޔާ އެކަމަކު….ސާރވެންޓުން ނޫޅޭނެ. ގޭގެ މަސައްކަތް ދެމީހުން ކުރަންޖެހޭނީ. އެކަމަށް ސްޕެންޑް ކުރެވޭކަށް ނެތް އަދި.” ދާނިޝް ބުންޏެވެ.
“ހޫ ކެއާރސް…އައި ލައިކް ދިސް.” ހިލްޔާ ތެދުތެދަށް ބުނަމުން ކުޑަދޮރުތަކާއި ދިމާލަށް ހެވިފައި ހުރެ ޒާތަކަށް ދުވެފައި ދިޔައެވެ. ހިލްޔާ ޙަޤީޤަތުގައި ވެސް ހުރީ އުފަލުގައި ކަން ޤަބޫލުކުރަން ދާނިޝްއަށް ފުރަތަމަ ދަތިވިއެވެ. އެހެނަސް ހިލްޔާގެ ގޮތް އެނގުންވެގެން ދިޔުމުން ދާނިޝްއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އަދި ލަސް ހިނގުމެއްގައި ގޮސް ކުޑަ ދޮރު ކައިރި ހުއްޓި ހުރި ހިލްޔާ ކައިރިއަށް ދިޔައެވެ.
“އެއޮތް ފެންނަނީ އަހަރެންގެ އޮފީސް. ކާވްކޮށް ހުރި ބިލްޑިންގް.” އިރުކޮޅެއް ވަންދެން ހުރެފައި ދާނިޝް ޢިމާރާތަކަށް ޢިޝާރާތް ކުރަމުން ބުންޏެވެ.
“އޮހް….ސޯ އޭގެ މާނައަކީ އޮފީސް ވެސް ކައިރިއޭ މި އެޕާޓްމެންޓާ؟” ހިލްޔާ އެހިއެވެ.
“ޔާ….10 މިނެޓްސް ތެރޭ ދެވޭނެ. ހިލޫށް އެދުވަހު ދެއްކި ހޮސްޕިޓަލަށް 40 މިނެޓްސް ތެރޭ ދެވޭނެ.” ދާނިޝް ބުންޏެވެ.
“ސުބްޙާނަ ﷲ. ފުރަތަމަ ވެސް މިކޮޅަށް ނުގެނައީ ކީއްވެހޭ މިހާރު އަހަން ބޭނުމީ! ޕްލީޒް އާންސާ.” ހިލްޔާ ދާނިޝްއާއި ދިމާލަށް އެނބުރި ދެއަތް އުރާލަމުން އެ ސުވާލު ކޮށްލި ގޮތުން ދާނިޝްއަށް ހެވެން އުޅުނެވެ. އެހެނަސް ނުހެވި ހިލްޔާއަށް ބަލަން ހުރެވުނީ ހިލްޔާ އެވަގުތު ރުޅި މޫނު ދައްކައިގެން ހުރި ގޮތް ލޯބިވުމުންނެވެ. ހިތް ލޯބިން ފުރިގެން އައުމުން ދާނިޝް ހިލްޔާގެ އުނަގަނޑުގައި ދެއަތުން ވަށާލަމުން އުރާލިއެވެ. އުރާލި ވަގުތު ހިލްޔާގެ އަނގައިން ތޫލި އަޑެއް ނިކުތެއް ކަމަކު އިރުކޮޅެއްގެ ތެރޭގައި ދެމީހުންގެ ހުނުމުގެ އަޑު އެޕާޓްމެންޓުގައި ހަރުލިއެވެ.
ނުނިމޭ
