ނަފްސީ (ހަތްދިހަ ހަތަރުވަނަ ބައި)
ނަފްސީ (ހަތްދިހަ ހަތަރުވަނަ ބައި)
“ޖޯކެއް ނޫން. އެއީ އެ ދަރީގެ ބައްޕަ އުފެއްދި ކުންފުންޏެއް. އެމް ބީ އޭ ވިތް އޮނާސް ނަގައިގެން ވަރަށް ބުރަ މަސައްކަތް ކޮށްގެން އެ މަޤާމަށް ދިޔަ ފިރިހެނެއް. ޔޫ ޝުޑް ނޮޓް އަންޑަރއެސްޓިމޭޓް ހިމް.” ނަސީމް އެކޮޅުން އެ ވާހަކަ ދައްކައި ނިމުނު ވަގުތަކީ ސްކްރޯލް ކުރަމުން ގޮސް ކުންފުނީގެ ސީއެފްއޯގެ ތަސްވީރު ރާފިލްގެ ސްކްރީނުން ފެނިގެން ދިޔަ ވަގުތެވެ. އެހިނދު ލިބުނު ޝޮކުގައި ރާފިލްގެ ދެލޯ ބޮޑުވިއެވެ.
އެ ވެބްސައިޓުން ސީއެފްއޯ ގެ މަޤާމުން ފެނިގެން ދިޔަ ދާނިޝް ގެ ފޮޓޯއަށް ބަލަހައްޓައިގެން ނޭވާ ވެސް ލާން ހަނދާން ނެތިފައި ރާފިލްއަށް އިނދެވުނެވެ. ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން އޯސިސް ކްލިނިކުން މާސްކް އަޅައިގެން ހުއްޓާ އޭނައަށް ފެނުނު ދާނިޝްއެވެ. އެ ދާނިޝް އާއިމެދު އޭނައަށް ދަށްކޮށް ދެކެވުނު ގޮތެވެ. ކްލިނިކްގައި އުޅެންވީ ގޮތް ދާނިޝް އޭނައަށް ކިޔައިދިނުމުން އޭނަ ދާނިޝް އާއި ދިމާލަށް ހަޅޭއްލެވި ގޮތެވެ. އެހިނދު ސިކުނޑިއަށް ހާސްކަމެއް ވެރިވިއެވެ. އޭނައަށް ހަޅޭއްލެވުނީ އޭނައަށް ވުރެ މޮޅު އަދި މުއްސަނދި ވެސް މީހަކާއި ދިމާލަށްތޯ ހިތަށްއެރިއެވެ. އެ ޚިޔާލުން އިސާހިތަކު އޭނަގެ ހިތުގައިވި ކިބުރުވެރިކަން އުތުރި އަރައިގަތެވެ.
“ބަޓް….ދިސް ކާންޓް ބީ! މި $#@ ކިހިނެއް ސީއެފްއޯ އަކަށް ވާނީ؟ މިއީ އޯސިސް ކްލިނިކްގެ މަސައްކަތު މީހެއް!!!” ރާފިލް ހަރުވަމުން ދިޔަ އަޑާއިއެކީ އެހެން ބުނީ ދާނިޝްގެ ފޮޓޯގެ ކައިރީގައި ހުރި ތަފްސީލު ކިޔަމުން ދިޔަ ވަރަކަށް ހިތަށްވީ އުދަގުލުންނެވެ. ޗީފް އޯރގެނިކް ގެ ބޮޑު ހިއްސާއެއް ދާނިޝްއަށް ލިބިގެންވާ ކަމާއި، ދާނިޝްގެ ސާފު މިލްކިއްޔާތުގެ ޢަދަދު ފެންނަމުން ދިޔަ ގޮތުންނެވެ.
“އެތާ އެޑްމިން އެއްގެ ގޮތުގަ އޭނަ މަސައްކަތް ކުރީ ކީއްވެކަމެއް މަށަކަށް ވެސް ނޭނގޭ. އެކަމަކު އޯސިސް ވެސް ކޮޅަށް ނެގީ އޭނަ ދޯ އެހާ ކުރު މުއްދަތެއްގެ ތެރޭ. އޯސިސް ގަ މަސައްކަތް ކުރިއިރު ރާފިލް އާ ޖައްސާލައިގެން އުޅުނުތަ އޭނަ؟ އަސްމާގެ މައްސަލައާ ހެދި؟” ނަސީމް އެހިއެވެ.
“އަސްމާ ގެ ވާހަކައެއް ނުދައްކާ. އެކަމަކު ޖައްސާލައިގެން އުޅުނު ހިލްޔާއާ ހެދި. ހިލްޔާ ލޯބިވަނީ އަހަރެން ދެކެ ވިއްޔާ.” އަމިއްލަ ‘އަބުރު’ ރައްކާތެރި ކުރުމަށްޓަކައި ރާފިލްގެ ސިކުނޑި ނުހިނގާ ކަންތައް ވެސް ޚިޔާލު ކުރަން ފެށި ފަދައެވެ.
“އެކަމަކު ހިލްޔާ ކައިވެނި ކުރީ އޭނައާ ދޯ؟ ކައިވެނި ކޮށްގެން ދެމީހުން އެކީގަ ޗައިނާއަށް ގޮއްސަ ވީ.” ނަސީމް އެކޮޅުން ބުނި ވާހަކައިން އައި ރުޅީގައި ރާފިލް ގޮށްމުއްކަވައި މޭޒުމަތީގައި ޖެހިއެވެ.
“އެއީ އެ %$&@ ހިލްޔާ ލައްވާ ގަދަކަމުން އޭނައާ ކައިވެނި ކުރުވީ. ހިލްޔާ ލޯބިވަނީ އަހަރެން ދެކެ. ހަމައެކަނި އަހަރެން ދެކެ!” ރާފިލް ހަރު އަޑުން އެހެން ބުނީ އެހެން މީހަކަށް ވުރެ ބޮޑަށް އޭނަގެ އަމިއްލަ ނަފްސަށް އެކަން ޔަޤީން ކޮށްދިނުމަށެވެ.
“އެހެންވިއްޔާ ޗައިނާއަށް ގޮއްސަ ތި ދާނިޝް ގެ ވިޔަފާރި ފުނޑުފުނޑު ކޮށްލާ. އޭރުން ހިލްޔާ ރާފިލްގެ ގާތަށް އަނބުރާ އައިސްދާނެ.” ނަސީމް ބުންޏެވެ.
“ތީނަ ނުބުންޏަސް ތިއީ ވެ ނިމިފަ އޮތް ކަމެއް.” ރުޅިން ތުރުތުރު އަޅާ އަޑަކުން އެހެން ބުނުމަށްފަހު ރާފިލް އެކޮޅުން ބުނާނެ ވާހަކައަކަށް އިންތިޒާރު ކުރުމެއް ނެތި ފޯނު ކަނޑާލިއެވެ.
އިސާހިތަކު ރާފިލް ފޯނުން ޒިވްއަށް ގުޅާލިއެވެ. ދެ ތިން ރިންގަކަށްފަހު އެކޮޅުން ޒިވް ޖަވާބު ދިނުމާއިއެކު އެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރި ކުރުވައިފިއެވެ.
“ހައި ލަވް….ކޮންތާކު ތިހިރީ؟” ރާފިލް އެ ސުވާލު ކުރި ގޮތުން ރާފިލްއަކީ ރުޅި އަންނަ މީހެކޭ ވެސް މަންޒަރު ބަލާ މީހަކު ނުބުނާނެއެވެ. އަމިއްލަ ކިބުރުވެރިކަން ރައްކާތެރި ކުރުމަށްޓަކައި ސިކުނޑި ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ދިޔައެވެ.
“ޝޫޓިންގް ނިންމާލާފަ ގެއަށް ދާން ޓެކްސީއެއް ހޯދަން މިއުޅެނީ.” ޒިވް އެކޮޅުން ބުންޏެވެ. ޒިވްގެ އަޑުގައި ހުރި ނުރުހުންތެރިކަން ރާފިލްއަށް ފާހަގަވިއެވެ. އެދުވަހު އެ ދެމީހުންގެ ހޫނު ދެބަސްވުމަށްފަހު ޒިވް ހުންނަނީ އޭނައަށް ނުރުހުންވެފައިކަން ރާފިލްއަށް އެނގެއެވެ. އޭނަ ގަދަކަމުން ޒިވްއާ ކައިރި ވިޔަސް ޒިވް ޖަޒުބާތީ ގޮތުން އޭނައާއި ދުރުވެއްޖެކަން ރާފިލްއަށް އެނގެއެވެ. އެކަމާހެދި މިހާތަނަށް އައިއިރު ރާފިލް އެއްވެސް ކަމެއް ކޮށްފައި ނުވަނީ ރާފިލް އެކަމާއިމެދު ކޮންމެހެން ދެރައެއް ނުވާތީވެއެވެ.
އެހެނަސް ދާދި ދެންމެ އެނގުނު ކަންތަކުން ޒިވް އަނެއްކާވެސް މުހިއްމު ވެއްޖެއެވެ. ދާނިޝް އާއި ރަނގަޅަށް ބަދަލު ހިފުމަށް ޒިވް އޭނަދެކެ ލޯބިވުން މުހިއްމު ކަމަށް ރާފިލްއަށް ޤަބޫލު ކުރެވުނެވެ. އަދި މިއީ ދާނިޝް ހިލްޔާ ދޫކޮށްލާނެ ގޮތެއް ކަމަށް ވެސް ޤަބޫލު ކުރެވުނެވެ.
“ޓެކްސީއިން ދާނެ ކަމެއް ނެތް. އައި ވިލް ކަމް ޕިކް ޔޫ. ހިނގާ ލަންޗް ޑޭޓަކަށް ދާން.” ރާފިލް ބުންޏެވެ.
“ރާފިލް އައިމް ޓަޔަޑް. އައި ވޯންޓު ގޯ ހޯމް.” ޒިވް ޖަވާބުގައި ބުނި ބުނުމުން ރާފިލް ނުރުހުން ވިޔަސް އެ ނުރުހުންތެރިކަން ނުދެއްކިއެވެ.
“ވީ ކޭން ގޯ ހޯމް އޭ އެހެންވީމަ. ޔުއާރ ޕްލޭސް.” ރާފިލް ބުންޏެވެ.
“ނޯ. އައިމް ނޮޓް އިން އަ މޫޑް.”
“އަހަރެން އެއްވެސް ކަމެއް ނުކުރާނަމޭ.”
“ޓްރަސްޓް ނުކުރެވޭ ތި ވާހަކައަށް.”
ޒިވް ތަކުރާރުކޮށް އޭނައަށް އިންކާރު ކުރަން ފެށުމުން ރާފިލްގެ ރުޅިގަނޑު ފަޅައިގެން ދާން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު ފުން ނޭވައެއް އެތެރެއަށް ލަމުން ރާފިލް ހަމައަކަށް އެޅުނެވެ.
“ލުކް….ޒިވް. އަހަންނަށް އެނގޭ ޒިވް އަހަންނަށް ރުޅިންކަން ތިހިރީ. އެދުވަހުގެ ފައިޓްގެ ސަބަބުން. އެކަމަކު އެއީ ހަމަ އެންމެ ފައިޓެއް ނޫންތަ؟ ކަޕްލް އެއް ވިއްޔާ ފައިޓްސް ވެސް ހުންނާނެ. އޭގެ މާނައެއް ނޫން ދެމީހުން އެކަކު އަނެކަކު ދޫކޮށްލަންވީއޭ. ނޫންތަ؟” ރާފިލް ނުހަނު ޖަޒުބާތީ ގޮތަކަށް ބުންޏެވެ.
ފޯނުގެ އަނެއްކޮޅުގައި ހުރި ޒިވް އެވަގުތު ހުރީ މާލޭގެ ޕޭވްމެންޓެއްގެ މަތީގައެވެ. ރާފިލްގެ އެ ވާހަކަ އިވިފައި ޒިވްގެ ލޮލުން ކަރުނަ ހިލުނެވެ. ޙަޤީޤަތުގައި އެއީ ޚުދު އޭނަގެ ހިތުގައި ވެސް އުފެދެމުން ދިޔަ ސުވާލެކެވެ. އެހެނަސް ރާފިލް އޭނައަށް ޤަދަރު ނުކުރާ ކަމުގެ އިޙްސާސުން ރާފިލް ދޫކޮށްލަން ވެސް ޚިޔާލު ކުރެވެމުން ދިޔައެވެ. ރާފިލް ދޫކުރުމުގެ ޚިޔާލުން އެ ހިތަށް އުދަގޫވެފައިވިއެވެ. ރާފިލް އެ ވާހަކަ އެހެން ދެއްކުމުން ހިތަށް އަސަރު ކުރީ އެހެންވެއެވެ.
ޒިވް ވަކި އެއްޗެކޭ ނުބުނެވިފައި ހުއްޓާ ރާފިލް އިތުރަށް ވާހަކަ ދެއްކިއެވެ.
“އަހަރެން….ޢާއްމު ގޮތެއްގަ މި ކަހަލަ ވާހަކަ ނުދައްކަން ޒިވް. އެކަމަކު އައި ތިންކް ޔޫ އާރ ދަ ލަވް އޮފް މައި ލައިފް. ކިތަންމެ ގިނަ އަންހެން ކުދިންނާ އެކީ އުޅުނަސް ޔޫ އާރ ސްޕެޝަލް ފޯ މީ. ތިންކް އެބައުޓް އިޓް. ދެމީހުންނަށް ދެމީހުންގެ ހުރިހާ ޑާރޓީ ސީކްރެޓްސް އެބަ އެނގޭ. އެކަމަކު ވެސް ދެމީހުން މިތިބީ ހަމަ ރިލޭޝަންޝިޕެއްގަ. މިއީ ހަމަ ސޯލްމޭޓް ސިޗުއޭޝަނެއް ނޫންތަ؟” ރާފިލް އެހެން ބުނެލީ ވަރަށް ދުރު ހަނދާނަކުން ހިލްޔާ އޭނަ ގާތު ބުނި ވާހަކައެއްގެ ހަނދާން އާވުމުންނެވެ. އެ ބަސްތަކަކީ މިވަގުތު ޒިވް އާއި ކުޅެލަން ރަނގަޅު ބަސްތަކެއް ކަމަށް ހީކުރެވުނެވެ.
ރާފިލް ގެ އެ ރޭވުން ކާމިޔާބުވިއެވެ. ރާފިލްގެ އެ ބަސްތައް ޒިވްގެ ކަންފަތާއި ހަމައަށް ފޯރި ވަގުތު އެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އެހިނދު އެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވިއެވެ. އޭނަގެ ޙަޔާތަށް ވެސް ‘ޙަޤީޤީ ލޯތްބެއް’ ލިބިދާނެ ކަމުގެ އުއްމީދެވެ.
ރަނގަޅު ނިޔަތެއް ނެތި ހަވާ ނަފްސަށް ތަބާވާ ލޯތްބަކުން އަމިއްލަ ނަފްސު ވެސް ބަރުބާދުވެގެން ހިނގައިދާނެކަން ޒިވް އަށް އެނގޭނެނަމައެވެ.
“އައި….އޯލްސޯ ތިންކް ދަ ސޭމް ހަމަ. ވަރަށް ހީވޭ ތިއީ އަހަރެންގެ ސޯލްމޭޓް ހެން…” ޒިވް ބުންޏެވެ. އެހިނދު ރާފިލް ގާތު އެހެން އަންހެން ކުދިން ދޫކޮށްލުމަށް ބުނަން ހިތަށްއެރިއެވެ. އެހެނަސް އެހެން ބުނަން ނުކެރުނީ ރާފިލް އޭނައަށް ގެއްލިދާނެތީވެއެވެ. އޭނަގެ ‘ސޯލްމޭޓް’ އޭނަ ގެއްލުވާލާނީ ކިހިނެއް ހެއްޔެވެ؟ އެހެންކަމުން އެ ވާހަކަ އަނެއްކާވެސް ފަސްކޮށްލެވުނެވެ.
“ދިސް ކޯލްސް ފޯ އަ ޑޭޓް ދޯ؟ ހިނގާ ދެމީހުން ސަޅި ތަނަކަށް ދާން.” ރާފިލް ފުރުސަތުގެ ބޭނުން ހިފިއެވެ.
“އާނ ހިނގާ.” ޒިވް ކޯތާފަތުން ކަރުނަ ފޮހެމުން ހިނިތުންވުމަކާއެކީ އެހެން ބުނީ، ދެންމެ ވަރުބަލިވެފައިވި ކަން ވެސް ހަނދާން ނެތިފައިވާ ޙާލުގައެވެ.
“ގްރޭޓް! ސީ ޔޫ ސޫން! ލަވް ޔޫ.” ރާފިލް ކާމިޔާބުގެ ހިނިތުންވުމަކާއެކީ އެހެން ބުނެ، ޒިވް ވެސް ލޯބިވާ ވާހަކަ ބުނުމުން ރާފިލް ފޯނު ކަނޑާލިއެވެ.
ފޯނު މޭޒުމަތީގައި ބާއްވަމުން އަނެއްކާވެސް ލެޕްޓޮޕް ސްކްރީނަށް ނަޒަރު ހުއްޓާލެވުނު ތަނާހެން ރާފިލްގެ ހިނިތުންވުން ފިލައިފިއެވެ. ދާނިޝްގެ ފޮޓޯއަށް ބަލަހައްޓައިގެން އިންއިންހެން އިސާހިތަކު އެ ބުމަ ގޮށްޖެހި، ދަތްކުނޑި ވިކުނެވެ. އޭގެ ދެވަނަ ސިކުންތުގައި ރާފިލް ދެއަތުން އޭނަގެ ހުޅުވިފައިވާ ލެޕްޓޮޕް ނަގައި އަތުގެ ކޮޅަށް ހޫރާލިއެވެ. ލެޕްޓޮޕް މާ ދުރުގައި ހުރި ފާރެއްގައި ޖެހި ބިންމަތީގައި ޖެހުނު އަޑު ނުކެނޑެނީސް ރާފިލް މޭޒުމަތީގައި ހުރި ކޮފީ ތަށީގައި ޖެހިޖެހީނުން އޭތި ވެސް ވައްޓާލައިފިއެވެ. އެހާ ވަރުން ވެސް ހިތްހަމަ ނުޖެހިގެން އިށީނދެގެން ހުރި ގޮނޑިން ތެދުވެ ގޮނޑި ވެސް ވައްޓާލައިފިއެވެ.
ހުރިހާ އަޑުފަތް ގަނޑުތަކުގެ ސަބަބުން އެތަނަށް ރެސްޓޯރެންޓުގެ ބައެއް މުވައްޒަފުން އެއްވެއްޖެއެވެ. އެކަން ފާހަގަވުމުން ރާފިލް ހަމައަކަށް އެޅިލައިފިއެވެ. އެއަށްފަހު ނިކުންނަށް ދަމުން ޖިންސްގެ ޖީބުން ނެގި ވޮލެޓުން 300 ޑޮލަރު ނަގައި އެމީހުންނާއި ދިމާލަށް އުކާލަމުން ނިކުންނަން ދިޔައީ، އޭނައަށް ނުރުހުމުގެ ނަޒަރެއް ދިނީތީ އެމީހުންނަށް ވެސް ނުރުހުންވުމުންނެވެ.
**
ނިދިފައި އޮތް ދާނިޝްއަށް ހޭލެވެންވުމުން ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. އެއަށްފަހު ލަސްލަހުން ލޯ ހުޅުވިގެން ދިޔައެވެ. އެހިނދު ދުވާލު ގަޑީގައި ބޯ ފަރުދާތަކުގެ ތިރިން ފުރޭނިގެން އައިސްފައިވާ ފަނޑު އަލި، ދާނިޝްއަށް ފާހަގަވި ވަގުތު ހިލްޔާ އެނދުގައި ނެތްކަން ވެސް އެނގުންވިއެވެ. އެހިނދު ކުރިމަތީގައި ހުރި ފާރުގައި ވަށްކޮށް ހުރި ހުދުކުލައިގެ ގަޑިއަށް ނަޒަރެއް ދެވުނެވެ. ހެނދުނު 9:30 ވެ ބޮޑުވެފައިވާ މަންޒަރު ފެނިފައި ދާނިޝްއަށް ލުއްކެއްޖަހާފައި ތެދުވެވުނެވެ. އޭނައަކީ ހެނދުނު މާ ގިނައިރު ވަންދެން އާއްމުކޮށް ނިދާ މީހަކަ ނުވާތީވެއެވެ. އެހިނދު ހޭލެވުމުން ކިޔާ ދުޢާ ކިޔަމުން އެނދުން ފައިބަން ފެށީ، އެހެން އެއްވެސް ކަމެއްގެ ކުރިން ހިލްޔާ ދެކިލުމަށެވެ. ކޮޓަރިން ނިކުންނަން ހިނގައިގަތް އިރު އެދުވަހު ހެނދުނު އެކީގައި ހޭދަ ކުރެވުނު ވަގުތުކޮޅުތައް ހަނދާންވެ ތުންފަތް މަތީގައި ހިނިތުންވުމެއްވިއެވެ.
ދާނިޝް ހީކުރި ފަދައިން ހިލްޔާ ހުރީ ބަދިގޭގައެވެ. ފިޔާތޮށި ކުލައިގެ އަތް ކުރު ޓީޝާޓަކާއި ހުދުކުލައިގެ ހަރުވާޅެއް ލައިގެން އުނދުން ކައިރީގައި ހުރި ހިލްޔާ، ބަދިގޭގެ ދޮރުމަތީގައި ހުއްޓުނު ދާނިޝްއަށް ފެނުނީ ފަހަތުންނެވެ. ހޭވިފައިވާ އިސްތަށިގަނޑުގައި ގޮށެއް ޖަހައިގެން އެހެން ހިލްޔާ ހުރިއިރު ވެސް ދާނިޝްއަށް ލޯބިވިއެވެ. ހިލްޔާގެ ގާތަށް ދާން އުޅުނު ވަގުތު ފޯނުން މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ.
“ދޮންތަ ވެސް މިހާރު މާޒިން ކޮއްކޮއަށް ދެން މެންދުރު ގެ ކެއުން މި ތައްޔާރުކޮށް ނިމުނީ.” އަޑު އައީ ކެބިނެޓް މަތީގައި ސްޕީކަރަށް ލާފައި އޮތް ހިލްޔާގެ ފޯނުން ކަން ދާނިޝްއަށް އެނގުނެވެ. އެއާއެކު އެއީ ހަމްރާގެ އަޑު ކަން ވެސް އެނގުނެވެ. އެހެންކަމުން ފޯންކޯލު ނިމެންދެން ދާނިޝް ދޮރު ކަންޏަށް ލެނގިލައިގެން ހުރިތާ މަޑު ކޮށްލިއެވެ.
“މިހާރު މާޒިން ކޮއްކޮ ރަނގަޅަށް ކައި ހަދާތަ؟” ހިލްޔާ އެހެން އަހާލީ، ބޭކެޑް ބީންސް ކައްކައި ނިމުމުން ކަރަންޓު އުނދުން ނިވާލަމުންނެވެ.
“އާނ އަލްޙަމްދުލި ﷲ. މިހާރު ރަނގަޅު އެބަވޭ. ދެން މާޒިންގެ ވާހަކަ ބާއްވާފަ ބުނެބަލަ. ކޮބައިތަ ފިރިމީހާ؟” އެކޮޅުން ހަމްރާ އެހި އަޑު އިވިފައި ދާނިޝްއަށް ކަންފަތް ދެވުނެވެ.
“ފިރިމީހާ އަދި ނުތެދުވޭ.” ހިލްޔާ ވަތްގަނޑަކުން ކުޑަ ހުދުކުލައިގެ ބޯތަށްޓެއް ނަގައި ކެބިނެޓް މަތީގައި ބަހައްޓަމުން ބުންޏެވެ.
“ހާދަ ލަހުންނޭ ތެދުވަނީ.” ހަމްރާ ބުނި އަޑު އިވުނެވެ.
“ހެހެ….ޢާއްމު ގޮތެއްގަ ވަރަށް އަވަހަށް ތެދުވާނެ. ފަތިސް ނަމާދަށްފަހު ނުނިދާނެ. އެކަމަކު ދެން….ވެކޭޝަނަށް އައިއްސަ އެހާ އަވަހަށް ތެދުވާކަށް ނުވެސް ވާނެދޯ؟” ހިލްޔާ ރާގަކަށް ދޯ ދިނެވެ.
އެހިނދު ދާނިޝްގެ ހިތަށް ވެރިވީ ޙައިރާންކަން އެކުލެވިގެންވި އުފަލެކެވެ. ހިލްޔާގެ ވާހަކައިގެ މެދު ތެރެއިން ދާނިޝް ހީކުރީ ރޭ އޭނައަށް ރޮވުނު ވާހަކައާއި އެ ޙާދިސާގެ ހުރިހާ ތަފްސީލެއް ހިލްޔާ ކިޔައިދޭނެ ކަމަށެވެ. އެކަމާއިމެދު ދާނިޝް ހުރީ ހިސާބަކަށް ޖެހިލުންވެފައެވެ. މިހާތަނަށް އައިއިރު އޭނައަށް އަންހެން ކުދިންގެ ތަބީޢަތާއިމެދު އިވިފައިވަނީ އެފަދަ ގޮތަކަށް ކަމަށްވާތީވެއެވެ. އަދި ތަޖުރިބާ ކުރެވިފައިވަނީ ވެސް އެފަދައިން ކަމަށްވާތީވެއެވެ.
އެހެނަސް ހިލްޔާގެ ފަރާތުން މި ފެނުނީ ތަފާތު މަންޒަރެކެވެ. އޭނަ ބަލިކަށިވީ އެ ވަގުތުކޮޅުގެ ވާހަކަ ހިލްޔާ އަމިއްލަ ދޮންތައަށް ވެސް އެ ފޮރުވީއެވެ. އެހިނދު ދާނިޝްއަށް ކުރިން ނޭނގޭ ރައްކާތެރިކަމެއް އިޙްސާސް ކުރެވުނެވެ.
“ހޫނ….އެހެންވީމަ އެންޖޯއި ޔުއާރ ހަނީމޫން ވެކޭޝަން. ބޭއްވީ. ބާއި!” ހަމްރާ ބުނި އަޑު އިވުނެވެ.
“އޯކޭ ދޮންތާ. ބާއި!” ހިލްޔާ އެހެން ބުނުމާއިއެކު ފޯނު ކެނޑިގެން ދިޔަ އަޑު އިވުނެވެ. އޭރު ހިލްޔާ އޭނަ ކެއްކި ބޭކެޑް ބީންސް ބޯތަށްޓަކަށް އަޅައިގެން އެ ބޯތަށި ހިފައިގެން ކާގެއަށް ދާން އެނބުރިލިއެވެ. ހަމަ އެއާއިއެކު ދޮރު ކައިރި ހުރި ދާނިޝް ފެނުމުން ހިލްޔާ ހުއްޓިލިއެވެ.
“އަނހަ! ހޭލެވިއްޖެދޯ؟” ހިލްޔާ ހިނިތުންވުމަކާއެކީ ހިނގާފައި ގޮސް، އެ ތަނަވަސް ބަދިގޭގެ މެދުގައި ހުރި އެހެން ކެބިނެޓެއްގެ މަތީގައި ބޯތަށި ބެހެއްޓުމަށްފަހު ދާނިޝްއާއި ދިމާލަށް ހިނގައިގަތެވެ. ހިލްޔާގެ ހިނިތުންވުން ފެނިފައި ދާނިޝްއަށް ވެސް ހިނިތުންވެލަމުން ކުރިއަށް ހިނގައިގަނެވުނެވެ.
“އާނ….ހޭލެވުނުއިރު ޕްރިންސެސް ނެތީމަ ހޯދަމުން މިހާ ހިސާބަށް އާދެވުނީ…” ދެމީހުން އެކަކު އަނެކަކާއި އައިސް ހަމަ ވީއިރު ދާނިޝް ބުނެލި ވާހަކައިން ހިލްޔާއަށް ހީލެވުނެވެ. އޭނައަށް އެ ނަމުން ގޮވުން ވަނީ މިހާރު އެދެމެދުގައި ސަމާސާއަކަށް ވެފައެވެ. ހިލްޔާ ހީލުމުން ދާނިޝްއަށް ވެސް ހީލެވުނެވެ.
ހުނުން މަޑުވުމުން ހިލްޔާ ލަސްލަހުން ދާނިޝްގެ ކޯތާފަތުގައި ހިފާލަމުން އެ ލޮލަށް ބެލިއެވެ.
“މިހާރު ތަދުވޭތަ ލޮލަށް؟” ހިލްޔާއަށް އަހާލެވުނެވެ.
“ނޫން މިހާރު އޯކޭހެން ހީވަނީ.” ދާނިޝް ބުންޏެވެ.
“އަދިވެސް ކުޑަކޮށް ދުޅަކޮށް ދައްކަނީ އެކަމަކު. މަޑު ކުރައްޗޭ.” ހިލްޔާ އެހެން ބުނެ ދާނިޝްއަށް ފަސްދީފައި ހިނގައިގަތެވެ.
ހިލްޔާ އެ ދިޔަ ގޮތަށް ގޮސް ސިންކު ހުރި ކެބިނެޓް ވަތްގަނޑު ހުޅުވާލަމުން އޭގެ ތެރެއިން ހުދުކުލައިގެ ސާފު ކުޑަ ތުވާލިކޮޅެއް ނެގިއެވެ. އަދި އައިސް އަލަމާރީގެ ތެރޭގައި އައިސް ކިއުބް ހުރި ދަގަނޑު ޓްރޭއެއްގެ ތެރެއިން އައިސް ކިއުބެއް ތުވާލި ކޮޅު ތެރެއަށް ލައިގެން ތުވާލި އޮޅަމުން އައިސް ދާނިޝްއަށް ދިއްކޮށްލިއެވެ.
“ލޮލުގެ ކައިރީގަ އަޅާ. ލޯ މަތީގަ ނާޅައްޗޭ އިނގޭ. ކައިރީގަ މަޑުމަޑުން ޖައްސާނީ މިހެން.” ހިލްޔާ ދާނިޝްގެ ކަނާތު ލޮލުގެ ކައިރީގައި ތުވާލިކޮޅު ޖައްސަމުން ބުންޏެވެ.
“އޯ….ކޭ…” ހިލްޔާ ފޮތިކޮޅު ޖެއްސުމުން ލޯ މަރައިގެން ހުރެފައި ހިލްޔާ އޭތި އޭނަގެ އަތަށް ލައި ދިން ހިނދު ދާނިޝްއަށް ބުނެވުނެވެ. ހިލްޔާ އޭނައާއި ދުރުވެލުމުން އެއްފަހަރު އަތުތެރޭގައި އޮތް އައިސް ތުވާލި ކޮޅަށް އަނެއްފަހަރު ހިލްޔާއަށް ބަލާލެވުނެވެ. ހިލްޔާގެ އެ އަޅާލުމުގެ އިޙްސާސް އެވަގުތު ދާނިޝް ގެ ހިތުގެ އެންމެ ފުން މިނަށް ކުރެވުނެވެ. މިއީ އޭނައަށް އަންބެއްގެ ފަރާތުން ލިބޭނެ ކަމަށް އޭނަ ކޮންމެހެން އުއްމީދު ކުރި ފަދަ އަޅާލުމެއް ނޫނެވެ.
“އައިސް އަޅާލާ އަހަރެން ބުނަންދެން. ބްރެކްފާސްޓް މި ރެޑީވީ ހަމަ.” ހިލްޔާ އެހެން ބުނެ އަނެއްކާވެސް ދާނިޝްއަށް ފަސްދީފައި ދާން ހިނގައިގަތެވެ.
“ހިލޫ!” ދާނިޝްއަށް ގޮވާލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
“ލައްބަ.” ހިލްޔާ ފިޔަވަޅުތައް މަޑުޖައްސާލަމުން ފަސްއެނބުރިލިއެވެ. އެހިނދު ދާނިޝް ހިލްޔާގެ ގާތަށް ގޮސް ކުރިމަތީގައި ހުއްޓިލަމުން މަޑުމަޑުން ހިލްޔާ ގާތަށް ގެނެސް ހިލްޔާގެ ގައިގައި ބައްދާލީ، ހިތް އެކަމަށް އެދުނު ވަރުންނެވެ. އޭނަގެ އަންބަކަށް ހިލްޔާ ވީތީ ހިތުގެ ފުން މިނުން ޙަމްދު ކުރެވޭ ޙާލުގައެވެ. އެވަގުތު ހިލްޔާ ގާތު ލޯބިވާ ވާހަކަ ބުނަން ހިތަށް އެރިޔަސް، ހަމައެކަނި އެ ބަސްތަކުން އޭނަގެ ހިތުގައި އެވަގުތު ހިލްޔާއަށްޓަކައިވާ ލޯބި ބުނެދެވޭނެހެން ހިއެއް ނުވިއެވެ. އެހެންކަމުން އޭގެ ބަދަލުގައި ދާނިޝް ލޯތްބާއިއެކީ ހިލްޔާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. އަދި ލަސްލަހުން ހިލްޔާއާއި ދުރުވެލިއެވެ.
“ކިހިނެއްވީ ދާން؟” ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމަކާއެކީ ހިލްޔާއަށް އަހާލެވުނެވެ.
“ހިލޫ ލޯބިކަމުން ހަމަ ބައްދާލާ ހިތްވީ.” ދާނިޝް ހިނިތުންވުމަކާއެކީ ބުންޏެވެ. އެއާއިއެކު ހިލްޔާ ލުއި ގޮތަކަށް ހީލުމުން ދާނިޝްއަށް ވެސް ހީލެވުނެވެ.
އޭގެ އިރުކޮޅެއްގެ ތެރޭގައި ދެމީހުން ތިބީ ހެނދުނުގެ ނާސްތާއަށް އިންސާފު ކުރާށެވެ. ނާސްތާއަށް ހިލްޔާ ކަމުން ދިޔައީ މަސްހުނި ކަމަށް ވިޔަސް ހިލްޔާ ހުރީ ދާނިޝްއަށް ބިސްގަނޑާއި ޓޯސްޓާއި ބޭކެޑް ބީންސް ހަދާފައެވެ. ދާނިޝް އެއްދުވަހު އަމިއްލައަށް ތައްޔަރު ކުރިކަމަށް ބުނެ ސިފަ ކުރި ނާސްތާއެވެ. ހިލްޔާ އެ ވާހަކަ ހަނދާން ހުރިކަން އެނގުންވުމުން ހިލްޔާ ދެކެ އަދި އިތުރަށް ލޯބިވެވުނެވެ. ހިލްޔާ ދައްކާ ވާހަކަތައް ވެސް ހަނދާނުގައި ބަހައްޓަން ހިތްވަރެއް ލިބުނެވެ.
ނާސްތާގެ ތެރެއިން ދެކެވުނު އެކިއެކި ވާހަކަތަކުގެ ތެރެއިން ދާނިޝް ރޭގެ ވާހަކަ ދެއްކިއެވެ.
“ހިލޫ…އައިމް ސޮރީ. އެބައުޓް ލާސްޓް ނައިޓް. އަސްލު ބޭނުމެއް ނޫން އެގޮތަށް ހިލޫ ކުރިމަތީގަ ބްރޭކްޑައުން ވާކަށް. އައި ޝުޑް ބީ އަ މޭން.” ދާނިޝްއަށް ބުނެވުނެވެ.
“މޭން އަކަށް ވިޔަސް ދެރަވީމަ ރޮވިދާނެ. އެއީ މައްސަލައެއް ނޫން.” ހިލްޔާ ބުންޏެވެ.
“އައި ނޯ އެކަމަކު…އައި ކްރާއި ވެރީ އަގްލީ. ޓްރަސްޓް މީ. ފިލްމު ކުޅުނުއިރު ވެސް އަހަންނަށް އިމޯޝަނަލް ސީންއެއް ވަރަށް ނުދޭނެ. ބިކޯޒް އައި ޑޯންޓް ލުކް ގުޑް. ސީރިއަސް ވާހަކައެކޭ…” ދާނިޝް ކިޔައިދިނެވެ. އެ ފަހު ބަސްތައް އިތުރު ކުރެވުނީ ހިލްޔާ ހޭން ފެށުމުންނެވެ. އެއީ ޙަޤީޤަތުގައި ވެސް ހިލްޔާ ކުރިމަތީގައި އޭނަ ރޯން ބޭނުން ނުވީ އެއް ސަބަބެވެ.
“އޯކޭ އައި ވިލް ބީ ޑެޑް އޮނެސްޓް. މިހެން ބުނާތީ އަހަރެން ވިއާރޑް ވެސް ވެދާނެ. ބަޓް ޔޫ ލުކް ހޮޓް ވެން ޔޫ ކްރާއި.” ހިލްޔާ އެހެން ބުނުމަށްފަހު އަނގަމަތީގައި އެއް އަތަށްފަހު އަނެއް އަތް ވެސް އެޅިއެވެ. އެހިނދު ދާނިޝް ހިނދުކޮޅަކަށް ހުއްޓުން އަރާފައި ހިލްޔާއަށް ބަލަން އިނެވެ. އޭގެ ސިކުންތުކޮޅަކަށްފަހު ދެމީހުންނަށް އެކުއެކީގައި ގަދައަށް ހެވެން ފެށިއެވެ.
“ހިލޫ….އިޞްލާޙެއް ނުވާނެ. ހެހެހެހެ…” ހުނުމުގެ ތެރެއިން ދާނިޝް ބުންޏެވެ.
“ޑޯންޓް ބްލޭމް މީ. ބްލޭމް ޔުއާރ ލުކްސް. ހެހެހެހެ….އެކަމަކު…ސީރިއަސް ވާހަކައެއް ބުނަންތަ؟ ރީތި ވިޔަސް، ހުތުރު ވިޔަސް ދެމީހުންގެ ހުރިހާ ސިފައެއް ވެސް ބަލަން ނޫންތަ އެކީގަ ދިރިއުޅުމެއް ފެށީ؟ ދެމަފިރިން އެކަކު އަނެކަކަށް އިޙްސާސްތައް ފޮރުވަން ވެއްޖެއްޔާ….އެ ވާނީ އަސްލު ވަރަށް ދެރަ ކަމަކަށް. ދެމީހުން އަބަދު އުފަލުން ތިބޭ މަންޒަރެއް ނޫން އެކަކު އަނެކަކަށް ފެންނާނީ. ހުރިހާ ޙާލަތެއްގަ ވެސް ފެންނާނެ. އެއިން ކޮންމެ ޙާލަތެއްގަ ވެސް ލޯބިވުން ދޯ އަސްލު ޕޮއިންޓަކީ.” ހިލްޔާ ބުންޏެވެ.
ދާނިޝްއަށް ހިލްޔާ ދެއްކި ވާހަކައާއިމެދު ވިސްނަން އިރުކޮޅެއް ވަންދެން އިނދެވުނެވެ. އެއަށްފަހު ހިލްޔާ އެ ދެއްކި ވާހަކައިގެ ފުންކަން އެނގުންވިއެވެ. އެހިނދު ވާހަކަ ދެކެވުނެވެ.
“އަސްލުވެސް….މިހާރު ހިތަށް އަރަނީ، މަންމަ ބުނީ ހަމަ ތެދެކޭ. އަހަރެން އިނުން ހަމަ ރަނގަޅީ ހިލްޔާ ކަހަލަ ކުއްޖަކާ…” ދާނިޝްއަށް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެވުނެވެ. އެރޭގެ ހަނދާންތައް އާވާން ފެށުމުން ހިތަށް އުދަގޫވިއެވެ. އެހެނަސް ދެންމެ ހިލްޔާ ދެއްކި ވާހަކައިގެ ސަބަބުން ކަންނޭނގެއެވެ. އެ ވާހަކަ ހިލްޔާއާއި ޙިއްސާ ކޮށްލަން ބޭނުންވިއެވެ.
“ވަޓް؟! މަންމަ ބުނިތަ ދާނިޝް ކައިރި އަހަރެން ކަހަލަ ކުއްޖަކާ އިންނާށޭ؟ އުސްތާޒާ؟!!!” ހިލްޔާއަށް ޙައިރާންކަމާއެކީ އަހާލެވުނެވެ.
“ހެހެ…އާނ..އެރޭ ހިލްޔާއާއެކީ އަނބުރާ ގެއަށް އައި ރޭ. އަހަރެން ކައިރީގަ ބައިންދައިގެން ހިލްޔާގެ ވާހަކަ ކިޔައިދިނީ. އަހަންނާ ޢުމުރު ކައިރި ވަރަށް ރަނގަޅު ހުހަށް ހުރި ކުއްޖެކޭ. އެކަމަކު މަންމަގެ ކޮންސާންއަކަށް ވީ އަހަރެން އޭރު ފިލްމީ ތަރިއަކަށް ވީމަ ތިކަހަލަ ކުއްޖަކާ އަހަރެން ނުގުޅިދާނެތީ. އަހަރެން ބުނިން ރަނގަޅު ކުއްޖަކާ އިނީމަ އަހަރެން ވެސް ރަނގަޅުވާނެ ނޫންހޭ. ބުނީމަ ބުނީ ހިދާޔަތުގެ މަގަކީ ކޮންމެ މީހަކު ވެސް އަމިއްލައަށް ޚިޔާރު ކުރަންޖެހޭ މަގެކޭ.” ދާނިޝް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ކިޔައިދިނެވެ.
“އަސްލުވެސް. ވަރަށް ބޮޑު ތެދެއް.” ހިލްޔާއަށް ވެސް ވިސްނުމަކަށް ގެއްލިފައި އިނދެ ބުނެވުނެވެ. ހަނދާނަށް އައީ އެދުވަސްވަރު އޭނަގެ އުޅުން ބަދަލުވެގެން އައި ގޮތެވެ. އެދުވަސްވަރު ޚުދު ދާނިޝްއާއި ގުޅެން ވެސް އިންކާރު ކުރި ގޮތެވެ. ހިދާޔަތުގެ މަގަކީ އޭނަ ވެސް އަމިއްލައަށް ޚިޔާރު ކުރަން ޖެހުނު މަގެކެވެ.
“އެރޭ މަންމަ ވާހަކަ ދެއްކިގޮތުން…..ވެސް އެނގޭ މަންމަ އަހަންނާ ވަކިވަނީކަން. ބުނި އަހަރެން ތަންކޮޅެއް ކުރިން މީހަކާއި އިން ނަމަ މަންމައަށް ވެސް މާމަ ދަރިން ފެންނާނެ ނޫންހޭ. ބުނީ ސުވަރުގެއިން ތިމަންނަ ބައްދަލު ކުރަން ބޭނުމޭ ޞާލިޙު މާމަ ދަރިންނާ….ހެހެ…އެރޭ އަހަރެން ނަމާދުގެ ސަޖިދައިގަ އޮތްވާ….މަންމަ ވެއްޓުނު އަޑު އިވުނީ. އެއަށްފަހު…..” ދާނިޝްގެ ވާހަކަ ކުރިއަށް ނުދިޔައެވެ. ނޭވާ ކުރުވެ، އަރުތެރެ ބެދުނެވެ. ދާނިޝްއަށް ވަމުން ދިޔަ ގޮތް ފެނިފައި ހިލްޔާ ދާނިޝްގެ އަތް މަތީގައި އަތް ބޭއްވިއެވެ. އެހިނދު ދާނިޝްއަށް އެއްފަހަރު އެ އަތަށް އަނެއްފަހަރު ދާނިޝްއަށް ބަލާލެވުނެވެ.
“ވަރަށް އުފާވެއްޖެ ދާން. އަހަރުމެން ގުޅުމަކީ މަންމަގެ ވެސް އެދުން ފުރިހަމަ ވުން ކަން އެނގުނީމަ. އެހެންވީމަ މަންމަގެ ތި ފަހު އެދުން ވެސް ފުރިހަމަ ކޮށްދެމާ. އިން ޝާ ﷲ އަހަރުމެން މަންމައާ ބައްދަލު ކުރާނީ އެތައް ޖީލަކަށް ދެމިގެންދާ ޞާލިޙު ދަރިންނާއި އެކީ.” ހިލްޔާ ހިނިތުންވުމަކާއެކީ ބުންޏެވެ.
ހިލްޔާ އެ ބުނެލި ވާހަކައިން ދާނިޝް ގެ މެއަށް ވަމުން ދިޔަ އުދަގޫތަކަށް ލުޔެއް ލިބުނެވެ. އިސާހިތަކު މާޒީގެ އެ އެންމެ ރެއެއްގެ ހަނދާންތަކުގައި ބަނދެވިފައި ވުމުގެ ބަދަލުގައި، އެ ހަނދާންތަކުގެ ސަބަބުން މުސްތަޤްބަލަށް އުއްމީދު ކުރުމުގެ އެދުމެއް ހިތުގައި އުފެދުނެވެ. އެހިނދު ދާނިޝްއަށް ހިލްޔާ ފެނުނީ ހަމައެކަނި އޭނަގެ އަނބިމީހާ ގޮތުގައެއް ނޫނެވެ. އަދި ހަމައެކަނި އޭނަގެ ޙަޔާތުގެ ލޯބިވެރިޔާ ގޮތުގައެއް ވެސް ނޫނެވެ. އެއާއިއެކު ހިލްޔާއަކީ އޭނަގެ ރައްކާތެރި މަންޒިލް ވެސްމެއެވެ.
ނުނިމޭ
